ދާރިސް (ފަންސާސްތިންވަނަ ބައި)
“މިއީ ކާކުތަ މަންމާ؟” ކޮޓަރީގެ އެނދުމަތީގައި ފޮޓޯގަނޑަކަށް ބަލަހައްޓައިގެން އިން މުނީރާ ކުރެން އެ ސުވާލުކޮށްލީ މާޒިންއެވެ. އެ ފޮޓޯގަނޑުގައިވީ ދާރިސް ކުޑައިރު ބައިވެރިވި ސައިންސް ފެއާރގެ ތެރެއިން ހެދި ލެޕްޓޮޕް ހިފަހައްޓައިގެން ހުރި މަންޒަރެވެ.
“މިއީ….ދަރިފުޅުގެ ބޭބެއެއް..” މުނީރާ އެންމެ ފުރަތަމަ ފޮޓޯ ފޮރުވައި މާޒިންއަށް ފޮރުވަން އުޅެފައިވެސް ބުނެލިއެވެ. އެއީ މާޒިންއަށް ދާރިސްގެ ފޮޓޯ ފެނުނު ފުރަތަމަ ފަހަރެވެ. މި ހުރިހާ އަހަރު ވަންދެން އޭނަ މާޒިން ހުންނަ ވަގުތުތަކުގައި އެ ފޮޓޯތައް ނުނަގަން ސަމާލުކަން ދީފައިވެއެވެ. މާޒިންއަށް މާޒިންގެ ބޭބެއެއް ހުންނަކަން އެނގި އެކަމާއި ގުޅޭ ސުވާލުތައް އިތުރުވާން ފަށައިފިނަމަ އޭގެ ނަތީޖާ ނިކުމެދާނެ ގޮތުގެ ބިރު ހީވުމުންނެވެ.
އެހެނަސް އެދުވަހު މާޒިންއަށް ޙަޤީޤަތް ފާޅުކުރަން ބޭނުންވީ، މާޒިން ވެސް މުޅި ޢުމުރު ދުވަހު އަނދިރީގައި ނުބެހެއްޓޭނެކަން ދަނެގެންނެވެ. ދާރިސް އެއްޒަމާނެއްގައި އުޅުނު ރަށަކަށް ބަދަލުވި ފަހުން، ދާރިސް އާއިމެދު ނުވިސްނަން މުނީރާއަށް އެހެންނޫނަސް ދަތިވެފައިވެއެވެ. ކަން މިހެން އޮތްވާ މާޒިންގާތު ވިޔަސް ދާރިސްގެ ވާހަކަ ދައްކަން މުނީރާގެ ހިތުގައި އެދުމެއްވިއެވެ.
“ބޭބެއޭ؟ މާޒިން ހީކުރީ މާޒިންގެ ބްރަދާރއެއް ނުހުންނަކަމަށް.” މާޒިން ދެލޯ ބޮޑުކޮށްފައި ޙައިރާންކަމާއިއެކީ ސުވާލުކުރިއެވެ.
“ސޮރީ މާޒިން. މަންމައަށް ކުރިން ނުބުނެވި ހުރީ. މާޒިންގެ ބޭބެއެއް ހުރޭ. މިހާރު އެ ބޭބެއަށް 27 ޔިއާރސް ވެދާނެ.” މުނީރާ މާޒިން އޭނަގެ ކައިރީގައި ބައިންދައިގެން އިނދެ ލޯތްބާއިއެކީ ކިޔައިދިނެވެ.
“ވާވް! ހާދަ އޯލްޑް ބޭބެއެކޭ! އެ ބޭބެ ކޮބައިތަ؟” މާޒިން ޖޯޝާއިއެކީ ސުވާލުކުރިއެވެ. އެއާއިއެކު މުނީރާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނޭނގެ އެ ބޭބެ ވީ ތަނެއް ދަރިފުޅު….އެ ބޭބެއާއި ބައްދަލުވިއްޔާ ކޮއްކޮއަށް އެނގޭނެ. ކޮއްކޮ ގޮތަށް ވަރަށް ސްމާޓްވެފަ އިންޓެލިޖެންޓްވާނެ.” މުނީރާ ހިނިތުންވުމަކާއިއެކީ ކިޔައިދިނެވެ.
“މްމް….ފޮޓޯއިން ވެސް އެބަ އެނގޭ. މިއީ އެ ބޭބެ އަމިއްލައަށް ހެދި ލެޕްޓޮޕެއްތަ؟” މާޒިން އަނެއްކާވެސް ފޮޓޯއަށް ބަލައިލަމުން އެހިއެވެ.
“ލައްބަ….އަދި އެނގޭތަ؟ އެ ބޭބެ މި ސައިންސް ފެއާރއަށް ފުރަތަމަ ޚިޔާލުކުރީ ރޮބޮޓެއް ހަދަން. ބަލާބަލަ…..މިއީ އެ ބޭބެ ތައްޔާރުކުރި ކުރެހުމެއް…” މުނީރާ އަރިމަތީ މޭޒުގެ ހުޅުވިފައިވާ ވަތްގަނޑަށް އަތްދިއްކުރަމުން ގަނޑެއް ނަގައި މާޒިންގެ އަތަށް ލައިދިނެވެ. މާޒިން އެ ގަނޑު ބަލައި މަތިމަތިން ކިޔައިލުމާއިއެކު މާޒިންގެ ލޯ ބޮޑުވިއެވެ.
“ވާވް!!! ދިސް އިޒް އަމޭޒިންގް! އެ ބޭބެ މި ރޮބޮޓް ހަދާފަތަ މިހާރު ހުންނާނީ؟؟” މާޒިން ކެތްމަދުވެގެން އުޅޭ ފަދައަކުން ސުވާލުކުރިއެވެ.
“ހެހެ….ތިއެއްވެސް ނޭނގެ މާޒިން.”
“އަޅޭ!!! އައި ވޯންޓް ޓު މީޓް ހިމް!”
މާޒިން އެ ގަނޑަށް ބަލަން ތުން އޫކޮށްގެން އިނދެ އެދުވަހު ބުނެފައިވެއެވެ. ސްކޫލްގައި ބާއްވަން އުޅޭ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރގެ ވާހަކަ އިވިގެން ދިޔައީ އޭގެ ހަފްތާތަކެއް ފަހުންނެވެ. މުނީރާއަށް އަނެއްކާވެސް މާޒިންގެ ދުލުން ދާރިސްގެ ވާހަކަ އިވިގެން ދިޔައީ، ފެއާރގެ ވާހަކަ މާޒިން އޭނަގާތު ފުރަތަމަ ބުނި ފަހަރެވެ.
“މާޒިން ބޭނުމީ އެއްކަލަ ބޭބެ ގޮތަށް ރޮބޮޓެއް ހަދަން މަންމާ. މާޒިންގެ އަމިއްލަ ޑިޒައިނަކަށް.”
