ޤަދަރު (ފަންސާސްއެއްވަނަ ބައި)
“ހިނގާ ވަރިވާން…” ފަލަކް ބުންޏެވެ.
އިވިގެން ދިޔަ ބަސްތަކުން އިސާހިތަކު އަފްޒަލްގެ ހިނިތުންވުން ފިލައިދިޔައެވެ. އިވުނު އެއްޗެއް ޤަބޫލުކުރަން ދަތިވުމުން އަފްޒަލަށް ވާހަކަ ދެކެވުނެވެ.
“ކީކޭ؟” އަފްޒަލަށް އަހައިލެވުނެވެ.
“ވަރިވާން ހިނގާށޭ. ދެމީހުން ވަކިވާން ހިނގާށޭ.” ފަލަކް އިސްޖެހިފައިހުރެ ބުންޏެވެ.
އެހިނދު އަފްޒަލްގެ ލޮލަށް ކަރުނަތައް ޖަމާވީ ޚުދު އޭނައަށް ވެސް ނޭނގިއެވެ.
“ކިހިނެއްވީތަ ފަލަކް؟ އަހަންނަށް ފަލަކް ދެރަވާ ގޮތަކަށް ކަމެއް ކުރެވުނީތަ؟ ދެރަވާ ކަހަލަ ބަހެއް ބުނެވުނީތަ؟ ބުނެވުނިއްޔާ އަހަންނަށް މަޢާފުކޮށްލަދީ. އިން ޝާ ﷲ ދެން އަހަރެން އެކަހަލަ ކަމެއް ނުކުރާނަން.” އަފްޒަލަށް ނޭވާ ކުރުވެފައިވާ ޙާލު ވާހަކަ ދެކެވުނެވެ. އެހިނދު އޭނަގެ މުޅި ދުނިޔެ އަތުން ކައްސާލައިގެން ބީވާން އުޅުނު ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ.
“އަފްޒަލް އެއްވެސް ގޯސްކަމެއް ނުކުރޭ. އަފްޒަލް ވަރަށް ރަނގަޅު. އެކަމަކު މި ވަގުތު ރަނގަޅުވާނީ ދެމީހުން ވަރިވީވަމހެން އަހަންނަށް ހީވަނީ. އިން ޝާ ﷲ އަހަރެންގެ ވަކީލުން މެދުވެރިކޮށް މިއަދު އެކަމާއި ގުޅޭ ހުރިހާ ކަމެއް ނިންމާނީ. މިއަދު އަފްޒަލަށް މާލެއަށް ފުރޭ ގޮތަށް.”
ފަލަކް އެ ވާހަކަތައް ދެއްކިއިރު އިސްއުފުލިއެއްކަމަކު އެއްފަހަރުވެސް އަފްޒަލާއި ހަތަރުކަޅި ހަމަނުކުރެއެވެ. އަދި އަފްޒަލަށް އެއްޗެކޭ އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އަފްޒަލް ފަހަނަޅައި ގޮސް އެތާހުރި ފަލަކްގެ ކުޑަ ސޫޓް ކޭހާއި އެކީ ވޯޑުން ނިކުންނަން ދިޔައެވެ. އެހިނދު ރޮވެން ކައިރިވެފައިވި ފަލަކްގެ މޫނު ނުފެނުނު އަފްޒަލްގެ ހިތާމަވެރިކަން ނުރުހުންތެރިކަމަށް ބަދަލުވިއެވެ.
“ކީއްވެކަން ބުނީމައެއްނޫންތަ އެނގޭނީ؟ ސަބަބަކާ ނުލާ ކައިވެންޏެއް ނިމުމަކަށް ގެނައުމަކީ ކިހާ ބޮޑު ކަމެއްކަން ފަލަކަށް ވެސް އެނގޭނެ ކަންނޭނގެ!” އަފްޒަލް ރޫރޫ އަޅާ އަޑަކުން ބުންޏެވެ. އެހިނދު ފަލަކް ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަސްއެނބުރި ބަލައިލިއެވެ. އަދި ބޯމަތީގައި ދޫކޮށް އެޅިފައި ޝޯލްގެ ބައި ފަހަތަށް ވައްޓައިލިއެވެ.
“ސަބަބު މި ފެންނަނީ. އަހަރެން މިއީ އަފްޒަލް ކައިވެނި ކުރި ރީތި އަންހެން ކުއްޖާއެއް ނޫން. އަފްޒަލް ކޮންމެހެން ނުޖެހޭ ކޮންމެ ދުވަހަކު މި ސޫރައަށް ބަލަހައްޓައިގެން ހުރުމުގެ ބުރަ ބަރުދާސްތު ކުރާކަށް. އިން ފެކްޓް މި ވަގުތުން ފަށައިގެން ވެސް ދެމީހުން ދެ މިޞްރާބަކަށް ދިޔުން އަހަރެން އެދެނީ….” ފަލަކް ބުންޏެވެ.
“ކީކޭ؟ އަހަރެން އެއްފަހަރުވެސް ބުނިންތަ ފަލަކްގެ ސޫރައަށް ބަލަހައްޓައިގެން ހުރުމަކީ ބުރައެކޭ؟”
“ނުބުންޏަސް އަފްޒަލް ކޮންމެހެން ނޫންކަމަށް ހެދިގެން ހުންނާކަށް ނުޖެހޭ. އަހަރެން މި ދަނީ ގެއަށް. އަހަރެންގެ ފަހަތުން ނާންނާތި.” ފަލަކް އަންގައިލިއެވެ. އެއަށްފަހު އަނެއްކާވެސް އަފްޒަލަށް ރައްދެއް ދިނުމުގެ ފުރުސަތެއް ނުދީ، ޝޯލް ބޯމަތީގައި އަޅަމުން އަފްޒަލަށް ފަސްދިނެވެ. އަދި ވޯޑުން ނިކުމެގެން ދިޔައެވެ. އެ މަންޒަރު ފެނިފައި އަފްޒަލް ފުން ނޭވައެއް ދޫކޮށްލަމުން ފަލަކްގެ ފަހަތުން ހިނގައިގަތެވެ.
ހޮސްޕިޓަލުގެ ކޮރިޑޯއިން ހިނގާފައި ދަނިކޮށް އަފްޒަލް ފަހަތުން އަންނަކަން އެނގުމާއިއެކު ފަލަކް މަޑުކޮށްލަމުން އަފްޒަލަށް ބަލައިލިއެވެ.
“ފަހަތުން ނާންނާށެއްނު މި ބުނީ؟” ފަލަކް ބުންޏެވެ.
