ދާރިސް (ފަސްދޮޅޮސްހަތަރުވަނަ ބައި)
މަރުކަޒުގައި ބޭއްވުނުތާ ދެދުވަހެއްހާ ފަހުން ހިބާ ގެއަށް ފޮނުވައިލެވުނެވެ. އެ ދެ ދުވަސް ތެރޭގައި ވެސް ދާރިސް ހިބާގާތު ދެމީހުން އެކީގައި މާލެދާން ރާވައިވާ ވާހަކަ ނުއެއް ބުނެއެވެ. މާލެ ދަނީ ހަމައެކަނި ހިބާގެ އިތުރު ފަރުވާއަށް ނޫން ކަމަށާއި، އެއަށްވުރެ ބޮޑު ކަމަކުކަން ހިބާއަށް އަންގަން ބޭނުންވީތީވެއެވެ. އެ ޚަބަރު އަޑު އެހުމަށްޓަކައި ހިބާގެ ޙާލަތު ތަންކޮޅެއް ރަނގަޅުވުން މުހިންމު ކަމަށް ދާރިސްއަށް ޤަބޫލު ކުރެވުނީތީވެއެވެ.
ހިބާއަށް އެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރެއް ލިބުނުހެން ދާރިސްއަށް ހީވީ، ގެއަށް ފޮނުވައިލެވުނު ދުވަހުގެ ހަވީރު، ހިބާއަށް އަނިޔާ ލިބުނު ފަހުން ފުރަތަމަ ފަހަރަށް ރަނގަޅަށް ކެވުނީތީވެއެވެ. އަދި އެ ކެއުމުގެ ތެރެއިން ހިބާ އޭނަގެ ވާހަކަތަކާއި ސަމާސާތަކުގައި ބައިވެރިވެ، އެ މޫނުމަތިން ހިނިތުންވުންތައް ވެސް ފެންނަން ފެށީތީވެއެވެ. އެހެންކަމުން ދާރިސް ހިބާއާއި ވާހަކަ ދައްކަން އެ ފުރުސަތުގެ ބޭނުން ހިފިއެވެ.
“ހިބާ….އަހަރެން ކުޑަ ވާހަކައެއް ދައްކަންވެފަ އެބައޮތް…” ދެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ހިމޭންކަމެއް ވެރިވުމުން ދާރިސް ބުންޏެވެ.
“ކޮން ވާހަކައެއް؟” ހިބާ އަހައިލިއެވެ.
“އަސްލު….ލޯބިއަށް އެނގެއެއްނޫންތަ އަހަރެން މި ވީކެންޑްގަ ސްވިސްއަށް އަނބުރައި ދާންޖެހޭކަން؟ އޭގެ ކުރިން ބޭނުން ހިބާ ގޮވައިގެން މާލެދާން. ތިހާ ބޮޑު ޒަޚަމްތައް ލިބިފަ ހުރީމަ މާލޭ ޑޮކްޓަރަކަށް ދައްކައިލުން ރަނގަޅުދޯ؟ ތަދުވާ ލޮލުން ފުސްކޮށް ފެންނަ ވާހަކަ ލޯބި ބުނީމެއްނު؟”
“އާނ….އެކަމާހެދި ކުޑަކޮށް ބިރުވެސް އެބަ ގަނޭ. އެކަމަކު ދާރިސްއަށް ވެސް އުދަގޫވާނެއެއްނު އެހާ ދިގު ދަތުރެއް ކުރުމުގެ ކުރިން މާލެއަށް ގޮއްސަ އަހަންނާއިއެކީ ގަނަތެޅެންވީމަ؟ ހެހެ…”
“ހޭއި! ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟ ހިބާއަށް ބޭނުންވާ އެންމެ ފުރިހަމަ ފަރުވާ ހޯދައި ނުދީ އެކޮޅަށް ގޮއްސިއްޔާ އަހަރެން ބޯ ހާސްވެގެން އެކޮޅުގަ ނުވެސް ހުރެވޭނެ….އަދި މާލެއަށް ގޮއްސަ އަހަރެން ކޮންމެހެން ކުރަންޖެހޭ މުހިއްމު އެހެން ކަމެއް ވެސް އެބައޮތް…”
ދާރިސް އެ ފަހު ބަސްތައް ބުނެލިއިރު އެ މޫނުމައްޗަށް ވެރިވި ސީރިއަސްކަން ހިބާއަށް ސިއްރެއްނުވިއެވެ.
“ކޮން ކަމެއް؟” ހިބާއަށް ވެސް ސީރިއަސްކަމާއިއެކީ އަހައިލެވުނެވެ.
“ޖަސްޓް….ސަމްތިންގް..” ދާރިސްއަށް ބުނެލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު ހިބާއަށް ބަލައިލަމުން ހިނިތުންވުމެއް ދައްކައިލީ، އޭނަ ކިޔައިދޭންޖެހޭ ވާހަކައިގެ ބަރުދަން އެނގުންވެ، އެވަގުތު ހިބާގެ ހިތަށް އެ ބުރަކަން އިޙްސާސް ކުރުވަން ބޭނުމެއް ނުވީތީވެއެވެ.
ދާރިސްގެ ނަސީބު ރަނގަޅުކަމުން ހިބާވެސް އިތުރު ސުވާލުތަކެއް ނުކޮށް ހިނިތުންވެލީއެވެ. ހިބާ ހީކުރާނީ ދާރިސް މާލެއަށް ގޮސް ކުރަން އުޅެނީ އޭނަގެ ހުނަރުވެރިކަމާއި ގުޅޭ ކަމެއްކަމަށް ހިބާއަށް ހީކުރެވޭނެކަން ޔަޤީންކޮށް، ދާރިސްވެސް އޭނަގެ ހިނިތުންވުން ފުންކޮށްލިއެވެ.
ހަމަ އެ ވަގުތުން ވަގުތަށް ވެސް ދާރިސް އޭގެ އަނެއްދުވަހުގެ ހެނދުނު މާލެއަށް ދިޔުމަށްޓަކައި، އޭނައަށާއި ހިބާއަށް ޓިކެޓް ނެގިއެވެ. ހިބާވެސް އޭގެ މާ ގިނައިރެއްނުކޮށް ހަމްނާ ގެނެސް އެ މީހުން މާލެދާން އުޅޭ ވާހަކަ ބުނެ، ބޮޑުބޭބެގެ ގެއަށް ދިޔުމަށް ތައްޔާރުވުމަށް އެންގިއެވެ. މާލެދަނީ ދޮންތަގެ ފަރުވާއަށްޓަކައިކަން އެނގުމުން ހަމްނާ ކުޑަވެސް ދެބަސްވުމެއްނެތި ދޮންތަ ބުނި ގޮތަށް ހެދިއެވެ.
**
ލަންކާއަށް އެރޭގެ ވަގުތެއްގައި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗާރ ތެރެއިން ޒުވާނަކު ފުރޮޅުލީ ގޮނޑިއެއް ދުއްވަމުން ދިޔަ މަންޒަރަށް ގިނަ ބައެއްގެ ނަޒަރުތައް އަމާޒުވަމުން ދިޔައެވެ. އެއީ ދަރިއަކު އޭނަގެ ބަލި ބައްޕަ ގޮވައިގެން ފުރަނީކަމަށް ގިނަ މީހުންނަށް ހީކުރެވުނެއްކަމަކު، އެ ދެމީހުންގެ ދެމެދުގައި ވަނީ ހަމައެކަނި ވަޒީފާގެ ގުޅުމެއްކަން އެކަކަށްވެސް ނޭނގެއެވެ.
އެފަދަ ނަޒަރުތަކަށް އާދަވެފައިވާ އަނަސް، ވަކި މާ ބޮޑު ފަރުވާލެއްނެތި ރައްޒާޤު ގޮވައިގެން ދިޔައީ، އެމީހުން ނިކުންނަންޖެހޭ ގޭޓާއި އެންމެ ކައިރިވާ ގޮތަށް ހުރި ގޮނޑި ބަރިއަށެވެ. ރައްޒާޤުގެ ގޮނޑި އެތާ މަޑު ކުރުވުމަށްފަހު އަނަސް ކައިރި ގޮނޑިއެއްގައި އިށީނދެ ވާހަކަ ދެއްކިއެވެ.
“މަނިކުފާނު އެއްޗެއް ނުބައްލަވާނަންތޯ؟ މިތާ ކައިރީގަ ވަރަށް ފެންވަރުގެ ރެސްޓޯރެންޓުތައް އެބަހުރި…” އަނަސް ބުންޏެވެ.
“ކާ ހިތެއްނުވޭ…..ރަށަށް ގޮއްސަ ދާރިސް ދެކިލާ ހިތްވަނީ…” ރައްޒާޤު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ޖަވާބުދިނެވެ. އެ ވާހަކަ އިވިފައި އަނަސް ރައްޒާޤަށް ބަލަން އިނދެ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ހަމަ އެހާވެސް ލޯބިވޭތޯ ދާރިސްދެކެ؟” އަނަސް ސުވާލުކުރިއެވެ. ރައްޒާޤު ބޯޖަހައިލަމުން ވާހަކަ ދެއްކިއެވެ.
“އަބަދުވެސް އަހަރެންގެ އެންމެ ބޮޑު އުއްމީދަކަށް ވެފައިވީ އަހަރެންގެ ދަރިންނާއި ދަރިންގެ ދަރިންގެ ތެރެއިން ޞާލިޙު ކުދިންތަކެއް ތަރުބިއްޔަތުވެގެން އައުން. ދާރިސްއަކީ އެފަދަ ކާފަ ދަރިއެއް. އެކަމަކު އަހަންނަށް ބައްޕަ ކިޔާ ދެ ފިރިހެން ކުދިން ވެސް ވެގެން ދިޔައީ ނުލަފާ، ޖައްބާރު ބަޔަކަށް. ނޭނގެ އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ކަމެއް. އެކުދިންގެ މަންމަ ނެތަސް، އެކުދިން ތަރުބިއްޔަތު ކުރަން ހާދަ މަސައްކަތެއް ކުރީމޭ….އެކަމަކު މިރްޒާދާއި މުޢީން ވެސް ވެގެން ދިޔައީ އެހެން މީހުންނަށް އަނިޔާ ކުރާ، ހިތް ހަރު ދެމީހުންނަށް…” ރައްޒާޤު ހިތާމަވެރި މޫނަކާއިއެކީ ކިޔައިދިނެވެ. މިއީ ރައްޒާޤު ދެރަވާ ވަގުތުތަކުގައި ތަކުރާރުކޮށް ދައްކާ ވާހަކައަކަށްވުމުން، އެއީ އަނަސްއަށް އާ ވާހަކައަކަށް ނުވިއެވެ.
“އެމީހުން ގޯސްވުމަކީ މަނިކުފާނުގެ ކުށެއް ނޫން. މަނިކުފާނު ވިދާޅުވަމެއްނޫންތޯ ނޫޙް ޢަލައިހިއްސަލާމަކީ ރަސޫލު ބޭކަލަކަށް ވިޔަސް، އެކަލޭގެފާނުގެ ދަރިކަލުން ވެސް ދުނިޔެ ދޫކޮށް ދިޔައީ މަގު ފުރެދިގެންވާ މީހެއްގެ ގޮތުގައޭ. އެހެންވީމަ މަނިކުފާނުގެ ބޭފުޅުން އެގޮތަށް ވުމަކީ މަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އިމްތިޙާނެއް. އެ އިމްތިޙާނުން މަނިކުފާނަށް ގިނަގުނަ ޘަވާބު ލިބޭނެ، އިން ޝާ ﷲ!” އަނަސް ހިތްވަރު ލައިދިނެވެ. އެއާއިއެކު ރައްޒާޤު އަނަސްއަށް ބަލައިލަމުން ހީލިއެވެ.
“ހެހެ….އެ ކޮއި ވެސް މަށާއިއެކީ އުޅެމުން ގޮސް ވަރަށް ދީންވެރި ވެއްޖެދޯ؟ އަދިވެސް ހަނދާން އެބަހުއްޓޭ އެންމެ 18 އަހަރުގަ މަގޭ އޮފީހަށް އިންޓަވިއުއަށް އައިސް ތުރުތުރު އަޅައަޅާ އިނދެ ޖަވާބުތައް ދިން ހަނދާން!” ރައްޒާޤު ލާނެތް ހިނިތުންވުމެއްގައި އިނދެ ބުނެލި ވާހަކައިން އަނަސްއަށް ހީލެވުނެވެ.
“އެހާ ވަރުން ވެސް އަޅުގަނޑު ވަޒީފާއަށް ހޮވީތީ މަނިކުފާނަށް ޝުކުރުވެރިވަން. އެނގޭ އަޅުގަނޑުގެ ސަނަދުތަކަށްވުރެ މާ މޮޅެތި ސަނަދުތައް ހުރި ކުދިންވެސް މި ވަޒީފާއަށް ކުރިމަތިލިކަން…” އަނަސް އިސްޖެހިފައި އިނދެ ބުންޏެވެ.
