ސުވަރުގޭގެ ނިޢުމަތްތަކުގެ ގިނަކަން އިޙްސާސްކުރަން ބޭނުންހެއްޔެވެ؟
ސުވަރުގޭގައި ތަޤްވާވެރިންނަށް ލިބޭނެ ނިޢުމަތްތަކުގެ ވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްޞިލަތު ސޫރަތުގައި ކިޔައިދެއްވޭފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ:
وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ
“އަދި ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.” ސޫރަތް ފުއްޞިލަތު، 31
މި އާޔަތުން އެނގޭ ކަންތައް ފުދޭވަރަކަށް ސާފެވެ. މި އާޔަތުން އެނގިގެންދަނީ ސުވަރުގޭގައި އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއް ލިބޭނެކަމެވެ. އަދި މި ދުނިޔޭގައި ނުފެންނަ މުޅިން އާ ކަމެއް ސުވަރުގެއިން ފެނުނަސް އެކަމެއް ބޭނުންވެގެން އެދިއްޖެނަމަ އެކަމެއް ވެސް ލިބޭނެކަމެވެ.
މިއީ ވަރަށް ބޮޑު ނިޢުމަތެއްހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް ޖެހިގެން އޮތް އާޔަތާއި މެދު ވިސްނާލުމުން ތިބާ އަޖާއިބުވާނެއެވެ. ދެން އޮތް އާޔަތުގައި ﷲ ވަޙީކުރައްވަނީ:
نُزُلًا مِّنْ غَفُورٍ رَّحِيمٍ
“ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލެއްގެ ފަރާތުން މެހުމާންދާރީ (نُزُلًا) އެއްގެ ގޮތުގައެވެ.”
نُزُلا ޢާއްމުގޮތެއްގައި މާނަކުރެވެނީ ‘މެހުމާންދާރީ’ ގެ ގޮތުގައެވެ. މި ބަހުގެ މާނައިގެ ތެރޭގައި ‘ތިރިއަށް އައުން’ ވެސް ހިމެނެއެވެ. އެހެނީ ކުރީ ޒަމާނުގައި ޢަރަބިން އެއްގެއިން އަނެއްގެއަށް ނޫނީ އެއްތަނުން އަނެއްތަނަށް ގޮސް އުޅުނީ އަސް ނޫނީ ޖަމަލުގައެވެ. އަދި ގެއަކަށް އާދެވުމާއެކު ‘ތިރިއަށް އަންނަން’ ޖެހެއެވެ. އެހެންކަމުން ތިރިއަށް އައުމަށްފަހު އެހެންނޫނީ ގެއަކަށް އައުމާއެކު އެގޭގެ މީހުން ކޮށްދޭ ކަމަކަށް ކިޔާނީ نُزُلا އެވެ. އެއީ ފެންތަށްޓަކަށް ވިޔަސް ނޫނީ ކުޑަ ކާއެއްޗަކަށް ވިޔަސްމެއެވެ. މައިގަނޑު ނުކުތާއަކީ އެގެއިން ތިބާއަށް ލިބޭނެ ހަމައެކަނި އެއްޗަކީ އެއީއެއް ނޫންކަމެވެ. އެހެނެއްކަމަކު نُزُلا އަކީ ތިބާއަށް އެގެއިން ލިބެން އުޅޭ ކާއެއްޗެހީގެ ނޫނީ އެހެނިހެން ޚިދުމަތްތަކެއްގެ ވެސް ފެށުމެވެ.
އަޅުގަނޑުގެ އެކުވެރިއަކު نُزُلا ސިފަކުރަނީ ‘ވެލްކަމް ޑްރިންކް’ އެއްގެ ގޮތުގައެވެ. އެހެނީ ވެލްކަމް ޑްރިންކަކީ 5 ތަރީގެ ހޮޓަލަކަށް ނޫނީ ރިސޯޓަކަށް ފުރަތަމަ ދާއިރު ދެވޭ ފުރަތަމަ މެހުމާންދާރީއެވެ. އެ ވެލްކަމް ޑްރިންކަކީ ތިބާއަށް އެ ރިސޯޓްއިން ލިބެން އުޅޭ ޚިދުމަތްތަކުގެ ފެށުމެވެ. އެ ބުއިމުގެ އިތުރުން ތިބާއަށް ރިސޯޓްއިން އެތައް މީރު ކެއުންތައް ކައި، ރީތި މަންޒަރުތައް ފެނި އަދި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
އެހެންކަމަށްވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އާޔަތުގައި ވަޙީކުރައްވަނީ ކީކޭ ހެއްޔެވެ؟ އެކަލާނގެ އެ ވަޙީކުރައްވަނީ އަޅުގަނޑުމެންގެ ނަފްސުތައް އެދޭ ކަންތަކާއި އަދި އޭގެ އިތުރަށް ވެސް ސުވަރުގޭގައި އަޅަމެން އެދޭނެ ކަންތައްތަކަކީ ހަމައެކަނި نُزُلا އެއް ކަމެވެ. ސުވަރުގޭގައި އަޅުގަނޑުމެންނަށް ލިބޭނެ ހަމައެކަނި އެއްޗަކީ އެއީއެއްނޫނެވެ. އެހެނެއްކަމަކު އެއީ މުއުމިނުންނަށްޓަކައި ﷲ ތައްޔާރު ކުރައްވާފައިވާ ނިޢުމަތްތަކުގެ ފެށުމެވެ. ދެން ހުރި ނިޢުމަތްތައް އަދި ލިބުން އޮތީ އެކަމަށްފަހު ކުރިއަށެވެ. އެހެންކަމުން މީގެ މާނައަކީ ސުވަރުގެއާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް އިވިފައިވާ ގިނަ ވާހަކަތަކަކީ އެ ފުރަތަމަ މެހުމާންދާރީގެ ތެރޭގައި ހިމެނޭ ކަންތަކެއްކަމެވެ. ސުބްޙާނަ ﷲ! މިއިން އަޅުގަނޑުމެންނަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ މި ޙަދީޘް ދޭހަކުރެވޭނެއެވެ. ސުވަރުގެއަކީ އެއްވެސް ލޮލަކަށް ފެނިފައި ނުވާ އަދި އެއްވެސް ކަންފަތަކަށް އިވިފައި ނުވާ އަދި އެއްވެސް ހިތެއްގެ ޚިޔާލަކަށް އައިސްފައި ނުވާފަދަ ތަނެކެވެ.
މާތް ﷲ އަޅަމެންނަކީ އެ ސުވަރުގެއަށް ޤާބިލު ބަޔަކު ކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި