ޚުލާޞާ
ބުނެވޭ ގޮތުގައި ނަމާދަށް ވަގުތު ވަނުމާއިއެކު ޢަލީގެފާނު ތުރުތުރު އަޅުއްވައި އެކަލޭގެފާނުގެ މޫނުފުޅު ހުދުވެގެންދެއެވެ. އަދި ވިދާޅުވެއެވެ. “އުޑުތަކާއި، ބިމާއި އަދި ފަރުބަދަތަކަށް ވެސް ތަޙައްމަލު ނުކުރެވުނު އަމާނާތް މި ނިކަމެތި އިންސާނާ އަދާ ކުރުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ.” (އަޙްޒާބް ސޫރަތުގެ 72 ވަނަ އާޔަތް ބައްލަވާ) މިތަނުގައި އަމާނާތަކީ އަމިއްލަ އިޚްތިޔާރުގެ ޒިންމާއެވެ. ހެވާއި ނުބައާއި ދެމެދު އިޚްތިޔާރު ކުރުމުގެ ޒިންމާއެވެ.
އަޅުގަނޑުމެން މަރުވުމުން އަޅުގަނޑުމެންނާއި އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއި މެދުގައެވެ. އަޅުގަނޑުމެންގެ ނަމާދު ޤަބޫލު ކުރެވިއްޖެނަމަ އެހެނިހެން ޢަމަލުތައް ވެސް ޤަބޫލުވެގެންވެއެވެ. އެހެނަސް އަޅުގަނޑުމެންގެ ނަމާދު ފަސާދަވެފައިވާނަމަ އެހެނިހެން ޢަމަލުތައް ވެސް ފަސާދަވެފައިވާކަމަށް ބެލެވެއެވެ. އެހެނީ އެ ޢަމަލުތައް ޤަބޫލު ކުރެވިގެންނެއް ނުވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ނަމާދު ދޫކޮށްލައިފި މީހާ ކާފިރުވެއްޖެއެވެ!”
އެހެނަސް އަޅުގަނޑުމެން ނަމާދު ކުރަންޖެހެނީ ހަމައެކަނި އެއީ ވާޖިބު އަޅުކަމަކަށް ވީތީވެއެއްނޫނެވެ. އެ ވެގެންދާނީ ފުރިހަމަ ނުވާ ނިޔަތަކަށެވެ. ނިކަން މި މިސާލާއި މެދު ވިސްނާލާށެވެ. ކުރީ ޒަމާނުގައި މީހުން ކައިބޮއި އުޅުނީ ހަމައެކަނި ދިރިހުރުމަށެވެ. އެހެނަސް މި ޒަމާނުގައި ގިނަ ޢަދަދެއްގެ މީހުން ކައި އުޅެނީ ހަމައެކަނި ދިރިހުރުމަކަށް ނޫނެވެ. ކެއުމަކީ ވެސް މިހާރު ހުނަރަކަށް ވެއްޖެއެވެ. ލޮލަށް ލައްޒަތެއް ލިއްބައިދޭ އެކި ކުލަތަކާއި، އެތައް ބަޔަކަށް ބެހިގެންވާ ކެއުންތަކާއި، ކައި ނިމުމުން ފޮނި އެއްޗެއް ކެއުމަކީ ވެސް މިހާރުގެ އާދައެކެވެ. އަނގައަށް ލެވޭ ކޮންމެ ސަމުސަލެއްގެ މީރުކަން ލިބި، ކެއުމުގެ ލައްޒަތު ލިބިގަތުމަށެވެ. ނަމާދާއި މެދު ވެސް އަޅުގަނޑުމެން ދެކެންވާނީ މި ފަދަ ގޮތަކަށެވެ. ނަމާދު ދެކެ ލޯބި ވާތީ ނަމާދަށް ދާށެވެ. އަދި ނަމާދުގެ ލައްޒަތު ލިބިގަންނަން ތިބާ އެދޭތީ ނަމާދަށް ދާށެވެ.