“އަހަރެން ދާ ތަނަކަށް އަހަރެން ވެސް ދާންވާނެތާ.” އަފްޒަލް ރައްދުދިނެވެ.
އެއާއިއެކު ފަލަކް އަނެއްކާވެސް އަފްޒަލަށް ފަސްދީފައި އިހުނަށްވުރެ ބާރަށް ހިނގަންފެށިއެވެ. އެހިނދު އަފްޒަލް ފަލަކްގެ އަތުގައި ހިފައި މަޑު ކުރުވަން ބޭނުންވިއެވެ. އެހެނަސް ފަލަކްގެ އަތުގެ ނުފުށުގައިވާ ފާރުތައް ފެނިފައި، އޭނަ އެ އަތުގައި ހިފައި ފަލަކް ދެކޮޅު ހަދައިފިނަމަ، ފަލަކަށް ތަދުވާނެކަން ދަނެގެން އަފްޒަލް ޚިޔާލު ބަދަލުކުރިއެވެ. އަދި ހޮސްޕީޓަލުން ނިކުމެންނދެން ފަލަކްގެ ފަސްފަހަތުން ދިޔައެވެ.
ހޮސްޕިޓަލުން ނިކުމެ ފަލަކް ޓެކްސީއެއް ހޯދައި، ޑްރައިވަރު ފޭބުމުން ވެސް އަމިއްލައަށް އުދަގުލާއިއެކީ ޓެކްސީގެ ޑިކީއަށް ފޮށިލީ މަންޒަރު އަފްޒަލަށް ފެނުނެވެ. ފަލަކް ގޮސް އެ ޓެކްސީގެ ފަހަތަށް އަރައި ދޮރު ލައްޕައިލި ހިނދު އަފްޒަލް ކާރުގެ ކުރިއަށް އަރައި ދޮރު ލެއްޕިއެވެ. އެ ހިނދު ފަލަކް ޤަބޫލުކުރަން ވެސް ދަތިވި ނުރުހުންތެރި ނަޒަރެއް އަފްޒަލަށް ދިނެވެ.
“ދުބާއި މޯލް ޕާކިންގް ލޮޓް.” ދާންވީ ތަން ޑްރައިވަރަށް އަންގައިލީ އަފްޒަލެވެ. ފަލަކް އެ ވަގުތުން ވަގުތަށް ވެސް ކާރުން ފައިބަން ބޭނުންވިއެވެ. އެހެނަސް އެ ވަގުތު ކާރު ދުއްވައިލުމުން ފަލަކް ހަތިޔާރު ބެހެއްޓިއެވެ.
ޑްރައިވަރަށް އެންގި މަންޒިލާއި ހަމައަށް ދެވުމުން އަފްޒަލް އެންމެ ކުރިން ކާރުން ފައިބައި ފަލަކްގެ ފޮށި ނަގައިދިނެވެ. އެ ފޮށި ފަލަކްގެ އަތުގައި ޖެހުމާއިއެކު ފަލަކް ކުރިއަށް އަރައިގެން ދާން ހިނގައިގަތެވެ. އަފްޒަލް ހަމަ ފަސްފަހަތުން ދިޔައެވެ.
އަފްޒަލަށް ފަލަކްގެ ފަހަތުން ދެވުނީ ހަމައެކަނި ފަލަކްގެ އެޕާޓްމެންޓުގެ ދޮރާއި ހަމައަށެވެ. އެ ދޮރު ހުޅުވުމުގެ ކުރިން ފަލަކް އަފްޒަލާއި ކުރިމަތިލިއެވެ.
“އެއީ އަހަރެން ސަމާސާއަކަށް ބުނި ވާހަކައެއް ނޫނޭ އަފްޒަލް.” ފަލަކް ބުންޏެވެ.
“އަހަރެން ވެސް ފަލަކްގެ ފަހަތުން މި އައީ ސަމާސާއަކަށް ނޫނޭ.”
“އަފްޒަލް ޕްލީޒް! އަހަރުމެން ދެމީހުންނަށް ވެސް އެބަ އިނގޭ ދެން މި ކައިވެނި ކުރިއަށް ނުދާނެކަން. އަހަރެން މި ހުރި ގޮތަށް ހުއްޓާ އަފްޒަލް ކިހިނެއް އަހަންނާއިއެކީ އުޅޭނީ؟ އަފްޒަލް ނުޖެހޭ އަހަންނަށްޓަކައި އެހާ ބޮޑު ޤުރުބާނީއެއް ވާކަށް.”
“ކާކުތަ ބުނީ އަހަރެން ފަލަކާއިއެކީ އުޅުމަކީ އަހަރެން ވާ ޤުރުބާނީއެކޭ؟”
އަފްޒަލް އެ ސުވާލު ކޮށްލި ހިނދު ވެފައިވި ދެރައިން އަޑުވެސް ފޭދުނެވެ. އެހެނަސް އަފްޒަލަށް ސީދަލަށް ބަލަން ނުކުޅެދިފައިވި ފަލަކަށް އަފްޒަލްގެ އިޙްސާސްތައް އެއްގޮތަކަށް ވެސް ފަހުމް ނުކުރެވުނެވެ.
“ނުބުނޭ އެއްވެސް މީހެއް. އަހަރެން ބޭނުންވަނީ ވަރިވާން.”
ފަލަކް އެހެން ބުނެ، އެޕާޓްމެންޓްގެ ދޮރު އަތްދަބަހުގައި އޮތް ކީކާޑުން ހުޅުވައި އެޕާޓްމެންޓަށް ވަދެ އަފްޒަލަށް ނުވެސް ބަލައި ދޮރު ލެއްޕިއެވެ. ދޮރު ލެއްޕުނެއްކަމަކު އަނެއްފަރާތުގައި އަފްޒަލް ހުންނާނެ ގޮތް ފަލަކަށް ސިފަ ކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ދޮރު ހުޅުވާލަން ހިތަށް އެރިއެވެ. އެހެނަސް ނޫނެކޭ ހިތާހިތުން ބުނެވުނެވެ. މިއީ އަފްޒަލަށް ރަނގަޅަކަށް އަޅާ ފިޔަވަޅެއް ކަމަށް އަމިއްލަ ޒަމީރު ގާތު ބުނެވުނެވެ. އަފްޒަލް މިއަދު އޭނައާއި ވަކިވާންވުމުން ހިސާބަކަށް ދެރަވިޔަސް، އޭނައާއި ވަކިވެގެން އަފްޒަލަށް ނިންމުނީ ރަނގަޅު ނިންމުމެއްކަން އަފްޒަލަށް ވިސްނޭނެއެވެ. ސޫރަ ހުތުރު ކުއްޖަކާއެކީ މުޅި ޢުމުރު ހޭދަ ކުރުމަށްވުރެ ރަނގަޅު ޙަޔާތެއް އަފްޒަލަށް ލިބޭނެއެވެ.
