ޤަދަރު (ސާޅީސްވަނަ ބައި)
ޤަދަރު (ސާޅީސްވަނަ ބައި)
“މޭމް ވެސް ބަދަލުވެއްޖެއެއްނޫންތޯ؟” މަހްރީން ކޮށްލީ، ފަލަކް އަޖާއިބު ކުރުވި ސުވާލެކެވެ.
“ކީކޭ؟” އެ ބުނި އެއްޗެއްގެ މާނަ ސާފު ނުވުމުން ފަލަކަށް އަހައިލެވުނެވެ.
“މޭމް ވެސް އެމްޕްލޯއީސް ކައިރި ނުބުނެ ބުރުގާ އަޅައި ދިގު ހެދުން ލައިގެން ތި އައީ. މޭމްއަކީ މި ކޮމްޕެނީގެ ފޭސް ކަން ރަނގަޅަށް އެނގޭ ޙާލު ވެސް ކޮމްޕެނީއިން ވިއްކާ ހެދުންތަކާއި މުޅިން ބީރައްޓެހި ވިސްނުމެއްގެ ހެދުންތައް އަޅަން ތި ފެށީ. މީހަކާއި އިނުމަކީ ގޯސް ޚިޔާލެއް ކަމަށް މިހާ ތަނަށް އައިއިރު ބުނަމުން އައިސް މޭމް ކުއްލި ގޮތަކަށް މީހަކާއި އިނދެގެން ތި އައީ. މި ހުރިހާ ކަމަކުން ކޮމްޕެނީގެ އިމޭޖަށް ކިހާ އަސަރު ކުރާނެކަން މޭމްއަށް އަންދާޒާ ކުރެވޭތަ؟”
މަހްރީން ފުރަތަމަ ފަހަރަށް ފަލަކް ގާތު އެތައް ޝަކުވާއެއް އެއްފަހަރާ ކުރިއެވެ. އެކަމާއިހެދި ފަލަކަށް ވެސް ޙައިރާންވެފައި އިނދެވުނެވެ. އަދި އަމުދުން މަހްރީން އެ ދެއްކި ހުރިހާ ވާހަކައެއްގައި ޙަޤީޤަތެއް ވާކަން ވެސް އެނގި، ހިނދުކޮޅަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ފަލަކް ފުން ނޭވައެއް ދޫކުރިއެވެ.
“އަންދާޒާ ކުރެވޭ….މި ނިންމުން ނިންމިއިރު ވެސް މޭމްއަށް މަހްރީން ތި ދެއްކި ހުރިހާ ވާހަކައަކާއިމެދު ވިސްނުނު. އެނގޭ މީގެ ކުރިން މޭމް ކޮންމެ ބޮޑު ނިންމުމެއް ނިންމަނީ ހުރިހާ މުވައްޒަފުންގެ ނަޒަރިއްޔާތު ހޯދައިގެންކަން. އެކަމަކު މިފަހަރު ބުރުގާ އެޅުމަށްފަހު އެންމެންނަށް މި ވާހަކަ އެންގީ….ބުރުގާ އެޅުމަކީ ހަމަ އެހާ ވެސް މުހިންމު ކަމެއްހެން ހީވީމަ. މޭމް ހީކުރީ އެރެއިން އެރެއަށް މޭމް މަހްރީންއަށް މި ވާހަކަ އެންގީމަ މީޑިއާ އާއި މި ވާހަކަ މަހްރީން ކޮމިއުނިކޭޓް ކޮށްފަ ކަމަށް ހުންނާނީ. އަދި އަމުދުން މި ވާހަކައާއި ގުޅޭ ގޮތުން މޭމް ވަނީ ލިޔުމެއް ވެސް ލިޔެފަ. އެ ލިޔުމަށް ވެސް މޭމް ބެލި ތާނގަ ލިބިފަ ހުރީ ޕޮޒިޓިވް ފީޑްބެކް…” ފަލަކްގެ ވާހަކަ ނިމުމާއިއެކު މަހްރީން ވާހަކަ ފެށިއެވެ.
“އެއީ ކުރީކޮޅު! މެރީކޮށްގެން ބިޒީވީމަ މޭމްއަށް ފަހުން އައިއްސަ ހުރި ކޮމެންޓްތައް ނުފެންނަނީ. އަދި ކޮމެންޓްތައް އެކަންޏެއް ނޫނޭ މައްސަލައަކީ. މޭމް ބުރުގާ އެޅީމަ އަހަރުމެންނާއިއެކީ އެއްބަސްވުންތައް އެކުލަވާލާ ބައެއް ހުޅަނގުގެ ޤައުމުތަކުން އެ އެއްބަސްވުންތައް އުވައިލަން ވެސް އެބަ ނިންމާ. ވިއާ ޑެލް ކޯރސޯ އަދި އޭންކަލް ބައިޓާރސް ދެން އަންނަ މީޓިންގްއެއްގަ މި ވާހަކަތައް ގެންނާނެހެން އަޅުގަނޑަށް ވަރަށް ހީވޭ. އެ މީހުންގެ ޚިޔާލު ބަދަލު ކުރަން މިހާތަނަށް އައިއިރު އަޅުގަނޑު ކިތަންމެ މަސައްކަތެއް ކޮށްފައި ހުއްޓަސް. މޭމްއަށް އެނގޭނެ އެ އެއްބަސްވުންތައް އުވާލައިފިއްޔާ އެއީ ކިހާ ބޮޑު ޢަދަދެއްގެ ގެއްލުމެއްކަން.”
މަހްރީން ދިގުކޮށް ދެއްކި ވާހަކައިން ފަލަކް މި ފަހަރު ހިމޭންވެގެން ދިޔައީ އިހުނަށްވުރެ ވެސް ބޮޑަށެވެ. އޭނައަށް ނިންމުނު ނިންމުމެއްގެ ސަބަބުން އެހާ ބޮޑެތި ވިޔަފާރީގެ ގެއްލުންތައް ލިބޭނެ ވާހަކަ ފަލަކަށް އިވިގެން މި ދިޔައީ ފުރަތަމަ ފަހަރެވެ. އަދި މި ފަދަ އެހެން ޙާލަތްތަކާއި ޚިލާފަށް އެ ގެއްލުންތަކުން އަރައިގަންނާނެ ގޮތަކާއިމެދު ވެސް ވިސްނައިގަންނަން ފަލަކަށް ދަތިވެފައިވިއެވެ.
