ޤަދަރު (ސަތިރީސްވަނަ ބައި)
ޤަދަރު (ސަތިރީސްވަނަ ބައި)
“އާނ….އެހެންވީމަ ތި ކުއްޖާ އަމިއްލައަށް ބޭނުންވެގެން އަހަރެންގެ ކައިރިއަށް އައިމަ ނޫނީ އަހަރެން ކައިރިވާން ވެސް މަސައްކަތެއް ނުކުރާނަން…” ސަމާސާގެ ތެރެއިން އަފްޒަލް އެހެން ބުނެލަމުން އަތުގައި ހުރި ސައިތަށި ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ސޯފާއިން ތެދުވެލަމުން ދާން އުޅެފައިވެސް ފަލަކަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ.
އަފްޒަލްގެ އެ ޙަރަކާތުންނާއި ބުނެލި ބަސްތަކުން ފަލަކަށް އާ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ. ފަލަކް ވަކި ބުނާނެ އިތުރު އެއްޗެއް ނޭނގިފައި އިންދާ އަފްޒަލް ހެދުން އަލަމާރިއާއި ދިމާލަށް ދަމުން ވާހަކަ ދެއްކިއެވެ.
“އަހަރެން މި ދަނީ ޖެހިގެން ހުރި ރޫމަށް އިނގޭ. މިރޭ ކަންތައް މިވީ ގޮތުން ހީވަނީ އެގޮތްހެން ފަލަކަށް އެންމެ ރަނގަޅުވާނީ. މުޅިން އޯކޭދޯ މިހާރު؟ އެއްވެސް ހެލްޕެއް ބޭނުންވަންޏާ ގުޅާލައްޗޭ!”
އަފްޒަލް އެހެން ބުނެލީ، އަލަމާރިން އޭނަގެ ހެދުންތައް އަތްދަނޑި މަތީގައި ބޭއްވުމަށްފަހު ފަލަކަށް ބަލައިލަމުންނެވެ. އެއާއިއެކު މި ވަމުންދާ ގޮތް ޤަބޫލުކުރަން ވެސް ދަތިވެފައި އިން ފަލަކަށް ހަމަހޭވެރިކަމެއް ލިބުމުން އަވަސްއަވަހަށް ބޯޖަހައިލެވުނެވެ.
އެއާއިއެކު އަފްޒަލް ލުއި ހީލުމަކާއިއެކީ ‘ގުޑް ނައިޓް’ އޭ ކިޔުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައެވެ. ފަލަކަށް ލުއި އަޑަކުން ‘ގުޑް ނައިޓް’ އޭ ކިޔައިލެވުނު ވަގުތު އަފްޒަލް ކޮޓަރިން ނިކުމެ ދޮރު ލައްޕައިލީއެވެ.
އަފްޒަލް ލޯ މައްޗަށް ގެއްލުމުން ވެސް ފަލަކަށް އަޖާއިބެއްގެ ތެރޭގައި އިނދެވުނެވެ. މި ވަނީ ކިހިނެއްތޯ ތަކުރާރުކޮށް ހިތަށްއެރިއެވެ. މިއީ އެއްގޮތަކަށް ވެސް އޭނަ ޒަވާޖީ ޙަޔާތެއްގެ ޚިޔާލު ކުރި ގޮތެއް ނޫނެވެ. އަދި ކައިވެނީގެ ފުރަތަމަ ރެއެއް މިފަދައިން ގޮސްދާނެ ކަމަށް އޭނަ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. އަންހެނަކު ބޭނުން ވިޔަސް ނުވިޔަސް، ބަލިވިޔަސް ނުވިޔަސް ކައިވެންޏެއްގައި ފިރިހެނަކު ބޭނުން އެދުމެއް ފުއްދޭނެ ނޫން ހެއްޔެވެ؟ އެހެނަސް އޭނައަށް ލިބިފައި މިވަނީ ކޮން ކަހަލަ ފިރިއެއް ހެއްޔެވެ؟ އޭނައަށްޓަކައި އަމިއްލަ އެދުންތައް ވެސް އެއްފަރާތް ކުރާ ޒާތުގެ ފިރިއެއް ހެއްޔެވެ؟ މިއީ މަދުން ނޫނީ މީހަކަށް ނުލިބޭނެ ނިޢުމަތެއްތާއެވެ.
ކައިވެނި ކުރިއިރު ފަލަކާއި އަފްޒަލްގެ ގުޅުން މުޅި ޢުމުރު ދުވަހަށް ދެމި އޮންނާނެ ކަމަށް ޔަޤީންކުރަން ފަލަކަށް ދަތިވެފައިވިއެވެ. ކައިވެންޏާއި މެދު އޭނަގެ ނަޒަރިއްޔާތު ހުންނަ ގޮތުންނެވެ. ކޮންމެވެސް ހިސާބަކުން ދެމެދުގައި މައްސަލަ ޖެހި ކައިވެނި ރޫޅޭނެ ކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ. އެހެނަސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަފްޒަލާއި އެކީ މިގޮތަށް އުޅުމުގެ ފުރުސަތު ލިބުނީތީ އެވަގުތު ފަލަކްގެ ހިތަށް އުފަލެއް ލިބިފައިވިއެވެ. އެ ދުވަސްކޮޅު ދިގު ދެމިގެންދާނެ ގޮތެއްވުމަށް ހިތާހިތުން ދުޢާ ކުރެވެން ފެށިއެވެ.
**
ޒައުލް ދަތުރު ކުރަމުން ދިޔަ ފްލައިޓް ކުއާލަލަމްޕޫރް އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ މެލޭޝިޔާގެ ގަޑިން 9:30 ވީ ވަގުތެވެ. ފުރަތަމަ ފަހަރަށް ބޭރު ޤައުމަކަށް އާދެވުނީތީ ވީ އުފަލުގައި ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މަންޒަރު ފޯނުން ވީޑިއޯ ކުރެވެމުން ދިޔައެވެ. އެހެނަސް ހަމަ އެވަގުތު ހިތުގައި ނުތަނަވަސްކަމެއް ވެސްވިއެވެ.
