ޤަދަރު (ސައުވީސްވަނަ ބައި)
ޤަދަރު (ސައުވީސްވަނަ ބައި)
މަޖީދު ހޮސްޕިޓަލުގައި ބޭއްވުނު ފަހުން އަފްޒަލާއި ފަލަކަށް މުޅިންހެން އުޅެވެމުން ދިޔައީ ހޮސްޕިޓަލުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ހޮސްޕިޓަލަށް އެމީހުން ދިޔަ ފުރަތަމަ ރޭ މަޖީދަށް ހޭލެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ހޭލެވުނު ވަގުތު ފަލަކް ފެނިފައި ވަރުބަލި ހިނިތުންވުމަކާއިއެކީ ބުނިހާވެސް ބަހަކީ ‘ދަރިފުޅު’ އެވެ. އޭގެ ފަހުން ޑޮކްޓަރު އައިސް ބޭސް ކާން އެންގުމުން، ޑޮކްޓަރު ބުނެގެން އަފްޒަލް ތަންކޮޅެއް ކުރިން ގަނެފައި ހުރި ބޭސްތައް މަޖީދު ކެއެވެ. އޭގެ މާ ގިނައިރެއް ނުވެ މަޖީދު އަނެއްކާވެސް ފުން ނިންޖެއްގެ ތެރެއަށް ދިޔުމުން ފަލަކާއި އެކީ އަފްޒަލް ވެސް މާޔޫސްވާ ގޮތްވިއެވެ. އެހެނަސް މާދަމާގެ ވަގުތެއްގައި މަޖީދު ރަނގަޅަށް ހޭ އަރާނެ ކަމަށް ބުނުމުން ދެމީހުންގެ ހިތަށް ވެސް ފިނިކަމެއް ލިބުނެވެ.
ފަލަކް ބޭނުންވީ އެރޭ ހޮސްޕިޓަލުގައި ހުރުމަށެވެ. ފަލަކްގެ އެ ޚިޔާލު ބަދަލު ނުކުރެވުމުން އެންމެފަހުން އަފްޒަލް އެއްބަސްވިއެވެ. އެހެނަސް އިރުކޮޅެއް ވަންދެން ދެމީހުން އެކީގައި ގެއަށް ދިޔުމަށް ފަލަކް އެއްބަސް ކުރުވިއެވެ. ފަލަކަށް ތާޒާވެލުމަށް ފުރުސަތެއް ދިނުމުގެ އިތުރުން މަޖީދުބެއަށް ބޭނުންވާނެ އެއްޗެހި ވެސް ހޮޓެލުން ނެގުމަށެވެ.
ދިޔުމުގެ ކުރިން އަފްޒަލް ނަރުހަކަށް ގޮވައިލުމުގެ ވާހަކަ ދެއްކި ތަނާހެން، ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އަފްޒަލާއި ފަލަކް އެކުއެކީހެން އެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، ދަގަނޑު ތަށްޓެއް ހިފައިގެން ނަރުސް ކުއްޖަކު ރޫމަށް ވަނެވެ.
“މި ގަޑީގަ މި ބަލިމީހާއަށް ހަމަޖެހިފައިވާ ނަރުސް ކުއްޖަކީ ތިއީތޯ؟” އަފްޒަލް އެ ކުއްޖާ ކުރެން ސުވާލު ކުރިއެވެ.
“އާދެ…” އެ ކުއްޖާ ހިނިތުންވުމަކާއިއެކީ ގޮސް އަތުގައި ހުރި ތަށި، އަރިމަތީ މޭޒުމަތީގައި ބެހެއްޓިއިރު، ފަލަކަށް ފަރުވާތެރި ކަމާއިއެކީ އެއަށް ބެލުނެވެ. އެ ތަށީގައި އޮތް އިންޖެކްޝަނެއް ފެނިފައި ފަލަކްގެ ދެ ބުމަ ކައިރިވިއެވެ.
“އަޅުގަނޑުމެން މި ދަނީ އިރުކޮޅަކަށް ބޭރަށް ދާން. އަޅުގަނޑުމެން އަންނަންދެން މި ޕޭޝަންޓް ބަލައި ދެވިދާނެތޯ؟” އަފްޒަލް އެހިއެވެ.
“އާދެ އާދެ!” ނަރުސް ކުއްޖާ އުފަލާއި އެކީ ބުންޏެވެ.
“އެއީ ކޮން އިންޖެކްޝަނެއްތަ؟ އަފްޒަލް ބައްޕައަށް ދޭން ގަތް ބޭސްތަކުގެ ތެރޭގަ އިންޖެކްޝަނެއް އޮތްތަ؟” ފަލަކް އެއްފަހަރު އެ ނަރުސްކުއްޖާއަށް އަނެއްފަހަރު އަފްޒަލަށް ބަލައިލިއެވެ.
“ނޫން އިންޖެކްޝަނެއް ނެތް….” އަފްޒަލަށް ވެސް ޙައިރާންކަމާއިއެކީ ނަރުސް ކުއްޖާއަށް ބަލައިލެވުނެވެ.
“ހެހެ….އެއީ މި ޕޭޝަންޓަށް ދޭން ގެނައި އިންޖެކްޝަނެއް ނޫނޭ. ޖެހިގެން ހުރި ރޫމުގަ އޮތް ޕޭޝަންޓްގެ އިންޖެކްޝަނެއް އެއީ. ރައުންޑް ޖަހަމުން އަޅުގަނޑު މި ދަނީ…” ބަދަލު ނުވާ ހިނިތުންވުމެއްގައި ހުރެ އެ އަންހެން ކުއްޖާ ބުންޏެވެ.
“އޮހް! އެހެންދޯ އެ ވީ؟” އަފްޒަލް ބުންޏެވެ. އެއާއިއެކު ނުހަނު ޝައްކު އުފެދުނު ފަލަކްގެ ނިއްކުރިން ވެސް ރޫ ފިލައިދިޔައެވެ.
އަފްޒަލް ފަލަކަށް ބަލައިލަމުން ހިނގާށޭ ބުންޏެވެ. އަފްޒަލް ކުރިއަށް ހިނގައިގަތުމުން ފަލަކް ވެސް އަފްޒަލްގެ ފަހަތުން ދާން ހިނގައިގަތެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ ރޫމުން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ފަހަތް ބަލައިލެވުނެވެ. އެހިނދު ނަރުސް ކުއްޖާ ލޭގެ ޕްރެޝަރު ބަލާ މެޝިނާއިގެން އުޅެއެވެ. އެހެންކަމުން ފަލަކް ދެން އިތުރަށް އެކަމާއިމެދު ވިސްނުމެއްނެތި ރޫމުން ނިކުތެވެ.
ފަލަކް މެން ނިކުތްތާ މާ ގިނައިރެއް ނުވެ ނަރުސް ކުއްޖާ ޕްރެޝަރު ބަލާ މެޝިނުގެ ކަފް މަޖީދުގެ އަތުގައި އަޅުވައިލުމަށްފަހު އެއްކަލަ އިންޖެކްޝަން ނެގިއެވެ. އަދި ވަކި ދެވަނަ ވިސްނުމެއް ވެސް ނެތި އިންޖެކްޝަން ހިއްލައިލަމުން ކޮއްޕައިލީ، މަޖީދުގެ އަތާއި ގުޅިފައިވި އައިވީ ފުޅިއަށެވެ.
