ޤަދަރު (ފަންސާސްހަވަނަ ބައި)
ދުވަހަކީ 1980 ވަނަ އަހަރު އަބޫދާބީގައި ކުޑަކުދިންގެ ދުވުމުގެ މުބާރާތެއް ބޭއްވުނު ދުވަހެވެ. އަމިއްލައަށް ނަން ނޯޓުކޮށްގެން ރަށުގެ 40 ކުދިން މުބާރާތުގައި ބައިވެރިވެފައިވީއިރު، ހުރިހާ ކުދިން ފަށާ ރޮނގުގައި ދުވުމަށްޓަކައި ތައްޔާރުވެގެން ތިއްބެވެ. އޭގެ ތެރޭގައި ނުހަނު ވައްތަރު ދެ އަންހެން ކުދިން އެ ރޮނގުގައި ޖެހިޖެހިގެން ތިއްބެވެ. ދެކުދިން ވެސް ރަތްކުލައިގެ އަތްކުރު ޓީޝާޓާއި ކަޅުކުލައިގެ ހަރުވާޅު ލައިގެން ތިބިއިރު، ދެ ފަރާތަށް އިސްތަށިގަނޑު ގަތާފައިވީ ގޮތުން ދެކުދިން ވަކި ކުރަން އެއްގޮތަކަށް ވެސް ނޭނގެއެވެ. އެ ދޮން ދެމޫނުގެ ބައްޓަމާއި އެހެނިހެން ސިފަތަކުގައި ވެސް އެއްވެސް ތަފާތެއް ނެތެވެ.
ރޭސް ފެށުމަށް ބަޑި ޖަހައިލުމާއިއެކު ހުރިހާ ކުދިން އެކީގައި ދުވަން ފެށިއެވެ. އޭގެ ތެރެއިން އެންމެ ކުރީގައި ހުރީ ވައްތަރު ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖެކެވެ. ހިނިތުންވުމަކާއިއެކީ އެ ކުއްޖާ ދުވަމުން ދިޔައިރު، މާ ބުރަ މަސައްކަތެއް ކުރާހެން ވެސް ހިއެއްނުވެއެވެ. ރޭހުގައި ކަން ހިނގަމުން ދިޔަ ގޮތް ސިފަކުރަމުން ދިޔަ މީހާއަށް އެއީ ކޮން ކުއްޖެއްކަން ބުނަން ދަތިވިއެވެ. އެއީ ވައްތަރު ދެކުދިން ކުރެ ޒޫނާތޯ ނޫނީ ޒަހްރާތޯ ބުނާކަށް ނޭނގުނެވެ. ރޭސް ނިމުމުން ބަލާނީކަމަށް އެމީހަކު ވެސް ބުންޏެވެ.
ރޭސް ނިމިގެން ދިޔައީ، ރޭހުގެ ކުރީކޮޅު ކުރި އަރައިގެން ދިޔަ ކުއްޖާއަށް ފަޚުރުވެރި އެއްވަނަ ލިބެމުންނެވެ. އެއާއިއެކު ވަނަ ލިބުނީ އަބޫދާބީގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ އަބްދުލްޣަފޫރުގެ އެއްމާބަނޑު އަންހެން ކުދިންގެ ތެރެއިން ކުއްޖަކަށް ކަމަށް އެންގުނެވެ. އެ އެންގުމަށްފަހު ޢަބްދުލްޣަފޫރު ވެސް އެތާ ހަދާފައި ހުރި ސްޓޭޖަށް ގެނެވުނެވެ. އަދި މޮޅުވީ ކުއްޖާއަށް މެޑަލް ދިނުމަށްފަހު ތިއީ ކޮން ކުއްޖެއްތޯ އަހައި، މައިކް އެ ކުއްޖާއަށް ދެވުނެވެ.
“އަޅުގަނޑުގެ ނަމަކީ ޒް…..ޒޫނާ.” އެކުއްޖާ ސްޓޭޖްމަތީގައި ހުރެ އޮމާންކޮށް ވާހަކަ ދައްކަމުން ގޮސް މެދުކެނޑުނީ، ސްޓޭޖުގެ ތިރީގައި ހުރި އެކުއްޖާގެ ދައްތަ ފެނުމުންނެވެ. އެއަށްފަހު އެހެން ނަމެއް ބުނެލިއެވެ.
