ޤަދަރު (ފަންސާސްދެވަނަ ބައި)
“އާނ…..އެއީ ދޮންތަ ކުރި ކަމެއް.”
ލީނާ އެހެން ބުނި ވަގުތު މަގަށް ސަމާލުކަން ނުދެވި ހުރި އަނަސްއަށް ކުރިމަތިން އަންނަމުން ދިޔަ ކާރު ފެނި، އަމިއްލަ ކާރު މާ ބޮޑަށް އަނބުރައިލެވުނީ އިވުނު ވާހަކައިގެ ޝޮކާއި އެކީގައެވެ. އެ ހިނދުކޮޅުގައި ހިތް ބިރުގަތް ލީނާއަށް ހަޅޭކެއް ލެވުނެވެ. އެ ދެބެއިންގެ ނަސީބު ރަނގަޅުކަމުގެ މަގުގެ ހުރަހަށް އެ ކާރު މަޑު ކުރެވުނެއްކަމަކު ކާރުގައި އެހެން ކާރެއް ނުޖެހެއެވެ.
**
ފަލަކާއި އަފްޒަލް އެދުވަހު ކުއްލި ގޮތަކަށް ލަންކާއަށް ފުރަން ތައްޔާރުވާން ފެށީ މަޖީދުގެ ޙާލު ސީރިއަސް ވީ ވާހަކަ ޒުހާގެ ފަރާތުން އެނގުމުންނެވެ. ފާއިތުވި ދެ ތިން ދުވަހު ޙާލު ރަނގަޅަށް ހުރުމަށްފަހު ކުއްލިއަކަށް ބައްޕަގެ އޮކްސިޖަން ދަށްވެ ވިންދު ލަސްވެގެން ދިޔަ ވާހަކަ އިވުމުން ފަލަކް ހާސްކަމެއްގެ ތެރެއަށް ދިޔައެވެ. އެކަން އަފްޒަލަށް ފާހަގަވެގެން ދިޔައީ ފަލަކްގެ މިޒާޖަށް އައި ބަދަލުންނެވެ.
“އަދި އަހަރުމެން މި ނެގި އެއާރލައިނަށްވުރެ ފާސްޓް އެއާރލައިނަކުން ޓިކެޓް ނަގަންވީދޯ؟ އަހަރުމެންނަށް ދެވޭއިރު މާ ލަސްވެއްޖެއްޔާ…” ޕެކް ކުރުމުގެ ތެރެއިން ފަލަކް ހާސްކަމާއިއެކީ އެހެން ބުނުމަށްފަހު ޕެކްކުރުން ހުއްޓާލައި އޭނަގެ ފޯނު ނެގިއެވެ.
އެ މަންޒަރު ފެނުނު އަފްޒަލް ފުން ނޭވައެއް ދޫކުރުމަށްފަހު ފަލަކްގެ ގާތަށް ގޮސް ފަލަކްގެ ކޮނޑުގައި ހިފައި އޭނައާއި ކުރިމަތި ކުރުވިއެވެ.
“ލަހެއް ނުވާނެ ފަލަކް. ބައްޕަ ރަނގަޅުވާނެ އިން ޝާ ﷲ.” އަފްޒަލް ވިސްނައިދިނެވެ.
“އެކަމަ….އެކަމަކު އެއީ އަހަރެންގެ ބައްޕައޭ އަފްޒަލް. މުޅި ޢުމުރު ދުވަހުވެސް އަހަންނަށް އެ ބައްޕައާއިމެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ބައްޕައާއި ދޭތެރޭ އެފަދައިން ކަންތައް ކުރެވުނީތީ އަމިއްލަ ނަފްސަށް ނަފްރަތު ކުރެވޭ. ބައްޕަ އަހަންނަށް ނުވެސް ފެނި، ދުނިޔެ ދޫކޮށް ގޮސްފިއްޔާ އަހަރެން ކިހިނެއް ﷲ އަށް ޖަވާބުދާރީ ވާނީ؟” ފަލަކް ކަންބޮޑުވުމަކާއިއެކީ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
“އިން ޝާ ﷲ އެހެންނެއް ނުވާނެ ފަލަކް. ބައްޕައަށް އިޙްސާންތެރިވުމުގެ ފުރުސަތު އަދި ފަލަކަށް ލިބޭނެ. އަހަރެން ދުޢާކޮށްދޭނަން.” އަފްޒަލް ބުންޏެވެ. އެއާއިއެކު ފަލަކަށް ރޮއިގަންނަމުން އަފްޒަލްގެ މޭގައި ބޯ އަޅައިލެވުނެވެ.
