ދާރިސް (ބާވީސްވަނަ ބައި)
“ވަޓް؟ ކްރޮސް-ކަލްޗަރަލް ރިސާރޗެކޭ؟!” ހިބާ އެހެން ބުނެލީ، ސްވިޓްޒަލޭންޑަށް ހެނދުނުގެ ވަގުތެއްގައި ރީތިވާ މޭޒުކުރިމަތީގައި ޝޯލް އަޅަން ހުރެއެވެ.
“އާނއެކޭ…އެޕޭރެންޓްލީ އަހަރުމެން ވިޒިޓްކުރަން އުޅޭ ސްކޫލްގެ ޓީޗަރަކު ބޭނުންވަނީ އެކި ކަންޓްރީސްގެ ޓީޗާރސް ކުލާހުގަ އައިސީޓީ ބޭނުންކުރުމަށް ގެންގުޅެނީ ކޮންކަހަލަ އެޕްރޯޗްތަކެއްތޯ ބަލަން. ދެން އެއަށްފަހު އެމީހުންގެ ޓްރެއިނިންގްއެއް ޓީޗާރސްއަށް ދީފަ އެ ޓީޗާރސް ދެން ފިލާވަޅުތައް ނަގާ ގޮތް ބަދަލުވަނީ ކިހިނެއްތޯ ބަލަން. އަހަރުމެން އޯލްރެޑީ މިކޮޅަށް އައިސްފަ ތިބީމަ މޯލްޑިވިއަން ޓީޗާރސް އާއި ސްވިސް ޓީޗާރސް ހިމެނޭ ރިސާޗެކޯ އެމީހުން ހަދަން އުޅެނީ. އާންޓް ބުނީ އެހެންވީމަ އިތުރު ޓޫ ވީކްސްއަށް އަހަރުމެން މިކޮޅުގަ މަޑުކުރަން ޖެހިދާނެޔޯ…” ރީތިވާ މޭޒުމަތީގައި ބޭއްވިފައި އޮތް ފޯނުގެ ސްޕީކަރުން އަޔާނާގެ އަޑު ހިބާއަށް އިވުނެވެ.
“ވަޓް އިން ދަ ވޯލްޑް؟! އެހެންވީމަ ޓާރމް ޗުއްޓީގެ ޓޫ ވީކްސްއާއި ތި ޓޫ ވީކްސްއަށް މިކޮޅުގަ؟! އެހެންވީމަ އެއް މަސް ވަންދެން އަހަރުމެން މިކޮޅުގަ؟ ޔޫ ހޭވް ގޮޓް ޓު ބީ ކިޑިންގް މީ! ހާދަ ކްލާސެސްތައް ގެއްލޭނެއޭ އޭރުން!!”
“ޔެސް….އެކަމަކު އާންޓް ބުނީ މިހާރު އަހަރުމެންގެ ޕްރިންސިޕަލުންނާއި ވާހަކަ ދައްކަމުންނޭ މިދަނީ. އަހަރުމެން ސަބްސްޓިޓިއުޓް ކުރެވިދާނެކަމަށް ޕްރިންސިޕަލުން އެއްބަސްވަންޏާ ވީ އާރ ސްޓޭއިންގް ހިއާރ. އެ ރިސާރޗްގެ ތެރެއިން ލިބޭ ޓްރެއިނިންގް އިން ދަސްވާ ކަންތައް އެކޮޅަށް ގޮއްސަ އެހެން ޓީޗާރސްއަށް ވެސް ޓްރެއިނިންގް ޖެއްސޭނެދޯ؟ އެޑިއުކޭޝަނުން ވެސް މިއީ ވޯތް އިޓްކަމެއް ކަމަށް ބަލަނީ އެހެންވެ. އާފްޓާރ އޯލް ވީ އާރ ދަ ބެސްޓް!”
“ބަޓް ސްޓިލް….މި ދުވަސްކޮޅު ހަމްނާއާއިމެދު ވެސް ކަންބޮޑު އެބަވޭ. އަސްލު އަވަހަށް ރަށަށްދާން ބޭނުން.”
“ކަމޯން ހިބާ….ހަމްނާ އިޒް އަ ގްރޯން ޔަންގް ލޭޑީ. ހަމްނާއާއި ދުވަހަކު ދިމާނުވިޔަސް ހިބާ ކިޔައިދީފަ ހުރި ވާހަކަތަކުން އެނގޭ އެއީ ކިހާ ޒިންމާދާރު ކުއްޖެއްކަން. އަހަންނަކީ ހިބާނަމަ ތިހާ ކަންބޮޑު ނުވީސް. އެކޮޅަށް ގުޅައި އެބަ ހަދަމެއްނު؟”
“ހުމް….”
“ސޯ އިޓްސް ފައިން، ހިބާ! މާ ބޮޑަށް ކަންބޮޑުވަންޏާ އަވަހަށް މުސްކުޅިވާނެ. ޔޫ ކާންޓް އެފޯޑް ދެޓް. އަދި މެރީކުރަން ވެސް އެބަޖެހޭ.”
“އަޔާނާ ވެސް ތި ޒާތުގެ ވާހަކަތައް ދައްކަން ފެށީތަ މިހާރު؟”
“އޫޕްސް! މައި ބޭޑް…..އެނީވޭސް ހައު އިޒް އެވްރީތިންގް ދެއާރ؟ ހިބާ އަދި ކިރިޔާ ތެދުވީދޯ ވިންޓޭޖް ޓެކްނޮލޮޖީސްގެ އޮފީހަށް ދާން. އަހަރުމެން ޓްރެއިންގަ ދަތުރު ކުރާތާ މިހާރު 15 ވަރަކަށް މިނިޓްސްވެއްޖެ. އަދި އިތުރު 15 މިނިޓްސް ނަގާނެކަމަށްވަނީ.”
“ޓްރެއިން އިންތަ ތި ޓްރެވެލް ކުރަނީ؟ އައިމް ސޯ ޖެލަސް!”
“ހޫނ….އަހަރުމެންނެއްނު ޖެލަސްވާންވީ؟ ސީދާ އެ ކުންފުނީގެ ޗީފް ޑައިރެކްޓާރއާ އެކީގަ ވިއްޔާ އޮފީހަށް ވައްޓައިލަން ތިއުޅެނީ. އިސްމާޢީލް އީތަންގެ ކާރުކޮޅުގަތަ ހިބާ ވަޑައިގަންނަވާނީ ވެސް؟”
“ނޭނގެ….އައި ހޯޕް ނޮޓް…”
ހިބާ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަންހުރެ އެހެން ބުނެލީ އެއްވެފައިވި ޖަޒުބާތުތަކާއި އެކީގައެވެ. ހިތުގެ ކަނަކުން އީތަން ސާރ ގިނަގިނައިން ފެނުމަށް އެދުނެއްކަމަކު އީތަން ސާރ ފެނުމުގެ ޚިޔާލުން އޭނަ ނުތަނަވަސްވެސް ވަމުން ދިޔައެވެ. އީތަން ސާރއާއި އޭނަ ގާތްވެގެން ދިޔަ ވަގުތުކޮޅަށްފަހު ސާރގެ ފަރާތުން ވަކި ތަފާތު މިޒާޖެއް ހިބާއަށް ފެނިފައެއް ނުވެއެވެ. އީތަން ސާރ ފުރަތަމަ ދުވަސް ފަދައިން އޭނައާއި ވާހަކަ ދައްކަނީ ނުހަނު ޤަދަރުވެރިކަމާއި އެކީގައެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުވެސް ދައްކައެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ނޭނގޭ ހައިޖާނެއް އުފެދިފައިވެއެވެ. އީތަން ސާރ ފެންނަ ކޮންމެ ފަހަރަކު އޭނަ ނުތަނަވަސްވާ ގޮތްވެއެވެ. ނޭނގުމެއްގެ ތެރެއިން އޭނަގެ ސޫރަ އީތަން ސާރއަށް ފެންނާނެ ގޮތާއިމެދު ވިސްނި ލަދުވެސް ގަނެއެވެ. އީތަން ސާރ އޭނައަށް މާ ބޮޑަށް ނުބަލާކަން އެނގޭ ޙާލުގައިވެސްމެއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނައަކީ ފުރާވަރުގެ ކުއްޖެއް ނޫންކަމަށް އަމިއްލަ ނަފްސަށް ހަނދާން ކޮށްދެވެއެވެ. އެހެނަސް އެއިން ހިބާގެ އިޙްސާސްތައް ހަމައަކަށް އެޅޭ ގޮތެއް ނުވެއެވެ. އެހެންކަމުން ވީހާވެސް ވަރަކުން އެ އިޙްސާސްތަކާއިމެދު ނުވިސްނެތޯ ބެލީ، މި ޤައުމުން ފައިބައިގެން ދިޔުމުން އެ އިޙްސާސްތަކަށް ވެސް ނިމުމެއް އައިސްދާނެ ކަމަށް އުއްމީދު ކުރެވުނެވެ. އެހެނަސް ދެންމެ އަޔާނާ ދެއްކި ވާހަކަތަކުން އޭނަ އުއްމީދުކުރާ ގޮތަށް ކަންތައް ނުވެދާނެކަމުގެ ބިރު ހީވިއެވެ.
