ދާރިސް (އެކާވީސްވަނަ ބައި)
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އީތަން ސާރގެ ކިބައިގައި އޭނަ ނުހަނު ދަންނަ ގޮތެއް ހުރިހެން ހިބާއަށް ހީވެއެވެ. އެ ހިނިތުންވެލާ ގޮތުންނާއި، އެ ތޫނު ވިސްނުމާއި، އެ އީޖާދީ އުފެއްދުންތަކުން ހިބާއަށް ކޮންމެވެސް މީހެއްގެ ހަނދާނެއް އާވަމުން ދިޔައެވެ. އެ ހިނދު ކުއްލި ގޮތަކަށް އީތަން ސާރ މިއަދު އޭނަ ވެއްޓުނަ ނުދީ ހިފަހައްޓައިލި އިޙްސާސް ކުރެވުނު ވަގުތު ލޮލަށް ސިފަވެގެން ދިޔައީ ދާރިސްގެ ސޫރައެވެ. އެއާއިއެކު ހިބާގެ ދެ ބުމަ ކައިރިވެގެން ދިޔައެވެ.
ހިބާ ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅެނިކޮށް އެނދުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު ސްކްރީނުން ހަމްނާގެ ނަން ފެނިފައި ގަޑިއަށް ނަޒަރެއް ދެވުނެވެ. އެވަގުތަކީ ސްވިޓްޒަލޭންޑަށް ހަވީރު 4 ޖެހި ވަގުތު ކަމަށްވުމުން ރާއްޖެއަށް ވާނީ މެންދުރުގެ ވަގުތެއްކަން ވިސްނައިގަންނަމުން ހިބާ ފޯނު ނެގިއެވެ.
“އައްސަލާމްޢަލައިކުމް ވަ ރަޙްމަތު ﷲ ވަ ބަރަކާތުހޫ….ދޮންތަ މިކޮޅަށް އައިތާ 24 ގަޑިއިރު ފަހުން ތި ގުޅައިލެވުނީ. މިނިވަންކަން ފާހަގަ ކުރިޔަސް ތިއީ ތަންކޮޅެއް ބޮޑުވަރު!” ހިބާ ބުންޏެވެ. އޭނައަށް ސްވިޓްޒަލޭންޑަށް އާދެވުނު ރޭ ހަމްނާ އޭނަގެ ޙާލު ބަލައިލަން ކޮށްލި މެސެޖަށްފަހު ހަމްނާ އިތުރު މެސެޖެއް ވެސް ކޮށްފައެއް ނެތެވެ. އެކަމާއިމެދު ހިބާ ހިސާބަކަށް ކަންބޮޑުވެފައިވެއެވެ.
“ސޮރީ ދޮންތާ….ހަމަ ނުގުޅުނީ. މޭއިބީ ދޮންތަ ބުނާހެން ހަމް މެންޓަލީ ޓަޔަޑްވެގެން ކަންނޭނގެ މިއުޅެނީ.” ހަމްނާ އެހެން ބުނެލީ، ފަރީދުބެގެ ގެއިން އޭނައަށް ދެވިފައިވާ ކޮޓަރީގެ އެނދުގައި ހެޑްބޯޑަށް ލެނގިލައިގެން އިނދެއެވެ. އެއާއިއެކު ހިބާގެ ކަންބޮޑުވުން ދެގުނަވެގެން ދިޔައެވެ.
“ކީއްވެ މެންޓަލީ ޓަޔަޑްވީ؟ ކަމެއް ދިމާވީތަ؟” ހިބާއަށް އަހައިލެވުނެވެ. އެ ހިނދު ފޯނުގެ އަނެއްކޮޅުގައި ހުރި ހަމްނާ އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވާ ގޮތްވިއެވެ. ދޮންތައާއި ޙިއްސާކުރަން އޭނަ ނިންމި ވާހަކައިގެ ޒާތުންނެވެ.
“އި…އިޓްސް އޯކޭ ދޮންތާ. މާ ބޮޑުކަމެއް ނުވޭ. ޗުއްޓީގަ ވެސް ނިންމަން ބައިވަރު އެސައިންމެންޓްތައް ދީފަ ހުންނާތީ.”
“އާރ ޔޫ ރިއަލީ ޝުއާރ ހަމްނާ؟ ދޮންތައަށް ހާދަ އެބަ ހީވެއޭ ކަމެއް ދިމާވިހެން. ކޮންމެ ވާހަކައެއްވެސް ދޮންތައާއި ޝެއާރ ކުރެވޭނެކަން ހަމްއަށް އެނގެއެއްނު؟”
“އައި ނޯ ދޮންތާ….”
ހަމްނާ އެހެން ބުނެފައި ފުން ނޭވައެއް ދޫކޮށްލުމުން ހަމްނާގެ ހިތްވަރު ދެރަވެފައިވި މިންވަރު ހިބާއަށް ނަގައިގަނެވުނެވެ. ހަމްނާއަށް ނަސޭޙަތެއް ދިނުމަށް ހިބާ އެ ވަގުތުކޮޅުގެ ބޭނުން ހިފިއެވެ.
“ދޮންތައާއި ޝެއާރ ނުކުރެވުނަސް އޭގެ މާނައެއް ނޫން ހަމްނާ އެކަނިވެރިވިއްޔޭ އިނގޭ. ދޮންތަ އަބަދުވެސް ބުނާހެން ﷲ ސުބުޙާނަހޫ ވަތަޢާލާ އަބަދުވެސް ހަމްނާއާއިއެކީ ވޮޑިގެންވޭ. ހަމްނާގެ ހިތަށް އުދަގޫ ކުރުވާ ހުރިހާ ކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ. ހަމްނާގެ އިޙްސާސްތައް ﷲ އާއި ޙިއްސާ ކުރޭ. ހިތަށް އުދަގޫވާ ކޮންމެ ފަހަރަކު ﷲ ގެ ޙަޟްރަތަށް އެ ޝަކުވާތައް ގެންދޭ. އެކަލާނގެ ހީވެސް ނުކުރާ ގޮތްގޮތުން ހަމްނާގެ ހިތަށް ހަމަޖެހުން ގެނެސްދެއްވާނެ އިން ޝާ ﷲ!” ހިބާ ބުންޏެވެ. އެ ވާހަކަ އިވުމަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހަމްނާ ވާހަކަ ދެއްކިއެވެ.
“ވިލް ޓްރައި ދެޓް ދޮންތާ…އެނީވޭސް ތިކޮޅުގެ ހުރިހާ ކަމެއް ކިހިނެއް؟ ވިންޓޭޖް ޓެކްނޮލޮޖީސްގެ އޮފީހަށް ގޮއްސިންތަ؟ އިސްމާޢީލް އީތަންގެ ގެ ވަރަށް ބޮޑުތަ؟”
ހަމްނާ ކުއްލިއަކަށް ވާހަކައިގެ ރާގު ބަދަލުކޮށްލި ގޮތުން ހަމްނާ އަވަސް މުސްތަޤްބަލެއްގައި އެ ސިއްރުކުރާ ކަމެއް އޭނައަށް ނާންގާނެކަން ހިބާއަށް އެނގުންވިއެވެ. އެކަމާއިމެދު އިތުރަށް ސުވާލުކުރަން ބޭނުންވިއެއްކަމަކު ހަމްނާ ކުރި ސުވާލުތަކަށް ޖަވާބުދޭން ފެށީ، އާދައިގެ މަތިން ހަމްނާ ލައްވާ އެއްވެސް ވާހަކައެއް ގަދަކަމުން ނުބުނުވުމަށެވެ. އެހެނަސް އެރޭ ހިބާގެ ހިތް ނުތަނަވަސްވަމުން ދިޔައީ ހަމްނާ ކުރިން ނުވާފަދަ ‘ނުރައްކަލެއްގައި’ ވެދާނެތީވެއެވެ. އެއްކަލަ ފިރިހެން ކުއްޖާއަށް ފުރުސަތެއް ދޭން ހަމްނާ ނިންމާފައިވާކަން ހަނދާންވަމުން ދިޔައީތީވެއެވެ. ހަމަ ގައިމުވެސް ސްކޫލްގެ ހަތަރު ފާރާއި، ފަރީދުބެގެ ގޭތެރޭގައި ހަމްނާ ވާހާ ހިނދަކު ނައުފަލްއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ނުދެވޭނެކަން ހިބާއަށް ޔަޤީންކުރެވުނެވެ. އެހެނަސް ބިރުގަތީ، ޚުދު ހަމްނާގެ އަމިއްލަ ޖަޒުބާތުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ހަމްނާ ބަލިކަށިވެގެން ހިނގައިދާނެތީވެއެވެ. އޭނައަށް ވެސް މާޒީގައިވެގެން ދިޔަ ފަދައިންނެވެ. ފޯނު ކަނޑައިލި ވަގުތު އެފަދަ ޙާލަތަކުން ހަމްނާ ރައްކާތެރި ކޮށްދެއްވުމަށް އެދި ހިބާއަށް ދުޢާކުރެވުނެވެ. އަދި ހަމްނާ އޭނަ ދެންމެ ދިން ނަސޭޙަތުގައި ހިފާނެ ގޮތް ހެއްދެވުމަށް އެދިވެސްމެއެވެ.
