ދާރިސް (ފަސްދޮޅޮސްދެވަނަ ބައި)
“ޢާއިލާގަ….އަޅުގަނޑުގެ މަންމަ ހުންނަނީ. ދެން ދޮންބެއަކާއި ދޮންބެގެ ވައިފްއާ އެމީހުންގެ ދަރިފުޅު. ދެން ހިބާއާއި ހިބާގެ ކޮއްކޮ…” ދާރިސް އެހެން ބުނެލީ ހިބާގެ އަތުގައި ހިފައިލަމުންނެވެ.
“އެހެންތަ؟ ބައްޕަ ނެތް ކުއްޖަކީތަ ތިއީ؟” ނާދިރާ ނުހަނު ވިސްނުންތެރިކަމާއިއެކީ ކޮށްލި އެ ސުވާލުން ދާރިސް ގަނޑުވެގެން ދިޔަ ހިނދު ހިބާގެ ވެސް ލޯ ބޮޑުވިއެވެ.
މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވެގެން ދިޔުމުން ދެންވެސް ވާހަކަ ދެއްކީ ނާދިރާއެވެ.
“ކިހިނެއްވީ؟ މާ ނުބައި ސުވާލެއްތަ މި ކުރެވުނީ އަނެއްކާ؟” ނާދިރާ އެ ދެމީހުންނަށް ވަކިވަކިން ބަލަމުން ސުވާލުކުރިއެވެ. އެއާއިއެކު ދާރިސްއަށް އޭނަގެ ސިކުނޑި ބޭނުންކުރެވޭ ގޮތްވިއެވެ.
“ނޫން….އަސްލު ޙަޤީޤަތުގަ އަޅުގަނޑުގެ ބައްޕަ ހުރިތަނެއް އަޅުގަނޑަކަށް ނޭނގެ. މި ހުރިހާ ދުވަސް ވަންދެން ހިބާއަށް ވެސް ހިބާގެ މަންމަ ހުރިތަނެއް ނޭނގި ހުރިގޮތަށް. އެކަމަކު އޭގެ މާނައެއްނޫންދޯ ހިބާގެ މަންމަ މި ހުރިހާ ދުވަސްވަންދެން ހިބާގެ މަންމަ ނެތީއޭ؟ ކޮންމެ މީހަކު ވެސް ދުނިޔެއަށް އަންނާނީ މަންމައަކާއި ބައްޕައެއް މެދުވެރިވެގެންތާ…” ދާރިސް އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ދެއްކި ވާހަކައިން ނާދިރާގެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނަ ޙާޞިލުކުރަން އުޅުނު މުރާދު ފުރިހަމަ ނުވީ ފަދައަކުންނެވެ.
“އަމް…މަންމާ. ހިނގާދޯ ސައިބޯން؟ މަންމަ އައީ ހަވީރު ސައިބޮއިގެންތަ؟” މަންމަ ނުރުހުންވީއޭ ހިތައި ހިބާއަށް ވަގުތުން ނުތަނަވަސްކަމާއިއެކީ ވާހަކަ ދެކެވުނެވެ. މަންމަ ނުރުހުންވެއްޖެނަމަ ސަބަބެއްވެސް ބެލުމެއްނެތި މަންމަ ރުއްސަންޖެހޭ ކަމަށް ހިބާއަށް ޤަބޫލު ކުރެވިފައިވި ފަދައެވެ.
“ނޫނޭ….ހަމަ ސައިބޯންވެގެން އަނެއްހެން މިގެއަށް މި އައީ ވެސް. ހެހެ…ހިބާ ސައި ގެންނަންވީއެއްނު މިތަނަށް؟ ތެދުވަން ބޭނުންނުވެފަ މަންމަ މިހިރީ.” ނާދިރާ ބުންޏެވެ.
“އެންމެ ރަނގަޅު މަންމާ. ހަމަ މިހާރު-“
“ހިބާ މަންމައާއި ވާހަކަ ދައްކައިލަން މަޑުކޮށްލަންވީއެއްނު؟ އަހަރެން ހިބާ ތައްޔާރުކުރި އެއްޗެހި ގެނެސްދޭނަން.”
ހިބާ އަވަސްއަވަހަށް ތެދުވަން އުޅުމުން ދާރިސް ހިބާގެ އަތުގައި ހިފައިލަމުން މަޑުކުރުވިއެވެ. ދާރިސް ވީ ނުރުހުމުގައި ބުނަން ބޭނުންވީ ވެސް ކާއެއްޗެހި އެތަނަށް ނުގެނެވޭނެ ކަމަށެވެ. އެހެނަސް ދެންމެ ބުނެލި ބަސްތައް ބުނެލީ، ހިބާގެ މަންމައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުންނެވެ.
