ބަދަލުވާ ޙަޔާތް (ވިހިވަނަ ބައި): ހަދިޔާތަކުގެ އިމްތިޙާން
މިހާތަނަށް އައިއިރު އަޅުގަނޑުމެން ވާހަކަ ދެއްކީ ދަތި އުދަގޫތަކާއި ގުޅޭ އިމްތިޙާންތަކުގެ ވާހަކައެވެ. އަޅުގަނޑުމެން ހަމައެކަނި އިމްތިޙާން ކުރެވެނީ ދަތި އުދަގޫތަކުން ކަމަށް އަޅުގަނޑުމެންނަށް ހީކުރެވެއެވެ. އިމްތިޙާން ކުރެވެނީ ތަދާއި ވޭނުން ކަމަށް ހީކުރެވެއެވެ.
އެހެނަސް ފަސޭހައިން ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެއެވެ. ހަދިޔާތަކުން ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހަދިޔާއެއް ދޭ ކޮންމެ ފަހަރަކު، އެ ހަދިޔާ އަންނަނީ އިމްތިޙާނަކާއި އެއްކޮށެވެ.
ހަދިޔާތައް އަޅުގަނޑުމެންނަށްޓަކައި އިމްތިޙާންތަކަށް ވެގެންދަނީ ކީއްވެ ހެއްޔެވެ؟ މީގެ ފަހަތުގައި ސަބަބުތަކެއްވެއެވެ. ހަދިޔާތައް އިމްތިޙާންތަކަށް ވަނީ ކީއްވެކަން އަޅުގަނޑު ކިޔައިދޭނަމެވެ. އަދި މި އިމްތިޙާނުން ފެއިލް ނުވާނެ ގޮތް ކިޔައިދޭނަމެވެ. އެހެންނޫނީ މި އިމްތިޙާނުން ފާސްވާނެ ގޮތް ކިޔައިދޭނަމެވެ.
ހަދިޔާތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ އަޅުގަނޑުމެންނަށް ދެއްވާ އެއްވެސް ބާވަތެއްގެ ރިޒުޤެކެވެ. މިއީ ހައްތަހާވެސް ހަދިޔާއެވެ. އަޅުގަނޑުމެންގެ ފައިސާއަކީ ހަދިޔާއެކެވެ. އަޅުގަނޑުމެންގެ އަނބިންނާއި ފިރިންނަކީ ހަދިޔާއެކެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ހަދިޔާއެކެވެ. އަޅުގަނޑުމެން ކުޅަދާނަވެގެންވާ ކަންތައްތަކަކީ ހަދިޔާއެކެވެ. އަޅުގަނޑުމެންގެ ބާރާއި މަޤާމަކީ ހައްތަހާވެސް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރިޒުޤެވެ. އަޅުގަނޑުމެންގެ ޞިއްޙަތަކީ ހަދިޔާއެކެވެ. މި ހުރިހާ ކަންތައްތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ހަދިޔާތަކެވެ.
މި ހަދިޔާތަކުން އަޅުގަނޑުމެން އިމްތިޙާން ކުރެވެނީ ކިހިނެއް ހެއްޔެވެ؟ ޢިލްމުވެރިން ބުނާ ގޮތުގައި ފަސޭހައިގެ އިމްތިޙާންތައް ދަތި ޙާލަތްތަކުގެ އިމްތިޙާންތަކަށްވުރެ އުދަގުލެވެ. ދަތި ޙާލަތްތަކުގެ އިމްތިޙާންތަކަށްވުރެ ފަސޭހައިގެ އިމްތިޙާންތަކުން ގިނަ މީހުން ފޭލްވަނީ ކީއްވެ ހެއްޔެވެ؟
ޖަވާބަކީ މިއީއެވެ. ހަދިޔާތަކާއި ފަސޭހަ ލިބުމުގެ އެއް އަޑިއަކީ، އެ ހަދިޔާތަކަށްޓަކައި އަމިއްލަ ނަފްސަށް ތަޢުރީފު ކުރުމެވެ.
މިސާލަކަށް ޤުރުއާނުގައި ޤާރޫނުގެ ވާހަކަ އޮވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވާ ގޮތުގައި އޭނަގެ މިލްކުގައި ވަރަށް ވެސް ގިނަ މުދަލާއި ފައިސާ ވެއެވެ. އެ މުދަލާއި ފައިސާގެ ތަޅުދަނޑިއަކީ ވެސް މުދާ ކަމަށް ﷲ ސިފަ ކުރައްވާފައިވެއެވެ. އެހާ ވެސް ގިނަ މުދާ ޤާރޫނުގެ މިލްކުގައިވިއެވެ.
