ދާރިސް (ދިހަވަނަ ބައިި)
“އީތަން ޔޫ ކާންޓް ޑޫ ދެޓް! އީތަން އަނބުރާ ދާންޖެހޭކަން އީތަންއަށް ވެސް އެބަ އެނގެއެއްނޫންތަ؟ އެމީހުންނަށް ޙައްޤު އަދަބު ލިބެން އީތަން ބޭނުމެއް ނުވޭތަ؟” އީތަން ދާން ހިނގައިގަތުމުން ވަލީދު ވާހަކަ ދެއްކިއެވެ. އެހެނަސް އީތަން މަޑު ކުރުމެއްނެތި ކުރިއަށް ދިޔައީއެވެ.
“އީތަން…..ދޮންބެއަށް އެބަ އެނގޭ ދަރިފުޅު ހިތާއި ދެކޮޅަށްކަން ތިހެން ތިބުނަނީ……ދާރިސް!” އެންމެ ފަހުން ވަލީދު ކޮޅަށް ތެދުވެ ވާހަކަ ދައްކަމުން ގޮސް ގޮވައިލި ނަމުން، އީތަންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެހެނަސް ފަސްއެނބުރި ބަލައިލުމެއްނެތި އެ ހުރި ގޮތަށް ހުރީއެވެ. އީތަންގެ އަތް މުއްކެވިގެން ދިޔަގޮތުން އެ ހިތަށް އަރާ ފައިބަމުންދާނެ ޖަޒުބާތުތައް ވަލީދަށް އަންދާޒާ ކުރެވުނެވެ.
“އެ ނަން އަނބުރާ ހޯދަން އީތަން ބޭނުމެއްނުވޭތަ؟” ހިމޭންކަމުގެ ތެރެއިން ވަލީދު ސުވާލުކުރިއެވެ. އެ ސުވާލަށްފަހު ސިކުންތުކޮޅެއް ހިމޭންކަމަށްފަހު އީތަން އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ތި ބުނީއެއްނު އެ ނަން ދިން މީހަކު ވެސް އަހަރެން މަތިން ހަނދާން ނައްތައިލި ވާހަކަ؟ ދެން ކީއްކުރަން މާ ވަރަކުން އެ ނަން އަނބުރާ ހޯދަން މަސައްކަތް ކުރަނީ؟ އަހަންނަށް ރަނގަޅީ ދޮންބެ ވެސް އަހަންނަށް އެ ނަމުން ނުގޮވިއްޔާ. އަހަންނަށް ކިޔަނީ އީތަން. އިސްމާޢީލް އީތަން. އެ ޙަޤީޤަތް ބަދަލުވާނެހެން ދެން ހިއެއްނުވޭ.” އީތަން ވަލީދަށް ބަލައިލަމުން އެ ފަހު ބަސްތައް ބުނެލީ ހިތާމަވެރި މޫނަކާއި އެކީގައެވެ.
ވަލީދު ދެންވެސް އެއްޗެކޭ ބުނަން އުޅުނެއްކަމަކު އޭގެ ކުރިން އީތަން ދިގު ފިޔަވަޅުތަކެއްގައި ގެއަށް ވަނެވެ. މަންޒަރު ބަލަން ހުރި ވަލީދު އީތަންއަށް ގޮވައިލަން އުޅެފައިވެސް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލިއެވެ.
އީތަން އެ ދިޔަ ގޮތަށް ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެގެން ގޮސް އެނދުގައި އިށީނދެ ދެއަތުން މޫނު ފޮރުވައިލެވުނީ ޖަޒުބާތުން ފުރެމުން ދިޔަ ހިތެއްގެ ސަބަބުންނެވެ. އެ ހިނދު އޭނަގެ މަންމަ އޭނަ ގާތު ބުނެލި ފަހު ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
“ދަރިފުޅު އަބަދުވެސް ހަނދާން ބަހައްޓައްޗޭ. ދަރިފުޅުގެ ބައްޕައެއް ނެތަސް މަންމަ އަބަދުވެސް ދަރިފުޅާއެކީ ވާނަން. ބައްޕައެއް ނެތްކަމުގެ އިޙްސާސްވިއެއް ނުދޭނަން. ޙަޔާތުގަ ދަރިފުޅު ބޭނުންވާހާ އެއްޗެއް ހޯދައިދޭނަން. މަންމަ ދުވަހަކުވެސް ދަރިފުޅު އެކަނި ކޮށްފައެއް ނުދާނަން….”
މަންމަ އޭނަގާތު އެ ވާހަކަތައް ބުނެލީ އޭނަގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ. އެދުވަހުވެސް އޭނަ ހުރީ ކަރުނުން ފުރެމުން ދިޔަ ދެލޮލާއި އެކީގައެވެ. އޭނައަކީ ބައްޕައެއް ނެތް ކުއްޖަކަށްވީތީ މީހުންގެ ނޭދެވޭ ބަސްތައް މަންމައަށް އަމާޒުވާކަން އީތަންއަށް އެނގެންފެށީ ފުރާވަރުގައެވެ. އެކަމުގެ ސަބަބުންނާއި، އޭނައަކީ އެހެން ކުދިންނާއި ތަފާތު ކުއްޖަކަށްވީތީ މަންމައަށް އޭނަ ބަލަން ނުހަނު ދަތިވާނެ ކަމަށް އަބަދުވެސް ހީވެފައިވިއެވެ.
މަންމަ އެ ވަޢުދުވީ ދުވަހު އޭނަ ވެސް މަންމަ ދޫކޮށްފައި ނުދާނެކަމަށް ހިތާހިތުން ބުނެވުނެވެ. އޭނައަށް ވެވުނުހާ ވަރަކުން މަންމަ ރައްކާތެރިކޮށްދޭނެ ކަމަށް ބުނެވުނެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުނު ދުވަހަކުން މަންމަ ހިތް އެދޭހާ އެއްޗެއް ހޯދައިދޭނެ ކަމަށް ވެސް ބުނެވުނެވެ. އެ ބަސްތައް ދުލާއި ހަމައަށް ނުގެނެވުނަސް އެދުވަހު މަންމަ ގައިގައި ބައްދައިލީ، އެފަދަ ވަރުގަދަ ޢަޒުމްތައް ހިތުގައި ކަނޑައަޅަމުންނެވެ.
އެހެނަސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ މަންމަ ރައްކާތެރިކޮށް މަންމައަށް އުފާވެރި ދިރިއުޅުމެއް ދެވޭނެފަދަ ދުވަހެއް އައިއިރު މި އިވުނީ ކޮން ޚަބަރެއް ހެއްޔެވެ؟ މަންމަ އޭނަ މަތިން ހަނދާން ނައްތައިލީއެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ކޮންމެ ދުވަހެއްގައި އޭނަ މަންމަމަތިން ހަނދާންކޮށްފައި ވަނިކޮށެވެ. މަންމައަށް މިއަދު އެހެން ދަރިއަކު ލިބި ޢާއިލާއެއް ހޯދާފައި ވިޔަސް އޭނަ މަންމައަކު ހޯދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ އެންމެ ކުރިން ވެސް އެހެން ހަދަން ނިންމައިގެން ހުރެ އޭނަ ގާތު އެ ވާހަކަތައް ދެއްކީ ކީއްވެ ހެއްޔެވެ؟ ނުދެއްކިނަމަ އޭނަ މަންމަ ފަރާތުން އެހާ ގިނަ އުއްމީދުތަކެއް ނުކުރީސް ނޫންހެއްޔެވެ؟
އެއްފަހަރާ އީތަންގެ ހިތަށް ވެރިވެގެން ދިޔަ އެތައް ޝަކުވާތަކާއެކީ އޭނަގެ ލޮލުން ފައިބައިގެން އައި ކަރުނަތައް އަތުގެ އިނގިލިތަކުގެ ދޭތެރެއިން ފައިބަން ފެށިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އީތަން އެ ކަރުނަތައް ފޮހެލިއެވެ. އެ ހިނދު އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އަލަމާރީގެ ތިރީ ވަތްގަނޑު އީތަންގެ ލޮލުގައި އެޅިއެވެ. ސްވިޓްޒަލޭންޑަށް އައިފަހުން މަންމަގެ ފަރާތުން ލިބުނު ސިޓީތައް ހުރީ އޭގައިކަން ހަނދާންވުމުން އީތަންއަށް އެނދުން ތެދުވެ އަލަމާރިއާއި ދިމާލަށް ދެވުނެވެ.