ހުސް އިންޖެކްޝަން ޑަސްބިނަށް އަޅައިލުމަށްފަހު ނަރުސް ކުއްޖާ ޔުނިފޯމުގެ ޖީބުން ފޯނު ނެގިއެވެ. އަދި ފޯނުން ކޯލް ލޮގް ހުޅުވައިލިއެވެ. އެއަށްފަހު ކޯލް ލޮގްގެ އެންމެ މަތިން ފެންނަމުން ދިޔަ އަދުހަމްގެ ނަމަށް ފިތައިލިއެވެ.
އަދުހަމަށް ގުޅެން ފެށިތާ މާ ގިނައިރެއް ނުވެ އެކޮޅުން ފޯނު ނެގިއެވެ.
“ކޮބާ ބުނިކަން ކޮށްދެވިއްޖެތަ؟” އެކޮޅުން އަދުހަމް ސުވާލުކުރިއެވެ.
“އާނ މާ ރަނގަޅަށްވެސް ކޮށް ނިމިއްޖެ. މި ރޫމުގެ ތިބި ދެމީހުންނަށް ފާހަގައެއް ނުވި މަ ހުރީ ކާޑެއްވެސް ނާޅާ ކަމެއް. ކޮއްކޮގެ ޔުނިފޯމް މަށަށް ހެޔޮވަރު ވުމީ އެއީ ހަމަ ނަސީބު…” އެ ކުއްޖާ ވާހަކަ ދެއްކިއެވެ.
“އެ ކޮއްކޮ ދިޔަނަމަ އަސްލު މާ ރަނގަޅުވީމުސް….ތިހާ ބޮޑު ރިސްކެއް ނަގާކަށް ނުޖެހުނީސް ދޯ؟”
“އައްދޭ އެ މަންޖެއަކީ މިކަހަލަ ކަމެއް ކުރާނެ މީހެއް ނޫން. މަ ބުނެ ބުނެ އެއްބަހެއް ނުވި. ޔުނިފޯމާއި އޭނަގެ ކާޑުވެސް ނެގީ ސިއްރުން. ނިކަމެތި ޙާލުގަ އުޅޭ މީހުން ލާރި ހޯދާނީ މިހެން ކަމެއް އޭނައަށް ނުވިސްނޭ.”
“އާނދޯ؟ ކޮއްކޮއަށް ވިސްނައިދޭންވީ ހަމަ. މަޖީދު އަދިވެސް ހުރެދާނެ ކަންނޭނގެ މިކޮޅުގަ ދުވަސްކޮޅެއް ވަންދެން. އެހެންވެއްޖެއްޔާ އަދިވެސް ތިކަން ކުރަންޖެހޭނެހެން ހީވަނީ.”
“ހުމް….ލާރި ލިބެންޏާ ހަމަ ގޮތެއް ހަދައިދޭނަން. އަޅެ ބުނެބަލަ….ތިއީ ކާކުތަ އަދުހަމަށް މިހާ އަގުބޮޑު ވަޒީފާއެއް ދީގެން އުޅެނީ؟”
“ތިކަމެއް ނޭނގެ ހަމަ އެއްގޮތަކަށް ވެސް. އަހަންނަށް މިދިޔަ ހަފްތާގަ ވަޓްސް އެޕްއިން މެސެޖެއް އައީ. މެސެޖު އައީ ‘އެމް’ ނަމަކަށް ކިޔާ މީހެއްގެ ފަރާތުން. މެސެޖުގަ އޮތީ ތިއީ ޢަލީ އަދުހަމް އާމިރު ދޯ އޭ؟ އާނއެކޭ ބުނީމަ ތިމަންނަ ބުނާ ގޮތަށް ހަދައިދީފިއްޔާ ބޭނުންހާ ވަރަކަށް ލާރި ދޭނަމޭ. މަ ފުރަތަމަ ހީކުރީ ފޭކެއްކަމަށް. އެކަމަކު އަޖުމަ ބަލައިލަންވެގެން އޭނަ ބުނި ގޮތަށް ތި ބުނާ މަޖީދާއި ފަލަކް އުޅޭ ނުއުޅޭ ގޮތް ކިޔައިދިނީމަ ސީދާ 1000 ޑޮލަރު ފޮނުވައިލީ!”
“އަސްތާ! ތިއީ ނަސީބެއްނު ތި ލައްވައިލީ! ތި ވާނީ މަޖީދާއި ތި ބުނާ ފަލަކެއްގެ ވަރުގަދަ ދުޝްމިނަކަށްތާ!”
“އާނ….ދުޝްމިނަކަށް ވިޔަސް އެހެން މީހަކަށް ވިޔަސް މަށަށް ކީއް! ލާރި ލިބެންޏާ މަ ސުވާލެއް ނުކުރާނަން!”
އަދުހަމް އެހެން ބުނުމާއިއެކު އެ ދެމީހުން އެކީގައި ނުލަފާ ހީގަނޑެއް ޖަހައިލިއެވެ.
**
އަފްޒަލާއި ފަލަކް އެކުއެކީގައި ހޮސްޕިޓަލުގެ ރިސެޕްޝަން އޭރިއާއަށް ދިޔައިރު އެހާ ގިނަ މީހުން އެވަގުތު އެތަނުން ނުފެނެއެވެ. އަފްޒަލް ވަކި މީހަކަށް ސަމާލުކަން ދިނުމެއްނެތި ހިނގަމުން ގޮސް ކުރިމައްޗަށް ނަޒަރު ހުއްޓައިލި ހިނދު ދެ ބުމަ ކައިރިވީ، ހޮސްޕިޓަލުން ނިކުމެވޭ މައިދޮރު ކައިރީގައި ފޯނު ކަންފަތުގައި ޖައްސައިގެން ހުރީ އޭނަގެ ދޮންބެހެން ހީވުމުންނެވެ. ލައިގެން ހުރި ގޮޅިޖެހި ކަޅާއި ހުދުގެ ގަމީހާއި މުށި ކުލައިގެ ފަޓުލޫނުން އެކަން އަދި މާ ބޮޑަށް ޔަޤީން ކުރެވޭ ގޮތްވިއެވެ.
ދޮންބެ ހޮސްޕިޓަލަށް އައީ ކީއްވެތޯ ބަލަން ބޭނުންވި ވަރުން އަފްޒަލަށް ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ.
“އާނ ލާރި އެކޮޅުން ލިބުނުހާ އަވަހަކަށް ފޮނުވާނަން…” އަފްޒަލް އެހާ ހިސާބާއި ހަމަވި ވަގުތު ދޮންބެގެ އަޑު އިވުނެވެ.
“ދޮންބޭ؟” އަފްޒަލް އެމީހާގެ ކުރިމައްޗަށް އަރަމުން ސުވާލުގެ ރާގަކަށް ގޮވައިލިއެވެ.
އަފްޒަލަށް ހީވީ ރަނގަޅަށެވެ. އެއީ ހަމަ އަދުހަމެވެ. އަފްޒަލް ފެނުމާއިއެކު އަދުހަމް ދެލޯ ބޮޑުކޮށްލަމުން ފޯނު ކަނޑައިލީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ.
“އަފް…ޒަލް ކޮން އިރަކު މި ތަނަށް އައީ؟” އަދުހަމް ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން އެހިއެވެ.