އަފްޒަލް ފަލަކްގެ ގައިގައި ބައްދައިލި ހިނދު އަފްޒަލްގެ ހިތުގައި ވެސް ނޭދެވޭ އިޙްސާސްތަކެއްވިއެވެ. އަމިއްލަ މަންމައާއި ދުރުގައި އެހާ ގިނަ ދުވަސް ހޭދަކުރެވޭތީވެއެވެ. އެހެންކަމުން އެދުވަހު އެއާރޕޯޓަށް ދިޔުމަށްފަހު ފަލަކާއިއެކީ ޑިޕާރޗާގައި ތިބި ވަގުތު އަފްޒަލް މަންމައަށް ވީޑިއޯ ކޯލެއް ކުރިއެވެ. އަދި ފަލަކް ގާތު ބުނެފައި ގޮނޑިން ތެދުވެ ތަންކޮޅެއް ދުރު ހިސާބަކަށް ދިޔައީ، ފަލަކް އެވަގުތު ހުރީ މަންމައާއި ވާހަކަ ދެއްކޭނެފަދަ ޙާލެއްގައި ނޫންހެން ހީވުމުންނެވެ.
“ސަލާމް މަންމާ…” ފޯނުގެ ސްކްރީނުން މަންމަގެ ސޫރަ ފެނުމާއިއެކު އަފްޒަލް ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް ދަރިފުޅު. ހާދަ ނުގަޑިއެއްގަ އަނެއްކާ މިއަދު ތި ގުޅާލީ. ފުރަން ނޫންތަ ތިއުޅެނީ؟ ފަލަކްގެ ބައްޕަ ބަލަން؟” މަންމަ ސުވާލުކުރިއެވެ.
“އާނ އެކަމަކު….މަންމަ ކައިރިއަށް ނުދެވި މާ ގިނަ ދުވަސްވާތީ ގުޅައިލީ….”
“ހެހެ….އެއީ މައްސަލައެއް ނޫނޭ ދަރިފުޅު. އެނގޭ ތިކޮޅުގަ ދިމާވި ޙާލަތްތަކެއް ސަބަބުންކަން ދަރިފުޅަށް ނާދެވިގެން އުޅެނީ.”
“އާނ އެކަމަކު…”
“އެކަމަކު ކީއް؟ ދަރިފުޅު ދުރުގަ ހުރެގެން ތި ގުޅާލާ ގުޅާލުންތަކުން ވެސް މަންމަ މާ ހިތްހަމަޖެހޭ މިގޭގަ އުޅޭ ދެމީހުން އުޅޭ ގޮތަށްވުރެ.”
“އެހެންތަ؟ އަނެއްކާ ދޮންބެ ގޯސްވަނީތަ؟”
“ނޫނޭ….އަދުހަމް އުޅެނީ އޭނަ އުޅޭނެ ދުނިޔެއެއްގަ. ޒައުލް ވެސް ހަމަ އެފަދަ. މިގެއިން މަންމައާއި ވާހަކަ ދައްކަނީ ނޫރާއާއި ނާއިލް. އެކަމަކު މި ފަހުން އައިސް ޒައުލް ވެސް ރަނގަޅުވާހެން އެބަ ހީވޭ. ދަރުސްތައް އަޑުއަހައި ކުރީ ދުވަހު މަންމަ ނުބުނެ ހުކުރަށް ވެސް ގޮއްސި. ނޭނގެ އެހެން ނަމާދުތަކުގެ ގޮތެއް. މަންމަ ހަނދާން ކޮށްދެން ކޮންމެ ނަމާދު ވަގުތެއްގަ.”
“އެހެންތަ؟ މާ ޝާ ﷲ. މީހަކު ނުބުނެ ޒައުލް އެންމެ ނަމާދަކަށް ވެސް ގޮއްސިއްޔާ އެ ހިތަށް ކޮންމެވެސް ގޮތެއް އެބަވޭތާ…”
“އާނ….ދުޢާއަކީ އެއީ.”
