ދާރިސް (ތޭރަވަނަ ބައި)
ދަރުބާރުގޭގެ މާލަމެއްގައި އިށީނދެގެން އިން ހިބާގެ އަތްފައި ފިނިވެފައިވިއެވެ. ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޮންފަރެންސް މެދުކެނޑި، އަލުން ކުރިއަށް ގެންދިޔުމަށްޓަކައި އެ މާލަމުން ތެދުވެގެން ދިޔަ މީހުން އަނބުރައި އައިސް އެވަގުތު އިށީންނަން ފަށާފައިވިއެވެ.
މިނިޓްތަކެއްގެ ތެރޭގައި އެންމެން ހަމައަކަށް އެޅިގެން ދިޔުމުން ސްޓޭޖްމަތީގައި ހުރި ހޮސްޓް އަނެއްކާވެސް ކޮންފަރެންސްގެ ވާހަކަ ކުރު ގޮތަކަށް ކިޔައިދީފައި ދެން އަންނަ ބައިވެރިޔާގެ ނަން ކިޔަން ފެށިއެވެ. އޭނަގެ ނަން މުޅި އެ މާލަމުގައި ގުގުމައިލުމާއެކު ހިބާ ގޮނޑިން ތެދުވެގެން ދާން ހިނގައިގަތީ ނޭވާ ކުރުވެފައި ހުރެއެވެ.
މިއީ ހިބާ މިފަދައިން ހުށަހެޅުމެއް ހުށަހަޅަން އުޅޭ ފުރަތަމަ ފަހަރަށް ނުވިޔަސް، އޭނަގެ ހިތަށް ވެރިވާ ނުތަނަވަސްކަމަށް ބަދަލެއް ނާދެއެވެ. ސްޓޭޖްމައްޗަށް އަރައިގެން ގޮސް ޕޯޑިއަމާއި ހަމަވީ ވަގުތުވެސް އެ ނުތަނަވަސްކަން އޭނަގެ ހިތް ވަށާލައިފައިވިއެވެ. ޕޯޑިއަމް ކައިރީގައި ހުއްޓިލަމުން ހިބާ ކުރިމައްޗަށް ބަލައިލީ އޭނަ ދައްކަން އުޅޭ ވާހަކަ އަޑުއަހަން ތިބި މީހުންނަށް ބަލައިލެވުނެވެ. ބީރައްޓެހި ގިނަ މޫނުތަކެއްގެ ތެރެއިން މީހަކު ހަނާ އަޅައިލި މަންޒަރު ފެނިފައި އެދިމާލަށް ބަލައިލެވުނެވެ. އެތުރިފައިވި ގޮނޑީގެ ސަފުތަކުގެ ތެރެއިން ތިންވަނަ ސަފުގައި އިން އަޔާނާ އޭނައަށް ބަލައި ބޮޑުވައި އިނގިލި ދައްކައިލުމުން ހިބާއަށް ހިނިތުންވެލެވުނެވެ.
އެއަށްފަހު ހިބާ ފުން ނޭވައެއް އެތެރެއަށްލަމުން ޙަމްދުޘަނާގެ ބަސްފުޅުން އޭނަގެ ހުށަހެޅުން ފެށީ ހިތަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ. ހިބާގެ ވާހަކަ ފެށުމާއެކު ހިބާގެ ފަހަތުން ފެންނަމުން ދިޔަ ސްކްރީނުން އޭނަ ތައްޔާރު ކޮށްގެން އައި ޕްރެޒެންޓޭޝަން ފެންނަން ފެށިއެވެ.
ހުށަހަޅަން ފެށިތާ މާ ގިނައިރެއްނުވެ ހިބާ އޭނަގެ ނުތަނަވަސްކަން ފިލައި ދިޔައެވެ. މީހުން އޭނައާއިމެދު ވިސްނާނެ ގޮތްގޮތާއިމެދު ވިސްނުމުގެ ބަދަލުގައި، އޭނަގެ ހުށަހެޅުމުން އޭނަ ކޮށްދޭން އުޅޭ ފައިދާއަށް ސަމާލުކަން ދެވުނެވެ. ކުރިން ޚިޔާލު ކުރެވިފައި އޮތްހެން އޭނަގެ އެޕްލިކޭޝަންގެ ޑިޒައިން ފަރުމާ ކުރެވިފައިވީ ގޭގައި ކުދިން ފިލާވަޅުތައް ދަސްކުރާ ގަޑިތައް އެކުދިން އަމިއްލައަށް އެޕްލިކޭޝަނަށް އެންޓާރ ކުރެވޭ ގޮތަށެވެ. އަދި އެންޓާރ ކުރާ ކޮންމެ ގަޑިއަކަށް އެކުދިންނަށް ޕޮއިންޓް އިތުރުވާ ގޮތަށެވެ. އެހެނަސް ޕްރޮޕޯޒަލް ލިޔުމުގެ ތެރޭގައި ހިބާވަނީ އެއަށް އެހެން ކަންތައް ވެސް އިތުރުކޮށްފައެވެ. މިގޮތުން ސްކޫލް ބަންދު ދުވަސްދުވަހު އެކުދިން ހުސްވަގުތުގައި ކުރުން ރަނގަޅު ކަންތަކުގެ ލިސްޓެއް ދީ، އޭގެއިން ކަމެއް ނެގުމުގެ ޚިޔާރު ކުދިންނަށް ދެވޭ ބައެއް އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ. އެ ކަންތަކުގެ ތެރޭގައި ދީނީ ޢިލްމު އުނގެނުމާއި ޤުރުއާން ހިތުދަސް ކުރުން ވެސް ހިމެނެއެވެ. ދީނީ ޢިލްމު އުނގެނުން ޚިޔާރުކޮށްފިނަމަ ކުދިންގެ ޢުމުރާއި ގުޅޭ އެފަދަ ޢިލްމު ހިމެނޭ ލިޔުންތަކާއި ވީޑިޔޯތައް ފެންނަ ގޮތަށް ނިންމިފައިވެއެވެ. އަދި ޤުރުއާން ހިތުދަސްކުރުން ޚިޔާރުކޮށްފިނަމަ ކުއްޖެއްގެ ޢުމުރާއި ގުޅޭ ގޮތަށް އެކި ދުވަސްދުވަހަށް ސޫރަތްތައް ބަހައި، ސޫރަތްތައް ދަސްވާ ވަރަކަށް ޕޮއިންޓް އިތުރުވާ ގޮތް ހުއްޓެވެ. ކުދިންނަށް ޕޮއިންޓް ލިބޭ މިންވަރު މުދައްރިސުންނަށް ވެސް ފެންނަ ގޮތަށް ހުރުމުން، ޕޮއިންޓް ލިބޭ މިންވަރަކުން، ސްކޫލްގައި ކުދިންނަށް ހިތްވަރު ދިނުމުގެ އިނާމުތައް ދެވޭނެ ކަމަށްވެސް ހިބާ ބުންޏެވެ.
ހިބާ އެ ހުރިހާ ވާހަކައެއް ދައްކައި ނިމި، ހުށަހެޅުން ނިމުމާއެކު ހޫނު ތަރުޙީބެއް ލިބިގެން ދިޔައެވެ. އެއާއިއެކު އަނެއްކާވެސް ހިބާގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އެ ލިބިގެން ދިޔަ ތަރުޙީބުންނާއި، ޚުދު އޭނައަށް ހުށަހަޅައިލެވުނު ގޮތް އޭނައަށް ކަމުދިޔުމުން، މޮޅު ހުށަހެޅުންތެރިންގެ ތެރޭގައި އޭނަ ހިމެނިދާނެކަމުގެ ބޮޑު ޔަޤީންކަމެއް އެވަގުތު ލިބިގެން ދިޔައެވެ. އެކަމަށްޓަކައި ވެސް ހިބާ ހިތާހިތުން ޝުކުރުކޮށްލީ ﷲ އަށެވެ. ކާމިޔާބެއް ލިބުނަސް ލިބުން ވަނީ އެކަލާނގެ ރަޙްމަތުންކަން ހަނދާން ކުރަމުންނެވެ.
