ބަދަލުވާ ޙަޔާތް (ހަތާވީސްވަނަ ބައި): ކައިވެނި
ބަދަލުވާ ޙަޔާތް 27
މިހާ ހިސާބުން އަޅުގަނޑުމެންގެ އެކުވެރިންނާއި މާޙައުލާއި މެދު ވާހަކަ ދައްކަމާ ހިނގާށެވެ. އަޅުގަނޑު މި މަޢުޟޫގައި އަލިއަޅުވާލަން ބޭނުންވާ ކަންތައްތަކެއް ވެއެވެ.
އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން އެކީގައި ގެންގުޅޭ މީހުން ވަރަށް މުހިއްމެވެ. އަޅުގަނޑަށް މިއަށް ބާރު އަޅަންޖެހޭ ވަރަށް ބާރެއް ނޭޅޭނެއެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންގެ ނުފޫޒު އަޅުގަނޑުމެންނަށް ފޯރާނެ ވަރު ރަސޫލާ ﷺ އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެންނަށް ހަނދުމަ ކޮށްދީފައިވެއެވެ. އެއް ޙަދީޘެއްގައި ވެއެވެ.
المَرْءُ عَلَى دِينِ خَلِيلِهِ
“މީހަކުވާނީ އެމީހެއްގެ އެންމެ ގާތް އެކުވެރިޔާގެ ދީން މަތީގައެވެ.”
އެހެންކަމުން އަޅުގަނޑުމެން ގާތް އެކުވެރިޔަކަށް ހަދަނީ ކާކު ކަމާއިމެދު އަޅުގަނޑުމެން ވަރަށް ވިސްނުންތެރިވާން ވާނެއެވެ. އެ ވާންޖެހޭނީ ތިބާ އެމީހަކު ފަދައިން ވާން ބޭނުންވާ މީހަކަށެވެ. އެހެނީ ތިބާ ވެގެން ދަނީ ތިބާ ގާތް އެކުވެރިއެއްގެ ގޮތުގައި ޚިޔާރު މީހާ ފަދައިންނެވެ.
ދެމީހަކު ވަރަށް ގާތްވެއްޖެނަމަ އެ ދެމީހުންގެ ކިބައިން އެކަކު އަނެކެއްގެ ސިފަތައް ފެންނަން ފަށައެވެ. އެމީހުންގެ ސޫރަތަކުންނެއް ނޫނެވެ. އެމީހުން ވިސްނާ ގޮތްތަކުންނެވެ. ބައެއް ކަންތައް ކުރާ ގޮތުންނެވެ. ވާހަކަ ދައްކާ ގޮތުންނެވެ. އެ މީހުންނަށް ކަމުދާ ކަންތަކާއި ކަމުނުދާ ކަންތަކުގައެވެ. ތިބާ ގާތް ކުރާ މީހަކާއި އެއްގޮތަށް ތިބާ ބަދަލުވެގެން ދެއެވެ. ތިބާއާއި ތިބާގެ އެކުވެރިޔާއަށް ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެހި އެއްގޮތެވެ. ދެމީހުންނަށް ހެވޭ ކަންތައްތައް ވެސް އެއްގޮތެވެ. ދެމީހުން ވަރަށް އެއްގޮތް ވެގެން ދެއެވެ.
ރަސޫލާ ﷺ ސިފަކުރެއްވި ޙާލަތަކީ މިއީއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ގޮތުގައި ތިބާ ވާނީ ތިބާގެ އެންމެ ގާތް އެކުވެރިޔާގެ ދީނުގައެވެ. އެހެންކަމުން ތިބާ ގާތް އެކުވެރިއެއްގެ ގޮތުގައި ޚިޔާރުކުރާ މީހަކާއިމެދު ވިސްނުންތެރިވާށެވެ. އެ ވާންޖެހޭނީ ތިބާ އެމީހަކު ފަދައިން ވާން ބޭނުންވާ މީހަކަށެވެ. ތިބާ ވެގެން ދާނީ އެގޮތަށް ކަމަށްވުމުންނެވެ.
ތިބާ ﷲ އާއި ގާތް ނުކުރުވާ މީހަކު ތިބާ ގާތްކޮށްފިނަމަ، އެއީ ތިބާއަށް ނުހަނު ގެއްލުންވާނެ ކަމެކެވެ. އެހެނީ ތިބާ ވެގެން ދާނީ އެމީހަކު ފަދައިންނެވެ.
ރަސޫލާ ﷺ އެހެން ޙަދީޘެއްގައި ޙަދީޘް ކުރައްވާފައިވެއެވެ. ރަނގަޅު އެކުވެރިންގެ ތެރޭގައިވުމަކީ އަތަރު ފިހާރައަކަށް ވަނުން ފަދަ ކަމެކެވެ. ތިބާ އެ ފިހާރައިން ނިކުންނާނީ އަތަރާއި އެކީގައެވެ. އެހެންނޫނީ އެ އަތަރުގެ މީރު ވަހާއި އެކީގައެވެ. ގޯސް އެކުވެރިންގެ ތެރޭގައިވުމަކީ ކަނބުރު ގެއަކަށް ވަނުން ފަދަ ކަމެކެވެ. ތިބާ އެގެއަށް ވަނުމުން ތިބާގެ ހެދުން އަނދާފާނެއެވެ. އެހެންނޫނީ އެގެއިން ނިކުންނައިރު ތިބާގެ ގައިގައި ދުން ވަސް ދުވާނެއެވެ.
