namaadhu

بِسم اللّه الرحمن الرحيم

ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.

______________________________________________________

އީމާންކަމުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާށެވެ. ތިބާ އެކަމަށް އެދޭނަމައެވެ!

ނޯޓް: މިއީ މިޝަރީ އަލް-ޚައްރާޒް 2008 ވަނަ އަހަރު ދެއްވާފައިވާ ދަރުސް ސިލްސިލާއެއް ޚުލާޞާކޮށް އިނގިރޭސިން ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ.

 

އެންމެހާ ޙަމްދެއް ޙައްޤުވަނީ ﷲ އަށެވެ. ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އަޅަމެންގެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށެވެ.

 

ކޮންމެ ކާ އެއްޗެއްގައި ޚާއްޞަ ލައްޒަތެއްވެއެވެ. ކުޅުމުގައި ވެސްމެއެވެ. އަދި ފައިސާ ހޭދަކުރުމުގައިވެސް މެއެވެ. ހަމަ އެހެންމެ ހުނުމުގައި ވެސް ވަކި ލައްޒަތެއްވެއެވެ. މި ހުރިހާ ކަމެއްގައި ވެސް ވަނީ ދާދި އެއްކަހަލަ ލައްޒަތެކެވެ. އެހެނަސް ޙަޤީޤީ އީމާންކަމުގެ ލައްޒަތަކީ ދުނިޔޭގެ އެހެން ހުރިހާ ކަމަކާއި ވެސް ތަފާތު އެއްޗެކެވެ. އެހެނީ ޙަޤީޤީ އީމާންކަމަކީ މި ދުނިޔޭގައި އުޅޭ މީހުންގެ ޙާލަތެއް ނޫނެވެ. އެހެނެއްކަމަކު އެއީ ސުވަރުގޭގައި ތިބޭ މީހުންގެ ޙާލަތެކެވެ! – އިބްނު އަލް-ޤައްޔިމް (ރަޙިމަހު ﷲ)

 

ސުވަރުގޭގައި ތިބޭ މީހުންނަށް ކުރެވޭނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ މި ދަންނަވަން އުޅޭ ފޮނި މީރުކަން ތިބާއަށް އިޙްސާސް ކުރެވިފައިވާނަމަ ތިބާއަށް އެނގޭނެއެވެ. އީމާންކަމުގެ ފޮނި މީރުކަން ތިބާއަށް ދުވަހަކުވެސް އިޙްސާސް ކުރެވުނު ހެއްޔެވެ؟ އެކަން އިޙްސާސް ކުރެވުނު މީހުން ބުނެއެވެ. އެ އިޙްސާސް މާމުޔަށްވުރެ ވެސް ފޮންޏެވެ. އެހެނަސް ޙަޤީޤަތުގައި އެއީ އަޅުގަނޑުމެން ދަންނަ އެއްވެސް އެއްޗަކާއި އަޅައި ކިޔޭނެ އިޙްސާސެއް ނޫނެވެ.

 

އަޅުގަނޑުމެން ބޭނުންވަނީ މި ފޮނި މީރުކަން އިޙްސާސް ކުރާށެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ މިއީއެވެ. އީމާންކަމާއި، އެއާއިއެކީ އަންނަ އެހެން ހުރިހާ ކަމެއްގެ ފޮނި މީރުކަން އިޙްސާސް ކުރުމެވެ. އަދި އަޅުގަނޑުމެން ފަށާނީ ނަމާދުގެ ފޮނިކަމުންނެވެ. ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް ކަމުންނެވެ!

 

މި ސިލްސިލާގެ މަޤްޞަދުތައް:

ތިބާގެ ނަމާދު އެއްކޮށް ބަދަލުކޮށްލުމެވެ! މި ސިލްސިލާ ނިމުމުގެ ކުރިން ތިބާގެ ނަމާދަށް ބޮޑެތި ބަދަލުތައް އަންނަމުން ދާކަން ތިބާއަށް ފާހަގަވާނެއެވެ. (އިން ޝާ ﷲ)

ތިބާއަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ އުފާވެރިކަމަކުން ތިބާގެ ހިތް ފުރައިލުމެވެ. އަދި ތިބާގެ ޙަޔާތުގައި ތަޖުރިބާ ކުރެވުނު ހުރިހާ ހިތްދަތިކަމެއް ނެތިކޮށްލާނެ ފަދަ ހިތްހަމަޖެހުމެއް ގެނެސްދިނުމެވެ.