ދާރިސް އެ ވާހަކަ ބުނެފައި އެތަނުން ދިޔައެއްކަމަކު، އޭނަ ނާދިރާއަށް ދޭން އުޅުނު މެސެޖު ނާދިރާއަށް ދޭހަނުވި ފަދައެވެ. ދާރިސް ދިޔުމާއިއެކު ނާދިރާ ހިބާއާއި ކުރިމަތިލިއެވެ.
“ހިބާގެ ފިރިމީހާ އެކަނިމާއެކަނި ބަދިގެއަށް ދާއިރު ހިބާ އެހީއެއްވެސް ނުވާނަންތަ؟” ނާދިރާ އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިނދެ އެހެން ބުނެލީ ހިބާއަށް ނުރުހުމުގެ ނަޒަރެއް ދެމުންނެވެ.
“ން…ނޫނޭ މަންމާ. މި ދަނީ!” ހިބާއަށް އަވަސްއަވަހަށް އެހެން ބުނެ ކޮޅަށް ތެދުވެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ގޭގެ ތެރޭގެ މަސައްކަތަކީ އޭނައާއި އޭނަގެ ފިރިމީހާ ޙިއްސާކުރަންޖެހޭ މަސައްކަތްތަކެއްކަން ހިބާއަށް ޤަބޫލުކުރެވުނަސް، މަންމަ ޒާތަކަށް އެހެން ބުނުމުން އެ ޚިޔާލާއިމެދު ވެސް ޝައްކު އުފެދޭ ގޮތްވީއެވެ. އިސާހިތަކު އިތުރު އެއްޗެކޭ ވެސް ނުބުނެ އެތަނުން ދާން ހިނގައިގަނެވުނީ އެހެންވެއެވެ.
ހިބާ ލޯ މައްޗަށް ގެއްލުނުތާ މާ ގިނައިރެއްނުވެ ނާދިރާ، ވަށައި ނަޒަރެއް ދިނީ އެއްވެސް މީހަކު ހުރިތޯ ބަލާ ޒާތަކަށެވެ. އެއަށްފަހު ސޯފާއިން ތެދުވީ، ހިބާގެ ފިޔަވަޅުތަކުގެ އަޑު ކެނޑިގެން ދިޔުމުންނެވެ. އެއަށްފަހު ކޮޓަރި ބަރި ހުރި ދިމާލަށް ލަސް ފިޔަވަޅުތަކެއްގެ ގޮސް ބޯ ދިއްކޮށްލިއިރު، ހިބާ ބަދިގެ ތެރެއަށް ވަން މަންޒަރު ފެނުމުން، ނާދިރާ ކުރިއަށް ފިޔަވަޅުތައް އަޅަން ފެށީ ފަރުވާތެރިކަމާއިއެކީ އެއްވެސް އަޑެއް ނުކިޔާނެ ފަދައަކުންނެވެ. އެފަދައިން ހިނގަމުން ގޮސް ބަދިގެއާއި ހަމަވީވީހެން ދާރިސް ހިބާއާއި ވާހަކަ ދައްކާ އަޑު އިވެއެވެ. ހިބާ އައީ ކީއްކުރަންތޯ އަހަމުންނެވެ. ބަދިގޭގެ ދޮރު ހުޅުވިފައިވިއެއްކަމަކު ދެމީހުން ތިބީ ދޮރާއި ދިމާލަށް ކަމަށްވުމުން، ނާދިރާ ބޭނުންވި ފަދައިން އެމީހުންނަށް ނުފެނި، އޭނައަށް ބަދިގެ ހުރަސްކޮށް، ހިބާ ކުޑައިރު އުޅުނު ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރިއާއި ހަމައަށް ދެވުމާއިއެކު ނާދިރާ ލަސްލަހުން ދޮރު ހުޅުވައިލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަނެވެ.
