ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (އަށާރަވަނަ ބައި)
ބަންގި – ބައްދަލުވުމެއްގެ އިޢުލާނެއް
އަޅުގަނޑުމެން އަދި މުޅިން އެއްކޮށް ނުއެއް ނިމެއެވެ. ބަންގިއާއި ބެހޭގޮތުން ބައެއް ވާހަކަތަކެއް ދައްކާލަމާ ހިނގާށެވެ.
ނަމާދު ޙަޤީޤަތުގައި ފެށެނީ ކިހާ ހިސާބަކުންކަން ތިބާއަށް އެނގޭ ހެއްޔެވެ؟ ތިބާ ބުނާނީ އެއީ ނަމާދު اللّه أَكْبَر ކިޔާ އިރުގައި ކަމަށް ހެއްޔެވެ؟ އެހެނަސް ޙަޤީޤަތުގައި ނަމާދު ފެށެނީ އެއަށްވުރެ މާ ކުރިންނެވެ. ނަމާދު ފެށެނީ ބަންގިއާއި ހިސާބުންނެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު އަނެއް ނަމާދަށް އިންތިޒާރު ކުރާހާ ހިނދަކު ވާނީ ނަމާދުގެ ޙާލުގައެވެ.” ބަންގިއަކީ ތިބާއާއި ﷲ އާއި ދެމެދު އޮތް ބައްދަލުވުމަށް ތައްޔާރުވުމަށް ދެވޭ ޢިޝާރާތެކެވެ. ބަންގި އިވިފައި ﷲ ހަނދުމަވުމުން ތިބާގެ ހިތަށް ޚުޝޫޢަތްތެރިކަމާއި ހިތްތިރިކަން ވެރިވާން ވާނެއެވެ. އެހެންކަމަށްވާނަމަ ތިބާ އޭރުއްސުރެ ވާނީ ނަމާދަށް ތައްޔާރަށެވެ. ނަމާދުގައި ގެންގުޅެންޖެހޭ ވިސްނުން ތިބާއަށް ގެނެވުމުންނެވެ.
ބަންގި ގޮވުމާއިއެކު ޝައިޠާނާ ވެސް ދުރުވެގެންދެއެވެ. ބަންގި އިވުމާއިއެކު ޝައިޠާނާ ރުޅިވެރިކަމާއިއެކީ ފިލައި ދާތީވެއެވެ. ތިބާ ލައްވާ އެހެނިހެން ޚިޔާލުތައް ކުރުވަން ޝައިޠާނާ ނެތްކަން ހަނދާންވުމުން، ނަމާދުގައި ތިބާއަށް ދެވޭ ސަމާލުކަން އިތުރުވާނެއެވެ. އަދި ރީތިވެގެންވާ ހިތްހަމަޖެހުން ލިއްބައިދޭނެ ފަދަ ނަމާދެއް ކުރެވޭނެ ފަދަ ޚުޝޫޢަތްތެރިކަން ތިބާއަށް ލިއްބައިދޭނެއެވެ.
ބަންގިއަކީ ނަމާދުގައި ތިބާއަށް ސަމާލުކަން ނުދެވޭ ވަގުތުކޮޅުގައި ގެއްލިގެންދާ ޘަވާބުތަކުގެ ބަދަލުގައި، ޘަވާބުތައް އިތުރު ކުރުމަށް ލިބޭ ފުރުސަތެކެވެ. އެހެންކަމުން އަޅުގަނޑުމެން އެ އިތުރު ޘަވާބުތައް ލިބިގަންނާނީ ކިހިނެއް ހެއްޔެވެ؟ ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ބަންގި ގޮވާ މީހާއަށް އޭނައާއިއެކީ ނަމާދުކުރާ އެންމެންގެ ޘަވާބު ލިބޭނެއެވެ. މިސާލަކަށް 100 މީހުން އެމީހާއާއިއެކީ ނަމާދު ކުރިނަމަ، އެ 100 ނަމާދުގެ ޘަވާބު އެމީހަކަށް ލިބޭނެއެވެ. ބަންގި ގޮވާ މީހާގެ މި އިތުރުވެގެންވާ ޘަވާބު ލިބިގަތުމަށް އަޅުގަނޑުމެން ކުރަންޖެހޭހާ ވެސް ކަމަކީ…ބަންގި އަޑުއިވޭ ހިނދު އެ ބަސްތައް ތަކުރާރު ކުރުމެވެ. “ބަންގި ގޮވާ މީހާ ގޮވާ ގޮތަށް ކިޔުން” މިއީ ރަސޫލާ ﷺ ދެއްވި ނަސޭޙަތެކެވެ. ތިބާ މައްކާގައި ހުރެގެން އިވޭ ބަންގީގެ ފަހަތުން ތަކުރާރު ކުރާނަމަ ތިބާއަށް ލިބޭނެ ޘަވާބާއި މެދު ނިކަން ވިސްނާށެވެ! މިލިއަނުން މީހުން ނަމާދު ކުރާ އެ ތަނުގައި ކުރެވޭ އެއް ނަމާދަކީ ވެސް 100،000 ގެ ޢަދަދެއްގެ ނަމާދެކެވެ. އޭރުން ތިބާއަށް ލިބޭނެ ޘަވާބު ޚިޔާލަށް ގެންނާށެވެ! ﷲ ގެ އޯގާތެރިކަމާއި ދީލަތިވަންތަކަމަކީ މިފަދަ ކަންތަކެވެ. ކިތަންމެ ކުޑަ އަދި ސާދާ ޢަމަލެއްގެ ބަދަލުވެސް ލިބިގެންދަނީ އެތައް ގުނަ އިތުރުވެގެންވާ ޘަވާބުންނެވެ!
