ދާރިސް (ހަތާވީސްވަނަ ބައި)
“އީތަން ތިއީ ހުހަށް ހުރި ކުއްޖެއްތަ؟” ފަރީދުބެ ކުއްލި ގޮތަކަށް ކޮށްލި ސުވާލުން އީތަން ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އިސާހިތަކު އީތަންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
“އަ…އާދެ..” އޭނަގެ އަޑު ކެނޑިކެނޑިގެން ގޮސް އޭނަގެ އިސްޖެހިގެން ދިޔަ ގޮތުން އީތަން އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ހިބާއާއި ގުޅިގެން ދިޔުމުގެ ނިޔަތެއް ވަކި އޭނަގެ ނެތްކަން އަމިއްލަ ހިތަށް ހަނދާންކޮށްދެވުނެވެ.
“ހިބާވެސް އެހެރީ ހުހަށް….އެކަމަކު ބޭބެ މިއުޅެނީ ހިބާއާއި ދެވަން ކުއްޖަކު ހޯދައިގެން…” ފަރީދުބެ ގެ އެ ވާހަކައާއި އެކީ އީތަންއަށް ފަރީދުބެއާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު އޭނަގެ ހިތް މޭ ތެރޭގައި އޮވެ ގެނބެން އުޅުނު ކަހަލަ އިޙްސާސެއް އީތަންއަށް ކުރެވުނެވެ. ދެންމެ އިވުނު ބަސްތައް އޭނަގެ ކަންފަތުގައި ގުގުމައިގެން ދިޔަދިޔަހެން ހިބާ އެހެން ޒުވާނެއްގެ ކައިރީގައި ހުންނަ މަންޒަރު ލޮލަށް ސިފަވެގެން ދިޔައެވެ. އެހިނދު ހިތަށްވެގެން ދިޔަ އުދަގުލާއިއެކީ އިސްޖަހައިލެވުނެވެ.
“އެ…ހެންތޯ؟” އީތަން އެހެން ބުނެލީ ހިނިތުންވާން މަސައްކަތް ކުރަމުން ފަރީދުބެއަށް ބަލަމުން ނުބަލަމުންނެވެ. އޭނަގެ ޙާލަތު ނޭނގޭ ބީރައްޓެއްސެއްގެ ކުރިމަތީގައި އެހެންވާން ފެށުމުން އީތަން ނުތަނަވަސް ވާ ގޮތްވިއެވެ. އެ ނުތަނަވަސްކަމުން ނަޒަރު ހަމައަކަށް އަޅުވަން އިތުރަށް ދަތިވުން ނޫންކަމެއް ނުވިއެވެ.
“ހުމް….މި ދަތުރު ނިންމާލާފަ މާލެއަށް ގޮއްސަ ހިބާގެ ކައިވެނި ކުރުވަން ކަމަށް މި ވިސްނަނީ. މި ދަތުރު ނިމޭނީ ކޮން ދުވަހަކުންތޯ އީތަން ކައިރިން އަހައިލަން ބޭނުންވެފަ ބޭބެ މިހިރީ ވެސް. ކޮން ދުވަހަކުންތޯ ހިބާއާއި ބޭބެއަށް އެކޮޅަށް ދެވޭވަރު ވާނީ؟” ފަރީދުބެ އެހިއެވެ.
“އަޅުގަނޑަށް ޔަޤީނެއް ނޫން. ހިބާ ކައިރިން އައްސަވައްޗޭ…އަޅުގަނޑު ކުޑަކޮށް ބޭރަށް ގޮސްލާފަ އަންނާނަން…” އީތަން އެހެން ބުނެ މަޑު ކުރުމެއްވެސް ނެތި ގޮނޑިން ތެދުވެލިއެވެ. ފަރީދު ވަކި އިތުރު އެއްޗެކޭ ނުބުނެ އިންދާ އީތަން ރެސްޓޯރެންޓުން ނިކުމެގެން ދާން ފެށިއެވެ.
އީތަން ދިޔަ ތަން އެއްކަލަ ދިގު މޭޒުގައި އިށީނދެގެން އިން ހިބާއަށް ވެސް ފެނުނެވެ. އީތަން ސާރ ގެ މޫނުމަތިން ފެނުނު ސީރިއަސްކަމުން ލިބުނު ޙައިރާންކަމުގައި ފަރީދުބެއަށް ނަޒަރެއް ދެވުނެވެ. އެހިނދު ފަރީދުބެވެސް މާޔޫސްކަމާއިއެކީ އިސްޖަހައިލިތަން ފެނިފައި އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ.
ފަރީދު އެ މޭޒު ދޮށުގައި އިނދެ އަތުގައި އޮތް ފޯނު ހުޅުވައިލިއެވެ. އެހިނދު ފޯނުގެ ލޮކް ސްކްރީނުން ފެންނަން ހުރީ އޭނައާއި ޝަހީދުގެ ކުރީގެ ފޮޓޯއެކެވެ. ދެމީހުން ހިނިތުންވުމަކާއިއެކީ ކެމެރާއަށް ބަލަން ތިބިއިރު، ދެމީހުންގެ އަތް އެކަކު އަނެކެއްގެ ކޮނޑަށް އެރުވިފައިވިއެވެ. އޭނަގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެއަކީ މުޅި ދުނިޔެއިން ވެސް އޭނަ އެންމެ ބޮޑަށް އިތުބާރު ކުރި އިންސާނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ ބަދަލެއްގެ ގޮތުން އޭނަ ވަނީ އެ ބޭބެއަށް ވެސް އެފަދަ އިޚްލާޞްތެރިކަމެއް ދެއްކުމަށް އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ. ބޭބެ ދެ އަންހެން ކުދިން ބައިތިއްބާފައި ދުނިޔެ ދޫކޮށް ދިޔުމުން އެ ޢަޒުމް ވަރުގަދަ ވެފައިވިއެވެ. ހިބާއާއި ހަމްނާ އެކަނި އުޅެން ޖެހުނު ހިސާބުން އޭނައަށް ޙަޤީޤަތުގައި އެދެކުދިންނަށް ދޭން ޖެހުނު އެހީ ނުދެވުނީ އޭނައަށް ކުރެވުނު މަޖުބޫރީއެއްގެ ސަބަބުންނެވެ. އަދި އަމުދުން މިއަދު އޭނައަށް ބޮޑުބޭބެ ކިޔާ ދޮށީ އަންހެން ކުއްޖާ ޚުދު އޭނަ ވެސް ނުރުހޭފަދަ މީހަކާއި ދެވަން ޖެހިފައި މިވަނީ ވެސް މަޖުބޫރީއެއްގެ ސަބަބުންނެވެ.