އެކުއްޖާ އެހެން ބުނުމާއިއެކު މުބާރާތުން މޮޅުވީ ޒޫނާ ޢަބްދުލްޣަފޫރު ކަމަށް އެންގިގެން ދިޔައެވެ. އެހިނދު ޚުދު ޢަބްދުލްޣަފޫރުގެ މޫނުމަތިން ފެނިގެން ދިޔައީ ޙައިރާންކަމެވެ. ޢާއްމު ގޮތެއްގައި މިފަދަ މުބާރާތްތަކުން މޮޅުވަނީ އޭނަގެ ކޮން ކުއްޖެއްކަން އެނގޭތީވެއެވެ. ސްޓޭޖްމަތީގައި ހުރި އޭނަގެ އަންހެން ދަރިފުޅު އޭނައާއި ހަތަރުކަޅި ހަމަވި ވަގުތު އެކުއްޖާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ހިނިތުންވުމެކެވެ.
ޒަހްރާ މުޅި ޙަޔާތުގައި ވެސް ދޮގެއް ހެދި ފުރަތަމަ ދުވަހަކީ އެއީއެވެ. ޒަހްރާއަކީ އެންމެ ކުރީއްސުރެ ވެސް ޒޫނާއަށްވުރެ އެތައް ގޮތަކުން މޮޅު ކުއްޖެކެވެ. އަދި އެހާމެ ބަސްއަހާ ކުއްޖެއް ވެސްމެއެވެ. މި ކަންތަކާހުރެ އެންމެން ވެސް ޒަހްރާދެކެ ބޮޑަށް ލޯބިވެއެވެ. މި ކަމާހުރެ އެންމެ ބޮޑަށް ޙަސަދަވެރިވީ ޒޫނާއެވެ.
އެ ޙަސަދަވެރިކަން ޒޫނާއަށް ބަރުދާސްތު ކުރެވުނީ ވަކި ހިސާބަކަށެވެ. އެ ހިސާބުން ޒޫނާގެ ޙަސަދަވެރިކަން ރުޅިވެރިކަމަށް ބަދަލުވެ، އެ ރުޅިވެރިކަން ބާލަން ފެށީ ޒަހްރާއަށެވެ. ޒަހްރާގެ ހިތް މަޑުކަމުން، ވަގުތުން އަމިއްލަ ދައްތައަށް އެހީވާން ނިންމިއެވެ. އަދި އެހީވެދޭން ކޮށްދެވޭނީ ކޮންކަމެއްތޯ އަހަން ފެށިއެވެ.
ދުވުމުގެ ރޭސް އޮތް ދުވަހު ޒަހްރާ އެ ކޮށްދިނީ ޒޫނާ ބޭނުންވި ކަންތަކެވެ. އެ ދުވަހު ގެއަށް ދިޔަ މަގުމަތީގައި އެންމެންނަށް ފޮރުވައިގެން ޒަހްރާ އޭނަގެ ކަރުގައި އޮތް މެޑަލް ޒޫނާއަށް ދިނެވެ. އަދި ގެއަށް ގޮސް ބައްޕަ ސުވާލުކުރުމުން ވެސް މޮޅުވީ ޒޫނާ ކަމަށް ބުންޏެވެ.
އެ ވެގެން ދިޔައީ އާ ފެށުމަކަށެވެ. އެ ފަހުން ޒަހްރާ ހެދި ގިނަ އިމްތިޙާންތަކުގައި ވެސް ޒޫނާގެ ނަން ޖަހައިގެން ހެދިއެވެ. އަދި ޒޫނާ ޖަހަނީ ޒަހްރާގެ ނަމެވެ. ޒޫނާއަށް ކާމިޔާބީތައް ލިބެން ފެށުމުން ބައްޕަ ޒޫނާއަށް ތަޢުރީފުކުރަން ފެށުމުން ޒަހްރާއަށް ލިބުނީ އުފަލެކެވެ. އަމިއްލަ ދައްތަ އުފަލަކީ އޭނަގެ އުފާ ކަމުގައި ހެދިއެވެ.
އެހެނަސް ފުރާވަރަށް އެޅިގެން ދިޔަދިޔަހެން ދޮގު ހެދުމުގެ ގޯސްކަން ޒަހްރާއަށް ވިސްނުނެވެ. އަދި އެހާ ހިސާބުން ތިމަންނައަކީ ޒޫނާއޭ ބުނެ ކަންތައް ނުކުރަން ނިންމިއެވެ.
“ދައްތާ…..ދެން އަޅުގަނޑަކަށް ދޮގެއް ނެހެދޭނެ. ޝެއިޚް ވިދާޅުވި ގޮތުގަ އަހަރުމެން މި ޢުމުރަށް އައިމަ އަހަރުމެންގެ ޢަމަލުތައް ލިޔުއްވޭނެ. އަޅުގަނޑުގެ ޢަމަލުތަކުގެ ތެރޭގަ ދޮގުތައް ލިޔުއްވިގެން ދާކަށް ބޭނުމެއް ނޫން.” ޒޫނާ އަނެއްކާވެސް ކޮންމެވެސް ކަމަކު އެދުމުން ޒަހްރާ ބުންޏެވެ.