ފަލަކަށް ނޭނގުނު ކަމަކީ، ބެރުގައި ހުރި އަފްޒަލަށް އިޙްސާސް ކުރެވެމުން ދިޔައީ، ފަލަކް ހީކުރާ ކަހަލަ ކުޑަ ހިތާމައެއް ނޫންކަމެވެ. ފަލަކް އޭނައަށް އިއްވައިލި އެންމެ ފަހު ބަސްތަކާއިއެކީ އަފްޒަލްގެ ހިތް ކުދިކުދިވެފައިވިއެވެ. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް ފަލަކް ބޭނުންވަނީ ހަމަ ވަރިވާންތޯ ހިތާހިތުން ސުވާލު ކުރެވެން ފެށިއެވެ. އެހިނދު ހުރި ގޮތަށް ހުއްޓާ ލޮލަށް ޖަމާވެފައިވި ކަރުނަތަކުގެ ތެރެއިން ކަރުނައެއް ކޯތާފަތްމައްޗަށް ފޭބިއެވެ.
**
ފަލަކް އެޕާޓްމެންޓުގެ ދޮރު ލެއްޕިފަހުން ބޭރުން އެއްވެސް އަޑެއް ނުއިވުމުން އަފްޒަލް ދިޔައީ ކަމަށް ފަލަކަށް ނިންމުނެވެ. އަފްޒަލް އަނބުރާ އައިސް އޭނަގެ ދޮރުގައި ޓަކި ދޭނެ ގޮތެއްވުމަށް ބޭއިޚްތިޔާރުގައި ނަމަވެސް ފަލަކަށް އުއްމީދު ކުރެވުނެވެ. އޭނަ ހީކުރި ވަރަށްވުރެ އަވަހަށް އަފްޒަލަށް ވިސްނުނީތާއޭ ހިތަށް އެރުމުން އުފާވީ ހިނދު ދެރަވެސްވިއެވެ.
ހެނދުނު ގެއަށް އައި ގޮތަށް ހެދުން ދޮވެ، އިސްތިރިކޮށް، ފަލަކް ގޭގެ މަސައްކަތުގައި ބުރަކޮށް އުޅުނީ ވަރީގެ ކަންތަކާއިމެދު ނުވިސްނުމަށެވެ. އެހެނަސް ހަވީރު ފެންވަރައި ތައްޔާރުވެގެން ފަލަކް ގެއިން ނިކުންނަން ދިޔައީ އެކަމާއި ގުޅޭ ގޮތުން ވަކީލާއި ބައްދަލުކުރަން ދިޔުމަށެވެ. ގެއިން ނިކުތުމަށް ދޮރު ހުޅުވުމާއިއެކު ފެނުނު މަންޒަރުން ފަލަކް ދިޔައީ ސިހިގެންނެވެ.
“އަފްޒަލް!”
އެ ދޮރުގެ އެއްފަރާތުގައި ބިންމަތީގައި އިށީނދެ ފާރަށް ލެނގިލައިގެން އިނީ އަފްޒަލެވެ.
ފަލަކް ގޮވައިލުމުން އަފްޒަލް ފަލަކަށް ބަލައިލިއެވެ. އަދި ލަސްލަހުން އަފްޒަލް ތެދުވެލިއެވެ.
“މިތާ ކީއްތަ ތި ކުރަނީ އަފްޒަލް…..އޭރުއްސުރެ މިތާތަ؟” އަފްޒަލް އޭނައާއި ކުރިމަތިލީ ހިނދު ފަލަކަށް އަހައިލެވުނެވެ. އެ ހިނދު އަފްޒަލްގެ މޫނުމަތި ވަނީ މިލާފައެވެ.
“މޮޔަ ކުއްޖާ! އަހަރެންގެ ޕާސްޕޯޓާއި ހުރިހާ އެއްޗެއް މިގޭގެ ތެރެއަށްލާ ތަޅުލައިގެން ބުނަނީ ފުރައިގެން ދާށޭ.” އަފްޒަލް އެއްވެފައިވާ ޖަޒުބާތުތަކާއިއެކީ ރޫޙު މަރުވެފައިވާ ފަދައަކުން ބުންޏެވެ. އެއަށްފަހު ގޭގެ ތެރެއަށް ވަދެގެންދާން ފެށިއެވެ.
“އެހެންވީމަ ހުރިހާ އެއްޗެއް ނަގަންދޯ ތި އައީ…..ކީއްވެ ތި އިށީންނަނީ؟” އަފްޒަލް ގޮސް ފަލަކް ހީކުރި ގޮތާއި ޚިލާފަ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ބޫޓު ބާލަން ފެށުމުން ފަލަކަށް އެހުނެވެ.
“އަމިއްލަ ގޭގަ މީހަކަށް ނުއިށީނދެވެނީތަ؟” އަފްޒަލް އެހިއެވެ.
“އެކަމަކު އަފްޒަލް ޕެކްކުރަން އެބަޖެހެއެއްނު މާލެއަށް ފުރަން؟” ފަލަކް އަވަސްއަރުވާލަމުން ބުންޏެވެ.
“ޕެކް ނުކުރިއްޔާޔޯ؟” އަފްޒަލް ފަލަކަށް ސީރިއަސް ނަޒަރެއް ދެމުން އެހިއެވެ.
އެއާއިއެކު ފަލަކްގެ ދެބުމަ ކައިރިވިއެވެ. އިސާހިތަކު ފަލަކް، އޭނައާއި އަފްޒަލް ޙިއްސާ ކުރާ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަފްޒަލް، ފަލަކް ލޯމައްޗަށް ގެއްލެންދެން ފަލަކްގެ ޙަރަކާތްތަކަށް ބެލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ފަލަކްގެ ޚިޔާލު ބަދަލުވީއޭ އަފްޒަލްގެ ހިތަށްއެރިއެވެ. އެހެނަސް އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށްފަހު އިވިގެން ދިޔައީ ސޫޓް ކޭހެއް ހުޅުވިގެން ދިޔަ އަޑެވެ. އެއަށްފަހު ހެދުން އަލަމާރިން އެއްފަހަރާ އެތައް ހެދުމެއް އެއްކޮށްފަހު ނެގުނު އަޑުން އަނެއްކާވެސް އަފްޒަލްގެ މޭގައި ރިހުމެއް އުފެދުނެވެ. މޫނުގައި އެއްއަތް އަޅައިލީ އަނެއްކާވެސް ލޮލަށް ޖަމާވާން ފެށި ކަރުނަތައް އޮތްބައި ލެވޭތޯއެވެ.
