ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ސޯޅަވަނަ ބައި)
ގޮތް ހުސްވެގެން ކުރެވޭ އާދޭހެއް!
އަޅުގަނޑުމެން މިހާރު ބަލައިލާފަ ހުންނާނެ ފަދައިން ނަމާދުގެ ކޮންމެ ޙަރަކާތެއްގައި ވެސް ވަކި ޚާއްޞަކަމަކާއި މުހިއްމު ކަމެއްވެއެވެ. އަޅުގަނޑުމެން ނަމާދުގެ އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ދާ ކޮންމެ ފަހަރަކު އެ ދެވެނީ މުޅިން ތަފާތު އަދި އާ މަންޒަރަކަށެވެ. މި ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސިކުނޑިތަކަށް ސަމާލުކަން ދޭން ފަސޭހަވެ، އަޅުގަނޑުމެން ކިޔަވާ ބަސްތަކުން ޢިބްރަތް ލިބިގަންނަން އެހީއަކަށްވެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ނަމާދު ނިމެންދެން އަޅުގަނޑުމެންގެ ހިތްތަކަށް ވެސް އެހެން ޚިޔާލުތަކުން ދުރުވެ ނަމާދުގައި ޤާއިމުވެ ތިބުމަށް އެހީއަކަށްވެއެވެ. އެ ހިތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކައި ވާ ބަދަލުވަމުންދާ އިޙްސާސްތަކާއި ޖަޒުބާތުތަކާއި އެކީ ދިރި ހުރެއެވެ. ލޯތްބާއި، އުއްމީދާއި، ބިރުވެތިކަމާއި ޚުޟޫޢަތްތެރިކަމުގެ އިޙްސާސްތަކުންނެވެ.
އަޅުގަނޑުމެންނަށް މިއަދު މި ދެވޭ މަޤާމަކީ އަޅުގަނޑުމެންގެ ހިތްތަކުގައި އިންތިހާ ދަރަޖައިގެ ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަން އުފެދެން ޖެހޭނެ މަޤާމެކެވެ. މިއީ ޤިޔާމަތް ދުވަހު މީހުން އެ މަޤާމެއްގައި ތިބޭނެ މަޤާމެކެވެ.
“އަދި ކޮންމެ އުއްމަތެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާއަށް ފެންނާނެއެވެ. ކޮންމެ އުއްމަތެއް އެ އުއްމަތެއްގެ (ޢަމަލުތަކުގެ) ފަތުގެ ކައިރިއަށް ގޮވައި ގެންނަވާނެއެވެ. (އަދި އެބައިމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެއެވެ. މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް ޙައްޤު ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތައް (މަލާއިކަތުން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.” سورة الجاثية، 28-29
މި ދުނިޔޭގައި މި މަޤާމަކީ މީހެއްގެ މަރުގެ ޙުކުމް އިއްވިގެންދާ ހިނދު އެމީހަކު ހުންނަންޖެހޭ ބިރުވެރި މަޤާމެވެ. މީހަކު ގޮތް ހުސްވެފައިވާ ޙާލު މަޢާފަށް އެދި، އެހީތެރިއަކަށް އެދެމުންދާނެ މަޤާމެވެ. އެއީ ތިބާގެ ކަކޫ މައްޗަށް ތިރިވެ ދެ ސަޖިދަ ދެމެދުގައި އިނުމެވެ.
މި މަޤާމުގައި އަޅުގަނޑުމެން ކިޔަން ޖެހޭ ބަސްތަކަކީ ކޮބައިހެއްޔެވެ؟ رَبِّ غْفِرْلِي (ޔާ ރައްބެވެ! މި އަޅާގެ ފާފަ ފުއްސަވާނދޭވެ!) މި ބަސްތައް ނޫން އެހެން ބަސްތަކެއް ނޫނެވެ. ދެ ފަހަރެވެ. ތިން ފަހަރެވެ. ހަތަރު ފަހަރެވެ. އެހެންނޫނީ އެއަށްވުރެ ވެސް ގިނައިންނެވެ. ﷲ ނަހީ ކުރެއްވި ކަންތަކަށް އަރައިގަނެ އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް އަނިޔާ ދިނީ ކިތައް ފަހަރު ހެއްޔެވެ؟ ފުރިހަމަ އަޅުވެތިކަމާއި އެހީތެރިކަމެއް ނެތް މި މަޤާމަކީ ﷲ ގެ ފުއްސެވުމަށް އެދެންވީ ވަގުތެވެ. ރަސޫލާ ﷺ ސަޖިދައިގައި ހޭދަކުރައްވާ ވަގުތާއި އެއްވަރަށް މި މަޤާމުގައި ވެސް އިންނަވައެވެ. ﷲ ގެ ފުއްސެވުމަށް އެދިވަޑައިގަންނަވަމުން މި ދުޢާ ކުރައްވަމުންނެވެ. اللّهُمَّ اغْفِرْ لِيْ وَارْحَمْنِي وَاهْدِنِيْ وَاجْبُرْنِيْ وَعَافِنِي وَارْزُقْنِي وَارْفَعْنِي (ޔާ ﷲ! މި އަޅާގެ ފާފަ ފުއްސަވާނދޭވެ! މި އަޅާއަށް ރަޙްމަތް ލައްވާނދޭވެ! މި އަޅާއަށް ހިދާޔަތް ދެއްވައި މި އަޅާ އިތުރަށް ރަނގަޅު ކޮށްދެވާނދޭވެ! މި އަޅާއަށް ރަނގަޅު ޞިއްޙަތެއް ދެއްވައި، މި އަޅާއަށް ރިޒުޤު ދެއްވައި އަދި މި އަޅާގެ މަޤާމް މަތިވެރި ކޮށްދެއްވާނދޭވެ!) މި ދުޢާގައި އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން މި އެދެނީ މި ދުނިޔޭގެ ރިޒުޤަށެވެ. އަދި ހަމަ އެހެންމެ އާޚިރަތުގެ ވެސް ރިޒުޤަށެވެ.