ކޮންމެ ގޮތެއްވިޔަސް އެދުވަހު ހެނދުނު ކަންތައްވީ ހިބާ ބޭނުންވި ގޮތަށެވެ. ހިބާ ކޮޓަރިން ނިކުތްއިރު ވެސް ޝަބީދައްތަ ބުނި ގޮތުގައި އީތަން ވަނީ އަވަސް ގަޑިއެއްގައި އޮފީހަށް ގޮސްފައެވެ. އަދި ހިބާއާއި ބޮޑުބޭބެ ބަލައި އެހެން ކާރެއް އަންނާނެ ކަމަށެވެ.
ހިބާ ކޮޓަރިން ނިކުތްތާ މާ ގިނައިރެއްނުވެ ހިބާ އޭނަގެ ބޮޑުބޭބެއާއިއެކީ އަޅިކުލައިގެ އޮފުއަރާ ކާރަކަށް އަރަނީއެވެ. ހިބާ ހީކުރި ގޮތާއި ޚިލާފަށް އެ ކާރުގެ ޑްރައިވަރަކަށް ހުރީ މައިކަލްއެވެ. މައިކަލް ބުނި ގޮތުގައި އީތަން ސާރ އެދުވަހު އޮފީހަށް ދިޔައީ އަމިއްލައަށް ކާރު ދުއްވާފައެވެ. އަދި ހިބާ އޮފީހާއި ހަމައަށް ގެންދިޔުމުގެ ޒިންމާ މައިކަލްއާއި ޙަވާލުކުރެވިފައިވެއެވެ. މައިކަލްގެ އެ ވާހަކަތަކުން ވެސް އީތަން ސާރއާއި މެދު އިތުރަށް ރަނގަޅަށް ވިސްނަން ހިބާއަށް މަޖުބޫރުވިއެވެ. ހަމަ އެހިނދު އީތަން ސާރއަށްޓަކައި ހިތުގައި ނުރުހުންތެރިކަމެއް ވެސް އުފެދުނެވެ. އޭނަގެ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނަ އެކުރާ މަސައްކަތް ފެނަށްވަނީ އީތަން ސާރގެ އެ ފަދަ ޢިޝާރާތްތަކުން ކަމަށް ހިތާހިތުން ކިޔައިލެވުނެވެ. އެއީ އީތަން ސާރ ވަކި އޭނަގެ ހިތް އަތުލަން ކުރާ މަސައްކަތްތަކެއް ނޫންކަން އެނގުނަސްމެއެވެ.
10 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ހިބާއާއި އޭނަގެ ބޮޑުބޭބެ ދަތުރުކުރަމުން ދިޔަ ކާރު ގޮސް ވިންޓޭޖް ޓެކްނޮލޮޖީގެ ޢިމާރާތުގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
“މި އާދެވުނީ އިނގޭތޯ؟ އީތަން ސާރ އެންގެވިހެން އަޅުގަނޑު މިއަދުގެ މީޓިންގް އޮތް ކޮންފަރެންސް ހޯލާއި ހަމައަށް ހިބާ ގެންގޮސްދޭނަން.” މައިކަލް އަދަބުވެރިކަމާއެކީ ބުންޏެވެ. އެހިނދު ފަރީދުބެ ވާހަކަ ދެއްކިއެވެ.
“ހިބާއަށް އަމިއްލައަށް ނުދެވޭނެތަ ކޮންފަރެންސް ހޯލާއި ހަމައަށް؟ ބޭބެ މި ގަޑީގަ ކޮންމެވެސް މުހިއްމު ބައްދަލުވުމަކަށް ދާން އެބަޖެހޭ. އޮފީސް ކަމެއްގަ…” ފަރީދުބެ އިނގިރޭސިން ބުނީ މައިކަލްއަށް ވެސް އެނގޭނެ ފަދައަކުންނެވެ.
“އޯކޭ މައްސަލައެއްނެތް ބޭބޭ. މައިކަލްއަށް ބޭބެ އެ ބުނާ ތަނަކަށް ގެންގޮސްދެވިދާނެތޯ؟” ހިބާ ޖެހިލުންވުމަކާއިއެކީ އެއްބަސްވަމުން އަހައިލިއެވެ. ބީރައްޓެހި ޤައުމެއްގެ ބޮޑު އޮފީހަކުން އޭނަ ދާންޖެހޭ ތަން ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެކަން ހިބާއަށް އެވަގުތުވެސް އެނގުންވިއެވެ.
“އަޅުގަނޑު ގެންގޮސްދީފާނަން. އެކަމަކު އޭގެ ކުރިން ހިބާ އެ ކޮންފަރެންސް ހޯލާއި ހަމައަށް ގެންދަން އަޅުގަނޑު ޖެހޭ. އެއީ އީތަން ސާރ އެންގެވި ގޮތް.” މައިކަލް ފަހަތަށް އެނބުރި ހިސާބެއްގެ ކަންބޮޑުވުމަކާއިއެކީ ބުންޏެވެ.
“ހް…ހެހެ….އެއީ މައްސަލައެއް ނޫނޭ. އަޅުގަނޑުގެ އެކުވެރިން މިހާރު އުޅޭނެ މިތާނގަ. އެކުވެރިއަކަށް ގުޅައިގެން ދާންވީ ދިމާލެއް ހޯދަފާނަން…”
“އެކަމަކު-“
“އީތަން ސާރއަށް ވެސް މައްސަލައަކަށް ނުވާނެ ދެއްތޯ އަޅުގަނޑުގެ މައްސަލައެއް ނެތިއްޔާ؟ މައިކަލް މިވަގުތު ފަރީދުބެ އެ ބުނާ ތަނަކަށް ގެންގޮސްދޭންވީ. އެންމެ ރަނގަޅުތަ؟”
ހިބާ ހިތުގައިވި ނުތަނަވަސްކަމުގެ ތެރެއިން ވެސް ހިނިތުންވުމެއް ފަތުރައިގެން އިނދެ ވާހަކަ ދެއްކިއެވެ. އޭނައާއި ހެދި ފަރީދުބެއަށް އިތުރު ދަތިތަކެއް ވާން ބޭނުމެއް ނުވުމުންނެވެ. މުޅި ދަތުރުމަތީގައިވެސް ފަރީދުބެ ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވެފައި ހުރިހެން ހިބާއަށް ހީވަމުން ދިޔައެވެ. ބޭބެއަށް އެހީވެދޭން ބޮޑަށް ބޭނުންވީ އެހެންވެއެވެ.
“ހަމަ ޔަޤީންތޯ ހިބާއަށް ދާންވީ ކޮންފަރެންސް ހޯލް ހޯދައިލެވޭނެކަން؟” މައިކަލް ދެންވެސް ސުވާލުކުރިއެވެ.