އަފްޒަލް އެފަދަ ޙާލެއްގައި އިންދާ ފަލަކް ޕެކްކޮށް ނިންމާފައި ހުރި އަފްޒަލްގެ ސޫޓް ކޭސް އަފްޒަލްގެ ކައިރިއަށް ގެނައެވެ. އަދި އަފްޒަލްގެ ޕާސްޕޯޓު ވެސް އަފްޒަލްގެ ކުރިމަތިގައި ހުރި ބިއްލޫރި މޭޒުމަތީގައި ބޭއްވިއެވެ.
“މިހިރީ ފުރުމުގެ ހުރިހާ ތައްޔާރީތަކެއްވެފަ. މިރޭ އަފްޒަލަށް ފުރޭނެހެން އަހަރެން ޓިކެޓް ވެސް ނަގައިފިން. އޭގެ ކުރިން ވަރި-“
“ފަލަކް ޕްލީޒް! ސްޓޮޕް!” އަފްޒަލް ހަރު ހަޑުން އެހެން ބުނެލިއިރު އެ އަޑުގައި ހިތާމަވެރިކަން އެކުލެވިފައިވިއެވެ. އެހިނދު އަފްޒަލްގެ އެސްފިޔަތައް ތެމިފައިވިއެވެ. އަފްޒަލްގެ އެ އަޑު އިވުނު ގޮތާއި އެ ސޫރަ ފެނުނު ގޮތުން ފަލަކްގެ ލޯ ވެސް ކަރުނުން ވިދައިލިއެވެ. ފަލަކަށް އެއްވެސް އެއްޗެކޭ ނުބުނެވި ހުއްޓާ އަފްޒަލް ވާހަކަ ދެއްކިއެވެ.
“ތި ކުރެވެނީ މާ ހެޔޮ ޢަމަލެއް ކަމަށްތަ ފަލަކަށް ހީކުރެވުނީ؟ އަހަންނަށް މި ކަންތަކާއިމެދު ކުރެވޭ އިޙްސާސާމެދު އެއްފަހަރުވެސް ވިސްނައިލިންތަ؟ ކައިވެނީގެ ޢަޤުދަކީ ދެމީހެއްގެ ދެމެދުގައި ވެވޭ ޢަޤުދެއް. ފިރިމީހާ އެއްބަސްވެގެން ނޫނީ ހަމަ ގައިމުވެސް މި ޙާލަތުގަ އެ ޢަޤުދަކަށް ނިމުމެއް ނާންނާނެ. އަހަންނަކަށް ނޭނގޭ ފަލަކްގެ ގޮތެއް. އެކަމަކު ހަމަ ގައިމުވެސް އެދުވަހު އަހަރެން ވަޢުދުވީ ޙަޔާތުގައި ކޮންމެ ފަދަ ޙާލަތެއް ދިމާވިޔަސް ފަލަކާއި އެކީގައި އުޅުމަށް. ފަލަކްދެކެ ލޯބިވުމަށް. ފަލަކް އާއި ވަކިވެގެން އަހަރެން ކިހިނެއް އުޅޭނީ؟” އަފްޒަލް ރޮވެން ކައިރިވެފައިވާ ޙާލު އޭނަގެ ޖަޒުބާތުތައް ބަންޑުން ކުރިއެވެ. އެހިނދު ފަލަކްގެ ލޮލުން ވެސް ކަރުނައެއް ފޭބިއެއްކަމަކު ފަލަކް އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. އަދި އިށީނދެގެން އިން އަފްޒަލްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވެ، އަފްޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.
“އިޓްސް އޯކޭއޭ އަފްޒަލް…..ކޮންމެ ކައިވެންޏަކީ މުޅި ޢުމުރު ދުވަހު ދެމި އޮންނާނެ ކައިވެންޏެއް ނޫން. އަހަރުމެންނަށް މި ކުރިމަތިވެފައިވާ ޙާލަތް ފަދަ ޙާލަތެއްގެ ސަބަބުން ކައިވެންޏެއް ނިމުމަކަށް ގެންނަން ޖެހިދާނެ. އަފްޒަލް އަދިވެސް ތިހިރީ އަފްޒަލްގެ ޒުވާން ޢުމުރުގަ. އަފްޒަލަށް އަފްޒަލް ބޭނުން ޒާތެއްގެ ރީތި އަހެން ކުއްޖަކު ކައިވެނި ކުރަން ލިބިދާނެ. އަފްޒަލާއި އެކީ ހިނގާފައި ދާއިރު އަފްޒަލް ފަޚުރުވެރިވާނެ ފަދަ ސޫރައެއްގެ ވެރިއަކު ލިބިދާނެ އިން ޝާ ﷲ. އަހަންނާއި ވަކިވެގެން އަފްޒަލް އެކަހަލަ ކުއްޖަކު ހޯދާނީ. އެއީ ރީތި ކުއްޖެއްވީމަ އަފްޒަލްގެ ހިތުގަ އެ ކުއްޖާއާއިމެދު ހިތްހަމަނުޖެހުމެއް ނޯންނާނެ. އެހެންވީމަ ދެމީހުންނަށް ލޯބި ކުދިންތައް ވެސް ލިބޭނެ. ލިބުނީމަ އަފްޒަލް ކިޔައިދިން ގޮތަށް ކްރިސްޓަލް ޢިމާރާތުގެ އެންމެ މަތީ ބައި އަމިއްލަ ގެއަށް ހަދައި އެ ޓެރެސްގައި ކުދިންނާއިއެކީ ކުޅޭނީ. އިން ޝާ ﷲ ވަރަށް އުފާވެރި ޙަޔާތެއް އަފްޒަލަށް ލިބޭނީ. އަހަންނާއި ވަކިވުމަށްފަހު…”
ފަލަކް ކަރުނުން ފުރިގެންވި ލޮލާއިއެކީ ދައްކަމުން ދިޔަ ވާހަކަ ނިންމައިލީ ހިނިތުންވުމަކާއި އެކީގައެވެ. އަފްޒަލް އިރުކޮޅެއް ވަންދެން ފަލަކަށް ބަލަން އިނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ފަލަކް އަހަރެންގެ ދިރިއުޅުން ތިހާ ފުރިހަމައަށް ރާވައިފިއްޔާ އަހަންނަށް މި ވާހަކަތައް ކިޔައިދީ. ތި ޒަވާޖީ ޙަޔާތުގަ އުޅެމުން އަހަރެން ފަލަކް މަތިން ހަނދާންވީމަ ކިހިނެއް ހަދާނީ؟ ފަލަކަށްޓަކައި މި ހިތުގައި އޮތް ލޯތްބާއިމެދު ކިހިނެއް ހަދާނީ؟ ހަމައެކަނި އަހަންނާއި ފަލަކާއި ދެމެދު ޙިއްސާ ކުރެވޭ ސަމާސާތައް އެ އަނބިމީހާއަށް ފަހުމް ނުވިއްޔާ ކިހިނެއް ހަދާނީ؟ އަހަންނާއި ދުރުގައި އުޅުމަކީ ފަލަކަށް ވެސް ލިބޭނެ ބޮޑު ހިތާމައެއްކަން އެނގިހުރެ އަހަރެން ކިހިނެއް އުޅޭނީ؟ ބޭރުފުށުން ކިތަންމެ ރީތި ސޫރައެއް ލިބިފައި ވިޔަސް އެއީ އަހަންނަށް ސުވަރުގޭގެ ބަދަލުގައި ނަރަކައަށް ދަޢުވަތުދޭ އަންބަކަށް ވެއްޖެއްޔާ ކިހިނެއް ސަލާމަތްވާނީ؟ ޖަވާބުދީ ފަލަކް!”