ޤާރޫނު އެ މުދަލާއި ފައިސާ އެންމެންނަށް ދައްކަމުން ހިނގަމުން ދިޔައެވެ. އޭނަ ދަނީ ‘ރެޑް ކާރޕެޓް’ އިން ފަދައިންނެވެ. މިއަދުގެ މަޝްހޫރު ފިލްމީ ތަރިން ހިނގާފައި ދަމުން އެމީހުންގެ މިލްކުގައި ފައިސާ ހުރި ވަރު ދައްކާ ފަދައިންނެވެ. އެމީހުން ލައިގެން ތިބެނީ އެމީހުންގެ ފައިސާއެވެ. އަދި އެ މީހުން ވަށައިގެން ތިބޭ މީހުން ފޮޓޯ ނަގައި އަޖާއިބުވެ އާގަމަވެގެން އުޅޭ ފަދަ އަޑު އަޑު ލައްވަމުން ދެއެވެ.
ޤާރޫނު ވެސް އުޅުނީ އެފަދަ ދިރިއުޅުމެކެވެ. މީހުންގެ ތެރޭގައި ދެއްކުންތެރިކަމާއިއެކު އޭނަ ހިނގަމުން ދިޔައެވެ. އޭނަގެ މުދަލާއި އޭނަގެ މިލްކުގައިވާ އެއްޗެހި ދައްކަމުންނެވެ. ޤާރޫނުގެ ވަށައިގެން ތިބި މީހުންގެ ތެރެއިން ދެ ބައެއްގެ މީހުން ވެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ ތިމަންމެން އަތުގައި ޤާރޫނުގެ މިލްކުގައިވާ ފަދަ މުދަލެއް ވި ނަމައޭ ބުނަމުން ދިޔަ މީހުންނެވެ. ﷲ އެ ބައިމީހުން ސިފަ ކުރައްވާފައިވަނީ މި ދުނިޔޭގެ ޙަޔާތް ހޯދަން އުޅޭ މީހުންގެ ގޮތުގައެވެ. އެއީ ދުނިޔެއާއި ދުނިޔޭގައިވާ އެއްޗެއްސަށްޓަކައި ދުނިޔޭގައި އުޅޭ މީހުންނެވެ. މި މީހުންގެ އެދުމަކީ ޤާރޫނަށް ލިބިފައިވާ ފަދަ މުދަލެއް އެމީހުންނަށް ވެސް ލިބުމެވެ.
ޤާރޫނަށް ބަލަމުން ދިޔަ މީހުންގެ ތެރެއިން އެހެން ބައެއްގެ މީހުން ވެސް އުޅުނެވެ. މި މީހުން ޤާރޫނު ގާތަށް ގޮސް އޭނައަށް ނަސޭޙަތް ދެއެވެ. ޝުކުރުވެރިވުމަށް ބުނަމުންނެވެ. ހިތްތިރި ކުރުމަށް ބުނަމުންނެވެ. މި މުހިއްމު ނަސޭޙަތް އެމީހުން ޤާރޫނަށް ދެއެވެ. ޤާރޫނު މި ނަސޭޙަތަށް ދިން ޖަވާބު ޤުރުއާނުގައިވެއެވެ.
قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي
” އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ….” ސޫރަތުލް ޤަޞަޞް، 78
ޤާރޫނު ކީއްކުރީ ހެއްޔެވެ؟ އޭނައަށް ލިބިފައިވާ ނިޢުމަތްތަކަށް އަމިއްލަ ނަފްސަށް ތަޢުރީފު ކުރަނީއެވެ. އޭނަ އެ ބުނަނީ މި ހުރިހާ ކަމެއް ވަނީ ތިމަންނަގެ ސަބަބުން ކަމަށެވެ. އަހަންނަށް މި މުދާ ލިބުނީ އަހަރެންގެ ޢިލްމުވެރިކަމުގެ ސަބަބުންނެވެ. އަހަރެން ވަރަށް މޮޅުވީތީވެއެވެ.
އަޅުގަނޑުމެން ދުވަހަކުވެސް ދިރިއުޅުމުގައި މިހެން ހަދަން ހެއްޔެވެ؟ އާނއެކެވެ. އަޅުގަނޑުމެން ހަދަމުއެވެ. ތިބާގެ މޮޅު ވިޔަފާރިއެއް ހުރިނަމަ ތިބާ އެއާއިމެދު ވިސްނަނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެއާއިމެދު ވާހަކަ ދައްކަނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މި މޮޅު ވިޔަފާރި ހުރީ އަހަރެންގެ ބުރަ މަސައްކަތުންނެވެ.