ފަލަކް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން މަހްރީން ގޮނޑިން ތެދުވުނެވެ. އަދި ދެންމެ ދެންނެވި ހުރިހާ މައްސަލައަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް އެދި ކެބިން އިން ނިކުންނަން ދިޔައެވެ. މަހްރީން ކެބިންއިން ނިކުމެ ދޮރު ލައްޕައިލި ހިނދު ވެސް ފަލަކަށް އިން ގޮތަށް އިނދެވުނެވެ.
**
މަހްރީން އާދައިގެ ހިނގުމެއްގައި ގޮސް ފަލަކްގެ ކެބިންއާއި ޖެހިގެން ހުރި އޭނަގެ ކެބިންއަށް ވަނެވެ. އެ ކެބިން ފަލަކްގެ ކެބިންއާއި އެއްވަރު ނުވިޔަސް އޭގެ ޒާތުގައި ތަނަވަސް ގޮތެއް ހުއްޓެވެ. ބޮޑު މޭޒަކާއި ގޮނޑިއެއް ހުރެފައި ޒަމާނީ ކަބަޑުތަކެއްގެ އިތުރުން، އޮފު އަރާ މޭޒެއްގެ މަތީގައި ކޮފީ މެޝިނެއް ވެސް ހުއްޓެވެ.
އެހެނަސް އެހާވަރުން މަހްރީންގެ ހިތް ނުފުރޭ ފަދައެވެ. މަހްރީން ގޮސް އޭނަގެ ބޮޑު ގޮނޑީގައި އިށީނދެ ފަހަތަށް ލެނގިލަމުން ދެލޯ މަރައިލިއެވެ. އެހިނދު ދެބުމަ ކައިރި ވެފައިވި ގޮތުން މަހްރީންގެ ސިކުނޑި ދަތި ފިކުރުތަކުން ފުރިފައިވިކަން އެނގެއެވެ.
މަހްރީން އެހެން އިންދާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން މަހްރީން ލޯ ހުޅުވައި ލޯ ހުޅުވައިލިއެވެ. ފޯނު ނަގައި ސްކްރީނަށް ބަލައިލިއިރު ސްކްރީނުން ފެނުނީ ‘أُمّ’ ލިޔެފައި އޮތް ތަނެވެ. މަހްރީން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“އާނ މަންމާ ކީކޭ؟” މަހްރީން ސުވާލުކޮށްލީ ޢަރަބި ބަހުންނެވެ.
“ކޮބާ ކިހިނެއް ހުރިހާ ކަމެއް؟ ފަލަކްގެ ފިރިމީހާއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދިންތަ؟” އެކޮޅުން މަހްރީންގެ މަންމަ ވެސް ވާހަކަ ދެއްކީ ޢަރަބި ބަހުންނެވެ.
“ނޫން، ނުހޯދަން! މިވަގުތު މި މަސައްކަތް ކުރަނީ ފަލަކް ބަލިކުރެވޭތޯއޭ މަންމާ. ފަލަކްގެ ހުރިހާ ބާރެއް އަހަރުމެން ހޯދައިފިއްޔާ ތި ފިރިހެނަކަށް ކުރެވޭނެ ކަމެއް ނޯންނާނެއެއްނު؟”
“ތިހެން ނުބުނޭ ދަރިފުޅު. ވަރަށް ވިސްނައިގެން އަހަރުމެން އުޅެން ޖެހޭނީ. ޒަހްރާ މަރުވި ގޮތް ފަލަކްގެ މިހާރުގެ ފިރިމީހާއަށް އެނގުން ވަރަށް ގާތް. އެ ފިރިހެން މީހާގެ ބައްޕައަށް ހުރިހާ ކަމެއް އެނގޭނެއޭ!”
“އެނގުނަސް ނޭނގުނަސް މަށަށް ވަރިހަމަ! އެތައް އަހަރެއް ވޭތުވެ ނިމިފަ އޮތް ޙާދިސާއެއް އަނބުރާ ކޯޓުތަކަށް ވެސް ވެއްދޭނެހެނެއް ހިއެއްނުވޭ….މިހާރު މަގޭ މައްސަލައަކީ މި ކުންފުންޏެއް މަގޭ އަތް މައްޗަށް އަންނައިރު މި ފަލަކް އުޅޭ ގޮތަކުން ކުންފުނީގެ އަގު މުޅިން ވެއްޓިދާނެތީ. ބޮޑު ބުރުގާއެއް އަޅައި ދިގު ހެދުންގަނޑެއްގެ އެތެރެއަށް އެރިގެން މަށަކަށް ނޭނގެ އުޅޭ ގޮތެއް. އެއަކާއި ހެދި އެތައް މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަން ހަމަ ޔަޤީނޭ….ކޮންމެއަކަސް މި ފުރުސަތުގެ ބޭނުން ހިފަން މިއުޅެނީ. ފަލަކްގެ ނާޤާބިލުކަން ޑައިރެކްޓަރުންނަށް ސާބިތުކޮށް ދެވިއްޖެއްޔާ ކުންފުނި އަހަރެންގެ އަތްމައްޗަށް އަންނާނެ.”
“އާނ….ތި ގޮތް ވެސް ރަނގަޅު. ހޯދޭހާ ބާރެއް ވީހާވެސް އަވަހަކަށް ހޯދާ. އެމީހުންނަށް އަހަރުމެންގެ ޙަޤީޤަތް ނުހޯދެނީސް…”
“އާނ މަންމާ…”
މަހްރީން އެހެން ބުނެ ފޯނު ކަނޑައިލިއެވެ. އެއަށްފަހު އޭނަގެ ވަޓްސްއެޕް މެސެޖުތައް ހުޅުވައިލިއެވެ. މެސެޖުތަކުގެ ތެރެއިން އެންމެ މަތިން ފެނިގެން ދިޔައީ ‘އަދުހަމް’ ގެ ފަރާތުން އައިސްފައި އޮތް މެސެޖެކެވެ. މަހްރީން އެ މެސެޖު ހުޅުވައިލިއެވެ.
