ނަފްސީ (ހަތަރުވަނަ ބައި)
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ހޭލެވުމުން ވެސް ތެދުވަން ހިލްޔާއަށް އުދަގޫވާ ގޮތްވިއެވެ. އެލާމްގެ އަޑު އިވުމުން ވެސް އެލާމް ކަނޑާލާފައި ނިދަން އޮވެވުނެވެ. އެކަމާއިމެދު ހިތުގައި ޝަކުވާ ވެސް އުފެދުނެވެ. އޭނަގެ އީމާންތެރިކަން އަނެއްކާވެސް ބަލިކަށިވަނީތޯ ނިދަން އޮވެވެސް ހިތަށްއެރިއެވެ. އެއީ ކީއްވެކަން ދަނެގަންނަން ހިލްޔާ މުޅިން ވެސް ނުކުޅެދުނެވެ.
މީހަކާއިމެދު ދަށްކޮށް ވިސްނުމަކީ ހިތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއްކަން ހިލްޔާއަށް ނޭނގެއެވެ. ﷲ ރުހިވޮޑިގެންނުވާ ފަދަ އެއްވެސް ޚިޔާލެއް ހިތުގައި ޒީނަތްތެރިވެ، އެ ޚިޔާލާއިގެން ކުރިއަށް ދިޔުމަކީ ހިތް ބަލިކަށި ކުރުވާ ކަމެކެވެ. އަދި އޭގެ ސަބަބުން އަޅުކަން ކުރަން ދަތިވެގެން ދެއެވެ. އެހެނީ އެ މީހަކާއިމެދު ދަށްކޮށް ދެކުނު މީހަކީ ﷲ ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިގެންވާ މީހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްވެސް މީހަކާއިމެދު ދަށްކޮށް ނުވަތަ ގޯސްކޮށް ވެސް ހީނުކުރުން މުހިއްމީ މިހެންވެއެވެ.
ހިލްޔާއަށް އެދުވަހު ފަތިސް ނަމާދަށް ތެދުވެލެވުނީ އިރުއަރަން 5 މިނެޓަށް ވެފައި ވަނިކޮށެވެ. އަވަސްއަވަހަށް ތެޅިފޮޅިގެން އިރު އެރުމުގެ ކުރިން ނަމާދު އަދާ ކުރެވުނީ ކިރިޔާއެވެ. އެދުވަހު ފަތިސް ނަމާދުގެ އިހު ސުންނަތް ނުލިބުނުކަން އެނގުންވީ ހިނދު ދެރަވީ މާ ބޮޑަށެވެ. ފަތިސް ނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި އޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދެ ރަކުޢަތް ކަން އަބަދުވެސް ހަނދާން ހުންނާތީވެއެވެ.
އެ ވީ ދެރައިގައި އެވަގުތު ޤުރުއާން ކިޔަވަން ޤަޞްދުކޮށްފައި ވެސް ނުކިޔެވުނެވެ. އޭނަގެ އީމާންތެރިކަން ބަލިކަށިކަމުގެ އިޙްސާސުން އިތުރަށް ސައިލު ލާން ބޭނުންވިއެވެ. ކާމިޔާބު ލިބުންވަނީ އެ އިޙްސާސުން އަރައިގަނެ، ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް އިތުރު ހެޔޮ ޢަމަލުތައް ކުރުމުން ކަން ހިލްޔާއަށް ނޭނގެއެވެ. މަގު ފެނިފައި ވެސް ދާނެ މިޞްރާބެއް ނޭނގޭ މީހެއް ފަދައިން މުސައްލަ މަތީގައި މިނެޓްތަކެއް ވަންދެން ހިލްޔާއަށް އިނދެވުނީ އެހެންވެއެވެ.
ދުވަސް ފެށިގެން ހިނގަން ފެށިއިރު ވެސް ހިލްޔާއަށް ވިސްނެމުން ދިޔައީ އޭނައަށް ހެޔޮ ޢަމަލުތައް ކުރަން ދަތިވެފައިވާ މިންވަރާއި މެދުގައެވެ. މީގެ އިތުރުން، އިއްޔެ ހޮސްޕިޓަލުން އޭނައަށް ފެނުނު ކަންތަކާއިމެދު ވެސް ކަންބޮޑުވަމުން ދިޔައެވެ. އުސްތާޒާ ގެ ނަސޭޙަތް ހަނދާންވެ، ދުޢާ ކުރަން ހަނދާން ވިޔަސް ދުޢާ ކޮށްގެން ވެސް ވާނީ ވަކި ވަރަކަށްތާއޭ ހިތަށްއެރިއެވެ. އެ ދުޢާ އާއި މެދު ހިލްޔާގެ ހިތުގައި ފުރިހަމަ ޔަޤީންކަމެއް ނެތެވެ. ދުޢާއަކީ މުއުމިނެއްގެ އެންމެ ބާރުގަދަ ހަތިޔާރު ކަން ހިލްޔާއަށް އެނގޭނެ ނަމައެވެ.
އެދުވަހުގެ ސައި ގަޑީގައި ހިލްޔާ އާއި ހަމްރާ އާ އެކީ އެލީ އާ ވެސް ދިމާވިއެވެ. ނަހީދު އޭގެ އިރުކޮޅެއް ކުރިން ސައިބޮއިގެން އޮފީހަށް ގޮސްފައިވީއިރު ހާފިޒާ ކެއުމުގެ ކުރިން ކާ ބޭސްގުޅައެއް ކައިގެން ގަޑި ހަމަ ވަންދެން ކޮޓަރިއަށް ދިޔައެވެ.