ސުވާލުތަކުގެ ސިލްސިލާއަކަށްފަހު އަފްޒަލް އެންގިއެވެ.
އަފްޒަލް އެ ދެއްކި ވާހަކަތަކަށް ފަލަކް އެއްޗެކޭ ބުނަން އުޅުނެއްކަމަކު ނުބުނެވުނެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އެއްގޮތަކަށް ވެސް ނުވިސްނުމުންނެވެ. ފަލަކަށް ވީ ގޮތް ފެނިފައި އަފްޒަލް ފުން ނޭވައެއް ދޫކުރިއެވެ.
“ލުކް ފަލަކް….އައި ލަވް ޔޫ. ލޯބި ނުވަންޏާ އަހަރެން އެ ހުރިހާ ދުވަސް ވަންދެން ހޮސްޕިޓަލުގަ ފަލަކް ބަލަން ހުންނާނީ ކީއްވެ؟ ހަމައެކަނި ސަވާބު ހޯދުމުގެ ނިޔަތުގަ ހިތާއި ދެކޮޅަށްތަ އަހަރެން އެކަން ކުރާނީ؟ ޕްލީޒް ފަލަކް….އަހަރެން މިއީ ތި ހީކުރާހާ ވެސް އިޚްލާސްތެރި އަޅެއް ނޫން. އަހަރެން މި ހުރިހާ ދުވަހު ފަލަކްގެ ގާތުގަ ހުރެގެން ފަލަކް ބެލީ ފަލަކް ދެކެ ލޯބިވާތީ. ތި ސޫރައަށް ބަދަލެއް އަޔަސް އެ ލޯތްބަށް ބަދަލެއް ނާދޭ. އަހަރެން ފަލަކްދެކެ ލޯބިވީ ފަލަކްގެ އަޚްލާޤާއި ދީންވެރިކަމަށްޓަކައި. އަހަރުމެން ދެމީހުންނަކީ ﷲ މަތިން އެކަކު އަނެކަކަށް ހަނދުމަކޮށްދޭ ދެމީހުން. ދުނިޔަވީ ކަމަކާ ހުރެ މިފަދަ ގުޅުމަކަށް ނިމުމަކަށް ގެނައުމުގެ ޚިޔާލަކީ ޝައިޠާނީ ވަސްވާހެއްހެން ފަލަކަށް ހިއެއްނުވޭތަ؟” އަފްޒަލް ވިސްނައިދިނެވެ. އެހިނދު ފަލަކް އިސްޖެހިފައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނެވެ.
“ފަލަކް ޕްލީޒް….އަހަންނާއިމެދު ފަލަކް ހިތްހަމަނުޖެހޭ ކަމެއް ނެތިއްޔާ މި ގުޅުން ނިންމައިލުމުގެ ޚިޔާލު ދޫކޮށްލާ. ދެމީހުން އެކީގަ އުފަލުން އުޅެން ހިނގާ. މި ހުރިހާ ދުވަހުވެސް އުޅުނު ގޮތަށް.” އަފްޒަލް އެދުނެވެ.
އެހިނދު ފަލަކްގެ ލޮލުން ކަރުނަތައް ފައިބައި، ފަލަކަށް ގިސްލެވެން ފެށިއެވެ. އެއާއިއެކު އަފްޒަލް ސޯފާއިން ފައިބައި، ކަކޫމައްޗަށް ތިރިވެ ފަލަކްގެ ގައިގައި ބައްދައިލިއެވެ. އެއާއިއެކު ފަލަކް ރުއިމުގެ ތެރެއިން އަފްޒަލަށް މަޢާފަށް އެދެން ފެށިއެވެ. އަފްޒަލް ފަލަކްގެ ބުރަކަށީގައި ފިރުމަމުން އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް ބުނެ ތަސައްލީ ދެމުން ދިޔައެވެ.
**
ޒައުލް ރަށަށް އައިސްފައި އުޅެމުން ދިޔައީ ފޫހި ދިރިއުޅުމެކެވެ. ވާހަކަ ދައްކާނެ އަންހެން ކުއްޖެއް ނެތްތާނގައި އެކުވެރިން ވެސް ވަނީ އޭނައާއި ފުދޭވަރަކަށް ދުރުވެފައެވެ. އެކުވެރިންގެ ކުރިމަތީގައި ބޮޑާވެވިފައިވާތީވެއެވެ. މެލޭޝިޔާގައި އެކަނި އުޅެވޭހާ ފުދުންތެރިކަން އޭނަގެ ކިބައިގައި ހުރިކަން ދުރުދުރުން ނަމަވެސް ބުނެވިފައިވާތީވެއެވެ.
މިއަދު އެ ބޮޑާކަމުގެ މަތިން ހަނދާންވާ ކޮންމެފަހަރަކު ޒައުލް ލަދުގަނެވެ. އޭނަ ވަނީ އެ ޤައުމަށް ގޮސް އަންހެން ކުއްޖެއްގެ މަޅި ފަތިއެއްގައި ޖެހި މަގުމަތިވެފައެވެ. މެލޭޝިޔާގައި ކުރީ ކީއްތޯ އެކުވެރިން އަހައިފިނަމަ އޭނަ ދޮގެއް ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދިމާވި ކަންތަކުގެ ލަދުވެތިކަން އެއަށްވުރެ މާ ބޮޑެވެ. އަދި އޭގެ މައްޗަށް އޭނަ މަގުމަތިވެފައިވާ މަންޒަރު އޭނަގެ ކުރީގެ ލޯބިވެރިޔާއަށާއި އެ ލޯބިވެރިޔާ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވަނީ ފެނިފައެވެ. އޭނައަށްވުރެ ބޮޑު ބަދުނަސީބުވެރިއެއް ހުންނާނެ ހެއްޔެވެ؟ ޢާއިލާއާއި އެކުވެރިންގެ އެއްވެސް މީހަކަށް ނޭނގި އޭނައަށް ރައްކާތެރިކަމާއިއެކީ ރަށަށް އާދެވުމަކީ ވެސް އަޖާއިބެކެވެ.
