ޤަދަރު (ސޯޅަވަނަ ބައި)
“ބޭވަފާތެރިވެދާނެ ކަމުގެ ބިރު އޮންނަނީ ހަމައެކަނި އަންހެން ކުއްޖާއަށް ނޫން. އެންމެ ލޯބިވާ އަންހެން ކުއްޖާ ބޭވަފާތެރި ވެދާނެތީ ފިރިހެނުން ވެސް ބިރުގަނޭ. އެ ބިރުވެރިކަމާއިހެދި މުޅި ދިރިއުޅުން ވެސް އެކަނިވެރިކަމުގަ ހޭދަކޮށްލަން އެދޭހާވަރުވޭ….” އަފްޒަލް އެ ބުނެލި ބަސްތަކާއިއެކީ ފަލަކަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ޙައިރާންކަމާއި އެކީގައެވެ.
ވިސްނުމަކަށް ގެއްލި ބުނާނެ ވަކި އެއްޗެއް ނޭނގިފައި ފަލަކް ހުއްޓާ އަފްޒަލް އޭނައާއި ދިމާލަށް ބަލައިލިއެވެ. އެއާއިއެކު ފަލަކް ލުއި ސިހުމަކާއިއެކީ ދުރު ބަލަން ފެށިއެވެ. ފަލަކް ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަ ދެންމެ ބަލަން ހުރީ ކާކަށްކަން އަފްޒަލަށް ނަގައިގަނެވުނެވެ. ފަލަކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަން އަދި އެކަން މާ ބޮޑަށް ވެސް ޔަޤީން ކޮށްދިނެވެ. އެހިނދު އަފްޒަލަށް ނޭނގުމެއްގެ ތެރެއިން ލުއި ހިނިތުންވުމެއް އެ ތުންފަތްމައްޗަށް ވެރިވިއެވެ.
“ދެން މަޝްވަރާ ކުރާނެ ކަމެއް ނެތިއްޔާ ދަމާ ހިނގާ ދޯ؟” އަފްޒަލް ބުންޏެވެ. ފަލަކް އޭގެ ޖަވާބުގައި ވެސް ލުއި ގޮތަކަށް ބޯޖަހައިލަމުން ހޫންލައްވައިލީއެވެ.
**
އެ ދުވަހު ގެއަށް ދިޔަ ފަހުން ވެސް އަފްޒަލް ބުނެލި ޖުމްލަތައް ފަލަކްގެ ކަންފަތުގައި ގުގުމަމުން ދިޔަ ފަދައެވެ. އަންހެން ކުއްޖަކު ބޭވަފާތެރި ވެދާނެ ކަމުގެ ބިރު ފިރިހެނުންނަށް ވެސް އޮންނަ ކަމެވެ. އަދި އެ ބިރުވެރިކަމުގެ ސަބަބުން މުޅި ދިރިއުޅުން ވެސް އެކަނިވެރިކަމުގެ ފިރިހެނަކު ހޭދަކޮށްފާނެ ކަމެވެ.
އެ ބަސްތައް ހަނދާންވާ ކޮންމެ ފަހަރަކު ފަލަކަށް ބޯހޫރުވައިލެވެއެވެ. އެހެންވާނީ ފަހެ ކިހިނެއްތޯ ހިތަށް އަރަމުން ދިޔައެވެ. ބޭވަފާތެރިވާނީ ހަމަ ފިރިހެނުންނޭ ބުނެ އޭނަގެ ހިތް ހަޅޭއްލެވިޔަސް، އަންހެނުންގެ ތެރޭގައި ވެސް ގޯސް މީހުން އުޅެފާނެކަމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް އަންހެނަކު ކިތަންމެ ނުބައި ވިޔަސް އޭނަ ފިރިހެނަކު ހިތްދަތިކޮށް އަނިޔާއެއް ދީފާނެ ހެއްޔެވެ؟ އެކަން ޤަބޫލުކުރަން ފަލަކަށް ދަތިވިއެވެ. އެހެނީ އަންހެނުންނަކީ ނުހަނު ޖަޒުބާތީވެފައި އެހެން މީހުންގެ ޖަޒުބާތުތަކަށް ވެސް އިޙްތިރާމް ކުރާ ބައެކެވެ.
ވީއިރު އަންހެނަކު އެހެން މީހަކަށް ބޭވަފާތެރިވާނީ ކިހިނެއް ހެއްޔެވެ؟ ފަލަކަށް ދުވަހަކުވެސް އެފަދަ ވާހަކައެއް އިވިފައެއް ނެތެވެ. އެހެންނޫނީ އެފަދަ ވާހަކައެއް އިވިދާނެ މާޙައުލެއްގައި އޭނައަށް އުޅެވިފައި ނުވަނީއެވެ. ރޫޅިފައިވާ ހުރިހާ ކައިވެންޏެއްގެ ވާހަކަތައް އޭނައަށް އިވިފައިވަނީ އަންހެނުންގެ ނަޒަރިއްޔާތުން ވިއްޔާއެވެ.
