ނަފްސީ (އެކާވީސްވަނަ ބައި)
“ކްލިނިކުން ގުޅަނީ. ކަމެއް ދިމާވީބާ؟ ހެލޯ؟” ހިލްޔާ ފޯނަށް ބަލަން އިނދެފައި ދެވަނަ ވިސްނުމެއް ނެތި ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. އެއާއިއެކު އެކޮޅުން އިވުނީ ދާނިޝްގެ އަޑެވެ.
“ހިލްޔާ ވަރަށް އަވަހަށް ކްލިނިކަށް އާދޭ. ވަރަށް ބޮޑަށް ނޭވާ ހާސްވެގެން އައި ކުޑަކުއްޖެއް އެމަޖެންސީގަ އެބައޮތް.” ދާނިޝް އެ ބުނި ބަސްތަކާއިއެކީ ހިލްޔާގެ ދެލޯ ބޮޑުވިއެވެ.
“މި އަންނަނީ.” ހިލްޔާއަށް އެހެން ބުނެ ވަގުތުން ފޯނު ކަނޑާލެވުނެވެ.
“ކިހިނެއްވީ؟” އެވަގުތު ރާފިލް އެހިއެވެ. ހިލްޔާގެ މޫނުމަތިން ބޮޑުކަމެއް ދިމާވިހެން ހީވުމުންނެވެ.
“އެމަޖެންސީއަށް ކުއްޖަކު ގެނެއްސިޔޯ. ވީ ޝުޑް ގޯ. ރައިޓް ނައު!”
ހިލްޔާ އެހެން ބުނެ ދެވަނަ ވިސްނުމެއް ވެސް ނެތި ތެދުވުމުން، ރާފިލްއަށް ޖެހުނީ ހިތާއި ދެކޮޅަށް ވެސް ތެދުވެލާށެވެ. އެމަޖެންސީއަށް ގެނެވުނު ކުއްޖަކަށް ކޮންމެ ކަމެއް ދިމާވިޔަސް އޭނައަށް ވަރިހަމައެވެ. އޭނަ ބޭނުންވީ ހިލްޔާއާއި އެކު އެ ވަގުތުކޮޅު ދިގު ދެމިގެން ދާށެވެ. އެހެނަސް ހިލްޔާ އެ ނަޒަރިއްޔާތަށް ނުރުހުންވާނެހެން ހީވުމުން، ރެސްޓޯރެންޓުން ނިކުންނަން ދިޔަ ހިލްޔާގެ ފަހަތުން ރާފިލް ވެސް ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ.
ރެސްޓޯރެންޓުން ނިކުތެއްކަމަކު ދެންވެސް ރާފިލް ކަން ކުރަމުން ދިޔައީ އޭނަގެ މަޤްޞަދާއި އެއްގޮތަށެވެ. ކްލިނިކަށް ބާރު ސްޕީޑުގައި ދިޔައީ ވެސް ހިލްޔާގެ ހިތް އަތުލުމަށެވެ. އަދި އެ ދިޔަ މަގުމަތީގައި ވެސް ހިލްޔާ ލައްވާ ކްލިނިކް ގެ ނަރުހަކަށް ގުޅުވައި ކުއްޖާގެ ޙާލަތުގެ ތަފްޞީލު ހޯދީވެސް އެހެންވެއެވެ.
**
“މިއީ ޑޮކްޓަރަކު ވެސް ނެތް ތަނަކީތަ؟ މަގޭ ދަރިފުޅު އެއޮތްގެން މަރުވަނީ!”
ކްލިނިކްގެ ރިސެޕްޝަނަށް އައިސް ހުރި މެދު ޢުމުރުގެ އަންހެނެއްގެ ރުޅިވެރި ބަސްތައް ދާނިޝްއާއި ނާއިފްއަށް އަމާޒުވިއެވެ.
“ޑޮކްޓަރުން އެބަ އާދޭ މިވަގުތު. އަންނަންދެން ނަރުހުން ވެސް އެ ދަނީ އަވަސް ފަރުވާ ދެމުން.” ދާނިޝް ކޮޅަށް ހުރެ މަޑުމައިތިރި އަޑަކުން ބުންޏެވެ. އެވަގުތު އެ ހިތުގައިވީ އަމަށަކު ރުޅިވެރިކަމެއް ނޫނެވެ.
މީގެ 10 މިނެޓް ކުރިން އެ ކުއްޖާ ކްލިނިކަށް ގެނެވުމާއިއެކު ދާނިޝް ގުޅީ ރާފިލްއަށެވެ. އެމަޖެންސީއަށް ގެންނަ މީހުން ބަލަން ޖެހެނީ މެޑިކަލް އޮފިސަރުންނަށް ވެފައި އެވަގުތު ޑިއުޓީގައި ހުރި މެޑިކަލް އޮފިސަރަކަށް ހުރީ ރާފިލްއަށް ވުމުންނެވެ. އެހެނަސް ރާފިލްއަށް ގުޅާ ގުޅާ ފޯނެއް ނުނަގައެވެ. ހިލްޔާއަށް އެންމެ ފަހުން ގުޅީ ތިން ފަހަރު ގުޅައިގެން ވެސް ރާފިލް ފޯނު ނުނެގުމުންނެވެ.