ތިބާގެ ވަށައިގެންވާ މީހުންގެ ސަބަބުން ތިބާގެ ހިތަށް އަސަރު ކުރެއެވެ. އެހެންކަމުން ﷲ މަތިން ތިބާއަށް ހަނދުމަ ކޮށްދޭނެ މީހުންނާއި އެކީ އުޅުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
ޖަޒުބާތީ ގޮތުން މީހަކަށް ބަރޯސާވުމާއި ގުޅޭ ގޮތުން އަޅުގަނޑު ކުރިން ވާހަކަ ދައްކާފައިވާނެއެވެ. ސަލާންޖަހާ މީހާއާއި މުއްސަނދި މީހާގެ ތަފާތު އަޅުގަނޑު ކިޔައިދީފައިވާނެއެވެ. ގިނަގިނައިން ތިބާގެ ސަމާލުކަން ބޭނުންވާ އެކުވެރިޔާއާއި ޙަސަދަވެރިވާ އެކުވެރިޔާއާއި މެދު އަޅުގަނޑު ވާހަކަ ދައްކާފައިވާނެއެވެ. ރަސޫލާ ﷺ އަޅުގަނޑުމެންނަށް ނަސޭޙަތްތެރިވެ ވަޑައިގަތް ފަދައިން މީހުންގެ ލޯބި ހޯދުމަށް އަޅުގަނޑުމެން ޖެހޭނީ އެމީހުންނަށް މާ ބޮޑަށް ބަރޯސާ ނުވާށެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި ގޮތުގައި މީހުންގެ އަތުން ލިބޭނެ އެއްޗަކަށް ތިބާ ނޭދޭނެނަމަ، މީހުން ތިބާ ދެކެ ލޯބިވާނެއެވެ.
އެކުވެރިކަމަށް ބަލާއިރު ވެސް، ތިބާ އެތެރެ ފުށުން ފުރިފައިވާ ވަރަކަށް މީހުން ތިބާ ދެކެ ލޯބިވާނެއެވެ. ތިބާ ކަންކަމަށް ސަލާން ނުޖަހާނަމަ މީހުން ތިބާއާއި އެކީގައިވާން ބޮޑަށް ބޭނުންވާނެއެވެ. ތިބާ އެމީހުންގެ ސަމާލުކަމަށް އެހާ ބޮޑަށް ނޭދި، ޖަޒުބާތީ ގޮތުން އެމީހުންނަށް ބަރޯސާ ނުވާނަމައެވެ. އަޅުގަނޑުމެންގެ އެތެރެފުށް ފުރުވުމަށްޓަކައި އަޅުގަނޑުމެން ﷲ ގެ ޙަޟްރަތަށް ދިޔުން ވަރަށް މުހިއްމެވެ. އެހެން ގުޅުންތަކާއި ހަމައަށް ދާނީ އެއަށްފަހުއެވެ. އެކުވެރިކަމުގައި ވިޔަސް، ކައިވެނިން ކަމުގައި ވިޔަސް އަދި ޢާއިލާއިން ކަމުގައި ވިޔަސްމެއެވެ. އެ ގުޅުންތަކުގެ ކައިރިއަށް ދާނީ އެތެރެފުށުން ފުރިފައިވާ ޙާލުގައެވެ.
މިގޮތަށް ކަންކޮށްފިނަމަ އަޅުގަނޑުމެން އިހުނަށްވުރެ ރަނގަޅު އެކުވެރިއަކަށް ވެގެންދާނެއެވެ. އަޅުގަނޑުމެން އިހުނަށްވުރެ ރަނގަޅު ފިރިއަކަށް ނޫނީ އަންބަކަށް ވެދާނެއެވެ. އެހެނީ އެހިނދު އަޅުގަނޑުމެންވަނީ މުއްސަނދިވެފައެވެ. އަދި އަޅުގަނޑުމެންނަށް އެހެން މީހުންނަށް ދެވޭނެއެވެ. ފަޤީރުވެފައި އަބަދު ސަލާންޖަހައި، އަމުރުކޮށް، އަބަދު އެމީހުންގެ ސަމާލުކަމަށް އެދުމުގެ ބަދަލުގައެވެ. މިއީ ހުރިހާ ގުޅުންތަކަށް ހިނގާ ޤަވާޢިދެކެވެ.
ދެން އަޅުގަނޑު ވާހަކަ ދައްކާނީ ކައިވެނީގެ ގުޅުމުގެ ވާހަކައެވެ. އަޅުގަނޑުމެން ކުރީ ބައެއްގައި ޙަޤީޤީ ލޯތްބާއި ‘ފޯލްސް އެޓޭޗްމެންޓް’ ގެ ތަފާތަށް ބަލާލާފައިވާނެއެވެ. ކައިވެނީގެ މި މަޢުޟޫއަށް ދިޔުމުގެ ކުރިން އަޅުގަނޑު އަހާލަން ބޭނުމެވެ. ކައިވެނީގެ ގުޅުމާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް ދެއްކިފައިވަނީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔެވެ؟ އަދި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ކައިވެނީގެ ގުޅުމާއި ބެހޭގޮތުން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އަޅުގަނޑު ބައެއް ނުކުތާތައް ފާހަގަ ކޮށްލާނަމެއެވެ.
ސޫރަތުއްރޫމް ގެ އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ
“ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ….” ސޫރަތުއްރޫމް، 21
އަޅުގަނޑު މިތަނުން އެންމެ ފުރަތަމަ އަލި އަޅުވާލަން ބޭނުންވާ ތަންކޮޅަކީ وَمِنْ آيَاتِهِ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ އެކުރައްވަނީ އެއީ އާޔަތެއް ކަމަށެވެ. ޢިޝާރާތެއް ކަމަށެވެ. ނިކަން ވިސްނާށެވެ. ޢިޝާރާތެއްގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ޢިޝާރާތަކީ މަންޒިލެއް ހެއްޔެވެ؟ އެހެންނޫނީ ޢިޝާރާތަކީ ތިބާގެ މަންޒިލަށް މަގު ދައްކާ ނިޝާނެއް ހެއްޔެވެ؟
ޖަވާބަކީ އެއީ ތިބާގެ މަންޒިލަށް މަގު ދައްކާ ނިޝާނެކެވެ. ތިބާ ދިގު މަގަކުން ކާރު ދުއްވާފައި ދަނިކޮށް އެއްފަރާތުން ތިބާއަށް މަގުމަތީ ނިޝާނެއް ފެނިއްޖެނަމަ، އެއީ ތިބާގެ މަންޒިލެއް ނޫނެވެ. އެއީ ތިބާގެ މަންޒިލާއި ހަމައަށް ދިޔުމަށް ތިބާއަށް އެހީވެދޭނެ ނިޝާނެކެވެ.
މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، ‘ޑިޒްނީ’ އިންނާއި، ސަޤާފަތުންނާއި، ބޮޑުދައިތަމެންނާއި އެހެނިހެން ޢާއިލާ މީހުންގެ ފަރާތުން ދަސްވެފައިވަނީ، މަންޒިލަކީ ކައިވެނި ކަމަށެވެ. ވަކިން ޚާއްޞަކޮށް އަންހެނުންނަށެވެ. ކައިވެނި ކުރުމަށް އަންހެނުންނަށް ވަރަށް ބޮޑަށް އެންމެން ބާރު އަޅައެވެ. އޭގެ ބުރަ އިޙްސާސްވާ މިންވަރަށެވެ. ތިބާ އިންނާނީ ކޮން އިރަކުތޯ އަހާ ސުވާލުންނެވެ.
ތިބާ މީހަކާއި އިންނާނީ ކޮން އިރަކުތޯ މީހުން އަހަނީ، ތިބާ ޚަލްޤު ކުރެއްވުމުގެ މަޤްޞަދު ޙާޞިލު ކުރާނީ ކޮން އިރަކުތޯ އަހާ ފަދައަކުންނެވެ. ތިބާ ފުރިހަމަ އިންސާނަކަށް ވާނީ ކޮން ދުވަހަކުންތޯ އަހާ ފަދައަކުންނެވެ. އެމީހުން ބުނާފަދައެވެ. ތިބާ ކައިވެނި ނުކުރާނަމަ އަދި ތިބާ ފުރިހަމައެއް ނުވެއެވެ. ކައިވެނި ނުކުރާ މީހުންނާއި ވަރިވެފައިވާ މީހުންނަކީ ނުކުޅެދޭ ބައެއްގެ ގޮތުގައި ސިފަ ކުރެވޭ ފަދައެވެ. ފުރިހަމަ ނުވާ ބައެއްގެ ގޮތުގައި ސިފަ ކުރެވޭ ފަދައެވެ.
މިއީ ކައިވެނީގެ ގުޅުން ފަހުމް ކުރެވޭ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކައިވެންޏަކީ މަންޒިލެއް ނޫނެވެ. ކައިވެންޏަކީ މަންޒިލާއި ހަމައަށް ގެންދަން އެހީވެދޭނެ މަގެކެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ގާތް ވެވޭނެ ވަރަށް ގިނަ މަގުތަކުގެ ތެރެއިން އެއް މަގެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއާއި ހަމައަށް އަޅުގަނޑުމެން ގެންދިޔުމަށް އެހީވެދޭނެ ކަމެކެވެ.
ބައެއް މީހުން ބުނެފާނެއެވެ. ކައިވެންޏަކީ އަޅުގަނޑުމެންގެ ދީނުގެ ދެ ބައިކުޅަ އެއްބައޭ ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ކައިވެނި ކުރުމުން އެ ފުރިހަމަ ކުރެވެނީ ދީނުގެ ދެބައިކުޅަ އެއްބައޭ ބުނެވެއެވެ. އެހެންކަމަށްވާނަމަ އަޅުގަނޑުމެން ފުރިހަމައޭ ތި ބުނަނީ ކީއްވެ ހެއްޔެވެ؟
ރަސޫލާ ﷺ އެ ޙަދީޘް ކުރައްވަނީ ކައިވެންޏަކީ ތިބާގެ ދީނުގެ ދެބައި ކުޅަ އެއްބައި ފުރިހަމަ ކުރެވިދާނެ މަގެއް ކަމަށެވެ. ތިބާ ކައިވެނި ކުރާ އިންސާނާ ފުރިހަމަ ކުރަނީ ތިބާގެ ރޫޙާއި އިންސާނިއްޔަތެއް ނޫނެވެ. އެހެނެއްކަމަކު ކައިވެންޏަކީ ތިބާ ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ގާތް ކުރުވާނެ ސަބަބެކެވެ.
ކައިވެންޏަކީ ވަރަށް ގިނަ ގޮތްގޮތުން ތިބާގެ ދީނުގެ ދެބައިކުޅަ އެއްބައެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާ ފަދައިން ތިބާގެ ފިރިމީހާ ނުވަތަ އަނބިމީހާއަކީ ތިބާއަށް لِبَاس އެކެވެ.
هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ
“…އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ….” ސޫރަތުލްބަޤަރާ، 187
ފޭރާމެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފޭރާމެއް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މޫސުން ވަރަށް ފިނިވެއްޖެނަމަ އަޅުގަނޑުމެން ފިނި ހެދުން ލަމެވެ. ފިނި ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއިން ތިބާ ރައްކާތެރި ކޮށްދެއެވެ. ތިބާ ފިނިން ރައްކާތެރި ކޮށްދެއެވެ.
އެހެންކަމުން ފޭރާމެއްގެ އެއް ބޭނުމަކީ ތިބާ ރައްކާތެރި ކުރުމެވެ. ހަމަ އެފަދައިން ފިރިމީހާއާއި އަނބިމީހާ އެއްކަކު އަނެކަކު ރައްކާތެރި ކޮށްދޭންވާނެއެވެ. ހުރިހާ ޒާތެއްގެ ނުރައްކަލަކުން އެކަކު އަނެކެއްގެ ދިފާޢަށްވެ، ރައްކާތެރި ކޮށްދޭންވާނެއެވެ.
ދެވަނަ ކަމަކަށް، ފޭރާމެއް ފޮރުވައިދެއެވެ. މީހެއްގެ ގައިގައި އައިބެއް ހުރިނަމަ ފޭރާމެއް އެ އައިބު ފޮރުވައިދޭނެއެވެ. ފޭރާމަކުން ޢައުރަ ވެސް ފޮރުވައިދެއެވެ. ޢައުރައަކީ ކޮބައިހެއްޔެވެ؟ ޢައުރައަކީ އަޅުގަނޑުމެން އެހެން މީހުންނަށް ދައްކަން ބޭނުންނުވާ އެއްޗެކެވެ.
އެހެންކަމުން ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކެއްގެ އައިބުތަކާއި ކުށްތައް ފޮރުވައިދޭންވާނެއެވެ. އެކަންތައްތައް އެހެން މީހުންނަށް ކިޔައިދީގެން ނުވާނެއެވެ. އެންމެ ނުކުރަންޖެހޭ އެއްކަމަކީ އެންމެންގެ ކުރިމަތީގައި ތިބާގެ ފިރިމީހާ ނުވަތަ އަނބިމީހާ ލަދުގަންނަވާލުމެވެ. އޭނަގެ އަގުވައްޓާލުމެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިގައި ނޭދެވޭ ކަމެއް ހުރުމުން އެ ވާހަކަ އެންމެންގެ ކުރިމަތީގައި ދެއްކުމެވެ. އެހެންނޫނީ ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ކުށެއް ކުރުމުން އެންމެންގެ ކުރިމަތީގައި އެކަން ރަނގަޅު ކުރުމަށް އެންގުމެވެ.