އެހެންނޫނީ ތިބާއަކީ ކާމިޔާބު ޑޮކްޓަރަކީމުއެވެ. އެހެންނޫނީ ތިބާ ވަރަށް މުއްސަންޖެވެ. މިއީ އަހަރެންގެ މަސައްކަތެވެ. އަހަރެންގެ ކިޔެވުމެވެ. މިއީ އަހަރެންގެ ސަބަބުންނެވެ.
މިއީ އަޅުގަނޑުމެން ބެދޭ ބެދުމެކެވެ. މިއީ އަޅުގަނޑުމެން ފަސޭހައިގެ އިމްތިޙާނުން ފޭލްވާ އެއްގޮތެވެ. ހަދިޔާތަކުގެ އިމްތިޙާނުން ފޭލްވާ އެއްގޮތެވެ.
އަޅުގަނޑު މި ވާހަކަ ބުނާނަމެވެ. ތިބާ ކާމިޔާބުވީ ތިބާގެ ބުރަ މަސައްކަތުން ކަމަށް ތިބާއަށް ހީކުރެވިދާނެއެވެ. އެހެނަސް ތިބާއަށްވުރެ ގިނަ އިރު ވަންދެން ކާރުޚާނާތަކުގައި މަސައްކަތް ކުރަމުންދާ ކުޑަކުދިން އުޅެއެވެ. އެހެނަސް އެ ކުދިންނަށް ކޮންމެ ގަޑިއިރަކު ލިބެނީ މަދު ލާރިކޮޅެކެވެ. ތިބާއަށް ލިބޭ ވަރަށް އެކުދިންނަށް ނުލިބެއެވެ. އެ ކުދިން ތިބާއަށްވުރެ ގިނަ މަސައްކަތް ކުރިޔަސް މެއެވެ.
އެހެންކަމުން ދުނިޔޭގެ އުސޫލުތައް ހިނގަނީ އެހެންނެއް ނޫނެވެ. ކަންތައް ވަނީ އަޅުގަނޑުމެންގެ ސަބަބުންނެއް ނޫނެވެ. އާނއެކެވެ. އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން ކުރަމުއެވެ. އެހެނަސް ނަތީޖާ ލިބެނީ އެ މަސައްކަތުގެ ސަބަބުންނެއް ނޫނެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ހަދިޔާތަކަށްޓަކައި އަމިއްލަ ނަފްސަށް ތަޢުރީފު ނުކުރުން ވަރަށް މުހިއްމެވެ. އާނއެކެވެ. ބުރަ މަސައްކަތަށް ﷲ ޘަވާބު ދެއްވައެވެ. ޖަމަލު ބަނދެ އަޅުގަނޑުމެންގެ އަމިއްލަ ފަރާތުން ވެސް މަސައްކަތް ކުރަން އަންގަވާފައިވެއެވެ. މިއީ ހައްތަހާވެސް އަޅުގަނޑުމެންގެ އަޅުކަމުގައި ހިމެނޭ ކަންތަކެވެ. އެހެނަސް ނަތީޖާތައް އަންނަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. ކާމިޔާބު ލިބެނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ.
ރިޒުޤު ލިބެނީ ތިބާގެ ބުރަ މަސައްކަތުންނެއް ނޫނެވެ. ރިޒުޤު ލިބެނީ ތިބާ މަސައްކަތް ކުރާ ކުންފުނީގެ ވެރިމީހާގެ ފަރާތުންނެއް ނޫނެވެ. ރިޒުޤު ލިބެނީ الرَّزَّاق ގެ ޙަޟްރަތުންނެވެ. އެއީ ﷲ އެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްވާ ހަދިޔާތަކަށްޓަކައި ތިބާ އަމިއްލަ ނަފްސަށް ތަޢުރީފު ކުރާނަމަ، ތިބާ ވަނީ އެ ހަދިޔާތައް ގެއްލުމުގެ ބިރު އޮތް މަޤާމެއްގައެވެ. ތިބާ ކަމަކަށް ޝުކުރުވެރި ނުވާނަމަ ތިބާއަށް އެކަމެއް ގެއްލުމުގެ ބިރު އެބައޮތެވެ.
ޤާރޫނަށް ވީ ކިހިނެއް ހެއްޔެވެ؟ ޤާރޫން ބިންގަނޑުގެ ތެރެއަށް ގަންބާލެވިގެން ދިޔައެވެ. ޤުރުއާނުގައި މި ވާހަކަ އޮތީ މިހެންނެވެ. ޤާރޫނާއި އޭނަގެ ގެ ބިންގަނޑުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަ ކުރައްވާފައިވަނީ އެހެންނެވެ.
