ދާރިސް (އަށާރަވަނަ ބައި)
“ވަދޭ!” ހެނދުނުގެ ވަގުތެއްގައި މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެ އީތަން އެހެން ބުނެލީ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށެވެ. އޭގެ ދެވަނަ ސިކުންތުގައި ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު ވަދެގެން އައީ ވަލީދެވެ.
“އޭ އީތަން މިއަދު އޮފީހުން ގެއަށް އަންނައިރު ރާނީކޮއްކޮ އެ ބުނާ ކޭންޑީއެއް ގަނެގެން އަންނައްޗޭ. ވަރަށް ދުވަސްވެއްޖެ އެ މަންޖެ ބުނާތާ…ދޮންބެ މިއަދު ކުޑަކޮށް ބޭރަށް ގޮސްލަން އެބަޖެހޭ ބިޒްނަސް ކަމަކު. ހާދަ އަވަހަކަށޭ އީތަން މިއަދު އޮފީހަށްދާން ތައްޔާރު ތިވީ. ވަކި ޚާއްޞަކަމެއް އޮތީތަ؟” ވަލީދު ވާހަކަ ދައްކަމުން ގޮސް އަހައިލިއެވެ.
“ނޫނޭ….އޮފީހަށް ދިޔުމުގެ ކުރިން ތެރަޕީއަށް މި ދަނީ.” އީތަން އަތުން އިސްތަށިގަނޑު ރަނގަޅުކުރަމުން ބުނެލި ވާހަކައިން ވަލީދުގެ ދެބުމަ ކައިރިވިއެވެ.
“ތެރަޕީއަށޭ؟ އެއީ ކީއްކުރަން؟”
“އެއީ….މިހާރު މާ ގިނައިން އަނެއްކާވެސް އައި-ކޮންޓެކްޓް ނުދެމެހެއްޓޭ ހިސާބަށް ގޮއްސި. ރޫޓީން ބަދަލުވީމަ ވެސް ކުޑަކޮށް ޓެންސްވޭ. އެ ބައިބައި އަނެއްކާވެސް އިމްޕްރޫވްކުރަން ބޭނުން.”
“އެކަމަކު އީތަން އެންމެ ފަހުން ތެރަޕީއަށް ގޮއްސަ ބުނީމެއްނު ދެން ތިމަންނަ ދާކަށް ބޭނުމެއްނުވެއޭ. އޮފީސް މީހުން ވެސް ތިމަންނަ މިގޮތުގަ ބަލައިގަތީމަ އިތުރު ފަރުވާއަކަށް ދާކަށް ބޭނުމެއްނުވެއޭ؟ ދެން ކީއްވެ؟ އަދި އެންމެ ފަހު ތެރަޕީއަށް ދިޔަތާވީ ވެސް އެންމެ 3 މަސް. ކޮންމެ 6 މަހަކުން ނޫންތަ ދާންޖެހެނީ؟”
ވަލީދު ކަންބޮޑުވުމަކާއެކީ ދެއްކި ވާހަކަތަކުން އީތަންގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އީތަން ވަކި ޖަވާބެއް ދިނުމެއްނެތި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ފުން ނޭވައެއް ދޫކޮށްލުމުން ވަލީދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެ އަންނަން އުޅޭ އަންހެން ކުއްޖާއާއި ހެދިތަ ރަނގަޅުވާން އިތުރު މަސައްކަތެއް ތިކުރަނީ؟ ދޮންބެއަށް މި ހީވަނީ ރަނގަޅަށްތަ؟” ވަލީދު ސުވާލުކުރިއެވެ.
“ކިހިނެއް ދޮންބެއަށް ހީވަނީ؟”
“ދޮންބެއަށް ހީވަނީ އެ ކުއްޖަކު ރުއްސަންވެގެންހެން އީތަން ތިހާ ވަރަކުން ތިއުޅެނީ. އެއީ އެއްކަލަ ރަށަށް ގޮއްސަ އީތަންއާއި ދިމާވި ކުއްޖާދޯ؟ ކޮންމެ ގޮތެއްވިޔަސް ދޮންބެ ބުނާނީ އީތަންއަށް އެ ކުއްޖާ ކަމުދިޔަޔަސް އެކުއްޖާއަށްޓަކައި ބަދަލުނުވާށޭ. އެކީގަ އުޅެން ބޭނުންވާ ކުއްޖެއްވިއްޔާ އެ ކުއްޖާވާނެ އީތަންގެ ގޮތުގަ އީތަން ބަލައިގަންނާނެ ކުއްޖަކަށްވާން…”
ވަލީދު ބުންޏެވެ. އެ ވާހަކައަށް އީތަން އަސަރެއް ނެތް ގޮތަކަށް ހީލުމަށްފަހު ވަލީދަށް ބަލައިލިއެވެ.
“އަހަރެންގެ ގޮތުގަ އަހަރެން ބަލައިގަންނާނެ ކުއްޖަކަށް އަހަންނަށް ދިމާވެފަ ހުރި ހަމައެކަނި އަންހެން ކުއްޖަކީ އެއީއޭ ބުންޏަސް ދޮގަކަށް ނުވާނެ…ޙަޤީޤަތުގަ އަހަރެން ޖެހިލުންވަނީ އެކުއްޖާއަށް އަހަރެން ފެނިފަ އަހަންނަކީ ކާކުކަން އެނގިދާނެތީ. އެހާ ގިނަ އަހަރު ފަހުން ފެނުނީމަ ނޭނގި ހިނގައިދާނެ. އެކަމަކު އޯޓިޒަމްގެ ސިފަތައް މާ ގިނައިން އަހަރެންގެ ކިބައިން ފެންނަން ފަށައިފިއްޔާ ޝައްކުވެދާނެތީ ތެރަޕީއަށް ދާން މި ޚިޔާލުކުރީ…”
“އެ ކުއްޖާއަށް…..ނާންގާނަންތަ ތިއީ ކާކުކަން؟”
“އަންގާކަށް ނެތިން. ދޮންބެއަށް ވެސް އެނގެއެއްނޫންތަ އެންގިއްޔާ ވެދާނެ ގޮތް؟”
“އެކަމަކު އީތަން! އެ ކުއްޖާއަށް އެ ޚަބަރު ނުއިވި ވެސް ހުރެދާނެއެއްނު؟ އެމީހުން އެ ވާހަކަ ފަތުރައިލީ މާލެތެރެއަށް އެކަންޏޭ. އެ ފަހުން އެއްދުވަސް ވެސް ނުވަނީސް އެމީހުން އެ ވާހަކައަށް ވެސް ފަސްއަޅައި ދާރިސްގެ ނަން އެއްކޮށް ފޮހެލީ!”
“ފޮހެވިފައިވާ ނަމެއް އަނބުރާ ވުޖޫދަށް ގެނައުމުގެ ބޭނުމެއް ނެތް ކަންނޭނގެދޯ؟”
“އީތަން!”
“ބުނާކަށް ނެތިން ދޮންބޭ. އެކުއްޖާއަށް ވެސް ލިބޭނީ ބޮޑު ސިހުމެއް….އެކުއްޖާ މިކޮޅަށް އަންނަނީ ވަކި މަޤްޞަދެއްގަ. އެކަމަށް ހުރަސް އަޅާކަށް އަހަރެން ނެތިން.”
އީތަން އެ ފަހު ބަސްތައް ބުނެލި ހިނދު އެ ލޯމަތިން ހިތާމަވެރިކަމެއް ފާޅުވަމުން ދިޔައެވެ. އެކަން ވަލީދަށް ވެސް ފާހަގަވިއެއްކަމަކު އެހާ ހިސާބުން ހިމޭންކަން ޚިޔާރުކުރަން ވަލީދު ނިންމިއެވެ. އީތަން ދެން އޭނަ ދައްކާ ވާހަކައެއް އަޑު ނާހާނެހެން ހީވުމާއިއެކު އީތަން އެ ބުނި ވާހަކައާއި ހިސާބަކަށް އެއްބަސްވެވުމުން ވެސްމެއެވެ. އެހެންކަމުން އީތަން އޭނަ ފަހަނަޅައި ދިޔުމުން ވެސް ވަލީދު އިތުރު އެއްޗެކޭ ނުބުންޏެވެ.