އެދުވަހު ހަވީރު އަފްޒަލް ގެއަށް އައުމުން ފަލަކަށް ތަކުރާރުކޮށް އަފްޒަލާއި ދިމާލަށް ވެސް ބެލެމުން ދިޔައީ، އަފްޒަލާއިމެދު ވެސް ވިސްނެމުން ދިޔަ ވަރުންނެވެ. އަފްޒަލް މިއަދު ހުސްހަށިބަޔަށް އެހެރީ އޭނަ އެ ކިޔައިދިން ސަބަބާއި ހެދިތޯ ހިތަށްއެރިއެވެ. އަފްޒަލް އެހެރީ ކުރިން މީހަކާއި އިނދެ ވަރިވެފައި ހެއްޔެވެ؟ އެހެންނޫނީ ރައްޓެހިވެގެން އުޅުނު ކުއްޖަކު އޭނައާއި ވަކިވީ ހެއްޔެވެ؟
އެ އަންހެން ކުއްޖާ އަފްޒަލާއި ވަކިވިޔަސް ވަކިވާންވީ ރަނގަޅު ސަބަބެއް އޮންނާނެކަމަށް ފަލަކްގެ ހިތް ބުނަމުން ދިޔައެވެ. ޢާއްމު ގޮތެއްގައި ފިރިހެނަކު އެންމެ ހީނުކުރާ ވަގުތަކު އަންހެން ކުއްޖާ ދޫކޮށްދަނީ، އަންހެން ކުއްޖާއަށް ބޭނުންވާ ސަމާލުކަން ފިރިހެން މީހާއަށް ނުދެވޭތީވެއެވެ. އަޅާލާން ޖެހޭ ވަރަށް އަޅާ ނުލެވޭތީވެއެވެ. އަންހެން ކުއްޖާ ގުޅުން ކުރިއަށް ގެންގޮސް ކައިވެންޏަކާއި ހަމައަށް ދާން ބޭނުންވިޔަސް ފިރިހެން މީހާ އެކަމަށް ޢިޝާރާތް ވެސް ނުކުރާތީވެއެވެ. ދެން އަންހެން މީހާ ދިޔުމުން ފިރިހެން މީހާއަށް އެ ދިޔަ ސަބަބު ނޭނގިފައި ހުރެވެނީއެވެ. ރަނގަޅަށްވިއްޔާ އަފްޒަލަށް ވެސް ވެފައިވާނީ އެކަހަލަ ގޮތެކެވެ.
ފަލަކްގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އެރޭ ވީއިރު ސިކުނޑިއަށް ވެރިވި އެ ޚިޔާލުންނެވެ. ހައިޖާނެއް އުފެދިފައިވި ހިތެއްގެ ސަބަބުން އެދުވަހު ފަލަކަށް މަސައްކަތް ކުރެވުނީ ވެސް އެހެން ދުވަހަށްވުރެ މާ ބުރަކޮށެވެ. އެހެންކަމުން އެރޭގެ ކެއުމަށްފަހު ފަލަކް ސައިތަށްޓަކާއި އެކީ އޭނަގެ ކޮޓަރިއަށް ދިޔައެވެ. މާޙައުލު ބަދަލުކޮށްލުމަށްޓަކައި ފަލަކް ބެލްކަންޏަށް ނިކުންނަން އުޅެފައިވެސް ޖެހިލުންވިއެވެ. އެދުވަހު ހެނދުނު ޓެރެސްއަށް ނިކުތުމުން ކުރެވުނު އިޙްސާސްތައް ހަނދާންވުމުންނެވެ. އަދި ހަމަ އެއާއިއެކު އަފްޒަލް އެތަނަށް އައުމުން އޭނަގެ ޙާލަތް ރަނގަޅުވެގެން ދިޔަ ގޮތްވެސްމެއެވެ. އޭނައަށް ޓެރެސްއަކަށް ނިކުމެވޭނީ ހަމަ އެހެން މީހަކާއި އެކީތޯ ހިތަށް އެރުމުން ފަލަކް އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. އެ ޚިޔާލުން އޭނަގެ ‘މިނިވަން’ ނަފްސަށް ޒަޚަމެއް ލިބުނު ފަދައެވެ.
އެހެންކަމުން ހިތަށްވެރިވެފައިވި ބިރުވެރިކަމާއިއެކީ ވެސް ފަލަކް ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރު ކަހައިލަމުން ނިކުމެލިއެވެ. އެ ހިނދު ބެލްކަނީގެ ރެއިލިންގް ފެނިފައި އާދައިގެ މަތިން ބިރުގަންނަން އުޅުނެއްކަމަކު ފަލަކް އަވަސްއަވަހަށް އެތާ ބެހެއްޓިފައިވި ހުދުކުލައިގެ ދިގު ގޮނޑީގެ އެއްފަރާތެއްގައި އިށީނެވެ. އެއަށްފަހު ފުން ނޭވާތަކެއް ލަމުން ލޯ މަރައިލިއެވެ. އެއަށްފަހު ލުއި ތުރުތުރެއް އެކުލެވިފައި އަތުން ހިފައިގެން ހުރި ސައި ތަށިން ކޯވަރެއް ދަމައިލީ ވެސް ލޯ ނުހުޅުވަން ހުވާ ކޮށްގެން އިން ފަދައިންނެވެ.
އެހެން އިންދާ ފަލަކް ސިހުންވާ ގޮތްވީ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. އެވަގުތު ސައިތަށި ފުރިފައި ހުރި ނަމަ ސައިން އޭނަގެ ހެދުން ތަތް ތެޅުނީސްކަން ގައިމެވެ. ސައި ނުވެއްޓޭކަން ޔަޤީންވިއެއްކަމަކު އޭނައަށް އެ ގުޅާ މީހަކަށް އެ ވަގުތު ފަލަކް ނުރުހުންވާ ގޮތްވިއެވެ. އޭނަ ސިކުނޑި ހަމަޖައްސާ މި ގަޑީގައި ގުޅާނީ ކާކުތޯ ހިތައި ފޯނު ނަގައި ސްކްރީނަށް ބަލައިލެވުނެވެ.
ސްކްރީނުން ‘ލީނާ’ ގެ ނަން ފެނިފައި ފަލަކްގެ މޫނުމަތިން ފާޅުވެގެން ދިޔައީ އިތުރު ފޫހިކަމެކެވެ. އެއީ އޭނަގެ ކަސްޓަމަރުންގެ ތެރެއިން އޭނަގެ ފަހަތުން ނުފެލި، ކިބުރުވެރި، ދިވެހި އަންހެނެކެވެ. އެ ވަގުތުވެސް ފަލަކް އެ ފޯނު ނަގާ ހިތެއް ނުވިއެވެ. މި ލީނާއަކު ބްލޮކް ކޮށްލަން އެތައް ފަހަރަކު ޚިޔާލުވެސް ކޮށްފައިވެއެވެ. އެހެނަސް އޭނަގެ ކުންފުނީގެ ނަމަށް އެއްވެސް ކިލަނބުކަމެއް ނުގެނައުމަށްޓަކައި ފަލަކް އެ ވަގުތުވެސް ފޯނު ނެގިއެވެ.