“އާދެ މައިކަލް! މި ދިޔައީ އިނގޭ؟” ހިބާ އެހެން ބުނުމަށްފަހު ކާރުގެ ދޮރު ހުޅުވައިލަމުން ކާރުން ފޭބިއެވެ. އެއަށްފަހު ކާރުގެ ދޮރު ލައްޕައިލަމުން ފުން ނޭވައެއް ދޫކުރުމަށްފަހު ހިނިތުންވުމަކާއިއެކީ ފަސްއެނބުރި ބޮޑުބޭބެއަށް އަލްވަދާޢު ކިޔައިލިއެވެ. މައިކަލް ދެންވެސް ދެބުމަ ކައިރިކޮށްގެން އޭނައަށް ބަލަން އިނދެފައި ފޯނު ނަގައި ކުޅެލުމަށްފަހު ކާރު ދުއްވައިލިއެވެ.
ކާރު ލޯމައްޗަށް ގެއްލިގެން ދިޔަ ހިނދު އަވި ދެމުން ދިޔަ އެ ވަގުތުގައި ވެސް ހިބާގެ އަތް ފައި ފިނިވެގެން ދިޔައެވެ. ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް ވަށައިގެން ފެންނަމުން ދިޔަ ދޮން މީހުން އޭނައަށް ދެމުން ދިޔަ ނަޒަރުތަކުން ބީރައްޓެހިކަމުގެ އިޙްސާސެއް ކުރެވުނެވެ. ބައެއް މީހުންގެ ނަޒަރުތަކުން އޭނަގެ ބުރުގާއާއި ދިގު ހެދުމުގެ ސަބަބުން ނުރުހުންވާހެން ވެސް ހިބާއަށް ހީވިއެވެ. އެކަން އެނގުންވުމުން ހިބާ ހިތްވަރުކުރަމުން ކުރިއަށް ހިނގަމުން ދިޔައީ، ކޮންމެ ގޮތެއްވިޔަސް މުސްލިމަކަށްވީތީ އޭނަ ފަހަތަށް ނުޖެހޭނެކަން އެމީހުންނަށް ދެއްކުމަށެވެ.
**
5 ވަރަކަށް މިނެޓް ތެރޭގައި ފެށެން އުޅޭ މީޓިންގްއަށްޓަކައި އީތަން އިށީނދެގެން އިނީ އޭނަގެ ކެބިންގައި ހުރި ސޯފާގައެވެ.. ކެބިންގެ ފާރުގައި ހަރުކުރެވިފައިވި ޓީވީއިން އެ މީޓިންގްގެ ބައިވެރިން ކޮންފަރެންސް ހޯލެއްގައި އިށީނދެގެން ތިއްބެވެ. މި ބައްދަލުވުން މިފަދަ ގޮތަކަށް ރާވަން އީތަން ނިންމީ، ވީހާވެސް ވަރަކުން ހިބާއާއި ދުރުދުރުން އުޅުމަށެވެ. ހިބާއަށް މާ ގިނައިން އޭނަގެ ސޫރަ ފެންނަން ފަށައިފިނަމަ އޭނައަކީ ކާކުކަން އެނގިދާނެކަމުގެ ބިރުހީވުމުންނެވެ. މިއަދު ހެނދުނު ހިބާ ގޮވައިގެން އޮފީހަށް އައުމަށް ރޭވުމަށްފަހު އެ ޚިޔާލު ބަދަލުކޮށްލީ ވެސް އެހެންވެއެވެ.
އީތަން ފަރުވާތެރިކަމާއެކީ ޓީވީއަށް ނަޒަރު ހުއްޓައިގެން އިނީ ކޮންފަރެންސް ހޯލުގެ ދިގު މޭޒުގައި ބާކީ ހުރި ހުސް ގޮނޑި ފުރޭނެ އިރެއްގެ އިންތިޒާރުގައެވެ. ހިބާ ނައިސް މާ ގިނައިރުވަނީއޭ ހިތައި މައިކަލްއަށް ގުޅައިލަން ހިތަށްއެރި ވަގުތު ފޯނަށް މެސެޖެއްއައެވެ. ފޯނު ނަގައި މެސެޖު ބަލައިލިއިރު އެއީ މައިކަލްގެ މެސެޖެކެވެ. ހިބާގެ ބޮޑުބޭބެ ކަންތައް ކުރި ގޮތް އެ މެސެޖުން ފެނިގެން ދިޔުމުން ނޭނގުމެއްގެ ތެރެއިން އީތަންގެ ދަތްކުނޑިވިކުނެވެ. އިސާހިތަކު އީތަން ސޯފާއިން ތެދުވެގެން އޭނަގެ ކެބިންއިން ނިކުންނަން ދިޔައެވެ.
**
“ހައި….ދިވެހި މުދައްރިސުންގެ ބަޔަކު އިސްމާޢީލް އީތަން ސާރ އާއި ބައްދަލުކުރަނީ ކޮން ތަނަކުންތޯ؟” ހިބާ އޭނަ ދުވަހަކުވެސް ދެކެފައިނުވާފަދަ ބޮޑު އޮފީހުގެ ރިސެޕްޝަންގެ ކައިރިއަށް މަޑުކޮށްލަމުން އިނގިރޭސި ބަހުން ސުވާލުކުރިއެވެ.
“އެ ބައްދަލުވުން އޮތީ…..12 ވަނަ ފްލޯގެ ކޮންފަރެންސް ހޯލު 3 ގަ އިނގޭތޯ؟” ރިސެޕްޝަންގައި ހުރި އަންހެން ކުއްޖާ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ކިޔައިދިނެވެ. އެ ކުއްޖާ އެ ބުނި ހޯލަށް ދާނެ ގޮތުގެ ތަފްޞީލު ކިޔައިނުދިނީތީ ހިތާމަކުރެވުނެއްކަމަކު ހިބާ ހިނިތުންވުމެއް ދައްކައިލަމުން ޝުކުރު އަދާކުރިއެވެ. އެއަށްފަހު އަނެއްފަރާތަށް އެނބުރި ވަށައި ނަޒަރެއް ދެމުން ލިފްޓެއް ހޯދައިލީ، 12 ވަނަ ފްލޯއަށް ގޮސް އެ ހޯލު ނުފެނިއްޖެނަމަ އަޔާނާއަށް ގުޅައިގެން މަގު ހޯދުމަށެވެ.
ރިސެޕްޝަން ހުރި ފަރާތާއި އިދިކޮޅަށް ހުރި ފަރާތުގައި ހުރި ލިފްޓާއި ދިމާލަށް ހިބާ ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެވަގުތު އެ ލިފްޓު ފުރެމުން ދިޔައީތީވެއެވެ. އެހެނަސް ކަން ދިމާކުރި ގޮތުން ހިބާއަށް ދެވުނުއިރު އެ ލިފްޓު އެއްކޮށް ބަންދުވެއްޖެއެވެ. ހިބާ އެ ލިފްޓުގެ މަތީގައި ހުރި ނަންބަރުތަކަށް ބަލަން ހުރެ ޖެހިގެން ހުރި ލިފްޓުގެ ބަޓަނަށް ވެސް ފިތައިލިއެވެ. އެހެނަސް އެ ލިފްޓުވެސް އެ ވަގުތު ހުޅުވޭ ގޮތެއްނުވިއެވެ. އެހެންކަމުން ހިބާ އެންމެ ކުރިން މަޑުކުރި ލިފްޓުގެ ކުރިމަތީގައި ހުއްޓިލަމުން ނަންބަރުތައް ހުއްޓޭނެ އިރެއްގެ އިންތިޒާރުކުރިއެވެ. އެވަގުތު ކޮންމެވެސް ޒުވާން ދޮން އަންހެން ކުއްޖަކު އައިސް ހިބާގެ ކައިރީގައި މަޑުކޮށްލިއެވެ.
“އެއްކަލަ ފިރިހެނުންގެ ފައިދަށުވެފައިވާ ކުޑަ ރަށެއްގެ އަންހެން ކުއްޖެއްދޯ؟ ތި މީހުންނަށް ދިރިއުޅެން ނޭނގޭ ޙާލު ކީއްކުރަން މިތަންތަނަށް އައިސް ތި އުޅެނީ؟” އަންހެން ކުއްޖާ ހިބާއަށް ބެލުމެއްވެސް ނެތި އިނގިރޭސިްނ ދެއްކި ވާހަކައިން ހިބާއަށް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އެމީހުންގެ ކުރިމަތީގައި ހުރި ލިފްޓާއި ޖެހިގެން ހުރި ލިފްޓު ހުޅުވިގެން ދިޔަ އަޑު އިވުނެއްކަމަކު ހިބާއަށް އެދިމާލަށް ބަލަން ވެސް ނޭނގިފައި ހުރެވުނެވެ.