މާޒިން އެ ވާހަކަ ބުނުމުން މުނީރާ ހިނިތުންވުމެއް ދައްކައިލިއެއްކަމަކު އެވަގުތު އަރުތެރެ ބެދުނީ ހިތަށް ލިބުނު ދަތިކަމެއްގެ ސަބަބުންނެވެ. މާޒިން ބޮޑުވަމުންދާ ވަރަކަށް އެ މިޒާޖު ދާރިސްއާއި އެއްގޮތްވަމުން ދިޔަ ގޮތުން، ދާރިސްގެ ހަނދާން އާވެ ހިތަށް ކެކުޅުން ލިބުނީއެވެ.
މާޒިންގެ އެ އެދުން ފުރިހަމަކޮށްދޭން މުނީރާ ކިތަންމެހާ ވެސް ބޭނުންވިއެވެ. އެހެނަސް ވަގުތު ކުޑަތަންވެފައި، މާޒިން އެ ބުނާ ޕްރޮޖެކްޓަކަށް ބޭނުންވާނެ ތަކެތި ހޯދުމަކީ ނުވާނެ ކަމެއްކަން އެނގިގެން، ހިބާގެ އެހީ ހޯދިއެވެ. ހިބާގެ ފިރިމީހާގެ އެހީ މާޒިންއަށް ލިބޭނެ ކަމަށް އިވުމުން މުނީރާ އެއަށް އެއްބަސްވީ ވަކި މާ ބޮޑު ވިސްނުމެއް ނެތިއެވެ. އިސްމާޢީލް އީތަން އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްކަން މީޑިއާތަކުން އިވިފައި ވިޔަސް، މުނީރާ މާ ބޮޑަށް ޝަޚްޞިއްޔަތާއިމެދު ހޯދާފައެއް ނުވެއެވެ. އަމިއްލަ މަސައްކަތް ބުރަވުމުގެ ސަބަބުން އިސްމާޢީލް އީތަންގެ ފޮޓޯއަކަށް ވެސް މުނީރާއަށް ރަނގަޅަށް ބެލިފައެއްނެތެވެ. އެކަން މުނީރާއަށް މުހިންމު ކަމަކަށް ވެސް ނުވީއެވެ.
މިކަން ބަދަލުވެގެން ދިޔައީ، މާޒިން ހިބާމެންގެ ގެއަށް ދިޔަ ފުރަތަމަ ދުވަހުގެ ރޭ، ކެއުމުގެ ތެރެއިން މާޒިން ބުނެލި ވާހަކައަކުންނެވެ.
“މަންމާ މިއަދު މާޒިން ޑޯޑޯ ދުށިން…” މާޒިން ނުހަނު އުފަލުން އިނދެ ބުނެލި ވާހަކައަށް މުނީރާވެސް ހިނިތުންވެލަން އުޅުނެއްކަމަކު، ކަމެއް އެނގުންވުމުން ދެލޯ ބޮޑުވިއެވެ.
“ކޮން ތަނަކުންތަ ދަރިފުޅަށް ފެނުނީ؟!” އަވަސްއަވަހަށް މުނީރާއަށް އަހައިލެވުނެވެ.
“ހިބާ މިސްމެން ގޭގަ ހުރީ. ހީވަނީ އެއީ އީތަން ސާރ ހަދާފަ ހުރި ރޮބޮޓެއްހެން.”
މާޒިން ދިން ޖަވާބުން މުނީރާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ ދަރިފުޅުގެ އުފެއްދުންތެރިކަން އެހެން މީހަކު ވަގަށް ނެގީތޯ ފުރަތަމަ ސިކުންތުގައި ހިތަށްއެރިއެވެ. އެހެނަސް މާޒިން އެ ބުނާ މީހަކީ ވެސް އޭނަގެ ދަރިފުޅަށްވުން ގާތްކަމަށް ހިތް ބުނުމާއިއެކު އެ ވަގުތުން ވަގުތަށް ވެސް ގޭގެ ކޮމްޕިއުޓަރު ކައިރިއަށް ދެވުނީ، އެ ބުނާ އީތަން ސާރގެ ފޮޓޯ ބޮޑުކޮށް ފެނޭތޯއެވެ.
ކޮމްޕިއުޓަރުން ވިންޓޭޖް ޓެކްނޮލޮޖީސްގެ ސައިޓަށް ވަދެ، އިސްމާޢީލް އީތަންގެ އިންޓަވިއުއެއް ތަފްޞީލު ކުރެވިފައިވި އާޓިކަލްއެއް ހުޅުވައި، އޭގައި ހުރި ފޮޓޯ ބޮޑުކޮށްލި ހިނދު މުނީރާގެ މެއަށް ލޮޅުމެއް އައެވެ. އެއީ އޭނަ އެ ފޮޓޯ ބަލަން އައީ ކޮން އިޙްސާސްތަކާއި ހެދި ކަމެއް ނޫނީ އޭނައަށް ހީވާ ހީވުން ޔަޤީންވީމަ ކަމެއް ނޭނގުނެވެ. އެއްފަރާތަށް ނަޒަރު ހުއްޓައިގެން ހިނިތުންވުމަކާއިއެކީ އިސްމާޢީލް އީތަން ހުރި ފޮޓޯއަށް ބަލަން އިންއިންހެން މުނީރާގެ ލޯ ކަރުނުން ފުސްވީ، އެއްވެގެން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު އޭނަ ދާރިސް ބޮޑުވެފައިވާނެ މިންވަރު އަންދާޒާކޮށް ލޮލަށް ސިފަކުރާ ސޫރައާއި އެ ފޮޓޯއާއި ވައްތަރުވުމުން ހިތަށް އުފަލެއް ލިބުނެވެ. ހަމަ އެއާއިއެކު އެތައް ފަހަރެއްގެ މަތިން އޭނައަށް ތަޖުރިބާ ކުރެވިފައިވާ ފަދައިން، މި ފަހަރު ވެސް ދާރިސް ފެނިއްޖެހެން ހީވެ، އެ ހީވުން ގޯސް ހީވުމަކަށް ވެދާނެކަމުގެ ބިރު ހީވިއެވެ. އަދި އަމުދުން އޭނަގެ ދަރިފުޅު ދުނިޔޭގައި ހުރިނަމަ، މި ހުރިހާ ދުވަސްވަންދެން އޭނަ އެ ދަރިފުޅުގެ ކައިރިއަށް ދިޔަޔަސް، އެ ދަރިފުޅު އޭނައަށް ނަފްރަތު ކުރާނެ ކަމުގެ ހިތްދަތި ޚިޔާލުވެސް ކުރެވުނެވެ.
