ދާރިސް (ސާޅީސްވަނަ ބައި)
އިރުގެ އަލިކަން ހުދުކުލައިގެ ފަރުދާތަކުގެ ދޭތެރެއިން ފުރޭނިގެން ގޮސް، ލޯމަރައިގެން އޮތް ދާރިސްގެ މޫނަށް އެޅިގެން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އެ ލޯ ތަގުޅިވެ، ލަސްލަހުން ހުޅުވިގެން ދިޔައެވެ. އޮވެވުނު ތަން އެނގުންވެގެން ދިޔުމުގެ ކުރިން، އޭނަގެ އަތުތެރޭގައި އޮތް ހިބާގެ ތުނި ހަށިގަނޑުގެ އިޙްސާސް ކުރެވުމުން ހިނިތުންވެލެވުނެވެ.
ނުހަނު ގާތުން ހިބާގެ މޫނު ފެނިގެން ދިޔުމުން ލޯބިން ފުރިގެން ދިޔަ ހިތަކާއި އެކީ ދާރިސް ހިބާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. ދާރިސް ހީކުރީ އޭނަގެ އެ ޙަރަކާތުން ހިބާ ހޭލެވޭނެ ކަމަށެވެ. އެހެނަސް ހިބާ އިތުރަށް އޭނައާއި ގާތްވެ އަރާމުވެލުން ނޫންކަމެއް ނުކުރުމުން ދާރިސް ހީލެވުނެވެ.
ހަމައެއާއިއެކު ރޭ ދެމީހުންގެ ދެމެދުގައި ހިނގި ކަންތައް ލޮލަށް ސިފަވެގެން ދިޔަދިޔަހެން ދާރިސްގެ މޫނު ރަތްވެގެން ދިޔައެވެ. ދަމުނަމާދަށް ގޮވުމުން ހިބާ ހޭލުމަށްފަހު އޭނަ ފެނިފައި ހިބާގެ މޫނުވެސް ރަތްވެގެން ދިޔަ ފަދައިންނެވެ. ހިބާ ވަގުތުން އޭނައަށް މޫނު ފޮރުވުމަށްޓަކައި މޫނުގައި ރަޖާ އެޅިއެވެ. އެއަށްފަހު އެ ދެމެދުގައި ސަމާސާތަކާއި ހުނުންތައް ބަދަލުވެގެން ދިޔައެވެ. އެހެނަސް ދެމީހުން ވެސް މާ ގިނައިރެއް ނުކޮށް ނަމާދަށް ތައްޔާރުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހިބާ ވަރުބަލިވެފައިވާނެ މިންވަރު ދާރިސްއަށް އަންދާޒާ ކުރެވިގެން ދިޔައީ އެއަށްފަހު ވޭތުވެގެން ދިޔަ ވަގުތުކޮޅުތަކުގައެވެ. ދެމީހުން އެކީގައި ނަމާދުކުރީ ދާރިސް އެއްކަލަ ފިހާރައިން ގެނައި ފަސޭހަ ހެދުންތަކަށް ހެދުން ބަދަލުކޮށްގެންނެވެ. އޭގެ ތެރެއިން ދާރިސް ހިބާއަށް ދޭން ގަނެގެން އައި ސްކާފް އެޅުމުގެ ތެރޭގައި އެތައް އޮޅުމެއް އެރުމުން ހިބާއަށް ރަނގަޅަށް ނުވިސްނޭކަން އެނގުންވިއެވެ. އަދި ހިބާ އޭނައާއި ހިނިތުންވަމުން ދިޔައިރު އެ ލޮލާއި ހަމައަށް އެ ހިނިތުންވުން ނުފޯރާކަން އެނގުންވިއެވެ. އެކަން އެނގުންވި ހިނދު އެހާ އަވަހަށް ހިބާއަށް ގޮވުނީތީވެސް ދާރިސްއަށް ހިސާބަކަށް ހިތާމަ ކުރެވުނެވެ.