އޭގެ ކުރީ ދުވަހު ޤާރޫނަށް ލިބިފައިވާ އެއްޗެއް ތިމަންނަމެންނަށް ލިބިފައިވީނަމައޭ ކިޔަމުން ދިޔަ މީހުން، އެ މަންޒަރު ފެނިފައި، ޤާރޫނަށް އެ ކުރިމަތިވި އިމްތިޙާނުން އެމީހުން ރައްކާތެރިވި ކަމަށްޓަކައި އެމީހުން ޝުކުރުވެރިވިއެވެ.
ޤާރޫނު ހަލާކުވީ އޭނަގެ އިމްތިޙާނުންނެވެ. އޭނަގެ އިމްތިޙާނަކީ ކޮބައިހެއްޔެވެ؟ އެ އިމްތިޙާނަކީ ފަސޭހައިގެން އިމްތިޙާނެވެ. ހަދިޔާތަކުގެ އިމްތިޙާނެވެ. އެއީ ދަތި އުދަގުލާއި ގެއްލުންތަކުގެ އިމްތިޙާނެއް ނޫނެވެ.
އެހެންކަމުން މިއީ ފަސޭހައިގެ އިމްތިޙާނުން އަޅުގަނޑުމެން ފޭލްވެދާނެ ގޮތުގެ މިސާލެކެވެ. ޝުކުރުވެރި ނުވުމުންނެވެ. އަދި އެ ހަދިޔާތަކަށްޓަކައި އަމިއްލަ ނަފްސަށް ތަޢުރީފު ކުރަމުންނެވެ. މިއީ އެއްވެސް ކަހަލަ ނިޢުމަތެއް ލިބުމުން އަޅުގަނޑުމެންނަށް ހެދޭ ގޯސްތަކުގެ ތެރެއިން ވަރަށް ބޮޑު ގޯހެކެވެ.
ހަދިޔާތަކުގެ އެހެންނޫނީ ފަސޭހައިގެ އިމްތިޙާނުގެ ތެރެއިން ދެން އަޅުގަނޑުމެން ވެއްޓޭ ވަޅުގަނޑަކީ، އަޅުގަނޑުމެން ކުރިން ވެސް ވާހަކަ ދެއްކި ފަދައިން، ހަދިޔާ ދެއްވި ފަރާތަށް ވުރެ ހަދިޔާދެކެ ލޯބިވުމެވެ. މިއީ ހަދިޔާތަކުގެ އެއް އިމްތިޙާނެވެ.
ބައެއްފަހަރު މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ފައިސާ ދެއްވައެވެ. އަޅުގަނޑުމެން ﷲ އަށް ވުރެ އެ ފައިސާދެކެ ލޯބިވާން ފަށަމުއެވެ. ﷲ އަޅުގަނޑުމެންނަށް ޙަޔާތުގެ ބައިވެރިއެއް ދެއްވައެވެ. އަޅުގަނޑުމެން ﷲ އަށްވުރެ އެ ބައިވެރިޔާދެކެ ލޯބިވާން ފަށަމުއެވެ. ﷲ އަޅުގަނޑުމެންނަށް ދަރިން ދެއްވައެވެ. އަޅުގަނޑުމެން ﷲ އަށްވުރެ ބޮޑަށް އެ ދަރިން ދެކެ ލޯބިވާން ފަށައެވެ.
މިއީ ޚިޔާލެއް ކަހަލަ ވާހަކައެކެވެ. އެއްވެސް މުއުމިނަކު ތެދުވެފައި އަހަރެން ﷲ އަށްވުރެ އަހަރެންގެ ފައިސާދެކެ ލޯބިވެއޭ ނުއެއް ބުނާނެއެވެ. އަހަރެން ﷲ އަށްވުރެ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާދެކެ ލޯބިވެއޭ ނުއެއް ބުނާނެއެވެ. އަހަރެން ﷲ އަށްވުރެ އަހަރެންގެ ދަރިންދެކެ ލޯބިވެއޭ އެކަކުވެސް ނުބުނާނެއެވެ. އެހެނަސް އަޅުގަނޑުމެން މި ވާހަކަތައް ބުނަނީ ޢަމަލުންނެވެ.
ތިބާ ދެ ކަމެއްގެ ތެރެއިން ކަމެއް ޚިޔާރު ކުރަން ޖެހިއްޖެނަމަ އެކަން އެނގިގެންދާނެއެވެ. މިސާލަކަށް ތިބާގެ ވިޔަފާރީގައި އިތުރަށް ފައިދާ ހޯދިދާނެ ގޮތެއް ތިބާއަށް އެނގެއެވެ. އިތުރު ފައިސާ ހޯދިދާނެ ގޮތެއް އެނގެއެވެ. މިސާލަކަށް ރާ ވިއްކައިގެންނެވެ. ވަރަށް ގިނަ ރެސްޓޯރެންޓުތަކުން ބުނާ ގޮތުގައި ގިނައިން ލާރި ލިބެނީ ރާ ވިއްކުމުންނެވެ.
