ދާރިސް (ހަތްވަނަ ބައި)
ހެނދުނުގެ ވަގުތެއްގައި ވިންޓޭޖް ޓެކްނޮލޮޖީސްގެ ޢިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލި ކަޅުކުލައިގެ ކާރެއް މަޑުކުރިއެވެ. ކާރުގެ ފަހަތު ސީޓުން ފޭބީ މުށިކުލައިގެ ދިގު ކޯޓެއް ލައިގެން ހުރި އީތަންއެވެ. ކާރުގެ ދޮރު ލައްޕައިލުމަށްފަހު އީތަން ޢިމާރާތާއި ދިމާލަށް ހިނގައިގަތުމުން އެ ކާރު ޕާކިންގް އޭރިއާއާއި ދިމާލަށް ދުއްވައިލިއެވެ.
އީތަން ޢިމާރާތަށް ވަންނަން ދިޔަދިޔަހެން ޢިމާރާތުގެ ބިއްލޫރި ދޮރު ދެ ފަރާތަށް ކެހިގެން ދިޔައެވެ. އޮފީސް ތެރެއަށް ވަދެވުމާއެކު ބޭރުގެ އެތައް މުވައްޒަފުން އެކި ކޮޅުކޮޅަށް ހިނގަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އީތަން ހިނގާފައި ދިޔައިރު ދިމާވަމުން ދިޔަ ހުރިހާ މުވައްޒަފުން އޭނައަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ދިޔައެވެ. ބަދަލުގައި އީތަން ވެސް އެފަދަ ބަސްތައް ބުނެލަމުން ހިނިތުންވުންތައް ބަދަލުކުރަމުން ދިޔައެވެ.
އީތަން ހިނގާފައި ދިޔައިރު ދުރުން ދަމުން ދިޔަ ގިނަ މުވައްޒަފުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެވެ. ވަކިން ޚާއްޞަކޮށް އާ މުވައްޒަފުން އެމީހުންގެ ކައިރީގައި ތިބި މީހުންނާއި އޭނައާއި މެދު ސުވާލު ކުރަމުން ދިޔަ އަޑުވެސް އީތަންއަށް އިވުނެވެ. މިއީ އެއްގޮތަކަށް ވެސް އޭނައަށް އާ ކަމެއްނޫނެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މަތީ މަޤާމެއްގައި ހުންނަ ތަފާތު ޘަޤާފަތެއްގެ މީހަކީ ހަމައެކަނި އޭނަ ކަމަށްވުމުން އެފަދަ އަޑުތައް އޭނައަށް ކޮންމެ ދުވަހަކުވެސް އިވެއެވެ.
އެހެނަސް އެއީ ނުވާކަމަކަށް ހެދުމަކީ އީތަންއަށް އުދަގޫ ކަމެއްނޫނެވެ. އެ ޤައުމުގައި އެތައް އަހަރެއްވީއިރު ވެސް އެމީހުންހެން އުޅެން އީތަން މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ވަން ދުވަހުއްސުރެ ފަޚުރުވެރިކަމާއެކީ އޭނައަކީ މުސްލިމެއްކަން ވެސް އެންމެންނަށް ސާފުކޮށް އަންގައިދީފައިވެއެވެ. ވަކި ވަރަކަށް ދިގުކުރެވިފައިވި އޭނަގެ އޮމާން ތުނބުޅިން ވެސް އެކަން އެނގިގެންދާނެއެވެ.
ކުންފުންޏަށް ވަން ދުވަހުއްސުރެ ވެސް ހުރިހާ ނަމާދުތައް ވަގުތުން އަދާ ކުރަމުން ދިޔައީ، އޭނަގެ ދީނަށް ނަފްރަތު ކުރާ މީހުން އެ ކުންފުނީގައި ތިބޭކަން ރަނގަޅަށް އެނގި ހުރެއެވެ. ދަށް މަޤާމެއްގައި އޭނަ ހުރި ދުވަސްވަރު ގިނަ މުވައްޒަފުން އޭނައަށް މަލާމާތްކޮށް ވެސް ހެދިއެވެ. އޭނަގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވިއެއްކަމަކު އީތަން އޭނަގެ ދީން ފޮރުވަން މަސައްކަތެއް ނުކުރެއެވެ. ރިޒުޤު ދެއްވާ ފަރާތަކީ ހަމައެކަނި ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރެވޭތީވެއެވެ. އަދި އެންމެ މޮޅު ރައްކާތެރިއަކީ ވެސް އެކަލާނގެ ކަމާއިމެދު ޝައްކު ނުކުރެވޭތީވެއެވެ. އަދި ދަތިތަކުގެ ތެރެއިން ވެސް އެކަލާނގެ ދީން މަތީ ސާބިތުވެއްޖެނަމަ، އެކަލާނގެ އޭނައަށް އިތުރުކޮށް ދެއްވާނެކަން އެނގޭތީވެއެވެ. އަދި އެސްފިޔަ ޖަހާލާ ހިނދުކޮޅެއްގެ ތެރޭގައި ދެދުނިޔޭގެ ބާއްޖަވެރިކަން އޭނައަށް ދެއްވުމަކީ ﷲ އަށް ނުހަނު ފަސޭހަވެވޮޑިގެންވާ ކަމެއްކަން ޔަޤީންކުރެވޭތީވެސްމެއެވެ.
އީތަންގެ އެ އީމާންތެރިކަމުގެ ސަބަބުން ކަންނޭނގެއެވެ. ކުންފުންޏަށް ވަންތާ މަދު އަހަރުތަކެއްގެ ތެރޭގައި އޭނަގެ މަޤާމް މަތި ވާން ފެށިއެވެ. އިސާހިތަކު އޭނައަށް މަލާމާތް ކުރި މީހުން ހިތާއި ދެކޮޅަށް ވެސް އޭނައަށް އިޙްތިރާމްކުރަން ޖެހޭ ހިސާބަށް ދިޔައެވެ. ކުންފުނީގެ މަތީ މަޤާމުގައި ތިބޭ ބޭފުޅުންގެ ތެރެއިން އެކަކީ ވެސް އިސްލާމް ދީނާއި ދެކޮޅު މީހަކަށްވިޔަސް، އީތަންގެ ހުރި ހުނަރުތަކެއްގެ ސަބަބުން އޭނައާއި ނުލައި ކުންފުނި ކުރި އަރައިގެން ނުދާނެކަން އެމީހަކަށް ވެސް ޤަބޫލުކުރެވުނެވެ. ނަފްރަތު އެއްފަރާތެއްގައި ބާއްވާފައި އީތަންއާއި ހިނިތުންވާން އެމީހާއަށް ވެސް ޖެހުނީ އެހާ ހިސާބުންނެވެ.
ލިފްޓަށް އަރައިގެން ގޮސް އޭނަގެ ކެބިން ހުންނަ އެންމެ މަތީ ފަންގިފިލާއަށް ގޮސް އޭނަގެ ކެބިންއާއި ހަމަވަމުން ދިޔަ ވަގުތު، ދޮން އަންހެން ކުއްޖަކު އޭނަގެ ފަހަތުން އައިސް އޭނައާއި އަރާ ހަމަކުރިއެވެ.
“ސާރ…..އަޅުގަނޑު މިއައީ ސާރއަށް ދޭން ކޮފީ ހިފައިގެން.” ކެބިންގެ ދޮރު ހުޅުވައިލަން އުޅުނު ވަގުތު އެކުއްޖާ އިނގިރޭސިން ވާހަކަ ދެއްކި އަޑަށް އީތަންއަށް ބަލައިލެވުނެވެ. އެއީ އޭނަގެ ކެބިންއާއި ޖެހިގެން ހުންނަ ކެބިންގައި އުޅޭ ސީއީއޯގެ އާ ސެކްރެޓަރީއެވެ.
“އަޅުގަނޑު މި ގަޑީގައި ކޮފީ ނުބޮން އިނގޭތޯ، ލީސާ؟” އީތަން ހިނިތުންވުމެއް ފަތުރަމުން ލީސާގެ ކާޑަށް ނަޒަރެއް ދެމުން ބުންޏެވެ. ލީސާ އެހެންދޯއޭ ބުނެ ބާއްޖަވެރި ދުވަހަކަށް އެދެމުން އެތަނުން ދާން ހިނގައިގަތެވެ.
އީތަން އަމިއްލަ އަމިއްލައަށް ބޯހޫރުވައިލަމުން ކެބިންއަށް ވަނެވެ. މިއީ އޭނަ މަތީ މަޤާމަކަށް އައިފަހުން ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އަންހެން ކުއްޖަކު އައިސް އޭނައަށް ކޮފީއެއް ދިއްކޮށްލުމުން ކުރީކޮޅު އޭނަ ކޮފީ ހޯދަމުން ދިޔައީ މުވައްޒަފުންނާއި އޭނައާއި ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށެވެ. އެހާ ހިސާބުން އެ އަންހެން ކުދިން އޭނައަށް އެކިއެކި ހަދިޔާތައް ދީ އޭނައަށް ލޯބި ހުށަހަޅާ ހިސާބަށް ދަނީ އޭނަ އެކަހަލަ ކަމަކަށް އުއްމީދުވެސް ނުކުރާ ޙާލުގައެވެ. މީހުންގެ މޫނުމަތީގައި ހުންނަ ޖަޒުބާތުތަކަށް އޭނައަށް ރަނގަޅު ނަޒަރެއް ނުދެވޭ ޙާލު އެ ޖަޒުބާތުތައް ދޭހަ ކުރުމަކީ ވެސް އޭނައަށް ދަތިކަމަކަށް ވާތީވެއެވެ. އޭނަ ކައިރިއަށް އެގޮތަށް އަންނަ އަންހެން ކުދިންގެ އެފަދަ ނިޔަތެއް އޮންނަކަން ފަހަކަށް އައިސް އީތަން ނަގައިގަންނަނީ އެމީހުން ވާހަކަ ދައްކާ ރާގުންނެވެ. ތަކުރާރުކޮށް އެ ރާގު އިވި އޭނައަށް ލޯބީގެ ހުށަހެޅުންތައް އައިސްފައިވާތީވެއެވެ.
އީތަން މިހާ ހިސާބަށް އައިއިރު އޭގެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލުކޮށްފައެއް ނުވެއެވެ. އޭގެ ތެރެއިން ގިނަ އަންހެން ކުދިންނަކީ އޭނަ ދަށް މަޤާމެއްގައި ހުރި ދުވަހު އޭނައަށް މަލާމާތްކޮށްފައިވާނެ ކުދިންކަން އޭނައަށް ޔަޤީން ކުރެވޭތީވެއެވެ. އަދި އަމުދުން އެކުދިން އޭނަގެ ދީނާއިމެދު ދެކޭގޮތް ޔަޤީން ނުވާއިރު އެއްގޮތަކަށް ވެސް އޭނަގެ ޙަޔާތަށް އެފަދަ ކުއްޖަކު ގެންނަން ބޭނުމެއް ނުވެއެވެ. އީތަންގެ ހިތް ކިޔާނީ ވެސް އޭނައާއި އެއްވަރަށް ﷲ އަށް އޮތް އީމާންތެރިކަން ވަރުގަދަކޮށް ދަމަހައްޓަން މަސައްކަތް ކުރާ ކުއްޖަކަށެވެ. އަދި އަމުދުން އޭނަ ކިތަންމެ ނިކަމެތި މަޤާމެއްގައި ވިޔަސް އޭނަގެ އަތުގައި ހިފައިގެން އެހީވެދޭނެ ކުއްޖަކަށެވެ.
އެ ދެ ޚިޔާލު އީތަންގެ ހިތަށް ވެރިވީ އޭނަ ގޮސް އޭނަގެ މޭޒުދޮށުގައި އިށީން ވަގުތެވެ. ނޭނގޭ ސަބަބަކާހުރެ އެ ވަގުތު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ ނުހަނު ރީތި އަންހެން ކުއްޖެއްގެ ހިނިތުންވުމެވެ. ކަންފަތުގައި ގުގުމަން ފެށީ އެކުއްޖާ އޭނަގެ ނަމުން ގޮވާ އަޑެވެ. ހަނދާނަށް ވެރިވާން ފެށީ އޭނަ ނުހަނު ބަލިކަށިވެ އަދި ހިތާމަވެރިވީ ދުވަސްތަކެއްގައި އެކުއްޖާގެ ފަރާތުން އޭނައަށް އިޙްސާސް ކުރެވުނު އޯގާތެރިކަމާއި އަޅައިލުމެވެ.
އެ ޚިޔާލުތަކުގެ ތެރެއަށް ގެނބެން އުޅުނުހެން ހީވި ވަގުތު އީތަންގެ މޭޒުމަތީގައި ހުރި ލޭންޑްލައިން ފޯނު ރިންގުވާން ފެށިއެވެ. އެއާއިއެކު އީތަން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އެ ފޯނު ނެގިއެވެ. އެކޮޅުން އިވިގެން ދިޔައީ އޭނަގެ ސެކްރެޓަރީ ކަމަށްވާ ޖޯޖްގެ އަޑެވެ.
“ހެލޯ ސާރ….އަޅުގަނޑު މި ގުޅައިލީ ކޮންޓެކްޓް ސެންޓާރ އިން ކުރި ސުވާލަކަށް ޖަވާބު ހޯދަންވެގެން. އައިޝަތު ހިބާ ޝަހީދުގެ މެއިލްތަކަށް ސާރ ޖަވާބު ފޮނުވިތޯ ޔަޤީންކޮށްލަން އެމީހުން ބޭނުންވަނީ….” ޖޯޖް އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ. އިވިގެން ދިޔަ ނަމަކުން އީތަންއަށް ނޭނގި އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“އާދެ…ކުރިން ވެސް ދެންނެވިހެން ހިބާ ޝަހީދުގެ މެއިލްތަކަށް ޖަވާބު ފޮނުވާނީ އަޅުގަނޑު. މިހާތަނަށް ފޮނުވާފަ ހުރި ހުރިހާ މެއިލްއަކަށް ޖަވާބު ފޮނުވާފަވާނީ. އަދި ކުރިއަށް އޮތްތަނުގަ ވެސް ފޮނުވަމުންދާނަން.” އީތަން ބުންޏެވެ. ދިވެހި އެޕްލިކޭޝަނާއި ގުޅޭ އާރޓިކަލް މެދުވެރިކޮށް ދެވޭ ކޮންޓެކްޓް ފޯމުން އަންނަ މެސެޖުތައް، ކުންފުނީގެ ކޮންޓެކްޓް ސެންޓާރގެ އިތުރުން އޭނައަށް ވެސް އާދެވޭ ގޮތަށް ހަދާފައި ހުރީ، އޭނަގެ އެދުމުގެ މަތިންނެވެ. އޭނަ އިސްނަގައިގެން ހަދަން އުޅޭ އެޕްލިކޭޝަނާއި ގުޅޭގޮތުން މީހުން ކުރާ ސުވާލުތަކާއި އެމީހުންގެ ޚިޔާލުތައް ދެނެގަންނަން ބޭނުންވީތީވެއެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ހުރީ އޭގެއިން މެސެޖަކަށް ޖަވާބު ފޮނުވާކަށް ނޫނެވެ. އެހެނަސް އެރޭ ފެނިގެން ދިޔަ ނަމަކުން އޭނައަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ.
“އެންމެ ރަނގަޅު ސާރ….އަދި ސާރ! މިއަދު ސާރއާއި ބައްދަލުކުރަން މީހަކު އަންނާނެ.” ޖޯޖް ބުނެލި ވާހަކައިން އީތަންގެ ދެބުމަ ކައިރިވިއެވެ.
“ކާކު؟ އެޕޮއިންޓްމެންޓެއް ހަދައިގެން އައި މީހެއްތަ؟ މިއަދުގެ ޝެޑިއުލްގައެއްނެތް އަޅުގަނޑު ވަކި މީހަކާއި ބައްދަލުކުރަން ޖެހޭ ވާހަކައެއް…” އީތަން ބުންޏެވެ.
“އެހެންވެގެން އަންނަން ނުކެރިގެންނޭ އެމީހާ އުޅެނީ. ބުނީ ނަން ވެސް ބުނާކަށް ނުކެރޭނެޔޯ. ތިމަންނަގެ ކޮއްކޮ އެހާ މަތީ މަޤާމެއްގަ ހުއްޓާ ދާން ކެރޭނީ ކިހިނެއް ހެއްޔޯ….” ޖޯޖް އެހެން ބުނިއިރު ހިނިތުންވާން ފެށިކަން އަޑުން ވެސް އީތަންއަށް އެނގުނެވެ. އެއާއިއެކު ޖޯޖް ދެއްކި ވާހަކަތަކުން އެއީ ކާކު އޭނަ ލައްވާ ބުނުވި ބަސްތަކެއްކަން ވަގުތުން ޔަޤީންކުރެވުނެވެ.