އެ ޚިޔާލުތަކާއި އެކީ ވެސް އެ ދުވަސްފަހުން މުނީރާ ހިބާމެންގެ ގެއަށް ދަނީ ދާ ހިތުންނެވެ. އޭގެ އަނެއް ދުވަހު އެގެއަށް ގޮސް ކާރުން ފައިބަން ވެސް ހިތަށްއެރިއެވެ. އެހެނަސް އެހެން ހެދުމަށް އޭނައަށް ހުރަސް އެޅީވެސް ޚުދު އޭނަގެ އިޙްސާސްތަކެވެ. މާޒިން ނުނިކުމެގެން އެގޭގެ ބޭރުގައި މަޑުކުރަން ޖެހުނު ދުވަހުވެސް ފައިބަން ނުކެރުނީ ހަމަ އެހެންވެއެވެ. އޭނަ ނުފޭބިޔަސް އޭގެތެރެއިން އެންމެ ދުވަހަކުވެސް މާޒިންގެ އީތަން ސާރ ގެއިން ބޭރަށް ނިކުމެލާނެކަމަށް މުނީރާއަށް ހީކުރެވުނެވެ. އެހެނަސް މާޒިންގެ ޕްރޮޖެކްޓު ނިމުމަކަށް އައިއިރު ވެސް މުނީރާގެ އުއްމީދު ފުރިހަމައެއް ނުވިއެވެ.
އެހެންކަމުން މާޒިންމެންގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއަކީ، މުނީރާ ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ފެއާރއަކަށްވިއެވެ. އެ ފެއާރގެ ޝަރަފުވެރި މެހުމާނަކީ އިސްމާޢީލް އީތަންކަން ތުންތުންމަތިން އޭނައަށް އެނގިފައިވުމުންނެވެ. އީތަންއަކީ ދާރިސްއަށް ވިޔަސް އަދި ނުވިޔަސް، މުނީރާ އީތަންގެ ސޫރަ ދެކިލަން ބޭނުންވިއެވެ. ހަމަ ލޮލަށް އެ ސޫރަ ފެނުމުން ފޮޓޯއިން ފާހަގަނުވާ ތަފްޞީލެއް އޭނައަށް ފެނިދާނެކަމުގެ އުއްމީދުގައެވެ. އަދި އޭނައަށް ހީވާ ހީވުމަށް ވަކި ނިންމުމެއް ނިންމިދާނެ ކަމުގެ އުއްމީދުގައި ވެސްމެއެވެ.
މުނީރާ ސްކޫލަށް ދިޔައިރު ފެއާރ ފެށިފައިވުމުން މުނީރާ ހިސާބަކަށް ހިތްދަތިވާ ގޮތްވިއެވެ. ޢާއްމުގޮތެއްގައި ޝަރަފުވެރި މެހުމާނު ވާހަކަ ދައްކާނީ އެފަދަ ޙަފްލާތަކުގެ ކުރީކޮޅުގައިކަން މުނީރާއަށް ވެސް އެނގޭތީވެއެވެ. އެއަށްފަހު ޙަފްލާގެ ވަކި ހިސާބަކުން އެ މެހުމާނު ވަކި މަޑުކުރުމެއްނެތި އެތަނުން ދާނެކަން އެނގޭތީވެސްމެއެވެ.
އެދުވަހު އޭނައަށް އީތަން ނުފެނިދާނެކަމަށް ހީވި ހީވުމާއިއެކު މުނީރާ ސްކޫލަށް ވަދެގެން ދިޔައީ، ހިބާއަށް ހިސާބަކަށް ނުރުހުންވެ ހުރެއެވެ. މުނީރާ ވަނީ މާޒިން ގޮވައިގެން އެ ފެއާރ ފެށޭ ގަޑީގެ މިނެޓްތަކެއް ކުރިން ސްކޫލަށް ހާޒިރުވެފައެވެ. އެހެނަސް ހިބާ އޭނަ ފޮނުވައިލީ، ފެއާރ ފެށޭތާ އިރުކޮޅެއް ފަހުން އައުމަށް ބުނަމުންނެވެ. މަންމަ ސްކޫލްގައި ހުރެއްޖެނަމަ މީހުން ގިނަވުމުން މާޒިން މާ އަވަހަށް ގެއަށްދާން ބޭނުންވެދާނެކަމަށް ބުނަމުންނެވެ. މުނީރާ އެ ވާހަކައާއި ދެކޮޅު ހެދިއެއްކަމަކު ހިބާ އެއްބަހެއް ނުވިއެވެ. ފުރަތަމަ ފަހަރަށް ހިބާގެ ފަރާތުން އެފަދަ މިޒާޖެއް ފެނުމުން މުނީރާ ޙައިރާންވާހާވެސްވިއެވެ.
މުނީރާ އެ ފެއާރގައި މާޒިންއަށް ކަނޑައެޅިފައި އޮތް ކުލާހުގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ނަޒަރެއް ދިނީ އެ ޚިޔާލުތަކާއި އެކީއެވެ. އެތެރެއިން އެންމެ ފުރަތަމަ ވެސް އޭނަގެ ނަޒަރު ހުއްޓުނީ މޭޒެއްގެ ކައިރީގައި ހުއްޓިހުރި މާޒިންއަށެވެ. އެއަށްފަހު މާޒިންގެ ނަޒަރު އަމާޒުވެފައިވި ރޮބޮޓަށެވެ. މާޒިން އުފަލުން ހުރިތަން ފެނި، ހުރިހާ ފިކުރެއްގެ މަތިން ހަނދާން ނެތިގެން ދިޔަ މުނީރާއަށް ދެން ބަލައިލެވުނީ، މާޒިންއަށް ތަޢުރީފުކުރަމުން ދިޔަ ހިބާއަށެވެ.
ހިބާގެ ކައިރީގައި އޭނައަށް ފަސްދީގެން ހުއްޓިހުރި ޒުވާނާއާއި ދިމާލަށް މުނީރާއަށް ބެލުނީ އެއަށްފަހުއެވެ. އެހެނަސް މުނީރާ އެ ޒުވާނާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އަނެއްކާވެސް މާޒިންއަށް ނަޒަރު ހުއްޓައިލަމުން ކުލާހުގެ ދޮރު ލައްޕައިލުމަށްފަހު ވަދެގެން ދިޔައީ، އެ ޒުވާނާއަކީ އެހެން ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށް ހީކުރަމުންނެވެ. އެމީހަކު ދިގު ކޯޓެއް ލައިގެން ހުރުމުން ހިސާބަކަށް އަޖާއިބުވިޔަސް، އެއީ އޭނައާއި ބެހޭކަމެއް ނޫންކަމަށް ބަލަމުން މުނީރާ ވާހަކަ ދެއްކިއެވެ.
“ދަރިފުޅުގެ ޕްރޮޖެކްޓް މަސައްކަތް އެބަކުރޭދޯ؟” މުނީރާ އުފާވެރި ހިނިތުންވުމަކާއިއެކީ އެ ސުވާލުކޮށްލީ، މާޒިންއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެމުންނެވެ. އޭނަ އެ ސުވާލުކޮށްލުމާއިއެކު މާޒިން ވާހަކަ ދެއްކިއެވެ.