އެ ޚިޔާލު ސިކުނޑިއަށް އައި ވަގުތު ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ގޮސް ޤުރުއާން ޗެނަލެއް ޖެއްސުނެވެ. އެހިނދު ޓީވީއިން ކިޔަވަމުން ދިޔައީ އަލްއަންޢާމް ސޫރަތެވެ. ދައްކަމުން ދިޔައީ ކިޔަވަމުން ދިޔަ އާޔަތާއި، އެ އާޔަތުގެ މާނައެވެ.
قُلِ اللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
“ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ اللَّه އެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން ޝަރީކު ކުރަމުއެވެ.”
އެހިނދު އެ މާނަ ޒައުލްގެ ހިތާއި ކުޅެލިއެވެ. އޭނަ ދުރު ޤައުމެއްގައި ވި އެކަނިވެރި ޙާލުން ސަލާމަތް ކުރެއްވީ ހަމަ ﷲ ތޯ ހިތަށްއެރިއެވެ.
**
“އައިމް ސޮރީ އަނަސް. އަހަންނަށް ދެން ގުޅޭނެ ދުވަހެއް ނޭނގެ. ދުބާއިގަ ދިމާވި ހާދިސާއެއްގަ ދޮންތަގެ ހަށިގަނޑުގެ ބޮޑުބައެއް އަނދައިފި. އެ ޚަބަރު އިވުނު ދުވަހުއްސުރެ ބައްޕަވަނީ ހޮސްޕިޓަލުގަ އެޑްމިޓްވެފަ. ބައްޕަ ބަލިވީމަ އަހަންނަށް ދޮންތަ ބަލަން ވެސް ނުދެވޭނެ. އިޓްސް އަ ރިއަލީ ހާޑް ޓައިމް ފޯމީ.”
މަޖީދުބެ ހޭނެތުނު ރެއަށްފަހު ޖެހިގެން އައި ދުވަހު ޒުހާ ފޮނުވި މެސެޖު އަނަސްއަށް ތަކުރާރުކޮށް ކިޔެމުން ދިޔައެވެ. އެ ފަހުން ވެސް އެ ދެމެދުގައި މެސެޖުތައް ބަދަލުވެފައިވެއެވެ. މަޖީދުބެއާއި ޒުހާގެ ދޮންތަގެ ޙާލު ބަލަން އަނަސް ކޮށްފައިވާ މެސެޖުތަކުގެ ސަބަބުންނެވެ.
އެހެނަސް އެ ފުރަތަމަ މެސެޖު އަނަސްގެ ސަމާލުކަން ހޯދާފައިވަނީ ސަބަބުތަކާއި ލައިގެންނެވެ. ޒުހާގެ އެ މެސެޖު އަނަސްއަށް ލިބުނު ދުވަހަކީ، އަނަސްގެ ދޮންތަ ލީނާ އޭނައަށް ގުޅައި ޝުކުރު އަދާކުރި ދުވަހުއެވެ.
“ތެންކިއު ސޯ މަޗް ބްރޯ. އެ ހީޓާރ މަސައްކަތްތައް ވަރަށް ބަރާބަރަށް ނިމިއްޖެ.” އެ ދުވަހު ގުޅާފައި ދޮންތަ ބުންޏެވެ.
“އޮހް…..މިހާރު ޝަވަރުން ހިތްހަމަޖެހޭ ވަރަށް ފެން އާދޭ؟” އަނަސް އެހިއެވެ.
“ޝަވަރެއް ނޫނޭ. ސްޕްރިންކްލާރތައް. އެނީވޭ…..ދޮންތަ އެބަ އަންނަން މިކަން ސެލެބްރޭޓް ކުރަން ބްރޯ ކައިރިއަށް. ދޮންތަ ނަގަން އެއާރޕޯޓަށް އަންނާތި. ނިޒާމްބެއަކީ އަންނާނެ މީހެއްނޫންވިއްޔާ.”
ދޮންތަގެ އެ ވާހަކަތަކާއިއެކީ އަނަސް ވިސްނުމަކަށް ގެއްލެން ފެށިއެވެ. ޒުހާގެ މެސެޖުތަކުން ޒުހާގެ ދޮންތަ އެނދީ ކޮން ކަހަލަ ޙާލަތްތަކެއްގައިކަން އަނަސްއަށް ތަފްޞީލުކޮށް އެނގެއެވެ. ޒުހާގެ އެ ވާހަކަތަކާއި ދޮންތަ ދައްކަމުން ދިޔަ ވާހަކަތަކުން ބިރުވެރި އިޙްސާސެއް އަނަސްއަށް ކުރެވެމުން ދިޔައެވެ.
“ދުބާއި…ހީޓާރ…ސްޕްރިންކްލާރ…މެއިންޓެއިންނުވާ ބިލްޑިންގް.”
މި ބަސްތައް ތަކުރާރުކޮށް އަނަސްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
**
މެންދުރު ވަގުތު އަފްޒަލް އިނީ ސިޓިންގް ރޫމުގެ ދިގު ސޯފާގެ އެއްފަރާތެއްގައި އިށީނދެ، ކައްކާ ޝޯއެއް ބަލާށެވެ.
“ކޯޗެއް މިއަދު ތި ބަލާލަނީ؟ އެއްކަލަ ޝޯ؟” ފަލަކް އެ ސޯފާގެ ކައިރިއަށް އައިސް ކޮޅަށް ހުރެ އެހިއެވެ.
“އާނ….މީނަ ކިޔާ ނުކިޔާ އެއްޗެއް ނޭނގުނަސް މީނަ ހަދާ އެއްޗެހި މީރުކަން އެނގޭ.” އަފްޒަލް ސަމާސާ ރާގަކަށް ބުންޏެވެ.
ފަލަކް އެ ވާހަކައަށް ހީލުމަށްފަހު އަފްޒަލާއި ގާތަށް ޖެހިފައިވެސް ދުރަ ޖެހިލިއެވެ. އަދި ޖެހިލުންވުމަކާއިއެކީ އަމިއްލަ ގޭގައި ނޫން ގޮތަކަށް ސޯފާގެ މެދުގައި އށީނެވެ. އެހެންޏާ ފަލަކް، އަފްޒަލް ސޯފާގައި އިނިއްޔާ އަފްޒަލްގެ އަތުތެރޭގައި ނޫނީ ނުހުންނާނެއެވެ. އެހެނަސް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު ފަލަކް އަނެއްކާވެސް އަފްޒަލާއި ދުރުދުރުން އުޅެން ބޭނުންވެފައިވިއެވެ. ޒަޚަމްތަކާއި އެކީވެސް ފަލަކްގެ ސޫރަ އަފްޒަލަށް ރީތިކަމަށް އަފްޒަލް އެތައް ފަހަރަކު ބުނެފައިވިއެއްކަމަކު އެ ވާހަކަ ޤަބޫލުކުރަން ދަތިވެފައިވިއެވެ. އަފްޒަލް އޭނައާއި ގާތްވާން ބޭނުންނުވާނެހެން ހީވަމުން ދިޔައެވެ.
ޙަޤީޤަތަކީ އެއީއެއް ނޫންކަން އަފްޒަލް ބަހާއި ޢަމަލުން ވެސް ކޮންމެ ދުވަހަކު ދައްކަމުން ދިޔައެވެ. އެ ވަގުތުވެސް އަފްޒަލް ފަލަކްގެ ގައިގައި ޖެހޭނެހާ ގާތަށް ޖެހިލަމުން ފަލަކްގެ ކޮނޑުމަތިން ވާ ފަދައަކުން ސޯފާމަތީގައި އަތް ބޭއްވިއެވެ.
“ކޮބާ ހައު އާރ ޔޫ ފީލިންގް؟ ބައްޕަ ބަލަންދާން ފުރޭވަރު އެބަވޭތަ؟” އަފްޒަލް ޓީވީގެ އަޑު މަޑުކޮށްލަމުން އެހިއެވެ.
“އާނ މިހާރު ދެން އޯކޭހެން ހީވަނީ. އެހާ ބޮޑަށް ވަރުބައްޔެއް ނުވޭ. ދެ ތިން ދުވަސްފަހަށް އަދި ރެސްޓް ކުރީމަހެން ހީވަނީ ރަނގަޅުވާނީ. މެލޭއަށް ގޮއްސަ ބައްޕަ ބަލާފަ އަފްޒަލް މާލެއަށް ވެސް ދާންވީއެއްނު؟ ރެސްޓޯރެންޓުގެ ކަންތައް ކިތަންމެ ރަނގަޅަށް ދިޔަޔަސް މަންމަ ކިހާ ހަނދާންވާނެ އަފްޒަލް މަތިން؟” ފަލަކް ބުންޏެވެ.
“އާނ….ކުއްޖަކު އަހަރެންގެ ޕާސްޕޯޓް ނުހިފެހެއްޓިއްޔާ މާލެވެސް ދާންވީ.” އަފްޒަލް ރާގަކަށް އެހެން ބުނުމާއެކު ފަލަކް އަފްޒަލްގެ ކޮނޑުގައި ދެއަތް އަޅައި ކޮއްޕައިލިއެވެ. އެއާއިއެކު އަފްޒަލް ސޯފާމައްޗަށް ވެއްޓޭކަމަށް ހެދެމުން ހެމުން އަނެއްކާވެސް ސީދާވެލިއެވެ.
“އެހެންޏާ ނޫން؟ އަހަންނާ ވަރަށް ގާތުގަ އުޅޭ އެކަން ކުރާ ކުއްޖެއް.” އަފްޒަލް ބުންޏެވެ.
“އައިމް ސޮރީ، އޯކޭ؟ އައިމް ސޮރީ….އަސްލު، އަހަންނަށް ހީވަނީ އެ ދުވަހު އަހަންނަށް އެގޮތަށް ވާހަކަ ދެކެވުނީ ލީނާ ދެއްކި ވާހަކަތަކުގެ ސަބަބުންހެން. ފަލަކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
“ލީނާއޭ؟ ފަލަކް ބުނީ ތިމަންނަ އެތާ އެކަނި ހުއްޓައޭ ނޫންތަ ތިކަމެއް ހިނގީ؟” އަފްޒަލް ސީރިއަސްކަމާއިއެކީ އެހިއެވެ.
“އާނ އެކަމަކު އޭގެ ކުރިން ލީނާ ހުރި. އަހަރެން އެ ޢިމާރާތަށް ދިޔައިރުވެސް ލީނާ ހުރި. އަހަރެން ގޮވައިގެން ފުރަތަމަ ފަންގިފިލާއަށް ދިޔައީ ލީނާ. ދަމުން ބުނީ އަފްޒަލް ކޮބައިހޭ. އަފްޒަލް އައިނަމަ ތިމަންނައާއި އަފްޒަލް އެކުވެރި ވެވުނީސް ނޫންހޭ.”
“އެކުވެރި މައި ފުޓް! އޭނަގެ ހުވަފެނުން ވެސް އަހަރެން ނުއުޅެން އޭނައާއި ވާހަކަ ދައްކާ ހިތުންނެއް!” އަފްޒަލަށް ރުޅިވެރިކަމާއެކީ ބުނެވުނެވެ.
“އަހަރެން ބުނީމޭ. އަފްޒަލް ސަބަބަކާ ނުލާ ހިލޭ އަންހެނަކާ ވާހަކައެއް ނުދައްކާނެއޭ. ބުނީމަ ބުނީ އޭނައާއި އަފްޒަލާއި ދެމެދު ސަބަބެއް ނެތީ އަހަންނާއި ހެދިއޭ. ތިމަންނައާއި ބްރޭކް އަޕް ވުމަށްފަހު އަފްޒަލް އެހާ ދުވަސް ވަންދެން ހުހަށް ހުރުމަށްފަހު އަހަންނާއި އިނީ ލިނާއަށްވުރެ އަހަރެން އަފްޒަލަށް ރީތިވީމައޭ. އަހަންނަށްވުރެ ރީތި ކުއްޖަކު ފެންނައިރަށް އަފްޒަލް އަހަރެން ދޫކޮށްދާނެއޭ. ފިރިހެނުންގެ ގޮތަކީ އެއީއޭ.”
“ތިއީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތް އަންހެނެއް ހުވާ! ފަލަކަށް ޙަސަދަވެރިވުން ނޫންކަމެއް ތި ވާހަކަތަކުން އަހަންނަށް ނުފެނޭ….މަޑުކޮށްބަލަ….ދެމީހުން އެއްތަނެއްގަ ވާހަކަ ދައްކަން ތިއްބާތަ ފެން އަންނަން ފެށީ؟” އަފްޒަލް ކުއްލިއަކަށް ވިސްނަން ފެށިއެވެ.
