ދާރިސް (ވިހިވަނަ ބައި)
އޮފީހަށްދާން ތައްޔާރުވުމަށްފަހު އީތަން ކޮޓަރިން ނިކުންނަން ދިޔައީ މާ ބޮޑު ވިސްނުމެއްނެތިއެވެ. ކޮޓަރިން ނިކުތުމަށްޓަކައި ދޮރުގެ ތަޅުގައި ހިފައިލަމުން ދަމައިލި ވަގުތު ނޭނގޭ ސަބަބަކާއިހުރެ އާދައަށްވުރެ ބޮޑަށް ބާރުލާން ޖެހުނެވެ. އެއީ ކީއްވެކަން އީތަންއަށް އެނގުންވީ ދޮރު ހުޅުވިގެން ދިޔަ ވަގުތު ދޮރު މަތިން އަންހެން ކުއްޖަކު ފެނުމުންނެވެ. އެ ކުއްޖާގެ ސޫރަ ނަގައިގަނެވުމުގެ ކުރިން އެ ކުއްޖާ އޭނައާއި ދިމާލަށް ވެއްޓެން އައިކަން ފާހަގަކުރެވުނެވެ. އިސާހިތަކު އެކުއްޖާގެ ބޯ ގޮސް އޭނަގެ މޭމަތީގައި ޖެހުނު ވަގުތު އެކުއްޖާ ރައްކާތެރި ކުރުމަށް ބޭއިޚްތިޔާރުގައި ގެނެވުނު ޙަރަކާތަކުން، އީތަންއަށް އެކުއްޖާގެ އުނަގަނޑުގައި އެއްއަތް ވަށައިލެވުނެވެ.
އެ ހިނދު އީތަންގެ ހިތް ބާރަށް ތެޅެން ފެށި ގޮތުން އޭނަ ބިރުވެސް ގަންނަހާވިއެވެ. ނޭނގޭ ސަބަބަކާއިހުރެ އެވަގުތު އޭނަގެ އަތުތެރޭގައި ހުރި ކުއްޖާގެ ސޫރަ ނުފެނުނަސް އެއީ ކާކުކަން އޭނައަށް ޔަޤީން ކުރެވުނެވެ. ޔަޤީން ކުރެވުނު ވަގުތު ‘ހިބާ’ ގެ ނަން އީތަންއަށް ކިޔައިލެވުނީ ހިތާހިތުންނެވެ. ހަމަ އެއާއިއެކު ހިބާއާއިއެކީ މާޒީގައި ވެސް މިހެން ހުރެވުނު ހަނދާނެއް އާވެގެން ދިޔުމުން އީތަންގެ ހިތަށް ނޭނގޭ އުފާވެރިކަމަކާއިއެކީ ނުތަނަވަސްކަމެއް ވެސް ވެރިވިއެވެ. އެ ނުތަނަވަސްކަމުގައި އޭނަ ހިބާއާއި ދުރުވާ އުޅުނު ވަގުތު ކުއްލިއަކަށް ހިބާ އޭނަގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން ދުރުވެލިއެވެ. ހަމަ އެހިނދު އީތަންއަށް ވެސް އޭނަގެ އަތް ހިބާއާއި ދުރުކޮށްލެވުނެވެ.
“އައި….އައި އޭމް ސޯ ސޮރީ ސާރ! އަޅުގަނޑަށް ހީކުރެވުނީ އަޅުގަނޑުގެ ކޮޓަރިކަމަށް.” ހިބާ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމާއިއެކީ އެހެން ބުނެލީ އަދިވެސް ފަހަތަށް ފިޔަވަޅެއް އަޅަމުން އިސްޖެހިފައި ހުރެއެވެ. އެ ހިނދު ހިބާގެ މޫނު ރަތްވެފައިވިކަން ފާހަގަވެ އެ މޫނަށް ބަލަހައްޓައިގެން ހުންނަން އީތަން ބޭނުންވިއެއްކަމަކު އޭނަ ވެސް ދުރަށް ނަޒަރު ހިންގިއެވެ.
