ބަދަލުވާ ޙަޔާތް (ސަތާރަވަނަ ބައި): އިމްތިޙާންތަކަށް އިޖާބަދެވޭ 3 ގޮތް
ﷲ އާއިމެދު ހެޔޮކޮށް ވިސްނުމުގެ ބާރަކީ، ސެކިއުލާރ ސައިކޮލޮޖީއިން ވެސް އެއާއިމެދު ދިރާސާ ކުރަން ފަށާފައިވާ ކަމެކެވެ.
ޒަމާނީ ސައިކޮލޮޖީގައި ‘ސެލްފް ފުލްފިލިންގް ޕްރޮފެސީ’ ގެ ވާހަކަ ދެކެވެއެވެ. ސެލްފް ފުލްފިލިންގް ޕްރޮފެސީ އަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ޙާލަތްތަކާއި، ހިނގާ ކަންތަކާއި ނުވަތަ މީހުންނާއިމެދު އެއްވެސް ހެޔޮ ނޫނީ ނުބައި އުއްމިދެއް ކޮށްގެން ހުރުމުގެ ސަބަބުން، އެ ކަންތަކާއި މީހުންނާއި މެދު ކަން ކުރެވޭ ގޮތް ބަދަލުވެގެންދާ ގޮތުން އެ އުއްމީދު ކުރި ގޮތެއް ފުރިހަމަވުމެވެ.
މިއީ ކިހާ ބާރުގަދަ ވާހަކައެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވަނީ ކީކޭ ހެއްޔެވެ؟ ޤުދުސީ ޙަދީޘެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިމަންރަސްކަލާނގެ ގެ އަޅާ ތިމަންރަސްކަލާނގެއާއި މެދު ހީކުރާ ގޮތަކަށެވެ. އަޅާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކުރާނަމަ ތިމަންރަސްކަލާނގެ އެ އަޅާއާއިއެކު ވޮޑިގެންވަމެވެ. އެ އަޅާގެ އަމިއްލަ ނަފްސުގެ ތެރެއިން ތިމަންރަސްކަލާނގެ މަތިން ހަނދުމަކޮށްފިނަމަ ތިމަންރަސްކަލާނގެ ޙަޟްރަތުގައި އެ އަޅާ ހަނދުމަކުރައްވަމެވެ. ބައެއްގެ ތެރޭގައި އެ އަޅާ ތިމަންރަސްކަލާނގެ ޒިކުރު ކޮށްފިނަމަ ތިމަންރަސްކަލާނގެ އެއަށްފަހު ރަނގަޅު ޖަމާޢަތެއްގައި އެ އަޅާ ޒިކުރު ކުރައްވަމެވެ.
މިއިން އަޅުގަނޑުމެންނަށް ދަސްވަނީ ކޮންކަމެއް ހެއްޔެވެ؟ ﷲ މި ދަސްކޮށްދެއްވަނީ، އެކަލާނގެ ވޮޑިގެންވަނީ އަޅުގަނޑުމެން އެކަލާނގެއާއި މެދު ހީކުރާ ގޮތަކަށްކަމެވެ. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއާއިމެދު ހީކުރަން ވާނީ އެންމެ ރަނގަޅަށެވެ. އެހެނީ ﷲ ވޮޑިގެންވަނީ އަޅުގަނޑުމެން އެކަލާނގެއާއިމެދު ހީކުރާ ފަދައަކުންނެވެ.
ސެލްފް ފުލްފިލިންގް ޕްރޮފެސީއާއި حُسْنُ اظَّن بِاللّه އަޅުގަނޑުމެން އެއްކުރާނީ ކިހިނެއް ހެއްޔެވެ؟ މީތި ފަހުމް ކުރެވޭނެ އެއްގޮތަކީ މިއީއެވެ.
އަޅުގަނޑު ކަމަކާއިމެދު ވަކި ގޮތަކަށް އުއްމީދު ކޮށްފިނަމަ، އެ އުއްމީދު ރަނގަޅު ވެއްޖެނަމަ، ރަނގަޅު ނަތީޖާ ނިކުންނާނެ ފަދައަކުން އަޅުގަނޑުގެ އުޅުން ބަދަލުވާން ފަށައެވެ. އަޅުގަނޑުގެ އުޅުން އެފަދަ ގޮތަކަށް ބަދަލުވުމުން އެ ރަނގަޅު އުއްމީދު ޙަޤީޤަތަކަށް ވެގެން ދެއެވެ.