މަޣްރިބް ނަމާދާއި ގާތްވަމުން ދަނިކޮށް ކޮންފަރެންސްގައި އެދުވަހަށް ކަނޑައެޅިފައި ހުރި ހުށަހެޅުންތައް ނިމިގެން ދިޔައެވެ. ކޮންފަރެންސްގެ ދެން ހުރި ހުށަހެޅުންތައް އޭގެ އަނެއްދުވަހަށް ތާވަލުކުރެވިފައިވުމުން، ނަތީޖާ ފާޅުކުރުން އޮންނާނީ އަނެއްދުވަހު ހަވީރު އެ ހުށަހެޅުންތައް ނިންމާފައި ކަމަށް އެންގުނެވެ. އެދުވަހުގެ ހުށަހެޅުންތަކުން ދަސްވި އާ ކަންތައް ފޯނުގައި ނޯޓްކުރި ހިބާ ގެއަށް ދާން ތެދުވެލީ، އަނެއްދުވަހުގެ ހުށަހެޅުންތަކަށް ވެސް ހާޒިރުވާން ނިންމަމުންނެވެ. މިފަދަ ކޮންފަރެންސްތަކުން އާ ކަންތައް ދަސްކޮށް، އެ ކަންތައްތައް އަމިއްލަ ދަރިވަރުންނާއެކީ ތަޖުރިބާ ކުރުމަކީ ހިބާގެ އާދައަކަށްވާތީވެއެވެ.
މަޣްރިބް ނަމާދާއި ގާތްވަމުން ދިޔަ ވަގުތު ފަރީދުބެ ޓެކްސީއެއްގައި އޭނަ ބަލާއައެވެ. ހިބާ ޓެކްސީގެ ފަހަތު ސީޓަށް އެރުމުން، ކުރީ ސީޓުގައި އިން ފަރީދުބެ ޓެކްސީ ޑްރައިވަރު ގާތު ދާންވީ މަންޒިލް ބުނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ކޮބާ ކަނބުލޮ ހިތްހަމަޖެހޭތަ މިއަދު ހުށަހެޅުނު ގޮތާއިމެދު؟” ފަރީދުބެ ހިނިތުންވުމަކާއިއެކީ ފަހަތަށް ބަލަމުން ސުވާލުކުރިއެވެ.
“ލައްބަ ބޭބޭ….ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ އަލްޙަމްދުލި ﷲ.” ހިބާ ބުންޏެވެ.
“ހުމް ބޭބެ ބުނީމެއްނު މިއަދު ގެއިން ނިކުންނަމުން ވެސް ހިބާ ނުތަނަވަސްވަނީ ކަމަކާއި ނުލައޭ؟ ބޭބެވެސް ބެލީމޭ ކަނބުލޮ ވާހަކަ ދެއްކިއިރު. އިނގިރޭސިން ހުރީމަ ބޭބެއަށް އެހާ ރަނގަޅަށް ނޭނގުނަސް ބޭބެއަށް ވެސް އިޙްސާސް ކުރެވުނު މިއަދު ކަނބުލޮގެ ހުށަހެޅުންކަން އެތަނުން އެންމެ މޮޅީ. މިހާރުއްސުރެ ބޭބެ ޗުއްޓީވެސް ނަގައިފިން ކަނބުލޮއާއެކީ ތި ސްވިސްއަކަށްދާން…”
“އަޅޭ ބޭބެ އަދި ޔަޤީންވެސް ނުވެއޭ…”
“ބޭބެއަށް ޔަޤީންވީމަ ބޭބެއަށް ޗުއްޓީ ނެގިދާނެތާ….ހެހެ….ޙަޤީޤަތުގަވެސް ވަރަށް އުފާވޭ ހިބާ ތިހާ ރަނގަޅު އަދި މޮޅު ކުއްޖެއްގެ ގޮތުގަ ބޮޑުވެގެން އައިމަ. މިއަދު ހިބާގެ ބައްޕަ ދުނިޔޭގަ ހުރިނަމަ ވަރަށް ފަޚުރުވެރިވީސް….”
ފަރީދުބެގެ އެ ފަހު ވާހަކައިން ހިބާގެ ހިނިތުންވުންވެސް ފޭދިގެން ދިޔައެވެ. ބައްޕަ މަތިން އެފަދަ ގޮތަކަށް ހަނދާންވެގެން ދިޔުމުން އާދައިގެ މަތިން ހިތް ދެރަވާ ގޮތްވިއެވެ. އެހެނަސް ހަމަ އެފަދަ ކޮންމެ ވަގުތުކޮޅެއްގައި ހަދާ ފަދައިން ބައްޕައަށްޓަކައި ހިތާހިތުން ދުޢާކޮށްލެވުނެވެ. ބައްޕަގެ ރައްކާތެރިކަމާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ދުޢާކުރެވެމުން ދަނިކޮށް އަނެއްކާވެސް ފަރީދުބެ ވާހަކަ ދެއްކިއެވެ.
“އާނ ހިބާ….އަދި މިކަން ހަނދާން ނައްތާލައިގެންނޭ މިއުޅެނީ. ބޭބެ މިއަދުގެ ވަގުތެއްގަ އާސިފްއާ ގުޅައިގެން މިރޭގެ ކެއުމަކުން ހިބާއާއި ބައްދަލުކުރުވަން ރާވައިފިން އިނގޭ. ހިބާ ކައިރިން ނާހާ މިކަން ކުރެވުނީތީ މަޢާފުކޮށްލަދެއްޗޭ. މިރޭ އެހެން ކަމެއް އެބައޮތްތަ ހިބާ ރާވާފަ؟” ފަރީދުބެ ސުވާލުކުރިއެވެ.
“ނޫނޭ ބޭބޭ….ރަނގަޅުވާނެ.” ހިބާ އެހެން ބުނެލީ ހިތަށްވެރިވި އެތައް ޖަޒުބާތެއް ފޮރުވަމުންނެވެ.
ފްލައިޓްމަތިން ފަރީދުބެ ވަނީ އޭނަ އާސިފާއި ކައިވެނިކޮށްފިނަމަ ބައްޕައަށް އިންސާފު ލިބިދާނެ ގޮތްވެސް ކުރުގޮތަކަށް ކިޔައިދީފައެވެ. ފަރީދުބެ ބުނި ގޮތުގައި އާސިފަކީ އެއްކަލަ ކުންފުނި ފަށަން އެއްވި މީހުންގެ ތެރެއިން މުހިއްމު މީހެއްގެ ދަރިއެކެވެ. އަދި މިއަދު އާސިފަށް ވެސް ކުންފުނީގެ ބޮޑު ޙިއްސާއެއް ލިބިފައިވެއެވެ. ފަރީދުބެގެ އުއްމީދަކަށް ވެފައިވީ ހިބާ އާސިފްގެ އަނތްބަކަށްވުމުން އެ ޙިއްސާގެ ބައެއް ހިބާއަށް ވެސް ލިބުމެވެ. އަދި ހިބާ، ބައްޕައާއިމެދު ކަންތައް ވީ ގޮތުގެ ވާހަކަ އާސިފަށް ކިޔައިދިނުމުން އާސިފް ބައްޕައަށް އިންސާފު ހޯދައިދޭނެކަމަށް ވެސް ފަރީދުބެ ބުންޏެވެ.