“ދޮންބެ ދޯ؟ ބުނޭ ވަންނާށޭ ޖޯޖްއަށް އިތުރަށް އުދަގޫ ނުކޮށް.” އީތަންއަށް ރާގަކަށް ބުނެލެވުނެވެ. އެއާއެކު އެކޮޅުން މީހަކު ދިވެހި ބަހުން ‘މި އަންނަނީ’ އޭ ބުނެލި އަޑަށް އީތަންއަށް ހީލެވުނެވެ.
އީތަން ފޯނު ބޭއްވިތާ މާ ގިނައިރެއްނުވެ ކެބިންގެ ދޮރުގައި މީހަކު ޓަކިދިން އަޑަށް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު ދޮރުމަތިން ފެނިގެން ދިޔައީ އޭނައާއި ދާދި އެއް ޢުމުރެއްގެ ‘ދޮންބެ’ ކަމަށްވާ ވަލީދެވެ. ވަލީދަކީ އޭނައާއި އެއްވެސް ގޮތަކުން ގުޅުމެއް ހުރި ފަރާތަކަށް ނުވިޔަސް، އެއީ އީތަންގެ ޙަޔާތުގެ ބޮޑު ބައެއް އަދާކޮށްފައި ހުރި ޝަޚްޞިއްޔަތެކެވެ. އޭނައަށްވުރެ 7 އަހަރު ދޮށީ އެ ބޭބެއާއިމެދު އީތަން ދެކެނީ އެއްބަނޑު އެއްބަފާ ދޮންބެއެއްގެ ގޮތުގައެވެ. ޙަޔާތުގައި އައިހާ އަޑިގުޑަންތަކުގައި ޢާއިލާ މީހަކު އޭނަގެ ކައިރީގައި ނެތް ވަގުތު އޭނަ ރައްކާތެރިކުރި އެއް ފަރާތަކީ އެއީ ކަމަށްވާތީވެއެވެ. އެހެންކަމުން އެ ދޮންބެއަކީ އީތަން ފުރިހަމައަށް އިތުބާރުކުރާ މަދު ބައެއްގެ ތެރެއިން އެކެކެވެ.
“ކޮން އިރަކުތަ އައީ؟ ދޮންބެ ވައްޓާލާނީ ނުވެސް އަންގާވިއްޔާ. އެ ނޫންނަމަ އޮފް ނެގީމުސް.” ވަލީދު އައިސް އޭނަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމުން އީތަން ޝަކުވާ ކުރިއެވެ.
“ކީއްކުރަން ނަގާ އޮފްއެއް؟ މަ މީ އަންހެން ކުއްޖެއްނަމަތާ ތިކަހަލަ ސަމާލުކަމެއް ދޭންވީ؟” ވަލީދު ސަމާސާ ރާގަކަށް ބުންޏެވެ.
“ހޫނ ދެން ހެވޭ….އެކަނިތަ މިކޮޅަށް އައީ؟ ޝަބީދައްތައާއި ރާނީކޮއްކޮ ކޮބާ؟ ބޭކަރީގެ ކަންތައް ކިހިނެއް؟” އީތަންއަށް އެއްފަހަރާ ސުވާލުކުރެވުނީ އެތައް ދުވަހެއް ފަހުން އަނެއްކާވެސް ދޮންބެ ފެނުމުންނެވެ.
ވަލީދު އޭނަގެ ޢާއިލާއާއި އެކީ އުޅެނީ ސްވިޓްޒަލޭންޑްގައި ކަމަށްވިޔަސް އެމީހުން އުޅެނީ އީތަން އުޅޭ އަވަށުގައެއްނޫނެވެ. އީތަން އެންމެ ފުރަތަމަ މި ޤައުމަށް އައިސްގެން އުޅުނެއްކަމަކު ވަޒީފާގެ ސަބަބުން ބަދަލުވާން ޖެހުނީއެވެ. އީތަން އެމީހުންނާއެކީ އުޅުނީއްސުރެ ވަލީދުގެ އަންހެނުން ޝަބީބާ، އީތަންގެ އެދުމުގެ މަތިން ބޭކަރީއެއް ހުޅުވިއެވެ. ވަލީދުގެ ނަމުގައި މާލޭގައި އޮންނަ ވިޔަފާރިން ފުދޭވަރަކަށް ލާރި ލިބޭތީ، ވަކި އިތުރު މަސައްކަތެއް ކުރަން މަޖުބޫރު ނުވިޔަސް ޝަބީބާ އީތަންގެ އެދުމަށް އެއްބަސްވިއެވެ. ބޭކަރީ ހުޅުވައިގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އީތަން ވެސް ޝަބީބާއާއެކީ އެކި އެއްޗެހި ހެދީ ޝައުޤުވެރިކަމާއި އެކީގައެވެ. ވަކިން ޚާއްޞަކޮށް ގޭގައި ޗޮކްލެޓް ތައްޔާރުކުރަން އީތަން ދަސްކުރީ، އެއިން އުފާވެރި ހަނދާނެއް އާވާތީވެއެވެ.
“އެމީހުން ގޮވައިގެންނޭ މިއައީ. ހޮޓަލެއްގަ ތިބީ މިވަގުތު. ޝަބީ އަނެއްކާވެސް ބަލިވެ އުޅޭތީ އެއާރޕޯޓާއި މާ ދުރު ހިސާބަކަށް ދުއްވާކަށް ނުކެރުނު…” ވަލީދު ބުންޏެވެ.
“ބަލިވް…..ޔޫ މީން….އޯ އެމް ޖީ ދޮންބޭ ކޮންގްރޭޓްސް!” ވަލީދު ދެއްކި ހިނިތުންވުންތަކާއެކީ އެ ބުނި އެއްޗެއް ނަގައިގަނެވުމުން އީތަންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
“ހުސް ދޮންބެއަށް ކޮންގްރޭޓްސް ނުކިޔާ އީތަންއަށް ވެސް ކޮންގްރޭޓްސް ކިޔޭ ކަހަލަ ކަމެއް ކޮށްބަލަ!” ވަލީދު ޝަކުވާ ކުރިއެވެ.
“މި ކުރަނީއެއްނު ދޮންބޭ؟ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ގުޅިގެން ދިވެހި ބަހާއި ގުޅޭ އެޕްލިކޭޝަންތަކެއް ހަދައިގެން މިއުޅެނީ. މަރުޙަބާ ކިޔަންވީ ހަމަ…” އީތަން ފޮނިވާ ކަމަށް ހެދެމުން ބުންޏެވެ.
“ހުމް….ދުށީމޭ ދިވެހި ޗެނަލްތަކުން. ވަރަށް އީތަންގެ ނަންވެސް އެބަ އިވޭ ދިވެހިންގެ ދުލުން……ރާއްޖެއަށް ދާންތަ ތި ޚިޔާލުކުރަނީ؟” ވަލީދު ހިނިތުންވުމެއްގައި އިނދެވެސް ފަހު ސުވާލުކޮށްލީ ސީރިއަސްކަމާއި އެކީގައެވެ. އެއާއިއެކު އީތަންގެ ހިނިތުންވުން ވެސް ފޭދިގެން ދިޔަ ވަގުތު އިސްޖަހައިލެވުނެވެ.
“ދާން އެބަޖެހޭދޯ ކޮންމެވެސް އެއްދުވަހަކުން ދޮންބޭ؟ މުޅި ޢުމުރު މިގޮތަށް ފިލައިގެން ހުންނާކަށް ނޫނެއްނު އަހަރެން އޭރުވެސް ޤަޞްދުކުރީ؟” އީތަން އިސްއުފުލައިލުމެއްނެތި ބުންޏެވެ. އެއާއިއެކު ވަލީދު ފުން ނޭވައެއް ދޫކޮށްލިއެވެ.
“ރަނގަޅަށް އީތަން ތިބުނީ….ހަދަންޖެހޭ ގޮތަށް ތި ހަދަނީ. ދޮންބެ ހަމަ ކަންބޮޑުވާތީ ސުވާލުކޮށްލެވުނީ. ކޮންމެ ގޮތެއްވިޔަސް ދޮންބެ އަބަދުވެސް ހުންނާނަން އީތަންއާއެކީ….” ވަލީދު ޔަޤީންކަން ދިނެވެ. އެހިނދު އީތަންއަށް އިސްއުފުލައިލެވުނެވެ.
“އެންމެ ފަހުން މާލެއަށް ދިޔައީ ކޮން ދުވަހަކު ދޮންބޭ؟ މް..މަންމަ ދުށިންތަ މާލެއިން؟” އެ ސުވާލުކޮށްލި ހިނދު އީތަންގެ ލޯމަތިން ހިތާމަވެރިކަން ފާޅުވީ ހިނދު ލޮލުގެ ޙަރަކާތްތަކަށް ބާރުފޮރުވަން އެ ވަގުތު މާ ބޮޑަށް އުދަގޫވިއެވެ.
“މި ދިޔަ މަހު ދިޔައިން. އެކަމަކު އީތަންގެ މަންމަ ނުދެކެން. ދިޔައީ މާ ގިނަ ދުވަހަކަށް ނޫންވީމަ މާ ބޮޑު ހޯދުމެއްނެތި އަންނަން ޖެހުނީ. އަދި އެކުވެރިއެއް ކައިރި ބުނެގެން އަހައިލާނަން އިނގޭ؟” ވަލީދު ބުންޏެވެ. އީތަން ހިސާބެއްގެ މާޔޫސްކަމަކާއެކީ އެ ވާހަކައަށް ބޯޖަހައިލިއެވެ.
“ރާއްޖެއަށް ދާން އުޅެންޏާ ކުރަންވީ ކަންތަކުގެ ލިސްޓެއް ހަދައިލަންވާނެދޯ؟ ފުރަތަމަ މަންމަ ހޯދާފަ…..ދެން ކާކުތަ ހޯދަނީ؟ ކީކޭ އެއްކަލަ އަންހެން ކުއްޖާއަށް ކިޔަނީ؟” ވަލީދު ނޫންކަމަށް ހަދާފައި ވާހަކައިގެ ރާގު ބަދަލުކޮށްލީ މޫޑު ބަދަލުކުރުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އީތަން ވަގުތުން ހިނިތުންވެލީތަން ފެނުނެވެ.
“މިއީ ފިލްމެއްދޯ އެތައް ދުވަހެއް ފަހުން މަ އަންހެން ކުއްޖަކު ހޯދަން ދިޔައިމަ އެކުއްޖަކު މަގޭ ކައިރިއަށް އަންނަން؟ ރަނގަޅަށްވިއްޔާ މިހާރު އެކުއްޖާ އިންނާނީ މީހަކާއި އިނދެގެން ދެކުދިން ހޯދައިގެން ތިންވަނަ ކުއްޖާއަށް ބަލިވެ! އެއަށްވުރެ މާ ރަނގަޅު މަ މިކޮޅުން ރަނގަޅު ކުއްޖަކު ހޯދިއްޔާ!” އީތަން ވެސް ފޯރީގައި ބުންޏެވެ. އެ ބަސްތަކުގައި ޖޯޝެއްވެފައި، ވާހަކައަށްފަހު ދޮންބެއާއެކީ ހީލިއެއްކަމަކު އީތަންގެ ހިތުގެ ކަނެއްގައި މާޔޫސްކަމެއްވިއެވެ. ކަންތައްވެފައިވާނީ އޭނަ މި ހީކުރާ ގޮތަށްތޯ އޭނަގެ ހިތް ސުވާލުކުރި ވަގުތު ލޮލަށް ސިފަވީ ދާދީ ދެންމެއަކު އޭނައަށް ސިފަވެގެން ދިޔަ ރީތި ސޫރައެވެ. އެކުއްޖާ މި ވަގުތުވާނީ ކިހާ ހިސާބެއްގައިތޯ ހިތަށްއެރިއެވެ.
**
ހުކުރު ދުވަހު ހެނދުނު 9 ޖަހަން ގާތްވަމުން ދިޔަ ވަގުތު ހިބާއަށް ހޭލެވުނީ އެލާމަކާއި ނުލައެވެ. ސްކޫލް ބަންދު ދުވަހަކަށްވުމުން އާދައިގެ މަތިން ހިބާ ފަތިސް ނަމާދަށްފަހު ނިދައިލީއެވެ. މުޅި ހަފްތާގައި ނިދި މަދުވާ ގަޑިއިރުތައް ހަމަކުރާ ދުވަހަކީ ހުކުރު ދުވަހަށްވުމުންނެވެ.
ހޭލެވުމާއެކު މޯޅިއަކަށް ދެމިލަމުން ހިބާ ތެދުވުމަށްފަހު އެނދުން ފޭބިއެވެ. އެއަށްފަހު އާދައިގެ މަތިން ރީތިވާ މޭޒުކައިރިއަށް ގޮސް ވޫލްކޮޅެއް ނަގައި އިސްތަށިގަނޑު އައްސަން ފެށީ، ގޭތެރެ ސާފުކުރުމަށް ސިކުނޑީގައި ރޭވުމެއް ރާވަމުންނެވެ. އެހެނަސް އެ ޚިޔާލުތަކަށް ހުއްޓުމެއް އައީ އިއްޔެ އޭނައާއި އަޔާނާއާއި ދެމެދު ދެކެވުނު ވާހަކަ ހަނދާންވުމުންނެވެ.
“ސްވިސްއަށޭ؟!”
“އާނއެކޭ! އަދިވެސް ޤަބޫލުނުކުރެވިގެން އަހަރެން ވެސް މިއުޅެނީ. ދެމީހުންނަށް ޗާންސް ލިބިއްޖެއްޔާ ކިހާ ސަޅިދޯ؟”
“އާނ….އެކަމަކު ޔަޤީންކަމެއް ނެތް. އެމީހުން ބޮޑަށް ޗާންސް ދޭނީ ދިވެހި ކިޔަވައި ދިނުމަށް ގިނަ އަހަރުގެ ތަޖުރިބާ ހުރި ޓީޗާރސްއަށްދޯ؟ އަހަންނަށްވުރެ މާ ތަޖުރިބާހުރި ޓީޗާރސް ބައިވެރިވާނެ ކޮންފަރެންސްގަ….”
“ނޫނޭ ހިބާ….ހަމަ ބެސްޓް ޕްރެޒެންޓާރސްއަށް ޗާންސް ދޭގޮތަށް އޮތީ. ހިބާ ކޮންފަރެންސްގަ ބައިވެރިވި 3 އަހަރުން ކުރެ އެއް އަހަރު ލިބުނެއްނު؟ މިފަހަރު ވެސް އެގޮތަށް ވެދާނެއެއްނު؟”
“ހިއެއްނުވޭ އަޔާނާ….މިފަހަރު ކޮންފަރެންސްގަ އައިސީޓީ ބައި ހުރީމަ އެހާ ކޮންފިޑެންޓެއްނޫން. ޕްރޮޕޯޒަލް އެކްސެޕްޓްވެއްޖެއްޔާ ވެސް ރަނގަޅު. ބަލަމާ ދޯ؟ ވިލް ގިވް މައި ބެސްޓް އިން ޝާ ﷲ!”
ހިބާ އެހެން ބުނެލުމުން އަޔާނާ އަދި އިތުރަށް އޭނައަށް ހިތްވަރު ދިނެވެ. އެހެނަސް އޭނައަށް އެފަދަ ފުރުޞަތެއް ލިބިދާނެ ކަމުގެ މާ ބޮޑު ޔަޤީންކަމެއް ހިބާގެ ހިތުގައި ނެތެވެ. އެކަމަށް އުއްމީދުވެސް ނުކުރަން ނިންމައިގެން ހުއްޓާ އެ އިޙްސާސްތަކަށް އިންޤިލާބެއް ގެނައީ، އިއްޔެ ސްކޫލުން ގެއަށް އައިސް މެއިލް ހުޅުވައިލުމުންނެވެ. ވިންޓޭޖް ޓެކްނޮލޮޖީސްއިން އައިސްފައިވި އެ މެސެޖު ހަނދާންވުމުން ހިބާއަށް އެވަގުތު ވެސް ރީތިވާ މޭޒުމަތީގައި އޮތް ފޯނު ހުޅުވައި މެއިލް ހުޅުވައިލެވުނެވެ. އަދި އެ މެސެޖު ހުޅުވައި ތިންވަނަ ފަހަރަށް ކިޔައިލެވުނެވެ.
