ނަފްސީ (ހަތްދިހަ ހަތްވަނަ ބައި)
“އެހެންވީމަ ހުރިހާ ބޭފުޅުން ނިންމުމަކަށް ދާން އެއްބަސްވަންޏާ ވޯޓަކަށް ދަމާ.” ދާނިޝް އެންގިއެވެ. އެއާއިއެކު އެންމެންހެން ފައިލު ލައްޕާލަމުން މައިކުގެ ތިރީގައި ހުރި ބަޓަނަށް އަތް ދިއްކުރިއެވެ. ދާނިޝް އޭނަގެ މައިކުގައި ހުރި ބަޓަނުން ފެހި ކުލަ ދިއްލާލުމަށްފަހު ކުރިމައްޗަށް ބަލާލިއިރު ފެނުނު މަންޒަރުން ދާނިޝް ހުއްޓުން އެރިއެވެ. ދާނިޝް ހީކުރީ ފެހި ކުލަ ދިއްލިފައިވާނީ 6 ނޫނީ 7 މައިކުން ކަމަށެވެ. އެހެނަސް އޭނަގެ ދެ ފަރާތުން ފެނުނުހާ މައިކެއްގެ ތިރިން ފެހި ކުލައިގެ ބޮކިތައް ފެނިފައި ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެންމެފަހުން ވޯޓު ނުދީ އިން ޒުވާނާ ވެސް ބަޓަނަށް ފިތާލުމުން ފެނިގެން ދިޔައީ ފެހި ކުލައިގެ ބޮތްކެކެވެ.
ދާނިޝް އިން ގޮތަށް އިންދާ ހުރިހާ މެންބަރުން ވެސް އެ ބޮކިތަކަށް ބަލަމުން ދާނިޝްއަށް ހިނިތުންވުންތައް ހަދިޔާ ކުރިއެވެ. އެހާ ހިސާބުން އެ ބައްދަލުވުން ނިމިގެން ދިޔައީ، ހުރިހާ މެންބަރުން ކޮޅަށް ތެދުވެ ދާނިޝްއަށް މަރުޙަބާ ކިޔައި ސަލާމް ކުރަމުންނެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ދާނިޝްއަށް ހިތާހިތުން ޙަމްދު ކުރެވެމުން ދިޔައެވެ. އޭނައަށް އެ މަޤާމް ލިބުނީ އޭނަގެ ހުނަރުތަކުގެ ސަބަބުން ނޫންކަމާއި، މިއީ ﷲ އޭނައަށް ދެއްވި މަޤާމެއްކަން ސާފުކޮށް އެ ހިތަށް ފަހުމްވެފައިވިއެވެ.
އެ ބައްދަލުވުމުން ނިކުތުމަށްފަހު ދާނިޝް އެ ޚަބަރު ހިލްޔާއަށް ދިނުމަށް ގުޅަން ހިތަށްއެރިއެވެ. އެހެނަސް ދާނިޝް ހިލްޔާއަށް އެ ޚަބަރު ދޭން ބޭނުންވީ ގެއަށް ގޮހެވެ. ހިލްޔާގެ މޫނުމައްޗަށް ވެރިވާ ކުލަވަރު ހަމަ ލޮލަށް ފެނި، ބުނާނެ ބަސްތައް ގާތުން ކަންފަތަށް އިވެން ދާނިޝް ބޭނުންވިއެވެ. އެ ޚިޔާލުތަކުން ވެސް ހިލްޔާ މަތިން ހަނދާންވި މިންވަރުން ދުވަސް ހިނގާލެއް ލަސްކަމާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ.
ކޮންމެ ގޮތެއްވިޔަސް އެދުވަހު ހަވީރު ވެސް ދާނިޝްއަށް ގެއަށް ދެވޭ ގޮތެއް ނުވިއެވެ. ލަސްވާނެ ވާހަކަ ދާނިޝް ހިލްޔާއަށް ގުޅާފައި އެންގިއެވެ. އެދުވަހުގެ ފުރަތަމަ ކޯލަށް ފަހު އޭނަ ގޭގައި ގެންގުޅޭ ފޯނު ނަގާ ކޮންމެ ފަހަރަކު ހިލްޔާގެ ފަރާތުން މެސެޖެއް އައިސްފައި އޮވެއެވެ. އެއްފަހަރު މެންދުރު ކާން އޭނައަށް ހަނދާން ކޮށްދީފައި އޮތްއިރު އަނެއްފަހަރު މެސެޖު ކޮށްފައި އޮތީ ކޮންމެވެސް އެޕަކުން ހިލްޔާ މެންޑަރިން ދަސްކުރަން ފެށި ވާހަކައެވެ. އޭގެއިން ކޮންމެ މެސެޖެއް ފެނިފައި ދާނިޝް ރިޕްލައި ކުރަމުން ދިޔައީ ހިނިތުންވުންތަކެއްގައި ހުރެއެވެ. އޭނަ ސަމާސާއަކަށް ކުރި ކުޑަ ޝަކުވާއެއް ވެސް ހިލްޔާ ބަލައިގަތް ގޮތުން ހިލްޔާ ދެކެ އިތުރަށް ލޯބިވެވުނެވެ. ހިލްޔާގެ ޝަކުވާތައް ވެސް ހަމަ އެފަދައިން އަޑުއަހަން ހިތްވަރެއް ލިބުނެވެ.
ކޮންމެ ގޮތެއްވިޔަސް ގެއަށް ދިޔަ ދަތުރުމަތީގައި ވެސް ދާނިޝް ހިލްޔާ މަތިން ދޭތެރެދޭތެރެއިން ހަނދާންވަމުން ދިޔައެއްކަމަކު ޓެބްލެޓުން އޮފީހުގެ މަސައްކަތް ކުރެވެމުން ދިޔައެވެ. ކުންފުނި ކުރިން އޮތް ހިސާބަށް ނުގެންދެވެނީސް ދާނިޝް ދެން އެ މަސައްކަތް ހުއްޓާލާ ހިތެއް ނުވާނެއެވެ. އެއީ ދާނިޝްގެ ބަލިކަށި ކަމެކެވެ. މަސައްކަތެއް ފަށައިފިނަމަ ދެން އެ މަސައްކަތާއިމެދު ފިކުރުކުރުން ހުއްޓާލަން ޖެހެނީ ގަދަކަމުންނެވެ. ދަތުރުމަތީގައި ވަރުބަލިވެފައިވިކަން އިޙްސާސްވުމުން ވެސް ގަދަކަމުން ލޯ ހުޅުވައިގެން ޓެބްލެޓުން ފައިލްތައް ކިޔެމުން ދިޔައެވެ. އެ ސިކުނޑިއަށް އަރާމުކުރަންވީ ގޮތް ހަނދާން ނެތިފައިވި ފަދައެވެ.
ރޭގަނޑު 9 ޖަހަމުން ދިޔަ ވަގުތު ދާނިޝްގެ ކާރު ގޭގެ މައިދޮރު މަތީގައި މަޑު ކުރެވިގެން ދިޔައީ ދާނިޝް މިފަދަ ޙާލެއްގައި ވަނިކޮށެވެ. ގެއަށް ދެވުނުކަން އެނގުންވުމާއިއެކު ވާތް ފަރާތަށް ނަޒަރެއް ދިނުމުން ކާރުގެ ކުޑަދޮރުން ގޭގެ މައިދޮރު ފެނުމާއިއެކު ވެސް ދާނިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިސާހިތަކު އަތުގައި އޮތް ޓެބްލެޓް ކުރިމަތީގައި ހުރި ސީޓުގައިވާ ޖީބަކަށް ލުމަށްފަހު ހިނިތުންވުމަކާއެކީ ކާރުން ފޭބިއެވެ.