“ގެނޭ ހަމަ މިވަގުތު ގެނޭ ޑޮކްޓަރަކު!!!” ރޮވިފައިވި އެ މަންމަ ހަޅޭއްލަވަން ފެށިއެވެ. ދާނިޝް އެއަށް ވެސް ޖަވާބެއް ދޭން އުޅުނު ވަގުތު ކްލިނިކްގެ ދޮރު ހުޅުވިގެން ދިޔަ އަޑު އިވުނެވެ. އެއާއިއެކު އެންމެންގެ ނަޒަރު އެ ދިމާލަށް އަމާޒުވިއެވެ.
އެ ދޮރުން ވަދެގެން އައި ރާފިލްގެ ފަހަތުން އަވަސް ފިޔަވަޅުތަކެއްގައި ހިލްޔާ ވެސް ވަން މަންޒަރު ފެނުނެވެ. ރާފިލް ފެނިފައި ހިތްހަމަނުޖެހުނެއްކަމަކު ހިލްޔާ ފެނިފައި ދާނިޝް ގެ ހިތަށް ފިނިކަމެއް ލިބުނެވެ. މި ޙާލަތުގައި ރާފިލްއަށް އިތުބާރު ނުކުރެވުނަސް ހިލްޔާއަށް އިތުބާރު ކުރެވުނެވެ.
“އެ ވަޑައިގެންނެވީ ޑޮކްޓަރުން. މި ވަގުތު އެ ދަނީ އެމަޖެންސީއަށް.” ދާނިޝް އޭނަގެ ކުރިމަތީގައި ހުރި އަންހެން މީހާ ގާތު ބުންޏެވެ. އެއާއިއެކު އެމީހާ ފުން ނޭވާތަކެއް ލަމުން ހިލްޔާ މެންގެ ފަހަތުން އެމަޖެންސީ އާއި ދިމާލަށް ދިޔައެވެ.
ރާފިލް ހުރުމުން ހިލްޔާ ވަކި އެމަޖެންސީއަށް ދާން ނުޖެހުނަސް ހިލްޔާއަށް އެތަނަށް ވަދެވުނީ ބޭއިޚްތިޔާރުގައެވެ. ބަލި މީހުން ބެލުމުގައި މި ދުވަސްކޮޅު ކިތަންމެ ފަރުވާ ކުޑަ ވެފައި ވިޔަސް، އެމަޖެންސީއަށް ގެނެވޭ މީހަކަށް ސަމާލުވުމަކީ ހިލްޔާގެ ކަށީގައި ހަރުލާފައިވާ އާދައަކަށް ވާތީވެއެވެ.
އެނދުމަތީގައި ބޭއްވިފައި އޮތް 10 އަހަރުގެ އަންހެން ކުއްޖާ އެވަގުތު ވެސް އޮކްސިޖަން މާސްކް ގުޅާފައިވިއެވެ. އެހެނަސް އަދިވެސް އެކުއްޖާގެ އޮކްސިޖަން ދައްކަމުން ދިޔައީ ދަށްކޮށެވެ. ފޯނުން ގުޅާފައި ނަރުހުން ދިން މަޢުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ ޢާއްމު ގޮތެއްގައި ނޭވާ ކުރުވާ ކުއްޖެކެވެ. އަދި މިއަދު ކުއްލި ގޮތަކަށް ނޭވާ ކުރުވާން ފެށީ ކުޅުމުގެ ތެރެއިންނެވެ. ކްލިނިކަށް ގެނެވުނީ އިންހޭލާރ ޖަހައިގެން ވެސް ރަނގަޅު ނުވުމުންނެވެ. އަދި އެވަގުތު އެ ކުއްޖާ ވަނީ ދެ ހޭ ދޭތެރޭގައެވެ. އެ ޙާލަތުގައި ދެވިދާނެ އިތުރު ފަރުވާއެއް ވިސްނެވުމާއިއެކު ހިލްޔާއަށް ނަރުހުން ގާތު އެއްޗެކޭ ބުނަން އަނގަ ހުޅުވުނެވެ. އެހެނަސް އޭގެ ކުރިން ރާފިލް ވާހަކަ ދެއްކިއެވެ.
“އޮކްސިޖަން މާސްކަކުން މި ޙާލަތުގަ ފުދޭނެ ހެނެއް ހިއެއް ނުވޭ. އިންޓިއުބޭޝަންއަށް ދާންޖެހޭނީ.”