“އަފްޒަލްއާއި ގުޅޭ ގޮތުން ކޮން ކަހަލަ މަޢުލޫމާތެއްތޯ ބޭނުންވަނީ؟ އަފްޒަލް މިހާރު އުޅެނީ ދުބާއިގަ…”
އެ މެސެޖު ކިޔާފައި ވީ ފޫއްސެއްގެ ބޮޑުކަމުން މަހްރީންއަށް ކަޅި މައްޗަށް ހިންގައިލެވުނެވެ. އެހީ ހޯދަން ވެސް އޭނައަށް ހޯދިގެން މިއުޅެނީ ބޮޑު މޮޔައެކޭ ހިތަށްއެރިއެވެ. ވީ ނުރުހުމާއިއެކީ މަހްރީން އެ މެސެޖަށް ރިޕްލައި ވެސް ނުކުރިއެވެ. މެސެޖުތައް ކްލޯޒް ކޮށްލަން އުޅުނު ވަގުތު ލީނާގެ ފަރާތުން އައި ވީޑިއޯ މެސެޖެއް ފެނި، މަޑުކޮށްލެވުނެވެ. އެއަށްފަހު އެ މެސެޖު ހުޅުވައިލެވުނެވެ. އެ ވީޑިއޯ ޕްލޭވެގެން ދިޔަދިޔަހެން މަހްރީންގެ ތުންފަތް މައްޗަށް ލަސްލަހުން ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
**
އޮފީހުގައި މަސައްކަތް ނުހަނު ބުރަވެގެން ދިޔުމުން ފަލަކް އަފްޒަލް ގާތު ބުނި ޕާޓީ އެދުވަހު އޮފީހުގައި ބޭއްވޭ ގޮތެއް ނުވިއެވެ. މަހްރީން ބުނި ފަދައިން އޭނަ ބުރުގާ އެޅުމުގެ ސަބަބުން އެދުވަހު ބޭއްވިގެން ދިޔަ ބައްދަލުވުންތަކުގައި އެހެން ކުންފުނިތަކުގެ ފަރާތުން އެ ކުންފުންޏަށް ބަދުބަސް އައެވެ. ފަލަކަކަށް އެ ބަސްތަކަށް ރައްދު ދޭނެ ގޮތެއް ނޭނގުނެވެ. ފުރަތަމަ ފަހަރަށް އޭނަގެ ސަބަބުން އަމިއްލަ ބުރަ މަސައްކަތުން ކޮޅަށް ޖެހި ކުންފުންޏަށް ބަދުބަސް ލިބޭތީ ލިބިފައިވި ސިހުންވެސް ބޮޑެވެ. އޭގެ ސަބަބުން ކުންފުންޏަށް ލިބޭނެ ފައިސާގެ ގެއްލުން ވެސް ސިކުނޑީގައި ޢަދަދު ވެގެން ދިޔަދިޔަހެން ނުތަނަވަސް ވެސް ވާގޮތްވީއެވެ. މިއީ ފެމިނިން ޑިޒައިންސްގެ ތާރީޚުގައި ވެސް ފަލަކް ހަދާނެ ގޮތް ހުސްވެފައި ހުރި ފުރަތަމަ ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އެ ހާސްކަމުގެ ތެރެއިން ފަލަކަށް ކިރިޔާ ވެސް ނިކުމެވޭ ގޮތްވީ އެދުވަހުގެ މެންދުރުގެ ކެއުމުގެ ތެރެއިންނެވެ. މެންދުރުގެ ކެއުމަށް ފަލަކް އަފްޒަލާއި އެކީ ދިޔައީ އޮފީހުގެ ޢިމާރާތާއި ކައިރި ހިސާބެއްގެ ހުރި ރެސްޓޯރެންޓަކަށެވެ.
“އައިމް ރިއަލީ ސޮރީ އިނގޭ މިއަދު ޕާޓީ ނުބޭއްވޭނެތީ. އޯލްސޯ ހީވަނީ މިއަދު އަހަންނަށް ގެއަށް ދެވޭނީ މަޣްރިބަށްވުރެ ވެސް ފަހުން ހެން. ސޯ…ލަންޗް ނިންމާލާފަ އަފްޒަލް ގެއަށްދޯ ދާނީ؟”
އޯޑަރު ދިނުމަށްފަހު ފަލަކް ވާހަކަ ދެއްކިއެވެ. ފަލަކް ހުރީ އޭނަގެ ހާސްކަން އަފްޒަލަށް ފޮރުވަން ޢަޒުމް ކަނޑަ އަޅައިގެންނެވެ. އޮފީހުގައި ހިނގި އެއްވެސް ކަމެއް މިހާތަނަށް އައިއިރު އަފްޒަލާއި ޙިއްސާ ނުކުރީ، އަފްޒަލް ފިކުރުބޮޑު ނުކުރުވުމަށެވެ.
“އިޓްސް އޯކޭއޭ….އިނގޭ އެހާ ގިނަ ދުވަސްފަހުން އޮފީހަށް ދިޔައިމަ އެހާ ވަރަށް މަސައްކަތް ހުންނާނެކަން. ޖަސްޓް ގިވް ޔުއާރ ބެސްޓް އިނގޭ…ޔޫ ގޮޓް ދިސް!” އަފްޒަލް ހިތްވަރު ލައިދޭ ފަދައަކުން ބުންޏެވެ. އެއާއިއެކު ފަލަކަށް ހީލެވުނެވެ.