“އައްސަލާމްޢަލައިކުމް ލީނާ….” ފަލަކް އެހެން ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.
“އޯ ހައި! ހައު އާރ ޔޫ ޑުއިންގް ފަލަކް؟” އެކޮޅުން ލީނާ ވާހަކަ ދެއްކީ ފަލަކަކީ އޭނަގެ އެކުވެރިއެއް ފަދައިންނެވެ.
“ޑުއިންގް ގުޑް…. ކޮން ކަމެއް ކޮށްދޭންވީ މިފަހަރު؟” ފަލަކް ވާހަކަ ދިގު ކުރާކަށް ބޭނުމެއް ނުވިއެވެ.
“އޭ….އަހަރުމެން ދެމެދުގަ އޮންނާނީ ހަމައެކަނި ސާރވިސްގެ ވާހަކައެއް ނޫނެއްނު؟ އިއްޔެގަ ދުބާއީއަށް ގޮއްސަ ދިޔައީމޭ ފަލަކް ހުރިތޯ ބަލަން. އެތާ ހުރި ސެކިއުރިޓީ ބުނީ އައުޓް އޮފް ކަންޓްރީއޯ…..ކޮން ތަނަކަށް ގޮސްގެން ތިއުޅެނީ؟ ޑޯންޓް ޓެލް މީ އިޓްސް މޯލްޑިވްސް އަގެއިން. މުޅި ދުނިޔޭގަ ވެސް އޮތް އެންމެ ފޫހި ތަން އެއީ….” ލީނާ ވާހަކަ ދެއްކި ރާގުން ފަލަކްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“އައުޓް އޮފް ދުބާއީގަ މިއުޅެނީ. ދެން ކޮންމެ ގޮތެއްވިޔަސް ބޭނުންވާ ސާރވިސް ބުނެދިނީމަ އަހަރެން މަހްރީންއަށް އަންގައިގެން އޭތި ކުރިއަށް ގެންގޮސްދޭނަން…” ފަލަކް މަޢުޟޫއިން ބޭރުވާން އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ.
“އޮހް! އޯކޭ…..މިފަހަރު ކޮށްދޭންވީ ކަމަކީ، އަހަރުމެންގެ ވެޑިންގް އެނިވާރސަރީއަށް ޕާޓީއެއް ރާވައިދޭންވީ އިނގޭ. އަޑުއެހިން އިންޓީރިއާ ޑިޒައިނިންގްއާ އެކީ އިވެންޓް ޕްލޭނިންގް ވެސް ތި ކުންފުނިން ލޯންޗް ކުރި ވާހަކަ. އަހަރުމެން އެނިވާރސަރީ އެބަ އާދޭ 1 ވީކް ތެރޭ….އެނިވާރސަރީ ސެލެބްރޭޓް ކުރަން ދެމީހުން ވޯލްޑް ޓުއާރއެއްގަ މިއުޅެނީ. އެދުވަސް ޖެހޭއިރު އަހަރުމެން ތިބޭނީ ކެލިފޯރނިއާގަ ހެން ހީވަނީ. އަދި ބޭބް ކައިރިން އަހައި ޔަޤީންކޮށްފަ ބުނާނަން އިނގޭ. އެތާނގަ ޕާޓީ ބާއްވަން ބޭނު-“
“ބަޓް ވެއިޓް! ސޮރީ ޓު ސޭއި ދިސް އެކަމަކު އަދި އަހަރުމެން އިވެންޓް ޕްލޭނިންގްގެ ސާރވިސް އޮފިޝަލްކޮށް ރިލީޒްއެއް ނުކުރަން. އިވެންޓް ޕްލޭނިންގްގެ އޯރޑާސްތައް އަހަރުމެން ނަގަން ފަށާނީ އަންނަ އަހަރުން ކަމަށް ވެބްސައިޓްގަ ވެސް އޮންނާނެ….އިވެންޓް ޕްލޭނިންގްއަށް އަދި އަހަރުމެން ވާންޖެހޭ ވަރަށް ބައިވަރު ތައްޔާރީތައް ނުވެސްވެވޭ!” އެހާ ހިސާބަށް ވާހަކަ ދިޔައިރު ވެފައިވި ނުރުހުމާއިއެކީ ފަލަކްގެ އަޑުވެސް ހަރުވިއެވެ.
“އައި ގެސްޑް ދެޓް ފަލަކް….އެކަމަކު ގާތް އެކުވެރިޔަކަށް މިކަން ކޮށްނުދެވޭނެތަ؟ ކެލިފޯނިއާއަށް ފަލަކްއަށާއި ފަލަކްގެ ސްޓާފުންނަށް އާދެވޭވަރަށް އަހަރެންގެ ހަޒްބެންޑް ފަންޑް ކޮށްދީފާނެއޭ. މި ޕާޓީ ޕްލޭން ކޮށްދީފިއްޔާ ފެމިނިން ޑިޒައިންސް ވަރަށް މާރކެޓް ވެސް ކޮށްދޭނަމޭ….ޔޫ ނޯ މައި ހަޒްބެންޑް ދޯ؟ އަހަރުމެންނަށްޓަކައި ކަމެއް ކޮށްދޭ ކުންފުނިތަކަށް ނުލާހިކު ހެލްޕް ކޮށްދޭނެ…” ލީނާ ދެން ވާހަކަ ދެއްކި ރާގުން ފަލަކާއި އެކީ ފަލަކްގެ ކުންފުނި ވެސް ދަށްކޮށްލަން އުޅުނު ފަދައެވެ. އެ ހިނދު ފަލަކް އައި ރުޅިއާއިއެކީ މޫނުވެސް ރަތްވާ ގޮތްވިއެވެ. އެހެނަސް ވާހަކަ ދެއްކިއިރު އެ ރުޅިވެރިކަން ހާމަވިޔައެއް ނުދިނެވެ.