އެ ވާހަކަތައް ވެގެން ދިޔައީ ހިބާއަށް އެހާ ހަމަޖެހޭ ވާހަކަތަކަކަށް ނޫނެވެ. އާސިފްގެ އަނތްބަކަށް ވެގެން ކޮންމެހެން އޭނައަށް ލިބޭނީ އެ ކުންފުނީގައިވާ ބައްޕަގެ ޙިއްސާއެއް ނޫނެވެ. އަދި އަމުދުން ބައްޕައަށް އިންސާފު ހޯދައިދިނުމަށްޓަކައި އޭނަ އާސިފްގާތު އެ ވާހަކަ ބުނަންޖެހެނީ ކީއްވެތޯ ހިތަށްއެރިއެވެ. އާސިފްގެ ބައްޕައަކީ އެ ކުންފުނި ފަށަން އެއްވި މީހުންގެ ތެރެއިން މީހަކަށް ވާނަމަ، އާސިފްގެ ބައްޕައަށް އޭނަގެ ބައްޕަ އެނގޭނެނޫންތޯ ހިތަށްއެރިއެވެ. އާސިފްގެ ބައްޕަ އޭނަގެ ބައްޕައަށް ހެޔޮ އެދޭނަމަ މިދުވަސް ޖެހުނުއިރު ހުރިހާ ކަމެއް ޙައްލުވެފައިވީހެއް ނޫންތޯ ހިތަށްއެރިއެވެ. އެ ސުވާލުތައް ފަރީދުބެ ކައިރިން އަހަން އުޅެފައިވެސް ހިބާ އެކަން ނުކުރިއެވެ. މި ޙާލަތުގައި އޭނައަށް ނޭނގޭ ޙަޤީޤަތްތައް ވެސް ހުރެދާނެކަމަށް ނިންމަމުންނެވެ. އަދި އަމުދުން ފަރީދުބެ އޭނައާއިމެދު އެހާ ފިކުރުކޮށްފައި އޭނައާއި އިންނާނެ މީހަކު ހޯދައިދިނީތީ އެ މީހަކަށް ފުރުސަތު ދިނުމަށެވެ. ހިބާ އެ ނިންމުމާއިގެން ކުރިއަށްދާން ބޭނުންވީ ފަރީދުބެގެ އުއްމީދު ފެނަށް ދިޔަ ނުދިޔުމަށެވެ. ކޮންމެ ގޮތެއްވިޔަސް މި ނިންމުމަކީ އޭނައަށް ގޯސް ނިންމުމަކަށްވާނަމަ، އޭނަ ކުރި އިސްތިޚާރާ ނަމާދުގެ ސަބަބުން އެ ނިންމުމުން އޭނަ ދުރުވާނެކަމުގެ ޔަޤީންކަން އޮތީތީ ހިތްހަމަޖެހުމެއް ލިބިފައިވިއެވެ.
**
ހޮޓެލް ރޫމަށް ވަނުމަށްފަހު ހިބާ ހެދުން ވެސް ބަދަލުކުރުމެއްނެތި އެނދުގައި އިށީނދެ ހެޑްބޯޑަށް ލެނގިލީ، ވަރުބަލި ފިލުވައިލުމަށެވެ. އެހެން އިނދެފައި ހިބާ ފޯނުން އޮންލައިން ވެލީ ވައިބާރއިން ހަމްނާގެ މެސެޖެއް ވިޔަސް އައިސްފައި ހުރިތޯ ބެލުމަށެވެ. އައިސްފައިވި އެތައް ވައިބާރ މެސެޖުތަކުގެ ތެރެއިން ހިބާގެ ލޮލުގައި އެޅީ އޭނަ ތަންކޮޅެއް ކުރިން ކިޔަވައިދިން ދަރިވަރަކު ވީހާވެސް އަވަހަކަށް ޖަވާބު ދިނުމަށް އެދި ފޮނުވާފައި އޮތް މެސެޖެވެ.
އެއީ ހިބާ މުދައްރިސަކަށްވި ދެވަނަ އަހަރުގައި ގްރޭޑް 3 ގައި ކިޔަވައި ދީފައިވާ ކުއްޖެކެވެ. އެ ކުލާހުގައި ތިބި ބައެއް ކުދިން ފުރާވަރަށް އެޅުމުން ވެސް އޭނަ މަތިން ހަނދާން ނައްތައިލުމެއްނެތި ފޯނާއި އެއްޗެހި ލިބުމުން އޭނައަށް މެސެޖުކޮށް ހަދައެވެ. އެކުދިން އޭނައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެކުދިންގެ ޙަޔާތުގައި ދިމާވާ މައްސަލަތައް އޭނައަށް ކިޔައިދީ ކަންކުރަންވީ ގޮތަކާއިމެދު އޭނަގެ ލަފާ ހޯދައެވެ. މި ދަރިވަރުން އޭނައަށް އިތުބާރުކޮށް އޭނަގެ ނަސޭޙަތުގައި ހިފާ ފަދައިން އޭނަގެ އަމިއްލަ ކޮއްކޮ އޭނަގެ ނަސޭޙަތްތަކުގައި ހިފާނެނަމައޭ ބައެއްފަހަރު ހިބާގެ ހިތަށްއަރައެވެ.
އެވަގުތުވެސް އެ ޚިޔާލު ހިތަށް ވެރިވުމުން ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އެ ދަރިވަރުގެ ފަރާތުން އައިސްފައިވި މެސެޖު ހުޅުވައިލިއެވެ. އެ އަންހެން ކުއްޖާ ކުރުގޮތަކަށް ކިޔައިދީފައިވީ ފިރިހެން ކުއްޖަކު ކުއްލި ގޮތަކަށް އޭނައަށް ލޯބި ހުށަހެޅި ގޮތުގެ ވާހަކައެވެ. އެކަމާއިމެދު ކަންތައް ކުރުން ރަނގަޅުވާނީ ކިހިނެއްކަމަށް ސުވާލުކޮށްފައިވިއެވެ. އެވަގުތު އެކުއްޖާ އޮންލައިންގައި ހުރީތީ ހިބާ ހަމަ އެވަގުތުވެސް އެކުއްޖާއާއި ވާހަކަ ދެއްކިއެވެ. އެ ފިރިހެން ކުއްޖާ ކަމުދޭތޯ ސުވާލު ކުރަމުންނެވެ. އެއީ ރަނގަޅު ކުއްޖެއްތޯ ސުވާލުކުރަމުންނެވެ. އަދި އެކުއްޖާގެ މައިންބަފައިންނަށް ދޮގު ހަދައި، ޚުދު އެކުއްޖާއަށް ވެސް ދިރިއުޅުން ދަތިވެގެންދާނެ ފަދަ ގޮތަކަށް ކަންތައް ނުކުރުމަށް ނަސޭޙަތްތެރިވިއެވެ.
އާދައިގެ މަތިން އެ ކުއްޖާ ހިބާގެ ނަސޭޙަތް ޤަބޫލުކުރިއެވެ. އަދި ހިބާ ބުނި ގޮތަށް ކަންތައް ކުރުމަށް ކަނޑައެޅި ވާހަކަ ބުންޏެވެ. އެއަށްފަހު އެކުއްޖާ އެކުވެރިކަމާއެކީ ކޮށްލީ ސުވާލެކެވެ. އެއީ މުދައްރިސަށް ދުވަހަކުވެސް މިފަދަ ޙާލަތެއް ދިމާވިތޯ އެހިއެވެ. ހިބާއަށް އެ ސުވާލާއިމެދު ވިސްނައިލެވުނެވެ. އޭނަ މިހާތަނަށް ރައްޓެހިވީ ހަމައެކަނި ފިރިހެން ކުއްޖަކީ ރައުފްއެވެ. ރައުފް އޭނައަށް ލޯބި ހުށަހެޅީ ކުއްލި ގޮތަކަށެއްނޫނެވެ. ރައުފް އެކަން ކުރީ ޚުދު އޭނަވެސް އެކަމަށް އުއްމީދުކޮށްގެން ހުއްޓާއެވެ. އެކަން ހަނދާންވެފައި ނޫނެކޭ ބުނަން އުޅުނު ވަގުތު ހުއްޓުން އެރީ އެހެން ހަނދާނެއް އާވުމުންނެވެ. ކުއްލި ގޮތަކަށް ލޯބި ހުށަހެޅި ޙާލަތެއް އޭނަގެ ޙަޔާތުގައި އައިސްފައިވެއެވެ. އެހެނަސް އެ ލޯބި ހުށަހެޅީ ފިރިހެން ކުއްޖާއެއް ނޫނެވެ. އެ ލޯބި ހުށަހެޅީ އޭނައެވެ.