**
ހިބާއަށް ހީވީ ރަނގަޅަށެވެ. ނައުފަލްއަށް ހަމްނާއާއި ކައިރި ނުވެވުނެއްކަމަކު ހަމްނާގެ ހުރިހާ ކަންބޮޑުވުންތައް ގުޅިފައިވީ ނައުފަލްއާއިއެވެ.
ދޮންތަ މާލެއަށް ފުރައިގެން ދިޔަ ދުވަހުއްސުރެ ހަމްނާ މެދުކެނޑުމެއްނެތި ނައުފަލްގެ ޓިކްޓޮކްތައް ބަލައި ނައުފަލްގެ ހުރިހާ ސޯޝަލް މީޑިއާތަކަށް ގޮސް ސްކްރޯލް ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރިއެވެ. ދޮންތަ ހުރިއިރު އޭނަ މާ ގިނައިރު ވަންދެން ފޯނާއިއެކީ ހުންނަނަމަ ހަނދާންކޮށްދޭތީ އޭރު އެކަން ވަކި ހައްދެއްގައި ދެމި އޮތީއެވެ.
އެހެނަސް ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހަމްނާގެ ސަމާލުކަން މުޅިންހެން ނައުފަލްއަށް ހުއްޓިގެން ދިޔައެވެ. އެންމެ ގާތް އެކުވެރިންގެ ނަސޭޙަތްތަކާއި އެއްގޮތަށް ހަމްނާ ނައުފަލްގެ ސޯޝަލް މީޑިޔާތަކުގެ ތެރެއިން ސްކްރޯލްކުރަމުން ނައުފަލްއާއިމެދު އިތުރަށް ހޯދިއެވެ. އެ ހޯދި ހޯދުންތަކުން ނައުފަލްއަކީ މާލޭގެ މަހުޖަނަކަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އިބްރާހިމް މުޢީނަކީ މާލޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން މުޅި ރާއްޖޭގައިވެސް ނަން ހިނގާ ބޭފުޅެކެވެ. އިބްރާހިމް މުޢީންގެ ދަރިފުޅު އާސިފް މުޢީނަކީ ނައުފަލްއާއި ދެބެއިންގެ ދެދަރި ޒުވާނެއްކަން އެނގުމުން ހަމްނާއަށް އުފަލެއް ލިބުނެވެ. ނައުފަލް މުއްސަނދި ޢާއިލާއަކަށް ނިސްބަތްވުމަކީ އޭނަ ނައުފަލްއާއި އެކީ ވުމަށް ލިބުނު އިސްތިޚާރާގެ ރަނގަޅު ޢިޝާރާތެއް ކަމަށް ހަމްނާއަށް ނިންމުންނެވެ. މުއްސަނދިކަމާއި ތަނަވަސްކަމަކީ އުފާވެރި ޙަޔާތެއް ޔަޤީންކޮށްދޭ ކަންތައްތަކެއް ނޫންކަން ހަމްނާގެ ޅަ ސިކުނޑިއަށް ނުވިސްނެއެވެ.
އެ ‘ރަނގަޅު’ ޢިޝާރާތަށްފަހު ހަމްނާ ހީކުރީ ދެން މުޅިންވެސް ނައުފަލްގެ ފަރާތުން އޭނައަށް ފެންނާނީ އޭނައަށް ކަމުދާ ސިފަތަކެއް ކަމަށެވެ. އެހެނަސް ކަންތައް ވާން ފެށީ މުޅިން އެއާއި އިދިކޮޅަށެވެ. ނައުފަލްގެ ބައެއް ޓިކްޓޮކްތަކުގައި ހުތުރު ބަސްތަކާއި، އެފަދަ ބަސްތައް ހިމެނޭ ލަވަތައް ހިމެނިފައިވިތަން ފެނިފައި ހަމްނާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެހެނަސް އެއީ ނައުފަލްއަށްވުމުން، އެއީ މި ޒަމާނުގެ ކުދިން އުޅޭ ގޮތް ނޫންތޯ ހިތާހިތުން ބުނެވުނެވެ. އޭނަ ‘މި ޒަމާނުގެ’ ވިސްނުން ގެންގުޅޭ ފުރާވަރުގެ ކުއްޖަކަށް ނުވީ ދޮންތަގެ ސަބަބުން ނޫންތޯ ވެސް ހިތާހިތުން ކިޔައިލެވުނެވެ. އެފަދަ ވިސްނުމެއް އޭނަގެ ނެތުމުން ނައުފަލް ކަހަލަ ކުއްޖަކާއި އޭނަ ނުވެސް ގުޅޭނެތާއޭ ހަމްނާގެ ހިތަށްއެރިއެވެ. އެކަމަށްޓަކައި ހިސާބަކަށް އަމިއްލަ ދޮންތައަށް ވެސް ނުރުހުންވާ ގޮތްވިއެވެ. ނައުފަލްއާއިމެދު ހެޔޮކޮށް ވިސްނޭތޯ ބެލީ އެ ނުރުހުންތެރިކަމާއި އެކީގައެވެ.
އެހެނަސް ދެންވެސް ހަމްނާއަށް ނައުފަލްގެ ފަރާތުން ފެންނަން ފެށީ ޚުދު އޭނަ ހިތުގެ އަޑިން ނަފްރަތުކުރާ ސިފަތަކެވެ. މިގޮތުން ސްކޫލް ތެރޭގައި އުޅޭއިރު ނިކަމެތި ޢާއިލާތަކަށް ނިސްބަތްވާ ކުދިންނަށް މަލާމާތްކުރުމާއި، ހުތުރު ބަހުން ވާހަކަ ދެއްކުމާއި، މުދައްރިސުން ނުތިބޭ ތަންތާ އެ މުދައްރިސުންނަށް މަލާމާތް ކުރުން ހިމެނެއެވެ. އަދި އަމުދުން މީގެ ދެ ދުވަސްކުރިން ފެނުނު ނައުފަލްގެ ޓިކްޓޮކްއިން ހަމްނާގެ މޭނުބައި ކުރާ ގޮތްވިއެވެ. ނައުފަލްއަކީ އެދުވަސްވަރު ދައުރުވަމުން ދިޔަ ‘ރެއިންބޯ ފްލެގް’ އަށް ތާޢީދުކުރާ ޒުވާނެއްކަން އެނގުނު ހިސާބުންނެވެ. ދޮންތަ ނުބުންޏަސް އެ ދިދައިން ރަމްޒުކޮށްދޭ ހުރިހާ ކަމަކަށް ހަމްނާގެ ތަބީޢަތް ނަފްރަތުކުރެއެވެ. އޭނަ އެ ވާހަކަ އަމިއްލަ އެކުވެރިންނާއި ޙިއްސާ ކުރުމުން އެ އެކުވެރިން އޭނައާއި އެއްބަސްވާނެކަމަށް ހަމްނާ ހީކުރިއެވެ.