“އަހަންނަށް ތިހެން ބެލިޔަސް ބިރެއް ނުގަނޭ….ތިގޮތަށް ހެދުން އަޅައިގެން ތިބޭ މީހުންނަކީ ތަރައްޤީނުވާ މީހުންކަން ތީނަ ވާހަކަ ނުދެއްކިޔަސް އެނގޭ. އެންމެ ރަނގަޅުވާނީ ކަލޭ އަހަރުމެންގެ ފައިދަށު ނުވަނީސް މިތަނުން ފޭބިގެން ދިޔައިއްޔާ.” އަންހެން ކުއްޖާ އެހެން ބުނުމަށްފަހު ހިބާއާއި ދިމާލަށް ހުތުރު ބަހެއް ކިޔައިލިއެވެ. އެއަށްފަހު މަލާމާތުގެ ހީލުމަކާއެކީ އޭގެ މާނަވެސް ތީނައަށް ނޭނގޭނެދޯއޭ ކިޔަން ފެށިއެވެ. އެހިނދު ހިބާ ވީ ނުރުހުމުގައި އެއްޗެކޭ ބުނަން އުޅުނު ވަގުތު ފަހަތުން ދަންނަ އަޑެއް އިވުނެވެ.
“މަޢާފަށް އެދޭ….ހަމަ މިވަގުތު!” ސާބިތުކަން އެކުލެވިފައިވި އެ އަޑާއިއެކީ އެ އަޑުގެ ވެރިޔާގެ ސޫރަ ހިބާގެ ލޮލަށް ސިފަވުމުން އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އެތާ ހުއްޓިހުރީ ނުރުހުންވެފައިހުރި އީތަން ނޫން ދެވަނަ މީހެއް ނޫނެވެ. އީތަން ފެނުމާއިއެކު އެއްކަލަ އަންހެން ކުއްޖާގެ މޫނުމައްޗަށް އިސާހިތަކު ބިރުވެރިކަން ވެރިވިއެވެ.
“އަޅުގަނޑު ހީކުރީ ވީޓީގެ މުވައްޒަފުންނަކީ މިއަށްވުރެ ތަހުޒީބު ވިސްނުމެއް ގެންގުޅޭ ބައެއްކަމަށް. އެންމެ ފަހުން އެކުލަވައިލެވިފައިވާ މުވައްޒަފުންގެ އެއްބަސްވުމުގައިވެސް ވާނެ ހުރިހާ ޘަޤާފަތެއްގެ މީހުންނަށް އިޙްތިރާމްކުރުމަކީ ކޮންމެ މުވައްޒަފަކު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް. އަދި އެއްވެސް ޒާތެއްގެ ބަހުގެ ޙަމަލާއަކީ އެއާއި ދެކޮޅަށް ފިޔަވަޅު އެޅޭނެ ޢަމަލެއްކަމަށް….މި ކުއްޖާއަކީ އަދި ތި ހީކުރާހެން މިތަނުގެ މުވައްޒަފެއް ނޫން އިނގޭތޯ؟ މި ކުއްޖާއަކީ އަޅުގަނޑުގެ މެހުމާނެއް. މެހުމާނަކާއިމެދު މިފަދައިން ޢަމަލުކުރުމުން ލިބޭނެ އަދަބު އަދި މާ ބޮޑުވާނެދެއްތޯ؟” އީތަން ރުޅި އިސްނުކުރިއެއްކަމަކު އެ އަޑުގައިވި ސީރިއަސްކަމުގެ ތެރެއިން އޭނަގެ ނުރުހުންތެރިކަން، އެތާ ކައިރިން ހިނގަމުން ދިޔަ މުވައްޒަފުންނަށް ވެސް ފާހަގަވެ އެދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ.
“ވް….ވް..ވަރަށް ބޮޑަށް މަޢާފަށް އެދެން ސާރ…ދެން އަޅުގަނޑުގެ ފަރާތުން މިކަހަލަ ކަމެއް ނުފެންނާނެ.” އެ އަންހެން ކުއްޖާ ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަކަށް ނޫން މަޢާފަށް އެދެންވީ. މަޢާފަށް އެދެންވީ މި ކުއްޖާއަށް. ހިބާއަށް.” އީތަން ބުންޏެވެ. އެއާއިއެކު އެ އަންހެން ކުއްޖާ ދެވަނަ ވިސްނުމެއްވެސް ނެތި ހިބާއާއި ދިމާލަށް އެނބުރިލިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން. އަޅުގަނޑަށް މަޢާފުކޮށްދޭނެކަމަށް އުއްމީދުކުރަން.” އެ އަންހެން ކުއްޖާ ދެންމެ ކުރެވުނު ކަމާއިމެދު ހިތާމަކުރާ ޙާލު ބުނެލިއެވެ. އެހިނދު ކަންތައްވެގެން ދިޔަގޮތުން ހިބާގެ ހިތް އަވަސްވެފައިވުމުގެ ސަބަބުން ހަމައެކަނި ބޯޖަހައިލުން ނޫންކަމެއް ނުކުރެވުނެވެ.
“ހިބާ ތި ވަޑައިގެންނެވީ މީޓިންގްއަށް ދެއްތޯ؟ އަޅުގަނޑު ހިބާ ގެންގޮސްދޭނަން ކޮންފަރެންސް ހޯލަށް. އެންމެ ރަނގަޅުދެއްތޯ؟” އީތަން އެހިއެވެ. ހިބާ އެ ވާހަކައަށް ވެސް ބޯޖަހައިލުމުން އީތަން ލިފްޓުގެ ބަޓަނަށް ފިތައިލިއެވެ. އިސާހިތަކު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން އީތަން ހިނގާށޭ ބުނުމުން ހިބާ އީތަންގެ ފަހަތުން ލިފްޓުގެ ތެރެއަށް ވަނެވެ. އެއްކަލަ އަންހެން ކުއްޖާ ހިނިތުންވާން މަސައްކަތް ކުރަމުން ތިމަންނަ ދެން ހުރި ލިފްޓަށް އަރައިފާނަމޭ ބުނެ ދިޔައީއެވެ. އެއާއިއެކު އީތަންއާއި ހިބާއާއި އެކީ ލިފްޓުގެ ދޮރު ލެއްޕިގެން ދިޔައެވެ.
އެވަގުތު ހިބާގެ ނޭވާ ކުރުވާ ގޮތްވިއެވެ. އޭރުވެސް އޭނަގެ ހިތުގެ ތެޅުން މަޑުވާ ގޮތް ނުވުމުން އެ ހުރިތަނަށް ތިރިވެދާނެހެން ވެސް ހީވިއެވެ. އަދި އަމުދުން ދެންމެ ކަންތައްވީ ގޮތުން އިސްމާޢީލް އީތަންއާއި މެދު ގޯސްކޮށް ވިސްނަން ހިބާއަށް ދަތިވާ ގޮތްވިއެވެ. ހިނދުކޮޅަކަށް ނަމަވެސް އިސްމާޢީލް އީތަން އެ އަންހެން ކުއްޖާ ބިރުގަންނަވައިލީތާއޭ ހިތަށްއެރިއެވެ. އެހެނަސް އިސްމާޢީލް އީތަން އޮފީހުގެ ޤަވާޢިދުތައް ކިޔައިދިނުން ނޫންކަމެއް ނުކުރޭތާއޭ ހިތް ބުންޏެވެ.
