ނަފްސީ (ސާދަވަނަ ބައި)
މަސައްކަތުގައި މަޝްޣޫލުވެފައިވި ދާނިޝްއަށް އެ ޒުވާނާ ފެނުނީ، އެންމެ ކުރީ ގޮނޑިބަރީގެ ކުރިމަތީގައި ބެހެއްޓިފައިވި މޭޒުމަތީގައި، ރަސްމިއްޔާތުގެ އެޖެންޑާ ބޭއްވުމަށްފަހު ހިންދެމިލި ވަގުތެވެ. އެ ޒުވާނާ ސީދާ އޭނައާއި ކުރިމައްޗަށް ވާ ގޮތަށް ފެނުމާއިއެކު ދާނިޝްއަށް ހުރެވުނު ތަން ވެސް ހަނދާން ނޭނގުނެވެ. ހިތުގައި އުތުރު އެރި އިޙްސާސްތަކާއި އެކީ ލޭ ކެކިގެން ދިޔަ ހިނދު ބުމަގޮށްޖެހި، ގޮށްމުއްކަވާލެވުނެވެ.
އެ ވަގުތު ދާނިޝްއަށް އެ ޒުވާނާ އެންމެ ފުރަތަމަ ފެނުނު ދުވަސް މަތިން ހަނދާންވާން ފެށިއެވެ.
“އޮފްކޯސް! ޔުއާރ މޯމް އިޒް ޓޯޓަލީ ފައިން! އެކްސް ރޭ ވެސް ނެގީމަ އެއްވެސް ފްރެކްޗާރއެއް ކަހަލަ އެއްޗެއް ވެސް ނެތް. ސޯ ޝީ ޝުޑް ބީ ގުޑް!”
“ވޯ ވޯ ވޯ! މިތާ ޑޮކްޓަރަކީ ކާކު؟ ތީނަގެ ބަދަލުގަ އަހަރެން މި ކޯޓު ލައިގެން މިހިރީ ސަބަބަކާ ލައިގެންނޭ. އަހަރެން ދެންމެ ވެސް މިއައީ ބަލިމީހާ ގެ ހާޓް ރޭޓް އާ ހުރިހާ އެއްޗެއް ބަލާފަ. އީސީޖީއެއް ބޭނުންވަންޏާ އަހަންނަށް އެނގޭނެ. މާ ބޮޑަށް ނުވިސްނާ ބަލިމީހާއަށް ދީފަ ހުރި ބޭސްތައް ދީ. މާދަމާ ވާއިރު ޑިސްޗާޖްވާ ވަރު ވާނެ.”
އެ ޑޮކްޓަރުގެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން މަންމަ ގޭގެ ބިންމަތީގައި އޮތް މަންޒަރު ލޮލަށް ސިފަވިއެވެ. އެރޭ އޭނަގެ ހިތަށް ވެރިވި ބިރުވެރިކަމާއި އެއަށްފަހު ލިބުނު ހިތާމައިން މޭގައި އުފެދުނު ރިހުމެވެ.
އެ އިޙްސާސް އެވަގުތު ކުރެވެން އުޅުނުހެން ހީވިއެއްކަމަކު އެ އިޙްސާސުގެ މައްޗަށް ގަދަ ހޯދީ ކުރިމަތިން ފެންނަމުން ދިޔަ ޒުވާނާއަށް އަމާޒުވި ރުޅިވެރިކަމެވެ. އެއާއިއެކު ޚިޔާލުތަކުގެ ތެރެއިން ކައިރީގައި ހުރި ވަކަރު ގޮނޑި ނަގައި ޒުވާނާއާއި ދިމާލަށް އުކާލެވުނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލެވުނެވެ. އެއަށްފަހު އަތުގައި ހުރި ބާރު މިނަށް އެ ޒުވާނާގެ ކަރުގައި ހިފާލެވުނެވެ.
އެ ޚިޔާލުތަކުގެ ތެރެއިން ދާނިޝްއަށް ހަމަހޭވެރިކަމެއްވީ، ނަހީދު ގޮސް އެ ޒުވާނާ އާއި ސަލާމްކޮށްލި މަންޒަރު ފެނުމުންނެވެ. އެއާއިއެކު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އެކަން އެނގުންވުމުން ދާނިޝް ޚުދު އަމިއްލަ ސިކުނޑިއަށް ވެރިވި މަންޒަރު ތަކާއިމެދު ބިރުގަންނަ ގޮތްވިއެވެ. ރާފިލް މި ފެނުނު ފުރަތަމަ ހިނދުކޮޅުގައި މިހާ ރުޅި އައިސްފިނަމަ، އޭނައަށް ކުރިއަށް އޮތް ތަނުގައި އެ ރުޅި ކޮންޓްރޯލް ކުރެވިދާނެތޯ ހިތަށްއެރިއެވެ.
“ޑޮކްޓަރ ރާފިލް! ވެލްކަމް!”
ބައްޕަ އޭނަގެ ސަމާލުކަން ހުއްޓިފައިވާ ޒުވާނާ އާއި ސަލާމް ކޮށްލި ތަން ފެނިފައި ހިލްޔާއަށް އެއްފަހަރު ބައްޕައަށް އަނެއްފަހަރު ރާފިލްއަށް ނަޒަރެއް ދެވުނެވެ.