އެކަމަށްޓަކައި ކުރިއާލައި ތައްޔާރުވާށެވެ. މައިގަނޑު ކެއުން ފެށުމުގެ ކުރިން ކުޑަ މީރު ކެއުމެއް ކާލާ ފަދައިން، ބަންގީގެ އަޑުން ނަމާދަށްޓަކައި ތައްޔާރުވާށެވެ. ކުރީ ފަހަރުގެ ވުޟޫ ހުއްޓަސް އަނެއްކާވެސް ވުޟޫ ކުރާށެވެ. ތިބާއަށް އިތުރު ނޫރެއް ލެއްވުމަށްޓަކައެވެ. ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. އަހަރެން ކުރަން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ބައްދަލުކުރަން މިއުޅެނީ ކާކާއި ހެއްޔެވެ؟ އަދި ތިބާގެ ޢައުރަ ނިވާ ކުރުމަށް ހަމައެކަނި ބާ ހެދުންތައް ބޭނުން ނުކުރާށެވެ. ރަސްގެފާނުގެ އަރިހަށް ދިޔުމަށްޓަކައި ރީތިވުމަށް އިތުރު މަސައްކަތެއް ކުރާށެވެ. ރީތި ހެދުމަކަށް ބަދަލުވެލާށެވެ. ފޯނު ނިވާލައި، އެހާ ގިނަ ބައްޓަންތައް ނެތް މުސައްލައެއް ޚިޔާރުކޮށް، ޤިބްލައަށް ކުރިމަތިލައި، ޖަމާޢަތުގައި ނަމަ ސަފުތައް ސީދާކޮށް، އަބަދުވެސް ފުރަތަމަ ސަފުގައި ނަމާދުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ. އެއީ ނަމާދަށް އިތުރަށް ސަމާލުކަން ދިނުމަށް ބާރު އެޅުމަށެވެ.
މިއީ ނަމާދެވެ. އަޅުކަން ކުރަން އެންމެ ރީތިވެގެންވާ ގޮތެވެ. ތިބާއަށް ހިތްހަމަޖެހުމާއި، ރޫޙާނިއްޔަތަށް ފިނިކަމެއް ލިއްބައިދޭ ޢަމަލެކެވެ. ތިބާގެ ހަށިގަނޑު މި ދުނިޔޭގައި ވިޔަސް ތިބާގެ ރޫޙު ރަޙްމާންވަންތަ ރަސްކަލާނގެ ގެ ކުރުސީގެ ވަށައިގެން އެނބުރުމަށް ފުރުސަތުދޭ ޢަމަލެކެވެ. ނަމާދަކީ ﷲ އަޅުގަނޑުމެންނަށް ދެއްވި އެންމެ ބޮޑު ހަދިޔާއެވެ. އަޅުގަނޑުމެން ނުހަނު ބޭނުންވެ، ހޯދަމުންދާ އަމާންކަމާއި ޙަޤީޤީ އުފާވެރިކަން ވަނީ ނަމާދުގައެވެ. މި ޙަޔާތް ފުރިގެންވަނީ ދަތި އުދަގޫތަކާއި، އިމްތިޙާންތަކާއި ތަދުތަކުންނެވެ. މި ތަދުތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން ބޭނުންވެއެވެ. މި ހުރިހާ ކަމަކުން ރާހަތެއް އަޅުގަނޑުމެން ބޭނުންވެއެވެ. އެންމެ ބޮޑު ރާހަތު ލިބިގެންވަނީ ކާކުގެ ޙަޟްރަތުގައި ހެއްޔެވެ؟ ﷲ ނޫން އެހެން ފަރާތެއް ނޫނެވެ! މި ރާހަތު އަޅުގަނޑުމެންނަށް ނަމާދުން ލިބޭނެއެވެ.
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” ސޫރަތުލް ބަޤަރާ، 153
ރަސޫލާ ﷺ ބޮޑު ކަމަކާއި ކުރިމަތިލައްވައިގެން އުޅޭ ހިނދު ނަމާދު ވަގުތު ޖެހުމުން ޙަދީޘް ކުރައްވާ ބަސްތައް ހަނދާނަށް ގެންނާށެވެ. “ބިލާލުގެފާނެވެ! އެއިން އަޅުގަނޑުމެންނަށް ރާހަތެއް ގެނެސްދެއްވާށެވެ!”
މި އަރާމާއި މި ރާހަތު ތަޖުރިބާ ކުރެވޭނީ އަޅުގަނޑުމެންގެ ކުރިން އައިސްފައިވާ މާތްވެގެންވާ ފިރިހެނުންނާއި އަންހެނުންނަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު އެބައިމީހުން ފަދައިން ނަމާދުގެ ސިއްރުތައް ދަނެގަންނަ ކޮންމެ މީހަކަށް ވެސް އެކަންތައް ތަޖުރިބާ ކުރެވޭނެއެވެ. މި އަރާމާއި ލައްޒަތު ލިބިގަތުމުގެ ފަހަތުގައިވާ ހަމައެކަނި ސިއްރަކީ ނަމާދަށް ސަމާލުކަން ދިނުމެއް ނޫނެވެ. އެ ސިއްރުތައް އެއަށްވުރެ ފުނަށް ދެއެވެ.