މިނެޓެއްހާއިރު ފަހުން ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން އީތަން ސާރ ލިފްޓުން ނިކުމެގެން ދިޔައީ ވެސް ފަހަތުން އައުމަށް އަންގަމުންނެވެ. އެހިނދު އޭނަ ގޮސް ކޮންފަރެންސް ހޯލަށް ވަންނާނީ އީތަން ސާރއާއި އެއްކޮށްތޯ ހިތަށްއެރި ވަގުތު ވީ އުދަގުލުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެކަމާއިމެދު ސުވާލުކުރަން ހިތަށްއެރިއެއްކަމަކު ސުވާލު ކުރާކަށް ނުކުރެވުނެވެ. އެހެންކަމުން އޭނައަށް އެންގެވުނު ގޮތަށް އީތަން ސާރގެ ފަހަތުން ހިނގާފައި ދިޔައީއެވެ. ހިނގާފައި ދިޔަ ވަގުތު އީތަން ސާރއަށް ބަލައިލެވުނު ހިނދު ފެނުނު މަންޒަރު ރީތިވީ ގޮތުން ކޯތާފަތާއި ދިމާލުން ހޫނުކަމެއް ހިބާއަށް އިޙްސާސް ކުރެވުނެވެ. އޭނައަށް މިވަނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު އީތަން ސާރ އޭނައަށް ރީތިވެގެން މިއުޅެނީ ބިރުވެރި ދަރަޖައަކަށްކަން އެނގުންވިއެވެ. ވީހާވެސް ވަރަކުން އިސްޖަހައިގެން ހިނގޭތޯ ބަލަމުން ދިޔައީ އެހެންވެއެވެ.
ހިބާގެ ނަސީބު ރަނގަޅުކަމުން މާ ގިނައިރެއްނުވެ ކޮންފަރެންސް ހޯލާއި ހަމައަށް ދެވުނެވެ.
“ހިބާ މިތަނަށް ވަދެލައްވާ! އަޅުގަނޑުގެ ކެބިންއިން އަޅުގަނޑު މި ބައްދަލުވުން ކުރިއަށް ގެންދާނަން.” ހޯލުގެ ދޮރުގެ ކައިރީގައި މަޑުކޮށްގެން ހުރެ އީތަން ސާރ ބުންޏެވެ.
“ލައްބަ!” އެ ވާހަކައިން ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ހިބާއަށް ބުނެލެވުނެވެ. އީތަން ސާރ ކުޑަ ގޮތަކަށް ބޯޖަހައިލަމުން ދާން ހިނގައިގަތެވެ. އޭނައަށް ޝުކުރު އަދާ ނުކުރެވޭކަން ހިބާގެ ހަނދާނަށް އައީ އެ ވަގުތެވެ.
“ސާރ!” ހިބާއަށް ގޮވައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއިއެކު އީތަން ސާރ ފަސްއެނބުރި އޭނައަށް ބަލައިލިއެވެ.
“ތެންކިއު ސާރ…” ހޯލުގެ ދޮރާއި ދިމާލަށް ބޮލުން ޢިޝާރާތް ކުރަމުން ހިބާ ބުނެލިއެވެ. އޭގެ ޖަވާބަކަށް އީތަން ސާރ ހިނިތުންވުމަކާއެކީ ދެބުމަ އަރުވައިލިއެވެ. އެ ހިނދު އެ ސޫރައިން އޭނަ ނުހަނު ދަންނަ ގޮތެއް ފެނިގެން ދިޔުމުން ހިބާ ހުއްޓުން އަރާ ގޮތްވިއެވެ. އެއީ ކާކުކަން ހަނދާންކުރަން ހިބާއަށް މާ ގިނަ ވަގުތެއް ނުނެގިއެވެ.
“ތެންކިއު ދާރިސް.”
“ތެންކިއު ދާރިސް!”
“ދާރިސް، ތެންކިއު!”
“ވަރަށް ބޮޑަށް ޝުކުރިއްޔާ….ދާރިސް!”
ހިބާގެ ހަނދާނަށް އެއްފަހަރާ ވެރިވެގެން އޭނަގެ އެ ބަސްތަކެވެ. އެ ބަސްތައް ބުނާ ކޮންމެ ފަހަރެއްގެ މަތިން އެ ބަސްތައް ރައްދުވި ކުއްޖާ ދާދި ދެންމެއަކު އޭނައަށް ފެނުނުފަދަ ޙަރަކާތެއް ގެންނަ ގޮތެވެ. އޭނަ ޝުކުރު އަދާކުރުމުން ބުނާނެ އެއްޗެއް ނޭނގިގެން އުޅޭ ފަދައަކުންނެވެ.
އީތަން ސާރ އޭނައަށް ފަސްދީފައި ދާން ހިނގައިގަތް ވަގުތު ގައިން ހީބިހި ނެގީ އަނެއްކާވެސް ސާރގެ ކަމަކާއި ގުޅިގެން ދާރިސް މަތިން ހަނދާންވުމުންނެވެ. އެއާއިއެކު ސިކުނޑިއަށް ވެރިވި ޚިޔާލު ޤަބޫލުކުރަން ދަތިވުމުން ބޯހޫރުވައިލުމަށްފަހު ކޮންފަރެންސް ހޯލަށް ވަންނަން ދިމާކުރެވުނެވެ.
**
އެދުވަހު ހެނދުނު ހަމްނާ ސްކޫލަށް ދިޔައީ ދީން އުނގެނުމަށް ހިތުގައި އުފެދުނު ވަރުގަދަ ޢަޒުމާއި އެކީގައެވެ. ނޭނގޭނަމަ ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރަން އަމުރު ކުރެވިފައިވި އާޔަތް ފެނުނީއްސުރެ އިންޓަނެޓްގެ ޒަރިއްޔާއިން ވެސް ހަމްނާ ދީނާއިމެދު އުނގެނެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެކަންވެގެން ދިޔައީ ހަމްނާ ހީކުރި ވަރަށްވުރެ ދަތި ކަމަކަށެވެ.
ޤުރުއާނުގެ އެންމެ ކޮޅުން ފަށައިގެން ތަރުޖަމާ ކިޔަން ފެށުމުން ދޭހަ ނުކުރެވުނު އާޔަތްތައްވިއެވެ. އެ އާޔަތްތަކުގެ މާނައާއި މެދު އިތުރަށް ހޯދުމަށް ހަމްނާ ގޫގުލް ސާޗް ކުރިއެވެ. ބައެއް ރަނގަޅު ދަރުސްތަކާއި ލިޔުންތައް ފެނުނެވެ. އެހެނަސް ހަމަ އެއާއިއެކު އިސްލާމް ދީނާއި އިދިކޮޅު މީހުން ލިޔެފައި ހުންނަ ލިޔުންތަކާއި، ޝީޢީންފަދަ މުޙައްމަދު (ޞ.ޢ.ވ) ގެ ސުންނަތާއި ޚިލާފުވާ ބައިގަނޑުތަކުގެ ވެސް ލިޔުންތައް ފެންނުނެވެ. އަދި އަމުދުން މީގެ ކުރިން ވެސް ދީނުގެ އެކިއެކި ކަންކަމާއިމެދު ދީން އުނގެނިގެން ތިބޭ މުސްލިމުން ވެސް ސޯޝަލް މީޑިއާގައި ޖަދަލުކޮށް ވާހަކަ ދައްކާފައި ހުންނަތަން ފެނިފައި، އޭނައަށް ޙަޤީޤަތާއި ހަމައަށް ދެވުމަކީ ނާދިރުކަމެއްހެން ހީވާ ދަރަޖައަށް ވެސް ދިޔައެވެ.
“އައިމް ޓްރާއިންގް ޓު މޭކް ސެންސް އޮފް އިޓް ބަޓް އިޓްސް ނޮޓް މޭކިންގް ސެންސް! އޮތެންޓިކް ސޯސްއަކާއި ހަމައަށް ދާން ބޭނުންވަނީ. އެކަމަކު ނޭނގެ ހޯދަންވީ ތަނެއް. އިސްލާމް ސާރ ކައިރިން އަހަންވީ ކަންނޭނގެދޯ؟ ސާރ އެދުވަހު ބުނިދޯ ސާރ އަތުގަ ތަފްސީރު ފޮތްތަކާއި ޙަދީޘް ފޮތްތައް ހުންނަ ވާހަކަ؟”
ހަމްނާ އެ ވާހަކަ މަޑު އަޑަކުން ބުނެލީ، އެދުވަހު ލިބުނު ހުސް ގަޑިއެއްގައި އެ ކުލާސް ކުދިން ލައިބްރަރީއަށް ގޮސްފައި ތިބި ވަގުތު އޭނަގެ ދެ އެކުވެރިން ކައިރިންނެވެ.