“ނޯ ތެންކިއު…ލީނާގެ ހަޒްބެންޑްގެ ހެލްޕް ނުލިބުނަސް ފެމިނިން ޑިޒައިންސް ކުރިއަށް ދާނެ އިން ޝާ ﷲ…މިވަގުތު އަޅުގަނޑުމެންނަށް ތި ދަންނަވާ ޚިދުމަތް ދެވޭކަށް ނެތް. ޚިދުމަތް ދެވޭނެ އެހެން ކުންފުންޏެއް ކޮންޓެކްޓް ފޮނުވާލާނަން. ވަރަށް ސަލާމް!”
ފަލަކް އެހެން ބުނެ ލީނާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. އެއަށްފަހު ވެފައިވި ފޫއްސެއްގެ ބޮޑުކަމުން ފޯނު އެ ދިގު ގޮނޑިމައްޗަށް ދޫކޮށްލިއެވެ.
ފަލަކް ލީނާދެކެ ފޫހިވަނީ ހަމައެކަނި އެންމެ ސަބަބަކާއި ހެދިއެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ލީނާއާއި ވާހަކަވެސް ދައްކަން ބޭނުންނުވަނީ ލީނާގެ ކިބައިގައި ހުންނަ ކިބުރުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޙަޤީޤަތުގައި އޭނަގެ ހުރިހާ މުހިއްމު ކަސްޓަމަރުންނާއި ވެސް ގިނައިން ވާހަކަ ދައްކައި އުޅޭނީ މަހްރީންއެވެ. އެހެނަސް މި ލީނާ އޭނަ ބޭނުންވާ ކޮންމެ ޚިދުމަތެއް ހޯދަން ގުޅާނީ ސީދާ ފަލަކަށެވެ. ފަލަކް ނުސީދާކޮށް އޭނައަށް ނުގުޅަން އެތައް ފަހަރު މަތިން ބުނެފައި ވިޔަސް ލީނާ އަޑެއް ނޭހިއެވެ.
އެހެންކަމުން ފަލަކް ލީނާއާއި އެކުވެރިވެވޭތޯ މަސައްކަތް ކުރިއެވެ. އެކި މީހުންގެ މިޒާޖުތައް ތަފާތުވާނެކަން ޤަބޫލުކޮށް ތަފާތު މީހުންނާއި ގުޅުން ދެމެހެއްޓުމަކީ ފަލަކްގެ އާދައަކަށް ވާތީވެއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ލީނާއާއި ދިމާވިތާ 3 އަހަރު ފަހުން ވެސް ފަލަކް އެ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކިތަންމެ މަސައްކަތް ކުރިޔަސް އޭނަގެ ހިތުގައި ލީނާއަށްޓަކައިވީ ފޫހިކަމެވެ. ދިރިއުޅުމާއިމެދު ލީނާ ގެންގުޅޭ ނަޒަރިއްޔާތާއި އޭނަގެ ނަޒަރިއްޔާތު ވަރަށް ތަފާތެވެ. އޭނަ ދެކޭ ގޮތުގައި އަންހެނުން ވެސް އަމިއްލަ ހުނަރުތައް ދަނެގަނެ، އެ ހުނަރުތައް ތަރައްޤީކޮށް ކޮންމެވެސް އާމްދަނީއެއް ހޯދަން މަސައްކަތް ކުރަންޖެހޭނެއެވެ. ފަލަކް އެ ނަޒަރިއްޔާތު ލީނާއާއި ޙިއްސާކޮށް، އަމިއްލަ ކުންފުނިން ޖާގައެއް ހުސްވުމުން އޭނަ ލީނާއަށް ވަޒީފާ ދޭން ވެސް ޚިޔާލު ކުރިއެވެ.
އެހެނަސް ލީނާ އޭގެ ބަދަލުގައި އޭނަ ދަށްކޮށްލުން ނޫންކަމެއް ނުކުރިއެވެ. ފަލަކް އެހާ ބުރަކޮށް މަސައްކަތް ކުރަންޖެހެނީ ފިރިއަކާއި ނުލައި އެކަނިމާއެކަނި އުޅޭތީވެ ކަމަށް ލީނާ ބުންޏެވެ. މުއްސަނދި ފިރިއަކާއިއެކީ އުޅޭ ނަމަ ފަލަކް އަމިއްލައަށް އިނގިލިވެސް ހިއްލަން ނުޖެހޭނެ ކަމަށް ބުނެ ލީނާ ‘ނަސޭޙަތްތެރި’ ވެއެވެ. ފަލަކް އެ ވާހަކަތަކަށް ވެސް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މީހަކާއި އިނުމަކީ އޭނަ ނަފްރަތު ކުރާ ޚިޔާލަކަށް ވާތީވެއެވެ. އަދި އަމުދުން ފިރިހެނަކަށް އެއްވެސް ގޮތަކުން ބަރޯސާވުމަކީ އޭނަގެ ޒަމީރު އެއްގޮތަކަށް ވެސް އެއްބަސްވާ ގޮތަކަށް ނުވާތީވެއެވެ.
އެ ރުޅިވެރިކަމުން ދުރުވުމަށްޓަކައި ފަލަކް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސައިތަށި ހުސްކޮށްލަމުން ކޮޓަރިއަށް ވަނީ، ސިކުނޑި ހަމަޖައްސައިލުމަށް ކަސްރަތު ކުރުމަށެވެ. އެވަގުތު އޭނަގެ ފަހަތުން ބެލްކަންޏަށް ނިކުތް ސްނޯ ވެސް އަނބުރައި ކޮޓަރިއަށް ވަނެވެ.
**
އޭގެ އަނެއް ދުވަހަކީ ހުކުރު ދުވަހަށްވުމުން އަފްޒަލް ހެނދުނުގެ ވަގުތު ނާއިލާއި އެކީ ސްޕޯޓްސް ކާރު ކުޅެން އުޅެއެވެ. ދެމީހުން ދެ ރިމޯޓު ހިފައިގެން ސޯފާގައި ތިބިއިރު ބަލަމުން ދިޔައީ އެންމެ އަވަހަށް ކުރިމަތިން ފެންނަމުން ދިޔަ ފާރާއި ހަމައަށް ކާރު ގެންދެވެނީ ކާކަށްތޯއެވެ. ދެމީހުން ނުހަނު ހީހީފައި ކުޅެމުން ދިޔައިރު ނޫރާ ކާ މޭޒުމަތި ސާފުކުރަމުން ދިޔައެވެ. ދާދި ދެންމެއަކު ނާއިލް އެތާ އިނދެ ސައިބޮއި ނިމިގެން ދިޔައިރު މޭޒުމަތި ހަޑިވެފައި ހުރުމުންނެވެ.