އެހެނަސް ދާރިސް ހިބާއަށް ގޮވީ، ހިބާ ވެސް ޤަވާޢިދުން ދަމުނަމާދު ކުރާކަން ކައިވެނީގެ ކުރިން ދެކެވުނު ވާހަކަތަކުގެ ތެރެއިން އިވިފައިވާތީވެއެވެ. އޭނައާއި ކައިވެނިކޮށް ހިބާގެ ޙަޔާތަށް ބޮޑު ބަދަލެއް އަޔަސް، ހިބާ ކުރަމުންދާ އަޅުކަމަކަށް ބަދަލެއް ގެންނަން ދާރިސް ބޭނުމެއް ނުވީތީވެއެވެ. ޘަވާބު ލިބޭނެ ކޮންމެކަމެއް ހިބާއާއި އެކީގައި ކުރަން ދާރިސްގެ ހިތް އެދުނު ވަރުންނެވެ.
ނަމާދަށްފަހުވެސް ދާރިސް ހިބާއާއި އިރުކޮޅަކަށް ވާހަކަ ދައްކަން ބޭނުންވިއެވެ. ހިބާއާއި އެކީ ވަގުތު ހޭދަކުރަން ބޭނުންވިއެވެ. އެހެނަސް ހިބާ ފަތިސް ނަމާދު ނިމުމާއިއެކު އޭނަ އަރާމުކުރަން ދިޔަޔަސް އެންމެ ރަނގަޅުތޯ އެހިއެވެ. ހިބާގެ އެ އެދުމުން ދާރިސްގެ ހިތުގައި ޝަކުވާއެއް އުފެދުނެއްކަމަކު ދާރިސް އެ ވާހަކައަށް އާނބަސް ދިނީ ލޯތްބާއިއެކީގައެވެ. އޭނައަކީ އެހާ ފަސޭހައިން ނިދި އަންނަ މީހަކަށް ނުވިޔަސް ހިބާއަށް އަރާމު ބޭނުންވާނެކަން ދަނެގެންނެވެ. ދެމީހުން އެކަކު އަނެކަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަށް އިޙްތިރާމްކުރަން ކައިވެނީގެ ކުރިން އެއްބަސްވެފައިވާތީ ވެސްމެއެވެ.
ހިބާ ނިދަން އޮށޯތުމުން ދާރިސްވެސް ހިބާގެ ކައިރީގައި އޮށޯތުމުން އޭނައަށް ވެސް އެގަޑީގައި ނިދިފައިވާތީ ދާރިސްއަށް ޙައިރާންކަމެއް ލިބުނެވެ. އޭނައަކީ އެހާ ފަސޭހައިން ކޮންމެ ކޮންމެ ގަޑިއެއްގައި ނިދޭ މީހެއް ނޫނެވެ. އޭނަގެ ތެރަޕިސްޓް ކިޔައިދީފައިވާ ކައިވެނީގެ ފައިދާތަކުގެ ތެރެއިން ފައިދާތައް އޭނައަށް ލިބެން ފެށީތާއޭ ހިތަށްއެރި ހިނދު، ދާރިސްއަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
އެވަގުތު ވެސް އެހެން ދުވަސްދުވަހާއި ޚިލާފަށް ހެނދުނު ހޭލާއިރަށް ގަޑިން ވާއިރެއް ބަލައި ދުވަހުގެ ކަންތަކާއިގެން ކުރިއަށް ދިޔުމުގެ ބަދަލުގައި، އޭނަ ލޯބިވާ އަންހެން ކުއްޖާގެ ކައިރީގައި އޮންނަން ބޭނުންވި ގޮތުން އޭނައަށް ބޮޑެތި ބަދަލުތައް އަންނަން ފަށާފައިވިކަން ދާރިސްއަށް އެނގުންވިއެވެ. ކޮންމެއަކަސް ދާރިސް ލަސްލަހުން ހިބާއާއި ދުރުވެ، ބާލީސްމައްޗަށް ހިބާގެ ބޯ ތިރިކޮށްލަމުން އެނދުން ތެދުވެލީ، ހިބާ ތެދުވަންވާއިރަށް ހިބާއަށް ފެންނާނެ މަންޒަރު ރީތި ކުރުމަށް ހިތް އެދުނު ވަރުންނެވެ.
އެކަމަށްޓަކައި ދާރިސް އެނދުން ތެދުވެލަމުން ދިޔައީ، އެނދުގެ އެއްފަރާތުން ފެންނަމުން ދިޔަ ހުދުކުލައިގެ ލޭސް ފަރުދާތަކުގެ ކައިރިއަށެވެ. އެ ފަރުދާތައް ދެ ފަރާތަށް ކަހައިލުމާއިއެކު ފެނިގެން ދިޔައީ، ބެލްކަންޏަށް ނިކުމެވޭ ސާފު ބިއްލޫރި ދޮރެވެ. އެ ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔައީ، ގޭގެ ކުރިމައްޗަށްވާ ގޮތަށް ހުރި މަގާއި، އެ މަގު ފަހަނަޅައި ދެވެން އޮތް މަޑު ފެހި ކުލައިގެ ވިނަ ކާރޕެޓާއި، ދުރުދުރުން ފެންނަމުން ދިޔަ ފަރުބަދަތަކެވެ. ހެނދުނުގެ އެ ވަގުތުގައި އަވިދެމުން ދިޔަ ގޮތުން ރޭ ފޭބި ސްނޯގެ އެއްވެސް އަސަރެއް ފެންނާކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ހެނދުނުގެ އަވިން އެ ސްނޯ ވިރިފައިވަނީކަން އެނގުންވުމުން ދާރިސް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ. ހެނދުނުގެ ވަގުތުގައި ނިދުމުގެ އިތުރުން އޭނައަށް ހޭލެވިފައި މި ވަނީ ވެސް އާދަޔާ ޚިލާފަށް ލަހުންތޯ ހިތާހިތުން ކިޔައިލެވުނެވެ. އެކަމާއިމެދު އޭނަ އެހާ ބޮޑަށް ހާސްވެސް ނުވިގޮތުން ދާރިސްއަށް ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު ފުރަގަހުން ހިބާގެ ޙަރަކާތްތަކަށް ބަދަލެއް އައިހެން ހީވުމުން ދާރިސްއަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު ހިބާ އަނެއްފަރާތަށް އޮވެފައި މޯޅިއަކަށް ދެމިލަމުން އޭނައާއި ވީ ފަރާތަށް އެނބުރިލީއެވެ. އެއާއިއެކު ހެނދުނުގެ އަލިކަން އިޙްސާސް ކުރެވިގެން ދިޔުމުން ހިބާގެ ލޯ ތަގުޅިވެ، ލަސްލަހުން ހުޅުވެން ފެށިއެވެ.
“އޫޕްސް….ނިދި ޚަރާބުވެއްޖެދޯ؟ ސޮރީ!” ދާރިސް އެހެން ބުނެލީ ހިބާގެ ކުރިމައްޗަށް އަރަމުން އޭނަގެ ހިޔަނި ހިބާއަށް އެޅޭތޯ މަސައްކަތް ކުރަމުންނެވެ. އެހެނަސް އެވަގުތު ހިބާ އެއްކޮށް ހޭލެވިގެން ހިނިތުންވެލީއެވެ.