“ކީކޭ؟! ކޮން ޢަމަލުތަކޭ ކިޔާކަށް؟ ތިއީތަ އަމިއްލަ ދައްތައަށް އިޙްސާންތެރިވާ ގޮތަކީ؟” ޒޫނާ ރުޅިވެރިކަމާއިއެކީ ސުވާލުކުރިއެވެ.
“ލައްބަ….ދައްތައަށް އަޅުގަނޑަށް އިޙްސާންތެރިވެވޭނެ ގޮތަކީ މިއީ ކަމަށް ދެކެން. ދައްތަ ބުނެގެން ދެން ދޮގުވެރިއަކަށްވެ ދައްތަގެ ބޮލުގަ ވެސް ފާފައެއް ނާޅުވާނަން އިން ޝާ ﷲ.”
ޒަހްރާ އެ ބަސްތައް ބުނުމާއިއެކު ޒަހްރާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.
އެހެނަސް އެދުވަސްފަހުން ޒަހްރާ އޭނަގެ އެ ބަސްތަކުގައި ހިފިއެވެ. ޒަހްރާ ކިތަންމެ ތެދުވެރިވިއެއްކަމަކު ޒޫނާ އޭނަގެ ދޮގުވެރިކަމުގައި ކުރި އަރައި ދިޔައެވެ. ޒޫނާ ދޭތެރެއަކުން ޒަހްރާގެ ހެދުމެއް ލައިގެން އައިސް ތިމަންނަ މިއީ ޒަހްރާއޭ ކިޔައި ޒުލްފާއާއި ޒައިނާއާ އެކީ ހުރެދާނެއެވެ. ހަމަ އެހެން ހުރެފައި އެމީހުންނަށް އުދަގުލެއް ކޮށްފާނެއެވެ. ދޮވެފައި ހުންނަ ހެދުންތައް އަޅުވާފައި ހުންނަ ރޯނު ކަނޑާލާނެއެވެ. ކާމޭޒުމަތީގައި ޖޫސް ޖަގު ބަހައްޓަން ގޮސްފައި މުޅި މޭޒުމައްޗަށް ޖޫސް ވައްޓާލަފާނެއެވެ. އެއްދުވަހު އެއްވެސް އިންޒާރަކާއި ނުލާ ޒައިނާގެ އިސްތަށިގަނޑުވެސް ކަނދުރައާއި ދިމާލުން ބުރިކޮށްލައިފިއެވެ.
“ޒަހްރާ ކިހިނެއްވެގެންތަ ތިއުޅެނީ؟!” ޢަބްދުލްޣަފޫރު އެދުވަހު އައި ރުޅިން އަޑުހަރުވިއެވެ. ހަމަ އެވަގުތު ޒަހްރާ އެތަނަށް އައެވެ.
“ބައްޕާ އެއީ ޒަހްރާއެއް ނޫނޭ! އަޅުގަނޑު….މިއީ ޒަހްރާ.” ޒަހްރާ އެހެން ބުނުމުން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.
“ޒޫނާ….ކޮންމެހެން އަހަރެންގެ ނަން ސަލާމަތްކޮށްދޭން ތިހެން ނުބުނޭ. އަހަރެންގެ ކުށުގެ ޒިންމާ ނަގާނީ އަހަރެން.” ޒޫނާ އިސްޖެހިފައި ހުރެ އެހެން ބުނެލީ ހަމަ އޭނައީ ޒަހްރާހެން ހީވާ ފަދައަކުންނެވެ.
މިފަދައިން މި ބަސްތައް ބަދަލުވެގެން މިދިޔައީ ފުރަތަމަ ފަހަރަށް ނުވުމުން އެތާތިބި އެންމެން ވެސް އޮޅުން އަރާ ގޮތްވިއެވެ. ޢަބްދުލްޣަފޫރު ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
“ތި ދެކުދިން ކުރެ ﷲ ގެ ޙަޟްރަތުގަ ރައްކާތެރިވާނީ ހަމައެކަނި ތެދުވެރި ކުއްޖާކަން ދެކުދިން ވެސް ހަނދާން ކުރައްޗޭ. حَسْبُنَا اللّه وَ نِعْمَ الْوَكِيْل…” ޢަބްދުލްޣަފޫރު ގޮތް ހުސްވެފައިވާ ފަދައަކުން ބުންޏެވެ.