“ދޮންތަބެ މިހާރު ހާދަ ނުފެނެއޭ….މި ގޭގަތަ އުޅެނީ އަނެއްކާ؟” ހިލްޔާ ނާސްތާގެ ތެރެއިން ހަމްރާ އާއި ވާހަކަ ދެއްކިއެވެ. “ދޮންތަބެ” ގެ ނަން ގަނެވުމާއިއެކު ދޮންތަގެ މޫނުމަތީގެ ކުލަވަރު ފަނޑުވިކަން ހިލްޔާއަށް ފާހަގަވިއެވެ.
“އަ…އާނ…ހެހެ….އޮފީސް ތަންކޮޅެއް ބިޒީ ދުވަސްކޮޅެއްވީމަ ކޮންމެ ރެއަކު ވަރަށް ލަހުން ގެއަށް އާދެވެނީ. ލަހުން ނިދޭތީ ލަހުން ހޭލެވެނީ ވެސް.” ހަމްރާ ޖެހިލުންވުމެއް އެކުލެވޭ ފަދައަކުން ޖަވާބު ދިނެވެ. ހިލްޔާއަށް އެކަން މާ ރަނގަޅަށް ވެސް ފާހަގަވިއެވެ.
“ފަތިސް ނަމާދު ވެސް ނުކޮށްތަ ނިދަނީ؟ ހާދަ ނުގުޅެއޭ ދޮންތަބެ ގެ ޕާރސަނޭލިޓީ އާ.” ހިލްޔާއަށް ބުނެވުނެވެ. ދޮންތަގެ ފިރިމީހާ ކަމަށްވާ އަސްލަމް އަކީ ބޭރުފުށުން ދީންވެރިކޮށް ދައްކާ މީހެކެވެ. ތުނބުޅި ދިގުކޮށްފައި އަބަދުވެސް ކޮންމެވެސް ދީނީ ވާހަކައެއް ހަނދާންކޮށްދޭ މީހެކެވެ. ދޮންތަ އަސްލަމް ޚިޔާރު ކުރީ ވެސް އެ ދީންވެރި ކަމަށްޓަކައެވެ.
“ން…ނޫނޭ ނަމާދު ކުރޭ. ދޮންތަ ވެސް….ގަދަކަމުން ތެދު ކުރުވައިގެން ނަމާދު ކުރުވާނެ….ހެހެ….” ދޮންތަ އިހުނަށްވުރެ ވެސް ބޮޑު ޖެހިލުންވުމަކާއިއެކީ އެހެން ބުނިއިރު ނިތުން ހިއްލި ދާ ތިކިތައް ވެސް ހިލްޔާއަށް ފާހަގަވިއެވެ. ހިލްޔާ އިތުރު އެއްޗެކޭ ދޮންތަ ގާތު ބުނަން އުޅުނުތަނާ އެކަމަށް ހުރަސް އެޅުނީ، އެލީ ކުއްލި ގޮތަކަށް އެތެރެއަށް ނޭވައެއް ދަމާލި އަޑުންނެވެ.
“ނޯޯޯޯޯޯޯޯޯޯޯޯޯޯޯ…..”ފަހު ދުވަސް” ޑްރާމާ ގެ ސީޒަން 2 ގަ ޑޭން ނުހުންނާނެޔޯ!” އެލީ ދިގުކޮށް ބުންޏެވެ. ހެނދުނު ތެދުވުނު ގޮތަކަށް އަތްދިގު ނިދާ ހެދުމާއި، ހޭވިފައިވާ އިސްތަށިގަނޑަކާއެކު ފޯނަށް ބަލައިގެން އެލީ އިން ގޮތުން، މުޅި ޙަޔާތް ބަރުބާދުވެގެންދާ ޚަބަރެއް ލިބުނު ކުއްޖެއްހެން ހީވެއެވެ.
“ކޮން ދުވަހެކޭ؟”
“ކާކޭ؟”
އެ ދެ ސުވާލު ހަމްރާއާއި ހިލްޔާއަށް ކޮށްލެވުނީ އެއްވަގުތެއްގައެވެ. އެއާއިއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލަމުން އަނެއްކާވެސް އެލީއަށް ނަޒަރެއް ދެވުނެވެ. އެއާއިއެކު އެލީ ފޯނުން ނަޒަރު ވަކިކޮށްލަމުން އިސްއުފުލާލިއެވެ.
“ފަހު ދުވަސް ޑްރާމާ! ޔޫ ބޯތް ޑޯންޓް ނޯ؟ އެއީ މިހާތަނަށް އެންމެ މަޝްހޫރުވި ދިވެހި ޑްރާމާ ސީރީސް!” އެލީ ޖޯޝާއިއެކީ ވާހަކަ ދެއްކިއެވެ.
“އިއޫ އެލީ ދިވެހި ޑްރާމާ ވެސް ބަލަނީތަ؟” ހިލްޔާ އެހެން ބުނެ އޯކަތް ދަމާ ކަމަށް ހެދުނެވެ.
“އިނގިރޭސި ފިލްމަށް ވުރެ ވެސް ގޯސް އެއްޗެހި ހުންނަނީ މި ޒަމާނުގެ ދިވެހި ޑްރާމާގަ. އެލީ ފާޑުފާޑުގެ އެއްޗެހި ނުބަލަބަލަ. ބައްޕަ ހުންނަނީ އެކަމާ ނުރުހުންވެފަ.” ހަމްރާ ބުންޏެވެ. އެއާއިމެދު ހިލްޔާ އެއްޗެކޭ ބުނަން އުޅުނު ތަނާ އެލީ ވާހަކަ ދެއްކިއެވެ.
