Qiyaamaiy dhuvahu Rasool (SAW) kuravvaane shakuvaa
ޤުރުއާން ބާވައިލެއްވުނީ އަޅުގަނޑުމެން އެންމެންގެ ހިދާޔަތަށްޓަކައެވެ. އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދައްކުވައިދޭނެ ނޫރެއްގެ ގޮތުގައެވެ. ހެވާއި ނުބައިގެ ފަރަޤު ބަޔާންކޮށްދޭ ސަމުގާއެއްގެ ގޮތުގައެވެ.
އަޅުގަނޑުމެންނަށް ހިތްތިރިކަން ދަސްކޮށްދެއްވުމަށް ބާވައިލެއްވި އެ ފޮތުގެ ޢިލްމު އުނގެނުމުން އަޅުގަނޑުމެން ކިބުރުވެރިވެގެން ގޮއްސިނަމަ އެއީ ކިހާ ބޮޑު ހިތާމަވެރިކަމެއް ހެއްޔެވެ؟ އެންމެން އެކީގައި ތިބެ އެ ފޮތް ކިޔެވޭ އެއްވުމެއްގައި ތިބޭ މީހުންގެ ހިތްތަކުގައި ހިނގާހާވެސް ކަންތަކަކީ ޙަސަދަވެރިކަމާއި ނަފްރަތަށް ވެއްޖެނަމަ ކިހާ ދެރަ ހެއްޔެވެ؟ އެ ފޮތް ކިޔަވާ ގިނަ މީހުންނަކީ އެ މޫރިތި އާޔަތްތަކުގެ މާނަ ނޭނގޭ ބަޔަކަށް ވުމަކީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟ އެ ފޮތަކީ މުޅި މި ދުނިޔެ ބަދަލުކޮށްލާނެ ފޮތަކަށް ވީ ހިނދު ޚުދު އެ ފޮތުގެ އަހުލުވެރިންނަށް ވެސް އެއިން ދެކެވޭ ވާހަކަތައް ނޭނގުމަކީ ކިހާ ބޮޑު ބަދުނަސީބެއް ހެއްޔެވެ؟
ސޫރަތުލް ފުރްޤާންގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا
“އަދި ރަސޫލާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން ތިމަންއަޅާގެ ޤައުމުގެ މީހުން މި ޤުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއް ކަމުގައި ހަދައިފިއެވެ.” ސޫރަތުލް ފުރްޤާން، 30
ޤިޔާމަތް ދުވަހު ރަސޫލާ (ޞ.ޢ.ވ) މި ޝަކުވާ ދަންނަވާނީ ޤިޔާމަތް ދުވަހުގައެވެ. ޤިޔާމަތް ދުވަހު މި ބަސްތަކަކީ ބިރުވެރި ބަސްތަކަށް ވާނެއެވެ. އެހެނަސް ރަސޫލާ (ޞ.ޢ.ވ) ވިދާޅުވާނެ މި ބަސްތަކުގެ ތެރޭގައިވި ހިތާމަވެސް ތިބާގެ ހިތަށް ގެންނާށެވެ.
މި ޤުރުއާން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވުމަށްޓަކައި އެކަލޭގެފާނު ކުރިމަތިލެއްވި ކަންތައް ހިތަށް ގެންނާށެވެ. މި ޤުރުއާން އަޅުގަނޑުމެންނާއި ހަމައަށް ނުފޯރަފާނެތީ އެކަލޭގެފާނު ކުރެއްވި ފިކުރު ހިތަށް ގެންނާށެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ލިބިވަޑައިގަތް އަނިޔާތަކާއި މި ޤުރުއާން އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދިނުން ޔަޤީން ކުރެއްވުމަށްޓަކައި އެބޭކަލުން ވެދެއްވި ޤުރުބާނީ ހިތަށް ގެންނާށެވެ.
މިއަދު އަޅުގަނޑުމެންގެ އަތުގައި އެ ޤުރުއާން ވަނީ އެ ޤުރުބާނީ ތަކުގެ ސަބަބުންނެވެ. އެހެނަސް އަޅުގަނޑުމެން ޤުރުއާނަށް ސަމާލުކަން ދިނަސް ސަމާލުކަން ދެވެނީ ހަމައެކަނި ތަޖުވީދަށެވެ. އަނެކާއަށްވުރެ ތިމަންނައަށް ޤުރުއާން ރީއްޗަށް ކިޔެވެއޭ ބުނެވޭތޯއެވެ. އަނެކާއަށްވުރެ ގިނައިން ސޫރަތްތައް ހިތު ދަސްކޮށް އެހެންނޫނީ ރަމަޟާން މަހު ގިނައިން ޚަތިމްތައް ކުރެވުނު ވާހަކަ ބުނެވޭތޯއެވެ.
މި ފޮތަކީ އަޅުގަނޑުމެންގެ ހިދާޔަތަށްޓަކައި ބާވައިލެއްވުނު ފޮތެއްކަމާއިމެދު އަޅުގަނޑުމެން ނުވިސްނަމެވެ. އެ މޫރިތި އާޔަތްތަކުން މާތް ﷲ އަޅަމެންނަށް އަންގަވާފައިވަނީ ކޮން ވާހަކަތަކެއްތޯ ދެނެގަންނަން މަސައްކަތެއް ނުކުރަމެވެ. އަދި ކުރިއަށް އޮތް ޖީލަށްޓަކައި އެ ވާހަކަތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި މެދު ނުވިސްނަމެވެ.
މިކަން ބަދަލުކުރަމާ ހިނގާތޯއެވެ. ޤުރުއާނަށް ޙައްޤުވެގެންވާ ސަމާލުކަން އެއަށް ދެމާތޯއެވެ. ހަމައެކަނި ޤުރުއާން ރީއްޗަށް ކިޔަވައި ހިތުދަސްކުރުމުގެ އިތުރަށް އެ އާޔަތްތަކާއި މެދު ވިސްނައި ފިކުރުކުރަމާތޯއެވެ. އަދި އެއާއި އެއްގޮތަށް ޢަމަލުކޮށް ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ޤުރުއާނުގެ ޢިލްމު ފޯރުކޮށްދެމާ ހިނގާށެވެ.
މާތް ﷲ އަޅަމެންނަކީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!