“ރާފިލް…”
ހިލްޔާއަށް ހިތާހިތުން ކިޔާލެވުނެވެ. އެއީ އޭނައަށް މާ ރީތި ނަމަކަށް ނުވިއެވެ. އެހެނަސް ރާފިލް އާއިމެދު ޝައުޤުވެރިވިއެވެ. މިއީ ސިންގަޕޫރަށް ޓްރެއިނިންގްއަށް ދިޔަ ޑޮކްޓަރުކަން ހަނދާންވުމުންނެވެ. އަދި އަމުދުން އެ ޒުވާނާ ފޭބި ކާރު ދުއްވާފައި ގޮސް ޕާކްކުރެވިގެން ދިޔަ ގޮތުން ރާފިލްގެ އަމިއްލަ ޑްރައިވަރެއް ވެސް ހުންނަނީތޯ ހިތަށްއެރިއެވެ.
“ތެންކިއު ސޯ މަޗް. ސޮރީ އައިމް ލޭޓް. ހަމަ ދެންމެ ލޭންޑް ކުރެވުނީ. ޕްލޭން ޗާރޓާރ ނުކުރިނަމަ ޓައިމްއަށް ނާދެވުނީސް. އައި ލައިކް ބީންގް އޮން ޓައިމް.” ރާފިލް ވާހަކަ ދެއްކި ދެއްކިހެން ހިލްޔާގެ ލޯ ބޮޑުވީ ހިނދު ރާފިލް ދެއްކި ވާހަކަތަކާއި ގަޔާވާ ގޮތްވިއެވެ. ވަގުތަށް ކަމޭހިތަން ބޭނުންވާ ވަރުން އެކަމަށްޓަކައި ފައިސާ ވެސް ހޭދަ ކުރީތޯ ހިތަށްއެރިއެވެ. އިނގިރޭސި ބަހުން ބަސް ބުނިއިރު އިނގިރޭސި ވިލާތުގެ ގޮތްގަނޑެއް ހުއްޓެވެ. ރާފިލް ކިޔެވީ އެހާ ހިސާބުގެ ޤައުމަކުން ކަން ޤަބޫލު ކުރެވިގެން ދިޔަހެން ރާފިލް އިތުރަށް ކަމުދިޔައެވެ.
ރާފިލްގެ އެ ކުޑަ ވާހަކަ ކޮޅުގައިވި ކިބުރުވެރިކަން ނަގައިގަންނަން ހިލްޔާ ނުކުޅެދުނެވެ. ހިލްޔާގެ ހިތް ވަނީ އޭރު އެހާ ވެސް ބޮޑަށް އަނދިރިވެފައެވެ. ﷲ މަތިން ހަނދުމަ ކުރުމަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުންނެވެ. ޤުރުއާނާއި ދުރުވުމުގެ ސަބަބުންނެވެ. ނަމާދުގައި ޚުޝޫޢަތްތެރިކަމެއް ނެތަސް އެއީ މާ ބޮޑު ކަމަކަށް ނެހެދުމުގެ ސަބަބުންނެވެ. ﷲ އަށް އަޅުކަން ކުރުމުގެ މައްޗަށް ދުނިޔަވީ ކަންކަން އިސްކުރުމުގެ ސަބަބުންނެވެ.
ރާފިލް އެ ބުނި ބަސްތަކަށްފަހު ބައްޕަ ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު ބައްޕަ އޭނައަށް ބަލާލަމުން ރާފިލްއަށް ބަލާލި ހިނދު ހިލްޔާގެ އަތް ފިނިވާ ގޮތްވިއެވެ.
“ހިލްޔާ، މިހިރީ ރާފިލް. ރާފިލް، މިއީ ހިލްޔާ. ކްލިނިކްގެ މެޑިކަލް އޮފިސާރ އެއް މިއީ ވެސް. ކްލިނިކާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތިއްޔާ ހިލްޔާ އާއި ކޮށްލައްޗޭ.” ނަހީދު ރާފިލް އާއިއެކީ ހިލްޔާގެ ގާތަށް ގޮސް ތަޢާރަފު ކޮށްދިނެވެ. ރާފިލްގެ އެ ފިރިހެންވަންތަ މޫނު ކައިރިން ފެނިގެން ދިޔުމުން ހިލްޔާގެ ހިތަށް ޖޯޝެއް ވެރިވިއެވެ. އެހެނަސް ކިތަންމެ ފިރިހެންވަންތަ ވިޔަސް ނޭނގޭ ސަބަބަކާހުރެ ހިލްޔާ ހިތްހަމަނުޖެހޭ ގޮތެއް އެ މޫނުމަތީގައިވިއެވެ. އެއީ ކީއްވެ ކަމެއް ނޭނގުނެވެ. އެކަމާއިހެދި ހިސާބަކަށް އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ރާފިލް އޭނައަށް ކަމުދާން ޖެހޭ ކަމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ.
“ހައި…”
ރާފިލް އިސްވެ އެހެން ބުނެ، ސަލާމަށް އަތްދިއްކޮށްލިއެވެ. ހިލްޔާއަށް އެއްފަހަރު އެ އަތަށް، އަނެއްފަހަރު ރާފިލްއަށް ބަލާލެވުނެވެ. ރާފިލްގެ އެ ޙަރަކާތް ވެސް ހިލްޔާއަށް ކަމަކު ނުދިޔައެވެ. އޭނައަކީ ފިރިހެނުންނާއި ސަލާމް ކުރަން އާދަވެފައި ހުރި މީހެއް ނޫނެވެ. ރަނގަޅު ފިރިހެނަކު އެގޮތަށް އިސްނަގައި އަތް ދިއްނުކުރާނެ ކަމަށް ވެސް އޭނައަށް ޤަބޫލު ކުރެވިފައިވެއެވެ. ރާފިލް އަކީ ނުހަނު ތަނަވަސް ރަނގަޅު ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއްހެން ހީވެއެވެ. ވީއިރު އެ އަތްދިއްކުރީ ކީއްވެ ހެއްޔެވެ؟
ހިލްޔާ ވަކި އެއްޗެކޭ ނުބުނެ، ޙަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓާ ބައްޕަ ވާހަކަ ދެއްކިއެވެ.