ކާރުން ފޭބުމަށްފަހު ދާނިޝް މައިދޮރު ކައިރިއަށް ގޮސް ސެކިއުރިޓީ ކޯޑު ޖަހާލިއިރު ގެއަށް ވަންނަން ހިތް ކެތްމަދުވެފައިވިއެވެ. ގެއަށް ވަންނައިރު ކިޔާ ދުޢާ ކިޔާލުމަށްފަހު ގެއަށް ވަދެ ދޮރު ލައްޕާލި ވަގުތު އޭނަގެ ހިތް އެދިއެދި ހުރި ސޫރަ ފެނުނެވެ. ކަނާތް ފަރާތުގައިވާ ސިޑިބަރިން ފައިބަމުން ހިލްޔާ ދިޔައެވެ. ސިޑިބަރީގައި އެންމެ ފަހަށް ތިންވަނައަށް ހުރި ހަރުފަތާއި ހަމަވި ހިލްޔާއަށް އޭނަ ފެނުމާއިއެކު އެތާ ހުއްޓި ހުރެ ހިނިތުންވެލައިފިއެވެ. ރަތްކުލައިގެ އަތްކުރު ހަވީރީ މައްޗަކާއި ނޫކުލައިގެ ޖިންސެއްގައި ހިލްޔާ ހުރިއިރު، ކްލޯ ކްލިޕަކުން އިސްތަށިގަނޑު ހައްޔަރު ކުރެވިފައިވިއެވެ. އެ މަންޒަރު ފެނި، އާގަމަވެފައި ދާނިޝްއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“އަ…އައްސަލާމްޢަލައިކުމް. މިއީ ކޮން ކުއްޖެއްތަ އަނެއްކާ މިގެއަށް އައިސްގެން މިއުޅެނީ؟” ދާނިޝް ކުރިއަށް ހިނގައިގަންނަމުން އެހިއެވެ.
“ހެހެ….ވަޢަލައިކުމުއްސަލާމް. ހަމަ ނޭނގުނު؟” ހިލްޔާ ދެންވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ދާނިޝްގެ ގާތަށް ދަމުން އެހިއެވެ.
“ނޭނގުނު. އެހެންޏާ ގޭގަ ހުންނަނީ ޓީޝާޓާއި ހަރުވާޅު ލައިގެން ހުންނަ ކުއްޖެއް. މިއަދު މުޅިން އާ ކުއްޖެއް ހުރިހެން ހީވަނީ. ތަނަކަށް ދާންތަ އަނެއްކާ ތިއުޅެނީ؟” ހިލްޔާ އާއި ގާތްވެގެން ދިޔަދިޔަހެން ދާނިޝް ފިޔަވަޅުތައް މަޑުޖައްސާލަމުން އަހާލިއެވެ. އެ ކުރެވުނު ސުވާލުގެ އައިބުކަން ދާނިޝްއަށް އެނގުނީ ކޮށްލެވުނު ފަހުންނެވެ. ހިލްޔާ ބުރުގާ ނާޅާ ހުރެ ވަކި ތަނަކަށް ދާނެ ހެއްޔެވެ؟
“ލާހިކެއްނޫން މިހެން ހުރެ ގެއިން ބޭރަށް ދާކަށް. މިގޭ އެހެން މީހަކު ހުރިނަމަ ކޮޓަރިން ވެސް ނިކުންނަން ނުކެރުނީސް މިހެން ހުރެ. އެކަމަކު މިރޭ ހަމަ ރީތިވެލަން ބޭނުންވީ އެންމެ މީހަކަށްޓަކައި.” ހިލްޔާ ދެ ތިން ފިޔަވަޅު އަޅައި ދާނިޝް އާއި އިތުރަށް ކައިރިވެލަމުން ބުންޏެވެ. އެހިނދު ދާނިޝްއަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ ޚާއްސަކަމެއް އިޙްސާސް ކުރެވުނެވެ. ކުރިމަތިން މި ފެންނަ ރީތިކަން ޚާއްސަ ކުރެވިފައިވަނީ ހަމައެކަނި އޭނައަށް ކަން އެނގުންވުމުން، ދިގުދެމިގެންދާ ވަފާތެރި ލޯތްބެއްގެ ޔަޤީންކަން ވެސް އޭނައަށް ލިބިގެން ދިޔައެވެ.
އެހިނދު ހިތަށް ވެރިވި ޖަޒުބާތުތަކުގެ ސަބަބުން ދާނިޝްއަށް އެއްވެސް އިޚްތިޔާރަކާއި ނުލާ ހިލްޔާ ގެ އަތުގައި ހިފައި ގާތްކޮށްލަމުން އެ ތުނި ހަށިގަނޑުގައި ބައްދާލެވުނެވެ. ހިލްޔާގެ ކޮނޑުގައި ބޯއަޅާލި ވަގުތު، ހިލްޔާ ޖަހައިގެން ހުރި ސެންޓާއި، ހިލްޔާ ބޭނުންކުރާ ލޯޝަން ގެ ވަސް ނޭފަތުގައި ޖެހުމުން ގެއަށް އާދެވުނީކަން އިޙްސާސް ކުރެވުނެވެ. އެވަގުތު ލޯމަރާލުމުން އެ ހުރިގޮތަށް ނުނިދުނީ ވެސް ކިރިޔާއެވެ. ސިކުނޑިއަށް ލިބިގެން ދިޔަ ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.
އެހެނަސް ލަސްލަހުން ދާނިޝް ހިލްޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެ ހިލްޔާއާއި ދުރުވެލީ، އެވަގުތު އޭނައަށް ނިދިއްޖެނަމަ ހިލްޔާއަށް މާ ފަސޭހަ ނުވާނެކަން އެނގުންވެގެންނެވެ. އަދި ދެންވެސް ނިދުމުގެ ކުރިން އެ ސޫރަ ދެކެން ހިތް އެދުނު ވަރުންނެވެ. މިއަދު އެ ސޫރަ ނުފެނި ވަރަށް ވެސް ގިނައިރު ވެފައިވެއެވެ.
“އޮފީހުގެ ފުރަތަމަ ދުވަސް ދިޔައީ ކިހިނެއް؟” ހިލްޔާ ދެންވެސް ނުފިލާ ހިނިތުންވުމަކާއެކީ އެހިއެވެ.
“ރަނގަޅުވާނެއެއްނު މިހާ ލޯބިލޯބި ވައިފްއެއްގެ ހެޔޮ ދުޢާ ލިބިފަ ހުރިއްޔާ؟” ދާނިޝް އޭނަގެ ނިތް ހިލްޔާގެ ނިތުގައި ޖައްސަމުން ބުންޏެވެ.
“ހެހެ….އަލްޙަމްދުލި ﷲ. ތިހެންވިއްޔާ ބަރާބަރު.” ހިލްޔާ ބުންޏެވެ.
“އަޅެ ހާދަ ދެރަ އެބަވެއޭ ހިލްޔާ ތިހާ ރެޑީ ވެގެން ހުއްޓާ އަހަންނަށް ފްރެޝް ނުވެ ގެއަށް އާދެވުނީމަ. އެހެންޏާ އަހަރެން އަބަދު ގެއަށް އަންނާނީ އެކޮޅުގަ ހުރެ ފެންވަރައިގެން އަދިވެސް އިތުރަށް މަސައްކަތް ކޮށްފަ. އެކަމަކު އަވަހަށް ގެއަށް އަންނަ ހިތުން ފެން ވެސް ނުވަރާ މިއައީ.” ދާނިޝް ކިޔައިދިނެވެ.
“އޯހް…އެހެންވީމަ ފްރެޝްވެލަން ބޭނުންވަނީ ދޯ ދާން؟ މައްޗަށް ގޮއްސަ ފްރެޝް ވެލާ. އޭރުން ދެމީހުންނަށް އެކީގަ ޑިނާރ ނެގިދާނެދާނެއެއްނު؟” ހިލްޔާ ބުންޏެވެ. ދަތުރުމަތިން ދާނިޝް ވަނީ ރޭގަނޑު ނުކާ ވާހަކަ ހިލްޔާއަށް އަންގާފައެވެ.
“އަދި މަޑުކޮށްބަލަ. އެހާ ގިނައިރު ވަންދެން ހިލޫ ނުފެނި ހުރެފަ ގެއަށް އައިމަ އަނެއްކާ ތި އުޅެނީ ދުރަށް ފޮނުވާލަން.” ދާނިޝް އެހެން ބުނެ އަނގައަށް ގޮތެއް ހަދާލަމުން ދެރަ މޫނެއް ދެއްކިއެވެ. އެހިނދު ހިލްޔާއަށް ހީލެވުނެވެ.
“އެހެންވީމަ ދާން ބޭނުންވަނީ ކީއްކުރަން؟” ހިލްޔާއަށް ހެވިފައިހުރެ އަހާލެވުނެވެ.
“އާދެބަލަ އިރުކޮޅަކަށް އަހަންނާއެކީ މިތާ އިށީންނަން.” ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ސިޓިންގް ރޫމުގެ ސޯފާތަކާއި ދިމާލަށް ދިޔައެވެ. އަޅިކުލައިގެ އެ ސްޕޮންޖް ސޯފާއާއި ހަމައަށް ދިޔުމުން ދާނިޝް ހިލްޔާގެ އަތުން ދޫކޮށްލިއެވެ. ދާނިޝް ކޯޓު ބޭލުމަށްފަހު ސޯފާގައި އޮށޯވޭ ގޮތަށް ދިގުކޮށް ހުރި ބައިގެ އަތްގަނޑު މަތީގައި ބޭއްވި ވަގުތު، އެ ދިގު ބައިގެ ކައިރީގައި ކަހަލަ ގޮތަކަށް ހިލްޔާ ސޯފާގައި އިށީނެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ދާނިޝް ކަރުގައި އޮތް ޓައި ވެސް ބޭލުމަށްފަހު ޓައި ވެސް ސޯފާގެ އަތްގަނޑުމަތީގައި ބޭއްވިއެވެ.