ބަންގި ފެށެނީ ކޮން ބަސްތަކަކުން ހެއްޔެވެ؟ اللّه أَكْبَر (ﷲ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވެގެންވެއެވެ.) މި ވަގުތު ﷲ ފިޔަވައި އެހެން އެއްވެސް މީހަކު ތިބާގެ ޙަޔާތަށް މުހިއްމުވެގެނެއް ނުވެއެވެ. ތިބާގެ ވިޔަފާރިއާއި، ވަޒީފާއާއި، ޢާއިލާއާއި، ދަރިންނާއި އަދި ނިދިވެސް އެ ވަގުތަށް ދޫކޮށްލާށެވެ. އެ ހުރިހާ ކަމަކަށްވުރެ ﷲ ބޮޑުވެގެންވެއެވެ. މިއީ އެކަލާނގެ ޙަޟްރަތަށް ހާޒިރުވާންވީ ވަގުތެވެ. ބަންގި ގޮވާ މީހާ މި ބަސްތައް ތަކުރާރުކޮށް ގޮވާ ސަބަބަކީ މިއީއެވެ.
އަދި އަޅުގަނޑުމެން އެ ހުރިހާ ކަމެއް ދޫކޮށް ތެދުވާންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ މީގެ ޖަވާބު ލިބިގެންދަނީ ދެން އިވިގެންދާ ބަސްތަކުންނެވެ. أَشْهَدُ أَن لاَ إِلَهَ إِلاَّ اللّه (ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހެއް ނުވާކަމަށް އަޅު ހެކިވަމެވެ.) އަޅުގަނޑު މިހުރިހާ ކަމެއް ދޫކޮށް މި ދަނީ ﷲ އަށްޓަކައެވެ. އެހެން ނަޒަރަކުން ބަލާނަމަ – އެ ބަސްތަކަށް ސަމާލުކަން ނުދީ ނަމާދު އަޅާނަމަ އެ ބުނެވެނީ، މި ވަގުތު ކުރަމުންދާ ކަންތައް ﷲ އަށްވުރެ މުހިއްމު ކަމަށެވެ. އަދި އެކަމަކީ ﷲ އަށްވުރެ އަޅުވެތިވުން ޙައްޤުވެގެންވާ ކަމެއްކަމަށެވެ.
أَشْهَدُ أَن لاَ إِلَهَ إِلاَّ اللّه އަށްފަހު އަންނަނީ ކޮން ބަސްތަކެއް ހެއްޔެވެ؟ އަޅުގަނޑުމެން ނަމާދަށް ތެދުވާއިރު ނަމާދު ކުރުމަށް ނަގަނީ ކާކުގެ މިސާލު ހެއްޔެވެ؟ އެއީ ރަސޫލާ ﷺ ގެ މިސާލެވެ. “ތިމަންކަލޭގެފާނު ނަމާދު ކުރައްވާއިރު ފެނުނު ގޮތަށް ނަމާދު ކުރާށެވެ.” އެހެން ކަމުން ބަންގިން އިވިގެންދެއެވެ. أَشْهَدُ أَنَّ مُحَمَّدَ الرَّسُوْلُ اللّهِ (މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.) މިއިން އެނގިގެންދަނީ އެއްވެސް ޢަމަލީ ޤަބޫލުވެވިގެންވާ ޢަމަލަކަށްވުމަށް އެ ޢަމަލުގައި ދެ މިންގަނޑެއް ފުރިހަމަވާންޖެހޭ ކަމެވެ. އެއީ ﷲ އަށް އޮތް އިޚްލާޞްތެރި (أَشْهَدُ أَن لاَ إِلَهَ إِلاَّ اللّه) ރަސޫލާ ﷺ ގެ މިސާލާއި އެއްގޮތަށް އެ ޢަމަލު ފުރިހަމަ ކުރުމެވެ. (أَشْهَدُ أَنَّ مُحَمَّدَ الرَّسُوْلُ اللّهِ)
މި މުހިއްމުވެގެންވާ ޤަވާޢިދު ސޫރަތުލް ކަހަފްގެ ފަހު އާޔަތުގައި ޚުލާޞާ ކުރެވިފައިވެއެވެ.
“ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހައަކީ، އެއް އިލާހެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާށެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާށެވެ!”
އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު ﷺ ގެ ޝަރަފުވެރިކަން ހިތަށް ގެންނާށެވެ. އެކަލޭގެފާނުގެ ނަންފުޅު މަތިވެރި ކުރެވިފައިވާ ވަރަށް އެއްވެސް މީހެއްގެ ނަމެއް މަތިވެރި ކުރެވިފައި ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ތިބޭއިރު، ކޮންމެ ބިމަކަށް އިރުގެ އަލިކަން އަރަމުން ދާއިރު އެ ބިމުގައި އުޅެ ބަންގި ގޮވާނެއެވެ. އެހެންކަމުން ކޮންމެ ވަގުތެއްގެ ކޮންމެ ސިކުންތެއްގައި ވެސް މުޅި ދުނިޔެ އެކުއެކީގައި ރަސޫލާ ﷺ އަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރާނެއެވެ. އެހެންކަމުން ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރެވޭ ދެވަނައެއް ނުވާ މި ‘ކެމްޕެއިނުގައި’ ބައިވެރިވާށެވެ. ބަންގިގޮވާ މީހާގެ ފަހަތުން ތަކުރާރު ކުރާށެވެ!
އަޅުގަނޑުމެންގެ އިޚްލާޞްތެރިކަމާއި އަޅުގަނޑުމެން ކުރަންޖެހޭނީ ކޮން ކަމެއް ހެއްޔެވެ؟ حَيَّ عَلَى الصَّلاَة (ނަމާދަށް އަވަހަށް އަންނާށެވެ.) އެހެނަސް އެ ބަސްތައް ތަކުރާރު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ކިޔާނީ ކީކޭ ހެއްޔެވެ؟ لاَ حَوْلَ وَلاَ قُوَّةَ إِلاّ بِللّهِ (ﷲ ގެ ޙަޟްރަތުން ފިޔަވައި އެއްވެސް އާރެއް ބާރެއް ނުވެއެވެ.) އަޅުކަމަށް ތެދުވުމަށް އަޅުގަނޑަށް އެހީއެއް ވެވޭނީ ހަމައެކަނި ﷲ އަށެވެ. އަދި އަޅުކަން ފަސޭހަ ކޮށްދެއްވަވާނީ ވެސް އެކަލާނގެއެވެ. އެކަލާނގެ ގެ އެހީތެރިކަމާއި ނުލައި އަޅުގަނޑަށް އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން ބަންގިއާއި ސޫރަތުލް ފާތިޙާ ނުހަނު އެއްގޮތެވެ. ސޫރަތުލް ފާތިޙާގައި ވެސް އަޅުކަން ކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ﷲ އަށްކަމަށް އަޅުގަނޑުމެން އެއްބަސްވަމުއެވެ. (إِيَّاكَ نَعْبُدُ) އެއަށްފަހު އެ އަޅުކަން އަދާ ކުރުމަށް އަޅުގަނޑުމެން އެކަލާނގެ ގެ އެހީތެރިކަން ހޯދަމުއެވެ. (إِيَّاكَ نَسْتَعِيْنَ)
ދެން އަންނަ ބަސްތަކުން އަޅުގަނޑުމެންގެ ހިތްތަކަށް ފުން އުފާވެރިކަމާއި ޖޯޝެއް ގެނުވާނެއެވެ. އެހެނީ އެ ބަސްތަކުން އަޅުގަނޑުމެންނަށް ވަޢުދުވެގެންދަނީ ހުރިހާ ކާމިޔާބެކެވެ. حَيَّ عَلَى الْفَلاَح (ކާމިޔާބާއި ދިމާލަށް އަންނާށެވެ.) މި ނަމާދުން އަޅުގަނޑު މި ޙަޔާތުގައި ކުރާ މަސައްކަތާއި، ދެން އޮތް ޙަޔާތުގެ ކާމިޔާބީގެ ވެސް ޔަޤީންކަން ލިބޭނެނަމަ، މި ގޮވުމަށް އަޅުގަނޑު ފަސްދޭނީ ކިހިނެއް ހެއްޔެވެ؟ އެހެނަސް އެ ގޮވުމަށް އިޖާބަ ދިނުމަށް ވެސް އަޅުގަނޑަށް ބާރު ލިބިގެންދަނީ ﷲ ގެ ޙަޟްރަތުންނެވެ. އެހެންކަމުން އެ ބަސްތައް އިވުމުން އަޅުގަނޑު އަނެއްކާވެސް ކިޔަމެވެ. لاَ حَوْلَ وَلاَ قُوَّةَ إِلاّ بِللّهِ (ﷲ ގެ ޙަޟްރަތުން ފިޔަވައި އެއްވެސް އާރެއް ބާރެއް ނުވެއެވެ.)
