ނަފްސީ (ނަވާރަވަނަ ބައި)
“ހައި…” ރާފިލް އެހެން ބުނެލަމުން އަތް ދިއްކޮށްލީ ހަމަ ނުހުރެވިގެންނެވެ. އެހެން ކަމެއް ނުވިޔަސް މި ފުރަތަމަ ބައްދަލުވުމުގައި އެ ދޮން އަތުގައި ހިފާލަން ބޭނުންވިއެވެ.
އެހެނަސް ރާފިލް އަތް ދިއްކޮށްގެން ހުރެހުރެ ހިލްޔާ އެ އަތުގައި ނުހިފުމުން ރާފިލްއަށް ޙައިރާންކަމެއް ލިބުނެވެ. އެކުއްޖާއަށް އޭނަ ނުފެންނަނީތޯ ވެސް ހިނދުކޮޅަކަށް ހިތަށްއެރިއެވެ. އެހެނަސް ހިލްޔާ އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލަން ހުރުމުން ހިލްޔާ އޭނައާއިމެދު އާގަމަވީ ކަމަށް ނިންމުނެވެ. ހަމަ އެއާއިއެކު ހިތާހިތުން އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ.
ހަމަ އެވަގުތު ރާފިލް ހިލްޔާ ގާތު އެއްޗެކޭ ބުނަން އުޅުނު ތަނާ ނަހީދު އޭނަގެ ކޮނޑުގައި ހިފައި އެހެން ދިމާލަކަށް އަނބުރާލިއެވެ. ހަމަ އެއާއިއެކު އޭނަ އެތާހުރި ފާމަމިސްޓް ކުއްޖާއާއި ސަލާމްކޮށްލަން ޖެހުނެވެ. ނޭޕާލް ގެ އެ ކުއްޖާގެ ވެސް ހުރީ ދޮންކޮށް ހުރި އޮމާން ހަންގަނޑެކެވެ. މިއީ ވެސް ރީތި ކަމުގެ ލާމަސީލެއް ކަމަށް ބުނެ ރާފިލްގެ ހިތް ގޮވައިފިއެވެ. އެހެނަސް ރާފިލް ގެ ސަމާލުކަން ހޯދާފައިވީ އެ ކުއްޖާ ކައިރި ހުއްޓި ހުރި ހިލްޔާއެވެ. ހިލްޔާގެ ފަރާތުން ދެންމެ ފެނުނު އާދަޔާ ޚިލާފު ޢަމަލުގެ ސަބަބުންނެވެ. މިއީ އަންހެން ކުއްޖަކު އޭނައާއި ސަލާމް ނުކުރެވޭހާ ވަރަށް އޭނައާއިމެދު އާޝޯޚުވި ފުރަތަމަ ފަހަރެވެ.
ނަހީދާއި އެކީ ހިލްޔާމެން ތިބި ހިސާބާއި ދުރަށް ދާން ފެށި ވަގުތު، ރާފިލްއަށް ފަސްއެނބުރި ބަލާލެވުނީ ވެސް އެ ޚިޔާލުން ހިތަށް ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. ހިލްޔާ އާއި ވީހާވެސް އަވަހަކަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤެއް އުފެދުނީ އެވަގުތެވެ. މި ރީތި ކުއްޖާ އޭނައަށް ތަޢުރީފުކޮށް އޭނައަށް ޤަދަރު ކުރާތަން ދެކުމަށެވެ.
ރާފިލްއަށް ވާނެ ނަމަ އެވަގުތުން އެ ވަގުތަށް ވެސް ހިލްޔާގެ ގާތަށް ގޮސް ހިލްޔާއާއި ރައްޓެހިވީހެވެ. އެހެނަސް ނަހީދުބެ އޭނަ ގޮވައިގެން ކްލިނިކްގެ އެހެން މުވައްޒަފުންނާއި ބައްދަލު ކުރުވަން ދިޔައެވެ. އެއީ ފޫހި ކަމަކަށް ވިޔަސް ރާފިލް އަމިއްލަ އަގު ހިފެހެއްޓުމަށްޓަކައި ހިނިތުންވުންތައް ދައްކައި ސަލާމް ކުރަމުން ދިޔައެވެ. އެންމެންނަށް އޭނަ ތަޢާރަފު ކުރެވެމުން ދިޔައީ އޭނައަކީ މިތާ ހުރި އެންމެ އަގު ހުރި ޑޮކްޓަރަށް ވުމުން ކަމަށްވެސް ވެދާނެ ކަމަށް ހިތް ބުނުމުންނެވެ.
