ޤަދަރު (އަށާވީސްވަނަ ބައި)
ހުކުރު ދުވަހުގެ ފަތިހު ޒުހާއަށް ހޭލެވޭ ގޮތްވީ އެލާމުގެ އަޑަށެވެ. އެ އަޑު އިވިފައި ހޭ އެރިއެއްކަމަކު ލޯ ހުޅުވައިލުމެއްނެތި ޒުހާ އަރިމަތީ މޭޒަށް އަތް ދިއްކޮށް އެލާމް ކަނޑައިލިއެވެ. އެއަށްފަހު ނަމާދަށް ތެދުވަންޖެހޭކަން އެނގިވެސް އެ އޮތް ގޮތަށް އޮތީއެވެ.
ޒުހާ ލޯ މަރައިގެން އޮތެއްކަމަކު ޒުހާ އޮތީ ނިދަން ނޫންކަން ގާތުން ބަލައިލި މީހަކަށް އެނގޭނެއެވެ. ލޯ މަރައިގެން އޮތްއިރު ދެ ބުމަ ކައިރި ވެފައިވިއެވެ. ލެއްޕިފައިވާ އެސްފިޔަތަކުގެ ދޭތެރެއިން ބިރުވެރި މަންޒަރުތައް ސިފަވަމުން ދިޔަ ފަދައަކުންނެވެ.
“އައި ވޯންޓް ޓު ބްރޭކް އަޕް ވިތް ޔޫ….”
އެ ބަސްތައް ޒުހާގެ ކަންފަތުގައި ގުގުމައިލުމާއެކުހެން ޒުހާއަށް ލުއްކެއްޖަހައި ތެދުވެލެވުނެވެ. ހަމަ އެވަގުތު ފޯނު ވައިބްރޭޓްވެ، އިވެން ފެށީ ބަންގީގެ އަޑެވެ. އެއާއިއެކު ފަތިސް ނަމާދު ވަގުތު ޖެހުނީކަން ޒުހާއަށް އެނގުނެވެ. ރޭ 1 ޖެހިއިރު ވެސް ނުނިދޭތީ ޒުހާ އެލާމަށް ލާފައިވަނީ ފަތިސް ނަމާދާއި ނުހަނު ގާތްކޮށެވެ
ބަންގީގެ އަޑު އިވުމާއެކު ޒުހާ ލަސްތަކެއް ނުކޮށް އެނދުން ތެދުވިއެވެ. އަދި ތާޒާވެލައި ވުޟޫ ކުރުމަށްފަހު ނަމާދަށް ތައްޔާރުވިއެވެ.
އެ ތައްޔާރީތަކުގެ ތެރެއިން ވެސް އިއްޔެ ޒައުލް ދެއްކި ވާހަކަތައް ހަނދާންވަމުން ދިޔައެއްކަމަކު ނަމާދު ފެށުމާއިއެކު އެ ހުރިހާ ޚިޔާލުތަކުން ދުރުވެވުނެވެ. އެކަމާްިމެދު ޚުދު ޒުހާވެސް ޙައިރާންވާހާވިއެވެ.
މި ފަހުން އައިސް ޒުހާއަށް ނަމާދުގައި އާދަޔާ ޚިލާފު ސަމާލުކަމެއް ދެވޭ ކަމީ އޭނައަށް އާ ކަމެއް ނޫނެވެ. އެހެނަސް އިއްޔެ އެހާ ބޮޑަށް ހިތްދަތިވެފައި ވަނިކޮށް ނަމާދުގައި އެކަމާއިމެދު ނުވިސްނައި ހުރެވިދާނެ ކަމަށް ޒުހާ ހިއެއް ނުކުރެއެވެ
އެކަމަކު އިއްޔެ ސްކޫލުން ގެއަށް އައިސް ކުރިހާ ނަމާދުތަކާއި ޒުހާއަށް ސަމާލުކަން ދެވުނެވެ. އަދި އަމުދުން ނަމާދުތަކުގައި ކިޔަވަން އޭނައަށް ޚިޔާރު ކުރެވެމުން ދިޔައީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ދޭ މެސެޖުތަކެއްހެން ހީވަމުން ދިޔައެވެ. މި ގޮތުން ފަތިސް ނަމާދުގައި ޒުހާއަށް ކިޔެވެން ފެށީ ޝަރްޙް ސޫރަތެވެ.
وَإِلَى رَبِّكَ فَرغَب
“އަދި ހަމައެކަނި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދިވަޑައިގަންނަވާށެވެ.”
އެ ބަސްތަކަކީ ރަސޫލާ ﷺ އަށް ޚާއްޞަކޮށް ﷲ ބާއްވައިލެއްވި އާޔަތަކަށް ވިޔަސް، އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ވެސް އެ އާޔަތް ނިސްބަތްވެގެންވާކަން ޒުހާ ދަސްކޮށްފައިވެއެވެ.
އެ ވަގުތު ޒުހާގެ ހިތަށްއެރިއެވެ. އޭނަ ފަދަ ނިކަމެތި އިންސާނެއްގެ ކިބައިން އޭނަ ކުރީ ހާދަ ބޮޑެތި އުއްމީދުތަކެވެ. އޭނަގެ އަމިއްލަ އުފާވެރިކަން ވެސް އޭނަ އެހެން މީހަކާއި ޙަވާލުކޮށްގެން އުޅޭތާ ހާދަ ދުވަހެއް ވެއްޖެއެވެ. އޭނަގެ ހިތަށް ވަރުބަލިކަން އިޙްސާސް ކުރެވިފައިވާ ކަމީ ޙައިރާންވާންޖެހޭ ކަމެއް ނޫންކަމަށް އެވަގުތު ޤަބޫލު ކުރެވުނެވެ. އެހެނީ އޭނަގެ އުއްމީދުތަކާއި އުފާވެރިކަމުގެ ވެރި ފަރާތަކީ ﷲ އެވެ. އިންސާނެއްގެ ފަރާތުން އެކަންކަމަށް އެދުމަކީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ.
ނަމާދުން ފައިބައި އިރުކޮޅެއް ވަންދެން ޤުރުއާން ވެސް ކިޔެވުމަށްފަހު، ޒުހާ ލަސް ހިނގުމެއްގައި ދިޔައީ ބެލްކަންޏާއި ދިމާލަށެވެ. އާދައިގެ މަތިން ފަތިސް ނަމާދަށްފަހު އިރުއަރާ މަންޒަރު ބަލަން ހިތް އެދުނީތީވެއެވެ. ބެލްކަންޏާއި ދިމާލަށް ޒުހާ ދިޔައީ ހެނދުނުގެ ޒިކުރުތައް ކިޔަމުން ކަމަށްވިޔަސް، ލަސްލަހުން އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ޒައުލްގެ އަޑު ގަދަވާން ފެށިއެވެ. މާ ގިނައިރެއް ނުވެ އިއްޔެ އޭނައާއި ޒައުލްއާއި ދެމެދު ދެކެވުނު ވާހަކަތައް ސާފުކޮށް އިވެން ފެށިއެވެ.
“ހައި…ޒައުލް.” ޒުހާ އެހެން ބުނެލިއިރު ވެސް މެއަށް ފިނިވަމުން ދިޔައެވެ.
“ހައި ޒުހާ….އައި ޖަސްޓް ކޯލްޑް ޓު ސޭއި ދެޓް…..އައި ވޯންޓް ޓު ބްރޭކް އަޕް.” ޒައުލް ލަސްތަކެއް ވެސް ނުކޮށް ސީދާ މަޢުޟޫއަށް ދިޔައެވެ. އެކަމަށްޓަކައި ޒައުލް ކެތްމަދުވެފައި ހުރި ފަދައަކުންނެވެ.
ޒުހާއަށް އެކަން މާ ބޮޑަށް ވެސް އިޙްސާސް ކުރެވުނެވެ. އެހިނދު ހިތް މޭތެރޭގައި އޮވެ ގެނބުނު ހިނދު، ފޯނު ހިފަހައްޓައިގެން ހުރި އަތަށް ބާރުކޮށްލެވުނެވެ. ދެންމެ އެ އިވުނީ ޒައުލްއާއި ޚުދު އޭނަވެސް ބޭނުންވެގެން ހުރި ކަމެއްގެ ވާހަކަކަން އެނގުނަސް، ޒައުލްގެ ދުލުން އެ ވާހަކަ އިވުމުން ހިތަށް އުދަގޫވިއެވެ.
“ދެން މިކަމާއިމެދު ރޮއި ނަހަދައްޗޭ. ޔޫ ސޯ ދިސް ކަމިންގް ދޯ؟ އައި ރިއަލީ ލައިކް އެންޖެލާ…..އައިމް ރިއަލީ ސޮރީ އެބައުޓް ދިސް.” ޒައުލް އެހެން ބުނެލިހެން ޒުހާގެ އަރުތެރެ ބެދެން ފެށިއެވެ.
“ހްމް…” ޒުހާއަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. އޭނައަށް ޒައުލް ގާތު ބުނަން އުދަގޫވި އެ ބަސްތައް ޒައުލް އެ ބުނަމުން ގެންދަނީ ހާދަ ފަސޭހައިންނޭ ހިތަށްއެރިއެވެ.
“އޯލްސޯ….މި ފަހަކަށް އައިސް އަސްލު އަހަރުމެން ދެމީހުން އެހާ ބޮޑަށް ނުވެސް ގުޅޭ ދޯ؟ އަހަރެން އަބަދުވެސް ބޭނުންވަނީ ވަރަށް ފަން ލަވިންގް، އިންޑިޕެންޑެންޓް އަދި ފެމިނިސްޓް ކުއްޖެއް. ޒުހާގެ ކިބައިގަ ވެސް ކުރިން މި ސިފަތައް ހުރި. އެކަމަކު މި ފަހުން އައިސް ޒުހާ މާ ބޮޑަށް ދީންވެރިވެ، ދިގު ހެދުން ވެސް ލާ ވާހަކަ އެބަ ދައްކަމެއްނު؟ އައި ޑޯންޓް ލައިކް އިޓް ޓު ބީ އޮނެސްޓް.”
މިފަހަރު ޒައުލް ދެއްކި ވާހަކަތަކުން ޒުހާގެ ދެބުމަ ކައިރިވިއެވެ. މެއަށް ވެރިވާން އުޅުނު ތަދުވެސް ފިލައިގެން ދިޔައީ، ޒައުލް ދީނާއިމެދު ދެކެނީ ކިހާ ގޯސްކޮށްކަން އެނގުންވުމުންނެވެ.
“ދީންވެރިވުމަކީ ފަން ލަވިންގް، އިންޑިޕެންޓެންޓް އަދި އަންހެނުން ބާރުވެރި ކުރުމުގެ އިދިކޮޅުތަ؟” ޒުހާ އެ ސުވާލުކޮށްލި ހިނދު ހިތަށް ނުރުހުންތެރިކަމެއް ވެސް ވެރިވިއެވެ.
“ނޫންތަ؟ ޔޫ ހޭވް ގޮޓެން ސޯ ބޯރިންގް މި ދުވަސްކޮޅު. އަބަދު އަބަދު ތި ދައްކަނީ ކޮންމެވެސް ދީނުގެ ވާހަކައެއް. އެހެން ނޫނީ ތި ބުނާ އެކުވެރިންނާއިއެކީ ކުރި ކަމެއްގެ ވާހަކަ. ކުރިން ހަދާހެން ޒުހާ އަހަންނާއި އެކީ އަހަރެން ލައިކް ވާ ކަހަލަ ފިލްމްތައް ވެސް ބަލައި ނުއުޅެމެއްނު؟ އަހަރެން ކުޅޭ ގޭމެއްގަ ވެސް ބައިވެރިއެއް ނުވަމެއްނު؟ ދޯސް ތިންގްސް އާރ އިމްޕޯޓެންޓް ޓު މީ…”
ޒައުލް ކިޔައިދިން ސަބަބުތަކުން މި ފަހަރު ޒުހާގެ ލޯ ހަނިވީ ހިނދު އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. އެ ހިނދު ޒައުލްއަށް ދުވަހަކުވެސް ފޫހި ނުވާވަރަށް ހިތުގައި ފޫހިކަމެއް އުފެދުނެވެ.
“ޔޫ ނޯ ވަޓް ޒައުލް؟ ޔޫ އާރ ރައިޓް. އަހަރުމެން ދެމީހުން މިހާރު ވަރަށް ނުގުޅޭ. ޒައުލް ބަލާ ކަހަލަ ހުތުރު އަދި އެއްވެސް މާނައެއް ފިލްމުތައް ބަލާ ހިތެއް އަހަރެން ވެސް ނުވޭ. ރޭގަނޑު ދަން ވަންދެން ގޭމްތައް ކުޅެ ފަތިސް ނަމާދު ގެއްލުމުގެ ނުރައްކަލަށް ހުށަހެޅޭކަށް އަހަރެން ބޭނުމެއް ނުވޭ. އެންޑް ނޯ…..މީގެ މާނައެއް ނޫން އަހަރެން ދިރިއުޅުމުގަ އުފާ ފާޅުކުރުމަށް އެއްވެސް ކަމެއް ނުކުރަނީއޭ. އަހަރެން އެކުވެރިންނާއިއެކީ ވަގުތު ހޭދަކޮށް އެންޖޯއި ކުރަން. ދިގު ހެނދުން ލުމުގެ މާނައެއް ނޫން އަހަރެންގެ މިނިވަންކަމާއި އަންހެންވަންތަކަން ގެއްލި ދިޔައީއޭ. އެ ދެކަންތައް އަހަންނަށް ލިބޭނެ ހަމައެކަނި ގޮތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންވެގެންކަން އަހަންނަށް އެނގޭ. ޒައުލްއަށް މި ވާހަކައަކީ ކިތަންމެ އަންކޫލް ވާހަކައަކަށް ވެދާނެ. އެކަމަކު މިއީ އަހަރެން ޤަބޫލުކުރާ ޙަޤީޤަތް….” ޒުހާ ތަފްޞީލުކޮށް ކިޔައިދިނެވެ.
“ވާވް! އައި ޑޯންޓް ނޯ ހޫ ބްރައިންވޮޝްޑް ޔޫ ޒުހާ….ޒުހާއަށް ސިމްޕަތީ އެބަވޭ ތި ވާހަކަތައް އިވިފަ. ޒުހާ ދެން ބޭނުންވަނީ ކޮންމެވެސް ތުނބުޅި ދިގު އިމާމަކާއި އިނދެގެން ސެޓްލް ވާންދޯ؟ އޭނަ ޖެހިހާ ބެރަކަށް ނަށަން؟ އައި ކޮންގްރެޖުލޭޓް ޔޫ އޮން ދެޓް ލައިފް. ދެން ދެމީހުން އެކަކު އަނެކަކަށް ނުފެންނަމާ!”
ޒައުލް އެހެން ބުނެ ފޯނު ކަނޑައިލީއެވެ.
ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުރި ޒުހާގެ ހަނދާނަށް ޒައުލްގެ ވާހަކަތައް ވެރިވެގެން ދިޔަދިޔަހެން، ނާއުއްމީދީ އިޙްސާސްތަކުން ހިތް ވަށާލެވިގެން ދިޔައެވެ. ޒައުލް ޒުހާއަށް އެ އިއްވައިލި ފަހު ބަސްތަކުގެ ބޭނުން، ޝައިޠާނާ ނުހަނު ފުރިހަމައަށް ހިފަމުން ދިޔަ ފަދައެވެ. ޒައުލް އެ ވާހަކަ ބުނެލި ރާގުން، އޭނައަށް ދެން ލިބޭނީ ޚުދު އޭނައަށް ވެސް އުފަލެއް ނުލިބޭނެ ޒަވާޖީ ޙަޔާތެއްކަމަށް ޤަބޫލު ކުރެވެން ފެށިއެވެ. ޒައުލް އެ ބުނެލި ބަސްތަކުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާހެން ހީވާން ފެށިއެވެ. ބޭރުފުށުން ދީންވެރިކަމަށް ފެންނަ ކިތައް ފިރިހެނުން އަންހެނުންނަށް ގޯސްކޮށް ހިތައި އުޅޭ ހެއްޔެވެ؟
ސިކުނޑިއަށް އެ ސުވާލު ވެރިވާ ކޮންމެ ފަހަރަކު އޭނައަށް ޒައުލް ދޫކޮށް ނުލެވުނުނަމައޭ ހިތަށް ވެރިވަމުން ދިޔައެވެ. އޭނައަށް ދެން ޒައުލް ފަދައިން އޭނައާއި ގުޅޭ ކުއްޖަކު ނުލިބުނިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޒައުލް އެ ބުނި ފަދަ ޙާލެއްގައި ނުޖެހެން އޭނަ އެހެން ނޫނަސް ޖެހޭނީ ދީނާއި ދުރު މީހަކު ޚިޔާރު ކުރަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އޭނަ ވެސް ޖެހޭނީ ޒައުލް އެ ބުނާހެން މާ ދީންވެރި ނުވެ، ދީނާއި ދުރުވެލަން ހެއްޔެވެ؟
އަމިއްލަ ޒަމީރު އޭނައާއި ކޮށްލި އެ ސުވާލާއި އެކީ ގައިން ހީބިހި ނެގި ހިނދު، ޒުހާއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ބޯހޫރުވައިލެވުނެވެ. ދީނާއި ދުރުވުމުގެ ޚިޔާލަށް އެ ހިތުގައި އުފެދުނު ދަތިކަމުގެ ސަބަބުންނެވެ. ހަމަ އެހިނދު ޒުހާ އިސްއުފުލައި ލަސްލަހުން ލޯ ހުޅުވައިލި ހިނދު، ކުރިމަތިން ފެންނަމުން ދިޔައީ، އެތައް ބޯ ގަސްތަކެއްގެ ތެރެއިން އިރު އަރަމުން ދިޔަ މަންޒަރެވެ. އަނދިރިކަން ވެރިވެފައިވި އުޑަ ލަސްލަހުން އަލިކަން ވެރިވަމުން ދިޔަ މަންޒަރެވެ.
އެ މަންޒަރުން ވެސް ﷲ ޒުހާގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވި ފަދަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އެ ކަލާނގެއީ ރޭގަނޑު ދުވާލަށް ބަދަލު ކުރައްވާ ރަސްކަލާނގެއެވެ. ވީއިރު އޭނަގެ ހިތަށް ވެރިވާ ނާއުއްމީދީ، “އަނދިރި” ޚިޔާލުތަކަށް އެކަލާނގެ ނިމުމެއް ނުގެންނަވާނެ ކަމަށް އޭނަ ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟
އާނއެކެވެ. އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ބާރުވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ވީއިރު އޭނައަށް ދީންވެރި އަދި ޞާލިޙު ބައިވެރިއެއް ދެއްވައި، އޭނަ ހީކުރާ ވަރަށްވުރެ ވެސް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް ދެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ދުނިޔޭގެ ނިޢުމަތަކަށް އެދި އެކަލާނގެ އަމުރުފުޅުތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ. އެހެނީ އެ ހުރިހާ ނިޢުމަތްތަކުގެ ވެރި އިލާހަކީ އެކަލާނގެއެވެ.
ޒުހާ ހަމަ އެ ވަގުތުން ވަގުތަށް ވެސް ދެންމެ ހިތަށް ވެރިވި ނިޢުމަތަށްޓަކައި ދުޢާ ކުރީ، އޭނަގެ ވެރި ރައްބަކީ ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެކަން ހަނދާން ކުރަމުންނެވެ. އެހިނދު ހުއްޓުމެއްނެތި ލޮލުން ކަރުނަ އޮހެން ފެށީ، އެކަލާނގެ ލޯބިފުޅުގެ ފުންކަން ހިތަށް އިޙްސާސް ކުރެވުމުންނެވެ.
**
“ވަޓް؟! ދޮންބޭ ޔޫ ކާންޓް ބީ ސީރިއަސް!” ޒައުލް އެހެން ބުނެލީ ކޮޓަރީގެ ދޮރުމަތިން ދޮންބެ އޭނައާއި ޙަވާލުކޮށްލި ގަނޑަކަށް ބަލަން ހުރެއެވެ.
“މިއީ ސީރިއަސް ވާހަކައެއް ނޫންހެން ޒައުލްއަށް އެބަ ހީވޭތަ؟ ތި ބުނީއެއްނު ތި ޓްރިޕަށް ލާރި ދައްކަން އަދި ހަފްތާއެއް އެބައޮތޭ؟ ހަފްތާއެއް ވަންދެން މި ނަމާދު ތާވަލު ފުރިހަމަ ކުރިއްޔާ ޒައުލްގެ ޓިކެޓަށް ދޮންބެ ލާރި ދޭނީ. އެންޑް ޑޯންޓް އިވެން ތިންކް އެބައުޓް ޗީޓިންގް. ދޮންބެ އަތުގަ ވެސް މީގެ ކޮޕީއެއް އެބައޮތް. ޒައުލް ދޮންބެއާއި އެކީ މިސްކިތަށް އަންނަ ވަރަކަށް ދޮންބެގެ ކޮޕީވެސް ފުރެމުން ދާނީ….” އަފްޒަލް ކިޔައިދިނެވެ.
“ވަޓް ދަ-” ޒައުލް ނުބައި ބަހެއް ކިޔަން އުޅެފައިވެސް އަނގަ ބަންދުކޮށްލީ ކުއްލިއަކަށް ކުރިމަތީގައި ހުރީ ދޮންބެކަން ހަނދާންވުމުންނެވެ. ދޮންބެއާއި ހަތަރުކަޅި ހަމަވުމާއިއެކު ވަގުތުން ކުށްވެރިއެއް ފަދައިން އިސްޖަހައިލެވުނެވެ.
“ލުކް ޒައުލް….ދޮންބެއަކަށް ނޭނގެ ޒައުލް ތި ބަހުރުވަ ދަސްކުރީ ކޮން ތަނަކުން ކަމެއް. އެނގޭހާ ވެސް ކަމަކީ ތިހެން އުޅެގެން ޒައުލްއަށް އެއްވެސް މޮޅެއް ލިބެން ނެތޭ. ދުނިޔޭގަ ވެސް، އަދި އާޚިރަތުގަ ވެސް. މާ ލަސް ނުވަނީސް އިސްލާހުވޭ…” އަފްޒަލް ނަސޭޙަތްތެރިވިއެވެ.
އެ ވާހަކަތަކަށް ޒައުލް ވަކި އެއްޗެކޭ ނުބުނުމުން އަފްޒަލް ފުން ނޭވައެއް ދޫކޮށްލަމުން އެތަނުން ދާން ހިނގައިގަތެވެ. ދޮންބެ ލޯ މައްޗަށް ގެއްލުމާއިއެކު ޒައުލް ދޮރު ލައްޕައިލަމުން އަތުގައި އޮތް ގަނޑަށް ބަލައިލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ދޮންބެ އެ ދިން ނަސޭޙަތާއިމެދު ވިސްނެން އުޅެނިކޮށް އޭނަގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވިއެވެ. އިސާހިތަކު ޒައުލް ފޯނު ނެގީ، އެ ވާނީ ހަމަ ޔަޤީނުން ވެސް އެންޖެލާގެ މެސެޖެއްކަން ދަނެގެންނެވެ.
ފޯނު ނެގުމާއިއެކު ޒައުލްގެ އެ އުއްމީދު ފުރިހަމަވިއެވެ. މި ގަޑީގައި ކީއްކުރަނީތޯ އެންޖެލާ ކޮށްފައި އޮތް ސުވާލުގެ ޖަވާބަކަށް ޒައުލް އެންޖެލާއަށް ގުޅައިލީއެވެ. އިސާހިތަކު އަތުގައި އޮތް ގަނޑު ކިޔަވާ މޭޒުމައްޗަށް ދޫކޮށްލެވުނުހެން، ދެންމެ އިވުނު ނަސޭޙަތުގެ މަތިން ވެސް ހަނދާން ނެތުނެވެ.
**
ވޭތުވާން ފެށި ދުވަސްތަކާއިއެކީ އަފްޒަލް ފަލަކާއި ދުރުވެވޭތޯ މަސައްކަތް ކުރިއެވެ. މި ފަހުން އައިސް އޭނައަށް ނިންމުނު ނިންމުންތަކުގެ ސަބަބުންނެވެ. ފަލަކަކީ އޭނައަށްޓަކައި ލިޔުއްވާފައިވާ ބައިވެރިޔާއަށް ނުވެދާނެކަމަށް ހިތް ބުނަމުން ދިޔަ ވަރުންނެވެ.
ވަރަށް ފަހުން ވެސް އަފްޒަލަށް އެއީ ގޯސް ޚިޔާލެއްކަން ސާބިތުވާ އެތައް ނިޝާނެއް ފެނިފައިވެއެވެ. ނުހަނު ފަހުން ފަލަކްގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ ލިޔުމެއްގައި ވަނީ ބުރުގާ އެޅުމުން އަންހެނުން މަޙްރޫމް ކުރާ ވާހަކައަށް އަލި އަޅުވާފައެވެ. މުސްލިމް އަންހެނުން ބުރުގާ އަޅަނީ އެ އަންހެނާގެ ދީނާއިމެދު ޤަބޫލުކުރާ ޤަބޫލު ކުރުމެއްގެ ސަބަބުން ކަމަށްވާއިރު، ބުރުގާ އެޅުމުން މަޙްރޫމް ކުރުމަކީ ލާއިންސާނީ ޢަމަލެއް ކަމަށް ސިފަ ކުރެވިފައިވެއެވެ.