އާޚިރަތް ދުވަހު މަޚްލޫޤުން ބިރުވެރިކަމާއިއެކީ ހިސާބު ބެއްލެވޭނެ ވަގުތަށް މަޑުކޮށްގެން ތިބޭ ހިނދު، ރަސޫލާ ﷺ ﷲ ގެ ޢަރުޝިކޮޅުގެ ކުރިފުޅުމަތީގައި ދިގު ސަޖިދައެއް ކުރައްވާނެއެވެ. ﷲ އަށް ޙަމްދު ޘަނާ ދަންނަވަމުން، ދުޢާ ކުރައްވަމުން، ކީރިތި ކުރައްވަމުންނެވެ. އެކަލޭގެފާނު ކީރިތި ކުރައްވަނީ އެކަލޭގެފާނުގެ އުއްމަތަށްޓަކައެވެ. ﷲ މި ފަދައިން ވަޙީ ކުރައްވާ ވަގުތާއި ޖެހެންދެނެވެ. “މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އިސްއުފުއްލަވައި ލައްވާށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތުން އެދިވަޑައިގަންނަވާށެވެ. އޭރުން އެކަމެއް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ. ޝަފާޢަތްތެރިވެ ވަޑައިގަންނާށެވެ! އެ ޝަފާޢަތްތެރިކަން ޤަބޫލު ކުރެވޭނެއެވެ.” އެއާއިއެކު ރަސޫލާ ﷺ ސަޖިދައިން ތެދުވެވަޑައިގެން އަޅުގަނޑުމެންނަށް ޝަފާޢަތްތެރިވެ ވަޑައިގަންނަވާނީ މި މަޤާމުގައި އިންނަވައިގެންނެވެ. މިއިން އަޅުގަނޑުމެންނަށް ދޭހަ ކުރެވެނީ އަޅުގަނޑުމެންގެ ދުޢާތައް ސަޖިދައިގައާއި އެއަށްފަހު ވެސް ޤަބޫލުވެގެން ވާނެކަމެވެ.
ﷲ ގެ ފުއްސެވުމަށް އަޅުގަނޑުމެން އާދޭސް ކުރަމުން ދާ ޙާލު، އަޅުގަނޑުމެން ދެ ވަނަ ސަޖިދައަކަށް ދަމުއެވެ. އެހެނީ އަޅުގަނޑުމެންގެ ވެރި ރައްބާއި އަޅުގަނޑުމެން އިތުރަށް ގާތްވާން ޖެހެއެވެ. އެއް ސަޖިދައިން ނުފުދޭނެއެވެ. ކީރިތި ޤުރުއާނުގެ ފުރަތަމަ ސޫރަތް ކަމަށްވާ ސޫރަތުލް ޢަލަޤް ފެށެނީ ‘ކިޔަވާށެވެ!’ މި ބަސްތަކުން ކަމަށްވެފައި އެ ސޫރަތް ނިމެނީ ސަޖިދައަކުންނެވެ. ނަމާދުގެ ރަކުޢަތަކަށް ބަލާއިރު ވެސް، ރަކުޢަތް ފެށެނީ ކިޔެވުމަކުން ކަމަށްވާއިރު ރަކުޢަތް ނިމެނީ ސަޖިދައަކުންނެވެ.
ކޮންމެ އަޅުކަމެއްގައި ވެސް އޭގެ ވަކި ޚާއްޞަ ރީތި ކަމަކާއި ތަފާތު ރަހައެއްވެއެވެ. އެ ރީތިކަން އިޙްސާސް ކުރެވި އެ ލައްޒަތު އަޅުގަނޑުމެންނަށް ލިބިގަނެވޭނީ އުނގެނުނު މިންވަރަކުންނެވެ. ތިރީގައިވާ އާޔަތާއިމެދު ނިކަން ވިސްނާށެވެ.
“….ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟…” سُورة الزُّمَر، 9
ނުނިމޭ