“އޯކޭ މަންމާ. މިހާރު ފްލައިޓަށް އަރާ ގަޑި ޖެހިއްޖެ.”
އަފްޒަލް އެހެން ބުނެލީ އެއާރޕޯޓުގައި ހުރި ގަޑިއެއް ލޮލުގައި އެޅުމުންނެވެ. އެއާއިއެކު މަންމަ އެންމެ ރަނގަޅޭ ބުނުމުން އަފްޒަލް ފޯނު ކަނޑައިލުމަށްފަހު ފަލަކްގެ ގާތަށް ދިޔައެވެ.
**
4 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ފަލަކާއި އަފްޒަލް ލަންކާއާއި ހަމައަށް ފޯރީ އެ ޤައުމަށް ދަންވަރުގެ ވަގުތުގައެވެ. އެއާރޕޯޓުން ހޮޓެލަކަށް ވެސް ދިޔުމުގެ ކުރިން ދެމީހުން އަވަސްވީ ބައްޕަ އެނދުމަތި ކުރެވިފައި އޮތް ހޮސްޕިޓަލަށް ދިޔުމަށެވެ.
“ހެލޯ ޒުހާ….ބައްޕަގެ ޙާލު ކިހިނެއްތަ؟ ހޭލާތަ އޮތީ؟” ޓެކްސީގެ ތެރެއިން ފަލަކް ޒުހާއަށް ގުޅައި ޚަބަރު ބެލިއެވެ.
“ހޭލެވިފަ ނިދިފަވަނީ. ޑޮކްޓަރުން ބުނީ ސްޓޭބަލްއެއް ނޫނޯ. ދޮންތަ މިކޮޅުގަތަ؟”
“އާނ….އިރުކޮޅެއްގެ ތެރޭގަ ހޮސްޕިޓަލާ ހަމައަށް ފޯރާނެ އިން ޝާ ﷲ.” އެހެން ބުނެ ފަލަކް ފޯނު ކަނޑައިލިއެވެ.
ފަލަކްމެން ހޮސްޕިޓަލަށް ގޮސް މަޖީދު އޮތް ޕްރައިވޭޓް ވޯޑަށް ވަންއިރު ޒުހާ ބުނިހެން މަޖީދު އޮތީ ލޯ މެރިފައެވެ. ފަލަކާއި އަފްޒަލް ވޯޑަށް ވަނުމާއިއެކު އެނދުގެ ދެކޮޅުގައި ތިބި އާނިސާއާއި ޒުހާގެ ނަޒަރުތައް އެ ދެމީހުންނަށް އަމާޒުވިއެވެ.
ފަލަކް ހުރިގޮތް ފެނުމާއިއެކު ޒުހާ ވައި އަޑަކުން ‘ދޮންތާ’ އޭ ކިޔައި ގޮވައިލަމުން ފަލަކްގެ ގާތަށް ދިޔައެވެ. އަދި ފަލަކްގެ ގައިގައި ބައްދައިލަމުން ރޯންފެށިއެވެ. އެ ރުއިމުގެ ފަހަތުގައި ބައްޕަގެ ބައްޔާއި އެކީ އޭނަގެ ޙާލަތް ވެސް ހިމެނޭކަން ފަލަކަށް މާ ރަނގަޅަށް ވެސް އެނގުނެވެ. ޒުހާ އެހާ ގާތުގައި ހުރެ ރޮމުން ދިޔަ ގޮތުން ފަލަކްގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.
“ހައު އާރ ޔޫ ދޮންތާ؟” ޒުހާ ފަލަކާއި ދުރުވެލަމުން އެހިއެވެ.
“އައިމް އޯކޭ. މިހާރު ހުރިހާ ކަމެއް ރަނގަޅު އަލްޙަމްދުލި ﷲ. ބައްޕަ….ކިހިނެއްތަ؟ ޑޮކްޓަރުން ބުނީ ކީކޭ؟” ފަލަކް ޒުހާގެ ބޮލުގައި ފިރުމަމުން އެހިއެވެ.
އޭގެ ޖަވާބެއްގެ ގޮތުން ޒުހާ ބައްޕައަށް ނަޒަރެއް ދިނުމަށްފަހު ހިތާމަވެރި މޫނަކާއިއެކީ ދޮންތައަށް ބަލައިލަމުން ބޯހޫރުވައިލިއެވެ.
