ބަދަލުވާ ޙަޔާތް (އެއްވަނަ ބައި): ލޯބީގެ އަސްލަކީ ކޮބާ؟
ނޯޓް: މިއީ އުސްތާޛާ ޔާސްމީން މުޖާހިދުގެ ސިލްސިލާ ދަރުހެއް ކަމަށްވާ ‘ޓްރާންސްފޯމްޑް” ގެ ދިވެހި ތަރުޖަމާއެކެވެ.
މިއަދު ލޯތްބާއިމެދު ވާހަކަ ދައްކަމާ ހިނގާށެވެ.
ޙަޔާތުގައި ކޮންމެ ކަމެއް ބޭނުންވިޔަސް އެކަމެއް އެހެންނޫނީ އެ އެއްޗެއް ލިބިގަންނަންވީ ތަނަކަށް ތިބާ ސަމާލުކަން ދޭންޖެހެއެވެ. ލޯބި ދިނުމަށާއި ލޯބި ލިބިގަތުމަށް ބޭނުންވުމަކީ އިންސާނާގެ ތަބީޢަތުގައިވާ ކަންތައްތަކެވެ.
އަޅުގަނޑުމެން ބޭނުންވާ އެހެންކަމެއްގެ މިސާލެއް ނަގަމާ ހިނގާށެވެ. ތިބާ ކަރު ހިއްކައިގެން އުޅޭނަމަ ފެނަށް ބޭނުންވެއެވެ. އެ ފެން ލިބިގަތުމަށްޓަކައި ފެން ލިބޭނެ ތަނަކާއިމެދު ތިބާ ވިސްނަން ޖެހެއެވެ. އެ ފެން ލިބި، ތިބާގެ ކަރު ހިއްކުން ފިލާނީ އޭރުންނެވެ.
ލޯތްބަށް ވެސް ހަމަ މި މިސާލު ނެގިދާނެއެވެ. ލޯބި ލިބިގަތުމަށާއި ލޯބި ދިނުމަށް އަޅުގަނޑުމެންގެ ކިބައިގައިވާ އެދުން ފިލުވަން ބޭނުންކަމަށްވާނަމަ އެ ލޯބި ލިބިގަންނަންވީ ތަނަކާއިމެދު އަޅުގަނޑުމެން ސާފުވާންޖެހެއެވެ.
އެހެންކަމުން ލޯބި ލިބިގަންނަންވީ ޙަޤީޤީ ތަނަކީ ކޮބައިހެއްޔެވެ؟ މި ތަނަކީ ކޮބައިކަން މީހަކަށް ނޭނގޭނަމަ އެ މީހަކު އަބަދުވެސް އަނބުރާ އަންނާނީ ހުސް އަތާއެވެ. އެ މީހަކު އަބަދުވެސް އުޅޭނީ ލޯތްބަށްޓަކައި ‘ކަރު ހިއްކައިގެންނެވެ.’
އެހެންކަމުން ލޯބި އަންނަނީ ކޮންތަނަކުން ކަމާއިމެދު އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. މިކަން އެނގިގެން ނޫނީ އަޅުގަނޑުމެންނަށް ފުރިހަމަ ހިތްހަމަޖެހުމެއް ލިބި، ލޯތްބަށްޓަކައި އޮތް އެދުން ފުރިހަމަ ކުރެވޭކަށް ނެތެވެ.
މޫސާ ޢަލައިހިއްސަލާމް އެންމެ ތުއްޕުޅުއިރުގެ މަންޒަރެއް ސިފަކުރައްވަމުން، ޠާހާ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي
“ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (نيل) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެއެވެ. (އޭރުން) ތިމަންރަސްކަލާނގެ ޢަދުއްވެއް، އަދި އެ ދަރިކަލުންގެވެސް ޢަދުއްވެއް އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.” ސޫރަތް ޠާހާ، 39
މި ބަސްތަކަށް ނިކަން ސަމާލުކަން ދޭށެވެ.
وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي
“އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލޯބިލެއްވީމެވެ.”
މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި ސިފަކުރައްވަނީ މޫސާ ޢަލައިހިއްސަލާމްގެ މައްޗަށް އެކަލާނގެ ޙަޟްރަތުން ބާވައިލެއްވި ލޯތްބެއްގެ ވާހަކައެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި މީގެ މާނައަކީ މޫސާ ޢަލައިހިއްސަލާމްގެ ވަށައިގެންވި މީހުންގެ ހިތްތަކުގެ އެކަލޭގެފާނަށްޓަކައި ރުހުމާއި ލޯބި ލެއްވުމެވެ. އަދި ހަމަ އެހެންމެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބި ވެސްމެއެވެ. އެހެންކަމުން ﷲ ގެ ލޯތްބާއި މީހުންގެ ލޯބިވެސް ﷲ މޫސާ ޢަލައިހިއްސަލާމް އަށް ދެއްވިއެވެ.
މިއިން އެނގެނީ މީހުންގެ ލޯބިވެސް ލިބެނީ މީހުންގެ ފަރާތުން ނޫންކަމެވެ. މީހުންގެ ލޯބިވެސް ލިބެނީ ﷲ ގެ ޙަޟްރަތުން ކަމެވެ.
އެހެން ބަސްތަކަކުން ބުނާނަމަ ފެން ލިބޭނީ ވަޅަކުންނެވެ. ފެން އުފެދެނީ ވަޅުންނެވެ. ވެލިންނެއް ނޫނެވެ. ބިމުންނެއް ނޫނެވެ. އެހެނެއްކަމަކު ފެން ލިބެނީ އެ ބިމާއި ވެލީގެ ތެރޭގައިވާ ވަޅުންނެވެ.
ހަމަ މިގޮތަށް މީހުންގެ ލޯބިވެސް ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. މީހުންގެ ފަރާތުންނެއް ނޫނެވެ.
ރަސޫލާ ﷺ ޚަދީޖާ ރަޟިޔަ ﷲ ޢަންހާގެ ލޯބި ސިފަކުރެއްވި ގޮތް ނިކަން ބަލާށެވެ. އެ ޙަދީޘްގައި އެކަލޭގެފާނު ބަސްތައް އަތުރުއްވާފައިވަނީ ނުހަނު ރީއްޗަށެވެ. “ޚަދީޖަތުގެފާނު ތިމަންކަލޭގެފާނު ދެކެ ލޯބިވި” އޭ އެކަލޭގެފާނު ޙަދީޘް ނުކުރައްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ މިހެންނެވެ.
“ޚަދީޖަތުގެފާނުގެ ލޯބީގެ ރިޒުޤު ﷲ ތިމަންކަލޭގެފާނަށް ދެއްވިއެވެ.”
މިއީ އަލިއަޅުވަން ވަރަށް މުހިއްމު ނުކުތާއެކެވެ. އެހެނީ ލޯބި ލިބެނީ ކޮން ފަރާތަކުންކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދޭހަ ކުރެވިފައިވާން ޖެހެއެވެ. ލޯބި ލިބެން އަޅުގަނޑުމެން ބޭނުން ކަމަށްވާނަމައެވެ. ޚުދު ރަސޫލާ ﷺ ވެސް އެކަލޭގެފާނަށް ޚަދީޖަތުގެފާނުގެ ލޯބި ދެއްވީ ﷲ ކަމަށް އަލި އެޅުއްވިއެވެ.
އަދި ހަމަ އެހެންމެ އެ ލޯތްބަކީ ރިޒުޤުގެ ގޮތުގައި ވެސް އެކަލޭގެފާނު ސިފަ ކުރެއްވިއެވެ. މިއީ ވެސް އަޅުގަނޑުމެންނަށް ދޭހަ ކުރެވެންޖެހޭ ޙަޤީޤަތެކެވެ. މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ ލޯތްބާއި، ބަލައިގަތުމާއި އިޙްތިރާމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަރާތުން ލިބޭ ރިޒުޤެއް ކަމެވެ. އެއީ ﷲ ގެ ޙަޟްރަތުން ލިބޭ ރިޒުޤެކެވެ. އޭގެ އަސްލަކީ ﷲ އެވެ. މީހުންނެއް ނޫނެވެ.
މި ފިލާވަޅު އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެހެން ޙަދީޘެއްވެއެވެ. އެ ޙަދީޘްގައިވެއެވެ.
“ﷲ އަޅެއްދެކެ ލޯބިވެވޮޑިގެންފިނަމަ، ﷲ ޖިބްރީލްގެފާނަށް ގޮވައިލައްވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަންރަސްކަލާނގެ މިވެނި އަޅެއްދެކެ ލޯބިވެވޮޑިގެންވަމުއެވެ. ދެން ޖިބްރީލްގެފާނު އެމީހެއްދެކެ ލޯބިވެވޮޑިގަންނަވައެވެ. އެއަށްފަހު އުޑުގެ އަހުލުވެރިންނަށް އެންގެވެއެވެ. ﷲ މިވެނި މީހެއްދެކެ ލޯބިވެވޮޑިގެންވެއެވެ. އެއަށްފަހު އުޑުގެ އަހުލުވެރިން (ހުރިހާ މަލާއިކަތުން) ވެސް އެމީހެއްދެކެ ލޯބިވެވޮޑިގަންނަވައެވެ. އެއަށްފަހު ބިމުގެ އަހުލުވެރިންގެ ހިތްތަކުގައި އެމީހަކަށްޓަކައި ޤަބޫލުވުން ލެއްވިގެންވެއެވެ.”
އެހެންކަމުން ކަންތައް ހިނގާގޮތް ތިބާއަށް އެބަ ދޭހަ ކުރެވޭ ހެއްޔެވެ؟ އެންމެ ފުރަތަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ މިވެނި މީހެއްދެކެ ލޯބިވެވޮޑިގެންވެއެވެ. އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެފާނަށް އަންގަވައެވެ. އެއަށްފަހު މަލާއިކަތުންނަށް އެންގެވެއެވެ. އަދި މީހުންގެ ހިތްތަކުގައި އެ މީހަކަށްޓަކައި ލޯބި ލައްވަނީ ވެސް ﷲ އެވެ.
ލޯބީގެ އަސްލަކީ މިއީއެވެ. ލޯބީގެ އަސްލަކީ ހަމަ އެންމެ ފަރާތެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއް ނަންފުޅަކީ الوَدُود އެވެ. الوَدُود އަންނަނީ وِدّ މި ބަހުންނެވެ. وِدّ ގެ މާނައަކީ ލޯތްބެއެވެ. އަދި ލޯބީގެ އަސްލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ލޯބީގެ ރިޒުޤު ދެއްވަނީ އެކަލާނގެއެވެ. އަދި ލޯބީގެ އެކި ބައިތައް ކަމަށްވާ، ބަލައިގަތުމާއި އިޙްތިރާމު އަންނަނީ ﷲ ގެ ފަރާތުންނެވެ. ﷲ ގެ ޚަލްޤުތަކުންގެ ފަރާތުންނެއް ނޫނެވެ.
ނުނިމޭ