އިސާހިތަކު އީތަން ކުރުފައިމައްޗަށް ތިރިވެ އެ ވަތްގަނޑު ދަމައިލިއެވެ. އެއާއިއެކު އެ ވަތްގަނޑު ތެރެއިން ފެނިގެން ދިޔައީ ކުދިކުދި ސިޓީ އުރަތަކެވެ. އީތަން ދެވަނަ ވިސްނުމެއްވެސް ނެތި އެ ސިޓީ އުރަތައް އެއްކޮށް ނަގައި ޓައިލްސް މައްޗަށް އުކަން ފެށިއެވެ. ސިޓީއުރަތަކުގެ ދަށުން ފެނިގެން ދިޔަ ފޮޓޯ އަލްބަމާއި، ދެންވެސް ވަތްގަނޑުގައި ތިބި އަތުކުރީ ގަޑިއާއި އެހެނިހެން އެފަދަ ކުދިކުދި ހަދިޔާތައް ވަތްގަނޑުން ބޭރު ކުރަން ފެށީ، ދުވަހެއްގެ ކޮޅުން ވެސް އެ މާޒީއަށް އަނބުރާ ނުދިޔުމަށް އޭނަގެ ހިތާހިތުން ނިންމަމުންނެވެ.
އެހެނަސް އެ އެއްޗެހި ބޭރު ކުރުމުގެ ތެރޭގައި އޭނަގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ، ވަތްގަނޑުގެ ތެރެއިން ފެނިގެން ދިޔަ ފޮތަކުންނެވެ. މޮނީޓަރު ސައިޒްގެ އެ ބާ ފޮތުގެ ބޭރުގަނޑުގައި ނޫކުލައިގެ ފޮއްޗެއް ލެއްވިފައިވީއިރު، ފޮތުގެ ޞުރުޚީ ކަޅުކުލައިގެ މާކަރަކުން އިނގިރޭސިން ލިޔެވިފައިވިއެވެ.
އީތަން ލަސްލަހުން އެ ފޮތް ނަގައި ބަލައިލުމުން ފޮތުގެ ޞުރުޚީ ސާފުކޮށް ފެނިގެން ދިޔައެވެ. އޭގައި ލިޔެވިފައިވީ ‘ސަވައިވަލް ގައިޑް ފޯ ދާރިސް، ބާއި: ހިބާ” އެވެ. ދާދި ދެންމެއަކު އީތަންގެ ހިތް ކިތަންމެ ނޭދެވޭ އިޙްސާސްތަކުން ފުރިފައިވިޔަސް، އެ ބަސްތައް ފެނިފައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އާނއެކެވެ. އޭނަގެ ހިތްދަތި މާޒީއަށް އަނބުރާ ދާން ބޭނުންވާނަމަ، އޭނަގެ ހިތް އެކަމަށް އެދޭނެ ހަމައެކަނި ސަބަބަކީ މިއީއެވެ. އެ ސަބަބަކީ ހިބާއެވެ.
ސްވިޓްޒަލޭންޑަށް އައިސް އާ ނަމަކާއިއެކީ އާ ޙަޔާތެއް ބިނާކުރަން ފެށި ފަހުން އޭނަ ވަނީ ހިބާގެ މަތިން ވެސް ހަނދާން ނައްތައިލާފައެވެ. އެ ހަނދާންތައް އަނެއްކާ އާ ކުރަން އޭނައަށް ޖެއްސީ މީގެ ދުވަސްތަކެއް ކުރިން އޭނައަށް ލިބުނު މެއިލްއެވެ. ޢައިޝަތު ހިބާ ޝަހީދުގެ ނަން ފެނިފައި މީގެ 13 ވަރަކަށް އަހަރު ކުރިއަށް ދެވުނު ކަހަލަ އިޙްސާސެއް އީތަންއަށް ކުރެވުނެވެ. މެއިލްއިން އޭނައާއި ވާހަކަ ދެއްކި ހިބާއަކީ މުދައްރިސަކަށްވުމުން އެއީ ހަމަ އޭނަ ދަންނަ ހިބާތޯ ހިތަށްއެރިއެވެ. އަދި އަމުދުން ފަހު ނަމަކަށް ‘ޝަހީދު’އޭ އޮތް ގޮތުން އެ ހީ ޔަޤީނާއި ގާތްވާ ގޮތްވިއެވެ.
އެއީ އޭނަ ދަންނަ ހިބާކަމެއް އަދާއި ހަމައަށް ވެސް ޔަޤީން ނުވިއެއްކަމަކު އެ ހިބާއާއި ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އޭނަގެ ހިތަށް އުފަލެއް ލިބެއެވެ. އެ ނަން ފެންނަ ކޮންމެ ފަހަރަކު މާޒީގައި ފާއިތުވި އެންމެ އުފާވެރި ހަނދާންތައް އާވެގެން ދާތީވެއެވެ. އެވަގުތު ވެސް އަތުން ހިފަހައްޓައިގެން ހުރި ފޮތާއި އެކީ އީތަންއަށް ޓައިލްސް މަތީގައި އިށީނދެވުނީ އެ ހަނދާންތައް އާ ކުރަން ހިތް އެދުނު ވަރުންނެވެ.
ހިބާގެ ނަމަށް ބަލަން އިން ވަގުތު އަނެއްކާވެސް އީތަންގެ ހަނދާނަށް ވެރިވާން ފެށީ ހިބާއާއި ފުރަތަމަ ބައްދަލުވި ދުވަހެވެ. އެންމެ ފުރަތަމަ ހިބާ ފެނުނު ވަގުތު ވެސް ރީތި އަންހެން ކުއްޖެއްގެ ގޮތުގައި ފާހަގަވި ގޮތެވެ. އޭނައާއި ހަތަރުކަޅި ހަމަވީ ވަގުތު އެއްޗެކޭ ނުބުނެ ހުރި ގޮތުން މަޑުމައިތިރި ކުއްޖެއްކަމަށް ހީކުރެވުނު ވަގުތެވެ. އެހެނަސް ޝަހީދުބެ، ހިބާގެ ކޮޓަރި އޭނައަށް ދޭންޖެހޭ ވާހަކަ ބުނި ގޮތުން ރުޅި އިސްކުރި ގޮތެވެ.
ހިބާ ރުޅި އިސްކުރުމުން އޭނަ ހިބާއަށް ޖެހިލުންވިއެއްކަމަކު ހިބާއަށް ނުރުހުމެއް ނުވެއެވެ. ހިބާ ރުޅި އަންނަން ޖެހުނީ އޭނަގެ ސަބަބުންކަމަށް ޤަބޫލު ކުރެވުނީތީވެއެވެ. ކޮޓަރިއަށް ގޮސް ހިބާއަށް ކުރަން ދަތިވި ކަންތަކުގައި އެހީވީ އެހެންވެއެވެ. ހިބާ ކޮޓަރިއަށް އަނބުރާ އަންނަ ކޮންމެ ފަހަރަކު ހިބާ ބުނި ހިސާބުގައި މަޑުކޮށްގެން ހުރީ، މީހަކު ބުނާ ކަމެއް އެ ބުނި ގޮތަށް ކުރުމަކީ އޭނަގެ ކަށީގައި ހަރުލާފައިވާ ކަމަކަށް ވާތީވެއެވެ. ހިބާ އޭނަ ގާތު ބުނެފައިވީ އެހާ ހިސާބުން ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާތަން ހިބާއަށް ފެނިގެން ނުވާނެކަމަށެވެ. ހިބާއަށް އެހީވީ ވެސް އޭނަ ކޮޓަރީގެ ތެރެއަށް ވަންނަ މަންޒަރު ހިބާއަށް ދެއްކުމެއް ނެތިއެވެ.
