ﷲ ގެ ނޫރުފުޅުގެ މިސާލު
اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުއްނޫރު، 35
މި އާޔަތަކީ ޤުރުއާނުގައި ﷲ މިސާލު ޖައްސަވާފައިވާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތެވެ. ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އަޅުގަނޑުމެންނަށް ޢިބްރަތެއްގެ ގޮތުން ﷲ ކޮންމެވެސް އެއްޗެއް، ތަނެއް ނޫނީ ޙާލަތެއް ސިފަކުރައްވައެވެ. ވީއިރު މި އާޔަތްތަކުން އަޅުގަނޑުމެންނަށް ލިބެން އޮތް ޢިބްރަތަކީ ކޮބައިހެއްޔެވެ؟
އެ މިސާލު ޖެއްސެވުމުގެ ކުރިން ﷲ އެންމެ ފުރަތަމަ އެކަލާނގެވަނީ އެކަލާނގެ ޒާތުފުޅު ސިފަކުރައްވާފައެވެ. އެ ޒާތުފުޅު ސިފަކުރެވިފައިވަނީ އުޑުތަކާއި ބިމުގެ ނޫރުގެ ގޮތުގައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މި މިސާލު ދޭހަވުމަށްޓަކައި އެ ނޫރުގެ މުހިއްމުކަމާމެދު އެނގުން މުހިއްމެވެ. ނޫރު ނޫނީ އަލި މުހިއްމުވަނީ ކީއްވެ ހެއްޔެވެ؟ އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރެއިން އެއްސަބަބަކީ ނޫރާއި ނުލާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަށައިގެންވި ކަންތައް ނުފެންނާނެކަމެވެ. ވަށައިގެންވި ދުނިޔެ ކިތަންމެ ރީތިވިޔަސް އަޅުގަނޑުމެންނަށް އެ ރީތިކަން ނުފެންނާނެކަމެވެ. އަޅުގަނޑުމެންނަށް ފެންނަނީ ކިހިނެއް ކަމާމެދު ވެސް ވިސްނުން މުހިއްމެވެ. އަޅުގަނޑުމެންނަށް ފެންނަނީ ދެ ނޫރެއްގެ ސަބަބުންނެވެ. އެއީ ލޮލުގެ ނޫރާއި (ރަނގަޅަށް މަސައްކަތް ކުރާ ދެލޮލާއި) އަޅުގަނޑުމެންގެ ވަށައިގެންވި ނޫރެއްގެ (އަލިކަމެއްގެ) ސަބަބުންނެވެ. މި ދެ ނޫރުން ކުރެ އެއްވެސް ނޫރެއް ނެތިއްޖެނަމަ އަޅުގަނޑުމެންނަކަށް ނުފެންނާނެއެވެ. އަޅުގަނޑުމެންގެ ލޯތައް ރަނގަޅަށް މަސައްކަތް ކުރިޔަސް ވަށައިގެން އެއްވެސް އަލިކަމެއް ނުވާނަމަ އަޅުގަނޑުމެންނަކީ ލޯފަން މީހުންނެކޭ އެއްފަދަ ބައެކެވެ. އަދި އަޅުގަނޑުމެންގެ ވަށައިގެން އަލިކަން ވެފައި އަޅުގަނޑުމެން ލޯފަން ވެއްޖެނަމަ ވެސް އަޅުގަނޑުމެންނަކަށް ނުފެންނާނެއެވެ.
ދެންމެ ބަޔާން ކުރެވިގެން ދިޔައީ އަޅުގަނޑުމެންގެ ޙިއްސުތަކުން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވޭ އަލިކަމުގެ ވާހަކައެވެ. އެހެނަސް މީގެ އިތުރަށް އަޅުގަނޑުމެންނަށް ނުފެންނަ އަލިކަމެއް ވެސް އަޅުގަނޑުމެންގެ މޭތެރޭގައިވެއެވެ. އެއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަންމަމެންގެ ރަޙިމްތެރޭގައި ވަނިކޮށް އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ﷲ ގެ އަމުރުފުޅުން ވައްދާލެވުނު ރޫޙެވެ. މި ރޫޙަށް ދުނިޔޭގެ ޙަޤީޤަތް ސާފުކޮށް “ފެނުމަށް” ވެސް އޭގެ ވަށައިގެން ރޫޙާނީ އަލިކަމެއް ބޭނުންވެއެވެ. އަޅުގަނޑުމެންގެ ލޮލަށް ވެސް އެއްޗެއް ފެނުމަށް ބޭރުން އަންނަ އަލިކަން މުހިއްމުވާ ފަދައިންނެވެ. އަޅުގަނޑުމެންގެ ރޫޙަށް ބޭނުންވާ އެ ބޭރުން އަންނަ ރޫޙާނީ އަލިކަމަކީ ކޮބައި ހެއްޔެވެ؟ އޭގެ ޖަވާބު މި އާޔަތުގައިވާ މިސާލުގެ ފަހަތު ބަޔަށް ގޮސް އަޅުގަނޑު ކިޔައިދޭނަމެވެ.
