ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ދެވަނަ ބައި)
الله أَكْبَر ކިޔާ ހިނދު…
“ الله أَكْبَر” ކިޔާ ހިނދު ވާ ގޮތް ތިބާއަށް އެނގޭ ހެއްޔެވެ؟
އެ ވާ ގޮތަށް ދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ނަމާދު الله أَكْبَر އިން ފެށޭ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ. ނަމާދު ފަށާއިރު މިސާލަކަށް، سُبْحَانَ الله އޭ ނުކިޔަނީ ކީއްވެ ހެއްޔެވެ؟ الله أَكْبَر، މި ބަސްތައް އެ ވަގުތުކޮޅުގައި އެހާ މުހިއްމުވަނީ، އަޅުގަނޑުމެން އެވަގުތު ކުރަން ހުރި ހުރިހާ ކަމަކަށްވުރެ އަޅުގަނޑުމެން ކުރިމަތިލާން އުޅޭ ފަރާތްކަމަށްވާ ﷲ ގެ ބޮޑުކަމާއި މަތިވެރިކަން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ހަނދާން ކޮށްދިނުމަށެވެ. އަޅުގަނޑުމެންގެ ވަޒީފާއާއި، އަޅުގަނޑުމެންގެ ވިޔަފާރިއާއި، އަޅުގަނޑުމެންގެ ނިންޖާއި، ބިލުތަކާއި، ޢާއިލާއާއި ދަރިންނާއި އަދި އެހެންވެސް އުދަގޫތަކާއި ދަތިތަކަށްވުރެ ﷲ ބޮޑުވެގެންވެއެވެ. އެ ބަސްތައް ކިޔޭ ހިނދު އަޅުގަނޑުމެން އަތް އުފުލައިލަނީ ކީއްވެ ހެއްޔެވެ؟ އެއީ އެ އުފުލައިލާ އަތާއި އެކީ އެހުރިހާ ކަމެއް އަޅުގަނޑުމެންގެ ފަހަތަށް ދޫކޮށްލުމަށެވެ. އަޅުގަނޑުމެން އަތް އުފުލައިލަނީ ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ ބާރެއް ނެތްކަމުގެ ޢިޝާރާތެއްގެ ގޮތުގައެވެ.
މީހަކު ނަމާދަށް ތެދުވާ ހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. “ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާއި ދެމެދުގައިވާހާ ޙިޖާބެއް (ވެއިލްއެއް) އުފުއްލަވާށެވެ.” ތިބާ الله أَكْبَر ކިޔާ ވަގުތުކޮޅުން ފެށިގެން އެކަލާނގެ ގެ ރީތިވެގެންވާ ޖަލާލުވަންތަ ވަޖުހުފުޅުވަނީ ތިބާގެ މޫނާއި ދިމާލަށެވެ. އެކަލާނގެ ތިބާއަށް ފަސްނުދެއްވާނެއެވެ. ތިބާ އެކަލާނގެއަށް ފަސްނުދޭހާ ހިނދެއްގައެވެ. އެއީ ތިބާގެ ބޮލުން، ނޫނީ ނަޒަރު އެހެން ދިމާލަކަށް ދިޔުމުން އެއީ ﷲ އަށް ފަސްދެވުނީއެވެ. އެހެންނޫނީ ތިބާގެ ހިތާއި ވިސްނުން ވެސް ދުނިޔަވީ ކަމަކަށް އަނބުރައި ދިޔުމުން ވެސް ﷲ އަށް ފަސްދެވުނީއެވެ. އެފަދަ ހިނދުކޮޅެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. “ތިބާ ތި އެނބުރެނީ ތިމަންރަސްކަލާނގެއަށްވުރެ ރަނގަޅު ފަރާތަކަށް ހެއްޔެވެ؟” އެއަށްފަހު ތިބާއާއި އެކަލާނގެއާއި ދެމެދުގައިވާ ޙިޖާބުތައް އަނެއްކާވެސް ތިރިކުރެއްވުމަށް އަމުރުކުރައްވައެވެ.