އެ ލިޔުން ފެނިފައި މާ ބޮޑަށް ވެސް އަފްޒަލްގެ ހިތް ފަލަކަށް ލެނބުނެއްކަމަކު ދެންވެސް އޭނަގެ އުއްމީދުތައް އޮޔާލައި ފޮނުވާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އުއްމީދު ކުރެވުނު އިރު ކަންތައް ހިނގި ގޮތް ހަނދާންވަމުން ދިޔައީތީވެސްމެއެވެ. ބޮޑު އުއްމީދެއް ކުރުމުން ކޮންމެވެސް އެއްގޮތަކުން އެ ނިޢުމަތް އޭނައާއި މަޙްރޫމްވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވަމުން ދިޔައެވެ.
އަފްޒަލްގެ އެ ޚިޔާލުތަކަށް އައި ބަދަލު އޭނަގެ ޢަމަލުތަކުން ވެސް ފެންނަމުން ދިޔައެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފަލަކަށެވެ. ފަހަކަށް އައިސް އަފްޒަލް އޭނައާއި ހިނިތުންވެ ނަހަދާކަން ފަލަކަށް ފާހަގަވިއެވެ. ރެސްޓޯރެންޓުގެ މަސައްކަތުގައި ދެމީހުން އެކީގައި މަޝްވަރާ ކުރަމުން ދާއިރު އަފްޒަލްގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ސީރިއަސް ކަމެކެވެ.
ކަމެއް ދިމާވީތޯ އަހަން ފަލަކްގެ ހިތް އެތައް ފަހަރަކު އެދުނެވެ. އެހެނަސް އެފަދަ ސުވާލެއް ކުރަން އޭނައަކީ ކާކުތޯ ހިތަށް އަރަމުން ދިޔައެވެ. އެއީ އޭނަ އަނބުރާ ދުބާއިއަށް ދާން އުޅޭ ވާހަކަ ބުނީތީވެކަމަށް ފަލަކްގެ ސިކުނޑިން ގޮވަމުން ދިޔަ ފަނޑު އަޑަކުން ބުނަމުން ދިޔައެވެ. އަފްޒަލަށް މި ބަދަލެއް އައިސްގެން އުޅެނީ އޭނަ އެ ވާހަކަ ދެއްކި ފަހުން ކަމަށްވީތީވެއެވެ.
އޭނަ އަވަހަށް ދާން ނުއުޅޭ ކަމަށް އަފްޒަލް ގާތު ބުނަންވީތޯ ފަލަކަށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. އޭރުން އަނެއްކާވެސް އަފްޒަލް އޭނައާއި ހިނިތުންވާނެތޯ ހިތަށްއެރިއެވެ. އެހެނަސް އެ ވާހަކައިގެ ސަބަބަކަށް އޭނަ ބުނާނީ ވެސް ކޮން ވާހަކައެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނަ އަފްޒަލާއި އިންނަން ބޭނުންވާތީ ކަމަށް ބުނާކަށް ބޭނުމެއް ނުވެއެވެ. އެއީ އޭނަ ބޭނުންވާ ގޮތްކަމެއް ވެސް ޚުދު ފަލަކަކަށް ނޭނގެއެވެ.
ހިނގަމުން ދިޔަ ހަފްތާގެ ބުރާސްފަތި ދުވަސް ޖެހުނީ ފަލަކް މިފަދަ ޚިޔާލުތަކުގައި ވަނިކޮށެވެ. ބުރާސްފަތި ދުވަހުގެ މެންދުރު އޭނައަށް އޮންލައިންކޮށް ފެނުނު ފަހާ ތަނަކަށް ދިޔައީ، އޭނަ އެދުވަހު ގަތް ފޮތިގަނޑަށް ހެދުން ފެހުނުތޯ ބެލުމަށެވެ. އޭނަ އެ ފޮތިގަނޑު އެތަނަށް ދިނީ، އެތަނަށް ދިޔަ މަގުމަތިން ޓެކްސީގައި އޭނަ ކުރަހައިލި ކުރު ހެދުމެއްގެ ޑިޒައިނަކަށެވެ. ފަލަކް އެ ފަހާ މީހާގެ ގާތަށް ދިޔައީ އެ ޑިޒައިނަށް ފަހާފައި އޮތް ހެދުމެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް…
“އަޅުގަނޑުމެން ވަރަށް ބޮޑަށް މަޢާފަށް އެދެން. އޮޅުމެއްގެ ތެރޭގަ މި ފޮތިގަނޑަށް ހެދުން ފަހައިލެވުނީ މި ގޮތަށް. ވަރަށް ބައިވަރު ފޮތިތަކެއް ހުރެފަ އަބާޔާ ފޮތިގަނޑަކަށް ވީތީވެ އަޅުގަނޑުމެންނަށް އަލަށް ލިބިފައި ހުރި ފަހާ މީހާއަށް އޮޅުނީ. ފަލަކްގެ މިނަކަށް ނޫން ފެހިފައި އޮތީވެސް. ވަރަށް މަސައްކަތް ކުރިން މިކަހަލަ ފޮތިގަނޑެއް ލިބޭތޯ. އެކަމަކު އެއްވެސް ފިހާރައަކުން ލިބޭގޮތެއް ނުވި. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަޢާފަށް އެދެން.”