“މަށަށް ކަންތައް ސިއްރުކޮށްގެން ހަމަ މަ ކައިރީގަ ނުބުނަންވެގެން ދޯ ތި ހުންނަނީ؟ ބަލަ ހިބާ ތިތަނަށް ފޮނުވި މީހުންގެ ތެރޭގަ މަގޭ ބޮޑުދައިތައެއް ވެސް ހިމެނޭ. ދައްތަ ބުނީމަ މަށަށް މި އެނގުނީ ތި ހިބާއަކު އުޅެނީ ކޮންމެވެސް ދިވެހި ޗީފް ޑައިރެކްޓަރަކާ އެކީކަން. ތީނަވެސް އުޅެނީ އެގޭގަދޯ؟ މަށަށް ނާންގާ ކަލޭ ހިތަށް ވެސް ނާރުވާތި ހިބާ އެހެން މީހަކާއި ގުޅުވަން. ހަމަ މި ދުވަހުން މި ދުވަހަށް ހިބާ ކައިރީގަ ބުނޭ ހިބާ ޖެހެނީ މަށާއި އިންނާށޭ. އަދި އެ ބުނާ ޗީފް ޑައިރެކްޓާރއެއް ކައިރީގަ ވެސް ބުނެލާ އެ ވާހަކަ. އެހެންނޫނީ ކަލޭގެ ޢާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. ކަލޭގެ ބޭބެއަށް ވީ ކަހަލަ ގޮތެއްވެސް ވެދާނެ!”
ދެންމެ ފަރީދަށް ލިބުނު ފޯނު ކޯލުގައި އާސިފް ދެއްކި އޮފީސް ވާހަކައަށްފަހު އެ ވާހަކަތައް ވެސް ފަރީދާއި ކުރިމަތިވިއެވެ. އާސިފާއި ހިބާ އިންނަން ޖެހޭ ވާހަކަ އޭނަ ނުބުނަސް ހުރީ، މާލޭގެ ހޮޓަލެއްގައި ހިބާ ހުރި ރެއެއްގައި އާސިފް ކަންތައް ކުރި ގޮތް ފަރީދަށް އިވިފައިވާތީވެއެވެ. އެރޭ ފަރީދު އާސިފަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެދުވަހުން އެދުވަހަށް ހިބާއާއި އާސިފަށް ނުއިނދެވޭނެ ވާހަކަ އާސިފާއި އާސިފްގެ ބައްޕަގާތު ވެސް އެދެން ބޭނުންވިއެވެ. އެހެނަސް އެރޭ އޭނައަށް އެފަދައިން ބުނެވުމުގެ ކުރިން ވެސް އެރޭ އޭނައަށް ގުޅީ މުޢީން ނޫން ދެވަނަ މީހެއް ނޫނެވެ. އެމީހުންގެ ވިޔަފާރި ކުރި އަރައިގެން ދިޔަފަހުން މުޢީން އޭނައަށް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޢީން ކުންފުނީގެ މުވައްޒަފުންނަށް ގުޅައި ހެދުމަކީ ވެސް ޢާއްމު ގޮތެއްގައި ވާ ކަމެއް ނޫނެވެ. އެރޭ މުޢީން އޭނައަށް ގުޅުމުން ފަރީދުގެ ހިތް ތެޅިލީ އެހެންވެއެވެ. ހިބާއާއި އާސިފްގެ ކައިވެނިވެއްޖެނަމަ ފަރީދުގެ މަޤާމް މަތިވާނެ ވާހަކަ ބުނުމުން އޭނަ ދައްކަން އުޅުނު ވާހަކަތައް އޭނަ ހަނދާން ނެތޭ ގޮތްވީއެވެ. އަދިވެސް ސްކޫލްގައި އުޅޭ އޭނަގެ ބައެއް ކުދިންނާއިމެދު ވިސްނި ވިސްނިހެން މުޢީންގެ އެ ހުށަހެޅުން ކަމުދިޔަ މިންވަރުންނެވެ. އެރޭ ގެއަށް ގޮސްފައި ހިބާއާއި ކުރިމަތިލާން ވެސް ޖެހިލުންވީ އެ ފަދަ ނުބައި ހުށަހެޅުމަކަށް އެއްބަސް ވެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު މިންވަރުންނެވެ. އަދި މިއަދާއި ހަމައަށް އައިއިރު ވެސް އާސިފްގެ ވާހަކަ ހިބާ ގާތު ނުބުނެވި ހުރެވުނީވެސް އެހެންވެއެވެ.
އެހެނަސް މިއަދު އެ ވާހަކަ އެހެން މީހެއްގެ ކުރިމަތީގައި ބޭރުކޮށްލެވުނީ އާސިފް އެ ޚިޔާލު ދިނުމުންނެވެ. އަދި އަމުދުން އާސިފް މިއަދު ދިން އިންޒާރުގެ ބިރުވެރިކަމުން ވެސްމެއެވެ. އީތަންގާތު އެ ވާހަކަ ބުނެވުމުން ފަރީދަށް ހިސާބެއްގެ ލުއެއް ލިބުނެވެ. އީތަންގެ ފަރާތުން ހިބާއަށް އެ ވާހަކަ އިވިދާނެކަމަށް ހިތް ބުނީތީވެއެވެ. އެހެނަސް އީތަންއަކީ ހިބާއާއި ގުޅޭނެ ފަދަ ޞާލިޙު ޒުވާނެއްކަން އެނގުންވުމުން ހިސާބަކަށް ދެރަވިއެވެ. އިތުރަށް ހިތާމަ ކުރެވުނީ ދެންމެ އީތަންގެ މޫނުމަތިން ފެނުނު އަސަރުތަކުން އީތަންއަށް ހިބާ ކަމުދާ ކަމުގެ ޔަޤީންކަން ޚުދު ފަރީދަށް ވެސް ލިބުމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ފަރީދަށް އެއްފަރާތަށް ބަލައިލެވުނީ ހިބާއަށް ނަޒަރެއް ދިނުމަށެވެ. ހިބާ ހިނިތުންވުމަކާއިއެކީ އެ މޭޒުދޮށުގައި ތިބި މީހުންނާއި ވާހަކަ ދައްކަމުން ދިޔަތަން ފެނިފައި ހިތާހިތުން ހިބާއަށް މަޢާފަށް އެދެވުނެވެ.
**
އެމިއުޒްމެންޓް ޕާކުން ގެއަށް ދިޔަ މަގުމަތީގައި ޝަބީދައްތައާއި ރާނިޔާ ދިޔައީ ވަލީދުބެގެ ކާރުގައެވެ. ހިބާ ދިޔައީ ފަރީދުބެއާއި އީތަން ކުރީ ސީޓުގައި ތިބި ކާރުގައެވެ. އެ ކާރުގެ ތެރެއަށް ވެރިވެފައިވީ މަރު ހިމޭންކަމެވެ. ރެސްޓޯރެންޓުގެ ތެރެއިން ދެކެވުނު ވާހަކައަކާއި ގުޅިގެން ފަރީދުބެއާއި އީތަން ސާރއަށް ވެސް ބަދަލެއް އައިއްސިކަން ހިބާއަށް ޔަޤީން ކުރެވުނެވެ. އެއީ ކޮން ކަމެއްކަން ދެނެގަންނަން ބޭނުންވިއެއްކަމަކު ހިބާއަށް އަހާކަށް ނުކެރުނެވެ. އެހެންކަމުން ހިބާ ހިތްވަރު އެއްކުރެވުނު އިރަކުން ފަރީދުބެއާއި އެ ސުވާލުކުރަން ނިންމިއެވެ.