އެ ހަނދާން ކުއްލިއަކަށް އާވުމުން ހިބާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެހިނދު ޚިޔާލުތަކަށް ވެރިވާން ފެށީ، ރައުފްގެ ފަރާތުން ވެސް ނުކުރެވޭ ފަދަ އިޙްސާސެއް އޭނައަށް އެހެން ފިރިހެން ކުއްޖެއްގެ ފަރާތުން ކުރެވުނު ދުވަހެވެ.
ދާރިސްއަށްޓަކައި ކުލާހުގައި ސާބިތުކަމާއެކީ އަޑުހަރު ކުރުމަށްފަހު ގެއަށް އައިސް އެކަމާއިމެދު ވިސްނައިލެވުމުން ހިބާ ޖެހިލުންވާ ގޮތްވިއެވެ. އެހެން މުދައްރިސެއްގެ ފަރާތުން އޭނަގެ ޝަކުވާއެއް ބައްޕައާއި ހަމައަށް އައުމުން އޭނަ ކުރިމަތިލާންޖެހޭނެ ބައްޕަގެ ނުރުހުންތެރިކަމާއިމެދު ނުތަނަވަސްވާ ގޮތްވިއެވެ. ބައްޕަ އަޑުހަރު ނުކުރިޔަސް ބައްޕަ އޭނައަށް ނުރުހުންވުމުން އޭނަ ދެރަވެއެވެ. ގޭގައި އޭނަގެ އެކުވެރިއަކަށް ހުންނަނީ ހަމައެކަނި ބައްޕައަށް ވުމުން، ބައްޕަ ދުވަސްކޮޅެއް ވަންދެން އޭނައާއި ވާހަކަ ނުދައްކަން ނިންމައިފިނަމަ އެކަނިވެރިކަމެއް އިޙްސާސް ކުރެވެއެވެ. އެދުވަހު ކޮންމެހެން ވެސް ބައްޕަ ގެއަށް އައުމުގެ ކުރިން ނިދުމުގެ ބަހަނާ ހަމްނާ ލައްވާ ބައްޕައާއި ހަމައަށް ފޯރުކޮށްދޭން ބޭނުންވީ އެހެންވެއެވެ. ބައްޕަ ވަރަށް އުފާވާނެފަދަ ކަމެއް ކޮށްފައި ނޫނީ ބައްޕައާއި ކުރިމަތިލާން ބޭނުމެއް ނުވީތީވެއެވެ. އެހެނަސް އޭނަގެ އެ ރޭވުން ނާކާމިޔާބުވާން އުޅުނުހެން ހިބާއަށް ހީވީ، ބައްޕަގެ އަޑު ކޮޓަރިއާއި ނުހަނު ކައިރިން އިވިގެން ދިޔުމުންނެވެ. އަޑު އިވުމާއެކު ހިބާ އަވަސް އަރުވައިލަމުން ގޮސް އެނދަށް އަރައި ބޮލުގައި ރަޖާ އެޅިއެވެ. ބައްޕަ ކޮޓަރިއަށް ވަންނަން އުޅޭހެން ހީވި ވަގުތު އެހެން އޮވެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.
އެހެނަސް ހިބާއަށް ހަމަޖެހުމެއް ލިބިގެން ދިޔައީ، ދާރިސްގެ އަޑު އިވިގެން ދިޔުމުންނެވެ. އޭނަ ވަރަށް ރަނގަޅުކަމަށް ބުނެ ދާރިސް ބުނެލި ބަސްތައް އިވިފައި ހިބާއަށް ޤަބޫލުވެސް ނުކުރެވިފައި އޮވެވުނެވެ. ދާރިސް އިތުރަށް ވެސް ނުހަނު އޮމާންކަމާއެކީ އޭނަ ދިފާޢުކުރި ގޮތުން، އެ ވާހަކަ ދައްކަނީ ހަމަ ދާރިސްތޯ ވެސް ހިތަށްއެރިއެވެ. އަދި އަމުދުން ދާރިސް ވާހަކަ ދެއްކި ގޮތުން ބައްޕަ އޭނައަށް ނުރުހުންނުވާނެކަން ޔަޤީން ކުރެވުނު ހިނދު އަޖާއިބުވާހާވިއެވެ. ފިރިހެން ކުއްޖެއްގެ ފަރާތުން އޭނައަށް މިހާ ބޮޑު އެހީއަކާއި ރައްކާތެރިކަމެއް އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރަކީ އެއީއެވެ.
ބައްޕަ ކޮޓަރިއާއި ދިމާލަށް ހިނގައިގަތް ފިޔަވަޅުތަކުގެ އަޑާއިއެކީ ހިބާ އޭނަގެ ބޯމަތިން ރަޖާ ނަގައިލިއެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ތެދުވެލީ ދެންމެ ދާރިސް ދެއްކި ވާހަކަތައް ކަންފަތުގައި ގުގުމަމުން ދާ ޙާލުގައެވެ. ކޮޓަރީގެ ދޮރަށް ބަލަހައްޓައިގެން އެނދުގައި އިނދެފައި ހިބާ ކޮޅަށް ތެދުވެލީ ހަމަ އެވަގުތު ދާރިސްއަށް ޝުކުރު އަދާކުރަން ބޭނުންވުމުންނެވެ. އެހެނަސް އޭނަ ދޮރާއި ހަމަ ނުވަނީސް ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. އޭނަ ދުވަހަކުވެސް އަޑު ނާހާ ޒާތަކަށް ޓަކީގެ އަޑު އައުމުން މި ވާނީ އޭނަ ހީކުރާ މީހަކަށްތޯ ހިތާހިތުން ކިޔަމުން ގޮސް ހިބާ ދޮރު ހުޅުވައިލިއެވެ. އެ ހިނދު ދޮރުމަތިން ފެނިގެން ދިޔައީ އޭނަ އުއްމީދު ކުރި ސޫރައެވެ. ދާރިސް އައީ ކީއްކުރަންތޯ ހިތަށްއެރި ވަގުތު އޭނަ ވާހަކަ ދެއްކިއެވެ.
“ރައުފްއަކީ ކާކު؟” ދާރިސް ކޮށްލި ސުވާލާއެކީ އިސާހިތަކު ދެންމެ ހިނގިހާ ކަންތައް ހިބާ ހަނދާން ނެތިގެން ދިޔައީ، ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއި އެކީގައެވެ. ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި ރައުފްގެ ނަން ގަނެވުމުން، ހިބާއަށް ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބަލައިލެވުނީ ބައްޕައަށް އިވިދާނެތީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އިސާހިތަކު ދާރިސްގެ އަތުގައި ހިފައިލަމުން ދެވަނަ ވިސްނުމެއްނެތި އެ އަތަށް ދަމައިލަމުން ދާރިސް ކޮޓަރިއަށް ވައްދައި ދޮރު ލައްޕައިލެވުނީ ވެސް އެ ބިރުވެރިކަމުގެ ސަބަބުންނެވެ.