މި ޙާލަތުގައި ތިބާ ޖެހޭނީ ދެ ކަމެއްގެ ތެރެއިން އެއްކަމެއް ޚިޔާރު ކުރާށެވެ. ފައިސާ ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ރާ ޙަރާމް ކުރައްވާފައެވެ. ރަލުގެ ވިޔަފާރި ކުރުމާއި އެއާއި ގުޅޭ އެއްވެސް ކަމެއް ވެސްމެއެވެ. އަދި ރާ ބޮމުންދާ މީހުންނާއި ކައިރިވުން ވެސްމެއެވެ.
އެހެންކަމުން ތިބާ ޖެހޭނީ ޚިޔާރު ކުރާށެވެ. އަޅުގަނޑުމެން ޚިޔާރު ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ޙަޤީޤަތަކީ އަޅުގަނޑުމެން އަބަދުވެސް ޚިޔާރު ކުރާނީ އަޅުގަނޑުމެން އެންމެ ބޮޑަށް ލޯބިވާ އެއްޗެއް ކަމެވެ. ތިބާ އެންމެ ބޮޑަށް ލޯބިވާ އެއްޗެއް ވެގެން ދާނީ ތިބާގެ ވެރިޔާއަށެވެ. އެހެން ބަސްތަކަކުން ބުނާނަމަ އަޅުގަނޑު ވެގެން ދާނީ އަޅުގަނޑު އެންމެ ލޯބިވާ އެއްޗެއްގެ އަޅަކަށެވެ. އެހެންކަމުން ތިބާ އެންމެ ބޮޑަށް ލޯބިވާ އެއްޗަކާއި މެދު ތިބާ ވަރަށް ބޮޑަށް ސަމާލުވާން ވާނެއެވެ.
ތިބާ އެންމެ ބޮޑަށް ލޯބިވާ އެއްޗަކީ ފައިސާ ކަމަށްވާނަމަ، ގިނަވަމުންދާ މުދާ ކަމަށްވާނަމަ، ތިބާ އެ ފައިސާ ހޯދައި މުދާ ގިނަ ކުރުމަށް ކުރެވެން އޮތްހާ ކަމެއް ކުރާނަމުއެވެ. މިއީ އަޅުވެތިވުމުގެ ވައްތަރެކެވެ. މިއީ އަޅުކަމެއްގެ ވައްތަރެކެވެ.
މުދަލާއި ފައިސާއަށް އަޅުކަން ކުރާ ވަރަށް ގިނަ މީހުން އުޅެއެވެ. އެ މުދަލާއި ފައިސާ ހޯދަން ކުރެވެން އޮތްހާ ކަމެއް އެމީހުން ކުރާނެއެވެ. ދޮގުވެރިވެގެން ވިޔަސްމެއެވެ. ވައްކަން ކޮށްގެން ވިޔަސްމެއެވެ. އަދި ﷲ ޙަރާމް ކުރެއްވި ކަންތައް ކޮށްގެން ވިޔަސްމެއެވެ. އެމީހުން ފައިސާއަށްޓަކައި އެކަން ކުރާނެއެވެ.
މިއީ ﷲ މީހަކަށް ހަދިޔާއެއް ދެއްވުމުން، އެމީހަކު ހަދިޔާ ދެއްވި ފަރާތަށްވުރެ ބޮޑަށް ހަދިޔާ ދެކެ ލޯބިވުމުގެ މިސާލެކެވެ.
އަޅުގަނޑުމެންގެ ގުޅުންތަކުގައި މީގެ އެހެން މިސާލުތަކެއްވެއެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ ދަރިންނެވެ. މިއީ ބައެއްފަހަރު ނޭނގުމެއްގެ ތެރެއިން ވެސް ކުރެވޭ ކަންތަކެވެ. މަންމައެއްގެ ގޮތުގައި ތިބާގެ ދަރިން ވެގެން ދާނީ ތިބާއަށް ވަރަށް ބޮޑު އިމްތިޙާނަކަށެވެ. މީގެ ސާދާ މިސާލެއް ދޭނަމެވެ. ތިބާގެ ޚިޔާލުތަކުން ތިބާ ބޭނުންވަނީ ތިބާގެ ދަރިފުޅުގެ މުސްތަޤްބަލު ރައްކާތެރި ކުރާށެވެ. އެހެންކަމުން ތިބާ ‘ސޭވިންގްސް އެކައުންޓެއް’ ހުޅުވަމުއެވެ. ތިބާގެ ދަރިފުޅަށްޓަކައެވެ.