އެއާއިއެކު ފަލަކް ބައްޕަގެ އެނދު ކައިރިއަށް ދިޔައެވެ. އަދި އައިވީ ގުޅާފައިވާ ބައްޕަގެ އަތްމަތީގައި އަތް ބޭއްވިއެވެ. އެހިނދު މަޖީދު އުދަގުލާއިއެކީ ލަސްލަހުން ލޯހުޅުވިއެވެ. ކުރިމަތިން ފެނުނީ ފަލަކް ކަން އެނގުމާއިއެކު މަޖީދުގެ ހިކިފައިވާ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“މަގޭ….ދަރިފުޅު ފަލަކް…” މަޖީދު ނޭވާ ކުރުވެފައިވާ ޙާލު ބުންޏެވެ. އެހިނދު ފަލަކްގެ ލޯ ކަރުނުން ފުސްވިއެވެ. ބައްޕަ މި ބަލި ޙާލުގައި އޮތް އޭނަގެ ހަލާކުވެފައިވާ ސޫރަ ދައްކަންވުމުން ފަލަކް ދެރަވާ ގޮތްވިއެވެ.
“ލައްބަ ބައްޕާ….ފަލަކް މިއީ. މުޅިން ހަޑިވެފަދޯ މިހިރީ؟” ފަލަކް ހިނިތުންވުމަކާއިއެކީ ކަރުނަތައް ހިންދަން އެސްފިޔަ ޖެހުމުން އެ ކަރުނަތައް ކޯތާފަތްމައްޗަށް ފޭބިއެވެ. ފަލަކް އެ ސުވާލު ކުރުމާއިއެކު މަޖީދު ބޯހޫރުވައިލިއެވެ.
“ބައްޕަގެ ނުހުންނާނެ….ހުތުރު ކުއްޖެއް. ތިހާ ގިނަ ޒަޚަމްތަކާއިއެކީ ވެސް ރީތިކަމަށް ދައްކާނީ ހަމަ ބައްޕަގެ ކުއްޖަކަށްވީމަ…ނޫންތަ؟ އަފްޒަލް؟” މަޖީދު އުދަގުލާއިއެކީ ވާހަކަ ދައްކަމުން ގޮސް އަފްޒަލަށް ބެލިއެވެ.
“އާނ ބައްޕާ. އަހަރެން ވެސް ފަލަކް ކައިރި ބުނީ ތިހެން. އެކަމަކު ފަލަކް އަޑެއްނާހާ.” އަފްޒަލް ވެސް ހިތާމަވެރިކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“ފަލަކް….އަފްޒަލްގެ ބަސްއަހައިގެން އުޅޭތި. އަފްޒަލަކީ….ފަލަކް ރަނގަޅަށް ބަލައިދޭނެ…ހެޔޮލަފާ ފިރިއެއް. އަފްޒަލް…ފަލަކް އެކަނިވެރި ނުކުރައްޗޭ. ޒުހާ ވެސް ބަސްއަހައިގެން އުޅޭތި.” މަޖީދު އެންމެންނަށް ދިން ނަސޭޙަތްތަކާއިއެކީ އެންމެން ބޯޖެހިއެވެ. އެއީ މަޖީދުގެ ފަހު ވާހަކަތައްހެން ހީވާ ފަދައަކުން ވާހަކަ ދައްކަމުން ދިޔަ ގޮތުން ފަލަކާއި ޒުހާއާއިއެކީ އާނިސާގެ ލޮލުން ވެސް ކަރުނަތައް ފައިބަމުން ދިޔައެވެ.
“އަޑުއެހި ގޮތުގަ އަންހެން ކުދިން….ރަނގަޅު ގޮތުގަ ބަލައި ބޮޑު ކުރާ މީހަކު ސުވަރުގެއަށް ދާނެ. ފަލަކާއި ޒުހާވެސް ތި ގޮތުގަ ބޮޑުވެގެން އައިތަން ފެނުމަކީ ބައްޕައަށް ލިބުނު އުފަލެއް. ބައްޕައަށްޓަކައި….ދުޢާކޮށްދެއްޗޭ.”