ނާދިރާ އުއްމީދުކޮށްގެން ހުރި ފަދައިން އެ ކޮޓަރި ވެގެން ދިޔައީ އީތަންއާއި ހިބާ ޙިއްސާކުރާ ކޮޓަރިއަށެވެ. އެކަން ޔަޤީންވެގެން ދިޔައީ، ހެދުން އަލަމާރި ހުޅުވައިލުމުން ފެނިގެން ދިޔަ ހެދުންތަކުންނެވެ. އެ ބޮޑު އަލަމާރީގެ ދެ ބައި ހުރިއިރު ނާދިރާ ހުޅުވައިލީ އީތަންގެ ހެދުންތައް ހުރި ބައެވެ. ގަމީސްތަކަށް ވަކިވަކިން ބަލަމުން ނާދިރާ ބައެއް ގަމީސްތަކުގެ ޖީބުގައި އެއްޗެއް ހުރިތޯ ވެސް ބެލިއެވެ. އެއަށްފަހު ތިރީ ފިލާގައި ފަށްޖަހާފައި ހުރި ފަޓުލޫނުތައް ވެސް އެއްފަރާތްކޮށް ފާސްކުރިއެވެ. ހާވަމުން ގޮސް އެއްޗެއް ފެނޭގޮތް ނުވުމުން ނާދިރާ ބަލި ޤަބޫލުކުރަން އުޅުނު ވަގުތު، މެދު ފިލައިގެ އެތެރެއަށްވާ ގޮތަށް ފޮރުވިފައި ހުރި ވަތްގަނޑެއް އޭނަގެ ސަމާލުކަން ހޯދިއެވެ. އިސާހިތަކު ނާދިރާ ގަމީސްތައް އެއްފަރާތްކޮށް އެ ވަތްގަނޑު ހުޅުވިއެވެ. އެހިނދު ވަތްގަނޑުގެ ތެރޭގައި ހުރި ސިޓީ އުރަތަކުގެ ބޭރުން ފެނުނު ނަމަކުން ނާދިރާގެ ލޯ ބޮޑުވިއެވެ.
**
“ހިބާ ޕްލީޒް! ހިބާއަށް ހެޔޮ އެދޭތީ އަހަރެން މި ވާހަކަތައް މި ބުނަނީ. ކޮންމެހެން ހިބާ ލައްވާ ހިބާގެ މަންމައަށް ނަފްރަތު ކުރުވާކަށް ނޫން. ޝީ އިޒް އެބިއުޒިންގް ޔޫ….އެ ނޫންނަމަ ހިބާ އެ މަންމަގެ ކުރިމަތީގަ އަބަދުހެން ނުތަނަވަސްކަމެއްގެ ތެރޭގަ ހުންނަން ނުޖެހުނީސް…” ދާރިސް އާދޭހުގެ ރާގަކަށް ހިބާއާއި ވާހަކަ ދެއްކިއެވެ.
އެހިނދު ރޮވެން ކައިރިވެފައި ހުރި ހިބާ، ދެންމެ ތައްޔާރު ކުރި ތަށިތައް ތަބަކަށް ލަމުން ދިޔައެވެ. ހިބާ ދާރިސްއަށް ބަލައިވެސް ނުލީ ގޮތުން ހިބާ ދެން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވީކަން ދާރިސްއަށް އެނގުނެވެ. އެކަމާއިމެދު ދާރިސް އިންތިހާއަށް ހިތްދަތިވިއެވެ. ފުރަތަމަ ފަހަރަށް ދެމީހުންގެ ދެމެދުގައި މިހާ ބޮޑު ކޫރުމެއް އެޅިގެން ދިޔުމުންނެވެ. އެހެނަސް ދާރިސް ހުރީ ދެމީހުންގެ ގުޅުން ދަމަހައްޓަން ކުރެވެން އޮތްހާ ކަމެއް ކުރަން ތައްޔާރަށެވެ.
“އެނގޭ ހިބާ އަހަންނަށް ނުރުހުންވެފަކަން ތިހިރީ. އެކަމަކު އަހަރެންގެ ހިތުގަ ހިބާއަށްޓަކައި އޮތް ލޯތްބަށް ބަދަލެއް ނާންނަކަން ހަނދާން ބަހައްޓައްޗޭ. ހިބާއަށް ހެޔޮވެސް ނޭދޭ މީހަކާހެދި އަހަރުމެންގެ ގުޅުން ހީނަރުވާ ވަރަށްވުރެ ވަރުގަދަ ކަމަށް އަހަރެން ޤަބޫލުކުރަން ބޭނުމީ…” ދާރިސް މަޑުމައިތިރި އަޑަކުން ބުންޏެވެ.
އެއަށްފަހު ވެސް ހިބާ އޭނައަށް ބަލައި ނުލުމުން ވީ ދެރައާއިއެކީ ދާރިސް ބަދިގެއިން ނިކުމެގެން ދިޔައެވެ. އެ ނިކުމެގެން ދިޔަ ގޮތަށް ދާރިސް ދާން ބޭނުންވީ ކޮޓަރިއަށް ކަމަށްވިޔަސް، ހިތަށްކޮށްފައިވި އަސަރެއްގެ ސަބަބުން އެވަގުތު ދާރިސްއަށް ދެވެން ފެށީ ގޭގެ މައިދޮރާއި ދިމާލަށެވެ. ސިޓިންގް ރޫމު ހުރަސްކޮށްފައި ދިޔަ ވަގުތު ސޯފާތަކަށް ބެލުމެއްވެސް ނެތި އަވަސް ފިޔަވަޅުތަކެއްގައި ދެވުނީ، ނާދިރާއަށް ކުޑަވެސް ސަމާލުކަމެއް ދޭން ބޭނުމެއްނުވުމުންނެވެ. ދާރިސް ގެއިން ނިކުމެގެން ދިޔަ ވަގުތު އެތާ ނާދިރާ ނެތްކަން އެނގުންނުވީ އެހެންވެއެވެ.