ސޭވިންގްސް އެކައުންޓަކީ ކޮބައިހެއްޔެވެ؟ އެފަދަ އެކައުންޓުތަކުގައި އިތުރުވެ ޖަމާވަމުން ދަނީ ރިބާއެވެ. އެހެނަސް އެ މަންމައަށް ބުނެވޭނެއެވެ. އަހަރެން މިކަން މި ކުރަނީ އަހަރެންގެ ދަރިފުޅަށްޓަކައެވެ.
އެ ޙާލަތުގައި ވެސް ތިބާ ކަމެއް ކުރަނީ ލޯތްބާއި ގުޅިގެންނެވެ. އެހެނަސް ތިބާ އެންމެ ބޮޑަށް ލޯބިވަނީ ކޮން އެއްޗެއް ދެކެ ހެއްޔެވެ؟ އެއްކޮޅުން ﷲ ސުބުޙާނަހޫ ވަތަޢާލާ ރިބާގެ ފާފައިގެ ވާހަކަ ވަޙީ ކުރައްވާފައިވަނީ އެހެން ފާފައަކާއި މެދު ވަޙީކުރައްވާފައިވާ ގޮތަކަށް ނޫނެވެ. ރިބާ ދޫނުކުރާ މީހަކަށް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ޙަޟްރަތުން އަންނަ ހަނގުރާމައެއްގެ އިންޒާރު ދެއްވަން ﷲ އަންގަވާފައިވެއެވެ. އެއީ ކިހާ ބާރުގަދަ ޢިބާރާތެއް ހެއްޔެވެ؟ ﷲ ރިބާގެ ފާފައިގެ ބޮޑުކަން ސިފަކުރައްވާފައިވަނީ މިހެންނެވެ.
އަނެއްކޮޅުން ތިބާގެ ދަރިފުޅު ދެކެ ތިބާ ލޯބިވަމުއެވެ. އަހަރެންގެ ދަރިފުޅުގެ މުސްތަޤްބަލު ‘ރައްކާތެރި’ ކުރަން އަހަރެން ބޭނުމެވެ. އެހެންކަމުން ވަރަށް ގިނަ މީހުން ރިބާ ޚިޔާރު ކުރެއެވެ. ދަރިފުޅުދެކެ ވާ ލޯބި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅަކާއި ޚިލާފު ވިޔަސްމެއެވެ.
އަޅުގަނޑުމެންނަށް ވަރަށް ގިނަ ޙާލަތްތަކުގައި މި މަންޒަރު ފެނެއެވެ. ބައެއް މީހުން އެހެން މީހުންގެ ތެރޭގައި ޤަދަރުވެރި މީހަކަށްވާން ބޭނުންވެއެވެ. މީހުންގެ މެދުގައި ‘މަތިވެރި’ މީހެއްގެ ސިފައިގައި އުޅެން ބޭނުންވެއެވެ. އެމީހުން ބުނާނެއެވެ. އަހަރެން ދުއްވަން ޖެހޭނީ ވަކި ވައްތަރެއްގެ ކާރެކެވެ. އަހަރެން އުޅެން ޖެހޭނީ ވަކި ވައްތަރެއްގެ ގެއެއްގައެވެ. މީހުން އެ ގެއަކަށް ވަދެފައި އަޖާއިބުވާހާ ރީތި ގެއެއްގައި އުޅެން އަހަރެން ޖެހެއެވެ. މީހުން އަހަރެން ދުއްވާ ކާރަށް ބަލާފައި އަހަންނަކީ މަތިވެރި ޤަދަރުވެރި މީހެއްގެ ގޮތުގައި އެމީހުންނަށް ސިފަކުރެވެން ވާނެއެވެ. މިއީ އަހަރެން ވަރަށް ލޯބިވާ ކަންތަކެވެ. އެހެންކަމުން ކިތަންމެ ބޮޑު ޢަދަދެއްގެ ރިބާގެ މުޢާމަލާތެއް ކުރަން ޖެހުނަސް އަހަރެން އެކަން ކުރާނަމެވެ.
މިއީ އާދައިގެ ދިރިއުޅުމުގައި ފެންނަ މިސާލުތަކެވެ. އަޅުގަނޑުމެން ﷲ އަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ މަޤާމްދެކެ ލޯބިވަމުއޭ އަޅުގަނޑުމެން ނުބުނާނަމުއެވެ. އެހެންނޫނީ ﷲ އަށްވުރެ ބޮޑަށް އަހަރެންގެ ފައިސާދެކެ އަހަރެން ލޯބިވަމޭ މީހަކު ނުބުނާނެއެވެ. އެހެންނޫނީ ﷲ އަށްވުރެ ބޮޑަށް އަހަރެންގެ ދަރިންދެކެ އަހަރެން ލޯބިވަމޭ މީހަކު ނުބުނާނެއެވެ. އެހެނަސް އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެން އެކަން ދައްކަމެވެ.