**
އެދުވަހުގެ ހަވީރު ވަގުތު ހަމްނާ އިނީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕް ބަހައްޓައިގެން ފިލްމެއް ބަލާށެވެ. ދުވަހަކީ ހޮނިހިރު ދުވަހަށްވުމުން ހަމްނާއަށް ހުސް ވަގުތެއް ލިބިފައިވީއެވެ. އެ ފިލްމަކީ އެދުވަހު އެ ގޭގައި އުޅޭ އޭނައާއި ދެބެއިންގެ ދެދަރި ދައްތައަކު ނުހަނު ރީތި ފިލްމެކޭ ކިޔައި އޭނައަށް ދިން ލޯބީގެ ފިލްމެކެވެ.
ހަމްނާއަކީ ޢާއްމު ގޮތެއްގައި އެފަދަ ފިލްމުތަކަށް ނުހަނު ފޯރި ހިފާފައި ހުންނަ ކުއްޖަކަށް ވިޔަސް، އެދުވަހު އޭނައަށް އެ ފިލްމަށް ސަމާލުކަން ދެވެމުން ދިޔައީ ވަކި ވަރަކަށެވެ. އޭގެ ފަހަތުގައިވީ މީގެ ދެ ތިން ދުވަސް ކުރިން ކަންތައްވީ ގޮތެވެ. އޭނަ ޤުރުއާން އުނގެނެން ފެށި ދުވަހާއި ޖެހިގެން އައި ދުވަހު ކަންތައް ދިމާވި ގޮތުން، އެދުވަހު ނެގި ތަފްސީރު ފޮތް އަރިމަތީ މޭޒުމަތީގައި ބޭއްވުނު ގޮތަށް އެވަގުތު ވެސް އެ މޭޒުމަތީގައި އޮތެވެ.
ފިލްމަށް ސަމާލުކަން ނުދެވޭކަން މިނެޓްތަކެއް ފަހުން އެނގުންވުމުން ހަމްނާ އަނެއްކާވެސް އެއަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އެވަގުތަކީ ފިލްމުގައި އުޅޭ ފިރިހެނަކު އަންހެނެއްގެ ގާތު ނުހަނު ޖަޒުބާތާއި އެކީ އެއްޗެކޭ ބުނަމުން ދިޔަ ވަގުތެވެ.
“އެއްވެސް މީހަކު ތިބާއަށް ހިތްވަރު ލައި ނުދިނަސް އަހަރެން ހިތްވަރު ލައިދޭނަން. އެއްވެސް މީހަކު ތަޢުރީފު ނުކުރިޔަސް އަހަރެން ތަޢުރީފު ކުރާނަން. އަބަދުވެސް ތިބާގެ އެންމެ ބޮޑު ސަޕޯޓަރެއްގެ ގޮތުގަ ދެމިހުންނާނަން…”
ފިރިހެން ބަޠަލާ އެ ބުނި ބަސްތަކުން ހަމްނާގެ ހިތަށް އަސަރުކުރިއެވެ. އެހެނަސް އެއީ އެހެން ފަހަރުތަކާއި ޚިލާފަށް ފިލްމުން ކަންތައްވަމުން ދިޔަ ގޮތުންނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެ ބަސްތަކުން، އޭނަގެ ޙަޔާތަށް އިންޤިލާބެއް ގެނެސްގެން އުޅޭ ވަގުތުކޮޅު ހަނދާންވަމުން ދިޔައީތީވެއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ނެޓްބޯޅަ ޕްރެކްޓިސް އޮންނާތީ ހިބާ އޭނަގެ އެކުވެރިންނާއިއެކީ ރަށުގެ ޒުވާނުންގެ މަރުކަޒަށް ދިޔައެވެ. އެ މަރުކަޒު ހުންނަނީ ފަރީދުބެމެންގެ ގެއާއި ނުހަނު ކައިރިވުމުން ހަމްނާ ދަނޑަށް ދިޔައީ އެކަނި ހިނގާފައެވެ. ބޮޑުބެދައްތަ އެކީގައި އަންނަން އުޅުނެއްކަމަކު ދައްތައަށް ދަތި ކުރަން ބޭނުން ނުވުމާއިއެކު ދޮންތަ ނެތުމުން އެ ލިބުނު ކުޑަ މިނިވަންކަން އިޙްސާސް ކޮށްލަން ހަމްނާ ބޭނުންވީއެވެ.
ކުޅެމުން ދިޔައިރު ވެސް ހަމްނާއާއި އޭނަގެ ގާތް އެކުވެރިންނާއިމެދު ވާހަކަތައް ދެކެވެމުން ދިޔައެވެ.
“ކޮބާ އެއްކަލަ ދުވަހު ބުޅިބޯ ދިން ފޮތް އެބަ ކިޔަންތަ ހަމް؟” ބޯޅަ ބައުންސް ކުރަމުން ލައިޝާ އެހިއެވެ.
“ކުޑަކޮށް ކިޔައިފިން. އިޓްސް….އިންޓްރެސްޓިންގް.” ހަމްނާ ކާމިޔާބު ކަމާއިއެކީ ލައިޝާގެ އަތުން ބޯޅަ ޖަހައިގަންނަމުން އަނެއްކޮޅަށް ދާން ފެށިއެވެ. ކުރު ޖަވާބެއް ދެވުނީ ކުޅިވަރުގެ ފޯރި ހިފުމާއިއެކު ލައިޝާއާއި އެ މަޢުޟޫއަށް ވާހަކަ ދައްކަން ބޭނުންވެސް ނުވުމުންނެވެ.
“ކޮން ފޮތެއްތަ؟ އަނެއްކާ އޭނަ ހިތްވަރުކޮށްފަ ހަމްއަށް ލަވް ލެޓާރއެއް ފޮނުވީތަ؟” ހަމްނާމެން ކުލާހުގައި އުޅޭ އެހެން ކުއްޖެއް އެހިއެވެ.