ކުޅުމުގެ ތެރެއިން ނާއިލް އެއްފަރާތުން ފެންނަމުން ދިޔަ ސިޑިއަށް ބަލަން ހުރެ މަޑު އަޑަކުން ތިއްދޮންބެއޭ ކިޔައި ގޮވައިލިއެވެ.
“ލައްބަ…” އަފްޒަލް ޖަވާބު ދިނީ ނާއިލް ވާހަކަ ދެއްކި އަޑުންނެވެ.
“އެތާ މަތީގަ އުޅޭ ދައްތަ އަތުގަ ބުޅަލެއް އޮވޭދޯ؟” ނާއިލް އެހިއެވެ.
“އާނ…”
“އެ ދައްތަ ކައިރި ބުނަންވީއެއްނު ބުޅާ ތިރިއަށް ގެނެސްދޭށޭ؟”
“އާނދޯ؟ އެކަމަކު ކީއްކުރާނީ؟ ހިއެއްނުވޭ އެ ދައްތަ އޭތި ތިރިއަށް ގެންނާނެހެން. އައި ޑޯންޓް ތިންކް ޝީ ޓްރަސްޓްސް އަސް…” ނާއިލަށް ބަލަން އިން އަފްޒަލްގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަގެ އަޑު ސާފުކޮށް އިވެއެވެ.
އަފްޒަލް އެހެން ބުނުމުން އޭނައަށް ނޭނގުނު ސަބަބަކާއި ހުރެ ކުރިމައްޗަށް ނަޒަރު ހުއްޓައިލި ހިނދު އެ ދެލޯ ކުޑަކޮށް ބޮޑުވިއެވެ. އެއީ ކީއްވެތޯ ބަލަން އަފްޒަލް އެދިމާލަށް ބަލައިލި ހިނދު އެތާ ހުއްޓިހުރި ފަލަކް ފެނި އަފްޒަލް ސިހުންވާ ގޮތްވިއެވެ. ނާއިލާއި އެކީ އުޅޭއިރު އަބަދުވެސް މަޖާގޮތެއް ގެންގުޅޭތީ އަފްޒަލަށް ސިއްސައިގެން ދިޔަކަން ދެއްކުމަށް ކުޑަ އަޑެއް ލައްވައިލަމުން ސޯފާ މައްޗަށް ފައި ނެގުނެވެ. އާދައިގެ މަތިން އަފްޒަލްގެ އެފަދަ ޙަރަކާތެއް ފެނުމުން ނާއިލަށް ހެވުނުއިރު، ނުހަނު ސީރިއަސް މޫޑެއްގައި ހުރި ފަލަކަށް ވެސް ނުހެވުނީ ކިރިޔާއެވެ. އެކަން ނުދެއްކުމަށްޓަކައި ފަލަކް ދުރު ބެލިއެއްކަމަކު އަފްޒަލަށް ފަލަކްގެ ހިނިތުންވުން މާ ރަނގަޅަށް ވެސް ފާހަގަވިއެވެ. އެއާއިއެކު ދެންމެ ގެނެވުނު ޙަރަކާތުން ހިސާބަކަށް ގަތް ލަދާއިއެކީ ހިނިތުންވެލީ ހިނދު މޫނު ރަތްވިއެވެ.
“ހައި ނޫރާ…..ސައި ބޮއިފިންތަ؟” ފަލަކް އަފްޒަލާއި ދުރުވުމަށް ނޫރާއާއި ދިމާލަށް ދާންފެށިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ފަލަކާއި ނޫރާއާއި ދެމެދު ވަނީ ގުޅުން ބަދަހިވެފައެވެ.
“އާނ ނާއިލަށް ކާންދެމުން ބޮއިފިން. ފަލަކް ސައިބޮއިފިން؟” ނޫރާ މަސައްކަތުގެ ތެރެއިން ވެސް ހިނިތުންވެލަމުން އެހިއެވެ.
“އާނ އިރުކޮޅެއް ކުރިން ބޮއިގެން ފްރެޝްވެލައިގެން މި އައީ ބޭރަށް ނިކުމެލަން. ނޫރާއަށް އެނގޭތަ ކެޓް ފުޑް ހުންނާނެ ފިހާރައެއް؟ ސްނޯއަށްދޭން އެކޮޅުން ގެނައި ފުޑް ހުސްވެގެން މިއުޅެނީ…” ފަލަކް ބުންޏެވެ.
“ކެޓް ފުޑްދޯ؟ އެހެން ނޭނގެ ބުނާކަށް….” ނޫރާ ބުންޏެވެ.
“ހުޅުމާލޭގެ ކޮންމެވެސް ފިހާރައަކުން ކުރީ ދުވަހު އަހަންނަށް ފެނުނުހެން ހީވަނީ. ގެންގޮސްދީފާނަން. މިއުޅެނީ މަންމަވެސް ބުނެގެން ބައެއް އެއްޗެހި ގަންނަން ދާންވެގެން…” އަފްޒަލް ސޯފާއިން ތެދުވެލަމުން ބުންޏެވެ. އެއާއިއެކު ނާއިލް ވެސް ތެދުވެލަމުން ކޮއްކޮ ގޮވައިގެންނޭ ކިޔަން ފެށިއެވެ.
އެހެނަސް ފަލަކަށް އެ އަޑު ނުއިވުނު ފަދައެވެ. ފަހަތް ބަލައިލަމުން ސީދާ އަފްޒަލަށް ނަޒަރު ހުއްޓައިލެވުނީ އަފްޒަލް ބުނި އެއްޗަކާއިމެދު ހިތްހަމަނުޖެހުނު ހިނދު ހިސާބަކަށް އުފާވެސް ވެގެން ދިޔަ ޙާލުގައެވެ. އުފާވީ ކީއްވެކަމެއް ފަލަކަށް އެއްގޮތަކަށް ވެސް ދޭހައެއް ނުކުރެވުނެވެ.