އެހެނަސް ކޮޓަރީގެ ކުޑަދޮރުގެ ކައިރިން އެޅުވިފައިވި ބޮކިފަތި ހިފައިގެން ކޮޓަރިން ބޭރަށްދާން ދިމާކުރީ، އެ ބަރު ފޮތް ފޮށިގަނޑުވެސް ހިބާ ގެންދިޔައީ ބޭރަށް ކަމަށްވުމުންނެވެ. އެހެނަސް ބޮކިފައްޗާއެކީ މާ ދުރަށް ނުދެވެނީސް ހިބާއާއި ދިމާވެ ހިބާ ވެއްޓެން ދިޔުމުން އެ ތުނި ހަށިގަނޑުގައި ހިފަހައްޓައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެ ހިނދު އޭނަގެ ހިތުގެ ތެޅުން އަވަސްވެ ދުވަހަކުވެސް ނުކުރެވޭ އިޙްސާސްތައް ކުރެވުނެވެ. އެއީ އޭނަ އަންހެން ކުއްޖަކާއި އެހާ ކައިރިވި ފުރަތަމަ ފަހަރަށްވުމުންނެވެ. އެ ވަގުތުކޮޅު ކުރުވެގެން ދިޔުމުން ހިތާހިތުން ޝަކުވާ ވެސް ކުރެވުނެވެ. އަދި އަމުދުން ޝަހީދުބެ އައިފަހުން ވެސް ހިބާ އޭނަގެ އަތުން ބޮކިފަތި ޖަހައިގެން ދިޔަ ގޮތުން ދެރަވާ ގޮތްވިއެވެ. ހިބާގެ މޫނުމަތިން ފަޅި ސިކުންތަކަށް ފެނުނު އެ އިޙްސާސް އޭނައަށް ދޭހަ ނުކުރެވުނަސް، ހިބާގެ އެ ޙަރަކާތުން ހިބާ ނުރުހުންވީކަން އެނގުނެވެ. އެހާ ހިސާބުން ކޮންމެވެސް އެއްގޮތަކުން ހިބާ އުފާކޮށްދޭން ބޭނުންވީ، އޭނަގެ ސަބަބުން މީހަކު ނުރުހުންވާތަން ދެކެން ބޭނުމެއް ނުވާތީވެއެވެ.
އެރޭއްސުރެ ޝަހީދުބެ ގާތު އޭނަ ހިބާގެ ކޮޓަރި ބޭނުންނުވާ ކަމަށް ބުނެވެން ފެށީ އެހެންވެއެވެ. ޝަހީދުބެއާއި އޭނައަށް ފަސޭހައިން ވާހަކަ ދެކެވެމުން ދިޔައީ ޝަހީދުބެއަކީ މާލެއިން އޭނައާއި ގިނަގިނައިން ދިމާވާ ބޭބެއަކަށްވެފައި އޭނަ އިތުބާރުކުރާ ބޭބެއަކަށްވީތީވެއެވެ. އޭނައަށް ވެސް އޭރު ނޭނގޭ ސަބަބަކާއިހުރެ މީހުންނާއި ވާހަކަ ދެއްކުމަކީ އޭނައަށް ފަސޭހަކަމެއް ނޫނެވެ. މީހަކު ރަނގަޅަށް އެނގި އެމީހަކު އޭނައާއި ވާހަކަ ދެއްކުމުން، އެހެންނޫނީ އޭނަ ކޮންމެހެން ވެސް ވާހަކައެއް ބުނަން ބޭނުންވުމުން ނޫނީ ވާހަކަ ދެއްކުމަކީ އޭނައަށް ނާދިރު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޝަހީދުބެގެ ގެއަށް ބަދަލުވިތާ ދުވަސްކޮޅެއް ވީއިރުވެސް އެ ގޭގެ އެހެން މީހަކާއި އޭނައަށް ވާހަކަ ނުދެކެވުނީ އެހެންވެއެވެ. ހިބާވެސް އޭނަ ވާހަކަ ނުދައްކާތީ ޝަހީދުބެ ގާތު މައްސަލަ ޖައްސާ އަޑު އިވިފައި ވާހަކަ ދައްކަން ހިތަށްއެރިއެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ހިބާގެ ފަރާތުން އޭނައަށް ފެނިފައިވި ރުޅިވެރިކަމުގެ ސަބަބުން އޭނަ ވާހަކަ ދެއްކުމުން ވެސް ރުޅި އިސްކޮށްފާނެތީ ޖެހިލުންވިއެވެ. ހަރުއަޑުތައް އިވޭ ކޮންމެ ފަހަރަކު އޭނަގެ ނޭވާ ކުރުވެ އުދަގޫތަކެއްވާތީވެއެވެ. އެހެންކަމުން އޭނަ އިންތިޒާރު ކުރަމުން ދިޔައީ ހިބާގެ ހިތުގައި އޭނައަށްޓަކައި އޮތް ނުރުހުންތެރިކަން ފިލައިގެންދާނެ ދުވަހަކަށެވެ. ޝަހީދުބެ އޭނައަށްޓަކައި ޖަހައިދިން މޭޒު ހިބާއަށްދީ، ހިބާގެ ކޮޓަރި ސާފުކޮށްލަދިނީ އެކަން ވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ކަންތަކަށް ފަހުވެސް ހިބާގެ ރުހުން އޭނައަށް ނުލިބުމުން އެއީ ނުވާނެ ކަމެއްހެން އޭނައަށް ހީވާން ފެށިއެވެ. ހިބާގެ މަންމަހެން ހިބާވެސް އޭނައަކީ ބުރައެއް ކަމަށް ދެކޭތީ އެމީހުންގެ ހިތް އޭނައަށް ހެޔޮ ނުވާނެކަމަށް ނިންމުނެވެ.
އެ ޚިޔާލު ބަދަލުކުރަން އޭނައަށް މަޖުބޫރު ކުރުވީ އޭނަގެ ހެދުންތައް ދޮންނަން ހިބާ އޭނައަށް އެހީވި ދުވަހުއެވެ. އެދުވަހުގެ ވެސް ކުރީކޮޅު ހިބާގެ ނުރުހުންތެރިކަމާއި އޭނަ ކުރިމަތިލާން ޖެހުމުން، އެދުވަސް ފާއިތުވެގެން ދާނީ އެހެން ދުވަސްތަކޭ އެއްގޮތަށްކަމަށް އޭނައަށް ހީކުރެވިފައިވިއެވެ. އެހެނަސް އެރޭގެ ކެއުމުގެ ތެރެއިން ހިބާ އޭނައަށް ބަލަން އިނދެ ހިނިތުންވެލީތަން ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އެއީ ހިބާގެ ހިނިތުންވުން އޭނައަށް ސާފުކޮށް ފެނުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ރީތި ހިނިތުންވުން އަމާޒުވަމުން ދިޔައީ އޭނައަށްކަން އެނގުންވީ ހިނދު ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހިބާ ދެން އޭނައަށް ނުރުހުންނުވާނެ ކަމުގެ ހިތްހަމަޖެހުމެވެ. އޭނައަށް ވެސް ހިނިތުންވެލެވުނީ އެކަމާއިމެދު އެވަގުތު އުފާވެސްވުމުންނެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އީތަންގެ ހަނދާނަށް އެ ހުރިހާ ހަނދާނެއް ވެރިވުމަށްފަހު، ނުހަނު ސާފުކޮށް އޭނަގެ ޚިޔާލަށް އަންނަން ފެށީ، ޝަހީދުބެގެ ރަށަށް ގޮސް އޭނަ ފުރަތަމަ ފަހަރަށް ސްކޫލަށް ދިޔަ ދުވަހެވެ. އެދުވަހަކީ ހިބާއާއި އޭނަގެ ގުޅުމަށް ބޮޑު އިންޤިލާބެއް ގެނައި ދުވަހަކަށްވާތީ، އެ ދުވަސް އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ.