“ލަވް ލެޓާރއެއް ނެތް. އަހަރެން ބޭނުންވެގެން ހުރި ފޮތެއް އެއީ…” ހަމްނާ ބުންޏެވެ. އެވަގުތު ހަމްނާ ފުންމައިގެން ގޮސް އޭނަ ގެންދިޔަ ބޯޅަ ކާމިޔާބު ކަމާއިއެކީ ނެޓަށް އެޅިއެވެ. އެއާއިއެކު އެ ޓީމުގެ ކުއްޖަކު އަޑެއް ލައްވައިލަމުން އަތްތިލަ ބަޑި ޖަހައިލިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އަނެއްކާވެސް ކުޅުން ފެށުނެވެ.
ކުޅުމުގެ ތެރެއިން އެންމެ ގިނައިން ނެޓަށް ބޯޅަ އެޅުނީ ހަމްނާއަށެވެ. އެހެންކަމުން މެޗު ނިމުނުއިރު މޮޅުވީ ވެސް ހަމްނާގެ ޓީމެވެ. އެކަމާއިމެދު ހަމްނާއަށް ތަޢުރީފު ކުރީ އެންމެ ދެ ތިން ކުދިންނެވެ. އޭގެ ތެރޭގައި އާދައިގެ މަތިން އޭނަގެ ގާތް ދެ އެކުވެރިން ނުހިމެނެއެވެ. އެމީހުން ނުހަނު ލުއި ގޮތަކަށް ހަމްނާގެ ޓީމަށް މަރުޙަބާ ކިޔުނީ މިއަދަކީ އެ ޓީމު ‘ނަސީބުގަދަ’ ދުވަސްކަމަށް ބުނަމުންނެވެ. ހަމްނާއަކީ ކިހާ މޮޅު ކުޅުންތެރިއެއްކަން އެތާ ތިބި އެންމެންނަށް އެނގޭ ޙާލުވެސް ލައިޝާގެ ނުފޫޒުގައި ޖެހިފައި ތިބި ގިނަ ކުދިން ލުއި ގޮތަކަށް ބޯޖަހައިލިއެވެ.
ލައިޝާގެ އެފަދަ ޙަރަކާތްތަކުގެ ފަހަތުގައި ވަނީ ޙަސަދަވެރިކަން ކަން ހަމްނާއަށް އެނގުންވިޔަސް، އޭނަ އެވަގުތު ދެރަވާ ގޮތްވިއެވެ. އޭނަގެ ހުނަރު ބަލައިގަންނާނެ މީހަކު ނެތްހެން ހީވުމުންނެވެ. އެއަށްވުރެ ބޮޑަށް ހިތް ދެރަވާ ގޮތްވީ ހަމަ އެވަގުތު ލައިޝާއާއި މަނާލްގެ ދެ ލޯބިވެރިން މަރުކަޒުގެ އެހެން ބައެއްގައި ޓެނިސް ކުޅެން ތިބެފައި އެ ބަޔަށް އައުމުންނެވެ. އެ ދެ ފިރިހެން ކުދިން އެމީހުންގެ ލޯބިވެރިންނަށް ގޮވަމުން ހަމްނާމެން ތިބި ހިސާބާއި ކައިރިވަމުން ދިޔަދިޔަހެން ހަމްނާއަށް އޭނަ ލައިގެން ހުރި އާދައިގެ ޓީޝާޓު ތިރިއަށް ދެމެން ފެށީ އިޚްތިޔާރަކާއި ނުލައެވެ. މި ލަދުވެތިކަން ހަމްނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް އޭނަގެ ކިބައިގައި ހުރެއެވެ. އެހެނަސް ލައިޝާމެން ބުނާ ގޮތުގައި އޭނައަށް އެހެންވަނީ އޭނަގެ ދޮންތަ ދިގު ހެދުން ލާންޖެހޭ ވާހަކަ އޭނަ ގާތު ބުނާތީވެއެވެ.
ނަމަވެސް ޙަޤީޤަތަކީ އޭނަގެ ދޮންތަ އެފަދައިން އޭނަގާތު ބުނެފައި ވަނީ މަދު ފަހަރަކު ކަމެވެ. އޭނަ ދިގު ހެދުން ލާންވާނީ އޭނަ އަމިއްލައަށް އެކަމަށް އެދިގެން ކަމަށް ދޮންތަ އޭނަ ގާތު ބުނެއެވެ. ހިތުގެ އީމާންތެރިކަން ވަރުގަދަ ވާ ވަރަކަށް ލަދުވެތިކަން ވެސް އިތުރުވާނެ ކަމަށް ދޮންތަ ބުނެއެވެ. އެ ބަސްތަކުގެ ތެދުކަން ހަމްނާއަށް ހިތުގެ އަޑިން އިޙްސާސް ކުރެވިފައިވެއެވެ. ދޮންތަ ޤުރުއާނުގެ އާޔަތްތަކުގެ މާނަ ކިޔައިދޭއިރު އޭނަ އެއަށް ސަމާލުކަން ދޭ ދުވަސްވަރެއްގައި އަބަދުވެސް އެ ލަދުވެތިކަން އިތުރުވެއެވެ. ޤުރުއާނަށް ފަރުވާ ކުޑަކޮށް ފިލްމުތަކާއި ލަވައަށް ގޮސް ހުސްވާ ދުވަސްތަކުގައި އެ ލަދުވެތިކަން އިޙްސާސް ކުރެވެނީ ކުޑަކޮށެވެ. މިއަދު ދޮންތަ އޭނަގެ ކައިރީގައި ނެތަސް އެ އިޙްސާސް އިތުރުވެފައިވަނީ، އޭގެ ކުރީ ދުވަހު އޭނަ ޤުރުއާން އުނގެނެން ކުރި މަސައްކަތުގެ ސަބަބުންތޯ ހަމްނާގެ ހިތަށްއެރިއެވެ.
ހަމްނާ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް އޭނަ ބަލަބަލާ ހުއްޓާ ލައިޝާމެންގެ ލޯބިވެރިން އައިސް އެމީހުންގެ ގައިގައި އޮޅުލައިގަތެވެ. އެހިނދު ހަމްނާއަށް ބޭއިޚްތިޔާރުގައި ދުރު ބެލުނުއިރު ކިތަންމެ ބޭނުމެއް ނުވިޔަސް ހިތުގައި ޙަސަދަވެރިކަމެއް އުފެދުނެވެ. އަދި އަމުދުން ލައިޝާއާއި ލައިޝާގެ ލޯބިވެރިޔާއާއި ދެމެދު ދެކެވުނު ވާހަކަތައް އިވުމުން އެ އިޙްސާސް އިތުރުވުން ނޫންކަމެއް ނުވިއެވެ.
“ކޮން ޓީމެއްތަ މޮޅުވީ؟” ލޯބިވެރިޔާ އެހިއެވެ.
“ދެން އޮތް ޓީމް. ވީ އޯލްމޯސްޓް ވޮން އެކަމަކު…” ލައިޝާ ހެދި ދޮގުން ހަމްނާއަށް އެދިމާލަށް ބަލައިލެވުނެވެ.