“ތެންކިއު ފޯ ސޭއިންގް ދެޓް….މި ހުރިހާ ދުވަހު އަބަދު އަމިއްލައަށް އަމިއްލަ ނަފްސަށް ހިތްވަރު ދެމުން ދިޔައީ. ފުރަތަމަ ފަހަރަށް މި އެނގެނީ ކުރިމަތީގަ ހުރި މީހަކު ހިތްވަރު ލައިދިނީމަ ކިހިނެއްކަން އިޙްސާސް ކުރެވެނީ. ހެހެ…” ފަލަކް ބުންޏެވެ.
“އެހެންވެގެންނޭ މި ބުނަނީ އިތުރަށް ފްރެންޑްސް ހޯދާށޭ. އަހަރެން ހުންނާނަން އަބަދުވެސް ފަލަކްގެ ފްރެންޑްސް ލިސްޓުގެ އެއްވަނައިގަ. އިން ޝާ ﷲ! ހެހެ….ބައި ދަ ވޭ….ދެމީހުންގެ ކައިވެނި ޕާޓީއެއް މިކޮޅުގަ ބާއްވަންޏާ…ފަލަކްގެ މަންމަ ފަރާތު ތިމާގެ މީހުންނަށް ވެސް ދަޢުވަތު ދޭންވާނެދޯ؟” އަފްޒަލް އެހިއެވެ.
“މަންމަ ފަރާތު….ތިމާގެ މީހުން ނުތިބޭ…” ފަލަކް ހިސާބެއްގެ ވިސްނުމަކަށް ގެއްލެމުން ބުންޏެވެ.
“އެ ކީއްވެ؟ މަންމަގެ އެއްވެސް ބޭބެއެއް ނޫނީ ދައްތައެއް ވެސް ނުހުންނަނީތަ؟” އަފްޒަލަށް އަހައިލެވުނެވެ.
“ތިބޭ….އެކަމަކު އެމީހުންނާއި މަންމައާއި އެހާ ބޮޑު ގުޅުމެއް ނޯވޭ. އަހަރެން ކުޑައިރު އެންމެ ފަހަރަކު މަންމަ ފަރާތު ބޮޑުދައިތައެއް ދުށީ. އައި ޑިޑް ނޮޓް ލައިކް ހާރ. މަންމައާއި ވަރަށް ބޮޑު އަރައިރުމެއް އެދުވަހު ވެސްވީ. އެ ފަހުން ބޮޑުދައިތައެއް ނޫނީ ބޮޑުބޭބެއެއް ވެސް ފެނުނު ހަނދާނެއް ނުވޭ. މަންމަ ނިޔާވި ދުވަހު ވެސް އޭގެއިން މީހަކު މަންމަގެ މޫނު ބަލަން ވެސް ނާދޭ. އެ ފަހުން އަހަރެން ދުބާއިއަށް ބަދަލުވީމަ އަހަރެންގެ ޙާލުވެސް ބަލާލަން ނާދޭ. އެހެންވީމަ އަހަރެން ވެސް އެމީހުންނާއި ބެހޭ ގޮތުން އިތުރަށް ހޯދަން މަސައްކަތެއް ނުކުރަން.” ފަލަކް ކިޔައިދިނެވެ.
“އެކަމަކު….ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަންވާނެދޯ ފަލަކް؟ އެމީހުން ކޮންމެ ގޮތަކަށް ހެދިޔަސް ފަލަކް އެ މީހުންނަށް ހެޔޮކޮށް ހިތަންވާނެ.” އަފްޒަލް އެހެން ބުނުމުން ފަލަކް ހިސާބަކަށް ނުރުހުންވާ ގޮތްވިއެވެ.
“އައި ޑޯންޓް ތިންކް ސޯ…..މަންމަ އެކަނި ކޮށްލި ބަޔަކާއި ދޭތެރޭ އަހަންނަށް ހެޔޮކޮށް ނުހިތޭނެ.” ފަލަކަށް ބުނެވުނެވެ.
އެއާއިއެކު އަފްޒަލް ހިމޭންވާ ގޮތްވިއެވެ. އަފްޒަލް ވަކި އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ފަލަކަށް ވާހަކަ ދެކެވުނެވެ.
“އައިމް ސޮރީ….” ފަލަކް ބުނެލީ ހަމައެކަނި އެހާ ވަރަށެވެ.
“އިޓްސް އޯކޭ….ފަލަކް އެމީހުންގެ ފަރާތުން ހާޓްވެފަ ހުރީ ކިހާ ވަރަކަށްކަން އަހަންނަކަށް ނޭނގެ…” އަފްޒަލް ބުންޏެވެ. އެއާއިއެކު ފަލަކް ބޯޖަހައިލިއެވެ.
**
މެލޭޝިޔާގައި ހުންނަ ބައްޕަގެ ހޮޓެލްގެ އެނދުމަތީގައި އޮވެ ޒުހާ ފޯނާއި ކުޅެމުން ދިޔައެވެ. ފޯނުން ފޭސްބުކް ހުޅުވައިލުމަށްފަހު މިހާރުގެ އާދައިގެ މަތިން ޒުހާ ހުޅުވައިލީ ނޮޓިފިކޭޝަންތަކެވެ. މިއީ މީގެ 4 ވަރަކަށް ދުވަސް ކުރިން ފެށުނު ކަމެކެވެ.
އެއްކަލަ ރޭ މިސްކިތުން އިވިގެން ދިޔަ ކިޔެވުމުގެ އަޑު އަހައިލަން ބޭނުންވި ވަރުން، ޒުހާ ވަނީ އެރޭ މިސްކިތުގައި ހުރީ ކޮން އިމާމެއްތޯ ބަލަން ގިނަ މަސައްކަތްތައް ކޮށްފައެވެ. މިގޮތުން އެރޭ ދަރުސްގެ ތެރެއިން އޭނައާއި ދިމާވި ބައެއް އެކުވެރިންގެ ކައިރިން ސުވާލުކޮށް، މެލޭޝިޔާގެ މިސްކިތްތަކުގައި އުޅޭ އިމާމުން ގޫގުލް މެދުވެރިވެގެން ވެސް ހޯދޭތޯ މަސައްކަތް ކުރިއެވެ.