“ވޯހް! ހަމްނާ ވެސް މިހާރު އެކްސްޓީމިސްޓަކަށް ވާން ފެށީތަ؟ ލައި ސޭ ސަމްތިންގް!” މަނާލް ކަންބޮޑުވުމަކާއިއެކީ ސިއްރުން ބުންޏެވެ.
“ނޯ ނޮޓް އެޓް އޯލް! އަސްލު ލައި ބުނި އެއްޗަކާއިމެދު ވިސްނާފަ ޤުރުއާނާއިމެދު އިތުރަށް ހޯދަން ބޭނުންވީ. ވަރަށް ބޭނުން ޤުރުއާނަކީ ހަމަ ޙަޤީޤަތުގައި ވެސް މިރެކަލްއެއްތޯ ނޫނީ ނޫންތޯ ހޯދަން. އޮޕެން މައިންޑަކާއެކީ.” ހަމްނާ ސީރިއަސްކަމާއެކީ ބުންޏެވެ. އެއާއިއެކު ލައިޝާ މަލާމާތުގެ ޒާތަކަށް ހީލިއެވެ.
“ހަމްނާ އޮޕެން މައިންޑެއް ހުރިނަމަ ތިކަހަލަ ބޭކާރުކަމަކަށް އެންމެ ފުރަތަމައިނުން ބަލަން ވެސް ބޭނުމެއް ނުވީސް. ރެލިޖަންއަކީ ކުރީ ޒަމާނުގެ މީހުން އެހެން މީހުން ޑިސިޕްލިން ކުރުވަން ގެންގުޅުނު ހަތިޔާރެއް. މޮޔަވެފަ ބެކްވާޑްސް މީހުން ނޫނީ މި ޒަމާނުގަ ދީނަކާއިގެން ނުއުޅޭނެ…” ލައިޝާ ދެއަތް އުރާލައިގެން އިނދެ ބުނެލިއެވެ.
އެއާއިއެކު އާދައިގެ މަތިން ހަމްނާގެ އަނގަ ބަންދުވާ ގޮތްވިއެވެ. ލައިޝާ ދެންމެ އެ ބުނި ބަސްތަކާއިމެދު ހިތުގައި ސުވާލު އުފެދުނެއްކަމަކު އެއްޗެކޭ ބުނަން ނުކެރުނެވެ. ލައިޝާ ވާހަކަ ދެއްކި ގޮތުން އޭނައަށް ވުރެ ބޮޑަށް ލައިޝާ ދީންތަކާއި ބެހޭގޮތުން ދިރާސާކޮށްފައި ހުރިހެން ހީވުމުންނެވެ.
ހަމްނާ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އޭނަގެ ފަހަތުން ގޮނޑިއެއް މޭޒާއި ދުރުކޮށްލެވުނު އަޑަށް ހަމްނާއަށާއި އޭނަގެ ދެ އެކުވެރިންނަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. އެ ހިނދު އެ ގޮނޑިން ތެދުވެ އެމީހުންނާއި ކުރިމަތިލީ ނަބީހެވެ.
“މިތާ އޮޕެން މައިންޑެޑް މީހަކަށް އަހަންނަށް ފެންނަން ހުރީ ހަމައެކަނި ހަމްނާ. އޮޕެން މައިންޑެޑް ވެއްޖެއްޔާ ކަމުގެ ދެކޮޅު ބަލާނެ. ވަކި ކަމަކާއިމެދު ހޯދުމަކީ ނެރޯ-މައިންޑެޑްވުން ކަމަށް ދެކޭ ދެކުމަކީ ވެސް ނެރޯ-މައިންޑެޑްވުން ކަންނޭނގެ. ނޫންތަ؟ ފިލޯސޮފިސްޓް، ލައިޝާ!”
ނަބީހް އެ ވާހަކަ ދެއްކީ މަޑު ކުރެވިފައިވި އަޑަކުން ކަމަށްވިޔަސް އެ އަޑުގައިވި ރުޅިވެރިކަމާއި، ވާހަކަ ނިމުނުއިރު އެ މޫނުމަތިން ފާޅުވި ނުރުހުންތެރިކަން އެ ދިގު މޭޒު ދޮށުގައި ތިބި އެއްވެސް ކުއްޖަކަށް ސިއްރެއް ނުވިއެވެ. ނަބީހް ލައިޝާއަށް ނަޒަރު ހުއްޓައިގެން ހުރިތަން ބަލަން ހަމްނާއަށް އިނދެވުނެވެ. މިއީ ނަބީހް މިފަދަ ގޮތަކަށް އޭނަ ދިފާޢުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެހެނަސް މިއީ އޭނައަށް ނަބީހް ދެއްކި ވާހަކައަކާއި އެއްބަސްވެވުނު ފުރަތަމަ ފަހަރެވެ. ދެންމެ ނަބީހް އެ ބުނެލީ ޚުދު އޭނަ ވެސް ބުނަން ބޭނުންވެގެން ހުރި ބަސްތަކެވެ. ނަބީހް ދެއްކި ވާހަކައަށް ޚުދު އޭނަގެ އެކުވެރިން ޖަވާބެއް ދޭން ނޭނގިފައި ތިބިއިރު ވެސް، އެ އެކުވެރިންގެ ދިފާޢުގައި އެއްޗެކޭ ނުބުނެވުނީ އެހެންވެއެވެ. ލައިޝާމެން ހިމޭންވެފައި ތިއްބާ ނަބީހް ލައިބްރަރީއިން ނިކުމެގެން ދާން ފެށުމުން ވެސް ހަމްނާއަށް ބަލަން އިނުން ނޫންކަމެއް ނުކުރެވުނެވެ.
“އައި ކާންޓް ބިލީވް ދެޓް ****! އެ ބުޅި ބޮލަށް ވެސް ހާދަ ވާހަކަ ދައްކަން އެނގެއޭ!” ލައިޝާ ހަރުއަޑުން އެ ވާހަކަ ބުނެލީ، އެ ގަޑި ނިމިގެން ލައިބްރަރީއިން ނިކުމެގެން ދިޔަ ވަގުތެވެ. ލައިޝާއާއި މަނާލްއާއި ވެސް ދާދި އެއްހަމައެއްގައި ހަމްނާވެސް ހިނގަމުން ދިޔައެވެ. އެހިނދު ހަމްނާގެ މޫނުމައްޗަށް ނުހަނު ލުއި ހިނިތުންވުންތައް ވެރިވަމުން ދިޔައީ އެއްވެސް މީހަކަށް ފާހަގަ ނުވާނެ ފަދައަކުންނެވެ.
“އައި ނޯ ރައިޓް! އޭނަ ހަމްނާ އިމްޕްރެސް ކުރަންވެގެން މިހާރު އަހަރުމެންނާއި ވެސް ކުރިމަތިލާން އެ ފެށީ. އެންޑް ވާއި ޑިޑްންޓް ޔޫ ސޭއި ސަމްތިންގް ހަމްނާ! ދެން އޭނަ އިތުރަށް އެންކޮރޭޖްވާނީ ހަމްނާގެ ކައިރިއަށް އަންނަން…” މަނާލް ހަމްނާއަށް ބަލަމުން ބުންޏެވެ.
“އޮހް! އައި ޝުޑް ހޭވް، ދޯ؟” ހަމްނާ އެހެން ބުނެލިއިރު އެކަމާއި ހިތާމަކުރި ކަމަށް ދައްކަން މަސައްކަތް ކުރަން ޖެހުނެވެ. އެކަމާއިމެދު ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އޭނަގެ އެކުވެރިން އެ ބުނާހެން އޭނަ ނަބީހާއިމެދު ‘އިމްޕްރެސް’ ވަނީތޯ ހިތަށްއެރިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އެ ޚިޔާލު ސިކުނޑިން ފޮޅުވައިލެވުނެވެ. އޭނައަށް މި އިޙްސާސްތައް ކުރެވެނީ މިއަދު އޭނައަށް ނަބީހްގެ ވާހަކައާއި އެއްބަސްވެވުނީތީ އެކަނި ކަމަށް ނިންމުނެވެ. އޭނަގެ ހިތުގައި އަދިވެސް ވަނީ ނައުފަލްކަން ހަނދާން ކުރަމުންނެވެ.