“އަހަރުމެންނާ އެކީގަތަ ދާނީ؟ ނޫނީ ވަކިންތަ؟” އަފްޒަލް އެހެން ބުނެލީ އާދޭސް ކުރަމުން ދިޔަ ނާއިލް އުރައިލަމުންނެވެ. އަފްޒަލް ބުނި އެއްޗެއް އިވުމުން ނާއިލް ‘ޔެސް’ އޭ ބުނަމުން ދެ އަތް މައްޗަށް ނަގައިލިއެވެ.
“އެކީގަ…” ފަލަކް ލުއި ގޮތަކަށް ބޯޖަހައިލަމުން އެހެން ބުނެލީ، މިއީ ހަމައެކަނި އޭނަގެ ފަސޭހައަކަށް ނިންމާ ނިންމުމެއް ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.
ދަތުރު މަތީގައި ފަލަކް ކާރުގެ ފަހަތު ސީޓުގައި އިންއިރު ނާއިލް އިނީ އަފްޒަލްގެ ކައިރީގައި ކުރީ ސީޓުގައެވެ. ދަތުރު ފަށަމުން އަފްޒަލް އޭނަގެ ފަސްފަހަތުން ނާއިލް ލައްވާ ދަތުރު ދުޢާ ކިޔުއްވި ގޮތުން ވެސް ފަލަކަށް ހިނިތުންވެލެވުނެވެ. ފަލަކް ވެސް ދުޢާ ކިޔައިލީ ނާއިލްގެ ފަހަތުންނެވެ. އެ ދުޢާގެ މާނަ މި ދެމީހުންނަށް އެނގޭތޯ ހިތަށްއެރިއެވެ. އޭނައަށް އިވިފައިވާ ގޮތުގައި ރާއްޖެ މީހުންނަށް މި ކިޔައި އުޅޭ ޒިކުރުތަކުގެ މާނައެއް ނޭނގެއެވެ. އެހެނަސް…..
“އަޅެ ކޮއްކޮ އެ ދުޢާގެ މާނަ ދޮންބެއަށް ހަނދާންކޮށްލަދީބަލަ….” އަފްޒަލް ބުންޏެވެ.
“އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރި ކޮށްދެއްވި ރަސްކަލާނގެ…..ޕާރފެކްޓް ކަމާއެވެ! އަދި އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ…”
“އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ދިޔުންވަނީ….” އަފްޒަލް ކިޔައިލީ ހަމައެކަނި އެހާ ހިސާބަށެވެ. އެއަށްފަހު ދެމީހުން އެކީގައި ‘ﷲ ގެ ޙަޟްރަތަށޭ’ ކިޔައިލިއެވެ.
ނާއިލް ވީ އުފަލާއިއެކީ ‘ޔެސް’ ކިޔައިލި ހިނދު އަފްޒަލް ވަރަށް މޮޅޭ ބުނެލިއެވެ. އެހިނދު ފަލަކަށް ވެސް ހިނިތުންވުމެއްގައި އިނދެވުނެވެ. އަފްޒަލަކީ ވެސް ދީންވެރި ފިރިހެނަކީތާއޭ ހިތަށްއެރިއެވެ.
އެހެނަސް އޭނައަށް މީގެ ކުރިން ފެނިފައި ހުރި ‘ދީންވެރި’ ފިރިހެނުންނާއި އަފްޒަލް ހާދަ ތަފާތެވެ. އޭނައަށް އަންހެން ކުދިންގެ ފަރާތުން އިވިފައިވާ ފަދައިން ދީންވެރި ފިރިހެނުންނަކީ އަދި އިތުރަށް ނުލަފާވެފައި ހަރުކަށި ބައެކެވެ. ވީއިރު އަފްޒަލްގެ ފަރާތުން މި ފެންނަނީ ކޮން ސިފަތަކެއް ހެއްޔެވެ؟ އަފްޒަލް ފެނުނީއްސުރެ އޭނައަށް އަފްޒަލްގެ ފަރާތުން ތަޖުރިބާ ކުރެވިފައިވަނީ އޯގާތެރިކަމާއި، އަޅާލުމާއި ހިތްހެޔޮ ކަމެވެ.
އެކަން އެނގުންވީ ހިނދު ގައިން ހީބިހި ވެސް ނަގާ ގޮތްވިއެވެ. އެހެނަސް ހަމަ އެވަގުތު ހަނދާންވި ކަމަކުން ފަލަކަށް ވާހަކަ ދެކެވުނެވެ.
“ނޫރާއަކީ އަފްޒަލްގެ ދައްތައެއްތަ؟” ފަލަކަށް ސީދާ އެ ސުވާލު ކޮށްލެވުނީ އެކަން އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނައަށް ނޫރާގެ ފަރާތުން ފެނިފައިވާ ބައެއް ކަންތަކުގެ ސަބަބުންނެވެ.
“ނޫނޭ….އެއީ އަހަރެންގެ ދޮންބެގެ ވައިފް. އަހަރެންގެ ފަހަރިއެއް. ކިހިނެއްވީ؟” އަފްޒަލަށް އެ ސުވާލު ކޮށްލެވުނީ ފަހަތުން ފަލަކް ފެނޭތޯ ބަލަމުން ހިސާބަކަށް ނުތަނަވަސްވެސް ވެފައިވާ ޙާލުގައެވެ. ފަލަކަށް އެ ގޭގެ ހުތުރުވެގެންވާ ސިއްރު ފާޅުވީތޯ ހިތަށްއެރިއެވެ.
“ކަމެއް ނުވޭ. ދޮންބެ އެހެން ތަނަކުދޯ އުޅެނީ؟” ފަލަކަށް އަހައިލެވުނެވެ.