- ތިބާގެ ހިތް ނަމާދަށް ހާޒިރުވާކަން ޔަޤީންކުރާށެވެ. ނަމާދުގެ އަސަރުތައް ތިބާ އިޙްސާސް ކުރަން ބޭނުންވާނަމަ ތިބާގެ ހިތް ނަމާދަށް ހާޒިރުވާންވާނެއެވެ. މިއީ އެއްގޮތަކަށް ވެސް ހާސިލުކުރަން އުދަގޫ ކަމެއް ނޫނެވެ. ﷲ އަށްޓަކައި ތިބާގެ ހިތުގައިވާ ލޯބި ހަނދާން ކުރުމަށް ތިބާ ބޭނުންވަނީ 10 މިނިޓެވެ. މި ވަގުތަށްޓަކައި ދުނިޔެ މަތިން ހަނދާން ނައްތާލާށެވެ. އެކަމަށްޓަކައި 23 ގަޑިއިރު އެބައޮތެވެ! މި 10 މިނިޓު ﷲ އަށްޓަކައި ކަނޑައަޅައި ﷲ އަށް ދޭށެވެ. އަދި އެކަލާނގެއާއި ގާތުގައި ވުމުން ލިބޭ އަރާމާއި ލައްޒަތަށް ދޭށެވެ.
- ނަމާދުގައި ކިޔޭ ބަސްތަކާއި ކުރެވޭ ޢަމަލުތައް ދޭހަކުރާށެވެ. ތިބާއަށް ކިޔޭ ބަސްތަކާއި ކުރާ ޢަމަލުތަކުގެ މާނަ ތިބާއަށް އެނގޭނަމަ، ތިބާއަށް ސަމާލުކަން ދޭން ފަސޭހަވާނެއެވެ. ނަމާދަކީ ﷲ އަޅުގަނޑުމެންނަށްޓަކައި ފަރުޟު ކުރައްވާފައިވާ އަޅުކަމަކަށްވުމުން މިއީ ހާސިލު ކުރެވޭނެ ކަމެކެވެ. ނަމާދު ކޮށްގެން ތިބާއަށް ސަވާބު ލިބޭނީ ނަމާދުގައި ތިބާއަށް ސަމާލުކަން ދެވުނު ބައިތަކަށް އެކަނި ކަން ތިބާއަށް އެނގޭ ހެއްޔެވެ؟ ދެ ގަޑިއިރުގެ ފިލްމަކަށް އެހެން ނޫނީ އިމްތިޙާނަކަށް އަޅުގަނޑުމެންނަށް ސަމާލުކަން ދެވޭނެނަމަ، މި ގަޑީގައި ވެސް އަޅުގަނޑުމެންނަށް ސަމާލުކަން ދެވޭނެ ކަމީ ޔަޤީން ކަމެކެވެ. މި ދުނިޔޭގެ ހުރިހާ ޚަލްޤުތައް ހުރިހާ ވަގުތެއްގައި ﷲ އަށް އަޅުކަން ކުރާ ހިނދު، އަޅުގަނޑުމެންނަށް އެކަން އެންމެ 10 މިނެޓަށް ކުރެވޭނެ ކަމީ ޔަޤީން ކަމެކެވެ. ﷲ ގެ އެހީ ހޯދާށެވެ. އޭރުން ނަމާދު ނިމުމަކަށް އައުމަށް ތިބާ ނޭދޭނެ ހިސާބަށް ތިބާއަށް ދެވޭނެއެވެ!