“އިޓްސް އޯކޭ…” ހިބާއަށް ބަލަމުން ނުބަލަމުން އީތަންއަށް ބުނެލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެވަގުތު ހިބާ ކޮޓަރިން ނިކުމެގެން އުޅެނީ ކީއްވެތޯ އަހަން އުޅުނު ހިނދު ހިބާ އޭނައަށް ފުރުސަތެއް ނުދީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހިބާގެ ކޮޓަރިއަށްވަނެވެ. ހިބާ ދޮރު ލެއްޕުމެއްނެތި ވަދެގެން ދިޔަ ގޮތުން އީތަންއަށް ދެބުމަ ކައިރިކޮށްގެން މަންޒަރު ބަލަން ހުރެވުނެވެ. މާ ގިނައިރެއްނުވެ ހިބާ ފެންފުޅިއަކާއިއެކީ ނިކުމެގެން އަންނަމުން ދިޔަތަން ފެނުނެވެ. ހިބާ އެ ފެންފުޅިއާއި އެކީ ގޭގެ މައިދޮރާއި ހަމައަށް ގޮސް އެ ދޮރުން ވެސް ނިކުމެގެން ދިޔަތަން ފެނިފައި އީތަންއަށް އެދިމާލަށް ހިނގައިގަނެވުނެވެ. އީތަންއަށް ދެން ހިބާ ފެނިގެން ދިޔައީ ގޭގެ ބޭރުގައި ހުރި ލިފްޓު ކައިރިންނެވެ.
“ކޮން ތަނަކަށްތޯ ހިބާ ތި ދުރުވަނީ؟” ހިބާ ލިފްޓު ކުރިމަތީގައި މަޑުކޮށްގެން ހުރިތަން ފެނި އެހާ ހިސާބަށް ދަމުން އީތަން ސުވާލުކުރިއެވެ.
“މިއީ….ޝަބީދައްތަ އަޅުގަނޑާއިއެކީ ހިނގައިލަން ގޮއްސަ ވަކި ހިސާބަކުން ވަރަށް ބޮޑަށް ވަރުބަލިވެގެން ބެންޗެއްގަ އިށީންނަން ޖެހުނީ. އަޅުގަނޑު މި ދަނީ މި ފެންފުޅި ދައްތައަށް ދޭން.” ހިބާ ކުރު ގޮތަކަށް ކިޔައިދިނެވެ.
“ވަޓް؟! ދައްތަވެސް ދޯ؟ ދޮންބެއާއި ޑޮކްޓަރުންގެ ބަސްނާހާ އުޅޭތީ ވާހާ ގޮތް. ހިބާ މަޑުކޮށްލައްވާ. ސާރ ގޮއްސަ ދައްތަ ގޮވައިގެން އަންނާނަން.” އީތަން އެހެން ބުނި ވަގުތު ލިފްޓު ހުޅުވިގެން ދިޔައީއެވެ. އެ ހިނދު އެ ފްލޯރއަށް އައީ އެ ގަޑީގައި ޕެންޓްހައުސްގެ ހުހަށް ހުރި ތަންތަން ސާފުކުރަން އައި ދެ ފިރިހެނުންނެވެ. އެމީހުން އީތަން ފެނުމާއިއެކު ބާއްޖަވެރި ހެނދުނަކަށް އެދި އިޙްތިރާމް އަދާކުރަމުން ލިފްޓުން ނިކުތެވެ. އެމީހުން ނިކުތުމުން އީތަން އަވަސްއަވަހަށް ލިފްޓަށް އެރިއެވެ.
“ސާރ!” ހިބާއަށް ގޮވައިލެވުނީ ކުއްލިއަކަށެވެ. އެއާއިއެކު އީތަން ހިބާއަށް ބަލައިލިއެވެ.
“ފެންފުޅި.” ހިބާއަށް އަތުގައި ހުރި ފުޅި ދައްކަމުން ބުނެލެވުނެވެ. އެ ހިނދު އީތަން އެ ފުޅި ހޯދައިލަމުން ލިފްޓުގެ ބަޓަނަކަށް ފިތައިލިއެވެ. އެވަގުތު ހިބާއަށް ވެސް ޝަބީދައްތައާއިމެދު ކަންބޮޑުވެގެން ދިޔަ ހިތަކާއިއެކީ ލިފްޓަށް އެރެން އުޅުނެވެ. ހިބާ ލިފްޓުގެ ތެރޭގައި ފިޔަވަޅެއް އަޅައިލި ވަގުތު ލިފްޓު ދެ ފަރާތުން ލެއްޕެން އުޅުނެވެ. ހިބާގެ ޙަރަކާތް ފެނިފައި އީތަން ފަޅި ސިކުންތެއްގެ ތެރޭގައި ލިފްޓުގައި ދޮރުގައި އެއްއަތް އެޅިއެވެ. ކުއްލި ގޮތަކަށް ދޮރު ހުޅުވިގެން ދިޔުމުން ހިބާއަށް ލިބިގެން ދިޔަ ސިހުމާއިއެކީ ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.