އެއީ ހިބާ އަންނަން އޮތް ދުވަހުގެ ދެ ދުވަސް ކުރިންނެވެ. އެ ދެދުވަހު ވެސް އީތަން ތެރަޕީއަށް ދިޔައެވެ. އަދި ހިބާއާއި ޝަހީދުބެ އަންނަންވާއިރަށް އެމީހުންގެ ކޮޓަރިތައް އިހުނަށްވުރެ ބޮޑަށް ސާފުކޮށް ރީތި ކުރުވިއެވެ. ޝަހީދުބެ ބަހައްޓަން ނިންމި ކޮޓަރީގައި ހުރިހާ ކަމެއް ފުރިހަމަތޯ އަމިއްލައަށް ބެލިއިރު ހިބާގެ ކޮޓަރީގެ ކަންތައް ބެލުމަށް ޝަބީދައްތައަށް އެންގިއެވެ. އެކަމާއިމެދު ވެސް ޝަބީދައްތަ ހިބާއާއި އޭނަ އަޅުވައި ކިޔުނެވެ.
އެއިން ކޮންމެ ވަގުތުކޮޅެއްގައި އީތަން ހީލިއެއްކަމަކު އޭނަގެ ހިތުތެރޭގައި މާޔޫސްކަމެއްވިއެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް އޭނައަކީ ކާކުކަން ހިބާއަށް އެންގުމަކީ ކިހާ ދަތިކަމެއްކަން އެނގުންވަމުން ދިޔައީތީވެއެވެ. ޝަހީދުބެއަށް ވެސް އޭނައަކީ ކާކުކަން އަންގަން އީތަން އިންތިހާއަށް ބޭނުންވިއެވެ. ޝަހީދުބެ އޭރު ހީކުރީ ރަނގަޅަށްކަމާއި، އޭނަ ޙަޤީޤަތުގައި ވެސް ކިހާ ކާމިޔާބުވެފައިވާކަން ޝަހީދުބެއަށް ދައްކަން ބޭނުންވިއެވެ. އެހެނަސް އެއީ ނުވާނެ ކަމެއްކަން ޔަޤީންވަމުން ދިޔައީތީ ހިތާމަކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ޝަހީދުބެއާއި ހިބާ ހޮޓަލެއްގެ ބަދަލުގައި އޭނަގެ ގެއަށް ގެންނަން އީތަން ބޭނުންވީ، އެމީހުން އޭނައަށްޓަކައި އަދާކުރި މެހުމާންދާރީ އެމީހުންނަށް ވެސް އަދާކޮށްދޭން ބޭނުންވީތީވެއެވެ. އެމީހުން އޭނައަށް ވެދިން އެހީއާއި ދިން އަޅައިލުމުގެ ބަދަލު އެމީހުންނަށް ފުރިހަމައަށް ދޭން ބޭނުންވީތީވެއެވެ. އެމީހުންނަށް އޭނައަކީ ކާކުކަން ނޭނގޭ ޙާލުގައި ކަމަށްވިޔަސްމެއެވެ.
އެ ސަބަބުތަކާއިހުރެ އީތަން ހިބާމެން ބަލައިދާން އެއާރޕޯޓަށްދާން ވެސް ނިންމިއެވެ. އެހެނަސް އޭނަގެ މަޤާމުގެ ގޮތުން އެފަދަ ކަމެއް ކޮށްފިނަމަ ސުވާލު އުފެދިދާނެތީ މައިކަލް ފޮނުވައިލީއެވެ. ހިބާއާއިއެކީ ސްވިޓްޒަލޭންޑަށް އައީ ޝަހީދުބެގެ ބަދަލުގައި ހިބާގެ ބޮޑުބޭބެއެއްކަން އީތަންއަށް އެނގުނީ އެ ދަތުރުމަތީގައި މައިކަލް ފޮނުވި މެސެޖަކުންނެވެ. އެކަމާއިމެދު އީތަން ޙައިރާންވިއެވެ. ޝަހީދުބެ ވިޔަފާރީގެ ކަމެއްގައި މާލޭގައި މަޑުކުރަން ޖެހުނީތޯ ހިތަށްއެރިއެވެ. މިހާތަނަށް އައިއިރު އެ ވިޔަފާރި ބޮޑުވެފައިވާނެތާއޭ ހިތް ބުންޏެވެ. ޝަހީދުބެ އޭނަ ހީކުރި ފަދައިން ނުފެންނާނެކަން އެނގި ދެރަވިއެއްކަމަކު، މައިކަލް ގަޑިއިރެއްގެ ތެރޭގައި ގެއަށް އަންނާނެ ވާހަކަ އިތުރު މެސެޖަކުން އެންގުމުން ދެންވެސް ކެތްމަދުވާ ގޮތްވިއެވެ. އެ މެސެޖު ފެނުނީއްސުރެ ހިބާ އެގެއަށް އަންނާނެ އިރެއްގެ އިންތިޒާރު ފެށުނެވެ. އެ އިޙްސާސްތައް ހިތުތެރޭގައި ފުންވަމުން ދިޔަ ގޮތުން އީތަން ޖެހިލުންވެސް ވާ ގޮތްވިއެވެ. ހިބާ މިކޮޅަށް އަންނަނީ މަދު ދުވަސްކޮޅަކަށް ކަމާއި، އޭނަގެ އެ އިޙްސާސްތަކުގެ އެއްވެސް ބޭނުމެއްނެތް ކަމަށް ތަކުރާރުކޮށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެވުނެވެ. ކިރިޔާވެސް އެ ޚިޔާލުތައް ހަމައަކަށް އެޅޭ ގޮތްވީ، ހިބާ މިކޮޅަށް ބޮޑުބޭބެއާއިއެކީ އަޔަސް ހިބާގެ ވެސް ޒަވާޖީ ޙަޔާތެއް ފެށިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެ އޭނަގެ ސިކުނޑި އިންޒާރު ދިނުމުންނެވެ.
ހިބާމެން އަންނަ ގަޑި ކައިރިވަމުން ދިޔަ ވަގުތުވެސް އީތަން ކޮޓަރީގައި އިނދެ އެޕްލިކޭޝަނެއްގެ މަސައްކަތް ކުރަމުން ދިޔައީ ހިބާއާއި މެދު ނުވިސްނުމަށެވެ. ޝަހީދުބެ ނާންނަމަ އޭނަ ވަކި ބޭރުގައި ހުންނަންޖެހޭ ރަނގަޅު ސަބަބެއް ނެތުމުންނެވެ. އެ ޢަޒުމުގައި ހުންނަން އީތަންއަށް ދަތިވަމުން ދިޔައީ ޝަބީދައްތަ ދޭތެރެދޭތެރެއިން ކޮޓަރީގެ ދޮރު ހުޅުވައި ބޯދިއްކޮށް ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. ޝަބީދައްތަ އުޅެމުން ދިޔަ ގޮތުން ހިބާއަކީ އީތަންއާއި އިންނަން އުޅޭ ކުއްޖާހެން މީހަކަށް ހީވެދާނެއެވެ.
“މިހާރު ގެއަށް އައުމުގެ މަގުމަތީގަދޯ އެކުއްޖާވީ؟”
“ކިތައް އަހަރުގެ ކުއްޖެއްތަ؟”
“އީތަންއަށް ރީތި ކުއްޖެއްދޯ އެއީ؟”
“އެކުއްޖާގެ ބައްޕައާއި އީތަން ވާހަކަ ދައްކާނަންދޯ؟”
“ދައްތާ….”