މި ގޮތުގައި ދުވަސްތައް ފާއިތުވާން ފެށުމުން ޒުލްފާއާއި ޒައިނާ ވެސް ލަސްލަހުން ޒޫނާއާއި ޒަހްރާއާއި ދެމީހުންނާ ވެސް ދުރުވާން ފެށިއެވެ. އެ ދެބެއިންގެ ފަރާތުން ވެސް އެމީހުންނަށް ގޯނާތަކެއް ލިބޭހެން ހީވުމުންނެވެ. މި ކަމާއިމެދު އެންމެ ބޮޑަށް ދެރަވީ ޒަހްރާއެވެ. އެހެނަސް ޒަހްރާ ކެތްތެރިވިއެވެ. ﷲ ކޮންމެވެސް ދުވަހަކުން ޙަޤީޤަތް ހާމަކުރައްވާނެ ކަމަށް ޤަބޫލުކުރިއެވެ. އެކަމަށްޓަކައި ގިނަގިނައިން ދުޢާ ކުރިއެވެ.
ޒަހްރާގެ އެ ދުޢާ އިޖާބަވެގެން ދިޔައީ، ދެމީހުން ބޮޑުވެ، ޒަހްރާ ހެދުން ފަރުމާ ކުރުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވުމުންނެވެ. މާ ބޮޑު ކިޔެވުމެއް ނުކިޔަވާ، ކޮންމެވެސް ދިމާލަކުން ފެނުނު ޒާތެއްގެ ފިރިހެނަކާއި އަވަސްއަރުވައިގެން އިންނަން ނިންމީ ޒޫނާއެވެ. އެއީ އެމީހުންގެ ބައްޕަގެ ބަސް ވެސް ޤަބޫލު ކުރުމެއް ނެތިއެވެ.
ޒަހްރާ މީހަކާއި ނުއިންނަނީސް އޭނައަށް މީހަކާއި އިނދެވުމުން ޒޫނާއަށް ފަޚުރުވެރިވެވުނެވެ. އޭގެ މާނައަކީ ޒަހްރާއަށްވުރެ އަންހެންވަންތަ ޝަޚްޞިއްޔަތެއް ހުރީ އޭނަގެ ކިބައިގައި ކަމަށް ޒޫނާއަށް ހީކުރެވުނެވެ. ޒަހްރާ ހިތުގެ ފުން މިނުން ޒޫނާއަށްޓަކައި އުފާވިޔަސް، ޒޫނާ، ޒަހްރާ ޙަސަދަވެރި ކުރުވޭތޯ ބަލަމުން ދިޔައެވެ. އޭނަގެ ފިރިމީހާ ކޮށްދޭ ކަންތަކާއި، އަތުގައި ހުންނަ ލާރިއާއި މުދަލުގެ ވާހަކައިންނެވެ. އެހެނަސް ޒަހްރާ އެ ވާހަކަތަކަށް ހިނިތުންވުން ނޫންކަމެއް ނުކުރެއެވެ. އަދި ޒޫނާއަށް އިތުރުކޮށްދެއްވުން އެދި ދުޢާ ކުރެއެވެ.
ޒޫނާ ޒަހްރާއާއިމެދު ކަންތައް ކުރާ ގޮތުން ޢަބްދުލްޣަފޫރުގެ ހިތްހަމަނުޖެހުނެވެ. 4 ކުދިންގެ ތެރެއިން މީހަކާއި ނުއިނދެ ވަކި އިތުރު އެހީއެއް ނެތި ހުރީވެސް ޒަހްރާކަން އިޙްސާސްވުމާއިވެސް އެކީގައެވެ. އެހެންކަމުން ޒަހްރާގެ ހިތަށް ފިނިކަމެއް ގެނައުމުގެ ގޮތުން ޒަހްރާ ހެދުން ފަރުމާކުރަން ޚިޔާލު ކުރި ވިޔަފާރިއަށް އެހީވާން ނިންމިއެވެ. ޢަބްދުލްޣަފޫރަށް އަބޫދާބީއިންނާއި، އެ ދުވަސްވަރު ތަރައްޤީވަމުން ދިޔަ ދުބާއިއިން ލިބުނު ބިންތައް ވާރުތައިން ހަމަހަމައަށް 4 އަންހެން ކުދިންނަށް ބެހިއެވެ. އެހެނަސް ޒަހްރާގެ ވިޔަފާރިއަށްޓަކައި ދުބާއިގައި އޮތް ބިން ވަކިން ޒަހްރާއަށް ދިނީ، ފަހުން ބައްޕައަށް ކުލި ދައްކަން ޖެހޭނެ ކަމަށް ބުނަމުންނެވެ.