“ދާރިސް! ދާރިސް ދަރިފުޅު ސްކޫލަށްދާން ތައްޔާރު ވެއްޖައިންތަ؟” ހެނދުނު ދާރިސްއަށް ޝަހީދުބެ ޓަކި ދިން އަޑު އިވުނީ، ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ފަތިސް ނަމާދަށްފަހު އެނދުގައި ފޮތެއް ކިޔަން އިންދާއެވެ. ޝަހީދުބެ ކުރި ސުވާލުން ސިކުނޑިއަށް ހާސްކަމެއް ވެރިވިއެވެ. މިއަދު ސްކޫލަށްދާން ޖެހޭ ވާހަކަ ރޭ ޝަހީދުބެ ބުނެފައިވި ހަނދާން އާވިއެވެ. އޭނަ ދުވަސް ހޭދަކުރާ ގޮތަށް ބޮޑު ބަދަލެއް އަންނަން އުޅޭހެން ހީވުމުން ނިތުން ދާތިކިތައް ހިއްލައި އުދަގޫތަކެއް ވާންފެށިއެވެ. އަދި އަމުދުން އޭނައަށް ޝަހީދުބެ ބުނިގޮތަށް ކަންތައް ކުރެވިފައި ނުވާކަން އެނގުންވުމުން އެ އުދަގޫތައް ދެގުނަވިއެވެ.
ދާރިސް އެއްޗެކޭ ނުބުނެ ޙަރަކާތެއް ވެސް ގެންނަން ނޭނގިފައި އިންދާ ޝަހީދުބެ ދޮރު ހުޅުވިއެވެ.
“އަނހަ! އަދިވެސް ތައްޔާރު ނުވަން؟ ދަރިފުޅު ހަނދާން ނެތުނީތަ؟ ހަނދާން ހުންނާނެހެން ބޭބެ އެތާނގަ ޔުނިފޯމުވެސް އަޅުވާފަ ދިޔައީ. ނިކަން އަވަސްކޮށްލާ! މިހާރު ހިބާވެސް ތައްޔާރުވެގެން ނިކުންނަން އުޅޭނީ….” ޝަހީދުބެ އެތާ ހެދުން ހަރުގައި އެޅުވިފައި އޮތް ޔުނިފޯމަށް ޢިޝާރާތް ކުރަމުން ވާހަކަ ދެއްކުމަށްފަހު ދޮރު ލެއްޕިއެވެ. އެއާއިއެކު ދާރިސް އޭނަ ކަންތައް ކުރަންޖެހޭ ގޮތް ސިކުނޑީގައި ރޭވޭތޯ މަސައްކަތް ފެށިއެވެ. ކޮންމެ ދުވަހަކު ހަދާހެން އޭނައަށް މި ގަޑީގައި ފޮތް ކިޔަން ނުހުރެވޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން ވަގުތުކޮޅެއް ނެގިއެވެ. އޭނަގެ އާދަތަކާއި އިދިކޮޅަށް އެ ގަޑީގައި ފާޚާނާއަށްވަދެ ފެންވަރަންވުމުން އޭނައަށް ކަންތައް ކުރެވެމުން ދިޔައީ ވެސް އެހެން ދުވަސްތަކަށްވުރެ ލަސްކޮށެވެ. ފާޚާނާއިން ނިކުމެ ރީތިވުމަށްފަހު ޔުނިފޯމުގެ ބަދަލުގައި އެންމެ ފުރަތަމަ ލެވުނީވެސް ހެނދުނު ގަޑީގައި ލައި އުޅޭ ޓީޝާޓަކާއި ދިގު ސޯޓެކެވެ. ޝަހީދުބެ ދެއްކި ޔުނިފޯމް ލޮލުގައި އެޅީ އެ ހެދުން ލެވުނު ފަހުންނެވެ. އެއާއިއެކު އަމިއްލަ ނަފްސަށްވީ ނުރުހުމާއެކީ ޓީޝާޓު ބޭލުމަށްފަހު ހަރުގަނޑުގައި އޮތް ޔުނިފޯމު ލާންފެށިއެވެ.
“ދާރިސް ދަރިފުޅު ނިމިއްޖެތަ؟” އަނެއްކާވެސް ޝަހީދުބެ ޓަކިދިން އަޑު އިވިގެން ދިޔައީ، ފަޓުލޫނު ލުމަށްފަހު ޔުނިފޯމުގެ ގަމީސް ލައި އޭގެ ގޮށް އަޅުވަން ހުއްޓާއެވެ. ލަސްވަމުންދާހެން ހީވީތީ ހާސްވުމުގެ ސަބަބުން އަތް ވެސް އޮޅެމުން ދިޔައެވެ. ދާރިސްއަށް މިފަހަރުވެސް އެއްޗެކޭ ނުބުނެވުމުން ޝަހީދުބެ މި ވަންނަނީއޭ ބުނެ ދޮރު ހުޅުވިއެވެ.
“ދަރިފުޅު އަދިވެސް ނުނިމޭތަ؟ ކީއްވެތަ މިއަދު އެހާ ލަސްވަނީ؟ ދަރިފުޅު ތިއީ އެހާ ލަހުން ކަންތައް ކުރާ ކުއްޖެއް ނޫނެއްނު؟” ޝަހީދުބެގެ އެ ސުވާލުތަކުން، އޭނަ ލަސްވީތީ ޙައިރާންވެފައި ހުރި މިންވަރު ދާރިސްއަށް އަންދާޒާ ކުރެވުނެވެ. އޭނަގެ ޙަރަކާތްތައް މިއަދު އެހާ ލަސްވެ، ބޮލަށް އުދަގޫވަނީ ކީއްވެކަން ޚުދު ދާރިސްއަކަށް ވެސް ނޭނގެއެވެ. ވީއިރު އޭނަ ޝަހީދުބެއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
“ބައްޕާ….އެންމެ 5 މިނިޓްސްއޭ ދެން ބާކީ އޮތީ އެސަމްބްލީ ފެށެން. މިއަދު އަހަރެން ސްޕީޗެއްވެސް ދޭންޖެހޭ އެސަމްބްލީގަ. އިންގްލިޝް ކްލަބްގެ ޙަރަކާތްތައް ނިންމާ ސްޕެޝަލް އެސަމްބްލީއޭ އެއީ ބައްޕާ!” ބޭރުން ހިބާ ވާހަކަ ދެއްކި އަޑު އިވިފައި ދާރިސްއަށް އަޑު އައި ދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަގެ ސަބަބުން އަނެއްކާވެސް ހިބާއަށް ދަތިވެއްޖެކަން އެނގުމުން ހިތް ދެރަވިއެވެ.
“ހިބާ….ހިބާ އެހެންވީއިރު ދާންވީއެއްނު މަޑުމަޑުން ހިނގާލާފަ؟ މި ގަޑީގަ ޢާއްމުގޮތެއްގަ ހައްވައްތަ ވެސް އެގޭގެ ކުދިން ގޮވައިގެން ސްކޫލަށް ދާނީ. އެމީހުންނާއެކީ ދޭ! ދާރިސް ތައްޔާރުވީމަ ބައްޕަ ދާނަން ދާރިސް ގޮވައިގެން ސައިކަލުގަ….އަދި ބުނަން…މިއަދުގެ އެސަމްބްލީ ތަންކޮޅެއް ދިގުވާނެދޯ؟ އެސަމްބްލީ ނިމުނީމަ އެތާ ކޮރިޑޯ ކައިރީގަ އިރުކޮޅަކަށް މަޑުކޮށްލައްޗޭ. އެހާއިރަށް ދާރިސްއަށް ދެވޭނެހެން ހީވަނީ. ދާރިސް ދިޔައިމަ ދާރިސްއާ އެކީގަ ކުލާހަށް ދައްޗޭ. ބައްޕަ އެ ގަޑީގަ އެހެން ކުލާހަކަށް ވަންނަން ޖެހޭތީ ދާރިސްއާއެކީ ނުދެވޭނެ. އެހެންވީމަ ހަނދާންކޮށް މަޑުކޮށްދެއްޗޭ!” ޝަހީދުބެ ވާހަކަ ދެއްކި އަޑު ދާރިސްއަށް އިވުނެވެ. އެ ވާހަކަތައް އިވުމުން ހިބާގެ ރުޅިވެރި އަޑު އިވިގެންދާނެ ކަމަށް ދާރިސް ހީކުރިއެވެ. އެހެނަސް އޭގެ ބަދަލުގައި ހިބާ ހިމޭންކަމާއެކީ ހޫންލައްވައިލުމަށްފަހު ދާން ހިނގައިގަތް އަޑު އިވުމުން ހިސާބަކަށް ހިތްހަމަޖެހުނެވެ.