އަޅުގަނޑު ކަމަކާއިމެދު ގޯސްކޮށް އުއްމީދު ކޮށްފިނަމަ، އެ ގޯސް އުއްމީދު ނިކުންނާނެ ފަދައަކުން އަޅުގަނޑުގެ އުޅުން ބަދަލުވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން އެ ނުބައި އުއްމިދު ޙަޤީޤަތަކަށްވެގެން ދެއެވެ.
އަޅުގަނޑު މިސާލެއް ދޭނަމެވެ. އެއްދުވަސްވަރެއްގައި ދިރާސާއެއް ކުރެވުނެވެ. މި ދިރާސާއަކީ އަދި މީހަކު އެހެން މީހަކާއިމެދު ކުރާ އުއްމީދަކަށް ބިނާވެގެން ދިޔަ ދިރާސާއެކެވެ. އެމީހުން ހެދި ގޮތަކީ، ސްކޫލެއްގެ ބައެއް ދަރިވަރުން ދިރާސާއަށްޓަކައި ޚިޔާރު ކުރީއެވެ. އަދި ވަކި ކުއްޖަކަށް ބެލުމެއް ނެތި އެ ދަރިވަރުން ދެ ބަޔަކަށް ބަހައިލިއެވެ.
ސައިކޮލޮޖީގައި ރޭންޑަމް ސާމްޕްލް އަކީ އެކި ދިމަދިމާލުން މީހުން ދިރާސާއަށްޓަކައި ނެގުމެވެ. ރޭންޑަމް އެސައިންމެންޓް މިއާއި ތަފާތެވެ. މިސާލަކަށް މި ބުނާ ދިރާސާގައި އެ ދަރިވަރުންގެ ތެރެއިން އެއް ބަޔަކީ އުފަންވުމުގައި ވެސް ވިސްނުންތޫނު ކުދިންގެ ގޮތުގައި ސިފަ ކުރެވުނެވެ. އަދި ދަރިވަރުންގެ އަނެއްބަޔަކީ އެހާ ވިސްނުންތޫނު ނޫން ދަރިވަރުންގެ ގޮތުގައި ސިފަ ކުރެވުނެވެ.
ދިރާސާ ކުރި މީހުން ދަރިވަރުން ގާތު ވެސް މި ވާހަކައެއް ނުބުނެއެވެ. ދިރާސާ ކުރާނެ އެއްގޮތަކީ ތިޔައީ ނުހަނު ވިސްނުންތޫނު ކުދިން ކަމަށް ދަރިވަރުން ގާތު ބުނުމެވެ. އަދި އެހެން ކުދިން ގާތު ތިއީ އެހާ ވިސްނުންތޫނު ނޫން ކުދި ބައެއް ކަމަށް ބުނުމެވެ.
އެހެނަސް މި ދިރާސާގައި އެމީހުން އެހެން ނަހަދައެވެ. އެމީހުން ހަމައެކަނި އެ ވާހަކަ ބުނީ މުދައްރިސުން ގާތުއެވެ. އެމީހުން މުދައްރިސުން ގާތު ބުންޏެވެ. މިވެނި އެވެނި ދަރިވަރުންނަކީ ވަރަށް މޮޅު، ވިސްނުންތޫނު ދަރިވަރުންނެވެ. އަދި މިވެނި އެވެނި ދަރިވަރުންނަކީ އެހާ ވިސްނުންތޫނު ނޫން ދަރިވަރުންނެވެ.
އެ އަހަރު ނިމުނުއިރު ދިރާސާ ހެދި މީހުންނަށް ހޯދުނު ހޯދުން އެނގޭ ހެއްޔެވެ؟ ވިސްނުންތޫނު ކަމަށް އެ ބުނެވުނު ދަރިވަރުންގެ ނަތީޖާ ވިސްނުންތޫނު ނޫންކަމަށް ބުނެވުނު ދަރިވަރުންނަށް ވުރެ އެތައް ގުނައެއް ރަނގަޅެވެ. އެ ކުދިންނަށް އެ ލަޤަބުތައް ދެވުނީ ވަކި ކުއްޖަކަށް ބެލުމެއް ނެތި ކަމަށް ވިޔަސްމެއެވެ. އެ ލަޤަބުތަކަކީ ހަމައެކަނި ދިރާސާއަށްޓަކައި ދެވުނު ލަޤަބުތަކެވެ.