“އިރުކޮޅެއް ވެއްޖެ މިހާރު…ފަލަކްގެ ބައްޕަ ބަލިވެގެން މި ހޮސްޕިޓަލުގަ ބޭއްވީ. ދޮންބެ މިތަނަށް އައީ ކީއްކުރަން؟” އަފްޒަލް އަހައިލިއެވެ. އެހިނދު ދާދި ދެންމެއަކު ދޮންބެ ދެއްކީ ކާކަށް ލާރި ފޮނުވާ ވާހަކަތޯ ވެސް އަހަން ނުހަނު ބޭނުންވެފައިވިއެވެ. މާޒީގައި ދޮންބެގެ ޢަމަލުތައް ހުރިގޮތް ހަނދާންވަމުން ދިޔައީތީވެއެވެ.
“އެއީ….ނޫރާ..ނޫރާ ބާއްވާފަ އޮތީ މި ހޮސްޕިޓަލުގަ ކަމަށް ހީކޮށްގެން މިކޮޅަށް މި އައީ. ހެހެ….” އަދުހަމް ނުތަނަވަސްކަމާއެކީ ވާހަކަ ދެއްކިއެވެ.
“އެކަމަކު، ދޮންބެ ނޫރާއާއި ބައްދަލުކޮށްލަން މާލޭގެ ހޮސްޕިޓަލަކަށް ދިޔަ ވާހަކަ އަޑުއެހިން.”
“އޮހް….އެއީ ހަމަ އޮޅުނީ މިރޭ. ހެހެ…ދެން ދިޔައީ އިނގޭ….”
އަދުހަމް އެހެން ބުނެ ދާން ހިނގައިގަތުމުން ވެސް އަފްޒަލަށް ޤަބޫލުކުރަން ދަތިވެފައި ދޮންބެއަށް ބަލަން ހުރެވުނެވެ.
“އެ ބުނީ ތެދެއްހެން އަފްޒަލަށް ހީވޭތަ؟” ފަލަކް އަފްޒަލްގެ ފަހަތުގައި ކަހަލަ ގޮތަކަށް ހުރެގެން ސުވާލުކުރިއެވެ.
“ތެދެއްކަމަށް ޤަބޫލުކުރަން ބޭނުންވަނީ…” އަފްޒަލް ބުންޏެވެ. ދޮންބެ އަނެއްކާވެސް ނުބައި މަގަށް އެޅުނަ ނުދެއްވުމަށް އެވަގުތު އާދޭހާއިއެކީ ހިތާހިތުން ދުޢާ ކުރެވުނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ޒައުލްއަށް ހޭލެވޭ ގޮތްވީ 11 ޖެހިއިރު މަންމަ ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑަށެވެ.
“ޒައުލް ދަރިފުޅު ދެން ހެޔޮ ނުވާނެދޯ ފަތިސް ނަމާދަށް ހޭނުލާ ތިހާއިރު ވަންދެން ނިދަން. ދަރިފުޅު މިހާރު ހާދަހާއޭ ނަމާދާއި ދުރީ….”
މަންމަ ބޭރުން ދައްކަމުން ދިޔަ ވާހަކައާއި އެކީ ވީ ފޫހިން ޒައުލްއަށް ކައިރީގައި އޮތް ބާލީހެއް ނަގައި ބޯމަތީގައި އަޅާލެވުނެވެ. އަދި މަންމަ ދެން ހިނގައިދާނެ ކަމަށް އުއްމީދު ކުރެވުނެވެ. އެހެނަސް ދެން ޓަކީގެ އަޑު އިވުނީ އިހުނަށްވުރެ ބާރަށެވެ.
“އަނެއްކާ ތެދުވެއްޖެބާ މި ސޮރު!!”
މަންމަ އެހެން ބުނުމާއިއެކު ޒައުލް ފުންމައިގެން ތެދުވިއެވެ.
“މި ތެދުވުނީއޭ މަންމާ!”
ޒައުލްއަށް އެހެން ބުނެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެކަން އެނގުންވުމުން ޚުދު އޭނަ ވެސް ހުއްޓުން އަރާ ގޮތްވިއެވެ. މަންމައާއި ދިމާލަށް އޭނަ ރުޅި އަންނަން ފެށީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ.
މަންމަ ވަކި އެކަން ފާހަގަ ނުކޮށް އަވަހަށް ނަމާދު ކުރާށޭ ބުނެފައި ދާން ހިނގައިގަތެވެ.
މަންމަ އެހެން ބުންޏެއްކަމަކު ޒައުލް އެ އަޑު އަހާ ހިތެއް ނުވިއެވެ. ރަނގަޅަށް ހޭނުލެވެނީސް އެރޭ ކޮން ނަމާދަކަށްތޯ ބުނެ ސިކުނޑި ބަހަނާތަކެއް ދެއްކިއެވެ. އޭނަ އެހެރީ ނަމާދު ކުރެވޭ ވަރަށްވުރެ ބޮޑަށް ވަރުބަލިވެފައޭ ހިތާހިތުން ކިޔަމުން ޒައުލް އޮށޯތެވެ. ރޭ އޭނައަށް ނިދުނީ ވެސް 3 ޖެހިއިރު ކަން ހަނދާން ކުރަމުންނެވެ.
ވަރުބަލިވެފައިވި ކަމުގެ ބަހަނާގައި ޒައުލް އޮށޯތެއްކަމަކު ނިދުމުގެ ބަދަލުގައި ފޯނު ނެގިއެވެ. އަދި ފޯނުން ވަގުތު ހުޅުވައިލީ އެންޖެލާގެ ޗެޓް ލޮގެވެ. އެންޖެލާ އޭނައަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ސެލްފީއެއް ފޮނުވާފައިވިއެވެ. ސެލްފީގައި އިންޖެލާ އިނީ މަހުމަލް ގަދަ ނޫކުލައިގެ ސޯފާއެއްގައި އޮށޯވެގެންނެވެ.
އެންޖެލާގެ ސޫރަ ފެނުމާއިއެކު ޒައުލްއަށް ހިނިތުންވެލެވުނެވެ. އަދި ވަކި ދެވަނަ ޚިޔާލެއް ވެސް ނެތި އެ ފޮޓޯއަށް ލައިކެއް ދެމުން އެންޖެލާއަށް ވެސް ބާއްޖަވެރި ހެނދުނަކަށް އެދެވުނެވެ.
މިފަހުން އައިސް އެންޖެލާއާއި ގާތްކަމެއް ބާއްވާއިރު ޒައުލްގެ ހިތުގައި އެއްވެސް ނޭދެވޭ އިޙްސާސެއް ނުވެއެވެ. އަންނަ ބުރާސްފަތި ދުވަހު އެހެންނޫނަސް ޒުހާއަށް ގުޅައިގެން ޒުހާއާއި އޮތް ގުޅުން ކަނޑާލަން ނިންމާފައި ވުމުންނެވެ.
އެންމެ ފަހުން އެ ދެކުދިންގެ ތެރެއިން ޒައުލްއަށް ޚިޔާރު ކުރެވޭ ގޮތްވީ ހަމަ އެންޖެލާއެވެ. އެންޖެލާ ޒުހާއަށްވުރެ ރީތިވެފައި ފިރިހެން ކުދިންގެ މެދުގައި މަޝްހޫރެވެ. އަދި އަމުދުން އެއީ ޒުހާއަށްވުރެ މުއްސަނދި ވެސް ކުއްޖެކެވެ. އެންޖެލާ ބުނެފައިވާ ގޮތުގައި އެންޖެލާ ދަނީ މަތީ ސާނަވީގައި ކިޔަވަމުން ވެސް ކޮންމެވެސް މުއްސަނދި ދިވެހި އަންހެނެއްގެ ޕާރސަނަލް ސެކްރެޓަރީކަމުގެ ވަޒީފާ އަދާ ކުރަމުންނެވެ.
