ސޫރަތުލް ފާތިޙާ ނިންމުން
މިއަދު އަޅުގަނޑުމެން ސޫރަތުލް ފާތިޙާގެ ފަހު ދެ އާޔަތާއިއެކީ މި ސޫރަތް ނިންމާލާނީއެވެ.
މި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބިގަތުމަށް، ﷲ ގެ އެހީތެރިކަމާއި ހިދާޔަތާއިއެކީ صِرَاط ގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ވާހަކަ އަޅުގަނޑުމެން ދައްކާފައިވާނެއެވެ.
އީމާންތެރިކަމާއި ރަނގަޅު އަޚްލާޤުގެ މަތީގައި ދެމި ތިބުމަށް ޞާލިޙު ބައެއްގެ އެހީތެރިކަމާއި މިސާލު ލިބިގަތުން މުހިއްމު ކަމަށްވާތީ “އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގަށް މަގު ދެއްކެވުމަށް” އަޅުގަނޑުމެން ދަންނަވަމުއެވެ. (صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِم)
މިއީ އަޅުގަނޑުމެންގެ ކުރިން އައިސްފައިވާ ހުރިހާ ޞާލިޙު ފިރިހެނުންނާއި އަންހެނުންގެ މަތިން ހަނދުމަކޮށްދިނުމެކެވެ. އެއީ ނަބީބޭކަލުންނެވެ. ޞާލިޙުންނެވެ. ޞަޙާބީންނެވެ. އަދި އެ ހުރިހާ ބޭކަލުންގެ މައްޗަށް އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އެވެ. އެ ބޭކަލުންނާއި އެ ބޭކަލުންނަށް ކުރިމަތިވި ދަތި އުދަގޫތައް ހަނދުމަކުރުމުން އަޅުގަނޑުމެންނަށް ތަސައްލީއެއް ލިބިގެންދެއެވެ. އެ ވާހަކަތައް ހަނދުމަކުރުމުން އަޅުގަނޑުމެންނަށް ކުރިމަތިވާ އިމްތިޙާންތަކާއި ކުރިމަތިލާން ފަސޭހަވެގެން ދެއެވެ. އަދި ﷲ ގެ އިރާދަފުޅުން އާޚިރަތުގައި އަޅުގަނޑުމެން ވާނީ އެ ބޭކަލުންނާއި އެކީގައިކަން އެނގުންވުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދެއެވެ.
غَيْرِ الْمَغْضُوبِ عَلَيْهِمْ (އެބައިމީހުންގެ މައްޗަށް ކޯފާ ލައްވާފައިވާ މަގެއްނޫނެވެ.) މި ބައިމީހުންނަކީ ޙައްޤު ގޮތް އެނގޭ ޙާލުގައި ވެސް އެ ގޮތަށް ފަސްދީ، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް އިންކާރު ކުރާ މީހުންނެވެ. އެހެންކަމުން މި މީހުންނަކީ ޢިލްމު ލިބިފައިވިޔަސް އެއަށް ބޯ ނުލަނބާ މީހުންނެވެ. މިސާލަކަށް: ނަމާދުކުރަން ޖެހޭކަން އެނގިހުރެ ވެސް ނަމާދު ނުކުރާ މީހުންނެވެ.
وَلَا الضَّالِّينَ (އަދި ގެއްލެނިވެގެންވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.) މި މީހުންނަކީ ޢިލްމު ލިބިފައި ނެތް ޙާލު ޢިލްމު ހޯދަން ވެސް މަސައްކަތް ނުކުރާ މީހުންނެވެ. އެހެންކަމުން މި މީހުންނަކީ ބޯލެނބިޔަސް ނުބައި މަގަކުން ދެވޭ މީހުންނެވެ. މިސާލަކަށް: (ނަމާދު ކުރިޔަސް، ނަމާދު ބާޠިލުވާނެ ފަދައަކުން ނަމާދު ކުރާ މީހުންނެވެ.)
ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރެވިފައިވީއިރު އެ ނިޢުމަތްތައް ގުޅިފައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއިކަން ތިބާއަށް ފާހަގަ ކުރެވުނު ހެއްޔެވެ؟ (أَنْعَمْتَ – އިބަރަސްކަލާނގެ ނިޢުމަތް ދެއްވި) އެހެނެއްކަމަކު ކޯފާއާއި ގުޅޭ ބަސްތައް އައީ ހަމައެކަނި އެކަލާނގެއަށް ޚާއްޞަވެގެނެއް ނޫނެވެ. އެހެނީ ނިޢުމަތްތައް ދެއްވުމުގައި ވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ. އެހެނަސް ފާފަތަކާއި ނުބައި ޢަމަލުތައް ކުރެވޭ ހިނދު އެއަށް އަމާޒުވަނީ ހަމައެކަނި ﷲ ގެ ކޯފާއެއް ނޫނެވެ. އެކަލާނގެ ގެ ޚަލްޤުތަކުންގެ ވެސް ނުރުހުންތެރިކަމާއި ނަފްރަތެވެ. (މަލާއިކަތުންނާއި، ނަބިއްޔުންނާއި، ޞާލިޙު އަޅުން…)
އެންމެ ފަހު ބަހަކަށް އަޅުގަނޑުމެން ‘އާމީން’ ކިޔަމުއެވެ. އާމީންގެ މާނައަކީ ‘އަޅަމެންގެ ރައްބެވެ. އަޅަމެންގެ ދުޢާ ޤަބޫލު ކުރައްވާށެވެ.’ އާމީން އަކީ އަޅުގަނޑުމެންގެ ހިދާޔަތާއި، ކާމިޔާބާއި ރައްކާތެރިކަމުގެ މައްޗަށް ބާރު އޮތް ފަރާތަށް އަޅުގަނޑުމެން ކުރާ އާދޭހެކެވެ.
އެހެންކަމުން ހިތުގެ އެންމެ ފުންމިނުން ﷲ އަށް އާދޭސް ދަންނަވާށެވެ. މަރުގެ ޙުކުމް އިއްވިފައިވާ މީހަކު މަރުވި މީހާގެ ޢާއިލާގެ ފަރާތުން މަޢާފު ހޯދަން އާދޭސް ކުރާ ފަދައިންނެވެ. އެފަދަ މީހެއްގެ އަޑުގައި ހިތާމަވެރިކަމާއި، އިޞްލާޙުވުމުގެ ރޫޙެއްވާނެއެވެ. އެމީހުންގެ މަޢާފަށް އެދި ހިތް އާދޭސްކުރާ ހިނދެވެ.
‘އާމީން’ މި ބަސް ހިތުގެ ފުން މިނުން ކިޔަންވީ އެހެން ބޮޑު ސަބަބެއްވެއެވެ. ރަސޫލާ ﷺ ގެ ޙަދީޘެއްގައި ވާ ގޮތުން އަޅުގަނޑުމެންގެ ‘އާމީން’ މަލާއިކަތުން ކިޔުއްވާ ‘އާމީން’ އާއި އެއްވަގުތެއްގައި ދިމާވެއްޖެނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މާޒީގައި ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވާނެއެވެ!
އެހެންކަމުން މިއީ ނަމާދުގައި އެހެނިހެން ޚިޔާލުތަކެއް ކުރަންވީ ވަގުތެއްނޫނެވެ. މިއީ ގެއްލުވާލެވޭ ވަރަށްވުރެ ރަނގަޅު ފުރުސަތެކެވެ! އަޅުގަނޑުމެންގެ ހިތް މި ވަގުތުކޮޅަށް ސަމާލުކަންދީ، ދިރިހުރި ޙާލުގައި ހުންނަންވާނެއެވެ.