**
ބަދިގެ ތެރޭގައި ހުރި ހިބާ ސައި ތަބަކު ތައްޔާރު ކުރުމަށްފަހު ކޯތާފަތުން ކަރުނަތައް ފޮހެލަން ޖެހުނެވެ. އެހިނދު އޭނަގެ މޭގައި ރިހުމެއް އުފެދިފައިވިއެވެ. އެއްކޮޅުން މަންމަ އޭނައާއިމެދު ނުރުހުންވެދާނެކަމުގެ ނުތަނަވަސްކަން ވީއިރު، މަންމަގެ ސަބަބުން އޭނައާއި ދާރިސްގެ ގުޅުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ހިތާމަވިއެވެ. ދާރިސް ބުނިހެން ހިނދުކޮޅަކަށް ނަމަވެސް އެ މަންމަ ބުނާހާ ގޮތަކަށް ކަންތައްކޮށް އެހާ ގާތްކޮށްގެން ނުއުޅުމަށް ހިބާގެ ޒަމީރު އެދުނެވެ. އެހެނަސް މަންމަ ނުރުހުންކޮށްލުމުގެ ޚިޔާލުންވެސް ހިތް ރޫރޫއަޅައިގެން ދާތީ އެ ޚިޔާލުކުރަން ވެސް ޖެހިލުންވާ ގޮތްވިއެވެ.
ހަދަންވީ ގޮތް ނޭނގި ގޮތް ހުސްވާން އުޅުނުހެން ހީވި ވަގުތު ހިބާއަށް ހިތާހިތުން ގޮވައިލެވުނީ ﷲ ގެ ނަންފުޅެވެ. އެއަށްފަހު އޭނަ މި ޙާލަތުން މިންޖު ކޮށްދެއްވުމަށް އެދި ދެންނެވުނެވެ. އެ ދުޢާ ހިތަށް ވެރިވުމުން ވެސް ލޮލުން ކަރުނަތައް އޮހޮރެން ފެށުމުން ހިބާއަށް ދުޢާ ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ. އެހެންކަމުން އަނެއްކާވެސް އަވަސްއަވަހަށް ކަރުނަތައް ފޮހެމުން ފުން ނޭވައެއް އެތެރެއަށްލިއެވެ. އެއަށްފަހު ތަބަކު ހިފައިގެން ބަދިގެއިން ބޭރަށް ދާން ހިނގައިގަތެވެ.
ހިބާ ސިޓިންގް ރޫމަށް ދިޔައީ، އެތަނުގައި މަންމަ ހުންނާނެކަމަށް ހީކޮށްގެންނެވެ. ދާރިސް ގެއިން ބޭރަށް ގޮއްސިކަން ހިބާއަށް ޔަޤީންވެފައިވީ، ދާރިސް ދިޔަތާ މާ ގިނައިރެއްނުވެ، ގޭގެ މައިދޮރު ހުޅުވި، ލެއްޕިފައިވާ އަޑު އިވިފައިވުމުންނެވެ. ދާރިސް ދިޔަތަން ފެނި، މަންމަ ދާރިސްގެ ފަހަތުން ދިޔައީތޯ ހިތަށް އެރި ވަގުތު، ކޮންމެވެސް މީހަކު ގޭގެ ތެރެއިން ވާހަކަ ދައްކާހެން ހިބާއަށް ހީވިއެވެ. އެއާއިއެކު ހިބާ އޭނަގެ އަތުގައި ހުރި ތަބަކު އެތާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ކޮޓަރި ބަރިއާއި ދިމާލަށް ދިޔައެވެ. ކޮޓަރި ބަރީގެ ތެރެއަށް ވަދެވުނު ހިނދު ދުރުދުރުން އެ އިވެނީ މަންމަގެ އަޑުކަން ހިބާއަށް ޔަޤީން ކުރެވުނެވެ. މަންމަ ގޭގެ އެ ބައިގައި ހުންނަންވީ ސަބަބެއް ނުވިސްނުނު ވަގުތަކީ، އޭނައާއި ދާރިސްގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރިހެން ވެސް ހީވި ވަގުތެވެ. މެއަށް ވަންނަމުން ދިޔަ ނުބައި އިޙްސާސާއި އެކީ ހިބާ އެ ކޮޓަރިއާއި ގާތްވަމުން ދިޔަދިޔަހެން މަންމަ ދައްކަމުން ދިޔަ ވާހަކަ ވެސް ސާފުވެގެން ދިޔައެވެ.