“އަހަރެން ހީކުރާ ގޮތަށްތަ ވާން މިއުޅެނީ؟” ދާނިޝް ގަމީހުގެ މަތީ ގޮށްތައް ނައްޓަން ފެށި މަންޒަރު ފެނި، ލާނެތް ހިނިތުންވުމަކާއެކީ ހިލްޔާއަށް އަހާލެވުނެވެ. އެއާއިއެކު ދާނިޝްއަށް ހީލެވުނެވެ.
“ނޭނގެ. ކިހިނެއް ހިލޫ ހީކުރަނީ؟” ދާނިޝް ހިލްޔާއާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ އެ ސުވާލު ކުރުމުން ހިލްޔާ ގަތް ލަދާއެކީ މޫނުގައި ދެއަތް އެޅިއެވެ. އެހިނދު ދާނިޝް ހީލަމުން ސޯފާގެ ދިގު ބައިގައި އިށީނެވެ.
“އޭގެ ކުރިން ކުޑަކޮށް ބަލި ފިލުވާލަން ހަމަ ބޭނުންވީ ހިލޫ ކައިރި އިނދެ. އައި ފީލް ޕީސް ވެން އައި ލުކް އެޓް ޔޫ.” ދާނިޝް އެހެން ބުނެލީ، ސޯފާ މައްޗަށް ފައި އަރުވައި އޮށޯވެގެން ކަހަލަ ގޮތަކަށް އޮވެއެވެ. އެ ސޯފާގެ ކޮޅުގައި ތިން ކުޝަން ވުމުން ދާނިޝްގެ ބުރަކަށި ކުޑަކޮށް ސީދާވެފައިވިއެވެ. އެހެންކަމުން ސީދާ އެއްފަރާތަކަށް ބެލުމުން ހިލްޔާ ފެނޭ ގޮތްވިއެވެ.
ދާނިޝް އެހެން ބުނުމުން އިށީނދެ އިން ހިލްޔާ ވެސް ސޯފާ މައްޗަށް ފައި ލަމުން ދާނިޝްއާއި ދިމާލަށް ހިނިތުންވުމަކާއިއެކީ އެނބުރިލިއެވެ. އޭގެ ބަދަލުގައި ދާނިޝްއަށް ވެސް ހިލްޔާއަށް ބަލަން އޮވެ ހިނިތުންވުން ނޫންކަމެއް ނުވިއެވެ.
ވޭތުވެ ދިޔަ ހިމޭންކަމުގެ ވަގުތުކޮޅުގެ ތެރޭގައި ދާނިޝް އެދުވަހު އޮފީހުގައި ހިނގި ކަންތައް ހަނދާންވިއެވެ. އެއާއިއެކު ހިލްޔާއާއި ހިއްސާ ކުރަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ވާހަކަ ދެކެވުނެވެ.
“ހިލޫ އަށް އެނގޭތަ؟ މިއަދު އައި ގޮޓް އެޕޮއިންޓެޑް އޭޒް ސީއީއޯ.” ދާނިޝް ހިލްޔާއަށް ބަލަން އޮވެ ނުހަނު އާދައިގެ ގޮތަކަށް ބުންޏެވެ.
“ޔޫ ވަޓް؟!” ހިލްޔާ ހެވިފައި އިނދެ ހިސާބެއްގެ ޙައިރާންކަން އެކުލެވިފައިވި އަސަރަކާއެކީ ބުންޏެވެ.
“އައި ގޮޓް އެޕޮއިންޓެޑް އޭޒް ސީއީއޯ. ހުރިހާ ބޯޑް މެމްބާރސް ގެ ވޯޓުން ހޮވުނީ.” ދާނިޝް ތަކުރާރުކޮށް ބުންޏެވެ.
“ދެޓްސް ގްރޭޓް ނިއުސް! ޓައިމް ޓު ސެލެބްރޭޓް ދޯ؟ ހެހެ…” ހިލްޔާ ދާނިޝްއަށްޓަކައި އުފާވެފައިވާ ޙާލު ނުހަނު ޖޯޝާއިއެކީ ބުންޏެވެ.
“ނޭނގެ ސެލެބްރޭޓް ކުރަންވީ ކަމެއް.” ދާނިޝް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ސީލިންގްއަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ. އެއާއިއެކު ހިލްޔާގެ ހިނިތުންވުން ވެސް ފަނޑުވިއެވެ.
“އެއީ ކީއްވެ؟ ދާން ބޭނުން ނުވަނީތަ ސީއީއޯ އަކަށް ވާން؟” ހިލްޔާއަށް އަހާލެވުނެވެ. ދާނިޝް އެ މަޤާމް ބޭނުމެއް ނުވާނަމަ ހިލްޔާ ވެސް އެކަން އެގޮތަށް ވާން ބޭނުމެއް ނޫނެވެ.
“ނޫން އިޓްސް ޖަސްޓް ދެޓް….ހިތަށް އަރަނީ އަހަންނަށް މި މަޤާމުގެ ޒިންމާތައް އަދާ ކުރެވޭނެބާއޭ. ވަރަށް ނުތަނަވަސްވޭ އެކަމާމެދު.” ދާނިޝް ދެންވެސް މައްޗަށް ނަޒަރު ހުއްޓައިގެން އޮވެ ބުންޏެވެ.
“ކަމޯން ދާން…ދާން ތިއީ އޯސިސް ވެލްނެސް ސެންޓާރ ނަގާ ކޮޅަށް ޖެހި އެޑްމިން. ޔޫ ގޮޓް ދިސް އިން ޝާ ﷲ!” ހިލްޔާ ހިތްވަރު ދިނެވެ.
“އާނ އެކަމަކު…އޯސިސްގަ އުޅުނީ އެންމެ 30 މުވައްޒަފުން ލައިގެން ދޯ؟ މިތާނގަ އެބައުޅޭ 3000 އަށްވުރެ ގިނަ މުވައްޒަފުން. އަދި އެކި ޤައުމުތަކުގަ. އެ ހުރިހާ އެންމެންގެ ޙައްޤުތަކާއިމެދު ޤިޔާމަތް ދުވަހު އަހަންނާ ސުވާލު ވެވޭނެއޭ ހިތަށް އަރަނީ…” ދާނިޝް ކަންބޮޑުވުން ފާޅު ކުރިއެވެ.
އެހިނދު ދާނިޝްއަށް ބަލަން އިން ހިލްޔާ ހިމޭންވާ ގޮތްވިއެވެ. ދާނިޝްގެ މޫނުމަތިން ވެސް ފާޅުވި އެ ކަންބޮޑުވުން ފެނި ހިލްޔާގެ ހިތުގައި ދާނިޝްއަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ. ދާނިޝްގެ ތަޤްވާވެރިކަން ހިތަށް ގެނެވުނީތީވެއެވެ. ކުޑަވެސް ބޮޑާކަމެއް ދާނިޝްގެ ހިތުގައި ނެތެވެ. އޮތީ ﷲ އަށްޓަކައިވާ ބިރުވެރިކަމާއި ހިތްތިރި ކަމެވެ.
“ދާން….لاَ يُكَلِّفُ اللهُ نَفْسًا إِلاَّ وُسْعَهَا. އެއްވެސް ނަފްސަކަށް އުފުލޭނެ ފަދަ ބުރައެއް ނޫނީ ﷲ އެ ނަފްސަކަށް ނުޖައްސަވާ. ތި ޒިންމާއަކީ ދާން އަށް ނުއުފުލޭ ވަރުގެ ޒިންމާއެއް ނަމަ ތި މަޤާމް ދާންއަށް ނުލިބުނީސް. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް. ކުރިން ވެސް ބުނިހެން މަތީ މަޤާމަކީ ރަނގަޅު ނިޔަތެއްގަ އަދާ ކުރެވިއްޖެނަމަ ޘަވާބު ލިބޭނެ ކަމެއް. އެހެންވީމަ އަހަރެން ބުނާނީ ރަނުގެ ފުރުސަތެކޭ ދާންއަސް ލިބިފަ ތިއޮތީ.” ހިލްޔާ ބުންޏެވެ.
