ޤަދަރު (އަށާޅީސްވަނަ ބައި)
ފަލަކްގެ ރޭވުމާއި އެއްގޮތަށް އަފްޒަލާއި ފަލަކް ދުބާއީގައި ހޭދަ ކުރަމުން ދިޔަ ފަހު ދުވަސްތަކުގެ ފައިދާ އެންމެ ފުރިހަމައަށް ހިފަމުން ދިޔައެވެ. މިގޮތުން ފަލަކް އަފްޒަލް ގޮވައިގެން ދުބާއީގައި ނުދެވި ހުރި މަންޒިލްތަކަށް ދިޔައެވެ.
މިއުޒިއަމް އޮފް ދަ ފިއުޗާރ ގައިވި އަޖާއިބު ކުރުވަނިވި އުފެއްދުންތައް އަފްޒަލަށް ދެއްކުމަށްފަހު، އެޓްލާންޓިސް ދަ ޕާމް ގެ ކަނޑު އަޑީގައިވި ޢިމާރާތާއި ހަމައަށް ވެސް ފަލަކް އަފްޒަލް ގެންދިޔައީ ނުހަނު ގަޔާވެފައެވެ. އޭނައަށް ޢާއްމުކޮށް ފެނިފައިވާ އެ ތަންތަން އަފްޒަލަށް އާ ކަމަކަށް ވުމުން ފަލަކް އަފްޒަލްގެ މޫނަށް ވެރިވަމުން ދިޔަ އެކި ކުލަވަރުތަކުގެ ފޮޓޯތައް ނަގަމުން ދިޔައެވެ. އަދި ދެމީހުން އެކީގައިވެސް ނުހަނު އުފާވެރި ސެލްފީތައް ނަގަމުން ދިޔައެވެ.
ފެންނަމުން ދިޔަ މަންޒަރުތަކުގެ ރީތިކަމުގެ ވާހަކައަށް ކިރިޔާވެސް ނިމުމެއް އަންނަ ގޮތްވީ، އެރޭ ދެމީހުންނަށް ތިބެވުނު ހޮޓެލް ރޫމުގެ އޮށޯވެވޭ ސޯފާގައި ތިއްބައެވެ. ފަލަކް އަފްޒަލްގެ މޭމަތީގައި ބޯ އަޅައިގެން އޮތްއިރު އަފްޒަލްގެ އަތް ފަލަކްގެ ތުނި ހަށިގަނޑު ވަށާލާފައިވިއެވެ. އެ ހިނދު އެ ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވީ ބިއްލޫރި ސީލިންގް ގަނޑުން ފެންނަމުން ދިޔަ އުޑުގެ ތަރިތަކުގެ ސައިލަށެވެ.
ދެމީހުން ގާތުގައިވި އެ ހިމޭން، ރީތި ވަގުތުކޮޅުގައި ދެމީހުންނަށް ވެސް އެއްވެސް ބަސްމޮށުންތެރިކަމެއް ބޭނުން ނުވި ފަދައެވެ. ދެމީހުންގެ ހިތުގެ ތެޅުން އެކަކު އަނެކަކަށް އިޙްސާސް ކުރެވެމުން ދިޔަ އެ ޖާދުވީ ވަގުތުކޮޅަށް ނިމުމެއް އަންނަން ދެމީހުން ވެސް ބޭނުމެއް ނުވިއެވެ. އެހެނަސް އެކަމަށް ހުރަސް އެޅިގެން ދިޔައީ ކައިރީގައި އޮތް ފަލަކްގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އެ އަޑު އިވުމާއިއެކު ފަލަކް ފޯނު ނަގަން ފަހަތް އަތް ދިއްކުރިއިރު، އެއީ އޮފީހުގެ ކޯލަކަށް ނުވުމަށް އެދި އަފްޒަލް ދުޢާ ކުރި ގޮތުން ފަލަކަށް ހެވޭ ގޮތްވިއެވެ.
ފަލަކަށް އެވަގުތު ގުޅީ މަޖީދެވެ. ފަލަކާއި އަފްޒަލްގެ ޙާލު އަހުވާލު ބެލުމަށްފަހު އަފްޒަލަށް ސަލާމް ބުނުމަށް އެދި މަޖީދު ކޯލު ކުރު ކުރިއެވެ. ކޯލު ނިމުމަކަށް އައުމުން އަފްޒަލް ވާހަކަ ދެއްކިއެވެ.
“ބައްޕަ އޯކޭތަ މިހާރު؟ ބުނީމެއްނު އަދިވެސް ބަލިވެ އުޅޭ ވާހަކަ؟” އަފްޒަލް އެހިއެވެ.
“އާނ މިހާރު އޯކޭހެން ހީވަނީ. ބައްޕަ ބުނީ ޑޮކްޓަރަށް ދައްކާފަ ބޭސް ނަގައިގެން ކަމަށް އުޅެނީ. ޒުހާވެސް ބުނި ޑޮކްޓަރަށް ދެއްކި ވާހަކަ. އެހެންވީމަ އޯކޭ ކަމަށް މި ބަލަނީ….” ފަލަކް ބުންޏެވެ.
“މި ދަތުރު ނިމުނީމަ ފަލަކް ބައްޕައާއި ބައްދަލުކޮށްލަން އަހަންނަށް ފެންނަނީ…..” އަފްޒަލް ބުންޏެވެ.
“އާނ. މަހްރީން ކައިރި….ބުނެގެން..ޓިކެޓް ހަމަޖައްސާނީ…”
މަހްރީންގެ ނަން ގަތުމާއިއެކު ފަލަކްގެ އަޑު ކެނޑި ކެނޑިގެން ދިޔައެވެ. އަފްޒަލް ރަނގަޅަށް ބަލައިލިއިރު ފަލަކްގެ މޫނުމަތީގައި ކުލަވަރު އޮއްސުނުކަން ވެސް އަފްޒަލަށް ނަގައިގަނެވުނެވެ. އެހެންކަމުން އެވަގުތު ވާހަކަ ދެކެވުނެވެ.
“ފަލަކް….ނުބުނާނަންތަ އަހަރެން ކައިރި؟” އަފްޒަލް އެހިއެވެ.
“ކޮން ވާހަކައެއް؟”
“މަހްރީން އެދުވަހު ފަލަކް ގާތު ބުނީ ވާހަކަ…”
އަފްޒަލް އެ ސުވާލު ކުރުމާއިއެކު ފަލަކް ލަސްލަހުން އިސްއުފުލައި އަފްޒަލަށް ބަލައިލިއެވެ.
“ހަނދާންކޮށްގެން ދޯ ތި ހުންނަނީ ހަމަ؟ ހެހެ….”