ޙަޤީޤަތަކީ ޒައުލް ފުރައިގެން އައީ ކޮލެޖް ދަތުރެއްގެ ނަމުގައި ކަމަށްވިޔަސް، ޒައުލް ދަތުރުކޮށްފައި އައީ އޭނަގެ އެކުވެރިންނާއި މުޅިން ތަފާތު ފްލައިޓެއްގައި ކަމެވެ. ދޮންބެގާތު ދޮގު ހެދުމަށްފަހު އެކުވެރިން ގާތު ވެސް ދޮގު ހަދާލަން ޒައުލްއަށް އުދަގޫ ކަމަކަށް ނުވިއެވެ. އޭނަ މެލޭޝިޔާއަށް ދަނީ އަންހެން ކުއްޖަކު އެދިގެން، އެ ކުއްޖާއާއިއެކީ އުޅެން ކަމަށް ބުނެފިނަމަ، އެއަށް ބަސްބުނާނެ އޭނަގެ އެކުވެރިން ވެސް ތިބޭނެކަން ޒައުލްއަށް ޔަޤީންވީތީވެއެވެ.
ޒައުލް ހިތުން އޭނައަށް މި ކުރެވެނީ ނުހަނު ރަނގަޅު ކަމެކެވެ. އެންޖެލާއަކީ އޭނަގެ ލޯބިވެރިޔާއަށް ވީތީވެއެވެ. އެހާ ބޮޑަށް ކަމުދާ ލޯބިވެރިޔާއަށްޓަކައި މިފަދަ ޤުރުބާނީއެއް ވެވިދާނެ ނޫންހެއްޔެވެ؟
އެންޖެލާއަކީ ޒައުލްގެ މުޅި ދިރިއުޅުން އެކީގައި ހޭދަ ކުރާނެ ކުއްޖާކަން، މިހާތަނަށް އައިއިރު ޒައުލްއަށް ޔަޤީނާއި ގާތްވެފައިވިއެވެ. އެންޖެލާއާއި މިފަދަ ވާހަކައެއް އަދި ދެކެވިފައި ނުވިޔަސްމެއެވެ. އޭނައަށް އެހާ ބޮޑަށް އެންޖެލާ ކަމުދާ ކަމަށްވާނަމަ، އެންޖެލާގެ ވިސްނުން ވެސް ހުންނާނީ މިފަދަ ގޮތަކަށް ކަމަށް އޭނައަށް ނިންމިފައިވިއެވެ. ޒައުލް ޤަބޫލުކުރަން ބޭނުންވެފައިވީ އެހެންނެވެ.
އެކި ފަހަރު މަތިން އެންޖެލާ އޭނައާއި އަޅާނުލާ ކަމުގެ އިޙްސާސަށް އަނދިރި ލޮލެއް ދެވެނީ އެހެންވެއެވެ. އެވަގުތު ވެސް ފްލައިޓުން ފޭބުމަށްފަހު ޒައުލް އެންމެ ފުރަތަމަ ކަމަކަށް އޭނަގެ ފޯނު އެއާރޕޯޓު ވައިފައި އާއި ގުޅައިލީ، ޢާއިލާ މީހަކަށްވުރެ ވެސް ކުރިން އެންޖެލާއަށް ގުޅުމަށެވެ. އެހެނަސް ވައިބާރއިން އެންޖެލާގެ ނަންބަރަށް ޒައުލް ގުޅަން ފެށިއެއްކަމަކު އެކޮޅުން ފޯނެއް ނުނަގައެވެ. ޒައުލްގެ ފްލައިޓް މެލޭޝިޔާގެ ގަޑިން މި ވަގުތު ޖައްސާނެ ވާހަކަ ޒައުލް ވަނީ ކުރިން ވެސް އެންޖެލާ ގާތު ބުނެފައެވެ. އެންޖެލާ އޭނައަށްޓަކައި އިންތިޒާރު ނުކުރަނީތޯ ޒައުލްއަށް ހިތާހިތުން ކިޔެމުން ދިޔައެވެ.
އެހެނަސް ޒައުލް ދެންވެސް އެންޖެލާއާއި މެދު ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. މިވަގުތު އެންޖެލާ އެހެން މަސައްކަތެއް ކުރަން ޖެހިފައި އޮވެދާނެއޭ ހިތައި އިރުކޮޅަކަށް ނުގުޅައި މަޑުކުރިއެވެ. އެހެނަސް ލަގެޖް ބެލްޓުގެ ކައިރިއަށް ގޮސްފައިވެސް އަނެއްކާ ގުޅެން ފެށީ، އޭނަ އެއާރޕޯޓުން ނަގަން ވެސް އަންނާނެ ކަމަށް އެންޖެލާ އޭނަ ގާތު ބުނެފައި އޮތުމުންނެވެ. އެންޖެލާ ނައިއްސިނަމަ ބީރައްޓެހި ޤައުމަކަށް އެކަނި އައިސް އޭނައަށް ހަދަން ޖެހޭނެ ގޮތެއް ނޭނގިދާނެތީވެއެވެ.
ނަމަވެސް ޒައުލް ތަކުރާރުކޮށް ގުޅާ ގުޅާ އެންޖެލާ ފޯނެއް ނުނަގައެވެ. އެންމެ ފަހުން ޒައުލް އޭނަގެ ފޮށި ދަމަމުން އެއާރޕޯޓުގެ މައިދޮރުން ނިކުންނަމުން ދިޔަ ވަގުތު އުއްމީދު ކަނޑައިލަން އުޅުނުތަނާ، އެންޖެލާ އޭނައަށް ގުޅަން ފެށިއެވެ. އިސާހިތަކު ޒައުލް އޭނަގެ ހިތަށް ވެރިވި އާ ޖޯޝަކާއި އެކީ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ލޯބި…..އަހަރެން މިހާރު މިހިރީ މެލޭގައޭ…ކޮންތާކު ތިހިރީ؟” ޒައުލް ހިނިތުންވުމަކާއިއެކީ އިނގިރޭސިން ސުވާލުކުރިއެވެ.