“ނޯ! ޔޫ ބޯތް ގޮޓް އިޓް ރޯންގް. މި ބުނާ ޑްރާމާ އަކީ ޓިޕިކަލް ދިވެހި ޑްރާމާއެއް ނޫން. އެކްޝަން ޖާންރާ ގެ އެއްޗެއް. އެހެން ނޫނަސް ޑޭން ނުކުޅޭނެ ތި ބުނާހާ އިންޑީސެންޓް ސީންއެއް. ނޫހަކަށް ދިން އިންޓަވިއުއެއްގަ އެހެން ބުނަން ވެސް ބުނި. ބަޓް ނައު ހީ އިޒް ލީވިންގް! ކޮންޓްރެކްޓް ރިނިއު ނުކުރާ ސަބަބެއް ވެސް ނުބުނެޔޯ ރެއިން ޑްރޮޕް އެންޓަޓެއިންމެންޓުން ބުނީ…” އެލީ ވާހަކަ ކިޔައިދިނުމަށްފަހު މޫނުގައި ދެއަތް އަޅާލަމުން ރޯ ކަމަށް ހެދުނެވެ.
“ވަޓްއެވާރ އިޓް އިޒް އެލީ….އެލީ އެބަޖެހޭ ތި ފިލްމު ބަލާ ވަރު މަދު ކުރަން. ހަނދާން ނެތިފަ ހުއްޓާ މި ވާހަކައިން ހަނދާންވީ. މިއަދު ނެޓްފްލިކްސް އެކައުންޓް އަންސަބްސްކްރައިބް ކުރާނަން ތުއްތަ!” ހިލްޔާ އެންގިއެވެ. އެއާއިއެކު އެލީ ދެލޯ ބޮޑުކޮށްލަމުން ސީދާވެލިއެވެ.
“ބަޓް ވާއި ތުއްތާ!”
“ބައްޕަގެ އޯޑާރސް. ބައްޕަ ކައިރިން އަހާ!”
“ބަޓް….އައިމް ޑުއިންގް ވެލް ސްޓަޑީސްގަ ވެސް! ކީއްވެ ބައްޕަ އެހެން ހަދަންވީ؟”
އެއާއިއެކު ހިލްޔާ އާއި އެލީ އާ ދެމެދު ކުޑަ ބަހުސެއް ހިނގިއެވެ. ބަހުސް ނިމިގެން ދިޔައީ އެލީ ހަމަ އެހާރުން އެހާރަށް ބައްޕައަށް ގުޅައި އެކަން ސާފު ކުރާނެ ވާހަކަ ބުނި ހިސާބުންނެވެ.
ޑިއުޓީއަށް ދިޔުމުގެ ކުރިން އެދުވަހު މެންދުރު ހުސް ވަގުތެއް ލިބުމުން ހިލްޔާއަށް ފޯނާއިއެކީ އެނދުގައި އޮށޯވެވުނެވެ. ހުސް ވަގުތެއް ލިބޭއިރަށް ހިލްޔާއަށް ސޯޝަލް މީޑިއަށް ވަދެ ސްކްރޯލް ކުރެވެން ފަށައެވެ. އެއީ ކީއްވެތޯ ބައެއްފަހަރު ހިލްޔާގެ ހިތަށްއަރައެވެ. ފުރާވަރުގައި ވެސް އޭނަ ސޯޝަލް މީޑިއާ ގެންގުޅުނެވެ. އެހެނަސް އޭރު ހުސް ވަގުތެއް ލިބޭއިރަށް ބެލެނީ ދަރުހެކެވެ. މިހާރު އެހެން ނުވަނީ ކީއްވެތޯ ހިތަށްއެރިއެވެ.
އެވަގުތު ވެސް އެ ޚިޔާލު ސިކުނޑިއަށް ވެރިވުމާއިއެކު ޔޫޓިއުބަށް ވަދެ އުސްތާޒާ އަސްމާގެ ދަރުސްތައް ސާޗްކޮށްލެވުނެވެ. އެ ދަރުސްތަކުގެ ތެރެއިން ގިނަ ދަރުސްތަކަކީ ހިލްޔާ ބަލާފައިވާ ދަރުސްތަކެވެ. ނުބަލާ ދަރުހެއް ހުޅުވާލުމާއިއެކު، ދަރުހުގެ މަޢުޟޫއަކީ ރުޅި މަޑު ކުރުން ކަން އެނގުންވުމާއިއެކު އެ ދަރުސް ކްލޯޒް ކޮށްލެވުނެވެ. މިއީ އޭނައަށް އެނގޭ ކަންތައް ކަމަށް ހިލްޔާއަށް ހިތާހިތުން ބުނެވުނެވެ. އެކަމާއި ގުޅިގެން އުސްތާޒާ ޙިއްސާ ކުރާނެ އާޔަތްތަކާއި ޙަދީޘްތައް ވެސް ހިލްޔާއަށް ޔަޤީން ކުރެވުނެވެ. ވީއިރު އޭނަ އޭތި ބަލަން ޖެހޭނީ ކީއްވެތޯ ހިތަށް އެރިއެވެ. ހިލްޔާ ކުރިން ބަލާފައިވާ ދަރުސްތަކާއިމެދު ވެސް ހިލްޔާގެ ހިތުގައި ދައުރުވަމުން ދިޔައީ މިފަދަ ޚިޔާލުތަކެވެ. އެއާއިއެކު އޭނައަށް މިހާރު ދަރުސްތައް ނުބެލެނީ ދީނުގެ ބޮޑު ބައި އޭނައަށް އެނގިފައިވާތީތޯ ހިތަށްއެރިއެވެ.