ކީއްވެ ހެއްޔެވެ؟ އެއީ އެ މުދައްރިސުން އުޅުން ބެހެއްޓީ އެ މުދައްރިސުން ދަރިވަރުންނާއި މެދު އުއްމީދު ކޮށްގެން ތިބި ގޮތަށެވެ. ވިސްނުންތޫނު ކަމަށް ސިފަކޮށްދެވުނު ކުދިންނާއިމެދު މުދައްރިސުން އުޅުން ބެހެއްޓީ އެ ކުދިންނަކީ ވިސްނުންތޫނު ކުދި ބައެއް ކަމަށް އުއްމީދު ކުރާ ފަދަ ގޮތަކަށެވެ. އެހެންކަމުން އެ ދަރިވަރުން މަތީ ނަތީޖާ ނެރުނު ދަރިވަރުންނަށް ވެގެން ދިޔައެވެ.
މުދައްރިސުން ވިސްނުންތޫނު ނޫންކަމަށް ބުނެވުނު ދަރިވަރުންނާއިމެދު އުޅުން ބެހެއްޓީ އެ ދަރިވަރުންނާއިމެދު އުއްމީދު ކޮށްގެން ތިބި ގޮތަށެވެ. އެ ދަރިވަރުން އެހާ ރަނގަޅު ނަތީޖާއެއް ނެރުމަށް މުދައްރިސުން އުއްމީދެއް ނުކުރެއެވެ. އެހެންކަމުން މުދައްރިސުން އެކުދިންނާއިމެދު އުޅުން ބެހެއްޓީ އެ އުއްމީދު ކުރި ގޮތާއި އެއްގޮތަށެވެ. އެހެންކަމުން ކަންވެގެން ދިޔައީ އެފަދައިންނެވެ.
‘ސެލްފް ފުލްފިލިންގް ޕްރޮފެސީ’ ގެ ބާރަކީ މިއީއެވެ. އަޅުގަނޑުމެން އުއްމީދު ކުރާ ގޮތަކުން އަޅުގަނޑުމެންގެ އުޅުމަށް ބަދަލެއް އާދެއެވެ. އެހެންކަމުން އެ އުއްމީދު ކުރާ ގޮތަކަށް ކަންތައް ވެގެން ދެއެވެ.
ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ އުއްމީދު ކުރަނީ ކޮންމެވެސް މީހަކު ތިބާއަށް ދޮގު ހަދާނެ ކަމަށެވެ. ތިބާ އަބަދުވެސް ވިސްނަނީ މިވެނި މީހަކީ ދޮގުވެރިއެއް ކަމަށެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ ކުދިންނާއިމެދު ވެސް އަޅުގަނޑުމެންނަށް މިގޮތަށް ކަންތައް ކުރެވެއެވެ. އެކުދިން ދޮގު ހަދަނީ ކަމުގެ ތުޚުމަތު އަބަދުވެސް އެކުދިންގެ ބޮލުގައި އެޅުވުމެވެ. ތަކުރާރުކޮށް އެ ތުޚުމަތު ކުރުމެވެ. އެހެންކަމުން ތިބާ އެކުދިންނާއިމެދު ޢަމަލު ބަހައްޓަނީ އެކުދިންނަކީ ދޮގުވެރިންގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ކަންތައް ވާނީ ކިހިނެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟ ވަރަށް ގިނަ ފަހަރު އެކުދިންގެ އުޅުން ދޮގުވެރިއެއްގެ އުޅުމަށް ބަދަލުވެގެންދެއެވެ.
އެހެނީ ތިބާ އެކުދިންނާއިމެދު ކަން ކުރަމުން ދިޔައީ އެކުދިންނަކީ ނޭދެވޭ ކުދިންގެ ގޮތުގައެވެ. އެކުދިންނާއިމެދު ނޭދެވޭ އުއްމީދެއް ކުރުމުން އެ އުއްމީދާއި އެއްގޮތަށް އެކުދިންގެ އުޅުން ބަދަލުވެގެންދެއެވެ.
މީގެ އިދިކޮޅަކީ ވެސް ޙަޤީޤަތެކެވެ. މިސާލަކަށް ތިބާ މީހެއްގެ ކިބައިން އުއްމީދު ކުރަނީ ރަނގަޅަށް ކަމަށްވާނަމަ އެމީހަކު ރަނގަޅު ވެގެން ދެއެވެ. ނޫނެކެވެ. ތިބާ އަހަންނަށް ދޮގު ނަހަދާނަމުއެވެ. ތިބާ އަހަރެން ގާތު ބުނަނީ ތެދުކަން އަހަރެން ޤަބޫލު ކުރަމެވެ. މިފަދަ ބަސްތައް ބުނެ މީހަކާއިމެދު ތިބާ ތެދުވެރިއެއްގެ ގޮތުގައި ޢަމަލު ބަހައްޓާނަމަ، އެމީހަކު ތެދުވެރިވެގެންދެއެވެ. އެމީހުން އެ އުއްމީދު ކުރާ ފަދަ ގޮތަށް ބަދަލުވެގެންދެއެވެ. އެހެނީ އެ އުއްމީދުގެ ސަބަބުން ތިބާ އެމީހަކާއިމެދު ޢަމަލު ބަހައްޓާ ގޮތް ބަދަލުވެގެންދެއެވެ.