އެހިނދު ދާނިޝް ހިލްޔާއަށް ބަލާލިއެވެ. ހިލްޔާ ހިނިތުންވުމަކާއެކީ ބޯޖަހާލުމުން ލިބުނު ތަސައްލީއާއިއެކު ދާނިޝްއަށް ވެސް ހިނިތުންވެލެވުނެވެ. އަނެއްކާވެސް ބޭއިޚްތިޔާރުގައި ދާނިޝްއަށް ހިލްޔާ ދެކެ ލޯބިވާ ވާހަކަ ބުނެވުނެވެ. އަދި ސޯފާމަތީގައި ބޭއްވިފައި އޮތް ހިލްޔާގެ ކަނާތް އަތުގައި ހިފައި ގާތަށް ގެނެސް އެ އަތުގެ ނުފުށުގައި ބޮސްދެވުނެވެ.
ދުވަސްތައް ފާއިތުވާން ފެށީ މިފަދަ ގޮތަކަށެވެ. ދާނިޝް ހެނދުނު އޮފީހަށް ދާ ގޮތަށް ގެއަށް އަންނަނީ ރޭގަނޑެވެ. ނުވަތަ ހަވީރެވެ. ގެއަށް އައުމުން ހިލްޔާ ފެނުމާއިއެކު ދާނިޝްއަށް ހިތްހަމަޖެހުމެއް ލިބެއެވެ. ހިލްޔާގެ ފަރާތުން ދާނިޝްއަށް ލޯބި ލިބެއެވެ. އެކީގައި ލޮބުވެތި ވަގުތުކޮޅުތައް ހޭދަވެއެވެ.
މިފަދައިން އެއް ހަފްތާ ވޭތުވި ފަހުން ހިލްޔާއަށް އެއްކަލަ ހޮސްޕިޓަލުން ގުޅިއެވެ. އިންޓަވިއުއަށް ހޮވުނު ވާހަކަ އެމީހުން އެންގިއެވެ. އެކަމާއިމެދު ހިލްޔާ އުފާކުރުމުން ދާނިޝް ވެސް އުފާވިއެވެ. ހިލްޔާ އެދުވަހު އިންޓަވިއުއަށް ގެންދިޔައީ ދާނިޝް ކަމަށް ވިޔަސް އަނބުރާ ގެއަށް ގެންދިޔައީ ދާނިޝްގެ ގޭގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. ދާނިޝްއަށް އެހާ އަވަހަށް ގެއަށް ދެވޭ ގޮތް ނުވުމުންނެވެ.
ސުވާލުތަކެއް ކުރެވުނު އެ ފުރަތަމަ އިންޓަވިއުއިން ފާސްވުމަށްފަހު ހިލްޔާ ދެވަނަ އިންޓަވިއުއަށް ވެސް ހޮވުނެވެ. ދެވަނަ އިންޓަވިއުގައި އޭނަގެ ހުނަރުތަކަށް ބެލޭނެކަން ދަނެގެން ހިލްޔާ އެ އިންޓަވިއުއާއި ގާތްވަމުން ދިޔަދިޔަހެން ޑޮކްޓަރީ ހުނަރުތަކާއިމެދު އިތުރަށް ދިރާސާ ކުރިއެވެ. އިންޓަވިއު ގާތްވަމުން ދިޔަ ވަރަކަށް އެކަމަށް ދެވޭ ވަގުތު ގިނަވިއެވެ. އެހެނަސް ދާނިޝް ގެއަށް އަންނަ އެ ވަގުތު ކޮންމެހެން ވެސް ދާނިޝްއަށް ހުސްކޮށް ދެވޭތޯ ހިލްޔާ މަސައްކަތް ކުރިއެވެ. އެވަގުތުކޮޅަކީ ދާނިޝް އޭނަ ފެނުމަށް އެދޭ ވަގުތުކޮޅެއްކަން ފަހުމްވެފައިވާތީވެއެވެ.
އޭގެ ދުވަސްތަކެއްފަހުން ހިލްޔާ ދެވަނަ އިންޓަވިއުއިން ވެސް ފާސްވެ، ޖޫނިއާރ ރެޒިޑެންޓެއްގެ މަޤާމް އެ ހޮސްޕިޓަލުން ލިބުނެވެ. އެ ޚަބަރު ހިލްޔާ ދިނުމުން ހިލްޔާއަށްވުރެ ބޮޑަށް ދާނިޝް އުފާވެ، ފަޚުރުވެރިވިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ޚަބަރު ލިބުނު ރޭ ދާނިޝް އޮފީސް ނިންމައި ވަރުބަލިވެފައި ހުއްޓަސް ހިލްޔާ ގޮވައިގެން ބޭރަށް ކާން ދިޔައެވެ.
ކޮންމެ ގޮތެއްވިޔަސް ހިލްޔާ އެ ޚަބަރު ލިބުނީއްސުރެ ކަންބޮޑުވެފައިވިކަން ދާނިޝްއަށް ފާހަގަވިއެވެ. ދާނިޝް ކުރީކޮޅު ހީކުރީ އެރޭ ހިލްޔާގެ މޫނުމަތިން އެ އަސަރު ފެނުނީ މާ ދަންވި ފަހުން ބޭރަށް ދާތީ ކަމަށެވެ. އެހެނަސް ހިލްޔާ ހޮސްޕިޓަލަށް ދާން އޮތް ފުރަތަމަ ދުވަހު ހެނދުނު ތައްޔާރުވަމުން ދިޔައިރު ވެސް އެ މޫނުމަތިން ދާނިޝްއަށް ފެނުނީ އެ އަސަރެވެ.
“ކިހިނެއްވީތަ ލޯބި؟” ދާނިޝްއަށް އެންމެ ފަހުން ނުހުރެވިގެން އެހެން އަހާލެވުނީ، ދެމީހުން ވެސް ޑިއުޓީއަށް ދާން ތައްޔާރުވެގެން ހެދުން އަޅުވާފައިވާ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ތިއްބާއެވެ. އެހިނދު ހިލްޔާ ކަޅުކުލައިގެ އަބާޔާއާއެކީ ކަޅުކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ދާނިޝް ހުރީ ހުދުކުލައިގެ ގަމީހަކާއި ގަދަ މުށިކުލައިގެ ސޫޓެއް ލައިގެންނެވެ.
“ތިބުނީ؟” އޭނަގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރި ދާނިޝް ކުރި ސުވާލު ހިލްޔާއަށް ފަހުމެއް ނުވިއެވެ.
“ޔޫ ޑޯންޓް ލުކް ހެޕީ. ޖޮބް ލިބުނުކަން އެނގުނު ދުވަހުއްސުރެ. އެ ތަނަށް ދާން ބޭނުން ނުވަނީތަ؟” ދާނިޝް ހިލްޔާގެ މޫނަށް ފަރުވާތެރިކަމާއެކީ ބަލަން ހުރެ ބުންޏެވެ. އެއާއިއެކު ހިލްޔާ އިސްޖަހާލިއެވެ.
“ނޫން ބޭނުންވޭ އެކަމަކު….އައިމް ވޮރީޑް.” ހިލްޔާ ބުންޏެވެ.
“ކޮން ކަމަކާ؟” ދާނިޝްއަށް އަހާލެވުނެވެ.
“ހިތަށްއަރަނީ…ޖޮބަށް ދާން ފެށީމަ އަހަންނަށް ދާންއަށް އެހާ ގިނައިން ޓައިމެއް ނުދެވޭނެއޭ. ނައިޓް ޝިފްޓް ވެސް ހުންނާނެ. ހިތަށްއަރަނީ އެހެންވީމަ ދެމީހުން ދުރުވެދާނެ ހެއްޔޭ. ބިކޯޒް އައި ޑޯންޓް ވޯންޓް ދެޓް.” ހިލްޔާ ދެންވެސް ކަންބޮޑުވެފައިވި މޫނަކާއެކީ ދާނިޝްއަށް ބަލާލަމުން ބުންޏެވެ.
އެހިނދު ދާނިޝްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިލްޔާ އެ ގެންގުޅެމުން އައީ ކިހާ ވަރުބަލި ކުރުވަނިވި ފިކުރެއްކަން އެނގުންވުމުން ދާނިޝްއަށް ވެސް ވަރުބަލިކަން އިޙްސާސް ކުރެވުނެވެ. އެހެނަސް އެވަގުތު ވާހަކަ ދެކެވުނެވެ.