އެންޖެލާ އެ ބުނި ވާހަކައާއިމެދު ޝައްކު އުފެދުނީތީ ޒައުލް އެކަމާއިމެދު ސުވާލުތަކެއް ކުރިއެވެ.
“އަހަންނަށް އިތުބާރު ކުރޭ ޑާރލިންގް! ލީނާ ރަފީޢު ކިޔާ ރާއްޖެ އަންހެނެއް އެއީ. މެލޭޝިޔާގަ ޢާއްމުކޮށް އުޅެމުން ދަނީ. އެކަމަކު މިހާރު މެޑަމްމެންގެ 5 ޔިއާރ ވެޑިންގް އެނިވާރސަރީ ފާހަގަ ކުރަން ވޯލްޑް ޓުއާރއަކަށް ގޮސްގެން އުޅެނީ…”
އެންޖެލާ އެ ވާހަކަ ކިޔައިދިނުމަށްފަހު އެ ބުނާ ލީނާގެ އިންސްޓާގްރާމް ޕްރޮފައިލް ވެސް ދެއްކިއެވެ. ބުރުގާ ނާޅާ އިސްތަށިގަނޑު ފަންކޮށްފައި ހުރި އެ އަންހެން މީހާއަކީ އޭނައަށް ކުރިން ފެނިފައިވި މީހެއްހެން ޒައުލްއަށް ހީވިއެވެ. އެހެނަސް އެއީ މާ ފަނޑު ހަނދާނަކަށް ވުމުން އޭނަގެ ސިކުނޑި އޭނަ ހައްދަނީ ކަމަށް ޤަބޫލުކޮށް އެކަމާއިމެދު ނުވިސްނަން ނިންމިއެވެ. އަދި ބަދަލުގައި އެންޖެލާއަށް އިތުބާރުކޮށް އެންޖެލާއަށް އެ އަންހެން މީހާގެ ފަރާތުން ލިބޭނެ ފައިސާއާއިމެދު ވިސްނެން ފެށިއެވެ.
“ހައި ސެލެރީގެ އިތުރުން އަހަންނަށް މެޑަމްމެންނާއި އެކީ ދަތުރު ދިޔުމުގެ ފުރުސަތުވެސް ލިބޭ. އަދި މިފަހަރުހެން މެޑަމްމެން ދާ ފަހަރުތަކުގަ މެލޭޝިޔާގަ ހުންނަ މެޑަމްމެންގެ ގޭގަ އަހަރެން އެކަނި އުޅޭނީވެސް. ހެހެ….”
އެއްރެއަކު ގުޅައިގެން ދެއްކި ވާހަކައިގެ ތެރެއިން އެންޖެލާ އެހެން ބުނީ ނުހަނު ދަޢުވަތުދޭ ރާގަކަށެވެ. އެންޖެލާ އެހެން ބުނުމާއިއެކު ޒައުލްގެ ހަނދާނަށް އައީ، ކޮލެޖުގައި ކިޔަވަމުންދާ ކޮންމެވެސް މޮޑިއުލަކާއި ގުޅިގެން ބޭނުންވާ ކުދިންނަށް މެލޭޝިޔާއަށް ދިޔުމުގެ ފުރުސަތު އޮތް ވާހަކައެވެ. އެ ވަގުތު ވެސް އެކަން ހަނދާންވެގެން ދިޔުމުން ޒައުލްއަށް ހިނިތުންވެލެވުނެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަކަށް އެ ދަތުރުގެ ވާހަކަ ދޮންބެ ގާތު ބުނަން ޤަޞްދުކޮށްގެންނެވެ.
**
ބައިވެރިޔާ ބަދަލުކޮށްލުމުގެ ޚިޔާލު ގެންގުޅެމުންދަނީ ހަމައެކަނި ޒައުލްއެއް ނޫނެވެ. މި ދުވަސްކޮޅު އަދުހަމްގެ ސިކުނޑީގައިވެސް ޒީނަތްތެރިވެފައިވީ އެފަދަ ޚިޔާލުތަކެވެ. ޓެކްސީއެއްގައި ނޫރާ ބާއްވާފަ އޮތް ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި އަދުހަމަށް ކުރެވެމުން ދިޔައީ އެ ޚިޔާލުތަކެވެ.
ތެދެކެވެ. އޭނަ ނޫރާއާއި އިނީ ލޯބިންނެވެ. އެހެނަސް ޙަޤީޤަތަކީ އެ ކައިވެނި ކުރިއިރު އޭނަ ޒަވާޖީ ޙަޔާތަކަށް ތައްޔާރެއް ނޫންކަމެވެ. އެއީ އޭނަ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ އަދި މާ ގިނަ ދުވަހެއް ނުވަނީހެވެ. އޭރުވެސް އޭނަ މަސްތުވާތަކެތި ބޭނުންކުރިއިރު ގެންގުޅުނު އެކުވެރިންނާއި ދޭތެރެދޭތެރެއިން ވާހަކަ ދެކެވެއެވެ. އެ އެކުވެރިންގެ ސަބަބުން އަނެއްކާވެސް އެ އަނދިރި ދިރިއުޅުމަށް އަނބުރައި ދިޔުމަށް އޭނަގެ ސިކުނޑި ހިތްވަރެއްދިނެވެ.
ކައިވެނި ކުރިފަހުން ރިސޯޓަކަށް އޭނަ ވަޒީފާއަށް ދިޔައީ ހަމައެކަނި އެ ސަބަބަށްޓަކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަށަށް އަންނަމުން ދިޔައީ ނޫރާއާއި މަންމަގެ އެތައް އާދޭސްތަކަކަށް ފަހުއެވެ. ރަށަށް އައިސް އެމީހުންގެ ކުރިމަތީގައި އަޑު އުފުލެން ފެށީ އޭނައާއި އޭނަގެ ލައްޒަތާއި ދެމެދު އޮތް ހަމައެކަނި ހުރަހަކީ އެދެމީހުން ކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.
ފަހުން ފަހުން އައިސް ނޫރާއަށް އަނިޔާ ކުރެވެން ފެށީ، ބާރު އޮތީ އޭނައަށްކަން ނޫރާއަށް ދެއްކުމަށެވެ. އަދި އަމުދުން އެކަން އަމިއްލަ ނަފްސަށް ވެސް ޤަބޫލު ކޮށްދިނުމަށެވެ. ނޫރާއާއި ނާއިލް އޭނަ ބޭނުންހާ ގޮތަކަށް ކަންތައް ކުރުމުން އޭނައަށް އުފަލެއް ލިބެއެވެ. އޭނަ ބުނާ ގޮތާއި ޚިލާފަށް ވަކި ދިމާލަށް ބަލައިލިޔަސް އަދުހަމް އަތް އުފުލާ ހިސާބަށް ދިޔައެވެ. ކުރީކޮޅު އެހެން ވާން ފެށިއިރު އަދުހަމަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެހެނަސް ޢަމަލުތައް އިޞްލާޙު ކުރުމުގެ ނިޔަތެއް ނެތި، އެގޮތުގައި ކުރިއަށް ދިޔުމުން އެ ހިތް ހަރު ހިލައަކަށްވި ފަދައެވެ. ފަހުން އައިސް ނޫރާއާއި ނާއިލް އޭނަ ސަބަބުން ރުއިމުން އެ ހިތަށް އެއްގޮތަކަށް ވެސް އަސަރެއް ނުކުރެއެވެ. އަސަރެއް ކުރިއްޔާ ކުރެވެނީ އަމިއްލަ އާރާއި ބާރުގެ އިޙްސާސެވެ.