ސްކޫލަށް ދާން ތައްޔާރުވުމަށްފަހު ސައިބޯން ވެސް ދާރިސްއަށް ވަގުތު ނެގިއެވެ. ސައިބޮއި ނިމުނުއިރު ޝަހީދުބެ ހުރީ އޭނައަށް ގަނެދީފައިވާ ސްކޫލް ދަބަހަށް ފޮތްތަކެއް އަޅައިދީފައެވެ. އެހެންކަމުން ސައިބޮއި ނިމިގެން ދާރިސް ވަގުތުން އެ ދަބަސް އަޅައިގެން ޝަހީދުބެއާއެކީ ސްކޫލަށް ދިޔައެވެ.
ޝަހީދުބެ ބުނި ފަދައިން ސައިކަލުގައި އެމީހުން ސްކޫލާއި ކައިރިވަމުން ދިޔަ ވަގުތު، އެދުވަހުގެ ދިގު އެސަމްބްލީ ނިންމާލާފައި ކުދިން ހޯލުން ނިކުންނަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ސްކޫލްގެ ކައިރީގައި ޝަހީދުބެ ސައިކަލު ޕާކްކޮށް އަވަހަށް އަންނާށޭ ބުނުމުން ދާރިސް ޝަހީދުބެއާއެކީ ސްކޫލްގެ ގޭޓާއި ދިމާލަށް ދިޔައީ ފިނިވަމުން ދިޔަ ދެ އަތާއި އެކީގައެވެ. މަގުމަތިން އިވެމުން ދިޔަ ސައިކަލުތަކުގެ ބަރުގޮނުގެ އަޑުތަކުން އޭނައަށް އުދަގޫވިއެވެ. ދެވެން މިއުޅެނީ ނުހަނު ގިނަ މީހުން ތިބި ތަނަކަށްކަން އެނގުންވުމުން އިތުރަށް ނުތަނަވަސްވާ ގޮތްވިއެވެ. ކޮނޑުގައި އެޅުވިފައިވި ދަބަހުގެ ފަށުގައި ބާރަށް ހިފަހައްޓައިލެވުނީ އެ ނުތަނަވަސްކަމުގެ ސަބަބުންނެވެ.
ޝަހީދުބެ އޭނައާއެކީ ގޮސް ގޭޓުން ވަދެގެންދާން އުޅުމުން މަޑުކޮށްލެވުނީ، ކުރިން ވެސް އޭނައަށް ސްކޫލްގެ ތެރެއިން ކުރިމަތިވެފައިވާ ނޭދެވޭ ތަޖުރިބާތަކުގެ މަތިން ހަނދާންވެފައެވެ. ޝަހީދުބެ އޭނަގެ ބުރަކަށީގައި އަތް އަޅައި ކިހިނެއްވީތޯ އެހުމުން ވެސް ޖަވާބެއް ނުދެވުނީ އެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔުމުންނެވެ. އޭނައަކީ ލޮލަށް ނުފެންނަ ކުއްޖެއްތޯ ބުނެ އެހެން ކުދިން ދައްކާ ވާހަކަތަކެވެ. ދިވެހި ބަހުން ލިޔަންޖެހޭ ފިލާވަޅުތައް އޭނައަށް ނުނިންމޭ ދުވަސްދުވަހު ބައެއް މުދައްރިސުން ޝަކުވާ ކުރާއިރު އަނެއް މުދައްރިސުން ހަރުކަށިކަން އިސްކޮށް އޭނައާއި ހަރުއަޑުން މުޚާތަބު ކުރި ދުވަސްތަކެވެ. އޭނަ ހަމަ ފަރުވާ ކުޑައީ ކަމަށް ބުނެ ޕްރިންސިޕަލާއި ހަމައަށް ޝަކުވާ ގެންދެވުނު ދުވަސްތަކެވެ. ބައެއް ކުދިންނާއި މުދައްރިސުން ވެސް ވާހަކަ ދައްކާއިރު އޭނައަކީ ‘މޮޔަ’ އެހެންނޫނީ ‘ނުކުޅެދުންތެރި’ ކުއްޖެއް ގޮތުގައި ސިފަކުރި ދުވަސްތަކެވެ.
“ދާރިސް ދަރިފުޅު ބަލާބަލަ….އަވަހަށްދޭ އެކޮޅަށް. އެތާ އެހެރީ ހިބާ. ހިބާއާ އެކީގަ ހިބާގެ ކުލާހަށް ދާނީ އިނގޭ؟” ޝަހީދުބެ މިފަހަރު ބުނި ވާހަކައިގެ ތެރެއިން ހިބާގެ ނަން އިވުމުން ދާރިސްއަށް އެއަށް ސަމާލުކަން ދެވުނެވެ. އަދި ޝަހީދުބެ ބުނި ފަދައިން ކުރިމައްޗަށް ނަޒަރެއް ދެވުނެވެ. އެ ހިނދު އެމީހުން ތިބި ތަނާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުއްޓިހުރި ހިބާ ފެނުނު ހިނދު އެ ދިމާލަށް ބަލަހައްޓައިގެން ހުންނަން ހިތް އެދުނެވެ. ނުތަނަވަސްކަމުގެ ސަބަބުން އާދައިގެ މަތިން ގިނަގިނައިން އޭނައަށް ބެލުން ތިރި ކުރެވެމުން ދިޔައެއްކަމަކު ހިބާއަށް ބަލަހައްޓައިގެން ހުންނަން އޭނައަށް ގަދައަޅައި މަސައްކަތް ކުރެވުނެވެ. ހިބާ ހިނިތުންވުމަކާއެކީ އެއްއަތުން ހަނާއަޅައިލި މަންޒަރު ސާފުކޮށް ފެނިގެން ދިޔައީ އެ ހިތްވަރުންނެވެ.
ޝަހީދުބެ އެވަގުތު ތިންވަނަ ފަހަރަށް ދާށޭ ބުނުމުން އެ ދިމާލަށް ހިނގައިގަނެވުނީ ދާ ހިތުންނެވެ. އޭރުވެސް ވަށައިގެން އިވެމުން ދިޔަ އެކި ކުދިންގެ ފިޔަވަޅުތަކާއި ވާހަކަ ދައްކާ އަޑުތަކުން އުދަގޫވަމުން ދިޔަޔަސް، ކުރިއަށް ދިޔައީ ޝަހީދުބެގެ ބަސް އެހުމުގެ އިތުރުން ހިބާގެ ކައިރިއަށް ދިޔުމަށް ވެސް ހިތް އެދުނީތީވެއެވެ.
ދާރިސް ގޮސް ހިބާއާއި ހަމަވިތަނާހެން ހިބާ ހިނގާށޭ ބުނެ ކޮރިޑޯއާއި ދިމާލަށް ހިނގައިގަތެވެ. ދާރިސް ހިބާއާއި އެއްހަމަ ކުރަމުން ކޮރިޑޯއިން ހިނގަންފެށިއެވެ.
“ސްކޫލަށް ދާ ހިތްނުވާތީތަ މިއަދު އެހާ ލަހުން ތައްޔާރުވީ؟ ނޫނީ ނާވަސްވަނީތަ؟” ހިބާ ފުރަތަމަ ފަހަރަށް އޭނައާއި އެކުވެރި ޒާތަކަށް ސުވާލުކުރިއެވެ. އެކަން ފާހަގަވުމުން ދާރިސް އެ ސުވާލަށް ޖަވާބުދޭން ވަރަށް ވެސް ބޭނުންވިއެވެ. އެހެނަސް އެކި ދިމަދިމާލުން އިވެމުން ދިޔަ އަޑުތަކުން އޭނަގެ ކަންފަތް ފުރެމުން ދިޔައީ ކެތްނުވާހާ ފައްތަރަކަށެވެ. އެހާ ބާރު އަޑުތައް އިވެމުން ދާއިރު ހިބާއަށް އެހާ ހިމޭންކަމާއެކީ ވާހަކަ ދެކެވެނީ ކިހިނެއްތޯ ހިތާހިތުން ސުވާލުވެސް ކުރެވުނެވެ.
ދާރިސްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އިޓްސް އަންޑަސްޓޭންޑެބްލް އަސްލު. އާ ސްކޫލަކަށް ދާންވީމަ ނާވަސްވެސް ވާނެ. ދާހިތްވެސް ނުވާނެ. އެކަމަކު ސްކޫލަށް އަންނަންވާނެދޯ؟ ވަކި ކިޔަވާކަށް ނޫން. ޓު މޭކް މެމޮރީސް! ޑޯންޓް ވޮރީ އިނގޭ. ފްރެންޑުން ހޯދަން އަހަރެން ހެލްޕްވާނަން ދާރިސްއަށް….ދާރިސްވެސް އަހަންނަށް ހެލްޕްވީތީ…” ހިބާ ދެއްކި ވާހަކައިން ދާރިސްއަށް ހިބާއާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް އެވަގުތު ހިބާ ހިނގަމުން ދިޔައީ އިސްޖެހިފައި ހުރެއެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެނގޭތަ؟ އެރޭ ވަރަށް ގިނަ ދުވަސްފަހުން ބައްޕަ އެހާ އުފަލުން ހުރެ އަހަންނަށް ހަދިޔާއެއް ދިނީ. ދާރިސްއާ ހެދި އަހަންނަށް ބައްޕަގެ އެ ހިނިތުންވުން ފެނިގެން ދިޔައީ. ފޯ ދެޓް އައިމް ތޭންކްފުލް. އެންޑް އޯލްސޯ، އައިމް ސޮރީ. މިހާރު ވަރަށް ދެރަވޭ ދާރިސްއާމެދު ކަންތައް ކުރެވުނު ގޮތާއިމެދު. ލެޓްސް ބީ ފްރެންޑްސް ދޯ؟” ހިބާ ދާރިސްއަށް ބަލައިލަމުން ހިނިތުންވުމަކާއެކީ އެހިއެވެ. ދާރިސް ހިބާއަށް ބަލައިލަމުން އެ ވާހަކައަށް ދެ ފަހަރަކު ބޯޖަހައިލީއެވެ. އެހިނދު ދާރިސްއަށް ނޭނގުނު ސަބަބަކާހުރެ ހިބާ ހީލި އަޑު އޭނައަށް އިވުނެވެ.
“ޓައިމް ޓު ސްލީޕް…” އީތަންއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ޑޯޑޯގެ އަޑަށެވެ. ޑޯޑޯގެ އެ ބަސްތަކާއެކީ އިސާހިތަކު ކޮޓަރީގެ އަލި ބޮކި ނިވި، ފަނޑު އޮރެންޖު ކުލައިގެ ބޮތްކެއް ދިއްލިގެން ދިޔައެވެ. އެ ހިނދު އީތަންއަށް އޭނަގެ އަތުގައި އޮތް ފޮތް ވެސް ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔަ ގޮތުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އީތަން އެއަށް ނަޒަރެއް ދީގެން އިނދެފައި އެ ފޮތް ވަތްގަނޑަށް އަޅަން އުޅެފައިވެސް މަޑުކޮށްލިއެވެ. އަދި އިރުކޮޅެއް ވަންދެން އެ ފޮތަށް ބަލަން އިނދެފައި ތެދުވެގެން ގޮސް އެ ފޮތް އޭނަގެ ކިޔަވާ މޭޒުމަތީގައި ބޭއްވިއެވެ. އެ ހިނދު އޭނައަށް ނޭނގި އޭނަގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރެހުނެވެ.
**
ކުރިއަށް ދިޔަ ހަފްތާތައްވެގެން ދިޔައީ ހިބާއަށް ބުރަ ހަފްތާތަކަށެވެ. އަހަރުގެ ފުރަތަމަ ޓާރމް ނިމުމަކަށް އަންނާތީ ރިޕޯޓްތައް ތައްޔާރު ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުނެވެ. އޭގެ ސަބަބުން ހަމްނާއަށް ދެވެމުން ދިޔަ ވަގުތުތައް ވެސް މަދުވީތީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ވަކިން ޚާއްޞަކޮށް ހަމްނާ އޭނަގާތު ވާހަކައެއް ބުނަންޖެހޭ ވާހަކަ ބުނަމުން ދިޔަ ގޮތުންވެސްމެއެވެ.
ހަމްނާއާއި އެންމެ ފަހުން ހިބާއަށް ދިމާވެވޭ ގޮތްވީ، މަސައްކަތުގެ ބޮޑުބައި ނިންމުމަށްފަހު ހުކުރު ދުވަހުގެ ރެއެއްގައެވެ.
“ބުނެބަލަ ބުނެބަލަ….ކޮން ވާހަކައެއް؟” ހިބާ އެ ސުވާލުކޮށްލީ ހަމްނާއާއެކީ ސިޓިންގް ރޫމުގެ ދިގު ސޯފާގައި އެއްފަރާތަކަށް އިށީންނަމުންނެވެ.
“ދޮންތާ….އަސްލު އަނެއްހެން މާ ބޮޑު ވާހަކައެއްނޫން….ހަމްއަށް ޓިކްޓޮކް އައިޑީއެއް ހެދިދާނެތަ؟ އެއްވެސް ނުބައި އެއްޗެއް ބަލާކަށްނޫން. ޓިކްޓޮކްގަ ހުރެއެއްނު ބައެއް އިސްލާމިކް ވަރަށް ރީތި ވީޑިއޯތައް ވެސް ދޯ؟ ހަމްވެސް އަސްލު ބޭނުމީ އެކަހަލަ ވީޑިއޯތައް ބަލައި އެކަހަލަ ޓިކްޓޮކްތައް ހަދަން. ހަމްގެ ވަރަށް ގިނަ ފްރެންޑުން ވެސް ޓިކްޓޮކްގަ އުޅޭ-“
“ފްރެންޑުން އޭޒް އިން…..ނައުފް؟”
ހިބާ ޚުޝިޔާރުކަމާއެކީ ބުނެލި ނަމަކުން އެއްފަހަރުން ހަމްނާގެ އަނގަ ބަންދުވިއެވެ. އެ މަންޒަރު ފެނިފައި ހިބާއަށް އޭނަގެ ކޮއްކޮއަށް ބަލަން އިނދެވުނެވެ. ގްރޫޕް ވޯކް ހެދި ދުވަހު އެ ވާހަކަ އިވުނު ފަހުން ހިބާ އެ ވާހަކަ ހަމްނާއާއި ދައްކާފައެއް ނުވެއެވެ. އާދައިގެ މަތިން ހަމްނާ އޭނަގާތު އެ ވާހަކަ ބުނަންދެން މަޑުކޮށްލީއެވެ. ހަމްނާ ވަގުތު ނަގައިގެން އޭނަ ވެސް ހަމަޖައްސައިގެން އިޒުނަ މި ހޯދަނީ އޭނަ އެއްބަސް ކުރުވަން ބޭނުންވެފައިވި މިންވަރުންކަން ހިބާއަށް އެނގުނެވެ.
“ދޮންތާ…..އަސްލު…..ވަރަށް ބޭނުންވޭ ނައުފް ކުރާ ހުރިހާ ކަންތައް ދެކެން. އަސްލު ދޮންތަ ކައިރި އެދުވަހު ބުނީމެއްނު ހަމް އޭނައާއި ބެހޭގޮތުން އިތުރަށް ހޯދަންވީދޯއޭ؟ ދޮންތަ ބުނީމެއްނު ހަމް ބޭނުން ގޮތަކަށް ހަދާށޭ؟ އެކަމަކު ހަމަ ދޮންތަގެ ޕާރމިޝަން މި ހޯދަނީ އެ ނޫން ގޮތަކަށް ހިތްހަމަނުޖެހޭނެތީ. އައި ރިއަލީ ލައިކް ހިމް ދޮންތާ އެންޑް އައި ރިއަލީ ހޯޕް ޔޫ ވިލް އަންޑަސްޓޭންޑް…” ހަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލި ހިނދު ރޮވެން ކައިރިވެފައިވިކަން ހިބާއަށް އެނގުނެވެ.
