ޤަދަރު (ފަނަރަވަނަ ބައި)
ފަލަކް ޙަޤީޤަތް ފޮރުވަނީކަން ޔަޤީންވުމުން މަޖީދު ފުން ނޭވައެއް ދޫކޮށް ގޮނޑިއަށް ލެނގިލިއެވެ. އެހިނދު ފަލަކް އޭނަގެކުރިމަތީގައި ހުރި ތަށްޓަށް ފެން އަޅަން ފެށީއެވެ.
“އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ….ނުހަނު ރަނގަޅަށް ފަރުވާ ހޯދިއްޖެއްޔާ…އަފްޒަލްއާ އިންނަންވީއެއްނު؟” މަޖީދު އެ ބުނެލި ބަސްތަކާއިއެކީ ފެން ބޯން އުޅުނު ފަލަކް ކޮށި އަރާ ގޮތްވިއެވެ.
“ވަޓް؟! އެއްޗެކޭ ބުނުމުގެ ކުރިން ބައްޕަ ވިސްނާވެސް ނުލަންދޯ؟” ފަލަކް ފެންތަށި ބަހައްޓަމުން ހަރު އަޑުން ސުވާލުކުރިއެވެ.
“ނޮޕް! ވަރަށް ގިނަ ދުވަސް ވަންދެން ވިސްނާފަ ބުނެލި ވާހަކައެއް މިއީ. ފަލަކް އެކޮޅަށް އަނބުރައި ދިޔުމުގެ ކުރިން ފަލަކްގެ ފަރާތުން ޖަވާބެއް ވެސް ހޯދަން ޤަޞްދު ކޮށްގެން މިހިރީ. ކީކޭ ފަލަކް ބުނާނީ މިކަމާއިމެދު؟ ޔެސް އޯރ ނޯ؟”
“އޮފްކޯސް ނޯ! ފަރުވާ ލިބިފަ ހުއްޓާ އިތުރަށް އަހަރެންގެ ނަފްސާނީ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެ ތި ކައިވެންޏެއް ކޮށްގެން.”
“އެކަމަކު ހީވަނީ ފަލަކްގެ ތެރަޕިސްޓް ބުނާނީ މުޅިން އެހެން ވާހަކައެ-“
“އައި ޑޯންޓް ކެއާރ ވަޓް އެނީވަން ސޭސް! އައިމް ނޮޓް ގެޓިންގް މެރީޑް!”
ފަލަކް އެހެން ބުނެ މޭޒުމަތީގައި އޮތް އަތްދަބަސް ނަގައިގެން ހިނގައިގަތް ވަގުތު މަޖީދު ވާހަކަ ދެއްކިއެވެ.
“ފަލަކަށް ހީވަނީ ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއްހެން ދޯ؟ މީތި ޗެލެންޖެއް ގޮތަށް ނަގަމާ. ފަލަކް އަފްޒަލާއި ވާހަކަ ދައްކައި އަފްޒަލް ދަނެގަންނަން މަސައްކަތް ކޮށްފިނަމަ، ބައްޕަ އަތުގަ ހުރި ފެމިނިން ޑިޒައިންސްގެ ޝެއާރސްތައް އަނބުރައި ފަލަކަށް ދޭނަން…”
މަޖީދު އެ ބުނެލި ވާހަކައާއިއެކީ އޭނައަށް ފަސްދީފައި ހިނގަމުން ދިޔަ ފަލަކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ކުންފުނީގެ ހިއްސާތަކުގެ ވާހަކަ އިވުމުންނެވެ. އޭނަ ބައްޕައާއި ބަނދެވިފައިވާ މައިގަނޑު ސަބަބަކީ އެއީކަން އެނގުންވި ހިނދު ފަލަކަށް ފަސްއެނބުރި ބައްޕައަށް ބަލައިލެވުނެވެ.
“ތިއީ ހަމަ ސީރިއަސް ވާހަކައެއްތަ ބައްޕާ؟” ފަލަކަށް އެހެން އަހައިލެވުނުއިރު އޭނައަށް ނޭނގި ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. މިއީ ބައްޕަ އޭނައަށް ހިއްސާތަކެއް ދީފާނެކަމަށް ޢިޝާރާތް ކުރި ފުރަތަމަ ފަހަރެވެ.
“ހުމް ސީރިއަސް….އަދި މީގެ އިތުރުން ބައްޕަގެ ކުންފުނީގެ ޝެއާރސްތައް ވެސް ފަލަކްގެ ނަމަށް ބަދަލުކޮށްދީފާނަން…” މަޖީދު ބުންޏެވެ. އެއާއިއެކު ފަލަކް މުޅިންހެން އޭނަގެ ބައްޕައާއި ދިމާލަށް އެނބުރިލީ އަނގަ ހުޅުވިފައިވާ ޙާލުގައެވެ. ބައްޕައަށް މި އެޅެނީ ކިހާ ކަތި ފިޔަވަޅެއްކަން ބައްޕައަށް އެނގޭބާވައޭ ފަލަކްގެ ހިތަށް އެރިއެވެ.
“އިޓްސް އަ ޑީލް ބައްޕާ! ޑީލް! ހަމައެކަނި އެ އަފްޒަލް ދަނެގަންނަން ޓްރައި ކުރަން ޖެހެނީދޯ؟ ނަތިންގް މޯ؟” ފަލަކް ޔަޤީން ކުރިއެވެ.