އެވަގުތުވެސް އަދުހަމަށް ވިސްނެމުން ދިޔައީ ހަމައެކަނި ނޫރާ ވަރިކޮށްލުމުގެ ޚިޔާލާއި މެދުގައެއް ނޫނެވެ. ވަރިކުރުމަށްފަހު ވެސް ނޫރާ އޭނަގެ އަވައިގައި ޖެހޭ ފަދަ ޙާލެއްގައި ޖެއްސޭނެ ގޮތަކާއި މެދުގައެވެ. ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އޭނަގެ ހިތުގައި ނޫރާއަށްޓަކައިވި ހުރިހާ ކުލުނެއް ނެތި ގޮސްފައި ވިޔަސް، ނޫރާއާއި އެކީ އުޅެމުން ދިޔައީ ނޫރާއަށް ލިބޭ ލާރިކޮޅަށްޓަކައެވެ. އެހެނަސް މީގެ ދެ ތިން ހަފްތާ ކުރިން އޭނައަށް މިވަނީ ނޭނގޭ ގޮތަކަށް ނުހަނު ގިނަ ލާރި ލިބޭނެ ގޮތެއް ހަމަޖެހިފައެވެ. އެހެންކަމުން މިހާރު އޭނަގެ ޙަޔާތުގައި ނޫރާގެ ބޭނުމެއް ނެތެވެ. ވަކިން ޚާއްޞަކޮށް އޭނައާއިއެކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އޭނައަށް ކަމުދާ އަންހެނެއް ވެސް އުޅެމުން ދާތީވެއެވެ.
**
އެ ދުވަހު 10 ޖަހަން ގާތްވަމުން ދިޔަ ވަގުތު މަޖީދު ހޭ އަރާ ގޮތްވިއެވެ. މަޖީދަށް ހޭލެވުމާއިއެކު ކައިރީގައި ހުރި ގޮނޑީގައި އިން ފަލަކް ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދެއްކިއެވެ.
“ބައްޕަ….ކް..ކިހިނެއް މިހާރު؟” ނުހަނު އަސަރާއި އެކީ ބައްޕަގެ ނަން ކިޔައިލެވުނުކަން އެނގުންވެ، ފަލަކް ވަގުތުން އެ ރާގު ބަދަލު ކުރެވޭތޯ ބެލިއެވެ. ބައްޕައާއި ލޯބިން ވާހަކަ ދެއްކުމަކީ އޭނަގެ އާދައަށް ނުވާތީވެއެވެ. ހަމަ އެވަގުތު ބައްޕަގެ ނަޒަރު އޭނަގެ އަތަށް އަމާޒުވެފައިވާތަން ފެނި، އޭނައަށް އިނދެވުނީ ބައްޕަގެ އަތުގައި ހިފައިގެންކަން އެނގުންވިއެވެ. އިސާހިތަކު އެ އަތް ވެސް ބައްޕަގެ އަތާއި ދުރުކޮށްލެވުނެވެ.
ފަލަކަށް ވަމުން ދިޔަ ގޮތް ފެނި، މަޖީދު ލުއި ގޮތަކަށް ހީލިއެވެ.
“ދަރިފުޅު ބައްޕައާއި ގާތްވާނެ ހަމައެކަނި ގޮތަކީ ބައްޕަ ބަލި އެނދުގަ އޮވެގެންދޯ؟” މަޖީދު ނުފިލާ ހިނިތުންވުމެއްގައި އޮވެ އެހިއެވެ. އެހެނަސް އެ ލޯ މަތިން ފާޅުވެގެން ދިޔަ ރިހުން ފަލަކަށް ފާހަގަވީ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން އަބަދުވެސް ބައްޕަ އެފަދަ ވާހަކައެއް ބުނާއިރަށް، ބައްޕަ އެ ބުނާހާ ބަސްތަކުގެ ފަހަތުގައި ވަނީ އަމިއްލަ އެދުންކަމަށް ފަލަކަށް ނިންމޭނެއެވެ.
އެހެނަސް މި ފަހުން އައިސް ކީއްވެކަމެއް ނޭނގެއެވެ. ފިރިހެނުންނަކީ ވެސް ޖަޒުބާތުތަކެއް ވާ ބައެއްކަން އޭނައަށް އިޙްސާސް ކުރެވެން ފެށި ފަދައެވެ.
މަޖީދުގެ އެ ވާހަކައަށް ފަލަކަށް ވަކި އެއްޗެކޭ ނުބުނެވެނީސް އެ ރޫމަށް ވަދެގެން އައީ މަޖީދުގެ ޑޮކްޓަރު ކަމަށްވާ ޑޮކްޓަރު ނިހާދެވެ.
“އަނހަ! ހޭ އަރައިފިދޯ؟ ކިހިނެއްތަ މިހާރު؟” ނިހާދު އެކުވެރި ހިނިތުންވުމަކާއިއެކީ އައިސް ފަލަކާއި މަޖީދަށް ވަކިވަކިން ބަލަމުން ސުވާލު ކުރިއެވެ.
“ހަމަ ރަނގަޅޭ މިހާރު ހުރިހާ ކަމެއްވެސް. ދެން މަ ފޮނުވާލަން އުޅޭ…” މަޖީދުވެސް އެކުވެރި ރާގަކަށް ބުންޏެވެ.
“ފޮނުވާލިއްޔާ ދެން ހަމަ ފިލައިގެން ދާނީދޯ އަތު ނުޖެހޭ ހިސާބަށް؟ ކޮންމެ ތަނަކަށް ދިޔަޔަސް ހޮސްޕިޓަލެއްގަ އެނދުމަތިވާތި….” ނިހާދު ކޮނޑުމަތީގައި އޮތް ކަށިގަނޑު ނަގައި ކަންފަތުގައި އަޅުވައިލަމުން މަޖީދުގެ މޭމަތީގައި ޖެއްސިއެވެ.
“އާނއެކޭ ދެން ނިކަން އަވަހަށް ފޮނުވަން އު..ޅޭ..” މަޖީދު އެހެން ބުނި ވަގުތު މޭ މައްޗަށް ތަދުވެގެން އުޅޭ ފަދައަކުން މޭ މަތީގައި އަތް އެޅިއެވެ. އެހިނދު ފަލަކަށް ކަންބޮޑުވުމަކާއިއެކީ ބައްޕާއޭ ކިޔައި ގޮވައިލެވުނެވެ.
“އެއީ ކަމެއް ނޫނޭ ދަރިފުޅު. ކުޑަކޮށް ގޭސްޓްރިކް ވީމަ މޭމައްޗަށް ވައި އެރީ ކަމަށްވާނީ…” މަޖީދު ހަމަޖެހޭ ގޮތް ދައްކަމުން ބުންޏެވެ. އެހެނަސް ފަލަކަށް އެ ބަސްތައް ޤަބޫލުކުރެވޭ ގޮތެއް ނުވިއެވެ.