ދީނުގެ ހުރިހާ ޢިލްމެއް މީހަކަށް އުނގެނިދާނެ ހެއްޔެވެ؟ އެ ހުރިހާ ޢިލްމެއް ނުވަތަ އެ ޢިލްމުގެ ބޮޑު ބައެއް އުނގެނިފައި ވިޔަސް، އެ ޢިލްމާއި އެއްގޮތަށް އަބަދު ޢަމަލު ކުރެވޭނެ ހެއްޔެވެ؟ އެ ޢިލްމު ހަނދާން ނުނެތޭނެ ހެއްޔެވެ؟ ނޫނެކެވެ. އިންސާނުންނަކީ ހަނދާން ނެތޭ ބަޔެކެވެ. ހަނދުމަކޮށްދިނުމެއްގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ޤުރުއާން ބާވައިލެއްވީ އެހެންވެއެވެ. އެ ހަނދުމަކޮށްދިނުމުން މުއުމިނުންނަށް ފައިދާ ކުރެއެވެ. ޢިލްމާއި އެއްގޮތަށް އުޅެން ހިތްވަރެއް ލިބިގެން ދެއެވެ. ހިލްޔާއަށް އެކަން އެއްގޮތަކަށް ވެސް ނުވިސްނެއެވެ. ޢިލްމު ލިބިފައި ވިޔަސްމެއެވެ.
އެދުވަހު ވެސް އާދައިގެ މަތިން ހިލްޔާ ޑިއުޓީއަށް ދިޔައީ ހަވީރުއެވެ. އެ ހަފްތާގެ ޑިއުޓީ އޮތީ އެ ގަޑީގައި ކަމަށްވުމުންނެވެ. އާދައިގެ މަތިން ޑިއުޓީ އަދާ ކުރަމުން ދިޔައެއްކަމަކު ހިލްޔާ އެދުވަހު ކަމަކަށް ކެތްމަދުވެފައިވިއެވެ. ރޭ އޭނަ ހަދަން ފޮނުވި ޓެސްޓްތަކުގެ ނަތީޖާ ބަލާލަން ހިލްޔާ ބޭނުންވެފައިވިއެވެ. އެ ނަތީޖާތައް އޭނަ ހީކުރާ ގޮތަށް އައިސްފިނަމަ އެއީ ޢާއްމު ގިނަ ރައްޔިތުންނަށް ހުރި ނުރައްކަލެއްގެ އިންޒާރެކެވެ. ނަތީޖާ ރަނގަޅު ވެއްޖެނަމަ ހިލްޔާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނެއެވެ. ހިލްޔާ އުއްމީދު ކޮށްގެން ހުރީ އެ ހަމަޖެހުން ލިބޭނެ ކަމަށެވެ. މިއީ ހަމައެކަނި އޭނައަށް ހީވާ ހީވުމަކަށް ވެދާނެ ކަމަށެވެ.
އެހެނަސް އެރޭ 10 ޖަހައި ޑިއުޓީ ނިމުނު ވަގުތު، ހިލްޔާ ބަލިމީހުން ބަލާ ކޮޓަރީގައި އިންދާ މެއިލްއަށް ލިބުނު ރިޕޯޓްތަކުން، ހިލްޔާގެ ދެބުމަ ކައިރިވިއެވެ. ނަތީޖާ ނިކުތީ ހިލްޔާ ހީކުރި ވަރަށްވުރެ ވެސް ބިރުވެރި ގޮތަކަށެވެ. ދެ ކުދިންގެ ލޭގެ ޓެސްޓްތަކުން ވެސް ފެންނަ ފެނުމަށް ކުދިންގެ އެތެރެ ހަށީގެ ގުނަވަނެއްގައި ފާރު ހެދިފައިވެއެވެ. ރިޕޯޓްތައް ބަލަމުން ދިޔަދިޔަހެން އެމަޖެންސީއަށް ގެނެވޭނެ އެތައް ކުދިންނެއް ހިލްޔާގެ ޚިޔާލަށް ގެނެވުނެވެ. އެއާއިއެކު ދެލޯ ތަގުޅިކޮށް ބޯހޫރުވާލެވުނެވެ. އެއަށްފަހު ވަގުތުން އެ މެއިލް ފޯވާޑް ކޮށްލެވުނީ ހޮސްޕިޓަލުގެ މެނޭޖަރ ހުސެއިން ބާސިމް އަށެވެ. ބާސިމް އަކީ ހޮސްޕިޓަލުގެ މެނޭޖަރަށް ވިޔަސް އެއީ 20 އަހަރު ވަންދެން އިންޓާނަލް ސާޖަން އެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޑޮކްޓަރެކެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން އަންގާނީ ބާސިމެވެ.