އެހިނދު ހިބާގެ ހިތުގައި އޭނަގެ ކޮއްކޮއަށްޓަކައި ޙަމްދަރުދީއެއް އުފެދުނެވެ. ހަމްނާއަށް ޙައްޤުވަނީ އެ ހިތު އަޅައިގެން އުޅޭ ފިރިހެން ކުއްޖާއަށްވުރެ މާ ފުރިހަމަ ކުއްޖެއްކަން ހަމްނާއަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. އެހެނަސް އެކަން ހަމްނާއަށް ދަސްވާން ދުވަސްކޮޅެއް ނަގާނެކަން އެވަގުތު ފަހުމްވިއެވެ. އަދި މިފަހަރުވެސް އޭނަ ހަމްނާއަށް އިންކާރު ކޮށްފިނަމަ ހަމްނާ ދެން އޭނައަށް ފިލައިގެން ކަންތައް ކުރުމުގެ ފުރުސަތު ވެސް އެބައޮތްކަން އެނގުންވިއެވެ. އެ ބިރު ހީވުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“އެންމެ ރަނގަޅު…” ހިބާއަށް ބުނެވުނެވެ. އެއާއިއެކު ހަމްނާ ހިނިތުންވުމަކާއެކީ އޭނައަށް ބަލައިލިއެވެ.
“އަސްލުވެސްތަ ދޮންތާ؟” ހަމްނާ އުޖާލާވެގެން ދިޔަ މޫނަކާއެކީ އެހިއެވެ.
“ހުމް…”
“އޯ އެމް ޖީ އައި ލަވް ޔޫ ދޮންތާ! ޔޫ އާރ ދަ ބެސްޓް!!!”
“ހޫން ދެން ހެވޭ….އެކަމަކު ތި ޓިކްޓޮކަކުން ފެނޭ ހުރިހާ ކަމެއް ދޮންތައަށް ކިޔައިދޭންވާނެ. 18 އަހަރު ވާން އުޅުނަސް ނުބައި އެއްޗެއް ބަލައިގެން ނުވާނެ. އައި ޓްރަސްޓް ޔޫ ޓު ޑޫ ދެޓް.”
“އޮފްކޯސް ދޮންތާ! ހަމް ނުބަލާނަން. އަނެއްހެން ހަމައެކަނި ނައުފް ފޮލޯކުރަން ބޭނުންވަނީ ވެސް. އަހަރެން ޓިކްޓޮކަށް ޖޮއިން ކުރީމަ އޭނަ އެތާނގަ ކޮންފެސްކޮށްފާނެ ކަންނޭނގެދޯ؟ އައިމް ސޯ އެކްސައިޓެޑް! އެންޑް އައި ޕްރޯމިސް ޔޫ ދޮންތާ…ކޮންފެސް ކުރިއްޔާ ވެސް ދޮންތަ ކައިރި ބުނާނަން. ދޮންތަ ހިތްހަމަނުޖެހޭނެ ގޮތަކަށް ކަމެއް ނުކުރާނަން…”
“ހުމް ކޮށްގެންވެސް ނުވާނެއޭ….ބާއި ދަ ވޭ، ކީކޭތަ އެދުވަހު ގްރޫޕް ވޯކް ހަދަން އައި ފިރިހެން ކުއްޖާއަށް ކިޔަނީ؟ ނަބީހް….އެއީ ވަރަށް ނައިސް ކުއްޖެއްދޯ؟”
“އައްޗި! އައި ހޭޓް ހިމް!”
“އެޔޯ؟”
“އައި ޑޯންޓް ނޯ….ލުކް ވެސް ވަރަށް ފޫހިކޮށްދޯ އެ ހުންނަނީ؟ ހަމް ލައިކް ވާ ވަރަކަށް ސްޓްރޯންގްއެއް ވެސް ނޫން. ދެން ތި ބުނިހެން ނައިސް ގޮތެއް ހުރޭ އެކަމަކު ހީ އިޒް ބޯރިންގް! ނަބީހް ހަމްދެކެ ލައިކްވާހެން ހަމްއަށް ހީވޭ. ބަޓް އައި ލަވް ނައުފްދޯ؟ ނައުފްއަކީ ހަމްގެ ފަސްޓް ލަވް ވިއްޔާ…”
“އައި ސީ….އެހެންވެއްޖެއްޔާ ހަމް ނައުފްދެކެ ލޯބިވަނީ ކީއްވެ؟”
“ނައުފްދޯ؟ ނައުފް ހަމަ ފެނުނު ދުވަހުއްސުރެ ވެސް ހަމް ލައިކްވޭ. އެ ހުންނަ ކޫލް އަދި ކެރިޒްމެޓިކް ޕާރސަނޭލިޓީއަށް ހަމްގެ ހިތް ކިޔުނީ. ވަރަށް ހޭންޑްސަމް ފޭސްއެއްދޯ ހުންނަނީ ވެސް. އަދި ފުޓުބޯޅަ ކުޅެން އެހާ މޮޅުވެފަ ސްކޫލްގަ އެހާ މަޝްހޫރުވީމަ ބޮޑަށް ލައިކްވަނީ. ދޮންތަ ކުރިން ފާހަގަކުރިހެން ކިޔެވުމަށް ފަރުވާ ކުޑަ. ވަރަށް ހޯމްވޯކް ވެސް ނުނިންމާނެ. ޓެސްޓްތަކުން ވެސް ހަމްއަށް ވުރެ ދަށުން ލިބޭނީ. އެކަމަކު ދޮންތައެއް ނޫންތަ ބުނަނީ ކޮންމެ ކުއްޖަކީ ކިޔެވުމަށް މޮޅުވާނެ ކުއްޖެއް ނޫނޭ؟”
“ލައްބަ! ދޮންތަ ޤަބޫލު ތި ވާހަކައާ. އެކަމަކު ހަމް އަމިއްލައަށް ކަންނޭނގެ ތި ބުނީ ނައުފް ފަރުވާ ކުޑަ ވާހަކަ. ނައުފްއަކީ ދޮންތައަށް ވެސް އެނގޭ ކުއްޖެއް. ނައުފް ތަންކޮޅެއް ޒިންމާދާރުވެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ސީރިއަސްކޮށް ނަގަންޏާ ކިޔެވުމަށް ވެސް މޮޅުވާނެ ކުއްޖެއް ކަންނޭނގެ އެއީ….ހަމް ބުނެބަލަ…މުސްތަޤްބަލުގަ ހަމް ބޭނުންވަނީ ނައުފްއާ މެރީ ކުރަންތަ؟”
“މެރީ….އާނ ދެން، ދޯ؟ ޑޭއިޑްރީމް ކުރެވޭ ބައެއްފަހަރު ނައުފްއާއި މެރީ ކުރާނެ ދުވަހަކާއިމެދު….”