އީތަންއަށް އެންމެފަހުން ނުހުރެވިގެން ދިގުކޮށް ގޮވައިލެވުނެވެ. ޝަބީދައްތަ ހޫންލައްވައިލުމަށްފަހު ވެސް އުޖާލާވި ދެލޮލާއިއެކީ އޭނައަށް ބަލަހައްޓައިގެން ހުރި ގޮތުން އީތަންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ނުރުހުންތެރިކަން އިސްކުރަން ބޭނުންވިއެއްކަމަކު އެކަން ނުކުރެވުނީ ދައްތަގެ ޙާލަތުގެ މަތިން ވިސްނިފައެވެ. އަދި މިހާތަނަށް އައިއިރު ވަލީދުބެ ފަދައިން ދައްތަ ވެސް އަމިއްލަ ޢާއިލާއެއް ފަދައިން އޭނަ ގެންގުޅެމުންދާ ގޮތް ހަނދާންވެފައި މަޑުމައިތިރިވެ އިސްޖަހައިލެވުނެވެ.
“ހިބާއާއެކީ ހިބާގެ ބޭބެ މިކޮޅަށް އަންނަނީ…” އީތަންއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ޝަބީދައްތަ އެހެންހޭ އަހައި ހިބާގެ ބައްޕައާއި މެދު ސުވާލުކުރިއެވެ. އީތަން ދެރަވެފައި ނޭނގޭ ކަމަށް ބުނެލުމުން ޝަބީދައްތަ އެހެންހޭ ބުނެ އަނެއްކާވެސް ކޮޓަރީގެ ދޮރު ލައްޕައިލަމުން ބޭރަށް ދިޔައެވެ.
އޭގެ މިނެޓްތަކެއް ފަހުން އީތަންއަށް ގޭގެ ބެލް އަޅުވައިލެވުނު އަޑު އިވިގެން ދިޔައީ، އޭނައަށް އަނބުރާ މަސައްކަތަށް ވެސް ނުދެވެނީހެވެ. އަޑުތައް ގެއްލުވައިލާ ފާރުތަކުގެ ސަބަބުން އީތަންއަށް ބޭރުން އެއްވެސް އަޑެއް އިވޭ ގޮތެއް ނުވެއެވެ. އެހެނަސް ބޭރުން ކަންތައްވަމުން ދާނެ ގޮތް ނުހަނު ސާފުކޮށް އޭނައަށް ސިފަވަމުން ދިޔައެވެ. ހިބާއަށްޓަކައި ޝަބީދައްތަ ދޮރު ހުޅުވާނެ ގޮތާއި، ހިބާ ޖެހިލުންވުމަކާއެކީ އެގެއަށް ވަންނާނެ ގޮތެވެ. އެ ހިނދު އޭނަގެ ހަނދާނަށް އަންނަން ފެށީ ޚުދު އޭނަ ހިބާމެންގެ ގެއަށް ދިޔަ ދުވަހު ވީ ޖެހިލުންވުމެވެ. ޝަހީދުބެ އޭނަ އެގެއަށް ވަނުމަށް މަރުޙަބާ ކިޔުނެއްކަމަކު ހިބާއާއި ހިބާގެ މަންމަގެ ނުރުހުން އެދުވަހު އަމާޒުވުމުން ވީ ދެރައެވެ. މިއަދު ހިބާ މިގެއަށް އަންނަން އުޅޭއިރު ގޭގެ ވެރިމީހާގެ ގޮތުގައި އޭނަ މަރުޙަބާ ނުކިޔައިފިނަމަ ހިބާއަށް އިޙްސާސް ކުރެވޭނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަދި އަމުދުން ބީރައްޓެހި ޤައުމަކަށް އަންނައިރު ހިބާ މި ޤައުމަށް އަންނަން ދަޢުވަތު އެރުވި ފަރާތް ނުފެނުމުން ކިހާ ބޮޑު ނުތަނަވަސްކަމެއް ވާނެތޯ ހިތަށްއެރިއެވެ.
އިސާހިތަކު އީތަންއަށް އޭނަގެ އައިނު ނަގައި މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޅަށް ތެދުވެ ކޮޓަރިން ނިކުންނަން ދެވުނީ އެހެންވެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި ވަގުތު އެތާ ކައިރިއަށް އައިސް ހުރި ރާނިޔާވެސް މަޑުކޮށްލިތަން އީތަންއަށް ފެނުނެވެ. އިސާހިތަކު އީތަންއަށް ބަލައިލެވުނީ ގޭގެ މައިދޮރާއި ދިމާލަށެވެ. އެ ހިނދު ޝަބީދައްތަ އެތާހުރުމުން ދައްތަގެ އެ ފަރާތުގައި ހުރި އަންހެން ކުއްޖާ އީތަންއަށް ސާފުކޮށް ފެނޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނައަށް ކުރިއަށް ދެވުނީ ހިތުގެ ތެޅުން އެދެމުން ދިޔަ ގޮތަށެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އީތަންއަށް ގޮސް އެކުއްޖާގެ ކުރިމަތީގައި ހުއްޓިލެވުނު ވަގުތު އޭނަގެ ނޭވާ މެދުކެނޑި އަތްފައި ފިނިވިއެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އެ ސޫރަ ފެނުނު ފުރަތަމަ ދުވަސް ފަދައިންނެވެ. ހަމަ އެ ދުވަސް ފަދައިން އެސްފިޔަ ޖަހައިލުމެއްނެތި އެ ސޫރައަށް ބަލަން ހުރެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެ ހިނދު ހިބާގެ މޫނުމަތިން ފެނިގެން ދިޔަ އަސަރުން އީތަންގެ ހިތް ނުތަނަވަސްވާ ގޮތްވިއެވެ. ހިބާ ވެސް ހުއްޓުން އަރާފައި ދެބުމަ ކައިރިކޮށް ހިސާބެއްގެ ޙައިރާންކަމާއިއެކީ އޭނައަށް ބަލަން ހުރިގޮތުން އޭނަ ސިއްރުކުރަން އުޅުނު ހުރިހާ ކަމެއް ހިބާއަށް އެއްފަހަރާ އެނގެން އުޅުނުހެން އީތަންއަށް ހީވިއެވެ. އެ ހިނދު ހިތަށްވެރިވީ ނުތަނަވަސްކަމާއިއެކީ އީތަންއަށް ވާހަކަ ދެކެވުނެވެ.
“އަ ވެރީ ވާރމް ވެލްކަމް ޓު ސްވިޓްޒަލޭންޑް، މިސް ހިބާ ޝަހީދު.” އީތަން ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. ދިވެހީގެ ބަދަލުގައި އިނގިރޭސިން ވާހަކަ ދެކެވުނީ ވެފައިހުރި ނުތަނަވަސްކަމެއްގެ ބޮޑު ކަމުންނެވެ. އެކަން ހިބާއަށް ފާހަގަނުވާނެ ގޮތެއްވުމެއް އުއްމީދު ކުރެވުނެވެ. އީތަންގެ އެ އުއްމީދު ފުރިހަމަވިއެވެ.
“ތެންކިއު….ސާރ!” ހިބާ ވެސް އޭނަ ދެއްކި ފަދަ ލުއި ހިނިތުންވުމަކާއިއެކީ ބުންޏެވެ. ހިބާ އޭނައާއި މުޚާތަބު ކުރި ގޮތުން އީތަންގެ ހިތަށް އަސަރުކުރިއެވެ. އެއީ ހަމައެކަނި ހިބާއާއި އޭނައާއި ދެމެދު އޮތް ދުރުމިން އިޙްސާސް ކުރެވުނީތީވެއެއް ނޫނެވެ. އެއާއިއެކު ހިބާ އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައް ހަނދާންވީތީވެއެވެ.