މިއީ ރަނގަޅު ފޭރާމަކަށް ނުވުމެވެ. އެހެންނޫން ހެއްޔެވެ؟ އެހެނީ ރަނގަޅު ފޭރާމެއްނަމަ ފޮރުވައިދޭނެއެވެ. ރަނގަޅު ފޭރާމެއް ރައްކާތެރި ކޮށްދޭނެއެވެ. ތިބާގެ އައިބުތަކާއި ތިބާ އެހެން މީހުންނަށް ދައްކަން ބޭނުންނުވާ ކަންތައް ފޮރުވައިދޭނެއެވެ. އެހެންކަމުން މިއީ ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކަކަށްޓަކައި އަދާ ކުރަންޖެހޭ އެއް ދައުރެވެ.
މިތާނގައި އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުމީ، ސީރިއަސް މައްސަލައެއް ޖެހި، ތިބާ އެ މައްސަލަ ޙައްލު ކުރުމަށް އެހެން މީހެއްގެ އެހީ ބޭނުންވެއްޖެ ޙާލަތެއްގައި، ބައެއް މައްސަލަތަކާއިމެދު ވާހަކަ ދެއްކުން އެންމެ ރަނގަޅެވެ. އޭގެ ފަހަތުގައިވާ ނިޔަތަކީ މައްސަލަ ޙައްލު ކުރުން ކަމަށްވާނަމައެވެ. އެހެންނޫނީ އެހީ ހޯދުން ކަމަށްވާނަމައެވެ. އެއީ ހަމައެކަނި އެ ޙާލަތުގައެވެ.
އެ ޙާލަތާއި، ތިބާގެ އެކުވެރިންނާއި އެކީ ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ އައިބުތަކާއިމެދު ޣީބަބުނުމާއި ތަފާތެވެ. ވަކި މީހެއްގެ ގާތަށް ގޮސް އެހީ ހޯދުމުގެ ނިޔަތުގައި ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެވެ.
އެންމެ ފަހު ކަމަކަށް، ފޭރާމަކު ޒީނަތްތެރިކޮށްދެއެވެ. އެހެންނޫން ހެއްޔެވެ؟ އަޅުގަނޑުމެން އުޅެނީ ކަރުދާސް ކޮތަޅުތަކެއް ލައިގެންނެއް ނޫނެވެ. އެއީ ހަމައެކަނި ފޮރުވުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫނެވެ. އަޅުގަނޑުމެން ލާ ހެދުންތައް ރީތި ކުރުމުގައި ވަރަށް ގިނަ ހޭދަތައް ކުރަމުއެވެ. ފެޝަނަކީ އެހާ ބޮޑު ވިޔަފާރިއަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އެހެނީ އަޅުގަނޑުމެން ހެދުން ލާ އެއް ސަބަބަކީ އަމިއްލަ ނަފްސުތައް ޒީނަތްތެރި ކުރުމެވެ.
އެހެންކަމުން ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކަކު ޒީނަތްތެރި ކޮށްދޭންވާނެއެވެ. ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކަކަށްޓަކައި އަދާ ކޮށްދޭ އެއް ދައުރަކީ އަނެކާ އިހުނަށްވުރެ ރަނގަޅު މީހަކަށްވުމަށް އެހީވުމެވެ. އިހުނަށްވުރެ ރަނގަޅު މުއުމިނަކަށް ވުމަށެވެ. އިހުނަށްވުރެ ރަނގަޅު މުސްލިމަކަށް ވުމަށެވެ. އިހުނަށްވުރެ ރަނގަޅު އިންސާނަކަށްވުމަށެވެ.
ކައިވެންޏަކަށް ބެލެވިދާނެ އެއް ނަޒަރިއްޔާތަކީ، އެއީ މީހެއްގެ އަޚްލާޤް ރަނގަޅު ކޮށްދޭ ކަމެއް ކަމެވެ. ތިބާ އިހުނަށްވުރެ ރަނގަޅު މީހަކަށްވުމަށް އެހީ ވެދޭނެ ކަމެއްގެ ގޮތުގައެވެ. މިއިން އަޅުގަނޑުމެން އަނބުރާ ދާންޖެހެނީ އެއްކަލަ ޙަދީޘަށެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ކައިވެންޏަކީ ދީނުގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން ދީނުގެ އެއް ބަޔާއި މެދު ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ.
މި ޙަދީޘާއި މެދު މިގޮތަށް ވިސްނާށެވެ. ތިބާގެ ދީނުގެ ދެބައިކުޅަ އެއްބައި ބިނާ ކުރަން ކައިވެންޏަކީ ތިބާއަށް އެހީއަކަށް ވެދާނެއެވެ. ކައިވެންޏެއް އޭގެ ޒާތުގައި އޮންނަން ޖެހޭ ގޮތުގައި އޮވެއްޖެނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރެއްވި ގޮތުގައި އޮވެއްޖެނަމަ، އެއީ ތިބާގެ ދީނުގެ ދެބައިކުޅަ އެއްބަޔަށް ވެދާނެ އެހީއެކެވެ. އެހެނީ ކައިވެންޏަކީ ދެ ބަޔަކު އެކަކު އަނެކަކަށް އެހީވެދޭ ގުޅުމެކެވެ. އެކަކު އަނެކަކު ރައްކާތެރިކޮށްދޭ ގުޅުމެކެވެ. އެކަކު އަނެކަކަށް ހަނދުމަކޮށްދޭ ގުޅުމެކެވެ. އެހެންކަމުން އެއީ ތިބާގެ އަޚްލާޤާއި އިންސާނިއްޔަތުކަމަށް އެހީވެދޭ ކަމެކެވެ.