ރާފިލް އެ ބުނެލި ބަސްތަކުން ހިލްޔާއަށް ލިބުނު ޝޮކާއިއެކީ ދެލޯ ބޮޑުވިއެވެ. އިންޓިއުބޭޝަންއަކީ ނޭވާލުން އިންތިހާއަށް ދަށްވުމުން އެހެން ގޮތެއް ނެތުމުން ކަރު ތެރެއަށް ހޮޅި ލެއްވުމެވެ. އޭގެ ކުރިން އައިވީ އިން ބޭސްތަކެއް ދީފައި ވެސް މި ޙާލަތުގައި މި ކުއްޖާގެ ނޭވާލުން ހަމައަކަށް އެޅިދާނެކަން ހިލްޔާއަށް ޔަޤީނާއި ގާތް ކުރެވުނެވެ. މިފަހުން ވެސް އެތައް ބަލި މީހުންނަށް އޭނަ އެފަދައިން ފަރުވާ ދީފައިވުމުންނެވެ.
ހިލްޔާ މިފަހަރު އެއްޗެކޭ ބުނަން އުޅެނިކޮށް އޮކްސިޖަން އިންތިހާއަށް ދަށްވެގެން ދިޔުމުން ކުއްލި ގޮތަކަށް މޮނީޓަރުތަކުން އަޑު ކިޔަން ފެށިއެވެ. އެއާއިއެކު ރާފިލް އެ ކުއްޖާއާއި ގާތަށް ޖެހިލަމުން އެ ކުއްޖާގެ ދެލޯ ހުޅުވައި ވަކިވަކިން ބެލިއެވެ. ކުރިން ނުބުނެވުނަސް ރާފިލް މިފަހަރު މި ކުއްޖާއަށް ދޭންވީ އައިވީއެއް ނޫނީ ބޭސްތައް ކިޔައިދޭނެ ކަމަށް ހިލްޔާއަށް ހީކުރެވުނެވެ.
އެހެނަސް ރާފިލް ދެންވެސް ނަރުހުންނަށް އެއްވެސް އެންގުމެއް ނެތި އެނދުމައްޗަށް އަރައި އެކުއްޖާގެ މޭމަތީގައި ދެއަތް އަޅައި ސީޕީއާރު ދޭން ފެށިއެވެ. އެކަމާއިމެދު ވެސް އަޖާއިބުވެފައި ހިލްޔާއަށް ދެބުމަ ކައިރި ކޮށްގެން ހުރެވުނެވެ. ނޭވާ ކުރުވާ ޙާލަތެއްގައި ސީޕީއާރު ދޭން ޖެހޭނީ އޭނައަށް އެނގިގެން ދޭންވީ ބޭހެއް ނެތް ޙާލަތެއްގައެވެ. ވަކިން ޚާއްސަކޮށް ސީޕީއާރު ނަހަދާ ވާނެ ޙާލަތެއްގައި ކުޑަ ކުއްޖަކަށް ސީޕީއާރު ދިނުމަކީ މޭކަށިގަނޑަށް ވެސް ގެއްލުންވެދާނެ ކަމެކެވެ. އަދި އަމުދުން ގޯސްކޮށް ސީޕީއާރު ހެދިއްޖެނަމަ ނޭވާ ކުރުވާ ކުއްޖެއްގެ ޙާލަތު ގޯސްވެސް ވެދާނެއެވެ. ރާފިލް މި ކުއްޖާއަށް ބޭސް ނުދީ ލަސްތަކެއް މި ކުރަނީ ކީއްވެތޯ ހިތަށްއެރިއެވެ.
ހިލްޔާ ނުހަނު ފުން ކަންބޮޑުވުމެއްގައި ހަދާނެ ގޮތެއް ނޭނގިފައި ވަނިކޮށް މޮނީޓަރުތަކުން އިވެން ފެށި އަޑު މަޑުވިއެވެ. އެހިނދު މޮނީޓަރުތަކުން ފެންނަން ފެށި ނަންބަރުތައް މަތިވާން ފެށުމުން ހިލްޔާއަށް ޙައިރާންކަމާއިއެކީ އެއްފަހަރު އެ ސްކްރީންތަކަށް އަނެއްފަހަރު ރާފިލްއަށް ބަލާލެވުނެވެ. ރާފިލް އެ ދިން ފަރުވާއިން އެ ކުއްޖާގެ ޙާލު ރަނގަޅުވީ ކަން ޤަބޫލު ކުރަންވެސް ދަތިވިއެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ލަސްލަހުން ރާފިލް އެ ކުއްޖާގެ މޭމަތިން އަތް ނަގައި އެނދުން ފޭބިއެވެ. އެހިނދު އެ ކުއްޖާ ވެސް ލަސްލަހުން ލޯ ހުޅުވާލިއެވެ.