އެހެނަސް ޒޫނާއަށް މީގެ މާނަ ނެގުނީ މުޅިން ނުބައިކޮށެވެ. ބައްޕަ އޭނަގެ މައްޗަށް ޒަހްރާ ޚިޔާރު ކުރީ ކަމަށް ޤަބޫލުކުރެވުނެވެ. އެއާއިއެކު ޒޫނާ އަނެއްކާވެސް އޮޅުވައިލުމުގެ މަސައްކަތް ފެށިއެވެ. ޒަހްރާ ބުރުގާ އަޅާ ގޮތަށް އަޅައި ޒަހްރާ ލައި އުޅޭ ކަހަލަ ހެދުން ލައިގެން ބައްޕަގެ ގެއަށް ދާން ފެށިއެވެ. އަދި މިފަހަރު ގޯނާ ކުރަން ފެށީ ޒުލްފާއާއި ޒައިނާގެ ކުޑަ ކުދިންނަށެވެ. އެކުދިންނަށް ޒަހްރާއާއި ޒޫނާ ވަކި ނުވާތީ އަނެއްކާވެސް މާޒީގެ މައްސަލަތައް އާ ގޮތަކަށް ފެންމަތިވާން ފެށިއެވެ. ޒަހްރާއަކީ އެކަހަލަ މީހެއް ނޫންކަން އެނގުނަސް އެމީހުންގެ ކުދިން ބުނުމުން ޒުލްފާއާއި ޒައިނާ އަނެއްކާވެސް ޒަހްރާއާއި ލަސްލަހުން ދުރުވާން ފެށިއެވެ.
އެ ހިތާމައިގެ ތެރެއިން ޒަހްރާއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ، މަޖީދު ނަމަކަށް ކިޔާ ދިވެހި ވިޔަފާރިވެރިޔަކާއި އެދުވަސްވަރު ދިމާވުމުންނެވެ. އަބޫދާބީގެ ފޮތި ފިހާރައަކުން ދިމާވި މަޖީދު ބޭނުންވީ ޒަހްރާއާއި ރައްޓެހިވާށެވެ. އެހެނަސް ޒަހްރާ އެދުނީ މަޖީދު ގާތު ޒަހްރާގެ ބައްޕައާއި ބައްދަލުކުރުމަށެވެ. ޒަހްރާ ހީކުރީ މަޖީދު ދެން ނުފެންނާނެ ކަމަށެވެ. ނަމަވެސް މަޖީދު ޒަހްރާ އެދުނު ފަދައިން ކަންތައް ކުރިއެވެ. އަދި ޒަހްރާގެ ބައްޕަގެ ހާޒިރީގައި މަޖީދު ޒަހްރާއާއި ވާހަކަ ދައްކަން ފެށިއެވެ.
ޒަހްރާ ޚިޔާރު ކުރި ޒުވާނާއަކީ ބައްޕަ ވެސް ރުހޭ ޒުވާނަކަށްވުމުން ޒޫނާ އިތުރަށް ޙަސަދަވެރިވާ ގޮތްވިއެވެ. މަޖީދުވެސް އޮޅުވައިލުމުގެ ނުލަފާ ޚިޔާލެއް ހިތަށްވެރިވިއެއްކަމަކު ޒަހްރާ ޚިޔާރު ކުރި ގޮތުގެ ސަބަބުން އެކަންވެގެން ދިޔަ މުސްތަޙީލު ކަމަކަށެވެ. މަޖީދު އެއްގޮތަކަށް ވެސް ޒަހްރާއާއި ވަކިން ބައްދަލު ނުކުރާތީވެއެވެ.
ޒަހްރާއާއި މަޖީދު ކައިވެނި ކުރުމަށްފަހު ވެސް ޒޫނާއަށް އުދަގުލެއް ކުރެވޭ ގޮތެއް ނުވިއެވެ. އެ ދެމީހުން އުޅެމުން ދިޔައީ ދުބާއިގައި ކަމަށްވުމުންނެވެ. މައްސަލަތައް ހޫނުވާން ފެށީ އެ ދެމީހުން ލޯބިލޯބި އަންހެން ކުއްޖަކު ލިބި، އެ އަންހެން ކުއްޖާ 4 އަހަރުގެ ޢުމުރަށް ދިޔަފަހުންނެވެ. އެ ފަހުން ޒަހްރާ ގިނަގިނައިން ބައްޕަގެ ގެއަށް ޒިޔާރަތް ކުރަން ފެށިއެވެ. ދުވަސްވަރަކީ އަބޫދާބީގައި ވަރަށް ގަދަ ހުމެއް ފެތުރެމުން ދިޔަ ދުވަސްވަރަކަށްވެފައި ބައްޕަ ވަރަށް ބޮޑަށް ބަލިވެ، ގޭގައި އޮތުމުންނެވެ. އަދި ޒުލްފާއާއި ޒައިނާގެ ކުދިން ވެސް ބަލިވެ އުޅޭތީވެއާއިއެކު އެމީހުންނަށް އެހީވުމަށެވެ.