“އޮހް…އަހަންނަށް ނިދުނީއޭ. ހަމަ އެއްކޮށް ހަނދާން ނެތުނީ. ހެހެ….” އެންޖެލާ ހީލި އަޑަށް ޒައުލް ވެސް ހީލިއެވެ. އެންޖެލާ އޭނަގެ މަތިން ހަނދާން ނެތުނީތީ ހިތްދަތިވެފައި ވިޔަސްމެއެވެ.
“ހެހެ….އެއީ މައްސަލައެއްނޫން…ދެން އެހެންވީމަ އަހަރެން އެއާރޕޯޓުގަ މަޑު ކުރަންވީދޯ އެންޖީ އަންނަންދެން؟ ބުނީމެއްނު އަހަރެން ގެންދާނީ ތި އުޅޭ ގެއަށޭ؟” ޒައުލް އެހެން ބުނުމާއިއެކު އެންޖެލާ ތެޅިގެންފިއެވެ.
“އޮހް ނޯ ނޯ ނޯ! ހަނދާން ނެތުނީއޭ މި ވާހަކަ ވެސް ބުނަން. އަސްލު….އަހަރެން ތި ވާހަކަ ބުނިއިރު ހިއެއް ނުކުރަން މި ގޭގެ ވެރިމީހާ މިކޮޅަށް އައިއްސަ ހުންނާނެ ކަމެއް. އެކަމަކު މިހާރު އެމީހުން އައިއްސަ އެބަތިބި. އެހެންވީމަ އަހަންނަށް ބޭރުން މީހަކު ގެނެސް މިގޭގަ ނުއެއް ގެންގުޅެވޭނެދޯ؟” އެންޖެލާގެ އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޒައުލްގެ ވަރު އެލޭ ގޮތްވިއެވެ.
“އޮހް….” ޒައުލްއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ.
“އާނ….ދެން ޒައުލް މިހެން ހަދާ….ޓެކްސީއެއް ނަގައިގެން ހޮޓެލަކަށް ގޮއްސަ ރޫމެއް ހިފާ.”
“ކީކޭ؟!”
“ކިހިނެއްވީ؟ އެހާވަރު ކަމެއް ޒައުލްއަށް ވެސް ކުރެވިދާނެއެއްނު؟ އަހަރެން އެބަ ބަލަން އަދި އޯނާރސް މެން ދެން އެހެން ޤައުމަކަށް ދާނެ ދުވަހެއް. އެ ދުވަހަކުން ޒައުލް މިގެއަށް ބަދަލުވާނީ. އޯކޭއެއްނު؟”
“އާނ….ދޯ…”
“އޯކޭ ދެން ބޭއްވީ. ބާއި.”
އެންޖެލާ އެހެން ބުނެ ފޯނު ކަނޑައިލީ، ޒައުލް އަލްވަދާޢު ކިޔައި ލޯބިވާ ވާހަކަ ވެސް ބުނަން އުޅުނު ވަގުތެވެ. ފޯނު ކެނޑިގެން ދިޔުމުން ޒައުލްއަށް ފޯނުގެ ސްކްރީނާއި ދިމާލަށް ބަލަން ހުރެވުނީ ހިތާއި ސިކުނޑިއަށް ވެސް އުދަގޫވެފައިވާ ޙާލުގައެވެ. މި ދަތުރު އޭނަ ހީކުރި ގޮތާއި މުޅިން ޚިލާފަށް ކުރިއަށް ދާތީވެއެވެ.
ކޮންމެއަކަސް ޒައުލް ފުން ނޭވައެއް ދޫކޮށްލަމުން އެއްފަރާތަކަށް ނަޒަރު ހިންގައިލީ، ޓެކްސީއަކަށް ގުޅޭނެ ނަންބަރެއް ލިޔެވިފައިވި ޕޯސްޓަރު މަތިން ހަނދާން ކުރަމުންނެވެ. ނަސީބު ރަނގަޅު ކަމުން ޓެކްސީއަށް ގުޅުމާއިއެކުހެން ޓެކްސީއެއް އައިސް ޒައުލްގެ ކުރިމަތީގައި މަޑުކުރިއެވެ.
ޒައުލް ޓެކްސީއަށް އެރުމަށްފަހު ޖެހިލުންވުމަކާއިއެކީ ޓެކްސީ ޑްރައިވަރު ކުރެން އަގު ހެޔޮ ހޮޓެލްތަކާއި މެދު ސުވާލު ކުރިއެވެ. ޓެކްސީ ޑްރައިވަރަކީ ރަނގަޅަށް އިނގިރޭސި ދަންނަ ޑްރައިވަރަކަށް ނުވާތީ އެ ސުވާލުގެ ޖަވާބު ލިބިގަތުންވީ ނުހަނު ދަތި ކަމަކަށެވެ. އެހެނަސް އެންމެ ފަހުން އެ ޑްރައިވަރު ނަންގަތް ހޮޓެލަށް ގެންގޮސްދިނުމަށް ޒައުލް އެއްބަސްވިއެވެ. އެއީ އެންމެ އަގު ހެޔޮ ހޮޓެލްކަން ޔަޤީން ނުވިޔަސްމެއެވެ.