“ހަނދާން ނުހުންނަ ވަރެއް ނޫނެއްނު؟ އެދުވަހު މަހްރީންއާ ވާހަކަ ދައްކާފަ ފަލަކް އަނބުރާ ގެއަށް އައިއިރު ފަލަކް ނުލާހިކު ދެރަވެފަ ވިއްޔާ ހުރީ. ފަލަކް އެދުވަހު އަހަރެން ކައިރި ބުނަން ބޭނުން ނުވެފަ ހުރިހެން ހީވީމަ ނޭހީ. އެކަމަކު ބުނީމަދޯ އަހަންނަށް ވެސް އެނގޭނީ ފަލަކަށް ދިމާވެގެން އުޅޭ ތަކުލީފެއް؟ އަހަރުމެން ދެމީހުން މިހާރު ކަންކަން ސިއްރު ކުރާ ވަރަށްވުރެ ގާތެއް ނޫންތަ؟”
އަފްޒަލް ވާހަކަ ދައްކަމުން ގޮސް އެހިއެވެ. އެއާއިއެކު ފަލަކް ފުން ނޭވައެއް ދޫކުރިއެވެ.
“އާނދޯ؟ އަހަރުމެން މިހާރު އެއަށްވުރެ ގާތް. އަދި އަފްޒަލަކީ އަހަރެން މިހާރު އެންމެ އިތުބާރު ކުރާ މީހުންގެ ތެރެއިން އެކަކު. އަސްލު….އެދުވަހު ބުނަން ބޭނުން ނުވީ އަފްޒަލް އަހަންނާއި މެދު ކަންބޮޑު ކުރުވަން ބޭނުމެއް ނުވީތީ. އެކަމަކު އަފްޒަލް އަމިއްލައަށް އެހީމަ އަހަރެން ޙިއްސާ ކުރާނަން….” ފަލަކް ބުންޏެވެ. އެއާއިއެކު އަފްޒަލް ކަނުލައި އަޑުއަހަން ތައްޔާރުވިއެވެ.
**2 ދުވަސް ކުރިން**
“ހާދަ ލަހަކުންނޭދޯ ފަލަކްގެ ތި ސިކުނޑިއަށް ކަންތައް ނަގައިގަނެވެނީ. ރޭގަ ހިނގި ކަމަކީ ފަލަކްގެ އަގު ވައްޓައިލަން ޚުދު އަހަރެން އަމިއްލައަށް ރޭވި ރޭވުމަކަށް ވެސް ވެދާނެއެއްނު؟” މަހްރީން ނުލަފާ ހިނިތުންވުމެއްގައި އިނދެ ބުނެލި އެ ވާހަކައިން ފަލަކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މަހްރީން….ކީއްވެ އަހަރެންގެ އަގު ވައްޓާލަން ބޭނުންވާނީ؟” ފަލަކް ޤަބޫލުކުރަން ދަތިވެފައި އިނދެ ސުވާލުކުރިއެވެ.
“ހަހް! ހަމަ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ކިޔައިދިނީމަތަ އެނގޭނީ؟ މަ ހީކުރާ ވަރަށްވުރެ ބޮޑު ގަމާރެއް ތިއީ.” މަހްރީންގެ ވާހަކަ ދެއްކުމުގެ ރާގު މުޅިން ބަދަލުވިއެވެ. އެ ބަހުރުވަ ހުރި ގޮތުން ފަލަކަށް ލިބުނީ ޝޮކުގައި އެއްޗެކޭ ވެސް ނުބުނެވުނެވެ.
“އެހެންވީމަ ކިޔައިދޭނަން. ކަނުލައި އަޑުއަހާ. އަހަރެން ބޭނުންވަނީ ފަލަކްގެ ހުރިހާ މުދަލަކާއި އާރެއް ބާރެއް އަހަންނަށް ލިބެން. ކުންފުނި ފެށުނީއްސުރެ ފަލަކާއި އެކީ މިހާ ހިސާބަށް އައިއްސަ ހުރީމަ އަހަންނަށް އެހުރިހާ ކަމެއް ލިބުމުގެ ޤާބިލުކަން ލިބިފައިވާކަން ޤަބޫލުކުރަން. ފަލަކް ބަލަބަލާ ހުއްޓާ އަހަރެން ފަލަކްގެ ތި ހުރިހާ ބާރަކާއި މުދަލެއް ޖަހައިގަންނާނަން. އަހަރެން ހުއްޓުވަން ހިތަށް ވެސް ނާރުވާތި. އެހެންނޫނީ ފަލަކް ސަލާމަތް ނުވެވޭ ފަދަ މަޅިއެއްގަ ޖެހޭނެ….”
****
“ދެން؟ ފަލަކް ބުނީ ކީކޭ؟” އަފްޒަލް އެހިއެވެ.
“ނުބުނެވުނު ހަމަ އެއްވެސް އެއްޗެކޭ. އެހެން އިންދާ މަހްރީން ދިޔައީ. އޭރުވެސް އަދި މިވަގުތު ވެސް މިހިރީ މަހްރީންއަކީ އަހަރެންގެ ދެކޮޅުވެރިއެއްކަން ޤަބޫލު ކުރަން ދަތިވެފަ. މުޅި ޢުމުރު ދުވަހުހެން އިތުބާރު ކުރެވޭ އެކުވެރިއަކަށް ދެކުނު މީހަކާއިމެދު އެގޮތަށް ނަޒަރިއްޔާތު ބަދަލު ކުރާނީ ކިހިނެއް؟” ފަލަކް ސުވާލުކުރިއެވެ.
“އަސްލުވެސް…..އެއީ ފަސޭހަ ކަމަކަށް ނުވާނެ. ދެން ލޯބި ތި ނިންމަނީ ކޮން ގޮތެއް؟ އަދިވެސް މަހްރީންއާއި އެކީގަތަ މަސައްކަތް ކުރާނީ؟ މަހްރީން އެދޭ ގޮތަށް ކަންތައް ކުރާނީތަ؟ އެހެންނޫނީ މަހްރީން ވަޒީފާއިން ވަކި ކުރާނީތަ؟” އަފްޒަލް އެހިއެވެ.
“ހަދަންވީ ގޮތެއް ހަމަ ނޭނގިފަ މި ހުންނަނީ އަފްޒަލް. މަހްރީން އާއި އެކީގަ ކުރިން ވެސް މަސައްކަތް ކުރި ގޮތަށް ކުރަން އިސްތިޚާރާ ނަމާދުވެސް ކޮށްފިން. އެކަމަކު އަދި ހަދަންވީ ގޮތެއް ސާފެއް ނުވޭ. މިއަދު ވެސް އަހަރެން އޮފީހަށް ދިޔައިމަ މަހްރީން އަހަރެން އެދުނު ކަންތައް ކޮށްދިން. އެކަމަކު ކުރިން އަހަންނާއިމެދު ބެހެއްޓި އިޙްތިރާމެއް ނުގެންގުޅޭ.” ފަލަކް ކިޔައިދިނެވެ.
“އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ފަލަކް. ނިންމުމެއް ނިންމާފަ ﷲ އަށް ވަކީލު ކުރާ އަޅުންނަށް އެކަލާނގެ އަބަދުވެސް އެންމެ ހެޔޮ ގޮތް ދައްކަވާނެ.” އަފްޒަލް ނަސޭޙަތް ދިނެވެ. ފަލަކް އެއާއި އެއްބަސްވުމުގެ ގޮތުން ހޫންލައްވައި ބޯޖަހައިލިއެވެ. އެއާއިއެކު އަފްޒަލް ލޯތްބާއިއެކީ ފަލަކްގެ ބޮލުގައި ބޮސްދިނެވެ.