ﷲ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަނީ މިކަމެވެ. އެކަލާނގެ ވޮޑިގެންވަނީ އަޅުގަނޑުމެން އެކަލާނގެއާއިމެދު ހީކުރާ ގޮތަށެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ﷲ އާއިމެދު ރަނގަޅަށް ހީކުރާނަމަ، އަޅުގަނޑުމެންގެ އުޅުން ހުންނާނީ އެ އުއްމީދު ކުރާ ގޮތާއި އެއްގޮތަށެވެ. ﷲ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާނެކަމަށް އަޅުގަނޑުމެން ޤަބޫލު ކުރާނަމުއެވެ. ﷲ އަޅުގަނޑުމެންނަށް ރަޙްމަތް ލައްވާނެ ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރާނަމުއެވެ. ﷲ އަޅުގަނޑުމެންނަށް ހެޔޮ ކަންތައް ދެއްވާނެކަން އަޅުގަނޑުމެން ޤަބޫލު ކުރާނަމުއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އުޅުން ހުންނާނީ އެ އުއްމީދު ކުރާ ގޮތާއި އެއްގޮތަށެވެ. އެހެންކަމުން އެގޮތަށް ކަންތައް ވެގެންދެއެވެ.
ހަމަ މިފަދައިން މީގެ އިދިކޮޅަކީ ވެސް ޙަޤީޤަތެކެވެ. މީހަކު ﷲ އާއިމެދު ރަނގަޅަށް ހީނުކުރާނަމަ، ﷲ ތިމަންނާއަށް ޢަޒާބު ދެއްވާނެކަމަށް ހީކުރާނަމަ، ﷲ ތިމަންނާއަށް ޢަފޫ ނުދެއްވާނެކަމަށް ހީކުރާނަމަ، (أَعُوْذُ بِاللّه) މިފަދަ ޚިޔާލުތަކަކީ ހަމަ ޔަޤީނުން ވެސް ޝައިޠާނާގެ ފަރާތުން އަންނަ ޚިޔާލުތަކެވެ.
މިފަދަ ވިސްނުންތަކުގައި އުޅޭ މީހަކަށް ވާނީ މިފަދަ ގޮތެކެވެ. އެމީހަކު ބުނާނެއެވެ. ﷲ އެހެންނޫނަސް އަހަންނަށް ޢަޒާބު ދެއްވާނެއެވެ. އަހަރެން ހީކުރާ ގޮތަކީ އެއީއެވެ. އަހަންނަށް ހީވަނީ ﷲ އަހަންނަށް ޢަފޫ ނުދެއްވާނެ ހެންނެވެ. އަހަންނަށް ހީވަނީ ﷲ އަހަރެންދެކެ ލޯބިވެވޮޑިގެންނުވާ ހެންނެވެ. (أَعُوْذُ بِاللّه) އަހަންނަށް ހީވަނީ ﷲ އަހަންނަށް ރުހިވޮޑިގެންނުވާ ހެންނެވެ.
މީހެއްގެ އުއްމީދުތައް މިހެން ހުރުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެފަހުން އެމީހަކު ބުނާނެއެވެ. މަސައްކަތް ކުރުމުގެ ވެސް ބޭނުމަކީ ކޮބައިހެއްޔެވެ؟ އެހެނީ އަޅުގަނޑުގެ އުއްމީދަކީ މި ނުބައި ނަތީޖާއެވެ. އެހެންކަމުން އެ އުއްމީދު އަޅުގަނޑުގެ އުޅުން ބަދަލުކުރެއެވެ. އެހެންކަމުން އަޅުގަނޑު ދެން މަސައްކަތް ކުރާ ހިތެއްވެސް ނުވެއެވެ. އެހެން ނޫންހެއްޔެވެ؟ ނަމާދު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އިތުރަށް ބުރުގާ އަޅައިގެން ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބުރުގާ ނަގާ ނުލަންވީ ކީއްވެ ހެއްޔެވެ؟ ﷲ އެހެންނޫނަސް އަހަންނަށް ރުހިވޮޑިގެންނުވެއެވެ.