ޑްރައިވަރާއި ދެއްކި ވާހަކަ ނިންމުމަށްފަހު ޒައުލް ފުން ނޭވައެއް ދޫކޮށްލަމުން ކާރުގެ ސީޓަށް ލެނގިލިއެވެ. ބޭރުން ފެންނަމުން ދިޔަ އަލިގަދަ އުސް ޢިމާރާތްތަކަކީ ޒައުލްއަށް އާ މަންޒަރަކަށް ވިޔަސް، އެ މަންޒަރުތައް ފޮޓޯ ނަގާ ވަރަށްވުރެ އެވަގުތު ވަރުބަލިވެފައިވިއެވެ. އެއީ ހަމައެކަނި ދަތުރު ވަރުބައްޔެއް ނޫނެވެ. ލޯބިވެރިޔާގެ ފަރާތުން އޭނަ އުއްމީދު ކުރިފަދަ ލޯތްބެއް ނުލިބުމުން ހިތަށް ލިބުނު ވަރުބަލިކަން ވެސްމެއެވެ.
އެވަގުތު ކީއްވެކަމެއް ނޭނގެއެވެ. ޒައުލްގެ ސިކުނޑި ފުރިގެން ދިޔައީ ޒުހާގެ ހިނިތުންވުންތަކުންނެވެ. ޒުހާގެ ލޯބި ލޯބި ބަސްތަކުންނެވެ. އެ ހުރިހާ ހަނދާނެއްގެ ތެރެއިން އެވަގުތު ޒައުލްއަށް އަލި އެޅުވިގެން ދިޔައީ، އޭނަ ލަންކާއަށް ދާން ރޭވި ދުވަސްވަރެއްގެ ހަނދާނެވެ. އެއީ ޒުހާއާއި ބައްދަލުކުރުން ނޫން އެހެން އެއްވެސް ކަމެއްގައެއް ނޫނެވެ.
އެ ދަތުރުގެ ވާހަކަ ޒައުލް ދެއްކީއްސުރެ ޒުހާ އެކަމަށް ކެތްމަދުވެފައިވިކަން ޒައުލްއަށް އެނގެއެވެ. ގުޅާ ކޮންމެ ފަހަރަކު ޒުހާ އޭނައަށް އިންތިޒާރު ކުރާކަން ކޮންމެވެސް އެއްގޮތަކުން ޒުހާ އޭނައަށް އަންގާލަދެއެވެ. އަދި ނުވި ތާކަށް އެ މޮޔަ ކުއްޖާ އޭނަ އަންނަންވާއިރަށް އޭނައަށް މަރުޙަބާ ކިޔަން ބޯޑެއް ވެސް ހެދިއެވެ. އެއްދުވަހު ކުރި ވީޑިއޯ ކޯލެއްގެ ތެރެއިން ޒުހާ އެ ބޯޑު އޭނައަށް ދައްކައި ވެސް ހެދިއެވެ.
އެހެނަސް ފަހު ވަގުތު އެ ދަތުރު ކެންސަލް ކުރީ ޒައުލްއެވެ. އެދުވަސްކޮޅު އޭނަގެ އެކުވެރިން ރާއްޖެތެރޭގެ ރަށަކަށް ދަތުރު ދިޔުމަށް ރޭވުމުން ޒައުލް ޚިޔާރު ކުރީ އެ ދަތުރުގައި ދިޔުމަށެވެ. ޒުހާ ވަނީ އެކަމަށްޓަކައި ވެސް ހެޔޮ ހިތުން އޭނައަށް މަޢާފު ދީފައެވެ.
“އިޓްސް އޯކޭ ލޯބި….އަދި ފަހުން ދުވަހަކުން ދެމީހުން ދިމާކުރާނީ އިރާދަކުރެއްވިއްޔާ. އަސްލު….މަންމަ ކައިރި ދެމީހުންގެ ވާހަކަ ބުނަން ނުކެރިފަ މި ހުންނަނީ. އެ ނޫންނަމަ އަހަރެން މިރޭ ވެސް ތިކޮޅަށް ފުރައިގެން ގޮއްސަ ޒައުލްއާއި ބައްދަލު ކުރީމުސް. ހެހެހެ…”
ޒުހާގެ އެ ވާހަކައާއިއެކީ އެ ހުނުމުގެ އަޑު ކަންފަތުގައި ގުގުމައިލި ހިނދު ޒައުލްއަށް ނޭނގި އެ ތުންފަތްމަތިން ހިނިތުންވުމެއް ކުރެހުނެވެ. އެވަގުތު ޒުހާގެ ލޯބި އޭނައަށް އިޙްސާސް ކުރެވުނު ދުވަސްކޮޅު ހިތަށް ވެރިވި އުފާވެރިކަމުން ވެސް ހިތް ވަށައިލެވިގެން ދިޔައެވެ.
އެހެނަސް މިއަދު ޒުހާ ޒައުލްގެ ޙަޔާތުގައި ނެތްކަން އެނގުންވި ހިނދު އެ އުފާވެރިކަމާއިއެކީ ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. މީގެ ހަފްތާއެއްހާ ކުރިން ޒުހާ ވަނީ ހުރިހާ ސޯޝަލް މީޑިއާއަކުން އޭނަ އަންފޮލޯކޮށް ރިމޫވްކޮށްފައިކަން ޒައުލްއަށް ވަނީ ފާހަގަވެފައެވެ. ޒުހާ ހަމަ މުޅިން އޭނަ މަތިން ހަނދާން ނައްތައިލީތޯ ޒައުލްއަށް ހިތާހިތުން ސުވާލުކުރެވުނެވެ. އަދި ޒުހާ އުޅެނީ އުފަލުގައިތޯ ވެސް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
**
ރާއްޖެއިން އަނބުރާ ލަންކާއަށް ދިޔުމުގެ ބަދަލުގައި ޒުހާ ދިޔައީ މެލޭޝިޔާއަށެވެ. ބައްޕަ ވިޔަފާރީގެ ކަމެއްގައި މެލޭޝިޔާއަށް ދާން އޮތުމާއި އެކީގައާއި ޒުހާގެ ޗުއްޓީ ދުވަސްވަރު ކަމަށްވުމުން މެލޭޝިޔާގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށް ބައްޕަ އެދުނީތީވެއެވެ.
ރާއްޖެއިން ފުރައިގެން އައި ވަގުތު ޒައުލްގެ ޚިޔާލުތަކުން ޒުހާގެ ސިކުނޑި ފުރުނެވެ. ޒައުލް އާއި މިހާ ކައިރި ހިސާބަކަށް ފުރަތަމަ ފަހަރަށް އައިސް އަނބުރާ މި ދަނީ ޒައުލްއާއި ބައްދަލު ނުކޮށްތޯ ބުނެ ހިތް ޝަކުވާ ކުރަމުން ދިޔައެވެ. އެހެނަސް މިއަދު އެ ދެމީހުން ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ހިތުގެ ކަނަކުން މާޔޫސީ ގޮތަކަށް ގޮވަމުން ދިޔައެވެ.
އެހެންނޫނަސް ޒައުލް އުޅެނީ މާލޭގެ ކޮން ޞަރަޙައްދެއްގައި ކަމެއް ވެސް ޒުހާއަށް އެނގެނީއެއް ނޫނެވެ. ޒުހާ ވަނީ އޭނަ އުޅޭ ތަން ޒައުލްއަށް ނުހަނު ސާފުކޮށް ކިޔައިދީފައި ކަމަށްވިޔަސް، ޒައުލް އަމިއްލަ ނަފްސާއި ގުޅޭ އެ ފަދަ ތަފްޞީލެއް ޒުހާއަށް ދީފައެއް ނުވެއެވެ. ޒުހާ ޒައުލްއާއި ބައްދަލުކުރަން އައިސްދާނެތީ ޒައުލް ޖެހިލުންވާ ފަދައަކުންނެވެ.
އެކަން ހަނދާންވަމުން ދިޔަދިޔަހެން މިއަދު އޭނަ ޒައުލްއާއި އެކީގައި ނެތީ އޭނަގެ ރަނގަޅަކަށްތާއޭ ހިތް ބުންޏެވެ. އެ ނޫންނަމަ އޭނަ މިއަދުވެސް ވީހީ ޒައުލްގެ ހިތުގައި އޭނައަށްޓަކައިވި މަޤާމަކާއި މެދު ޝައްކެއްގެ މަތީގައެވެ. އެއީ އޭނަ ހިތް އެދޭ ޒާތުގެ ބައިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފައެއް ނޫނެވެ. މުޅި ޙަޔާތް އެކީގައި ވޭތު ކުރުމަށްޓަކައި ޒުހާ ބޭނުންވަނީ އޭނައަށްޓަކައިވި އިޙްސާސްތަކުގެ ޔަޤީންކަން ދޭނެ މީހެކެވެ.
މެލޭޝިޔާއަށް އާދެވުނު ރެއާއި ޖެހިގެން އައި ދުވަހުގެ ހެނދުނު ޒުހާއަށް ލިބިގެން ދިޔަ އޭނަ އުފަލުން ފޮޅުވައިލި ޚަބަރެކެވެ. އޭނައާއި އޭނަގެ އެކުވެރިން ނުހަނު ގަޔާވެގެން ބަލާ ދަރުސްތައް ދެއްވާ ޝެއިޚަކު، މެލޭޝިޔާއަށް އަންނަން އުޅޭ ޚަބަރެވެ.
“އާރ ޔޫ ސީރިއަސް؟! ކޮން ތަނަކަށްތަ ޝެއިޚް ވަޑައިގަންނަވަނީ؟” ޒުހާ އެ ސުވާލުކޮށްލީ، ހޮޓެލްގެ އެނދުމަތީގައި އިނދެ ފޯނުން ލަންކާގެ އެކުވެރިއަކާއި ވާހަކަ ދައްކަމުންނެވެ.
“ނޭޝަނަލް މޮސްކް އޮފް މެލޭޝިޔާ….ޒުހާ ހަނދާންކޮށް ދައްޗޭ! މިއީ ހަމަ ޚާއްޞަކޮށް ޒުހާއަށްޓަކައި ތަޤުދީރުގައި ލިޔެވިފައިވާ ދަރުހެއްހެން ހީވަނީ.” އެކުވެރިޔާ ބުންޏެވެ.
“ޔެސް! އަލްޙަމްދުލި ﷲ!” ޒުހާއަށް ބުނެވުނެވެ.
އެ ޚަބަރު އިވިފައި ޒުހާގެ ދަތުރު ވަރުބަލިކަން ވެސް ފިލައިދިޔަ ފަދައެވެ. ﷲ ގެ ނަން ގަނެވޭ ބައްދަލުވުމަކަށް ދިޔުމަށް ފަހަކަށް އައިސް އޭނަގެ ހިތުގައި އޮންނަނީ އާދަޔާ ޚިލާފު ޖޯޝެކެވެ. އެފަދަ ބައްދަލުވުމަކަށް ދިޔުމުން، މަލާއިކަތުން އެ ބަޔަކު ވަށައިލައްވާ ކަމާއި، ﷲ ގެ ރަޙްމަތުން އެ ބަޔަކު ވަށައިލެވިގެންދާ ކަމާއި، އަމާންކަމާއި ހިތްހަމަޖެހުން އެ ބައްދަލުވުމުގައިވާ ބައެއްގެ މައްޗަށް ބާވައިލެއްވިގެންވާކަން އެނގުނު ހިސާބުންނެވެ. ދަރުހެއް އަޑު އަހާއިރު އޭނައަށް ތަޖުރިބާ ކުރެވޭ އުފާވެރިކަމުގެ ފަހަތުގައިވި ސަބަބަކީ އެއީކަން އެނގުމުންނެވެ.
އެހެންކަމުން ޒުހާ އެރޭ ބައްޕައާއިއެކީ ކާރުގައި އެކުވެރިޔާ ނަންގަތް މިސްކިތަށް ދިޔައީ 9 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. މެލޭޝިޔާގެ ގަޑިން ޢިޝާ ނަމާދު ވަގުތު ވަނީ އެހާއިރު ކަމަށްވާތީވެއެވެ.