މިއަދު އޭނައަށް ‘ސާރ’ގެ ނަމުން މުޚާތަބު ކުރެވޭފަދަ ބޮޑު މަޤާމަކާއި ބޮޑު ގޮނޑިއެއް ލިބިފައިވިޔަސް، ކުރިމަތީގައި އެހެރި އަންހެން ކުއްޖާއަކީ އޭނައަށް އެއްކުލާހުން އަނެއްކުލާސް ވަކި ނުވީ ދުވަހު އަތުގައި ހިފައިގެން ސްކޫލް ތެރޭގައި ހިނގި ކުއްޖާއެވެ. ނުލަފާ ކުދިންގެ މަލާމާތްތަކާއި ޙަމަލާތައް އޭނައަށް އަމާޒުވީ ދުވަހު އޭނައަށްޓަކައި އަޑުއުފުލި އަންހެން ކުއްޖާއެވެ. އަދި އެ އަންހެން ކުއްޖާގެ ޙަޔާތަށް އައި އަޑި ގުޑަންތަކަށްފަހު ވެސް އޭނައަށް އެތައް އެހީއެއް ވެދިން އަންހެން ކުއްޖާއެވެ. އިޙްތިރާމް އަދާކުރަންޖެހޭނަމަ އަދާކުރަން ޖެހެނީ އޭނަ ކަމަށް ހިތާހިތުން ކިޔައިލެވުނެވެ.
އެހިނދު އީތަންގެ ހިތް ޖަޒުބާތުން ފުރިގެން ދިޔުމުން އާދައިގެ މަތިން އިސްޖެހެން އުޅުނެވެ. އެހެނަސް ތެރަޕީގައި ދަސްކޮށްފައިވާ ފަދައިން އޭގެ ކުރިން އީތަން އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. އެހިނދު ހިބާގެ އެއްފަރާތެއްގައި މަޑުކޮށްގެން ހުރި ބޭބެ ފެނުނެވެ.
“ތިއީ ހިބާގެ ބޮޑުބޭބެ ދެއްތޯ؟ ދަތުރުމަތީގައި އެއްވެސް މައްސަލައެއް ދިމާވިތޯ؟” އީތަން ހިނިތުންވުން ފުންކުރަމުން ސުވާލުކުރިއެވެ.
“ނޫނޭ….މައިކަލް ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ހަމަޖެއްސީ. ދަތުރު ފެށުމުގެ ކުރިން ހިބާ ބޭސް ކައިގެން ހުރީތީ ގޮތެއްނުވޭ. އިސްމާޢީލް އީތަންއަކީ ތިއީ ދެއްތޯ؟ ހިބާއަށްޓަކައި މި ދަތުރު ހަމަޖައްސައި ދިނީތީ ވަރަށް ޝުކުރު އަދާކުރަން.” ފަރީދު ބުންޏެވެ.
“އާދެ….ބޭބެގެ ކޮޓަރި އަޅުގަނޑު ދައްކާލަދޭނަން. ޝަބީދައްތަ ހިބާގެ ކޮޓަރި ދައްކައިލަދެއްޗޭ!” އީތަން ބުންޏެވެ. އެއާއިއެކު ޝަބީބާ އާނއެކޭ ބުނެލަމުން ހިބާ ގާތު ހިނގާށޭ ބުންޏެވެ. އެހިނދު އީތަންވެސް ފަރީދު ގޮވައިގެން ޝަބީބާ ދިޔަ ފަރާތް ނޫން އަނެއްފަރާތަށް ދިޔައެވެ.
“މިހިރީ އިނގޭ ބޭބެގެ ކޮޓަރި. ބޭނުންވާނެ ހުރިހާ އެއްޗެއް މިތާ ހުންނާނެ. އިތުރު އެއްޗެއް ބޭނުމިއްޔާ އަޅުގަނޑަށް އަންގާލަދިނުން އެދެން.” އީތަން ކޮޓަރީގެ ދޮރު ހުޅުވައި ދައްކައިލަމުން ބުންޏެވެ.
“ހުމް….ބޭބެ ފަހަރެއްގަ މި އަވަށުން ބޭރަށް ވެސް ދާންޖެހިދާނެ. މި ޤައުމާއި ހަމައަށް އާދެވުނީމަ ހޯލްސޭލްކުރަން އާ ޕްރޮޑަކްޓެއް ފެނޭތޯ ބަލައިލާ ހިތްވެއްޖެ…” ފަރީދު ހިނިތުންވުމަކާއިއެކީ ބުނެލި ވާހަކައިން އީތަންގެ ހިނިތުންވުން ފޭދުނެވެ. މިއީ ހިބާ އެކަނި ތަންތަނަށް ދޫކޮށްފައިދާ ފަރުވާކުޑަ ބޮޑުބޭބެއެއްތާއޭ ހިތަށްއެރި ވަގުތު ވާހަކަ ދެކެވުނެވެ.
“ބޭބެދޯ ހިބާ މާލެއަށް ގެންގޮސް މިހާ ހިސާބަށް ވެސް ތިއައީ؟” އީތަންއަށް އެހެން އަހައިލެވުނީ މާލޭގެ ސްޓާރލައިޓް ހޮޓެލްގައި ވީ ކަންތައް ހަނދާންކުރަމުންނެވެ. ކުއްލިއަކަށް މަޢުޟޫ ބަދަލުކުރުމުން އެ ބޭބެއަށް ކަމެއް ޝައްކުވެދާނެތީ ޖެހިލުންވެސްވިއެވެ. އެހެނަސް އޭނަގެ ނަސީބު ރަނގަޅުކަމުން އެ ބޭބެ ކުޑަކޮށް ހުއްޓުން އަރާފައި ހީލިއެވެ.
“ހެހެ…..އާނ، ހިބާ ބޭބެގެ އިތުރު އަންހެން ދަރިއެއްގެ ގޮތުގަ މި ބަލަނީ.” ފަރީދު ބުންޏެވެ. އެހިނދު އީތަން ނުރުހުންވާ ގޮތްވިއެވެ. އެރޭ ކަންތައް ހިނގީ މި ބޭބެގެ ފަރުވާކުޑަ ކަމުންކަމަށް ނިންމުނެވެ. ޝަހީދުބެ ހުއްޓާ ކޮންމެހެން ތިކަހަލަ މީހަކު ހިބާ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާނެ ކަމެއްނެތޭ އީތަންއަށް އަމިއްލަ ޚިޔާލުތަކުގެ ތެރެއިން ބުނެވުނެވެ. އެހެނަސް އެ ބަސްތައް ދުލާއި ހަމައަށް ނުގެނައެވެ.
**
“މިހިރީ ހިބާގެ ކޮޓަރި!” ޝަބީބާ އެހެން ބުނެލީ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ދާދި ދެންމެއަކު މައިކަލް ގެނައި ހިބާގެ ފޮށި އެ ކޮޓަރިއަށް ވައްދަމުންނެވެ. އެއާއިއެކު ހިބާއަށް އެ ކޮޓަރިއަށް ރަނގަޅު ނަޒަރެއް ދެވުނެވެ. މަޑު ފެހި ކުލައަކާއި ހުދުކުލައެއް ފާރުތަކުގައި ޖެއްސިފައިވީއިރު އެ ތަނަވަސް ކޮޓަރީގައި ހުރި ފަރުނީޗަރުތަކުން ވެސް ފެންނަމުން ދިޔައީ އެ ކުލައެވެ. ހިބާ ދުވަހަކުވެސް ބޭނުންނުކުރާ ފަދަ އެނދުގެ ބެޑްޝީޓާއި ޑުވެޓްގެ ކުލަތައް ވެސް އެ ކުލަތަކާއި ގުޅުވިފައިވީއިރު ކޮޓަރީގެ އެއްފަރާތެއްގައި ބެހެއްޓިފައި ހުރި ކިޔަވާ މޭޒުގައިވެސް ހުރީ އެ ކުލައެވެ. އެ ކިޔަވާ މޭޒުގެ އެއްފަރާތެއްގައި ނުހަނު ޒަމާނީ ފަތި މޮނީޓަރަކާއެކީ ސީޕީޔޫ ސިސްޓަމެއް ތިރީގައި ބެހެއްޓިފައިވި ގޮތުން، މަދު ދުވަސްކޮޅަކަށް އޭނައަށް ލިބެން މިއުޅެނީ ދުވަހަކުވެސް ނުލިބޭފަދަ ތަނަވަސް ދިރިއުޅުމެކޭ ހިބާގެ ހިތަށްއެރިއެވެ.
