ސުވަރުގެއާއި ނަރަކައިގެ ދޮރުތަކުގެ ތަފާތު
ސޫރަތުއްޒުމަރުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތް ދުވަހުގެ ދެ މަންޒަރެއް ސިފަކުރައްވާފައިވެއެވެ. އެއް މަންޒަރަކީ ކާފަރުން ނަރަކައަށް ގެންދަވާ މަންޒަރެވެ. އަނެއް މަންޒަރަކީ ތަޤްވާވެރިން ސުވަރުގެއަށް ގެންދަވާ މަންޒަރެވެ. ކާފަރުން ނަރަކައަށް ގެންދަވާ މަންޒަރު ސިފަކުރައްވަމުން ﷲ ވަޙީކުރައްވާފައި ވަނީ މިހެންނެވެ.
وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا
“…އަދި ކާފިރުވި މީހުން ބައިބަޔަށް ނަރަކައާއި ދިމާލަށް ލަވައި ގެންދަވާނެއެވެ. އެބައިމީހުންނަށް ނަރަކައިގެ ކައިރިއަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވަވާނެއެވެ.” ސޫރަތުއްޒުމަރު، 71
ނަރަކައިގެ ދޮރުތައް ސިފަކުރެއްވުމަށް ﷲ ބޭނުންކުރެއްވި ބަސްފުޅަކީ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا އެވެ. މާނައަކީ އެމީހުންނަށް އެތަނަށް ދެވޭ ހިނދު އެތާނގެ ދޮރުތައް ހުޅުއްވަވާނެއެވެ. މިއިން އެނގެނީ ނަރަކައިގެ އަހުލުވެރިން ނަރަކައަށް ދާއިރު ނަރަކައިގެ ދޮރުތައް ހުންނަނީ ލެއްޕިފައިކަމެވެ. އަދި އެ ދޮރުތައް ހުޅުވެނީ ހަމައެކަނި އެ އަހުލުވެރިން އައުމުން ކަމެވެ.
ދެން ސުވަރުގޭގެ ދޮރުތައް ސިފަކުރައްވަން ﷲ ވަޙީކުރެއްވި އާޔަތަށް ބައްލަވާށެވެ.
وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا
“އަދި އެމީހުންގެ ވެރިރަސްކަލާނގެއަށް ތަޤްވާވެރިވި މީހުން، ބައިބަޔަށް ސުވަރުގެޔާ ދިމާލަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެއެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެބައިމީހުންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ.” ސޫރަތުއްޒުމަރު 73
މި އާޔަތުގައި ސުވަރުގޭގެ ދޮރުތައް ސިފަކުރައްވަން ﷲ ބޭނުންކުރެއްވި ބަސްތަކަކީ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا މިއެވެ. ފާހަގަކުރެވޭނެ ފަދައިން މި ބަސްތަކާއި ނަރަކައިގެ ދޮރުތައް ސިފަކުރެވިފައިވި ބަސްތައް ނުހަނު އެއްގޮތެވެ. ހަމައެކަނި ތަފާތަކީ فُتِحَتْ أَبْوَابُهَا ގެ ކުރިއަށް وَ އައިސްފައި އޮތުމެވެ. މި و އަކީ ޢަރަބި ޤަވާޢިދުގައި و ޙާލިއްޔާއެވެ. و ޙާލިއްޔާ އައުމުން މި ބަސްތަކުގެ މާނަ އަންނާނީ މިހެންނެވެ. އެތާނގެ ދޮރުތައް ހުޅުވިފައިވާ ޙާލު އެބައިމީހުން އެތަނަށް ދާ ހިނދެވެ. މާނައަކީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ދާއިރުވެސް އެދޮރުތައް ހުންނާނީ ހުޅުވިފައިކަމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަބަދުވެސް ސުވަރުގޭގެ ދޮރުކޮޅުތައް ބެހެއްޓެވީ ހުޅުއްވާފައެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވާފައެވެ. އެކަލާނގެ ޙަޟްރަތުން އެކަލާނގެ އަޅުންނަށްޓަކައި އޮތް ރަޙްމަތެއްގެ ބޮޑުކަމުންނެވެ.
މާތް ﷲ އަޅަމެން އެންމެންނަކީ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!