ކައިވެންޏަކީ ތިބާގެ މަންޒިލާއި ހަމައަށް ދިޔުމަށް ވެގެންދާނެ އެހީއެކެވެ. ކައިވެންޏަކީ މަންޒިލެއް ނޫނެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ވަނީ ތިބާގެ ރަނގަޅު ސިފަތައް އިތުރަށް ފުރިހަމަ ކުރުމަށެވެ. ތިބާ ފުރިހަމަ ކުރުމަށްޓަކައެއް ނޫނެވެ.
މައްސަލަތައް ކުރިމަތިވަނީ ކައިވެންޏަކީ ތިބާގެ ފަހު މަންޒިލް ކަމަށް ޤަބޫލު ކުރުމުންނެވެ. މި ޚިޔާލުގެ ސަބަބުން، ކައިވެނި ނުކުރާ މީހުންނަކީ ފުރިހަމަ ނޫން ބައެއްގެ ގޮތުގައި ޤަބޫލު ކުރެވެއެވެ. އެހެންކަމުން ކައިވެނި ނުކޮށް ތިބޭ މީހުންނަށް ދަތިވާ ވަރަށް ކައިވެނި ކުރުމަށް ހަނދާން ކޮށްދެވެއެވެ. އެއީ މުޅި ޢުމުރު ދުވަހު ހުހަށް ހުރި މީހަކަށް ވިޔަސް އަދި ވަރިވެފައި ހުރި މީހަކަށް ކަމަށް ވިޔަސްމެއެވެ. އެމީހުންނަކީ ފުރިހަމަ ނޫން ބައެއްގެ ގޮތުގައި މުޖުތަމަޢު ޤަބޫލު ކުރެއެވެ.
އެހެނަސް ޙަޤީޤަތަކީ ކައިވެންޏަކީ ﷲ އާއި ގާތް ވެވޭނެ އެތައް ގޮތުގެ ތެރެއިން އެއްގޮތެވެ. ކައިވެނި ނުކުރާ މީހުން ވެސް އުޅެއެވެ. އެމީހުންނަށް ވެސް ﷲ އާއި ގާތްވެވޭނެ ގޮތްތަކެއް ވެއެވެ. އަޅުގަނޑުމެންގެ ދީނުގައިވާ ވާހަކަތަކުގައި މިފަދަ މިސާލުތަކެއް ވެއެވެ. އަޅުގަނޑު މީގެ ތެރެއިން 3 މިސާލަކަށް އަލި އަޅުވާލާނަމެވެ. މި މިސާލުތައް ބުނެދިނުމުގެ ކުރިން، ކުޑަ އިރުއްސުރެ އަޅުގަނޑުމެންގެ ވިސްނުމުގައި ހުންނަ ޚިޔާލުތަކުގެ ވާހަކަ އަޅުގަނޑު ދައްކަން ބޭނުމެވެ.
މިސާލަކަށް “ފެއަރީ ޓޭލް” ތަކެވެ. “ފެއަރީ ޓޭލް” ތަކަށް ބަލައިފިނަމަ އަޅުގަނޑުމެންނަށް އެއިން ދަސްވެފައިވަނީ ކޮން ކަންތަކެއް ހެއްޔެވެ؟ “ސްލީޕިންގް ބިއުޓީ” އާއި “ސިންޑަރެއްލާ” ވާހަކަ ނިކަން ކިޔާލާށެވެ. އަދި މި ވާހަކަތައް ކިޔުމަށްފަހު މިއިން ލިބޭ ފިލާވަޅުތަކާއި މެދު ވިސްނުމަށްފަހު އަނބުރާ އަންނާށެވެ.
****************
އެންމެ ފުރަތަމަ “ސްލީޕިންގް ބިއުޓީ” އަށް ބަލަމާ ހިނގާށެވެ. މި ވާހަކައިގައި ‘ޕްރިންސް’ އަކަށް ގޮސް ވަދެވެނީ ހޭނެތިފައިވާ މީހުންތަކުން ފުރިފައިވާ ގަނޑުވަރަކަށެވެ. އެ ގަނޑުވަރަށް ވަދެ ޕްރިންސް ކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ އޭނަ މުޅި ގަނޑުވަރު ތެރެއިން ހޯދީ އެންމެ ރީތި އަންހެން ކުއްޖާއެވެ. އެ ކުއްޖާ ފެނުމާއިއެކު ވަރަށް ގިނައިރު ވަންދެން ޕްރިންސް އެ ކުއްޖާގެ މޫނަށް ބަލަން ހުރެއެވެ. އަންހެން ކުއްޖާ ވަނީ ގަދަ ނިންޖެއްގައެވެ. ނުހަނު ހަމަޖެހިގެން ލޯބިކޮށް އޮތް އަންހެން ކުއްޖެކެވެ. (އަދި އިތުރު ކަމަކަށް، އެއްވެސް ކަމެއް ކުރިޔަސް އެ ކުއްޖާ އެއްޗެކޭ ވެސް ނުބުނާނެތާއެވެ)
އެ ކުއްޖާއަށް ބަލަން ހުރެފައި ޕްރިންސްގެ ހިތު ތެރޭގައި ލޯބި އުތުރި އަރައިގެން ދެއެވެ. މިއީ ޕްރިންސް އަބަދުވެސް ހޯދަމުން ދިޔަ ލޯބިކަމަށް ޤަބޫލު ކުރެވިގެން ދިޔައެވެ.
އިހަށް މަޑުކޮށްލަމުން މި ވާހަކައާއިމެދު ވިސްނަމާ ހިނގާށެވެ. އެންމެ ފުރަތަމަ ކަމަކަށް، ޕްރިންސް އެ އަންހެން ކުއްޖާ ދެކެ ލޯބިވަނީ ކޮން ކަމަކަށްޓަކައި ހެއްޔެވެ؟ އެ ކުއްޖާ ވަނީ ފުން ނިންޖެއްގައެވެ. ހޭނެތިފައެވެ. ޕްރިންސް އަކަށް އެ އަންހެން ކުއްޖާއާއިމެދު އެއްވެސް ކަމެއް ނޭނގެއެވެ. އަންހެން ކުއްޖާ ދުލުން އެންމެ ބަހެއް ވެސް ނުބުނެއެވެ. ޕްރިންސް އެ ކުއްޖާދެކެ ލޯބިވަނީ ކީއްވެ ހެއްޔެވެ؟ އެ ކުއްޖާގެ ބޭރުފުށުގެ ރީތިކަމުގެ ސަބަބުންނެވެ.