“ލައްބަ މަންމާ! ބަލާބަލަ! ރީތިދޯ؟” މާޒިން ދުވަމުން ދިޔަ އޭނަގެ ރޮބޮޓަށް ޢިޝާރާތްކުރަމުން ޖޯޝާއިއެކީ ބުންޏެވެ. މުނީރާ އެ ބަސްތަކަށް ބޯޖަހައިލަމުން ލުއި ހީލުމަކާއިއެކީ ހިބާއަށް ބަލައިލި ހިނދު، ހިބާގެ ސީރިއަސް ނަޒަރު ހުއްޓިފައިވީ ހިބާގެ ކައިރީގައި ހުއްޓިހުރި ޒުވާނާއަށެވެ.
އެއާއިއެކު މުނީރާއަށް ވެސް ހިސާބެއްގެ ޙައިރާންކަމާއިއެކީ އެ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު އެ ޒުވާނާ ވެސް ލަސްލަހުން އޭނައާއި ދިމާލަށް މުޅިންހެން އެނބުރި ބަލައިލަނީއެވެ. އެ ސޫރަ ނުހަނު ގާތުން ފެނިގެން ދިޔަތަނާހެން މުނީރާގެ ހިނިތުންވުން ފިލައިދިޔައީ، ހިތުގެ ތެޅުމަށް ހުއްޓުމެއް އައިހެން ހީވުމުންނެވެ. އެ ސޫރަ ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި މިއީ މި ޙަފްލާގެ ޝަރަފުވެރި މެހުމާނުކަން އެނގުންވިއެވެ. އެހެނަސް އޭނަގެ ހިތަށް ވެރިވީ އެ މެހުމާނުގެ ނަމަކަށް އޭނައަށް އިވުނު ނަމެއް ނޫނެވެ.
އޭނަ ފެނިފައި އެ މޫނުމަތިން ފެނިގެން ދިޔަ އަސަރުން އެއީ ކާކުކަން ނަގައިގަންނަން މުނީރާއަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. އޭނައަށް ބަލަން ހުރިހުރިހެން އެ ގަދަ ބުމަ މައްޗަށް އަރައިގެން ދިޔަ ގޮތުންނާއި، ލޯ ހަނިވެފައިވި ގޮތުން އެ ޒުވާނާގެ ހިތް އަސަރުން ފުރި ރޮވެން ކައިރިވަނީކަން އެނގުންވިއެވެ. އެހިނދު މުނީރާއަށް އެތަނުން ފެނުނީ އޭނައަށްވުރެ ވެސް އިސްކޮޅުން ދިގު ޒުވާނާއެއް ނޫނެވެ. މުނީރާއަށް ފެނުނީ އެތައް އަހަރެއް ވަންދެން އޭނަ ފެނޭތޯ މަސައްކަތް ކުރި އޭނަގެ އަލަތު ދަރިފުޅެވެ.
“ދާރިސް؟” ޔަޤީންކަމާއިއެކީ އެ ނަން ކިޔައިލަން ބޭނުންވިއެއްކަމަކު، އަޑަށް ސުވާލުގެ ރާގެއް ގެނެވުނީ ހިތަށް ލިބެން އުޅުނު އުފާވެރިކަން ޤަބޫލުކުރަން ވެސް ދަތިވުމުންނެވެ.
މުނީރާގެ އެ ބަސް އިވިފައި ދާރިސްއަށް ލިބިގެން ދިޔަ ޝޮކު އެތާ ތިބި މީހުންގެ ތެރެއިން އެކަކަށްވެސް ސިއްރެއް ނުވިއެވެ. އިސާހިތަކު އެ ދެލޯ ބޮޑުވެގެން ދިޔަހެން ދާރިސް މުޅިން ގަނޑުވާ ގޮތްވިއެވެ. އެ މަންޒަރު ފެނި ކަންބޮޑުވެގެން ދިޔަ މުނީރާ ކުރިއަށް ޖެހިލަމުން އަނެއްކާވެސް ދާރިސްގެ ނަމުން ގޮވައިލިއެވެ. އެހެނަސް ދާރިސް ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އިސްޖަހައިލިއެވެ. އެއާއިއެކު ދާރިސްގެ ކަޅި އަވަސްއަވަހަށް ދެ ފަރާތަށް ހިންގެން ފެށިއިރު ލޮލުން ކަރުނަ ހިލިފައިވިއެވެ.
ދާރިސްއަށް ވަމުން ދިޔަ ގޮތް ފެނި، ހިބާ ދާރިސްއަށް ގޮވައިލަން އުޅުނު ތަނާހެން ދާރިސް އެތަނުން ދާން ހިނގައިގަތެވެ. އެއާއިއެކު ހިބާއަށް އިޚްތިޔާރަކާއި ނުލައި ބާރަށް ދާރިސްއަށް ގޮވައިލެވުނެއްކަމަކު ދާރިސް ފަސް ބަލައިލުމެއްވެސް ނެތި އެ ކުލާހުން ނިކުމެގެން ދިޔައީއެވެ.
ކުލާހުން ނިކުތް ދާރިސްގެ މިޞްރާބު ހުރީ ސްކޫލްގެ ގޭޓާއި ދިމާލަށެވެ. ބާރު ހިނގުމެއްގައި އޭނަ ސްކޫލުން ނިކުންނަމުންދާ ތަން ފެނި، ގިނަ ބައެއްގެ ނަޒަރު އޭނައަށް އަމާޒުވާތަން އެނގުނެއްކަމަކު، އެއަށް ސަމާލުކަމެއް ދެވޭހާ ވަރަށްވުރެ އޭނަގެ ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާން ބޮޑެވެ. އެދުވަހުގެ އެ ވަގުތުގައި އުޑުމަތި ބަނަވެ ހިސާބަކަށް ގަދަވެގެން ދިޔަ ވައިން އެ ހައިޖާން ސިފަކޮށްދޭން އުޅުނު ފަދައެވެ.
ސްކޫލުން ނިކުތް ގޮތަށް ދާރިސް އެރީ، އޭނަ އެދުވަހު ހިބާއާއިއެކީ ސްކޫލަށް އައުމަށް ހިބާ ދަންނަ ބޭބެއަކު ދިން ކާރަށެވެ. ކާރަށް އެރުމާއިއެކު ދާރިސް މަޑުވެސް ނުކޮށް ކާރު ސްޓާޓްކޮށްލަމުން ދުއްވައިލީ، އޭނަގެ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. އެހެނަސް އެއިން ދާރިސްއަށް ލިބުނު އެހީއެއްނެތެވެ.
ގެއަށް ވަދެގެން ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމަށްފަހު އިތުރަށް ދާނެ ދިމާލެއް ނުފެނުމުން، ދާރިސް ފުން ނޭވާތަކެއް ލަމުން ޚިޔާލުކުރީ އެނދުގައި އިށީނުމަށެވެ. އެހެނަސް ރަނގަޅަށް ވިސްނަން އެވަގުތު ނުކުޅެދިފައިވުމުން އިށީނދެވުނީ، އެނދުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފާރު ކައިރިން ބިންމަތީގައެވެ. އޭނަގެ ތެރަޕިސްޓް ބުނެފައިވާ ފަދައިން އެފަދަ ޙާލަތެއްގައި ފުން ނޭވާތަކެއް ލަމުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅޭ ގޮތްވިއެވެ.