އެހެންކަމުން އެފަދަ ގޯސް ވިސްނުންތައް އެއް ފައްތަރަކަށްފަހު އަނެއް ފައްތަރަށް ދެއެވެ. އެހެންކަމުން حُسْنُ الظَّن بِاللّه ވަރަށް މުހިއްމެވެ. އެއީ ދަތި އުދަގޫތަކުން އަރައިގަތުމަށާއި، އެ އުދަގޫތަކަށް އިޖާބަ ދިނުމަށް ބޭނުންކުރެވޭނެ ވަރަށް ބާރުގަދަ ހަތިޔާރެކެވެ.
ދެން އުފެދޭ ސުވާލަކީ އަޅުގަނޑުމެން އިޖާބަދޭންވީ ކިހިނެއްކަމާއި މެދުގައެވެ. ދަތި އުދަގުލެއް އެހެންނޫނީ އިމްތިޙާނެއް ކުރިމަތިވާ ހިނދު އަޅުގަނޑުމެން އިޖާބަ ދޭ ގޮތަކީ، އެ އިމްތިޙާނަކީ ފާފަތައް ފޮހެވޭ ނިޢުމަތެއްތޯ ނޫނީ އެ އިމްތިޙާނަކީ ޢަޒާބެއްތޯ އެނގިގެންދާ ނިޝާނެކެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ނަފްސުތައް އަޅުގަނޑުމެން އިޞްލާޙު ކުރަންޖެހޭ ކަމުގެ މިސާލެކެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދަތި އުދަގޫ އިމްތިޙާނުތަކަށް އިޖާބަ ދެވޭނެ 3 ގޮތެއް ވެއެވެ.
ފުރަތަމަ ގޮތަކީ މުއުމިނަކު އެއްގޮތަކަށް ވެސް އިޖާބަ ދީގެން ނުވާނެ ގޮތެކެވެ. މިގޮތަށް އިޖާބަ ދިނުމުން އަޅުގަނޑުމެން ރައްކާތެރި ކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެން އެދެން ޖެހެއެވެ.
އެ އިޖާބައަކީ ރުޅިވެރިކަމެވެ. އެހެންނޫނީ ހިތްހަމަނުޖެހުމެވެ. މިފަދައިން އިޖާބަ ދޭ ހިނދު މީހަކު އިމްތިޙާނެއް ކުރިމަތިވުމުން ބުނާނެއެވެ. ޔާ ﷲ އެވެ! އިބަރަސްކަލާނގެ އަހަންނާއިމެދު މިގޮތަށް ކަން ކުރެއްވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް މިކަން ދިމާވީ ކީއްވެ ހެއްޔެވެ؟ މިއީ އެއްގޮތަކަށް ވެސް ޢަދުލުވެރި ގޮތަކަށް ދިމާވި ކަމެއް ނޫނެވެ. أَعُوذُ بِاللّه އެވެ. މިކަހަލަ ވިސްނުންތަކެވެ.
މިއީ ކެތްތެރިވުމުގެ އިދިކޮޅެވެ. މިއީ މުއުމިނަކު އެއްގޮތަކަށް ވެސް ގެންގުޅެގެން ނުވާނެ ވިސްނުމެކެވެ. އަޅުގަނޑުމެންނަށް މިފަދައިން އިމްތިޙާނަކަށް ޖަވާބު ދެވޭނަމަ، އެއީ އަޅުގަނޑުމެންގެ ނަފްސުތަކުގައި އިޞްލާޙު ކުރަންޖެހޭ ކަންތައް ހުރިކަމުގެ ނިޝާނެކެވެ. އަޅުގަނޑުމެންގެ އެތެރެފުށުން ކަމެއް ބަދަލުކުރަންޖެހޭ ކަމުގެ ނިޝާނެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އަޅުގަނޑުމެންނާއި މެދު އޮތް ގުޅުން ރަނގަޅު ކުރަންޖެހޭ ކަމުގެ ނިޝާނެކެވެ.