“މުޢީން މަ ބުނީމަ ޤަބޫލުކުރޭ! އެ އީތަންއަކީ ހަމަ ދާރިސް!! އެ ނޫންނަމަ އޭނަގެ ވަތްގަނޑުގަ މަންމަގެ ފަރާތުން ލިބުނު ސިޓީތައް ހުންނަންވީ ކީއްކުރަން؟ މި ސިޓީތަކުގަ އެބަހުރި ދަރިފުޅުގެ އަސްލު ނަން ހާމަކުރާ ވާހަކަ ވެސް!!!”
އޭނައަށް ފަސްދީގެން ހުރި މަންމަ ދެއްކި ވާހަކަ އިވިފައި ހިބާގެ ދެލޯ ބޮޑުވެ، ގަނޑުވާ ގޮތްވިއެވެ. އެއްފަހަރާ އެތައް ޖަޒުބާތެއް ހިތަށް ވެރިވުމުގެ ސަބަބުން އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު ދޫ ޙަރަކާތެއް ނުކުރިއެވެ.
“ނޫނެކޭ މުޢީން. އީތަން ވެސް އެބަބުނޭ ތިމަންނައަށް ތިމަންނަގެ ބައްޕަ ހުރި ތަނެއް ނޭނގެއޭ….އާސިފަށް ރަނގަޅަށް ނުހޯދުނީ. ދާރިސް މި ހުރިހާ ދުވަސް ވަންދެން އުޅެފަ ހުންނާނީ ހަމަ ވަލީދު ކައިރީގަ! ސްވިޓްޒަލޭންޑްގަ!”
މަންމަ ހަރު އަޑުން އެ ބަސްތައް ބުނަމުން ދިޔަދިޔަހެން ހިބާއަށް ދޮރު ކަނީގައި ހިފަހައްޓައިލެވުނީ ގައިން ވަރުދޫވެގެން ވެއްޓެން އުޅުނުހެން ހީވުމުންނެވެ. އެވަގުތު ދާރިސްގެ ދިފާޢުގައި އަޑު އުފުލަން ހިބާ ބޭނުންވިއެވެ. ދާރިސްގެ ސިއްރު ހިފަހައްޓައިދޭން އިންތިހާއަށް ބޭނުންވިއެވެ. މަންމަ އެ ވާހަކަ އެ ބުނަނީ ކޮންމެ މީހެއް ގާތު ކަމަށްވިޔަސް އޭގެ ފަހަތުގައި ރަނގަޅު ސަބަބެއް ނުވާނެކަން ހިބާއަށް ޔަޤީން ކުރެވުނެވެ.
މަންމަ އެންމެ ފަހުން ފޯނު ކަނޑައިލީ މިކަން ރަނގަޅަށް ބަލަން އުޅޭށޭ ބުނަމުންނެވެ. އެއަށްފަހު ކަންފަތުން ފޯނު ނަގައިލަމުން މަންމަ ފަސްއެނބުރި ބަލައިލީ، އަތަށް ނެގި ބައެއް ސިޓީ އުރަތަކާއި ވެސް އެކީގައެވެ. މަންމައާއި ހިބާގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމުން ދެމީހުން ވެސް ސިހުންވާ ގޮތްވީ އެއްވަރަކަށެވެ. ނާދިރާ ފަޅި ސިކުންތެއްގެ ތެރޭގައި ގަދަކަމުން ހީލިއެވެ.
“ހް…ހެހެ…ހިބާ ސައި ތައްޔާރު ކޮށްފިންދޯ؟ މަންމަ މި އަންނަނީ. މިއީ….ތިކުދިންގެ ކޮޓަރި ހުންނަ ގޮތް ކުޑަކޮށް ބަލައިލީ. މާޒީގެ ހަނދާންތައް އާކުރަން ހެހެ….” ނާދިރާ އަތުގައި ހުރި ސިޓީ އުރަތައް ވަތްގަނޑަށް އަޅައިލުމަށްފަހު މަތި އޮމާންކުރަން މަސައްކަތް ކުރިއެވެ. އެއަށްފަހު ދެންމެ އެހާ ބޮޑު ކަމެއް ވީ ކަމަށް ނަހަދައި ސައިބޯން ހިނގާށޭ ބުނެ ހިނިތުންވުމަކާއިއެކީ ހިބާއާއި ދިމާލަށް އަންނަން ފެށިއެވެ.