އެހެނަސް އެވަގުތު ކުއްލި ގޮތަކަށް ވެހެން ފެށި ވާރޭގެ އަޑާއިއެކީ ގުގުރީގެ އަޑު އިވިގެން ދިޔުމުން ދާރިސްގެ ނޭވާ ހުއްޓުމަކަށް އައެވެ. އެ އަޑުން ގުގުރީގެ އަޑު އޭނައަށް އެންމެ ފުރަތަމަ އިވުނު ކަމަށް ޤަބޫލުކުރެވޭ ދުވަސް ހަނދާނަށް ވެރިވެގެން ދިޔުމުންނެވެ. އެންމެ 5 އަހަރުގައި އޭނައަށް ގުގުރީގެ އަޑު އިވިގެން ދިޔައީ ގޭގެ ބެލްކަނީގައި ބޯޅަ ކުޅެން ހުއްޓާއެވެ. ފެނުނު ވިދުމާއިއެކީ އިވިގެން ދިޔަ އަޑުން ދާރިސްއަށް ވަގުތުން ބޯޅަ ދޫކޮށް، ކަންފަތުގައި ދެ އަތް އަޅައިލަމުން ރޮވެން ފެށުނެވެ. ރޯން ފެށިތާ މާ ގިނައިރެއް ނުވެ ފަހަތުން އައިސް އޭނަގެ ގައިގައި ބައްދައިލަމުން އެތެރެއަށް ގެންގޮސް ހަމައަކަށް އެޅުވީ މަންމައެވެ.
އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔަދިޔަހެން މަންމަގެ އެ ބައްދައިލުމުގެ އިޙްސާސް ކުރެވުނުހެން ވެސް ދާރިސްއަށް ހީވިއެވެ. އެއާއިއެކު އަނެއްކާވެސް ދާރިސްގެ ލޮލުން ކަރުނަ ހިލުނެވެ. ކިތަންމެ ބޭނުމެއް ނުވިޔަސް މާ ގިނައިރެއް ނުވެ އެ ކަރުނަތައް އޭގެ މަޤާމް ދޫކޮށް ދާރިސްގެ ކޯތާފަތްމައްޗަށް ފޭބިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ދާރިސްގެ ގިސްލުމުގެ އަޑު އެ ކޮޓަރި ތެރޭގައި ހިފައިލިއެވެ.
**
ވިއްސާރަވުމުގެ ސަބަބުން ހިބާއަށް ގެއަށް އާދެވޭ ގޮތްވީ، ދާރިސް ގެއަށް އައިތާ ގަޑިއިރެއްހާއިރު ފަހުންނެވެ. ހިބާ ބޭނުންވިނަމަ ވިއްސާރަ ވިޔަސް އަދި ފެއާރ ނުނިމުނަސް ކޮންމެވެސް ގޮތެއް ހޯދައިގެން ގެއަށް އައީހެވެ. އެހެނަސް އެހެން ނެހެދީ، ދާރިސްއަށް އެކަނިވާން ވަގުތު ވެސް ދިނުމަށެވެ. ދާރިސްއަށް އެ ވަގުތު ބޭނުންވާނެކަމަށް ޤަބޫލުކުރެވުނީތީވެއެވެ.
ދާރިސް ދިޔުމާއިއެކު އޭނައަށް ބަލައިލަމުން ރޮވިފައިވާ އަޑަކުން އާދޭސް ކުރަން ފެށި މުނީރާގެ އެދުންތަކަށް ވެސް ހިބާ ބީރު ކަންފަތެއް ދޭންޖެހުނު ސަބަބަކީ އެއީއެވެ.
“އެއީ….އެއީ ހަމަ ދާރިސް ދޯ ހިބާ؟ އެއީ ހަމަ ދާރިސް؟! ހެހެ…ހީވާން ވެސް ހީވިއޭ ހިބާއާއި އިނދެގެން އުޅޭތީ. ޝަހީދުވެސް ބުނި ދާރިސްއަށް ހިބާ ކަމުގޮސްގެން އުޅުނު ވާހަކަ. އަދި އެހާ އައިޓީވެގެން އުޅޭތީވެސް…އަލްޙަމްދުލި ﷲ. ވަރަށް އުފާވެއްޖެ…..އަލްޙަމްދުލި ﷲ…ހިބާ…ހިބާ އަނެއްހެން…އަނެއްހެން ދައްތަ ބޭނުމެއްނޫން ދާރިސްއާއި އެކީ އުޅޭކަށް. އެކަމަކު މި ގޮތަށް ފެނުނީމަ އަދި އެއްފަހަރު ފެނިލަން ބޭނުން. މަންމައަށް ކިތަންމެ ރުޅިވިޔަސް….. ދާރިސްއަށް ވިސްނައިދެއްޗޭ މި މަންމައާއި އެއްފަހަރު ނަމަވެސް ބައްދަލުކޮށްލަން. މިކަން ކޮށްދެއްޗޭ ހިބާ. އާދޭސްކުރަން!”
މުނީރާ ހިބާގެ ދެއަތުގައި ހިފަހައްޓައިލަމުން ކަރުނުން ފުރިފައިވާ ލޮލާއިއެކީ ރޫރޫ އަޅާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ހިބާގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. ހިބާ އެ ވާހަކައަށް ރައްދެއް ދޭން އުޅެނިކޮށް މާޒިންގެ ޕްރޮޖެކްޓު ބަލަން އެ ކުލާހަށް ކޮންމެވެސް ބެލެނިވެރިއެއް ވަނެވެ. އެއާއިއެކު ހިބާ މާޒިންއަށް ބަލައިލިއިރު މަންމަ ރޯތަން ފެނި، މާޒިން ވެސް ހުރީ ރޮވެން ކައިރިވެ، މާޙައުލާއިމެދު މުޅިން އޮޅުން އަރާފައެވެ.
އެހެންކަމުން ހިބާ ވަގުތުން އެ ބެލެނިވެރިޔާގާތު ދިޔުމަށް އެންގީ، އެވަގުތު ކުއްޖާގެ ޙާލަތު ރަނގަޅު ނޫންކަމަށް ބުނަމުންނެވެ. އެ ބެލެނިވެރިޔާ ދިޔުމުން ހިބާ އަނެއްކާވެސް މުނީރާއާއި ކުރިމަތިލިއެވެ.