“އެއްކަލަ އެ ފެށީ އަނެއް ވާހަކަ! މިކަހަލަ ވަޒީފާއަކަށް މުހިއްމުވަނީ ކޮންމެހެން ސަނަދެއް ނޫނޭ! މީހެއްގެ އުޅުމާއި އަޚްލާޤާއި އަމާނާތްތެރިކަން މުހިއްމުވަނީ. އަދި އަމުދުން އެފަދަ ކުއްޖަކު ނިކަމެތި ޙާލެއްގަ ހުރިތަން ފެނުނީމަ އެހީވެދޭން ބޭނުންވީ. އެދުވަހު އެތަނަށް އައި އެހެން ކުދިންނަކީ އެހެން އޮފީހަކަށް ގޮއްސަ ވެސް ކުރި އަރައިގެން ދާނެ ކުދިން. އެހެންވީމަ ހިތަށްއެރީ އެއަށްވުރެ މާ ރަނގަޅުވާނެއޭ ތި ކުއްޖާއަށް މުސްތަޤްބަލެއް ހޯދައިދިނިއްޔާ…”
“އަޅުގަނޑުވެސް ހަނދާންވޭ…އެދުވަހު ޝަހީދު ސާރ ވެސް އިންޓަވިއު ޕެނަލްގަ ހުންނެވި. އިންޓަވިއު ނިންމާލާފަ ޝަހީދު ސާރ އަޅުގަނޑުގެ ކައިރިއަށް އައިސް ސުވާލު ކުރެއްވީ މެންދުރު ކައިގެންތޯ ތިއައީ. ނުކަމޭ ބުނީމަ ވިދާޅުވީ ނުކައި އަންނާތީވެ ނޫންހެއްޔޯ ރަނގަޅަށް ވާހަކަ ނުދެކެވެނީ…”
“ހެހެ….ޙަޤީޤަތަށް ބުނަންޏާ ޝަހީދުގެ ސަބަބުން އަހަރެން އަނަސް ވަޒީފާއަށް ހޮވީ. އެދުވަހުގެ މަޣްރިބް ނަމާދަށް ގޮއްސަ މިސްކިތް ތެރެއިން ދެމީހުންނަށް އަނަސް ފެނުނީ. އެކި މީހުން ކައިރިން ޝަހީދު ސުވާލުކުރީމަ އެނގިގެން ދިޔައީ ތިއީ މަންމައާއި ބައްޕަ ވެސް ނިޔާވެ، ނިކަމެތިކޮށް އުޅޭ ކުއްޖެއްކަން. އެ ވާހަކަ އިވިފަ ޝަހީދު ވަގުތުން ބުނީ އަނަސްއަށް އެހީވެދޭށޭ. އެހީވެދިނުމަށް ބަޔަކަށްޓަކައި ކޮށްދެވޭ ކަމަކުންނޭ ވިޔަފާރީގައި ބަރަކާތް ލައްވާނީ….އެއީ މިސްކިތް ތެރެއިން ދިމާވާ ރަނގަޅު އެކުވެރިން ދޭ ނަސޭޙަތްތަކަކީ. އަލްޙަމްދުލި ﷲ…އެ ނަސޭޙަތުގެ ސަބަބުން މިއަދު އަހަރެންގެ ދެ ދަރިން ވެސް އަހަންނަށް ފަސްދިން ދުވަހު، އަހަންނަށް ދަރިއެއް ފަދައިން އެހީވެދޭނެ ކުއްޖަކު މިހިރީ ކައިރީގަ…”
ރައްޒާޤު އަނަސްއަށް ބަލައިލަމުން ބުންޏެވެ. އެ ވާހަކަތައް އިވިފައި އަނަސް އިސްޖަހައިލީ ހިތްތިރި ކަމާއި އެކީގައެވެ. ދެންމެ ރައްޒާޤު އެ ދިން ފަދަ ލަޤަބެއް އޭނައަށް ޙައްޤު ނުވާކަމަށް ބުނަން އުޅޭ ފަދައަކުންނެވެ. އަނަސް ވަކި އެއްޗެކޭ ނުބުނުމުން ރައްޒާޤު ކަރުކެހިލިއެވެ.
“ކޮބާ ދާރިސް މާލެއަށް އެބަ އާދޭތަ؟” ރައްޒާޤު މަޢުޟޫއު ބަދަލުކުރިއެވެ.
“އާދެ….އެ ރަށުގަ ހުރި ޓިކެޓް ސެންޓާރ އިން މަޢުލޫމާތު ލިބުނު ގޮތުގަ މާދަމާ ދާރިސް މާލެ އަންނަނީ ހިބާ ވެސް ގޮވައިގެން.”
“ހިބާ ގޮވައިގެންނޭ؟ އެހާ ކުޑަ ދުވަސްކޮޅަކަށް ވެސް ހިބާއާއި ދުރުގަ ހުންނަން ދާރިސް ބޭނުމެއް ނުވަނީދޯ؟ ހެހެ…”
“ނޫނޭ މަނިކުފާނު….މިއަދު އަޅުގަނޑު ޓިކެޓް ސެންޓާރގެ އެ އެކުވެރިޔާއަށް ގުޅާފަ ވާހަކަ ދެއްކީމަ އެކުވެރިޔާ ބުނީ ހިބާ ޑޮކްޓަރަށް ދައްކަންވެގެން ކަންނޭނގެއޭ ދާރިސް ހިބާ ގޮވައިގެން ދަނީ. ހިބާއަށް ކޮންމެވެސް މީހެއްގެ ފަރާތުން އަނިޔާ ލިބުނު ވާހަކަ ރަށުތެރޭގަ އެބަ ފެތުރެއޭ…”
“ކީކޭ؟! ކާކު އެކަނބުލޮއަށް އަނިޔާކުރީ؟ އަނެއްކާ…..އެ ކަނބުލޮގެ….މަންމަތަ؟”
“އާދެ….މީގެ ދެދުވަސް ކުރިން އެ މަންމަ ހިބާއާއި ބައްދަލުކުރި ކަމަށްވަނީ. މަނިކުފާނަށް ވެސް އެނގޭނެ ފަދައިން ނާދިރާއާއި މުޢީނާއި ދެމެދު ގާތް ގުޅުމެއް މިހާރު ވެސް އޮވޭ-“
“ތި މުޢީން އުޅެނީ ބޯ ގޮވައިގެންހެން މަށަށް ހީވަނީ. އެއޮތް ޢުމުރެއްގަ ލަދުކުޑަ އަންހެނަކާއި ގުޅިގެން އެ އުޅެނީ އޭނައާއި ގުޅުމެއް ވެސް ނެތް އަންހެން ކުއްޖަކަށް އަނިޔާދޭން….މަ ނުހުންނާނަން ދެން މަންޒަރު ބަލާކަށް. މަ މާލެދާން ވާއިރަށް ތި ނާދިރާއާއި މުޢީން އެއްތަން ކޮށްފަ މަގޭ ކުރިމައްޗަށް ގެނޭ!!!”
ރައްޒާޤު ރުޅިން ރަތްވެފައިވާ ޙާލު އެ އެންގުން އެންގިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ދާރިސްއާއި ހިބާ ފުރަން ތައްޔާރުވީއިރު، ހަމްނާ ފަރީދުބެގެ ގެއަށްދާން ތައްޔާރުވިއެވެ. ހިބާ މަރުކަޒުގައި އޮތްއިރު، ފަރީދާއި ފަރީދުގެ އަންހެނުން ވެސް ހިބާއަށް ޒިޔާރަތް ކޮށްފައިވުމުން، ކަން ދިމާވެފައިވާ ގޮތް ފަރީދަށް ވެސް އެނގެއެވެ.
“އެ އަންހެނަކާއިމެދު ދެން އެއްގޮތަކަށް ވެސް ވިސްނާނެ ކަމެއް ނެތް ދަރިފުޅު! މަންމައެކޭ ކިޔޭ ވަރުގެ މީހެއްވެސް ނޫން އެއީ! އޭނައަށް އޭގެ އަދަބު ލިބޭނެ ކޮންމެވެސް ދުވަހަކު އިން ޝާ ﷲ…”
އެދުވަހު ހަމްނާ ބަލާ އައިސް ވެސް ހިބާއާއިއެކީ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ފަރީދު ތަކުރާރުކޮށް ބުންޏެވެ.
“އޭނައަށް އަދަބު ލިބޭނެ ވަރަށް އަވަހަށް އިން ޝާ ﷲ. އަހަރެން ހަމަ އެރޭ ވެސް މި ވާހަކަ ފުލުހުންނަށް ރިޕޯޓުކޮށްފިން. ފުލުހުން ބުނީ އޭނަ މާލެއަށް ފުރައިގެން ގޮސްފިކަމަށް. މާލެއިން އޭނަ ފެނުނުހާ އަވަހަކަށް ހައްޔަރު ކުރެވޭނެ ކަމަށް…”
ހަމަ އެވަގުތު ސިޓިންގް ރޫމަށް އައިސް މަޑުކޮށްލި ދާރިސް ވާހަކަ ދެއްކިއެވެ. އެ ހިނދު ފަރީދުގެ ނަޒަރު އޭނައަށް އަމާޒުވީ ހިނދު، ހިބާ ވެސް ކުއްލި ގޮތަކަށް އޭނައަށް ބަލައިލިއެވެ. އަމިއްލަ މަންމަ ހައްޔަރު ކުރެވޭ ވާހަކަ އިވުމުން ހިބާގެ މޫނުމަތިން ހިތާމަވެރިކަން ފެނިފައި ދާރިސް ދެރަވިއެއްކަމަކު، އޭނަ ހުރީ ޚިޔާލު ބަދަލުކުރާ ވަރަށްވުރެ ވަރުގަދަ ޢަޒުމެއްގައެވެ.
“އަހަރުންނަށްވުރެ ރަނގަޅަށް ހިބާ ރައްކާތެރިކޮށްދެވޭނެ ފިރިއަކު ހިބާއަށް ލިބުނީތީ އުފާކުރަން. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ބޭބެ ވެސް މި ހުންނަނީ ޙަޤީޤަތުގަ އެ މީހުންނަށް ބިރުން. ނާދިރާއާއި މުޢީނާއި ދެމެދު ގުޅުމެއް އޮންނަކަން ބޭބެއަށް މާ ކުރިން ވެސް އެނގޭ. އެކަމަކު އެ މީހުން ބޭބެއަށް ދީފަ މިހިރަ ވަޒީފާގެ ބިރުވެރިކަމުގަ ބޭބެ މި ހުންނަނީ ތި ކުދިންގާތު އެ ވާހަކަ ނުބުނެ…..” ފަރީދު އިސްޖެހިފައިވާ ޙާލު ކުށްވެރިއެއް ފަދައިން ވާހަކަ ދެއްކިއެވެ.
ފަރީދުގެ އެ ވާހަކައަށް ދާރިސް ވަކި އެއްޗެކޭ ނުބުނިއިރު ހިބާވެސް ވާހަކައެއް ނުދެއްކިއެވެ. އެހެންކަމުން ދެންވެސް ހިމޭންކަން ނަގައިލި މީހަކަށްވީ ފަރީދެވެ.
“މާޒީގަ ވެސް، އެމީހުން ބޭބެއަށް ދޭނެ ލާރީގެ ދަހިވެތިކަމުގެ އަމިއްލަ ބޭބެގެ ބޮލުގަ ދޮގު އިލްޒާމްތަކެއް އެޅުވީ…މިއީ ފަހަރެއްގަ ހިބާއަށް އިވިފައި ނުވާ ވާހަކައަކަށް ވެދާނެ. އެކަމަށްޓަކައި ބޭބެއަށް މަޢާފަށް ވެސް އެދުނިން. އެކަމަކު މިއަދު އެކަމަށްޓަކައާއި، މި ފަހުން މި ދިމާވި ޙާދިސާއަށްޓަކައި ވެސް ބޭބެ ހިތުގެ ފުން މިނުން ކަނބުލޮއަށް މަޢާފަށް އެދެން ބޭނުން…” ފަރީދު ހިބާއަށް ބަލަން ނުކުޅެދިފައިވާ ޙާލުގައި ވާހަކަ ދެއްކިއެވެ.
ފަރީދުގެ އެ ވާހަކައަށްފަހު އަނެއްކާވެސް މުޅި މާޙައުލަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. ހިބާ ބުނާނެ އެއްޗަކަށް ދާރިސް އިންތިޒާރު ކުރަމުން ދިޔައިރު، ހިބާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނީއެވެ. އެހިނދު ކޮނޑުގައި ދަބަހެއް އަޅުވައިގެން އައި ހަމްނާ ވެސް، ބޮޑުބޭބެގެ ވާހަކަތައް އިވި، ނުރުހުންވެފައި ދާރިސްގެ ކައިރީގައި ހުއްޓުނެވެ.
ހިބާއަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބޭނެހެން ދާރިސްއަށް ހީވެ، ދާރިސް ފަރީދަށް ރައްދެއް ދޭން އުޅުނު ވަގުތު ހިބާގެ އަޑު އިވުނެވެ.
“މަޢާފުކޮށްފިން….މަޢާފު ކުރުމަކީ އެއީ ބައްޕަ އަހަންނަށް ދަސްކޮށްދިން ގޮތް ކަމަށްވީތީ. ހަނދާން އެބަވޭ ބައްޕަ މާލެއިން އަނބުރައި އައިސް އަހަންނަށް ވާހަކައެއް ކިޔައިދިން ހަނދާން. ހިބާއަށް އެނގޭހޭ….ބައެއްފަހަރު އެންމެ ކައިރީގައި އުޅޭ މީހުން ވެސް ތިމާ ވަރަށް ދެރަވާ ގޮތަށް ކަންތައް ކޮށްފާނެއޭ. އެކަމަކު އަބަދުވެސް މީހުންނަށް މަޢާފުކޮށްލާށޭ. މަޢާފު ކުރާ މީހަކަށް އޭގެ އަޖުރު ހިސާބެއްނެތި ދެއްވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާއޭ. ވަކިން ޚާއްޞަކޮށް ތިމާއާއި ރަޙިމުގެ ގުޅުމެއް އޮތް މީހަކު ތިމާއާއި ދޭތެރޭ ނުބައެއް ހަދައިފިނަމަ، އެ ގުޅުން ކަނޑައިލުމަށް ޝައިޠާނާ ތިމާއަށް ހިތްވަރުދޭނެއޭ. އެކަމަކު އެ ވަސްވާސްތަކަށް ނުހެއްލި، އެ މީހަކަށް މަޢާފު ދީފިނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ދެއްވާނެއޭ….” ހިބާ އިން ގޮތަށް އިނދެ އެ ވާހަކަ ދައްކައި ނިމުނުއިރު ފެންކަޅިވެފައިވިއެވެ.
އެހިނދު ފަރީދުވެސް ލޮލުން ނިރައިލި ކަރުނަތައް ހިންދަން އެސްފިޔަ ޖަހައިލަން ޖެހުނުއިރު، ދާރިސްއާއި ހަމްނާ ވެސް ސީރިއަސް ނަޒަރުތަކެއްގައި މަންޒަރު ބަލަން ތިއްބެވެ.
“މަޢާފު ކުރިޔަސް އަހަންނަށް ހިއެއްނުވޭ އަހަންނަށް ދެން ބޭބެއަށް އިތުބާރު ކުރެވޭނެހެނެއް. މާޒީގައި ކަންތައް ކުރި ގޮތަށްޓަކައި މަންމައަށް ވެސް މަޢާފުކޮށް އިތުބާރުކުރަން އުޅުމުގެ ނަތީޖާ ވަރަށް ހިތިކޮށް ނިކުތީ. ޙަޤީޤަތުގަ އަދިވެސް ހަނދާނެއް ނުނެތޭ ބޮޑުބޭބެ އަހަންނާއި އާސިފް ކަހަލަ މީހަކާއި ގުޅުވަން އުޅުނު ގޮތް….އެކަމަށްޓަކައި ވެސް މަޢާފު ކުރިޔަސް ދެން އިތުބާރުކުރަން ދަތިވާނެ ބޭބޭ. ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ….” ރޫރޫ އަޅާ އަޑަކުން ހިބާ އެހެން ބުނެލިއިރު، ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
“މަޢާފަށް އެދެންވީ ވަރުގެ ކަމެއް ނޫން ތިއީ، ހިބާ. ޙަޤީޤަތުގަ ހިބާ ބޭބެގެ މަޢާފު ޤަބޫލު ކުރީތީ ވެސް ބޭބެ އުފާކުރަން. އޭގެ ބަދަލުގަ ބޭބެ އަބަދުވެސް ހިބާއާއި ހިބާގެ ކޮއްކޮގެ ޚިދުމަތުގަ ހުރެދޭނަން އިން ޝާ ﷲ!” ފަރީދު އެ ފަހު ވަޢުދު ވެލީ، ހިބާއަށް ބަލައިލަމުންނެވެ. ބޮޑުބޭބެ ބަލައިލިކަން އެނގުނެއްކަމަކު، ލޮލުން ކަރުނަތައް ފައިބަމުން ދިޔަ ހިބާއަށް ބަލައިލެވުނީ ދުރަށެވެ.
އެވަގުތު ދާރިސް ކަރުކެހިލުމުން އެ ދެމީހުންގެ ސަމާލުކަން އޭނައަށް ލިބުނެވެ.
“ހަމްނާ މިހިރީ ތައްޔާރަށް….ބޭބެ ހަމްނާ އެގެއަށް ގެންގޮސްދޭނަން ދެއްތޯ؟” ދާރިސް އެހިއެވެ. އެއާއިއެކު ފަރީދު ލޯ މަތިން އަތް ހިންގަމުން އާނއެކޭ ބުނެ ސޯފާއިން ތެދުވިއެވެ. އެ ހިނދު ހަމްނާ ވަކި އެއްޗެކޭ ނުބުނެ ބޭރަށް ދާން ހިނގައިގަތީ، ބޮޑުބޭބެއަށްޓަކައި އޭނަގެ ހިތުގައި އޮތް ނުރުހުންތެރިކަން ދެއްކުމަށެވެ. ބޮޑުބޭބެގެ ފަރާތުން އޭނައަށް އެހީއެއް ލިބެން އުޅެނިކޮށް، އެއީ ކުރުން މާ ރަނގަޅުކަމެއް ނޫންކަން އެނގުނަސް، އެވަގުތު އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ.
ފަރީދުބެއަށްވުރެ ކުރިން ހަމްނާ ނިކުމެގެން ދިޔަ ގޮތް ފާހަގަވި ދާރިސްއާއި ހިބާއަށް އެކަކު އަނެކަކާއި ނަޒަރުތައް ބަދަލު ކުރެވުނެވެ. ހިބާގެ ކަންބޮޑުވުން ފެނި، ދާރިސް ބޯހޫރުވައިލީ، މާ ބޮޑަށް ނުވިސްނަން ބުނާ ފަދައަކުންނެވެ.
**
އަމިއްލަ ކޮޓަރީގެ އެނދުގައި އިށީނދެ، ފޯނަށް ބަލަން އިން މުނީރާވީ، ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ފޯނުން އޭނަ ހުޅުވައިގެން އިނީ، ވައިބާރ މެދުވެރިކޮށް ދާރިސް އޭނައަށް ފޮނުވާފައިވާ ޓިކެޓަށެވެ.
“މަންމަ ވެސް އަހަރުމެންނާއިއެކީ ހިނގާ. އަހަރެން ބޭނުން އެންމެންނަށް އަހަރެންގެ ޙަޤީޤަތް ހާމަވާ ވަގުތު މަންމަ ވެސް އެތާ ހުންނަން. އަދި މަންމައަށް އިންސާފުވެސް ހޯދައިދޭން ބޭނުން އިން ޝާ ﷲ!”
ހިބާ މަރުކަޒުގައި އޮތް ދެވަނަ ދުވަހު މަރުކަޒުގެ ބޭރުގައި ހުރެގެން ދާރިސް އޭނައާއި ވާހަކަ ދައްކާފައިވެއެވެ. ދާރިސްގެ އެ ވާހަކަތައް އިވިފައި މުނީރާގެ ހިތަށް ޖޯޝެއް ވެރިވިއެވެ. އެހެނަސް ހަމަ އެވަގުތު ޖެހިލުންވެސް ވާގޮތްވިއެވެ. މާޒީގައި އެތައް ގޮތަކުން އޭނަގެ ދިރިއުޅުން ބަރުބާދުކޮށްލި މީހުންނާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ކިބައިގައި ހުރެދާނެ ކަމާއިމެދު ޝައްކު އުފެދުނެވެ.
މުނީރާ ފޯނަށް ބަލަހައްޓައިގެން އިންގޮތަށް އިންދާ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނުން ޝަފީޢުގެ ނަން ފެނިފައި މުނީރާ ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ…” މުނީރާ އަމިއްލަ ކަންބޮޑުވުމެއްގައިވުމުން ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. ޝަފީޢަށް އެކަން ސިއްރެއް ނުވިއެވެ.
“ހެލޯ މުނީ….ކިހިނެއްތަ ހުރިހާ ކަމެއް؟” އެކޮޅުން ޝަފީޢު އެހި އަޑު އިވުނެވެ.
“ރަނގަޅު ހަމަ….އަލްޙަމްދުލި ﷲ. ފުރަން ގޮއްސަތަ ތިހިރީ؟” މުނީރާ ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެމުން އެހިއެވެ.
“ހުމް….މިއަދު ހަވީރު ރަށަށް އާދެވޭނެ. ފަޒީން އެއްވެސް އުދަގުލެއް ކުރިތަ އެ ފަހުން؟”
“ނޫނޭ…ނުކުރޭ. ފަޒީން އުޅެނީ ދާރިސްއާއިއެކީ އެކޮޅަށް ދާންވެގެން. އެކޮޅުގަ ހުރި ކޮންމެވެސް ސިސްޓަމެއްގަ މައްސަލައެއް ޖެހިގެންނޭ ކިޔާފަ…”
މުނީރާ ކިޔައިދިނެވެ. މިހާ ހިސާބަށް އައިއިރު އީތަންއަކީ ދާރިސްކަން އޭނަ ވަނީ ޝަފީޢަށް ކިޔައިދީފައެވެ. ޝަފީޢަކީ އޭނައާއި ދާރިސްއަށް ހެޔޮއެދޭ މީހެއްކަން ޔަޤީން ކުރެވޭތީވެއެވެ. އަދި މާޒީގައި އުޅުނު އޭނަގެ ދުޝްމިނުންނާއި، ދާރިސް އޭނައަށް ގެއްލުނު ގޮތް ވެސް ޝަފީޢަށް އެނގޭތީވެއެވެ. މި ހުރިހާ ދުވަސް ވަންދެން އޭނަގެ އެ ވާހަކަތައް އަޑުއަހައި އޭނައަށް ހިތްވަރު ލައިދިން މީހަކީ ވެސް އެއީ ކަމަށްވާތީވެއެވެ.
“އޭނަ އެއުޅެނީ ރަނގަޅަށް ވިއްޔާ އެ ކޮއި މާ ހެޔޮ އަގެއް ކިޔާތީ އެ ކޮއި ފަހަތު އަޅުވައިގެން. މަ މިއީ މުނީރާނަމަ ބުނާނަން އޭނައަށް އިންކާރު ކުރާށޭ!” ޝަފީޢު ބުންޏެވެ.
“ހެހެ….އެކުއްޖާ ވެސް ދެން މީހަކަށް އެހީވާން ނިންމީމަ މަންމައެއްގެ ގޮތުގަ އެކަމަށް އިންކާރު ކުރަން ނުކެރުނީ. އެހެންނޫނަސް ބުނީމެއްނު ދާރިސް މާލެ ދަނީ އެހެން ކަމަކާއި ވެސް ލައިގެންނޭ…”
“ހުމް….މުނީ މިހާރު ނިންމީ ކިހިނެއް؟ އެކޮޅަށްދާންތަ ދާރިސްއާއިއެކީ؟”
“ން….ނޭނގެ ހަމަ އެއްގޮތަކަށް ވެސް. ހިތަށްއަރަނީ އަހަންނަށް އެމީހުންނާއި ކުރިމަތިލެވޭނެބާއޭ…”
“ކުރިމަތިލެވޭނެ! އަހަރެން މިހިރީއެއްނު؟ އެކޮޅަށް ގޮއްސަ އެއްވެސް ކަމެއް ދިމާވިއްޔާ އަހަރެން ކައިރި ބުނާތި. އަހަރެން ހުންނާނަން ރަށުގަ މާޒިން ކައިރި. މުނީ ދޭ ދާރިސްއާއިއެކީ މާލެއަށް. ގޮއްސަ ދާރިސްގެ ނަން އަނބުރައި ހޯދައި މުނީ އެހާ ބުރަ މަސައްކަތް ކުރި ކުންފުނިން އަމިއްލަ ޙިއްސާ ހޯދާ. މުނީއެއްނު އަހަރެން ކައިރި ބުނީ ތިމަންނަގެ ޙައްޤު ހޯދަން މަސައްކަތް ކުރުމަކީ ވެސް ﷲ ރުހިވޮޑިގެންވާފަދަ ޢަމަލެކޭ؟”
ޝަފީޢު ބުންޏެވެ. އާދައިގެ މަތިން ޝަފީޢުގެ ވާހަކަތަކުން މުނީރާއަށް ހިތްވަރު ލިބުނެވެ. އެ ފޯނުކޯލު މުނީރާއަށް އޭނަ ހަދަންވީ ގޮތް ސާފުކޮށް އެނގުނެވެ.