“ހެހެ….ދެން މިހިރީ އަހަރުމެންގެ ފާރމަސިސްޓް….އެކޮޅަށް ދަމާދޯ ދެން ތިބި ޑޮކްޓާރސް އާ ބައްދަލު ކޮށްލަން؟” ބައްޕަ އެ ވާހަކަތަކުން ހިލްޔާ އެ ވަގުތުކޮޅުގެ ނުތަނަވަސްކަމުން ރައްކާތެރި ކުރިއެވެ. އިސާހިތަކު ރާފިލް، ހިލްޔާގެ ކައިރީގައި ހުރި ބޭރު ފާރމަސިސްޓް އަންހެން ކުއްޖާއާއި ސަލާމް ކޮށްލިއެވެ. އެއަށްފަހު ބައްޕައާއި އެކީ ރަސްމިއްޔާތުގެ ގޮނޑިބަރި ޖަހާފައި ހުރި ދިމާލަށް ދާންފެށިއެވެ. އެވަގުތު ބައެއް ޑޮކްޓަރުން ގޮނޑިތަކުގެ އިށީނދެގެން ތިބުމުންނެވެ.
ބައްޕައާއި އެކީ ރާފިލް އޭނައަށް ފަސްދީފައި ދާން ފެށުމުން ހިލްޔާ އެ ދިމާލަށް ބެލިއެވެ. މާ ގިނައިރެއް ނުވެ ރާފިލް ފަސްއެނބުރި އޭނައަށް ބެލުމުން ހިލްޔާއަށް ދެބުމަ ކައިރި ކޮށްލެވުނެވެ. ރާފިލް އޭނައަށް ބަލަންވީ ސަބަބެއް ނުވިސްނުމުންނެވެ. އެހެނަސް ރާފިލް އަނެއްފަރާތަށް އެނބުރިލުމުން، ރާފިލްއަށް އޭނަ ރީތިވީތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ނޭނގުމެއްގެ ތެރެއިން ވެސް ލޯބިގެ ވާހަކައެއްގައި އުޅެން ބޭނުންވެފައިވި ހިލްޔާގެ ހިތަށް ޖޯޝެއް ވެރިވިއެވެ.
ނަހީދު ރާފިލް އާއި އެކީ ވަދެގެން އަންނަ މަންޒަރު ފެނިފައި ދާނިޝް ވީހާވެސް ވަރަކަށް އެދިމާލަށް ނުބެލޭތޯ މަސައްކަތް ކުރިއެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތެއްގައި މަޝްޣޫލުވާން ބޭނުންވިއެއްކަމަކު އެވަގުތު ހުރިހާ މަސައްކަތެއް ނިމިފައިވިއެވެ. އެހެންކަމުން އޭނަ ހުރީ އެމީހުންނަށް ފަސްދެވޭ ގޮތަށް ޖަހާފައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީނދެގެންނެވެ. ފަހަތުން ރާފިލްއާއި ނަހީދުބެ ގެ އަޑު ގާތްވާހެން ހީވާއިރަށް އެހެން ގޮނޑި ބަރިއަކަށް ބަދަލުވަމުން ދިޔައެވެ. އެހެން ނުރެކެވޭނެހެން ހީވުމުން އަވަސް އަވަހަށް ގޮސް ސައުންޑް ސިސްޓަމް ކައިރީގައި ހުރި މީހާ ކައިރިއަށް ދިޔައެވެ. އެމީހާ ގާތު ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުތަނާ ނަހީދުބެ ގެ އަޑު އިވުނެވެ.
“ދާނިޝް! އަޅެ ކިހާ އިރެއް ދާނިޝް ހޯދާތާ. އަހަރުމެން ކްލިނިކަށް ޖޮއިން ކުރި ޑޮކްޓަރުންގެ ތެރެއިން ދާނިޝް އާއި ދިމާނުވާ ޑޮކްޓަރަކީ މިއީ. ޑޮކްޓަރ ރާފިލް، މިއީ ދާނިޝް، ކްލިނިކްގެ ޑެޑިކޭޓެޑް އެޑްމިން. ދާނިޝް، ޑޮކްޓާރ ރާފިލް.”
ނަހީދު ތަޢާރަފު ކޮށްދިނުމާއިއެކު ދާނިޝް އާއި ރާފިލް އެކަކު އަނެކަކަށް ބަލައިފިއެވެ.
“ނައިސް ޓު މީޓް ޔޫ…” ރާފިލް އެހެން ބުނެ ސަލާމަށް އަތް ދިއްކޮށްލިއެވެ. ދާނިޝް ރާފިލްގެ އެ މޫނާއި ނަޒަރު ވަކި ކުރުމެއްނެތި އެ އަތުގައި ހިފިއެވެ.
“ޔޫ ޓޫ.” ދާނިޝް ކުރު ގޮތަކަށް ބުންޏެވެ.
“ކީއްވެ މާސްކެއް އަޅައިގެން ތިހިރީ؟” ރާފިލް އެހިއެވެ. އެހިނދު ދާނިޝް ރާފިލްގެ އަތުން ދޫކޮށްލީ، އެވަގުތުވެސް ސިކުނޑިއަށް ވެރިވަމުން ދިޔަ ނޭދެވޭ ނުރައްކާތެރި ޚިޔާލުތަކުގެ ސަބަބުންނެވެ.