ފިރްދައުސް އަލް-އަޢްލާ (ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ) އާއި ހަމައަށް ދިޔުމެވެ. (އިން ޝާ ﷲ) އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

“މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ……ވާރުތަވާ މީހުންނަކީ ހަމަ އެމީހުންނެވެ. އެބައިމީހުންނަކީ އަލް-ފިރްދައުސް ވާރުތަވާ މީހުންނެވެ. އެބައިމީހުން އެތާނގައި ދެމިތިބޭނެއެވެ.”

سورة المؤمنون, 1-11

 

**

 

ލޮބުވެތި ކިޔުންތެރިޔާއެވެ.

 

ތިބާގެ ނަމާދުން ތިބާގެ ޙަޔާތަށް ކުރަންޖެހޭ ފުރިހަމަ އަސަރު ނުކުރާހެން ތިބާއަށް ހީވޭހެއްޔެވެ؟ އެކަން އެހެންވަނީ ތިބާ އެ ނަމާދަށް ދޭންޖެހޭ ފަރުވާތެރިކަމާއި ސަމާލުކަން ނުދެވޭތީވެހެން ތިބާއަށް ހީވޭހެއްޔެވެ؟ އަޅުގަނޑުމެންގެ ޙަޔާތް ބަދަލުވެގެން ދާނެ ފަދައަކުން ނަމާދާއި ‘ގުޅުމުގެ’ ހުނަރު އަޅުގަނޑުމެންގެ ކިބައިން ގެއްލިފައިވާ ފަދައެވެ. އެހެންނޫނީ އެކަން އަޅުގަނޑުމެންނަށް ދުވަހަކުވެސް ދަސްކޮށްދެވިފައި ނުވަނީއެވެ.

 

އަޅުގަނޑުމެންގެ ކުރިން ވަޑައިގެންފައިވާ ބޭކަލުންގެ މިސާލުތަކަށް ބައްލަވާށެވެ.

 

އެއްދުވަހަކު މުސްލިމުން ރަސޫލާ ﷺ އާއި އެކީ ހަނގުރާމައަކަށް ދިޔުމަށް ނިކުމެވަޑައިގަތެވެ. އެ ދަތުރު މަތީގައި ރަސޫލާ ﷺ ދެ ޞަޙާބީން އަރިހުގައި ލަޝްކަރުގެ ރައްކާތެރިކަމަށް ތިއްބެވުމަށް އެންގެވިއެވެ. އެ ދެ ޞަޙާބީންނަކީ މުހާޖިރުންގެ ތެރެއިން ބޭކަލަކާއި އަންޞާރީންގެ ތެރެއިން ބޭކަލެކެވެ. ލަޝްކަރުގެ ރައްކާތެރިކަމުގައި ތިބި ވަގުތު މުހާޖިރު ޞަޙާބީ އަރާމު ކުރައްވަން ނިންމިއިރު އަންޞާރީ ޞަޙާބީ ނިންމެވީ ނަމާދު ކުރެއްވުމަށެވެ. މިފަދައިން ތިއްބަވަނިކޮށް ކާފިރަކު ފޮނުވި ތީރުގެ ޙަމަލާއެއް ނަމާދަށް ކޮޅަށް ހުންނެވި އަންޞާރީގެ މޭމައްޗަށް އެރިއެވެ. އަންޞާރީ އެ ތީރު މޭމަތިން ނަންގަވައި ނަމާދު ކުރިއަށް ގެންދެވިއެވެ. ކާފިރު މީހާ ދެވަނަ ތީރެއް ފޮނުވުމުން ވެސް އަންޞާރީގެ ގަޔަށް ހެރުނެވެ. އަނެއްކާވެސް އަންޞާރީ އެ ތީރު ނަންގަވައި ނަމާދާއިގެން ކުރިއަށް ދިޔައެވެ. ތިންވަނަ ތީރެއް ފޮނުވައިލެވުމުން އަންޞާރީއަށް އެންމެ ފަހުން ކޮޅަށް ނުހުރެވި ލޭ ފައިބަމުން ދާ ޙާލުގައި ރުކޫޢަށާއި ސަޖިދައަށް ވެއްޓުނެވެ. އިސާހިތަކު ކާފިރުމީހާ އެތަނުން ފިލައިގެން ދިޔަ ވަގުތު މުހާޖިރު ޞަޙާބީއަށް ހޭލެވި އަންޞާރީގެ އެހީއަށް ވަޑައިގެންނެވިއެވެ. އަދި ދެންނެވިއެވެ. “ސުބްޙާނަ ﷲ! އެންމެ ފުރަތަމަ ތީރާއެކީ ތިބާ އަހަންނަށް ނޭންގީ ކީއްވެ ހެއްޔެވެ؟؟” އަންޞާރީ ޖަވާބުގައި ދެންނެވިއެވެ. “އަހަރެން ކިޔަވަން ހުރީ ވަރަށް ރީތި ސޫރަތެކެވެ. އެ ސޫރަތުގެ މެދުތެރެއިން ހުއްޓައިލަން ބޭނުމެއް ނުވީއެވެ.”