މިސްކިތަށް ވަދެގެން ދިޔަ މަގުމަތީގައި ޒުހާ ބައްޕައާއި ވަކިވާން ޖެހުނެވެ. ބައްޕަ ފިރިހެނުންގެ ޖަމާޢަތާއި ބައިވެރިވާން ދިޔައިރު ޒުހާ ދިޔައީ އަންހެނުންގެ ބަޔަށެވެ. ނިވާ ކުރެވިފައިވި އަންހެނުންގެ ބައިން ޒުހާއަށް ފެނުނީ މުޅިން އާ މޫނުތަކެވެ. އެހެނަސް އެއިން ކޮންމެ މޫނަކުން ވެސް ޒުހާއަށް ފެނިގެން ދިޔައީ ހިތްހެޔޮ ހިނިތުންވުންތަކެވެ. އެހެންކަމުން އެ އުޚްތުންގެ ތެރެއަށް ވަދެ، ޒުހާ ސުންނަތް ނަމާދެއް ކުރަން ފެށިއެވެ.
ޒުހާ ސުންނަތް ނަމާދުކޮށް ނިމުނުތަނާހެން ޢިޝާ ނަމާދަށް ބަންގި ގޮވަން ފެށިއެވެ. އެ ބަންގީގެ އަޑު އިވިފައި ޒުހާގެ ހިތަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރިއެވެ. އެހާ ރީތި ރާގަކަށް ބަންގި ގޮވާ އަޑު ޒުހާއަށް އިވުނީ ފުރަތަމަ ފަހަރު ކަމަށްވުމުންނެވެ. ހަމަ އެއާއިއެކު ހިތާހިތުން ބަންގި ގޮވަމުން ދިޔަ އެ އިމާމަށް ތަޢުރީފު ކުރެވުނެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ނަމާދަށް ތެދުވުމަށް އެންގީ ވެސް ހަމަ އެ އިމާމްކަން އެ އަޑުން ޒުހާއަށް ޔަޤީންވިއެވެ. އެއަށްފަހު ނަމާދު ފެށި، ސޫރަތުލް ފާތިޙާ ކިޔަވަން ފެށި ރާގުން ވެސް ޒުހާގެ ހިތަށް ލޮޅުމެއް އައެވެ. މިފަހުން ވެސް ސޫރަތުލް ފާތިޙާ އަޑު އަހާފައި ލޮލުން ކަރުނަ ނުހިލުނެއްކަމަކު، އެވަގުތު ލޮލަށް ކަރުނަތައް ޖަމާވިއެވެ. ރޮވެން ކައިރި ވެފައި ވަނިކޮށް، ސޫރަތުލް ފާތިޙާއަށްފަހު އިމާމް ކިޔަވަން ފެށީ އަންފާލް ސޫރަތުގެ އާޔަތްތަކެވެ. އެއީ ވަރަށް ފަހުން ޒުހާ މާނައާއި ތަފްސީރު އުނގެނެން ފަށާފައިވި ސޫރަތަކަށްވުމުން ރީތި ރާގަށް އިވެމުން ދިޔަ އެ އާޔަތްތަކުން ޒުހާގެ ހިތަށް ލޮޅުމެއް އައެވެ.
إِن يَعْلَمِ اللَّهُ فِي قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّا أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ
“…ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި އެއްޗަށްވުރެ ރަނގަޅު އެއްޗެއް ތިޔަބައިމީހުންނަށް ދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”
އެ އާޔަތް އިވުމާއިއެކު ޒުހާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ކިތަންމެ ހަނދާން ނައްތައިލަން އުޅުނަސް އޭނަގެ ޙަޔާތުން ޒައުލް ގެއްލިފައިވި ކަމުގެ އިޙްސާސް އެ ހިތުތެރޭގައި ވެއެވެ. އޭނަގެ އެ އިޙްސާސް ﷲ މޮޅަށް ދެނެވޮޑިގެންވާނެތާއެވެ. ޒައުލް ކަހަލަ ކުއްޖަކު އޭނައަށް ދެން ނުލިބިދާނެހެން ހީވާ ހީވުން ވެސް ﷲ މޮޅަށް ދެނެވޮޑިގެންވާނެތާއެވެ. އޭނައަށް މި އާޔަތް ހަމަ މި ވަގުތު އިވިގެން ދިޔައީ އޭނަގެ ހިތަށް ލިއްބައިދޭ ތަސައްލީއެއްގެ ގޮތުންކަން ހަމަ ޔަޤީނެވެ.
އެހިނދު ޒުހާއަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ﷲ އީ އޭނަގެ ރައްބަށް ވީ ކަމަށްޓަކައެވެ. އެހެނީ އޭނައަށްޓަކައި ޙަޔާތުގެ ހުރިހާ ކަމެއް އެހާ ފުރިހަމައަށް ރާއްވަވަނީ އެކަލާނގެއެވެ.
ނަމާދަށްފަހު ދަރުހުންވެސް އެރޭ ޒުހާއަށް އިވިގެން ދިޔައީ ހައްތަހާ ވެސް އެ ނަސޭޙަތެވެ. ގެއްލިގެންދާ އެއްޗަކަށްވުރެ ފުރިހަމަ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ކަމެވެ. އެހެންކަމުން ދަރުސް ނިމިގެން ޒުހާ މިސްކިތުން ނިކުތީ އިތުރަށް ސާބިތުކަން ވެރިވެފައިވި ހިތަކާއި އެކީގައެވެ.
“ވަރަށް ރީތިދޯ ދަރުސް؟” ދަރުސް ނިންމާފައި ގެއަށް ދިޔަ މަގުމަތިން ކާރު ތެރެއިން ބައްޕަ ސުވާލު ކުރިއެވެ.