އެތަނުގެ ވެރި އަންހެން މީހާ ހަރުގަނޑެއްގައި އެޅުވިފައި އޮތް އޮރެންޖް ކުލައިގެ ދިގު ހެދުން ދައްކަމުން ވާހަކަ ދެއްކީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމާއި އެކީއެވެ. ފަލަކަށް އެ ނުތަނަވަސްކަން ފާހަގަވެސް ނުކުރެވުނު ފަދައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ކުރިމަތިން ފެންނަމުން ދިޔަ ހެދުމަށެވެ. އެ ހެދުމަށް ބަލާފައި އެއީ ސީދާ އޭނައަށްޓަކައި ފެހިފައި އޮތް ހެދުމެއްހެން ހީވަމުން ދިޔައެވެ. ނޭނގޭ ސަބަބަކާއިހުރެ އެ ހެދުން ފެނިފައި ހިތް އުފާކުރަމުން ދިޔައެވެ.
“ހެޔޮވަރު ވާނެހެން ހީވަނީ…” ފަލަކަށް ބުނެލެވުނީ އެހެންނެވެ.
އެއާއިއެކު ފަލަކްގެ ކުރިމަތީގައި އިސްޖެހިފައި ހުރި އަންހެން މީހާ އިސްއުފުލައިލިއެވެ.
“ކީކޭތޯ؟” އެ މީހާ ޤަބޫލުކުރަން ދަތިވެފައި އަހައިލިއެވެ.
“ހަމަ ޔަޤީން ހެޔޮވަރު ވާނެކަން….ކިހާ ވަރެއް؟” ފަލަކް ލުއި ހިނިތުންވުމަކާއިއެކީ އެ އަންހެން މީހާއަށް ބަލައިލިއެވެ.
“ހެހެހެ….މިކަހަލަ ހެދުން ވެސް ލައި އުޅެންދޯ؟ ހެހެހެހެ….” އެ އަންހެން މީހާ ދެންވެސް ނުތަނަވަސްކަމާއިއެކީ ހެމުން، އަގު ބުނެލީ އެދުވަހު ފަލަކް ލައިގެން ހުރި ކަކުލާއި ހަމައަށް އޮތް ހެދުމަށް ބަލަމުންނެވެ.
**
އެރޭ ޢިޝާ ނަމާދަށްފަހު ގެއަށް އައިސް އަފްޒަލް ތައްޔާރުވެލީ، އެރޭ ނޫރާ ގޮވައިގެން ފަލަކްގެ އެކުވެރި ކައުންސެލާރއަށް ދެއްކުމަށް ރާވާފައި އޮތުމުންނެވެ. އަފްޒަލް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ވެސް ނޫރާއާއި ފަލަކް ފެންނަން ނެތުމުން އޭނަ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ، ފޯނު ހުޅުވައިލިއެވެ.
ފޯނުން ޢާއްމު ގޮތެއްގައި އަފްޒަލް ކޮށް އުޅެނީ ވިޔަފާރީގެ މަސައްކަތެވެ. އެފަދަ މަސައްކަތެއް ނެތިއްޔާ އޮންލައިންކޮށް ފޮތެއް ކިޔަން ފަށާފާނެއެވެ. އެހެންނޫނީ ޤުރުއާން ކިޔަވަން ފަށާނެއެވެ. ސޯޝަލް މީޑިއާއަކީ ފަހަކަށް އައިސް އަފްޒަލް ނުވެސް ދަންނަ އެއްޗަކަށްވަނީ ވެފައެވެ. އޭނަ އެ ދުވަސްވަރު ގެންގުޅެމުން ދިޔަ ފޯނުގައި ފޭސްބުކާއި އިންސްޓަގްރާމް ޑައުންލޯޑުވެސް ކޮށްފައެއް ނެތެވެ.
އެހެނަސް ކްރިސްޓަލް ޢިމާރާތުގެ މިލްކުވެރިކަން މިހާރު އޭނައަށް ލިބިފައިވުމުން އެ ޢިމާރާތުގައި ގެސްޓް ހައުސް ޚިދުމަތް ހިނގާކަން އަންގަން އޭނަ ސޯޝަލް މީޑިއާ ބޭނުން ކުރަން އެބަޖެހެއެވެ.
އެ ޚިޔާލުގައި އިނދެ އަފްޒަލް ފޭސްބުކާއި އިންސްޓަގްރާމް ޑައުންލޯޑް ކުރުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ އިންސްޓަގްރާމް ޑައުންލޯޑްވުމުން އޭނަގެ ޕްރޮފައިލް ނަމާއި ޕާސްވޯޑް ވަރަށް މަސައްކަތުން ހަނދާން ކޮށްލަމުން އޭނަ ގެންގުޅުނު ޕްރޮފައިލަށް ވަދެލިއެވެ. އެ ޕްރޮފައިލް ނުގެންގުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް ނޮޓިފިކޭޝަނެއް އައިސްފައިވުމުން ހިސާބަކަށް ޙައިރާންވިއެވެ. ނޮޓިފިކޭޝަން ބަޓަނަށް އަފްޒަލް ފިތާލުމާއިއެކުހެން މަންމަ އޭނައަށް ގޮވައިލި އަޑު އިވުނެވެ. އެއާއިއެކު ފޯނު ނިވައިލަމުން މަންމައަށް ސަމާލުކަން ދެވުނެވެ.