**
އޭގެ 2 ދުވަސް ފަހުން ޒައުލް އަނބުރާ މާލެއަށް ދިޔުމަށްޓަކައި ޕެކިންގްގެ ކަންތައް ފެށިއެވެ. އޭނައާއިއެކީ ކޮލެޖުގައި ކިޔަވާ ކުދިން މެލޭޝިޔާއަށް ކުރި ދަތުރު ނިމި، މާލެއަށް ދާން އުޅޭ ދުވަސް ޖެހުނީތީވެއެވެ.
މާލެއަށްދާން ޓިކެޓް ގަންނާނެ ގޮތެއް ނޭނގުނެއްކަމަކު ޒައުލް އެދުވަހު ހަވީރު ވީއިރު ޕެކްކޮށް ނިންމައިފިއެވެ. އެއަށްފަހު ޒައުލް ހޮޓެލްގެ ރިސެޕްޝަނަށް ދިޔައީ ހިތުން މޮޅު ރޭވުމެއް ރާވައިގެންނެވެ.
“ހޮޓެލް މެނޭޖާރ އަނަސް ޝުކޫރު އާއި ބައްދަލު ކުރެވިދާނެތޯ؟ އެއީ އަޅުގަނޑު ދަންނަ މީހެއް.”
ރިސެޕްޝަން ކައިރިއަށް ގޮސް ޒައުލް އިނގިރޭސި ބަހުން އެދުނެވެ. ޒައުލްގެ އުއްމީދަކަށް ވީ ޒުހާއަށް އަނަސް އެނގިފައިވާނެ ކަމަށެވެ. އެއީ އޭނަ ހީކުރާ ފަދަ ގުޅުމެއް ނޫންކަމަށްވާނަމަ ޒުހާގެ ބައްޕައަކީ ހޮޓެލްގެ ވެރި ފަރާތަށް ވުމުން ހޮޓެލްގެ މެނޭޖަރު ޒުހާއަށް އެނގޭނެތާއޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް ޒައުލް ބޭނުންވީ އެވަގުތަށް އެކަމުގެ ފައިދާ ނަގާށެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން. އެޕޮއިންޓްމެންޓެއް ނެތި ހޮޓެލް މެނޭޖަރާއި ބައްދަލެއް ނުކުރެވޭނެ.” ރިސެޕްޝަންގައި ހުރި އަންހެން ކުއްޖާ ޖަވާބު ދިނެވެ. ޒައުލް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އެއްފަރާތަކުން މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ.
“ކާކު އަހަންނާއި ބައްދަލުކުރަން ބޭނުންވެގެން އުޅެނީ؟” ނުހަނު ރީތި އިނގިރޭސި ބަހުރުވައިން އެ ސުވާލުކޮށްލީ އަނަސް އެވެ. ޒައުލް އަނަސްއަށް ބަލައިލި ވަގުތު އަނަސް ރިސެޕްޝަނުގައި ހުރި ކުއްޖާއަށް ބަލާފައި އޭނައަށް ބަލައިލީއެވެ. އެއާއިއެކު އަނަސްގެ ދެބުމަ ކައިރިވިއެވެ.
“ކުޑަ އިރުކޮޅަކަށް…ވާހަކައެއް ދައްކާލެވިދާނެތަ؟” ޒައުލް ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ އިނގިރޭސި ބަހުން އެހިއެވެ. އަނަސް ސިކުންތުކޮޅަކަށް ހުރެފައި ބޯޖަހައިލިއެވެ.
އަނަސް ޒައުލްއާއި ވަކިން ބައްދަލުކޮށްލީ ހޮޓެލްގެ ކުރިމަތީގައި ހުންނަ ފެން އަރުވާ ވަޑާމެއްގެ ކައިރިންނެވެ. އޭރު އެތަނުން ހޮޓެލަށް ވަދެ ނިކުމެ އުޅޭ މީހުން ހިނގާ ބިނގާ އުޅެއެވެ.
“ކީކޭތޯ ބުނަން ބޭނުންވަނީ؟” އަނަސް ނުހަނު ވިސްނުންތެރިކަމާއެކީ ޚިޔާރު ކުރީ އަދަބުވެރި ދިވެހި ބަހުރުވައެވެ. މި ޒުވާނާއާއި ޒުހާއާއި ދެމެދު ކަމެއް ހިނގާފައިވާކަން ހަނދާން ހުއްޓެއްކަމަކު އަނަސް ދެންވެސް އޭނައާއި މެދު ދެކެން ބޭނުންވީ ހޮޓެލްގެ ކަސްޓަމަރެއްގެ ގޮތުގައެވެ.
“ތިއީ ދިވެއްސެއްދޯ ހަމަ؟ ބަލާފަ ހީވިއޭ. ހެހެ…..މީ…ކުޑަ އެހީ….އެއް ބޭނުންވެގެން މިއުޅެނީ.” ޒައުލްއަށް ދެންވެސް ވާހަކަ ދެއްކުމުގައި ސާބިތުކަމެއް ނުގެންގުޅެވުނެވެ. ޒުހާ އޭނައާއި މުޚާތަބު ކުރި ގޮތް މި ހޮޓެލް މެނޭޖަރަށް ވެސް ފެނިފައިވާކަން ހަނދާންވުމުންނެވެ.
“ކޮން އެހީއެއް؟” އަނަސް އެހީ ސިކުނޑީގައި އެތައް ސުވާލެއް އުފެދޭ ޙާލުގައެވެ. އެންމެ ފުރަތަމަ ޒުހާގެ އެހީ ހޯދާފައި އޭނަގެ އެހީ ހޯދަން މިއީ މަގުމަތިވެފައިވާ ޒުވާނަކީތޯ ހިތަށްއެރިއެވެ.
“މިއުޅެނީ….މާލެ ދާން ޖެހިގެން. އެކަމަކު އަތުގަ އެއްވެސް ލާރިއެއް ނެތް. އައި ވޯޒް ސްކޭމްޑް މެލޭއަށް އައި ފަހުން. އެހެންވީމަ ހުރިހާ ލާރި ގެއްލުނީ. މިއަދު އަނަސް އަހަންނަށް އެހީވެއްޖެއްޔާ ދެމީހުން ކަނެކްޝަން ބާއްވައިގެން ކޮންމެވެސް ދުވަހަކުން މިއަދު ދޭ ލާރި އަނބުރާ ދޭނަން. އައި ޕްރޯމިސް!” ޒައުލް އޭނަ ގޮތް ހުސްވެފައިވާ މިންވަރު ހަނދާން ކުރަމުން އާދޭސް ކުރީ އޭނަގެ ހުރިހާ ކިބުރުވެރިކަމެއް އެއްފަރާތް ކުރަމުންނެވެ.