“އެކަމަކު….ހުއްދަނެތި އަހަރުމެން ކޮޓަރިއަށް ވަދެ އަލަމާރިން އެއްޗެހި ނަގައިގެން ބެލުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަންނޭނގެދޯ މަންމާ؟” މަންމަ އޭނައާއި ގާތްވަމުން ދިޔަދިޔަހެން އިސްޖެހި، ގޮށްމުއްކެވިފައި ހުރި ހިބާއަށް ބުނެވުނެވެ. އެހިނދު މުނީރާގެ ހިނިތުންވުން ފޭދިގެން ދިޔައެވެ.
“ދަރިފުޅު….މަންމަ ދެން މިތާ ހުރި އެއްޗެހި ކުޑަކޮށް-“
“ކުޑަކޮށް ބެލިނަމަ އެ ފެނުނު އެއްޗެއް ހޮވައިގެން ދާން ތައްޔާރުވެގެން ނެތީސްދޯ މަންމާ؟”
“ހިބާ!”
“އަދި އަމުދުން!!! އަމުދުން އެ ފެނުނު އެއްޗަކުން އެނގުނު ކަމެއްގެ ވާހަކަ ފޯނުން ގުޅައިގެން މީހެއް ކައިރީގަ ބުނަން ނުޖެހޭނެ!!”
ހިބާގެ ގާތަށް އައި ރުޅީގައި އެންމެފަހުން ހިބާގެ އަޑަށް ވެސް ސާބިތުކަން ވެރިވެ އަޑު ހަރުވެގެން ދިޔައެވެ. އެއާއިއެކު ނާދިރާ ވެސް ހިސާބަކަށް ޖެހިލުންވާ ގޮތްވިއެވެ. އެހެނަސް އެ ޖެހިލުންވުން ދެމިގެން ދިޔައީ ފަޅި ސިކުންތަކަށެވެ.
“އެހެންވީމަ ތި އިނދެގެން އުޅޭ އީތަންއަކީ ދާރިސްދޯ ހަމަ؟” ނާދިރާ ދެލޯ ބޮޑުކޮށްފައި ހިބާއާއި ކުރިމަތިލާން އުޅުނެވެ. އެހެނަސް އެވަގުތު ހިބާގެ ހިތަށް ސާބިތުކަން ލިބިފައިވިއެވެ.
“ތި ސުވާލަށް ޖަވާބު ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގަ ނުދެކެން…” ހިބާއަށް ބުނެވުނެވެ. އެއާއިއެކު ނާދިރާގެ މޫނުމައްޗަށް ވެރިވި ރުޅިވެރިކަމާއިއެކީ އެ ލޮލުން އަލިފާން ކަނި ބުރާހެން ހީވިއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ނާދިރާ ހިބާއާއި ދިމާލަށް ދިގު ފިޔަވަޅުތަކެއްގައި ގޮސް ހިބާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލައިލިއެވެ. އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތް ހިބާއަށް ދެންމެ އެ ކަންވީ ގޮތް ދޭހަވެސް ނުކުރެވެނީސް އަނެއް ކޯތާފަތްމައްޗަށް ވެސް އެތިފަހަރެއް އެރިއެވެ. ދެން އިޙްސާސް ކުރެވިގެން ދިޔައީ އަޅައިގެން ހުރި ބުރުގާގެ މަތިން އިސްތަށިގަނޑުގައި ހިފައި ދަމައިލެވުނު އިޙްސާސެވެ. އިސާހިތަކު ހިބާގެ ހަޅޭކުގެ އަޑު ކޮޓަރީގައި ހަރުލިއެވެ.
އެއަށްފަހު ވެސް ނާދިރާ އެތައް އިރެއް ވަންދެން ހިބާއާއި ދިމާލަށް އެއްޗެހި ގޮވަމުން އެތައް އަނިޔާއެއް ދިނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ހިބާއަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ.
**
ސިކުނޑި ތާޒާކޮށްލުމަށް އަތިރިމައްޗަށް ގޮސް ދޮންވެލިގަނޑު މަތީގައި އިން ދާރިސް އެއްވެސް ކަމަކާއިމެދު ނުވިސްނަން ކިތަންމެހާ ވެސް ގަދައަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް އޭނަގެ ލޮލަށް ތަކުރާރުކޮށް ސިފަވަމުން ދިޔައީ ހިބާގެ ހިތާމަވެރި މޫނެވެ. އޭނަ ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ހިބާއަށް ކުރާ އަސަރާއިމެދު ވިސްނި، އެ ގޮތަށް ވާހަކަ ދެއްކުން ހުއްޓައިލަންވީތޯ ވެސް އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ. އެހެނަސް ހިބާގެ މަންމައަކީ ރަނގަޅު މީހެއްގެ ގޮތުގައި އޭނަ ދެކޭ ކަމަށް ހިބާއަށް ދައްކައި، ހިބާއަށް ޙަޤީޤަތް ފޮރުވަން ވެސް ދާރިސް ބޭނުމެއްނުވިއެވެ.