“ނޫނޭ ދެން ހަމަ ތެދުވަންވީ…..ސުބްޙާނަ ﷲ! ކޯޗެއްތަ އެ ފެންނަނީ؟” ހިބާ އެނދުން ތެދުވެ ލޯ އުނގުޅަމުން އެއްފަރާތަކަށް ބަލައިލިތަނާ ފެނުނު މަންޒަރުން ލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދާރިސް ލުއި ގޮތަކަށް ހީލި ވަގުތު ހިބާ އަވަސްއަވަހަށް އެނދުން ފޭބުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދާރިސްއާއި އެއްހަމައެއްގައި މަޑުކޮށްލިއެވެ. އެއާއިއެކު ބޭރު ތެރޭގެ ޤުދުރަތީ މަންޒަރު ފުރިހަމައަށް ފެނިގެން ދިޔުމުން ހިބާއަށް އަނގަމަތީގައި ދެއަތް އަޅައިލެވުނެވެ.
“ސުބްޙާނަ ﷲ….މިއީ ހުވަފެނެއްތަ؟” ހިބާ އަނގަމަތިން އަތް ނަގައި އެ ބިއްލޫރި ދޮރުގައި އެއްއަތް ޖައްސަމުން އެސްފިޔަ ޖަހައިލުމެއްނެތި ބަލަމުން އަހައިލިއެވެ.
“ހެހެ…..ނޫނޭ ހިބާ…މިއީ ހުވަފެނެއްނޫން. ހުވަފެނެއްހެން ހީވާ ވަރަށް ރީތި ޙަޤީޤަތެއް….އަލްޙަމްދުލި ﷲ!” ދާރިސް ހިބާގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި ބުންޏެވެ. އެއާއިއެކު ހިބާ ދާރިސްއަށް ބަލައި އެ މަންޒަރަށް ބަލަން އުޅުނެއްކަމަކު ދާރިސް ހުރިގޮތުން އެ ދިމާލަށް ބަލައިލަން ނުކުޅެދުނެވެ.
“އަޅެ ދެން ތިހާ ރީތި ފިރިހެނަކު އަހަންނަށް ބަލަން ހުރެ ތިހެން ބުނީމަ މާ ބޮޑަށް ހީވާނީ ހުވަފެނެއްހެން ނޫންތަ؟” ހިބާ ރާގަކަށް އެހެން ބުނެލި ގޮތުން ދާރިސްއަށް ހީލެވުނެވެ. އެ ލުއި ހީލުމާއިއެކީ ދާރިސް ލަސްލަހުން ގޮސް ހިބާގެ ފުރަގަހުން ހިބާގެ ގައިގައި ބައްދައިލިއެވެ.
“އެންމެ ރަނގަޅެއްނޫންތަ؟ ދެމީހުން އެކީގަ ހިނގާ ދުވަސްކޮޅެއް ވަންދެން މި ހުވަފެނުގަ އުޅެލަމާ…” ދާރިސް އެހެން ބުނެލީ ހިބާގެ ކޮނޑުގައި ދަތްދޮޅި ޖައްސަމުންނެވެ. އަދި އެ ވާހަކަ ބުނުމަށްފަހު ހިބާގެ ކޯތާފަތުގައި ބޮސްދިނީ އެކަމަށް ހިތް އެދުނު ވަރުންނެވެ.
“ކީއްވެ ދުވަސްކޮޅަކަށޭ ތި ބުނީ؟ މުޅި ޢުމުރަށް ހިނގާ މިގޮތަށް އުޅެލަން…އަދި ޢުމުރު ހުސްވީމަ ސުވަރުގޭގައި ވެސް މި ދުވަސްތައް ކުރިއަށް ގެންދަންވާނެ އިން ޝާ ﷲ…” ހިބާ ބުންޏެވެ. ދާރިސް އެ ވާހަކައަށް ހިނިތުންވެލަމުން ‘އިން ޝާ ﷲ’ އޭ ބުނެލިއެވެ. އެއަށްފަހު ވޭތުވެގެން ދިޔަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ހިބާއެވެ.
“ގަޑިން ކިހާއިރެއްވީ ދާރިސް؟ އަހަރެންގެ ފޯނު އަދިވެސް އޮތީ ކާރުގަދޯ؟” ހިބާ ދާރިސްއާއި ދުރުވެ ދާރިސްއާއި ކުރިމަތިލަމުން ސުވާލުކުރިއެވެ.