“ރައުފް އިޒް މައި ބޯއިފްރެންޑް! ބޭރު ތަންތާނގަ ނުދައްކައްޗޭ މި ވާހަކަ. ބައްޕަގާތު އަދި އަމުދުން ބުނެގެން ނުވާނެ. އިޓްސް އަ ޓޮޕް ސީކްރެޓް އިނގޭ؟” ހިބާ މަޑުކުރެވިފައިވި އަޑަކުން ވާހަކަ ދެއްކިއެވެ.
“ބޯއި…ފްރެންޑް؟” ދާރިސް ސުވާލުގެ ރާގަކަށް އެހެން ކިޔުމުން ހިބާއަށް ދާރިސްގެ މޫނާއި ދިމާލަށް ބަލައިލެވުނީ ޙައިރާންކަމާއި އެކީގައެވެ. ހިބާ އުއްމީދުކޮށްގެން ހުރީ ދާރިސް އާދައިގެ މަތިން އޭނަ ބުނާ ވާހަކައަކަށް ބޯޖަހައިލުމަށެވެ. އޭގެ ބަދަލުގައި ފުރަތަމަ ފަހަރަށް ސުވާލެއް ކޮށްލުމުން ހިބާ ހުއްޓުން އެރީއެވެ. ދާރިސްއަށް ބަލަހައްޓައިގެން ހުރެވުނު މަދު ސިކުންތުކޮޅުގެ ތެރޭގައި އެ މޫނުމަތިން ފާޅުވި އަސަރު ދޭހަކުރަން ހިބާއަށް ދަތިވިއެވެ. އޭނަގެ ލޯބިވެރިއެއް ހުރުމުން ދާރިސް ނުރުހުންވީކަމެއް ނޫނީ ދެރަވީކަމެއް ޔަޤީނެއް ނުކުރެވުނެވެ. އެ ދެ ޚިޔާލުމަތީގައި ހުރެފައި ހިބާ ވާހަކަ ދެއްކިއެވެ.
“ޔެސް….ބޯއިފްރެންޑް. ބައްޕަގާތު މި ވާހަކަ ނުބުނައްޗޭ ޕްލީޒް. އަދާރވައިސް އައިމް ޑެޑް. އެންޑް…..ތޭންކްސް ފޯ ޓުޑޭ.” ހިބާ އެ ފަހު ބަސްތައް ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. ދާރިސް ދެންވެސް އިސްޖަހަމުން އޭނައަށް ބަލަމުން ހުރިގޮތަށް ހުންނަން ފެށުމުން ހިބާއަށް އުދަގޫވާ ގޮތްވިއެވެ. ދެންމެ އިވުނު ވާހަކައިން ދާރިސް ހިތްހަމަނުޖެހި ދެރަވީކަން އެވަގުތު ހިބާއަށް ޔަޤީންވިއެވެ. އެއީ ކީއްވެކަމާއިމެދު ވިސްނެން ފެށި ހިނދު ހިބާއަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.
“ދެން ދާންވީއެއްނުދޯ؟ ބައްޕަ ނުރުހުންވާނެ ދާރިސް މި ކޮޓަރީގަ ހުރިތަން ފެނުނިއްޔާ.” ހިބާއަށް އަވަސްއަވަހަށް ބުނެލެވުނެވެ. ދާރިސް އެ ވާހަކައަށް ބޯޖަހައިލިއެވެ. އެއަށްފަހު ކޮޓަރިން ނިކުންނަން ދިޔައީ ގައިގައި ވަރެއްނެތް ފަދައިން ލަސް ހިނގުމެއްގައެވެ. އެހިނދު ދާރިސްއަށްޓަކައި ހިބާގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. ދާރިސްއަށް އޭނަ ކަމުދަނީތޯ ހިތަށްއެރިއެވެ. ދާރިސްއަށް އޭނަ ފެނުނުތާ މިއީ ތިންވަނަ ހަފްތާއެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިތުގައި އިޙްސާސްތަކެއް އުފެދިދާނެތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ. ދާރިސް ކޮޓަރިން ނިކުމެ ދޮރު ލައްޕައިލި މަންޒަރު ފެނިފައި ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދާރިސްއަށް އޭނަ ކަމުދިޔަޔަސް ކުރާނެ ކަމެއް ނެތޭ ހިތަށްއެރިއެވެ. އޭނަގެ ލޯބިވެރިއެއް ހުރެއެވެ. އަދި އަމުދުން ދާރިސްއަކީ އޭނައަށް ކަމުދާ ކަހަލަ ފިރިހެން ކުއްޖެއް ނޫނެވެ. އޭނައަށް ކަމުދާނީ އޭނަ ރައްކާތެރިކުރެވޭނެ ފަދަ މޮޅު އަދި ވަރުގަދަ ފިރިހެން ކުދިންނެވެ. ދާދި ދެންމެއަކު ދާރިސްގެ ކިބައިން އޭގެ ތެރެއިން އެއްކަން ތަޖުރިބާ ކުރެވުނެއްކަމަކު އެކަމުގެ މަތިން ހިބާ ހަނދާން ނައްތައިލީ ޤަޞްދުގައެވެ. އޭނަގެ ލޯބިވެރިޔާ ރައުފްއަށް ވަފާތެރިވުމަށެވެ.
އެހެނަސް ދެން ކަންތައްވާން ފެށީ ހިބާ ހީވެސް ނުކުރާ ފަދައަކުންނެވެ. މުޅި އެ ހަފްތާ ތެރޭގައި ރައުފް ސްކޫލުން ނުފެނި ހުރެފައި ހިބާއަށް އޭނަ ފެންނަ ގޮތްވީ ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެދުވަހު ނޭނގޭ ސަބަބަކާހުރެ ރައުފް އޭނަ ދުރުން ފެނުމުން ވެސް ނުފެންނަ ކަމަށް ހެދިއެވެ. އިންޓަވަލް ގަޑި ޖެހުމުން ވެސް ރައުފް އެހެންޏާ ހަދާހެން ކުދިން މަދުވެ މުދައްރިސް ވެސް ނުހުންނަ ގަޑިއެއްގައި އޭނަ ބަލައި އަންނާނެއެވެ. އަދި އޭނަ ގޮވައިގެން ސްކޫލްގެ ބިއްދޮށުގައި މީހުން ޢާއްމުކޮށް އެއްނުވާ ހިސާބަކަށް ގެންގޮސް ވާހަކަ ދައްކައި ހަދާނެއެވެ.
ނަމަވެސް އެދުވަހު އޭގެއިން އެއްވެސް ކަމެއް ހިބާއަށް ފެންނަ ގޮތެއްނުވިއެވެ. ސްޓާފް ރޫމަށް ދިޔުމަށްޓަކައި ކުލާހުން ނިކުތް ވަގުތަކު ކޮރިޑޯއިން ރައުފް ފެނިފައި ދެން ހިބާއަށް ރައުފް ފެންނަ ގޮތްވީ، އިންޓަވަލް ގަޑީގައި ކެންޓީނަށް ދިޔުމުންނެވެ. ރައުފް އިނީ އޭނަގެ އެކުވެރިންނާއެކީ މޭޒެއްގެ ދޮށުގައި އިށީނދެގެންނެވެ. ހިބާ އެ މޭޒާއި ކައިރިވެގެން ދިޔަދިޔަހެން ރައުފްގެ ގާތް 3 އެކުވެރިން ހިމޭންވެގެން ދިޔައެވެ. ވަގުތުގެ ބޭނުން ހިފައި ހިބާ ރައުފްގާތު އޭނައާއި އެކީ އައުމަށް ބުންޏެވެ. ރައުފް އުދަގުލެއްވެގެން އުޅޭ ފަދައަކުން ފުންނޭވައެއް ދޫކޮށް ގޮނޑިން ތެދުވެލީ ގޮތުން ހިބާގެ ހިތަށް އުދަގޫވިއެވެ. އެމީހުންގެ ގުޅުމަށް ވޭތުވެގެން ދިޔަ 7 މަސް ތެރޭގައި ރައުފްގެ ފަރާތުން އެފަދަ ސިފައެއް ފެނިފައި ނުވުމުންނެވެ. ރައުފް ހިނގައިގަތުމުން ހިބާ ތަންކޮޅެއް ދުރު ހިސާބަކުން ރައުފްގެ ފަހަތުން ހިނގައިގަތީ، ފަޒީން ރައުފްގާތު އެއްކަލަ ވާހަކަ ދައްކާފައިވަނީ ކޮން ގޮތަކަށްތޯ ހިތާހިތުން ސުވާލުކުރަމުންނެވެ.
ހިބާ އުއްމީދު ކުރިފަދައިން ރައުފް ދިޔައީ އެމީހުން ޢާއްމު ގޮތެއްގައި ބައްދަލުކޮށް އުޅޭ ތަނަށެވެ. އެތަނަށް ގޮސް ރައުފް އެއްޗެކޭ ނުބުނެ ފާރަށް ލެނގިލީ، ހިބާ އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައި ފަދައެވެ.
“ރައުފް…..ކިހިނެއްތަވީ؟” ހިބާ ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.
“ކިހިނެއްހޭވީ؟ އޭޒް އިފް….ހިބާއަށް ނޭނގޭ ވީގޮތެއް!” ފުރަތަމަ ފަހަރަށް ރައުފް އޭނައަށް ލޯ އަޅައި ހަރުއަޑުން ވާހަކަ ދެއްކުމުން ހިބާގެ ހިތް ބިރުގަތް ވަގުތު ހިތުގެ ތެޅުން އަވަސްވެ ނޭވާ ހިފަހައްޓައިލެވުނެވެ. އެ ބިރުވެރިކަމުގެ ސަބަބުން އިސާހިތަކު އަތްފައި ވެސް ފިނިވެގެން ދިޔައެވެ.
“ނޭނ….ފަޒީން އެއްޗެކޭ ބުނީތަ؟” ނޭވާ ކުރުވެފައިވާ ޙާލުގައި ހިބާއަށް އަހައިލެވުނެވެ.
“ހަމައެކަނި ފަޒީންތަ؟ މުޅި ރަށުގަ ތިބި އަހަރުމެން ޢުމުރުގެ އެންމެންނަށް އެ ވާހަކަ އެނގޭހެން މަށަށް ހީވަނީ. ހިބާ މަންމަން މޮޔަ މީހަކާ ރައްޓެހިވެގެން އުޅޭ ވާހަކަ!”
“ރައްޓެއްސެއް ނުވަމޭ ރައުފް. އެދުވަހު-“
“ނިކަން ފަސޭހައިން ތިހެން ބުނެވިދާނެއޭ…އެކަމަކު މަށަށް ހީވަނީ ހިބާ އެމީހަކާއެކީ ސްކޫލަށް އައިއްސަ، އެއްކުލާހުން އަނެއް ކުލާހަށް ގޮއްސަ، އެ މީހަކަށްޓަކައި މުޅި ކުލާހުގެ އެންމެންނަށް ބިރުދައްކާފަ، އެމީހަކާއެކީ އެއް ގެއެއްގަ އުޅެންޏާ އެއީ ހަމަ ރައްޓެހިވީހެން. ފޯ ހެވެންސް ސޭކް ހިބާ. އަހަރެން ވެސް އުޅެނީ ހިބާއާ އެކީގަ އެއް ގެއަކުއެއްނޫން!”
“ތިއީ އަހަންނަށް ބާރު ހިންގޭނެ ކަމެއްނޫނޭ ރައުފް! ބައްޕަ އެ ކުއްޖާ އަހަރުމެންގެ ގެއަށް ގެނައީ. އެއްގެއެއްގަ އުޅުނަސް އަހަރެން ދާރިސްއާ ކައިރި ނުވަން. ނުވެސް ވެވޭނެކަން ރައުފްއަށް އެނގެއެއްނު؟ ބައްޕަ ގޭގަ ހުއްޓާ އަހަރެން ކިހިނެއް އެހެން ހަދާނީ؟”
“މަށަކަށް ނޭނގޭ! އެނގޭ ކަމަކީ މިއަދު ވެސް ހިބާ އެ މީހަކާއި އަތު ގުޅާލައިގެން ސްކޫލަށް ވަދެގެން އައި މަންޒަރު މަށަށް ފެނުނުކަން. ހިބާއަށް އަންދާޒާވެސް ނުކުރެވޭނެ މަށަށް އެ މަންޒަރު ފެނިފައާއި މި ވާހަކަތައް އިވިފަ ދެރަވީ މިންވަރު!”
“އަތު ގުޅާލައިގެން ނާންނަމޭ އެންމެ ދުވަހަކުވެސް، ލޯބި. ބައްޕަ އޮންނަނީ މަނާވެސް ކޮށްފަ މިހާރު އެކީގަ ސްކޫލަށް އަންނަން. އަދި މިހާރު ދާރިސްއަށް ކުލާސްތަކަށް ދާންވެސް އެނގޭތީ އެހެންވެސް ނުދަން އަހަރެން…”
ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަގެ ލޮލުން ކަރުނަ ހިލިގެން ދިޔައީ، އޭނަ ބަލަބަލާ ހުއްޓާ ފާރަށް ލެނގިލި ރައުފްގެ ލޮލުންވެސް ކަރުނަތައް ފެނިގެން ދިޔުމުންނެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް ހިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. މިހާތަނަށް އައިއިރު ރައުފް ހައްތަހާވެސް އޭނަ އުފާވާނެ ގޮތަށް ކަންތައް ކޮށްފައިވީއިރު އޭނަ މި ހެދީ ކިހިނެއްތޯ ހިތަށްއެރިއެވެ. އެވަގުތު އޭނަގެ މޭގައި ރިހުމެއް އުފެދުނެއްކަމަކު ރައުފްގެ ހިތްހަމަޖައްސައިދިނުން މުހިއްމުވީ އެހެންވެއެވެ.
“އައިމް ރިއަލީ ސޮރީ ލޯބި. ދެން ދުވަހަކުވެސް ލޯބިއަށް ނުއިވޭނެ އެކަހަލަ ވާހަކައެއް. ލޯބި ދެރަވާ ކަހަލަ މަންޒަރެއް ނުފެންނާނެ. އަހަރެން ވަރަށް ލޯބިވޭ ރައުފްދެކެ. ރައުފްއާއެކީގަ މުޅި ލައިފްވެސް ހޭދަކުރަން ބޭނުންވަނީ….ރައުފްވެސް ބޭނުންވަނީ އެގޮތްކަން އަހަންނަށް އެނގޭ. އެހެންވީމަ ހިނގާބަލަ ދެމީހުން މި ކަންތައް ހަނދާން ނައްތައިލާފަ ކުރިއަށްދާން، ދޯ؟” ހިބާ ރައުފްގެ އަތުގައި ހިފައިލަމުން އެހެން ބުނެލި ވަގުތު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެން އައެވެ.
ރައުފްއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. ވާހަކަތަކުންނާއި ފިލްމުތަކުން ބުނާ ފަދައިން ފުރަތަމަ ލޯތްބަކީ ހަނދާން ނެތޭނެ އެއްޗެއް ނޫނެއްނޫން ހެއްޔެވެ؟ ފުރަތަމަ ލޯބި ގެއްލިއްޖެނަމަ އޭނަ ޖެހޭނީ އެހެން މީހަކާއި އެކީ އުޅެމުން ވެސް އެ ފުރަތަމަ ލޯބީގެ ހަނދާނާއިއެކީ އުޅެން ނޫންހެއްޔެވެ؟ އެ ޚިޔާލުން ވެސް ހިބާގެ ސިކުނޑިއަށް ވެރިވި ހާސްކަމުން ވާހަކަ ދެކެވެން އުޅުނެވެ. އެހެނަސް އޭގެ ކުރިން ރައުފް ވާހަކަ ދެއްކިއެވެ.
“ލެޓްސް ބްރޭކް އަޕް…” ރައުފް އެހެން ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެއެވެ.
“ވަޓް؟!” ހިބާއަށް ޤަބޫލުކުރަން ދަތިވެފައި އަހައިލެވުނެވެ.
“ތިއިވުނީ ރަނގަޅަށް ހިބާ. އަހަރެން ދެން ބޭނުމެއްނޫން ހިބާއާއެކީ އުޅޭކަށް. އާފްޓާރ ވަޓް ހެޕެންޑް….އައި ރިއަލީ ތޯޓް ވީ ވުޑް ލާސްޓް ފޮރެވާރ. އެކަމަކު އެހެންނެއްނުވި ދޯ؟” ރައުފް އެހެން އަހައިލީ އޭރުވެސް ހިތާމަވެރިކަން ވެރިވެފައިވި މޫނަކާއެކީ ހިބާއަށް ބަލައިލަމުންނެވެ. ހިބާއަށް ކުރު ނޭވައެއް ދޫކޮށްލެވުނު ވަގުތު ރައުފް ދިޔައީއޭ ބުނަމުން ހިނގައިގަތެވެ. ރައުފް އޭނަގެ ކައިރިން ލާފައި ދިޔުމުން ވެސް ހިބާއަށް ހުރި ގޮތަށް ހުރެވުނެވެ.
އެވަގުތުކޮޅުން ފެށިގެން ދުވަސްތައް ފާއިތުވާން ފެށި ގޮތެއް ހިބާއަށް ސާފެއް ނުވިއެވެ. އެނގުނުހާ ވެސް ކަމަކީ އޭނަގެ މޭތެރޭގައި ރިހުމެއްވި ކަމެވެ. އަދި އޭގެ ސަބަބުން ދޭތެރެދޭތެރެއިން ރޮވެމުން ދިޔަކަމެވެ. ފުރަތަމަ ލޯބި ގެއްލުމުން އޭނަގެ ދިރިއުޅުން ނިމުމަކަށް އައީހެން ހީވިއެވެ. ދުވަހަކުވެސް އޭނަ ދެރަކޮށްނުލާނެ ކަމަށް ހީކުރި މީހަކު އޭނަ ދެރަކޮށްލުމުން ނަފްސާނީ ގޮތުން އަސަރުކުރިއެވެ. އެ ގުޅުމުގެ ފަހު ވަގުތު ވެސް ރައުފްގެ ވާހަކަ ހުރި ގޮތުން އެ ހުރިހާ ކަމަކަށްޓަކައި ހިބާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. މި ޢުމުރުގައި ކުއްޖަކާއި ރައްޓެހި ނުވުމަށް ބައްޕަ އޭނައަށް އަންގާފައިވަނީ މި ހުރިހާ ކަމަކުން ރައްކާތެރި ކުރަން ކަމެއް އެހާ ހިސާބަށް ދިޔައިރު ވެސް ހިބާއަށް ދޭހައެއް ނުކުރެވެއެވެ. މުޅިން ވެސް ވިސްނެމުން ދިޔައީ ރައުފް އާއި އޭނައާއި ދެމެދު ދެން އެއްވެސް ގުޅުމެއް ނޯންނާނެ ކަމާއިމެދުގައެވެ.
ހިތާމަތަކުގެ ތެރެއިން ހިބާ ސްކޫލަށް ދަމުން މަސައްކަތްތައް ނިންމަމުން ދިޔައީ ބައްޕަގެ އިތުރު ސުވާލުތަކާއި ކުރިމަތި ނުލުމަށެވެ. ގޭގައި އުޅޭ ވަގުތުގައި ކާން މަންމަ ނޫނީ ބައްޕަ ގޮވުމުން ނޫނީ އޭނަ ކޮޓަރިން ނުނިކުމެއެވެ. މިފަދަ ގޮތަކަށް އުޅެމުން ދަނިކޮށް ހިބާއަށް އިތުރު ޝޮކެއް ލިބިގެން ދިޔައީ، ރައުފް އޭނައާއި ވަކިވިތާ މާ ގިނަ ދުވަހެއް ނުވެ އެހެން އަންހެން ކުއްޖަކާއި ރައްޓެހިވުމުންނެވެ. އެ ކުއްޖާއަކީ ހިބާއާއި އެއްވަރަށް ސްކޫލްގައި މަޝްހޫރު ކުއްޖެކެވެ. އެހެނަސް އެއީ ބުރުގާ ނާޅާ، އަދި އެކި ގޮތްގޮތަށް އިސްތަށިގަނޑު ހަދައިގެން އަންނަ ކުއްޖަކަށްވުމުން އެ ކުއްޖާ ހިބާއަށްވުރެ ރީތިކަމަށް ހިބާވެސް ޤަބޫލުކުރެއެވެ.
ރައުފް އެކުއްޖަކާއި ރައްޓެހިވި ވާހަކަ އިވުމުން ހިބާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިހުނަށްވުރެ ވެސް ދަށްވިއެވެ. އަމިއްލަ ނަފްސުގެ އަގަކީ ރައުފް އޭނައާއިމެދު ދެކޭގޮތް ކަމަށް މި ހުރިހާ ދުވަސް ވަންދެން ނޭނގިނަމަވެސް ހިތާހިތުން ޤަބޫލު ކުރެވިފައިވުމުންނެވެ. އަދި އަމުދުން ރައުފް އެ ކުއްޖާއާއި ރައްޓެހިވުމުން ތުންތުންމަތިން އިވެން ފެށި އެހެނިހެން ވާހަކަތަކުން ހިބާ އިތުރަށް ދެރަވާ ގޮތްވިއެވެ. އޭނައަށް އެކަން އެނގޭ ޙާލުވެސް ފިރިހެން ކުދިން އޭނައާއި ރައުފް މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާ އަޅައި ކިޔާ އަޑުތައް އިވުނެވެ. މިހާރު ރައުފްއަށް ލިބުނީ ރައުފްއާ ގުޅޭ ޒާތުގެ ކުއްޖެއްކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކަތަކެވެ. އަންހެން ކުދިން ވެސް ހޫނު ޚަބަރެއްގެ ގޮތުގައި ހިބާއާއި ރައުފް ވަކިވީ ވާހަކަ ދައްކަމުން ދިޔަ ގޮތެވެ. އެ ގުޅުން ކަނޑައިލަން ނިންމީ ރައުފްކަން އެ އަންހެން ކުދިންނަށް އެނގުނީ ކިހިނެއް ކަމެއްވެސް ހިބާއަށް ނޭނގެއެވެ. ހިބާގެ ކެތްތެރިކަން ކޮޅުންލާ ގޮތްވީ އެއްދުވަހު ރައުފްއާއި ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާވެސް ދެއްކި ވާހަކައަކުންނެވެ.