“އިޓްސް ނޯ ބިގް ޑީލް ހަމްނާ! ހުރިހާ އެންމެންގެ ވެސް ޗޮއިސެސްއަށް އަހަރުމެން ރެސްޕެކްޓްކުރަން ޖެހޭނެ. އެމީހަކު އެޓްރެކްޓްވާ ބަޔަކަށް އެމީހަކު އެޓްރެކްޓްވާނީދޯ؟ ދޭއި ކާންޓް ބީ ބްލޭމްޑް ފޯރ އިޓް! ނައުފަލް ރެސްޕެކްޓް ކުރޭ ޓްރާންސްޖެންޑާރ މީހުންނަށް ވެސް. އެއީއެއްނު މި ޒަމާނުގެ ސޮސައިޓީގަ އޮންނަންޖެހޭ ސިވިލް ވިސްނުމަކީ؟!”
އޭގެ އަނެއް ދުވަހު އިންޓަވަލް ގަޑީގައި ކުލާހުގައި ތިބެ އެ ވާހަކަ ހަމްނާ ޙިއްސާ ކުރުމުން ލައިޝާ ނުރުހުންތެރިކަމާއިއެކީ ބުންޏެވެ.
“ބަޓް އިޓްސް ނޮޓް ރައިޓްއެއްނު؟ އިސްލާމް ސާރ ކިޔައިދިނެއްނު ލޫޠުގެފާނުގެ ވާހަކަ؟ އެ ޤައުމުގެ މީހުންގެ ތެރޭގައި ހިމެނުނެއްނު އެކަމަށް ސަޕޯޓްކުރާ މީހުންވެސް؟ ދޭއި ވާރ ޑިސްޓްރޯއިޑް!” ހަމްނާ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއިއެކީ ބުންޏެވެ.
“އޯ ކަމޯން ހަމްނާ! ޑޫ ޔޫ ރިއަލީ ބިލީވް ދެޓް؟ އެއީ މާ ކުރީ ޒަމާނެއްގަ ވެފަ އޮތް ކަމެއްނު؟ ކިހިނެއް އެނގެނީ މި ޝެއިޚުންނާއި ތުނބުޅި ލީ މީހުން ކިޔައިދޭ ތި ވާހަކައަކީ ތެދު ވާހަކައެއް ކަމެއް؟”
“އިޓްސް އިން ދަ ޤުރުއާން! ދޮންތަ ބުނީ ޤުރުއާނުގަ އެ ވާހަކަ އޮވެޔޯ!”
“ހަހް! ދެން ތި ޤުރުއާނަކީ ކިހާ ވަރެއްގެ ޙަޤީޤަތެއްކަން އެނގެނީ ކިހިނެއް؟ ލެޓްސް ބީ އޮނެސްޓް ހިއާރ. އަހަރުމެންނަށް ޔަޤީންތަ ޤުރުއާން އެ ރަސޫލަކަށް ބާވައިލެއްވުނު ފަހުން އޭތި ބަދަލު ނުވާކަން؟ ކްރިސްޓިއަންސް ގެންގުޅޭ ބައިބަލްއަށް ވެސް ވާ ގޮތް މުޅި ދުނިޔެއަށް އެނގޭ. ކްރިސްޓިއަނުންގެ ދީނީ މީހުން ބޭނުންވާހާ ގޮތަކަށް އޭތި ބަދަލުކުރަމުން ދަނީ. ލޮޖިކަލީ ވިސްނާއިރު އެބަ އެނގޭދޯ އެތައް ސަތޭކަ އަހަރު ވަންދެން ފޮތުގެ ޓެކްސްޓެއް އެހުރި ގޮތަށް ނުހުންނާނެކަން؟”
ލައިޝާ ދެއްކި ވާހަކަތަކުން ހަމްނާގެ ހިތަށް ލޮޅުމެއް އައެވެ. ދެންމެ އެ ދެކެވިގެން ދިޔައީ ނުހަނު ގޯސް ވާހަކަތަކެއްކަމަށް ބުނެ އޭނަގެ އަމިއްލަ ހިތް ދިން އިންޒާރާއި އެކީ އެތަނުން ދާން ހިތް އެންގިއެވެ. އެހެނަސް ލައިޝާ އެ ކޮށްލި ސުވާލުތަކާއިމެދު ވިސްނަން ވެސް ހަމްނާއަށް މަޖުބޫރުވިއެވެ. އެ ސުވާލުތަކުގެ ޖަވާބު އޭނައަށް ނޭނގުނު ގޮތުން ލައިޝާ އެ ދައްކަނީ ތެދު ވާހަކައެއްހެން ހީވިއެވެ. އެ ހީވި ހީވުމުގެ ސަބަބުން ވެސް ހަމްނާގެ ގައިން ހީބިހި ނެގިއެވެ.
އެދުވަހުއްސުރެ ހަމްނާއަށް ލައިޝާ ދެއްކި ވާހަކަތަކާއިމެދު ވިސްނުނެވެ. އަދި އަމުދުން ލައިޝާ އެ ވާހަކަތައް ދެއްކީ ނައުފަލް ކުރި ކަމަކާއި ގުޅިގެން ކަމަށްވުމުން ނައުފަލް ވެސް ދީނާއިމެދު ގެންގުޅޭނީ އެފަދަ ވިސްނުމެއްތޯ ހަމްނާގެ ހިތަށްއެރިއެވެ. ނައުފަލް އެފަދަ ނަޒަރިއްޔާތެއް ގެންގުޅޭނަމަ، ނައުފަލްއާއިއެކީ އުޅެން އޭނަވެސް ޖެހޭނީ އޭނަގެ ނަޒަރިއްޔާތު ބަދަލުކުރަންތޯ ހިތަށްއެރިއެވެ.
ހަމްނާގެ ސިކުނޑިއާއި ހިތުގައި ހައިޖާނެއް އުފެދިފައިވީ މި ޚިޔާލުތަކުންނެވެ. އަދި އަމުދުން މި ހުރިހާ ކަމަކީ ނައުފަލްއާއި ދުރުވުމަށް ލިބެމުން ދިޔަ ޢިޝާރާތްތަކެއްކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔަ ދިޔުމުންނެވެ. ދޮންތަ ގާތު މި ވާހަކަތައް ދެއްކުމަށް އޭނަ ގުޅައިލީ ވަރަށް ހިތްވަރު ކުރުމަށްފަހުއެވެ. ގުޅުމަށްފަހު އެ ވާހަކަތައް ނުބުނެވުނީ ވެސް ދޮންތަ ނައުފަލްއާއި ދުރުވާން އަންގަފާނެތީވެއެވެ. ކޮންމެއަކަސް ހިތުތެރޭގައިވި ނޭދެވޭ އިޙްސާސްތައް ކޮންމެވެސް އެއްގޮތަކަށް ބޭރުކުރަން ހަމްނާ ބޭނުންވިއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ހަނދާނަށް އައީ ދެންމެ އެ ނިމުނު ކޯލުގައި ދޮންތަ ބުނެލި ވާހަކައެވެ. ﷲ ގެ ޙަޟްރަތަށް އޭނަގެ ޝަކުވާތައް ގެންދިޔުމަށް ދޮންތަ ދިން ޚިޔާލެވެ.