ރާފިލްގެ ނަޒަރުގައި އޭނައަށް އެންމެން ވެސް ބަލަމުން ދިޔައީ އިޙްތިރާމުން ފުރިގެންވި ނަޒަރަކުންނެވެ. އެހެނަސް އެ ނޫން ނަޒަރަކުން މީހަކު އޭނައަށް ބަލާލިހެން ހީވީ، ނަހީދު އޭނަ ގޮވައިގެން އެތާ ސްޕީކަރެއް ކައިރީގައި ހުރި ފިރިހެނަކާއި ދިމާލަށް ގެންދަން ފެށުމުންނެވެ. ހަމަ އެއާއިއެކު އޭނަ މަސައްކަތު މީހަކާއި ބައްދަލު ކުރަން ބޭނުން ނުވާ ވާހަކަ ނަހީދު ގާތު ބުނަން ބޭނުންވިއެވެ. މަސައްކަތު މީހަކާއި އޭނަ ބައްދަލު ކުރަންވީ ސަބަބެއް ނުވިސްނެއެވެ.
އެހެނަސް ރާފިލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނަހީދު ހިނގަމުން ގޮސް އެމީހަކާއި ވާހަކަ ދެއްކިއެވެ.
“ދާނިޝް! އަޅެ ކިހާ އިރެއް ދާނިޝް ހޯދާތާ. އަހަރުމެން ކްލިނިކަށް ޖޮއިން ކުރި ޑޮކްޓަރުންގެ ތެރެއިން ދާނިޝް އާއި ދިމާނުވާ ޑޮކްޓަރަކީ މިއީ. ޑޮކްޓަރ ރާފިލް، މިއީ ދާނިޝް، ކްލިނިކްގެ ޑެޑިކޭޓެޑް އެޑްމިން. ދާނިޝް، ޑޮކްޓާރ ރާފިލް.”
ނަހީދު އެހެން ބުނެ ނިމުނުއިރު ރާފިލްއަށް އެ ދާނިޝްއެއްގެ ކުރިމަތީގައި މަޑުކޮށްލެވިއްޖެއެވެ. ދާނިޝް ފެނުމާއިއެކު ރާފިލް ދާނިޝްއާއިމެދު ހަސަދަވެރި ވިއެވެ. އޭނައާއި ދާނިޝްގެ އިސްކޮޅު އެއްވަރު ވިޔަސް އޭނައަށްވުރެ ދާނިޝް ގެ ބާމަތި ފުޅާވުމުންނެވެ. އަދި އަމުދުން އެ ފަން އިސްތަށިގަނޑު ފެނުމުންނެވެ. ރާފިލް ވެސް ޙަޤީޤަތުގައި ބޭނުންވަނީ ފަން އިސްތަށިގަނޑެކެވެ. ދޭތެރެއަކުން ފަން ކޮށްލިޔަސް ގިނަ ފަހަރު ހުންނަނީ ސެލޫންއަކަށް ދާންވުމުން ވެސް ކަންނެތް ވެފައެވެ. އޭނަ އެހެން ނޫނަސް ރީތި ކަމަށް ޤަބޫލު ކުރެވޭތީވެއެވެ. އެހެނަސް ދާނިޝް ފެނިފައި ހިތަށް ބިރުވެރިކަމެއް ވަނެވެ. ކުރިމަތީގައި މިހިރީ ހުރިހާ ގޮތަކުން ވެސް އޭނައަށްވުރެ ފުރިހަމަ ފިރިހެނަކަށް ވެދާނެ ކަމަށް ހީކުރެވުނެވެ.
“ނައިސް ޓު މީޓް ޔޫ…” ސަލާމަށް އަތް ދިއްކޮށްލަމުން ރާފިލް އެހެން ބުނެލިއިރު، އެ ބަސްތައް އައީ ހިތަކުން ނޫނެވެ. އެ ބަސްތަކުން އޭނަ ދާނިޝް ގާތު ބުނަން ބޭނުންވި ފަދައެވެ. އެންމެ މޮޅު މީހަކީ ކޮބައިކަން ނިކަން އަވަހަށް އެނގިދާނެއެވެ. ހަމަ އެވަގުތު ވެސް ރާފިލްއަށް ހިތާހިތުން އެ ޚިޔާލަށް މަލާމާތް ކުރެވުނެވެ. މިހާރު ވެސް އޭނަ ވަނީ މޮޅު ވެފައޭ ހިތަށްއެރިއެވެ. އޭނައަކީ ޑޮކްޓަރަކަށް ވީ ހިނދު ކުރިމަތީގައި މިހިރީ އޭނައަށްވުރެ އެތައް ގުނަ ކުޑަ މުސާރައެއް ލިބޭނެ އޮފީސް މުވައްޒަފެކެވެ. މި މުވައްޒަފެކޭ މަސައްކަތު މީހެކޭ ތަފާތަކީ ވެސް ކޮބައިހެއްޔެވެ؟
“ޔޫ ޓޫ.” ދާނިޝް އޭނައާއި ސަލާމް ކޮށްލަމުން ދިން ކުރު ޖަވާބުން ރާފިލްގެ ހިތްހަމަ ނުޖެހުނެވެ. އޮފީސް ކުއްޖެއްނަމަ ޑޮކްޓަރަށް މަރުޙަބާ ވެސް ކިޔަންވާނެ ނޫންހެއްޔެވެ؟ އޭނަ ފަދަ ޑޮކްޓަރަކު ދޭނެ ޚިދުމަތްތައް މި ކްލިނިކަށް ލިބޭތީ އުފާ ކުރާ ވާހަކަ ބުނަން ވާނެ ނޫން ހެއްޔެވެ؟ ރާފިލް އެ ޚިޔާލުތަކުގައި ވަނިކޮށް ދާނިޝްގެ އެ ލޮލުން ނުރުހުމުގެ އަސަރެއް ރާފިލްއަށް ފާހަގަވިއެވެ. ހަމަ އެހިނދު ދާނިޝް އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ މާ ބާރަށްހެން ހީވި ވަގުތު ދާނިޝް އެ އަތުން ކުއްލި ގޮތަކަށް ދޫކޮށްލައިފިއެވެ. އެއާއިއެކު ރާފިލް އޮޅުން އެރިއެވެ. ދާނިޝް އޭނައާއި މެދު ދެކޭ ގޮތް ދަނެގަންނަން ބޭނުންވިއެވެ. މީހަކު އޭނައަށް ނުރުހުންވާހެން އޭނައަށް ހީވާ ހީވުންތައް މިހާތަނަށް އައިއިރު ގޯސްވެފައެއް ނެތެވެ.