**
ހިބާއާއި ދާރިސް މާލެއަށް ފުރުމަށްޓަކައި އެއާރޕޯޓަށް ދިޔައީ އެރޭގެ ވަގުތެއްގައެވެ. ފައިގައި ރިއްސަމުން ދިޔައީތީ ހިބާއަށް އުދަގޫވުމުން، ދާރިސް ހިބާ ފުރޮޅުލީ ގޮނޑިއެއްގައި ގެންދަން އުޅުނެވެ. އެހެނަސް ހިބާ އެއްގޮތަކަށް ވެސް އެ ވާހަކައާއި އެއްބަސް ނުވުމުން، ދާރިސް މުޅިންހެން ވެސް ހިނގަމުން ދިޔައީ ހިބާގެ އުނަގަނޑުގައި ހިފަހައްޓައި، އޭނައާއި ގާތްކޮށްގެންނެވެ.
ފަޔަށް ތަދުވަމުން ދިޔަކަން ފޮރުވުމަށް ހިބާ އެއާރޕޯޓު ތެރެއިން ނުހަނު ގަދައަށް މަސައްކަތް ކުރިއެވެ. އެހެނަސް ޗެކިންގްއަށްޓަކައި ދިގު ކިއު ލައިނެއްގައި ކޮޅަށް ހުރުމަށްފަހު، ޑިޕާރޗާރގެ ގޮނޑިއެއްގައި އިށީންއިރު ހިބާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތީ ބޭއިޚްތިޔާރުގައެވެ.
“ތަދު އެބަވޭދޯ؟ ބުނީމެއްނު ގޮނޑިއެއްގަ އައިމައޭ ރަނގަޅުވާނީ؟؟” ދާރިސް ހިސާބެއްގެ ނުރުހުންތެރިކަމާއިއެކީ ބުންޏެވެ.
“ހޫނ….އޭރުންދޯ މީހުންނަށް ފެނިފަ ބުނާނީ އިސްމާޢީލް އީތަން އިނދެގެން އުޅެނީ ނުވެސް ހިނގޭ ކުއްޖަކާ ހެއްޔޭ؟” ހިބާ ރާގަކަށް ބުންޏެވެ.
“ބުނިއްޔާ ކީއްތަ؟ އެމީހުންގެ ފަތް ބަރު ކުރާކަށެއްނު އެމީހުން ވާހަކަ ދައްކަނީ؟ އަހަރެންގެ އަނބިމީހާ ކޮންމެ ޙާލެއްގަ ހުއްޓަސް އަނބިމީހާދެކެ އަހަރެން ލޯބިވާކަން އަހަރުމެން ދެމީހުންނަށް އެނގެންޏާ އެ ނިމުނީއެއްނު؟” ދާރިސް ސާބިތު އަޑަކުން ބުނެލި ވާހަކައިން ހިބާއަށް ހީލެވުނެވެ. ދާރިސް ވެސް ހިބާގެ އެ ހީލުމުގައި ބައިވެރިވިއެވެ. ހަމަ އެވަގުތު އެމީހުންގެ ފުރަގަހުން އައި މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ.
“ދެކުދިން ހާދަ ސަމާސާއެކޭ ތި ކުރަނީ…” އަންހެނަކު އެހެން ބުނެލި އަޑަށް ހިބާއާއި ދާރިސްއަށް އެކުއެކީގައި އިސްއުފުލައިލެވުނެވެ.
“މަންމާ؟!” އެމީހުންގެ ކުރިމައްޗަށް ވާގޮތަށް އައިސް ހުއްޓުނު މުނީރާ ފެނި، ދެމީހުންނަށް އެހެން ބުނެލެވުނީ އެކުއެކީގައެވެ. އެއާއިއެކު މުނީރާ އެދެމީހުންނަށް ވަކިވަކިން ބަލަމުން ހީލިއެވެ.
“މަންމަ ހަމަ….އަންނަނީތަ؟ ޗެކިންގްއަށް ވަންއިރު ވެސް މަންމަ ފެންނަން ނެތީމަ ހީކުރީ މަންމަ ނާންނާނެކަމަށް…” ދާރިސް ޙައިރާންވެފައި އިނދެ ބުންޏެވެ.
“މަންމަ ކީއްކުރަންތަ މާލެ އަންނަނީ؟” ހިބާއަށް ވެސް އަޖާއިބެއްގެ ތެރޭގައި އިނދެ އަހައިލެވުނެވެ.
“ނާންނަންވީދޯ؟ ދެކުދިންގެ ޕްރައިވަސީއަށް ބުރޫއަރާނެއެއްނު މަންމަ އައިމަ؟ ހެހެ…..އެކަމަކު ހިބާ ބަލިވެ އުޅޭތީ ހިބާއަށް އެހީވާންކަމަށް މި އަންނަނީ. ދާރިސް މާލެއަށް ގޮއްސަ އެހެން ކަމަކާވެސް އުޅެން ޖެހޭނެތީ…” މުނީރާ ބުންޏެވެ.
“ދާރިސް….މާލެއަށް ގޮއްސަ އެހެން ކޮންކަމެއްތަ ކުރަން އުޅެނީ؟” ހިބާ މުނީރާއަށް ބަލަން އިނދެ ދާރިސްއަށް ބަލައިލަމުން އަހައިލިއެވެ.
“އެއީ….ހިބާގާތު އަދި ނުބުނެވިދޯ ހުރީ؟ ފަޒީން ބުނެގެން މާލޭގަ ހުރި އޭނަގެ ކުންފުނީގެ ބްރާންޗަކަށް ދާން މިއުޅެނީ. އެތާހުރި ކޮމްޕިއުޓަރެއް ހަލާކުވެގެން އޭނަ އުޅޭތީ…ހެހެ…” ދާރިސް ނޫންކަމަށް ހަދަމުން ހީލިއެވެ.
“ދާރިސް ހަމަ ނުބުނަންތަ ތި ހުންނަނީ ހިބާ ކައިރި؟ ހިބާއަށް ވެސް އެނގުން ޙައްޤު ކަންނޭނގެދޯ؟” މުނީރާ ސީރިއަސްކަމާއިއެކީ ބުންޏެވެ.
އެހިނދު ދާރިސް އެއްޗެކޭ ބުނަން އުޅެފައި ވެސް މަޑުކޮށްލުމުން މުނީރާ ގޮސް ހިބާ ގެ އަނެއްފަރާތުގައި ހުރި ހުސް ގޮނޑީގައި އިށީނެވެ.
“ހިބާ ދަރިފުޅު…..މަންމަ މި ބުނާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައްޗޭ. މަންމައާއި ދާރިސްއާއި މާލެއަށް ގޮއްސަ މިއުޅެނީ ދާރިސްގެ ޙަޤީޤަތް ހާމަކުރަން ވެގެން. އެ ޙަޤީޤަތް އެންމެ ބޮޑަށް އެނގެންޖެހޭ މީހުންނަށް…” މުނީރާ އެހެން ބުނުމާއިއެކު ހިބާގެ ލޯ ބޮޑުވިއެވެ.
“އެއީ…ކޮން ބައެއްތަ؟” ހިބާއަށް ސުވާލު ކުރެވުނެވެ.
“އެއީ….ހިބާގެ ބައްޕަ ފެށި ވިޔަފާރީގެ ޙިއްސާދާރުން. ޙަޤީޤަތް ހާމަކޮށް އެ ވިޔަފާރިން ތިކުދިންނަށް ޙައްޤުވާ ބައި ހޯދައިދެވޭތޯ މަސައްކަތްކުރަން މިއުޅެނީ. ރަނގަޅު ޚިޔާލެއް ނޫންތަ ހިބާ؟ އޭރުން ދާރިސް ނުޖެހޭނެއެއްނު އެހެން މީހެއްގެ ނަމުގަ ފިލައިގެން އުޅޭކަށް؟”
“އެ…އެކަމަކު….އެމީހުން ދާރިސްއަށް ކަމެއް ނުކުރާނެދޯ؟ އެދުވަހު….މަންމަ ކޮންމެވެސް މީހަކަށް ގުޅާފަ ދާރިސްގެ ޙަޤީޤަތް ވެސް ކިޔައިދީފި. ވަރަށް ރުޅިވެރިކަމާއިއެކީ މަންމަ އެ ވާހަކަ ކިޔައިދިނީވެސް. އަހަންނާހެދި އެހެންވީވެ-“
“ހިބާ….”
ހިބާ ހާސްކަމާއިއެކީ ވާހަކަ ދައްކަން ފެށުމުން، ދާރިސް ގޮނޑީގެ އަތްގަނޑުމަތީގައި ބޭއްވިފައި އޮތް އޭނަގެ އަތްމަތީގައި އަތް އެޅިއެވެ.
“އެއްވެސް ކަމެއް ނުވާނެ އަހަންނަށް އިން ޝާ ﷲ. ހިބާއާއި ހެދިއެއްނޫން އެދުވަހު ހިބާގެ މަންމައަށް އަހަރެންގެ ޙަޤީޤަތް އެނގުނީ. އެ މަންމަގެ ނުލަފާކަމުން ގޭގެ މީހުންގެ ހުއްދައެއްނެތި އެ މީހުންގެ ކޮޓަރިއަށް ވަދެ ހޯދަން ނުޖެހޭ ވަރަށް ހޯދީ. އަދި އެހާ ބޮޑު ސިއްރެއް އެހެން މީހަކަށް ފާޅުކުރީ. އެއީ އެއްގޮތަކަށް ވެސް ހިބާގެ ކުށެއް ނޫން….އައި ޕްރޯމިސް ޔޫ ހިބާ. އެމީހުން އަހަންނާއި ހިބާއާއި ދެކޮޅަށް ރާވާ އެއްވެސް ރޭވުމެއް އަހަރެން ކާމިޔާބުވިޔައެއް ނުދޭނަން. އެމީހުންގެ އަތްދަށުން ހިބާއަށް ކުޑަވެސް އަނިޔާއެއް ލިބިޔަ ނުދޭނަން. އަދި ހިބާއަށްޓަކައި އަހަރެންގެ އަމިއްލަ ނަފްސު ވެސް ރައްކާތެރިކުރާނަން އިން ޝާ ﷲ!”
ދާރިސް ސާބިތު އަޑަކުން ވަޢުދުވިއެވެ. އެ ބަސްތައް އިވެމުން ދިޔަދިޔަހެން ހިބާގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެއްކަމަކު، ދެންވެސް ނުތަނަވަސްކަމެއްވިއެވެ. އެހެނަސް ދާރިސް ޢަޒުމް ކަނޑައަޅާ ކޮންމެ ކަމެއްގައި ދާރިސްއަށް އިތުބާރުކޮށް ހިތްވަރު ދިނުމަކީ ހިބާގެ އާދައަށްވުމުން، އެވަގުތުވެސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލުން ނޫންކަމެއް ހިބާ ނުކުރިއެވެ. ހަމަ އެހިނދު ދާރިސްގެ ރައްކާތެރިކަމަށްޓަކައި ވެސް ހިތާހިތުން ދުޢާކުރެވުނެވެ.
**
ތިން މީހުންގެ ވެސް ޙަޔާތް ބަދަލުކޮށްލާނެ ދަތުރު އެމީހުން ފެށީ އެރޭގެ 9:30 ވީ ވަގުތެވެ. ޓްރާންސިޓް ފްލައިޓަކަށްވެފައި، ދަތުރު ލަސްވުމުގެ ސަބަބުން މާލެއާއި ހަމައަށް ދެވޭ ގޮތްވީ އެރޭ 11 ޖަހައި ބޮޑުވި ފަހުންނެވެ. އެހެންކަމުން އެރޭ މާލެއަށް ގޮސް ހޮޓަލެއް ހިފައި ހަމައަކަށް އެޅުން ނޫންކަމެއް ނުކުރެވުނެވެ. އެހެނަސް އެރޭގެ ދަން ވަގުތެއްގައި ވެސް ފަޒީން ދާރިސްއަށް ގުޅައި، މާލެ އާދެވިއްޖެތޯ ޔަޤީން ކުރިއެވެ. އެ ސުވާލު ކުރެވެނީ ކޮންމެވެސް އެހެން ފަރާތަކުން އެންގިގެންކަން ދާރިސްއަށް ވަގުތުން ނަގައިގަނެވުނެވެ. ފަޒީން އޭގެ އަނެއްދުވަހު އަންނަންވީ އެޑްރެހާއި ގަޑި މެސެޖަކުން އެންގުމުން، ދާރިސް އެތަނަށް ދިޔުމަށް އެއްބަސްވީއިރު ވެސް ނުތަނަވަސްކަމެއް ވިއެވެ. އެހެނަސް ފުން ނޭވާތަކެއް ލަމުން ހިތްހަމަ ޖައްސައިލީ، އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ހަނދާން ކުރަމުންނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ދާރިސް ފެންވަރައި ތާޒާވެލައިގެން 9 ޖަހަމުން ދިޔަ ވަގުތު ތައްޔާރުވަމުން ދިޔައީ ފަޒީންގެ އޮފީހަށް ދިޔުމަށެވެ. ހަމަ އެވަގުތު ހިބާ ތައްޔާރުވަމުން ދިޔައީ ދާރިސްގެ އެދުމުގެ މަތިން ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. ވަކިން ރޫމެއްގައި ހުރި މުނީރާއަށް ގުޅައިގެން މުނީރާއަށް ވެސް އެ ވާހަކަ އެންގިފައިވުމުން، ހިބާ ގޮވައިގެން ދިޔުމަށް މުނީރާ ވެސް ތައްޔާރުވަމުން ދިޔައެވެ.