އެކުވެރިންނާއިއެކީ ގޮސް ކުލާހަށް ވަންއިރު އެހެން ކުދިން ވެސް ކުލާހަށް އައިސްފައި ތިއްބެވެ. އެހެނަސް ދެން އޮތް ގަޑިއަށް އަންނަން އުޅޭ މުދައްރިސް އޭރުވެސް ނާންނާތީ ކުލާސްތެރެ ކުޑަކޮށް އަޑުގަދަ ވެފައިވިއެވެ. އެދުވަހު ނައުފަލް ސްކޫލަށް ނާންނާތީ ހަމްނާ ކުލާހުގެ އެންމެ ފަހަތުގައި ތިބި ފިރިހެން ކުދިންގެ ގޮނޑިބަރިތަކާއި ދިމާލަށް ބަލައިވެސް ނުލައެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު ކުލާހަށް ވަދެގެން ދިޔައިރު އެ ގޮނޑިބަރިއަށް ނަޒަރެއް ދެވުނެވެ. އެހިނދު ނަބީހް ބޮޑު ފޮތެއް ހުޅުވައިގެން އިނދެ، ޞަފްޙާއެއް ކިޔާފައި ކައިރީގައި އޮތް ފެހި ކުލައިގެ ޕޯސްޓް އިޓް ނޯޓް ގަނޑުކޮޅެއްގައި އެއްޗެއް ލިޔެފައި އެ ގަނޑުކޮޅު ފޮތުގައި ތަތްކޮށްލިއެވެ. ހަމަ އެ ހިނދު ނަބީހް އިސްއުފުލައިލި ވަގުތު ހަމްނާއާއި ހަތަރުކަޅި ހަމަވިއެވެ. އިސާހިތަކު ހަމްނާ ދުރަށް ނަޒަރު ހިންގައިލަމުން އޭނަގެ މޭޒާއި ދިމާލަށް ދިޔައެވެ. އެހިނދު އެ މޭޒާއި ހަމައަށް ދެވިފައިވި ލައިޝާއާއި މަނާލް މިއީ ކޯޗެއްތޯ އަހަމުން ދިޔައެވެ. ހަމްނާ ޙައިރާންކަމާއިއެކީ ގޮސް ބަލައިލިއިރު އޭނަގެ މޭޒުމަތީގައި ޢަރަބި ޞުރުޚީއެއް ލިޔެވިފައިވި ބޯ ފޮތެއް އޭނަގެ މޭޒުމަތީގައި ބޭއްވިފައިވިއެވެ.
“މިއީ ތަފްސީރު ފޮތެއްތަ؟ ޔެސް އައި ތިންކް އިޓް އިޒް!” ހަމްނާ ފޮތުގެ ބޭރުގަނޑުގައި ޢަރަބިން ލިޔެވިފައިވި ނަން ފެނިފައި ޖޯޝާއިއެކީ ބުންޏެވެ.
“މިއީ އިސްލާމް ސާރ މިތާ ބޭއްވި އެއްޗަކަށް ވެދާނެބާ؟ އެކަމަކު މިއަދު އަހަރުމެން ކުލާހަށް އިސްލާމް ނުވެސް ނެތެއްނު؟” މަނާލް ވިސްނުމެއްގައި ހުރެ ބުނެލިއެވެ.
“އިޓްސް ފޯރ މީ! ލުކް! ފޯރ ހަމްނާ!” ހަމްނާ ފޮތުގެ ބޭރުގަނޑު ހިއްލައިލި ވަގުތު އެތެރޭގައި ތަތްކުރެވިފައިވި ފެހި ކުލައިގެ ޕޯސްޓް އިޓް ނޯޓް ގަނޑުކޮޅެއް ފެނުނެވެ. އޭގައި ލިޔެވިފައިވީ ‘ފޯރ ހަމްނާ’ އެވެ.
“އޮހް! އަނެއްކާ އިސްލާމް ސާރއަށް އަހަރުމެން ލައިބްރަރީގަ ދެއްކި ވާހަކަތައް އިވުނީބާ؟” މަނާލް ލައިޝާއާއި ހަމްނާއާ އެކީ އެމީހުންގެ ގޮނޑިބަރީގައި އިށީންނަމުން ބުންޏެވެ.
“މަ ބުނާނެ ވާހަކައެއް ނެތް….ތިއިން ބްރައިން ވޮޝް ނުވާތި ހަމްނާ.” ލައިޝާ ނުރުހުންތެރިކަމާއެކީ އިންޒާރެއް ދިނެވެ.
“ބްރައިން ވޮޝްވާކަށް ނުއުޅެމޭ. ހިތަށްއަރަނީ މިއީ ހަމަ އިސްލާމް ސާރގެ ފޮތެއްބާވައޭ؟” ހަމްނާ އެ ފޮތުގެ ގަނޑުތައް މަތިމަތިން ހިއްލުމަށްފަހު އަނެއްކާވެސް ޕޯސްޓް އިޓް ނޯޓް ހުރި ގަނޑާއި ހަމައަށް ދިޔައެވެ. ފެހިކުލައިގެ އެ ކަރުދާސްކޮޅު ފެނިފައި ކަމެއް އެނގުންވުމުން ހަމްނާއަށް ފަހަތް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު ނަބީހް އެދިމާލަށް ބަލަން ހުރެފައި ދުރު ބަލައިލިކަން ހަމްނާއަށް ފާހަގަވިއެވެ. އެ ހިނދު ހަމްނާއަށް ދޭހަނުކުރެވުނު އިޙްސާސްތަކެއް ކުރެވުނެވެ. އެ އިޙްސާސްތަކާއިމެދު ނުވިސްނުމަށްޓަކައި އޭނައަށް ނަބީހަށް ޝުކުރުވެރިވެވެނީ ކަމަށް ނިންމުނެވެ. ހިތާހިތުން ނަބީހަށް ޝުކުރު އަދާކުރުމަށްފަހު ހަމްނާ އަމިއްލަ އަމިއްލައަށް ހިނިތުންވެލީ އެހެންވެއެވެ. ހަމްނާ އަނެއްފަރާތަށް އެނބުރިލުމުން ނަބީހްވެސް އަމިއްލަ ފޮތަށް ބަލައިގެން އިނދެ ހިނިތުންވެލީ، ހިތާހިތުން ދީން އުނގެނުމަށް ހަމްނާއަށް ހިތްވަރު ދެމުންނެވެ.
**
އީތަން ރާވައިގެން ހުރިހެން މުދައްރިސުންނާއިއެކީ ބޭއްވޭ ބައްދަލުވުން ބޭއްވިގެން ދިޔައީ އޭނަގެ ސޫރަ މުދައްރިސުންނަށް ނުފެނިއެވެ. އެހެނަސް އޭނަގެ ގަމީހުގައި ހަރުކުރެވިފައިވި މައިކްގެ ޒަރިއްޔާއިން އޭނަގެ އަޑު މުދައްރިސުންނާއި ހަމައަށް ފޯރައެވެ. އަދި ކޮންމެ މުދައްރިސެއްގެ އަޑު އޭނައާއި ހަމައަށް ފޯރަނީ، މޭޒުގައި ހައްޔަރު ކުރެވިފައިވި މައިކްތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން ކޮންމެ މުދައްރިސެއްގެ އަތަށް ދެވިފައިވީ ކުންފުނީގެ ނުހަނު ފަހުގެ އުފެއްދުމެއް ކަމަށްވާ ވީޓީ ޓެބްލެޓެކެވެ. އެ ޓެބްލެޓް އުފެއްދުނު ފަހުން އީތަންވެސް ވަނީ އޭނަގެ އައިޕެޑް އެފަދަ ޓެބްލެޓަކަށް ބަދަލުކޮށްފައެވެ. ބައްދަލުވުމުގައި އެންމެ ފުރަތަމަ އީތަން ތައްޔާރުކުރަން ފަށާފައިވާ އެޕްލިކޭޝަންގެ ބައިތައް މުދައްރިސުން ހުޅުވައި ބަލަމުން ދިޔައެވެ.