މަޖީދުގެ އެ ވާހަކައިގެ ފަހު ބަހާއިއެކީ ކުއްލި ގޮތަކަށް މަޖީދުގެ ނޭވާ ކުރުވިއެވެ. ހަމަ އެ ވަގުތު ޝަހާދަތުގެ ދެ ކަލިމައިން ދޫ ޙަރަކާތްކުރިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން ކައިރީގައި ހުރި މޮނީޓަރުން އަޑެއް ކިޔައި އޭގެ ރޮނގު ސީދާ ވެގެން ދިޔުމުން ޒުހާއަށް ރޮއިގަނެވުނު ހިނދު، ހުއްޓުންއެރި ފަލަކްގެ އަތުން އަތްދަބަސް ވީއްލިގެން ދިޔައެވެ. ފަލަކަށް ރޮވެން ފެށީ އެތަނަށް ޑޮކްޓަރު އައިސް މަރު އިޢުލާން ކުރުމުންނެވެ. މަޖީދުގެ މޫނުގައި ފޮތިގަނޑު އަޅައިލުމުން، ފަލަކް ގަދައަށް ރޯން ފެށުމުން އަފްޒަލް ފަލަކްގެ ގައިގައި ހިފެހެއްޓިއެވެ.
މަޖީދުގެ އެދުމަކަށްވީ، ވީހާވެސް އަވަހަކަށް ވަޅުލުން ކަމަށްވުމުން އެރޭ ލަންކާގެ މިސްކިތެއްގައި މަޖީދުގެ ކަށުކަމާކެމީގެ ކަންތައް ކުރެވިގެން ދިޔައެވެ. ވިއްސާރަވެގެން ދިޔަ އަނެއްދުވަހުގެ ފަތިހުގައި ވެސް، މަޖީދު އެކި ގޮތްގޮތުން އެހީވެފައިވާ އެތައް ބަޔަކު ފަތިސް ނަމާދަށްފަހު އޮތް ކަށުނަމާދުގައި ބައިވެރިވިއެވެ.
ކަށުނަމާދު ކުރުމަށްފަހު އަފްޒަލާއި ފަލަކް ވެސް އެމީހުންގެ ގެއަށް އައުމަށް އާނިސާ ދަޢުވަތުދިނެވެ. ގެއަށް ގެނެސް ގޭގެ މަސައްކަތު މީހާ ގާތު ތިން ކުދިންނަށް ސައި ހަދަން ބުނުމަށްފަހު އާނިސާ ކޮޓަރިއަށް ވަނެވެ.
ޒުހާގެ އިތުރުން ފަލަކާއި އަފްޒަލް ސިޓިންގް ރޫމުގެ ސޯފާގައި ތިއްބާ ތިން ސައިތަށި އެތާ މެދުގައި ހުރި މޭޒުމަތީގައި ބެހެއްޓުނެވެ. އެހެނަސް އެކަކުވެސް ސައިތަށްޓެއްގައި އަތްނުލައެވެ. މުޅި މާޙައުލަށް ވެރިވެފައިވީ މަރު ހިމޭންކަމެވެ.
އާނިސާ ކުނޫޒެއް ފަދަ ދަގަނޑު ފޮށްޓެއް ހިފައިގެން ސިޓިންގް ރޫމަށް އައީ، ތިން މީހުން އެހެން ތިއްބާއެވެ. އެ މީހުން ތިބި ގޮތް ފެނިފައި އާނިސާ ފުން ނޭވައެއް ދޫކޮށްލަމުން ގޮސް ސިޓިންގް ރޫމުގެ މެދުގައި ހުރި ދިގު ސޯފާގައި ޒުހާގެ ގާތުގައި އިށީނެވެ.
“މިއީ ޒުހާގެ ބައްޕަ ނިޔާވުމުގެ ކުރިން ހުރިހާ ކުދިންނަށްޓަކައި ލިޔެފަ ހުރި ސިޓީތައް. އަހަންނަށް ވެސް މި އެއްޗެހި ހުރިކަން އެނގުނީ މީގެ ދެތިން ދުވަސް ކުރިން މަޖީދު ބުނީމަ.” އާނިސާ އެހެން ބުނެ އެ ފޮށީގެ ތެރެއިން ދެ ސިޓީ އުރަ ނަގައި ފަލަކްމެންނަށް ދިއްކޮށްލިއެވެ. ފަލަކް އެ ދޭތި ހޯދައި އަފްޒަލްގެ ނަން ލިޔެވިފައި އޮތް އެތި އަފްޒަލަށް ދިނެވެ.