“އަހަރެން ކުރިން ވެސް ހިލޫ ކައިރިން ކުރި ސުވާލެއް ކޮށްލާނަން. ހިލޫ ވޯކް ކުރަން ތިއުޅެނީ ޘަވާބު ލިބޭނެ ފަދަ ހެޔޮ ނިޔަތެއްގަތަ؟” ދާނިޝް ސުވާލު ކުރިއެވެ. އެއާއިއެކު ހިލްޔާ ސިކުންތުކޮޅެއް ވިސްނުމަށްފަހު ބޯޖަހާލިއެވެ.
“ހުމް….އަހަރެން ކޮންމެހެން ވެސް ހޯދަން ބޭނުންވާ ކަމެއް އެބައޮތް…މި ހޮސްޕިޓަލްގަ ވޯކްކޮށްގެން ހޯދޭނެހެން ހީވަނީ.” ހިލްޔާ ބުންޏެވެ. އެއްކަލަ އާފަލުގެ މައްސަލަ ހަނދާނަށް ގެނެވުނެވެ. އެއީ ޚުދު ދާނިޝްގެ ވިޔަފާރިއަށް ވެސް އަސަރު ކުރާނެ ކަމެއްކަން ހަނދާން އާ ކުރެވުނެވެ.
“އެހެންކަމަށްވާނަމަ އައި ވިލް ސަޕޯޓް ޔޫ، އިން ޝާ ﷲ. ކުރިން ވެސް ބުނިހެން. އަހަރުމެންގެ މި ގުޅުމަށް ވަގުތު ދިނުމަކީ ހަމައެކަނި ހިލޫގެ ޒިންމާއެއް ނޫން. އަހަރެންގެ ވެސް ޒިންމާއެއް. ދެމީހުން ވެސް ބިޒީ ޝެޑިއުލްގަ އުޅެންޏާ ދެމީހުން ވެސް ސެކްރިފައިސް ކޮށްގެން ގުޅުން ދެމެހެއްޓޭނީ. ދެމީހުން ވެސް ޓްރައި ކޮށްގެން. އެ އަންޑަސްޓޭންޑިންގް އޮތިއްޔާ ރަނގަޅުވާނެހެން އަހަންނަށް ހީވަނީ އިން ޝާ ﷲ.” ދާނިޝް ބުންޏެވެ. އެ ވާހަކައާއިމެދު އެއްބަސް ވެވުމުން ހިލްޔާއަށް ބޯޖަހާލެވުނެވެ.
“އޯލްސޯ….ދާން އެއްވެސް ކަމަކާމެދު ހިތްހަމަނުޖެހެންޏާ މާ ލަސްނުކޮށް ބުނައްޗޭ. އަހަރެން ވެސް…ބުނާނަން.” ހިލްޔާ ބުންޏެވެ.
“އޮފްކޯސް، އިން ޝާ ﷲ. މިހާރު ވެސް ބުނެލާނަން. ހިލޫ މާ ގިނައިރު ވަންދެން ތިހެން ކަންބޮޑުވެފަ ހުރީމަ އަހަރެން ވަރަށް ދެރަވޭ. އަހަރެން ދެރަވީމަ ހިލޫ ދެރަވާހެން ހިލޫ ވެސް ދެރަވަންޏާ އަހަރެން ދެރަވޭ. ސޯ ސްމައިލް. މުޅި ޢުމުރު ދުވަސް ވަންދެން އެކަކު އަނެކަކު އުފަލުގައި ގެންގުޅެމާ، އިން ޝާ ﷲ.” ދާނިޝް ހިލްޔާގެ މޫނުގައި އެއް އަތުން ހިފަހައްޓާލަމުން ހިނިތުންވުމަކާއެކީ ބުނެލި ވާހަކައިން ހިލްޔާގެ ހިތް ވިރިގެންދާން އުޅުނެވެ. އެ ބަސްތަކުން ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ފިލައިގެން ދިޔުމުން، ހިނިތުންވެލީ ހިނދު، ލޮލުން ކަރުނަތައް ވެސް ނިރާލިއެވެ. އެހިނދު އެއްވެސް އިޚްތިޔާރަކާއި ނުލާ ހިލްޔާއަށް ދާނިޝްގެ ކޯތާފަތުގައި ބޮސްދެވުނެވެ. ހިލްޔާ ދުރުވެލުމުން ދެމީހުންނަށް އެކަކު އަނެކަކާއި ހީލެވުނެވެ.
މިފަދައިން ހިލްޔާ ވަޒީފާއަށް ދިޔުން ފެށިގެން ދިޔައެވެ. ފުރަތަމަ ހަފްތާގައި ދާނިޝްއާއި ހިލްޔާއަށް އެކީގައި އާދައިގެ މަތިން ވަރަށް ގިނަ ވަގުތު ހޭދަކުރެވުނެވެ. ހިލްޔާ ހެނދުނު ޝިފްޓުގައި އުޅޭތީވެއެވެ. ހެނދުނު ދާނިޝް އޮފީހަށް ދާއިރު ދަނީ ހިލްޔާ ގޮވައިގެންނެވެ. ދާނިޝްގެ އޮފީސް މަސައްކަތް ނުނިމެނީސް ހިލްޔާގެ ޑިއުޓީ ނިމިއްޖެނަމަ، ހިލްޔާ ސާރޖަރީ ޑިޕާޓްމެންޓަށް ގޮސް ސާރޖަރީއެއް ބަލަން މަޑުކޮށްލައެވެ. އެކަން ހިލްޔާއަށް ބުރައަކަށް ނުވެއެވެ. އެއީ ކުރާ ހިތްވާ ކަމަކަށް ވާތީވެއެވެ. އަދި އަމުދުން ދާނިޝްއާއި އެކީ އަނބުރާ ގެއަށް ދިޔުމަކީ ހިލްޔާގެ ހިތަށް ލިބޭ ފިނިކަމެކެވެ. ހިލްޔާ ދަތުރުމަތީގައި ހުއްޓުމެއްނެތި ހޮސްޕިޓަލުން އޭނައަށް ފެނުނު ޝައުޤުވެރި ކަންތަކުގެ ވާހަކަ ދާނިޝްއަށް ކިޔައިދެއެވެ. ދާނިޝްއަށް އޭނަ ދައްކާ ވާހަކަތަކުގެ ދެބައިކުޅަ އެއްބައި ވެސް ނޭނގޭނެކަން ހިލްޔާއަށް އެނގުންވެއެވެ. އެހެނަސް ދާނިޝް އޭނަގެ ވާހަކަތައް އަޑުއަހަން އިންނަނީ ހެވިފައެވެ. އެއްދުވަހު ހިލްޔާއަށް އެކަމާމެދު ސުވާލުކޮށްލެވުނެވެ.
“އަސްލު ދާން ވަރަށް ފޫހިވޭ ދޯ އަހަރެން މިހެން ވާހަކަ ދެއްކީމަ؟ އައި މީން ޔޫ ޑޯންޓް އިވެން ނޯ ލެޕެރޯ އާ ސިސްޓޯ އަކީ ކޯޗެއްކަން. ސޮރީ…” ހިލްޔާ ޑްރައިވާރސް ސީޓުގައި އިން ދާނިޝްއަށް ބަލަން އިނދެ ބުންޏެވެ.
“ހެހެ…ޔޫ އާރ ރައިޓް. އަހަންނަށް ނޭނގޭ. އެކަމަކު ހިލޫ އެކްސައިޓްވެފަ ވާހަކަ ދައްކާ އަޑު އަހާ ހިތްވޭ. އަހަންނަށް ނޭނގޭ ކަންތައް ހިލޫއަށް އެނގޭތީ އިމްޕްރެސް ވޭ. އިޓްސް ހޮޓް!” ދާނިޝް އެ ފަހު ބަސްތައް ބުނެލިއިރު އެ ލޮލުގައި ލާނެތް ވިދުވަރެއް ވިއެވެ.
“ހޫނ…ތަންކޮޅެއް އަވަހަށް ގެއަށް ދާން ހިނގާ އެހެންވީމަ.” ހިލްޔާ ބުންޏެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
އެ ހަފްތާގެ ބަންދު ދުވަސްވެގެން ދިޔައީ ހިލްޔާގެ އޮފް ދުވަހަށެވެ. އެހެންކަމުން ހިލްޔާއާއި ދާނިޝްއަށް އެކަކު އަނެކަކާ އެކީ ހޭދަކުރަން މުޅި ދުވަސް ލިބުނެވެ. އެދުވަހު ދެމީހުން ނިންމީ ފިހާރައަކަށް ދާށެވެ. ހިލްޔާގެ ސްމާޓް ވޮޗް ހަލާކުވުމާއި ދެންވެސް ބޭނުންވާ އެހެން އެއްޗެހި ހުރުމުންނެވެ.