ފަސޭހައާއި ހަދިޔާތަކުގެ އިމްތިޙާނުން ފާސްވުން އެހާ އުދަގޫވަނީ މި ސަބަބުތަކާ ހުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިމްތިޙާން ކުރައްވަނީ ހަމައެކަނި ދަތި އުދަގޫތަކުންނެއް ނޫންކަން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވާނެއެވެ.
އެންމެ ފަހު ކަމަކަށް، އަޅުގަނޑުމެންގެ ހަދިޔާތަކަކީ އަޅުގަނޑުމެންގެ ސަމާލުކަން ނަގައިލާ ކަމަކަށް ވެދާނެއެވެ. މިސާލަކަށް މީހަކު ނުހަނު އަމާންކަމާއިއެކު އަތިރިއެއްގައި އިށީނދެގެން އިނދެ ވަރަށް މީރު ބުއިމެއް ބޮނީއެވެ. މިއީ ރަނގަޅު ކަމެކެވެ. އެހެނަސް މިފަދަ ޙާލަތްތަކަކީ އަޅުގަނޑުމެންގެ ސަމާލުކަން ނަގައިލާ ޙާލަތްތަކެވެ. ފަސޭހަވެގެން ގޮސް ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިން ހަނދާން ނައްތާލެވޭ ޙާލަތްތަކެވެ.
އެފަދަ ޙާލަތްތަކުގައި ނަމާދަށް ދިޔުމަކީ އަވަސް އަރުވާލައިގެން ކުރަންޖެހޭ ކަމަކަށް ނުވެއެވެ. ދުޢާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެނީ ތިބާ ވަނީ ފަސޭހައިގެ ތެރޭގައެވެ. އެއީ ފަސޭހަ ދިރިއުޅުމެކެވެ. އެ ފަސޭހައާއި އަގު ބޮޑެތި ދިރިއުޅުން ތިބާގެ ސަމާލުކަން ނަގައިފިއެވެ.
އެހެނަސް ތިބާ ބޯޓަކަށް އަރައިފިނަމަ ވަނީ ކިހިނެއް ހެއްޔެވެ؟ ތިބާ އޭރުން ވާނީ މާ ކަނޑުގެ މެދުގައެވެ. ހަމަ އެއާއިއެކު ތިބާއަށް އިޙްސާސް ކުރެވުނު ރައްކާތެރިކަން ގެއްލިދާނެއެވެ. އެއީ ޙަޤީޤަތުގައި ތިބާއަށް ހީވި ރައްކާތެރިކަމުގެ ދަޅައެކެވެ.
ތިބާ މިވަގުތު ވަށައި ހޯދައިފިނަމަ ފެންނަނީ ޠޫފާނެކެވެ. ރާޅުތައް ފަރުބަދަތަކަށްވާން ފަށާފައިވެއެވެ. މިފަދަ ޙާލަތެއްގައި އެތީސްޓަކު ވެސް މަތިވެރިވެގެންވާ ފަރާތަކަށް ދުޢާ ކުރަން ފަށާނެއެވެ. ހަމަ ކުއްލިއަކަށް ތިބާގެ ދުޢާތައް އަސަރުން ފުރިގެންދެއެވެ. ތިބާގެ ނަމާދުތަކުގައި ޚުޝޫޢަތްތެރިކަން އެކުލެވިގެންދެއެވެ.
މިހެން ވަނީ އިންސާނާގެ ކިބައިގައިވާ ބަލިކަށިކަމެއްގެ ސަބަބުންނެވެ. އެއީ ކަންތައްތައް ފަސޭހަވެގެން ދިޔުމުން ސަމާލުކަން ގެއްލި ދިޔުމެވެ. އަޅުގަނޑުމެން އެ ރައްކާތެރިކަމުގެ ދަޅައަށް ހެއްލިގެންދެއެވެ. ފަސޭހައިގެ ދަޅައަށް ހެއްލިގެން ދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ﷲ އަށް ރުޖޫޢަވަނީ އެ ދަޅަ ގެއްލިގެން ދިޔުމުންނެވެ. ތިމަންނަ މިވަގުތު ނަމާދު ކުރަންޖެހެއޭ ބުނާ ޙާލަތަށް ދަނީ އެ ދަޅަ ގެއްލުމުންނެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި މިހެން ވެއެއް ނޫންތޯއެވެ؟ އަޅުގަނޑުމެން އުޅެނީ އަގުބޮޑު ފަސޭހަ ދިރިއުޅުމެއްގައެވެ. އެހެން އުޅެމުން ދަނިކޮށް ކުއްލިއަކަށް އެކަންތައް ގެއްލިދާނެ ކަމުގެ އިންޒާރެއް އާދެއެވެ. ކޮންމެވެސް މީހެއްގެ ވަޒީފާ ގެއްލެއެވެ. ކޮންމެވެސް މީހަކަށް ކެންސަރު ޖެހުނުކަން އެމީހާއަށް އެނގިގެންދެއެވެ. ތިބާގެ ދަރިއަށް ކޮންމެވެސް ކަމެއް ދިމާވެއްޖެއެވެ.