ހޮޓެލްގެ މަތީ ބައިގައިވި ރެސްޓޯރެންޓަކުން ތިން މީހުން އެކީގައި ސައިބުއިމަށްފަހު އެންމެން ވެސް އެމީހުންގެ މަންޒިލްތަކަށް ދިޔުމަށް މިޞްރާބުޖެހިއެވެ.
މިގޮތުން އޭގެ 15 ވަރަކަށް މިނެޓް ތެރޭ، ދާރިސް ދަތުރުކުރަމުން ދިޔަ ޓެކްސީ ގޮސް މަޑުކޮށްލީ 8 ބުރިއަށް ނެގިފައިވި ޢިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީއިން ފޭބުމަށްފަހު ދާރިސް ފަޒީނަށް ގުޅަން ފެށިތާ މާ ގިނައިރެއްނުވެ ފަޒީން އެ ޢިމާރާތުން ނިކުމެގެން އަންނަން ފެށިތަން ދާރިސްއަށް ފެނުނެވެ.
ދާރިސް ހީކުރީ އެދުވަހު ފަޒީންގެ އޮފީހަށް ދާގޮތަށް އޭނަ އާދަޔާ ޚިލާފު ކަމަކާއި ކުރިމަތިވާނެ ކަމަށެވެ. އެކަމެއް މެދުވެރިވާން އޭނަ އުއްމީދު ކުރީ ވެސް ފަޒީންގެ ފަރާތުންނެވެ. އެހެނަސް އޭނަ އޮފީހަށް ދިޔުމުން ފަޒީން އޭނައާއި މެދު ކަންތައް ކުރީ ނުހަނު އިޙްތިރާމާއިއެކީ އެއްވެސް ޝައްކެއް އުފެދޭ ފަދަ ޒާތަކަށް ނޫނެވެ. ފަޒީން މެދުވެރިވެގެން އޭނަ ދާން ބޭނުންވާ ބަޔަކާއި ހަމައަށް ވެސް ނުދެވޭނެހެން ދާރިސްއަށް ހީވިއެވެ. އެހެންކަމުން ފަޒީން ބުނި ކަންތައް ކޮށްދިނުމަށްފަހު ވީހާވެސް އަވަހަކަށް އެމީހުން އުޅޭ ހިސާބެއް އަމިއްލައަށް ހޯދުމަށް ދާރިސް ނިންމިއެވެ. އެހެނަސް….
“އަނެއްކާވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އީތަން! އިތުރު ކަމަކު އެދެންވީމަ ވެސް ކުޑަކޮށް ޖެހިލުން އެބަވޭ އެކަމަކު….އަޅުގަނޑުގެ އެކުވެރިޔަކަށް ވެސް އެހީވެވިދާނެތޯ؟ މިއީ އަޅުގަނޑުގެ އެކުވެރިޔާގެ ކާޑު. މާ ބޮޑަށް ދަތިވެނުލައްވަންޏާ މި ކާޑުގައިވާ އެޑްރެހަށް މިއަދުގެ ވަގުތެއްގަ ވަޑައިގެންދެއްވައްޗޭ!”
މަސައްކަތް ނިންމުމަށްފަހު ދާރިސް ގޮނޑިން ތެދުވެލީ ވަގުތު، ފަޒީން އޭނަގެ އަތަށް ކާޑެއް ލައިދެމުން ބުންޏެވެ. ކާޑުގެ އެންމެ މަތިން ‘އާސިފް މުޢީން’ ގެ ނަން ފެނިފައި ދާރިސްގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔައީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އެ ނަމުގެ ތިރީގައި ‘ސްޓާރލައިޓް ބިޒްނަސް ޕްރައިވޭޓް ލިމިޓެޑް’ އޭ އޮތުމުން ދާރިސްގެ ހަނދާނަށް އައީ، ރޭ އެއްކަލަ ބީރައްޓެހިއްޔާގެ ފަރާތުން އޭނައަށް ލިބުނު މެސެޖެވެ.
“ޝަހީދުބެ މާޒީގަ އުފެއްދި ކުންފުންޏަށް ދެވުނު ނަމަކީ އެސް އެންޑް އެމް ހޯލްޑިންގްސް. އެސް އަކުރު ޝަހީދުބެއަށް ނިސްބަތްކޮށް. އަދި އެމް އަކުރު މުޢީނަށް ނިސްބަތްކޮށް. ޝަހީދުބެ އެ ކުންފުނިން ދުރުކުރެވި، އީތަންގެ މަންމަ ވެސް ކުންފުނިން ދިޔަފަހުން އެ ކުންފުނީގެ ނަން ބަދަލުކުރެވުނީ ސްޓާރލައިޓް ބިޒްނަސްއަށް. މާލެއަށް ގޮއްސަ އެ ނަމުން ނަންދެވިފައިވާ ޢިމާރާތަށްދޭ….ގޮއްސަ އެތަނުން މީހަކު ކަމަކު އެދުނިއްޔާ އެކަމެއް ކޮށްދޭން އެއްބަސްވޭ…”
މެސެޖުގައި އޮތީ އެހެންނެވެ. އެ މެސެޖުގެ ޖަވާބުގައި ދާރިސް ތިއީ ކާކުތޯ އަހައި މެސެޖު ކުރިއެވެ. މެސެޖު މިފަހަރު އައީވެސް މާލޭ ނަންބަރަކުން ކަމަށްވުމުން އެނގެން ކެތްމަދުވުމުންނެވެ. އެހެނަސް ދާރިސްގެ ސުވާލުގެ ޖަވާބުގައި އެމީހަކު ބުނީ، ނުހަނު އަވަހަށް އެމީހަކު ދާރިސްއާއި ބައްދަލު ކުރާނެ ކަމަށެވެ.
ވިސްނުމަކަށް ގެއްލިފައިވި ދާރިސްއަށް ހަމަހޭވެރިކަމެއް ލިބުނީ ފަޒީން އޭނައަށް ގޮވައިލުމުންނެވެ. އެއާއިއެކު ދާރިސް ގަދަކަމުން ހިނިތުންވުމެއް ދައްކަމުން އެންމެ ރަނގަޅޭ ބުނެ، ދާނެ ކަމަށް ވަޢުދުވަމުން ފަޒީންގެ އޮފީހުން ނިކުންނަން ދިޔައެވެ.
**
ހޮސްޕިޓަލުގެ ރިސެޕްޝަން ކުރިމަތީގައި ހުރި ގޮނޑިބަރިތަކުގެ ތެރެއިން އެންމެ ކުރީ ބަރީގައި ހިބާ އިނެވެ. އެހެން އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ، އޭނައަށްޓަކައި ނަންބަރެއް ނަގަން ރިސެޕްޝަނަށް ގޮސްފައި ހުރި މުނީރާއަށެވެ. މަންޒަރު ބަލަން އިންއިންހެން ހިބާގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ދިޔައީ، އެންމެ ފަހުން މީހަކު އޭނައަށްޓަކައި އެގޮތަށް ނަންބަރު ނެގި ހަނދާން އާކުރަން އުދަގޫވުމުންނެވެ. އެންމެ ފަހުން ވެސް އޭނައަށްޓަކައި އެކަން ކޮށްދީފައި ހުންނާނީ އޭނަ ކުޑައިރު އޭނަގެ ބައްޕަކަން ހަނދާންވިއެވެ. އޭނަގެ އަމިއްލަ މަންމަ ކުޑައިރު ވެސް އޭނަ ގޮވައިގެން ޑޮކްޓަރަށް ދިޔުން ފަދަ ކަމެއް ނުކުރާކަން އެނގުންވުމުން ހިތް ދެރަވިއެވެ.
އެހެނަސް ކުރިމަތިން ފެންނަމުން ދިޔަ އޭނަގެ މައިދައިތަ އޭނައަށްޓަކައި ރިސެޕްޝަންގައި ހުރި ކުއްޖާއާއި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނި، ހިތަށް ފިނިކަމެއް ލިބުނެވެ. މުނީރާ އެ ކުއްޖާ ކުރެން އެދުވަހު ތިބި ޑޮކްޓަރުންނާއިމެދު ސުވާލުކޮށް، އެންމެ ރަނގަޅު ޑޮކްޓަރަކަށް ނަންބަރު ހޯދަން މަސައްކަތް ކުރަމުންދާ އަޑު އިވި، ހިބާއަށް ހިނިތުންވެލެވުނެވެ.
“ރަނގަޅު މަންމައެއްދޯ ކަނބުލޮއަށް ލިބިފަ ތިހިރީ؟” ދުވަސްވީ ފިރިހެނަކު ސުވާލުކޮށްލި އަޑަށް ހިބާއަށް ކަނާތްފަރާތަށް ބަލައިލެވުނެވެ. އެހިނދު ފުރޮޅިލީ ގޮނޑިއެއްގައި އިން މުސްކުޅި ބޭބެއަކު ހިނިތުންވުމަކާއިއެކީ މަންމައަށް ބަލަން އިނދެފައި އޭނައަށް ބަލައިލިއެވެ.
“އަ….އާދެ! މަންމައެއް ނޫން އެއީ…މައިދައިތަ. ހެހެ….” ހިބާއަށް ބުނެލެވުނެވެ. މުސްކުޅި ބޭބެގެ އަނެއްފަރާތުގައި ކޯޓު ފަޓުލޫނު ލައިގެން ހުރި ޒުވާން ފިރިހެނަކު މަޑުކޮށްލިތަން ހިބާއަށް ފެނުނީ އެ ވަގުތެވެ. އެއީ ބޭބެގެ ދަރިފުޅުތޯ ހިތަށްއެރިއެވެ. އެހެނަސް އެއަށްވުރެ ރަސްމީ ގޮތެއް އެ ޒުވާނާގެ ކިބައިން ފެންނަމުން ދިޔަ ގޮތުން ހިބާ އޮޅުން އަރާ ގޮތްވިއެވެ.
“މައިދައިތައަކީ ވެސް ހަމަ މަންމައެއްތާ….އުފާވެރި ކައިވެންޏެއްގަތަ ދަރިފުޅު ތިއުޅެނީ؟” ބޭބެ ސުވާލުކުރިއެވެ.
“ލައްބަ. ހެހެ…” ބީރައްޓެއްސަކު އެ ސުވާލު ކުރުމުން، ހިބާއަށް ޖަވާބު ދެވުނީ ހިސާބަކަށް ލަދުގެންފައި އިނދެއެވެ.
ހަމަ އެވަގުތު ރިސެޕްޝަނުގައި ހުރި މުނީރާ އެ ދިމާލަށް އަންނަން ފެށިއެވެ. މުނީރާ ކައިރި ވަމުން ދިޔަދިޔަހެން އެތާ ތިބި އާ ދެމީހުން ފާހަގަވެ، މުނީރާގެ ފިޔަވަޅުތައް ލަސްވެގެން ދިޔަކަން މަންޒަރު ބަލަން ތިބި ތިން މީހުންނަށް ވެސް ފާހަގަ ކުރެވުނެވެ.
“އަނަސް؟” އެތާ ހުރި ޒުވާނާއަށް ބަލަހައްޓައިގެން ހުރެ މުނީރާއަށް ބުނެލެވުނެވެ. އެއާއިއެކު ހިބާއަށް ވެސް އެ ޒުވާނާއާއި ދިމާލަށް ބަލައިލެވުނެވެ. އަދި މިއީ މަންމަ ދަންނަ މީހެއްތޯ ހިތަށްއެރިއެވެ.
“ވަރަށް ދުވަސް ފަހުންދޯ ދައްތައާއި މި ބައްދަލު ކޮށްލެވުނީ؟ ކިހިނެއްތަ ދައްތާ؟” އަނަސް ހިނިތުންވުމެއްގައި ހުރެ ސުވާލުތައް ކުރިއެވެ.
“ރް….ރަނގަޅު. ވަރަށް ރަނގަޅު….މިއީ…” މުނީރާ އެތާ ގޮނޑީގައި އިން ފިރިހެން މީހާއަށް ޢިޝާރާތް ކުރަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ.
“އާދެ….މިއީ އަޅުގަނޑުގެ މަނިކުފާނަކީ. ދައްތައަށް މި ހުރިހާ ދުވަސް ވަންދެން އަޅުގަނޑު ފޯރުކޮށްދިނީ މި މަނިކުފާނު ދައްތައަށް ވެދެއްވަން އެދިވަޑައިގަތް އެހީ…” އަނަސް ކިޔައިދިނެވެ. އެހިނދު މުނީރާއަށް ކުރު ނޭވައެއް ދޫކޮށްލެވުނެވެ.