“ޔެސް….”
“ޔެސް! ބައްޕާ މި ވާހަކަތައް ހަނދާން ނައްތައި ނުލައްޗޭ! މަހްރީން ލައްވައި ކޮންޓްރެކްޓެއް ވެސް ލިޔުއްވާނަން. މި ވާހަކަތައް ހަނދާން ބަހައްޓަން. މާދަމާއިން ފެށިގެން ވެސް ބައްޕަ ތި ބުނާ ކަންތައް ކުރަން ފެށޭތޯ ބަލާނަން…” ފަލަކް އުޖާލާވެފައިވި މޫނަކާއިއެކީ ވާހަކަ ދެއްކީ އުފަލުންނެވެ.
އަފްޒަލާއި އޭނަ ކުރާ ބައްދަލުވުމަކުން ބައްޕަ އެ ހީކުރާ ފަދަ ކައިވެންޏަކާއި ހަމައަށް އެދެމީހުން ނުދާނެކަން ފަލަކަށް ޔަޤީން ކުރެވުނެވެ. ފިރިހެނަކު ރުޅި އަރުވައި ނުރުހުންތެރި ކޮށްލުމަކީ އޭނައަށް ލިބިފައިވާ ހުނަރަކަށް ވާތީވެއެވެ. އޭނަ އެކަމަށް އަމާޒުކޮށްގެން އަފްޒަލާއި ވާހަކަ ދައްކަން ފަށައިފިނަމަ، އަފްޒަލް ދެވަނަ ދުވަހަކު ވެސް އޭނަގެ ސޫރަ ދެކެން ބޭނުންނުވާ ވަރު އޭނައަށް ކޮށްލެވޭނެކަން ގައިމެވެ.
ދެކެވިގެން ދިޔަ ވާހަކައަށްފަހު ފަލަކް ނުހަނު އުފަލާއިއެކީ އޭނައަށް ފަސްދީފައި ދާން ފެށުމުން މަޖީދަށް އެކަނި އިނދެވެސް ހީލެވުނެވެ. އޭނަގެ އެ ދަރިފުޅު އަބަދުވެސް އުފަލުގައި ލެއްވުމަށް އެދި އެވަގުތު ހިތާހިތުން ދުޢާ ކުރެވުނެވެ.
**
އެރޭ ފަލަކް ގެއަށް ގޮސް ވަގުތުން ފަޒީލާ ދައްތަ ކައިރިން އެހީ އަފްޒަލް ކޮބައިތޯއެވެ. އަފްޒަލް ގޭގައި ނެތް ވާހަކަ އިވުމުން ފަލަކް މާޔޫސްވެސް ވާ ގޮތްވިއެވެ. އެ މާޔޫސްކަމުގައި ހުރެ އެހެންތޯ ބުނެ ތުން ފިއްތައިލިއެވެ. އެއަށްފަހު އޭނަ އަފްޒަލްގެ ޚަބަރު ބެލި ވާހަކަ ބުނައްޗޭ ދައްތަ ކައިރި ބުންޏެވެ. އެއަށްފަހު ފަލަކް މައްޗަށް ދާން ފެށުމުން ފަޒީލާއަށް ވެސް ޙައިރާންކަމާއިއެކީ ފަލަކަށް ބަލަން ހުރެވުނެވެ. ފަލަކް އޭރުވީ މާޔޫސްވެފައި ކަމެއް ނޫނީ އުފާވެފައި ކަމެއް ޔަޤީނެއް ނުކުރެވުނީތީވެއެވެ.
ފަލަކް ހުރީ އުފަލުންނެވެ. ވަރަށްވެސް އުފަލުންނެވެ. ކޮޓަރިއަށް ގޮސް ފަލަކް ފެންވަރައިލަމުން ނިދަން ތައްޔާރުވެ ނިމުނުއިރު ވެސް އެ މޫނުމަތިން ހިނިތުންވުމެއް ނުފިލައެވެ. ނިދަން ލައި އުޅޭ ފަސޭހަ އަތްދިގު ހެދުމާއި ހަރުވާޅުގައި ގޮސް އެނދަށް އަރައި އޮށޯތީ، ބައްޕަގެ ފަރާތުން އޭނައަށް ފުރިހަމަ ‘މިނިވަންކަން’ ލިބޭނެ ދުވަހެއްގެ ފޮނި ހުވަފެންތަކުގެ ޚިޔާލު ކުރަމުންނެވެ. އޭނަގެ ސިކުނޑީގައި ރާވާފައިވާ ރޭވުން ނުހަނު ކާމިޔާބު ވާނެ ކަމަށް އޭނައަށް ޔަޤީން ކުރެވިފައިވީތީވެއެވެ.
ހަމަ އެވަގުތު އޭނަގެ ރޭވުން ކުރިއަށް ގެންދިޔުމަށް ފިޔަވަޅެއް އެޅުމަށްޓަކައި ފަލަކަށް އެނދުން ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ. އެއަށްފަހު ފޯނު ނަގައި އޭނަގެ ކޯލް ލޮގްގެ ތެރެއިން ހޯދައިލީ ‘ކަމަނަ ރެސްޓޯރެންޓް – ސީއީއޯ’ ގެ ނަމުން ސޭވް ކުރެވިފައިވި ނަންބަރެވެ. އެ ނަން ފެނުމާއިއެކު ފަލަކް އެ ނަމަށް ފިތައިލުމުން އެ ނަންބަރަށް ގުޅެން ފެށިއެވެ.
“ސަލާމް…” އަފްޒަލް އެކޮޅުން ޖަވާބުދިނެވެ.
“ވަޢަލައިކުމުއްސަލާމް…އަފްޒަލްތޯ؟” ފަލަކް އެހިއެވެ.
“އާ…ދެ..”
“އާދެ އަފްޒަލް މާދަމާ މެންދުރު 1 ޖަހާއިރު އަޅުގަނޑާއި ބައްދަލުކޮށްލަންވީ ނޫންތޯ؟”
“1 ޖަހާ…އިރު ދަތިވެދާނެ. އެއީ ރެސްޓޯރެންޓްގެ ޕީކް އަވާރއެއް. އެހެން ގަޑިއެއް ހަމަޖެއްސިދާނެތޯ؟”
“ނޯ ނޯ އައި ޑޯންޓް ތިންކް ސޯ….ހަމަ އެ ގަޑީގަ ބައްދަލު ކުރެވެން އޮތީ. މާދަމާ ބައްދަލު ނުވިއްޔާ އިންޓީރިއާއާއި ގުޅޭ ވަރަށް މުހިއްމު ވާހަކަތަކެއް ނުދެކެވި ހުންނާނީ.” ފަލަކް ބުންޏެވެ.
“އޮހް…..އެހެންވެއްޖެއްޔާ މައްސަލައެއްނެތް. ކޮންމެހެން ވެސް 1 ޖަހާއިރު އާދެވޭތޯ ބަލާނަން އިން ޝާ ﷲ!” އަފްޒަލް ބުންޏެވެ.
“ގްރޭޓް! ސީ ޔޫ ދެއާރ!” ފަލަކް އެހެން ބުނެ އަފްޒަލަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. އެހިނދު ކާމިޔާބީގެ ހިނިތުންވުމެއް އެ މޫނުމައްޗަށް ވެރިވީ، އޭނަ އަފްޒަލަށް ކުރަން އުޅޭ އުދަގޫތައް މި ފެށުނީކަން އެނގުންވުމުންނެވެ.
އަފްޒަލް ބުނުމުގެ ކުރިން ވެސް މެންދުރު 1 ޖަހާއިރު އަފްޒަލް ރެސްޓޯރެންޓުގައި ކިހާ ބުރަ ވާނެކަން ފަލަކަށް އެނގެއެވެ. ރެސްޓޯރެންޓުގެ މުވައްޒަފެއްގެ ދުލުން އެ ވާހަކަ އިވިފައިވާތީވެއެވެ. އެހެނަސް ހަމަ އެ ގަޑި ކިޔައިލީ އަފްޒަލާއި އޭނައާއި ދެމެދު އޮތް ގުޅުން ހީނަރު ކުރުމުގެ ރޭވުމެއްގެ މަތިންނެވެ. އޭނައަށް ރަނގަޅަށް އަފްޒަލް ދަސްވާއިރު އަފްޒަލް އޭނައަށް މުޅިން ފޫހިވެފައި ހުންނާނެ ފަދައަކުންނެވެ.
**
އެރޭ 12 ޖަހައި ބޮޑުވަމުން ދިޔަ ވަގުތު ގޭގެ އެންމެން ނިދާފައިވިއެއްކަމަކު ޒައުލްގެ ކޮޓަރީގެ ބޮކިތައް ދިއްލިފައިވިއެވެ. ވާނީވެސް އެހެންތާއެވެ. އެ ގަޑިއަކީ އޭނައާއި އޭނަގެ ލޯބިވެރިޔާ ވާހަކަ އަޅުވައިލާ ވަގުތެވެ.
“ދެޓްސް ސައުންޑްސް ސޯ ކޫލް، ލަވް! ވަރަށް މަޖާތަ ދެން؟ ޔޫ އެންޖޯއިޑް؟” ޒައުލް އެހެން އަހައިލީ ފޯނު ކަންފަތުގައި ޖައްސައިގެން އޮށޯވެ އޮވެއެވެ.
“އާނ….ޒުހާގެ ޕްރޮޖެކްޓުގެ އިތުރުން އެހެނިހެން ކޫލް ޕްރޮޖެކްޓްތައް ވެސް ހުރި. އެ ހުރިހާ އެއްޗެއް އެކްސްޕްލޯރ ކުރިން ފްރެންޑުންނާއިއެކީ. އަދި ޔޫ ނޯ ވަރަށް ފަހުން އަހަންނަށް މިކޮޅުން މުސްލިމް ފްރެންޑްސް ވެސް ލިބިއްޖެ. އެ ފްރެންޑުން ޕްލެނެޓްތަކުގެ މޮޑެލްތަކަށް ބަލާފަ ވެސް އާޔަތްތައް ކިޔުނީ. ދެޓް ވޯސް ފެސިނޭޓިންގް…ފުރަތަމަ ފަހަރަށް ޒުހާ އެކަހަލަ ކަމެއް ދުށީ.” ޒުހާވެސް އޮށޯވެ އޮވެ ވާހަކަ ދައްކަމުން ގޮސް އެ ފަހު ވާހަކަ ބުނިއިރު ހިތަށް އައި ޖޯޝާއިއެކީ ތެދުވެލިއެވެ.
“އަސްލުވެސްތަ؟ ވާވް! އެކަމަކު ތި މީހުން އެކްސްޓްރީމިސްޓުންނަށް ވެއްޖެއްޔާޔޯ؟ ބޭބް ތި ކުދިންނާ ދުރުން އުޅެއްޗޭ. އެހެންނޫނީ ތި މީހުން ލޯބި ވާ ވައްދަފާނެ…” ޒައުލް ބުންޏެވެ.
“އާނދޯ؟ ހެހެ…” ޒުހާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ހީލިއެވެ. އޭނަގެ އެކުވެރިންނަކީ ޒައުލް އެ ބުނާ ފަދަ ބައެއް ނޫންކަން ޔަޤީން ކުރެވުނަސް އޭނަ ޒައުލް ރުއްސަން ބޭނުންވިއެވެ. ޒުހާގެ އެ ބަސްތަކަށް ވެސް ޒައުލް ހަމައެކަނި ހޫންލައްވައިލުމުން ޒުހާ އިތުރަށް ވާހަކަ ދައްކަން ބޭނުންވިއެވެ.
“ބޭބް މި ދުވަސްކޮޅު ކޮން އެކްސައިޓިންގް ކަމެއް ކޮށްލީ؟” ޒުހާ ހެވިފައި އިނދެ އަހައިލިއެވެ.
“ލޯބިއާއި މިގޮތަށް ވާހަކަ ދެއްކީމަ ވެސް އެ ވީ އެކްސައިޓިންގް ކަމެއްނު؟” ޒައުލް ލާނެތް ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ފޯނުގެ އަނެއްކޮޅުގައި އިން ޒުހާއަށް ހީލެވުނު ހިނދު އެ ކޯތާފަތް ރަތްވިއެވެ.
އެ ހިނދު ޒައުލް އޭނައަށް ކިހާ ރަނގަޅުތޯ ޒުހާގެ ހިތް ބުންޏެވެ. ޒައުލް އެކި ގޮތްގޮތުން އޭނައަކީ ޒައުލްއަށް މުހިއްމު ކުއްޖެއްކަން ހާމަ ކޮށްދެއެވެ. އެއީ އޭނައަށް އަމިއްލަ މަންމައާއި ބައްޕަގެ ފަރާތުން ވެސް ކުރެވުނު އިޙްސާސެއް ނޫނެވެ. އެހެންކަމުން ޒައުލް ކިހާ ޚާއްސައޭ އޭނަގެ ހިތް ބުނެއެވެ.
އެހެނަސް އެ ހިނދު އެ މޫނުމަތީގައިވި ހިނިތުންވުން ފިލައި ދިޔައީ އޭނަގެ ދޮންތަ ފަލަކް ދިން ނަސޭޙަތެއް ހަނދާންވުމުންނެވެ. ކިތަންމެ ކަމުނުދިޔަޔަސް ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ އެކަމަށް އަލި އެޅުވުމަށް ބުނެ ދިން ނަސޭޙަތެވެ.
“ލޯބި…ޒުހާ ސުވާލެއް ކޮށްފިއްޔާ ޖަވާބު ދީފާނަންތަ؟” ޒުހާ ބުންޏެވެ.
“ޝުއާރ! ބުނޭ އަވަހަށް.”
“އަމް….ލޯބިގެ އިންސްޓާ ޕްރޮފައިލްގަ އިއްޔެ ޕޯސްޓު ކުރި ލޯބިގެ ފޮޓޯއަށް އެންޖެލާ ކިޔާ ބޭރު މީހަކު ކޮމެންޓުކޮށްފަ ހުރި. ލޯބި އެއަށް ރިޕްލައި ވެސް ކޮށްފަ ހުރި. އެއީ ދަންނަ ކުއްޖެއްތަ؟” ޒުހާ އެހެން ބުނިއިރު ވެސް ހިތުގައި ޖެހިލުންވުމެއް ވިއެވެ. ޒައުލް ނުރުހުންވެދާނެ ކަމުގެ ޖެހިލުންވުމެވެ.
“އޮހް އެންޖެލާދޯ؟ އާނ އެއީ އެގޮތަށް ރޭންޑަމްކޮށް ކޮމެންޓު ކުރަމުން ގޮސް އަހަންނާއި ފްރެންޑްވެފަ ހުރި ކުއްޖެއް. ޝީ އިޒް ޖަސްޓް އަ ފްރެންޑް އިނގޭ. ނޯ ނީޑް ޓު ވޮރީ…” ޒައުލް ބުންޏެވެ.
އެއާއިއެކު އަނެއްކާވެސް ޒުހާ ޖެހިލުންވުމަކާއިއެކީ ހީލީ ހިތްހަމަނުޖެހިފައިވާ ޙާލުގައެވެ. އެ އެންޖެލާގެ ޕްރޮފައިލަށް އޭނަ ވަނީ ޒިޔާރަތްކޮށްފައެވެ. އެންޖެލާގެ ލަދުކުޑަ ފޮޓޯތަކަށް ޒައުލް ލައިކް ދީފައި ހުރިތަން ފެނި ޙަޤީޤަތުގައި އޭނަ ހުރީ ވަރަށް ދެރަވެފައެވެ. އެހެނަސް އެއީ ވަކި މައްސަލައެއް ނޫނެއްނޫންތޯ ޒުހާގެ ހިތް ބުނެލީ ދެންމެ ޒައުލް އެ ދިން ‘ތަސައްލީ’ އިންނެވެ. އޭނަގެ އިޙްސާސްތަކަށް ވުރެ ޒައުލްގެ އިޙްސާސްތައް މާ މުހިއްމުކަމަށް ޒުހާއަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވާ ފަދައެވެ.
ދެމީހުންގެ ވާހަކަ އެހާ ހިސާބަށް ދިޔަ ވަގުތަކީ ޒުހާގެ ދޮރުގައި މީހަކު ބާރަށް ތަޅައިގަތް އަޑު އިވުނު ހިނދެވެ.
“ޝޫޓް! އިޓްސް މޯމް….އައި ގޮޓަ ގޯ!” ޒުހާ ބުންޏެވެ. އެއާއިއެކު ޒައުލް އެކޮޅުން ‘އޯކޭ ލަވް ޔޫ’ އޭ ބުނުމުން ޒުހާ ވެސް ‘ލަވް ޔޫ’ އޭ ބުނެ ފޯނު ކަނޑައިލިއެވެ. އެއަށްފަހު ފޯނު އެނދުމައްޗަށް އެއްލައިލުމަށްފަހު އަވަސްއަވަހަށް އެނދުން ފައިބައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ދޮރުމަތީގައި ހުއްޓިހުރި ޒުހާގެ މަންމަ އާނިސާ ފެނިގެން ދިޔައެވެ.
“ދަރިފުޅު ކާން އަންނަންވީއޭ ދެން. މަންމަ މިރޭވެސް ކާނީ ބޭރުން. އެކުވެރިއެއްގެ ދަރިފުޅުގެ އެންގޭޖްމެންޓް ޕާޓީއެއް އެބައޮތް…” އާނިސާ ބުންޏެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ނަލަ ހެދިލައިގެން ހުރި ގޮތުން އެހެރީ އެ ބުނާ ޕާޓީއަށް ދާން ތައްޔާރުވެގެންކަން މާ ރަނގަޅަށް ވެސް އެނގެއެވެ. ޢުމުރުން 40 އަހަރަށްވުރެ މައްޗަށް ގޮސްފައިވިއެއްކަމަކު އެ ހިކި ހަށިގަނޑާއި އޮމާން މޫނާއި، ފަންކޮށްފައިވި ކޮނޑާއި ހަމައަށް އޮތް އިސްތަށިގަނޑުން އެއަށްވުރެ ހަގުކޮށް ދައްކަމުން ދިޔައެވެ.
“މޯމް ދެން އަހަރެން ގޮވައިގެން ދާންވީއެއްނު މިރޭ؟” ޒުހާ އާދޭހުގެ ރާގަކަށް އެހެން ބުނެލީ އޭނަގެ މަންމައާއިއެކީ ވަގުތު ހޭދަކުރަން ބޭނުންވި ވަރުންނެވެ.
“ނޫން ކޮންމެހެން ޒުހާ ދާކަށް ނުޖެހޭ. މަންމައަށް އެކަނި އަންނަ ދަޢުވަތުތަކަށް ދާންޖެހޭނީ މަންމަ އެކަންޏެއްނު؟ އެންޑް އޯލްސޯ…..ކާކާ ދެންމެ ފޯނުން ވާހަކަ ދެއްކީ؟ އަނެއްކާވެސް އެ ފަލަކް ދޮންތިއާ؟” އާނިސާ އެ ސުވާލުކޮށްލީ ނުރުހުންތެރިކަމާއި އެކީގައެވެ.
“ނޯ ނޯ ނޮޓް އެޓް އޯލް މޯމް….ފްރެންޑަކާ ވާހަކަ ދައްކަން ދެންމެ އިނީ…”
“ގުޑް! އެ ފަލަކަކާ ވާހަކަ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅުވާނީ. މަންމައަށް ރަނގަޅީ ޒުހާ އޭނައާއި އެއްވެސް ގުޅުމެއް ނުބޭއްވިއްޔާ. ހިސާބަށްވުރެ ބޮޑާވެގެން އުޅޭ އަންހެނެއް!”
އާނިސާ އިހުނަށްވުރެ އިތުރުވެގެން ދިޔަ ނުރުހުންތެރިކަމާއިއެކީ ބުންޏެވެ. އެހިނދު ޒުހާގެ ހިތްދަތިވިއެވެ. އޭނަގެ ލޯބިވާ ދޮންތައާއި ބެހޭގޮތުން ޚުދު އޭނަގެ ލޯބިވާ މަންމަ އެފަދައިން ވާހަކަ ދެއްކުމުން ޒުހާއަށް ބަޔާން ކުރަންދަތި އުދަގޫތަކެއް ވެއެވެ. އެ ހިނދު ވެސް ޒުހާގެ މޫނުމަތިން ވެސް އެކަން ފާޅުވިއެއްކަމަކު އާނިސާ އެއީ ނުވާ ކަމަކަށް ހަދައި ދެންވެސް ކާން ދިޔުމަށް ހަނދާން ކޮށްދިނުމަށްފަހު ދާން ހިނގައިގަތެވެ.