އެ ލޯބީގެ ފަހަތުގައިވާ ހަމައެކަނި ސަބަބަކީ އެއީއެވެ. އެހެން އެއްވެސް ސަބަބެއް ވުމުގެ ފުރުސަތެއް ވެސް ނެތެވެ. އެ ޕްރިންސްއަށް އަންހެން ކުއްޖާއާއިމެދު އެހެން އެއްވެސް ކަމެއް ނޭނގޭތީވެއެވެ. އެ ދެމެދުގައި އެއްވެސް ވާހަކައެއް ވެސް ނުދެކެވެއެވެ.
އެހެންކަމުން މި “ލޯބި” އުފެދެނީ ކިހިނެއް ހެއްޔެވެ؟ ތަނެއްގައި ހުރި އެންމެ ރީތި ކުއްޖާ ފެނުމުންނެވެ. އަދި އެއަށްވުރެ ބޮޑަށް ކަމުދާނީ އެ ކުއްޖާ އެއްވެސް އެއްޗެކޭ ނުބުނާނެ ނަމައެވެ.
ދެން ވާހަކައިގައި ޕްރިންސް ހަދަނީ ކިހިނެއް ހެއްޔެވެ؟ އަންހެން ކުއްޖާ ހޭނެތިފައިވަނިކޮށް އެ ކުއްޖާއަށް ބޮސްދޭން ނިންމައެވެ. މިއީ ހަމަ ގައިމުވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވާހަކައިގައި މި މަންޒަރު ސިފަކުރެވިފައިވަނީ ތިރީގައިވާ ފަދައިންނެވެ.
“ޖަޒުބާތުތައް ކޮޅުން ލުމުން ޕްރިންސް އެ އަންހެން ކުއްޖާއާއި ކައިރިވެއެވެ. އަދި އެ އަންހެން ކުއްޖާގެ ކުޑަ، ދޮން އަތް ހިއްލައި ލަސްލަހުން ބޮސްދެއެވެ.”
މި ތާނގައި ހާދަ ގިނަ މައްސަލަތައް އެބަހުއްޓެވެ. އެހެނަސް ދެން ވާހަކައިގައި ވާ ގޮތަށް ބަލަމާ ހިނގާށެވެ. ޕްރިންސް ބޮސްދިނުމުން އެ އަންހެން ކުއްޖާއަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެ ކުއްޖާއަށް އަނެއްކާ ދިރުން ލިބިގެންދެއެވެ.
އެހެންކަމުން މިއިން ލިބޭ “ޢިބްރަތްތަކަކީ” ކޮބައިހެއްޔެވެ؟ އެންމެ ފުރަތަމަ ޢިބްރަތަކީ ތިބާ ރީތިވާން ޖެހޭ ކަމެވެ. އަދި ވަކިން ޚާއްސަކޮށް ތިބާގެ ދޮން އަތެއް ހުންނަން ޖެހޭ ކަމެވެ. ތިބާ އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުންނަން ޖެހޭކަމެވެ. މި ހުރިހާ ސިފައެއް ތިބާގެ ކިބައިގައި ހުރެފައި ޕްރިންސްއެއް އައިސްފިނަމަ، އެ ޕްރިންސް ތިބާގެ ޙަޔާތަށް ދިރުން ގެންނާނެއެވެ. ދިރިއުޅުން ފެށެނީ އެހާ ހިސާބުންނެވެ.
މިފަދަ ހުރިހާ ވާހަކައެއްގައި ވެސް އެއްޒާތެއްގެ މެސެޖުތައް ހުރެއެވެ. “ސިންޑަރެއްލާ” ވާހަކައިން ވެސް ތިބާއަށް ފެންނާނީ މިފަދަ ކަންތަކެވެ. ސިންޑަރެއްލާ އަކީ އަނިޔާ ލިބިފައިވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އުޅެނީ އަނިޔާވެރިންނާއި އެއް ގެއެއްގައެވެ. އަދި ހަމަ މިއާއިއެކު އެ ކުއްޖާއަށް އެހީވެދޭނެ ހަމަ އެއްވެސް މީހެއް ނެތެވެ. އަމިއްލަ ނަފްސު ސަލާމަތް ކުރުމަށް އެކުއްޖާގެ ކިބައިގައި އެއްވެސް ބާރެއް ނެތެވެ. ފިރިހެނަކު އެކުއްޖާ ސަލާމަތް ކުރަން އަންނަންދެނެވެ. އެހެންކަމުން މި މެސެޖަކީ އެއް މެސެޖެކެވެ.
“ސްނޯ ވައިޓް” ވާހަކައަށް ބަލައިލިޔަސް ފެންނަނީ ހަމަ މިފަދަ އަސަރެކެވެ. މި ހުރިހާ ވާހަކައަކުން ވެސް ދޭ މެސެޖަކީ ޕްރިންސް އަކު ނާންނަނީސް އަންހެން ކުއްޖެއްގެ ދިރިއުޅުން ނުފެށޭނެ ކަމެވެ. މީހަކު ބުނެފާނެއެވެ. މިއީ ހަމައެކަނި ފުލޯކު ވާހަކަތަކެވެ. އެހެނަސް ނޫނެކެވެ. މިއީ އަޅުގަނޑުމެންގެ ސިކުނޑީގައި ބިންވަޅު ނެގިފައިވާ ޚިޔާލުތަކެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިންގެ ވިސްނުމުގައެވެ. އެ ޚިޔާލަކީ ތިބާގެ ޙަޔާތަށް ފިރިހެނަކު ނާންނަނީސް ޚުދު ތިބާގެ ނަފްސާއި ތިބާ ވެސް ފުރިހަމަ ނުވާނެ ކަމެވެ. ފިރިހެނަކު ތިބާގެ ޙަޔާތް ފަށައިދޭން ނާންނަނީސް ތިބާގެ ޙަޔާތް ނުފެށޭނެ ކަމެވެ.