“އާނ ވަރަށް ރީތި. ނަމާދުގައި އިމާމް ކިޔެވި ގޮތް ވެސް ވަރަށް ރީތި. އެއީ ހަމަ ޝެއިޚްދޯ އިމާމަކަށް ހުންނެވީ؟” ޒުހާ ޝައްކެއްގެ މަތީގައި އިނދެ އެހިއެވެ.
“ނޫނޭ….ޝެއިޚް ނޫން ނަމާދުގެ އިމާމަކަށް ހުރީ. އެއީ ޒުވާން ފިރިހެން ކުއްޖެއް. މިސްކިތަށް ވަދެގެން ދިޔައިރު ބައްޕަ އެ ކުއްޖާ ދުށިން….ބައްޕައަށް ހީވި ހީވުމެއް ކަންނޭނގެ އެކަމަކު އެ ކުއްޖާ ހީވަނީ ދިވެހި ކުއްޖެއްހެން..”
ބައްޕަ ކިޔައިދިން ވާހަކައިން ޒުހާއަށް ޙައިރާންކަމެއް ލިބުނެވެ. ޒުވާން ފިރިހެން ކުއްޖަކު ބޮޑު މިސްކިތެއްގެ އިމާމަކަށް ހުރި ވާހަކަ އޭނައަށް މި އިވުނީ ފުރަތަމަ ފަހަރަށެވެ.
**
އަފްޒަލާއި ފަލަކް ދުބާއިއަށް ފުރަން އޮތީ އެރޭގައި ކަމަށްވުމުން ފުރުމުގެ ތައްޔާރީތައް އެރޭ ދެމީހުން ކުރީ އެކުގައެވެ. ހޮޓެލްގައި ތިބެފައި ޕެކްކުރަން ދެމީހުން ގެއަށް ދިޔައީ ހަވީރުއެވެ. ޕެކްކޮށްގެން އެންމެންނަށް އަލްވަދާޢު ކިޔުމަށްފަހު ދެމީހުން އެއާރޕޯޓަށް ދިޔައީ އަފްޒަލްގެ އެކުވެރިއެއްގެ ކާރުގައެވެ.
އެއާރޕޯޓަށް ގޮސް ދެމީހުން އެކަނިވުމާއިއެކު ދެމީހުންގެ ވެސް އުފާވެރި މިޒާޖު އަނެއްކާވެސް ނިކުތީ ކިހިނެއްކަމެއް ދެމީހުންނަށް ވެސް ނޭނގުނެވެ.
މުޅި އެދުވަހުވެސް ހޮޓެލްގައި ދެމީހުން ހޭދަކުރި ވަގުތުތަކުގައި އެދެމީހުންގެ ދެމެދުގައި އެތައް ސަމާސާތަކެއް ބަދަލުވިއެވެ. ދެމީހުން ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް ހެނދުނު ތެދުވެގެން އަފްޒަލް ވަގުތު ފަލަކް ބަލައި އައެވެ. އަދި ދެމީހުން އެކީގައި އެންމެ ތިރީ ފަންގިފިލާގައި ހުރި ކަމަނަ ރެސްޓޯރެންޓަށް ގޮސް ހެނދުނުގެ ނާސްތާ ކުރިއެވެ. އެއަށްފަހު އަފްޒަލްގެ ޚިޔާލެއްގެ މަތިން ދެމީހުން ޓެކްސީއެއްގައި މާލެއާއި ހުޅުމާލެ ބަލައިލަން ދިޔައެވެ.
އަފްޒަލާއި އެކީ ވަގުތުތައް ހޭދަކުރަމުން ދިޔަދިޔަހެން އަފްޒަލާއިމެދު ފަލަކްގެ ހިތުގައި އޮތް ޖެހިލުންވުން ކުޑަވަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ނުހަނު ގާތް ފިރިހެން އެކުވެރިޔަކު ލިބުނު ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އެހެނަސް އެއީ އޭނަގެ އެކުވެރިއެއް ނޫނެވެ. އޭނަގެ ފިރިމީހާއެވެ. ފަލަކް ތަކުރާރުކޮށް އެ ވާހަކަ އަމިއްލަ ނަފްސަށް ހަނދާންކޮށްދޭން ޖެހުނެވެ. ކުރަމުން ދިޔަ ސަމާސާތަކުގެ ތެރެއިން، ކައިވެންޏަށްފަހު އެދެމީހުންގެ ދެމެދުގައި އޮތީ އޭނަ އުއްމީދު ކުރި ފަދަ ގުޅުމެއް ނޫންކަން ޔަޤީންވާ ވަރުންނެވެ.
އެދުވަހު އެއާރޕޯޓުގެ ތެރެއިން ވެސް ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުން ފަލަކަށް މުޅިން ވެސް ހުރެވުނީ ސަމާސާ މޫޑެއްގައެވެ.
“ޔޫ ކާންޓް ބީ ސީރިއަސް! މިއީ އަފްޒަލް ރާއްޖެއިން ބޭރަށްދާ ފުރަތަމަ ފަހަރު؟” އަފްޒަލް ދެއްކި ވާހަކައަކުން ބާރގާރ ކިންގްގެ މޭޒު ދޮށުގައި އިނދެ ކޯކު ބޯން އުޅުނު ފަލަކް ކޮށި އަރާ ގޮތްވިއެވެ.
“ނޮޓް ފުރަތަމަ ފަހަރު ޕާރ ސޭ….މަންމަ ބަލިވެގެން އެއްފަހަރު އިންޑިއާއަށް ދިޔައިން. އެކަމަކު އެ ދަތުރު މަތީގަ މުޅިންހެން ހޮސްޕިޓަލުގަ އުޅުނީ. ސޯ ޔެސް، އެންޖޯއި ކުރަން ބޭރަށް މި ދަނީ ފުރަތަމަ ފަހަރަށް….” އަފްޒަލް ބުންޏެވެ.
