އެ ވަޒަނުގެ ޒަޚަމަށް ޝިފާ ހޯދާށެވެ.
ވަޒަނެއްގެ ޙަމަލާއެއް އަމާޒުވެގެން އުޅޭ މީހަކު ތިބާ ޚިޔާލަށް ގެންނާށެވެ. އެ ވަޒަން އެރީ އެމީހެއްގެ ކޮނޑަށެވެ. އެ ޒަޚަމަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެމީހަކު ގެއަށް ގޮސް ވަޒަން އެރި ތަނުގައި ބޭސް އަޅައެވެ. ވަޒަން އެރީ މުހިއްމު ގުނަވަނަކަށް ނުވީތީ އެމީހާގެ ފުރާނަ ސަލާމަތްވެއެވެ.
އެހެނަސް އެ ނިންމުނީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން އެމީހަކަށް އެނގެން މާ ގިނަ ދުވަހެއް ނުނަގައެވެ. ވަޒަން އެރި ތަނަށް ތަދުވެ އުދަގޫވާން ފަށައެވެ. އެހެނީ އެ ވަޒަން ވަނީ އޭނަގެ ހަންގަނޑާއި މަސްތަކުގެ ތެރެއަށް ވަދެފައެވެ. އަދި އަމުދުން ވަޒަން ހެދިފައިވަނީ ވިހަގަދަ ދަގަނޑަކުން ކަމަށްވުމުން، އެ ދަގަނޑުގެ ވިހަ އެމީހެއްގެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ދަތުރުކުރެއެވެ. އޭގެ ނޭދެވޭ އަސަރުތައް އެމީހަކަށް ތަޖުރިބާ ކުރެވިގެން ދަނީ އަހަރުތަކެއް ފަހުން ކަމަށްވެސް ވެދާނެއެވެ.
މި ވާހަކަ އަޑު އެހުމަށްފަހު އެމީހެއްގެ މޮޔަކަން ތިބާއަށް އިޙްސާސް ކުރެވިދާނެއެވެ. އެ ވަޒަން އެރި ދުވަހު އެމީހަކު ޖެހޭނީ ވަޒަން ނަގަންކަމަށް ތިބާއަށް ހިތާހިތުން ބުނެވުނީހެވެ. އެހެނީ ތިބާ އެމީހެއްގެ މަޤާމުގައިވިނަމަ އެހެން ހެދީމުހެވެ. އެހެން ނޫންތޯއެވެ؟
އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން، ދެންމެ ވާހަކައިގައި އެމީހާ ކަންތައް ކުރި ގޮތަށް ޢަމަލުތައް ބަހައްޓާކަން އެނގޭތޯއެވެ؟ އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރޭގައި ވަޒަނެއް ނޯވެދާނެއެވެ. އެހެނަސް އަޅުގަނޑުމެންގެ މޭތެރޭގައި ތަދުތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ތަދުތަކަކީ ކޮންތަނަކުން ކޮން އިރަކު ލިބުނު ތަދެއްކަން ނޭނގޭ ތަދުތަކެވެ. އެހެނަސް އަނެއްބައި ތަދުތަކަކީ އޭގެ ފަހަތުގައިވާ ސަބަބުތައް އަޅުގަނޑުމެންނަށް އެނގޭ ޒަޚަމްތަކެވެ.
ހިތަށް ޒަޚަމެއް ލިބޭކަން އަޅުގަނޑުމެންނަށް އެނގޭ ޙާލަތްތަކުގައި ވެސް، ވަރަށް ގިނަ ފަހަރު މަތިން އެ ތަދު ‘އައްސިކޮށް’ ތަދު ފިލުވަން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެއެވެ. އެ ތަދު އިޙްސާސް ނުކޮށް އެ ތަދު ފިލުވައިލެވޭތޯ މަސައްކަތް ކުރެވެއެވެ. ވަޒަން އެރި ޒަޚަމްގައި ވަޒަން ނެގުމެއްނެތި ބޭސް އެޅި މީހާ ފަދައިންނެވެ. އެ މީހާއާއި އެއްގޮތަށް އަޅުގަނޑުމެންނަށް ހީކުރެވެނީ، އެ ޒަޚަމަށް ޝިފާ ހޯދުމަށްވުރެ ޒަޚަމުގެ ތަދު ފިލުވައިލުން މާ ފަސޭހަވާނެ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން އެހެން ހަދަމުއެވެ. ތަދު އައްސި ކުރާ މާހިރަކަށް ވުރެ ވެސް މޮޅަށް އަޅުގަނޑުމެން އެ ތަދު ނެތް ކަމަށް ހަދަމުއެވެ.
އެހެނަސް ތަދު އައްސި ކުރުމުން މައްސަލަ ޙައްލެއް ނުވެއެވެ. ތަދު އިޙްސާސް ނުކުރެވުނަސް އެ ތަދު ނެތްކަމަކަށް ނުވެއެވެ. އަޅުގަނޑުމެން ނުދެނެ ތިއްބާ އަނެއްކާވެސް އެ ތަދު، އޭގެ ހުރިހާ ނޭދެވޭ އަސަރުތަކާއިއެކީ އަޅުގަނޑުމެންނާއި ހަމައަށް އަނެއްކާވެސް އާދެއެވެ. އެ ތަދު ފުރަތަމަ އިޙްސާސް ކުރެވުނު ވަރަށްވުރެ ވެސް މިފަހަރު އެ ތަދު ދެ ގުނަ ވެފައިވެއެވެ. އަނެއްކާވެސް އެ ތަދުން ސަލާމަތްވާނެ ގޮތަކާއިމެދު އަޅުގަނޑުމެންނަށް ވިސްނެން ފަށައެވެ.