“ހިބާ އަންނަންވާއިރަށް މިންޓް ގްރީންގެ ތީމްއަށް މި ކޮޓަރި ތައްޔާރު މި ކުރީ. އީތަން ކައިރި އަހާ އަހާ ހިބާއަށް އެންމެ ރީތި ކުލަ ހޯދައެއް ނުދިން. އެހެންވީމަ ގެސްކޮށްލާފަ މިންޓް ގްރީން ޗޫޒްކުރީ. އަސްލު އެންމެ ރީތީ ކޮން ކުލައެއް؟” ޝަބީބާ ހިބާއާއެކީ ކޮޓަރިއަށް ވަންނަމުން ސުވާލުކުރިއެވެ.
“ލައިޓް ބްލޫ…” ހިބާ ދެންވެސް ވަށައި ނަޒަރު ހިންގަމުން ބުންޏެވެ.
“އަސްލުވެސްތަ؟! އެއީ އީތަންއަށް ވެސް އެންމެ ރީތި ކުލަ! އީތަންގެ ކޮޓަރި ހުންނާނީ ލައިޓް ބްލޫގެ ތީމްއަށް. އަޅޭ އެހެންވީމަ ކުލަ ބަދަލުކޮށްދޭންވީދޯ؟” ޝަބީބާ މާޔޫސްވެފައި ބުނެލި ވާހަކައިން ހިބާއަށް ބޯހޫރުވައިލެވުނެވެ.
“ނޫން….މިހާރުވެސް ކޮޓަރި ވަރަށް ރީތި. އަޅުގަނޑަށްޓަކައި މި ހުރިހާ ތައްޔާރިތަކެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ އަމިއްލަ ކޮޓަރީގަ ވެސް މިހާ ރީތިކޮށް ކުލަ ލާފައެއްނޫން ހުންނަނީ.” ހިބާ އެ ބަސްތައް ބުނެލީ ހިތުގެ އެންމެ ފުންމިނުން އެ ޝުކުރުވެރިކަން އިޙްސާސް ކުރެވޭ ޙާލުގައެވެ.
“ހެހެ….ވެދާނެ. އެކަމަކު އީތަން ޝަބީދައްތަ ކައިރި ބުނެފަ އޮތީ ހިބާއަށް ވީހާވެސް ކަމުދާނެފަދަ ފަސޭހަ މާޙައުލެއް ހިބާއަށް ހޯދައިދޭށޭ…” ޝަބީބާ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އެކަމަކު….ކުލަ ބަދަލުނުކުރިޔަސް ހެޔޮ.” ހިބާއަށް ކެނޑިކެނޑިގެން އެ ވާހަކަ ބުނެވުނީ ދެންމެ އެ އިވުނު ބަސްތަކާއިމެދު ވިސްނެމުން ދިޔައީތީވެއެވެ. އީތަން ‘އޭނައަށްޓަކައި’ ވީހާވެސް ފަސޭހަ މާޙައުލެއް ހޯދައިދޭން އެދުނު ވާހަކައިން ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖެހިއެވެ. އެހިނދު ޚިޔާލުތަކުގެ ތެރެއިން އަމިއްލަ ބޮލަށް އެތިފަހަރެއް ވިއްލައިލެވުނީ އެ ފަދަ މިޞްރާބަކަށް ވިސްނުން ނުގެންދިޔުމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ.
އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. އީތަންގެ ދައްތަ ހިތްހެޔޮ ހިނިތުންވުންތަކާއިއެކީ ހިބާއަށް އިތުރަށް އެ ކޮޓަރީގެ ތެރެ ދައްކަމުން ދިޔަދިޔަހެން އީތަންގެ ރަނގަޅުކަން އޭނައަށް އިޙްސާސް ކުރެވުން ނޫންކަމެއްނުވިއެވެ. އެ ކޮޓަރި އޭނައަށްޓަކައި ތައްޔާރު ކުރެވިފައިވި ގޮތުން އެތަން ރިސޯޓެއްގެ ރޫމެކޭ ތަފާތެއްނެތެވެ. ކުދިކުދި ކާއެއްޗެއްސާއި ކޮފީ ޕެކެޓް ހުރި ވަތްގަނޑެއްވީއިރު އެ ކަބަޑު މަތީގައި ފެން ހޫނުކުރާ ޖަގެއް ހުއްޓެވެ. އަދި މީގެ އިތުރުން އެ ކަބަޑުގެ ތިރީގައި ކުޑަ އައިސްއަލަމާރިއެއް ވެސް ހުރި ގޮތުން އެ ކޮޓަރިން ނުނިކުމެވެސް ހިބާއަށް އުޅެވިދާނެކަމަށް އަމިއްލަ އަމިއްލައަށް ބުނެވުނެވެ. އެހެނަސް ރަނގަޅު ކާއެއްޗެހި ކެއުމަށް ބޭރަށް އަންނަންވާނެ ކަމަށް އީތަންގެ ދައްތަ ބުންޏެވެ. ހިބާ އެދޭނަމަ އެރޭ ވެސް ގޭގެ އެހެން މީހުންނާއި ވަކިން ގަޑިއެއްގައި ކެއުން ހަމަޖެއްސިދާނެ ކަމަށް ވެސް އެ ދައްތަ ބުންޏެވެ. ހިބާ އެކަމަށް އިންކާރު ކުރީ އޭނަ އައީ ފްލައިޓް މަތިން ކައިގެން ކަމަށް ބުނެ ބަނޑުހައިނުވާ ކަމަށް ބުނަމުންނެވެ.
އެ ދައްތަ އެންމެ ފަހުން ކޮޓަރިން ނިކުމެގެން ދިޔައީ، ތިމަންނައަށް ކިޔަންވާނީ ‘ޝަބީދައްތަ’ ކަމަށް ބުނުމަށްފަހު ހިބާ ލައްވާ އެ ނަން ކިޔުއްވުމަށްވެސް ފަހުގައެވެ. ޝަބީދައްތަ ކޮޓަރީގެ ދޮރު ލައްޕައިލީ އޭނައާއެކީ ލުއި ގޮތަކަށް ހީލުމަށްފަހުއެވެ. ޝަބީދައްތަ ދިޔުމުން ހިބާ ފުން ނޭވައެއް ދޫކޮށްލަމުން އެނދުގައި އިށީނެވެ. އޭނަ ޙަޤީޤަތުގައި ވަރުބަލިވެފައިވި މިންވަރު އިޙްސާސް ކުރެވުނީ އެ ވަގުތެވެ. އެ ވަރުބަލިކަމުގެ ތެރެއިން ކުއްލި ގޮތަކަށް ބަދަލުވެގެން ދިޔަ މި މާޙައުލާއިމެދު ވިސްނެން ފެށިއެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ލިބިގެން މިދާ ފަސޭހަ މާޙައުލަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނު ހިނދު، އެ ތަނަވަސްކަމުގެ ސަބަބުން ﷲ ގެ ހަނދުމައިން އޭނަ ދުރުނުވާނެ ގޮތެއްވުމަށް ހިތާހިތުން ދުޢާކުރެވުނެވެ. ޢާއްމުގޮތެއްގައި އެއްފަހަރާ ގިނަ ނިޢުމަތް ލިބުމަކީ މީހާގެ ހިތްހަރުވެ ބޮޑާވުމަށް މެދުވެރިވާ ސަބަބެކެވެ. ނިޢުމަތްތަކުގެ އިމްތިޙާނަކީ ގިނަ ބަޔަކު އެއިން ކާމިޔާބުވާ އިމްތިޙާނެއް ނޫނެވެ. އެހެނަސް މިގެއިން އޭނައާއި ދެންމެ ދިމާވި ޝަބީދައްތަ ހާދަ ހިތް ހެވެއެވެ. އަދި އަމުދުން އީތަން ސާރއަކީ ބޮޑު މަޤާމެއްގައި ހުންނަ ބޭފުޅަކަށްވެފައި ވެސް އޭނަ އެގެއަށް އައި ވަގުތު އެ ވަނީ އޭނަގެ ކުރިމައްޗަށް އައިސް އަމިއްލައަށް މަރުޙަބާ ކިޔާފައެވެ.