“އަދި ކުޑަ އިރުކޮޅަކުން އަލްބިއުޓެރޯލް އިން ނެބިއުލައިޒް ކޮށްލީމަ ރަނގަޅުވާނެ.” ރާފިލް އެ ވާހަކަ ބުނެލީ އެނދު ކައިރި ހުރި ނަރުސް ގާތުގައެވެ. އެއަށްފަހު ރާފިލް އެ ކުއްޖާގެ މަންމައަށް ވެސް ބަލާލަމުން ބޯޖެހިއެވެ. އެވަގުތު ވެސް ރާފިލް އެ ބުނެލީ ހިލްޔާ އެންމެ ހިތްހަމަޖެހޭ ބޭހެއް ނޫނެވެ. އެހެން ބޭހެއް ބުނަން ހިތަށްއެރިއެއްކަމަކު ކުއްޖާގެ މަންމަ ހުއްޓާ، ކުއްޖާ ބެލި ޑޮކްޓަރާއި ދެ ބަސްވެ، ޝައްކު އުފެދޭ ވާހަކައެއް ދައްކަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެ ވާހަކަ ރާފިލް އާއި ފަހުން ދައްކަން ނިންމިއެވެ.
ރާފިލް ދެންވެސް އިރުކޮޅެއް ވަންދެން ކުއްޖާގެ މަންމަ ކުރިއަށް ޖެހި، ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނެވެ. އަދި ކުއްޖާ މިގޮތަށް ނޭވާ ކުރުވާ ޙާލަތްތައް މަދު ކުރުމަށް ކުރެވިދާނެ ކަންތައް ކިޔައިދިނެވެ. ރާފިލް އެތަނުން ނިކުންނަން ޚިޔާލު ކުރީ، އެ ކުއްޖާ ތެދުކުރުވޭ ވަރުވެ، ނެބިއުލައިޒް ވެސް ކުރެވެން ފެށުމުންނެވެ. ހަމަ އެއާއިއެކު ރާފިލް ހިލްޔާ ގާތު ޢިޝާރާތުން ޑިއުޓީއަށް ދިޔައީ ކަމަށް ބުންޏެވެ. ހިލްޔާ ބޯޖަހާލުމުން ރާފިލް އެތަނުން ނިކުމެގެން ދިޔައެވެ. ހިލްޔާ ނިކުމެގެން ދިޔުމުގެ ކުރިން، އެ ބަލި ކުއްޖާގެ ޙާލަތު ރަނގަޅުތޯ ބެލިއެވެ.
ކުއްޖާ ރަނގަޅު ކަމުގެ ޔަޤީންކަން ލިބުމާއިއެކު ހިލްޔާ އެމަޖެންސީ ރޫމުން ނިކުތެވެ. ހިލްޔާ ޚިޔާލުކޮށްގެން ހުރީ އެ ދާ ގޮތަށް ކްލިނިކުން ނިކުމެގެން ދާށެވެ. އެހެނަސް ލޮބީ އޭރިއާއަށް ދެވުމާއިއެކު ރިސެޕްޝަންގައި ކޮޅަށް ހުރި ދާނިޝް ފެނިފައި ފިޔަވަޅުތައް ލަސްވިއެވެ. އެއާއިއެކު އޭނަ ދާނިޝް ގާތު ވާހަކައެއް ބުނަން ޖެހޭ ކަން ހަނދާން ކުރަމުން ރިސެޕްޝަން ކައިރިއަށް ދިޔައެވެ. ކަން ދިމާކުރި ގޮތުން އެވަގުތު ރިސެޕްޝަނަށް އަލަށް ގެނައި ނާއިފް އެތާ ނެތެވެ. ހިލްޔާ ރިސެޕްޝަނާއި ގާތްވުމާއިއެކު ދާނިޝް އިސްއުފުލައި ބެލިއެވެ.
“ތޭންކްސް….މާ ލަސްނުވަނީސް އަހަރުމެންނަށް ގުޅާލި ކަމަށްޓަކައި.” ހިލްޔާ ފެށީ އޭނަ އެންމެ ދައްކަން ބޭނުންވި ވާހަކައިންނެއް ނޫނެވެ. އެހެނަސް ދާނިޝްއަށް އެ ޝުކުރުގެ ބަސްތައް އަދާ ކުރެވުމުން ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ.
“އެއީ އަހަރެންގެ ޒިންމާ ދޯ ކޮންމެ ގޮތެއްވިޔަސް….” ދާނިޝް އެހެން ބުނެ އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ވަގުތު ވެސް ދާނިޝްއަށް ހުރެވުނީ ރާފިލްއާއިމެދު ހިތްހަމަނުޖެހިފައެވެ.