ރިޕޯޓްތައް އެޓޭޗް ކުރުމަށްފަހު މެއިލްއެއް ލިޔެ ބާސިމަށް ފޮނުވުމަށް ‘ސެންޑް’ އަށް ފިތަން އުޅެފައި ވެސް ހިލްޔާ ޖެހިލުންވިއެވެ. އޭނައަށް މިކަމާއިމެދު މި ވިސްނެނީ މާ ބޮޑަށް ތޯ ހިތަށްއެރިއެވެ. އެންމެ ދެ ކުދިންގެ ޓެސްޓް ނަތީޖާތަކުން މިއީ ޔަޤީން ކަމަކަށް ނުވެވެސް ހިނގައިދާނެއެވެ. މިއީ އެހާ ކުޑަ ކަމަކަށް ވާނަމަ ބާސިމާއި ހަމައަށް ގެންދަން ވެސް ވާނެ ހެއްޔެވެ؟ ހޮސްޕިޓަލް ގައި އުޅޭ އެކުވެރި ޑޮކްޓަރުންނާއި މިކަމާއިމެދު ވާހަކަ ދައްކާލަންވީ ހެއްޔެވެ؟ ނުވަތަ އޭނައަށްވުރެ ތަޖުރިބާ ހުރި ޑޮކްޓަރުންނާއި ވާހަކަ ދައްކާލަންވީ ހެއްޔެވެ؟ އެހެނަސް އެމީހުން މިއީ ބޮޑު ކަމަކަށް ނަހަދައި، މާ ލަސް ވާ ފަހުން އޭނައަށް ހީވީ ރަނގަޅަށްކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އުސްތާޒާއަށް ވީ ފަދައިން ވެއްޖެނަމަ އޭނައަށް އަމިއްލަ ނަފްސަށް މަޢާފު ކުރެވޭނެ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކީ ހިލްޔާ އެ މެއިލް ‘ސެންޑް’ ކޮށްލިއެވެ. އެއީ ބޮޑު ކަމަކަށް ނުވިޔަސް ބާސިމް ތަޖުރިބާކާރު ޑޮކްޓަރެއްގެ ގޮތުގައި އޭނަ އެކަން ސަމާލުކަމަށް ގެނައީތީ އުފާ ކުރާނެ ކަމަށް ހިލްޔާއަށް ހީކުރެވުނެވެ. އެއަށްފަހު ގޮނޑިން ތެދުވެ މާސްކް ނަގާލުމަށްފަހު އޭނަގެ ދަބަސް އަޅުވައިގެން އެ ކޮޓަރިން ނިކުންނަން ދިޔައީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ.
ހިލްޔާ ދެން މިޞްރާބު ޖެހީ ލިފްޓާއި ދިމާލަށެވެ. ލިފްޓަށް އަރައިގެން ހިލްޔާ ދިޔައީ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާއަށެވެ. ބާސިމް އިންނަ އޮފީސް ހުންނަނީ އެ ފަންގިފިލާގައި ކަމަށްވުމުންނެވެ. ‘މެނޭޖާރ’ އޭ ލިޔެވިފައި އޮތް ދޮރާއި ދިމާލަށް ދިޔައިރު ހިލްޔާގެ އަތްފައި ފިނިވެފައިވިއެވެ. ހިތުގެ ތެޅުން ވެސް އިންތިހާއަށް އަވަސްވެފައިވިއެވެ. ދޮރާއި ހަމައަށް ގޮސް އެނބުރި އައި ކޮޅަށް ހިނގައިގަންނަން ވެސް ހިތަށް އެރިއެވެ. އެހެނަސް ހީވަމުން ދިޔަ ހީވުމާއިމެދު ހިތުގައި އޮތް ބިރުވެރިކަން ވެސް ބޮޑުވުމުން، މިއީ ވީހާ ވެސް އަވަހަކަށް ބާސިމަށް އެނގެންޖެހޭނެ ކަމެއް ކަމަށް ހިލްޔާއަށް ޤަބޫލު ކުރެވުނެވެ. ކަން ދިމާ ކުރި ގޮތުން އެރޭގެ އެވަގުތު ބާސިމް އޮފީހުގައި ވެސް ހުއްޓެވެ. އެރޭ އޮތް ބޮޑު ސާޖަރީއެއް ނިންމުމަށްފަހު ބާސިމް އޮފީހުގައި އިންކަން ހިލްޔާއަށް އެނގުނީ އައި މަގުމަތީގައި ދިމާވި ނަރުހަކު ދެއްކި ވާހަކައަކުންނެވެ. މިއީ ވެސް އޭނަ މިރޭ ބާސިމާއި ބައްދަލުކުރުން މުހިއްމު ކަމަށް ލިބޭ ޢިޝާރާތެއް ކަމަށް ހިލްޔާއަށް ހީކުރެވުނެވެ.
ޖެހިލުންވުމަކާއިއެކީ ވެސް ހިލްޔާއަށް އެ ދޮރުގައި ޓަކި ދެވުނީ އެހެންވެއެވެ. އެތެރެއިން ބާސިމް ‘ކަމް އިން’ އޭ ބުނެލި އަޑު އިވުނެވެ. އެއާއިއެކު ހިލްޔާ ދޮރު ހުޅުވާލިއެވެ.
“އަ…އައްސަލާމް..ޢަލައިކުމް ސާރ….” ހުދު ކުލައިގެ ދިގު ކޯޓެއް ލައިގެން ބޮޑު މޭޒެއްގެ ދޮށުގައި ހުރި ބޮޑު ގޮނޑިއެއްގައި އިން މެދު ޢުމުރުގެ ބާސިމް ފުރަތަމަ ފަހަރަށް ފެނިފައި ހިލްޔާގެ އަޑު ތުރުތުރު އެޅިއެވެ.
“ވަޢަލައިކުމުއްސަލާމް. ތިއީ ކޮން ކުއްޖެއްތަ؟” ބާސިމް ކޮމްޕިއުޓަރުން ނަޒަރު ވަކިކޮށް ހިލްޔާއަށް ބަލައިލީ ދެބުމަ ކައިރި ކޮށްލަމުންނެވެ. އެއިން ހިލްޔާ އިތުރަށް ޖެހިލުންވިއެވެ. އެހެނަސް ދޮރު ހުޅުވާލަމުން އެ ރޫމުގެ ތެރެއަށް ވަނެވެ. އަދި އޮޅުން އަރަމުން ދިޔަ ދެ ފައި ކިޔަމަން ކުރަން މަސައްކަތް ކުރަމުން ގޮސް ބާސިމް ގެ ކުރިމަތީގައި ހުއްޓިލިއެވެ.
“އަޅުގަނޑު…ގެ ނަމަކީ ޑޮކްޓަރ ހިލްޔާ. މެޑިކަލް އޮފީސާރއެއް….އަޅުގަނޑަށް ވަރަށް އެލާރމިންގް ކަމެއް ފެނިގެން ސާރ އަށް މެއިލް ކޮށްފައިވާނެ. ބަލާލިންތޯ؟” ހިލްޔާއަށް އަހާލެވުނެވެ.