މަންމަ އޭނަގެ ދޮންތައަށް އަމާޒުކުރާ ރުޅިވެރިކަން އޭނަ ހަނދާން ހުންނަން ފެށީއްސުރެ ވެސް ފެނިފައިވެއެވެ. އެއީ ކީއްވެކަން ދޭހަކުރަން ޒުހާ މުޅިން ނުކުޅެދިފައިވާ ސަބަބަކީ އެއީއެވެ. އެކަމާއިމެދު ކިތަންމެ ފިކުރު ކުރިޔަސް މަންމަ ދޮންތައަށް ރުޅި އަންނަންވީ ސަބަބެއް ޒުހާއަށް ނުވިސްނެއެވެ. ދޮންތައަކީ މަންމަ އެ ބުނާ ފަދަ ކިބުރުވެރި ކުއްޖެއް ނޫނެވެ. ދޮންތަ އޭނައާއި ބައްދަލުވި ދުވަހުއްސުރެ ވެސް ދޮންތަގެ ފަރާތުން އޭނައަށް ފެނިފައިވަނީ ހިތްހެޔޮ ކަމާއި އޯގާތެރިކަމެވެ.
އެރޭ ކެއުމުގެ ތެރެއިން ވެސް ޒުހާ ހަނދާން ކުރަމުން ދިޔައީ ދޮންތައާއި އޭނަ އެންމެ ފުރަތަމަ ބައްދަލުވި ދުވަހެވެ. ގްރޭޑް 8 ގައި އޭނަ އުޅެމުން ދިޔައިރު އެދުވަހު އޭނަ ބަލާ ސްކޫލަށް އައީ ދޮންތައެވެ. ހަވީރުގެ އެ ވަގުތު އޭނަ ސްކޫލްގެ ގޭޓު ކައިރީގައި ހުއްޓާ ފިރިހެން ކުދިންތަކެއް އޭނައަށް މަލާމާތް ކުރަމުން ދިޔައެވެ. އެދުވަސްވަރު އޭނަގެ މޫނުގައި ވަރަށް ގިނަ ބިހިތައް ނަގައި ބަލަން ހުތުރު ގޮތަކަށް ހުންނާތީވެއެވެ.
އޭނަގެ އަމިއްލަ ދިފާޢުގައި ބުނާނެ ވަކި އެއްޗެއް ނޭނގިފައި ހުއްޓާ، އެ މަންޒަރު ފެނި، ކާރުން ފައިބައިގެން އައިސް އޭނައަށްޓަކައި އަޑު އުފުލީ ދޮންތައެވެ. ދޮންތަ ވާހަކަ ދެއްކުމާއިއެކު އެ އެންމެންގެ އަނގަތައް ލެއްޕި، އެންމެން އެކި ދިމަދިމާލަށް ދާންޖެހުނެވެ. އެންމެ ފުރަތަމަ ޒުހާ ހީކުރީ އެ ބީރައްޓެހި ކުއްޖާއަކީ ހަމައެކަނި ބީރައްޓެއްސެއް ކަމަށެވެ. އެ ކުއްޖާ އޭނަ ގެއަށް ގެންދިޔައީ ވެސް އެއީ ވަކި ކާކުކަން ބުނުމެއްނެތިއެވެ. އެހެނަސް ގެއަށް ދެވުމާއިއެކު ބައްޕަގެ ފަރާތުން އެއީ އޭނަގެ ދޮންތަކަން އެނގުމުން ޒުހާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. އެ ދުވަސްފަހުން ދޮންތައަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައިވެއެވެ. ދުވަހަކު ވެސް އެއީ އޭނަގެ ދޮންދައްތައެއް ކަމަށް ޒުހާއަށް ހީކުރެވިފައެއް ނެތެވެ. އެހެނަސް މަންމަ ދޮންތައަށް ނަފްރަތު ކުރެއެވެ. އެއީ ދޮންތައަކީ ބައްޕަގެ އެހެން ކައިވެންޏަކުން ލިބިފައިވާ ދަރިއަކަށް ވާތީތޯ ހިތަށްއަރައެވެ. ދޮންތައާއި ބައްޕަގެ ކުރިމަތީގައި މަންމަ ހުންނަނީ ނުހަނު ހެވި ދިއްލިފައެވެ. އެހެނަސް އެމީހުން ނުތިބޭ ތަންތާނގައި މަންމަ ދައްކަނީ ދޮންތަގެ ގޯސް ވާހަކައެވެ. ދޮންތައާއި ވެސް އެ ވާހަކަ ޙިއްސާ ކުރަން ޒުހާ ޖެހިލުންވެފައިވާ ސަބަބަކީ އެއީއެވެ.
**
އޭގެ އަނެއްދުވަހު މެންދުރުން އަނބުރައި 1:15 ހިނގި ވަގުތު ފަލަކަށް ކިރިޔާ ކްރިސްޓަލް ޢިމާރާތާއި ހަމައަށް ދުވެފައި ދެވުނީއެވެ. އެދުވަހު އެ ޢިމާރާތުގައި އޮތް ކޮންމެވެސް ޙަފްލާއަކާއި ހެދި އޭނަ އެތަނަށް އައި ޓެކްސީ ވެސް މަޑުކުރުވަން ޖެހުނީ ޢިމާރާތާއި ތަންކޮޅެއް ދުރު ހިސާބެއްގައެވެ. އަދި އެވަރުން ނުވެގެން ފަލަކް ޢިމާރާތަށް ވަދެއް ލިފްޓުގެ ފިތަށް އޮބައިލުމުން ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައީ ދެ ތިން ވަރަކަށް މިނެޓް ފަހުންނެވެ.