“ހުމް….ޢާއްމު ގޮތެއްގަ ނާއިލްގެ ބައްޕި އުޅޭނީ ރިސޯޓުގަ. މި ދުވަސްކޮޅު ހުރީ އުތުރުގެ ރަށަކަށް ގޮއްސަ. ވަރަށް އަވަހަށް އަންނާނެ ގެއަށް. ދޯ ލޯބި؟” އަފްޒަލް ހިނިތުންވާން މަސައްކަތް ކުރަމުން ނާއިލަށް ދޯދިނެވެ. އެހެނަސް ބައްޕަގެ ނަން ގަތުމުން ވެސް އެ ކުއްޖާ ހުރީ ތަބީޢަތް ގޯސްވެފައެވެ. ނޫންކަމަށް ހަދައި ހޫންލައްވައިލުން ނޫންކަމެއް ނުކުރިއެވެ.
ފަލަކަށް އެކަން ނުހަނު ރަނގަޅަށް ފާހަގަވިއެވެ. އެހެނަސް އެކަމާއިމެދު މާ ބޮޑަށް ނުވިސްނެނީސް ނާއިލް ބޭރުން ފެނުނު ބޮޑު ފިހާރައެއް ފެނިފައި އެތަނަށް ހިނގާށޭ ބުނެ ޖޯޝާއިއެކީ ގޮވަން ފެށީ ސީޓުންވެސް ތެދުވެލަމުންނެވެ. އެއާއިއެކު އަނެއްކާވެސް އަފްޒަލް މަޖާ މޫޑަކަށް އެޅުނެވެ. ވަގުތުން ކާރު މަޑުކޮށްލަމުން ނާއިލް ގޮވައިގެން އެ ފިހާރައަށް ދިޔުމަށް ކާރުން ފޭބީ، ފަލަކް ބޭނުންވާ އެއްޗެހި ވެސް އެތާ ހުރެދާނެކަމަށް ބުނަމުންނެވެ.
އަފްޒަލަށް ހީވީ ހަމަ ރަނގަޅަށެވެ. އެ ފިހާރައަށް ވަދެ މާ ދުރަކަށް ނުދެވެނީސް ފަލަކް ބޭނުންވާ ޒާތުގެ ބުޅަލުގެ ކާނާ ފެނުނެވެ. ވީ އުފަލާއިއެކީ ފަލަކް އެ އެއްޗެހި ކުޑަ ވަށިގަނޑަކަށް އަޅަމުން ކައުންޓަރަށް ދާން އުޅުނު ވަގުތު ނާއިލާއި އަފްޒަލްގެ ހުނުމުގެ އަޑު އެއްފަރާތުން އިވުނެވެ. ފަލަކް އެދިމާލަށް ބަލައިލިއިރު އަފްޒަލް ނާއިލް އުރައިލަމުން ފިހާރައިގެ ބޮޑު ޓްރޯލީއެއްގެ މަތީގައި ބަހައްޓަމުން ދުއްވަން ފެށީއެވެ. އަފްޒަލްގެ އެ ޙަރަކާތް ފެނިފައި ވެސް ފަލަކަށް ހިނިތުންވުން ނޫންކަމެއް ނުކުރެވުނެވެ.
އެ މަންޒަރުން އޭނައަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން ކަންނޭނގެއެވެ. ފަލަކް ދެން ގަންނާނެ އެއްޗެއް ނެތެއްކަމަކު، އަފްޒަލް ނާއިލާއިއެކީ ދަމުން ދެމީހުން ވެސް ބޭނުންވާ އެއްޗެހި ގަންނަމުން ދިޔައިރު، ފަލަކަށް ނޫންކަމަށް ހަދައި އެ ދެމީހުންގެ ފަސްފަހަތުން އުޅެވެމުން ދިޔައެވެ. ދާދި ދެންމެއަކު އޭނައަށް ވިސްނެމުން ދިޔައީ ނޫރާއަށް ލިބިފައިވި ޒަޚަމްތަކާއިމެދު ކަމަށްވިޔަސް، އެ ވަގުތު އެ ހަނދާން ނެތިފައިވިއެވެ. ކޮންމެ ގޮތެއްވިޔަސް އެ ޒަޚަމްތަކުގެ ފަހަތުގައި އަފްޒަލްގެ އަތެއް ނުވާނެކަން ޔަޤީން ކުރެވުނީތީވެއެވެ. އެ ނޫންނަމަ ނާއިލް އަފްޒަލާއި އެހާ ގާތުން ނޫޅުނީސްކަން ވެސް ޤަބޫލު ކުރެވުނީތީވެއެވެ. އެކަން ޤަބޫލު ކުރެވުމުން ފަލަކްގެ ހިތަށް ލިބިފައިވީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
ފަލަކް އޭނަގެ އަތުން އެންމެ ކޮތަޅެއް ހިފައިގެން ފިހާރައިން ނިކުތްއިރު އަފްޒަލް އައީ ދެއަތުން ބޮޑު ދެ ކޮތަޅު ހިފައިގެންނެވެ. ނާއިލްވެސް ކުޑަ ކޮތަޅެއް ހިފައިގެން ނިކުމެގެން އައިއިރު އަނގައިގައި ލޮލީ ޕޮޕެއްވިއެވެ. އަފްޒަލް އަވަސްއަވަހަށް ގޮސް ކާރު އަންލޮކް ކޮށްލަމުން ނާއިލް ގާތު ކާރަށް އެރުމަށް އެންގިއެވެ. އަދި ޑިކީ ހުޅުވައިލުމަށްފަހު އޭނަގެ އަތުގައި ހުރި ކޮތަޅުތައް ޑިކީއަށްލިއެވެ. ފަލަކްގެ ވެސް އަތަށް ބަރުވަމުން ދިޔައީތީ އޭނަގެ ކޮތަޅު އަފްޒަލަށް ދޭން ޑިކީގެ ކައިރިއަށް ދިޔައެވެ. އެހިނދު އަފްޒަލް ތީތިވެސް ދޭށޭ ކިޔައި އަތް ދިއްކޮށްލި ހިނދު ފަލަކްގެ ވެސް ދިއްކުރެވިފައިވި އަތުގައި އަތް ޖެހުނެވެ.