“އެންމެ ރަނގަޅު ދައްތާ….އަހަރެން ދާރިސްއާއި ވާހަކަ ދައްކާނަން. ދެރަ ނުވައްޗޭ. ދާރިސް އެއްބަސްވާނެ އިން ޝާ ﷲ…”
މުނީރާގާތު އަމިއްލައަށް ބުނެވުނު ބަސްތައް، ގެއަށް ވަންނަމުން ދިޔަ ހިބާގެ ކަންފަތުގައި ގުގުމައިލުމާއިއެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އެ ބަސްތައް ބުނީ އެކަން ކުރެވޭނެ ކަމުގެ މާ ބޮޑު ޔަޤީންކަމެއް އޮވެގެނެއް ނޫނެވެ. ކަން މިހެން އޮތްވާ އެހާ ބޮޑު ވަޢުދެއް ވެވި އެ ވަޢުދު ނުފުއްދިދާނެކަމުގެ ނުތަނަވަސްކަން ހިތުގައި އުފެދުނެވެ. އޭނައަށް މިއަދު އެ މަންމައާއި ދަރިފުޅު ބައްދަލު ކުރެވުނީ އެންމެ ރަނގަޅަށްތޯ ވެސް ހިތާހިތުން ސުވާލު ކުރެވެން ފެށިއެވެ.
މިފަދަ ޚިޔާލުތަކުގައި ހުރެ ހިބާ އޭނަގެ ފައިވާން ބޭލުމަށްފަހު ފައިވާން ނަގަން ތިރި ބެލިއެވެ. އެ ވަގުތު އެތަނުން ދާރިސްގެ ބޫޓު ފެނިފައި އޭނަގެ ފައިވާނާއި އެކީ އެކީ އެ ބޫޓު ވެސް ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. ހަމަ އެވަގުތު އެ ހަރުގަނޑުން ހަމްނާގެ ކުޅޭ ބޫޓުވެސް ފެނިފައި ހަމްނާ ވެސް ގެއަށް އައިސްފިކަން އެނގުންވިއެވެ. ހަމްނާ ގެއަށް އައީ ތެމިގެންކަން ހިބާއަށް އެނގުންވީ އެ ބޫޓުގައި އަތްލުމުންނެވެ. އެއާއިއެކު ހިބާއަށް ހަމްނާގެ ކޮޓަރިއާއި ދިމާލަށް ނަޒަރެއް ދެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެވަގުތުން ވަގުތަށް ވެސް ހަމްނާއާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް ހަމްނާއަށް ވުރެ ކުރިން އޭނަގެ ސަމާލުކަން އެންމެ ބޮޑަށް ބޭނުންވަނީ ކާކަށްކަން އެނގުންވުމުން، ހިބާ އޭނައާއި ދާރިސް ހިއްސާކުރާ ކޮޓަރިއާއި ދިމާލަށް ދާން ފެށިއެވެ.
ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ހުޅުވުމުގެ ކުރިން ހިބާ ޓަކި ދިނެވެ. އެ ޙާލަތުގައި އެފަދަ ޢިޝާރާތެއް ނެތި އޭނަ ކޮޓަރިއަށް ވަދެގެން ގޮސްފިނަމަ ދާރިސް ނުރުހުންވެދާނެހެން ހީވުމުންނެވެ. އިރުކޮޅެއްވީއިރު ވެސް އެތެރެއިން ޖަވާބެއް ނައުމުން ހިބާ ދެވަނަ ފަހަރަށް ވެސް ޓަކިދިނެވެ. ދެންވެސް އެއްވެސް ޖަވާބެއް ނުލިބުމުން ހިބާ އެންމެފަހުން ދޮރުގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. ހިބާ ހީކުރި ގޮތާއި ޚިލާފަށް އެ ދޮރު ނުހަނު ފަސޭހައިން ހުޅުވިގެން ދިޔައެވެ.
ކޮޓަރި ތެރެ ފެނުމާއިއެކު ހިބާ އެންމެ ފުރަތަމަ ނަޒަރެއް ދިނީ އެނދަށެވެ. ދާރިސް ވިސްނުމަކަށް ގެއްލުމުން ޢާއްމު ގޮތެއްގައި އިންނާނީ އެނދުގައި ކަމަށްވީތީވެއެވެ. އެހެނަސް ދޮރު ބޮޑުކޮށް ހުޅުވައިލުމުން ވެސް ދާރިސް ފެންނަން ނެތުމުން ހިބާ ކޮޓަރި ތެރެއަށް ވަދެ ވަށައި ހޯދައިލިއެވެ.
އެހިނދު ދާރިސް ފާރަށް ލެނގިލައިގެން ބިންމަތީގައި އިންގޮތުން ހިބާގެ ހިތް މޭތެރޭގައި އޮވެ ގެނބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ. އެތައް އަހަރެއް ފަހުން މަންމަ ފެނުމުން ދާރިސްއަށް އަސަރު ކުރާނެކަމަށް ހިބާއަށް ކުރިން ވެސް ލަފާ ކުރެވިފައިވިއެވެ. އެހެނަސް ދާރިސް އެ އިން ގޮތުން ދާރިސް މިއަދު އެ ވަނީ އޭނަ ހީކުރިވަރަށްވުރެ ފުން ހިތާމައެއްގައިކަން ހިބާއަށް އެނގުންވިއެވެ.
“ދާރިސް…” ހިބާ ލަސް ފިޔަވަޅުތަކެއްގައި ދާރިސްގެ ކައިރިއަށް ދަމުން ވައި އަޑުން ގޮވައިލިއެވެ. އެހެނަސް ދާރިސް ދެންވެސް އެ އިން ގޮތަށް އިނީއެވެ. ހިބާގެ އަޑު ނުވެސް އިވުނު ކަހަލައެވެ. ދާރިސް އެ ވަނީ އޭނަ ނެތް ވަގުތުގައި ގަދައަށް ރޮއިފައިކަން ހިބާއަށް އެނގުންވީ، އެ ލޯ ދުޅަވެ، އެސްފިޔަތައް ތެމިފައިވިތަން ފެނުމުންނެވެ. އަހަރުތަކެއް ފަހުން ދާރިސް މިފަދަ ޙާލަތެއްގައި ވިތަން ފެނިފައި ހިބާ ދެރަ ވީ ހިނދު، ނުތަނަވަސްވެސްވިއެވެ.
ހިބާގެ ހަނދާނަށް އަންނަމުން ދިޔައީ، ކުޑައިރު އޭނަ ދާރިސްގާތު މަންމަގެ ވާހަކައެއް ބުނުމުން ރޮއިރޮއިފައި ރުޅި އިސްކުރި ގޮތެވެ. ހިނދުކޮޅަކަށް ނަމަވެސް ހިބާ ދާރިސްއާއި ދުރަށް ދާން ހިތަށްއެރިއެވެ. އެހެނަސް މިއަދު އޭނައަކީ ދާރިސްގެ ޙަޔާތުގެ ބައިވެރިޔާކަން ހަނދާންކޮށް، ހިބާ މަޑުކުރަން ނިންމިއެވެ. އަދި އަމުދުން މިއަދު އޭނަގެ ކުރިމަތިން ފެންނަމުން މި ދަނީ ކުޑައިރުގެ ދާރިސްއެއް ނޫންކަން ހަނދާންކުރަމުން ވެސްމެއެވެ. ކަން މިހެން އޮތްއިރު އޭނައަށް ވެގެން އޭނަ ދާރިސް ހިތާމައެއްގެ ތެރެއަށް ދޫކޮށްލައިގެނެއް ނުވާނެއެވެ.