“ކްލިނިކެއްގަ ވޯކް ކުރާއިރު މާސްކް އެޅުން ދޯ އެންމެ ރަނގަޅީ؟” ދާނިޝް ބުންޏެވެ.
“ޔާ އެކަމަކު އެއީ ޑޮކްޓާރސްއަށް ދޯ؟ އެޑްމިން ކުދިންނަކީ ބަލިމީހުން ބަލަން ކޮލިފައިޑް ބައެއް ނޫން. އެހެންވީމަ ނޭޅިޔަސް އޯކޭވާނެތާ.” ރާފިލް ބުންޏެވެ. އެ ބުނި ބުނުމުގައި ހުރި ބޮޑާ ކަމުން ދާނިޝްގެ ގޮށްމުއްކެވުނީ ބޭއިޚްތިޔާރުގައެވެ.
“ހެހެ….ނޫނޭ. އެޑްމިނިސްޓްރޭޝަން ކަންތައް އެއްކޮށް ހަމައަކަށް އެޅެންދެން ދާނިޝް އިންނާނެ ރިސެޕްޝަންގަ ވެސް. ބަލިމީހުންނާއި އެއްވެސް ގޮތަކަށް ޑީލް ކުރާ ބަޔަކު ތިބެންޖެހޭނީ މާސްކް އަޅައިގެން ދޯ؟” ނަހީދު ބުންޏެވެ. ދާނިޝް މާސްކް އަޅަނީ ކީއްވެކަން މިހާތަނަށް އައިއިރު ނަހީދަށް ވެސް އެނގިފައިވެއެވެ. ބޭރު ތެރެއިން ފެނުނު ފިލްމެއްގެ ފެނުނު ޕޯސްޓަރަކާއި މެދު ދާނިޝްއާއި ސުވާލު ކުރުމުން ހުރިހާ ކަމެއް އެނގިގެން ދިޔައެވެ. ހިލްޔާއަށްޓަކައި ދާނިޝް ޚިޔާރު ކުރެވުނު އެއްސަބަބަކީ އެއީއެވެ. ދާނިޝްއަކީ ޞާލިޙު މަގެއް އަމިއްލައަށް ޚިޔާރު ކުރި ކުއްޖެއްކަން އެނގުމުންނެވެ.
“ރިސެޕްޝަންގަ؟ ފިރިހެނަކު؟ ވެލް އައި ވުޑް ރެކޮމެންޑް ރިސެޕްޝަންގަ އަންހެން ކުއްޖަކު ބަހައްޓަން. އޭރުން ގިނަ ކަސްޓަމާސް އަންނާނެ. ބައްޕަ ބިޒްނަސްއެއް ހިންގާތީ ކުޑަކޮށް މި ބައިބައި އެނގޭ.” ރާފިލް ބުނެލިއެވެ.
ރާފިލްގެ އެ ބަސްތަކުން ދާނިޝް އާއި ނަހީދުގެ މޫނުމަތިން ވެރިވީ އެއްޒާތެއްގެ އަސަރެކެވެ. ދެމީހުން ވެސް އެ ބަސްތަކަށް ނުރުހުންވީ އެއްވަރަކަށް ފަދައެވެ. ކޮންމެހެން ރީތި އަންހެން ކުދިން ކުރިއަށް ނެރެގެން ވިޔަފާރި ކުރުމަކީ ނަހީދު ވެސް ހިތްހަމަޖެހޭ އުސޫލެއް ނޫނެވެ.
ހަމަ އެވަގުތު އެހާ ހިސާބަށް ކާރުތަކެއް މަޑުކުރި އަޑަށް ތިން މީހުންނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު އެ އައީ ޝަރަފުވެރި މެހުމާނުން ކަމަށް ނަހީދު ބުންޏެވެ. ރާފިލް ގާތު އައުމަށް ނަހީދު ބުނެލި ވަގުތު ދާނިޝް އަނެއްފަރާތުގައި ހުރި ފޮޓޯ ނަގާ މީހާއަށް ހަނާ އަޅާލިއެވެ.
ދާނިޝްގެ ރޭވުންތެރިކަމުގެ ފުރިހަމަ ކަމުން ރަސްމިއްޔާތު ކުރިއަށް ދާން ފެށީ އޮމާންކަމާއި އެކީގައެވެ. ޝަރަފުވެރި މެހުމާނުންނަށް ވަޑައިގަތީ ސަރުކާރު ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ މެނޭޖިންގް ޑައިރެކްޓަރުންނާއި ބައެއް ސީނިއާރ ޑޮކްޓަރުންނެވެ. އެމީހުންގެ ތެރޭގައި މެޑްލިންކް އާއި ގުޅޭ އެކަކު ވެސް ނެތީ ހިލްޔާ ގެ އެދުމުގެ މަތިންނެވެ. ހިލްޔާގެ ނަޒަރުގައި ގޯސް ބަޔަކު ނަހީދު ވެސް ގެންނަން ބޭނުމެއް ނުވީއެވެ.
ރަސްމިއްޔާތު ފެށިގެން ދިޔައީ ކްލިނިކްގައި މަސައްކަތް ކުރާ ދައްތައެއްގެ ދަރިއަކު ކިޔެވި ޤުރުއާނުގެ ބަރަކާތުންނެވެ. ރަސްމިއްޔާތު ހުށަހަޅަމުން ދިޔައީ ސެކިއުރިޓީއަށް ހޮވި ބޭބެއެއްގެ ފުރާވަރުގެ ދެ ކުދިންނެވެ. އެއީ ވެސް ދާނިޝްއަށް ހުރިހާ މުވައްޒަފުން ދަނެގަންނަން މަސައްކަތް ކުރެވިފައިވި ކަމުގެ ނިޝާންތަކެވެ.