އެހެންކަމުން އަޅުގަނޑުމެން އެ ގުޅުން އިޞްލާޙު ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން މިވަގުތު ހިތަށް އަރާނެއެވެ. އަހަންނަށް އެގޮތަށް އިޖާބަ ދެވިފައި އެބަ ހުއްޓެވެ. އެހެންނޫނީ އެއީ މިވަގުތު އަހަރެންގެ ޙާލަތެވެ. އަހަންނަށް އެއްވެސް އުއްމީދެއް ނެތީ ހެއްޔެވެ؟
ޖަވާބަކީ އަބަދުވެސް އުއްމީދު ވާ ކަމެވެ. ތިބާ އަދިވެސް ދިރި ހުރީތީވެއެވެ. އެހެންކަމުން ތިބާ އިޞްލާޙު ވާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ ތިބާ ޖެހޭނީ ތައުބާވާން ކަމަށެވެ. އެހެނީ އެފަދައިން އިމްތިޙާނަކަށް ޖަވާބު ދިނުމަކީ ފާފައެކެވެ. އަދި އެއީ ކެތްތެރިވުމުގެ އިދިކޮޅެވެ. ﷲ ގެ ނިންމެވުމާއިމެދު ސުވާލުކޮށް ﷲ އަށް ނުރުހުންވުމެވެ. އެ ނިންމެވުމުގައި ކޮންމެވެސް ގޯހެއް ވާކަމަށް ހީކުރުމެވެ. އަދި އެއީ ޢަދުލުވެރި ނިންމުމެއް ނޫންކަމަށް ނިންމުމެވެ.
މި ހުރިހާ ވިސްނުންތަކަށްޓަކައި އަޅުގަނޑުމެން ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަން ޖެހެއެވެ. އަދި ތިބާއަށް ދިމާވެފައިވާ އިމްތިޙާން ޤަބޫލުކޮށް ކެތްތެރިވުމުގެ ތައުފީޤު ދެއްވައި އެކަން ފަސޭހަ ކޮށްދެއްވުމަށް އިޚްލާޞްތެރިކަމާއިއެކު ﷲ ގެ ޙަޟްރަތުން އެދޭށެވެ.
އިމްތިޙާންތަކަށް އިޖާބަ ދެވޭނެ ދެވަނަ ގޮތަކީ ކެތްތެރިވުމެވެ. ކެތްތެރިވުމަކީ މުއުމިނަކު އިޖާބަ ދޭންޖެހޭ ގޮތެވެ. ކަން ދިމާވާ ގޮތް އެގޮތުގައި ޤަބޫލު ކުރުމެވެ. صَبر ގެ މާނައަކީ ކޮބައިހެއްޔެވެ؟ صَبر ގެ މާނައަކީ ﷲ ތަޤްދީރު ކުރައްވާފައިވާ ގޮތް ޤަބޫލު ކުރުމެވެ. ﷲ އާއި ދެކޮޅަށް ޝަކުވާ ކުރުމެއްނެތިއެވެ.
އެހެނަސް صَبر ގެ މާނައަކީ ތިބާ ދެރަ ނުވުމެއް ނޫނެވެ. ހިތާމަވެރިކަން އިޙްސާސް ކުރެވުމަކީ صَبر ގެ އިދިކޮޅެއް ނޫނެވެ. މީގެ ދަލީލަކީ ކޮބައިހެއްޔެވެ؟
ޔަޢްޤޫބް ޢަލައިހިއްސަލާމް ޔޫސުފް ޢަލައިހިއްސަލާމް އާއި ވަކިވެ ދިޔުމުން ޔަޢްޤޫބް ޢަލައިހިއްސަލާމް ގެ ކިބައިގައި صَبْرٌ جَمِيلٌ ވި ކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަލޭގެފާނު ރީތި ގޮތުގައި ކެތްތެރިވެވަޑައިގެންނެވެ. ހަމަ މިއާއިއެކު އެކަލޭގެފާނު ވަރަށް ބޮޑަށް ހިތާމަ ކުރެއްވިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ހަމަ އެ ސޫރަތުގައި ޔަޢްޤޫބް ޢަލައިހިއްސަލާމް ވިދާޅުވި ކަމަށްވެއެވެ.
“ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ…” ސޫރަތް ޔޫސުފް، 86
ﷲ އަށް ޝަކުވާ ދެންނެވުމާއި ﷲ އާއި ދެކޮޅަށް ޝަކުވާ ކުރުމާއިމެދު ތަފާތެއް ވާކަން އެނގުން ވަރަށް މުހިއްމެވެ.
ﷲ އާއި ދެކޮޅަށް ޝަކުވާ ކުރުމުގެ މިސާލަކީ މީގެ ކުރިން ދެންނެވުނު އިމްތިޙާންތަކަށް ދެވޭ އިޖާބައެވެ. ޔާ ﷲ އެވެ! އަހަންނާއިމެދު ތިހެން ހެއްދެވީ ކީއްވެ ހެއްޔެވެ؟ މިއީ ޢަދުލުވެރި ގޮތެއް ނޫނެވެ. މި ފަދަ ބަސްތައް ބުނެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގައި ހުރުމެވެ. ﷲ ތަޤްދީރު ކުރެއްވި ގޮތް ޤަބޫލު ނުކުރުމެވެ.