“ހިބާއަށް،
ހިބާ ތި ޚިޔާލުކުރައްވާ އެޕްލިކޭޝަނަކީ ވަރަށް ބޭނުންތެރި އެޕްލިކޭޝަނަކަށް ވާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެޕްލިކޭޝަންގެ ލޭއިއައުޓްއާއި ފީޗާރސްތައް އިތުރަށް ފުރިހަމަ ކުރެވިދާނެ ގޮތްތައް އަޅުގަނޑު ތިރީގައިވާ ލިޔުމުގައި ހިމަނާފައިވާނެ. ހިބާ ޝައުޤުވެރިވާނަމަ އަޅުގަނޑުމެންނާއެކީ މި އެޕްލިކޭޝަން ތައްޔާރު ކުރުމަށް ދަޢުވަތު އަރުވަން. ރާއްޖޭގައި ތިޔަފަދަ އުފެއްދުންތެރި މުދައްރިސުން އުޅޭކަން އެނގޭތީ އުފާކުރަން.
ސަލާމް
އިސްމާޢީލް އީތަން”
ރަސްމީ އިނގިރޭސި ބަހުން ލިޔެފައިވާ މެސެޖުގައިވި ބަސްތައް ކިޔާފައި ހިބާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވެމުން ދިޔައެވެ. އެ ވަގުތާއި ޖެހެންދެން ވެސް އޭނައަށް ހުރެވުނީ އެއަށް ލިޔަންވީ ޖަވާބެއް ނޭނގިފައެވެ. އެހެނަސް ވަކި ހިސާބަކުން ޖަވާބެއް ނުލިޔުނަސް ރަނގަޅުވާނެ ނޫންތޯ ހިތަށްއެރިއެވެ. ޚުދު ވިންޓޭޖް ޓެކްނޮލޮޖީސްއިން އޭނަގެ އެޕްލިކޭޝަން ރަނގަޅު ކަމަށް ބުނެފައިވާނަމަ ކޮންފަރެންސަށް އޭނަ ހޮވި، އެންމެ މޮޅު ހުށަހެޅުންތެރިންގެ ތެރެއިން ހިމެނި، އެ ކުންފުންޏާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ނޫންތޯ ހިތަށްއެރިއެވެ.
އެ މެސެޖުން ހިބާއަށް ލިބިގެން ދިޔައީ އެފަދަ ހިތްވަރެކެވެ. އަދި އަމުދުން އިސްމާޢީލް އީތަން އޭނަ ލިޔުނު ލިޔުންކޮޅު އަނބުރާ ފޮނުވާފައި ހުރީ އެ ލިޔުންކޮޅުގެ އެކި ތަންތަންކޮޅު ފާހަގަކޮށް ‘ކޮމެންޓް’ ކޮށްފައެވެ. ފުރަތަމަ ހިބާ ހީކުރީ އެއީ ހުސްވެސް ރަނގަޅުކުރަންވީ ތަންތަން ފާހަގަކޮށް ލިޔެފައިވާ ކޮމެންޓްތަކެއް ކަމަށެވެ. އެހެނަސް އެޕްލިކޭޝަންގެ ބައެއް ބައިތައް ސިފަކޮށްފަ ހުރި ތަންތަނަށް ތަޢުރީފުކޮށްފައި ހުރިގޮތުން ހިބާއަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ލިބުނު ހިތްވަރާއެކީ އިއްޔެ ލެޕްޓޮޕް ދޮށުގައި އިށީންގޮތަށް ނުހުއްޓައި އޭނައަށް ޕްރޮޕޯޒަލް ނިންމައިލެވުނެވެ. އަދި އެއްފަހަރު އޭތި ކިޔައިލުމަށްފަހު އޭތި ފޮނުވައިލީ، ކޮންފަރެންސަށް ހޮވޭނެ ކަމުގެ ބޮޑު ޔަޤީންކަމަކާއި އެކީގައެވެ.
އެ ޔަޤީންކަމުގެ މަތިން ހަނދާންވުމުން ހިބާ ހިނިތުންވުމަކާއެކީ ފޯނުން ފެންނަމުން ދިޔަ މެސެޖަށް ރިޕްލައި ކުރަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ހަމްނާ ގޮވައިލި އަޑަށް ހިބާ ފޯނު ބޭއްވުމަށްފަހު ބޭރަށްދާން ހިނގައިގަތެވެ.
ހިބާ ގޮސް ބަލައިލިއިރު ހަމްނާ ހުރީ ދެމީހުންގެ ކޮޓަރި ފިޔަވައި ގޭގައި އިތުރަށް ހުންނަ ކޮޓަރީގައެވެ.
“މި ކޮޓަރި ސާފުކޮށްލަނީ އިނގޭ އެއްކަލަ ދައްތަ އަންނަންވާއިރަށް؟ ހިތަށްއަރަނީ މި ކަބަޑު މިތަނުން މޫވްކޮށްލިއްޔާ މާ ރަނގަޅުވާނެއޭ. ވަރަށް ބާވެފަ މީތި މިހިރީ. ވަޓް ޑޫ ޔޫ ސޭ؟” ހަމްނާ ކޮޓަރީގެ ކަނެއްގައި ތިރިކޮށް ހުރި ވަކަރު ކަބަޑެއް ދައްކަމުން އެހިއެވެ.
އެ ހިނދު ހިބާ އެންމެ ފުރަތަމަ ކަމަކަށް ހަމްނާއަށް ތަޢުރީފުކުރަން ބޭނުންވިއެވެ. އޭނަ ހަނދާންކޮށް ދިނުމެއްނެތި ކުރިން ދެމީހުން އެއްބަސްވެފައިވާ ފަދައިން ހަމްނާ އެ ކޮޓަރި ސާފުކުރާތީވެއެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކޮޓަރި ކުއްޔަށް ހިފަން އުޅޭ ދައްތައަކަށްޓަކައެވެ. އެ ކޮޓަރިއަކީ އެމީހުން ދޭތެރެދޭތެރެއިން އެގޮތަށް ކުއްޔަށް ދޫކުރާ ކޮޓަރިއަކަށް ވިޔަސް، އެތަން ފެންނަ ކޮންމެ ފަހަރަކު ހިބާގެ ސިކުނޑިއަށް މާޒީގެ ހަނދާނެއް ވެރިވެގެންދެއެވެ. މިފަހަރު އެ ހަނދާން އާވެގެން ދިޔައީ ވޭތުވެދިޔަ އަހަރުތަކަށްވުރެ ސާފުކޮށެވެ.
“ހިބާ….މިއީ ދާރިސް.” ބައްޕަ އެހެން ބުނެލުމުން ދާރިސްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނު ހަނދާން އާވިއެވެ. ދާރިސްއަށް ބަލަހައްޓައިގެން ހުރެވުނުހެން މިއީ ސަޅި ފިރިހެން ކުއްޖެކޭ ބުނެ އޭނަގެ ޒުވާން ހިތް ގޮވި ހަނދާން އާވިއެވެ. ދާރިސް އެއްޗެކޭ ބުނަން އުޅުނުހެން ހީވި ވަގުތު އަނެއްކާވެސް ބައްޕަގެ އަޑު އިވިގެން ދިޔައެވެ.
“ހިބާ އެބަޖެހޭ އިނގޭ ދާރިސްއަށްޓަކައި ހިބާ މިހާރު އުޅޭ ކޮޓަރި ތައްޔާރުކުރަން. ހިބާގެ އެއްޗެހި މަންމަގެ ފަހާފޮށި ހުންނަ ކޮޓަރިއަށް ބަދަލުކޮށްލައްޗޭ.” ބައްޕަ ބުނެލި ވާހަކައިން ލިބުނު ހަމަހޭވެރިކަމާއެކީ އިސާހިތަކު ބައްޕައާއި ދިމާލަށް ބަލައިލެވުނެވެ.
“ބައްޕާ!” ހިބާއަށް ދެލޯ ބޮޑުކޮށްފައި އެހެން ބުނެލެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެއެވެ. ބައްޕަ އެ ބުނާ ކޮޓަރިއަކީ ގޭގެ ހުރި އެންމެ އާ ކޮޓަރިއެވެ. އޭނަ އެ ކޮޓަރިއަށް ބަދަލުވީ ވެސް މި އަހަރެވެ. އެހެނަސް ޙަޔާތުގައި ފުރަތަމަ ފަހަރަށް އޭނަގެ އަމިއްލަ ކޮޓަރިއޭ ބުނެވޭ ފަދަ ކޮޓަރިއަކީ އެއަށްވުމުން އެ ކޮޓަރިދެކެ ވަނީ މާ ބޮޑު ލޯތްބެކެވެ.