“އޯންވް….ބޭބީ ވަރަށް ދެރަވެފަދޯ ތިހިރީ އެހެންވެ؟” އެ ލޯބިވެރިޔާ ވާހަކަ ދެއްކި ރާގުން ހަމްނާ ހިސާބަކަށް ފޫހިވެސްވިއެވެ. އިތުރަށް އެތާ ހުންނަން ބޭނުން ނުވުމުން ހަމްނާ އޭނަގެ ބެކްޕެކް އެއްކޮނޑުގައި އަޅުވަމުން ދާން ހިނގައިގަތެވެ. ލައިޝާ ދެންވެސް އޭނަގެ ލޯބިވެރިޔާއާއި އޮލަ ގޮތަކަށް ވާހަކަ ދެއްކި އަޑު އިވުނެއްކަމަކު ހަމްނާ އެއަށް ސަމާލުކަން ދިނުމެއްނެތި މަރުކަޒުން ނިކުމެގެން ދިޔައެވެ.
އިރު އޮއްސެމުން ދިޔަ ވަގުތު މަގުމަތިން ހިނގާފައި ދިޔައިރު ވެސް ހަމްނާގެ ހިތަށް ވެރިވެފައިވި މާޔޫސްކަމަށް ބަދަލެއް ނާދެއެވެ. އޭނަގެ ވެސް ހުރި ހުނަރުތައް ބަލައިގަނެ އެ ކަންތަކަށް ތަޢުރީފު ކުރާނެ މީހަކު އޭނަ ވެސް ބޭނުންވެއެވެ. އެ އިޙްސާސް ހިތު ތެރޭގައި ހިފައިލި ވަގުތު ހަމްނާގެ ހަނދާނަށް އަންނަން ފެށީ ދޮންތަ ބުނި ވާހަކައެވެ.
އެހެން މީހުންގެ ތަޢުރީފަކީ ހިތްވަރެއް ލިއްބައިދޭ އެއްޗަކަށް ވިޔަސް އެ ތަޢުރީފަށް އެހާ ބޮޑަށް ނޭދުމަށެވެ. އެހެނީ މީހުންނަކީ ބަދަލުވާ ބައެކެވެ. އެ މީހުންގެ އަމިއްލަ ކަންތަކާއި ހެދި ތަޢުރީފުކުރަން ބޭނުންނުވެ، ނުވަތަ ތަޢުރީފުކުރަން ވަގުތު ނުލިބި ހިނގައިދާނެއެވެ. އެހެންކަމުން އަބަދުވެސް ތިބާ ކުރާ ކަންތައް ﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރުމަށެވެ. އަދި ދުވަހުގައި ހިނގާ ކަންތައް ދުޢާއިން ﷲ އާއި ޙިއްސާ ކުރުމަށެވެ. އަދި އޭގެ ތެރެއިން އެހެން މީހުންގެ ފަރާތުން ނުލިބުނު ހިތްވަރެއް އަމިއްލަ ނަފްސަށް ދިނުމަށެވެ.
މީގެ އިތުރުން ލިބޭ ކާމިޔާބީތަކުގެ ވާހަކަ އަބަދުވެސް އޭނައަށް ހެޔޮއެދޭ ދޮންތައާއި ޙިއްސާ ކުރުމަށް ދޮންތަ އެދުނެވެ. އޭނައަށް ތަޢުރީފުކޮށް އޭނަގެ ކާމިޔާބީތަކަށް މަރުޙަބާ ކިޔަން އަބަދުވެސް ދޮންތަ ހުންނާނެ ކަމަށް ބުނަމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވެފައި ހަމްނާ ގެއަށް ދާން ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ، ގެއަށް ގޮސް ދޮންތައަށް ގުޅަން ނިންމަމުންނެވެ. ހަމަ އެހިނދު ދޮންތައަށް ވަގުތެއް ވާނެކަމަށް ވެސް ހިތާހިތުން އެދެވުނެވެ. މީގެ ކުރީ ދުވަހެއްގައި ވެސް މިފަދަ އިޙްސާސްތަކާއިއެކީ އޭނަ ދޮންތައަށް ގުޅިއިރު ދޮންތަ ހުރީ ބައްދަލުވުމެއްގައެވެ. މިރޭ އެފަދައިން ނުވާނެކަމަށް ހީކުރަމުން ހިނގާފައި ދަނިކޮށް، ފިޔަވަޅުތައް ލަސްވެގެން ދިޔައީ ސައިކަލެއްގެ އަޑާއިއެކީ ނުހަނު ބަރު އަޑަކުން އޭނައަށް ގޮވައިލެވުމުންނެވެ.
އެ އަޑު ކަންފަތުގައި ޖެހުމާއިއެކު އެއީ ކާކުކަން ނަގައިގަނެވުމުން ހަމްނާއަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު ނައުފަލް އޭނަގެ ސައިކަލުގައި އައިސް ހިބާގެ ކައިރީގައި މަޑުކޮށްލީއެވެ. ނައުފަލް ހިނިތުންވުމަކާއިއެކީ އޭނައަށް ބަލަހައްޓައިގެން ހުރި ގޮތުން އެއީ ހުވަފެނެއްހެން ވެސް ހަމްނާއަށް ހިނދުކޮޅަކަށް ހީވިއެވެ. ދެންމެ ކުރެވެމުން ދިޔަ ހުރިހާ ނޭދެވޭ އިޙްސާސްތަކެއްގެ މަތިން ހަނދާން ނެތި އިސާހިތަކު ހިނިތުންވެލެވުނެވެ.
“ހާދަ މޮޅަށޭދޯ މިއަދު ކުޅެލާފަ ތިއައީދޯ؟” ނައުފަލް ހަމަ އެ ފުރިހަމަ ހިނިތުންވުމުގައި ހުރެ ބުނެލި ބުނެލުމުން ހަމްނާގެ ކޯތާފަތް ރަތްވިއެވެ. އެހިނދު އޭނަގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ. ފަޅި ސިކުންތަކަށް ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނައުފަލްގެ ޓިކްޓޮކްއިން ފެނުނު ނޭދެވޭ ކަންތަކުގެ މަތިން ހަނދާންވިޔަސް، ނައުފަލްގެ އެ ބަސްތަކުން އެ ހަނދާންތައް ފޮހެވިގެން ދިޔައެވެ.
“ހެހެ…ކިހިނެއް ނައުފްއަށް އެނގުނީ؟” ހަމްނާ އެހިއެވެ.
“މިހެން ދުއްވާފަ އައިއިރު އެ ތިބަ އަންހެން ކުދިން ހަމްނާ ހަމްނާއޭ ކިޔާ އަޑު އިވުނީ. ހަމްނާގެ ޝޮޓްސްތައް ސިފަކޮށްދިން އިރު ހިތަށްއެރި އެތާ ހުރެވުނު ނަމައޭ. އައިމް އަޕްސެޓް އައި މިސްޑް އިޓް!” ނައުފަލް މޫނު ހަދައިލަމުން އެހެން ބުނެލި ގޮތުން ހަމްނާއަށް ހީލެވުނެވެ.