އަނަސް އިރުކޮޅެއް ވަންދެން ޒައުލްއަށް ބަލަން ހުރި ގޮތުން އޭނައަށް އެހީއެއް ނުލިބޭނެހެން ޒައުލްއަށް ހީވާން ފެށިއެވެ. އެހެން ހީވާން ފެށިތާ މާ ގިނައިރެއް ނުވެ އަނަސް އޭނަ ލައިގެން ހުރި ފަޓުލޫނުގެ ޖީބުން ވޮލެޓް ނެގިއެވެ. އަދި އެ ވޮލެޓް ހުޅުވައިލަމުން 100 ޑޮލަރުގެ ނޫޓެއް ނަގައި ޒައުލްއަށް ދިއްކުރިއެވެ.
“ތް…ތެންކިއު ސޯ މަޗް! އައި ޕްރޯމިސް މީތި އަނބުރާ ދޭނަން. އައި ޕްރޯމިސް!” ޒައުލް އެ ނޫޓު ހޯދަމުން އުފަލާއިއެކީ ބުނަން ފެށިއެވެ. އެހިނދު އަނަސް ބޯހޫރުވައިލިއެވެ.
“އަނބުރާ ނުދިނަސް މައްސަލައެއްނެތް. އަހަރެންގެ ފަރާތުން ލިބުނު ހަދިޔާއެއް ކަމަށް ބަލާ.” އަނަސް ލުއި ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އަސްލުވެސްތަ؟ އެކަމަކު…..އެއީ ކީއްވެ؟” ޒައުލްއަށް އަހައިލެވުނެވެ.
“ޒުހާވެސް ޒައުލްއަށް އެހީވެދިން ސަބަބަށްޓަކައި. އަޚަކަށް އެހީވުމުގެ ޘަވާބު ލިބިގަތުމުގެ ނިޔަތުގަ.” އަނަސް ބުނެލިއެވެ.
އެއާއިއެކު ޒައުލް އަޖާއިބުވާ ގޮތްވިއެވެ. މިހާ މަތީ ފެންވަރެއްގައި މަސައްކަތް ކުރަމުންދާ ޒުވާނަކު ދެއްކި ވާހަކައެއްގެ ޒާތުންނެވެ.
“ހެހެ…އާނދޯ؟ ޒް….ޒުހާއާއި ކޮން ގުޅުމެއްތަ އޮތީ؟” ޒައުލް ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.
“ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަންނާއި ޒުހާއާއި ދެމެދު ނެތް. އަހަރުމެން މިއީ، ދުރުދުރުން އުޅެމުން ވެސް ހެޔޮ ކަންތައް ކުރުމަށް އެކަކު އަނެކަކަށް އެހިވެދޭ ދެމީހުންނޭ ބުނެލަމާ…” އަނަސް ތެދުތެދަށް ޖަވާބުދިނެވެ.
އެހެނަސް ޒައުލް އެ ބުނި އެއްޗަކުން އިތުރަށް އަންތަރީސްވުން ނޫންކަމެއް ނުވިއެވެ. އެ ބުނެލި ވާހަކައިން ވެސް ޒައުލްއަށް ނެގެން އުޅުނީ މުޅިން ނުބައި މާނައެކެވެ. އަނަސް އޭނައަށް އަލްވަދާޢު ކިޔައި ހޮޓެލަށް ވަންނަން ދިޔައިރު ވެސް ޒައުލް ހުރީ އެފަދަ ވިސްނުމެއްގައެވެ. ޒުހާ ރައްޓެހިވެގެން މިހާރު އުޅެނީ އަނަސްއާއކަމަށް ނިންމުނެވެ. ވާނީވެސް އެހެންތާއެވެ. ސިކުނޑިއަކަށް ވިސްނޭނީ ހިތަކަށް ހެވާއި ނުބައި ވިސްނިފައިވި މިންވަރަކުންނެވެ.
**
ފަޒީލާ ގޮސް ކޮޓަރީގައި ހުރި ތިރި ގޮނޑިއަކަށް އެރީ، އަލަމާރި މަތީގައި ބަންދުކޮށްފައި ހުރި ދަގަނޑު ފޮށްޓެއް ނެގުމަށެވެ. އެހެނަސް ގޮނޑިއަށް އަރައި އެ ދިމާލަށް އަތް ދިއްކޮށްލުމުން ވެސް އަތް ފޯރާ ގޮތެއްނުވިއެވެ. އެހެންކަމުން އުދަގުލާއިއެކީ އުޑުން ކޮއްޓައިލަން އުޅުނެވެ. ހަމަ އެވަގުތު އެ ކޮޓަރީގެ ދޮރުމައްޗަށް އަދުހަމް އެރިއެވެ.
“މަންމާ ކީއްތަ ތި ކުރަނީ؟” ހިސާބެއްގެ ކަންބޮޑުވުމަކާއިއެކީ އެ ސުވާލު ކުރަމުން އަދުހަމް ކޮޓަރިއަށް ވަދެގެން ދިޔައެވެ.
“އާނ ދަރިފުޅު އައިކަން ރަނގަޅު. މަންމައަށް އެ ފޮށި ނަގާލަދީބަލަ.” ފަޒީލާ ގޮނޑިން ފައިބަމުން އަލަމާރިމަތީގައި ހުރި ފޮށްޓަށް ޢިޝާރާތް ކުރިއެވެ.
“މީތި؟ މިއީ ކޮން ފޮށްޓެއް. ހާދަ ބަރޭ….” އަދުހަމް ގޮސް ދެ އަތުން އެ މެދުމިނެއްގެ ފޮށި ނެގިއެވެ.
“ތިއީ ބައްޕަގެ ކުރީގެ ފޮތްތައް އަޅާފަ ހުރި ފޮށްޓެއް. އަފްޒަލް ބައްޕަގެ ހަނދާންތައް މާ ބޮޑަށް އާވެގެން ކަންނޭނގެ. ކުރީ ދުވަހު ބައްޕަ ނިޔާވި ގޮތާއިމެދު ސުވާލުކުރީ. އޭގެ ފަހުން ގުޅާފަ ބައްޕަގެ އެކުވެރިއެއްގެ ނަންބަރު ހޯދައިދޭށޭ ބުނީ.” ފަޒީލާ ވާހަކަ ދައްކަމުން ގޮސް އެނދުގައި އިށީނީ، އަދުހަމް އެނދުގެ ކައިރީގައި އެ ފޮށި ބަހައްޓައި ދިނުމުންނެވެ.
“އެހެންތަ؟ ބައްޕަ ނިޔާވީ…..އެއްކަލަ ޒަހްރާ ދައްތަ ވެސް ނިޔާވި ދުވަހު ދޯ؟” އަދުހަމް ޒާތަކަށް އެހިއެވެ. ކަމެއް ދަނެގަންނަން އުޅޭ ފަދައަކުންނެވެ.