“ވަރަށް….ބޮޑަށް ޝުކުރިއްޔާ ވެދެއްވި ހުރިހާ އެހީއަށްޓަކައި. މަނިކުފާނު ދުވަހަކު ފެނިފައި ނެތަސް މި ހުރިހާ ދުވަސްވަންދެން އަޅުގަނޑު މަނިކުފާނަށްޓަކައި ދުޢާކުރިން. އަޅުގަނޑުގެ ގެއްލުނު ދަރިފުޅު ވެސް މިހާރު އަޅުގަނޑަށް ވަނީ ފެނިފައި. މަނިކުފާނުގެ އެހީ ނުލިބުނުނަމަ މި ދުވަސް ފެންނަންދެން އަޅުގަނޑަށް ދުނިޔޭގައި ނުހުރެވުނީސް ކަންނޭނގެ…ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ….” މުނީރާ ފެންކަޅިވެފައިވާ ޙާލުގައި ބުންޏެވެ.
“ކޮންމެހެން މުނީރާގެ ޝުކުރެއް ބޭނުމެއްނޫން. އަހަރެން އެ އެހީ ވެދިނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަންނަށް އަހަރެންގެ ޒިންމާ އަދާ ނުކުރެވުމުގެ ސަބަބުން އެހެން މީހުންނަށް ލިބުނު ގެއްލުމާއިމެދު އަހަންނާއި ސުވާލު ކުރެވޭނެ ދުވަހެއްގެ ބިރުވެރިކަމުގަ…” ރައްޒާޤު އެހެން ބުނެލީ، މުނީރާއާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކުޅެދިފައިވާ ޙާލުގައެވެ. އެހިނދު ރައްޒާޤު އެ ބުނި ވާހަކައެއްގެ ޙަޤީޤީ މާނަ އެނގުންވީ ހަމައެކަނި އަނަސްއަށެވެ.
“އާދެ…..މަނިކުފާނު ބަލިވެތޯ ތި އުޅުއްވަނީ؟” މުނީރާއަށް އަހައިލެވުނެވެ.
“ލައްބަ….މީގެ 6 ވަރަކަށް އަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން މަނިކުފާނު ކޯމާއަކަށް ދިޔައީ. މަނިކުފާނު ކޯމާގަ އޮންނެވީތީ އަޅުގަނޑަށް ދައްތައާއި ބައްދަލުކުރަން ނުދެވުނީ…” އަނަސް ކިޔައިދިނެވެ.
“ސުބްޙާނަ ﷲ! މިހާރު މަނިކުފާނުގެ ޙާލު ރަނގަޅުތޯ؟!” މުނީރާ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމަކާއިއެކީ ސުވާލުކުރިއެވެ.
“ﷲ ގެ ރަޙްމަތުން މިހާރު ރަނގަޅު، އަލްޙަމްދުލި ﷲ….މުނީރާއާއި ހިބާ ކަނބުލޮ ވެސް ހެޔޮ ޙާލުގަ ތިބި ތަން ފެނުނީމަ އަދި އިތުރަށް ހިތްހަމަޖެހިއްޖެ. ދެން ބޭނުންވަނީ މުނީރާގެ ދަރިފުޅާއި ބައްދަލުކޮށްލަން. މިރޭ އެކުއްޖާއާއި ހިބާ ވެސް ގޮވައިގެން އަހަރުން ގެއަށް އަންނަންވީއެއްނު ކެއުމަކަށް؟” ރައްޒާޤު އެދުނެވެ.
“އަ…އާދެ! އަޅުގަނޑު ދާރިސްއާއި ވެސް ވާހަކަ ދައްކާފަ އެންމެން އެކީގަ މަނިކުފާނުގެ ގެއަށް އަންނާނަން އިން ޝާ ﷲ. ހިބާ ދާނަންދޯ؟ މިއީ ވަރަށް ގިނަ ދުވަސް ވަންދެން މަންމައަށް އެހީވެދިން ބޭބެއެއް….” މުނީރާ ވެފައި ހުރި އުފަލެއްގައި ހިބާއަށް ވެސް ކިޔައިދިނެވެ. އެއާއިއެކު އޭރުވެސް ޙައިރާންކަމެއްގެ ތެރޭގައި ހިނިތުންވުމެއް ދައްކައިލަމުން ބޯޖަހައިލިއެވެ.
**
“އަޅުގަނޑު މިއީ އިސްމާޢިލް އީތަން….މި ކާޑުގައި ނަންގަނެވިފައިވާ ބޭފުޅާއާއި ބައްދަލުކުރަން ބޭނުމީ…”
ސްޓާރލައިޓް ބިޒްނަސްގެ ރިސެޕްޝަނަށް ގޮސް ދާރިސް އަތުގައި އޮތް ކާޑު ދައްކައިލަމުން އެހެން ބުނެލީ، އާސިފްގެ ނަން ކިޔަން ވެސް ބޭނުމެއް ނުވުމުންނެވެ.
ރިސެޕްޝަންގައި ހުރި ކުއްޖާ އާސިފްގެ ސެކްރެޓަރީއަށް ގުޅައިލުމަށްފަހު، އިސްމާޢިލް އީތަން ހުރި ވާހަކަ އެންގިއެވެ. އެކޮޅުން އިވުނު ވާހަކައަކުން އަންހެން ކުއްޖާގެ މޫނުމަތިން ފާޅުވީ، އެ ޖަވާބު އިސްމާޢިލް އީތަން ފަދަ ޝަޚްޞިއްޔަތަކަށް ދޭންވީތީ ނުތަނަވަސްވީ ފަދަ އަސަރެކެވެ. ކޮންމެއަކަސް އެކުއްޖާ ފޯނު ބޭއްވުމަށްފަހު ދާރިސްއަށް ބަލައިލިއެވެ.
“އާދެ….އާސިފް ސާރ މިވަގުތުވީ މީޓިންގްއަކަށް އޮފީހުން ބޭރަށް ވަޑައިގެން…” އެކުއްޖާ ބުންޏެވެ.
“ކޮން އިރަކުންތޯ އަޅުގަނޑަށް އެހެންވީމަ ބައްދަލުކޮށްލެވޭނީ؟” ދާރިސް ސުވާލު ކުރިއެވެ.
ހަމަ އެވަގުތު ރިސެޕްޝަންގެ ކަނާތް ފަރާތުން ފެންނަމުން ދިޔަ ބިއްލޫރި މައިދޮރު ހުޅުވިގެން ދިޔަ އަޑަށް ދާރިސް އެ ދިމާލަށް ބަލައިލިއެވެ. އެވަގުތު ފެނިގެން ދިޔައީ، އަންހެން ކުއްޖެއްގެ ކޮނޑަށް އަތް އަރުވައިގެން އޮފީހަށް ވަންނަމުން ދިޔަ އާސިފް ނޫން ދެވަނަ މީހެއް ނޫނެވެ. ނުހަނު ޒަމާނަށް ހެދުން އަޅައިގެން ހުރި އަންހެން ކުއްޖާއާއި އޮލަ ގޮތަކަށް ވާހަކަ ދައްކަމުން ގޮސް އާސިފް ހުއްޓުން އެރީ، ދާރިސް ފެނުމުންނެވެ.
“އޮހް! ލުކް ހޫޒް ހިއާރ! މިސްޓަރ އިސްމާޢީލް އީތަން…..ބޭބް މިވަގުތަށް ހޮޓެލަށް ދާންވީއެއްނު؟ އަންނާނަން ކުޑަ ބައްދަލުވުމަކަށްފަހު. ލަވް ޔޫ!” އާސިފް ދާރިސްއަށް ބަލަން ހުރެ އަންހެން ކުއްޖާއާއި ވާހަކަ ދައްކައި، ނިތަށް ބޮސްދިނުމަށްފަހު އެކުއްޖާ ފޮނުވައިލިއެވެ. މަންޒަރު ބަލަން މޭނުބައި ކުރި ދާރިސް ދުރު ބަލައިލިއިރު އޮފީހުގެ ބައެއް މުވައްޒަފުން ވެސް އާސިފްއަށް ބަލައި، އީތަންއަށް ބަލަމުން ދިޔައީ ލަދުވެތިކަމާއިއެކީގައެވެ. އެހެނަސް އާސިފަށް އޭގެއިން އެއްވެސް ކަމެއް ފާހަގަވެސް ނުވިފަދައެވެ.
“މިސްޓަރ އީތަން! ހިނގާ އަވަހަށް…” އާސިފް ހިނިތުންވުމަކާއިއެކީ އޭނަ ފަހަނަޅައި ދަމުން އާދައިގެ ގޮތަކަށް ވާހަކަ ދެއްކި ގޮތުން ދާރިސް ނުރުހުންވާ ގޮތްވިއެވެ. ކޮންމެހެން މީހުން އޭނައަށް އިޙްތިރާމް ކުރަން އޭނަ އެދޭތީވެއެއް ނޫނެވެ. އެހެނެއްކަމަކު އާސިފް ގަދަކަމުން އޭނަ ދަށްކުރަން އުޅޭ ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ.
އާސިފްގެ އެ ނިޔަތް ދާރިސްއަށް ސާފުވެގެން ދިޔައީ، އާސިފްގެ ކެބިންއަށް ވަދެވުމުންނެވެ. އަމިއްލަ ބޮޑު ގޮނޑީގައި އިށީނުމަށްފަހު އާސިފް އޭނަ ގާތު އިށީންނަން ނުވެސް ބުނެއެވެ. އިޒުނައެއް ނެތި ވެސް ދާރިސް އާސިފްގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނުމުން، އާސިފް އޭނައަށް ބެލުމެއްވެސް ނެތި އެއްފަރާތަކަށް އެނބުރިގެން އިނީއެވެ.
“ފަޒީން ބުނެގެން ބައްދަލުކޮށްލަން މި އައީ…” ދާރިސް ސީރިއަސްކަމާއިއެކީ ބުންޏެވެ.
“އޮހް! އާނދޯ؟ ފަޒީން ބުންޏޭ މިއަދު ކޮންމެވެސް ތަނެއްގެ ޑައިރެކްޓާރއެއް އަހަންނާއި ބައްދަލުކުރަން އަންނާނެ ވާހަކަ…ކޮން ކުންފުންޏެއްތަ އެއީ….” އާސިފް ނޭނގޭ ކަމަށް ހަދަމުން ވާހަކަ ދެއްކިއެވެ.
“ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރ….މި އޮފީހަށް އަންނަން އަޅުގަނޑަށް ދަޢުވަތު އެރުވީ މުހިއްމު ކަމަކުތޯ؟ މުހިއްމު ނޫނިއްޔާ އަޅުގަނޑު ވެސް މި ބައްދަލުވުން ކުރުކޮށްލަން ބޭނުން.” ދާރިސް ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.
“ހުމް….އަސްލު އީތަން މިތަނަށް މި ގެނައި އޮފީހުގަ ވަރަށް ބޮޑު އިވެންޓެއް ބާއްވަން އުޅޭތީ….މީގެ ދެދުވަސްފަހުން މިއުޅެނީ އޮފީހުގެ ބޮޑު ފަންކްޝަނެއް ބާއްވަންވެގެން. މި ކުންފުނީގެ ސީއީއޯއެއްގެ މަޤާމް އަހަންނަށްދޭން ބާއްވާ ފަންކްޝަން. އެ ޙަފްލާގެ ހުރިހާ އައިޓީ ބައެއްގެ އިންޗާޖަކަށް އީތަން ހުރެދޭންވީއެއްނު؟” އާސިފް އެދުނެވެ. އެ ވާހަކަ އިވިފައި ދާރިސްއަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ.
“ތިކަހަލަ ޙަފްލާއެއްގެ އައިޓީ އިންޗާޖެއްގެ މަޤާމް އަޅުގަނޑަށް ވަގުތުވާނެހެން ބޭފުޅާއަށް ހީވަނީ ކީއްވެތޯ؟” ދާރިސްއަށް އެހެން އަހައިލެވުނީ ދަތްކުނޑި ވިކެމުންދާ ޙާލުގައެވެ.
“އޫޕްސް….ޗީފް ޑައިރެކްޓާރއަކާދޯ މި ވާހަކަ ދެކެވެނީ؟ އެކަމަކު ޗުއްޓީގައެއްނު ތިއުޅެނީ؟ ވައިފްއާއިއެކީ އުޅެން މިކޮޅަށް ބަދަލުވާން އުޅޭ ޚަބަރުވެސް ލިބޭ. އެހެންކަމަށްވަންޏާ މިކޮޅުގަ މިކަހަލަ ވަޒީފާ ވެސް އަދާކުރަންވާނެއެއްނު؟ އެއަށްފަހު ވެސް މިކޮޅުގަ އުޅެން ބޭނުމިއްޔާ މި އޮފީހުގަ ހުންނާނެ ކުދިކުދި އައިޓީ މަޤާމުތައް ފުރުވައިލަން. ވަރަށް ރަނގަޅަށް މުސާރަ ދޭނަން ތިއީ އީތަންއަށްވީތީ….” އާސިފް ވާހަކަ ދެއްކިދެއްކިހެން ދާރިސްގެ ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ.