“ނައުފް ކޮންތަނަކަށް ގޮއްސަތަ؟ ފުޓްބޯލް ޕްރެކްޓިސް؟ ސްޓޭޑިއަމްގަދޯ ޕްރެކްޓިސް އޮންނަނީ؟” ހަމްނާއަށް ނައުފަލް ލައިގެން ހުރި ޖޯޒީއަށް ބަލަމުން ވާހަކަ ދެކެވުނެވެ.
“ހުމް….ހަމްވެސް އަންނަންވީއެއްނު އަހަރުމެން ކުޅޭތަން ބަލަން؟” ނައުފަލް އެހެން ބުނުމަށްފަހު އެއްލޯ މަރައިލިއެވެ. ނައުފަލްގެ އެ ޙަރަކާތުން ވެސް ހަމްނާ ހީލި ވަގުތު އޭނަގެ ހިތުގެ މައްޗަށް އޮތް ބާރު ގެއްލި ދިޔުން ނޫންކަމެއް ނުވިއެވެ.
ނައުފަލްވެސް ހަމްނާއާއިއެކީ ހީލުމަށްފަހު ކުރިމައްޗަށް ބަލައިލިއެވެ. ނައުފަލް ސައިކަލުގެ ހުންގާނުގައި ބާރަށް ހިފަހައްޓައިލި ގޮތުން ނައުފަލް ދެން ދަނީ ކަމަށް ހަމްނާއަށް ހީކުރެވުނެވެ. އެހެންކަމުން އޭނަވެސް ދާން އުޅުނު ވަގުތު ނައުފަލްގެ އަޑު އިވުނެވެ.
“ހަމްނާ…” ނައުފަލް އެ އިންގޮތަށް އިނދެ ގޮވައިލީ، ނައުފަލް ނުހަނު ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދައަކުންނެވެ. އެ ހިނދު ހަމްނާގެ ހިތުގެ ތެޅުން އަވަސްވީ އެހެންވެ ކަންނޭނގެއެވެ.
“ހުމް؟” ހަމްނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“އެއްކަލަ ދުވަހު….އަހަރެން ބުނީމެއްނު ‘މޭއިބީ’އޭ. އެހެން ބުނީމަ ހަމްނާއަށް ފީލްވީ ކިހިނެއް؟ އުފާވީތަ؟ ނޫނީ ފޫހިވީތަ؟” ނައުފަލް އެހިއެވެ.
ނައުފަލްގެ ވާހަކައިގެ މިޞްރާބު ހުރިގޮތުން ހަމްނާގެ ހިތް މޭފަޅާލާފައި ނިކުމެގެން ހިނގައިދާނެހެން އޭނައަށް ހީވިއެވެ. ދެފައިން ވާގި ދޫވެ އެތަނަށް ތިރިވާން އުޅުނުހެން ވެސް ހީވިއެވެ. އެހެނަސް ހިތްވަރު އެއްކުރަމުން ހަމްނާ ވާހަކަ ދެއްކިއެވެ.
“އުފާވީ…” ހަމްނާ އެހެން ބުނެލީ އެހެން އެއްވެސް ކަމަކަށްވުރެ ނައުފަލް އުފާކޮށްދިނުމަށެވެ. ދާދި ދެންމެއަކު ނައުފަލްގެ ބަސްތަކުން އޭނައަށް އުފަލެއް ލިބުނު ކަމުގެ ބަދަލު ދިނުމަށެވެ.
ހަމްނާގެ ޖަވާބު އިވިފައި ނައުފަލް ލުއި ގޮތަކަށް ހީލަމުން އޭނައަށް ބަލައިލި ގޮތުން ވެސް ހަމްނާ އާޝޯޚުވާ ގޮތްވިއެވެ.
“އެހެންވިއްޔާ އަޑުއަހާ….އައި ލަވް ޔޫ ހަމް.” ނައުފަލް ބުނެލި އެ ބަސްތަކުން ހަމްނާގެ ނޭވާ މެދުކެނޑުނެވެ. އޭނަގެ އަމިއްލަ ކަންފަތަށް އިތުބާރު ކުރަން ވެސް ހަމްނާ ނުކުޅެދުނެވެ. އޭނަ ހުއްޓުން އަރާފައި ނައުފަލްއަށް ބަލަން ހުއްޓާ ނައުފަލް އަނެއްކާވެސް ހީލިއެވެ.
“ހަމްގެ ޖަވާބު އަހަންނަށް އެނގޭހެން އަހަންނަށް ހީވަނީ. އެކަމަކު ބޭނުން ހަމްގެ ދުލުން އަޑުއަހަން. ވީކެންޑްގަ ރެސްޓް ކޮށްލާފަ ސްކޫލުން ދިމާކޮށްލަމާދޯ؟” ނައުފަލް ނުފިލާ ހިނިތުންވުމަކާއިއެކީ ބުންޏެވެ. ހަމްނާއަށް ނައުފަލްއަށް ބަލަން ހުރެ ބޯޖަހައިލެވުނީ ވެސް އިރުކޮޅަކުންނެވެ. އެއަށްފަހު ނައުފަލް ސައިކަލު ދުއްވައިލީއެވެ.
ނައުފަލް ދެއްކި ވާހަކަތައް ހަނދާންވަމުން ދިޔަދިޔަހެން ހަމްނާ ވީ އުފަލެއް ނޫނެވެ. އެހެނެއްކަމަކު ހިތަށްވަމުން ދިޔައީ އުދަގުލެކެވެ. އެ އުދަގޫ އިޙްސާސްތަކެއްގެ ސަބަބުން ކަންނޭނގެއެވެ. ހަމްނާއަށް ކުރިމަތިން ފެންނަމުން ދިޔަ ފިލްމުވެސް ޕޯޒްކޮށްލަމުން ލެޕްޓޮޕް ލައްޕައިލެވުނެވެ.