އެންމެ ފަހުން ޒުހާގެ އެ މަސައްކަތް ކާމިޔާބުވީ، އެރޭ އެ މިސްކިތަށް ޒިޔާރަތް ކުރި ޝެއިޚްގެ ފޭސްބުކް ޕޭޖަށް ދިޔުމުންނެވެ. އެ ޕޭޖުގައި ޝެއިޚް މެލޭޝިޔާއަށް ކުރި ދަތުރާއި މެދު ލިޔެ، އެކި އެކި ބޭފުޅުންނަށް ޝުކުރު ދަންނަވާފައި ވީއިރު، އެރޭ މިސްކިތުގައި އިމާމަކަށް ހުރި ޒުވާނާއަށް ވަކިން ޝުކުރު އަދާކޮށް ތަޢުރީފުކޮށްފައިވިއެވެ.
ޢަލީ އަނަސް ނަމަކަށް ކިޔާ 23 އަހަރުގެ މި ޒުވާނާއަކީ މިއަދުގެ މުސްލިމް ޒުވާނުންނަށް ހުރި މިސާލެއް ކަމަށް ޝެއިޚް ލިޔެފައިވިއެވެ. ޝެއިޚް އެހާ ބޮޑަށް ތަޢުރީފުކޮށްފައި ވުމުން ޒުހާއަށް ފޮޓޯތަކުގެ ތެރެއިން އެ ޒުވާނާއާއި ޝެއިޚް ހުރި ފޮޓޯ ހުޅުވައިލެވުނެވެ. ޝެއިޚްއާއި ގާތްގަނޑަކަށް އެއް އިސްކޮޅެއްގައި ހުރި ޒުވާނާއަށް ލިބިފައިވީ ފިރިހެންވަންތަ ސޫރައެކެވެ. އެ ގަދަ ބުމައާއި، މުށިކުލައަށްދާ ލޮލާއި، ތުނބުޅިން އެ ރީތިކަން އިތުރު ކުރުވިއެވެ.
ޒުހާ މާ ބޮޑަށް އެ ފޮޓޯއަށް ގެއްލެން އުޅުނުހެން ހީވި ހިނދު، ވަގުތުން ބެކަށް ދިޔައެވެ. އެހެނަސް އެ ސްޓޭޓަސް ގައި ޓެގް ކުރެވިފައިވި އަނަސްގެ ނަމަށް ފިތައިލިއެވެ. އެއަށްފަހު އެ ޕްރޮފައިލްގެ ތެރެއިން ސްކްރޯލް ކޮށްލީ އަނަސްގެ ކިޔެވުން ހުރި ވީޑިއޯއެއް ފެނޭތޯއެވެ. ކިޔެވުން ހުރި ވީޑިއޯތައް ފެނުނެއްކަމަކު އެއީ ދެ ތިން އާޔަތް ހިމެނޭ ވީޑިއޯތަކެވެ. މިހާ ރީތި ކިޔެވުމެއްގެ ވެރިއަކު މުޅި ޚަތިމް އެއްކޮށް ކިޔަވައި ރެކޯޑް ކޮށްފައި ނުވަނީ ކީއްވެތޯ ޒުހާގެ ހިތަށްއެރިއެވެ.
އެންމެފަހުން ޒުހާ، އަނަސްގެ ޓައިމްލައިންގައި އެ ވާހަކަ ލިޔަން ނިންމިއެވެ. އަނަސްގެ ޕްރޮފައިލް ނުހަނު ހާމަވާތީވެސްމެއެވެ. ޓައިމްލައިންގައި ޒުހާ، އަނަސްގެ ކިޔެވުން ރެކޯޑް ކުރާ ވާހަކަ ލިޔުމާއިއެކު އެތައް ބައެއްގެ ލައިކާއި ކޮމެންޓް ލިބެން ފެށިއެވެ. އެއީ ހަމަ ތެދެއްކަމަށް ބުނަމުންނެވެ.
ޒުހާ އެ ސްޓޭޓަސް އަނަސްގެ ޓައިމްލައިންގައި ލިޔުނުތާ މިއީ 4 ވަނަ ދުވަހެވެ. އެހެނަސް މިހާތަނަށް އައިއރު އަނަސް އެ ސްޓޭޓަސްއަށް ކޮމެންޓްކޮށްފައި ނުވާ ޙާލު، ލައިކެއް ވެސް ދީފައެއް ނުވެއެވެ. އެ ފަހުން އެ ޕްރޮފައިލަށް އިތުރު ޕޯސްޓެއް ލާފައި ނެތުމުން، މި ކުއްޖާ ފޭސްބުކް ބޭނުންނުކުރާ ދުވަސްކޮޅަކީތޯ ވެސް ހިތަށްއެރއެވެ.
އެވަގުތު ވެސް ނޮޓިފިކޭޝަންތަކުގެ ތެރެއިން އަނަސްގެ ނަމެއް ނުފެނުމުން ޒުހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެއާއިއެކު ދެން އަނަސްގެ ޚަބަރެއް ނުވާނެ ކަމަށް ޒުހާއަށް ނިންމުނެވެ.
ހަމަ އެވަގުތު ރޫމުގެ ބެލް ރިންގުވީ އަޑަށް ޒުހާއަށް އެނދުން ތެދުވެވުނެވެ. ކޮންމެ ކާ ގަޑިއަކަށް ބައްޕަ ހޮޓެލަށް އަންގާފައިވާ ފަދައިން ރޫމް ސާރވިސް އޭނަގެ ރޫމަށް އަންނާނެއެވެ. ޒުހާ ގޮސް ދޮރު ހުޅުވައިލި ހިނދު އާދައިގެ މަތިން އޭނަގެ ކާއެއްޗެހީގެ ތަބަކު ބަހައްޓާފައިވި ޓްރޯލީއަކާއި އެކީ އަންހެނެއް ހުއްޓެވެ.