“އާދައިގެ މަތިން ދަރިފުޅު ދޯ އެންމެ ކުރިން ތައްޔާރުވެގެން އައިސް ތިއިނީ؟” ފަޒީލާ ހިނިތުންވުމަކާއި އެކީ ގޮސް އަފްޒަލް ގާތު ބުންޏެވެ.
“އާނ….ތައްޔާރުވާން އަންހެން ކުދިންނަށް ވަގުތު ދޭންވާނެތާ! ހެހެ…” އަފްޒަލް ބުންޏެވެ.
“އާނދޯ؟ ހެހެ….ދަރިފުޅަށް އެނގޭތަ؟ މިއަދު މަންމަ ފަލަކް ކައިރިން އެހިން ފަލަކް އަފްޒަލާއިމެދު ދެކެނީ ކިހިނެއްހޭ…” ފަޒީލާ އެހެން ބުނުމާއިއެކު އަފްޒަލަށް ކުއްލި ގޮތަކަށް ފަޒީލާއަށް ބަލައިލެވުނެވެ.
“ކީކޭ ބުނީ؟” އަފްޒަލަށް އަހައިލެވުނެވެ.
“ބުނީ….ތިއީ ތިމަންނައަށް ވަރަށް ނުފެންނަ ޒާތުގެ ރަނގަޅު ފިރިހެނެކޭ.” ފަޒީލާ އެހެން ބުނެ އަފްޒަލަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. ބަދަލުގައި އަފްޒަލް ލުއި ގޮތަކަށް ހީލަމުން އިސްޖަހައިލި ހިނދު، އެ ލޮލުގައި ހިތާމައެއްވިއެވެ.
“ދަރިފުޅަށް ހިއެއްނުވޭތަ ދަރިފުޅު ފަލަކަށް ނަސޭޙަތް ދީފިއްޔާ އަޑުއަހާނެހެން؟ ބުރުގާ-“
“ބޭނުމެއްނޫން އެ ވާހަކަ ދައްކާކަށް މަންމާ. ކައިވެނި ނުކުރަންވީ އެންމެ ސަބަބެއް ވެސް އަހަންނަށް ފެންނަންޏާ، އަހަރެން ކައިވެންޏެއް ކުރަން އެއްބަހެއް ނުވާނަން. ގަދަކަމުން އެއްވެސް ކަމެއް ޖަހައިގަންނާކަށް ބޭނުމެއް ނޫން މަންމާ. ﷲ އަހަންނަށްޓަކައި އިރާދަކުރައްވާ ގޮތަށް ރުހި ޤަބޫލުވާނަން…” އަފްޒަލް ބުންޏެވެ.
ހަމަ އެވަގުތު ސިޑީގެ މަތިން ދޮރު ހުޅުވުނު އަޑަށް އަފްޒަލް އޭނަގެ ފޯނު ޖީބަށް ލަމުން ތެދުވެލީ، ފަލަކް ނިކުތީކަން ދަނެގެންނެވެ. އެ ދިމާލަށް ބެލުމެއްވެސް ނެތި އަފްޒަލް މައިދޮރާއި ދިމާލަށް ދާން އުޅުނެއްކަމަކު ފިޔަވަޅުތައް މަޑުޖައްސައިލެވުނީ، ލޮލުގެ ކޮޅުން ފެންނަމުން ދިޔައީ ތަފާތު މަންޒަރެއްހެން ހީވުމުންނެވެ. އެކަން ޔަޤީން ކޮށްލުމުގެ ގޮތުން އަފްޒަލަށް އެދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ވަގުތުން އަނެއްދިމާލަށް ބަލަން އުޅުނެއްކަމަކު އެކަން ނާކާމިޔާބުވިއެވެ. އިސާހިތަކު އަފްޒަލްގެ އަނގަ ކުޑަކޮށް ހުޅުވުނެވެ.
ކުރިމަތިން ފެންނަމުން ދިޔައީ، އޮރެންޖު ކުލައިގެ ދިގު ހެދުމަކާއި، ހުދުކުލައިގެ ރޫ ނެގި ޝޯލްއެއް އަޅައިގެން ސިޑިން ފައިބަމުން ދިޔަ ފަލަކެވެ. އޭނައަށް މި ފެންނަމުން ދަނީ ހުވަފެނެއްތޯ ވެސް ހިނދުކޮޅަކަށް އަފްޒަލްގެ ހިތަށްއެރިއެވެ. އެހެނަސް އެއީ ހުވަފެނެއް ނޫންކަން ޔަޤީންވީ، އެ މަންޒަރު އޭނަގެ ލޯ ކުރިމަތިން ފުރިހަމަވެ، ފަލަކް އޭނައާއި ދިމާލަށް އެނބުރި، އެ ލޯ އޭނަގެ ލޮލާއި ބައްދަލުކުރުމުންނެވެ.
ނުނިމޭ
Omg
July 30, 2023 @ 6:29 am
Omg