އެންމެ މަތީ ފްލޯއަށް ގޮސް ލިފްޓު މަޑުކޮށްލުމާއިއެކު ފަލަކް ޓެރެސްއަށް ދާން ދިޔައީ ލުއި ދުވުމެއްގައެވެ. އެތާ އެވަގުތު އޭނަގެ އިންތިޒާރުގައި އަފްޒަލް ހުންނާނެއޭ ހިތާއެވެ. މާ ބޮޑު ވިސްނުމެއްނެތި ގޮސް ހާމަ ޓެރެސްއަށް ނިކުމެވުނު ވަގުތު އެތަނުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަފްޒަލަށްވުރެ ކުރިން އެތަނަށް ދެވުނީތީ ފަލަކަށް ލިބުނު އުފަލެއްގެ ސަބަބުން އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ.
އެހެނަސް އެ ހިނިތުންވުން ފުރިހަމަ ނުވީ، ދުވުމުގެ ސަބަބުން އޭނަގެ ކުރުވެފައިވި ނޭވާ ރަނގަޅު ނުވާން އުޅުނުހެން ހީވުމުންނެވެ. ވަށައިގެން ފެންނަމުން ދިޔަ ރެއިލިންގްއަށް ނަޒަރު ހިންގަމުން ދިޔަ ހިނދު ހިތުގެ ތެޅުން އަވަސްވެފައިވުމުން ސިކުނޑިއަށް ވެރިވާން ފެށީ މާޒީގެ ހަނދާންތަކެވެ. ޚުދު އޭނަގެ ރުއިމުގެ އަޑެވެ. މަންމަ ރޮމުން އާދޭސްކުރަމުން ދިޔަ އަޑެވެ. އެއްކަލަ މީހާ ބެލްކަނީގެ ރެއިލިންގްއާއި ކައިރިވި ވަގުތެވެ. އެއަށްފަހު ކުއްލި ގޮތަކަށް ތިރިން އިވިގެން ދިޔަ ބާރު އަޑުފަތްގަނޑު ކަންފަތުގައި ގުގުމި ހިނދު، ނުހަނު ކައިރިން މީހަކު އޭނަގެ ނަމުން ގޮވައިލި އަޑަށް ފަލަކް ސިއްސައިގެން ދިޔައެވެ.
“އޮހް ސޮރީ! މާ ބާރަށްތަ މި ގޮވައިލެވުނީ؟” ހިތް މޭފަޅާލާފައި ނިކުމެދާނެހާ ވަރަށް ތެޅެމުންދާ ޙާލު ފުން ނޭވާތަކެއް ލަމުން ދަނިކޮށް ފަލަކަށް އިވިގެން ދިޔައީ އަފްޒަލްގެ އަޑެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ކުރިމައްޗަށް އެރި އަފްޒަލްގެ ކަންބޮޑުވުން އެކުލެވިފައިވި ސޫރަ ފެނިފައި ކީއްވެކަމެއް ނޭނގެއެވެ. ލަސްލަހުން އޭނަގެ ނޭވާ ހަމައަކަށް އެޅިގެން ދިޔައީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ގޮވުމުންނެވެ. ހިތުގެ ތެޅުން ހަމައަކަށް އެޅިގެން ދިޔައީ އޭނަ އެހެރީ ރައްކާތެރިއެއްގެ ކައިރީގައި ކަމަށް އެ ހިތަށް ޤަބޫލު ކުރެވުނު ފަދައިންނެވެ. އޭނައަށް އަންނަން ފެށި ބަދަލުތަކާއިމެދު ފަލަކް ވެސް އަޖާއިބުވާހާވިއެވެ.
“އި…އިޓްސް އޯކޭ..” ފަލަކް އަވަސްއަވަހަށް އެހެން ބުނެލީ އޭނަގެ އެ އިޙްސާސްތަކަށް ސަމާލުކަން ނުދިނުމަށެވެ. އަފްޒަލް ޔަޤީންތޯ ވެސް އެހުމުން ފަލަކް ބޯޖަހައިލުން ނޫންކަމެއް ނުކުރިއެވެ. އެއަށްފަހު މާ ގިނައިރެއް ނުވެ ފަލަކް ގަދަކަމުން އިންޓީރިއާ ޑިޒައިންގެ ވާހަކަ ދައްކަން އަވަސްވިއެވެ.
ފަލަކް ނުބުންޏެއްކަމަކު އަފްޒަލަށް ފަލަކާއިމެދު ވިސްނުނެވެ. އޭނަ އެތާ މައްޗަށް އައިއިރު ފަލަކްގެ މޫނުމަތިން އެ ފެނުނީ ކޮން ބިރުވެރިކަމެއްތޯ ހިތަށްއެރިއެވެ. އޭނަ އައުމުގެ ފަލަކް އެހެން މީހަކާއި ދިމާވެފައި ހުރީތޯ ހިތަށްއެރިއެވެ. ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އަފްޒަލް ކިތަންމެހާ ވެސް އެ ސުވާލުތައް ކުރަން ބޭނުންވިއެވެ. އެހެނަސް އެއީ މާ ޒާތީ ސުވާލެކޭ ހިތައި އަފްޒަލް ހިމޭންކަން ޚިޔާރު ކުރިއެވެ.