މީގެ ކުރިން ވެސް ދޮންތަ ވަނީ އެފަދަ ނަސޭޙަތްތައް އޭނައަށް ދީފައެވެ. ބޭނުންވާހާ ކަމަކަށް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ދޮންތަ އަބަދުވެސް ބުނެއެވެ. އެހެނަސް އަޅުކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކީ ހަމްނާ ނުހަނު އަވަސްއަވަހަށް ކޮށް ނިންމާލާ ކަންތަކަށް ވުމުން ދުވަހަކުވެސް އެފަދައިން ދުޢާއެއް ކޮށްފައެއް ނުވެއެވެ. ކޮންމެ ނަމާދަކަށްފަހު ހަމްނާ ކުރާހާވެސް ދުޢާއަކީ، ނަމާދުގެ ޒިކުރުތައް ދަސްކުރިއިރު ދަސްކޮށްފައިވާ ބައެއް ޢަރަބި ދުޢާތަކެވެ. އެ ވެސް އަވަސްއަވަހަށް ކިޔައި ނިންމައިލާއިރު ކިޔޭ ނުކިޔޭ އެއްޗެއް ޚުދު ހަމްނާއަކަށް ވެސް ނޭނގެއެވެ.
އެހެނަސް އެރޭ ކީއްވެކަމެއް ނޭނގެއެވެ. އެރޭ ކޮންމެހެން ވެސް ދުޢާއެއް ކުރަން ހަމްނާ ބޭނުންވިއެވެ. އޭނަގެ ޝަކުވާތައް ޙިއްސާކުރާނެ އެހެން ފަރާތެއް ނެތްހެން ހީވުމުންނެވެ. ނަމާދުން ބޭރުގައިވެސް ދުޢާ ކުރެވިދާނެކަމަށް ދޮންތަ ބުނެފައިވިޔަސް، އެދުވަހުގެ މެންދުރު ނަމާދު ނުކޮށް ހުންނާތީ ހަމްނާ ފުރަތަމަ ނަމާދު ކުރަން ނިންމިއެވެ.
އެދުވަހުގެ މެންދުރު ނަމާދު ކުރިއިރު ހަމްނާއަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. ފުރަތަމަ ފަހަރަށް ނަމާދު ކުރަމުން ދިޔައިރު އޭނަ ހުރީ އެކަންޏެއް ނޫންހެން ހީވިއެވެ. މަތީ ފަރާތަކުން އޭނަ ބައްލަވައިވޮޑިގެންވާކަމަށް ތަކުރާރުކޮށް އޭނަގެ ހިތް ބުނަމުން ދިޔަ ގޮތުން އިހުނަށްވުރެ ރަނގަޅަށް ޒިކުރުތައް ވެސް ކިޔަން މަސައްކަތް ކުރެވުނެވެ. ނަމާދު ނިމުމުން ހަމްނާ ޒިކުރުތައް ވެސް ކިޔުނީ ލަސްލަހުންނެވެ. އެއަށްފަހު ދުޢާކުރަން އަތް އުފުލައިލެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ. ހަމަ އެވަގުތު ޝައިޠާނާގެ ވަސްވާސްތައް ވެސް ހިތަށް ވެރިވިއެވެ. އޭނަގެ ދުޢާތައް އަޑުއައްސަވަން ހަމަ ޙަޤީޤަތުގައި ވެސް އިލާހެއް ވޮޑިގެންވޭތޯ އޭނަގެ ނަފްސު ސުވާލުކުރިއެވެ. އެހެނަސް އެ ޚިޔާލު ދޫކޮށްލަމުން ހަމްނާ އޭނަގެ ޝަކުވާތައް ބަންޑުން ކުރަން ފެށިއެވެ. ﷲ އޭނަގެ ދުޢާ އައްސަވައިވޮޑިގެންވާ ކަމަށްވާނަމަ އޭނައަށް އެހީވެދެއްވުމަށް އެދިއެވެ. އޭނަ ކޮންމެވެސް ކުއްޖެއްދެކެ ލޯބިވާ ކަމާއި، އެހެނަސް އެ ކުއްޖާ ގެންގުޅޭ ޚިޔާލުތަކުން އޭނަގެ ހިތަށް އުދަގޫވާ ކަމަށް ބުނަމުންނެވެ. ޚުދު އޭނަގެ އެކުވެރިންވެސް އެފަދަ ޚިޔާލުތައް ގެންގުޅޭތީ އޭނައަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވޭ ކަމަށް ބުނަމުންނެވެ. އަދި މީގެ ސަބަބުން ޚުދު އޭނަ ގެންގުޅެންވީ ނަޒަރިއްޔާތުވެސް އޭނައަށް ނޭނގިފައިވާކަމަށް ބުނަމުންނެވެ.
ދުޢާ ކުރުމުގެ ތެރެއިން އޭނައަށް މީގެ ދެ ދުވަސްކުރިން ޤުރުއާނާއި މެދު ވެސް ހިތުގައި ޝައްކު އުފެދުނު ވާހަކަ ހަމްނާއަށް ބުނެވެން އުޅުނެވެ. އެހެނަސް އެވަގުތު ހިތަށް ވެރިވި ނުތަނަވަސްކަމާއިއެކީ އެ ބަސްތައް ދުލާއި ހަމައަށް ނުގެނެވުނެވެ. ހަމްނާއަށް ނޭނގުނު ކަމަކީ، އޭނަ ދުލުން ބުނާ ބަސްތަކާއިއެކީ ހިތުގެ އެންމެ އަޑީގައިވާ ސިއްރުތައް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވާ ކަމެވެ.
ދުޢާކޮށް ނިމުމުން ނޭނގޭ ސަބަބަކާއިހުރެ ހަމްނާ ޤުރުއާން ކިޔަވަން ބޭނުންވިއެވެ. ދޮންތަ ރަށުން ދިޔަފަހުން އޭނަ އަދި އެންމެ ދުވަހަކުވެސް ޤުރުއާން ކިޔަވާފައެއް ނުވެއެވެ. ފަރީދުބެގެ ގެއަށް ބަދަލުވީފަހުން ވެސް އޭނަ އެކަމާއިމެދު އަޅާނުލާތީ އެ ކޮޓަރީގައި ޚަތިމެއްވެސް ނެތެވެ. އެގޭގެ މީހެއް ކައިރި ޚަތިމެއް ދޭން އެދުމުގެ ބަދަލުގައި ފޯނަށް ޤުރުއާން އެޕްލިކޭޝަނެއް އަޅަން ހަމްނާ ނިންމިއެވެ. އޭނަ ކުއްލިއަކަށް ‘އިޞްލާޙު’ ވެއްޖެހެން މީހަކު ލައްވާ ހީކުރުވަން ބޭނުން ނުވުމުންނެވެ. އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު ހަމްނާ ވަކި ވިސްނުމެއްނެތި ސްކްރޯލް ކުރަމުން ގޮސް ނަމެއްވެސް ނުބަލައި ސޫރަތެއް ހުޅުވައިލިއެވެ. ކަން ދިމާކުރި ގޮތުން އެ އެޕްލިކޭޝަނުގައި ކޮންމެ އާޔަތަކަށްފަހު އޭގެ މާނަވެސް އިނގިރޭސިން ލިޔެފައިވިއެވެ. އެހެނަސް ހަމްނާ ޤުރުއާން ކިޔަވަން ފެށީ އެ މާނައަށް ނުބަލަން ނިންމަމުންނެވެ. އޭނަ ބޭނުންވީ ޤުރުއާން ނުކިޔަވައި ވޭތުވި ދުވަސްތަކުގެ ބަދަލުގައި ހަމައެކަނި ޤުރުއާން ކިޔަވައިލުމަށެވެ. ކިޔަވަމުން ދިޔަ ވަގުތު ވެސް ލައިޝާގެ ފަރާތުން ޤުރުއާނާއި ބެހޭގޮތުން އޭނައަށް އިވުނު ވާހަކަތައް ތަކުރާރުކޮށް ހަމްނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ލައިޝާގެ އެ ސުވާލުތަކަށް ޖަވާބުދޭން އޭނައަށް ނޭނގޭކަމަށް ހުއްޓުމެއްނެތި އޭނަގެ ހިތް ބުނަމުން ދިޔައެވެ.