މި މިސާލުގައި ﷲ ސިފަކުރައްވާފައިވަނީ އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓިފައިވި އާނގެކެވެ. އާނގަކީ ގޭގެ ތެރޭގެ ފާރުގައި އަޑިކޮށް ހަދާފައި ހުންނަ ތަންތަނެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން ބައްތީގެ އަލިކަން މުޅި ގެއަށް ނޫނީ ކޮޓަރިއަށް ފެތުރިގެން ދެއެވެ. (ޚިޔާލު ކުރަން ދަތިވާނަމަ ގޫގުލްގައި niche ސާރޗްކޮށްލަވާ) އެ އާޔަތުގައި ދެން ބުނެވޭ ގޮތުން އެ ބައްތީގެ ވަށައިގެންވަނީ ބިއްލޫރިގަނޑެކެވެ. އެ ބައްތި އަލިގަދަކަމުން އެ ބިއްލޫރިގަނޑުވެސް ހީވަނީ ވިދާ ރަންމުތެއް ހެންނެވެ. ދެން އާޔަތުގައި ސިފަކުރެވިގެންދަނީ ބައްތި ދިއްލިފައިވަނީ ކޮންކަހަލަ ތެލަކުން ކަމެވެ. ސިފަކުރެވިފައިވާ ގޮތުން އެއީ ބަރަކާތްތެރި ޒައިތޫނި ގަހެއްގެ ތެލެވެ. އެ ގަސް ހުރީ އެހާ ހުޅަނގުގައެއް ނޫނެވެ. އަދި އެހާ އިރުމަތީގައެއްވެސް ނޫނެވެ. މީގެ މާނައަކީ މުޅި ދުވަސްތެރޭގައި އެ ގަހަށް ވަރަށް ގިނަ އިރުގެ ދޯދިތައް ލިބޭކަމެވެ. ގަހަކުން ލިބޭ ތެޔޮ ފުރިހަމަވެ މޮޅުވެގެންދަނީ އެއަށް ލިބޭ އިރުގެ ދޯދީގެ މިންވަރުންނެވެ. ވީމާ މި ތެލުގެ ފުރިހަމަކަން އަޅުގަނޑުމެންނަށް އެނގެއެވެ. ފުރިހަމަ ކަމުން ﷲ ސިފަކުރައްވާ ގޮތުގައި އަލިފާން އޭގައި ނުބީހުނަސް އެ ތެޔޮ އަލިވާން ގާތްވެފައިވިކަމެވެ.
މި ހުރިހާ ކަމެއްގެ މާނައަކީ ކޮބައިތޯއެވެ؟ އަނެއްކާވެސް އާޔަތުގައި އެންމެ ފުރަތަމަ ސިފަކުރެވިފައިވާ އާނގުގެ ވާހަކައަށް ދަމާ ހިނގާށެވެ. އާނގުގެ ތަސްވީރެއް ތިބާއަށް ފެނިފައިވާނަމަ އޭތި ބައްޓަން ވެފައިވަނީ އަޅުގަނޑުމެންގެ މޭކަށިގަނޑާއި އެއްގޮތަށްކަން ތިބާއަށް ފާހަގަ ވާނެއެވެ. އެ އާނގުގެ ތެރޭގައި ﷲ ބައްތިއެއް ބެހެއްޓެވިއެވެ. މިއީ އަޅުގަނޑުމެންގެ މޭކަށިގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ހިތް ވާ ކަމުގެ މިސާލެވެ. އެ ބައްތީގެ ތެރޭގައި ވަނީ ވަރަށްވެސް ފުރިހަމަ ތެލެކެވެ. މި ‘ތެޔޮ’ ﷲ ގެ ނޫރުފުޅުގެ ދަށުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެފައި ނޫނީ އެހާ ފުރިހަމަ ވެފައެއްނުވާނެއެވެ. އެ ގަސް ދުވަހުގެ އެތައް އިރެއް ވަންދެން އިރުގެ އަލީގެ ދަށުގައި ހުންނަ ފަދައިންނެވެ. މި ‘ތެލަކީ’ އަޅުގަނޑުމެންގެ ރޫޙުގެ މިސާލެވެ. އަޅުގަނޑުމެންގެ ބައްޕަ އާދަމް (ޢަލައިހިއްސަލާމް) ޚަލްޤު ކުރެއްވީއްސުރެ އަޅުގަނޑުމެންގެ ރޫޙުތައްވީ ﷲ ގެ ޙަޟްރަތުގައެވެ. އެކަލާނގެ ޢަމުރުފުޅުން އަޅުގަނޑުމެންގެ ރޫޙުތައް އަޅުގަނޑުމެންގެ މަންމަމެން ރަޙިމުގެ ތެރޭގައި އަޅުގަނޑުމެން ވަނިކޮށް އަޅުގަނޑުމެންގެ ހަށިގަނޑަށް ވައްދާލެވުމަށް ދާންދެނެވެ. މި ‘ތެޔޮ’ އެހާ ފުރިހަމަ ވެފައި އަލިފާން ނުބީހުނަސް އަލިވާން ގާތްވަނީ އެހެންވެއެވެ. އާޔަތުގައި ދެން އަންނަ ބަސްތައް ސިފަކުރަނީ މި ތެޔޮ އެއާއި ގުޅޭ އައްޔާއި ބައްދަލުވެގެންދާ ވާހަކައެވެ. “ނޫރުން ޢަލާ ނޫރު” އަލިކަމެއްގެ މައްޗަށް ހުރި އަލިކަމެކެވެ. އެ ތެޔޮ އަލިވެގެން ދަނީ ކޮންކަހަލަ އަލިކަމަކުން ހެއްޔެވެ؟ ބޭރުން އަންނަ ރޫޙާނީ އަލިކަމަކީ ކޮބައިހެއްޔެވެ؟ އެއީ ޤުރުއާން ނޫން އެހެން އެއްޗެއް ނޫނެވެ. އެހެނީ ޤުރުއާނުގައި ޤުރުއާނަށް ދެވިފައިވާ އަނެއްނަމަކީ “ނޫރު” އެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ރޫޙު ޤުރުއާނާއި ބައްދަލުވެގެންދިޔުމުން އެ ރޫޙު ބައްތިއެއްހެން އަލިވެގެން ދެއެވެ. އެ ރޫޙަށް ދުނިޔޭގެ ޙަޤީޤަތް އެއްވެސް އޮޅުމެއްނެތި ފެނެއެވެ. ހެވާއި ނުބައިގެ ތަފާތުތައް ސާފުކޮށް ފެނިގެންދެއެވެ. އޭތި އަލިގަދަކަމުން އެ އަލިކަމާއި ހެޔޮކަން އޭގެ ވަށައިގެންވި މާޙައުލަށް ވެސް ފެތުރިގެންދެއެވެ. އަޅުގަނޑުމެން ވާންޖެހެނީ އެކަހަލަ ބަޔަކަށެވެ. މި އަނދިރި ދުވަސްތަކުގައި އަލިކަމެއް ފަތުރައިދޭނެ ފަރާތަކަށެވެ. ދެން ސުވާލަކީ އަޅުގަނޑުމެންގެ ތެރޭގައި އަލިކަމެއްވާނަމަ އަޅުގަނޑުމެންގެ ސަބަބުން އެހެން މީހުންނަށް ހެޔޮކަން ނުލިބެނީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަތުގައި ދެ ސަބަބުން ކުރެ އެއްސަބަބެއް ވެދާނެއެވެ. ފުރަތަމަ ސަބަބަކީ ތިބާ އަދި ބޭރުން ތިބާއާއި ބައްދަލުކޮށް ތިބާ ބައްތިއެއްހެން ދިއްލާލާނެ ނޫރާއި (ޤުރުއާނާއި) ގާތް ނުވެވޭތީވެއެވެ. އެހެންނޫނީ އެ ބައްތީގެ ވަށައިގެންވި ބިއްލޫރިގަނޑު ހަޑިވަނީ ކަމަށްވެސް ވެދާނެއެވެ. ދުވަސްތައް ފާއިތުވާވަރަކަށް އެ ބިއްލޫރިގަނޑުގައި ކަޅުކުލައިގެ ތިކިތައް އުފެދިގެންދާނެއެވެ. އެއީ ހަމަ ބައްތިއެއްގެ ގޮތެވެ. ފާފަތަކާއި ބެހޭގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަޟްރަތުން އަޅުގަނޑުމެންނަށް އެނގެނީ ކޮންކަމެއް ހެއްޔެވެ؟ ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ހިތުގައި ކަޅުކުލައިގެ ތިތްކެއް ޖެހޭ ވާހަކައެވެ. މި ތިކިތައް ފިލުވޭނީ ހެޔޮ ޢަމަލުތައްކޮށް ތައުބާވުމުންނެވެ. މިގޮތުން ދުވަހެއްގެ ތެރޭގައި މަދުވެގެން 5 ފަހަރު އަޅުގަނޑުމެން އެ ބިއްލޫރިގަނޑު ސާފުކުރަން ޖެހެއެވެ. އެއީ 5 ނަމާދު ކޮށްގެންނެވެ. އަދި އިތުރަށް ސާފުކުރަން ބޭނުންނަމަ އިތުރު ހެޔޮ ޢަމަލުތައް ކުރުން މުހިއްމެވެ.
ހަމައެކަނި ބައްތިއަކުން އަޅުގަނޑުމެންނަށް ލިބިދެވޭ ފިލާވަޅުތައް ވެސް ހާދަ ގިނައެވެ! މިއީ އަޖާއިބު ކުރުވަނިވި ކަމެއްނޫންތޯއެވެ؟ އެހެނަސް މިއީ ﷲ ގެ ބަސްފުޅުގެ ޒާތެވެ. ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެއްވެސް މިސާލަކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެކަލާނގެ މިސާލުތައް ޖައްސަވަނީ އަޅުގަނޑުމެން ވިސްނުމަށްޓަކައެވެ. އަދި އަޅުގަނޑުމެން ހަނދުމަ ކުރުމަށްޓަކައެވެ.
އަޅަމެންނަކީ ﷲ ބާއްވައިލެއްވި ނޫރުން އަލިވެގެންދާ ބަޔަކުކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި