ދާރިސް (ތިންވަނަ ބައި)
“އެކަމަކު އެމީހުންނަކީ އަހަރުމެންނަށްވުރެ މޮޅު ކަންތައް ކުރާ މީހުން ކަމަށްވެސް ވެދާނެ…” ހިބާ އެ ފަހު ބަސްތައް ބުނެލީ ނަޝާއަށް ބަލައިލަމުންނެވެ.
“ހުމް….މިސް ތިބުނާ އެއްޗެއް އެހާ ސާފެއް ނުވިޔަސް ތިއީ ރަނގަޅު ވާހަކައެއްހެން ހީވޭ. އެއީ އަސްލު ބައެއް ކުދިން ސްޓްރަގްލް ކުރިޔަސް އެކުދިން އެހެން ކުދިންނަށް ވުރެ ވެސް މޮޅުވެދާނެއޭ ދޯ މިސް ތިބުނީ؟” ނަޝާ އެހިއެވެ.
“ލައްބަ….އެހެން މި ބުނީ. ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް އެއްގޮތަކުން މޮޅު ކުއްޖެއް. ބައެއްފަހަރު މީހުންނަށް ވާ ގޮތަކީ ކުއްޖެއްގެ ބޭރުފުށުން ހުރިހާ ގޮތަކުން މޮޅު ނުވިއްޔާ އެކުއްޖެއްގެ ކިބައިން އުއްމީދު ކަނޑާލެވެނީ. އެކުއްޖާ ބާކީ ކޮށްލެވެނީ. އެފަދައިން ކުއްޖަކު ބާކީވުމުގެ ފުރުސަތު ނުދިނުމަށް މިސް މުދައްރިސަކަށްވީ…” ހިބާ ހިނިތުންވުމަކާއެކީ ވާހަކަ ނިންމިއެވެ.
“ވާވް މިސް! ވަރަށް އިންސްޕަޔަރިންގް!” ނަޝާ އުޖާލާކަން އެކުލެވިފައިވި ދެލޮލާއި އެކީ ބުންޏެވެ.
“ދެން ހިނގާ….10 މިނިޓްސް ތެރޭ މިސް ކްލާހަށް ވަންނަންޖެހޭ. ޓީޗިންގް އެއިޑްސް ހަދަން ހެލްޕްވެ ދޭން ބޭނުންތަ؟” ހިބާ ގޮނޑިން ތެދުވަމުން ސުވާލުކުރިއެވެ. ނަޝާ ‘ލައްބަ’ އޭ ބުނަމުން ހިބާއާއި އެކީގައި ތެދުވިއެވެ.
ހިބާގެ އެދުވަހުގެ ގަޑިތައް ނިމިގެން ދިޔައީ ނަޝާއާއި އެކީ ތައްޔާރުވި އެ ގަޑިއަށް ފަހުއެވެ. އެއީ ފަހު ގަޑިއަށްވުމުން އެ ގަޑި ނިންމުމަށްފަހު ހިބާ ދިޔައީ އޭނަގެ ކުލާހަށެވެ. ސެޝަން ނިމުމުގެ ކުރިން އާދައިގެ މަތިން ފަހު 10 މިނެޓްގައި އޭނަގެ ގްރޭޑް 3 ގެ ކުލާސް ކުދިންނާއެކީ އިށީނދެ އިނދެ ހިބާ އެކުދިންގެ ވާހަކަތައް އަޑުއެހިއެވެ. ނަޝާއަކީ އެ ކުލާހުގެ އެސިސްޓެންޓް ޓީޗަރަށްވުމުން ނަޝާ ވެސް އެ ވާހަކަތައް އަޑުއަހަން އިނެވެ.
ކުދިން އެދުވަހު ދަސްކުރި ކަންތަކާއި ދިމާވި ކަންތަކުގެ ވާހަކަތައް ޙިއްސާކޮށް ނިމުމުން، ނުހަނު އަވަހަށް އެ ކުލާހަށް އާ ކުއްޖެއް އަންނަން އުޅޭ ވާހަކަ ހިބާ އެކުދިންނާއި ޙިއްސާކުރިއެވެ. އެ ކުއްޖާގެ ނަމަކީ މާޒިންކަމަށް ބުނެ މާޒިންއަށް މަރުޙަބާ ކިޔާނެ ގޮތަކާއިމެދު ކުދިންގެ ޚިޔާލު ހޯދިއެވެ. އާ ކުއްޖެއް އަންނަން އުޅޭނަމަ މިއީ އަބަދުވެސް ހިބާގެ އާދައެވެ. އެ އާކުއްޖަކު އެހެން ކުދިންގެ ތެރޭގައި ބާކީ ނުވާނެ ފަދައަކުން ކުރީއްސުރެވެސް އެކުއްޖަކު އެހެން ކުދިންނަށް ތަޢާރަފު ކުރުމެވެ.
ހިބާ ސުވާލުކުރުމުން ނުހަނު ޖޯޝާއެކީ ކުދިން ޚިޔާލުތައް ހުށަހަޅަން ފެށިއެވެ. އެކުއްޖާ އަންނަންވާއިރަށް ކުލާހުގައި ‘ވެލްކަމް’ އަކުރެއް އަޅަން ބައެއް ކުދިން ޚިޔާލު ދިންއިރު، އަނެއްބައި ކުދިން ބުނީ އެކުއްޖާއަށް ދޭން ކާޑެއް ހަދަންވާނެ ވާހަކައެވެ. ހިބާ އެ ޚިޔާލުތަކަށް ތަޢުރީފުކުރިއެވެ. އަދި މާދަމައަށް އެ ތައްޔާރީތައް ވުމަށް އެކުދިންގާތު އެދުނެވެ. މުނީރާ އޭގެ އިރުކޮޅެއް ކުރިން އޭނައަށް ފޮނުވާފައި އޮތް މެސެޖުގައި މާޒިން އަންނާނެ ދުވަސް ޔަޤީންކޮށް އޭނައަށް އަންގާފައިވުމުންނެވެ.
ކުދިން ގެއަށް ދިޔުމުން މާޒިން އަންނަންވާއިރަށް އޭނަ ވާންޖެހޭ ތައްޔާރީތައް ވާން ހިބާ އަވަސްވިއެވެ. މިގޮތުން ކުލާހުގައި ހުރި ސްޓާރ ޗާޓަށް މާޒިންގެ ނަން އިތުރުކުރިއެވެ. އަދި ކުލާހުގައި ހެދިފައި ހުރި ގްރޫޕްތަކުގެ ތެރެއިން ގްރޫޕަކަށް މޭޒަކާއި ގޮނޑިއެއް އިތުރުކޮށް، ހުރިހާ މޭޒެއްގައި ކުދިންގެ ނަންތައް ހަރުކުރިއެވެ. މާޒިން ކުލާހަށް ވަދެގެން އަންނައިރު މިއީ މާޒިންގެ ވެސް ތަނެއްކަން އިޙްސާސް ކުރެވޭނެ ފަދައަކުންނެވެ.
އެ މަސައްކަތްކޮށް ނިމުނުއިރު ހިބާގެ މަސައްކަތުގެ ގަޑިއިރުތައް ނިމި ހަމްނާވެސް ނިމޭ ގަޑި ގާތްވަމުން ދިޔައީތީ، ހިބާ ޗެކްއައުޓް ވުމަށްފަހު ސްކޫލުން ނިކުމެގެން ދިޔައެވެ. އަދި އާދައިގެ މަތިން ހަމްނާ ބަލައި ހަމްނާގެ ސްކޫލަށް ދިޔައެވެ.
ހަމްނާ ސްކޫލްގެ ގޭޓުން ނިކުމެގެން އައިއިރު އެ މޫނުމަތިން ލަދުރަކި ހިނިތުންވުމެއް ފެނުމުން ހިބާއަށް އެކަމާއިމެދު ސުވާލުކުރެވުނެވެ. އޭގެ ބަދަލުގައި ހަމްނާ ހީލާފައި ތިރީ ތުންފަތުގައި ދަތް އަޅައިލަމުން ސައިކަލުގެ ފަހަތަށް އެރީ ވަކި އެއްޗެކޭ ބުނުމެއް ނެތިއެވެ. ހިބާ ދެން އިތުރަށް ސުވާލެއް ކުރުމެއްނެތި ސައިކަލު ދުއްވައިލީ ސުވާލު ކުރިޔަސް އެވަގުތު ޖަވާބެއް ނުލިބޭނެކަން ދަނެގެންނެވެ. އަދި ހަމްނާއަށް މާ ގިނައިރު ވަންދެން އޭނަ ގާތު ވާހަކައެއް ނުބުނެ ނުހުރެވޭނެކަން ވެސް އެނގޭތީވެއެވެ.
ގެއަށް ގޮސް ވަދެވުމާއެކު ހަމްނާ ކާން ހުރީ ކޯޗެއްތޯ އެހީ ހިބާ ކުރި ސުވާލުމަތިން ހަނދާން ނައްތައިލަމުންނެވެ. ހިބާ އެކަމާއިމެދު ޝަކުވާ ކުރުމެއްނެތި ވާހަކަ ދެއްކިއެވެ.
“ބަތާއި ގަރުދިޔަ ހުންނާނީ.” ގޭގެ ދޮރު ލައްޕަމުން ހިބާ ބުންޏެވެ.
“އަގް ނޮޓް އެގެއިން….ވެއިޓް އަ މިނިޓް! އިއްޔެ ހައްވައްތަ ގެނެސްދިން ތެލުލިފަތް ފުޅިއެއް ހުންނާނެއޭ!” ހަމްނާ އޭނަގެ ކޮޓަރިއާއި ދިމާލަށް ދަމުން، ނުހަނު އުޖާލާވެގެން ދިޔަ މޫނަކާއެކީ ބުނެލި ވާހަކައިން ހިބާގެ ދެބުމަ ކައިރިވިއެވެ.
“ހައްވައްތައޭ؟ ހައްވައްތަ އައީ ކޮން އިރަކު؟” ހިބާ ކުރިއަށް ހިނގަމުން ގޮސް ފިޔަވަޅުތައް މަޑުޖައްސައިލަމުން އަހައިލިއެވެ. ހައްވައްތައަކީ އެމީހުންނާއި އަވަށްޓެރި ގެއެއްގައި އުޅޭ ހިތްހެޔޮ އަންހެނެކެވެ. އެހެނަސް އެމީހުންނާއި ހައްވައްތަ އެހާ ގިނައިން ދިމާ ނުވަނީ، ހައްވައްތަ ގިނަ ވަގުތު ހޭދަކުރަނީ އެރަށުގެ ތަނަވަސް ޢާއިލާއެއްގެ މަސައްކަތު މީހެއްގެ ގޮތުގައި ކަމަށްވާތީވެއެވެ.
“އިއްޔެ ހަވީރު. ދޮންތަ ސްކޫލް ނެޓްބޯލް ޕްރެކްޓިސްއަށް ގޮއްސަ ހުއްޓާ. އަހަރެން ރޭ ހަނދާން ނެތުނީ ބުނަން. އަސްލު ދޮންތައާއި ބައްދަލުކުރަން ދައްތަ އައީ. ނުއެއް ބުނޭ ވަކިކަމެއް.” ހަމްނާ އެހެން ބުނަމުން އޭނަގެ ކޮޓަރިއަށްވަނެވެ. އެ ވާހަކަ އިވިފައި ހިބާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ހައްވައްތަ އޭނައާއި ވަކިން ބައްދަލުކުރަން އެންމެ ފަހުން އައީ ކީއްވެކަން ހަނދާންވި ވަގުތު ހިބާއަށް ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އެ ޚިޔާލުތަކާއި ދުރުވާން މަސައްކަތް ކުރަމުން ހިބާވެސް އޭނަގެ ކޮޓަރިއަށް ވަނީ ތާޒާވެލުމަށެވެ.
މެންދުރުގެ ކެއުމަށްފަހު ހިބާއާއި ހަމްނާ ދިޔައީ ދެމީހުންގެ އަމިއްލަ މަސައްކަތްތަކަށެވެ. ޢާއްމު ގޮތެއްގައި މެންދުރާއި ހަވީރަކީ ހަމްނާ ސްކޫލް ފިލާވަޅުތައް ހަދާއިރު، ހިބާ ކުދިންނަށް ދޭން ފިލާވަޅުތައް ތައްޔާރުކޮށް ،އިތުރު ދިރާސާ މަސައްކަތެއް އޮތް ނަމަ އެ މަސައްކަތްތައް ނިންމާ ވަގުތެވެ. ރޭގަނޑު ވާއިރަށް މަސައްކަތްތައް ނިންމުމަށްފަހު އެކީގައި ވަގުތު ހޭދަކުރުމަކީ ދެ ބެއިންގެ އާދައެވެ. އެއީ ވެސް ހިބާ ހަދާފައި އޮންނަ ޤަވާޢިދެކެވެ. ވީހާވެސް ވަރަކަށް ހަމްނާއާއި ގާތް ގުޅުމެއް ބާއްވަން ހިބާ ބޭނުންވާތީވެއެވެ. ފުރާވަރުގެ އެ ޢުމުރުގައި ނުސިޔާނު ނިންމުންތަކުން ހަމްނާ ރައްކާތެރި ކުރެވޭނެ ހަމައެކަނި ގޮތަކީ އެއީކަމަށް ހިބާ ޤަބޫލުކުރާތީވެއެވެ.
ހިބާ އޭނަގެ މަސައްކަތުގެ ބޮޑުބައި މެންދުރު ނިންމައިލީ، ހަވީރު ހައްވައްތަގެ ގެއަށްދާން ނިންމަމުންނެވެ. ޢަޞްރު ނަމާދަށްފަހު ކުޑަ ގޮތަކަށް ރީތިވެލައިގެން ހިބާ ގެއިން ނިކުމެގެން ދިޔައީ ހަމްނާގާތު ބުނުމަށްފަހުއެވެ. އެމީހުންގެ ގެއާއި ޖެހިގެން ހުންނަ ގެއަށް ގޮސް ހިބާ ގޭގެ ހުޅުވިފައިވި ދޮރު ކައިރީގައި ހުއްޓިހުރެ ސަލާމް ގޮވައިލިއެވެ. އޭގެ މާ ގިނައިރެއްނުވެ ހައްވައްތަ ގޭގެ ތެރެއިން އަންނަ މަންޒަރު ފެނުނެވެ.
“ވަޢަލައިކުމުއްސަލާމް ހިބާ….އަވަހަށް އެތެރެއަށް ވަދޭ. ދައްތަ ހަމަ ތިގެއަށް އަންނަން އުޅެނިކޮށް ހަމަ ތިއައީ.” މެދު ޢުމުރުގެ ހައްވައްތަ ބުރުގާ ބޮލަށް މަހަމުން ވާހަކަ ދެއްކީ ހިނިތުންވުމަކާއި އެކީގައެވެ. ހިބާވެސް ހިނިތުންވުމަކާއެކީ އެތެރެއަށް ވަނެވެ.
“ކޮބާ މިގޭގެ ކުދިން؟” ހިބާ ވާށައި ހޯދަމުން ސުވާލުކުރިއެވެ.
“ޝަފީޤްގެ ކުޑަ ސޮރު އޮތީ ނިދާފަ. ލަމްހާގެ ދެމީހުންވީ އެމީހުން ލައިގެން އުޅޭ އާ ޓިއުޝަނަކަށް ގޮއްސަ. އެމީހުން ކިޔެވުން ނޫން ކަމެއް ނުކުރަންޏާ ލަމްހާއަށް ކަމަކު ނުދާނެ.” ހައްވައްތަ ހިބާއާއެކީ ގޮސް ދިގު ސޯފާގައި އިށީންނަމުން ބުންޏެވެ.
“ހެހެ….އެހާ ބޮޑަށް އުދަގޫކުރާކަށް ވެސް ނުވާނެ. ކުދިންގެ ސިކުނޑި ހަމަޖައްސަން ވެސް ވަގުތު ދޭންވާނެ. އެހެންނޫނީ އެމީހުން އެއްކޮށް ފޫހިކޮށްލާނެ.” ހިބާ ބުންޏެވެ.
“މަ ތި ވާހަކަ ބުނެބުނެ ވަރުބަލިވެއްޖެ ހިބާ……އަޅެ ކަނބުލޮއާއި ވާހަކައެއް ދައްކަންވެފަ އެބައޮތޭ. އިއްޔެވެސް ދިޔައިން ތިގެއަށް.” ހައްވައްތަ މަޢުޟޫ ބަދަލުކުރިއެވެ.
“ލައްބަ….ހަމްނާ އެ ވާހަކަ ބުނީމަ އަހަރެން މިއައީ. ކޮން ވާހަކައެއް ދައްތަ ދައްކަން ބޭނުންވީ؟” ހިބާ ދެންވެސް ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން އެހިއެވެ. އެ ވާހަކައަކީ އޭނަ ހީކުރާ ވާހަކައަށް ނުވާނެ ގޮތަށްވުމަށް ހިތާހިތުން ދުޢާކުރަމުންނެވެ. އެހެނަސް ހިބާ ބަލަބަލާ ހުއްޓާ ހައްވައްތަގެ ހިނިތުންވުން ފިލައިދިޔައެވެ.
“އެނގޭ ހިބާ ހިތްހަމަނުޖެހޭނެކަން މި ވާހަކަ ބުނީމަ….އެކަމަކު އާތިފާ އަނެއްކާވެސް އަހަރެން ކައިރި އެދެން ފަށައިފި ހިބާ ކައިރި މި ވާހަކަ ބުނަން. ފަޒީންގެ ވާހަކަ.” ހައްވައްތަ ސީރިއަސްކަމާއެކީ ބުނުމުން ހިބާގެ މޫޑު ޚަރާބުވިއެވެ.
“އެމީހުން އަނެއްކާވެސް ހައްވައްތައަށް ދޯ އެ އުދަގޫކުރަނީ އަހަރެން ނޫނެކޭ ބުނީތީ؟” ހިބާއަށް އެހެން އަހައިލެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ.
“ތެދުތެދަށް ބުނަންޏާ ދައްތަ ޖެހޭނީ ތި ވާހަކައާ އެއްބަސްވާން. ހިބާ މިފަހަރު އެއްބަސް ނުކުރުވައިފިނަމަ ދައްތައަށް ދެން އެގޭގަ މަސައްކަތް ނުކުރެވޭނެކަމުގެ އިންޒާރުވެސް ދިން-“
“އެމީހުން ކޮންމެހެން ނުޖެހޭނެ ހައްވައްތައަށް ބިރުދައްކާކަށް! އެމީހުން ޖެހެނީ އަހަރެން ނޫނެކޭ ބުނީމަ އެ ބަސް ޤަބޫލުކޮށް މިކަމުގެ މަތިން ހަނދާން ނައްތައިލަން!” ހިބާއަށް ރުޅި އިސްކުރެވުނެވެ. އެހިނދު ހައްވައްތަ ހިބާގެ އަތުގައި ދެއަތުން ހިފިއެވެ.
“ކަނބުލޮ….ދައްތަ ނުބުނާނަން ވަކި ދައްތައަށްޓަކައި އެއްބަސްވާށޭ. ދައްތަ އެގެއިން ނެރެލައިފިއްޔާ މަސައްކަތް ކުރަން އެހެން ގެއެއް ދައްތަ ހޯދާނީ. އެކަހަލަ މަސައްކަތެއް ނުލިބުނިއްޔާ އެހެން މަސައްކަތެއްވެސް ދައްތަ ފަށާފާނަން. އެކަމަކު ދައްތައަށް ވެސް ފެންނަނީ މިފަހަރު ހިބާ ފަޒީންއާ ބައްދަލުކޮށްލަން. ފަޒީން މިކޮޅަށް އައިއްސަ އެބަހުރި. ބައްދަލުކުރީމަ އެނގިދާނެއެއްނު އޭނަގެ މިޒާޖުވެސް. މީހުންނަކީ އަބަދު އެއްގޮތަކަށް ތިބޭނެ ބައެއް ނޫން. ކުޑައިރު ކަނބުލޮއަށް ފަޒީންގެ ފަރާތުން ފެނުނު އަޚްލާޤެއް ނޫން ކަންނޭނގެ މިހާރު ހުންނާނީ….ޙަޤީޤަތުގަ މިއީ ކަނބުލޮއަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް. ތަނަވަސް ޢާއިލާއެއްގެ ހަރުދަނާ ޒުވާނަކާ ކަނބުލޮ އިނދެފިއްޔާ ކަންނޭނގެ ތި ދެބެއިންނަށް ވެސް އެންމެ ރަނގަޅުވާނީ. ދެ އަންހެން ކުދިން އެކަނިމާއެކަނި ގެއެއްގައި އުޅުން ރައްކާތެރިއެއްވެސް ނޫން……” ހައްވައްތަ ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އިވުނު އިވުނުހެން ހިބާ ހިސާބަކަށް ހިމޭންވިއެއްކަމަކު އޭނަގެ ނުރުހުންތެރިކަމަށް ބަދަލެއް ނާދެއެވެ. މި ވާހަކަތައް ހައްވައްތަގެ ދުލުން އަޔަސް މިފަދަ ބަހުރުވަ ހައްވައްތައަށް އިވިފައިވާނީ އެމީހުންގެ ފަރާތުންކަން ހިބާއަށް ޔަޤީންކުރެވުނެވެ. މިހާތަނަށް އައިއިރު އެމީހުން އުޅޭ ހިސާބުގަނޑުގެ ސަބަބުން އޭނައާއި ހަމްނާއަށް އެއްވެސް ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައެއްނެތެވެ. އެއީ ޚުދު ހައްވައްތަ ވެސް އެއްދުވަސް ވަރެއްގައި އެމީހުންގެ ނަސީބެއްގެ ގޮތުގައި ސިފަކުރި ކަމެކެވެ. އެހެނަސް މިއަދު ހައްވައްތަގެ ވާހަކަތައް މިވަނީ ބަދަލުވެފައެވެ. އެކަމާއިމެދު ހައްވައްތައަށް ވެސް ނުރުހުންވިއެއްކަމަކު ހިބާ އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު ދައްތާ. އަހަރެން ބައްދަލުކުރާނެ ވާހަކަ އެމީހުންގާތު ބުނެލާ.” ހިބާ ސާބިތުކަން ވެރިވެފައިވި މޫނަކާއިއެކީ ބުނެލީ، ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. އެމީހުންގެ އުދަގޫތަކަށް ކޮންމެހެން ވެސް މިފަހަރު ނިމުމެއް ގެނައުމުގެ ޢަޒުމެވެ. ހައްވައްތަ ބުނިހެން އާޒިމަކީ ބަދަލުވެފައިވާ އަޚްލާޤެއްގެ ވެރިއަކަށް ވެއްޖެނަމަ އޭނަގެ އެދުން ޤަބޫލުކުރުމުގެ ނިޔަތް ހިބާގެ ހިތުގެ ކަނެއްގައިވިއެވެ. އެހެނަސް އެކަން އެގޮތަށްވުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް އޭނަގެ ހިތް ބުންޏެވެ. ޢާއްމުގޮތެއްގައި މީހުންގެ މިޒާޖާއިމެދު އޭނައަށް ނިންމޭ ނިންމުންތައް ގޯހެއްނޫނެވެ.
ހިބާގެ ޚިޔާލުތަކާއިމެދު ރޭކާނުލި ހައްވައްތަ ހިބާގެ ބަސްތައް އިވިފައި އުފާ ފާޅުކުރިއެވެ.
“އަސްލުވެސްތަ؟! އަޅޭ ދައްތަ ވެސް ވަރަށް އުފާވެއްޖެ. ހިބާއަށް 27 އަހަރުވެފަ ހުއްޓާވެސް ހިބާގެ ޢުމުރުގެ ހަރުދަނާ ޒުވާނަކާއި ހިބާ އިންނަން އުޅޭތީ. ނަސީބުވެރިއަކަށް ނޫނީ ތި ޢުމުރުގަ މިފަދަ ފުރުޞަތެއް ނުލިބޭނެ…” ހައްވައްތަ ހިނިތުންވުމަކާއެކީ ދެއްކި ވާހަކައަށް ހިބާ ވެސް ހިނިތުންވެލިއެއްކަމަކު ހިތާހިތުން އެ ވާހަކައަށް ރައްދެއް ދެވުނެވެ.
ޢުމުރުން ދުވަސް ހިނގާތީ އޭނަވީ ބެލުމެއްނެތި ޖެހުނު މީހަކާއެކީ ދިރިއުޅުމެއް ފަށަން ހެއްޔެވެ؟ އެފަދައިން ވާހަކަ ދައްކާ ކޮންމެ މީހަކާއި ހިބާ ކޮށްލަން ބޭނުންވާ ސުވާލަކީ އެއީއެވެ. އެފަދައިން އޭނަ ޒަވާޖީ ޙަޔާތެއް ފަށައިފިނަމަ ބޮއްސުންލައިގެން ދާނީ ހަމަ އޭނަގެ ދިރިއުޅުމެވެ. އެ ވާހަކަތައް ދައްކާ މީހުންގެ ދިރިއުޅުމެއް ނޫނެވެ.
ހިބާ އިތުރު އެއްޗެކޭ ނުބުނުމުން ހައްވައްތަ ދެންވެސް ނުހަނު ޖޯޝާއެކީ ތިމަންނަ ހަމަ މިހާރު އާތިފާއަށް ގުޅައި ޚަބަރު ދޭނަމޭ ބުންޏެވެ. ހިބާ އެންމެ ރަނގަޅޭ ބުނެ ދެން ދަނީ ކަމަށް ބުންޏެވެ. އަދި އަލްވަދާޢު ކިޔުމަށްފަހު އެގެއިން ދިޔައެވެ.
ހިބާ ގެއަށް އައިއިރު ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު އޭނަ އާދައިގެ މަތިން އެކަން ހަމްނާއަށް ފޮރުވިއެވެ. ހައްވައްތަ ދެއްކި ވާހަކައަކާމެދު ހަމްނާ ސުވާލުވެސް ނުކުރާތީ އެކަން ފަސޭހަ ކަމަކަށްވިއެވެ.
ގެއަށް އައިތަނާހެން ހަމްނާ އޭނަ ގާތުގައި ބުނީ ކުރީ ދުވަހު ހެދި ކުލާސް ޓެސްޓެއްގެ ނަތީޖާ ލިބުނު ވާހަކައެވެ. އެ ޓެސްޓުން ފުލް މާކްސް ލިބުނު ވާހަކަ ހަމްނާ ފުރިހަމަ ހިނިތުންވުމަކާއެކީ ބުންޏެވެ. ހަމްނާ އުޖާލާވި މޫނަކާއެކީ އެ ވާހަކަ ބުނުމުން ހިބާ ވެސް ހިނިތުންވެލަމުން މަރުޙަބާ ކިޔުނެވެ. އެއާއިއެކު ހަމްނާ ހިބާ ކުރި ވަޢުދެއްގެ މަތިން ހަނދާން ކޮށްދިނެވެ. އެ ޓެސްޓުން ފުލް މާކްސް ލިބިއްޖެނަމަ ކެއުމެއް ދިނުމަށް ހިބާ ވަނީ ޝަރުޠުކޮށްފައެވެ. އެއާއެކު ހިބާ އެންމެ ރަނގަޅޭ ބުނަމުން ކޮޓަރިއަށް ވަދެގެން ދިޔައެވެ.
އެރޭގެ ޢިޝާ ނަމާދަށްފަހު ހިބާއާއި ހަމްނާ އެކީގައި ވަނީ ބަދިގެއަށެވެ. ބޭރު ތަނަކުން ކެއުމަށްވުރެ ވެސް ހަމްނާއަށް އެންމެ މީރީ އޭނަގެ ދޮންތަ ކައްކައިދޭ ނޫޑޫލްސްއަށް ވުމުންނެވެ. ހިބާ ކެއްކުމުގެ މަސައްކަތް ފެށިއިރު ހަމްނާ ފުރިޖުގައި އޮތް އަންނާރެއް ނަގައި އަންނާރު އޮށްތައް ނައްޓަން ފެށިއެވެ. ރޭގަނޑުގެ ކެއުންތަކަށްފަހު މޭވައެއް ކެއުމަކީ ބައެއް ރޭރޭ ދެމީހުން ކުރާ ކަމަކަށްވާތީވެއެވެ.
ކެއްކުމުގެ ވާހަކަތަކަށްފަހު އިރުކޮޅެއް ވަންދެން ދެމީހުންގެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އިރުކޮޅެއް ވަންދެން އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކެއްކުމުގެ ބައި ނިމެންދެން ވާހަކައެއް ނުދެއްކޭނެހެން ހިބާއަށް ހީވި ވަގުތު ހަމްނާ ވާހަކަ ދެއްކިއެވެ.
“ދޮންތާ…..” ހަމްނާ ގޮވައިލީ ދިގުކޮށެވެ.
“ހުމް….” ހިބާ ވަކި ހަމްނާއަށް ބަލައިލުމެއްނެތި ބުންޏެވެ. ހަމްނާ ގޮވައިލި ރާގުން، މި އަންނަން އުޅެނީ މިއަދު މެންދުރު އޭނަ ހަމްނާއާއި ކުރި ސުވާލުގެ ޖަވާބުކަން ހިބާއަށް އެނގުންވިއެވެ.
“ޔޫ ނޯ ދެއާރ އިޒް ދިސް ގާއި ދޯ؟ ބުނީމެއްނު ދޮންތަ ކައިރި މީގެ ޓޫ މަންތްސް ކުރިން ހަމްގެ ކްލާހަށް ޖޮއިން ކުރި ކުއްޖެކޭ؟”
“ހުމް….ދަ އެރޮގެންޓް ޖާރކް؟”
“ނޫނޭ ނޫނޭ ހީޒް ނޮޓް އެރޮގެންޓް….އައި މީން ޔެސް ކުޑަކޮށް ދޯ. ފަސްޓް ޑޭ ގަ އޭނަ އަވި އައިނެއް އަޅައިގެން ކުލާހަށް އައި ގޮތުންނާއި އެއްޗެހި..މޭއިބީ އޭނަ ކުޑަކޮށް ޗޭންޖް ކަންނޭނގެ މިހާރު. އައި ފައިންޑް ހިމް ވެރީ ހޭންޑްސަމް އަސްލު. އައި ތިންކް ހީ ލައިކްސް މީ. ކުލާސް ކުދިން ވެސް މިހާރު ވަރަށް އަޅުވައި ކިޔާ. ދެން ހަމް އަސްލު އިގްނޯ ކުރީދޯ އެ ހުރިހާ ކަމެއް….އެކަމަކު މިއަދު އޭނަ….އަނެއްހެން ކޮންފެސް ކުރީ….އިންޓަވަލް ގަޑީގަ އޭނަ އަހަރެން ކުރިމައްޗަށް އައި ވަގުތު ކޮންމެވެސް ފިރިހެން ކުއްޖަކު އެންމެންނަށް އިވޭވަރަށް އެހީ ހަމްނާ ލައިކްވޭ ހެއްޔޯ. ދެން އޭނަ އަހަންނަށް ބަލައިލާފަ ‘މޭއިބީ’ އޭ ކިޔާފަ ވިންކްކޮށްލާފަ ދިޔައީ. އިޓް ވޯޒް……” ހަމްނާ އެހާ ހިސާބަށް ވާހަކަ ދައްކާފައި ތޫލި އަޑެއް ލެއްވިއެވެ.
ހަމްނާ އެންމެ ފަހުން ބުނެލި ވާހަކަތައް އިވިފައި އެ ފިރިހެން ކުއްޖާއަށްވީ ފޫއްސެވެ. އެންމެ ފުރަތަމަ ދުވަހުވެސް ހަމްނާ އެ ފިރިހެން ކުއްޖާ ސިފަކޮށްދިން އިރު ހަމްނާއަށް އެ ވަރުގެ ކަމެއްނެތެވެ. އެ މިޒާޖުގައި ހުރި ކިބުރުވެރިކަން ވެސް ހަމްނާއަށް ފާހަގަވީ ހިބާ ފާހަގަކޮށްދިނުމުންނެވެ. ހަމްނާއަށް ކަމުދާ ކުއްޖަކީ ރަނގަޅު ކުއްޖަކަށް ވުމީ ހިބާގެ ވެސް އުއްމީދެވެ. އޭނައަށް އިންނާނެ މީހަކު ނުލިބުނަސް ހަމްނާއަށް ރަނގަޅު ޒަވާޖީ ޙަޔާތެއް ލިބުމަކީ ހިބާ ދެކޭ ހުވަފެނެކެވެ. ހަމްނާއަށް ރަނގަޅު ކުއްޖަކު ކަމުގޮސްފިނަމަ ޚުދު އޭނަ އަމިއްލައަށް ރީތި ގޮތުގައި އެ ގުޅުން ކުރިއަށް ގެންދިޔުމަށް އެހީވުމަކީ ވެސް ހިބާގެ ނިޔަތެކެވެ.
ހަމްނާ އެ ފިރިހެން ކުއްޖާގެ ވާހަކަ ދެއްކި ފުރަތަމަ ދުވަހުއްސުރެ ވެސް އެ ސްކޫލްގައި އުޅޭ އެހެން މުދައްރިސަކަށް ގުޅައިގެން އެ ފިރިހެން ކުއްޖާއާއި މެދު އިތުރު މަޢުލޫމާތުތަކެއް ހިބާ ހޯދީ އެހެންވެއެވެ. އަދި ނުވިތާކަށް އެ ފިރިހެން ކުއްޖާ އުޅޭ ހިސާބުގަނޑެއް ހޯދައި އުޅޭ ގޮތް ބެލިއެވެ. އެ ހޯދިހޯދުމުން އެއީ އެހާ ރަނގަޅު ކުއްޖެއް ނޫންކަން ހިބާއަށް އެނގުނެވެ. އެކުވެރިންނާއެކީ ސިނގިރޭޓި ބޮއި ރޭގަނޑު ދަންވަންދެން ގެއަށް ނައިސް އެ ކުއްޖާ ހުރެއެވެ. އެހެނަސް މި ވާހަކަތައް ހިބާ ހަމްނާއަށް ކިޔައިދީފައެއް ނުވެއެވެ. ހަމްނާގެ ވާހަކަތަކުން އެ ފިރިހެން ކުއްޖާގެ ސޯޝަލް މީޑިއާއިން ވެސް މި ބާވަތުގެ ކަންތައް ނުފެންނާތީ ހަމްނާ އޭނައަށް އިތުބާރު ނުކުރާނެހެން ހީވީތީވެއެވެ.
“ދެން؟ ދެން ހަމް ނިންމަނީ ކީއްކުރަން؟” ހިބާ އުނދުނުގެ ހުޅު ކުޑަކޮށްލަމުން ހަމްނާއާއި ދިމާލަށް އެނބުރިލިއެވެ. ފިރިހެން ކުއްޖަކާއި ރައްޓެހިވުމުގެ ފަތުވާއެއް ދިނުމުގެ ބަދަލުގައި ހަމްނާއަށް އެއްޗެއް ވިސްނައިދޭން ޚިޔާލު ކުރަމުންނެވެ.
“ދެން….އައި ގެސް އައި ވިލް ވެއިޓް. އޭނަ އަންނާނެތާ އިފް ހީ ރިއަލީ ލައިކްސް މީ…..” ހަމްނާ ބުންޏެވެ.
“އިފް؟ ތި ‘އިފް’ އަކަށް ބަރޯސާވެގެން ހަމްގެ އިޙްސާސްތައް ތި މީހަކަށްޓަކައި ރިސާވްކޮށްފަ ބަހައްޓާނީ؟ ޑަޒް ދެޓް އިވެން މޭކް ސެންސް؟ އަދި އޭނަ ބުނީ ކީކޭ؟ މޭއިބީ އޭ؟ މޭއިބީ މައި ފުޓް! ޔޫ ޑިޒާވް ބެޓާ ދޭން މޭއިބީ އެންޑް އިފް. ހަމްއަށް ޙައްޤުވަނީ ހަމްއަށް ޔަޤީންކަން ދޭނެ މީހެއް. އެއީ ދޮންތަ ދެކޭ ގޮތް.” ހިބާ ސާބިތުކަމާއެކީ ބުންޏެވެ. އެ ހިނދު ހަމްނާގެ ހިނިތުންވުން ފިލައި އެ މޫނުމައްޗަށް ސީރިއަސްކަން ވެރިވެފައިވިއެވެ.
“ޔޫ އާ ރައިޓް ދޮންތާ….އެހެންވީމަ އޭނައާއިމެދު އިތުރަށް ހޯދައިގެން އެއީ ކޮންކަހަލަ މީހެއްތޯ ހޯދަންވީދޯ؟ ފަހަރެއްގަ އެކަހަލަ ޔަޤީންކަމެއް ނެތް ޖަވާބެއް ދިނުމުގެ ފަހަތުގަ ސަބަބެއްވެސް އޮވެދާނެއެއްނު؟” ހަމްނާ ދެންވެސް ދިފާޢުކުރީ އެ ފިރިހެން ކުއްޖާއެވެ. އެހިނދު ހިބާއަށް ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. އެ ވަރުބަލިކަމާއެކީ ރުޅިވެރިކަން އިސްކޮށް އެ ފިރިހެން ކުއްޖާގެ ޙަޤީޤަތް ހާމަކުރަން ހިތަށްއެރިއެވެ. އެހެނަސް އެވަގުތަށް ރުޅިވެރިކަން ހިންދައިލީ އެހެން ހަދައިފިނަމަ ހަމްނާ މާ ބޮޑަށް ދެރަކުރެވިދާނެތީވެއެވެ. އަދި އެ ހިތާމައިގެ ސަބަބުން ހަމްނާ އޭނައަށް ރުޅިވެސް ވެދާނެތިވެއެވެ.
“އެންމެ ރަނގަޅު ހަމް…..ހަމް ބޭނުންގޮތެއް ހަދާ. ކަމެއް ދިމާވިއްޔާ ނޯ ދެޓް އައިމް އޯލްވޭސް ދެއާރ ފޯ ޔޫ.” ހިބާ ބުންޏެވެ.
“އައި ނޯ ދޮންތާ. ދެޓްސް ވާއި އައި ލަވް ޔޫ…” ހަމްނާ ހިނިތުންވުމެއް ފަތުރައިލަމުން ބުންޏެވެ.
“އައި ލަވް ޔޫ ޓޫ….ދެން ހިނގާ ނޫޑޫލްސް ކަމާ ދޯ؟ ސިޓިންގް ރޫމަށްދާނީ ދޯ؟” ހިބާ މަޢުޟޫ ބަދަލުކޮށްލީ މޫޑު ބަދަލުކޮށްލުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. ހަމްނާވެސް ދެން ސަމާލުކަން ދިނީ ނޫޑޫލްސް ތަށިތަކަށް އެޅުމަށެވެ.
އޭގެ މިނެޓްތަކެއް ފަހުން ހަމްނާއާއި ހިބާ ތިބީ ސިޓިންގް ރޫމުގައި ހުރި ކުޑަ މޭޒުމަތީގައި ތަށިތައް ބަހައްޓައިގެން ޓައިލްސް މަތީގައި އިށީނދެގެން ކާށެވެ. ކާން ތިބިއިރު ހަމްނާ ޓީވީއިން އެކި ޗެނަލްތައް ބަދަލުކުރަމުން ދިޔައީ ރަނގަޅު އެއްޗަކާއި ދިމާވޭތޯ ބެލުމަށެވެ. ބަދަލުކުރަމުން ދަނިކޮށް ދިވެހި ޗެނަލަކާއި ދިމާވި ވަގުތު ‘ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން’ އޭ ކިޔުނު އަޑަށް ހިބާއަށް ހަމްނާގެ އަތުގައި ހިފައިލެވުނެވެ. ހަމަ އެވަގުތު ޗެނަލް ބަދަލުވުމުން އަނެއްކާ އެ ޗެނަލް ޖެއްސުމަށް ހިބާއަށް އަވަސްއަވަހަށް އެދެވުނެވެ. އެއާއިއެކު ހަމްނާ ތުންއޫކޮށްލަމުން އެ ޗެނަލް އެޅުވިއެވެ.
ހިބާއަށް ހީވި ފަދައިން އެ ޕްރޮގްރާމަށް އަރާފައި ހުންނެވީ އިންސްޓިޓިއުޓްގެ ބޭފުޅެކެވެ. ހިބާ ޙަޤީޤަތުގައި އެއިން ދެކެވޭ ވާހަކައެއް އަޑުއަހަން ބޭނުންވީ މީގެ ހަފްތާތަކެއް ފަހުން އޮތް ކޮންފަރެންސްގެ ވާހަކަ އެއިން އިވޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެއިން އިވެން ފެށީ އެއަށްވުރެ ވެސް ޝައުޤުވެރި ވާހަކަތަކެވެ.
“މި އެޕްލިކޭޝަންތަކަކީ ފައުންޑޭޝަން ސްޓޭޖް އަދި ކީ ސްޓޭޖް 1 ގެ ކުދިންނަށް ވަރަށް ފައިދާހުރި އެޕްލިކޭޝަންތަކަކަށްވާނެ. ވަކިން ޚާއްޞަކޮށް ތާނަ އަކުރުތައް ލިޔަން އުދަގޫވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފައިދާކުރާނެ ކަމަށް ބެލެވޭ.” އެ ބޭފުޅާ ދެންނެވިއެވެ.
“ތި އިންސްޓިޓިއުޝަނުން އެދިލައްވައިގެންތޯ ދިވެހި ބަހަށް ޚާއްސަކޮށް ސްވިޓްޒަލޭންޑްގެ ވިންޓޭޖް ޓެކްނޮލޮޖީސް ކުންފުނިން މި އެޕްލިކޭޝަންތައް ތި އިންސްޓިޓިއުޓާއެކީ ހަދަން ފެށީ؟” އިންޓަވިއުކުރަން އިން އަންހެން ކުއްޖާ ސުވާލުކުރިއެވެ.
“ނޫން އިނގޭތޯ؟ ކުރިން ވެސް ދެންނެވި ފަދައިން އެ ކުންފުނިން އިސްނަގައިގެން ނެގި އިނީޝިއޭޓިވްއެއް މީ. އެ ކުންފުނީގެ ޗީފް ޑައިރެކްޓާރ، މިސްޓާރ އިސްމާޢީލް އީތަންއަކީ ސްވިޓްޒަލޭންޑްގެ ރަށްވެހިކަން ހޯއްދަވާފައިވާ ދިވެއްސެއް. އެ ޤައުމުގަ އުޅުއްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވިޔަސް ދިވެހި ބަހަށް ލޯބިކުރައްވާ ވާހަކަ އެ ބޭފުޅާ ދެންނެވީ. މިސްޓާރ އީތަން އަމިއްލަފުޅަށް ތައްޔާރުކުރައްވާފައިވާ ދިވެހި ފޮންޓެއް އެޕްލިކޭޝަންތަކުގަ ހުންނާނީ ވެސް.” އެ ބޭފުޅާ ކިޔައި ދެއްވިއެވެ.
“ވޯހް! ސްވިސްގަ 10 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ދިވެހި ބަސް ހަނދާން ނުނެތެނީތަ؟ އަމޭޒިންގް! އަހަރުމެން މިއުޅެނީ މިކޮޅުގަ އުޅޭއިރުވެސް ހަނދާން ނެތޭތީ….” ހަމްނާ ވެސް ވީ ޙައިރާނެއްގައި ވާހަކަ ދެއްކިއެވެ.
ހިބާއަށް އެއަށް ރައްދެއް ނުދެވުނީ ދެންމެ ޓީވީއިން އިވުނު ވާހަކަތަކުން އޭނަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލުމުންނެވެ. ‘އަމިއްލައަށް ތައްޔާރުކުރި ފޮންޓެކޭ’ ބުނުމުން ހިބާގެ ހަނދާނަށް އައީ މާޒީގައި ކޮންމެވެސް މީހަކު އޭނަގާތު ބުނެފައިވާ ވާހަކައެކެވެ.
ނުނިމޭ
Zaeyn...
June 5, 2021 @ 5:37 am
woww.. v salhi ingey mi part vx.. waiting 4 next part curiously.. be safe n lysm sis
Jana
June 6, 2021 @ 9:43 am
Alhamdhulillah! Next part Wednesday ga In Sha Allah. Love you too. Be safe! <3 <3 <3
Aayaa
June 5, 2021 @ 6:35 am
woww ma sha Allah.. v salhi story. waiting for the next part. ehen v ma ekkala robot gengulhun boy dhw eii. v interesting ingey. stay safe. may Allah bless you❤❤❤😍🥰
Jana
June 6, 2021 @ 9:45 am
Ehen dho heevany Aayaa. Ekamaku robot gengulhunu kujjaage robot keevvebaa ‘Dhaaris’ oa liyuny? *curious* Balamaa dho Aayaa. Keep reading to find out 😉
Nonni
June 5, 2021 @ 1:20 pm
Maashaa Allah varah reethi vaahaka eh
Abadhuves Jana sis ge stories liyan.
Keep it up
Nonni
June 5, 2021 @ 1:21 pm
Maashaa Allah varah reethi vaahaka eh
Abadhuves Jana sis ge stories kiyan.
Keep it up
Jana
June 6, 2021 @ 9:46 am
Alhamdhulillah! Jazaakillah Khairan for the support! <3 <3 <3
Nonni
June 5, 2021 @ 1:22 pm
Maashaa Allah v reethi mi vaahaka ves keep it up.. stay safe sis
Jana
June 6, 2021 @ 9:47 am
Stay safe you too! <3
Jana
June 5, 2021 @ 5:03 pm
Salaam hurihaa kiyuntherin. <3 In Sha Allah maadhamaa jana comment thakah reply kohdheynan. Adhi mi vaahaka aa gulhey furathama post thah site ga update koh comment thakuga link share kohdheynan. Hurihaa kiyuntherinnah baajjaveri reygandakah edhen <3
Jana
June 6, 2021 @ 9:48 am
Mi part aai gulhun huri post thah:
English post:
https://storiesbyjana.com/million-dollar-question-when-are-you-getting-married/
Dhivehi post:
https://storiesbyjana.com/million-dollaruge-suvaalu/
Nymph
June 8, 2021 @ 4:54 pm
Achaa Ethan 🥰🥰🥰vv reethihen heevey reethi story eh Masha Allah…love it stori s