މި ޚިޔާލުތަކާއިއެކީ ވެސް ހަމްނާ ގަދަކަމުން ކިޔަވަމުން ގޮސް ނަޙްލު ސޫރަތުގެ އާޔަތަކާއި ހިސާބުން ހަމްނާ ބަލިވާ ގޮތްވިއެވެ. އެހާ ހިސާބުން އެ އާޔަތް ފާހަގަކުރަން އެއަށް ފިތައިލަން އުޅުނު ވަގުތު އާޔަތުގެ މާނައަށް ބަލައިލެވުނެވެ. އެ ހިނދު އޭނަ ހުއްޓުން އަރާ ގޮތްވިއެވެ.
“…ފަހެ ތިޔަބައިމީހުންނަށް ނޭނގޭކަމަށް ވާނަމަ، ޢިލްމުގެ އަހުލުވެރިންނާއި ސުވާލު ކުރާށެވެ!”
އާޔަތުގެ ފަހު ބަސްތަކުގައިވި އެ ބަސްތައް ފެނިފައި ހަމްނާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. ދެންމެ ކިޔަވަމުން ގޮސް ހަމަ މި އާޔަތަށް އޭނައަށް މަޑުކުރެވުމަކީ އިއްތިފާޤެއް ނޫންކަން އެ ވަގުތު ޔަޤީންކުރެވުނެވެ. ހަމަ އެ ހިނދު މި ޤުރުއާނުގައި ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް ނޭނގޭ އަޖާއިބު ކުރުވަނިވި ކަންތައް ވާނެކަމަށް ވެސް ހިތް ބުންޏެވެ. އެވަގުތު ހަމްނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އެ އާޔަތުން ބަޔާންވެގެން ދިޔަ ގޮތަށް ކަންތައް ކުރުމަށެވެ.
**
އެރޭ ނިދަން އޮށޯވެ އޮވެ ވެސް ހިބާއަށް އެދުވަހު ވެދިޔަ ކަންތަކާއިމެދު ވިސްނުނެވެ. އެދުވަހު އޭނަ އީތަން ސާރ ގެ ގައިގައި ޖެހުނު ގޮތާއި، އެދުވަހު ހަވީރު އޭނައަށް ހީވި ހީވުމެވެ. އެ ހީވުމަކީ ރަނގަޅު ހީވުމެއްތޯ ޔަޤީން ކުރުމަށްޓަކައި އެރޭ އޭނައަށް އީތަން ސާރއަށް ނަޒަރުތަކެއް ދެވުނެވެ. އެހެނަސް ހިބާއަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އީތަން ސާރއަކީ އޭނައަށް މީގެ އެތައް އަހަރު ކުރިން ފެނިފައިވާ ދާރިސްއަށް ވުމަކީ ނާދިރު ކަމެކެވެ. އޭނައަށް ނުހަނު ގާތުން އެ ފެންނަ ޝަޚްޞިއްޔަތަކީ ދާރިސް ކަމަށްވާނަމަ އެ ޝަޚްޞިއްޔަތަށް އެހެން ނަމެއް ކިޔަންވީ ކީއްވެތޯ ހިބާގެ ހިތަށްއެރިއެވެ. އެދުވަހު ކުރެވުނު ޝައްކުގެ މަތިން ހަނދާން ނައްތައިލަން ހިބާއަށް މަޖުބޫރު ކުރުވީ އެ ޚިޔާލެވެ.
ދާރިސްގެ ނަން ހިތަށް ވެރިވުމާއިއެކު އާދައިގެ މަތިން ދާރިސްގެ ހަނދާންތައް ހިބާގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ދާރިސްއާއިއެކީ ހަމްނާއަށްޓަކައި އޭނަގެ ހިތުގައިވި ކަންބޮޑުވުމާއިމެދު ވިސްނުމުން، ދާރިސް އޭނައަށް ދަސްކޮށްދިން ކަންތައް ހަމްނާއަށް ދަސްކޮށްދޭންވީތާއޭ ހިތަށްއެރިއެވެ. ‘ބޭކާރު އިމޯޝަނަލް އިންވެސްޓްމެންޓް’ އަކީ އޭނައަށް ދާރިސްގެ ފަރާތުން ދަސްވެފައިވާ ކަމެއްވިއްޔާއެވެ.
ދާރިސް އެ ބަސްތައް ބުނި ދުވަސްމަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިބާގެ މެއަށް ފިނިވެގެން ދެއެވެ. އެދުވަހަކީ އޭނަގެ މުޅި ޙަޔާތަށް އިންޤިލާބެއް ގެނައި ދުވަހަކަށްވާތީވެއެވެ. ދާރިސް ދެއްކި އެ ވާހަކަތަކުގެ ތެދުކަން ހިބާއަށް އެ ވަގުތުން ވަގުތަށް ވެސް އިޙްސާސް ކުރެވުނެވެ. އެވަގުތުކޮޅުގައި ދާރިސްގެ ކުރިމަތީގައި ރުޅި އިސްކުރެވުނު ކަމުގައި ވިޔަސްމެއެވެ. ހިބާ ރުޅި އިސްކުރީ އޭނަ އެވަގުތު ބަލިކަށި ނުވާކަން ދާރިސްއަށް ދެއްކުމަށެވެ. އެހެނަސް އޭނަ ނުރުހުންތެރިކަން ފާޅުކުރުމުން ވެސް ދާރިސް އޭނައާއިމެދު އަޅާލާކަން އެނގުންވުމުން، ހިބާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.
“އައި ލަވް ޔޫ ޓޫ، ހިބާ… މި ބަސްތައް ހިބާ އަޑުއަހަން ތައްޔާރުވި ދުވަހަކުން އަހަރެން ބުނާނަން އިން ޝާ ﷲ!” ދާރިސްގެ އެ ބަސްތަކާއެކީ ނުރޯން ގަދަ ހަދައިގެން ހުރި ހިބާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އެއީ ކީއްވެކަން ޚުދު އޭނައަށް ވެސް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ އޭނަ ރޯތަން ދާރިސްއަށް ވެސް އަދި އެހެން މީހަކަށް ވެސް ދައްކަން ބޭނުމެއް ނުވި ކަމެވެ.
ދާރިސް އޭނައަށް ބަލަބަލާ ހުއްޓާ ހިބާ ތިރިއަށް ނަޒަރު ހުއްޓައިގެން ދިގު ފިޔަވަޅުތަކެއްގައި ގެއަށް ވަންނަން ދިޔައީ އެހެންވެއެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ދޮރު މައްޗަށް މީހަކު އެރިހެން ހީވުމުން ފިޔަވަޅުތައް މަޑުޖައްސައި އިސްއުފުލައި ބަލައިލެވުނެވެ. އެހިނދު ދޮރުކަންޏަށް ލެނގިލައިގެން ހުރި ބައްޕަ ފެނިފައި ހިބާ ސިހުންވާ ގޮތްވިއެވެ. ދެންމެ ދެކެވުނު ވާހަކަތައް ބައްޕައަށް އިވުނުކަން ޔަޤީންވީ، ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސްކަމުންނެވެ. ހިތަށް ވެރިވެފައިވި އެތައް ނޭދެވޭ ޖަޒުބާތުތަކާއިއެކީ ބައްޕަގެ ނުރުހުންތެރިކަން ވެސް އޭނައަށް އަމާޒުވެއްޖެކަން އެނގުންވުމުން އެ ހުރިތަނަށް ތިރިވާން ހިބާ ބޭނުންވިއެވެ. އެހެނަސް އެއްވެސް މީހެއްގެ އެހީ ހޯދަން ބޭނުމެއް ނުވުމުން ހިބާ ބައްޕަގެ މޫނުން ވެސް ނަޒަރު ވަކި ކުރުމަށްފަހު އަވަސް ފިޔަވަޅުތަކެއްގެ ގޮސް ގެއަށް ވަނެވެ.