“ކީއްވެ ފުރަތަމަ އަހަންނަށް ގުޅީ؟ މި ބުނީ އެއީ ރާފިލްގެ ޑިއުޓީ ގަޑި ދޯ؟ އެންމެ ފުރަތަމަ ރާފިލްއަށް ދޯ ގުޅަން ޖެހޭނީ؟” ހިލްޔާއަށް އަހާލެވުނެވެ. އެއީ ވެސް ސިކުނޑީގެ ކަނެއްގައި އޮތް ސުވާލަކަށް ވުމުންނެވެ.
“ރާފިލްއަށް ތިން ފަހަރު ގުޅައިގެން ވެސް ފޯނު ނުނެގީމަ ހިލްޔާއަށް ގުޅީ.” ދާނިޝް ސީދާސީދަލަށް ބުންޏެވެ.
“އަސްލުވެސްތަ؟” ހިލްޔާއަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. ދާނިޝް ބޯޖަހާލި ވަގުތު ހިލްޔާގެ ހަނދާނަށް އައީ، ރެސްޓޯރެންޓުގެ މޭޒުމަތީގައި ބަންޑުން ބޭއްވިފައި އޮތް ރާފިލްގެ ފޯނެވެ.
“ރާފިލްގެ ފޯނު ސައިލެންޓަށް ލާފަ ކަންނޭނގެ އޮތީ. ހަމަ ނުފެންނާނީ ރާފިލްއަށް. އެ ނޫންނަމަ ފޯނު ނަގާނެ. އެނީހައު ދެން އަހަރުމެން ނުދާނަން ޑިއުޓީ ގަޑީގަ ބޭރަށް. ދެން މިކަހަލަ ކަމެއް ރިޕީޓެއް ނުވާނެ….ބައްޕަ ކައިރި މި ވާހަކަ ނުބުނައްޗޭ…” ހިލްޔާ އެ ފަހު ބަސްތައް ބުނެލީ ޖެހިލުންވުމަކާއި އެކީގައެވެ. މިއީ އޭނަ ބައްޕައަށް ކަމެއް ސިއްރު ކުރަން އުޅޭ ފުރަތަމަ ފަހަރެވެ. އެކަމާއިމެދު ހިތުގައިވި ނުތަނަވަސްކަން މޫނުމަތިން ނުފޮރުވޭކަން ވެސް ހިލްޔާއަށް ޔަޤީންވިއެވެ.
ހިލްޔާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ދާނިޝް އޭނައަށް ޝައްކުގެ ނަޒަރެއް ދީގެން ހުރެފައި ބޯޖަހާލިއެވެ. ދާނިޝްގެ އެ އެންމެ ޢިޝާރާތުން ހިލްޔާއަށް ތަސައްލީއެއް ލިބުނެވެ. ދާނިޝްއަކީ ވަޢުދު ފުއްދާނެ މީހެއްކަން ހިލްޔާއަށް ޔަޤީން ކުރެވިފައިވާތީވެއެވެ. މިހާތަނަށް ދާނިޝްގެ ފަރާތުން ފެނިފައިވާ ޢަމަލުތަކުންނާއި، ބައްޕަ ދައްކާފައިވާ ވާހަކަތަކުން ދާނިޝް އާއިމެދު ނިންމިފައި އޮތް އެއް ނިންމުމަކީ އެއީއެވެ.
ހިލްޔާއަށް ހީވީ ރަނގަޅަށެވެ. ހިލްޔާ އެހެން ބުނުމުގެ ކުރިން ދާނިޝް ހުރީ ނަހީދުބެ ގާތު އެދުވަހު ހިނގި ކަންތައް ކިޔައިދޭން ކެތްމަދުވެފައެވެ. ރާފިލްއާއިމެދު ނަހީދުބެ ލައްވާ ފިޔަވަޅެއް އަޅުވަން ދާނިޝް ހުރީ ކެތްމަދުވެފައެވެ. އަދި މިއަދު ހިނގި ކަންތަކަކީ ރާފިލްގެ ފަރުވާ ކުޑަކަން ސާބިތުކޮށްދޭ އެއް ހެކިކަން އެނގުންވީ ހިނދު ހިތަށް އުފަލެއް ވެސް ލިބިފައިވިއެވެ. މިއީ ރާފިލްއާއި ބަދަލު ހިފުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށް ޤަބޫލު ކުރެވިފައިވިއެވެ. އެހެނަސް ހިލްޔާގެ އެ ބަސްތަކަށް އާނބަސް ދެވުމުން އޭނަ ދެން ނަހީދުބެ ގާތު އެ ވާހަކަ ނުބުނަން ނިންމިއެވެ. ނިމާލް ގާތު ރާފިލްގެ ފަރުވާ ކުޑަ ކަމުގެ ވާހަކަ ދެއްކިޔަސް ހިލްޔާގެ ނަން ނުގަންނަން ނިންމިއެވެ. މީގައި ކޮންމެހެން ހިލްޔާގެ ކުށެއް ނެތުމުންނެވެ.