“ތާނަ އަކުރުގެ ކޮންމެ އަކުރެއް އެޅޭ ގޮތަށް މި ހުންނަ ހުރުން އަޅުގަނޑަށް ވަރަށް ކަމުދޭ. ކޮންމެ ލެޓާރއެއް އެޅުނީމަ ހަމައެކަނި ސްކްރީންގެ ކަނުން ހެޔޮ ފާހަގައެއް ފެނުމުގެ ބަދަލުގަ ތަރިއެއް ލުން ކިހިނެއްވާނެބާ؟ އެ ތަރި އަންނައިރު ކުޑަކުދިންގެ އަޑުން ‘ވަރަށް މޮޅު’ ކިޔާ ކަހަލަ އަޑެއް އަންނަ ގޮތަށް ހުރީމަ ވެސް ކުޑަކުދިންނަށް ކަމުދާނެ. އެ ޕްރެއިޒް ލެވެލް ކުރެވިދާނެ އަކުރު ޓްރޭސްކުރެވޭ މިންވަރަކުން….މީގެ އިތުރުން މިސާލަކަށް ކުއްޖަކު ނުބައި ކޮޅަކުން އަކުރު ލިޔަން ފަށައިފިއްޔާ އަދި ރަނގަޅުކުރަން ބުނާ ކަހަލަ ކޮމެންޓެއް ވެސް އެޑްކުރެވިދާނެ. އޯޓިޒަމްއާއި ލާރނިންގް ޑިފިކަލްޓީސް ހުންނަ ކުދިންނަށް އޭރުން ދަސްވެގެންދާނެ ރަނގަޅަށް އަކުރު އަޅަންވީ ގޮތް. ކީކޭތޯ ދަންނަވަނީ؟”
ހިބާ އޭނަގެ އަތުގައި އޮތް ޓެބްލެޓަށް ބަލަމުން މައިކާއި ކައިރިވެ ވާހަކަ ދެއްކުމަށްފަހު އެ ސުވާލުކޮށްލީ ހުރިހާ މުދައްރިސުންނަށާއި އިސްމާޢީލް އީތަންއަށް ވެސް ވާ ގޮތަށެވެ. ހިބާ ދެއްކި ވާހަކައަށް ހުރިހާ މުދައްރިސުންހެން ބޯޖަހައިލިއެއްކަމަކު އީތަން ސާރގެ އަޑެއް ނުއިވުނެވެ. ކޮންމެ ގޮތެއްވިޔަސް އިތުރު ޚިޔާލެއް ލިބުމުން ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަދި އަޅުގަނޑަށް ފެންނަނީ ލެޓާރސްތައް ޓްރޭސްކުރާއިރު ވެސް 3 ލެވެލް އަކަށް ބަހައިލަން. ފުރަތަމަ ލެޓާރސް ފެނިގެން ދާނީ ބޮޑުކޮށް. އެ ލެވެލް ޕާސްވީމަ ދެން ހުންނަ ލެވެލްގަ ހަމަ އެ ލެޓާރ ތަންކޮޅެއް ކުޑަ ސައިޒެއްގަ. އޭރުން ކުދިންގެ މޮޓޯރ ސްކިލްސްވެސް ބިލްޑްވާނެހެން ހީވަނީ. ދެން އެއަށްފަހު ވޯޑްސްތައް ކިޔަމުން ލިޔަން ޕްރެކްޓިސްކުރާ ލެވެލްއެއް ބަހައްޓާނީ. ކީ ސްޓޭޖް 1 އަދި 2 އަށް މި އެޕްލިކޭޝަން ހަދާއިރު….އިސްލާމް ކަހަލަ މާއްދާއެއްގަ ހިމެނޭ ބަސްތައް ވެސް ލިޔުމަށް ޕްރެކްޓިސް ދެވިދާނެ. އޭރުން އިސްލާމް މާއްދާގެ ޖަވާބުތައް ލިޔަން ވެސް ދިވެހި ލިޔަން އުދަގޫވާ ކުދިންނަށް ފަސޭހަވެގެންދާނެ.”
ހިބާ ޚިޔާލު ފާޅުކުރިއެވެ. އިސްލާމްގެ ވާހަކަ ނަންގަތްއިރު ރާގު ޒާތަކަށް ބަދަލުކޮށްލީ ބައްދަލުވުން ފެށުމުގެ ކުރިން އަޔާނާގެ ފަރާތުން އިވުނު ވާހަކައަކުންނެވެ. ލިފްޓުގެ ކައިރިން ހިނގި ‘ޙާދިސާ’ އަޔާނާއަށް ކުރުގޮތަކަށް ކިޔައިދިނުމުން އަޔާނާ ބުނި ގޮތުގައި އިސްލާމް ދީނާއި އިދިކޮޅު ވަރަށް ގިނަ މީހުން އެ އޮފީހުގައި އުޅެއެވެ. އަދި އަޔާނާއަށް ހީވާ ގޮތުން އީތަން ސާރއަކީ ވެސް އެ ޒާތުގެ މީހެކެވެ. އެކަމާއިމެދު ވިސްނުމުން ހިބާއަށް އެ ވާހަކައާއިމެދު ވިސްނުނެވެ. އެ އަންހެން މުވައްޒަފުގާތު މަޢާފަށް އެދެން ބުނިއިރު ވެސް ވަކި ދީން ދިފާޢުކޮށްފައެއް ނުވޭތާއޭ ހިތަށްއެރިއެވެ. މިއީ އީތަން ސާރއާއިމެދު އޭނަގެ ހިތުގައި އުފެދެމުންދާ ‘ބޭކާރު’ އިޙްސާސްތަކަށް ނިމުމެއް ގެންނަން ރަނގަޅު ފުރުސަތެއް ކަމަށް ހިބާ ހީކުރިއެވެ. އެހެނަސް….
“ވަރަށް ރަނގަޅު ޚިޔާލެއް ހިބާ ތި ދެއްވީ. އިސްލާމް މާއްދާގެ މުހިއްމު ބަސްތައް ކުދިންނަށް އެނގެންޖެހޭނެ. އެ ބަސް އަޅައި ނިމުނީމަ ބަހުގެ މާނަ ކިޔައިދޭ ގޮތެއްވެސް ހެދުން ރަނގަޅުވާނެ ދެއްތޯ؟ އަދި އެ ބަހާއި މެދު އިތުރު މަޢުލޫމާތު ލިބޭނެފަދަ ލިންކްތަކެއް ވެސް ހިމެނިދާނެ. އޭރުން އެކުދިން ދީނަށް އިތުރަށް ޝައުޤުވެރިވާނެހެން ހީވަނީ، ދެއްތޯ؟”
އީތަން ސާރ ދެއްކި ވާހަކަތަކުން އަނެއްކާވެސް ހިބާގެ ވަރުގަދަ ޢަޒުމް ފުނޑުފުނޑުވެގެން ދިޔައެވެ.
ނުނިމޭ
Jana
August 21, 2021 @ 3:15 pm
Assalaam’alaikum! Varah gina dhuvas fahun kiyuntherinnaai bahdhalu kurevunyma ufaavejje. varah busy vi weekend akah fahu mi bai mi genesdhevunyves. dhigukoh genesdhevunythy ufaakuran Alhamdhulillah!
Dhen oiy bai Wednesday ga In Sha Allah. Much love. Stay safe!!! <3 <3 <3
Ibaa
August 21, 2021 @ 4:00 pm
sis vrh reethi story. Masha Allah. How are you doing sis?..Stay safe. Much love!!
Jana
August 28, 2021 @ 9:30 am
I’m doing good Ibaa…Hope you are doing well too. Alhamdhulillah! Stay safe. Much love! <3 <3 <3
kokki
August 21, 2021 @ 4:53 pm
yo sis inwaited so long
and finally its here thanks sis
Jana
August 28, 2021 @ 9:30 am
Yo kokki sorry for the long wait. hehe……Alhamdhulillah ^_^
Aayaa
August 22, 2021 @ 4:01 pm
Omg. Can’t wait to read next part 😍 so curious ma sha Allah ☺️❤️ v dhigu inthizaareh ge nimun aissi Alhamdulillah 🥰
Jana
August 28, 2021 @ 9:39 am
hehe….Alhamdhulillah! <3