“އާނ….ދަރިފުޅު ވެސް ހަނދާން އެބަހުރިދޯ؟ އަފްޒަލް ވެސް އެ ވާހަކަ ދެއްކި. އަފްޒަލްއަށް އެ މަންޒަރު ފެނިފަ ވިއްޔާ ހުންނާނީ…” ފަޒީލާ އަތުގައި އޮތް ތަޅުދަނޑިއަކުން ފޮށީގެ ތަޅު ހުޅުވަމުން ބުންޏެވެ.
އަދުހަމް ދެންވެސް ވިސްނުމެއްގައި ހުރެ ބޯޖަހައިލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލީ އެތާ މީހަކު ހުރިހެން ހީވުމުންނެވެ. އެހިނދު ދެންމެ އެ ދެކެވުނުހާ ވާހަކައެއް އަޑުއަހަން އެތާ ނޫރާ ހުއްޓެވެ. އަދުހަމް އޭނައަށް ބަލައިލުމާއިއެކު ނޫރާގެ ލޯ ހިސާބަކަށް ބޮޑުވިއެވެ. ނޫރާ އެތާ ނުހުރެ އަދުހަމަށް ފަސްދިން ތަނާހެން އަދުހަމް ނޫރާގެ ނަމުން ގޮވައިލިއެވެ. އެއާއިއެކު ނޫރާ އަދުހަމަށް ބަލައިލިއެވެ.
“ކޮޓަރިއަށް ހިނގާ އަހަރެން އެބަ އަންނަން.” އަދުހަމް ނުރުހުންތެރިކަމާއިއެކީ އެހެން ބުނުމުން ނޫރާ ބޯޖަހައިލިއެވެ.
އަދުހަމް ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނުމުން ނޫރާ ނާއިލް ކޮޓަރިން ފޮނުވައިލަނީއެވެ. ނާއިލް ކޮޓަރިން ބޭރަށް ދުވެފައި ދަމުން އަދުހަމަށް ލުއި ގޮތަކަށް ބަލާފައި އަތުގައި އޮތް ބޯޅައާއި އެކީ ބޭރަށް ދިޔައީއެވެ.
ނާއިލް ލޯމަތިން ގެއްލުމާއިއެކު އަދުހަމް ހިސާބެއްގެ ބާރު އަޑަކާއިއެކީ ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަދި ކުއްލި ގޮތަކަށް ނޫރާގެ ކަނާތް އަތުގެ ކުޑަ ހުޅުގައި ބާރަށް ހިފަހައްޓައި ނޫރާ ކޮއްޕަމުން ގޮސް ފާރަށް ލައްކުރިއެވެ. އެހިނދު ވޭނުގައިވި ނޫރާގެ އަނގައިން އާހުގެ އަޑުތައް ނިކުތެވެ.
“ކީކޭ ހިތަށް އަރައިގެން މަށަށް ޖާސޫސް ތިކުރަނީ މިހާރު؟” އަދުހަމް ދަތްކުނޑި ވިކަމުން އެހިއެވެ.
“ޖާސޫސެއް ނުކުރަން. ބަތްޕެން ކައްކާ ނިމުނު ވާހަކަ މަންމަ ގާތު ބުނަން ދިޔައީ. އާހް!” ނޫރާ އެހެން ބުނުމާއިއެކު އަދުހަމް ނޫރާގެ ކޮނޑުގައި އިހުނަށްވުރެ ބާރަށް ހިފެހެއްޓިއެވެ.
“މާ ޗާލާކު ވާން ނުއުޅެއްޗޭ! ތިއުޅެނީ މަގޭ ހުރިހާ ސިއްރެއް ހޯދައިގެން މަ ބޭޒާރު ކުރާކަށް ނޫންތަ؟ އެދުވަހު އަހަރެންގެ ފޯނުން ފެނުނު މެސެޖުގެ ވާހަކަ ކިތައް މީހުން ކައިރި ބުނެފިން މިހާރު؟”
“ﷲ ގަންދީ ބުނަން އަދުހަމް. އަހަރެން އެންމެ މީހެއް ގާތު ވެސް އެ ވާހަކަ ނުބުނަން. އަދުހަމް އަފްޒަލްގެ ދިރިއުޅުން ހަލާކު ކުރަން އުޅޭކަން އެނގުމުން އަހަރެން ދެރަވޭ. އަހަރެން ބޭނުންވަނީ އަދުހަމް ބޭޒާރު ކުރުމެއް ނެތި އަދުހަމް އިސްލާޙުވާން.”
“ރަނގަޅު! ތިއީ މަގޭ ލޯބިވާ ނޫރާއަކީ. އަހަރެން ރޭގަނޑު ދަންވަރު ބޭރަށް ނިކުމެފަ ގެއަށް އަންނަނީ މަސްތުވެގެންކަން ވެސް މިހާރު ލޯބިއަށް އެނގޭނެކަން އަހަންނަށް އެނގޭ. އެކަމަކު އެ ވާހަކަ ވެސް އެއްވެސް މީހެއްގާތު ނުބުނަންދޯ؟” އަދުހަމް ކުއްލި ބަދަލެއް އައި ފަދައަކުން ނޫރާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްއަތުން އެއްފަރާތް ކުރިއެވެ. އެހެނަސް އަނެއްއަތުން ދެންވެސް ނޫރާގެ ކޮނޑުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ.
“ނުބުނާނަމޭ އަދުހަމް. އަދުހަމްދެކެ ލޯބިވާތީވެއެއް ނޫންތަ މި ހުރިހާ ދުވަސް ވީއިރު ވެސް އެ ސިއްރުތައް ހިފެހެއްޓިފަ ހުރީ. ވަރަށް ދެރަވެއްޖެ އަދުހަމް އަހަންނާއި ދޭތެރޭ އެގޮތަށް ނަޒަރިއްޔާތު ގެންގުޅޭތީ.” ނޫރާ ކަރުނަ އެއްވެގެން ދިޔަ ލޮލާއިއެކީ ބުންޏެވެ.
“އެކަމަކު ނޫރާ….ލޯބިވާ ނޫރާ ކީއްވެގެންތަ އަހަރެންގެ ފޯނު ހިފަހައްޓައިގެން ހުންނަތަން ފެންނަނީ؟ އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކާއިރު އަޑުއަހައިގެން ހުންނަހެން ހީވަނީ؟” އަދުހަމް އަނެއްކާވެސް ރުޅިވެރިކަމާއިއެކީ ނޫރާގެ ދެކޮނޑުގައި ބާރަށް ހިފައި ތަޅުވަން ފެށިއެވެ. އެހިނދު ތަދުވެގެން ދިޔަ ނޫރާ ހަޅޭއްލެވި ހިނދު ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
“އެއީ….ލޯބިވާ ދެކެ ލޯބިވާ ވަރުން އަބަދުވެސް ކައިރީގަ ހުންނަން އެދޭތީ.” ނޫރާ އިސްޖެހިފައި ހުރެ ބުންޏެވެ. އެއާއިއެކު އަދުހަމް ނޫރާގެ ކޮނޑުން ދޫކުރިއެވެ. އަދި ކުއްލި ގޮތަކަށް ހަޅޭއްލެވީ އޭނަ ދޭން ބޭނުންވާ ޖަވާބެއް ނޫރާ ނުދޭނެހެން ހީވުމުންނެވެ.