“ހިބާ ދާން ބޭނުންތޯ؟” އީތަން ދެންވެސް ލިފްޓުގެ ދޮރުގެ އެއްފަރާތެއްގައި ހިފަހައްޓައިގެން ހުރެ ސުވާލުކުރިއެވެ. އެހިނދު ހިބާއަށް އީތަންއާއި ދިމާލަށް ބަލައިލެވުނެވެ. އޭނަ މިވަގުތު ލިފްޓަށް އަރައިފިނަމަ ކުޑަ އިރުކޮޅަކަށް ނަމަވެސް އޭނައާއި އީތަން އެކަހެރިވާނެކަން އެނގުންވުމުން ޖެހިލުންވިއެވެ.
“ނޫން…” ހިބާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އެއާއިއެކު އީތަން އެންމެ ރަނގަޅޭ ބުނުމަށްފަހު އަނެއްކާވެސް ލިފްޓުގެ ބަޓަނަކަށް ފިތައިލިއެވެ.
ލިފްޓުގެ ދޮރު ލެއްޕިގެން ދިޔުމުން ހިބާ ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ ޙަރަކާތް ގެންނަން ވެސް ދަތިވާ ގޮތްވީ ނޭނގޭ ސަބަބަކާއިހުރެ އެވަގުތު އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައިވުމުންނެވެ. ހަމަޖެހުމަށްޓަކައި ލޯ މަރައިލި ހިނދު ދާދި ދެންމެއަކު ގޭގެ ތެރެއިން ކަންތައްވީ ގޮތް އެ ލޯމަތިން ސިފަވެގެން ދިޔައެވެ. އިސާހިތަކު ހިބާގެ ދެލޯ ތަގުޅިވެގެން ދިޔަ ވަގުތު ބޮލުގައި ދެއަތް އަޅައިލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ހަމަ އެހިނދު މޫނު ރަތްވެގެން ދިޔައީ ވެސް ހަމަ އެ ސަބަބާއި ހެދިއެވެ. ހިބާ އެ ހުރިގޮތަށް ހުރެފައި އަނބުރައި ގެއަށް ވަންނަން ދިގު ފިޔަވަޅުތަކެއްގައި ދިޔައީ ވެސް އެ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. އެހެނަސް އެކަން މިއަދު ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ހިބާގެ ހިތުގައި ނެތެވެ.
**
ޚުދު އީތަންގެ ޙާލަކީ ވެސް އެއީއެވެ. ޝަބީދައްތަ ބަލާ ބެންޗާއި ހަމައަށް ގޮސް އަނބުރާ ޢިމާރާތާއި ހަމައަށް ދެވެންދެން ވެސް އީތަންގެ ލޯ މަތިން ތަކުރާރުކޮށް ސިފަވަމުން ދިޔައީ ހިބާ އޭނައާއި ގާތްވަމުން ދިޔަ ގޮތެވެ. އޭނައަކީ އެހެން ނޫނަސް ދުވަހެއްގެ ތެރޭގައި ތަފާތު އިޙްސާސެއް ކުރެވިއްޖެނަމަ އެކަން ހަނދާން ނައްތައިލަން ދަތިވާ މީހަކަށްވާތީ އޮފީހަށް ގޮސް ކެބިންގެ ގޮނޑީގައި އިށީން ވަގުތުވެސް އެ އިޙްސާސުގެ މަތިން އީތަން ހަނދާން ނެތޭ ގޮތެއްނުވިއެވެ. މިއަދު އެ ކަންތައް ވީ ގޮތަށް މީގެ 13 އަހަރު ކުރިން ކަންތައް ވެފައިވިޔަސް، މިއަދު އެ ކުރެވުނީ މުޅިން ތަފާތު ތަޖުރިބާއެއްހެން ވެސް އީތަންއަށް