ހިބާއަށް އެ ވަގުތުކޮޅުން ފަށައިގެން 2 ގަޑިއިރެއްހާއިރު ވަންދެން ރޮވުނެވެ. ރައުފްއާއި ވަކިވުމާއި، ރައުފްއާއި ގުޅެން އޭނަ ރޭވި ރޭވުން ފޭލްވެގެން ދިޔުމުން ހިތަށް ތަދުވަމުން ދިޔައެވެ. ދާރިސް ބުނިހެން އޭނަ ރައުފްމަތިން ހަނދާން ނައްތައިލަން ޖެހޭ ކަމުގެ ޚިޔާލުން ހިތުތެރެއިން ހުސްކަމެއް އިޙްސާސް ކުރެވެމުން ދިޔައެވެ. ވޭތުވެ ދިޔަ 7 މަސް ވަންދެން އޭނައަށް އެންމެ ބޮޑު އުފަލެއް ލިބެމުން ދިޔައީ ރައުފްގެ ފަރާތުން ކަމަށްވުމުން ރައުފް ހަނދާން ނައްތައިލުމުގެ ޚިޔާލުން އޭނަގެ ހިތްދަތިވިއެވެ. ރައުފް މަތިން ހަނދާން ނައްތާލައިފިނަމަ އޭނައަށް ދެން އުފަލެއް ނުލިބޭނެހެން ހީވީތީވެއެވެ.
ބައްޕައާއި ދިމާވި ވަގުތުކޮޅުއްސުރެ ރޭގަނޑު 8 ޖަހަންދެން ހިބާ ކޮޓަރިން ނުނިކުމެއެވެ. އެ ހުރިހާ ވަގުތު ވަންދެން އެއްވެސް މީހަކު އޭނައަށް ގޮވައިލަން ވެސް ނާދެއެވެ. އެކަމާއިމެދު ދެރަވީ ހިނދު ހިތްހަމަވެސް ޖެހުނެވެ. އެއްވެސް މީހެއްގެ ކުރިމައްޗަށް ގޮސް ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނަގެ ކިބައިގައި ހުރިހެން ހީނުވީތީވެއެވެ.
އެހެންވިޔަސް ރޮއިރޮއި ވަރުބަލިވެ މާޙައުލު ބަދަލުކޮށްލަން ހިބާ ބޭނުންވީތީ ކުޑަކޮށް ފެންވަރައިލުމަށްފަހު ހިބާ ބޭރަށް ނިކުތެވެ. 8:30 ވާން ކައިރިވެފައިވި އެ ވަގުތަކީ ޢާއްމުގޮތެއްގައި އެންމެން ރޭގަނޑު ކާ ގަޑިއެވެ. އެހެނަސް ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު ސިޓިންގް ރޫމާއި ދިމާލުން އޭނައަށް މުޅިން ވެސް އިވެމުން ދިޔައީ ހަމްނާއާއި މަންމަގެ އަޑެވެ. ބައްޕައާއި ދާރިސް ނުކަނީތޯ ހިތަށްއެރި ވަގުތު ބައްޕަގެ ކޮޓަރިއާއި ދާރިސްގެ ކޮޓަރީގެ ދޮރަށް ވަކިވަކިން ބަލައިލެވުނެވެ. އެދެމީހުން އޭނައަށްޓަކައި ދެރަވީތޯ ހިނދުކޮޅަކަށް ހިތަށްއެރިއެއްކަމަކު ވަކި މާ ބޮޑު ފިކުރެއްނެތި ގޭގެ ބިއްދޮށާއި ދިމާލަށް ދިޔައެވެ.
ބިއްދޮށަށް ދެވޭ ދޮރު ހުޅުވައިލުމަށްފަހު ބޭރުގެ ބޮކި ދިއްލައިލަމުން ހިބާ ގޮސް އިށީނީ ބަގީޗާ ތެރޭގައި ބެހެއްޓިފައިވި ދިގު ޖޯލީގައެވެ. ޖޯލީގައި އޮށޯވެ ހިބާ އުޑުގައިވި ތަރިތަކަށް ނަޒަރު ހުއްޓައިލީ ދުޅަވެފައިވާ ދެލޮލާއި އެކީގައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހަމަޖެހުމެއް ލިބުނެއްކަމަކު އެވަގުތުވެސް މޭތެރޭގައިވި ރިހުމާއި ހުސްކަމުގެ އިޙްސާސް ކުރެވުނެވެ.
ހިބާ އިންގޮތަށް އިންދާ ކަނާތް ފަރާތަކަށް ނަޒަރު ހުއްޓައިލެވުނީ މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. ހިބާ ބަލައިލިއިރު ބައްޕަ ވަކި އޭނައަށް ބެލުމެއްވެސް ނެތި އައިސް ޖޯލީގައި އޭނަގެ ކައިރީގައި އިށީނެވެ. ހިބާ ހީކުރީ ބައްޕަ އިށީންނައިރަށް ނުރުހުންތެރިކަމާއިއެކީ ވާހަކަ ދައްކާނެ ކަމަށެވެ. އެހެނަސް ބައްޕަ އިރުކޮޅެއް ވަންދެން ހިމޭންކަން ޚިޔާރު ކުރިއެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރިކަމުގެ ސަބަބުން ހިބާ އެތަނުން ދާހިތެއްނުވިއެވެ. ބައްޕަ އޭނަގެ ހިތާމައިގައި ބައިވެރިވާން އުޅުނުހެން ހީވުމުންނެވެ.
މިނެޓްތަކެއް ވަންދެން ބައްޕަ އޭނައާއިއެކީ އުޑަށް ނަޒަރު ހުއްޓައިގެން އިނދެފައި ވާހަކަ ދެއްކިއެވެ.
“ހިބާއަށް އެނގޭތަ ބައްޕަ ހިބާއަށް ތި ނަން ދިނީ ކީއްވެކަން؟” ބައްޕަ ސުވާލުކުރިއެވެ. އެހިނދު ހިބާއަށް ބައްޕައަށް ބަލައިލެވުނެވެ. އެވަގުތު ވެސް ބައްޕަ ހުރީ އުޑަށް ނަޒަރު ހުއްޓައިގެންނެވެ.
“ނޭނގެ.” ހިބާއަށް ބުނެލެވުނެވެ. ބައްޕަ ފުން ނޭވައެއް ދޫކުރިއެވެ.