ރަސްމިއްޔާތު ފެށި، އެންމެ ފުރަތަމަ ވާހަކަ ފެށީ ނަހީދެވެ. ނަހީދުގެ ވާހަކައަށްފަހު ޝަރަފުވެރި މެހުމާނު ގެ ވާހަކަވެސް އިވިގެން ދިޔައެވެ. އެއަށްފަހު އެންމެންހެން ދިޔައީ ކްލިނިކްގެ ކުރިމައްޗަށެވެ. އެވަގުތަށް އެ މަގު ބަންދު ކުރެވިފައި ވުމުން ޢާއްމުންނަށް ވެސް އެ ޞަރަޙައްދުގައި ފެތުރޭނެހެން މަގު ބަންދު ކޮށްފައިވިއެވެ. ކްލިނިކްގެ ޕޯޓިކޯގެ އެންމެ ކުރީ ދެ ތަނބުގައި އެޅުވިފައިވި ރިބަން ކަނޑާލީ، މުޅި އެތާނގައި ހުރި އެންމެ ތަޖުރިބާ ކާރު ޑޮކްޓަރެވެ. އެއީ ހޮސްޕިޓަލެއްގެ މެނޭޖިންގް ޑައިރެކްޓާރ ވެސްމެއެވެ. އެންމެ އުފާ ފާޅުކުރުމަށް އަތްތިލަ ބަޑި ޖެހިއެވެ. އެއަށްފަހު އެންމެން އެކީގައި ކްލިނިކަށް ވަންނަން ފެށުމުން އެ އަޑު ފަނޑުވެގެން ދިޔައެވެ.
ކްލިނިކް ދައްކާލުމަށް ޢާއްމުންނަށް ހުޅުވާލެވުނު އެ ފުރުސަތު ނިންމާލެވުނީ 6 ޖެހި ވަގުތެވެ. ކްލިނިކް ފެނުނު އެންމެންގެ ފަރާތުން ވެސް ކްލިނިކާއިމެދު އިވުނީ ރަނގަޅު ވާހަކަތަކެވެ. ވަކިން ޚާއްސަކޮށް ޙާލުގައި އުޅޭ މީހުން ބަލައި އެމީހުންނަށް އަގު ހެޔޮކޮށް އާސަންދައިން ނެހެދޭ ޓެސްޓްތައް ހެދޭކަން އެނގުމުންނެވެ. އަދި ޢާއްމުކޮށް ހޮސްޕިޓަލްތަކުން އެހާ ފަސޭހައިން ނެހޭ ސްކޭންތައް ހެދޭ ވާހަކަ ވެސް އެނގުމުންނެވެ. ކްލިނިކުން ސްކޭން ހަދަން އައުމުން އެހާ ކިއު ބޮޑު ނުވާނެތީވެއެވެ.
ބޭރުން އައި އެންމެން ހުސްވުމުން ނަހީދު ކުރު ގޮތަކަށް ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރަން ބޭނުންވިއެވެ. މިގޮތުން ބައްދަލުވުން ބޭއްވީ އެޑްމިނިސްޓްރޭޝަން ބައި އަދި އިތުރަށް ހެދުމަށް ހުސްކުރެވިފައިވާ ކޮޓަރިއެއްގައެވެ. ނަހީދުގެ އެދުމަށް ދާނިޝް ހުރީ އެ ކޮޓަރީގައި މަސައްކަތު މީހުން ލައްވާ ގޮނޑި ޖަހާފައެވެ.
ހުރިހާ މުވައްޒަފުން އެކީ ކޮޓަރިއަށް ވަންނަމުން ދިޔަ ވަގުތު ހިލްޔާއަށް ރާފިލްއަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ރާފިލް ގާތުގައި އިށީނދެވޭ ގޮތެއްވުމަށް އެދެވުނެވެ. ރާފިލް ދަނެގަންނަން ބޭނުންވީ ވަރުން ކަންނޭނގެއެވެ. އެންމެ ކުރީ ގޮނޑި ބަރީގައި ގޮސް ހިލްޔާ އިށީނީ ދެކޮޅުން ވެސް ހުސް ގޮނޑި ހުންނާނެ ގޮތަށެވެ. ރާފިލް ވެސް ފަހަތުން އައިސް އޭނަ ގާތު އިށީންނަން އުޅުނުހެން ހިލްޔާއަށް ހީވިއެވެ. އެހެނަސް އޭގެ ކުރިން ކޮންމެވެސް ބޭރު ޑޮކްޓަރަކާއި އެއްކަލަ ފާރމަސިސްޓް ކުއްޖާ އޭނަގެ ދެ ފަރާތުގައި އިށީނެވެ. އެއާއިއެކު ވީ ފޫއްސެއްގައި ތުން އޫކޮށްލެވުނެވެ. އަނެއްފަރާތުގައި ހުރި ގޮނޑި ބަރިއެއްގައި ގޮސް އިށީންތަން ހިލްޔާއަށް ފެނުނެވެ.