ހީވަމުން ދިޔައެވެ. ކައިރި ވެވުނު ވަގުތު ދުރުނުވާން ބޭނުންވި ގޮތް ތަކުރާރުކޮށް ހަނދާންވުމުން އޮފީސް ގޮނޑިއަށް ލެނގިގެން އޮވެ އީތަންއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މިއީ އޭނަގެ ޢުމުރުގެ ގޮތުން ވާ ގޮތެއްތޯ ހިތަށްއެރިއެވެ. އެހެންނޫނީ ޝަބީދައްތަ އޭނަގެ ކޮންމެ މައްސަލައަކަށް ބުނާހެން، މާ ގިނަ ދުވަސް ވަންދެން އޭނަ މީހަކާއި ނުއިނދެ ހުރުމުގެ ނަތީޖާ ހެއްޔެވެ؟ އެ ޚިޔާލު ހިތަށް ވެރިވުމުން އޭނަ އިންނާނެ ކުއްޖަކީ ހިބާކަމަށް ހިތް ބުނެލި ހިނދު ލޯ ހުޅުވައިލަމުން ސީދާ ވެލެވުނެވެ. އެއީ އޭނަ އޮޅިގެން ވެސް ކޮށްގެންވާނެ ޚިޔާލެއް ނޫންކަމަށް އަމިއްލަ ނަފްސަށް ހަނދާން ކޮށްދެވުނެވެ. އެ ޚިޔާލުކުރަން ފަށައިފިނަމަ އެއިން އޭނައަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެކަން ވެސް ހަނދާން ކުރަމުންނެވެ. ހިބާ އޭނަގެ ކައިރީގައި ހުއްޓަސް ހިބާ އައީ ވަކި ކަމަކު ކަމާއި، ހިބާއާއި އޭނަގެ ދެމެދުގައި އެފަދަ ގުޅުމެއް އޮތުމަކީ ނާދިރުކަމެއް ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. އަދި ވަކިން ޚާއްޞަކޮށް އޭނައަށް ހިބާ އެނގިފައިވެސް ބީރައްޓެއްސެއްގެ ގޮތުގައި އުޅެން މަޖުބޫރުވެފައިވި ގޮތުންނެވެ.
**
ހެނދުނުގެ ‘ޙާދިސާ’އާއި މެދު ނުވިސްނުމަށްޓަކައި ހިބާ ދުވަހުގެ ގިނަ ވަގުތު ހޭދަކުރީ ރާނިޔާއާއި އެކިގައެވެ. އެ ދުވަހަކީ އެ ޤައުމުގައި ހޭދަކުރެވޭ ފުރަތަމަ ދުވަހަށްވުމުން، ބައެއް މުދައްރިސުން ބަލިވެސް ވުމާއިއެކު އެދުވަހަށް ކަމެއް ތާވަލުކުރެވިފައި ނުވާ ވާހަކަ މުދައްރިސުންގެ ވައިބާރ ގްރޫޕްގައި ލިޔެވިފައިވުމުންނެވެ. ރާނިޔާއާއިއެކީ ހުރުމުން ހިބާގެ މަޤްޞަދު ކޮންމެވެސް ވަރަކަށް ޙާޞިލު ކުރެވޭ ގޮތްވިއެވެ.
“ދައްތި އައީ މޯލްޑިވްސްއިންދޯ؟ ކޮންމެ ދުވަހަކު ބީޗަށް ގޮއްސަ ކުޅެންތަ؟” ރާނިޔާ، ޑޯޑޯ ހިފަހައްޓައިގެން ސޯފާގައި އިނދެ، ޑޯޑޯގެ ފުރަގަހުގައި ހުރި ބަޓަނަކަށް ފިތަމުން އެހިއެވެ. ބަޓަނަށް ފިތައިލާ ކޮންމެ ފަހަރަކު ޑޯޑޯ ކޮންމެވެސް އެއްޗެކޭ ކިޔަން އުޅެމުން ދިޔައެވެ.
“ކޮންމެ ދުވަހަކުއެއްނޫން. ހެހެ….ބީޗާއި ކިތަންމެ ކައިރީގަ އުޅުނަސް ބިޒީވިއްޔާ ނުއެއް ދެވޭނެދޯ؟ ކޮއްކޮ ދުވަހަކުވެސް ނުދަނީތަ މޯލްޑިވްސްއަށް؟” ހިބާ އެހިއެވެ.