އެވަގުތުކޮޅުގައި ދެމީހުންވެސް ހުއްޓުން އެރި ހިނދު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދުވަހުގެ ގަދަވަމުން ދިޔަ އަލީގެ ތެރެއިން އަފްޒަލަށް ފަލަކްގެ ލޯ ފެނިފައި އެހެން ދިމާލަކަށް ނަޒަރު ހިންގަން އުދަގޫވިއެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އިސްޖަހައިލަމުން ފަލަކްގެ ކޮތަޅު ހޯދީ، ﷲ ރުހިވޮޑިގެންނުވާ ފަދަ ގޮތަކަށް އުޅެން އޭނަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވާތީވެއެވެ. ދެ ދުނިޔޭގެ ވެސް ބާއްޖަވެރިކަން އޭނައަށް ލިބުން އޮތީ ﷲ ގެ ލޯބިފުޅު ލިބިގެންކަން ހަނދާން ކުރަމުން ވެސްމެއެވެ.
އަފްޒަލް އޭނައަށް އިތުރަށް ބެލުމެއްނެތި ޑިކީ ލައްޕައިލީ، ފަލަކްގެ ހިތުގައި ޝަކުވާއެއް އުފެދިފައިވާ ޙާލުގައެވެ. އަފްޒަލް އޭނައަށް ނުބަލަނީ ފަހެ ކީއްވެތޯ ހިތަށްއެރިއެވެ. މިއީ ފިރިހެނަކު އޭނައަށް ނުބަލާތީ ހިތުގައި ޝަކުވާ އުފެދުނު ފުރަތަމަ ފަހަރެވެ.
“އަނހަ މިތިބީ ކޮން ބައެއް؟” އަފްޒަލާއި ފަލަކަށް އެކުއެކީގައި ފަހަތް ބަލައިލެވުނީ އެ ދިމާލުން ދަންނަ އަޑެއް އިވުމުންނެވެ. އެހިނދު އެމީހުންނާއި ދިމާލަށް އަންނަމުން ދިޔައީ ހެވި ދިއްލިފައި ހުރި މަޖީދު ނޫން ދެވަނަ މީހެއް ނޫނެވެ.
“އަނހަ މަޖީދުބެ! ބޭރުގަ އުޅޭ ދުވަހެއްތަ ބޭބެ ވެސް؟” މަޖީދު ކައިރިވަމުން ދިޔަހެން އަފްޒަލް އެކުވެރި ރާގަކަށް އެހިއެވެ.
“އާނއެކޭ….ކޮންމެވެސް ބޭހެއް ނުލިބިގެން އެ ލިބޭތޯ ބަލަން ނިކުމެ މިއުޅެނީ. ދެކުދިން ކުރެ އެއް ކުއްޖަކު ބައްޕަގެ ޙާލު ބަލައިލިޔަސް ރަނގަޅުތާ!” މަޖީދު އަފްޒަލާއި ހިނިތުންވެހުރެ ފަލަކަށް ނަޒަރެއް ދިނެވެ. އެހިނދު ފަލަކް އަތް އުރައިގެން ހުރެ ނުރުހުންތެރިކަމާއިއެކީ ދުރަށް ނަޒަރު ހިންގައިލިއެވެ.
“ބޭބެ ބަލީތަ؟” އަފްޒަލް ކަންބޮޑުވުމަކާއިއެކީ ސުވާލުކުރިއެވެ.
“ނޫނޭ ނޫނޭ. އެކަހަލަ ގޮތެއް ނޫން ހެހެ…..އެ ވާހަކަ ބާއްވާފަ ބުނެބަލަ. ފަލަކް އަފްޒަލްގާތު ބުނެފިތަ އަފްޒަލްއާ ފަލަކް އިންނަން ބޭނުންވާ ވާހަކަ؟” މަޖީދު އެ ބުނެލި ވާހަކައާއިއެކީ އަފްޒަލާއި އެއްވަރަށް ފަލަކަށް ވެސް ލިބުނީ ޝޮކެކެވެ.
“ވަޓް؟! ނޯ ބައްޕާ!” ކުރީ ރޭ ބައްޕައާއި ދެއްކި ވާހަކަތައް ހަނދާން ހުއްޓެއްކަމަކު، އަތް ވައްޓައިލަމުން އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އަމިއްލަ ނަފްސު ދިފާޢުކުރަން ބޭނުންވާ ފަދައަކުންނެވެ. އެހިނދު ބައްޕައަށް ހުއްޓައިގެން ހުރި ފަލަކްގެ ލޮލަށް ވެރިވެފައިވީ ރުޅިވެރިކަމެވެ. އަފްޒަލަށް އެ މަންޒަރު ސާފުކޮށް ފެނުނެވެ.
“މިއީ ދޮގެއް؟” މަޖީދު އަހައިލިއެވެ. އެ ހިނދު ވެސް ފަލަކް އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން މަޖީދު އެއްޗެކޭ ބުނަން އުޅުނު ހިނދު އަފްޒަލް ވާހަކަ ދެއްކިއެވެ.
“އެއީ ތެދެއްތަ، ފަލަކް؟” އަފްޒަލް ނުހަނު މަޑުމައިތިރި ކަމާއިއެކީ ސުވާލުކުރިއެވެ. އެހިނދު އަތް މުއްކަވައި ރުޅިން ރަތްވެފައި ހުރި ފަލަކް އަފްޒަލަށް ބަލައިލިއެވެ. ހަމައެއާއިއެކު އެ ލޮލަށް ވެރިވެފައިވި ރުޅިވެރިކަން ފޭދި، އެ ލޯމައްޗަށް ވެރިވެގެން ދިޔައީ ޖަޒުބާތުން ފުރިގެންވި އަސަރެކެވެ.
ނުނިމޭ
Jana
January 4, 2023 @ 4:02 pm
Assalaam’alaikum kiyuntherin! ^_^ Dhen oiy bai Monday ga In Sha Allah <3
Love this story 💕
February 4, 2023 @ 7:57 am
Love this story 💕