އެހެނަސް ދާނިޝްއަށް ދެންވެސް ވިސްނުނެވެ. ހިލްޔާއާއި ރާފިލް އެކީގައި އޭރު ދިޔައީ ކޮން ތަނަކަށް ކަމާއިމެދު ގައެވެ. އެ ދެމީހުން އެކީގައި ތަންތަނަށް ދާހާ ވަރަށް ގާތްވީތޯ ހިތަށްއެރިއެވެ. ހިލްޔާ އެފަދައިން އުޅެނީ ނަހީދުބެ ގެ ރުހުމާއި އެކީގައިތޯ ހިތް ސުވާލު ކުރިއެވެ. އެކަމާއިމެދު ޝައްކު އުފެދުނެވެ. މިހާތަނަށް ނަހީދުބެ އެނގިފައިވާ މިންވަރުން އެއީ ނަހީދުބެ ރުހޭނެ ކަމެއްހެން ހިއެއް ނުވެއެވެ. ހިލްޔާއާއި ރާފިލްއާއިމެދު ކޮންމެ ފަދަ އެކުވެރިކަމެއް އޮތް ކަމަށް ވިޔަސްމެއެވެ.
އެރޭ 7 ޖެހި ވަގުތު ރާފިލްގެ ބްރޭކް ގަޑިއަށް ދާނިޝް ގޭގައި ހުރެފައި ވެސް ކްލިނިކަށް ދިޔައީ، ނޭނގުމެއްގެ ތެރެއިން ވެސް އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. ކޮންމެ ގޮތެއްވިޔަސް ވަޒީފާގެ މަޤްޞަދަކަށް ވެފައިވީ ޑިއުޓީ ގަޑީގައި ބޭރަށް ނުދިޔުމަށް ރާފިލްއަށް ހަނދާން ކޮށްދިނުމެވެ. ނަހީދުބެ ގާތު މި ވާހަކަ ނުބުނެވޭ ޙާލު، މިއަދު ހިނގި ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އޭނަ މިއަދުން މިއަދަށް އަޅަން ޖެހޭ ފިޔަވަޅަކީ އެއީ ކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.
7 ޖެހިއިރު ދާނިޝް ކްލިނިކަށް ދިޔައިރު ނާއިފް ނުހަނު ފަރިތަ ކަމާއިއެކީ ރިސެޕްޝަންގެ މަސައްކަތް ކުރާތަން ފެނި، ދާނިޝް އުފާކޮށް އޭނައަށް ތަޢުރީފު ކުރިއެވެ. ބްރޭކް ގަޑިއަށް ރާފިލް ނިކުމެގެން އައީ ދާނިޝް ނާއިފާއި ވާހަކަ ދައްކަން ހުއްޓާއެވެ. ރާފިލް ރިސެޕްޝަނަށް ލުއި ނަޒަރެއް ދީފައި ދާން އުޅުނު ވަގުތު ދާނިޝް އޭނައަށް ގޮވާލިއެވެ.
“ޑޮކްޓަރ ރާފިލް!” ދާނިޝް ގޮވާލި ހިނދު ރާފިލް ރިސެޕްޝަން ފަހަނަޅައި ދިޔައީއެވެ. ދާނިޝްގެ އަޑު އިވުމާއިއެކު ރާފިލް ފަސް އެނބުރި ބަލާލިއެވެ. އެއާއިއެކު ދާނިޝް ރިސެޕްޝަންގެ އެއްފަރާތެއްގައި ހުރި ދޮރުން ނިކުމެ ރާފިލްގެ ކައިރިއަށް ދިޔައެވެ.
“ވާހަކައެއް ދައްކާލަން ކުޑަކޮށް މަޑުކޮށްލެއްވިދާނެތަ؟” ދާނިޝް އެހިއެވެ.
އެއާއިއެކު ރާފިލް، ދާނިޝްގެ ބޮލުން ފަށައިގެން ފަޔަށް ނަޒަރެއް ހިންގީ ދާނިޝް ދަށްކުރަން އުޅޭ ފަދައަކުންނެވެ. މިއީ އަދި ތިމަންނައާ ވާހަކަ ދައްކަން ކާކުތޯ ބުނަން އުޅޭ ފަދައަކުންނެވެ. ދާނިޝްއަށް އެ ޢިޝާރާތް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. ފެށުނީއްސުރެ ވެސް ރާފިލް އޭނައަށް ބަލަނީ އެފަދަ ނަޒަރަކުން ކަން ދާނިޝްއަށް ފާހަގަވެފައިވެއެވެ. އެހެނަސް ދާނިޝް އެ ވަގުތު ވެސް އެކަމަށް ފަރުވާލެއް ނެތި، ރާފިލްގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.