“މަންމައާއި ބައްޕަ އެކީގަ ލައިފެއް ފެށިތާ 5 އަހަރުވީ އިރު ވެސް ކުއްޖެއް ނުލިބޭ. އެކަމަކު އުއްމީދު ކަނޑައިލުމެއްނެތި އަބަދުވެސް ﷲ ގެ ޙަޟްރަތުގަ ދުޢާ ދެންނެވިން. އެކަމަކު 6 ވަނަ އަހަރުވެސް ހަމަ އެގޮތުގައ ފާއިތުވާން ފެށީމަ ބައްޕަގެ އުއްމީދުގެ ހުޅުކޮޅު ނިވެން ފެށި. އޭގެ ސަބަބުން ބައްޕަގެ އީމާންކަން ވެސް ބަލިކަށިވެގެން ދިޔަ. އެދުވަސްކޮޅު ބައްޕައަށް އިވުނު ނަޞޭޙަތަކުން އިވުނު ގޮތުގަ ﷲ ގެ އެއް ނަންފުޅަކީ الوَهَّاب. އޭގެ މާނައަކީ ﷲ އަކީ ގިނަގިނައިން ހަދިޔާ ދެއްވަވާ އަދި ހަދިޔާ ދެއްވަން ލޯބިވެވޮޑިގެންވާ ރަސްކަލާނގެ. އެފަހުން ބައްޕަ ﷲ ގެ އެ ނަންފުޅާއިއެކީ ދުޢާކުރަން ފެށިތާ މާ ގިނަ ދުވަހެއްނުވެ މަންމަ ބަލިވެ އިނީ. ލޯބިލޯބި އަންހެން ކުއްޖެއް ލިބިގެން ދިޔައިމަ ބައްޕަ އެކުއްޖާއަށް ކިޔުނީ ހިބާ، މާނައަކީ ހަދިޔާއޭ. ބައްޕަ އެދުވަހުން ފެށިގެން އަމިއްލަ ނަފްސަށް ވަޢުދުވިން މި ކުއްޖާއަކީ ﷲ ގެ ޙަޟްރަތުން ބައްޕައަށް ލިބުނު އެންމެ އަގުހުރި ހަދިޔާގެ ގޮތުގަ ގެންގުޅެން. އަންހެން ކުއްޖަކަށް ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން ޢަޒުމް ކަނޑައެޅިން. އަންހެން ކުއްޖަކަށްޓަކައި އެންމެ ބެސްޓް ބައްޕައަކަށް ވެވޭނީ ކިހިނެއްކަން ހޯދައި އެ މަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރިން…”
ބައްޕަ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވުނު އިވުނުހެން ހިބާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބައްޕަ އެ ދެއްކި ވާހަކަތަކުގެ ތެދުކަން އިޙްސާސް ކުރެވުނީ، ބައްޕަ އަބަދުވެސް އޭނައާއިމެދު ނުހަނު ލޯތްބާއި އަދި ޤަދަރާއިއެކީ ޢަމަލުތައް ބަހައްޓާ ގޮތުންނެވެ. ބައްޕަ ހަމަ މިވަގުތު މި ވާހަކަތައް މި އިއްވަނީ، އޭނަ ބައްޕަގެ ބަސްނޭހި ކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރުވަންތޯ އެވަގުތު ހިތަށްއެރިއެވެ. އެހެނަސް…
“އެކަމަކު މިއަދު ބައްޕަ އެކަން ކުރުމުގަ ފޭލްވެފައިވިކަމުގެ އިޙްސާސެއް ކުރެވުނީ. އެ ނޫންނަމަ ހިބާ ތިފަދަ ހިތާމައަކަށް ދިޔުމުގެ ކުރިން ގާތް އެކުވެރިއެއްގެ ގޮތުގަ ބައްޕައަށް ހިބާ ރައްކާތެރި ކުރެވުނީސް. ބައްޕަ އަބަދުވެސް އުއްމީދުކުރީ ހިބާއަށް ކަމުދާ ފިރިހެން ކުއްޖާގެ ވާހަކަވެސް ޖެހިލުންވުމެއްނެތި ހިބާއަށް ބުނެވޭނެ ކަހަލަ އެކުވެރިއަކަށް ބައްޕައަށް ވެވޭނެކަމަށް. އެކަމަކު ހިބާގެ ނަޒަރުގަ ބައްޕަ އެފަދަ އެކުވެރިއަކަށް ނުވީތީ ދެރަވެއްޖެ…” ބައްޕަ ބުންޏެވެ. ބައްޕަ އިސްޖަހައިލި ގޮތުން ޙަޤީޤަތުގައި ވެސް ބައްޕަ އަމިއްލަ ނަފްސު ކުށްވެރި ކުރީހެން ހީވި ހީވުމާއިއެކީ ހިބާއަށް ވާހަކަ ދެކެވުނެވެ.
“ނޫން ބައްޕާ. ބައްޕަގެ ފޯލްޓެއް ނޫން އެއީ. އަހަރެންގެ ގިނަ ފްރެންޑުން ވެސް ރިލޭޝަންޝިޕްތަކުގެ ވާހަކަ އެކުދިންގެ މަންމައާއި ބައްޕައަށް ނާންގާތީ އަހަންނަށް ވެސް ހީވީ އެކަން އޮންނަންޖެހޭނީ އެހެންހެން. ދެން ބައްޕަވެސް ބުނެފަ ވިއްޔާ އޮންނަނީ އެކަހަލަ ރިލޭޝަންޝިޕްތަކަށް ނުދާށޭ. އެހެންވީމަ ނުބުނީ…”
“ހުމް…އިޙްސާސްތަކާއި ކުޅޭކުޅޭ ރިލޭޝަންޝިޕްތަކަށް ނުދާށޭ ބައްޕަ ބުނީ. އެކަމަކު އޭގެ މާނައެއް ނޫން ހިބާއަށް ފިރިހެން ކުއްޖަކު ކަމުދިޔުމަކީ ގޯހެކޭ. ކަމުދިޔައިމަ ބައްޕަގާތު އެ ވާހަކަ ހިބާއަށް ބުނެވޭނެ. އޭރުން ބައްޕައާއި އެކީގަ ހިބާއަށް އެކުއްޖާއާއިމެދު އިތުރަށް ހޯދޭނެ. މިއަދު ދާރިސް ބުނިހެން އިމޯޝަނަލީ އިންވެސްޓްކުރުމުގެ ކުރިން މިއީ އިންވެސްޓްކުރަން ރަނގަޅު މީހެއްތޯ ބައްޕައާއި އެކީގަ ހޯދޭނެ. އޭރުން ހިބާ ތިކަހަލަ ހިތާމައަކަށް ދާކަށް ނުޖެހޭނެ ދަރިފުޅު!”
ބައްޕަ ލޯތްބާއިއެކީ ދެއްކި ވާހަކަތަކުން ހިބާގެ ހިތަށް އަސަރުކުރިއެވެ. ކުޑަ މިންވަރަކުން ނަމަވެސް އޭނަގެ އެކަނިވެރިކަން ފިލައިދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ހިބާ އެއްޗެކޭ ނުބުނުމުން ބައްޕަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ހިބާ އިންވެސްޓްކުރަން ޖެހޭނީ ހިބާގެ ބައްޕަ ހިބާއަށް މިދޭ ލޯތްބާއި އަޅައިލުން ދެވޭނެފަދަ މީހަކަށް. ހިބާގެ ބައްޕަ ހިބާ މިގެންގުޅޭހާ އުފަލުގަ ގެންގުޅެވޭނެ މީހަކަށް. ހިބާގެ ބައްޕަ ހިބާ ވެލިއު ކުރާވަރަށް ވެލިއު ކުރާނެ މީހަކަށް. އެ ނޫން ގޮތަކަށް ހިބާއާއިމެދު ކަންތައް ކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ. އެހެނީ ﷲ ގެ ޙަޟްރަތުގަ ވެސް ހިބާ ތިއީ ޤަދަރުވެރިވެގެންވާ އިންސާނެއް. އަބަދުވެސް މިކަންތައް ހަނދާން ބަހައްޓާތި ދަރިފުޅު….” ބައްޕަ ބުންޏެވެ. މިފަހަރު އެ އިވުނު ވާހަކަތަކުން ހިބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.
“އެކަމަކު އެގޮތަށް ކަންތައް ކުރާ މީހަކަށް އޯލްރެޑީ އިންވެސްޓްވެފަ ހުރިއްޔާޔޯ؟ އައި ފީލް އެމްޕްޓީ. ދެރަވޭ އޭނަ މަތިން ހަނދާން ނައްތައިލަން ޖެހޭތީ.” ހިބާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އޮވެ ބުންޏެވެ.
“އިޓްސް އޯކޭ ހިބާ ލޯބިކޮޅު. ހިބާއަށް ނޭނގި ހެދުނު މިސްޓޭކެއް އެއީ. ޖަޒުބާތުތައް ހަމައަކަށް އެޅެން ދުވަސްކޮޅެއް ނަގާނެ. އޭނަ މަތިން ހަނދާންވިޔަސް އޭގެ މާނައެއް ނޫން އޭނަގެ ކައިރިއަށް ހިބާ އަނބުރާ ދާންޖެހެއޭ. ނޮޓް އާފްޓާރ ވަޓް ހީ ޑިޑް ޓު ޔޫ. ދާރިސް ބައްޕައަށް ކިޔައިދީފި ކަންތައް ވީ ގޮތް. ހިބާއާއި ރައްޓެހިވެގެން އުޅުނުއިރު ވެސް އަމިއްލަ އެކުވެރިންނާއިއެކީ އޭނަ ހިބާއަށް މަލާމާތްކޮށް ހެދީ…”
“ވް…ވަޓް؟! ދާރިސްއަށް ކިހިނެއް އެނގުނީ؟!”