“ސޮރީ ހިބާ….އެކަމަކު ދާރިސްއަށް އުނދަގޫވާނެ މަންމަގެ ފަހާ ފޮށި ހުންނަ ކޮޓަރީގަ ނިދަން. އެ ދުވާ ފޮތި ވަހުންނާއި އެއްޗެހި ދާރިސްއަށް ކެތް ނުކުރެވިދާނެ. ދުވާލު ގަޑީގަ ފަހާފޮށިން އަންނަ އަޑުން ވެސް ދާރިސްއަށް އުދަގޫވާނެ. ދަރިފުޅު ކުރިން ވެސް އުޅުނީ އެ ކޮޓަރީގައެއްނު އެހެންވީމަ ދަރިފުޅު ހުންނާނީ އާދަވެފަ….ދާރިސް، ދާރިސްގެ ކޮޓަރީގަ ބަހައްޓަން ބޭބެ ކިޔަވާ މޭޒެއް ވެސް ޖަހައިދޭނަން. އޭރުން ގިނަ ވަގުތު ކޮޓަރީގަ ކިޔަވަން ހުރެވޭނެ….” ޝަހީދު ބުންޏެވެ.
“ބައްޕާ!” ހިބާއަށް ބައްޕައާއި ދިމާލަށް މުޅިން އެނބުރެމުން އިހުނަށްވުރެ ބާރަށް ގޮވައިލެވުނެވެ. އޭނަގެ ކޮޓަރީގައި ބަހައްޓަން ކިޔަވާ މޭޒެއް ޖަހައިދޭށޭ ބުނެބުނެ ބައްޕަ މިހާތަނަށް ޖަހައިދީފައި ނުވެއެވެ. ކަން މިހެން އޮތްއިރު މި ނުވެސް ދަންނަ ފިރިހެން ކުއްޖާ ގާތު އެފަދަ ވަޢުދެއްވުމުން ރުޅިއައެވެ.
“ހިބާ ލޯބިކޮޅު! އައި ޕްރޯމިސް….ބައްޕަ އަމިއްލައަށް އެ ފަހާ ފޮށި ހުންނަ ކޮޓަރި ސާފުކޮށްފަ ރީތިކޮށްދޭނަން. އަދި އެ ކޮޓަރީގަ ވެސް ކިޔަވާ މޭޒެއް ބަހައްޓައިދޭނަން އިން ޝާ ﷲ. ކުޑަ ދުވަސްކޮޅަކަށް ދާރިސް މި ބުނާ ކޮޓަރީގަ ބަހައްޓައިދޭންވީ އިނގޭ….އެއަށްފަހު ހިބާ ބޭނުންވާ ޒާތެއްގެ ހަދިޔާއެއް ގެނެސްދޭނަން އިން ޝާ ﷲ. ދެން ބައްޕަ ލައްވާ އިތުރަށް ބުނުވަން ނަހަދައްޗޭ….މިރޭ އެ ކޮޓަރިން ހުރިހާ އެއްޗެއް ނުރެނުނަސް ކަނބުލޮ ކޮންމެހެން ބޭނުންވާނެ އެއްޗެހި އެ ކޮޓަރިން ނެރެންވީ. ސާފުވެއްޖެ؟” ބައްޕަގެ ވާހަކައިގެ ފަހުކޮޅުން ސީރިއަސް ރާގެއް އެޅުވުމުން ޝަކުވާކުރަން އުޅުނު ހިބާގެ އަނގަ ބަންދުވިއެވެ. ބައްޕަ އޭނައަށް ނުރުހުންވާކަން އަންގަން ބޭނުންކުރާ ހަމައެކަނި އުކުޅަކީ އެއީއެވެ.
ބައްޕަ އޭނައާއިމެދު ނުރުހުންވުމަކީ ހިބާގެ ވެސް މޫޑު ޚަރާބުވާ ކަމަކަށްވުމުން އޭނަ ދެން ބައްޕައާއި ވާހަކަ ދައްކާކަށް ނުއުޅުނެވެ. ބަދަލުގައި ދާރިސްއަށް ރުޅިވެރި ނަޒަރެއް ދެވުނެވެ. ބައްޕަ އޭނައަށް ނުރުހުންވީ ދާރިސްގެ ސަބަބުން ކަމަށް ޤަބޫލު ކުރެވުމުންނެވެ. އަދި އަމުދުން އޭނަގެ ލޯބިވާ ކޮޓަރި އޭނައަށް ގެއްލެން މިއުޅެނީ ވެސް ދާރިސްގެ ސަބަބުން ކަމަށްވުމުންނެވެ. އިސާހިތަކު ދެންމެ ދާރިސް ރީތި ފިރިހެން ކުއްޖެއްގެ ގޮތުގައި ފެނުނު ހަނދާންވެސް ނެތިގެން ދިޔައެވެ. އެ ޙާލަތުގައި ވެސް ވަކި އެއްޗެކޭ ބުނުމެއްނެތި ދާރިސް އަސަރެއް ނެތް މޫނަކާއެކީ އޭނައަށް ބަލަހައްޓައިގެން ހުރި ގޮތުން ދާރިސްއަށް ފޫހިވާ ގޮތްވިއެވެ. އިސާހިތަކު ދާރިސްއަށް ފަސްދީފައި ދިގު ފިޔަވަޅުތަކެއްގައި ގޭގެ ތެރެއަށް ދިޔައީ ބައްޕަ އެ ބުނާ ކޮޓަރިއަކާއި ދިމާލަށެވެ.
“ކުދިންވެސް މި އޮތް ގޯސްވަނީ ޝަހީދު ކުރާ ކަންތަކާ ހެދި!” ނާދިރާ މަންޒަރު ބަލަން ހުރެފައި އަޑުހަރު ކުރިއެވެ. އެއާއިއެކު ޝަހީދު ނާދިރާއަށް ރައްދެއް ދިނުމުގެ ކުރިން ދާރިސްގާތު ފޮށި ހިފައިގެން ހިބާ ދިޔަ ދިމާލަށް ދާން ބުންޏެވެ. ޝަހީދު ބުނުމާއެކު ދާރިސް ގޭގެ ތެރެއަށް ވަދެގެން ދާންފެށީ ވެސް ވަކި އެއްޗެކޭ ބުނުމެއް ނެތިއެވެ.
ދާރިސް ދާން ފެށުމުން ޝަހީދު ނާދިރާއާއި ކުރިމަތިލިއެވެ. އެއާއިއެކު އެދެމީހުންގެ ދެމެދުގައި ހޫނު ބަހުސެއް ފެށުނެވެ. ނާދިރާ އަޑުހަރު ކުރިއެއްކަމަކު ޝަހީދު ހިމޭންކަމާއެކީ ޖަވާބުތައް ދެމުން ދިޔައެވެ.
ކޮޓަރިއަށް ވަންގޮތަށް ގޮސް ހިބާ މަޑުކުރުމެއްވެސް ނެތި ކަބަޑުގައި ޖަހާފައި ހުރި އިނގިރޭސި ވާހަކަ ފޮތްތައް ރުޅިވެރިކަމާއެކީ ފޮށްޓަކަށް އަޅަން ފެށިއެވެ. މަންމަގެ ރުޅިވެރި އަޑު ބޭރުން އިވެމުން ދިޔަދިޔަހެން އޭނަގެ ރުޅިވެރިކަން ވެސް ހިތުގައި ޒީނަތްތެރިވެގެން ދިޔައެވެ. މަންމަ ވާހަކަ ދައްކަމުން ދިޔަ ރާގުން ހަމަ އަސްލުވެސް އޭނައާއި ދޭތެރޭ މިހާ ‘ނިކަމެތިކޮށް’ ވާކަށް ނުޖެހޭނެކަމަށް ހިތާހިތުން ކިޔެމުން ދިޔައެވެ.
މިފަދަ ޚިޔާލުތަކެއްގައި ވަނިކޮށް ފަހަތުން ފޮށްޓެއްގެ ފުރޮޅީގެ އަޑު އިވިފައި ހިބާއަށް ފަހަތް ބަލައިލެވުނެވެ. އެހިނދު ދާރިސް ފޮށްޓާއިއެކީ އެ ކޮޓަރީގެ ދޮރުން ވަނީއެވެ. ކޮޓަރިއަށް އިތުރަށް ވަންނަން ފެށުމުން ހިބާއަށް ހިންދެމިލަމުން ވާހަކަ ދެކެވުނެވެ.