“ނޫން…..އަހަރެން ލީނާ ކައިރި ބުނީ ބޭކާރު ވާހަކަ ނުދައްކާ ދައްކަން އައި ވާހަކައެއް ދައްކާށޭ. ދެން ލީނާ ބުނީ ތިމަންނަ އަންނާނަމޭ ތިމަންނަގެ ފޮތެއް ހިފައިގެން. ލީނާ ދިޔަ ފަހުން އެލާމްގެ އަޑު އިވި…” އެހާ ހިސާބަށް ވާހަކަ ދިޔުމާއިއެކު ވީ އުދަގުލުން ފަލަކަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ.
“އަނެއްކާ…..ތިއީ ލީނާ ޤަޞްދުގަ ކުރިކަމެއް ނޫންބާ؟” އަފްޒަލް އަމިއްލަ އަމިއްލައަށް ކޮށްލި އެ ސުވާލާއިއެކީ ފަލަކާއި އަފްޒަލަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
**
އޭގެ އަނެއްދުވަހު މެލޭޝިޔާއަށް މެންދުރުގެ ވަގުތު އަނަސް ދިޔައީ ދޮންތަ ބަލައި އެއާރޕޯޓަށެވެ. އެ ދިޔަ ދަތުރު މަތީގައި ހުސްވެސް ވިސްނެމުން ދިޔައީ ދޮންތައާއި ކުރަން ބޭނުންވެގެން ހުރި ސުވާލާއި މެދުގައެވެ. ފޯނު ކޮށްފައި އެ ވާހަކަ ނޭހީ ކޮންމެހެން ވެސް ދޮންތައާއި ކުރިމަތިލައިގެން އެ ސުވާލު ކުރުމަށެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އަނަސްގެ ޝައްކުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. ދޮންތަގެ އިންސްޓާގްރާމްއިން ފަލަކް މަޖީދު ފޮލޯކޮށްފައި ހުރި މަންޒަރާއި، ފަލަކްގެ ޕްރޮފައިލްގެ ބައެއް ފޮޓޯތަކަށް ދޮންތަ ކޮމެންޓުކޮށްފައިވާ ގޮތުން، ފަލަކަކީ ދޮންތައަށް ބީރައްޓެއްސެއް ނޫންކަން މިހާރު އަނަސްއަށް ޔަޤީންވެފައިވިއެވެ. އެ ޔަޤީންކަމާއިއެކީ ހިތުގައިވި ބިރުވެރިކަން ވެސް އިތުރުވެފައިވިއެވެ.
އެއާރޕޯޓުގެ ޓާރމިނަލުން ދޮންތަ އަންނަމުން ދިޔަ މަންޒަރު ފެނުމާއިއެކު އަނަސްއަށް ހިންދިރުވައިލެވުނެވެ. ދޮންތަ އެއްވެސް ކަމެއް ނުވާ ފަދައަކުން ‘ހާއި’ އޭ ކިޔައި އޭނައާއި ހިނިތުންވި ގޮތުން އޭނަ މި ހީކުރާ ހީކުރުން ގޯސް ހީކުރުމަކަށްވުމަށް އުއްމީދު ކުރެވުނެވެ.
އަނަސް ކާރަށް އެރުމުން ލީނާ އެރީ ކާރުގެ ކުރީ ސީޓަށެވެ. އަމިއްލަ ކޮއްކޮގެ ކާރަށް ވުމުންނެވެ. ކާރު ސްޓާޓްކޮށް ދުއްވައިލުމުން ވެސް ލީނާއަށް އަނަސްއާއި ދިމާލަށް ބެލެމުން ދިޔައެވެ. އަނަސް މިޒާޖުން ތަފާތެއް ފާހަގަވުމުންނެވެ. އަނަސް ފެނުނީއްސުރެ އެ މޫނުމަތިން ލީނާއަށް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އެހެންޏާ އަބަދު ހިނިތުންވެފައި ހުންނަ އަނަސްގެ ހިނިތުންވުން ގެއްލިފައިވިއެވެ.
“ކިހިނެއްވީތަ ކޮއްކޯ؟ ކަމަކާ ދިމާވެގެންތަ ތިއުޅެނީ؟” ލީނާއަށް އަހައިލެވުނެވެ.
“ކް…ކަމެއްނުވޭ. ދް…ދޮންތާ ވާހަކައެއް އަހާލަންތަ؟” އަޑު ސާބިތު ކުރަން މަސައްކަތް ކުރަމުން އަނަސް އެހިއެވެ.
“އާނ….ކީކޭ؟”
“ދުބާއިގަ މި ފަހުން ހިނގި ޙާދިސާ….ފަލަކް މަޖީދު…މެއިންޓެއިން ނުކުރާ ބިލްޑިންގްއަކަށް ގޮސް ހޫނު ފެނު ދަށުވީ ވާހަކަ. މީގަ….ދޮންތަގެ އަތެއްވޭތަ؟” އަނަސް ދޮންތައާއި ދިމާލަށް ކަޅިވެސް ހިންގަން ނުކެރިފައި އިނދެ އެހިއެވެ. ދޮންތަ ނޫނެކޭ ބުނާނެ ކަމަށް އަނަސްއަށް އުއްމީދުކުރެވުނެވެ. އެއީ ޙަޤީޤަތަކަށް ވިޔަސް ދޮގެއް ހަދައި އުޒުރެއް ދައްކާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް…..
“އާނ…..އެއީ ދޮންތަ ކުރި ކަމެއް.”
ލީނާ އެހެން ބުނި ވަގުތު މަގަށް ސަމާލުކަން ނުދެވި ހުރި އަނަސްއަށް ކުރިމަތިން އަންނަމުން ދިޔަ ކާރު ފެނި، އަމިއްލަ ކާރު މާ ބޮޑަށް އަނބުރައިލެވުނީ އިވުނު ވާހަކައިގެ ޝޮކާއި އެކީގައެވެ. އެ ހިނދުކޮޅުގައި ހިތް ބިރުގަތް ލީނާއަށް ހަޅޭކެއް ލެވުނެވެ. އެ ދެބެއިންގެ ނަސީބު ރަނގަޅުކަމުގެ މަގުގެ ހުރަހަށް އެ ކާރު މަޑު ކުރެވުނެއްކަމަކު ކާރުގައި އެހެން ކާރެއް ނުޖެހެއެވެ.
ނުނިމޭ