“އެލާމިންގް….ކޮންކަމެއް؟” ބާސިމް އެހިއެވެ.
“މިހާ ތަނަށް އަޅުގަނޑު 3 ކުދިންނާއި ދިމާވެއްޖެ ތްރޯޓް އިންފްލެމޭޝަން އާއެކީ. އެ 3 ކުދިން ވެސް ބުނީ އެންމެ ފަހުން ކެއީ އެޕްލް އޭ. ދެން ޓެސްޓް ރިޒަލްޓްސް ދައްކާ ގޮތުން އިންޓާނަލީ އެބަހުރި އިންފްލެމޭޝަންއެއް. ނަންބާރސް ހުރި ގޮތުން ހިއެއް ނުވޭ އެއީ ހަމައެކަނި ތްރޯޓް އިންފްލެމޭޝަން ގެ ސަބަބުން އައި ނަތީޖާއެއް ހެނެއް. ސޯ އައި ތޯޓް…..މިއީ އެޕްލް ގެ ސަބަބުން ވާ ކަމަކަށް ވާނަމަ އިތުރަށް އިންވެސްޓިގޭޓް ކުރަންވާނެއޭ. އިންވެސްޓިގޭޝަން ގެ ރިޒަލްޓްއަށް ބަލާފަ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ވީހާ ވެސް އަވަހަކަށް އަންގަން އަޅުގަނޑަށް ފެނޭ…..”
ކޮޅަށް ހުރެ ބާސިމްއަށް ބަލަމުން ނުބަލަމުން ހިލްޔާ ދެއްކި ހުރިހާ ވާހަކަތަކަށް ފަހު ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މި ޙާލަތާއިމެދު އޭނައަށް ކުރެވެން އޮތް ކަމެއް ކުރެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ. ހިލްޔާ ބާސިމަށް ބަލަން ނުކެރިފައި އިންދާ އިސް އުފުލާލެވުނީ ބާސިމް ހީލި އަޑަށެވެ. އެއާއިއެކު ހިލްޔާއަށް ޙައިރާންކަމެއް ލިބުނެވެ. އެހިނދު ބާސިމް އިތުރަށް ހޭންފެށި ގޮތުން އެއީ ހިލްޔާއަށް އަމާޒުވި މަލާމާތެއް ކަން ހިލްޔާއަށް އެނގުންވިއެވެ.
“3 ކުދިން….އިންފްލެމޭޝަން….ހަހަހަހަ….ކަމޯން! އެންމެ 3 ކުދިންނަށް ބަލާފަ ޖަހާ ނަގާފަ އަހަރުމެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ދާންވީތަ؟” ބާސިމް އެ ނުލަފާ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“ދެޓްސް ވާއި ފާރދާރ އިންވެސްޓިގޭޝަން ސާރ. އެހެން މެޑިކަލް އޮފިސާރސް ގާތަށް ވެސް މިކަހަލަ ކުދިން އައިސްފައި ހުރިތޯ ބެލުން މުހިއްމު. އަދި މިކަން އެހެން ޑޮކްޓާރސް އަށް އަންގައި މި ސިމްޕްޓޮމްސް އެހެން ބަލިމީހެއްގެ ފަރާތުން ފެނުނިއްޔާ އެޕްލް އާ ގުޅުމެއް ހުރިތޯ ބަލަން ޓްރާއި ކުރަންވީ….” ހިލްޔާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“ޕްލީޒް! ގިވް މީ އަ ބްރޭކް! ޑޮކްޓާރސް މިހާރު ވެސް އެ އުޅެނީ އެހާ ބުރަކޮށް. ތި ކުއްޖާ ތި ބުނާ އެންމެ 3 ކުދިންގެ ލޭގެ ޓެސްޓަށް ބަލާފަ ބަޔަކަށް އެހާ ބޮޑު ބުރައެއް ޖައްސާކަށް ވެސް ނުވާނެއެއްނު؟ އަޅެ ނިކަން ބުނެބަލަ، ތި 3 ކުދިން ކުރެ އެއްވެސް ކުއްޖެއް ފޮލޯ އަޕް އަށް އައިތަ؟” ބާސިމްގެ އެ ފަހު ސުވާލާއެކު ހިލްޔާގެ އަނގަ ބަންދުވިއެވެ.
“ން….ނާދޭ…އަދި.” ހިލްޔާއަށް އިސްޖަހާލަމުން ޖެހިލުންވުމަކާއިއެކީ ބުނެވުނެވެ.
“ގޯޑް! އަދި ފޮލޯ އަޕްއަށް ވެސް ނާންނަނީސް މި އޮފީހަށް ވަންނަން ތީނައަށް ކެރިއްޖެ؟ ހުވާ މިހެންވެ އަހަރެން ބުނަނީ އަންހެނުން ޑޮކްޓަރުންނަށް ވެގެން ނުވާނެއޭ. ހޯރމޯނަލް ވެގެން ގޮއްސަ ހެދޭ ނުހެދޭއެއް ނޭނގޭ ތި މީހުންނަށް. ބޭކާރުހާ ވާހަކަ ނުދައްކާ ފިރިން ކައިރީގަ ގޭގަ ތިބީމަ ނިމުނީއެއްނު؟” ބާސިމް އެ ފަހު ބަސްތައް ބުނެލީ ހިލްޔާ އެތާ ނުވެސް ނެތް ކަމަށް ހަދައި ކޮމްޕިއުޓަރަށް ބަލާލަމުންނެވެ.
ބާސިމް ދެއްކި ވާހަކައިން ހިލްޔާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިސާހިތަކު ހިލްޔާގެ ގޮށްމުއްކެވި މޫނު ރަތްވިއެވެ. ޚިޔާލުތަކުގެ ތެރެއިން ބާސިމްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލެވިއްޖެއެވެ. ހަމަ އެހިނދު ވާހަކަ ވެސް ދެކެވުނެވެ.
“ސޮރީ ޓު ސޭއި ދިސް އެކަމަކު ސާރ ބޮޑު ގޮނޑިއެއްގަ އިންނެވިޔަސް ތި ވާހަކަ ދައްކަވަނީ އެހާ ރަނގަޅަކަށް ނޫން. ސާރ ގެ މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރުންނަކީ މަދު ބައެއް ނޫން. ބަލިމީހުންގެ ތެރެއިން އަންހެނުންނާއި ކުޑަ ކުދިންނަށް ގިނަ ފަހަރު ކަމުދަނީ އަންހެން ޑޮކްޓަރުން. އަޅުގަނޑު ސާރ ގެ ގާތަށް މިއައީ އެހާ ބޮޑު މައްސަލައަކާއި އެކީ ކަމަށް ނުވެދާނެ. އެކަމަކު އޭގެ މާނައެއް ނޫން ސާރއަށް އަޅުގަނޑާއި ތިގޮތަށް ވާހަކަ ދެކެވޭނެއޭ. މިއިން ހަމަ ގައިމުވެސް އަޅުގަނޑު ސާރ އަށް ކުރި ޤަދަރު ކުޑަވެއްޖެ. މާ ބޮޑު އަޚްލާޤެއް ސާރ ގެ ނެތްކަން އެނގިއްޖެ.”
އައިސްފައިވި ރުޅީގައި ހިލްޔާއަށް އެ ބުނެވުނު ފަހު ބަސްތަކާއިމެދު ޚުދު އަމިއްލައަށް ވެސް ޙައިރާން ވެވުނެވެ. އެއީ ބުނަން ނުޖެހޭ ބަސްތަކެއް ކަމަށް ހިތުގެ ކަނަކުން ގޮވިއެވެ. އެހެނަސް އެވަގުތު ޝައިޠާނާ އެ ބަސްތައް ވެސް ހިތުގައި ޒީނަތްތެރި ކުރިއެވެ. ކުރިމަތީގައި މިހިރަ އިންސާނާއަކީ ހަމަ އެއްވެސް އަދަބެއް އަޚްލާޤެއް ނެތް މީހެއް ކަމަށް ޤަބޫލު ކުރެވުނެވެ.
ހިލްޔާ އެ ބުނި ބަސްތަކާއިމެދު ބާސިމް އަނގަ ހުޅުވި، އެއްޗެކޭ ބުނަން ވެސް ނޭނގިފައި އިންދާ ހިލްޔާ ބާސިމަށް ފަސްދީފައި އެ އޮފީހުން ނިކުތެވެ. އެހިނދު މި ބަހުސްގައި ‘ކާމިޔާބު’ ވީ އޭނަ ކަމަށް ހިލްޔާއަށް ޤަބޫލުކުރެވުނެވެ.
އެހެނަސް ރިވެތި އަޚްލާޤާއި ޚިލާފަށް ކަން ކުރުމުގައި އޮތީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ރުޅިވެރިކަމުގެ މައްޗަށް ގަދަ ނުވެވުމަކީ ކާމިޔާބީއެއް ހެއްޔެވެ؟ ބާސިމްއާއި ދިމާލަށް އެފަދައިން ވާހަކަ ދެއްކުމުން ހިލްޔާ ވެސް ވެގެން އެދަނީ އޭނައާއި އެއް އަޚްލާޤެއްގެ މީހަކަށް ނޫން ހެއްޔެވެ؟ ރުޅިވެރިކަމުގެ އެ ވަގުތުގައި ހިލްޔާ ހިމޭންކަން ޚިޔާރު ކުރި ނަމަ، އެހެންނޫނީ ރީތި ގޮތަކަށް ވާހަކަ ދެއްކި ނަމަ ހިލްޔާއަށް އޭގެ ޘަވާބު ލިބުނީހެވެ. އަދި ބާސިމަށް އޭނަގެ ފާފައިގެ ނޭދެވޭ ނަތީޖާ ފެނުނީހެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ގެ ޞާލިޙު އަޅުން ދިފާޢު ކުރައްވައި ރައްކާތެރި ކުރައްވައެވެ. މިވީ ގޮތުން ޚުދު ހިލްޔާއަށް ވެސް އޭނަގެ ފާފައިގެ ނަތީޖާ ފެންނާނެއެވެ.
އެރޭ ހޮސްޕިޓަލުގެ މައިދޮރުން ނިކުތްއިރު ވެސް ހިލްޔާގެ ހިތާއި ސިކުނޑިއަށް ސަވާރުވެފައިވީ ރުޅިވެރިކަމެވެ. އެހެން ރޭތަކާއި ޚިލާފަށް ގެއަށް ގޮސް ކުރަންޖެހޭ ޢިޝާ ނަމާދާއި މެދު ވެސް ނުވިސްނެއެވެ. އެރޭ ކާރު ވެސް ޕާކް ކުރެވިފައިވީ ތަންކޮޅެއް ދުރުގައި ކަމަށްވުމުން، މަގު ހުރަސް ކުރުމުގެ ކުރިން ހިލްޔާ ޕޭވްމެންޓުން ކުޑަކޮށް ހިނގާލަން ޖެހުނެވެ. ދެންމެ ބާސިމާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް ސިކުނޑީގައި ގުގުމަމުން ދާ ޙާލު ބާރަށް ހިނގެމުން ދިޔައެވެ.