ތިބާ الله أَكْبَر އޭ ކިޔާ ވަގުތުކޮޅުން ފެށިގެން ތިބާއާއި ދިމާލަށް ހުރިހާ ކެމެރާއެއް ދިމާކުރެވިފައިވާތަން ޚިޔާލަށް ގެންނާށެވެ. ރަތްކުލައިގެ ‘އޮން ދަ އެއާރ’ ބަޓަނަށްވަނީ ފިތައިލެވިފައެވެ. އެހެނަސް ތިބާއަށް ބަލަން ތިބީ އާދައިގެ މީހުންނެއް ނޫނެވެ. ތިބާއަށް ބައްލަވައިވޮޑިގެންވަނީ ރަސްކަލުންގެ ވެސް ރަސްކަލެވެ. ތިބާގެ ކިބައިގައި މިހާރުވާހާ ކަމަކާއި ތިބާއަށް ވާނެހާ ކަމެއްވަނީ އެ ރަސްކަލުގެ އަތްޕުޅުގައެވެ. ވަކި ޚާއްޞަ މީޒާނެއްގައި ހިނގަމުންދާ މުޅި މި ކާއިނާތުވެސްވަނީ އެ ރަސްކަލުގެ އަތްޕުޅުގައެވެ. ކިތަންމެ ބޮޑުކަމެއް ވިޔަސް އަދި ކިތަންމެ ކުޑަކަމެއް ވިޔަސް އެކަލާނގެ އިރާދަފުޅުން ބޭރުގައެއް ނުވެއެވެ. މިހުރިހާ ކަމެއް އެނގިހުރެ ތިބާ ކޮޅަށް ހުންނާނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ހިތުގެ ތެޅުން އަވަސްވާ ގޮތް އިޙްސާސް ކުރާށެވެ!
الله أَكْبَر ކިޔުމަށްފަހު އަޅުގަނޑުމެން ނަމާދު ފަށާ ޒިކުރާއި ޤުރުއާން ކިޔަވަން ފަށާ ވަގުތު އަޅުގަނޑުމެންގެ ފާފަތައް މައްޗަށް އަރަން ފަށައެވެ. އަޅުގަނޑުމެންގެ ކޮނޑުތަކާއި ބޮލާއި ހަމައަށެވެ. އަޅުގަނޑުމެން ރުކޫޢުއަށާއި ސަޖިދައަށް ދާ ވަގުތު އެ ހުރިހާ ފާފައެއް ވެއްޓި، އެހެން މިހެންވެ، ގެއްލިގެންދެއެވެ. ﷲ ގެ ޙަޟްރަތުގައި ހިތްތިރި ކުރުމަށް ރުކޫޢުގައި ސަޖިދައިގައި ގިނައިރު ހޭދަކުރަން މިއީ ކިހާ ރަނގަޅު ސަބަބެއް ހެއްޔެވެ؟
ތިބާ الله أَكْبَر ކިޔުމާއިއެކު އޭގެ އިރުކޮޅެއް ކުރިން ތިބާއަށް ޙަލާލު ކަންތައް ޙަރާމްވެގެންދެއެވެ. ކެއުމާއި، ބުއިމާއި، ވާހަކަ ދެއްކުމާއި، ބޭނުން ނެތް ގޮތެއްގައި ޙަރަކާތެއް ގެނައުން ޙަރާމްވެގެން ދެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހާރު ތަފާތު ވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އެވަގުތުކޮޅުގައި ތިބާ ހުއްޓިހުރި ބައްދަލުވުމުގެ ޒާތާއި އެކަންތައް ނުގުޅޭތީވެއެވެ. އަޅާވަނީ އަޅާގެ ވެރި ރައްބުގެ ގޮވުމަށް އިޖާބަދީ އެކަލާނގެ ކުރިފުޅުމަތީ ހިތްތިރިކަމާއިއެކީ ހުއްޓިގެންނެވެ. ތިބާ މިވަގުތު ވަނީ މަތީ ދަރަޖައެއްގައެވެ. މި ވަގުތުކޮޅަށް ސަމާލުކަން ދޭށެވެ.
ތިބާގެ ޚިޔާލުތައް ދެންވެސް އެހެން ދިމާލަކަށް ދަނީ ހެއްޔެވެ؟ ނަމާދުގެ ޙަރަކާތްތައް ގެންނައިރު އަޅުގަނޑުމެން الله أَكْبَر ކިޔައި ތަކުރާރުކުރަނީ އެހެންވެއެވެ. އެއީ ހަނދާންކޮށްދިނުމެކެވެ. ނަމާދުގެ އެ ވަގުތުކޮޅަށް އަނބުރައި އައުމަށް ލިބޭ ފުރުސަތެކެވެ.
ނުނިމޭ
Jana
August 28, 2021 @ 3:33 pm
Hadhith reference:
https://books.google.mv/books?id=7R2gSpSbuGYC&pg=PA109&dq=raise+the+veils+between+me+and+my+servant+hadith&hl=en&sa=X&ved=2ahUKEwiC69uB7NPyAhUYVH0KHbbyCfoQ6AF6BAgDEAI#v=onepage&q=raise%20the%20veils%20between%20me%20and%20my%20servant%20hadith&f=false
https://www.abuaminaelias.com/dailyhadithonline/2016/09/10/sins-expiate-ruku-sujud/