އެއާއިއެކު ކުއްލިއަކަށް ތިބާ ބިރުގަނެއެވެ. އެވަގުތު ޠޫފާން ތިބާ ވަށާލަނީއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ﷲ އަށް ރުޖޫޢަވަނީ މިފަދަ ޙާލަތްތަކުގައެވެ. އެ ޙާލަތްތަކުގައި އަޅުގަނޑުމެން އަވަސް އަވަހަށް رَبَّنَا آتِنَا فِي الْدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار ކިޔާލަނީއެއް ނޫނެވެ. އެ ޙާލަތްތަކުގައި އަޅުގަނޑުމެންގެ ދުޢާތައް އަންނަނީ ހިތުގެ ވަރަށް ފުން ހިސާބަކުންނެވެ. އަދި އެ ދުޢާތަކުގެ އިޖާބަ ލިބިގަންނަން އަޅުގަނޑުމެން ކެތްމަދުވެފައިވެއެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ދާ ވަރަށް ތަފާތު ޙާލަތެކެވެ. ދަތި ކަމެއްގެ ތެރޭގައި ވާ ވަގުތެވެ. ފަސޭހައިގެ ވަގުތާއި ޚިލާފަށެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ކޮންމެ ޙާލަތެއްގައި ލެއްވިޔަސް، ފަސޭހައިގެ ތެރޭގައި ވިޔަސް އަދި ދަތިކަމުގެ ތެރޭގައިވިޔަސް އަޅުގަނޑުމެން އެއަށް ރަނގަޅު އިޖާބައެއް ދެވޭތޯ ބަލަންވާނެއެވެ. އަދި ހުރިހާ ޙާލަތެއްގައި ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެމުން ދާކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ހުރިހާ ކަމެއް ފަސޭހަކޮށް ދިޔަޔަސް ތިބާ ތި ދަނީ އިމްތިޙާން ކުރެވެމުންނެވެ. ކަންތައް ދަތިކޮށް ދާ ވަގުތުވެސް ތިބާ ދަނީ އިމްތިޙާން ކުރެވެމުންނެވެ.
ފަސޭހައާއި ހަދިޔާތަކުގެ އިމްތިޙާނުން އަޅުގަނޑުމެން ފާސްވާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑު ކުރިން ވެސް ބުނި ފަދައިން އެންމެ ފުރަތަމަ ކަމަކީ ޝުކުރުވެރިވުމެވެ. ތިބާގެ ހަދިޔާތައް ރައްކާތެރި ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ އެ ހަދިޔާތަކަށްޓަކައި ޝުކުރުވެރި ވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
“…ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.” ސޫރަތް އިބްރާހީމް، 7
ތިބާގެ ހަދިޔާތައް އިތުރު ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމެވެ. އަދި އެ ހަދިޔާތައް ރައްކާތެރި ކުރެވޭނެ އެންމެ މޮޅު ގޮތަކީ ވެސް އެއީއެވެ. ޝުކުރުވެރި ނުވާކަން ތިބާގެ ޢަމަލުން ނުދައްކާށެވެ. އެ ހަދިޔާތަކަށްޓަކައި އަމިއްލަ ނަފްސަށް ތަޢުރީފު ނުކުރާށެވެ. އަދި އެއީ ތިބާގެ ސަބަބުން ވީ ކަމެއްކަމަށް ހީނުކުރާށެވެ. އެހެންނޫނީ އެއީ ތިބާއަށް ޙައްޤު ހަދިޔާތަކެއް ކަމަށް ހީ ނުކުރާށެވެ. އޭގެ ބަދަލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވާށެވެ.
އަދި ހަމަ އެހެންމެ ހަދިޔާ ދިން ފަރާތަށްވުރެ ބޮޑަށް ހަދިޔާއެއް ދެކެ ލޯބިނުވާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިބާ ލޯބިވާ ހުރިހާ އެއްޗެއްގެ އަސްލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަޅުގަނޑުމެން ބޭނުންވާ ހުރިހާ އެއްޗެއްގެ ވެސް އަސްލަކީ ﷲ އެވެ.
އެންމެ ފަހު ކަމަކަށް އެ ހަދިޔާތަކަކީ ތިބާ ﷲ އާއި ދުރު ކުރުވާ ސަބަބަކަށް ނަހަދާށެވެ.
ނުނިމޭ