އާނިސާ ޒުހާގެ އަތަށް ވެސް ދެ ސިޓީ އުރަ ލައި ދިނުމަށްފަހު އަމިއްލަ ނަން ލިޔެވިފައި އޮތް އެތި ނަގައި ފޮށި ލައްޕައިލިއެވެ.
ޒުހާއަށް ލިބުނީ އޭނަގެ އަމިއްލަ ނަމަށް ލިބިފައި އޮތް ސިޓީއަކާއި އަނަސްގެ ސިޓީއެވެ.
އަނަސްގެ ނަން ފެނިފައި ޒުހާގެ ހިތަށް އުދަގުލެއްވިއެވެ. މި ފާއިތުވި ދުވަހު ބައްޕަގެ ޙާލަތު އެހާ ގޯސްވިއިރު އަނަސް އޭނަގެ މެސެޖަކަށް ޖަވާބު ނުދިންތާނގައި މެސެޖުތައް ހުޅުވާފައިވެސް ނުވާތީވެއެވެ. އަނަސް މެސެޖުތައް ނުބަލަނީއޭ ހިތައި ޒުހާ އަނަސްއަށް ގުޅަންވެސް ގުޅިއެވެ. އެހެނަސް އަނަސް ފޯނެއް ނުނަގައެވެ. އެއީ އަނަސް މާ ބުރަކޮށް އުޅޭތީ ދިމާވާ ގޮތެއްތޯ ހިތަށްއެރިޔަސް ޤަބޫލުކުރަން ދަތިވިއެވެ. އަނަސްއަށް ވެސް އެތައް ގޮތަކުން އިޙްސާންތެރިވެފައިވާ މީހަކު މަރުގެ ތުންފަތްމަތީގައި ވަނިކޮށް ޚަބަރެއް ނުވަނީ ކީއްވެތޯ ހިތަށްއެރިއެވެ. އަނަސްއާއިމެދު ހިސާބަކަށް ކަންބޮޑުވިއެއްކަމަކު ނުރުހުންވެސްވާ ގޮތްވިއެވެ. އެންމެ ފަހުން ބައްޕަ ނިޔާވީ ވާހަކަ ބުނެ ޒުހާ ފޮނުވި މެސެޖުވެސް ހުޅުވާފައި ނުވާތީވެއެވެ.
“ޒުހާއަށް ބައްޕަ ދެ ސިޓީ ދިނީތަ؟” ފަލަކް ހިސާބެއްގެ ހިނިތުންވުމަކާއިއެކީ ސުވާލުކުރިއެވެ.
“ނޫން…އެއީ އަނަސްގެ.” ޒުހާ ޖަވާބުދިނެވެ.
“އަނަސްއަކީ ކާކު؟” ފަލަކް އެހިއެވެ.
“އެއީ މަޖީދު ޒުހާއާއި ދެވަން ޚިޔާރުކޮށްފައިވާ ކުއްޖެއް. މެލޭޝިޔާގަ ހުންނަ ހޮޓެލްގެ މެނޭޖަރަކަށް އުޅޭ ދިވެހި ކުއްޖެއް އެއީ.” ޒުހާއަށް ޖަވާބު ނުދެވުމުން އާނިސާ ޖަވާބުދިނެވެ. އެއާއިއެކު ފަލަކްގެ މޫނުމަތި އުޖާލާވިއެވެ.
“އަސްލުވެސްތަ ޒުހާ؟ ކީއްވެ ދޮންތަ ކައިރި ނުބުނީ؟” ފަލަކް އެހިއެވެ.
އެއާއިއެކު ގޭގެ ބެލް އަޅުވައިލެވުނު އަޑަށް އެންމެންގެ ނަޒަރު މައިދޮރަށް އަމާޒުވިއެވެ. މަސައްކަތު މީހާ ދޮރު ހުޅުވުމާއިއެކު ފެނިގެން ދިޔައީ ވާރެއިން ތެމި އިސްޖެހިފައި ހުރި ޒުވާނެކެވެ. އެއީ ކާކުކަން އެނގުމާއިއެކު ޒުހާއަށް ކޮޅަށް ތެދުވެވުނެވެ.
“އަނަސް….”
ނުނިމޭ