އެވަގުތުކޮޅު ތަކުރާރުކޮށް ހަނދާންވާން ފެށުމުން އިސާހިތަކު ހިބާ ބޯހޫރުވައިލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށެވެ. އެއަށްފަހު އެނދުން ތެދުވެ އޭނަގެ ހެދުން ފޮށްޓާއި ދިމާލަށް ދިޔައީ ފެން ވަރައިލުމަށްފަހު އަވަހަށް ނިދައިލުމަށެވެ.
**
ފަރީދަށް ކޮޓަރި ދެއްކުމަށްފަހު އީތަންވެސް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެ ގަޑިއަކީ އީތަން ޢާއްމުގޮތެއްގައި ނިދާ ގަޑިއަށްވުމުން ކޮޓަރިއަށް ވަންއިރު ވެސް ބޮކިތައް ނިވިފައިވިއެވެ. ނިދައިލުމަށްޓަކައި އީތަން ހެދުން ބަދަލުކުރަން ޚިޔާލުކުރިއެއްކަމަކު ދެކޮޅުން ދެކޮޅަށް ހިނގެންފެށީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ހުއްޓުމެއްނެތި ހިބާއާއިމެދު ވިސްނެން ފެށުމުން އޭސީގެ ފިނިކަމުގެ ތެރެއިން ވެސް ކުޑަކޮށް ދާހިއްލަން ފެށިއެވެ. ދެކޮޅުން ދެކޮޅަށް ހިނގެނީ އޭނަ ހިބާ ދެކިލަން ދާން ބޭނުންވެފައި އެކަމާއި އަމިއްލަ ނަފްސާއި ދެކޮޅު ހަދާތީކަން އީތަންއަށް އެނގުންވާން އިރުކޮޅެއް ނެގިއެވެ. އެކަން އެނގުންވުމުން އީތަން ފުން ނޭވާތަކެއް ލަމުން އެނދުގައި އިށީނީ އޭނަ ހަމައަކަށް އެޅޭތޯ ބެލުމަށެވެ. އެހެނަސް ދެންވެސް ހިބާއާއިމެދު ވިސްނުނެވެ. ހިބާ މިހާރު ނިދާފާނެތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އެ ސުވާލަށް އާނއެކޭ އަމިއްލައަށް ބުނެވުނީ ހިބާ ދަތުރު ވަރުބަލި ވެފައިވާނެ ކަމަށް ޤަބޫލުކުރެވުނީތީވެއެވެ.
**
ޚުދު ހިބާވެސް ހީކުރީ އެހެންނެވެ. ދަތުރު ވަރުބަލިވެފައިވުމުން އެނދުގައި އޮށޯންނައިރަށް އޭނައަށް ނިދޭނެކަމަށް ހީކުރެވުނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔުމަށްފަހު އެ އަރާމު އެނދުގައި އޮށޯތުމުން ވެސް އޭނައަށް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރައިލާއިރަށް ސިފަވަމުން ދިޔައީ އޭނައަށް އެދުވަހު ފެނިގެން ދިޔަ އާ ސޫރައެވެ. އީތަންގެ ސޫރައެވެ. އެއީ އޭނައާއި ކުރިން ވެސް ބައްދަލުވެފައިވާ ފަރާތެއްހެން ހީވަމުން ދިޔައީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އޭނަ ދުވަހަކުވެސް އީތަން ނަމަކަށް ކިޔާ މީހަކާއި ކުރިން ދިމާވެފައެއް ނުވެއެވެ. ވީއިރު ކީއްވެ ހެއްޔެވެ؟
މީގެ އިތުރުން ހިބާ އަމިއްލަ ނަފްސަށް ރުޅި އަންނަމުން ދިޔައީ އީތަންގެ ރީތިކަމަށް އޭނަގެ ސިކުނޑި ތަކުރާރުކޮށް އަލިއަޅުވަމުން ދިޔަ ގޮތުންނެވެ. އެ ސޫރަ އޭނައަށް ފުރަތަމަ ފެނުނު ވަގުތުކޮޅު ވެސް އެހެން ދިމާލަކަށް ބަލަން ބޭނުންނުވި ގޮތް ހަނދާންވިއެވެ. އޭނައަށް މަރުޙަބާ ކިޔުނުއިރު އިވިގެން ދިޔަ އެ ފުން ފިރިހެންވަންތަ އަޑު ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ތުންފަތްމަތިން ފެނިގެން ދިޔަ ލުއި ހިނިތުންވުމުން އެ ސޫރަ އިތުރަށް ރީތިވެގެން ދިޔަ ގޮތް ސިފަވެގެން ދިޔައެވެ.
އެތައް އަހަރެއް ފަހުން ޒުވާން ފިރިހެނަކާއިމެދު މިފަދަ ގޮތަކަށް ވިސްނެން ފެށުމުން ލިބުނު ޙައިރާންކަމާއިއެކީ ލަދުވެސް ގަތެވެ. ދެލޯ މަރައި ތަގުޅި ކޮށްލަމުން މޫނުގައި ދެއަތް އަޅައިލި ވަގުތު މިފަދަ ޚިޔާލުތަކެއް ކުރަން އޭނައަކީ ހަމްނާއެއް ނޫންކަމަށް ވެސް އަމިއްލަ ނަފްސަށް ހަނދާންކޮށްދެވުނެވެ. އޭނައަކީ ފިރިހެނަކު ފެންނައިރަށް އެމީހެއްގެ ރީތިކަމުގެ އަވައިގައި ޖެހިގެން ދާވަރަށްވުރެ ދޮށީ އަދި ވިސްނޭ އަންހެނެއްކަމަށް އަމިއްލަ ޒަމީރުގާތު ބުނެވުނެވެ. އީތަން ފެނުމުން އޭނަގެ ސިކުނޑީގެ ވިސްނޭ ބައިގެ ‘ސްވިޗު’ ނިވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
އެ ޚިޔާލުތަކުގައި އޮވެ ހިބާ ބޯހޫރުވައިލަމުން މޫނުމަތިން އަތްނަގައިލީ އެ ޚިޔާލުތަކުގެ މައްޗަށް ބާރު ހޯދުމަށެވެ. އޭނަ ޢާއްމުގޮތެއްގައި ފިރިހެނަކު ފެންނައިރަށް ގެންގުޅޭ ވިސްނުން ހަނދާންކުރަން ހިބާއަށް ވަގުތުކޮޅެއް ނެގިއެވެ. އެއާއިއެކު އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް މި ހުރިހާ އަހަރު ގެންގުޅުނު އުކުޅުމަތިން ހަނދާންކޮށް އީތަންގެ ޚިޔާލުތަކުގެ މައްޗަށް އެ އުކުޅު ބޭނުންކުރިއެވެ. ރީތިވިޔަސް ކޮންކަމެއް ހެއްޔޭ ހިބާ ހިތާހިތުން ބުންޏެވެ. މި ހުރިހާ އަހަރު ބޭރު ޤައުމެއްގައި މިފަދަ ތަނަވަސް ދިރިއުޅުމެއް އުޅެފައިވާނަމަ އެ ވާނީ ނަމާދުވެސް ނުކުރާ މީހަކަށެވެ. ކުރީކޮޅު ކިތަންމެ ރީތި ސިފަތަކެއް ފެނިފައި ވިޔަސް އެ އީތަންއެއްގެ ވެސް ނޭދެވޭ ސިފަތަކެއްވާނެއެވެ. އެމީހެއްގެ ކިބައިގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން ފެނިގެންދާނީ ފަހުންތާއެވެ. އެ ވާނީ މި ޤައުމުގައި ހުރެ އެތަކެއް ލޯބިވެރިން ވެސް ގެންގުޅުނު މީހަކަށެވެ. އެހާ ރީތި މީހަކު ލޯބިވެރިންގެ ދިގު ލިސްޓެއް ނެތުމަކީ ނާދިރުކަމެއް ވިއްޔާއެވެ.