ނަހީދުގެ އެ ބައްދަލުވުން ކުރެއެވެ. ހުރިހާ މުވައްޒަފުންނަށް ހޫނު މަރުޙަބާއެއް ކިޔައި، ކްލިނިކްގެ މަޤްޞަދު ހުރިހާ މުވައްޒަފުންނަށް ކިޔައިދިނެވެ. އެއީ ހުރިހާ އެންމެންނަށް ހަމަހަމަ ވެގެންވާ ގޮތުން އެންމެ ފުރިހަމަވެގެންވާ ފަރުވާތައް ފޯރު ކޮށްދިނުމެވެ. އަދި ބޭނުންޖެހިފައިވާ މީހުންނަށް އިތުރަށް އެހީވުމެވެ. އެކަމުގައި ހުރިހާ މުވައްޒަފުންގެ ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ވާހަކަ ނަހީދު ބުންޏެވެ. އަދި ހުރިހާ މުވައްޒަފުންގެ ޑިއުޓީ ރަސްމީކޮށް ފެށޭނީ މާދަމާ ހެނދުނު 8 ކުން ކަމަށް ނަހީދު ބުންޏެވެ.
އެހާ ހިސާބަށް ދިޔައިރު މަޣްރިބް ނަމާދު ވަގުތު ގާތްވުމުން ނަހީދު ބައްދަލުވުން ނިންމާލިއެވެ. ހިލްޔާ ހުރީ ބައްދަލުވުން ނިމުމުން ރާފިލް އާއި އޭނަ ދިމާވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމާދު ވަގުތު ވިޔަސް ނަމާދަށް ދިޔުމަށްވުރެ ބޮޑަށް އުއްމީދު ކުރެވުނީ ރާފިލް އާއި ބައްދަލުވުމަށެވެ. އެހެނަސް ހިލްޔާގެ އެ އުއްމީދު ފުރިހަމަ ނުވީ، ބައްޕަ އޭނަ ގޮވައިގެން ގެއަށް ދާން އަވަސްވުމުންނެވެ.
**
އެރޭ ގެއަށް ގޮސްފައި ވެސް ހިލްޔާއަށް ރާފިލް އާއިމެދު ވިސްނުނެވެ. މަޣްރިބް ނަމާދު ތެރެއިން ވެސް ސިފަ ކުރެވެމުން ދިޔައީ ރާފިލް ގެ ސޫރައެވެ. ޑްރާމާތަކުން ފެންނަހެން އޭނަގެ ޙަޔާތުގެ ފަޅު ފިލުވާނެ ލޯބިވެރިޔަކީ ރާފިލްތޯ ހިތަށްއެރިއެވެ.
ހިތަށް ވެރިވި އެ ޚިޔާލާއި އެކު ރޭ ބައްޕަ އޭނައާއި ދެއްކި ވާހަކަތައް ހަނދާންވިއެވެ. ހަނދާންވީއިރު މަޣްރިބް ނަމާދު ނިމި ސަލާމް ދެވިއްޖެއެވެ. ސަލާމް ދިންއިރު ކުރެވުނީ 3 ރަކުޢަތްތޯ ޔަޤީނެއް ނުކުރެވުނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އެ ވަގުތު މުހިއްމުވީ ސިކުނޑީގައި އުފެދުނު ހައިޖާން ޙައްލު ކުރުމެވެ.
“ދާނިޝް….ރާފިލް…”
ހިލްޔާއަށް މުސައްލަ މަތީގައި އިނދެ، ހިތާހިތުން އެ ދެ ނަން ކިޔާލެވުނެވެ. އެ ހިތް ފުރިފައިވީ ދުނިޔަވީ ކަންތަކުން ކަމަށްވުމުން އެވަގުތު ﷲ ގެ ޒިކުރު މުހިއްމެއް ނުވިއެވެ. އެހެންކަމުން އެވަގުތު ހިތަށް ވެރިވި ދެ ނަމާއިމެދު ވިސްނުނެވެ. އޭނައަށް އެންމެ ރަނގަޅުވާނީ އެ ދެ ޒުވާނުން ކުރެ ކާކުތޯ ހިތަށްއެރިއެވެ.
އެއްކޮޅުން ދާނިޝް އާއި ކައިވެނި ކުރުމަށް ތަޤްދީރުން ރޭވިގެން އޭނައާއި ހަމައަށް އައިސްފައިވާ ފަދައެވެ. އަނެއްކޮޅުން ރާފިލް ވެސް އޭނަގެ ޙަޔާތަށް އައިސްފައިވަނީ ތަޤްދީރުންނޭ ހިތަށްއެރިއެވެ. ދާނިޝް އާ ކައިވެނި ކުރުމުގެ ވާހަކަ ދެކެވިފައި ވަނިކޮށް ރާފިލް އޭނަގެ ޙަޔާތަށް އައީ ސަބަބަކާއި ލައިގެން ކަމަށް ވެދާނެ ހެއްޔެވެ؟ އެއީ ދާނިޝްއަށްވުރެ ބޮޑަށް އޭނަ ރާފިލް އާއި ގުޅޭނެތީ ކަމަށް ވެދާނެ ހެއްޔެވެ؟ އެ ސުވާލަށް މަޑު އަޑަކުން ނަމަވެސް ހިތާހިތުން އާނއެކޭ ބުނެވުނެވެ. ދާނިޝްއަށްވުރެ ރާފިލް ތަނަވަސްހެން ހީވުމުން ރާފިލް އަކީ އޭނައަށް ރަނގަޅު ބައިވެރިއަކަށް ވެދާނެ ކަމަށް ހީކުރެވުނެވެ.
ޙަޔާތަށް ފޮނުއްވެވޭ ބައެއް މީހުންނަކީ އިމްތިޙާނެއް ކަން ހިލްޔާއަށް ނޭނގެއެވެ. ޙަޔާތުގެ ކޮންމެ ކަމެއް ވެސް ﷲ އެންމެ ރުހިވޮޑިގެންވާފަދަ ގޮތަށް ޚިޔާރު ކުރުން މުހިއްމީ މިހެންވެއެވެ. އެހެން ނޫން ކަމަށްވާނަމަ އަމިއްލަ އަތުން އަމިއްލަ ބަރުބާދީއަށް މަގުފަހިވެސް ކުރެވިގެން ދެއެވެ.