އެހެނަސް ﷲ އަށް ޝަކުވާ ދެންނެވުމަކީ ﷲ ގެ ޙަޟްރަތުގައި މިފަދަ ގޮތަކަށް ދެންނެވުމެވެ. ޔާ ﷲ އެވެ! މިއީ އުދަގޫ ޙާލަތެކެވެ. މިއަޅާއަށް އެހީވެދެއްވާށެވެ! އަދި މިއީ ކެތްތެރިކަމާއި އިދިކޮޅު ކަމެއް ނޫނެވެ. އެތައް ނަބިއްޔުން ﷲ އަށް ޝަކުވާ ދެންނެވިކަން އަޅުގަނޑުމެންނަށް އެނގެއެވެ. މިފަދައިން ވިދާޅުވަމުންނެވެ. ޔާ ﷲ މިއަޅާއަށް އެހީތެރިވެ ދެއްވާށެވެ! ޔާ ﷲ މިއީ އުދަގޫ ޙާލަތެކެވެ. އެހެންކަމުން މިއީ އަޅުގަނޑުމެންގެ ހިތްދަތިކަމާއި އެކީ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. އަދި މިއީ އަޅުގަނޑުމެންގެ ހިތްދަތިކަމަށް ފަރުވާއެއް ވެސްމެއެވެ.
ހަމަ އެފަދައިން ހިތާމަވެރިކަން އިޙްސާސް ކުރެވުމަކީ ވެސް ކެތްތެރިކަމާއި އިދިކޮޅު ކަމެއް ނޫނެވެ. ހިތްދަތިކަން އިޙްސާސް ކުރެވުމަކީ ކެތްތެރިވުމުގެ އިދިކޮޅެއް ނޫނެވެ. ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ވެސް ހިތާމަވެރިކަމުގެ އަހަރެއް ވޭތުވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ބޮޑުބޭބޭފުޅު އަވަހާރަވި އަހަރުގައެވެ. އެކަލޭގެފާނަށް އެ ހިތްދަތިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން އަވަހާރަވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ލޮލުން ކަރުނަ ފައިބައެވެ. ހިތަށް ތަދު އިޙްސާސް ކުރެވެއެވެ. އެހެނަސް ﷲ ރުހިވޮޑިގެންވާ ފަދަ ބަހެއް ނޫނީ ދޫ ނުބުނެއެވެ.”
އެހެންކަމުން صَبر ގެ މާނައަކީ އެއްވެސް އިޙްސާސެއް ނުކުރެވުމެއް ނޫނެވެ. ހިތް ހަރުވުމެއް ވެސް ނޫނެވެ. ދެރަ ނުވުމެއް ވެސް ނޫނެވެ. އަދި ހަމަ ޔަޤީނުން ވެސް އެއީ ރުއިން މަނާވުމެއް ވެސް ނޫނެވެ.
އަޅުގަނޑުމެންނަށް ހެދޭ އެއް ގޯހަކީ، صَبر އަކީ އިޙްސާސްތައް ފޮރުވުން ކަމަށް ހީކުރުމެވެ. އެއީ އެއްވެސް އިޙްސާސެއް ނުކުރެވުން ކަމަށް ހީކުރުމެވެ. ހިތް ހަރުވުން ކަމަށް ހީކުރުމެވެ.
އަޅުގަނޑު އަބަދުވެސް މި މިސާލު ދެމެވެ. ހިތާމަ ކުރަމުންދާ ދެމީހުން ޚިޔާލަށް ގެންނާށެވެ. މިސާލަކަށް ޖަނާޒާއެއްގައެވެ. އެ ޖަނާޒާގައި ޢާއިލީ ދެ މެންބަރުން ތިބާއަށް ފެނެއެވެ. އޭގެ ތެރެއިން އެކަކު ރޮނީއެވެ. އަނެއް މީހާގެ އެއްވެސް ޖަޒުބާތެއް މޫނުމަތިން ނުފެނެއެވެ.