“ބާއްޖަވެރި ދުވަހަކަށް އެދެން. މި ކެއުން ވެސް ކަމުދާނެކަމަށް އުއްމީދު ކުރަން…..މި އޮތީ ހޮޓެލް މެނޭޖާރގެ ފަރާތުން މޭމްއަށް އައި ޚާއްޞަ ޕެކޭޖެއް.” އަންހެން މީހާ އާދައިގެ މަތިން އެ ތަބަކު ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ދުވަހަކުވެސް ނަހަދާ ފަދައަކުން ޒުހާގެ އަތަށް ހުދުކުލައިގެ ކުޑަ ޕާރުސަލެއް ދިނެވެ.
“ހޮޓެލް މެނޭޖާރ؟” ޒުހާއަށް އަހައިލެވުނެވެ. އެއާއިއެކު އަންހެން މީހާ ނުފިލާ ހިނިތުންވުމަކާއިއެކީ އާދެއޭ ބުންޏެވެ. އެއަށްފަހު ރޫމުން ނިކުމެގެން ދާން ހިނގައިގަތެވެ.
އަންހެން މީހާ ދިޔުމުން ވެސް ޒުހާއަށް ޕާރުސަލާއި ދިމާލަށް ބަލަން ހުރެވުނީ ޙައިރާން ކަމާއި އެކީގައެވެ. ހޮޓެލް މެނޭޖަރު އޭނައަށް ވަކި ހަދިޔާއެއް ފޮނުވަންވީ ސަބަބެއް ނުވިސްނުމުންނެވެ. އޭނަ ބައްޕަ ގާތު މި ވާހަކަ ބުނެފިނަމަ އެ މީހަކަށް އިތުރު ފައިދާއެއް ލިބޭނެ ކަމަށް އެމީހަކު ހީކުރަނީބާއޭ ހިތަށްއެރިއެވެ.
އެ ޚިޔާލުގައި ހުރެ ޒުހާ އެ ޕާރުސަލުގެ މަތިގަނޑު ނަގައިލިއެވެ. އެއާއިއެކު އޭގެ ތެރެއިން ފެނިގެން ދިޔައީ ޕެންޑްރައިވަކާއި އެކީ އޮތް ކުޑަ ނޯޓު ކޮޅެކެވެ. ޒުހާ އިނގިރޭސިން ލިޔެވިފައިވި އެ ނޯޓުކޮޅު ނަގައި ކިޔައިލިއެވެ.
“މާ ލަހުން ޖަވާބު ދެވޭތީ މަޢާފަށް އެދެން. އަޅުގަނޑުގެ ކިޔެވުން އެއްކޮށް ރެކޯޑުކޮށް ނިންމުމަކީ އަބަދުވެސް ހުވަފެނެއް. ތިބާ އެކަމަށް އެދުމުން އެއީ އެކަމަށް ލިބުނު ހިތްވަރެއް. އެހެންކަމުން ކިޔެވުމުގެ ފުރަތަމަ ރިކޯޑިންގް މި ޙަވާލުކުރީ ތިބާއާ.
-ޢަލީ އަނަސް، ހޮޓެލް މެނޭޖާރ އޭކޭއޭ އިމާމް”
އެ ނޯޓުކޮޅު ކިޔައި ނިމުނު ހިނދު ޒުހާއަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެ އަނގަ ހުޅުވިފައެވެ. ދެން ވެސް ޤަބޫލުކުރަން ބޭނުން ނުވުމުން ޒުހާ އަވަސް އަވަހަށް ގޮސް އޭނަގެ ލެޕްޓޮޕާއިގެން އެނދުމަތީގައި އިށީނދެ ޕެންޑްރައިވް ގުޅާލަމުން އޭގައި ހުރި ސޫރަތްތަކުގެ ތެރެއިން ސޫރަތެއް ޕްލޭކޮށްލިއެވެ. އެއާއިއެކު އެރޭ އިވިގެން ދިޔަ އާޔަތްތައް އިވެން ފެށުމުން ލުއި އާހެއްގެ އަޑާއިއެކީ ޒުހާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭގެ ދެވަނަ ސިކުންތުގައި އަތުގައި އޮތް ނޯޓުކޮޅުގައި އޮތް އަނަސްގެ ނަމަށް ބަލައިލެވުނީ، މިއީ ކޮންކަހަލަ މީހެއްތޯ ހިތާހިތުން ސުވާލުކުރާ ޙާލުގައެވެ.
**
އެރޭގެ ވަގުތެއްގައި ޒައުލް އޭނަގެ ހޮޓެލުން ޗެކް އައުޓްވީ، އެންޖެލާ އޭނަ ގާތު ފުރަތަމަ ފަހަރަށް އެންޖެލާ އުޅޭ ގެއަށް އައުމަށް އެންގުމުންނެވެ.
“މިރޭ އެއްކަލަ ލާރި ހިފައިގެން އަހަރެން މި ބުނާ އެޑްރެސްއަށް އައިސްދެއްޗޭ.”
އެންޖެލާ އެދުވަހު ހަވީރު ގުޅާފައި ބުނީ ހަމައެކަނި އެހެންނެވެ. އެއަށްފަހު ޒައުލްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލީއެވެ. އެ ބަސްތަކަކީ އެންޖެލާއާއި އެކީ އެންޖެލާގެ ގޭގައި އުޅުނު ދަޢުވަތެއް ކަމަށް ނިންމީ ޒައުލް އަމިއްލަ އަމިއްލައަށެވެ.
އެރޭ މެލޭޝިޔާގެ ގަޑިން 8 ޖެހި ވަގުތު ޒައުލް ކުއަލާލަމްޕޫރުގެ ބޮޑެތި ގެތައް ހުރި ޞަރަޙައްދަކަށް އޭނަގެ ހެދުން ފޮށި ދަމަމުން ދިޔައީ އެހެންވެއެވެ. އެ ގެތަކުގެ ތެރެއިން އެންޖެލާ ބުނި ނަންބަރު ފެނިގެން ދިޔުމުން، ހުދުކުލައިގެ އުސް ފާރުތައް ހުރި ގަނޑުވަރެއްހެން ހީވާ އެ ގޭގެ މުށިކުލައިގެ މައިދޮރާއި ހަމައަށް ޒައުލް ދިޔައެވެ. އެއަށްފަހު ގޭގެ ބެލް އަޅުވައިލީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ.