މީގެއިން ނިކުންނަ އަނެއް މައްސަލައަކީ، ތިބާގެ ޙަޔާތުގައި މައްސަލައެއް ވާނަމަ، ތިބާ ކަމަކާއިމެދު ދެރަވެފައިވާނަމަ، ތިބާއަށް ހުސްކަމެއް އިޙްސާސް ކުރެވޭނަމަ، ތިބާގެ ހިތް ކުދިކުދިވެފައިވާނަމަ، ތިބާއަށް ވިސްނެނީ ކޮންމެވެސް ފިރިހެނަކު އައިސް ތިބާ ސަލާމަތް ކޮށްދޭނެ ކަމަށެވެ.
ޚުދު ފިރިހެނަކު ވެސް މިފަދަ ޚިޔާލުތަކެއްގައި ޤައިދުވެދާނެއެވެ. ފިރިހެނަކު ވެސް ދެރަވެ، ހިތް ކުދިކުދިވެފައިވަނީ ކައިވެނި ނުކުރެވޭތީހެން ހީވެދާނެއެވެ. ކައިވެނި ކުރުމުން ހުރިހާ ކަމެއް ޙައްލު ވެދާނެ ކަމަށް ހީކުރެވިދާނެއެވެ.
މިއީ ހަމަ މުޅިން ވެސް ގޯސް ޚިޔާލުތަކެވެ. މިފަދަ ގޯސް އުއްމީދުތަކާއިއެކު ކައިވެންޏަކަށް ދިޔުމުން ވަރަށް ގެއްލުން ވެގެން ދެއެވެ. މިފަދަ ބޮޑު އުއްމީދުތައް ފިރިމީހާ ނުވަތަ އަނބިމީހާގެ މައްޗަށް ކުރެވޭއިރު އެއީ ވެސް ހަމަ އިންސާނެއްކަން ހަނދާނެއް ނުހުރެއެވެ. މީހެއްގެ ކިބައިން އުއްމީދު އެ ކުރެވެނީ ހަމައެކަނި ﷲ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތަކަށެވެ. ތިބާ ފުރިހަމަ ކުރުމެވެ. ތިބާ ސަލާމަތް ކުރުމެވެ. ތިބާގެ ހިތް ކުދިކުދިވެފައިވާނަމަ އެ ހިތް އެއްކޮށްދޭނީ ވެސް އަނބިމީހާ ނުވަތަ ފިރިމީހާ ކަމުގައި ތިބާއަށް ޤަބޫލުކުރެވެއެވެ. މިއީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އުއްމީދު ކުރަންޖެހޭ ކަންތަކެވެ.
އެހެންކަމުން މި ޚިޔާލުތަކުގައި ޤައިދުވެފައިވާ މީހަކަށް ވިސްނޭނީ، އެވެނި މީހަކީ ތިމާ ސަލާމަތް ކޮށްދޭނެ މީހެއްތޯއެވެ.
އަޅުގަނޑު މި ވާހަކަ ނިންމާލަން ބޭނުންވަނީ 3 މިސާލުންނެވެ. ފުރަތަމަ މިސާލަކީ ލޫޠު ޢަލައިހިއްސަލާމް ގެ މިސާލެވެ. ލޫޠު ޢަލައިހިއްސަލާމް އަކީ އަޅުގަނޑުމެންނަށް އެނގޭ ފަދައިން ނަބިއްޔެކެވެ. އެހެނަސް އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރައްކާތެރި ނުކުރެވުނެވެ. އެއީ ނަބިއްޔަކަށް ވިޔަސް އެކަލޭގެފާނުގެ އަނބިކަނބަލުން ރައްކާތެރިއެއް ނުކުރެވުނެވެ.
ވަރަށް ގިނަ މީހުންނަށް ހީކުރެވެއެވެ. އަހަރެންގެ އަނބިމީހާ ނުވަތަ ފިރިމީހާ ވާނީ އަހަރެން ސުވަރުގެއަށް ވަދެވޭ ސަބަބަކަށެވެ. އެހެން މީހަކު އަޅުގަނޑުމެންނަށްޓަކައި އެކަން ކޮށްދޭން އަޅުގަނޑުމެންނަށް އުއްމީދު ކުރެވޭ ފަދައެވެ. އަޅުގަނޑުމެންނަށް އެހެން ނެހެދޭނެއެވެ. އެހެން މީހަކު ލައްވާ ތިބާއަށް އެކަން ނުކުރެވޭނެއެވެ. އެކަން ތިބާ ކުރަންޖެހޭނީ ތިބާ އަމިއްލައަށެވެ.
އާނއެކެވެ. ﷲ ގެ ޙަޟްރަތަށް މި ކުރާ ދަތުރުގައި މީހަކު ތިބާއަށް އެހީތެރިވެދާނެއެވެ. މީހަކަށް މި ދަތުރުގައި ތިބާގެ ބައިވެރިއަކަށް ވެވިދާނެއެވެ. އެހެނަސް މި ދަތުރަކީ ތިބާ އަމިއްލައަށް ކުރަންޖެހޭ ދަތުރެކެވެ. ތިބާއަށްޓަކައި މީހަކަށް މި ދަތުރު ނުކުރެވޭނެއެވެ. މީހުންނަށް ތިބާއަށް އެހީވެވިދާނެއެވެ. އެމީހުންނަށް ތިބާއަށް ހިތްވަރު ދެވިދާނެއެވެ. އެހެނަސް އެމީހުންނަށް ތިބާއަށްޓަކައި އެ ދަތުރު ނުކުރެވޭނެއެވެ.
މި މިސާލުގައި ޚުދު ނަބިއްޔަކަށް ވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށްޓަކައި އެކަން ނުކުރެއްވުނެވެ. އެކަނބަލުންނަށް ހިދާޔަތް ނުދެއްކެވުނެވެ.
ދެވަނަ މިސާލަކީ އާސިޔަތުގެފާނުގެ މިސާލެވެ. އާސިޔަތުގެފާނުގެ ފިރިމީހާއަކީ މުޅި ދުނިޔެ ވެސް ދުށް އެންމެ ބޮޑު އެއް ފަސާދަވެރިޔާއެވެ. އެހެނަސް އެއީ އާސިޔަތުގެފާނު ރަނގަޅު އިންސާނަކަށްވުމަށް ވީ ހުރަހަކަށް ނުވިއެވެ.