“ޝުއާރ…” ރާފިލް ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ބުންޏެވެ. އެއާއިއެކު ދާނިޝް ލޮލާއި ހަމައަށް ދާ ހިނިތުންވުމެއް ދައްކާލަމުން ހިނގާށޭ ބުންޏެވެ.
ދާނިޝް ރާފިލް ގޮވައިގެން ދިޔައީ ކްލިނިކްގެ ކައިރީގައި އޮންނަ ޓާރފް ސަރަޙައްދަށެވެ. މިހާ ހިސާބަށް އައިއިރު އެތާނގައި ކުޑަކުދިން ކުޅޭ ޕާކެއް ހެދިފައިވިއެވެ. ރޭގަނޑުގެ ވަގުތު މަގުގެ ދެފަރާތުގައި ހުރި އަލި ބޮކިތަކުން އެތަން އަލިވެފައިވިއެވެ.
“ވަޓް ޑޫ ޔޫ ވޯންޓް ޓު ސޭ؟” ރާފިލް ކެތް ނުކުރެވިގެން އޭނަގެ އިނގިރޭސި ވިލާތުގެ އިނގިރޭސިން އަހާލައިފިއެވެ. އޭނަގެ މޮޅުކަން ދާނިޝްއަށް ދައްކަން ބޭނުންވެގެންނެވެ. އޭނަ ފަދަ މީހެއްގެ ވަގުތަކީ ބޭކާރު ކުރާ ވަރަށްވުރެ އަގުހުރި އެއްޗެއްކަން ދެއްކުމަށެވެ.
“މިއަދު ހިނގި ޙާދިސާއާއި ގުޅިގެން ހަމަ ކުޑަ ވާހަކައެއް ބުނެލަން ވެގެން. ޑިއުޓީ ގަޑީގަ ބޭރަށް ދަންޏާ އަޅުގަނޑަށް އަންގާފަ ދިޔުން އެދެން. އަދި ޑިއުޓީ ގަޑީގަ ބޭރަށް ދަންޏާ ފޯނު އެވެއިލެބަލް ކޮށް ބެހެއްޓުން އެދެން. މިއަދު ހިނގި ކަމުން ވެސް ޙަޤީޤަތުގަ ކްލިނިކްގެ އިމޭޖަށް އަސަރު ކުރާނެ. މިކަހަލަ ކަމެއް ތަކުރާރު ނުވުން ދޯ ކްލިނިކަށް ވެސް އަދި އަހަރުމެންނަށް ވެސް ރަނގަޅީ؟” ދާނިޝް ނުހަނު މަޑުމައިތިރި އަޑަކުން ވީހާވެސް އިޙްތިރާމާއި އެކީ ބުންޏެވެ. އެ ބުނި ބުނުމުގައި އަމުރެއް ހިމެނުމުގެ ޙައްޤު އޭނައަށް ލިބިފައިވިޔަސް، އަމުރެއް ނުހިމެނީ އޭނައާއި ރާފިލްއަކީ އެއްދަރަޖައެއްގެ ބައެއްކަން ސާބިތުކޮށްދިނުމަށެވެ. އަދި އެންމެން އެކީގައި މަސައްކަތް ކުރަނީ ކްލިނިކްގެ ކުރިއެރުމަށް ކަން ހަނދާން ކޮށްދިނުމަށެވެ.
އެހެނަސް ދާނިޝް އެ ބުނި ބުނުމުން އޭގެ އެއްވެސް ޝުޢޫރެއް ރާފިލްގެ ހިތަށް އައި ހެނެއް ހިއެއް ނުވެއެވެ. ދާނިޝް އެހެން ބުނުމާއިއެކު ރާފިލް އަސަރެއް ނެތް ގޮތަކަށް ހީލައިފިއެވެ. އެއާއިއެކު ދާނިޝްގެ ދެބުމަ ކައިރިވިއެވެ.
“އަހަންނަށް ވާނިންގް އެއް ދޭންވެގެންތަ މިތަނަށް ތި ގެނައީ؟ %#@! ތިއީ ކާކު މަށަށް އަމުރުކުރަން؟ މިތާ ވެރިމީހާތަ ތިއީ؟ ނޫނީ ވެރިމީހާ ކަމަށް ހެދިގެންތަ ތިއުޅެނީ؟” ރާފިލް ހުތުރު ބަސް ހިމަނައިގެން ދައްކަން ފެށި ވާހަކައިން ދާނިޝް ދިޔައީ ޝޮކަކަށެވެ. އެހެނަސް ދެންވެސް މަޑުމައިތިރިކަން ޚިޔާރު ކުރިއެވެ.