“ދާރިސް ބުނީ ތިމަންނަ އަޑުއެހީމޭ އޭނަގެ އެކުވެރިންނާއި ވާހަކަ ދެއްކި އަޑު. އޭނަ ހިބާއާއި ވަކިވުމުގެ ކުރިން ވެސް އެހެން ކުއްޖަކާއި ރައްޓެހިވާން ރާވައިގެން ހުރީ….މި ވާހަކަ އިވިފަ ވެސް ހިބާ އިތުރަށް ދެރަވާނެކަން އެނގޭ. އެކަމަކު އެންމެ ރަނގަޅުވާނީ މި ހިތާމަތައް އިޙްސާސްކޮށް އެ އިޙްސާސްތަކުން އަރައިގަތިއްޔާ. ފީލް އިޓް އެންޑް ލެޓް އިޓް ޕާސް….ކިތަންމެ ގިނަ ދުވަހެއް ވިޔަސް ހިބާ އަނެއްކާވެސް އުފާވާނެ އިން ޝާ ﷲ. އައި ޕްރޯމިސް ޔޫ.” ބައްޕަ ބުނެލި ވާހަކަތަކުން ކުރީކޮޅު ދެރަވިއެވެ. ރައުފްއާއިމެދު އޭނައަށް މިއިވުނު ވާހަކައަށްފަހު އޭނައަށް ލިބުނު ހިތާމައިން ދުވަހަކުވެސް އަރައިނުގަނެވޭނެހެން ހީވިއެވެ. އޭނަ އަނެއްކާވެސް އެއްޗެކޭ ނުބުނުމުން ބައްޕަ ފަހު ނަސޭޙަތެއް ދިނެވެ.
“ހިބާ ދެންމެ ތި ބުނީއެއްނު ޔޫ ފީލް އެމްޕްޓީއޭ؟ އެ ހުސްކަން ފުރުވާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އެނގޭތަ؟ ﷲ ގެ ހަނދުމަކުރުން. އެ ފަރާތަކަށް އިމޯޝަނަލީ އިންވެސްޓްކޮށްގެން ދުވަހަކުވެސް ގެއްލުމެއް ނުލިބޭނެ ފަރާތަކީ ހަމައެކަނި އެއީ. ހިބާގެ ހިތުގައިވާ ޒަޚަމްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ އަދި އެ ޒަޚަމްތަކަށް ޝިފާ ދެއްވާނެ ފަރާތަކީ ވެސް އެއީ. އަދި އެއަށްފަހު ހިބާއަށް ޙައްޤުވާ ކަހަލަ ލޯބިވެރިޔަކު ހިބާގެ ޙަޔާތަށް އެންމެ ރަނގަޅު ގޮތުގަ ފޮނުއްވާނެ ފަރާތަކީ ވެސް އެއީ. މިއަދު އެހުރިހާ ކަމެއް އިމްޕޮސިބަލްހެން ހީވިޔަސް މިއަދު އެކަން ސްޓާޓްކުރަންވީ ހިބާ. ބައްޕަ މި ބުނަނީ ޙަޤީޤަތެއްތޯ ބަލައިލަން ވިޔަސް އެކަލާނގެ މަގަށް ރުޖޫޢަވެ އެކަލާނގެ މަތިން ގިނަގިނައިން ހަނދުމަކުރަންވީ. ދެޓްސް ހައު ޔޫ ހީލް…”
ބައްޕަ ބުންޏެވެ. އެހިނދު ކީއްވެކަމެއް ނޭނގެއެވެ. ﷲ ހަނދުމަކުރުމުގެ ޚިޔާލުން ވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ﷲ އެންގެވި ގޮތަށް އުޅުމުގެ ރޫޙެއް ހިތުގައި އުފެދުނެވެ. އެކަމަށްޓަކައި އޭނަ ކުރާނެ ކަންތައް ސިކުނޑީގައި ރޭވެން ފެށި ވަގުތު ބައްޕަ ވާހަކަ ދެއްކި އަޑު އިވުނެވެ.
“މި ކުއްޖާ މިތާ މިހިރީ މަޙުރަމެއްގެ ބައި އަދާކުރަންތަ؟” ބައްޕަ ރާގަކަށް އެހިއެވެ. ހިބާ ބަލައިލިއިރު ބައްޕަ ހުރީ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެހިނދު ދޮރުމަތީގައި ހުރި ދާރިސް ލަދުން ގޮސް ބަލަންވީ ދިމާލެއް ނޭނގިފައި ހުއްޓެވެ.
އެ ހަނދާން އާވެގެން ދިޔުމުން އެނދުގައި އޮށޯވެ އޮތް ހިބާއަށް ހީލެވުނެވެ. އޭރު އޭނައަށް އެހާ ބޮޑަށް ފާހަގަނުވިޔަސް ދާރިސް ހާދަ ލޯތްބޭ ހިތަށްއެރިއެވެ. އެހިނދު އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް ދާރިސް ކޮބައިތޯ ހިބާގެ ހިތަށްއެރިއެވެ.
ނުނިމޭ
Jana
August 14, 2021 @ 9:47 am
Assalaam’alaikum. Alhamdhulillah mi bai dhigukoh mi genesdhevuny. In Sha Allah Jana balaanan mi hafthaa therey last 3 parts ge post thah genesdheveytho. Adhi mirey comment thakah reply kureveytho. Much love for your support and patience! Jazaakumullah Khairan! Stay safe dear readers! ^_^ <3
Mish
August 14, 2021 @ 11:50 am
V v v v v v v v reeeeeeeeeeethi
Maasha Allah
❤❤❤❤❤❤❤
This is awesome sis
I dont know what to say
kokki
August 15, 2021 @ 1:02 am
hibaa u r living with him
kon iraku baa igeynee.
mihaaru story dhaagothun heevanee hamnaa ah gotheh vegen hibaa alun raajje annan jeheyeehen .
anyways a guess igey. neygeyne viyya vaane gotheh.
eyavvure janaa sis maa molhu viyya kiyuntherin thalhuvaalan. masha allah
varah salhi mi baivess
Jana
August 21, 2021 @ 3:19 pm
Dhw dhw kokki? I was telling her the same thing as I wrote that part. hmm….haadha salhi guess ekey kokki. balamaa vaagotheh. abadhuves balan thalhuvaaleveytho hehe 😉 Alhamdhulillah! 😀
Aalaa
August 15, 2021 @ 2:04 pm
Maasha Allah
Do ur best sis
Jana
August 21, 2021 @ 3:20 pm
This comment encouraged me a lot during the break I took Aalaa. Jazaakillah Khairan, love! <3 <3 <3
Anonymous
August 20, 2021 @ 3:14 am
މި ކުއްޖާ މިތާ މިހިރީ މަޙުރަމެއްގެ ބައި އަދާކުރަންތަ؟” ބައްޕަ ރާގަކަށް އެހިއެވެ.
Kiive ehn ebuny? Anyways vhk vrh rythi ingey masha allah 😁
Jana
August 21, 2021 @ 3:22 pm
Hehe…ey samaasaa ekey Anonymous. Dhaaris Hiba aa vaahaka dhekki iru Shaheedhube ves huri dhoru kaireega dho? mahuramegge bai adhaa kuran? ey anhen kujjaku firihen kujjakaa vaahaka dhakkaairu mahurameh hunnan dho innany. ekamaku anhen kujjaku bappa aa vaahaka dhakkaairu vaki meeheh hunnaakah nujeheyne dho? Dhaaris ethaa dhoru kairi vaahaka adu ahan hureema Shaheedhu samaasaa akah ehen buny. hehe ^_^