އެ ދުވަސްވަރަކީ މަޖީދުވެސް އަނބުރާ ރާއްޖެއަށް ގޮސްފައިވި ދުވަސްވަރަކަށްވުމުން، ޒަހްރާ އަބޫދާބީއަށް ދިޔައީ ފަލަކް ވެސް ގޮވައިގެންނެވެ. ފަލަކް ލިބުނު ފަހުން ޒަހްރާ އެހެން ނޫނަސް އެކޮޅަށް ދަނީ ފަލަކް ގޮވައިގެންނެވެ. ފަލަކާއި އެކީ ޒަހްރާ ހުރުން ވެގެން ދަނީ ޒަހްރާ ދެނެގަތުމުގެ ނިޝާނަކަށްވުމުންނެވެ. ޒުލްފާއާއި ޒައިނާ ފަލަކް ފެނިއްޖެނަމަ، ފަލަކާއިއެކީ ހުންނާނީ ޒޫނާ ކަމަށް ޤަބޫލެއް ނުކުރެއެވެ. އެކަމާއިމެދު ޒަހްރާގެ ހިތަށް ހަމަޖެހުމެއް ލިބިފައިވެއެވެ. އަދި ފަލަކަކީ އޭނައަށް ލިބުނު ރަޙްމަތެއް ކަމަށް ޤަބޫލުކުރެވެއެވެ.
ޒަހްރާ ފަލަކާއިއެކީ އެގެއަށް ވަނުމާއިއެކު ޒުލްފާ އެ ދެމައިންނާއި ދުރުވެލައިފިއެވެ.
“އަޅޭ ލޯބިލޯބި ފަލަކް ކޮއްކޮއާއިއެކު ޒަހްރާ މިގެއަށް ތިއައީ ބަލި ހޯދަންތަ؟” ޒުލްފާ ރޯގާ އަޑަކުން އެހިއެވެ.
“ހެހެ…..ނޫނޭ. ކާފަ ބަލަން ނައިސް ނުހުރެވޭނެއެއްނު ފަލަކްއަށް ވެސް. ދޯ ލޯބި؟” ފަލަކް އުރާލައިގެން ހުރެ ލޯބި ކޮށްލަމުން ޒަހްރާ ބުންޏެވެ.
“އެކަމަކުވެސް….އަހަރުމެން އެންމެން ބައްޔޭ. އަހަރެންގެ ކުޑަ ސޮރާއި ބޮޑު ސޮރު ވެސް. ޒައިނާގެ ސޮރު ވެސް. އަދި ނުވިތާކަށް ދެމީހުންގެ ފިރިން ވެސް ތިބީ ބޭރު ދަތުރު ގޮއްސަ.”
“އެހެންތަ؟ އެހެންވެއޭ ބޮޑަށް މި އައީ ވެސް. އެހީވެދޭންވެގެން. ކައްކައިފިންތަ މިއަދު؟”
“ނޫން ނުކައްކަން. ބައްޕަ ބުނީ ބަލި މީހުން ކައްކާ އެއްޗެހި ކައިގެން އިތުރަށް ބަލިވާކަށް ބޭނުމެއްނޫނޭ. އެހެންވެ ބައްޕަ ބުނެގެން މި ދުވަސްކޮޅަށް މަސައްކަތު މީހަކު ގެނެއްސަ ހުރީ. ޒޫނާ ވެސް…އެބަހުރި. އޭނަ ބައްޔެއް ނޫން. އެކަމަކު ވަކި އެހީއެއްނުވޭ.”
“ހުމް….ދެން އަހަރެން ކީއްކޮށްދޭންވީ؟”
“އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. އަހަރުމެންގެ ލޯބިލޯބި ފަލަކްއާއެކީ މިތާ ބޮޑުކޮޓަރީގަ އިނދެ ކުޅެންވީ. ޚަބަރުދާރު ފަލަކް ކޮއްކޮ އެއްވެސް ބަލިމީހަކާ ކައިރިވިއްޔާ. ފަލަކް ބަލިވެއްޖެއްޔާ ކާފަ ހާދަ ދެރަވާނެއޭ…..” ޒުލްފާ ރޯ ކަމަށް ހެދެމުން ފަލަކްގާތު ބުންޏެވެ. އެއާއިއެކު ޒަހްރާ ހީލަމުން ގޭގެތެރެއަށް ވަނެވެ.
ޒުލްފާ ބުނިހެން ޒަހްރާ ފަލަކާއިއެކީ ބޮޑު ކޮޓަރީގައި އިށީނދެ، އެތާ އޮތް ބޯޅައަކާއި ކުޅެން ފެށިއެވެ. އެހިނދު ފަލަކް އެތާ ބަހައްޓާފައި ބައްޕަ ބަލާލަން ބައްޕަގެ ކޮޓަރިއަށް ދާން ޒަހްރާގެ ހިތް ބުންޏެވެ. އެހެނަސް ޒޫނާ އެގޭގައި ހުއްޓޭ ބުނި ހަނދާން އާވެފައި ޒަހްރާގެ ހިތް ބިރުގަތެވެ. ޒޫނާ އޭނައަށް އަންނަ ރުޅީގައި ފަލަކަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެހެން ހީވުމުންނެވެ. ޒޫނާ ފަލަކަށް ދޭ ނަޒަރުތަކާއިމެދު ޒަހްރާ އެހެންނޫނަސް ޖެހިލުންވާ ގޮތްވެއެވެ.