“ހަމްކޮ…..ދޮންތަ ދޭ އެހެން ހުރިހާ ނަސޭޙަތެއް ހަނދާން ނެތުނަސް މި ވާހަކަ ހަނދާން ބަހައްޓައްޗޭ…ޙަޤީޤީ ދިރިއުޅުން ތި ޑޭއިޑްރީމް ކުރާ ވެޑިންގް ޑޭގަ ޕޯޒްވެފައެއް ނުހުންނާނެ. ދިރިއުޅުން ކުރިއަށްދާނެ. ޒިންމާތައް ކުރިމަތިވާނެ. ދިރިއުޅުން ފަށާ ކުއްޖަކާއެކީ ދަތި ދުވަސްތައް ކަނޑައްތު ކުރަންޖެހޭނެ. ދެމީހުން ކުރެ އެކަކު ބަލިވާ ދުވަސްތައް އަންނާނެ. ދެމީހުން އެކަކު އަނެކަކަށް ނުރުހުންވާނެ ދުވަސްތައް ވެސް އަންނާނެ. އިން ޝާ ﷲ ލޯބިލޯބި ކުދިންތަކެއް ލިބޭނެ. އެ ކުދިން ބަލައި ތަރުބިއްޔަތު ކުރަން ޖެހޭނެ. ޑޭއިޑްރީމް ކުރާއިރު މި ދުވަސްތައް ވެސް ހަނދާންކޮށްލުން މުހިއްމު. އެކީގައި ދިރިއުޅުމެއް ފަށަން ޚިޔާލު ކުރާ ކުއްޖަކީ އެ ދުވަހަކުން އެ ޒިންމާތައް އަދާކުރެވޭނެ ފަދަ ކުއްޖެއްތޯ ވިސްނާލުން މުހިއްމު. ހަމް ބަލިވީމަ ރަނގަޅަށް ބެލޭނެ ކުއްޖެއްތޯއާއި، ނުރުހުންވިޔަސް އިޙްތިރާމާއެކީ ވާހަކަ ދައްކަން އެނގޭ ކުއްޖެއްތޯއާއި، ހަމްގެ ކުދިންނަށް ރަނގަޅު ނަމުނާއަކަށްވާނެ ބައްޕައެއްތޯއާއި….މިއީ ވިސްނަންޖެހޭ ކަންތައް ހަމް….ދެން ހަމް ދޮންތަ ކައިރި ބުނެފާނެ ކަންނޭނގެ އޭނަ ޗޭންޖްވެދާނެއޭ…މީހަކު ބަދަލުކުރުމަކީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫން ހަމް. އެމީހަކަށް އަމިއްލަ ނޭދެވޭ ސިފަތައް ފެނި، ޤަބޫލު ނުކުރެވެނީސް މީހަކު ބަދަލެއް ނުވާނެ. މިއީ އަހަރުމެން އަމިއްލައަށް ލިޔާ ވާހަކައެއްނަމަ އެގޮތަށް ބަދަލު ކުރެވުނީސް. އެކަމަކު މިއީ ޙަޤީޤީ ދިރިއުޅުން….ކޮންމެހެން ހަމް ހިތްދަތިކުރަން ދެއްކި ވާހަކަތަކެއް ނޫން މިއީ. އައިމް ޖަސްޓް ލުކިންގް އައުޓް ފޯ ޔޫ….”
ހިބާ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ނިމުނުއިރު ހަމްނާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އިރުކޮޅެއް ވަންދެން ހިބާ މަޑުކުރީ ހަމްނާ އެއްޗެކޭ ބުނަންދެނެވެ. އެހެނަސް ހަމްނާ ހިމޭންކަން ޚިޔާރު ކުރުމުން ހިބާ ފުން ނޭވައެއް ދޫކޮށްލަމުން ސޯފާއިން ތެދުވެގެން ދާން ހިނގައިގަތީ، ހަމްނާއަށް ވަގުތު ދިނުމަށެވެ.
އެހެންކަމުން ހިބާ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަން ވަގުތު ފޯނު ރިންގުވާ އަޑު އިވިފައި ހިބާ އަވަސް ހިނގުމެއްގައި ގޮސް ފޯނު ނެގިއެވެ. ސްކްރީނުން ބޮޑުބޭބެގެ ނަން ފެނިފައި ހިބާ ވަގުތުން ފޯނު ނެގިއެވެ.
“ސަލާމް ފަރީދުބޭ…” ހިބާ ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް ހިބާ….އަންނަ ހަފްތާގެ ހުކުރު ދުވަހުދޯ ހިބާގެ ފުރުން އޮތީ. އެއްކަލަ ކުއްޖާ ހިބާއަށް ދޭން ޓިކެޓް ވެސް ގަނެދީފި. ހިބާ އެކުއްޖާއާއި ބައްދަލުކުރާނެ ވާހަކަ ބުނީމަ ވަރަށް އުފަލުން ހުރީ…” ފަރީދުބެ ބުންޏެވެ. އެ ވާހަކައިން ހިބާގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެ ކުއްޖަކާއި ބައްދަލުކުރަން އެއްބަސްވި ވާހަކައެއް ފަރީދުބެގާތު ނުއެއް ބުނެއެވެ. ނުރުހުންވީ ކަން އެހެން އޮތްވާ ފަރީދުބެ އެމީހެއްގާތު އެހެން ބުނެފިކަން އެނގުންވުމުންނެވެ.
ފަރީދުބެ އޭނަ އެއްޗެކޭ ނުބުނުމުން އޭނައަށް ގޮވައިލިއެވެ. އަދި ވައިބާރއިން ޓިކެޓް ފޮނުވާފައި ހުރި ވާހަކަ ބުންޏެވެ. ހިބާ އެންމެ ރަނގަޅޭ ބުނެ ވާހަކަ ކުރުކޮށްލަމުން ފޯނު ކަނޑައިލިއެވެ. އެއަށްފަހު ވައިބާރ ހުޅުވައި ބޮޑުބޭބެ ފޮނުވާފައި ހުރި ޓިކެޓް ހުޅުވައިލިއެވެ. ޓިކެޓަށް ބަލަން ހުރެ މި ފަހަރު އޭނަ ބައްދަލުކުރަން މި އުޅެނީ ރަނގަޅު މީހަކާއިތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
ނުނިމޭ
Ibaa
July 3, 2021 @ 9:46 am
Woww😄. Masha Allah. Can’t wait for next part.May Allah blesss you sis Ameen>3 nd help you to inspire more people.Ameen>2. Ly.Stay safe💕🙋
Jana
July 4, 2021 @ 3:05 pm
Alhamdhulillah! ^_^ Next part Wednesday ga In Sha Allah. May Allah bless you too and put barakah in every good that we do. Ameen! Love you too. Stay safe! <3 <3 <3
Alanaasi
July 3, 2021 @ 10:17 am
Dealing with a teenager is really difficult. Hoping to learn some parenting lessons from Hiba
Jana
July 4, 2021 @ 3:11 pm
I agree! Will do my best in including parenting strategies that work with teenagers In Sha Allah! I’m not a parent but from my experience with teenagers, I think the best thing we can do for them is just to be there for them. A lot of times, even they don’t comprehend most of the emotions that they feel. So they need someone to listen to them. They would respect anyone who tries to reason with them. Just like Hiba tried to do in this episode. But even then, there are times they will just need time for themselves to figure things out.
Any teenagers out here, please correct me if I’m wrong. We need your help to help you! 😀
Aira
July 4, 2021 @ 1:48 am
This story was great siss.. V kiyala hithun mi kiyaly. Next part thakah v inthizaaru kuran. Sis ge stories in alhuganduge life ge v gina kanthah change v. V gina heyo kanthah kuran hiyvaru libunu. Alhamdhulillah.❤️
May Allah bless you and your hard work. Aameen!🤲😘 stay safe. Lysm. Tvgc
Jana
July 4, 2021 @ 3:13 pm
Alhamdhulillah! Hama yageenunves heyo magah magu dhakkavany hama ekani Allah. Adhi heyo kanthah kurumah hithah hiyvvaru libeny ves ekalaange dhevva hidhaayathun. May Allah bless you too. Ameen!
Next part Wednesday ga In Sha Allah. Stay safe! Love you too. Tvgc <3 <3 <3
Aayaa
July 4, 2021 @ 4:10 am
v v v salhi story ma sha Allah. siss alhe Hiba aa ehn kuhjeh nugulhuvahchey ingey.. only eethan aa ingey.. plz plz. i thought waleed eethan gaathu male’ dhaa vhk bunyma eethan male’ gosfa hiba aa bahdhalu kuraany kamah. ekam ehnneh noon dhw mivany. really interested.. love you sooooo much. stay safe siss❤😘💖
Jana
July 4, 2021 @ 3:15 pm
hmm Jana ah heeviey Aaya ah heevy thihen hen kurin baige comment kiyaafa. hehe….Aaya bunaa gothah kanthah kureveytho eba visnan ingey. dhen oiy bain saafuvaane thikanthah.
Alhamdhulillah! Next part Wednesday ga In Sha Allah! Love you too. Stay safe! <3 <3 <3