 

އިމާމް ބުޚާރީ އެއްފަހަރެއްގައި ނަމާދަށް ހުންނަވަނިކޮށް ވޭރުހުއްޔެއް 17 ފަހަރު އެކަލޭގެފާނުގެ ހަށިކޮޅަށް ކަށި ހެރިއެވެ. ނަމާދު ނިމުމުން އުދަގުލެއް އިޙްސާސް ކުރެވުނީތީ އެއީ ކީއްވެގެން ކުރެވޭ އިޙްސާސެއްކަން އެނގޭތޯ ކައިރީގައި ތިބި މީހުން ކުރެން ސުވާލުކުރެއްވިއެވެ.

 

އިބްނު-އައްޒުބެއިރު އެއްފަހަރު ނަމާދަށް ހުންނަވަނިކޮށް އެކަލޭގެފާނު ނަމާދު ކުރަމުން ދިޔަ ބިމުގެ މައްޗަށް ސާޅަނގައިގެ (catapult) ޙަމަލާތަކެއް އައެވެ. އެހެނަސް އެކަލޭގެފާނު ގުޑައިލުމެއްވެސް ނެތި ނަމާދަށް ހުންނެވިއެވެ.

 

ޢަލީގެފާނު ނަމާދަށް ވުޟޫކުރައްވާ ކޮންމެ ފަހަރަކު، އެކަލޭގެފާނު ވެރި ރައްބުގެ ކުރިމަތީގައި ކޮޅަށް ހުންނަވަންޖެހޭ ކަމާއިމެދު ވިސްނޭތީ މޫނު ހުދުވެ ބިރުން ތުރުތުރު އަޅުއްވައެވެ.

 

އެހެން ޞަޙާބިއްޔަކު ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ވަކިކޮށްލަން ޖެހުނެވެ. އެ ޞަޙާބީ އެދިލެއްވީ އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް އެކަން ކުރުމަށެވެ.

 

އެއް ޞަޙާބިއްޔަކު ނަމާދަށް ހުންނަވަނިކޮށް މިސްކިތުގެ ފާރެއް އެއްކޮށް ވެއްޓިގެން ދިޔައެވެ. އެހެނަސް އެކަން ހިނގިކަން އެ ޞަޙާބީއަށް އެނގިލެއްވީ ނަމާދު ނިމުމުންނެވެ. ނަމާދުގެ ތެރެއަށް އެހާވެސް ބޮޑަށް ވަދެވިފައިވީތީވެއެވެ.

 

ނަމާދުން ލިބެންޖެހޭ މި ދަރަޖައިގެ ލައްޒަތާއި ހިތްހަމަޖެހުން މި ބޭކަލުން ހޯދެއްވީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް މި ދަރަޖައަށް ދެވުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ އަޅުގަނޑުމެންގެ ނަފްސުތަކަށް އަސަރު ކުރާނެ ފަދައިން އަޅުގަނޑުމެން ނަމާދުކުރާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެން ދަސްކުރަން ބޭނުންވާ ކަމަކީ މިއީއެވެ. (އިން ޝާ ﷲ)