މިފަދަ ޚިޔާލުތަކެއްގައި ޒަހްރާ ބޮޑު ކޮޓަރީގައި މަޑުކޮށްލީ ޒުލްފާ ނޫނީ ޒައިނާ އެތަނަށް އަންނަން ދެނެވެ. ފަލަކް އެދެމީހުންކުރެ މީހަކާއި ޙަވާލުކޮށްފައި ބައްޕަ ބަލަން ދިޔުމަށެވެ. ޒަހްރާ ހީކުރި ފަދައިން އިރުކޮޅެއްގެ ތެރޭގައި ޒުލްފާ އެތަނަށް އައެވެ. އެހެނަސް ޒުލްފާ އައީ އެތާނގައި ހުންނާކަށް ނޫނެވެ.
“އޭ ޒަހްރާ….މި ސޮރުގެ ބޭސް ދެއްޗޭ ގަޑިއިރެއްހާއިރު ތެރޭ. އެހެރީ ބޭސްކޮތަޅު ކާމޭޒުމަތީގަ. އެންމެ ކުޑަކޮށް ހުރި ފުޅިން އެއްސަމުސާ ދޭނީ. އަހަރެން މި ދަނީ ބަދިގެއަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަން. މަސައްކަތު މީހާއަށް އެންމެ ހެޔޮ އަގުގަ ރަނގަޅު އެއްޗެހި ގަންނަން އެނގޭނެހެން ހިއެއްނުވޭ.” ޒުލްފާ އެހެން ބުނެލީ އޭނަގެ 7 އަހަރުގެ ފިރިހެން ދަރިފުޅު ގެނެސް ބޮޑުކޮޓަރީގައި ސޯފާގައި ބައިންދަމުންނެވެ. އެހިނދު އެކުއްޖާ އަތުގައި އޮތް ގޭމަށް ގެއްލިފައި އިނެވެ.
ޒަހްރާ އެންމެ ރަނގަޅޭ ބުނުމުން ޒުލްފާ އަވަސްއަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. އެހިނދު އެ މަންޒަރު ބަލަން ދުރުގައި އެހެން މީހަކު ހުރިކަން ދެމީހުން ވެސް ނުދެނެހުއްޓެވެ.
ޒުލްފާ ދިޔައީއްސުރެ ޒަހްރާ ހުރީ ގަޑި ބަލަބަލައެވެ. ބޭސް ދޭ ގަޑި ޖެހެންވާއިރަށް ޒުލްފާގެ ދަރިފުޅަށް ބޭސް ދިނުމަށެވެ. އެ ގަޑިޖެހެން ގާތްވަމުން ދިޔަ ވަގުތު އެތަނަށް ޒައިނާއާއި ޒައިނާގެ ދަރިފުޅުވެސް އައެވެ. ޒައިނާ ވެސް ދަރިފުޅު ޒަހްރާ ކައިރީގައި ބައިންދާފައި ދިޔައީ އަންނައުނުގެ ކަންތައް ހަމައަކަށް އެޅުވުމަށެވެ.
ޒަހްރާ ކުދިންނާއިއެކީ އެކަނިވިތާ މާ ގިނައިރެއްނުވެ ބައްޕަގެ ކޮޓަރިން ‘ކަނބުލޮ’އޭ ކިޔައި ގޮވައިލި އަޑު އިވުނެވެ. ޒަހްރާ އެ ދިމާލަށް ބަލާފައި ޒައިނާ ފެނޭތޯ އެކި ދިމާލަށް ނަޒަރު ހިންގިއެވެ. އެހެނަސް ޒައިނާ ފެނޭ ގޮތެއްނުވިއެވެ. އިސާހިތަކު އަނެއްކާވެސް ބައްޕަ ‘ކަނބުލޮ’ އޭ ކިޔައި ގޮވައިލި އަޑަށް ޒަހްރާއަށް ތެދުވެލެވުނެވެ. ބައްޕަ ކަމަކަށް ބޭނުންވީއޭ ހިތައި ބައްޕަގެ ކޮޓަރިއާއި ދިމާލަށް ދެވުނެވެ.
ޒަހްރާ ޢަބްދުލްޣަފޫރުގެ ކޮޓަރިއަށް ވަންތާ މާ ގިނައިރެއް ނުވެ ގޭގެ އަނެއްފަރާތުގައި ހުރި ކޮޓަރިން ޒޫނާ ނިކުތެވެ. އެހިނދު ޒޫނާ، ކަޅުކުލައިގެ އަބާޔާއަކާއި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން ހުރި ގޮތުން އެދުވަހު ޒަހްރާ ހުރި ގޮތާއި ވަތްކެއް ނުވެއެވެ.