“ޑޮކްޓާރ….ބައްޕައަށް ކިހިނެއްވެގެން އުޅެނީ؟ ޑޮކްޓަރ ބޭސް ސިޓީގަ ވެސް ލިޔުނީ ހަމައެކަނި މޭމައްޗަށް ތަދުވާ ވާހަކަ. އޭގެ ފަހަތުގައި ވަނީ ކޮން ސަބަބެއް؟” ފަލަކް ކެތްމަދުވެފައިވާ ޒާތަކަށް ސުވާލު ކުރިއެވެ.
“މަޖީދު؟” ނިހާދު ފަލަކަށް ބަލަން ހުރެ މަޖީދަށް ދިނީ ސުވާލުގެ ނަޒަރެކެވެ.
“އަޅެ މޭމައްޗަށް ތަދުވެގެންނޭ ލިޔެފަ އޮތިއްޔާ ހަމަ މޭމައްޗަށް ތަދުވެގެންނެއްނު ބޭސްދީފަ ހުންނާނީ؟ ފަލަކް ދައްކާ ވާހަކަ!” މަޖީދު ދެންވެސް ނޫންކަމަށް ހެދުމުން ފަލަކް ޤަބޫލު ކުރަން ވެސް ދަތިވެފައި އާހުގެ އަޑެއް ލައްވައިލަމުން ދުރަށް ނަޒަރު ހިންގައިލިއެވެ.
“ދެން ދަރިފުޅު ނިކަން ބޭރަށް ދޭބަލަ ބައްޕައަށް ދޭން ޖޫސް ފުޅިއެއް ގަނެގެން އަންނަން….ވަރަށް ކަރު ހިއްކައިގެން މިއުޅެނީ..” މަޖީދު ބުންޏެވެ. އެއާއިއެކު ފަލަކް އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލީ، ބައްޕަގެ ބަހުން އަރައިގަތުމަށް އޭނައަށް ފުރުސަތެއް ނުލިބޭނެކަން ދަނެގެންނެވެ. އެހެންކަމުން ފަލަކް އިތުރު އެއްޗެކޭ ބުނުމެއްނެތި ބައްޕަ ބުނި ކަން ކޮށްދިނުމަށްޓަކައި ރޫމުން ނިކުންނަން ދިޔައެވެ.
ފަލަކް ރޫމުން ނިކުތުމާއިއެކު މަޖީދު އުދަގުލާއިއެކީ ތެދުވަން އުޅުނެވެ. އެހިނދު އޭނައާއި އެކުވެރި ނިހާދު އޭނައަށް ތެދުވެލަން އެހީތެރިވިއެވެ. އެނދުމަތީގައި އިށީނދެވުމުން މަޖީދު ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ.
“އެއީ މަގޭ ދޮށީ ދަރިފުޅު ފަލަކް. ހަމަ މަށާ ވަކިވެސް ނުވޭދޯ އެ ގޮތްގަނޑުން؟ ހެހެ…” މަޖީދު ބުންޏެވެ.
“އާނ….އެ ކުއްޖާގެ މަންމަ ދޯ….” ނިހާދު ހަމައެކަނި ބުނެލީ އެހާ ވަރަށެވެ. އެއާއިއެކު މަޖީދު ތުންފިއްތައިލަމުން ބޯޖަހައިލިއެވެ.
“މިއަދަކީ ޒަހްރާ ނިޔާވިތާ 24 އަހަރާއި 6 މަސް ފުރިހަމަވާ ދުވަސް…” މަޖީދު އެހެން ބުނެލި ހިނދު ލޮލުން ކަރުނައެއް ނިރާލީ، އެ ދެއްކީ އިހަކަށް ދުވަހު ވީ ކަމެއްގެ ވާހަކަހެން ހީވާ ފަދައަކުންނެވެ. ނިހާދު އޭނަގެ އެކުވެރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި އަތް އަޅައިލިއެވެ.
“ޒަހްރާގެ ހަނދާނަކަށް އެ ދަރިފުޅު ފުދެއެއްނު؟ ބަލާބެލުމަށް ހީވަނީ ބައްޕަ ދެކެ ލޯބިވާ، ވަރަށް އަޅާލާ ކުއްޖެއްހެން…” ނިހާދު ބުންޏެވެ. އެއާއިއެކު މަޖީދު ހީލިއެވެ.
“ހެހެ….އާނ…އެއީ ހަމަ ވަރަށް ހިތްހެޔޮ އޯގާތެރި ކުއްޖެއް. އެ ކުއްޖާ އަހަންނާ ދުރުވެފަ އެހެރީ އަހަންނަށް އެކުއްޖާއާއި އަޅާނުލެވުނީމަ…” މަޖީދު ބުންޏެވެ.
“އަޅެ އެ ކުއްޖާ ގާތު ވެސް ނުބުނާނަންތަ ބަލީގެ ވާހަކަ؟ އަހަރެން މިއަދު މަޖީދު މިތަނުން ދޫކޮށްދީފާނަން. އެކަމަކު ތި ހިތުގެ ޙާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން. ލޭގެ ތެރޭގަ ހުރި ކޮންމެވެސް ނުރައްކާތެރި ކެމިކަލެއްގެ ސަބަބުން މިހެން ވަނީ. ދުވަހުން ދުވަހަށް ހަށިގަނޑު ތެރޭގަ އެ މާއްދާ ގިނަވަމުން ދަނީ. އެއީ ހަމަ ޔަޤީނުން ވެސް ހަށިގަނޑު ތެރެއިން ޤުދުރަތީ ގޮތުން އުފެދޭނެ މާއްދާއެއް ނޫން. އެއީ ކެވުނު އެއްޗަކުންނޭ ވެސް ބުނެވޭކަށް ނެތް. މި ޙާލަތު ދިމާވިތާ 6 މަސް ވީއިރު އެކި ދުވަސް މަތިން އެ މާއްދާ ލޭގެ ތެރޭގަ ގިނަވެފަ މަދުވާކަން ވެސް ފާހަގަވެފަ އެބަހުރި. އެއީ އެންމެ އަޖާއިބުވާ ތަންކޮޅަކީ…” ނިހާދު ކިޔައިދިނެވެ.
“ތިހެން ކިޔައިދޭއިރު މަ ވެސް ބިރުގަނޭ ބައެއްފަހަރު ހެހެ….ސިހުރެއް ކަންނޭނގެދޯ؟ މަށަށް ޙަސަދަވެރިވާ މީހުން ގިނަ. އަދި އެއީ….އަހަރެންގެ މުދަލާއި ހެދި އުޅޭ މީހެއްގެ ކަމަކަށް ވެސް ވުން އެކަށީގެންވޭ…” މަޖީދު އެ ފަހު ޖުމްލަ ބުނެލީ އެއީ ކާކުކަން ތިމަންނައަށް އެނގެއޭ ބުނާ ފަދައަކުންނެވެ.
ހަމަ އެހިނދު އަރިމަތީ މޭޒުމަތީގައި އޮތް މަޖީދުގެ ފޯނު ރިންގުވާން ފެށިއެވެ. އިސާހިތަކު މަޖީދު އެ ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ސްކްރީނުން ފެނިގެން ދިޔައީ ‘އާނިސާ’ ގެ ނަމެވެ. މަޖީދު ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ އަނީ….ކީކޭ؟” މަޖީދު އެހިއެވެ.
“ހެލޯ…އަދިވެސް މާލޭގަތަ؟” އާނިސާ އެކޮޅުން ސުވާލުކުރި އަޑުއިވުނެވެ.