ކުރިން ވެސް ދެންނެވި ފަދައިން ސޫރަތުލް ފާތިޙާއަކީ ނަމާދުގެ ހިތެވެ. އަދި ނަމާދުގެ އެއް މައި ތަނބެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ‘އަލްފާތިޙާ ނުކިޔަވާ މީހަކު ނަމާދެއް ނުކުރެއެވެ.’ (އެއީ ސޫރަތުލް ފާތިޙާއެވެ.) ކުރިން ވެސް އަޅުގަނޑުމެން ބަލައިލި ފަދައިން، އެއީ އެންމެ މާތްކަން ބޮޑު ސޫރަތެވެ. އެ ސޫރަތް މެދުވެރިވެގެން އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދަންނަވަމުއެވެ. އަދި އެކަލާނގެ އަޅުގަނޑުމެން ކިޔަވާ ކޮންމެ އާޔަތަކަށް އިޖާބަ ދަންނަވައެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ޖަވާބު ދެއްވާ ގޮތް އެނގޭ ހެއްޔެވެ؟ އަޑު އައްސަވާށެވެ!
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “ތިމަންރަސްކަލާނގެ ނަމާދު (އެބަހީ: ސޫރަތުލް ފާތިޙާ) ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ ގެ އަޅާއާއި ދެމެދު ދެ ބަޔަކަށް ބެއްސެވީމެއެވެ. އަދި ތިމަންރަސްކަލާނގެ އަޅާއަށްޓަކައި އެ އަޅާ އެދޭ ކަމެއްވާނެއެވެ.”
“حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.” އެ އަޅާ ބުނާ ހިނދު ތިމަންރަސްކަލާނގެ ވަޙީ ކުރައްވަމެވެ. ‘ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ތަޢުރީފު ކޮށްފިއެވެ.’
“رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.” އޭ އެ އަޅާ ބުނާ ހިނދު ތިމަންރަސްކަލާނގެ ވަޙީ ކުރައްވަމެވެ. ‘ތިމަންރަސްކަލާނގެ އަޅާ އެ ތަޢުރީފު ދެގުނަކޮށްފިއެވެ.’
“قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ.” އޭ އެ އަޅާ ބުނާ ހިނދު ތިމަންރަސްކަލާނގެ ވަޙީ ކުރައްވަމެވެ. ؛ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ މަތިވެރިކޮށް ތަޢުރީފުކޮށްފިއެވެ.’ އެހެންނޫނީ ‘ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާއި ހުރިހާ ކަމެއް ޙަވާލުކޮށްފިއެވެ.’
“އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.” އޭ އަޅާ ބުނާ ހިނދު ތިމަންރަސްކަލާނގެ ވަޙީ ކުރައްވަމެވެ. ‘މިއީ ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާއި ދެމެދު ވާ ކަމެކެވެ. ތިމަންރަސްކަލާނގެ ގެ އަޅާ އެދޭ ކަމެއް އެ އަޅާއަށް ލިބޭނެއެވެ.’
“އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (އެއީ) އެބައިމީހުންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެބައިމީހުންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.” އޭ އަޅާ ބުނާ ހިނދު ތިމަންރަސްކަލާނގެ ވަޙީ ކުރައްވަމެވެ. ‘މިއީ ތިމަންރަސްކަލާނގެ ގެ އަޅާއަށްޓަކައިވާ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ ގެ އަޅާ އެދޭކަމެއް އެ އަޅާއަށް ލިބޭނެއެވެ.’
އެހެންކަމުން ދެން ފަހަރަކު ތިބާ ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވާ ހިނދު ކޮންމެ އާޔަތަކަށްފަހު މަޑުކުރާށެވެ. ރަސޫލާ ﷺ ޢަމަލު ކުރެއްވި ފަދައިންނެވެ. އެހެނީ އެ ވަގުތުކޮޅުތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރީތި ވަޖުހުފުޅު ތިބާއަށް އަމާޒު ކުރައްވައި، އެކަލާނގެ ތިބާގެ ބަސްތަކަށް ޖަވާބު ދެއްވާ ވަގުތުކޮޅުތަކެވެ. އެކަން އިޙްސާސް ކުރާށެވެ! އެކަލާނގެ ގެ އަޅަކަށް ވުމަކީ ހާދަ ބޮޑު ޝަރަފެކެވެ!
ނުނިމޭ