ގިނަ މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ ގިނަ މީހުން އެ ރޮމުންދާ މީހާ ކައިރިއަށް ގޮސް ބުނާނެއެވެ. ކެތްތެރިވާށެވެ. އަދި އެއްވެސް ޖަޒުބާތެއް ނުދައްކާ މީހާއާއިމެދު ބުނާނެއެވެ. މާ ޝާ ﷲ އެވެ! އެމީހާގެ ކެތްތެރިކަމަށް ބަލާށެވެ! އެހެންނޫން ހެއްޔެވެ؟
ޙާލަތުގެ ދުލުން ބުނާ ފަދައެވެ. صَبر ގެ މާނައިގައި ހިމެނެނީ ޖަޒުބާތުތައް ދެއްކުމާއި ނުދެއްކުމެވެ. އެހެނަސް صَبر ގެ މާނައަކީ އެއީއެއް ނޫނެވެ. صَبر ވަނީ ހިތުގައެވެ. صَبر ވަނީ ދުލުންނެވެ. صَبر ގެ މާނައަކީ އެއްވެސް އިޙްސާސެއް ނުކުރެވުމެއް ނޫނެވެ. އެހެނީ ރަސޫލާ ﷺ ވެސް ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނަށް ލޮބުވެތި މީހުން އަވަހާރަވުމުންނެވެ. ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ލޮލުގެ ފެނުން ގެއްލޭ ވަރަށް ކީރިތި ކުރެއްވިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ޔޫސުފް ޢަލައިހިއްސަލާމް ގެއްލުމުންނެވެ. އެހެނަސް ޔަޢްޤޫބް ޢަލައިހިއްސަލާމްގެ ކެތްތެރިކަމަކީ ރީތިވެގެންވާ ކެތްތެރިކަމެކެވެ.
އެހެންކަމުން ގެއްލުމެއް ލިބުނު ކަމުގެ އިޙްސާސާއި صَبر އަކީ އިދިކޮޅު ދެކަމެއް ނޫނެވެ. ހިތާމަވެރިކަމަކީ އިންސާނާގެ ތަބީޢަތުގައިވާ އިޙްސާސެކެވެ. ގެއްލުމެއް ލިބުމުން ދެރަވުމަކީ ހަމަ ވާނެ ގޮތެކެވެ. صَبر ގެ މާނައަކީ އެ ދެރަވާ ވަގުތުވެސް ﷲ އާއި ދެކޮޅަށް ޝަކުވާ ނުކުރުމެވެ. މިއީ ބޭއިންސާފުން ވީ ކަމެއް ކަމަށް ނުބުނުމެވެ. ތިމަންނައަށް މިހެން ދިމާވާންވީ ކީއްވެތޯ ނުބުނުމެވެ. ތިމަންނައަށް އިބަރަސްކަލާނގެ މިހެން ހައްދަވަންވީ ކީއްވެތޯ ނުބުނުމެވެ. އޭގެ ބަދަލުގައި ﷲ ގެ ޙަޟްރަތުން އެހީއަށް އެދުމެވެ. މިއީ صَبر އާއި އިދިކޮޅު ކަމެއް ނޫނެވެ. އެހެނެއްކަމަކު ތިބާގެ ހިތުގައިވާ ޒަޚަމްތަކަށް ޝިފާ ލިބޭނީ ﷲ ގެ ޙަޟްރަތުން މިފަދައިން އެހީއަށް އެދުމުންނެވެ. އެ ދަތި ޙާލަތުން އަރައިގަންނަން ތިބާއަށް ތައުފީޤު ލިބިގެންދާނީ އެއިންނެވެ. އަދި މިއީ ތިބާގެ ހިތަށް އެންމެ އަވަސް ޝިފާއެއް ހޯދޭނެ ގޮތެވެ. އަދި ޝިފާ ހޯދޭނެ ހަމައެކަނި ގޮތްވެސްމެއެވެ. ތިބާގެ ހިތްދަތިކަމާއި ލިބިފައިވާ ގެއްލުމާއިއެކީ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެގެންނެވެ.
އިމްތިޙާންތަކަށް އިޖާބަ ދެވޭ ތިންވަނަ ގޮތަކީ رِضَاء އެވެ. رِضَاء އަކީ ހިތްހަމަޖެހުމެވެ. رِضَاء އަކީ ހަމައެކަނި ކެތްތެރިވުމެއް ނޫނެވެ. އެހެނެއްކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރައްވާ ކޮންމެ ކަމަކާއިމެދު ހިތްހަމަޖެހުމެވެ. މިއީ އިމްތިޙާނަކަށް ދެވޭނެ އެންމެ މަތީ ދަރަޖައިގެ އިޖާބައެވެ.
ނުނިމޭ