ސިކުނޑިއަށް ވެރިކުރުވި އެ ޚިޔާލުތަކާއިއެކީ ހިބާ ބޯޖަހައިލީ އޭނަ އެ ޚިޔާލުތަކާއި އެއްބަސްވީކަމަށް އަމިއްލަ ނަފްސަށް އަންގައިދިނުމަށެވެ. އެހެނަސް އެއިން ކޮންމެ ޚިޔާލަކާއިއެކީ އެހެންނުވާނެ ކަމަށްވެސް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އީތަންއަކީ އޭނައަށް ވަރަށް ރަނގަޅަށް އެނގޭ މީހެއް ފަދައިން އެ ހިތް އީތަން އެ ހުރިހާ ޚިޔާލަކުން ދިފާޢުކުރިއެވެ. އަދި އަމުދުން އީތަން މިހާތަނަށް އައިއިރު އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައް ހަނދާންވުމުން އީތަންއާއިމެދު އެފަދައިން ވިސްނުމަކީ ވެސް ގޯހެއްކަމަށް އޭނަގެ ސިކުނޑި ބުންޏެވެ. އެއާއިއެކު ހިތުގައި އުފެދިގެން ދިޔަ ހައިޖާނާއިއެކީ ވީ އުދަގުލުން ހިބާ ލުއި އާހެއްގެ އަޑާއިއެކީ ޑުވެޓް ގެނެސް މޫނުގައި އަޅައިލިއެވެ.
**
އީތަން އެރޭ އެނދުގައި އޮށޯތީ އޭނައަށް އެރޭ ނުނިދޭނެކަން ރަނގަޅަށް ދަނެގެންނެވެ. ގޭގެތެރެއަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް އޭނައަށް ނިދަން އުދަގޫވެއެވެ. ވީއިރު އެއްދުވަސްވަރެއްގައި އޭނަގެ ހިތުން ޖާގައެއް ހޯދި އަންހެން ކުއްޖަކު އެތައް އަހަރެއްފަހުން ފެނި އެކުއްޖާއާއި އެއްފުރާޅެއްގެ ދަށުގައިވުމުން ނިދޭނީ ކިހިނެއް ހެއްޔެވެ؟
އީތަން ނިދަން މަސައްކަތްވެސް ނުކޮށް އެނދުގައި އޮތްގޮތަށް އޮތީ އެހެންވެއެވެ. ހިބާގެ ޚިޔާލުތައް އޭނަގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީތީ ނިދަން ތައްޔާރުވެ ހެދުން ބަދަލުކުރަން ވެސް ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިއެވެ. އޮށޯވެ އޮވެ އެކަން ހިތަށް ގެނެވުމުން ވެސް ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. އެހެނަސް އޭނަގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ހިބާއަށްވެސް އެންމެފަހުން ސްވިޓްޒަލޭންޑަށް އާދެވިއްޖެތާއޭ ހިތަށްއެރި ވަގުތު އީތަންއަށް ހިނިތުންވެލެވުނީ މާޒީގެ ހަނދާނެއް އާވުމުންނެވެ.
“މި ފޮޓޯއިން މި ފެންނަނީ ކޮންތަނެއް؟” ހިބާ އޭނައާއި އެ ސުވާލުކޮށްލީ މޭޒުމަތީގައި ހުޅުވިފައި އޮތް ފޮތެއްގައި ހުރި ފޮޓޯއެއް ދައްކަމުންނެވެ. އޭރު އެ ދެމީހުންވެސް ލައިބްރަރީގެ ދިގު މޭޒެއްގެ ދޮށުގައި އެކަކު އަނެކެއްގެ ކުރިމައްޗަށްވާ ގޮތަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތުގައި ދެމީހުން ލައިބްރަރީއަށް ގޮސްފައިވީ ޝަހީދުބެއާއި އެކީގައެވެ. ޝަހީދުބެ ދާރިސްގެ ކައިރީގައި ފޮތް މާކްކުރަން އިނީ ހިބާގެ އެބްޒެންޓް މަސައްކަތްތައް ހިބާ ލައްވާ ނިންމުވުމަށެވެ. ދާރިސް އެމީހުންނާއިއެކީ އެދުވަހު ސްކޫލަށް ދިޔައީ އޭނަ ޝައުޤުވެރިކަން ހުންނަ މާއްދާތަކުގެ ފޮތްތައް ކިޔުމަށެވެ.
“އެއީ….ސްވިޓްޒަލޭންޑް. އިޓްސް ފޭމަސް ފޯ އިޓްސް ޗޮކޮލެޓް އިންޑަސްޓްރީ….” ދާރިސްއަށް ނުތަނަވަސްވުމުގެ ސަބަބުން އިނގިރޭސިން ބުނެވުނެވެ. އެހިނދު އޭނަގެ މޫނު ރަތްވެފައިވިއެވެ. ދާރިސްއަށް ނޭނގުނު ކަމަކީ އެވަގުތު ޝަހީދުގެ ޙައިރާންކަން އެކުލެވިފައިވި ނަޒަރު އޭނައަށް އަމާޒުވިކަމެވެ.
“ލުކްސް ނައިސްދޯ؟ އައި ލައިކް ދަ ގްރީނަރީ. އެހެރަ މައުންޓެއިންތައް ވެސް. ތިބުނާހެން މީރު ޗޮކްލެޓް ހަދަންޏާ އައި ތިންކް ދިސް އިޒް މައި ފޭވަރިޓް ކަންޓްރީ….މީ ކޮން ފޮތެއްތަ ދާރިސް ތި ބަލަނީ؟ ފޭމަސް ބިޒްނަސެސް އެރައުންޑް ދަ ވޯލްޑް؟ ސައިންސް ކުއްޖަކު ކީއްކުރަން ބިޒްނަސް ފޮތްތައް ތި ބަލަނީ؟” ހިބާ އެފޮތުގެ ތެރޭގައި އެއްއިނގިލި އަޅައި ބޭރު ބަލަމުން ސުވާލުކުރިއެވެ. އެހިނދު ޝަހީދުބެ ކަރުކެހިލިއެވެ.
“ހިބާ މަސައްކަތްތައް ނިމުނީތަ މާ ވާހަކަ ގިނަ ތިކުރަނީ؟” ޝަހީދުބެ ސުވާލުކުރިއެވެ.