“ތިހެން ނުބުނަން އެންމެ ފަހަރަކު ވެސް. އެޑްމިން ގެ ގޮތުގަ ޑޮކްޓާރ ގާތު އަޅުގަނޑަށް މި ވާހަކަ ބުނެވޭނެ. ވަކިން ޚާއްސަކޮށް މިއަދު ހިނގި ކަންތަކަށްފަހު.” ދާނިޝް ރުޅި އަޔަސް ރުޅި މައިތިރިކޮށްގެން ވާހަކަ ދެއްކިއެވެ.
“ހެދޭނެ ކަމެއް ނެތޭ! މާ މަތިވެރިވާން އުޅޭނެ ކަމެއް ނެތް. ތިއީ ހަމައެކަނި އޮފީސް ކުޑަ މޭޒެއްގެ ފަހަތުގަ ހުންނަ ފިރިހެނެއް! ބޮޑު $#&%@ އެއް! ތީނައަށް އެންމެ ބަހެއް ވެސް ނުބުނެވޭނެ މަށާއި ދިމާލަށް. އަނެއްކާ…..އަނެއްކާ ތީނަ ޖޭ ވެގެންތަ ތި ވާހަކަ ތި ދައްކަނީ؟ އަހަރެން ހިލްޔާ އާއިއެކީ ބޭރަށް ދިޔަ މަންޒަރު ފެނިފަ ހިތަށް ކެތް ނުކުރެވިގެން ތި އުޅެނީދޯ؟” ރާފިލް ކުއްލިއަކަށް ވާހަކަ އަނބުރާލިއެވެ. ރާފިލްގެ މަޤްޞަދަކަށް ވެފައިވީ ދާނިޝްގެ އިޙްސާސްތަކާއި ކުޅެ ދާނިޝް ރުޅި އަރުވައިލުމެވެ. އަދި އޭގެ ތެރެއިން ދާނިޝް ލައްވާ ކަތި ފިޔަވަޅެއް އެޅުވުމެވެ. ދާނިޝް އޭނައަށް ހެދުނު ކުށަކަށް އަލި އަޅުވާތީ ދާނިޝް ލައްވާ ކުށެއް ކުރުވަން ބޭނުންވިއެވެ.
ރާފިލްގެ އެ މަޤްޞަދު ކޮންމެވެސް ވަރަކަށް ޙާޞިލުވިއެވެ. ހިލްޔާގެ ނަން ގަނެވުމުން ދާނިޝްގެ މެއަށް ގޮތެއްވެ، ހިމޭންވިއެވެ. ރާފިލް އެހެން ބުނުމުން، މިއަދު ރާފިލްއާއި ހިލްޔާ އެކީ ފެނުނު ވަގުތު ހިތަށް ވެރިވި ޖަޒުބާތުތަކުގެ މަތިން ހަނދާންވިއެވެ. ރާފިލް ހިލްޔާ ގޮވައިގެން ދާތީ ކަންބޮޑުވުމެއް އުފެދުނެވެ. ހަމައެއާއިއެކު ހިތުގެ ކަނެއްގައި ހަސަދަވެރިކަމެއް ވެސް އޮތެވެ. ރާފިލްއާއި އެހާ ގާތުގައި ހިލްޔާ ހުންނާތީވެއެވެ. އެވަގުތު އޭނަ އެ ހަސަދަވެރިކަމުގެ މަތިން ހަނދާން ނައްތާލިއެވެ. އޭނަގެ ހިތުގައި އެހެން ނޫނަސް ހިލްޔާއަށްޓަކައި މާ ބޮޑު އިޙްސާސެއް ނެތްކަމަށް ހިތާހިތުން ކިޔަމުންނެވެ. އެހެނަސް ރާފިލް މި ބުނި ބަސްތަކުން އެ އިޙްސާސް އުތުރި އަރައިގެން ގޮއްސިއެވެ. އެ އިޙްސާސްތަކަކީ ބޮޑު އެއްޗެއްހެން ހީވާން ފެށިއެވެ.
ދާނިޝް އެއްޗެކޭ ނުބުނެވިފައި ހުއްޓާ ރާފިލް މަލާމާތުގެ ޒާތަށް ހީލިއެވެ.
“ހަހަ! އެންމެ ފުރަތަމަ ވެސް އެހެން ބުނި ނަމައެއްނު؟ ޕިސް ޕިސް ޕިސް! ސޯ ޕެތެޓިކް. ނައު ޔޫ ޑޯންޓް ހޭވް އަ ޗާން ވިތް ހާރ. އެއީ އަހަރެން އިންނަން އުޅޭ ކުއްޖާ!” ރާފިލް އެ ބުނެލި ބަސްތަކުން ދާނިޝްއަށް އިތުރު ޝޮކެއް ލިބުނެވެ.
ނުނިމޭ