ނައުފަލްގެ އެ ހުށަހެޅުން ޤަބޫލުކުރަން ހަމްނާ ބޭނުންވިއެވެ. ނައުފަލް އެ ލޯބި ހުށަހެޅި ވަގުތުކޮޅުގެ ތެރޭގައި މަސްތެއްގެ ތެރޭގައި ހުރެވުނަސް، ގެއަށް އައިސް ނުހަނު ގަދައަށް ހަމްނާއަށް ވިސްނުނެވެ. މިއީ އޭނައަށް ފިރިހެން ކުއްޖަކު ލޯބި ހުށަހެޅި ފުރަތަމަ ފަހަރެވެ. އެހެންކަމުން ރައްޓެހިވެގެން އުޅުމުގެ މާ ބޮޑު ތަޖުރިބާއެއް އޭނައަށް ލިބިފައެއް ނުވެއެވެ. ލައިޝާމެން ފިރިހެން ކުދިންނާއި ރައްޓެހިވެގެން އުޅޭ ގޮތާއި، ނައުފަލް ވެސް ކުރީގެ ލޯބިވެރިޔާއާއެކީ އުޅުނު ގޮތް ހަމްނާއަށް ފެނިފައިވިއެވެ. އޭނަ އެފަދައިން ފިރިހެން ކުއްޖަކާއި ގައިގޯޅިވެގެން އުޅެން ބޭނުންވާކަން ހަމްނާއަށް ޔަޤީނެއް ނޫނެވެ. އަދި ނައުފަލްގެ ޓިކްޓޮކްއިން ފެނުނު އެ ޚިޔާލުތަކާއިމެދު ނައުފަލްއާއި އެއްގަލަކަށް އެރޭނެ ކަމާއިމެދު ޝައްކު އުފެދުނެވެ. އަދި އަމުދުން ދޮންތަ ބުނި ފަދައިން ނައުފަލް އޭނަގެ މުސްތަޤްބަލުގެ ފިރިމީހާގެ ގޮތުގައި ސިފަކުރަން ހަމްނާއަށް ދަތިވިއެވެ. އެފަދަ ޒިންމާދާރުކަމެއް ނައުފަލްގެ ކިބައިގައި ހުރިހެން ހިއެއް ނުވުމުންނެވެ.
މި ވާހަކަތައް ދޮންތައާއި ޙިއްސާކުރަން ޚިޔާލުކޮށްފައި ވެސް ޖެހިލުންވީ ދޮންތަ އޭނައާއި ނައުފަލްގެ ގުޅުމަށް ނޫނެކޭ ބުނާ އަޑު އަހަން ބޭނުމެއް ނުވުމުންނެވެ. އޭނައަށް ކަމުގޮސްގެން އުޅެނީ ރަނގަޅު ކުއްޖެއްކަން ދޮންތައަށް ކޮންމެހެން ވެސް ސާބިތުކޮށްދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އިތުރަށް އިސްތިޚާރާ ކުރުން ރަނގަޅުވާނެކަމަށް ހަމްނާއަށް ހީކުރެވުނެވެ. ނައުފަލް އޭނައަށް ލޯބި ހުށަހެޅުމަކީ ނައުފަލްއާއި ގުޅެން އޭނަގެ ލިބުނު ރަނގަޅު ޢިޝާރާތެއްކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އަނެއްކާވެސް އިސްތިޚާރާ ކުރުމުން ނައުފަލްގެ ރަނގަޅު ސިފަތައް އޭނައަށް ފެންނަން ފަށާނެކަން ޔަޤީނާއި ގާތް ކުރެވުނެވެ. އޭރުން އޭނަގެ ބަސްތައް ދޮންތަ ޤަބޫލުކުރާނެ ކަމަށް ހީކުރެވުނެވެ.
ހިތަށް ވެރިވި އެ ޚިޔާލުތަކާއިއެކީ ހަމަ އެ ވަގުތުން ވަގުތަށް ވެސް އިސްތިޚާރާ ނަމާދުކުރަން ހަމްނާ ތެދުވެލީ އެހެންވެއެވެ. ހަމްނާއަށް ނޭނގުނުކަމަކީ ޚުދު އޭނަގެ ހިތަށް ވެރިވަމުން ދިޔަ އެ އިޙްސާސްތަކަކީ އެ ބަރަކާތްތެރި ނަމާދުގެ ޢިޝާރާތްތައް ކަމެވެ. އަދި އިތުރަށް އިސްތިޚާރާ ކުރުމުން، ﷲ އެކަލާނގެ އަޅާއަށް ހިދާޔަތް އިތުރުކޮށްދެއްވުމުގެ ސަބަބުން އެ ޢިޝާރާތްތައް އިތުރަށް ސާފުވުން ނޫންކަމެއް ނުވާނެ ކަމެވެ.
**
އެރޭގެ ވަގުތެއްގައި އީތަން ވެސް ސްކްރީނަކަށް ނަޒަރު ހުއްޓައިގެން އިނެއްކަމަކު އީތަންއަށް އެއަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އެނދުމަތީގައި އިނދެ، ވީޓީ ޓެބްލެޓެއް ހިފަހައްޓައިގެން ކުންފުނިން ނެރެން އުޅޭ ގޭމެއް ކުޅެމުން ދިޔައިރު، އާދަޔާ ޚިލާފަށް އޭނަ އެ ގޭމަށް ފޯރި ހިފާ ގޮތެއް ނުވިއެވެ. އޭނަގެ ސިކުނޑީގެ ކަނެއްގައިވީ މިއަދު ފަރީދުބެ އޭނައާއި ދެއްކި ވާހަކަތަކެވެ.
“މި ދަތުރު ނިންމާލާފަ މާލެއަށް ގޮއްސަ ހިބާގެ ކައިވެނި ކުރުވަން ކަމަށް މި ވިސްނަނީ…”
ފަރީދުބެގެ އެ ބަސްތައް އެދުވަހު ސަތޭކަވަނަ ފަހަރަށް އީތަންގެ ކަންފަތުގައި ގުގުމައިލުމުން، އީތަންއަށް ކުޅުން ހުއްޓައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދި އެއަށްފަހު އަތުގައި އޮތް ޓެބްލެޓް ލޮކްކޮށްލަމުން އޭތި އެނދުމައްޗަށް ދޫކޮށް ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން އެއްދިމާލަކަށް ނަޒަރު ހުއްޓައިލިއެވެ.
އެ ބަސްތައް ހިތަށް ވެރިވާ ކޮންމެ ފަހަރެކޭ އެއްގޮތަށް އެތައް ސުވާލެއް އެ ވަގުތު އީތަންގެ ހިތަށް ވެރިވިއެވެ. ހިބާއާއި އިންނަން އުޅެނީ ކާކު ހެއްޔެވެ؟ އެއީ ރަނގަޅު މީހެއް ހެއްޔެވެ؟ އެއީ ހިބާ ދެކެ ލޯބިވެ ހިބާއާއި އަޅާލާނެފަދަ މީހެއް ހެއްޔެވެ؟ އެއީ ހިބާގެ ހުވަފެންތަކާއި ހަމައަށް ވާޞިލުވުމަށް ހިބާއަށް އެހީވެދޭނެ މީހެއް ހެއްޔެވެ؟
ސުވާލަކަށްފަހު ސުވާލެއް ސިކުނޑިއަށް ވެރިވާން ފެށުމުން އީތަންއަށް ހެޑްބޯޑުގައި ބޯޖައްސައިލަމުން ދެލޯ މަރައިލެވުނެވެ. އެއަށްފަހު ހިތްހަމަޖައްސައިލީ ކޮންމެ ގޮތެއްވިޔަސް ޝަހީދުބެ ހިބާއަށްޓަކައި ހޮވާފައިވާނީ ހިބާއަށް ޙައްޤުވާފަދަ ހަރުދަނާ ޒުވާނެއްކަމަށް އަމިއްލަ ޒަމީރުގާތު ބުނަމުންނެވެ. އެހެނަސް އެއިން އޭނަގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބުނެވެ. އެ ޒުވާނަކީ އޭނައަށް ނުވާންވީ ކީއްވެތޯ ބުނެ އޭނަގެ ހިތް ރުއެވެ.