އެއަށްފަހު އިވިގެންދާ އެންމެ ފަހު ބަސްތަކަކީ، ބަންގީގެ ކުރީކޮޅުގައި އިވުނު ބަސްތަކާއި ދާދި އެއްގޮތް ބަސްތަކެވެ. لاَ إِلَهَ إِلاَّ اللّه (ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހެއް ނުވެއެވެ) ބަންގީގެ ކުރީކޮޅުގައި އިވިގެންދާ اللّه أَكْبَر އިން މި ދުނިޔެއަށް ވުރެ ﷲ ގެ މުހިއްމުކަން ބޮޑުކަން ހަނދާންވެ، ދުނިޔޭގެ ކަންތައް ދޫކޮށްލަން ގޮވާއިރު، ބަންގީގެ ފަހަތުން އިވިގެންދާ لاَ إِلَهَ إِلاَّ اللّه މި ބަސްތަކުން ތިބާގެ ޙަޤީޤީ ޙަޔާތްކަމަށްވާ އާޚިރަތަށް ސަމާލުކަން ދިނުމަށް ގޮވައެވެ.
ތިބާއަށް ދެން ބަންގީގެ އަޑު އިވޭ ހިނދު، އެއީ ތިބާ އެންމެ ލޯބިވާ ފަރާތާއި ބައްދަލު ކުރުމަށް ތިބާ ނުހަނު އިންތިޒާރު ކޮށްގެން ހުރި ގޮވާލުމެއްގެ ގޮތުގައި ދެކޭށެވެ. މަންމަ އަނބުރާ އަންނާނެ އިރެއްގެ އިންތިޒާރުގެ ނުތަނަވަސް ކަންމަތީ ޓާރމިނަލް ކައިރީގައި ހުންނަ ކުޑަ ކުއްޖަކަށް، އެ ފްލައިޓް ޖެއްސި ވާހަކަ އެއާރޕޯޓުން އިވިގެންދާ ހިނދު އެކުއްޖާއަށް ކުރެވޭނެ އިޙްސާސްތަކާއި އެކީގައެވެ.
ބަންގީގައި ވެސް އޭގެ ޒާތުގައި ތަފާތު ލައްޒަތެއްވެއެވެ. އެހެނީ އެމީހެއްގެ ރައްބާއި ބައްދަލުކޮށް އެކީގައިވުމަށް ލޯބިކުރާ މީހަކާއި ބައްދަލުކުރެއްވުމަށް އެ ރައްބު ވެސް ރުހިވޮޑިގެންވެއެވެ. ﷲ އާއި ބައްދަލުކުރުމަށް މި އެދެވޭ އެދުމުގެ ސަބަބުން ލަސްކުރުމެއްނެތި ނަމާދަށް ދިޔުމަށް ތިބާއަށް ހިތްވަރެއް ލިބެންވާނެއެވެ. މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގަތް ފަދައިންނެވެ.
“….އިބަރަސްކަލާނގެ حضرة އަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ.”
މިއަދު ބަންގިއަކީ އަޅުގަނޑުމެންގެ ހަލަބޮލި ދިރިއުޅުމުގެ އަޑުތަކުގެ ތެރެއަށް ފޭދިގެންދާ ސަމާލުކަން ނުދެވޭ ބަސްތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ސިފަކުރެވޭ ކަމީ ހިތާމަ ހުރި ޙަޤީޤަތެކެވެ. އެހެނަސް އެ ބަންގީގައި އެކުލެވޭ ބަސްތަކުގެ މާނައިގެ ފުންކަމާއި މުހިންމުކަން އުނގެނެމުންދާހެން، އަޅުގަނޑުމެންގެ މުޅި ޙަޔާތާއި ވުޖޫދާއިމެދު ދެކޭގޮތް އިޞްލާޙުކުރުމުގެ ބާރު އެ ބަންގިއަށް ލިބިގެންވާކަން އަޅުގަނޑުމެންނަށް ފަހުމްވާނެއެވެ. (އިން ޝާ ﷲ)
ނުނިމޭ