ހިނގާފައި ދަނިކޮށް ހިލްޔާ ފަސްދެމުން ދިޔަ ކޮޅަށް ހިނގާފައި އަތް ޒުވާނެއްގެ އަތުގައި ހިލްޔާގެ އަތް ބާރަށް ޖެހުނެވެ. އާދައިގެ މަތިން ހިލްޔާއަށް އަތަށް ވަމުން ދިޔަ ތަދާއިއެކީ ވެސް ފަސް އެނބުރި ‘ސޮރީ’ އޭ ބުނެލެވުނެވެ. އެހިނދު އޭނައަށް އޭރު ވެސް ފަސްދީގެން ހުރި އިސްކޮޅުން ދިގު އެ ޒުވާނާ ގުދުވެލަމުން، ބިންމައްޗަށް ވެއްޓުނު ކުޑަ ވޭޕް ފޮށްޓެއް ނެގި މަންޒަރު ހިލްޔާއަށް ފެނުނެވެ. އަތުކުރި ކުޑަކޮށް އޮޅާލެވިފައިވި އަތްދިގު ނޫކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ޖިންސެއްގައި ހުރި އެ ޒުވާނާ ކުރިން ފެނިފައިވި ހެން ހިލްޔާއަށް ހީވިއެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އެވަގުތު ހިލްޔާއަށް ވިސްނުނީ، މި ޒަމާނުގެ ޒުވާނުން ޞިއްޙަތާއި މެދު ނުވެސް ވިސްނާ ވޭޕް ބޭނުން ކުރާ ގޮތާއި މެދުގައެވެ. ވޭޕް ގެ ސަބަބުން ޙާލަތު ގޯސްވި ޒުވާނަކު ހިލްޔާ ބަލަބަލާ ހުއްޓާ ދުނިޔެ ދޫކުރީ މި ދިޔަ ހަފްތާގައެވެ. އެވަގުތު އެކަމާއިމެދު އެހާ ބޮޑަށް ވިސްނުނީ އެހެންވެއެވެ.
އެ ޒުވާނާ ގާތު ވޭޕް ބޭނުން ނުކުރަން ބުނަންވީތޯ އެވަގުތު ހިލްޔާގެ ހިތަށް އެރިއެވެ. ބުނަން އަނގަ ހުޅުވާފައި ވެސް ހިލްޔާއަށް އަނގަ ބަންދުކޮށްލެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ. އޭނައަށް މި ހީކުރާ ހީކުރުންތަކުން ކުރި އެރުމެއް ނުލިބޭކަން މިރޭ ދަސްވެއްޖެއެވެ. ކަންބޮޑުވުމެއް ފާޅު ކުރިޔަސް މީހަކު އަޑު އަހަނީއެއް ނޫނެވެ. އެހެންނޫނަސް ދުނިޔެ މަތީގައިވި ހުރިހާ އެންމެންގެ ޞިއްޙަތަކީ އޭނަގެ ޒިންމާއެއް ނޫނެވެ. އެއީ އޭނަ ބޭނުންވިޔަސް އަދާ ނުކުރެވޭނެ ޒިންމާއެކެވެ.
އެހެން ހިތައި ހިލްޔާ އެ ޒުވާނާއަށް ފަސްދީފައި ދެންވެސް ބާރަށް ހިނގަން ފަށައިފިއެވެ. އެ ޒުވާނާ ވެސް އޭނައާއި ދުރަށް ހިނގަން ފެށިކަން ހިލްޔާއަށް އެނގުންވިއެވެ. އެހިނދު އަނެއްކާވެސް ހިލްޔާގެ ހިތަށް ބިރުވެރި ޚިޔާލުތައް ވެރިވާން ފެށިއެވެ. މިވަގުތު ވެސް އެ ޒުވާނާގެ ފުއްޕާމޭގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާނަމަ ވާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އޭނަ މިތަނުން ދާ ފަހުން އެ ޒުވާނާ ވޭޕް ބޯން ފަށައި، ނޭވާ ކުރުވެދާނެ ހެއްޔެވެ؟ ނޫނީ ހޭނެތިގެން ވެއްޓިދާނެ ހެއްޔެވެ؟ އެއަށްވުރެ ގޯސް ގޮތެއް ދިމާވެދާނެ ހެއްޔެވެ؟ އެދުވަހު އުސްތާޒާއަށް ވީ ފަދައިން މި ޒުވާނާ ނަގަން ދާ އެމްބިއުލާންސެއްގެ އަޑު އިވިދާނެ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކުން ހިލްޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަދި އަމިއްލަ ނަފްސަށް އައި ރުޅިއާއި އެކީ ވެސް ހިލްޔާ ފަސްއެނބުރި އެ ޒުވާނާއަށް ބަލާލިއެވެ.
“ތި މީހުން ލައިފްސްޕޭން ކުޑަ ކުރާ ހިތުންތަ ހަމަ ވޭޕް ބޮއި ތިއުޅެނީ؟ ތިއީ އެއްގޮތަކަށް ވެސް ކޫލް ކަމެއް ނޫން! ތިއީ ހަމަ އަމިއްލަ މީހާގެ ހަލާކު. އަމިއްލަ މަރާއި ގާތް ކުރުވާނެ ކަމެއް ތި ކުރެވެނީ.”
އެ ނުދަންނަ ޒުވާނާއާއި ވެސް ހިލްޔާއަށް ވާހަކަ ދެކެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެކަމާއިމެދު ހިސާބަކަށް ލަދު ވެސް ގަތެވެ. ހިލްޔާގެ އަޑު އިވިފައި އެ ޒުވާނާ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ.
ނުނިމޭ