އެހެންކަމުން ފުރަތަމަ މިސާލުގައި ފިރިއަކަށް އެކަލޭގެފާނުގެ އަނބިމީހަށް ސަލާމަތް ނުކުރެއްވުނެވެ. ދެވަނަ މިސާލުގައި ގޯސް ފިރިއަކަށް ވެސް، ﷲ ގެ ޙަޟްރަތަށް ދިޔުމުން އަނބިމީހާ ނުހުއްޓުވުނެވެ.
މިއިން ވެސް އެނގެނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ކުރާ ދަތުރަކީ ތިބާ އަމިއްލައަށް ކުރާ ދަތުރެއް ކަމެވެ. ﷲ ގެ އިރާދަފުޅުން ތިބާއަށް ރަނގަޅު ޒަވާޖީ ޙަޔާތެއް ލިބިއްޖެނަމަ ފިރިމީހާ ނުވަތަ އަނބިމީހާ ގެ ވެސް އެހީގައެވެ. އެހެނަސް މި ދަތުރު ކުރުމަށް ތިބާއަށް އެހެން މީހަކަށް ބަރޯސާއެއް ނުވެވޭނެއެވެ. ތިބާ ގޯސް މީހަކާއި އެކީ ވެއްޖެނަމަ ވެސް، އާސިޔަތުގެފާނު ފަދައިން ތިބާއަށް ﷲ އާއި ގާތް ވެވޭނެއެވެ. އެ ޙާލަތުގައި ވެސް އެ ކަމަނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ކުއްތަންވެވުނެވެ.
އަދިވެސް އެއްފަހަރު އަޅުގަނޑު އަލިއަޅުވާލަން ބޭނުމެވެ. މީގެ މާނައަކީ އަޅުގަނޑުމެން އެފަދަ ޙާލަތްތަކެއްގައި ތިބުމެއް ނޫނެވެ. އަހަންނަށް އެހެން މީހުންގެ އަނިޔާއާއި އެކީ ވެސް ﷲ އާއި ކުއްތަންވެވޭނެއޭ ބުނެ އެ ޙާލަތުގައި ހުންނާނީއެއް ނޫނެވެ. އެއްގޮތަކަށް ވެސް ނޫނެވެ. އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ބޭއިންސާފާއި ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ނުބައި ޙާލަތްތަކުން ސަލާމަތްވުމަށް އަންގަވާފައިވަނީ ވަރަށް ގިނަ ސަބަބުތަކާއި ހެދިއެވެ. އެންމެ ފުރަތަމަ ކަމަކަށް ތިބާގެ އަމިއްލަ ނަފްސަށްޓަކައެވެ. އެއަށްފަހު ތިބާގެ ދަރިންނަށްޓަކައި ވެސްމެއެވެ.
އަޅުގަނޑު ނިންމާލުމުގެ ކުރިން މި ވާހަކަ ވެސް ބުނެލަން ބޭނުމެވެ. ވަރަށް ގިނަ އަންހެނުން އަނިޔާ ލިބޭ ޒަވާޖީ ޙަޔާތްތަކުގައި އުޅެނީ ދަރިންނަށްޓަކައެވެ. އަޅުގަނޑު މިކަމާއި ގުޅޭގޮތުން ބުނެލަން ބޭނުމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާއި ފެނިފައިވާ ކަންތަކުން ދައްކާ ޙަޤީޤަތްތަކެއް ނޫނެވެ. ހަމަ މިއާއިއެކު ދިރާސާތަކުން ވެސް ދައްކާ ގޮތުގައި، އެފަދަ ޒަވާޖީ ޙަޔާތެއްގައި އުޅުމަކީ ދަރިންނަށް ވެސް ވަރަށް ގެއްލުންވާނެ ކަމެކެވެ. ވަރިވެފައިވާ މަންމައެއް ނުވަތަ ބައްޕައަކާއި އެކީ އުޅުމަށްވުރެ އަނިޔާވެރިކަން ފެނޭ އަދި އިޙްސާސް ކުރެވޭ ގެއެއްގައި އުޅުމަކީ ދަރިންނަށް މާ ބޮޑަށް ގެއްލުންވާ ކަމެކެވެ.
އެހެންކަމުން ތިބާ އެފަދަ ޙާލަތެއްގައި އުޅެނީ ދަރިންނަށްޓަކައި ކަމަށްވާނަމަ ދަންނާށެވެ. އެކުއްޖާއަށް ބޮޑުވެގެން އެފަދަ މަންޒަރެއް ފެނުމަކީ އަދި މާ ގެއްލުން ހުރި ކަމެކެވެ. ވަރިވެފައިވާ މައެއް ނޫނީ ބަފައަކާއިއެކީ އުޅުން ވެސް އެފަދަ ގެއެއްގައި އުޅުމަށްވުރެ ރަނގަޅެވެ.
އެހެންކަމުން މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. ދިރާސާއިން ވެސް ދައްކަނީ މި ޙަޤީޤަތެވެ. އަދި އަޅުގަނޑުގެ ތަޖުރިބާއިން ފެނިފައިވާ ވަރަށް ގިނަ މީހުންގެ މިސާލުން ވެސްމެއެވެ.
އަޅުގަނޑު ދޭން ބޭނުންވާ ތިންވަނަ މިސާލަކީ މަރިޔަމް ޢަލައިހިއްސަލާމް އެވެ. މަރިޔަމް ޢަލައިހިއްސަލާމް އަކީ ފުރިހަމަ ކުރެއްވުނު 4 ކަނބަލުންގެ ތެރެއިން ކަނބަލެކެވެ. އަދި އެކަމަނާ ދުވަހަކުވެސް ކައިވެނި ބައްލަވައި ނުގަންނަވައެވެ.
އެހެންކަމުން ކައިވެނި ކުރިޔަސް އަދި ނުކުރިޔަސް ﷲ އާއި ކުއްތަންވެވޭނެ ގޮތްތައްވެއެވެ. އާނއެކެވެ. ކައިވެންޏަކީ ﷲ އާއި ކުއްތަންވެވޭނެ ނުހަނު ރީތި އެއްގޮތެވެ. އެހެނަސް އެއީ އެކަން ކުރެވޭނެ ހަމައެކަނި ގޮތެއް ނޫނެވެ.
ނުނިމޭ