އެހެނަސް ދާރިސް ލޯ މަރައި ފުން ނޭވާތަކެއް ލަމުން ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ، އޭނައަށް ހެޔޮ އެދޭ ފަރާތުން ފޮނުވާފައިވާ މެސެޖެވެ.
“ގޮއްސަ އެތަނުން މީހަކު ކަމަކު އެދުނިއްޔާ އެކަމެއް ކޮށްދޭން އެއްބަސްވޭ…”
މެސެޖުގައިވި އެ ފަހު ތަންކޮޅު ހަނދާންވެ ދާރިސް ހިމޭންވެގެން ދިޔައެވެ. މި އޮފީހަށް އައުމުން އޭނައަށް ކަމަކު އެދެވޭނެކަން ވެސް އެމީހަކަށް އެނގިފައިވޭތާއޭ ހިތަށްއެރިއެވެ. އާސިފްގެ އެދުމަށް އެއްބަސްވުމަކީ ރޭވުމުގެ ބައެއްކަން އެނގުންވުމުން ދާރިސްއަށް ވާހަކަ ދެކެވުނެވެ.
“އެންމެ ރަނގަޅު….ތިކަމެއް ކޮށްދޭނަން. ކޮން ދުވަހަކުތޯ ޙަފްލާ ބާއްވަން ހަމަޖެހިފަ އޮތީ؟” ދާރިސް އޭނަ ވާހަކަ ދައްކަމުން ދިޔަ ރާގުވެސް ބަދަލުކޮށްލިއެވެ.
**
އެދުވަހު އެ އޮފީހުން ގެއަށް ދަމުން ދިޔަ މަގުމަތީގައި ޓެކްސީގެ ތެރެއިން ދާރިސް ނުހުރެވިގެން އެއްކަލަ ބީރައްޓެހިޔާއަށް ގުޅައިލިއެވެ. ދާރިސް ހީކުރި ގޮތާއި ޚިލާފަށް ދެ ތިން ރިންގަށްފަހު ބީރައްޓެހިޔާ ފޯނު ނެގިއެވެ.
“ހެލޯ….އަޅުގަނޑު ދެންމެއަކު ތި ބޭފުޅާ ވިދާޅުވި ގޮތަށް އާސިފް އެދުނު ކަމެއް ކުރަން އެއްބަސްވެލައިފިން. ދެން އަޅުގަނޑާއި ބައްދަލުކުރަން ނުވޭތޯ؟ އެޑްރެސް ފޮނުއްވާ….އޭރުން އަޅުގަނޑު މިހާރު ވެސް އެ އެޑްރެހަށް ގޮސްދޭނަން…” ދާރިސް އެމީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި ބުންޏެވެ.
“ހެހެ…..މިރޭ އަޅުގަނޑާއި ބައްދަލުކުރައްވަން ވަޑައިގަންނަވާ. އަންނަންވީ އެޑްރެހާއި އެހެން ހުރިހާ މަޢުލޫމާތެއް އީތަންގެ މަންމައަށް އެނގޭނެ. ގެއަށް ވަޑައިގެން އައްސަވާލައްވާ…” އެކޮޅުން ދިން ޖަވާބުން ލިބުނު ޙައިރާންކަމާއިއެކީ ދާރިސްގެ ދެބުމަ ކައިރިވިއެވެ.
ބީރައްޓެހިޔާ ބުނި ފަދައިން ދާރިސް އޭނަގެ ހޮޓެލަށް ދިޔުމާއި އެކުހެން ދާރިސްއަށް ބީރައްޓެހިޔާގެ ވާހަކަ އެނގިގެން ދިޔައެވެ. ‘އަނަސް’ ނަމަކަށް ކިޔާ ޒުވާނާއަކީ މީގެ ދެދުވަސްކުރިން މަންމަ އޭނައަށް އެ މީހަކާއި ބެހޭގޮތުން ކިޔައިދިން ޒުވާނާކަން އެނގުންވިއެވެ. އަދި އަނަސްއަކީ، މަންމަ އެކަނިވެރިވީ ދުވަސްވަރު އެހީވި ފިރިހެން މީހާގެ ސެކްރެޓަރީކަން ވެސްމެއެވެ.
“އެނގޭތަ؟ އެ މަނިކުފާނު މީގެ 6 އަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގަ ކޯމާއަކަށް ދިޔައީއްޔޯ….އެހެންވެގެންނޯ އެފަހުން އަނަސްއަށް މަންމައާއި ބައްދަލުކުރަން ނާދެވުނީ. އެކަމަކު ނަސީބު ރަނގަޅުކަމުން އޭރު މަންމައަށް މާޒިން ވެސް ލިބިގެން ފުދޭވަރަކަށް ރަނގަޅު ޙާލެއްގަ މަންމަ އުޅެމުން ދިޔައީ…” މުނީރާ ދާރިސްމެންގެ ކޮޓަރިއަށް އައިސް ސޯފާގައި އިނދެ ކިޔައިދިނެވެ.
‘6 އަހަރު ކުރިން’ނޭ ބުނުމުން ދާރިސްގެ ހަނދާނަށް އައީ އޭނަ ސްވިޓްޒަލޭންޑުގައި ހުރިއިރު ލިބުނު ސިޓީތަކެވެ. 6 އަހަރުކުރިން އެ ސިޓީތައް ލިބުން މެދުކެނޑިގެން ދިޔަ ގޮތެވެ. އެއީ އެމީހަކު ބަލިވެގެން ދިޔުމުންތާއޭ ހިތަށްއެރިއެވެ.
“ކީކޭތަ އެ މީހާއަށް ކިޔަނީ މަންމާ؟ ކީއްވެތަ އެމީހަކު އެހާ ބޮޑަށް އަހަރުމެންނަށް އެހީވަނީ؟” ދާރިސްއަށް އަހައިލެވުނެވެ. އެވަގުތު އަނަސްގެ ފަރާތުން އޭނައަށް ވެސް ވަކިން އެހީ ލިބެމުންދާ ވާހަކަ ދާރިސް މަންމަ ގާތު ނުބުނެއެވެ.
“ނޭނގެ ދަރިފުޅު…މިރޭގެ ކެއުމަށް ގޮއްސަ އަހަމާ ހިނގާ. ދުނިޔޭގަ ކިތަންމެ ގިނަ ގޯސް މީހުން އުޅުނަސް ހިތްހެޔޮ މީހުންވެސް އުޅެނީތާ…މަޔަކު އެކަނިވެރިކަމުގަ ދަތި ޙާލުގަ އުޅޭތަން ފެނުނީމަ އެމީހެއްގެ ހިތަށް ވެރިވި ޙަމްދަރުދީއާއިއެކީ އެހީވީއޭ މަންމަ ބުނާނީ ހަމަ…” މުނީރާ ތަކުރާރުކޮށް ބުންޏެވެ. އެހެނަސް ދާރިސްއަށް އެ ބަސްތައް ޤަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. މަންމައަށާއި އޭނައަށް އެހީވެދެމުންދާ އެމީހަކާއި އެމީހުންނާއި އެއަށްވުރެ ފުން ގުޅުމެއް އޮވެދާނެކަމަށް ޤަބޫލު ކުރެވުނެވެ.
**
މުނީރާއާއި ދާރިސްގެ އިތުރުން ހިބާވެސް އެރޭގެ ކެއުމަށް ދިޔުމަށް ދަތުރު ފެށީ އެރޭގެ ޢިޝާ ނަމާދަށް ފަހުއެވެ. ޓެކްސީއަކަށް އެރުމަށްފަހު ދާރިސް ޑްރައިވަރަށް އެޑްރެސް ކިޔައިދިނެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ޓެކްސީ ގޮސް މަޑުކޮށްލީ މާލޭގެ އެންމެ ބިޔަ ޢިމާރާތްތަކުގެ ތެރެއިން ޢިމާރާތެއްގެ ކުރިމައްޗަށެވެ.
ދާރިސް ކާރުން ފޭބުމަށްފަހު ހިބާއަށް ކާރުން ފައިބަން އެހީވެދިން އިރު މުނީރާ ވެސް ކާރުން ފައިބައި ޢިމާރާތުގެ އެންމެ ކޮޅާއި ހަމައަށް ނަޒަރު ހިންގަން ފެށިއެވެ. ‘އަލިމަސް’ މި ނަން ބޮޑު އަކުރުން ޢިމާރާތުގެ މަތިން ދިއްލިފައިވީއިރު މުނީރާގެ ހަނދާނަށް ވެރިވާން ފެށި މާޒީގެ ހަނދާނެކެވެ. އެ ޢިމާރާތް ކޮޅަށް ނެގެމުން ދިޔަ ދުވަސްވަރެވެ. އެދުވަސްވަރު އޮފީހަށްދާ މަގުމަތީގައި މިރްޒާދް އެ ޢިމާރާތުން ނިކުމެގެން އަންނަ މަންޒަރެވެ. އަދި އޮފީހުގައި މުޢީންމެންނާއިއެކީ މަސައްކަތް ކުރާއިރު ވެސް އެ ޢިމާރާތުގެ ވާހަކަ ދެކެވޭ އަޑެވެ.
“މިއީ މަންމަ ދަންނަ ތަނެއްތަ؟” ފަހަތުން އިވުނު ދާރިސްގެ އަޑަށް މުނީރާއަށް ސިހިގެން ގޮސް ފަހަތް ބަލައިލެވުނެވެ. އެވަގުތު ދާރިސް ހިބާގެ އަތުގައި ހިފަހައްޓައިގެން އޭނައާއި ކައިރީގައި ހުއްޓެވެ.
“ން…ނޭނ..ގެ” މުނީރާއަށް ކެނޑިކެނޑިގެން ބުނެލެވުނެވެ. އެހިނދު ދާރިސްއާއި ހިބާގެ މޫނުމަތިން ވެސް ޙައިރާންކަން ފާޅުވިއެވެ. މުނީރާ އިތުރު ވަކި އެއްޗެކޭ ނުބުނެ ނުތަނަވަސްވާން ފެށުމުން ދާރިސް ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ހިނގާ އެތެރެއަށް ދާން. އަނަސް ހުންނާނެބާ މި ގަޑީގަ؟” ދާރިސް އަމިއްލަ އަމިއްލައަށް އެހެން ބުނަމުން ހިބާގެ އަތުގައި ހިފައިގެން އެތާހުރި ތިރި ސިޑިން އެރިއެވެ. އެވަގުތު މުނީރާ ވެސް އެމީހުންނާއި އެކީ ޢިމާރާތަށް ވަންނަން ދިޔައެވެ.
ޢިމާރާތުގެ މައި ބިއްލޫރި ދޮރާއި ހަމަވީ ތަނާހެން ހިނިތުންވުމަކާއިއެކީ ދެ މުވައްޒަފުން އެމީހުންނަށްޓަކައި ދޮރުހުޅުވައިދީ މަރުޙަބާ ކިޔުނެވެ. އެމީހުން ޢިމާރާތަށް ވަނުމާއިއެކު އެއްފަރާތަކުން ހިނގާފައި އައި އަނަސް އެމީހުންގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލިއެވެ. އަނަސް ހުރީ އާދައިގެ މަތިން ކޯޓު ފަޓުލޫނުގައި ރަސްމީ ގޮތަކަށެވެ.
“މަނިކުފާނުގެ ގެކޮޅަށް ވަރަށް ބޮޑަށް މަރުޙަބާ އީތަން، ހިބާ އަދި ދައްތާ. މަނިކުފާނު ހުންނެވީ އެންމެ މަތީ ފަންގިފިލާގަ. އަޅުގަނޑާއިއެކީ އެ ފަންގިފިލާއަށް ވަޑައިގަންނަވާ…” އަނަސް އެހެން ބުނެ ލިފްޓަށް ދިޔުމަށް އެމީހުންނަށް ތަން ދެއްކިއެވެ. އެއާއިއެކު އެންމެން އެކީގައި ލިފްޓަށް އަރަން ދިޔައެވެ.
**
ސިޓިންގް ރޫމުގައި ރައްޒާޤު ވެސް އިނީ އެރޭގެ ކެއުމަށް ތައްޔާރުވެގެންނެވެ. ސޯފާގެ ބަދަލުގައި ފުރޮޅުލީ ގޮނޑީގައި އޭނަ ބައިންދާފައި އަނަސް ދިޔައީ އޭނަގެ އެދުމުގެ މަތިންނެވެ.