“އާނ…” މަޖީދު ޖަވާބު ދިނެވެ.
“ދެންވެސް ދާން ތިއުޅެނީ ދުބާއިއަށްދޯ؟” ދެން އިވިގެން ދިޔައީ އާނިސާގެ ޝަކުވާގެ އަޑެވެ. މަޖީދުގެ ޙާލު އަހުވާލަށްވުރެ ވެސް މަޖީދު އުޅެނީ ފަލަކާއި ކައިރި ހިސާބެއްގަތޯ ނުވަތަ ނޫންތޯ އާނިސާއަށް މުހިއްމު ފަދައެވެ.
“ދުބާއިގަ ކުންފުނީގެ މުހިއްމު ޙަފްލާއެއް އެބައޮތް. ދެ ދުވަސް ތެރޭގަ އެބަ ދަން ގެއަށް.” މަޖީދު ބުންޏެވެ. އެއާއިއެކު މަޖީދަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ.
މަޖީދު ކަންފަތުން ފޯނު ނެގި ތަނާހެން ރޫމުގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއިއެކު ފެނިގެން ދިޔައީ ބާޒާރު ކޮތަޅެއް ހިފައިގެން ވަންނަން އައި އަފްޒަލް ފެނުނެވެ. އަފްޒަލްގެ ފަސް ފަހަތުން ކަހަލަ ގޮތަކަށް ފަލަކް ވެސް ވަދެގެން އައެވެ.
“އަނހަ މިއޮތް އައީ މަގޭ ދަނބިދަރިއެއްނު މާ ކުރިން ހުރިހާ އެއްޗެއް ގަނެގެން ދޯ؟” މަޖީދު ހިނިތުންވުމަކާއިއެކީ އެހެން ބުނުމުން ކުޑަ ގޮތަކަށް ހީލީ އަފްޒަލް އެކަންޏެވެ.
“އާނ ފަލަކް ބޭރަށް ދާން އުޅެނިކޮށް އަހަންނާ ދިމާވީ…” އަފްޒަލް އޭނަ ގެނައި ކޮތަޅު ގޮސް އަރިމަތީ މޭޒުގައި ބަހައްޓަމުން ބުންޏެވެ. އޭރުވެސް ފަލަކް މަޖީދު ބުނި އެއްޗަކާ މެދު އޮޅުމެއްގައި ހުއްޓެވެ.
“ދަނބިދަރިއޭ ބުނީމަ އެއް ކުއްޖަކަށްދޯ އެނގުނީ. ބައްޕަގެ ސަން އިން ލޯ މާ ބޮޑަށް ވެސް ރަނގަޅު ވާހަކައޭ މި ދައްކަނީ ފަލަކް!” މަޖީދު ބުންޏެވެ.
މަޖީދު ބުނި އެއްޗެއް ދޭހަ ކުރެވުމާއިއެކުހެން ފަލަކްގެ މުޅި މޫނު ރަތްވެގެން ދިޔައީ، އެތާ ބީރައްޓެއްސެއް ވެސް ހުރިކަން އެނގުންވުމުންނެވެ.
“ބައްޕާ!” ފަލަކް ޝަކުވާގެ ރާގަކަށް ދިގުކޮށް ގޮވައިލުމުން މަޖީދަށް ހީލެވުނު ހިނދު އަފްޒަލް ވެސް އޭނަގެ ހުނުން ސިއްރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ފަލަކަށް އެކަން ފާހަގަވެ އަފްޒަލަށް ބަލައިލަމުން ދެލޯ ހަނިކޮށްލީ، އަދި ފަހުން ދައްކައިލާނަމޭ ބުނާ ފަދައަކުންނެވެ.
“އޭ ނިހާދަށް ވެސް މިހާރުއްސުރެ މި ދަޢުވަތު އެރުވީ އިނގޭ މި ކައިވެންޏަށް އަންނަން…” މަޖީދު ބުންޏެވެ.
“އަސްލުވެސްތަ؟ ވަރަށް ގުޅޭ އިނގޭ ދެ ކުދިން!” ނިހާދުވެސް ބުނެލިއެވެ.
“ވަޓް ބައްޕާ ނޯ!” ފަލަކް ހާސްކަމާއި އެކީ ބުންޏެވެ.
“އަދި މުޅިން ނުނިމޭ ކަމެއްނު އެއީ، ބައްޕާ؟ ފަލަކް ވެސް އެއްބަސްވީމައެއްނު ކައިވެނި ކުރެވޭނީ؟” އަފްޒަލް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެ ބަސްތަކުން ފަލަކްގެ ހިތުގެ ތެޅުން ލަސްވެ، ނޭވާ ހަމައަކަށް އެޅިގެން ދިޔުމަށް ނެގީ ސިކުންތުކޮޅެކެވެ. އަފްޒަލް އޭނަގެ މައްޗަށް ހިންގަނީ ކޮންފަދަ ބާރެއްތޯ އެހިނދު ހާސްވަނަ ފަހަރަށް ހިތަށްއެރިއެވެ.
“ދޯ؟ ފަލަކް ނިކަން އަވަސް ކޮށްލަބަލަ! ބައްޕަ ދުނިޔޭގަ ހުއްޓާ ފަލަކް ފެމިނިން ޑިޒައިންސްގެ ވެޑިންގް ޑްރެސްއެއްގަ ހުންނަތަން ދެކެން ބޭނުމޭ.” މަޖީދު ފަލަކްގެ ޝައުޤުވެރިކަން ދަމައިގަނެވޭނެ ފަދައަކުން ބުންޏެވެ.
“އެ ދުވަސް ޖެހެންދެން ބައްޕަ މަޑުކޮށްލާ!” ފަލަކް އެހެން ބުނެ އެތަނުން ދާން ހިނގައިގަތީ، އެއްކަލަ ޒާތަށް ކޯތާފަތާއި ދިމާލުން ހޫނުވާން ފެށިހެން ހީވުމުންނެވެ. އެއީ އަފްޒަލްގެ ކައިރީގައި ހުރެ އެފަދަ ވާހަކަތައް ދެކެވޭތީކަން އޭނައަށް ޔަޤީން ކުރެވުނެވެ. އޭނަގެ އެ ‘ބަލިކަށިކަން’ ވަކިން ޚާއްޞަކޮށް އަފްޒަލަށް ދައްކަން ބޭނުން ނުވީތީ އެބަ އަންނަމޭ ބުނެ ފަލަކް އެތަނުން ދާން ހިނގައިގަތެވެ.
**
އޭގެ އިރުކޮޅެއް ފަހުން އަފްޒަލާއި ފަލަކް ވެސް ތިބީ އަފްޒަލްގެ ކާރުގައެވެ. މަޖީދު ހަމަ އެ ވަގުތުން ވަގުތަށް ވެސް ހޮސްޕިޓަލުން ފޮނުވައިލެވުނެވެ. ފަލަކާއި އަފްޒަލްގެ އެތައް އާދޭހަކަށް ފަހު ވެސް މަޖީދު ހޮޓެލަށް ދާން ބޭނުންވީ އެކަންޏެވެ. ހަމަ އެދުވަހު ދުބާއީއަށް ފުރާ ގޮތަށް އޮތުމާއި ވެސް އެކީގައެވެ.