“ގަޑި ބަލަނީ ކީއްކުރަން؟ ރީތި ހުވަފެންތަކުގަ މީހުން ޢާއްމުގޮތެއްގަ ގަޑި ބަލައި ނުއުޅެއޭ…” ދާރިސް ހަށަން ބަނދެލަމުން ބުންޏެވެ.
“މިހެން މި ބުނަނީ ކޮންމެ ކަމެއް ކުރުމުގެ ކުރިން ގަޑި ބަލައި ހިތަށް އަރާ ގަޑިއަކަށް ކޮންމެ މަސައްކަތެއް ނިންމާ މީހާ….އޭރުއްސުރެ ނުނިދަންދޯ؟ ރޫޓީންގަ އެ ގަޑީގަ ނިދުން ނޯންނާތީ؟”
“ޔޫ އާރ ސޯ ރޯންގް! އަހަރެން ނިދިން ހަމަ ހިބާ ވެސް ނިދި ވަރަކަށް….ހަމަ ދާދި ދެންމެއަކު މި ހޭލީވެސް…”
“ދޮގު!”
“ކަމޯން! ޔޫ ނޯ އައި ޑޯންޓް ލާއި…..އައި ކާންޓް ލާއި!”
“އަސްލުވެސްތަ؟ އަހަންނާއިހެދި ގަދަކަމުން އެ ގަޑީގަ ނިދީތަ؟ ރޫޓީން ބަދަލުވީމަ ވަރަށް އުދަގޫ އެބަވޭދޯ؟ އަހަންނަށް ސަޕްރައިޒެއްދޭން ގެޓްއަވޭއަކަށް އަންނަން ޖެހުމާއި، އަހަންނާއި އެކީގަ ނިދަން ޖެހުމާ…..ބަދަލުތައް އައިމަ ވަރަށް ޑިފިކަލްޓްދޯ؟ ގޮތެއް އެބަވޭތަ؟ ގޮތެއް ވަންޏާ ބުނައްޗޭ އައި ވިލް ގިވް ޔޫ ޓައި-“
“ހިބާ މަގޭ ލޯބިވާ ހިބާ! ތިހާވަރަށް ކަންކަމާ ހާސްވާކަށް ނުވާނެ…އެންޑް އާރ ޔޫ ކިޑިންގް މީ؟ ހިބާއާއި އެކީގަ ނިދަންވީމަ އަހަންނަށް ޑިފިކަލްޓްވީއޭ! ނުލަފާ ހިންޏެއް އަންނަނީ ހުވާ! ހަހަ….” ދާރިސްއަށް ހެވެން ފެށުމުން ހިބާއަށް ވެސް ހެވުނެވެ. ދެމީހުންގެ ހުނުން މަޑުވާން ފެށި ވަގުތު ދާރިސް މަޑުމަޑުން ހިބާގެ މޫނަށް އެޅިފައިވާ އިސްތަށިކޮޅެއް ކަންފަތުގައި އަޅުވައިދެމުން ވާހަކަ ދެއްކިއެވެ.
“އެނގޭ ހިބާ އަހަންނާއިމެދު ކަންބޮޑުވާކަން….ހިބާއަށް ފެނިފަ ހުރީ ކިތަންމެ ކުޑަ ބަދަލެއް އަޔަސް އުދަގޫވާ ދާރިސް ވިއްޔާ….އެކަމަކު ހިބާ ކައިރި އަހަރެން ކުރިން ވެސް ބުނިހެން އަހަރެން އޭގެ ފަހުން ވަނީ ވަރަށް ބަދަލުވެފަ. އަހަރެންގެ މި ޙާލަތަށް ވަރަށް ގިނަ ފަރުވާތައް ވެސް ހޯދާފައިވަނީ. އަދި ހޯދަމުން މިދަނީ….އެހެންވީމަ އަހަންނާއިހެދި ހިބާ މާ ބޮޑަށް ކަންބޮޑު ނުވައްޗޭ. އެހެންނޫނީ އަހަރެން ވަރަށް ދެރަވާނެ….ދެން އެ ވާހަކަ ބާއްވާފަ ބުނެބަލަ…މިއަދު ކީއްކުރާނީ؟ ފަރުބަދައަކަށް އާދެވިއްޖެ މިހާރު….ދެން ކޮންކޮން ތަނަކަށް ދާން ބޭނުންވަނީ؟ އެންމެ ހަފްތާއެއް މި ލިބެނީ އެހެންވީމަ ވީހާވެސް ޕްރޮޑަކްޓިވްކޮށް މި ޓްރިޕް ގެންދެވޭތޯ ބަލަމާ..”