ހަމަ އެވަގުތު ވާރޭ ވެހެން ފެށި އަޑު އިވިގެން ދިޔުމުން އީތަންއަށް އާދަޔާ ޚިލާފު އަރާމެއް ލިބުނެވެ. އެ ލިބުނު އަރާމާއިއެކީ ލަސްލަހުން ލޯ ހުޅުވައިލެވުނީ، އެއިން އޭނަގެ މާޒީގެ ހަނދާނެއް އާވާން ފެށުމުންނެވެ.
އާވާން ފެށި އެ ހަނދާނުގެ ބައެއް މިއަދު ވެސް އޭނަގެ އަތުގައިވާ ކަން ހަނދާންވި ވަގުތު ދާރިސްއަށް ބަލައިލެވުނީ އޭނަގެ ކިޔަވާ މޭޒުގެ ވަތްގަނޑާއި ދިމާލަށެވެ. އިސާހިތަކު އީތަން އެނދުން ފޭބުމަށްފަހު މޭޒު ކައިރިއަށް ގޮސް އޭނަގެ ވަތްގަނޑު ހުޅުވައިލިއެވެ. އެހިނދު އެއްކަލަ ދުވަހު އަލަމާރީގެ ވަތްގަނޑުން އޭނަ ނެގި ފޮތާއި އެކީ ކެސެޓެއް ވެސް އޮތެވެ. އެއީ އޭގެ އަނެއްދުވަހު އޭނަ އަލަމާރީގެ ވަތްގަނޑު ސާފުކުރިއިރު ނެގި ހިބާގެ އިތުރު ހަނދާނެކެވެ.
ދާރިސް އެ ކެސެޓް ނަގައި އިރުކޮޅެއް ވަންދެން އެއަށް ބަލަން ހުއްޓެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނައަށް ހިނިތުންވެލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އެކަން އެނގުންވުމުން ވަގުތުން އެ ހިނިތުންވުން ފިލުވައި ސީރިއަސް ވެލެވުނެވެ. އޭނައަށް މިހެން ވެގެން ނުވާނެއޭ އަމިއްލަ ނަފްސު ގާތު ބުނެވުނެވެ. ހިބާއަކީ އޭނައަށް ލިބެން ނެތް ކުއްޖެއްނަމަ އޭނަގެ ހިތުގައި ހިބާއަށްޓަކައިވާ އިޙްސާސްތައް އިތުރަށް ފުންވިޔަ ދީގެން އޭނަ ނުވާނެއެވެ. އޭނަ ޖެހޭނީ ހިބާގެ ހުރިހާ ހަނދާނެއް އެއްފަހަރާ ނައްތައިލާށެވެ. ހިބާއަށް ‘އިންވެސްޓް’ ކުރުން ހުއްޓައިލާށެވެ. މީގެ އަހަރުތަކެއް ކުރިން ޚުދު އޭނަ ހިބާއަށް ނަސޭޙަތްތެރިވި ފަދައިންނެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއި އެކީ އީތަން އެ ކެސެޓާއި އެކީ ވަތްގަނޑުގައި އޮތް ފޮތް ވެސް ނަގައި ކިޔަވާ މޭޒުގެ ކައިރީގައި ހުރި ޑަސްބިނަށް އަޅަން ދިމާކުރިއެވެ. އެހެނަސް ހަމަ އެވަގުތު އެ ދޭތީގައި ބާރަށް ހިފަހައްޓައިލެވުނީ އެ ދޫކުރަން އެއްގޮތަކަށް ވެސް ބޭނުންނުވާ ފަދައަކުންނެވެ. އޭނައަށް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ބުނެ މިނެޓެއްހާއިރު ވަންދެން އީތަން އެ ހުރި ގޮތަށް ހުއްޓެވެ. އެންމެ ފަހުން މިއީ އޭނަ މޮޅު ނުވާނެ ހަނގުރާމައެއްހެން ހީވުމުން އީތަން ފުން ނޭވައެއް ދޫކޮށް އެ ފޮތާއި ކެސެޓު މޭޒުމަތީގައި ބޭއްވިއެވެ.
ނުނިމޭ
Jana
September 8, 2021 @ 3:11 pm
Hear me out readers! Lately I’ve been having a major change in my schedule and I’m only able to free up very little time for writing. This is the reason why I’m only able to upload the story and not the posts (which I know many of you look forward to). I too desperately want to write the posts and continue with the salaah series as I write the story In Sha Allah. Moreover, there are somethings I need to fix on the website too especially now that I notice that its speed is very slow these days.
So this is what I have decided dear readers. I will be uploading the story only on Wednesdays for the time being. In return, the episodes will be longer while at the same time you will be getting posts to read In Sha Allah.
I know I ask for this a lot these days but have to ask you for your understanding once again. I want writing stories and delivering beneficial messages for my readers to be something that I enjoy doing. Rather than seeing it as a burden. Even more so, I do not want to burnout and give up on this beautiful journey either. Like it happened to me once over the past years.
Much love for my dear readers who show me their continuous support, through my ups and downs. I sure hope I am able to benefit you, just as so many of you benefit me with your knowledge and your own stories of your own struggles. May we all meet in Jannatul Firdaus one day. Ameen! ❤
Aayaa
September 8, 2021 @ 3:43 pm
It’s okay siss. I understood..
Jana
September 15, 2021 @ 4:05 pm
Subhaanallah such an encouraging comment! Love you sis <3
Aayaa
September 8, 2021 @ 3:40 pm
Ma sha Allah ❤️
Jana
September 15, 2021 @ 4:05 pm
<3 <3 <3
kokko
September 8, 2021 @ 4:18 pm
just do what u must sis
we’ll always stay as great fans of u sis
masha allah varah salhi mi part vs
Jana
September 15, 2021 @ 4:07 pm
Subhaanallah I had this comment in my head as I was working through my workload and stress within the past week. So encouraging and loving! <3 Jazaakillah Khairan kaseeran for you dear readers for the tremendous support. Alhamdhulillah! <3 <3 <3
Anonymous
September 15, 2021 @ 12:00 pm
why did you delete part 28?
Jana
September 15, 2021 @ 4:08 pm
I didn’t, Anonymous. Perhaps it was a technical error. Hope you see it now.