އޭނަގެ ގޮވައިލުމަށް ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާ ގޮސް ދާރިސްގެ ކުރިމަތީގައި ހުއްޓިލަމުން ވާހަކަ ދެއްކިއެވެ.
“ކީއްވެ މަންމަ ފެނުނީމަ އެއްޗެކޭ ނުބުނެ ދިޔައީ؟” ހިބާ އޭނަގެ ހިތުގައި އޮތް ސުވާލުކޮށްލިއެވެ. ދާރިސް ދެންވެސް ކަހާތަން ހިރުވައިވެސް ނުލިއެވެ.
“މަންމަ ވަރަށް ރުޔޭ ދާރިސް ދިޔައިމަ. ދާރިސް ދެރައެއް ނުވޭތަ މަންމަ ދެރަވީމަ؟” ހިބާ އިތުރަށް ސުވާލުކުރިއެވެ. ހަމަ އެއްވެސް ޖަވާބެއް ނައެވެ. ހިބާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“މަންމަ ބުނި ދާރިސްއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ. އަހަރެން ބުނިން ދާރިސްއާއި ވާހަކަ ދައްކައިގެން ބައްދަލުވުމެއް ހަމަޖައްސައިދޭނަމޭ. ކޮން ދުވަހަކުތަ މަންމައާއި ބައްދަލުކުރާނީ؟” ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަ ދާރިސްއަށް ހިސާބަކަށް ނުރުހުންވެފައިވިއެވެ. މަންމަ ދެރަވި ވާހަކަ ބުނުމުން ވެސް ސަމާލުކަން ނުދީ އެގޮތަށް އިނުމުންނެވެ. ދާރިސްގެ މަންމަ އާދޭސް ކުރި ގޮތް ހަނދާންވެ، ދާރިސްއަކީ އަމިއްލަ މަންމަ ހަމަ އެހާ ދެރަކޮށްލާ މީހަކީތޯ ހިތާހިތުން ކިޔައިލެވުނެވެ.
“ހަމަ އެއްޗެކޭ ނުބުނާނަން؟” ހިބާއަށް އަހައިލެވުނެވެ. އެއަށްވެސް ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އައިސްފައިވި ރުޅީގައި އެއްޗެކޭ ބުނެވެން އުޅުނެއްކަމަކު ހިބާ ހިމޭންކަން ޚިޔާރުކުރިއެވެ. އެއަށްފަހު ދާރިސްއަށް ފަސްދީފައި ދާން ފެށި ވަގުތު ދާރިސްގެ އަޑުއިވުނެވެ.
“ބޭނުމެއްނޫން ބައްދަލުކުރާކަށް….” ދާރިސް އެހެން ބުނެލި އަޑަށް ހިބާ ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަސްއެނބުރި ބަލައިލިއެވެ.
“އެއީ ކީއްވެހޭ މި އަހަނީ ދާރިސް؟ މަންމަ މި ހުރިހާ ދުވަހު ދާރިސް ކައިރި ނެތީމަ މަންމައަށް ނުރުހުންވަނީތަ؟ ނޫނީ އެ މަންމަ ދާރިސް ރަށުން ބޭރުކޮށް ބީރައްޓެއްސެއްގެ ގެއަކަށް ފޮނުވައިލި ކަމަށްޓަކައި މަންމައަށް ރުޅީތަ؟ ނޫނީ އެ މަންމައަކީ ދާރިސްއާއި އަޅައިނުލާ ދާރިސްއަށް އަނިޔާ-“
“މަންމައާއިމެދު ތިގޮތަށް ވާހަކަ ނުދައްކާ ހިބާ!”
ކުއްލި ގޮތަކަށް ދާރިސް ހަރުކަށި އަޑަކާއިއެކީ އިންގޮތަށް އިނދެ އޭނައަށް ރުޅިވެރި ނަޒަރެއް ދިނުމުން، ހިބާ ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. ހިބާއަށް ވިގޮތް ފެނުމާއިއެކު އެ ނަޒަރު ބަދަލުވެގެން ދިޔަކަން ވެސް ހިބާއަށް ފާހަގަވިއެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ހިތްވަރެއް ލިބުނީ އެހެންވެއެވެ.
“ދެން؟ މީގެ މާނައަކީ ދާރިސް މަންމައާއި ބައްދަލުކުރާނަމޭތަ؟” ހިބާ އެހިއެވެ.
“ބައްދަލު ނުކުރެވޭނެ…”
“އެއީ ކީއްވެހޭ؟-“
“އަހަރެންގެ ސޫރަ ދައްކައިގެން މަންމައަށް އިތުރު ހިތްދަތިކަމެއް ދޭކަށް ބޭނުމެއް ނޫން…”
ދާރިސް އެންމެފަހުން ދިން ޖަވާބުން ލިބުނު ޙައިރާންކަމާއިއެކީ ހިބާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. ދާރިސް އިސްޖެހިފައި އިންގޮތަށް އިނދެ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަހަރެން މިއީ ކައިވެނިން ބޭރުން ލިބުނު ކުއްޖެއްކަން ވަރަށް ކުރިން އެނގިއްޖެ. މަންމައަށް ލިބުނު އަނިޔާއެއްގެ ތެރެއިން ލިބުނު ކުއްޖެއްކަން ވެސް އެނގިއްޖެ. އެކަމަކު އަހަރެން ދުނިޔެއަށް އައުމުގެ ސަބަބުން މަންމައަށް ލިބިފައިވާނެ ހިތާމައާއިމެދު ވިސްނުނީ މާ ފަހުން….” ދާރިސް ކިޔައިދިނެވެ. އެއާއިއެކު ދާރިސްގެ އެ ވާހަކަ ދާ މިޞްރާބު އެނގުންވުމުން ހިބާގެ ނިތުން ރޫތައް ފިލައިގެން ދިޔައެވެ.