މި މައްސަލައަށް އަޅުގަނޑު އަލި އަޅުވައިލަން ބޭނުންވި ސަބަބަކީ، މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކަށްވެފައި، މިއިން އަޅުގަނޑުމެންގެ އީމާންތެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާތީއެވެ. އަޅުގަނޑުމެން ތައުބާވެ، ދީނާއިމެދު އުނގެނެމުން ދިޔަ ދުވަސްވަރަކީ އެ ތަދު ‘އައްސި’ ކުރަމުން ދިޔަ ދުވަސްވަރުކަމަށް ވެދާނެއެވެ. އެ ތަދު އަނެއްކާވެސް އަޅުގަނޑުމެންނާއި އައިސް ހަމަކުރުމުން، އަޅުގަނޑުމެން އަޅުކަންތައް އަދާ ކުރަމުން ދާ ވަރު މަދުވެގެންދެއެވެ. އެހާ ހިސާބަށް ދިޔުމުން އަޅުގަނޑުމެން އުއްމީދު ކަނޑައިލަން ބޭނުންވެއެވެ. އަޅުގަނޑުމެންގެ އީމާންތެރިކަމާއި ﷲ އާއިމެދު އޮތް ގުޅުން ގެއްލި ދަނީ ކަމަށް ހީކުރަމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންދެކެ ލޯބިވެވޮޑިގެންނުވާ ކަމުގެ އިޙްސާސުން އެ ނާއުއްމީދީ އިޙްސާސްތައް އިތުރުވެގެން ދެއެވެ.
އެހެނަސް ޙަޤީޤަތަކީ އޭގެ އިދިކޮޅު ކަމަށްވެސް ވެދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ތަދުގެ މަތިން އަނެއްކާވެސް ތިބާއަށް ހަނދުމަ ކޮށްދެއްވީ، އެކަލާނގެ ތިބާދެކެ ވާ ލޯބިފުޅުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. އެކަލާނގެ ތިބާއަށް އެ ތަދު އަނެއްކާވެސް އިޙްސާސް ކޮށްދެއްވީ، އެ ތަދާއި ކުރިމަތިލައި، އެއާއިމެދު ރަނގަޅު ފިޔަވަޅެއް އަޅަން ތިބާއަށް ފުރުސަތެއް ދިނުމަށް ކަމަށްވެސް ވެދާނެއެވެ. އެ ތަދުގެ ޙަޤީޤަތް ތިބާއަށް ހާމަކޮށްދިނުމަށް ކަމަށްވެސް ވެދާނެއެވެ. މިއީ އެ ‘ވަޒަން’ ތިބާގެ ހަށިގަނޑުން ވަކިކޮށް އެ ޒަޚަމަށް ފުރިހަމަ ޝިފާއެއް ހޯދުމަށް ލިބުނު ފުރުސަތަކަށްވެސް ވެދާނެއެވެ. އަދި އެކަލާނގެ ފިޔަވައި އަޅުގަނޑުމެންނަށް ޝިފާއެއް ދެއްވާނީ ވެސް ކޮން ފަރާތެއް ހެއްޔެވެ؟
އެހެންކަމުން ތިބާއަށް ޙަޔާތުގައި ތަދު އިޙްސާސް ކުރެވި، ނަމާދުކޮށް އެހެނިހެން އަޅުކަންތައް ވެސް އަދާ ކުރަން ދަތިވެފައިވާނަމަ، އެ ދަތިކަމާއިއެކީ ވެސް އަޅުކަންތަކާއިގެން ކުރިއަށް ދާށެވެ. އެހެނީ ތިބާއަށް ޙަޔާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރެއް ލިބުނިއްޔާ ލިބޭނީ އެ އަޅުކަންތަކުންނެވެ. އަދި ތިބާއަށް ބޭނުންވާ އެހީއެއް ހޯދަން ހިތްވަރެއް ލިބޭނީ ވެސް އެ އަޅުކަންތަކުންނެވެ. ހިތުގެ އެންމެ އަޑިން އެއްވެސް މީހަކަށް ނޭނގޭ ފަދައިން ވެވޭ ދުޢާތައް އިޖާބަވެގެން ދަނީ އެ ވަގުތުކޮޅުތަކުގައެވެ. ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ހިތް އޭގެ ގޮތުގައި ހިފަހައްޓަން އެހީވެވޮޑިގެންވާ ކަމަށްޓަކައި ތިބާގެ ޤަދަރުވެރިކަން އިޙްސާސް ކުރާށެވެ. މި ކަންތައްތަކާއިއެކީ ވެސް ހޭދަކުރެވޭ މި ހިތްދަތި ދުވަސްތަކަކީ މާޒީއާއި އެކުވެގެންދާނެ ދުވަސްތަކެއްކަން ހަނދާން ބަހައްޓާށެވެ. (އިން ޝާ ﷲ)
Dhonthi
January 21, 2022 @ 8:00 am
Masha Allah 😍 iburaiitheri vaahaka kolheii