ހައިޖާނެއްގެ ތެރޭގައި ދާރިސްގެ ސިކުނޑި ވަނިކޮށް، އަތުން ހިފަހައްޓައިގެން ހުރި ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު، ހިބާގެ ނަން ފެނިފައި ދާރިސްގެ މެއަށް ފިނިކަމެއް ލިބުނެވެ. ހިބާ އޭނައަށް ގުޅަނީ ދެމީހުން ޞުލްޙަވުމަށް ކަމަށް ހީކޮށް ދާރިސް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ…” ދާރިސް ހިނިތުންވާން މަސައްކަތް ކުރަމުން އެހެން ބުނެލީ، އޭނަ ހިބާއާއި ނުރުހުންވާން ބޭނުންނުވާކަން ދެއްކުމަށެވެ. ދާރިސް އެހެން ބުނިތާ އިރުކޮޅެއް ވީއިރު ވެސް އެކޮޅުން ޖަވާބެއް ނުލިބުމުން ދާރިސްއަށް ވާހަކަ ދެކެވުނެވެ.
“ހިބާ؟” ދާރިސްއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“ދާރިސް…” ހިބާ ވެސް ކިޔައިލީ ހަމައެކަނި އޭނަގެ ނަމެވެ. އެހެނަސް އެވަގުތު ތުރުތުރު އަޅައިގެން ދިޔަ ހިބާގެ އަޑުން ދާރިސްއަށް އެއްފަހަރާ އެތައް ވާހަކައެއް ކިޔައިދިން ފަދައެވެ.
“އަ…އާރ ޔޫ އޯކޭ ހިބާ؟” ދާރިސް ސުވާލުކުރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނުގެ އަނެއްކޮޅުން އިވެން ފެށީ ހިބާގެ ގިސްލުމާއި ރުއިމުގެ އަޑެވެ. އެއާއިއެކު ދާރިސްގެ ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރުވާން އުޅުނުހެން ހީވިއެވެ. އިސާހިތަކު ހިބާ ގޭގައި ހުރީ ކާކާއި އެކީކަން ހަނދާންވެ، ދާރިސްއަށް އިންތަނުން ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ.
“ހިބާ ތިހިރީ ގޭގަދޯ؟ އަހަރެން މި އަންނަނީ ހަމަ މިވަގުތު!” ދާރިސް އެހެން ބުނެ އެކޮޅުން އޭނަގެ ސުވާލުގެ ޖަވާބު ލިބުމުން ފޯނު ކަނޑައިލުމަށްފަހު ދާން ހިނގައިގަތެވެ.
**
ބާރަށް ތެޅެމުން ދިޔަ ނުތަނަވަސް ހިތަކާއިއެކީ ދާރިސް ގެއާއި ގާތްވަމުން ދިޔަ ވަގުތު، ޓިއުޝަނުން ނިމިގެން ގެއަށް އައި ހަމްނާ ވެސް ގެއަށް ވަންނަން ދަނީއެވެ. ދާރިސް ހަމްނާއަށް ބެލުމެއްވެސް ނެތި ގެއަށް ވަންނަން ދިޔަ ގޮތުން ހަމްނާ ސުވާލުކުރިއެއްކަމަކު ދާރިސްއަށް ޖަވާބެއް ވެސް ނުދެވުނެވެ. އަނެއްކާވެސް މައިދޮރު ހުޅުވަން ދިޔައިރު ތަޅުނުލައި ހުރި ގޮތުން ވެސް ދާރިސް ނާދިރާއަށް އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. ދާރިސް ހިތުން ގޭގެ ދޮރު ބާރު އަޑަކާއިއެކީ ހުޅުވައިލުމަށްފަހު ވަދެގެން ދިޔައީ، ނާދިރާ ފެނިއްޖެނަމަ ވަރުގަދަ ރައްދުތަކެއް ނާދިރާއަށް ދިނުމަށެވެ.
އެހެނަސް ދާރިސް ދޮރު ހުޅުވައިލި ވަގުތު ގޭގެ ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
“ހިބާ…ހިބާ!” ހަރުވަމުން ދިޔަ އަޑަކުން ދާރިސްއަށް ގޮވެމުން ދިޔައެވެ. ގޭގެ ތެރެއިން ހިބާގެ ވޭނީ އާހުތަކެއްގެ އަޑު އިވިގެން ދިޔައީ އެ ވަގުތެވެ. އެއާއިއެކު ދާރިސް އަވަސް ހިނގުމެއްގައި ދިޔައީ އެ އަޑު އިވެމުން ދިޔަ ދިމާލަށެވެ. ދާރިސް އެމީހުންގެ ކޮޓަރިއަށް ހަމަވީ ވަގުތު ހިބާ ކޮރު ޖަހަމުން ކޮޓަރިން ނިކުމެ އޭނަގެ ކައިރިއަށް އަންނަން މަސައްކަތް ކުރަނީއެވެ. ހިބާ ކޮޓަރީގެ ދޮރު ކަނިން ދޫކޮށްލި ވަގުތު ދާރިސްއަށް ހިފަހައްޓައިނުލެވުނުނަމަ، ހިބާ ވަރުދޫވެގެން ބިމަށް ތިރިވީހެވެ.