އެހެންކަމުން ހިލްޔާއާއި ދާނިޝް އެދުވަހު ދިޔައީ ބެއިޖިންގް ގެ މޯލްއަކަށެވެ. މޯލްގެ އެކި ފިހާރަތަކަށް ވަންނަމުން ގޮސް ދެމީހުން އެތަނުގެ އެންމެ މަތީ ބަޔާއި ހަމައަށް ދިޔައެވެ. މަތީ ބައިގައި ހިލްޔާއާއި އެކީ ހިނގަމުން ދަނިކޮށް ގަޑި ވިއްކާ މަޝްހޫރު ބްރޭންޑެއްގެ ފިހާރައެއް ދާނިޝްއަށް ފެނުނެވެ. ހިލްޔާ ދެން ބޭނުންވަނީ ސްމާޓް ވޮޗެއް ނޫންކަމަށް ހިލްޔާ އޭނަ ގާތު ބުނެފައިވެއެވެ. އެހެންކަމުން އެ ފިހާރަ ހިލްޔާއަށް ދައްކަން ދާނިޝް އުޅުނެވެ. އެހެނަސް އޭގެ ކުރިން އެ ފަންގިފިލާގެ އަނެއްފަރާތުގައި ހުރި ފިހާރައަކަށް ބަލަހައްޓައިގެން ހުރި ހިލްޔާ ވާހަކަ ދެއްކިއެވެ.
“ދާން ބަލާލަބަލަ އެކޮޅުގަ އެހެރީ އަހަރެން ސެންޓާއި ކޮސްމެޓިކްސް ގަންނަ ސްޓޯރ. ހިނގާބަލަ.” ހިލްޔާ ދާނިޝްގެ އަތުގައި ހިފައިގެން އެދުނެވެ. އެހިނދު ދާނިޝްއަށް ޚިޔާލެއް ލިބުނެވެ.
“އޮހް….އެހެންވީމަ ހިލޫ އެކޮޅަށް ދާންވީއެއްނު؟ އަހަރެން މިކޮޅުގަ ހުރި ތަނަކަށް ވަދެލާފަ އެބަ އަންނަން.” ދާނިޝް ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. ދާނިޝް ބޭނުންވީ ގަޑިއެއް ގަނެގެން ގޮސް ހިލްޔާއަށް ‘ސަޕްރައިޒެއް’ ދޭށެވެ. ވަކިން ޚާއްސަކޮށް ހިލްޔާއަށް އެމީހުންނަށް ފަސްދެވިފައި ހުރި ގަޑި ފިހާރަ ފާހަގަ ނުވިހެން ހީވުމުންނެވެ.
“އައި ގެސްޑް. މިހިރަ ޓީޝާޓް ފިހާރައަށް ނުވަދެ ހަމަ ނުހުރެވޭނެ ދޯ؟” ހިލްޔާ އެމީހުންގެ ކައިރީގައި ހުރި ފިހާރައަށް ޢިޝާރާތް ކުރަމުން ބުންޏެވެ. އެއާއިއެކު ދާނިޝްއަށް ހީލެވުނެވެ.
“އޮފްކޯސް! އަހަރެން އަތުގަ އެހާ ވަރަށް ޓީޝާޓް ނެތް. އެކަމަކު ކޮންމެވެސް ކުއްޖަކަށް ވަރަށް ރީތި އަހަރެން ޓީޝާޓް ލީމަ.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާ ހިނިތުންވުމެއްގައި ހުރެ ކަޅި މައްޗަށް ހިންގާލިއެވެ.
“އޯކޭ. އެކަމަކު މާ ލަސްނުކޮށް އަންނައްޗޭ އެކޮޅަށް.” ހިލްޔާ އެދުނެވެ.
“އިން ޝާ ﷲ. ހިލޫ ޝޮޕިންގްކޮށް ނުނިމެނީސް އަންނާނަން.” ދާނިޝް ބުންޏެވެ.
އެއާއިއެކު ހިނިތުންވުންތައް ބަދަލުވުމުން ހިލްޔާ ދާނިޝްއަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެހިނދު ދާނިޝް ދިޔައީ އެއްކަލަ ގަޑި ފިހާރައަށެވެ.
ހިލްޔާ ގޮސް ކޮސްމެޓިކްސް ފިހާރައަށް ވަދެފައި އެކި އެކި ސާމާނަށް ބަލަމުން ދިޔައެވެ. މިގޮތުން އެ ބޮޑު ފިހާރައިގައި ހުރި ސެންޓު ހަރުގަނޑު ކައިރިއަށް ދިޔައެވެ. އާދައިގެ މަތިން ހިލްޔާއަށް ދެވުނީ ގުޑް ގާލް ސެންޓު ފުޅިތަކުގެ ކައިރިއަށެވެ. ކައިވެނި ކުރިއިރު ހިލްޔާ ބޭނުން ކުރަމުން އައި ސެންޓަކީ އެއީއެވެ. ދާނިޝްއަށް އޭގައި މީރުވަސް ދުވާ ކަމަށް ހިލްޔާއަށް ޤަބޫލު ކުރެވޭތީ މިހާރު އެ ސެންޓު ކަމުދަނީ މުޅިން އެހެން ދަރަޖައަކަށެވެ. އެހެންކަމުން ދެވަނަ ވިސްނުމެއްވެސް ނެތި އެ ސެންޓު ފުޅިތަކުގެ ތެރެއިން ކަޅުކުލައާއި ފިޔާތޮށި ކުލަ ހުރި ފުޅި ނެގިއެވެ. އަދި އެވަގުތު ވެސް ސެންޓު އަތުގެ ނުފުށަށް ޖަހައި ވަސް ބަލާލުމުން ހިނިތުންވެލެވުނެވެ. ހަމަ އެވަގުތު ހިލްޔާގެ ވާތް ފަރާތުގައި ހުރި މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ.
“ތި ސެންޓަކީ ޑޭންއަށް އެހާ ކަމުދާނެ ސެންޓެއް ނޫން.” އަންހެނަކު ވާހަކަ ދެއްކި އަޑަށް ހިލްޔާއަށް އެދިމާލަށް ބަލާލެވުނެވެ. އެހިނދު އެތާ ހުއްޓިހުރީ، ފިޔާތޮށި ކުލައާއި މުށިކުލައިގެ މާތައް ހުރި ކަކުލާއި ހަމައަށްވާ އަތެއް ނެތް ހެދުމެއް ލައިގެން ހުރި އަންހެނެކެވެ. ފަން އިސްތަށިގަނޑު ވިހުރިފައިވީއިރު، ދޮންކޮށް ހުރި އެ އަންހެން ކުއްޖާގެ މޭކަޕް ފުރިހަމަކަމާއި، އެ ކުއްޖާގެ ރީތިކަމަށް ހިލްޔާއަށް ވެސް ތަޢުރީފު ކުރެވުނެވެ. އެހިނދު އެއީ އޭނައަށް ކުރިން ފެނިފައިވާ ކުއްޖެއްހެން ހީވިއެވެ. އެހެނަސް ފެނުނީ ކޮން ތަނަކުން ކަމެއް ހަނދާނެއް ނުވިއެވެ. ދެންމެ އެ އަންހެން ކުއްޖާ ބުނި އެއްޗެއް ވެސް ފަހުމްވާ ގޮތެއް ނުވިއެވެ.
“ކީކޭ؟ މި ސެންޓަކީ އެހާ ކަމުދާ ސެންޓެއް ނޫނީތަ؟” ހިލްޔާ އެ ހަރުގަނޑުން ގުޑްގާލްގެ ސެންޓު ފޮށްޓެއް ނަގައި އަތުގައި ހުރި ޓެސްޓަރު ހަރުގަނޑުގައި ބަހައްޓަމުން ހިނިތުންވުމަކާއެކީ އެހިއެވެ. ބޭރު ޤައުމަކުން ދިވެހި އަންހެން ކުއްޖަކު ފެނުނީތީ އުފާ ކުރެވުނެވެ.
“ހިލްޔާގެ ފިރިމީހާ ވާހަކަ. ޑޭންއަށް ކަމުނުދާނެ ތި ކަހަލަ ވަސްތައް. އަންހެން ކުދިން ގައިން ބޮޑަށް ފްލޯރަލް ވަސް ދުވީމަ ހީ ލައިކްސް. އަހަންނަށް އެނގޭނެތާ…އައިމް ހިޒް އެކްސް. ޓްރައި ދިސް.” އެ އަންހެން ކުއްޖާ ދެން ދެއްކި ވާހަކަތަކުން ހިލްޔާގެ ހިނިތުންވުން ފިލައި، ހުއްޓުން އަރާ ގޮތްވިއެވެ. އެ އަންހެން ކުއްޖާ ވާހަކަ ނިންމާލީ އެތާހުރި އަންހެން ގޫޗީ ސެންޓު ފުޅިއެއް ނަގައި އޭނައަށް ދިއްކުރަމުންނެވެ.
ކުރިމަތީގައި ހުއްޓި ހުރީ ކާކުކަން ހިލްޔާއަށް ނަގައިގަނެވުނީ އެ ވަގުތެވެ. ނޫސްތަކުން ދާނިޝްއާއި އެކީ ހުރި އަންހެން ކުއްޖާގެ ސޫރަ ހަނދާންވެ، ޒިވް ގެ ނަން ސިކުނޑިއަށް އައީ ދެނެވެ. އެއާއިއެކު ޒިވް ދެންމެ ދެއްކި ވާހަކައިން އެ އުޅެނީ ކީއްކުރަން ކަން ނަގައިގަނެވުމުން ނުރުހުންވާ ގޮތްވިއެވެ. ޒިވް އެ އުޅެނީ ޒިވް ދާނިޝްއާއި ކައިރިވެފައިވާ މިންވަރު އޭނައަށް އަންގަން ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެ ސުވާލުތަކާއިއެކީ ހިލްޔާ އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ނޯ ތޭންކްސް. އަހަރެން މިއީ މިއަދު ދާން ގެ އަނބިމީހާ. ދާންއަށް އެންމެ ކަމުދާ ވަސްތައް އެނގޭނީ އަހަންނަށް.” ހިލްޔާ ޔަޤީންކަމާއެކީ ބުންޏެވެ. ހިލްޔާގެ ވާހަކަ ނުނިމެނީސް ޒިވް މަލާމާތުގެ ޒާތަކަށް ހީލިއެވެ.
“އޯ އެމް ޖީ ދާން އޭ؟ އިއޫ އެއީ ކޮން ކަހަލަ ނިކް ނޭމްއެއް؟ ހީ އިޒް ޑޭން. ޑޭން! ޑޭން އަށް ކަމުނުދާނެ ތިކަހަލަ މުސްކުޅި ނަންތައް ކިޔުނީމަ. ހީ ސެއިޑް ހިމްސެލްފް. އިންޓަނޭޝަނަލް ފީލްއެއް އަންނަ ނަމެކޭ ނިކް ނޭމަކަށް ވެސް ބޭނުންވަނީ. ގޯޑް!” ޒިވް މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. އެހިނދު ހިލްޔާ އަނގަ ބަންދުވާ ގޮތްވިއެވެ. ދެވަނަ ފަހަރަށް ވެސް ދާނިޝްއަށް ކަމުދާނެ ކަމަށް އޭނައަށް ހީކުރެވިފައިވާ ކަމެއް އެއީ ކަމުނުދާނެ ކަމެއް ކަމަށް ޒިވް ގެ ފަރާތުން އެނގުމުންނެވެ. އެ ސެންޓަކީ ދާނިޝްއަށް ކަމުދާ ސެންޓެއްކަމަށް ކުރިން ދާނިޝް ބުނެފައެއް ނުވެއެވެ. އަދި ހިލްޔާ ދާނިޝްއަށް ގޮވާ ނަމަކީ ދާނިޝްއަށް އެންމެ ކަމުދާ ނަން ކަމެއް ވެސް ދާނިޝް އަމިއްލައަށް ބުނެފައެއް ނުވެއެވެ. ވީއިރު އޭނަ ޒިވް އަށް ރައްދެއް ދޭނީ ކިހިނެއް ހެއްޔެވެ؟
ހިލްޔާ އެއްޗެކޭ ނުބުނެވިފައި ހުއްޓާ ޒިވް އިތުރަށް ވާހަކަ ދެއްކިއެވެ.
“އޯލްސޯ ލުކް އެޓް ޔުއާރ ބޮޑީ. ކިތަންމެ ބޮޑު ހެދުމެއް ލައިގެން ހުއްޓަސް ހިއެއް ނުވޭ ޑޭން ލައިކް ވާ ކަހަލަ ބޮޑީއެއް ތިތާ ހުރިހެން. ހީ އިޒް އެޓްރެކްޓެޑް ޓު އަ ބޮޑީ ލައިކް ދިސް ވަން. ޕްރިސައިސްލީ. ދެން ތިއީ ވައިފް ވީމަ އެޓްރެކްޓްވާ ކަމަށް ހެދިގެން ވެސް ހުރެދާނެ. ހީ އިޒް ލައިކް ދެޓް.” ޒިވް އަމިއްލަ ހަށިގަނޑަށް ޢިޝާރާތް ކުރުމަށްފަހު ޙަމްދަރުދީ ގެ ޒާތަށް ބުންޏެވެ. އެހިނދު ހިލްޔާގެ ވައްޓާލެވިފައިވާ އަތް މުއްކެވުނީ ހިތަށް ވީ އުދަގުލުންނެވެ. ޒިވް އަށް މިހާވަރަށް ދާނިޝް އާއި ބެހޭގޮތުން އެނގިފައިވަނީ އެދެމީހުން ކިހާ ކައިރިވުމުންތޯ ހިތަށްއެރިއެވެ. އެއާއިއެކު އަމިއްލަ ހަށިގަނޑާއި ޒިވްގެ ހަށިގަނޑު އަޅާ ކިޔާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހަމަ ޔަޤީނުން ވެސް އޭނަގެ ހަށިގަނޑުގެ ބައްޓަން އެހާ ރީއްޗެއް ނޫނޭ އެވަގުތު ހިތަށްއެރިއެވެ. ޒިވް އެ ބުނީ ތެދަކަށް ވެދާނެތޯ އެވަގުތު ހިތަށްއެރިއެވެ. އޭނަ ރީތި ނޫނަސް ރީތިކަމަށް ހަދާލައިގެން ދާނިޝް އުޅެނީ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވާން ފެށި ނައްސި ޚިޔާލުތަކުގެ ސަބަބުން ހިލްޔާއަށް އެވަގުތުކޮޅުގެ ނުރައްކާތެރިކަން އިޙްސާސްވިއެވެ. މިއީ އޭނަގެ ކައިވެންޏަށް ނޭދެވޭ އަސަރު ފޯރުވަފާނެ ވަގުތުކޮޅެއްކަން ދަނެގެން ހިލްޔާ ޒިވްއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޒިވްއަށް ރައްދެއް ދޭނެ ގޮތެއް އެވަގުތު ނުވިސްނުމުންނެވެ.
ހިލްޔާ އެހެން އެއްޗެހި ގަންނަން ކުރިން ރާވައިގެން ހުއްޓަސް އެވަގުތު އެ ފިހާރައިގައި ވެސް ހުންނަން ބޭނުން ނުވުމުން ސެންޓު ފުޅިއާއިއެކީ ކައުންޓަރު ކައިރިއަށް ދިޔައެވެ. ހިލްޔާ ހީކުރީ އެހާ ހިސާބުން އޭނަ ޒިވް ގެ ފުށުން ސަލާމަތްވާނެ ކަމަށެވެ. އެހެނަސް ދަބަހުން ނެގި ދާނިޝްގެ ކާޑުން ހިލްޔާ ލާރި ދައްކަން އުޅުނު ވަގުތު ޒިވް އެތަނަށް ވެސް އައިސްފިއެވެ.
“ކާޑު ދީފަ ތަންތަނަށް ފޮނުވާފަ ދޯ ހުންނަނީ؟ ދެޓްސް ސޯ ހިމް. އަންހެން ކުއްޖަކާ ކުޅެން ބޭނުމިއްޔާ ކާޑު ދީފަ ފޮނުވާފަ ހުންނާނީ. އެ އަންހެން ކުއްޖާއަށް ހީވާނެ ދެން ޑޭން އިތުރަށް ލޯބިވާ އެހެން ކުއްޖަކު ނެތްހެން. އެކަމަކު މިކޮޅު އޮފީހުގަ ހުންނާނެ ރައްޓެހިވެގެން އުޅޭ އެހެން ކުއްޖެއް. ޝަންގްހައި ގަ އެހެން ކުއްޖެއް. ޖަޕާނުގަ އެހެން ކުއްޖެއް. ދެންވެސް އޮފީހުގެ ބްރާންޗްތައް ހުންނަ ކޮންމެ ޤައުމަކުން ކުއްޖެއް ހުންނާނެ. އޮފީހުގައޭ ކިޔާފަ އެހާ ގިނައިރު ވަންދެން ގެއަށް ނައިސް ވެސް ހުންނަނީ ހަމަ އަންހެން ކުއްޖަކާ އެކު. ފައިސާވެރި ފިރިހެނުންގެ ގޮތަކީ އެއީދޯ ހަމަ؟” ޒިވް އެހެން ބުނެ ޗޮއްކަނޑަން ފެށިއެވެ. އެ ވާހަކަތައް އިވިފައި ރާފިލް އޭނައާއިމެދު ކަންތައް ކުރިގޮތް ހަނދާންވުމުން ހިލްޔާ މޭނުބައި ކުރިއެވެ. ދާނިޝްއަކީ ވެސް ހަމަ އެކަހަލަ މީހެއްތޯ ހިތަށްއެރިއެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން ހިލްޔާ ހުރީ އެތަނުން ދެވޭލެއް ލަސްވެފައެވެ. އިތުރަށް އެންމެ ވާހަކައެއް ވެސް ޒިވް ގެ ފަރާތުން އިވެން ހިލްޔާ ބޭނުމެއް ނުވިއެވެ.
“ލެޓް މީ ސީ ހައު ކްލޯޒް ޔޫ އާރ ޓު ހިމް. ޑޭން ކިޔައިދިންތަ އަހަންނާ އެކީ ހޮޓެލްގެ ކޮޓަރިއަކަށް ދިޔަ ރޭގެ ވާހަކަ؟” ހިލްޔާ ކައުންޓަރު މަތީގައި ހުރި އޭނަގެ ކޮތަޅު ނަގައި އަނެއް ފަރާތަށް އެނބުރެން އުޅުނު ވަގުތު ކޮށްލި ސުވާލުން ހިލްޔާއަށް ޒިވް އާއި ދިމާލަށް ބަލާލެވުނެވެ.
“ން…ނުބުނޭ.” ދެބުމަ ކައިރިވެފައި ހުރެ ހިލްޔާއަށް ބުނެވުނެވެ. އެހިނދު ޒިވްއަށް ރައްދެއް ދެވުނީތީވެސް އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ދާނިޝް ދިފާޢު ކުރުމެއް ނެތި ދާނިޝްގެ ނޭދެވޭ ވާހަކަތައް އަޑުއަހައިގެން އޭނަ ހުރެގެން ނުވާނެއެވެ. އެހެނަސް ޒިވް މިހުރިހާއިރު ދެއްކި ވާހަކަތަކުން ހިތަށް ވެރިވި ޖަޒުބާތުތަކުގެ ސަބަބުން ހިލްޔާގެ ހިތް ބަލިކަށިވެފައިވިއެވެ.
“އޯ…އެމް..ޖީ! ހަމަ ނުބުނޭ؟ މޭއި ބީ އެ ވާހަކަ ބުނީމަ ތި ކައިވެނި ނިމުމަކަށް އައިސްދާނެތީ ކަންނޭނގެ ނުބުނީ. އެއީ ދެ އަހަރު ކުރިން. ޑޭން އަހަންނަށް އިންވައިޓް ކުރީ ހުޅުމާލޭގެ ހޮޓަލެއްގެ ރެސްޓޯރެންޓަކަށް ޑޭޓަކަށް ދާން. ޑޭޓް ނިމުނީމަ ދާނިޝް އަހަރެން ގޮވައިގެން އަމިއްލައަށް ގޮސް ކޮޓަރިއެއް ބުކް ކުރީ. ދެމީހުން އެކީގަ ކޮޓަރިއަށް ދިޔައީ. އޮހް ވަޓް އަ ވަންޑަފުލް ނައިޓް ދެޓް ވޯޒް! އައި ސްޓިލް މިސް އިޓް!” ޒިވް ހެވިފައި ހުރެ ބުންޏެވެ.
އެހިނދު ޒިވްގެ ވާހަކަ އިވުނު ހިލްޔާގެ އަތުން ކޮތަޅު ވިއްލެން އުޅުނުހެން ހީވުމުން ކޮތަޅުގެ ފަށުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޒިވް އެ ބުނި މަންޒަރުތައް ލޮލަށް ސިފަވުމުން ހިތާއި ސިކުނޑީގައި ހައިޖާނެއް އުފެދުނެވެ. ދާނިޝް އެހެން ކުއްޖެއްގެ ކައިރީގައި ހުންނަ މަންޒަރު ސިފަ ކުރަން ހިލްޔާއަށް ފަސޭހައެއް ނުވިއެވެ. މިއީ ހަމަ ޙަޤީޤީ ވާހަކައެއްތޯ ހިތަށްއެރިއެވެ.
ހަމަ އެހިނދު ހިލްޔާގެ ފަހަތުން ދާނިޝްގެ އަޑު އިވުނެވެ.
“ހިލޫ ލޯބި!” ދާނިޝްގެ އަޑަށް ހިލްޔާ ޒިވް އަށް ފަސްދެމުން އެ ދިމާލަށް ބަލާލިއެވެ. އެހިނދު ދާނިޝް ހިނިތުންވުމަކާއެކީ އޭނައާއި ދިމާލަށް އަންނަ މަންޒަރު ފެނި ހިލްޔާއަށް މުޅިން އެ ދިމާލަށް އެނބުރިލެވުނެވެ. ހިލްޔާ ހީކުރީ އޭނަގެ ފަހަތުގައި ހުރި ޒިވް ދާނިޝްއަށް ފާހަގަވެ، ދާނިޝް ހުއްޓުން އަރައި އެދެމެދުގައި ވާހަކައެއް ދެއްކޭނެ ކަމަށެވެ.
އެހެނަސް ދާނިޝް ގޮސް ނުފިލާ ހިނިތުންވުމަކާއެކީ ހިލްޔާގެ ކުރިމަތީގައި ހުއްޓިލީ، އެތަނުން އެހެން މީހަކު ދާނިޝްއަށް ނުވެސް ފެނުނު ފަދައަކުންނެވެ.
“ހިލޫއަށް ދޭން ގިފްޓެއް ގަނެގެން މި އައީ.” ދާނިޝް އަތުގައި އޮތް ކަޅުކުލައިގެ ފޮށި ހިލްޔާއަށް ދައްކައިގެން ހުރެ ހުޅުވާލިއެވެ. އެ ހިނދު ފޮށީގެ ތެރެއިން ވިދާ އެސްޖެހިފައިވާ ރިހިކުލައިގެ ގަޑިއެއް ފެނިފައި ހިލްޔާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ. އެވަގުތު ހިތަށް ވެރިވެފައިވި ޖަޒުބާތުތަކުގެ ސަބަބުން ފުރިހަމައަށް ހިނިތުންވާން ނުކުޅެދިފައިވިއެވެ.
“ޑޫ ޔޫ ލައިކް އިޓް؟” ދާނިޝް އިސްޖެހިފައިވާ ހިލްޔާގެ މޫނަށް ބަލަން މަސައްކަތް ކުރަމުން އެހިއެވެ. އެހިނދު ރޫޙު މަރުވެފައިވި ހިލްޔާ އިސްއުފުލާލަމުން ލުއި ގޮތަކަށް ބޯޖަހާލިއެވެ. އެއާއިއެކު ދާނިޝް ހިނިތުންވެލަމުން ފޮށީގެ ތެރެއިން ގަޑި ނެގިއެވެ. އަދި އަތް ދައްކާށޭ ބުނެ ހިލްޔާ ކަނާތު އަތް އުފުލާލުމުން ދާނިޝް ގަޑި އަޅުވާލަދިނެވެ.
“ވަރަށް ގުޅޭ ހިލޫގެ އަތާ.” ދާނިޝް އެހެން ބުނެ ހިލްޔާގެ އަތުގައި ހިފައި ތުންފަތާއި ގާތް ކޮށްލަމުން ބޮސްދިނެވެ.
މި ހުރިހާ މަންޒަރެއް ފަހަތުން ބަލަހައްޓައިގެން ހުރި ޒިވް ރުޅިން ގޮސް ރަތްވެ، ދަތްކުނޑި ވިކިވިކި ހުއްޓެވެ. އެއީ ކުރިން ދުވަހަކުވެސް ދާނިޝް އޭނައާއި ބެހެއްޓި ގާތްކަމަކަށް ނުވީތީވެއެވެ. ޒިވް ހީކުރީ އެ ޙަރަކާތަށް ފަހު ނަމަވެސް ދާނިޝްއަށް އޭނަ ފާހަގަވާނެ ކަމަށެވެ. އެހެނަސް ދާނިޝް ހިލްޔާގެ އަތް ތިރިކޮށްލަމުން ހިލްޔާގެ އަތުގައި ހިފައިގެން ހިނގައިގަތީ ވެސް އޭނައަށް އޮޅުމަކުން ވެސް ބެލުމެއް ނެތިއެވެ.
ނުނިމޭ