- އުއްމީދުގެ އިޙްސާސާއި އެކީ ނަމާދަށް އަންނާށެވެ. އުއްމީދަކީ ނަމާދަށް ތިބާ ހުންނައިރު ތިބާއަށް ކުރެވެން ޖެހޭނެ ފުން އިޙްސާސެކެވެ. ﷲ އާއި މެދު ތިބާއަށް އެނގޭ މިންވަރަކަށް ތިބާގެ ހިތަށް މި އުއްމީދު އިޙްސާސް ކުރެވޭނެއެވެ. އެކަލާނގެ ރަޙްމަތަށް ކުރެވޭ އުއްމީދެވެ. އެކަލާނގެ ގެ ފާފަފުއްސެވުމާއި، އެކަލާނގެ ގެ ޤަބޫލު ކުރެއްވުމާއި، އެކަލާނގެ ގެ ލޯބިފުޅާއި، އެކަލާނގެ ގެ ގާތްކަމެވެ. އުއްމީދާއި އެދުމަކީ ތަފާތު ދެ އެއްޗެއްކަން ފާހަގަކުރާށެވެ. އުއްމީދު އަބަދުވެސް އަންނާނީ ޢަމަލާއި އެކީގައެވެ. އުއްމީދު ކުރިކަމަކަށް މަގު ފަހިވާނެ ޢަމަލުތަކެވެ. އެހެންކަމުން ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް އެކަލާނގެ ޙަޟްރަތުން އެ ރަޙްމަތަށް އެދޭށެވެ.
“…ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ…” ސޫރަތް ޣާފިރު، 60
“ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”
- ﷲ ގެ ހައިބަތް އިޙްސާސް ކުރާށެވެ. ﷲ އަށްޓަކައިވާ ބިރުވެތިކަމުގެ އިތުރުން ﷲ އަށްޓަކައި ހިތުގައިވާ ފުން އިޙްތިރާމުގެ މަތިން ހަނދާން ކުރާށެވެ. ހައިބަތުގެ އިޙްސާސުގެ ކުޑަ މިސާލަކީ ބެލެނިވެރިއެއް އެހެންނޫނީ މަތީ މަޤާމެއްގެ މީހަކާއިމެދު ކުރެވޭނެ އިޙްސާސެވެ. ހައިބަތަކީ އެންމެ މަތީ ދަރަޖައިގެ ބިރުވެތިކަމެވެ. ﷲ ގެ ހައިބަތުގެ މަތިން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭނެ ރަސޫލާ ﷺ ގެ ބައެއް ދުޢާތައް ހަނދާނަށް ގެންނާށެވެ. “އިބަރަސްކަލާނގެ ޙަޟްރަތުން ނޫނީ އިބަރަސްކަލާނގެ ގެ ޙަޟްރަތުން ސަލާމަތް ލިބިގަތުމެއް ނުވެއެވެ.” އަދި “މި އަޅާ އިބަރަސްކަލާނގެ ޙަޟްރަތުގައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.” ބައެއް މަލާއިކަތުން އެ ބޭކަލުން ޚަލްޤު ކުރެއްވި ދުވަހުއްސުރެ ޤިޔާމަތާއި ޖެހެންދެން ސަޖިދައާއި ރުކޫޢުގައި މި ބަސްތައް ކިޔުއްވަމުން ގެންދަވާނެއެވެ. “އިބަރަސްކަލާނގެ ގެ ހުސްޠާހިރުވަންތަ ކަމާއެވެ. އިބަރަސްކަލާނގެއަށް ޙައްޤުވާ ފަދައިން އަޅަމެން އިބަރަސްކަލާނގެއަށް އަޅުކަން ނުކުރަމުއެވެ.”
العَزِيز, الجَبَّار, المُتَكَبِّر, المُنْتَقِم ފަދަ ނަންތަކެއްގެ ވެރި ﷲ އާއި މެދު ތިބާއަށް އެނގޭ ވަރަކުން (އަދި އެކަލާނގެއާއި އަޅައި ބަލާއިރު ތިބާއާއިމެދު އެނގޭ ވަރަކުން) އެކަލާނގެ ގެ ހައިބަތު ތިބާއަށް އިޙްސާސް ކުރެވޭނެއެވެ. ހުރިހާ ކަމެއް ވަނީ އެކަލާނގެ ގެ ބާރުދަށުގައެވެ. އެކަލާނގެ ގެ އަމުރުފުޅުތަކަށް ފަސްދިނުމަށް އަޅުގަނޑުމެންނަކީ ކޮން ބައެއް ހެއްޔެވެ؟
“ތިޔަބައިމީހުން اللَّه ގެ މަތިވެރިކަމާއިމެދު ޔަޤީންކޮށް، އެއަށް ބަރޯސާ ނުވަނީ ކީއްވެގެންހެއްޔެވެ؟” ސޫރަތް ނޫޙް، 13
“އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ…….އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ މަޚްލޫޤުންތަކެއް ގެންނަވައިފާހުށްޓެވެ.” ސޫރަތް ފާޠިރު، 15-16
އިސްރާ ވަލް މިޢްރާޖުގެ ރޭ ޖިބްރީލްގެފާނަށް ތަޖުރިބާ ކުރެވުނު ﷲ ގެ ހައިބަތު ސިފަކުރައްވަމުން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ﷲ ގެ ބިރުވެތިކަމުގެ ސަބަބުން ޖިބްރީލްގެފާނު ޖަމަލެއްގެ ބާ ފޮތިކޮޅަކަށްވެގެން ދިޔަ ފަދައެވެ!”