“ފުރާވަރުގައި ވެސް އިވޭ މަންމަގެ އެކުވެރިން މަންމަ ކައިރިއަށް އައިއްސަ ދައްކާ ވާހަކަ. މުނީރާ އެހާ ބަދުނަސީބުވީ އެ ކުއްޖަކު ލިބޭތީވެއޭ. އެ ހިތާމަވެރި ޙާދިސާ ކުރިމަތިވިޔަސް އެ ކުއްޖާ ނުލިބުނުނަމަ އިންނަން ވެސް ރަނގަޅު މީހަކު ލިބުނީހޭ. ބޮޑުވަމުން ދިޔަދިޔަހެން އެ ވާހަކަތައް ވިސްނިގެން ދިޔައީ. ވަކިން ޚާއްޞަކޮށް ސްވިސްއަށް ދިޔަފަހުން މަންމަގެ ސިޓީތައް ލިބިލިބި ހުރެފަ ހުއްޓުނީމަ އެކަން އިޙްސާސް ކުރެވުނީ. މަންމަ މީހަކާއި އިނދެގެން ކުއްޖަކު ލިބުނު ވާހަކަ އިވުނީމަ އެނގުންވެގެން ދިޔައީ….އަހަރެން ނުލިބުނުނަމަ މަންމައަށް މާ ކުރިން އެފަދަ ރީތި ދިރިއުޅުމެއް ލިބުނީހޭ. އަހަރެންގެ ނަން ވުޖޫދުން ފޮހެވިގެން ދިޔައީ ރަނގަޅަށް ކަންނޭނގެ. އޭގެ ސަބަބުން މަންމައަށް އާ ޙަޔާތެއް ފެށުމުގެ ފުރުސަތު ލިބިގެން ގޮއްސި. މަންމަ އެ ޙަޔާތުގަ އުފަލުގަ އުޅޭތަން ދެކެން ބޭނުމީ. އަނެއްކާވެސް މަންމަގެ ވަށައިގެން ތިބި މީހުންނަށް އަހަރެން ހުރިކަން އެނގި، މަންމަ ބަދުނާމުވެގެން ދާކަށް ބޭނުމެއްނޫން…..އަހަންނަކަށް ނޭނގޭ އަހަރެން ބައްޕަ ކިޔަންޖެހޭ މީހެއްގެ ސޫރަ ހުންނަ ގޮތެއްވެސް. ހިތަށް އަރާ އަހަރެން ފެންނަ ކޮންމެ ފަހަރަކު މަންމަ އެމީހެއްގެ މަތިން ހަނދާންވާނެއޭ. އެ އަނިޔާގެ މަތިން ހަނދާންވާނެއޭ. އެއަށްވުރެ މާ ރަނގަޅުދޯ އަހަރެން މަންމަގެ ޙަޔާތުން ދިޔައިއްޔާ؟”
ދާރިސް އެ ފަހު ސުވާލުކޮށްލި ހިނދު އެ އަޑު ކުރެހި، އަނެއްކާވެސް އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ، ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެން އައެވެ. އެހިނދު ހިބާގެ ހިތަށް ކުރި އަސަރާއިއެކީ ހިބާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ.
“މަންމަ ދެކިލަން ބޭނުން….މަންމައާއި ބައްދަލުކުރަން ބޭނުން. މަންމައާއި އެކީ އުޅެން ބޭނުން. އެކަމަކު މަންމަ ދެރަކުރަން ވެސް ބޭނުމެއްނޫން….” ދާރިސްގެ އެ ފަހު ބަސްތަކާއިއެކީ އެ އަޑު ގެއްލިގެން ދިޔައީ ދާރިސްގެ އަރު ބެދުމުންނެވެ. އެއާއިއެކު ދާރިސް މޫނުގައި އެއްއަތް އަޅައިލަމުން ރަނގަޅަށް ރޯން ފެށިއެވެ.
ހިބާ އެ މަންޒަރު ބަލަން ނުހުރެވިގެން ދާރިސްގެ ކައިރިއަށް ގޮސް ބިންމަތީގައި ކަކޫ ޖައްސައިލަމުން ދާރިސްގެ ބޯ ގެނެސް އޭނަގެ މޭގައި ޖައްސައި ބައްދައިލިއެވެ.
ނުނިމޭ
Jana
January 24, 2022 @ 5:09 pm
Salaam kiyuntherin! Dhen oiy bai up vaane dhuvaheh Jana bunaanan Wednesday night ga In Sha Allah. Because I have a deadline of another project coming up and can only guess how much I will be able to write along with that work.
Vaahaka nimen ves varah kari vejje. Dhen onnaany 6-7 varakah episodes In Sha Allah. busy kamun comments thakah reply nukureveny. Will try to reply to the recent ones from tomorrow night In Sha Allah. I do read them all and feel so encouraged and loved. Love you too dear readers! Stay safe <3 <3 <3
Ibaa
January 24, 2022 @ 5:29 pm
vrh exciting mi story. Alhe kiyaa hithun indha nimunyma hyvaany vrh kuruhen but hehe sis story genesdhinyma hama Jazakillahi khairan.May Allah bles you.Ameen.ly
Jana
January 27, 2022 @ 4:10 pm
Excite vumah vure Jana dheravaa goiy vany mi episode thah kiyaafa. I cried so hard while writing this episode *cries* hmm…..kuruhen heevany kureekolhuga Muneera ge nazariyyaathu genesdheefa hureema. In Sha Allah dhen oiy bain gina kanthah hingaane. May Allah bless you more. Ameen! Love you :* <3
eunoia
January 25, 2022 @ 8:01 am
Alheyy dhaariss 🙁 Don’t say that, dhaaris mamma kihaa ufaa vaane? I wish he will meet her soon
How is hamna? so curious to know hamna ge answer to naufal.. I’m sure naufal nukuraane rangalhu kameh even if he knows.. :/
Masha Allah mi part vx vrh reethi, Jana sis <33
tgc ✨🤍
Jana
January 27, 2022 @ 4:14 pm
Yeah. Mum and son kommeves varakah eggoiy dho? Muneera ves Dhaaris nuruhunvedhaanethy jehilunvefa. Dhaaris mamma dheravedhaanethy dhuruvefa. Lets see if they can reunite..
Hamna rangalhuvaane hen hiyeh nuvey dho? vaare aa themigen geah aee ves. Naufal ah vaagotheh balama.
Alhamdhulillah! Jazaakillah Khairan for the support. tgc <3
Dhonthi
January 25, 2022 @ 8:15 am
Assalaamu alaikum Jana dhahthaa😊Masha Allah 😍 varah reethi mi part ves..
Ehen v ma dhaaris muneeraa aa rulhi ehh noon dhw..he loves her a lot..but mi part ga I miss hamnaa very much ingey..hehe..
Jana
January 27, 2022 @ 4:18 pm
Wa’alaikumussalaam Dhonthi. yes, Dhaaris loves his mom a lot. He has always been like that dho? he hasn’t changed a bit.
SAAME! I missed Hamna too 😀
Alhamdhulillah! <3
Mish
January 25, 2022 @ 10:18 am
Dhaaris<3♡🥺🥺
Jana
January 27, 2022 @ 4:19 pm
Dhw? *teary eyes*
Jana
January 26, 2022 @ 5:12 pm
Salaam readers! I will be uploading part 54 of Dhaaris on Tuesday night In Sha Allah 😃 ❤ Much love. Stay safe! ❤ ❤ ❤
Will reply to comments tomorrow evening In Sha Allah since I’m exhausted tonight. Jazaakumullah Khairan for your support always readers <3