ޙަޤީޤަތުގައި އެވަގުތު ޒައުލްގެ ހިތް އުފަލުން ފުރިފައިވިއެވެ. ފުރަތަމަ ފަހަރަށް އޭނަ އެހާ ލޯބިވާ ލޯބިވެރިޔަކާއި ބައްދަލުވާން އުޅޭތީވެއެވެ. އެންޖެލާއަކީ އޭނަ މިހާރު އިންނަން ނިންމައިގެން އުޅޭ ކުއްޖާއަށްވާތީވެއެވެ. އެންޖެލާ ދެކެން މި ހުރިހާ ދުވަހު ވެސް އޭނަ ކެތްމަދުވެފައިވުމުން، އެންޖެލާ ވެސް ހުންނާނީ އޭނަ ދެކެން ނުހަނު ބޭނުންވެފައި ކަމަށް ޒައުލްއަށް ޤަބޫލު ކުރެވުނެވެ.
އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވިގެން ދިޔުމުން ޒައުލްގެ ހިނިތުންވުން ފުންވެގެން ދިޔައީ އެހެންވެއެވެ. އެންޖެލާ ވެސް އެފަދަ ހިނިތުންވުމަކާއިއެކީ އޭނައާއި ބައްދަލުކުރާނެ ކަމަށް ހީކުރެވުމުންނެވެ. އެހެނަސް ދޮރު ހުޅުވުނުއިރު ފެނިގެން ދިޔަ މަންޒަރުން ޒައުލްގެ ހިނިތުންވުން ފޭދުނެވެ.
**
ރޭގަނޑުގެ ވަގުތެއްގައި އަމިއްލަ ކޮޓަރީގެ އެނދުގައި އޮތް ފަލަކަށް ލަސްލަހުން ލޯ ހުޅުވައިލެވުނެވެ. އެވަގުތު ވެހެމުން ދިޔަ ވާރޭގެ ތިކިތައް ކޮޓަރީގެ ކުޑަދޮރުގައި ޖެހި ފައިބަމުން ދިޔަ ލުއި އަޑު އިވެމުން ދިޔައެވެ.
ލޯ ކުޑަކޮށް ހުޅުވުމާއިއެކު ނިތްކުރީގައި އެޅިފައި އޮތް ތެތް ރުމާލުގެ އިޙްސާސް ފަލަކަށް ކުރެވުނެވެ. އެވަގުތު ވެސް އައިސްފައިވި ހުމުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތަނުން ރިހުންތައް އިޙްސާސް ކުރެވެމުން ދިޔައެވެ.
އާނއެކެވެ. ވޭތުވެ ދިޔަ 4 ދުވަހު އޮފީހުގައި އެހާ މަސައްކަތް ބުރަވެގެން ދިޔުމުން ދުވަސް ފެށި، ނިމިގެންދާ ގޮތްވެސް ފަލަކަކަށް ނޭނގެއެވެ. ބުރަ މަސައްކަތުގެ ތެރެއިން ބޮލުގައި ރިއްސާ، ހުން އަންނަހެން ހީވަމުން ދިޔައެއްކަމަކު ފަލަކް ބޭސް ގުޅަތަކުން ހަމަޖައްސަމުން ދިޔައެވެ. އެ ހުރިހާ މަސައްކަތުގެ ސަބަބުން ގޭގައި ނުހުރެވޭތީއާއި، އަފްޒަލަށް ސަމާލުކަން ނުދެވޭތީ ވެސް ފަލަކްގެ ހިތް ދެރަވަމުން ދިޔައެވެ. އެހެނަސް އޭނަ ދަނީ އޭނަގެ ކުންފުނި ދިފާޢު ކުރަން ވަރުގަދަ ހަނގުރާމައެއް ކުރަމުން ކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވިއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް އޭނަ މަޑުކޮށްފިނަމަ އެތައް އަހަރެއް ވަންދެން އޭނަ ކުރި މަސައްކަތް ފެނަށް ވެގެން ހިނގައިދާނެހެން ހީވަމުން ދިޔައެވެ.
އެހެނަސް ފަލަކަކީ ވެސް އިންސާނެއްތާއެވެ. އެހެން އުޅެމުން ދަނިކޮށް އޭނަގެ ބަލި ޙާލަތު ގޯސްވީ މިއަދެވެ. ނުހަނު ގަދައަށް ހުން އައިސްފައިވިއެއްކަމަކު އޭނަ އުޅުނީ އެރޭ ކޮންމެވެސް ކޮންފަރެންސަކަށް ދާށެވެ. ކޮންފަރެންސަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުމެވުނު ހަނދާންވެއެވެ. އެހެނަސް އެހާ ހިސާބުން އޭނައަށް މަންޒަރުތައް ފެންނަން ފެށީ ފުސްކޮށެވެ.
އަފްޒަލް އޭނަގެ ގާތަށް އަންނަމުން މިރޭ ވެސް ތިއުޅެނީ ދާންތޯ ބުނި އަޑު އިވުނެވެ. އޭރު އަފްޒަލްގެ އަތުގައި ފެން އަޅާފައި ހުރި ކުޑަ ބޯތަށްޓަކާއި ހުދު ކުލައިގެ ރުމާލެއްވިއެވެ. އަފްޒަލް އޭނަ ގާތު މިރޭ މަޑުކޮށްލާށޭ ބުނެ ކޮޓަރިއަށް ވަންނަން އެންގިއެވެ. އެއާއިއެކު ފަލަކް ތިމަންނަ އަމިއްލައަށޭ ބުނެ އަފްޒަލްގެ އަތުގައި ހުރި އެއްޗެހި ހޯދި ހަނދާންވިއެވެ. އެވަގުތު އެ ބޯތަށިން ބިންމައްޗަށް ފެން ވެއްޓުނުހެން ވެސް ފަލަކަށް ހީވިއެވެ. އެހެނަސް ވަކި ވިސްނުމެއް ނެތި ފަލަކް އަނބުރާ ކޮޓަރިއަށް ވަނީ، އެވަގުތު އަފްޒަލާއި ދުރަށް ދިޔުމަށެވެ. އަފްޒަލާއި އެކީ ކޮޓަރިއަށް ނުވަނުމަށެވެ. އެވަގުތު ކޮންފަރެންސަށް ދިޔުމާއިމެދު މުޅިން ހަނދާން ނެތިއްޖެއެވެ.