“އޮހް….ސޯ ސޭޑް! ބަޓް ނޯ ވޮރީސް….ފުރަތަމަ ފަހަރަށް ބޭރަށް ދާން އުޅޭއިރު ތި ދެވެނީ ވަން އޮފް ދަ މޯސްޓް ޑެވެލޮޕްޑް ސިޓީއަށް. ދަތުރު ތި ކުރަނީ ހަމަ އެންމެ ބެސްޓް ޓުއާރ ގައިޑްއާއި އެކީ. ހަމަ މި ދާ ގޮތަށް ގޮސް ދުނިޔެ ދައްކާނަން…އިން ޝާ ﷲ!” ފަލަކް ނުހަނު އުއްމީދީ ގޮތަކަށް ބުންޏެވެ.
“އާނދޯ؟ ވަކި ހިސާބަކުން ތި ޓުއާރ ގައިޑް ހޮޑު ނުލެވެންޏާ ކިތަންމެހާ ވެސް ރަނގަޅު….” އަފްޒަލް ނޫން ކަމަށް ހަދައި ކޯކު ތަށިން ދަމަމުން ބުނެލި ވާހަކަ ނަގައިގަންނަން ފަލަކަށް ވަގުތު ކޮޅެއް ނެގިއެވެ. އެ ބުނީ ކީކޭކަން އެނގުންވުމާއިއެކު ފަލަކް ނޫޅެމޭ ކިޔައި ތުން ދިގުކޮށް ދެއަތް އުރައިލިއެވެ. އެއާއިއެކު އަފްޒަލް ހީލުމުން ފަލަކް އޭނަގެ މޫނަށް ވެރިވާން އުޅުނު ހިނިތުންވުން ފޮރުވަން މަސައްކަތް ކުރިއެވެ.
ޗެކިންވުމަށްފަހު ފްލައިޓަށް ދެމީހުން އެރީ އެކުއެކީގައެވެ. އަދި ދެމީހުން ގޮސް އިށީނީ ވެސް ޖެހިގެން ތިބި ދެ ސީޓުގައެވެ. ދެމީހުން އެ އުޅެމުންދަނީ ކިހާ ކައިރިކޮށްކަން ފަލަކަށް އެނގުންވީ އެވަގުތެވެ. އެދެމީހުންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސީޓު ބަރީގައި ތިބީ ބޭރު ދެމަފިރިއެކެވެ. އޭގެ ތެރެއިން އަންހެން މީހާ ފިރިހެން މީހާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް މަންޒަރު ފެނިފައި ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ކުޑަދޮރު ކައިރީގައި އިން އަފްޒަލް އިނީ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިގެންނެވެ.
“އެހެންވީމަ ތި ކުއްޖާ އަމިއްލައަށް ބޭނުންވެގެން އަހަރެންގެ ކައިރިއަށް އައިމަ ނޫނީ އަހަރެން ކައިރިވާން ވެސް މަސައްކަތެއް ނުކުރާނަން…”
އަފްޒަލްގެ އެ ބަސްތައް ފަލަކްގެ ކަންފަތުގައި އެވަގުތު ގުގުމައިލިއެވެ. އެއީ ކީއްވެކަމެއް ޚުދު ފަލަކަކަށް ވެސް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ އެވަގުތު އޭނައަށް ސީޓުގެ އަތްގަނޑު މަތީގައި އޮތް އަފްޒަލްގެ އަތާއި ދިމާލަށް ބެލުނީ ކޮންމެވެސް އެދުމަކާއި އެކީގައި ކަމެވެ. އޭގެ މާ ގިނައިރެއްނުވެ ފަލަކަށް އޭނަގެ އަތް ހިއްލައިލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އެއަތް ގެންގޮސް ފަލަކަށް ބާއްވައިލެވުނީ އަފްޒަލްގެ އަތް މަތީގައެވެ. އެއާއިއެކު އަފްޒަލް އޭނައަށް ބަލައިލުމާއި އެކުހެން ފަލަކަށް ފަޅި ސިކުންތެއްގެ ތެރޭގައި އޭނަގެ އަތް ނަގައި އުނގުމަތީގައި ބާއްވަމުން ކުރިމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އެހިނދު ފަލަކްގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. އެ ހިނދު އަފްޒަލް ގެ ލުއި ހީލުމެއްގެ އަޑު އިވިފައި އެ ވިންދު ދެގުނަވިއެވެ.
ފަލަކް އިތުރު ޙަރަކާތެއް ކުރަން ނޭނގިފައި އިންދާ އަފްޒަލް ލަސްލަހުން އޭނަ ދެންމެ ހިއްލި އަތުގައި ހިފައިގެން ގެނެސް އަތްގަނޑުމަތީގައި ބޭއްވިއެވެ. އަދި އަފްޒަލްގެ ހޫނު އަތް ފަލަކްގެ އަތާއި ދުރު ކުރުމެއްނެތި، ނުހަނު ލޯތްބާއި އެކީ ބޮޑުވާ އިނގިލިން ފަލަކްގެ އަތުގެ އެއްފަރާތުގައި ފިރުމައިލިއެވެ.
އެހިނދު ފަލަކްގެ ހިތަށް ކުރެވިގެން ދިޔަ ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ އުފާވެރިކަމެކެވެ. އަފްޒަލްގެ މި ކުޑަކުޑަ ޙަރަކާތުން ވެސް އޭނަ ވިރިގެންދާން އުޅޭ ފަދަ އިޙްސާސެއް ކުރެވޭއިރު، އަފްޒަލް އޭނައާއި މިއަށްވުރެ ބޮޑަށް ކައިރިވެއްޖެނަމަ އޭނައަށް ވެދާނެ ގޮތަކާއިމެދު ބިރު ހީވާ ގޮތްވިއެވެ.
ނުނިމޭ
🤍
June 26, 2023 @ 8:53 pm
,💌🤍