“މަޑުކޮށްލާ! ހަމަ ތި ހުރިތާ މަޑުކޮށްލާ….މި ކޮޓަރިން މަގޭ ހުރިހާ އެއްޗެހި ނުނެރެނީސް މި ވާނީ ހަމަ މަގޭ ކޮޓަރިއަށް. ކުރިއަށް ދެން އެންމެ ފިޔަވަޅެއް ވެސް އަޅާތަން މަށަށް ފެނިގެން ނުވާނެ!” ހިބާ ރުޅިވެރިކަމާއެކީ އެހެން ބުނީ ހިތުން ބޮޑު ކުރިމަތިލުމަކަށް ދިޔުމަށެވެ. އެހެނަސް އޭނަ އެހެން ބުނުމާއެކު ދާރިސް ހަމަ އެ ދެވުނު ހިސާބުގައި މަޑުކޮށްލިއެވެ. ހިބާ އެ ވާހަކަ ބުނެވުނު ވަގުތު ވެސް ކުރިއަށް ފިޔަވަޅެއް އެޅުނީތީ ފަހަތަށް އެއްފިޔަވަޅު އަޅައިލީ މައުސޫމް ކަމާއި އެކީގައެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ ހިބާއަށް ބަލައިލީ ހިބާ އިތުރަށް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ފަދައެވެ.
މަންޒަރު ފެނިފައި ހިބާއަށް އަސަރެއް ނެތްގޮތަކަށް ހީލެވުނެވެ.
“ޑޯންޓް އެކްޓް އޯލް އިނޮސެންޓް…..ތީނައާހެދި މަންމައާއި ބައްޕަ މި ހުރިހާ ދުވަހު ހިމޭނުން ތިބެފަ އެ ފައިޓްކުރަނީ! އައި ހޭޓް އިޓް ވެން ދޭއި ފައިޓް….އަދިވެސް ޤަބޫލެއް ނުކުރެވޭ ބައްޕަ އަހަންނަށް ދިން ކޮޓަރި އެ ހޯދަނީ ބޭރުން އައި މީހަކަށް ދޭންކަމަށް. މައި ގޯޑް އައި ޑްރެޑް ދިސް!” ހިބާ އެހެން ބުނެލީ ކަބަޑުގައި ހުރި ފަހު ފޮތްތައް އެތާހުރި ފޮށިގަނޑަށް އަޅަމުންނެވެ. އެ ފޮށިގަނޑަކީ ބާ ފޮށިގަނޑަކަށްވުމުން ހިބާ އޭނަގެ ފޮތްތައް އެކޮޓަރިއަށް ގެނައީވެސް އެ ފޮށިގަނޑުގެ ވަށައިގެން ދިގު ފޮތިކޮޅެއް އައްސައިގެންނެވެ. އެދުވަހު އޭނައަށް އޭތި އައްސަން އެހީވީ ބައްޕައަށް ވިޔަސް އެވަގުތު ބައްޕައަށް ގޮވާ ހިތެއް ނުވިއެވެ. އޭރުވެސް ބައްޕައާއި މަންމަގެ އަޑު ބޭރުން އިވެމުން ދިޔުމާއި އެކީގައެވެ.
ހިބާ އެ ފަށް ފޮށީގެ ވަށައިގެން އައްސަން ދެތިން ފަހަރަކު ކުރި މަސައްކަތްވެސް ނާކާމިޔާބުވިއެވެ. އައިސްފައިވި ރުޅިއެއްގެ ސަބަބުން ރަނގަޅަށް ވިސްނޭގޮތެއް ވެސް ނުވީއެވެ. އެންމެ ފަހުން އެ ފަށް ފޮށީގެ މައްޗަށް ދޫކޮށްލުމަށްފަހު ކޮޓަރީގައި ހުރި އަލަމާރި ހުޅުވައި އޭނަގެ ހެދުންތައް އެއްފަހަރާ ނެގިއެވެ.
“އެންމެ އެއްޗެއް ވެސް މީހެއް ނުބަހައްޓާނެ މިތާ މިރެއަކުވެސް!” ހިބާ އެހެން ބުނެލީ ހެދުންތައް އަތްމަތީގައި ބަމުން އަލަމާރީގެ ދޮރު ބާރަށް ލެއްޕުމަށްފަހު އޭރުވެސް ހުރިގޮތަށް ހުރި ދާރިސްއަށް ލޯ އަޅަމުންނެވެ.
ހިބާ އޭނަގެ ހެދުންތައް އަނެއް ކޮޓަރިއަށް ލުމަށްފަހު އަނބުރާ އައިއިރު ވެސް ދާރިސް އެ ހުރި ގޮތަށް އެނދުގެ ކައިރީގައި އޭނަގެ ފޮށްޓާއެކީ މަޑުކޮށްގެން ހުއްޓެވެ. ހިބާ ވަކި އެއްޗެކޭ ބުނުމެއްނެތި އަނެއްކާވެސް ދިޔައީ އެއްކަލަ ފޮށީގެ ކައިރިއަށެވެ. އެހިނދު ހުއްޓުން އެރީ އެ ފޮށީގެ ހަތަރު ފަރާތުން ވާ ގޮތަށް އެ ފަށް ގެނެސް ނުހަނު ރީއްޗަށް ފަށް އެއްސިފައިވިތަން ފެނިފައެވެ. އިސާހިތަކު ހިބާއަށް ބަލައިލެވުނީ ދާރިސްއަށެވެ. ދާރިސް އިސްޖަހަމުން އޭނައަށް ބަލަމުން ދިޔަގޮތުން ނުތަނަވަސްވަމުން ދިޔަހެން ހީވިއެވެ. އޭނައަށް މި އެހީވީ ދާރިސްކަމަށް ޤަބޫލުކުރަން ބޭނުންނުވެފައި ހިބާ ދެންވެސް ރުޅިވެރިކަމާއެކީ އެ ފޮށި ހިފައިގެން ކޮޓަރިން ބޭރަށް ދިޔައެވެ.
ހިބާ ދެވަނަ ފަހަރަށް ކޮޓަރިއަށް ވަދެގެން އައީ އާ ބެޑްޝީޓަކާއި ބާލީސް އުރަތަކާއި އެކީގައެވެ. އޭނަ ނިދާފައި ހުރި ތަނެއްގައި ފިރިހެން ކުއްޖަކު ނިދާ މަންޒަރު ޚިޔާލުކުރަން ވެސް ބޭނުމެއް ނުވުމުންނެވެ. އަދި އަމުދުން އޭނަ މިހާ ނަފްރަތު ކުރާ ފިރިހެން ކުއްޖެކެވެ. ހިބާ ނުހަނު ފަރިތަކަމާއެކީ އެނދުގައި އަޅާފައި އޮތް ބެޑްޝީޓް ދަމައިގަންނަމުން ބާލީސް އުރަތައް ވެސް ނަގައި ދާ ވަށިގަނޑަށް އެޅިއެވެ. އަދި އޭނަ ގެނައި ހުދުކުލައިގެ ބާލީސް އުރަތައް ލައްވައި ބެޑްޝީޓް ވެސް އެޅިއެވެ. އެއީ ކަނުން ލައްވާ ޒާތުގެ ބެޑްޝީޓަކަށް ނުވުމުން ގޮދަޑި ހިއްލައި ހުރިހާ ފަރާތަކުން ލައްވަން ހިބާއަށްވީ ދަތިކަމަކަށެވެ. އެއީ ވެސް އޭނަ ޢާއްމުގޮތެއްގައި އެހެން މީހެއްގެ އެހީއާއެކީ ކުރާ ކަމަކަށްވުމުން ބެޑްޝީޓް ލެއްވުމުގެ ތެރޭގައި އަތަށް ތަދުވެސްވިއެވެ. އޭނަ ވަރުބަލި ވީއިރުވެސް އެއްފަރާތުން ބެޑްޝީޓް ނިކުމެފައި ހުރިތަން ފެނިފައި އޭނައަށް ކޮންކަމެއްތޯ ހިތަށްއެރިއެވެ. ދާވަށިގަނޑު ބޭރުކުރަން ހިބާ ދިޔައީ ހިތާހިތުން އެހެން ކިޔަމުންނެވެ.