“ހިބާ….ހިބާ ކިހިނެއްތަވީ؟ އެނ؟” ހިބާއަށް ވެފައި ހުރި ގޮތް ފެނިފައި ދާރިސްގެ ހިތް ބިރުގަތް ހިނދު ލޮލުން ކަރުނަވެސް ނިރައިލިއެވެ. އޭނަ ގެއިން ދިޔައިރު ބުރުގާ އަޅައިގެން ރީތިވެގެން ހުރި ހިބާގެ ބުރުގާ ނެގިފައިވީއިރު، ނިއުޅިފައިވާ އިސްތަށިގަނޑު ހޭވިފައިވިއެވެ. މޫނުގެ އެކި ތަންތަނުން ރަތްވެފައިވީއިރު، ތުންފަތުގެ އެއްފަރާތުން ލޭ އަންނަމުން ދިޔައެވެ.
“ދާރިސް….ދާރިސް މަންމައަށް އެނގޭ އީތަންއަކީ ދާރިސްކަން. އެތާ ކޮޓަރީގެ ތެރޭގަ ހުރި ސިޓީ އުރަތަކަށް ބަލާފަ މަންމައަށް އެނގުނީ…” ހިބާ ރޮވިފައިހުރެ ކިޔައިދިނެވެ.
“ތި ވާހަކައެއް ނޫނޭ އަހަރެން މި ދައްކަނީ….ހިބާއަށް ކިހިނެއްވެފަތަ މިހިރީ؟”
“އަހަންނާއިހެދި މަންމައަށް އެނގުނީ. އަހަރެން މަންމައަށް ދަޢުވަތު ދިނީ….”
“ހިބާ-“
“އަދި….އަދި ކޮންމެވެސް މީހަކަށް ގުޅާފަ ވެސް ދާރިސްގެ ވާހަކަ ކިޔައިދިން. މަންމަ އެކި މީހުންނަށް އެ ވާހަކަ އަންގައިފިއްޔާ-“
“މުޅި ދުނިޔެއަށް އަންގައިލިޔަސް އަހަންނަށް ހެޔޮ! އެކަމަކު ހިބާއަށް މި ޙާލު ޖައްސާފަ އޭނައަށް ނުރެކެވޭނެ….އައިމް ސޯ ސޮރީ ހިބާ….އަހަރެން ނެތީމަ މިހެން މި ދިމާވީ….” ދާރިސް ހިބާގެ މޫނުގައި އޯގާތެރިކަމާއިއެކީ ހިފަހައްޓަމުން ބުންޏެވެ.
“އައިމް ސޮރީ ޓޫ ދާރިސް. ދާރިސްގެ ބަސް އަޑުނޭހީމަ….ދާރިސްގެ ސިއްރުވެސް މަންމައަށް ހާމަވެގެން އެ ދިޔައީ…” ހިބާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. އެ ރުއިން ނުހުއްޓޭނެހެން ހީވުމުން ދާރިސް ހިބާ ކައިރިއަށް ގެނެސް ބައްދައިލިއެވެ.
ނުނިމޭ
Jana
March 14, 2022 @ 5:02 pm
Salaam kiyuntherin! Adhives 2-3 parts onnaane mi dhaagothun. Jana beynun hisaabah nugenesdheveythy hehe….In Sha Allah dhen oiy bai Saturday night ga genesdheynan.
Jazaakumullah Khairan for the support readers! Much love! <3 <3 <3
Dhonthi
March 15, 2022 @ 12:45 pm
Salaam..Mi part ves varah reethi 😍😍😍😍 waiting for next part….TC
Jana
March 19, 2022 @ 2:27 pm
Wa’alaikumussalaam. Alhamdhulillah! Next part up vejje 😀 TC <3 <3 <3
eunoia
March 15, 2022 @ 1:01 pm
Oh no this is not gud- But actually it’s amazing dhaaris cares about her more then him
luv this couple!!
waiting for next part
tgc Jana sis 🤍✨
Jana
March 19, 2022 @ 2:29 pm
Dho eunoia? Dhaaris is so caring. And loving enough to put aside his ego and go back to her <3 I absolutely love this couple too 😀 Next part has been uploaded sis! tgc you too <3 <3 <3