ދަތުރު މަތީގައި ފަލަކް މިފަހަރު ފަހަތުގައި އިންއިރު އަފްޒަލާއި އޭނަގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ފަލަކް ވަކި އެއްޗެކޭ ބުނަން ޚިޔާލު ނުކޮށް، ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިގެން އިނެވެ. އެހެނަސް އެވަގުތު އަފްޒަލްގެ ސިކުނޑީގައި އެތައް ޚިޔާލެއް ދައުރުވަމުން ދިޔައެވެ.
މަޖީދުބެ އެ ބަލި ޙާލަތުގައި ހުރެގެން ވެސް އޭނަ ގާތު ފަލަކް ރަނގަޅަށް ބަލައި ދިނުމަށް އެދުނު ގޮތެވެ. މަޖީދުބެ ހަނދާންކޮށް ނުދިނަސް އޭނަ ފަލަކާއި އޭނަގެ ގުޅުމާއިމެދު ވަރަށް ބޮޑަށް ވިސްނައެވެ. ފަލަކް އޭނައާއި ކައިވެނި ކުރުމަށް އެއްބަސް ކުރުވުމަށްވުރެ ބޮޑަށް ވިސްނެމުން ދިޔައީ އޭނައާއި ފަލަކްގެ މިޒާޖާއި މެދުގައެވެ. ދެމީހުންނަށް އެކުގައި އުފަލާއި އެކީ އުޅެވިދާނެތޯ ހިތް ސުވާލުކުރަމުން ދިޔައެވެ.
އެ ސުވާލަކީ އަފްޒަލް ކުރީގެ ގުޅުމުގައި އަމިއްލަ ނަފްސާއި ނުކުރާ ސުވާލެކެވެ. އެހެނަސް މާޒީގެ ތަޖުރިބާގެ ސަބަބުން އިޙްސާސްތައް އޮޔާ ލައި ދިޔުމުގެ ކުރިން އެ ފަދަ ސުވާލުތައް ކުރުމަށް އޭނަގެ ސިކުނޑި އިންޒާރު ދެމުން ދިޔައެވެ. ފަލަކްގެ މިޒާޖު މިއަދު ހުރި ގޮތަށް ޢުމުރު ދުވަހު ހުރެއްޖެއްޔާ އޭނައަށް ކަމުދާނެތޯ ހިތަށް އަރަމުން ދިޔައެވެ. ފަލަކް ބުރުގާ ނާޅާތީ އެދެމެދުގައި މައްސަލަ ޖެހިދާނެ ހެއްޔެވެ؟ އޭނަގެ ކިބައިގައި ފަލަކް އެފަދައިން ނުރުހޭނެ ސިފައެއް ހުރެދާނެ ހެއްޔެވެ؟
އެކުވެރިޔައަކާއި މި ވާހަކަތައް ޙިއްސާ ކުރުމުން އެ ޖަވާބު ހޯދުމަށް އަންހެން ކުއްޖާއާއި ކުރެވިދާނެ ސުވާލެއް ކަމަށް ބުނެ އެކުވެރިޔާ ބުނި ވާހަކައެއް އެ ވަގުތު ހަނދާންވިއެވެ. އެހެނަސް ސީދާ އެ ވާހަކައަށް ދިޔުމުގެ ބަދަލުގައި އަފްޒަލް ދުރުން ވާހަކަ ފެށޭތޯ ބެލިއެވެ.
“ސޯ….މިހާރު ކޮއްކޮ ގާތު ބުނެފިންތަ ބައްޕަ ބަލި ވާހަކަ؟” އަފްޒަލް އެހިއެވެ.
ފަލަކް ވަނީ ޒުހާގެ ވާހަކަ އަފްޒަލަށް ކިޔައިދީފައެވެ. ޒުހާ މަޖީދުގެ ފޯނަށް ގުޅާފައި ވަނީ އަފްޒަލްގެ ވެސް ހާޒިރީގައި ކަމަށް ވުމުންނެވެ.
“ނުބުނަން އަދިވެސް އެހާ ތަފްސީލުކޮށް. އަހަންނަށް ވެސް އަނެއްހެން މާ ބޮޑު ތަފްސީލެއް އެނގެނީއެއްނޫންދޯ؟ ބައްޕަ އެ ފޮރުވަނީ ކޮން ކަމެއްބާއޭ ހިތަށްއަރަނީ…” ފަލަކް ބުންޏެވެ. އެހިނދު އަފްޒަލަށް ފަހަތް ބަލާ ލޯގަނޑުން ފަލަކްގެ ސޫރައަށް ބަލައިލެވުނެވެ. އެ މޫނުމަތީގައިވި ކަންބޮޑުވުން ފެނި، އަފްޒަލް ދެރަވާ ގޮތްވިއެވެ.
“އެއީ މާ ބޮޑު ކަމަކަށް ނުވާނެ…ބައްޕަ ވަރަށް އަވަހަށް މުޅިން ރަނގަޅުވެދާނެ އިން ޝާ ﷲ. އެހެންނޫނަސް ދުނިޔޭގެ އެންމެ މޮޅެތި ޑޮކްޓަރުންނާއި ހަމައަށް ވެސް ބައްޕައަށް ދެވޭނެއެއްނު؟” އަފްޒަލް ބުންޏެވެ.
“ހުމް….ބައްޕައަކީ ރެގިއުލާކޮށް ބޮޑީ ޗެކްއަޕް ހަދައިގެން ވަރަށް ސިއްޙަތަށް ވެސް ބަލައިގެން އުޅޭ މީހެއް. ނޭނގެ ވެގެން އުޅޭ ގޮތެއް. އައި ހޯޕް ޒުހާ ބައްޕަ ރަނގަޅަށް ބަލާނެ ކަމަށް. އެކުއްޖާ ފިރިހެން ކުއްޖަކާ އަޅައިގަނެގެން ނުއުޅޭ ދުވަސްކޮޅެއް ވިއްޔާ ވަރަށް ރަނގަޅުވާނެ…”
“ފިރިހެން ކުއްޖަކާ އަޅައިގަނެގެންނޭ؟ ހެހެ…”
“އާނ….ދެން އެ ޢުމުރުގަ ވާނެވެސް ގޮތްދޯ؟ ވަރަށް ވިސްނައިދެން މި ޢުމުރުގަ އެކަންކަން ދޫކޮށްލާފަ އެހެން ކަންކަމާ އުޅޭށޭ. ވަކި ސިފަތަކެއް ނެތް ފިރިހެނެއް ވެއްޖެއްޔާ އިޓްސް ނޮޓް ވޯތް އިޓް އޭ!”
“އެހެންތަ؟ ފަލަކަށް ކަމުދަނީ ކޮންކަހަލަ ސިފަތަކެއް ހުންނަ ފިރިހެނެއް؟” އަފްޒަލަށް ކޮށްލެވުނީ އޭނަ ކުރަން ބޭނުންވެގެން އިން ސުވާލެވެ. އެހިނދު އޭނަގެ ހިތުގެ ތެޅުމަށް ބަދަލެއް އައި ހިނދު ލޯގަނޑުން ފަލަކަށް ބަލައިލެވުނެވެ. އެހިނދު ފަލަކްގެ ޤައިދު ކުރުވަނިވި ނަޒަރު ވެސް އޭނައަށް އަމާޒުވެފައިވިއެވެ.
ނުނިމޭ
Ash
May 1, 2023 @ 11:26 pm
Wowwww…
I love this story
May 16, 2023 @ 11:11 am
Omg omg I love this story