ރާފިލް އާއި މެދު ވަކި ގޮތެއް ހިލްޔާ ނުނިންމައެވެ. ކިޔެވުމާއިމެދު ހަނދާންވެފައި އަދި އޭނަގެ ވިސްނުން އެ ދިމާލަށް ދާން ނުޖެހޭ ކަމަށްވެސް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހެނަސް އެރޭ ޑްރާމާ ބެލުމަށްޓަކައި އެލީ އާއި ދޮންތަ ކޮޓަރިއަށް އައުމުން އެ މަޢުޟޫއަށް ވާހަކަ ދެކެވެން ފެށިއެވެ.
“އާހް! މޭލް ލީޑަކަށް ހުންނަ އެ އެކްޓާރ ހާދަ ހޭންޑްސަމް ވެފަ ރިޗް އޭ ރިއަލް ލައިފް ގަ ވެސް. އައި ވިޝް! ބަޓް އައިމް ޓޫ ޔަންގް!!! ތުއްތައާއި ގުޅޭނެ އޭނައާ!” ހިލްޔާގެ އެނދުމަތީގައި ބެހެއްޓިފައިވި ކުޑަ ޕްލާސްޓިކް މޭޒުގައި ހުރި ލެޕްޓޮޕުން ޑްރާމާ ހުޅުވަމުން އެލީ ވާހަކަ ދެއްކިއެވެ.
“ދޯ؟ އެކަހަލަ މީހެއްދޯ ތުއްތަ ހޯދަންވީ؟” އެލީގެ ކަނާތް ފަރާތުގައި އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިނދެ ހިލްޔާ ބުންޏެވެ. އެ ވާހަކައަށް އެލީގެ އަނެއް ފަރާތުގައި އިން ހަމްރާ އެއްޗެކޭ ބުނަން އުޅެނިކޮށް އެލީގެ އަޑު ހަރުވިއެވެ.
“ޔެސް ތުއްތާ!!! އެކަމަކު މޯލްޑިވްސް ގަ އެކަހަލަ މީހުން އުޅޭހެން ހިއެއް ނުވޭ.” އެލީ ހިލްޔާއަށް ބަލާލަމުން ތުން އޫކޮށްލިއެވެ.
“ނޫނޭ….މޯލްޑިވްސް ގަ ވެސް އުޅޭހެން ތުއްތައަށް ހީވަނީ.” ހިލްޔާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލީ، މިއަދު ރާފިލް އޭނައަށް ފެނިގެން ދިޔަ ‘ޝާހީ’ ގޮތް ހަނދާން ކުރަމުންނެވެ.
“ވަޓް؟! ތުއްތަ އެކަހަލަ މީހަކާ ދިމާވީތަ؟ ވެއާާާާރ؟” އެލީ އެ ފަހު ސުވާލު ކޮށްލީ ދިގުކޮށެވެ. ހަމްރާ ވެސް ނިކަން އެނގެން ބޭނުންވެފައި ދެބުމަ ކައިރި ކޮށްލަމުން ހިލްޔާއަށް ބަލައިލިއެވެ.
“ބައްޕަގެ ކްލިނިކަށް ޖޮއިން ކުރި ދިވެހި ޑޮކްޓަރެއް. ވަރަށް ހޭންޑްސަމް. ރިޗް ވާނެކަން ވެސް ޔަޤީން. ހީ ޝޯވްޑް އަޕް އިން އަ ބެންޒް!” ހިލްޔާ އެހެން ބުނުމާއިއެކު އެލީ ހުޅުވިގެން ދިޔަ އަނގަމަތީގައި ދެ އަތް އަޅައި ތޫލި އަޑެއް ލެއްވިއެވެ.
“ހޭންޑްސަމް ވެފަ ރިޗް ވީމަ ހުރިހާ ކަމެއް ހަމަވީތަ؟ ވަޓް އިފް ހީ ޓްރީޓްސް ޔޫ ލައިކް ކްރެޕް؟” ހަމްރާ އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމަކާއި އެކީގައެވެ. ދެ ކޮއްކޮއިންގެ ވިސްނުން އޭނައަށް ކަމަކު ނުދިޔައެވެ.
“އައި ނޯ ދޮންތާ. ވަކި އޭނައާއި މެރީ ކުރާކަށް ނުއުޅެމޭ. އެލީ އެހެން ބުނީމަ ޖަސްޓް ބުނެލީ މޯލްޑިވްސް ގަ އެކަހަލަ މީހުން އުޅޭ ވާހަކަ. ކޮންމެހެން ނުއުޅެން އޭނައާއި އިންވޯލްވް ވާކަށް. އިންޓާނަލް ސާރޖަންއަކަށް އަދި ވާން އެބަޖެހޭ.” ހިލްޔާ އެ ބުނި ވާހަކައަށް އެލީ ޗޮއްކެނޑިއެވެ.
“ބަލަ އެއީ ވެސް ޑޮކްޓާރއަކަށް ވީމަ ތުއްތަ ގެ ތި ޑްރީމް އޭނައަށް އަންޑަސްޓޭންޑް ވާނެއެއްނު؟ ރެޒިޑެންސީ ގަ ބިޒީ ވިޔަސް އޭރުން މެރިއޭޖްގަ މައްސަލަތައް ނުޖެހޭނެއެއްނު؟” އެލީ ބުނެލިއެވެ.