ޒޫނާ ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދިނުމަށްފަހު އަތުގައި ހުރި ކަޅުކުލައިގެ ބޭސްފުޅިއަށް ބެލިއެވެ. އެއަށްފަހު ޒުލްފާގެ ދަރިފުޅުގެ ކައިރިއަށް ގޮސް ބޭސް ބޯން ހިނގާށޭ ބުންޏެވެ.
އެ ކުއްޖާ ދެކޮޅު ހެދުމާއިއެކު ޒޫނާ އިސާހިތަކު އެކުއްޖާގެ ކޮލުގައި ބާރަށް ހިފައި އަނގަ ހުޅުވިއެވެ. އެ ކުއްޖާ ރޯން ފެށުމުން އެތާ އިން ފަލަކާއި، ޒައިނާގެ ދަރިފުޅު ވެސް އެ ދިމާލަށް ބެލިއެވެ. ޒޫނާ ލަހެއް ފަހެއް ނުކޮށް އެ ބޭސްފުޅި އެ ކުއްޖާގެ ތުނބުގައި ޖައްސައި ބޯންދޭން ފެށިއެވެ.
ޒަހްރާ ޢަބްދުލްޣަފޫރުގެ ކޮޓަރިން ނިކުތީ އެވަގުތެވެ. ޒޫނާ ކުރާ ކަމެއް ފެނިފައި ޒަހްރާގެ މޭގަނޑު އަތަށް އައެވެ.
“ޒޫނާ!” ހަރު އަޑުން ޒަހްރާއަށް ގޮވައިލެވުނެވެ. އެއާއިއެކު ޒޫނާގެ އަތުން ބޭސްފުޅި ކައްސާލައިގެން ތިރީގައި އޮތް ކާޕެޓްމައްޗަށް ވެއްޓުނެވެ. އިސާހިތަކު ޒޫނާ އަވަސް ހިނގުމެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެ ހިނދު އެތާ ތިބި ދެ ކުދިން ރޮއިގެންފިއެވެ.
ފަލަކް ރޯން އިނެއްކަމަކު ޒަހްރާ އެންމެ ކުރިން ދިޔައީ ޒުލްފާގެ ދަރިފުޅުގެ ޙާލު ބެލުމަށެވެ. އެވަގުތު އެކުއްޖާ ނޭވާ ކުރުވާ ފަދައަކުން ކެއްސާތީވެއެވެ. ޒަހްރާ އެކުއްޖާގެ ކައިރިއަށް ދިޔަތާ މާ ގިނައިރެއްނުވެ އެ ކުއްޖާގެ އަނގައިން ފޮނު އަންނަން ފެށުމުން ޒަހްރާގެ ދެލޯ ބޮޑުވިއެވެ.
“މަގޭ ދަރި!”
ގޭގެ މައިދޮރުން ވަން ޒުލްފާއަށް އެ މަންޒަރު ފެނިފައި އަތުގައި ހުރި ކޮތަޅުވެސް ވައްޓައިލަމުން ދަރިފުޅު ކައިރިއަށް ދެވުނެވެ.
“ކް….ކިހިނެއްތަ ޔޫސުފްއަށްވީ؟ ކޮން…..މި ބޭސްފުޅިންތަ ބޯންދިނީ؟” ދަރިފުޅު ގައިގައި އޮޅުލައިގަންނަމުން ވާހަކަ ދެއްކި ވަގުތު ފައިގައި ބޭސްފުޅި ޖެހުމުން ޒުލްފާ އެ ބޭސްފުޅި ނަގައި ބެލިއެވެ. އެއްފަހަރު އެ ބޭސްފުޅިއަށް، އަނެއްފަހަރު ޒަހްރާއަށް ޒުލްފާ ބެލި ހިނދު، އެ ޒަހަރުގެ މާއްދާއެއް އެކުލެވޭ ފުޅިއެއްކަން ޒަހްރާއަށް ވެސް ފާހަގަވެއްޖެއެވެ.
“އަހަންނެއް…ނު-“
“ކިހިނެއްވެގެންތަ މިއުޅެނީ؟”
އެ ސުވާލުކޮށްލީ އަމިއްލަ ކޮޓަރިން ނިކުތް ޒޫނާއެވެ. އެހިނދު ޒޫނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ކުރުތާއަކާއި ހަރުވާޅެކެވެ.
ނުނިމޭ
Jana
January 15, 2024 @ 4:00 pm
Dear readers, next episode will be uploaded on Friday In Sha Allah ❤