އެ ހަޅޭކަށްފަހު އަދުހަމް ބާރު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އެހިނދު ނޫރާ ނުރުހުމުގެ ނަޒަރެއްގައި އަދުހަމަށް ބަލަން ހުރެ ކޯތާފަތުން ކަރުނަ ފޮހެލިއެވެ. އެވަގުތު އެ ލޯމަތިން ފާޅުވަމުން ދިޔައީ ކުރިން ނުފެންނަ ޢަޒުމެކެވެ.
**
އަފްޒަލް ހުރީ އެދުވަހު ހަވީރު ފަލަކް އޮފީހަށް ގޮސްފައިވުމުން އަފްޒަލް ހުރީ ބަދިގޭގައި ޗޮކްލެޓް ކޭކެއް އަޅާށެވެ. ފަލަކް ގެއަށް އައުމުން ފޮނި އެއްޗެއް ތައްޔާރު ކުރުމުގައި އޭނަގެ ހުނަރު ދައްކައިލުމަށެވެ. އަދި ދެމީހުން އެކީގައި ތިބެ ސައިބުއިމަށެވެ.
ވަށް ބައްޓަމަށް ހުރި ޗޮކްލެޓް ކޭކް އަޅައި ނިންމުމަށްފަހު އަފްޒަލް އޭގެ މައްޗަށް ވިރުވާލެވިފައިވި ޗޮކްލެޓް އެޅިއެވެ. އެއަށްފަހު ކޭކު އިތުރަށް ރީތި ކުރުމަށްޓަކައި ހަދާފައިވި ޗޮކްލެޓް ކޮޅުތައް ހުރި ޓްރޭއެއް އައިސްއަލަމާރިން ނެގިއެވެ.
ޓްރޭ ގޮސް ކެބިނެޓް މަތީގައި ބެހެއްޓިއިރު ހިތުގެ ބައްޓަމަށް ހުރި އެ ޗޮކްލެޓް ކޮޅުތައް ފެނިފައި އަފްޒަލް ހިނިތުންވެލިއެވެ. އެހެނަސް އިތުރަށް މަސައްކަތާއިގެން ކުރިއަށް ދެވުމުގެ ކުރިން އަފްޒަލްގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ.
ފޯނު ނަގައި ބަލައިލިއިރު ގުޅަނީ މަންމަކަން އެނގުމުން އަފްޒަލް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ މަންމާ. ކީއްކޮށްލަނީ؟” އަފްޒަލް ޓްރޭގެ ތެރެއިން ‘ހިތެއް’ ނަގައި ކޭކުގައި ހަރުކުރިއެވެ.
“ދަރިފުޅު ބުނީމެއްނު ބައްޕަގެ އެކުވެރި ވަކީލުގެ ނަންބަރު އެނގޭހޭ؟ މަންމަ މިއަދު ކުއްލިއަކަށް ހަނދާންވެގެން ބައްޕަގެ ކުރީގެ ފޮތްތަކުގެ ތެރެއިން ވަރަށް މަސައްކަތުން ހޯދައިފިން. ނޭނގެ މި ނަންބަރު މިވަގުތު މަސައްކަތް ކުރާ ކަމެއް.” މަންމަ ދެއްކި ވާހަކައިން އަފްޒަލްގެ ޙަރަކާތްތަކަށް ލަސްކަމެއް އައެވެ.
“ނަންބަރު ފޮނުވަދީ މަންމާ. ވަރަށް ބޮޑަށް ތެންކިއު ހޯދައިދިނީތީ….ހުރިހާ ކަމެއް ރަނގަޅުތަ؟ ދޮންބެގެ ކަންތައް ކިހިނެއް؟” އަފްޒަލް އެހިއެވެ.
“ދޮންބެ ހަމަ ރަނގަޅު. މިއަދު ވެސް މަންމައަށް އެހީވި. ނޫރާއާއި ދެމީހުން ދޭތެރެއަކުން ޒުވާބެއް ކޮށްލާ. އެކަމަކު ކުރިންހެން އަނިޔާއެއް ނުކުރާހެން މަންމައަށް ހީވަނީ. ނޫރާ ވެސް ޝަކުވާއެއް ނުކުރޭ. އެ ކަނބުލޮ ވެސް ފުދޭވަރަކަށް ހަމަޖެހޭ ގޮތަކަށް ފެންނަނީ.” މަންމަ އެ ވާހަކަ ކިޔައިދިން އިރު އަފްޒަލަށް ދެންވެސް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. ދޮންބެއަށް ހަމަ އެހާ ބޮޑު ބަދަލެއް އައިސްފާނެބާއޭ ހިތަށްއެރިއެވެ.
“އެދެމީހުން ރަނގަޅަށް އުޅެންޏާ އަހަރުމެން ކޮންމެހެން މައްސަލަ ޖައްސާނެ ކަމެއް ނެތްތާ…..ޒައުލް ވެސް މިރޭގެ ވަގުތެއްގަ މާލެ އަންނާނެ. މިއަދު މެންދުރު ގުޅާފަ އަހަރެން ކައިރީގަ ބުނި.”
“އާނ ދެން އަފްޒަލް ވެސް މިކޮޅަށް އަންނަންވީ ހަމަ. ފަލަކް ގޮވައިގެން. ދަރިފުޅު ދެކޭ ހިތުން މަންމަ މިއިނީ.”
“ހެހެ…..އާނ މަންމާ. މި ހަފްތާ ނިންމާލާފަ ތިކޮޅަށް ދާންކަމަށް މި އުޅެނީ އިން ޝާ ﷲ. ފަލަކްގެ މަސައްކަތް ހުރި ގޮތުން ފަލަކް އަންނާނެ ކަމެއް ނާންނާނެ ކަމެއް އަދި ނޭނގޭ.”
“އެހެންތަ؟ ޔަޤީންވީމަ ބުނެލައްޗޭ. އެ މަންޖެއަށް ވެސް މަންމަގެ ސަލާމް ބުނާތި. ދެން ބޭއްވީ. ނާއިލް އުޅެނީ މާމައާއިއެކީ ހިނގަން ނުދެވިގެން.”
“އާނ އޯކޭ މަންމާ. ސަލާމް.”
އަފްޒަލް އެހެން ބުނެ ފޯނު ކަނޑައިލަމުން ޖިންސްގެ ޖީބަށް ލިއެވެ. ހަމަ އެވަގުތު ކީ ކާޑު ޖަހައި އެޕާޓްމެންޓްގެ ދޮރު ހުޅުވި، ލައްޕައިލެވުނު އަޑަށް ފަލަކް އައީކަން އަފްޒަލަށް އެނގުނެވެ.
“ހާދަ ލަހަކުން ތި އާދެވުނީ. އިންތިޒާރު ކޮށްކޮށް ވަރުބަލިވެއްޖެ. ދެންމެ މަންމަ ވެސް ގުޅި.” އަފްޒަލް ބާކީ ހުރި ޗޮކްލެޓް ހިތްތައް ކޭކުގެ މެދުން ކައިރި ކައިރީގައި ޖަހަމުން ވާހަކަ ދެއްކިއެވެ.
އަފްޒަލް ހީކުރީ އިރުކޮޅަކުން ފަލަކްގެ ފިޔަވަޅުތަކުގެ އަޑާއިއެކީ ފަލަކްގެ ޖަވާބުވެސް އިވިގެން ދާނެ ކަމަށެވެ. އެހެނަސް އިރުކޮޅެއްވީއިރު ވެސް އެއްވެސް އަޑެއް ނުއިވުމުން އަފްޒަލަށް ފަހަތަށް ބަލައިލެވުނެވެ. އެހިނދު ފަލަކް ފެންނަން ވެސް ނެތުމުން އަފްޒަލްގެ ދެބުމަ ކައިރިވިއެވެ.
“ފަލަކް؟” އަފްޒަލް ފަލަކްގެ ނަމުން ގޮވަމުން ބަދިގެން ނިކުމެ އެޕާޓްމެންޓުގެ މައިދޮރާއި ދިމާލަށް ދެވޭ ފާރާއި ދިމާލަށް ދިޔައެވެ. ފާރާއި ކައިރިވެގެން ދިޔަދިޔަހެން ކުއްލިއަކަށް އިވުނު ‘ޕޮއް’ ގެ އަޑާއިއެކީ އަފްޒަލް ސިއްސައިގެން ގޮސް ފަހަތަށް ވެސް ޖެހިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފަލަކްގެ ހީލުމުގެ އަޑާއިއެކީ ފަލަކްގެ ސޫރަ ފެނިގެން ދިޔުމުން އަފްޒަލަށް ހީލެވުނެވެ.
“ހަހަހަ….ވަރަށް މަޖާދޯ؟” އަފްޒަލް ހިނިތުންނުވާން މަސައްކަތް ކުރަމުން ޒާތަކަށް ބުނެލިއެވެ.
“އާނ ހަމަ އަސްލުވެސް ވަރަށް މަޖާ. ހިއެއް ނުކުރަން ފިރިހެނަކަށް މި ޓްރިކް ވޯކް ކުރާނެ ކަމަށް….އަޅޭ ފޮޓޯ ނެގުނުނަމަ….” ފަލަކް ބުންޏެވެ.
“ފިރިހެނުންނަކީ ވެސް ޖަޒުބާތުތަކެއް ހުންނަ ބައެކޭ….” އަފްޒަލް ބުނެލިއެވެ.
“ހުމް…..މިހާރު އެކަން އެނގޭ.” ފަލަކް އެހެން ބުނެ ހިނިތުންވުމަކާއިއެކީ އަފްޒަލްގެ ގަމީހުގައި ހިފައި ކައިރިކޮށް އަފްޒަލްގެ ކޯތާފަތަށް ބޮސްދިނެވެ. ފަލަކްގެ އެ ޙަރަކާތުން މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމަކާއިއެކީ އަފްޒަލް ވެސް ފަލަކްގެ ކޯތާފަތަށް ބޮސްދިނެވެ. އޭގެ ބަދަލުގައި ފަލަކް އަފްޒަލްގެ އަނެއް ކޯތާފަތަށާއި މޫނުގެ އެކި ތަންތަނަށް ބޮސްދޭން ފެށުމުން އަފްޒަލް ވާހަކަ ދެއްކިއެވެ.
“މް…މަޑުކުރޭ. މި އަވަސް އަރުވާލައިގެން އުޅޭ ކުއްޖާއާއި ހެދި މަގޭ ހިތްތައް ވެސް ވިރިދާނެ….” އަފްޒަލް މަޑުމަޑުން ފަލަކްގެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން ބުންޏެވެ.
“ހިތްތަކޭ؟” ފަލަކަށް އަޖާއިބުވެފައި އަހައިލެވުނެވެ.
“އާނ ހިތްތައް….މިހާރު ނުވިރާ ކަމެއްވެސް ނޭނގޭ.”
އަފްޒަލް އެހެން ބުނެ އެތެރެއަށް ވަދެގެން ދާން ފެށުމުން ފަލަކަށް ޙައިރާންކަމެއްގެ ތެރޭގައި ހުރެ ހީލެވުނެވެ.
ފަލަކް އަފްޒަލްގެ ފަހަތުން ގޮސް ބަދިގެއަށް ވަންއިރު އަފްޒަލް އޭނަގެ ‘ހިތްތައް’ ކޭކުގައި ރާވަނީއެވެ. ފަލަކް ގޮސް އަފްޒަލްގެ ކައިރިން ކެބިނެޓް މައްޗަށް އަރައި އިށީނެވެ.
“ކޯޗެއްތަ ޝެފް މިއަދު ތައްޔާރުކުރީ؟” ފަލަކް އެހިއެވެ.
“ވަރަށް ޚާއްސަ ކުއްޖަކަށް ތައްޔާރުކުރި ޚާއްސަ ޗޮކްލެޓް ކޭކެއް.” އަފްޒަލް ދެންވެސް މަސައްކަތާއިގެން ކުރިއަށް ދަމުން ބުންޏެވެ.
ފަލަކް ކުއްލި ގޮތަކަށް އަފްޒަލް ކޭކުގައި ޖަހަމުން ދިޔަ ހިތްތަކުގެ ތެރެއިން ހިތެއް ނަގައި ކައިލިއެވެ. ކާއެއްޗެއް ރީތިކޮށް ނުނިމެނީސް ކެއުމަކީ އަފްޒަލް ކިހާ ނުރުހުންވާ ކަމެއްކަން ރަނގަޅަށް ދަނެގެން އިނދެއެވެ.
ފަލަކް އެ ކުރި ކަމެއް އެނގުންވުމާއިއެކު އަފްޒަލް ފަލަކަށް ބަލައި ދެލޯ ހަނިކޮށްލިއެވެ.
“ހިތަށްއަރާ ގާނިޝްކޮށް ނުނިމެނީސް ގާނިޝް ކާލާ ކުދިންގެ އަތް ބަނދެފަ ބަހައްޓާނަމޭ.” އަފްޒަލް ބުންޏެވެ.
“ބަނދެފަ ބަހައްޓާ. އޭރުން ނުލާހިކު ހޭންޑްސަމް ކުއްޖަކު ޖެހޭނީ އަހަންނަށްޓަކައި ހުރިހާ ކަމެއް ކޮށްދޭން. ދަ ޑްރީމް!” ފަލަކް ޗޮކްލެޓް ކަމުން ހުވަފެނީ ގޮތަކަށް ބުންޏެވެ. އެއާއިއެކު އަފްޒަލް ލުއި ހީލުމަކާއިއެކީ ބޯހޫރުވައިލިއެވެ.
“ބަޓް އިން އޯލް އޮނެސްޓީ…..މި ޗޮކްލެޓް ހާދަ މީރޭ. މިއީ ގޭގަ ހުރި ޗޮކްލެޓް މެލްޓްކޮށްފަތަ؟ އެކަމަކު މިއީ އަހަރެން އެންމެ ފަހުން ގަތް ސްވިސް ޗޮކްލެޓް ހެންނެއް ހިއެއް ނުވޭ.” ފަލަކް ބުންޏެވެ.
“ތިއީ މި ބަދިގޭގަ ދެންމެ އިންވެންޓް ކުރެވުނު ޗޮކްލެޓެއް.” އަފްޒަލް ނުހަނު އާދައިގެ ގޮތަކަށް ބުންޏެވެ.
“ސީރިއަސްލީ! ހަމަ އެހާ ވެސް މޮޅު ޝެފެއްތަ އަހަންނަށް ލިބިގެން މިއުޅެނީ؟!” ފަލަކަށް އަހައިލެވުނެވެ. އޭގެ ޖަވާބަކަށް އަފްޒަލް ފޮނިވާ ކަމަށް ހެދެމުން ބޯޖަހައިލިއެވެ.
“މާ ޝާ ﷲ! އަހަންނަށް ޔަޤީން ފަސް ތަރީގެ ރެސްޓޯރެންޓަކުން ވެސް މިކަހަލަ ޗޮކްލެޓެއް ވިކިދާނެކަން. ބޯން ޓު ބީ އަ ޝެފް. އަބަދުވެސް ޝެފަކަށްތަ ވާން ބޭނުންވީ؟”
“ނޫނޭ….ކުރިން ވާން ބޭނުންވީ ޑޮކްޓަރަކަށް.”
“ވޯހް! ޑޮކްޓާރ؟”
“ޔެސް…ހެހެ….އަހަރެން ކުޑައިރު ޑޮކްޓަރުންނަށް ވަރަށް ބިރުގަނޭ. އެކަމަކު ޑޮކްޓަރުން ބޭސް ދިނީމަ ބަލި ރަނގަޅުވާކަން ވެސް ފަހުމްވޭ. ޑޮކްޓަރަށް ދައްކަން ވެސް މަންމަމެން ދަތި ޙާލުގަ އުޅެމުން ލާރި ދޭކަން އެނގުނު ދުވަހު ވަރަށް ރުޅި އައި. އެ ދުވަސް ފަހުން ހިތަށް އެރީ އަހަރެން ބޮޑުވެގެން ވާނީ އަގު ހެޔޮކޮށް މީހުންގެ ބަލިތައް ބަލައިދޭ އެކުވެރި ޑޮކްޓަރަކަށޭ…”
“ދެން ކީއްވެ ޑޮކްޓަރަކަށް ނުވީ؟”
“މަތިން މާރކްސް ހޯދައިގެން ގްރެޖުއޭޓްވެގެން ސްކޮލާރޝިޕް ލިބުނު އަހަރު މަންމަ ވަރަށް ބޮޑަށް ބަލިވީ. އޭރު ދޮންބެ ވެސް ވީ ޖަލުގަ. އެހެންވީމަ މަންމަ ބަލަން މާލޭގަ މަޑުކުރީ…”
“އޮހް….”
“ހުމް…ލައިފްގަ ދެން ބޭނުންވާހާ ގޮތަށް ކަންތައް ނުވެސްވާނެތާދޯ؟ ހެހެ…”
“އާނދޯ؟ އަފްޒަލް ޑޮކްޓަރަކަށްވިނަމަ އަހަރެން އަފްޒަލަށް ފޫހިވީސް. ޑޮކްޓަރުންނަކީ ފޫހި ބައެއް.”
“ހެހެހެ….އެހެންވީމަ ސަޅި ގޮތެއްނު އަހަންނަށް މި ދިމާވީ؟”
“އާނއެކޭ!”
އަފްޒަލް އިތުރަށް ހީލުމުން ފަލަކަށް ވެސް ހީލެވުނެވެ. އަފްޒަލް ހެއްވާލެވުނީތީ ފަލަކަށް އުފަލެއް ލިބުނެވެ.
“ދެޓްސް އިޓް! އެކަމަކު އަދި މިލްކް ޗޮކްލެޓް ސްޓްރައިޕްސް އެޅީމަ މާ ބޮޑަށް ރީތިވާނެހެން ހީވަނީ.” އަފްޒަލްގެ ޖުމްލައިގެ ކުރީ ކޮޅު އިވިފައި ފަލަކްގެ ހިތް ޖޯޝުން ފުރުނެވެ. އެހެނަސް އަފްޒަލް ދެންވެސް ރާވައިގެން ހުރީ އޭނައާއިއެކު ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަން ކަން އެނގުންވި ހިނދު ދެރަވާ ގޮތްވިއެވެ.
“އަމް….ބިޒީދޯ މި ގަޑީގަ؟” އަމިއްލަ އެދުން ބުނާނެ ގޮތެއް ދޭހަ ނުކުރެވުމުން ފަލަކަށް ބުނެލެވުނެވެ.
“ހުމް….ބިޒީ.” އަފްޒަލް އޭނައަށް ބެލުމެއްވެސް ނެތި އެހެން ބުނުމުން ފަލަކްގެ ހިތް ގެނބުނެވެ. އެހެނަސް ފުން ނޭވައެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ.
“އޯކޭ….އެހެންވީމަ އަންނާނަން ޗޭންޖް ކޮށްލައިގެން.”
ފަލަކް ލުއި ހިނިތުންވުމަކާއިއެކީ ކެބިނެޓް މަތިން ފޭބީ މާޔޫސްވެފައިވާ ޙާލުއެވެ. އެވަގުތު ވެސް އަފްޒަލް އޭނައަށް ބެލުމެއްނެތި ހޫންލައްވައިލި ގޮތުން އަފްޒަލަށް އެވަގުތު ފޫހިވެސް ވާ ގޮތްވިއެވެ. އޭނަ އެވަގުތު އެދޭ ގޮތް އަފްޒަލަށް ނޭނގުނީތީވެއެވެ.
ފަލަކް ބަދިގެއިން ނިކުންނަން ހިނގައިގަތް ވަގުތު ސިހުންވީ ކުއްލި ގޮތަކަށް އަފްޒަލް އޭނަގެ އަތުގައި ހިފި ގޮތުންނެވެ. އޭގެ ފަޅި ސިކުންތެއްގެ ތެރޭގައި އަފްޒަލް، ފަލަކް އަތްދަނޑިމައްޗަށް އުފުއްލައިލި ގޮތުން ފަލަކަށް ހަޅޭކެއް ވެސް ލައްވައިލެވުނެވެ.
“މިހާ ރީތި ވައިފްއެއް ދެއްވާފަ ހުއްޓާ ކިހިނެއް މަސައްކަތެއް ކުރަން ހުރެވޭނީ؟” އަފްޒަލް ފަލަކަށް ބަލަން ހުރެ އެހިއެވެ. އެއާއިއެކު ދެމީހުންނަށް އެކީގައި ހީލެވުމާއިއެކު އަފްޒަލް ފަލަކް އަތުތެރެއަށް ލައިގެން މިސްރާބުޖެހި ކޮޓަރިއާއި ދިމާލަށެވެ.
ނުނިމޭ