އެ ޓެރެސްގެ އިތުރުން ޓެރެސްގެ ތިރީ ބައިގައި ހުރި ފަންގިފިލާވެސް ރެސްޓޯރެންޓުގެ ބަޔަކަށް ހަދަން ޚިޔާލު ކުރަމުން ދިޔައީތީ އަފްޒަލް އެދުވަހު ފަލަކަށް އެތަން ވެސް ދައްކަން ނިންމިއެވެ. ވަކިން ޚާއްސަކޮށް އެ ފަންގިފިލާގައި އެދުވަހު ކައިވެނި ޕާޓީއެއް ބޭއްވޭތީ އެ ޕާޓީއަށްޓަކައި އެތަން ރީތި ކުރެވިފައިވާ ގޮތާއިމެދު ފަލަކްގެ މަޝްވަރާ ހޯދައިލަން ބޭނުންވިއެވެ.
އެ ފަންގިފިލާއަށް ދެވުމާއިއެކު އިވެން ފެށީ ޕާޓީގައި އުޅެމުން ދިޔަ މީހުންގެ އަޑުތަކެވެ. ހުދާއި ދަނބުކުލައިގެ ތީމަކަށް ހޯލު ރީތި ކުރެވިފައިވީއިރު އެދުވަހު އަލަތު ޒަވާޖީ ޙަޔާތް ފެށި ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާ ތިބީ ހޯލުގެ އެއްފަރާތެއްގައިވި ސްޓޭޖެއްގައެވެ. ހޯލު ރީތި ކުރެވިފައިވާ ގޮތާއިމެދު ދެމީހުން އެކަކު އަނެކަކާއި މަޝްވަރާ ކުރުމުން ވެސް އެންމެ ފަހުން އެ ސްޓޭޖްގެ ވާހަކައާއި ހަމައަށް ދިޔުމުން ދެމީހުންނަށް ވެސް އެ ސްޓޭޖުގައިވި ޖޯޑަށް ނަޒަރެއް ދީގެން ތިބެވުނެވެ. އެ ޖޯޑުގެ ތެރެއިން ފިރިހެން ކުއްޖާ އަންހެން ކުއްޖާގެ ކަންފަތް ދޮށުގައި އެއްޗެކޭ ބުނުމުން، އެ ދެމެދުގައި ނަޒަރުތަކާއިއެކީ ހިނިތުންވުންތައް ބަދަލުވިތަން ފެނި، ފަލަކް ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ވާހަކަ ދެއްކިއެވެ.
“ފިރިހެނުންނަށް ދެން ވަރަށް ފަސޭހަދޯ މީހަކާއި އިނދެލަން. ފޮނި ދެ ތިން ބަހެއް ބުނެލީމަ އަންހެން ކުއްޖަކު ހެއްލޭނެ. އެ މީހަކު އުޅޭހާ ގޮތަކަށް އުޅެ ބޭވަފާތެރިވެދާނެ ކަމުގެ ބިރު އޮތަސް އަންހެން ކުއްޖަކު އޭނަ ބަދަލުވެދާނެއޭ ހިތައި އޭނައާއި އިނދެފާނެ….އެންމެ ފަހުން ހުރިހާ ހިތާމައެއް ލިބޭނީ ހަމަ އަންހެން ކުއްޖާއަށް…” ފަލަކް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ނަޒަރު ވަކި ކުރުމެއްނެތި ބުންޏެވެ. އެހިނދު އަފްޒަލް ފަލަކަށް ބަލައިލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. ފަލަކް އޭނައަށް ބަލައި ނުލުމުން އަފްޒަލް ވެސް ކުރިމައްޗަށް ބަލައި ވާހަކަ ދެއްކިއެވެ.
“ބޭވަފާތެރިވެދާނެ ކަމުގެ ބިރު އޮންނަނީ ހަމައެކަނި އަންހެން ކުއްޖާއަށް ނޫން. އެންމެ ލޯބިވާ އަންހެން ކުއްޖާ ބޭވަފާތެރި ވެދާނެތީ ފިރިހެނުން ވެސް ބިރުގަނޭ. އެ ބިރުވެރިކަމާއިހެދި މުޅި ދިރިއުޅުން ވެސް އެކަނިވެރިކަމުގަ ހޭދަކޮށްލަން އެދޭހާވަރުވޭ….” އަފްޒަލް އެ ބުނެލި ބަސްތަކާއިއެކީ ފަލަކަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ޙައިރާންކަމާއި އެކީގައެވެ.
ނުނިމޭ
Jana
December 31, 2022 @ 4:32 pm
Assalaam’alaikum readers! <3 Feels so good to write a decent length of an episode after so long Alhamdhulillah! :') In Sha Allah will upload the next episode coming Wednesday.
About the posts, this is how I plan to catch up on them. As the first thing, I will be completing the Salaah series and it has only two episodes left. And then I will be starting a new series on emotional healing which is almost all the messages that I covered in the story Dhaaris. And it includes much of the lessons in this story as well but I do plan to write separate posts for this story In Sha Allah.
Much love readers! Missed you so much! <3 <3 <3
Ibaa
January 2, 2023 @ 11:38 am
Alhamdulialhi! Soo glad that you’re back..Hope you’re doing well sis..Masha Allah your stories are just amazing as always..Keep going sis.Much love dear.
Missed you a lot<3<3
Jana
January 4, 2023 @ 4:05 pm
Soo happy to hear from you after a long time sis :’) I’m doing well Alhamdhulillah! Hope you are too. <3
Jazaakillah Khairan kaseeran for the support <3
I love this story
February 4, 2023 @ 7:41 am
I love this story ! Story varah reethi 💕❤️