“ވެލް، އައި ޑޯންޓް ނޯ….މި ޓްރިޕްގަ ހަމަ މި ގޭގެ ތެރޭގަ ތިބީމަ ވެސް ވަރަށް ޕްރޮޑަކްޓިވްވާނެހެން ހީވަނީ…” ހިބާ އެހެން ބުނެލީ ދާރިސްގެ އެއްއަތުގައި ހިފައި އެ އަތުގައި ބޮޑުވާ އިނގިލިން ފިރުމަމުން އެއްލޯ މަރައިލަމުންނެވެ. އެހިނދު ދާރިސްއަށް ހިނިތުންވެލެވުނީ، އެދުވަހު ފަތިސް ނަމާދަށްފަހު ހިބާ އަރާމުކުރަން ބޭނުންވާ ވާހަކަ ބުނުމުގެ ކުރިން، އޭނަ ވެސް އެފަދަ ގޮތަކަށް ހިބާގެ އަތުގައި ހިފާފައިވާކަން ހަނދާންވުމުންނެވެ. އެވަގުތުކޮޅުގައި އޭނައަށް ކުރެވުނު އިޙްސާސް ދަނެގެން ހިބާ އޭނައަށް އޭގެ ބަދަލުދޭން މަސައްކަތް ކުރަނީކަން އެނގުންވި ހިނދު، އޭނައަކީ ކިހާ ނަސީބުވެރި ފިރިއެއްތާއޭ ހިތަށްއެރިއެވެ.
“އައި ތިންކް ސޯ ޓޫ…އެކަމަކު ފުރަތަމަ ހިނގާ ސައިބޯން!” ދާރިސް އެހެން ބުނެ ކުއްލި ގޮތަކަށް ހިބާ އުރައިލުމުން ހިބާއަށް ހަޅޭއްލެވުނެވެ. އެއާއިއެކު ދެމީހުންގެ ހުނުމުގެ އަޑު އެއްވެގެން ދިޔައެވެ.
ދެމީހުން އެކީގައި ހެނދުނުގެ ސައި ތައްޔާރުކޮށްގެން ކާމޭޒުދޮށުގައި ތިބެ އެކިއެކި ވާހަކަތައް ދެއްކިއެވެ. އެ ވާހަކަތަކުގެ ތެރެއިން ދާރިސް އޭނަގެ ފޯނު ނަގަން މަޖުބޫރުވީ، އިއްޔެ އެމީހުންގެ ކައިވެނި ބޭއްވިގެން ދިޔަ ހޮޓެލްގެ ފަރާތުން އައި މެސެޖަކުންނެވެ.
“ވަޓް އިން ދަ ވޯލްޑް؟ ވަރަށް ބޮޑަށް މަޢާފަށް އެދެމޯ އިއްޔެ ޕާޓީގެ މެދުތެރެއިން ހޮޓެލުން ކަރަންޓު ކެނޑިގެން ދިޔަ ކަމަށްޓަކައި….” ދާރިސް ފޯނަށް ބަލަން އިނދެ ބުންޏެވެ.
“ކީކޭ؟! އެހެންވެ ކަންނޭނގެދޯ އަހަރުމެން އައި ފަހުން ޝަބީދައްތަ އެހާވަރަށް ގުޅީ؟” ހިބާ ވެސް ޙައިރާންކަމާއިއެކީ އެހިއެވެ.
“ޕްރޮބެބްލީ! ވަރަށް ނުވާކަމެއް އެއީ….އެ ލެވެލްގެ ހޮޓެލްތަކުގަ ހުންނާނެ ބެކަޕް ޖެނެރޭޓާރތައް ވެސް. އިޓްސް ވެރީ ސްޓްރޭންޖް އަސްލު….އެނީވޭ، ކޮންމެވެސް ވަރަކަށް ފައިސާވެސް އަނބުރައި ލިބިއްޖެ އަހަންނަށް. އަހަންނަށް ވަކި އުދަގުލެއްވެސް ނުވެ! ރަނގަޅުތާ!” ދާރިސް ސީރިއަސްވާން އުޅެފައިވެސް ސަމާސާ ރާގެއް އެޅުވިއެވެ.
“އަހަރެންގެ ވެސް ފޯނު ނަގައިދީބަލަ ދާރިސް! މިހާރު ޕެރެނޮއިޑް ވާން ފަށައިފި ރަށުގަ ވެސް ނޫނީ ސްކޫލްގަ ވެސް ބޮޑުކަމެއް ވެފައި އޮވެދާނެތީ. ފޯނު ގެނެސްދީބަލަ ދާރިސް ޕްލީޒް! ވައިބާރގަ މުހިއްމު މެސެޖެއް ހުރިތޯ ބަލާފަ ބާއްވާނަން އައި ޕްރޯމިސް އިން ޝާ ﷲ!” ހިބާ އާދޭހުގެ ރާގަކަށް ބުންޏެވެ.
“ހެހެ….އޯލްރައިޓް! އެނީތިންގް ފޯ މައި ޑާރލިންގް ވައިފް!” ދާރިސް އެހެން ބުނެ ގޮނޑިން ތެދުވެލުމުން ހިބާ ‘ލަވް ޔޫ’ އޭ ބުނެ ވައިގެ ތެރެއިން ދޮނެއް ފޮނުވައިލިއެވެ. އެ ދޭތެރެއިން ވެސް ދާރިސް އެހާ ވަރުން ނުވާނެއޭ ބުނުމުން އެ ދެމެދުގައި ސަމާސާތަކެއް ބަދަލުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދާރިސް ކާރުގެ ތަޅުދަނޑި ނަގައިގެން ގެއިން ނިކުތްއިރު ވެސް ހުރީ ރަތްވެފައިވާ މޫނަކާއިއެކީ ހިނިތުންވެފައެވެ.
ކާރުގެ ތަޅުދަނޑި ހިފައިގެން ދާރިސް ދިޔައީ އެމީހުން ތިބި ގޭގެ ކައިރީގައި އޮތް ޕާރކިންގް އެރިއާއަށެވެ. އެތާނގައި ޕާކް ކުރެވިފައި އޮތް ކާރު އަންލޮކް ކޮށްލަމުން ދާރިސް މާ ބޮޑު ވިސްނުމެއްނެތި ހުޅުވައިލީ ކާރުގެ ކުރީ ދޮރެވެ. އެވަގުތު ހިބާގެ ފޯނު ކާރުގެ ފަހަތު ސީޓުން ރިންގުވަމުން ދިޔައެވެ. ހިބާ އިއްޔެ ފޯނު ދޫކުރީ އެތަނަށްކަން ދާރިސްގެ ހަނދާނަށް އައީ އެ ވަގުތެވެ. ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނަގެ އާދަޔާ ޚިލާފަށް ގަދަ ހަނދާނަށް ވެސް ގޮތެއް ވަނީތާއޭ ހިތަށް އެރި ހިނދު ދާރިސްއަށް އަމިއްލަ އަމިއްލައަށް ހީލެވުނެވެ.