އެއާއިއެކު ހިލްޔާގެ ސިކުނޑީގައި މީހަކު ކޮއްޓާލިހެން ހީވިއެވެ. އެލީ އެ ބުނެލި ބަސްތަކާއިމެދު ވިސްނާލެވުނެވެ. މިހާތަނަށް އައިއިރު އޭނަ ކިޔެވުމަށްފަހު ނޫނީ މީހަކާއި ނުއިންނަން ނިންމައިގެން ހުރީ އެލީ އެ ބުނިހެން ޓްރެއިނިންގް ގައި މަސައްކަތް ބުރަވުމުން މައްސަލަތައް ކުރިމަތިވާނެހެން ހީވެފައިވީތީވެއެވެ. އެހެނަސް ދެންމެ އެ އިވުނުހެން ޑޮކްޓަރަކާއި ކައިވެނި ކޮށްފިނަމަ އެ މައްސަލަތައް ނާންނާނެ ނޫން ހެއްޔެވެ؟ އަދި އަމުދުން ރާފިލް އަކީ ވެސް މެޑިކަލް އޮފިސަރެކެވެ. އޭގެ މާނައަކީ އަދި ރާފިލް ވެސް ސްޕެޝަލައިޒް ވާން ޖެހޭނެއެވެ. ދެމީހުންނަށް އެ ދަތުރު އެކީގައި ވެސް ފެށިދާނެއެވެ.
އެ ޚިޔާލީ ފޮލާ ކެއްކެން ފެށި ވަގުތު ބޯހޫރުވަން ބޭނުންވިއެއްކަމަކު ހިނިތުންވެލެވުނެވެ. ރާފިލް އިތުރަށް ދަނެގަތުމުގެ ޝައުޤެއް ހިތުގައި އުފެދުނެވެ. ހަމައެކަނި ދުނިޔަވީ އެދުމަށްޓަކައެވެ. ރާފިލް އާއި ގުޅުމުން އޭނަގެ އާޚިރަތަށް ކޮށްފާނެ އަސަރަކާއި މެދު ކުޑަ ވެސް ވިސްނުމެއް ނެތިއެވެ.
**
އެރޭގެ އެ ވަގުތުގައި ފެންވަރާލައިގެން ރާފިލް ފާޚާނާއިން ނިކުތީ އަޅި ކުލައިގެ ބާތް ރޯބްއެއް ބަނދެގެންނެވެ. ފާޚާނާއިން ނިކުތުމާއިއެކު ވަދެވުނީ ރާފިލްގެ ތަނަވަސް ކޮޓަރިއަށެވެ. ކޮޓަރީގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދިކަމުގެ އަސަރުތަކެވެ. ހުދުކުލައާއި ކަޅުކުލައިގެ ކިންގް ސައިޒް ބެޑް ރޫމް ސެޓުން އެ ކޮޓަރި ފަޅުފިލުވާފައިވެއެވެ. ކޮޓަރީގެ ދެ ފާރެއްގައި ކަނޑު އަޑީގެ މަންޒަރުތަކުގެ ކުރެހުންތައް ފްރޭމް ކުރެވި، ހަރު ކުރެވިފައިވެއެވެ. ހުދުކުލައިގެ ފާރުތައް ވަށާލެވިފައިވާ ހުދުކުލައިގެ މާރބްލް ޓައިލްތައް ވިދަމުން ދިޔަހެން ވެސް ހީވެއެވެ.
ބޮޑު ރީތިވާ މޭޒު ކައިރީގައި ހުއްޓިލަމުން ރާފިލް އޭނަގެ އިސްތަށިގަނޑު ދެއަތުން ލުއި ގޮތަކަށް ކަހާލިއެވެ. ފާޚާނާގައި އޮތް ހެއާރ ޑްރަޔާރއިން ފެން ހިއްކާފައިވިޔަސް އަދިވެސް ކުޑަ ތެތްކަމެއް ހުއްޓެވެ.
އިސްތަށިގަނޑުން އަތް ނަގައި، ތިރިކޮށްލުމަށްފަހު ރާފިލް ރީތިވާ މޭޒުގައި ދެއަތް ވިއްދާލީ، އެއްދިމާލަކަށް ނަޒަރު ހުއްޓަމުންނެވެ. ޚިޔާލަކަށް ގެއްލިފައި ކަހަލަ ގޮތަކަށް ހުރެފައި ވަށައި ނަޒަރެއް ދިނެވެ. އެދުމަތީގައި އޮތް އޭނަގެ ފޯނު ފެނިފައި ރާފިލް ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ ފޯނު ނެގިއެވެ. ފޯނަކީ ވެސް އެންމެ ފަހުގެ ކަޅުކުލައިގެ އައިފޯނެކެވެ.
ފޯނުން ރާފިލް ހުޅުވާލީ ގެލަރީއެވެ. ގެލަރީގައި ހުރި ފޮޓޯއެއް ހުޅުވާލުމާއިއެކު ފޯނުގެ ސްކްރީނުން އެއްކޮށް ފެނިގެން ދިޔައީ ހިލްޔާގެ ފޮޓޯއެވެ.
ގަދަ ފެހި ކުލައިގެ އަބާޔާއަކާއި ހަމަ އެކުލައިގެ ބުރުގާއެއް އަޅައި، އެއްފަރާތަކަށް ބަލަހައްޓައިގެން ހިލްޔާ ހުރީ ލުއި ހިނިތުންވުމެއްގައެވެ. ފޮޓޯއަށް ބަލަން ހުރެފައި ރާފިލް ޒޫމް ކޮށްފައި ހިލްޔާގެ ސޫރައަށް ބެލިއެވެ. އެހިނދު އެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ.
ނުނިމޭ