އިސްޖެހިފައި ރައްޒާޤު އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޮޓޯގަނޑަށެވެ. ކުރީގެ އެ ފޮޓޯގަނޑުގައި ރައްޒާޤު މެދުގައި ހުރިއިރު، އޭނަގެ ދެ ފަރާތުގައި ތިބީ މުޢީނާއި މިރްޒާދެވެ. މުޢީނަށްވުރެ ބޮޑަށް އެވަގުތު ރައްޒާޤަށް ބެލެމުން ދިޔައީ މިރްޒާދަށެވެ. މިއަދަކީ މިރްޒާދް ދުނިޔެ ދޫކޮށް ދިޔަތާ 21 އަހަރު ފުރި، ހަފްތާއެއް ހަމަވާ ދުވަހެވެ.
މިރްޒާދަކީ އެތައް ގޮތަކުން ރައްޒާޤަށް ހިތާމަ ދިން ދަރިއަކަށް ވިޔަސް، މިއަދާއި ހަމައަށް ވެސް މިރްޒާދް ދުނިޔެ ދޫކޮށް ދިޔަ ދުވަސް ރައްޒާޤު ހަނދާން ނުނެތެއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނަ ލޯބިން ބޮޑުކުރި އޭނަގެ އަލަތު ދަރިފުޅެވެ. އޭނައާއި ފަހު ފަހަރަށް ބައްދަލުވެސް ނުވެ އެ ދަރިފުޅު ދުނިޔެއާއި ވަކިވެގެން ދިޔުމުން ރައްޒާޤުގެ ހިތަށް ފުން އަސަރެއް ކޮށްފައިވެއެވެ. އެ ސޫރަ އަދި އެއްފަހަރު ފެންނާނެނަމައޭ ކޮންމެ ދުވަހަކުހެން ހިތް އެދި ގޮވައެވެ.
އެ ޚިޔާލު ރައްޒާޤުގެ ހިތަށް ވެރިވި ވަގުތަކީ، އެޕާޓްމެންޓުގެ ބެލް އަޅުވައިލެވުނު އަޑު ރައްޒާޤަށް އިވުނު ވަގުތެވެ.
“މަނިކުފާނު….މެހުމާނުންނާއިއެކީ މި ވަންނަނީ..” އަނަސް ބުނި އަޑު އިވުނެވެ.
“ވަދެލާ…” ރައްޒާޤު އަތުގައި އޮތް ފޮޓޯ އެތާހުރި މޭޒުމަތީގައި ބަންޑުން ބާއްވަމުން ގޮވައިލިއެވެ. އެއާއިއެކު އަނަސް ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަދެ، އެންމެންނަށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.
ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ގެއަށް ވަދެގެން އައި މީހުންގެ ތެރެއިން، އޭނައަށް ނުފެންނަ އާ ސޫރަ ފެނިގެން ދިޔުމުން ރައްޒާޤު ގަނޑުވާ ގޮތްވިއެވެ. އިސްކޮޅުން ދިގުކޮށް ހުރި ޒުވާނާގެ ދިގު އިސްކޮޅާއި، ހަތަރެސްކަން ބައްޓަމަށްވި މޫނާއި، ކަނދުރައާއި ހަމައަށް އޮތް ފަން، ކަޅުކުލަގަދަ ފަން އިސްތަށިގަނޑު ފެނި، އެތަނުން ފެނިގެން ދިޔައީ މިރްޒާދްހެން ހިނދުކޮޅަކަށް ނަމަވެސް ރައްޒާޤަށް ހީވިއެވެ. އެ ހީވި ވަގުތުކޮޅުގެ ތެރޭގައި ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި އެ ހިތް ހަމައަކަށް އެޅެން ފެށީ، އެއީ ދާރިސްކަން އެނގުންވުމުންނެވެ.
ހިބާއަށް ސަމާލުކަން ދެމުން އެ ގެއަށް ވަންނަމުން ދިޔަ ދާރިސް ކުއްލި ގޮތަކަށް ހުއްޓުން އެރީ، އެތާ ގޮނޑިއެއްގައި އިން ބޭބެ ފެނުމުންނެވެ. އަދި އަމުދުން އެ ބޭބެ އެހެން މީހަކަށް ބެލުމެއްނެތި އޭނައަށް ނަޒަރު އަމާޒުކޮށްގެން ހުރި ގޮތުން ދާރިސް ހުއްޓުން އަރާ ގޮތްވިއެވެ.
“ދާރިސް…” އެ ބޭބެ ލުއި ހިނިތުންވުމަކާއިއެކީ އެހެން ބުނެ، ދާރިސްއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އެހިނދު އަމިއްލަ ނަން، އާ މީހެއްގެ ދުލުން އިވި ޙައިރާންވިއެއްކަމަކު، މަންމަ ދެއްކި ވާހަކަތައް ހަނދާންވިއެވެ. މި ބޭބެއަށް އޭނަ ރަނގަޅަށް އެނގޭ ވާހަކައެވެ.
ދާރިސް ހުރި ގޮތަށް ހުއްޓާ މުނީރާއާއެކީ އަނަސް ވެސް ޢިޝާރާތެއް ކޮށްލުމުން ދާރިސް އެ ބޭބެގެ ކައިރިއަށް ގޮސް ދިއްކޮށްލެވިފައިވި އަތުގައި ހިފައިލިއެވެ. އެހިނދު އެ ބޭބެގެ ލޮލުން ކަރުނަތައް ފެންނަންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެހެނަސް ދާރިސް ކުރުފައިމައްޗަށް ތިރިވެލީ، ބޭބެއަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
“އައްސަލާމްޢަލައިކުމް ބޭބެ. ބޭބެ ބަލިކޮށްތޯ ތި އުޅުއްވަނީ؟” ދާރިސް އަހައިލިއެވެ. އެއާއިއެކު ރައްޒާޤު ބޯޖަހައިލިއެވެ.
“ވަޢަލައިކުމުއްސަލާމް ވަ ރަޙްމަތު ﷲ….ބަލިކޮށް މިއުޅެނީ. އެކަމަކު އަލްޙަމްދުލި ﷲ…ﷲ ގެ ރަޙްމަތުން ދަރިފުޅު ފެންނަން އޮތް މި ދުވަހާއި ހަމައަށް އާދެވިއްޖެ…” ރައްޒާޤު ބުންޏެވެ. އެއިވުނު ބަސްތަކުން އިތުރު ޙައިރާންކަމެއް ދާރިސްއަށް ލިބުނެވެ. އެހެނަސް އިތުރު އެއްޗެކޭ ނުބުނެވެނީ އެ ބޭބެ އިތުރަށް ވާހަކަ ދެއްކިއެވެ.
“މެހުމާނުން މިހާ ގިނައިރު ވަންދެން ކޮޅަށް ނުބައިތިއްބާ އަނަސް. އެންމެން އެކީގަ ކާން ހިނގާ، ދޯ ދާރިސް؟” ރައްޒާޤު އިހުނަށްވުރެ ފުން ހިނިތުންވުމަކާއިއެކީ ދާރިސްއަށް ދޯދިނެވެ. ދާރިސްވެސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލި ހިނދު ރައްޒާޤު ދާރިސްގެ ބޮލުގައި ފިރުމައިލީ، ޖަޒުބާތުން ފުރިގެން ދިޔަ ހިތަކާއި އެކީގައެވެ.
ރައްޒާޤުގެ އެންގުމާއިއެކު އިރުކޮޅެއްގެ ތެރޭގައި އެންމެން ތިބީ، މީރު ކާއެއްޗެހިން ފުރިފައިވި ތަނަވަސް ކާމޭޒެއްގެ ދޮށުގައެވެ. ކާން ތިބިއިރު މުނީރާއާއި ދާރިސްގެ އިތުރުން ހިބާ އެއްފަޅީގައި ތިބިއިރު، ރައްޒާޤު އިނީ މޭޒުގެ ކޮޅުގައި އިށީނދެގެންނެވެ. ކެއުމުގެ ތެރެއިން ވެރިވި ހިމޭންކަން އެންމެ ފުރަތަމަ ނަގައިލީ ދާރިސްއެވެ.
“މިއަދު އަނަސް…ވިދާޅުވި ގޮތަށް އަޅުގަނޑު ސްޓާރލައިޓް ބިޒްނަސްއަށް ދިޔައިން. އެތަނަށް ދިޔައިމަ އާސިފް ބުނީ ކުންފުނީގައި ބާއްވަން އުޅޭ ޙަފްލާއަކަށް ތައްޔާރުވުމަށް ތިމަންނައަށް އެހީވެދޭށޭ. އަޅުގަނޑު މި އައީ އެއަށް އެއްބަސްވެގެން…” ދާރިސް އޭނަގެ ކުރިމައްޗަށް ވާގޮތަށް އިން އަނަސްއަށް ވާގޮތަށް ވާހަކަ ދެއްކިއެވެ. ދާރިސްގެ ދުލުން އާސިފްގެ ނަން އިވި، ކަންބޮޑުވި ހިބާއަށް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ.
“ރަނގަޅަށް ތި ހެއްދެވީ….ދެން ހުރިހާ ކަމެއް ދާނީ އަޅުގަނޑުމެންގެ ރޭވުމާއި އެއްގޮތަށް…” އަނަސް ބުންޏެވެ.
“އެ އާސިފް އެ އުޅެނީ އަމިއްލަ ފެންވަރު އޮޅިގެން. ހިތުން ދާރިސް ލައްވާ އޭނަ އެ ކުންފުނީގެ ވެރިއަކަށްވާ ޙަފްލާ އެ ތައްޔާރު ކުރުވަނީ ދާރިސް ކުށްވެރި ކުރަންވެގެން. ދާރިސް ހަނދާން ބަހައްޓައްޗޭ! އެ ބުނާ ސްޓާރލައިޓް ބިޒްނަސްއަކީ ހިބާގެ ބައްޕަ ނުހަނު ބުރަ މަސައްކަތުން ފެށި އެސް އެންޑް އެމް ހޯލްޑިންގްސް ވިޔަފާރި. ހިބާގެ ބައްޕަ ނިޔާވީމަ އެ ވިޔަފާރީގެ ބޮޑުބައި ވަނީ ދާރިސްއާއި ހިބާގެ ނަން މަތީގަ. ދާރިސްއަށް އެ މަޤާމް ދެވުނީ ވިޔަފާރި ކުރިއެރުވުމުގަ ދާރިސްގެ މަންމަގެ ވެސް ބޮޑުބައެއް އޮތީމަ. މި ވަގުތަށް އެ ބައި އަހަރެންގެ ނަންމަތީގަ ވަނީ ތި ކުދިންނާއި މި މަސްއޫލިއްޔަތު ޙަވާލު ކުރެވޭނެ ދުވަހަކާއި ޖެހެންދެން…” ރައްޒާޤު ބުންޏެވެ. އެހިނދު މުނީރާގެ ދެލޯ ބޮޑުވިއެވެ.
“ތިއީތޯ ރައްޒާޤަކީ؟ ޝަހީދު އެމީހެއްގެ ނަންމައްޗަށް ކުންފުނީގެ ޙިއްސާތައް ގެންދިޔަ ރައްޒާޤު؟!” މުނީރާއަށް އަހައިލެވުނެވެ. އެހިނދު ރައްޒާޤު ހިމޭންކަމާއިއެކީ އިސްޖަހައިލަމުން ބޯޖަހައިލިއެވެ. އަނެއްކާވެސް މުނީރާއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވާ ފަދައަކުންނެވެ.
“އަދި ވެސް މުނީރާއާއި ދާރިސްއަށް އެނގެންޖެހޭ މުހިއްމު ޙަޤީޤަތެއް އެބައޮތް…” ރައްޒާޤު އެ އިންގޮތަށް އިސްޖެހިފައި އިނދެ ބުންޏެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން މުނީރާއަށް ވާހަކަ ދެކެވުނެވެ.
“ކޮން ޙަޤީޤަތެއްތޯ؟” މުނީރާއަށް އަހައިލެވުނެވެ.
“އަހަންނަކީ….މިރްޒާދްގެ ބައްޕަ…ދާރިސްގެ ބައްޕަގެ ބައްޕަ.” ރައްޒާޤު ބުނެލި ވާހަކައާއިއެކީ މުނީރާގެ ދެލޯ ބޮޑުވެ، ގަނޑުވެގެން ދިޔައިރު، ދާރިސްގެ ނޭވާ ހުއްޓުނެވެ.
ނުނިމޭ
Jana
March 26, 2022 @ 2:51 pm
Salaam readers! Sorry that I could not make this the last episode, readers. Once again, I’m having a hard time estimating when the last episode will be. *sigh* In Sha Allah I’m hoping to make the next one the last. As you can guess there is only one big thing to happen left 😉
Much love for the support, readers. In Sha Allah will upload the last episode next Friday night. ❤
Mish
March 26, 2022 @ 5:13 pm
😭❤❤❤
Loved ittt
💙💙💙
SHA♡
March 27, 2022 @ 5:27 am
Wowwww… This is sooo interesting… Maasha’Allah 🤍… Jazaakillah khairan Jana sis …✨🤍
Dhonthi
March 31, 2022 @ 12:06 pm
Salaam.. Masha Allah..varah reethi 😍😍 waiting for next part 😊😊