ކޮންފަރެންސް މަތިން ހަނދާން ނެތުނުކަން އެވަގުތު ވެސް ހަނދާންވުމުން ފަލަކަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެވަގުތު ބޮލުގައި އޮތް ރުމާ އޮތީ ނުހަނު އޮމާންކޮށް ނިތްކުރީގައި އެޅިފައިކަން އެނގުންވުމުން ޙައިރާންވިއެވެ. ހަމަ ގައިމުވެސް އޭނަ އެ ޙާލުގައި ކޮޓަރިއަށް ވަދެ ރުމާ އަމިއްލައަށް ބޮލުގައި އެޅީ ގުޅަކަށް ކަން ފަލަކަށް ޔަޤީނެވެ. އޭތި ރަނގަޅުވީ ކިހިނެއްތޯ ފަލަކްގެ ހިތަށްއެރިއެވެ.
ހަމަ އެވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުން ފަލަކް ސިހުންވާ ގޮތްވިއެވެ. ވަންނަނީ އަފްޒަލްކަން ޔަޤީންވުމާއިއެކު ލޯ މަރައިލެވުނީ ކީއްވެކަމެއް ޚުދު ފަލަކަށް ވެސް ނޭނގެއެވެ. ދޮރު ލައްޕައިލި އަޑަށް ފަހު އަފްޒަލްގެ ލަސް ފިޔަވަޅުތައް އޭނައާއި ދިމާލަށް އަންނަ އަޑު އިވުމުން ފަލަކްގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހާ ބާރަށް ތެޅެން ފެށިއެވެ.
މި ފެށެން އުޅެނީ އޭނަގެ ޙަޔާތުގެ ބިރުވެރި ބާބު ހެއްޔެވެ؟ އަތްގަދަ ފިރިއެއްގެ ދަށުގައި އޭނަ ބެދެން އުޅެނީ ހެއްޔެވެ؟ މިއަށްފަހު އޭނައަށް ފެންނާނީ ތަފާތު އަފްޒަލެއް ހެއްޔެވެ؟ މިއީ އޭނަގެ ޙަޔާތުގައި އަންނާނެ އެންމެ ފަހު އުފާވެރި ދުވަސް ހެއްޔެވެ؟
އެތައް ގޯސް ޚިޔާލެއް އެއްފަހަރާ ފަލަކްގެ ސިކުނޑިއަށް ވެރިވުމުން ފަލަކްގެ ދެބުމަ ވެސް ކައިރިވެގެން ދިޔައެވެ. އަފްޒަލްގެ ފިޔަވަޅުތައް ނުހަނު ގާތުން ހުއްޓިގެން ދިޔުމުން ފަލަކަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެހެނަސް ދެން ކަންތައް ވާން ފެށީ ފަލަކް އެއްގޮތަކަށް ވެސް ހީކުރި ގޮތަކަށް ނޫނެވެ.
ފަލަކަށް ދެން އިޙްސާސް ކުރެވިގެން ދިޔައީ އަފްޒަލް އޭނަގެ ނިތްކުރީގައި އޮތް ރުމާ ނެގި އިޙްސާސެވެ. އެއަށްފަހު ނިތުގައި އަފްޒަލްގެ އަތުގެ ނުފުށް ޖެއްސި އިޙްސާސެވެ. އަފްޒަލް އެ އަތް ނަގައިލި ހިނދު ފުން ނޭވައެއް ދޫކުރި އަޑު އިވުނެވެ.
އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަފްޒަލް ލަސްލަހުން ޝަހާދަތް އިނގިލިން އޭނަގެ އިސްތަށިތައް އެއްފަރާތް ކުރިކަން ފަލަކަށް އެނގުނެވެ. އޮޅުމެއްގެ ތެރޭގައި ފަލަކް ވަނިކޮށް އަފްޒަލް އޭނައާއި ގާތްވާން ފެށިހެން ފަލަކަށް ހީވިއެވެ. ބިރުން ހަޅޭއްލެވެން އުޅުނު ވަގުތު އޭނަގެ ނިތާއި ދިމާލުން އަފްޒަލްގެ މަޑު ތުންފަތުގެ އިޙްސާސް ކުރެވުނެވެ. އެހިނދު ފަލަކްގެ ކަނދުރާގައިވި ލޯލިތައް ކޮޅަށްޖެހި، ހިތުތެރެއިން ކަރަންޓު ރާޅު ބާނިތައް ނެގިއެވެ. ކޮންމެވެސް ހިސާބަކުން ހަވާ އަރުވަން ފެށި ފަދަ ޖޯޝެއް އޭނަގެ ސިކުނޑި ތެރެއިން ހިނގައިލިއެވެ.
އެހެނަސް ފަލަކަށް ކުރެވުނު އެ އިޙްސާސް މާ ދިގު ދެމިގެން ނުދިޔައީ، އަފްޒަލް މާ ގިނައިރެއް ނުވެ އޭނައާއި ދުރުވެލުމުންނެވެ. އެއަށްފަހު އަނެއްކާވެސް ތެތް ރުމާލެއްގެ އިޙްސާސް ނިތުން ކުރެވިގެން ދިޔުމުންނެވެ. ދެން އަފްޒަލްގެ ފިޔަވަޅުތައް އޭނައާއި ދުރަށްދާ އަޑު އިވިގެން ދިޔުމުން ފަލަކްގެ ހިތް ނޫނޭ ކިޔައި ރޯން ފެށި ގޮތުން ޚުދު ފަލަކް ވެސް ޙައިރާންވާހާވިއެވެ.
ނުނިމޭ