މިފަހަރުވެސް ހިބާ އަނބުރާ އައިއިރު ދާރިސް ހުރީ ހަމަ ޖެހި ބުދެއް ހެންނެވެ. އެހެނަސް އަނެއްކާވެސް ހިބާ ހުއްޓުން އެރީ އޭނަ ދެންމެ އަޅާފައި ދިޔަ ބެޑްޝީޓް ނުހަނު އޮމާންކުރެވިފައިވާތަން ފެނިފައެވެ. ރަނގަޅަށް ބަލައިލިއިރު ހުރިހާ ފަރާތަކުން ރީއްޗަށް އެ ބެޑްޝީޓް ލެއްވިފައިވިއެވެ. ހިބާއަށް އަނެއްކާވެސް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ. މިފަހަރުވެސް ދާރިސް ވަކި އެއްޗެކޭ ބުނުމެއްނެތި އޭނައަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ހެދިއެވެ. ހިބާ ވަކި އަޅާލުމެއްނެތި ދެންވެސް ރުޅިވެރި ކަމާއެކީ ދިޔައީ ކޮޓަރީގައި ކުޑަދޮރު ބަރީގެ ކައިރިއަށެވެ. ފޮތް ކަބަޑުގެ މަތިން ގޮސް ކުޑަ ދޮރު ބަރީގެ މަތީ ތަންޑުތަކުގެ މަތިން ފޮނުވާފައި އޮތް ބޮކިފައްޗަކީ ބައްޕަ އެއްދުވަހު މާލެއިން އައިއިރު އޭނައަށް ދޭން ގެނައި ހަދިޔާއެކެވެ. އޭތި ނެގުމަށްޓަކައި ކަބަޑު ކައިރިއަށް ގޮސް ކަބަޑު މަތީގައި އޮތްބައި ނަގައި އޮޅަމުން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓުނީ، ތަންޑުގެ މަތިން ގޮސްފައި އޮތް ބަޔާއި ހަމައަށް ހިބާގެ އަތް ނުފޯރުމުންނެވެ. ހިބާ ބޮކިފަތީގައި ހިފައިގެން ފުންމުމުން ވެސް އެކަން ކާމިޔާބު ނުވީ، ތަންޑުގެ ވަށައިގެން ބައްޕަ އެ ބޮކިފަތި ގެންގޮސްފައި ހުރި ގޮތުންނެވެ. ފުން ނޭވައެއް ދޫކޮށްލަމުން ހިބާ ބޮކިފަތީގެ އޭނައަށް ނެގުނު ބައިވެސް ބިންމައްޗަށް ވައްޓައިލަމުން ކޮޓަރިން ނިކުތީ ގޮނޑިއެއް ނަގައިގެން އައުމަށެވެ. ގޮނޑިއެއްގެ މައްޗަށް އެރުމުން އޭނަގެ އަތް ފޯރާނެކަމަށް އަންދާޒާ ކުރެވުނީތީވެއެވެ.
ހިބާ ގޮނޑި ހިފައިގެން ކޮޓަރިއާއި ގާތްވަމުން ދިޔަ ވަގުތުވެސް ދާރިސް އެ ހުރި ގޮތަށް ހުންނާނެ މަންޒަރު ސިފަކުރެވެމުން ދިޔައެވެ. އެހެނަސް މިފަހަރު ހަރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު މީހެއްގެ ގައިގައި ޖެހި ހިބާގެ އަތުގައި ހުރި ގޮނޑި އަތުން ދޫވެ އޭނަ އަރި އަޅައިލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އެ މީހަކު އޭނަގެ އުނަގަނޑުގައި އަތް އަޅުވައިލުމުން ނުވެއްޓި ސަލާމަތްވިއެވެ. ލޯ ހުޅުވައިލެވުނު ވަގުތު އޭނަގެ ކުރިމަތީގައި ހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ. ދާރިސް އެއްއަތުން އޭނަ ގައިގައި ހިފަހައްޓައިގެން ހުރި ވަގުތު އަނެއް އަތުގައި އޮޅާލެވިފައި އޮތް ބޮކިފަތި އޮތެވެ.
ނުނިމޭ
Jana
June 19, 2021 @ 8:04 am
Assalaam’alaikum. Anekkaaves varah dhigu baeh genesdhevunythy ufaakuran Alhamdhulillah! 😀
Dhen oiy bai jana ah genesdheven othy dhen anna Saturday egga. Hama eggothakahves kiyuntherin lavvaa inthizaaru kuruvaakah noon ingey. Jana ves mihiry varah liyaa hithun. Ekamaku mi week busy veema Wednesday ga baeh genesdheveynehen hiyeh nuvey. Mi balany veehaaves avahakah masakkaiythah nimmai vaahaka ah vaguthu huskureveytho In Sha Allah. 🙂 Readers ah understand vaane kamah ummeedhukuran.
Jazaakumullah Khairan! Stay safe. Much love! <3 <3 <3
Ibaa
June 23, 2021 @ 12:31 am
Walaikum Assalam Jana. 😊Vrh ufaave jana kahala dheenee stories genesdey writer’s ulheythyve. Alhamdulilah. Jana varah talented aslu, Masha Allah. Jana vaahaka thakun vrh bodu ibratheh haasilvey. Maai Allah Janaa thi kuraa bura massakathu ga barakai lahvvaashi . Aameen. Alhuganduvx vaahaka liyan kudakoh hama dheenee vaahaka. Hehe but Jana liyaahaa pro koh liyaakah neygey. Nd jana I really want be your friend. I’d lik to have a friend like you. Love you dear. I’m a girl teenager. Befor I watch movies but I’ve stopped it when I know it’s bad to watch movies. Alhamdulilah ( All praises and thanks is to Allah) So today I want a friend who was righteous like you. I will be really happy if you reply to my comment. It’s been so long I was waiting to find a chance to talk you. In sha Allah, Allah will fulfil my wish. If not there is something better .😊❤❤❤❤💖💖💖💖
with lots of loves and duas
Ibaa
Jana
June 23, 2021 @ 12:07 pm
I received your message through mail and replied ingey sis. Adhives effaharu bunelan beynumy jana varah inspire veyey Ibaa ge story fenifa. Zuvaan muslim kudhin dheen dheke loabivaathan fenunyma jana ah ves varah bodu hiyvareh libigen dhey. Ey Jana ge vaahaka thah bodah mi target kurany ves teenage kudhinnah veema.
Varah gina meehun ‘adhuge zuvaanun’ sifa kuraany dheenaai dhuru baehgge gothuga. But to be honest young muslims like you are the other side of that picture Ma Sha Allah. At least to me. There maybe people who are talking trash about our deen. They don’t realize that there are young muslims like you out there who are much stronger in will because of iman. And Wallaahi Allah grants victory to those who are sincere to Him. That was actually the message I was trying to convey in this episode of the story. I had this ayah in mind when I wrote about Ethan in this episode. Will be sharing a post about it soon In Sha Allah.
Hehe…Jana ves adhi ehaa pro eh nooney liyan. I just try to do better than before. Sis ge ves talent huriyyaa hama kuriah dhaanvy ingey. You can improve any skill by practicing and reflecting on your work In Sha Allah. And no doubt whatever good we do with sincere intention, we will find it’s reward with Allah. And no doubt its only Allah Who puts barakah in the good we do.
May Allah bless you and increase you in knowledge. May Allah grant those blessings to all of us, increase us in guidance and keep our hearts firm on His faith. Ameen! Love you for the sake of Allah sis <3 <3 <3
Aayaa
June 19, 2021 @ 9:29 am
woww. v salhi story ma sha Allah. keep going siisss. may Allah bless you❤🥰
jazakillah khairan for submitting story❤❤❤ when next?
Jana
June 23, 2021 @ 12:10 pm
Alhamdhulillah! Next part Friday night ah genesdheveytho mi balany ingey. Mihaaru masakkathuge varah bodu bai nimunyma mi reply kureveny hehe…..May Allah bless you too. Ameen! <3
Zaeyn..
June 19, 2021 @ 12:06 pm
Omg wow.. Hama yageen vejje mihaaru eethan and dhaaris e ekehkkan.. moony twins or siblings something like that.. v salhi engey mi part VX.. waiting for next part curiously.. lysm sis.. be safe
Jana
June 23, 2021 @ 12:12 pm
yageenaa kairivaahaa goiy ebavey dho mihaaru. Zaeyn dhen ves thi bunely salhi twist eh ingey 😉 hehe….varah avahah adhi mi kanthah saafuvaane.
Next part In Sha Allah friday night ga. Love you too. Stay safe! <3