“އާނ އަދި ނުދަން….ޔެސް ޔެސް! ސްކޭން އެންޑް ސޭވް.” ރާނިޔާގެ ވާހަކައިގެ ރާގު ކުއްލިއަކަށް ބަދަލުވީ ޑޯޑޯ ‘ސްކޭން އެންޑް ސޭވް’އޭ ބުނުމުންނެވެ. އިސާހިތަކު ރާނިޔާ ޑޯޑޯ ހިފައިގެން ހިބާގެ ކުރިމައްޗަށް ގޮސް ހިބާއާއި ދިމާލަށް ޑޯޑޯ ދިއްކޮށްލިއެވެ. ހިބާގެ އަތުގެ ބަދަލުގައި މޫނާއި ދިމާލަށް އެ ރޮބޮޓު ދިއްކުރެވުމުން ހިބާއަށް ހަދަންވީ ގޮތެއް ނޭނގިފައި އިނދެވުނެވެ. ހިބާ އެހެން އިންދާ ރާނިޔާ އަނެއްކާވެސް ޑޯޑޯ ބުނި ބަސްތައް ކިޔައިލިއެވެ. އެއާއިއެކު ޑޯޑޯ ‘ސްކޭނިންގް’ އޭ ކިޔައިލުމުން ލޯ ނޫކުލައިން ދިއްލިގެން ދިޔައެވެ.
“ނޭމް އިންޕުޓް.” ދިހަ ވަރަކަށް ސިކުންތަށްފަހު ޑޯޑޯ ބުންޏެވެ.
“ހިބާދައްތި.” ރާނިޔާ ބުނެލިއެވެ. އޭގެ ތިން ސިކުންތުފަހުން ޑޯޑޯ އެ ނަން ސޭވްކުރެވުނު ވާހަކަ ބުނުމުން ރާނިޔާ ‘ޔެސް’ އޭ ބުނެލިއެވެ. އެއަށްފަހު އަނގައިގެ ޙަރަކާތުން ހިބާގާތު ‘ހައި’އޭ ކިޔުމަށް ބުންޏެވެ. ޑޯޑޯ އެތަނަށް ގެނައި ވަގުތުވެސް އެ ކުރަން އުޅޭކަން ރާނިޔާ ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވާތީ އެ ބުނި އެއްޗެއްގެ މާނަ ހިބާއަށް ނަގައިގަނެވުނެވެ.
“ހައި ޑޯޑޯ!” ހިބާ ޑޯޑޯއަށް ބަލަން އިނދެ ބުންޏެވެ.
“ހައި ހިބާދައްތި!” ޑޯޑޯ ޖަވާބުގައި ބުނެލި އަޑު އިވުނެވެ. އެ ހިނދު ހިބާއަށް ލިބުނު އަޖާއިބެއްގައި ދެލޯ ބޮޑުވި ހިނދު އަނގަވެސް ހުޅުވައިލެވުނެވެ. ރާނިޔާއަށް ބަލައިލިއިރު ރާނިޔާވެސް އެހެން ހުރިތަން ފެނުމުން ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
“އެއީ އީތަންބެ ރޭ ކޮއްކޮއަށް ދަސްކޮށްދިން ތަންކޮޅެއް. އީތަންބެ ލެޕްޓޮޕްގަ ލިޔާ އެއްޗެހި ޑޯޑޯއަށް ދަސްވޭ. ޑޯޑޯ ވަރަށް އިންޓެލިޖެންޓްވާނެ…” ރާނިޔާ ބުންޏެވެ. ހަމަ އެވަގުތު ކޮޓަރިން ނިކުންނަމުން ދިޔަ ޝަބީބާ އެ ވާހަކަ އިވިފައި ވާހަކަ ދެއްކިއެވެ.
“ޑޯޑޯ އިންޓެލިޖެންޓް ވިއްޔާ އީތަންބެ ކިހާ އިންޓެލިޖެންޓްވާނެ؟ އީތަންބެ ވިއްޔާ ޑޯޑޯ ރާވައި ޕްރޮގްރާމް ކުރީ…” ޝަބީބާ އައިސް ސޯފާގައި އިށީންނަމުން ބުނެލި ވާހަކައިން ހިބާއަށް ބަލައިލެވުނީ ޙައިރާންކަން ވެރިވި ހިތަކާއި އެކީގައެވެ. ހިބާ ހީކޮށްގެން ހުރީ ޑޯޑޯ ވާނީ މި ޤައުމުގެ ފިހާރައަކުން ގަނެފައިވާ ކުޅޭ އެއްޗަކަށް ކަމަށެވެ. އެހެނަސް އީތަން އަމިއްލައަށް އޭތި ހެދިޔޭ ބުނުމުން ހިބާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހާ މަތީ މަޤާމެއްގައި ހުރި މީހަކު ބުރަ މަސައްކަތް ކޮށްފައި އަމިއްލަ އުފެއްދުމެއް އުފެއްދި ވާހަކަ ހިބާއަށް މި އިވުނީ ފުރަތަމަ ފަހަރަށެވެ.