“އޯލްމޯސްޓް ބައްޕާ…އޭގެ ކުރިން ބަލާބަލަ މި ދާރިސް ކުރާ ކަމަކަށް. މި ހަފްތާގަ އެބަހުރި އެގްޒާމްތައް ވެސް. އެކަމަކު ކިޔަވާ މާއްދާތަކާއި ނުވެސް ގުޅޭ ފޮތްތައް އެ ބަލަނީ…” ހިބާ ދާރިސްގެ ކައިރީގައި އޮތް އަނެއްފޮތަށް ވެސް ނަޒަރެއް ދެމުން ކަންބޮޑުވުން ފާޅުކުރިއެވެ.
“ހިބާހެން ހުރިހާ ކުދިންނަކީ ފަހު ވަގުތު އިމްތިޙާނަށް ތައްޔާރުވާ ކުދިންނެއް ނޫނޭ. ޤަވާޢިދުން ދަސްކުރާ ކުދިން އިމްތިޙާން ކައިރިވީމަ އެ ފޮތްތައް ބަލާކަށް ނުޖެހޭނެ. ހުސް ވަގުތެއްވީމަ އިތުރަށް އުނގެނެން ބޭނުންވާ މާއްދާތައް ވެސް ދަސްކުރެވޭނެ. ނޫންތަ ދާރިސް؟” ޝަހީދުބެ ބުންޏެވެ.
“ލައްބަ ބޭބޭ. އަސްލު އަޅުގަނޑު ސައިންސް ނެގީ މަންމަ އަޅުގަނޑަށް ބިޒްނަސް ދަސްކޮށްދޭނެކަމަށް ބުނެފަ ހުންނާތީ. މަންމަ ވަރަށް މޮޅުވާނެ ބިޒްނަސްއަށް. އެކަމަކު މަންމަ އަބަދުވެސް ބުނާނެ ދުނިޔެ ހިނގާނީ ސައިންސްއާއި ބިޒްނަސް ވެސް މީހުންނަށް އެނގިގެންނޭ. އެހެންވެ އަޅުގަނޑަށް ވީވަރަކުން ބިޒްނަސްވެސް މި ކިޔަވަނީ…” ދާރިސް ބުންޏެވެ. އެހިނދު ހިބާ ‘ދާރިސްގެ މަންމަ’ އޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝަހީދުބެ ވާހަކަ ދެއްކިއެވެ.
“ހަމަ ރަނގަޅަށް ދާރިސް ތިބުނީ. ކުރިއަށް އޮތް ތަނުގަ ރާއްޖޭގެ ތަޢުލީމީ ނިޒާމުވެސް ތިކަހަލަ ގޮތަކަށް ބަދަލުވާނެކަމަށް ލަފާކުރެވެނީ.” ޝަހީދުބެ ބުނެލިއެވެ.
“އޯ މައި ގޯޑް ލެޓް މީ ގްރެޖުއޭޓް ބިފޯރ ދެޓް!” ހިބާ އެހެން ބުނެ އޭނަގެ މަސައްކަތަށް އަނބުރައި ދިޔަ ގޮތުން ދާރިސްއާއިއެކީ ޝަހީދުބެއަށް ވެސް ހެވުނެވެ.
އެ ދުވަސް މަތިން ހަނދާންވެގެން ދިޔުމުން އީތަންއަށް އެނދުގައި އޮވެ ހީލެވުނެވެ. ހިބާ ސްވިޓްޒަލޭންޑަށް ގެނައުމުގެ އެދުމެއް އޭނަގެ ހިތުގައި އުފެދުނީ އެދުވަހުއްސުރެއެވެ. ހިބާއަކީ އޭނަދެކެ ލޯބިވާ، އަދި އޭނައާއިއެކީ މުޅި ދިރިއުޅުން ހޭދަކުރަން ބޭނުންވާ ކުއްޖެއްހެން ހީވީތީ ހިބާ ބޭނުންވާ ހުރިހާ ކަމެއް ހިބާއަށް ކޮށްދޭން ބޭނުންވީއެވެ. ހިބާ އެންމެ ހިތް އެދޭ ގޮތަށް ހިބާއަށް ލޯބި ހުށަހަޅަން ވެސް އޭނަ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އޭގެ ކުރިން ހިބާގެ ޙަޤީޤީ ނިޔަތް އެނގިގެން ދިޔުމުން އޭނަގެ ހިތް ދެރަވާ ގޮތްވީއެވެ.
ހިތަށް ވެރިވި އެ އިޙްސާސާއިއެކީ އީތަންއަށް ދެލޯ މަރައިލެވުނެވެ. ހަމަޖެހުންނެތި އަވަސްވެފައިވި ހިތެއްގެ ސަބަބުން މާޒީގެ ޚިޔާލުތައް ވެސް ލޮލަށް ސިފަވާން ފެށީ ނުސާފުކޮށެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ކަންތައްވީ ގޮތް ހަނދާންވުމަށްފަހު އޭނަގެ ކަންފަތުގައި ގުގުމައިލީ ހިބާގެ ހުށަހެޅުމަށް އޭނަ އެންމެ ފަހުން ދިން ޖަވާބެވެ.
“އައި ލަވް ޔޫ ޓޫ، ހިބާ…” އޭނަ ހިބާއަށް ބަލަން ހުރެ އެހެން ބުނެލީ އިރުއޮއްސެމުން ދިޔަ ވަގުތު ޝަހީދުބެގެ ގޭގެ ބިއްދޮށުގައި އޮންނަ ކުޑަ ބަގީޗާއެއްގެ ތެރޭގައި ހުރެއެވެ. އެ ހިނދު އޭނަ އޭގެ ކުރިން ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން ހިބާގެ ލޮލަށް ކަރުނަތައް ޖަމާވެ އެ މޫނުމައްޗަށް ހިތާމަވެރިކަމާއި ނުރުހުންތެރިކަން ވެރިވެފައިވިއެވެ.
“މި ބަސްތައް ހިބާ އަޑުއަހަން ތައްޔާރުވި ދުވަހަކުން އަހަރެން ބުނާނަން އިން ޝާ ﷲ!”
އޭނަ ސާބިތުކަމާއިއެކީ ބުނެލި އެ ބަސްތައް ހަނދާންވެފައި އީތަންއަށް އެނދުގައި އޮވެ ލޯ ހުޅުވައިލެވުނީ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލުމުންނެވެ. އޭނަ އެ ވީ ވަޢުދުގެ ހަނދާން ހަމަ މިއަދު އެ އާވެގެން ދިޔައީ ކީއްވެތޯ ހިތަށްއެރިއެވެ.
ނުނިމޭ
Ibaa
August 3, 2021 @ 4:32 pm
Woww vrh reethi story Masha Allah… finally she went to Switzerland..This story was really inspiring. May Allah bless you … Ameen.. Lots of love sis..❤
Jana
August 7, 2021 @ 4:01 pm
Alhamdhulillah! Dho Ibaa? And notice its Dhaaris who took her there! <3 Hope to make it even more inspiring In Sha Allah. May Allah bless you too. Ameen! Loads and loads of love <3 <3 <3
mish
August 3, 2021 @ 6:12 pm
alhey eethan 🙁
Jana
August 7, 2021 @ 4:02 pm
Dho? Lets cry together *sob sob*
Aayaa
August 4, 2021 @ 1:45 am
mi part vx v salhi ma sha Allah. keep going siss. when next?❤
Jana
August 7, 2021 @ 4:03 pm
Alhamdhulillah! Dhen oiy bai up vejje Aaya. Hope you like it too <3 <3 <3
Zaeyn...
August 4, 2021 @ 4:13 am
omg dhen vaany kihiney baa…. i am so curious.. waiting 4 next part curiously.. lysm sis be safe
Jana
August 7, 2021 @ 4:05 pm
Dhen oiy bai up vejje Zaeyn. Adhi varah interesting kanthah vaan hury. hehe…let’s unfold them together In Sha Allah. Love you too sis. Stay safe! <3 <3 <3