- ﷲ އަށްޓަކައިވާ ބޮޑު ލޯތްބާއި އެކީ ނަމާދު ކުރަން ފަށާށެވެ. އެކަލާނގެ ގެ ރީތިކަމުގެ ސަބަބުންނާއި، ތިބާއާއި މެދު އެކަލާނގެ ކަންތައް ކޮށްދެއްވާފައިވާ ގޮތް އޯގާތެރިވުމުންނާއި، އެކަލާނގެ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ސަބަބުންނެވެ.
- ލަދުވެތިކަމެއްގެ އިޙްސާސާއިއެކީ ނަމާދު ކުރާށެވެ. އަޅުގަނޑުމެން ކިތަންމެ ގިނަ ނުބައި ޢަމަލުތައް ކުރިޔަސް އެކަލާނގެ އަޅުގަނޑުމެންނާއިމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އަޅުގަނޑުމެން ފާފަތައް ކުރިޔަސް އެ ފާފަތައް ފޮރުއްވައި އަޅުގަނޑުމެން ރައްކާތެރި ކުރެއްވުމުގައި އެކަލާނގެ ވޮޑިގެންވެއެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.
“މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1) އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (2)” سورة المُؤمِنُون، 1-2
މަތީގައި ބަޔާންކުރެވުނު ‘ސިއްރުތަކުން’ ތިބާއަށް ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެހީއެއް ލިބޭނެއެވެ. ޚުޟޫޢަތްތެރިކަމަކީ ނަމާދުގައި އިޙްސާސް ކުރެވެންޖެހޭ އިޚްލާޞްތެރި ބޯލެނބުމާއި، ހިތްތިރިކަމެވެ. ދުނިޔެއާއި އާޚިރަތުގެ ފައިދާ ލިބިގަތުމަށް ތިބާއަށް މި އިޙްސާސް ކުރެވެންޖެހެއެވެ. އަދި ނަމާދުގެ ޘަވާބު އެތައް ގުނައިން އިތުރު ކުރުމަށް ވެސްމެއެވެ. ތިބާގެ ސިކުނޑިއަށް އެކިއެކި ޚިޔާލުތަކާއި ވިސްނުންތައް އަންނަން ފަށަނީ ނަމާދުކުރަން ފެށުމާއި އެކުހެން ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ ޝައިޠާން ނަމާދުން ވަގަށް ހޯދައިގަންނަން އުޅެނީ މި ޚުޝޫޢަތްތެރިކަމެވެ. ރަނގަޅަށް ރައްކާތެރި ކުރެވިފައިވާ ރަސްގެފާނެއްގެ ގަނޑުވަރުން ވައްކަން ކުރަން ވަގަކު މަސައްކަތް ނުކުރާނެއެވެ. އަދި އަމުދުން ފަޤީރު މީހެއްގެ ހުސް ގެއަކުން ވެސް ނުމެނޫންމެއެވެ. ވަގަކު އަބަދުވެސް މަސައްކަތް ކުރާނީ އެއްވެސް ސެކިއުރިޓީ ގާޑެއް ނެތް މުއްސަނދި މީހެއްގެ ގެއަކަށް ވަނުމަށެވެ. ތިބާގެ މިސާލަކީ މިއީއެވެ. ތިބާއަކީ މުއްސަނދި މީހެކެވެ. ތިބާގެ ކިބައިގައި ޚުޟޫޢަތްތެރިކަން (މުއްސަނދިކަން) ވެއެވެ. އެހެނަސް ތިބާގެ ކިބައިގައި އެ މުއްސަނދިކަން ރައްކާތެރި ކުރާނެ ގޮތެއް ނެތެވެ. އެންމެ މަތީ ދަރަޖައިގެ ޚުޝޫޢަތްތެރިކަން ލިބިގަތް މީހުން ފަދައިން އެ ޚުޝޫޢަތްތެރިކަން ރައްކާތެރި ކުރާނެ ގޮތެއް ނެތެވެ. އެހެންކަމުން ޝައިޠާނާ ތިބާގެ ނަމާދުން ވައްކަން ކުރަން ފަށައެވެ. އެހެނަސް މި ސިލްސިލާއިން ތިބާ ދަސްކުރި ކަންތަކާއި އެއްގޮތަށް ޢަމަލުކުރަން ތިބާ މަސައްކަތްކޮށް، ނަމާދުން ލިބެންޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ތިބާއަށް އިޙްސާސް ކުރެވެން ފެށުމުން، ނަމާދުގެ ޚުޝޫޢަތްތެރިކަމަށް ހުރަސްއެޅޭ ހުރިހާ ކަމަކުން ތިބާއަށް ދުރުވެވޭނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ތިބާގެ ނަމާދުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެން ދާނެއެވެ.
ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. ތިބާއަށް ނަމާދުގައި ޚުޝޫޢަތްތެރިކަން އެންމެ ބޮޑަށް އިޙްސާސް ކުރެވުނީ ކޮން މަހެއްގައި ހެއްޔެވެ؟ ރަމަޟާން މަހުގައި ނޫންތޯއެވެ؟ އަދި ވަކިން ޚާއްޞަކޮށް ރަމަޟާން މަހުގެ ކޮން ވަގުތެއްގައި ހެއްޔެވެ؟ އެއީ ތަރާވީޙުގައި އެހެންނޫނީ ދަމުނަމާދުގައި ނޫންތޯއެވެ؟ އަދި ވަކިން ޚާއްޞަކޮށް އެކަން އިޚްސާސް ކުރެވެނީ އެ ނަމާދުގެ ކޮން ބައެއްގައި ހެއްޔެވެ؟ އެއީ ދުޢާގެ ފަހު ކޮޅުން ނިމޭ ތަނުންނެވެ. އެންމެން އެކީގައި އަތް އުފުއްލައި އިމާމްގެ ފަހަތުގައި ތިބެ ‘އާމީން’ ކިޔާ ވަގުތެވެ. އެންމެންގެ ލޮލުން ކަރުނަތައް ހިލި، ގިސްލުމުގެ އަޑު މިސްކިތުގައި ގުގުމައިގެންދާ ވަގުތަކީ މިއީއެވެ. އެ ވަގުތުގައި އަޅުގަނޑުމެންނަށް ޚުޝޫޢަތްތެރިކަން އިޙްސާސް ކުރެވެނީ ކީއްވެ ހެއްޔެވެ؟ ނަމާދުގެ މި ބައިގައި ތަފާތު ވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އެ ވަގުތުގައި ކުއްލި ގޮތަކަށް ތިބާ ކޮންމެވެސް ފަރާތަކާއި ވާހަކަ ދައްކަމުން ދާކަން ތިބާއަށް އިޙްސާސް ކުރެވެއެވެ. ތިބާއަށް ވާހަކަ ދެކެވެނީ ސީދާ ﷲ އާއިކަން ތިބާއަސް އެނގުންވެގެންދެއެވެ.
އެހެންކަމުން އެއީ އަހަރެއްގައި އެންމެ ފަހަރަކު ކުރެވޭ ތަޖުރިބާއަކަށް ނަހަދައި، ތިބާ ކޮންމެ ދުވަހަކު ކުރާ ކޮންމެ ނަމާދެއްގައި މި އަގުހުރި ވަގުތުކޮޅުތައް ލިބިގަތުމަށާއި، ޚުޝޫޢަތްތެރިކަން ލިބިގަތުމަށް ހަނދާން ބަހައްޓާށެވެ. ތިބާ ތި ވާހަކަ ދައްކަނީ އެކަލާނގެއާއެވެ. ތިބާ އެދި ގޮވަނީ އެކަލާނގެއަށެވެ. އަދި ތިބާ ބުނާ ބަސްތަކަށް އެކަލާނގެ ވެސް އިޖާބަ ދެއްވައެވެ. ނަމާދަކީ ހަމައެކަނި އެންމެ މީހަކު ކިޔާލާ ކިޔުންތަކެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވިފައިވެއެވެ. އެހެނަސް ޙަޤީޤަތުގައި ނަމާދަކީ ފެށިގެން ގޮސް ނިމެންދެން ދެ ފަރާތެއްގެ ދެމެދުގައި ދެކެވޭ ވާހަކައެކެވެ. މި ދެކެވޭ ވާހަކަ ތަޖުރިބާ ކުރާށެވެ. ވާހަކައިގެ އަނެއް ފަރާތް އިޙްސާސް ކުރާށެވެ!