“ހަމަ ނަސީބެއް ރައުފް އެ އަންހެނެއްގެ ކިބައިން ސަލާމަތްވިކަން. ރައުފްއަށް ބޭވަފާތެރިވީ ކޮންމެވެސް މޮޔަ މީހަކަށްޓަކައި. މިހާރު އެހެރީއެއްނު އެކަނިވެރިވެފަ؟ ބޭވަފާތެރިންނަށް ވާނީ އެހެން. ރައުފްވެސް ނުލިބުނީ. މޮޔަ މީހާވެސް ނުލިބުނީ!” އެ އަންހެން ކުއްޖާ އެކުވެރިންނާއި ވާހަކަ ދައްކަމުން ހިނިގަނޑެއް ޖަހައިލީ، ކުލާހުގައި ހިބާ އިންދާ އެންމެ ފަހަތު ބަރީގައި ތިބެގެންނެވެ. އެ ވާހަކަ އަދި އެ އަންހެން ކުއްޖާގެ ދުލުން އިވިގެން ދިޔުމުން ހިބާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ރުޅީގައި ހިބާ ބޭނުންވީ އެ އަންހެން ކުއްޖާއަށް ދުލުން ރައްދެއް ދިނުމުގެ ބަދަލުގައި ޢަމަލުން ރައްދެއް ދިނުމަށެވެ.
ސިކުނޑިއަށް ވެރިވި ޚިޔާލާއެކީ ހިބާ އެ ވަގުތުކޮޅުގައި ތެދުވުނު ގޮތަށް ހިބާ ކުލާހުން ނިކުމެގެން ގޮސް ހިނގަން ފެށީ ސްކޫލްގެ ލައިބްރަރީއާއި ދިމާލަށެވެ. ދިގު ފިޔަވަޅުތަކެއްގައި ހިބާ ހިނގާފައި ދިޔަ ގޮތުން އޭނަ ކުރަން ނިންމައިގެން ހުރި ކަންތައް ޙާޞިލުކޮށްފައި ނޫނީ ނުހުއްޓާނެކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ސްކޫލްގެ ޢިމާރާތަކުގެ ތެރެއިން މެދުގައި ހުންނަ ޢިމާރާތުގެ ދެވަނަ ބަރިއަށް ދިޔުމަށްޓަކައި ހިބާ ސިޑިން މައްޗަށް ދިޔައީ ވެސް ދުވެފައެވެ.
ސިޑި ގިރާ ކުރުމަށްފަހު ކުޑަކޮށް މަޑުކޮށްލަމުން ހިބާ އޭނަ ނަޒަރު އަމާޒުކޮށްލީ، ތިން ދޮރު ފަސްކޮށް ދެވެން ހުރި ލައިބްރަރީގެ ދޮރާއި ދިމާލަށެވެ. އެއަށްފަހު އެދިމާލަށް ދާން ފެށީ ފުން ނޭވައެއް އެތެރެއަށް ލަމުންނެވެ. ލައިބްރަރީގެ ދޮރާއި އަރައި ހަމަވީ ވަގުތު އެ ދޮރު ހުޅުވިގެން ދިޔައެވެ. އަދި އެތަނުން ނިކުމެގެން އައީ ދާރިސްއެވެ. ދާރިސް ހިބާ ފެނުމާއިއެކު ހިބާ އުއްމީދު ކުރި ފަދައިން އިސްޖަހަމުން އިސްއުފުލަމުން ބަލަން ފެށިއެވެ. ކަންދިމާކުރި ގޮތުން އެ ވަގުތަކީ ދާރިސްގެ ފުރަގަހުން ރައުފް އޭނަގެ އެކުވެރިންނާއެކީ އަންނަމުން ދިޔަ މަންޒަރު ހިބާއަށް ފެނުނު ވަގުތެވެ. އަދި ހިބާއަށް ނޭނގުނު ނަމަވެސް އޭނަގެ ފަހަތުން އެއްކަލަ އަންހެން ކުދިންވެސް އެހާ ހިސާބަށް އައިސްފައިވި ވަގުތެވެ. ރައުފް އޭނައަށް ބަލަން ހުރިތަން ފެނިފައި ހިބާ ދާރިސްއަށް ބަލައިލިއެވެ.
“އައި ލަވް ޔޫ، ދާރިސް.” ހިބާ ދެވަނަ ވިސްނުމެއްވެސް ނެތި ބުނެލިއެވެ.
ނުނިމޭ
Jana
July 14, 2021 @ 12:33 pm
Assalaam’alaikum. Mifaharu Jana beynunvi hisaabakah noon mi genesdhevuny. Ehenve dheravefa mihiry :'( Mi baiga detail koffa mihiry adhi fahun muhimmuvaane baeh ^_^
In Sha Allah dhen anna bayakun Ethan ge bodu baeh fennaane. Stay safe dear readers! Much love! <3 <3 <3
Ibaa
July 14, 2021 @ 3:03 pm
story vrh reethi. Masha Allah. Butt thankoleh kuruhen hyvany mi part. Looking foward for the next part. hope we will learn lot of lessons from this story as well. In sha Allah. Fee Amaanillah ( Stay in the safety of Allah ) ❤. Lots of Love. Ibaa
Jana
July 18, 2021 @ 9:04 am
aneh bai dhigu kohdhevunu dho Ibaa Alhamdhulillah! <3 In Sha Allah kuriah oiy thaaga adhi varah gina filaavalhuthah libigen dhaane. Lots of love <3 <3 <3
Aayaa
July 14, 2021 @ 3:25 pm
i can’t believe hiba dhaaris gaathu love you bunyma. Swis ah dheveyny vx adhi Asif aa meet kohfa dhw. really interested to read e part thah. enme fahun mi part vx nimijje. hope dhen paert v avh kiyalan libeyne kamah. lots of love.. stay home and safe❤✨
Jana
July 18, 2021 @ 9:05 am
Dho Aaya? Dhaaris aa eky aharumen ves Hiba shock kollaifi. Mihaaru engijje dho Asif aa dhimaaveema veegoiy? Asif aa Hiba gulheyneba? hehe…Lots of love. Stay home, stay safe! ❤
Aayaa
July 14, 2021 @ 3:26 pm
dhaaris ge answer aky koba thw balan keh madhuvefa mihuhry ingey.🤣
Jana
July 18, 2021 @ 9:06 am
Adhives answer neynge dho Aaya. Balamaa Dhaaris hadhaa gotheh 😉
Zaeyn...
July 14, 2021 @ 4:18 pm
omg.. wowww.. alhe v curious kohllafa thi ninmaaly.. waiting for next part.. v salhi mi part vx ingey sis.. lysm be safe
Jana
July 18, 2021 @ 9:07 am
Aneh part mihaaru Zaeyn kiyaafa kanneynge hunnaany. it won’t leave you less curious. hehe…love you too. Stay safe <3 <3 <3
Mish
July 15, 2021 @ 1:04 am
Whatt
Hiba said i love you to dhaaris??!😮
When did she even start to like him?
Wow sis this is amazing
Maasha allah
Jana
July 18, 2021 @ 9:08 am
Dho dho Mish? Ey kon iraku veekameh baa. kuriah kiyaalamaa Hiba ah mivaa goiy balan. hehe…Alhamdhulillah!
kokki
July 15, 2021 @ 3:46 am
what just happened?
sis u gave me a shock.
mi part geves ninmin varah salhi masha allah
dhen anna part varah interesting vaane mi veegothun
Jana
July 18, 2021 @ 9:09 am
Imagine how shocked Dhaaris would be 😉 haha! Adhi kuriah othy interesting baithah kokki. Just hang in there 😀 <3
💜
July 17, 2021 @ 3:37 pm
Rauf ah adu ivvan kahneyge ehn ebuny.. ehn viyas dhaaris ge answer balaalaa hithun vrh kehmadhu vejje. kn irakun next part kiyaalan libeyny 😊
Jana
July 18, 2021 @ 9:10 am
Purple heart bunigothah dho hama vy Ma Sha Allah! 14 vana bai kiyaalahchey vaagoiy balailan ^_^