ދާރިސް ފަހަތު ސީޓުގެ ދޮރު ހުޅުވައިލީ ވެސް ހިނިތުންވުމެއްގައި ހުރެއެވެ. ފަހަތު ސީޓު މަތީގައި އޮތް ރިންގުވަމުން ދިޔަ ފޯނު ދާރިސް ނެގީ، އެއަށް ގުޅަމުން ދާނީ ކޮންމެވެސް އަންހެން މުދައްރިސެއް ކަމަށް ނިންމަމުންނެވެ. އެހެނަސް ސްކްރީނުން ފެނުނު ނަމަކުން ދާރިސްގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ‘މާޒިން’ ގެ ނަމުން ސޭވްކުރެވިފައިވާ އެ ނަންބަރަށް ބަލަން ދާރިސްއަށް ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ.
ނުނިމޭ
Jana
November 16, 2021 @ 4:26 pm
These two really have the recipe for a healthy marriage 🥰 Understanding and effort! ❤
LIYUNTHERIYAA
November 16, 2021 @ 4:28 pm
Jana sis don’t do that.
I will be so sad if they doubt each other.
Don’t do that..let him ask Hibaa who that is before misunderstanding 😭😭😭…please
And thankyou so much for uploading this part.
I am so happy and please look for my private message
Maashaa Allah 💖
Much love
^__^
Jana
November 19, 2021 @ 3:46 pm
Liyuntheriyaa do you really think they are a couple who would get caught up in such petty misunderstandings? 😉 hehe…lets see dho?
I replied to your mail just now liyuntheriyaa. Took me this long because of my busy schedule. Still very busy but got a breather today Alhamdhulillah! <3
Much love! <3
eunoia
November 16, 2021 @ 6:26 pm
Who’s that?? is he tryin to hibaa nd dhaaris dhurukuruvannn?? Whaii is he callin to her phone?? 😶 nou dhaaris pls trust her….shakku nukurahcheyyy 🥺 it’s not hibaa’s problem dhw maazin egady call kurumaky 😭 btw inthizaaruga meenee kurin part ga comment ge reply fenun irun fashaign hehe.. When next? ✨🤍
mish
November 18, 2021 @ 3:31 pm
its hiba ge student ehnu
maazin
and i think its dhaaris ge kokko hen
sisssssss
story is A.M.A.Z.I.N.G as usual
v loabi
Maasha Allah <3
love<3<3<3
Jana
November 19, 2021 @ 3:50 pm
Salhi guess eh Mish. Heevey dho Maazin ge ves bodu baeh annaanehen. balamaa.
Alhamdhulillah! <3 <3 <3
Jana
November 19, 2021 @ 3:49 pm
Yes eunoia that’s Hiba ge student ehnu Mish bunihen? Maa dhuvas veema handhaan nethuny dho? hehe….happens! Labba ey Hiba ge problem eh noon Maazin gulhumaky. dhen balamaa vaagotheh.
Alhamdhulillah! Next part Wednesday ga In Sha Allah <3
eunoia
November 20, 2021 @ 3:53 am
Ohh now I remember 😅 thanks mish nd sis for remindin 🥰 well i can’t guess adhi.. I’m not gud at it 😵 vrh eba balaalaa hiy vey kihinehthw vany ✨🤍
🤍🤍
November 18, 2021 @ 9:08 pm
Heyy sis…
When is next part??
I can’t wait…… 😬🥺
Jana
November 19, 2021 @ 3:51 pm
hehe….Next part Wednesday ga ingey sis. Hold on till then.*hugs* :* <3
Mish
November 20, 2021 @ 4:41 am
Alheyyy🥺🥺
XishFaraash
November 22, 2021 @ 3:09 pm
Wednesday haadha lahey anna leh.. Miss u both dhaaris and hibaa..
Jana sis ge ehen vaahaka thakekey effadhain mi vaahaka ves vv reethi.. Ma sha Allah..thabaarakallah..