ޙައިރާންކަމުގެ ތެރެއިން ވެސް އެފަދަ ވިސްނުމެއް ގެންގުޅޭނެ މީހަކު އޭނައަށް ފެނިފައި މިވަނީ ފުރަތަމަ ފަހަރަށް ނޫންކަމަށް ހިބާގެ ހިތް ބުންޏެވެ. އެއީ ކާކުކަން އޭނަގެ ހަނދާނަށް އަންނަން އުޅުނު ވަގުތު ގޭގެ ބެލް އަޅުވައިލެވުނު އަޑު އިވުނެވެ. އެއާއިއެކު ޝަބީދައްތަ އެއީ ކާކުތޯ އަހަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތިން ފެނިގެން ދިޔައީ ދޮރުގައި ހަރުކުރާ ނަން ޓެގެއް ހިފައިގެން އައި މީހެކެވެ. އެ މީހާ ބުނި ގޮތުގައި އެއީ އިސްމާޢީލް އީތަން އެދިގެން މިއަދުން މިއަދަށް ނިންމި ޓެގެކެވެ.
“އައްދެ! އީތަން އަމިއްލަ ކޮޓަރީގެ ދޮރުގަ ނަން ހަރު ކުރަނީ ކީއްވެބާ؟ ގައިމު އީތަން އަބަދުވެސް ބުނާނީ ތިމަންނައަށް ދޮރު ރީތީ ޕްލެއިންކޮށް ހުރީމައޭ.” ޝަބީބާ އެ ޓެގު ހަރުކުރަމުން ދިޔަ މީހާއަށް އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކިއެވެ. އެ ހިނދު ހިބާ އެ ވާހަކަ އަޑުއަހަން އިނދެ ނުތަނަވަސް ގޮތަކަށް ހީލިއެވެ. ޝަބީބާ ކުއްލި ގޮތަކަށް ހިބާއަށް ބަލައިލުމުން ސިހިގެން ދިޔައީ ވެސް އެ ނުތަނަވަސްކަމުގެ ސަބަބުންނެވެ. އެއަށްފަހު އަވަސްއަވަހަށް ސޯފާއިން ތެދުވެލަމުން އެތަނުން ދާން ހިނގައިގަތީ ޝަބީދައްތަ އޭނައާއި އިތުރު ސުވާލެއް ކޮށްފާނެކަމުގެ ބިރު ހީވުމުންނެވެ.
ކޮޓަރިއަށް ގޮސް އެނދުމަތީގައި އިށީނދެ ހިބާއަށް މޫނުގަ ދެއަތް އަޅައިލެވުނެވެ. އޭނައާއިހެދި އީތަން ސާރ އަމިއްލަ ގޭގައި ހުރި އަމިއްލަ ކޮޓަރީގެ ދޮރުގައި ނަން ޖަހަން ޖެހުނީތީ ހިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނަ ގޭގެ ތެރެއަށް ވަދެގެން އައިއިރު ފަރުވާތެރިވިނަމަ އެހެން ނުވީހޭ ހިތަށްއަރަމުން ދިޔައެވެ. އީތަން ސާރއާއި ގާތްވެގެން ދިޔަ ވަގުތު ކުރެވުނު އިޙްސާސްތައް ހަނދާންވެ ދުވި މީރު ވަސްވެސް އަނެއްކާވެސް ހަނދާންވެގެން ދިޔުމުން ހިބާއަށް ބޯހޫރުވައިލެވުނެވެ. އަދި ފާފަ ފުއްސަވައިދެއްވުމަށް އެދި ވެސް ދުޢާކުރެވުނެވެ. އީތަން ސާރއަކީ އޭނައަށް ބީރައްޓެއްސެކެވެ. އޭނައަށް އީތަން ސާރގެ ބޭރުފުށުން ފެންނަ ސިފަތަކާއި އެ ހުނަރުތައް ކަމުދިޔަޔަސް އީތަން ސާރއަކީ އޭނަގެ ޙަޔާތުގައި ވާނެ މީހެއް ނޫންކަމަށް ހިތާހިތުން ކިޔައިލެވުނެވެ. މި ޤައުމުގައި އޭނަ ހޭދަކުރަން އުޅޭ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނައާއި، އީތަން ސާރފަދަ މަތީ މަޤާމެއްގެ ބީރައްޓެއްސަކާއި ގާތް ގުޅުމެއް އުފެދިގެން ދިޔުމަކީ ނާދިރު ކަމެއްކަމަށް ވެސް ހިތާހިތުން ބުނެވުނެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އޭނަ މި އިޙްސާސްތައް ވަރުގަދަވިޔަ ނުދިނުންކަމަށް ވެސްމެއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އީތަން ސާރގެ ކިބައިގައި އޭނަ ނުހަނު ދަންނަ ގޮތެއް ހުރިހެން ހިބާއަށް ހީވެއެވެ. އެ ހިނިތުންވެލާ ގޮތުންނާއި، އެ ތޫނު ވިސްނުމާއި، އެ އީޖާދީ އުފެއްދުންތަކުން ހިބާއަށް ކޮންމެވެސް މީހެއްގެ ހަނދާނެއް އާވަމުން ދިޔައެވެ. އެ ހިނދު ކުއްލި ގޮތަކަށް އީތަން ސާރ މިއަދު އޭނަ ވެއްޓުނަ ނުދީ ހިފަހައްޓައިލި އިޙްސާސް ކުރެވުނު ވަގުތު ލޮލަށް ސިފަވެގެން ދިޔައީ ދާރިސްގެ ސޫރައެވެ. އެއާއިއެކު ހިބާގެ ދެ ބުމަ ކައިރިވެގެން ދިޔައެވެ.
ނުނިމޭ
Jana
August 11, 2021 @ 11:41 am
Assalaam’alaikum. Mi bai kuruvaane. Jana busy vegen dhiyaima adhives hama akah neylhigen miulheny. In Sha Allah dhen oiy bai dhigu kureveytho balaanan. Jazaakumullah Khairan! <3 Much love! Stay safe!
Mish
August 12, 2021 @ 11:22 am
Its ok sis
Varah furihama mibai ves
Maasha allah
Keep up the good work
Jana
August 21, 2021 @ 3:25 pm
Alhamdhulillah! Jazaakillah Khairan for the support sis <3 <3 <3
Mish
August 11, 2021 @ 12:50 pm
Omg😮😮
Hiba ah engenee tha?
Wow
Maasha allah. Keeo up the good work.
Jana
August 21, 2021 @ 3:26 pm
engeynehen eba heeveydho adhives Mish 😉 hehe….Alhamdhulillah! <3
Ibaa
August 11, 2021 @ 1:16 pm
Masha Allah vrh reethi story kuriyah dhaa goiy. mihr schl feshunyma faharehgga ibaa ah story kiyas bxy vyma comment nukurevidhaane ingey
Jana
August 21, 2021 @ 3:28 pm
Can completely understand Ibaa. Jana ves hama ehaa busy viyya. Its okay ingey. I can always feel your support in my heart. Love you sis! Alhamdhulillah! <3 <3 <3
Juile
August 11, 2021 @ 3:50 pm
Next part kondhuvahakuh up vaanee
Jana
August 21, 2021 @ 3:29 pm
Up vejje dho Juile? Aammukoh up vaany Saturday and Wednesday ga. change eh annan ulhenya jana angaanan In Sha Allah.
Aayaa
August 12, 2021 @ 1:13 am
V avh hiba ah ethan engeyne dhw? By the way story v reethi ma sha Allah. Keep going 🤗♥️
Jana
August 21, 2021 @ 3:29 pm
engeynehen heevey dho Aaya? balamaa vaagotheh. Alhamdhulillah! ^_^
Ibaa
August 12, 2021 @ 9:43 am
vrh rethi story..Masha Allah..
Jana
August 21, 2021 @ 3:30 pm
Alhamdhulillah! 🙂
kokki
August 12, 2021 @ 11:34 am
ya hibaa ur imagination is about dhaaris being eethan is going the right path
guess it
Jana
August 21, 2021 @ 3:30 pm
yay! Let’s root for her 😀