“ކީއްވެ މާސްކެއް އަޅައިގެން ތިހިރީ؟” ރާފިލްއަށް އަހާލެވުނެވެ. ދާނިޝްގެ އިޙްސާސްތައް ދަނެގަންނަން އެ މުޅި ސޫރަ ދެކެން ބޭނުންވިއެވެ. އަދި އަމުދުން އޭނަގެ ސޫރައާއި އެ ސޫރަ އަޅައި ކިޔައި އަމިއްލަ ސޫރައަށް ތަޢުރީފު ކުރަން ބޭނުންވެފައިވިއެވެ. ހަމަ ޔަޤީނުން ވެސް އެހެން ފިރިހެނަކަށް އޭނަ ފަދަ ރީތި ސޫރައެއް ލިބިފައި ނުވާނެކަމަށް ރާފިލްއަށް ޤަބޫލު ކުރެވޭތީވެއެވެ.
“ކްލިނިކެއްގަ ވޯކް ކުރާއިރު މާސްކް އެޅުން ދޯ އެންމެ ރަނގަޅީ؟” ދާނިޝް ދެން ވެސް ޖެހިލުމެއް ނެތި ވާހަކަ ދެއްކުމުން ރާފިލް އިތުރަށް ނުތަނަވަސްވާ ގޮތްވިއެވެ. ރާފިލް ހީކުރީ ދާނިޝް އޭނަގެ ކުރިމަތީގައި ކުޑަވެ، ދާނިޝްގެ ކިބައިގައި ހުރި ބައްޔެއްގެ ވާހަކަ ދައްކާނެ ކަމަށެވެ. އެހެނަސް ދާނިޝްގެ އެ ސާބިތުކަން އެކުލެވިގެންވި އަޑު އިވިފައި ރާފިލްއަށް ދެންވެސް މި ޙާލަތުގައި އަމިއްލަ ނަފްސު މަތިވެރި ނުކުރެވެއެވެ.
“ޔާ އެކަމަކު އެއީ ޑޮކްޓާރސްއަށް ދޯ؟ އެޑްމިން ކުދިންނަކީ ބަލިމީހުން ބަލަން ކޮލިފައިޑް ބައެއް ނޫން. އެހެންވީމަ ނޭޅިޔަސް އޯކޭވާނެތާ.” ރާފިލްއަށް ދާނިޝް ދަށްކޮށްލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ބަސްތައް އަމުނާލެވުނު ގޮތުން އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ. އަޅެފަހެ އޭނަ ބުނީ ތެދެއް ނޫންހެއްޔެވެ؟ ބޭކާރު ގޮތުގައި މާސްކަށް ޚަރަދު ކުރަންވީ ކީއްކުރަން ހެއްޔެވެ؟
“ހެހެ….ނޫނޭ. އެޑްމިނިސްޓްރޭޝަން ކަންތައް އެއްކޮށް ހަމައަކަށް އެޅެންދެން ދާނިޝް އިންނާނެ ރިސެޕްޝަންގަ ވެސް. ބަލިމީހުންނާއި އެއްވެސް ގޮތަކަށް ޑީލް ކުރާ ބަޔަކު ތިބެންޖެހޭނީ މާސްކް އަޅައިގެން ދޯ؟” ނަހީދު ހިނިތުންވުމަކާއިއެކީ އެހެން ބުނުމުން ރާފިލްއަށް ނަހީދާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެހިނދު ނަހީދާއި މި މުވައްޒަފާއި ކޮންމެވެސް ގާތް ގުޅުމެއް އޮތްކަން އެނގިއްޖެއެވެ. އެއާއިއެކު ދާނިޝްއާއިމެދު އިތުރަށް ހިތްހަމަ ނުޖެހުނެވެ.
“ރިސެޕްޝަންގަ؟ ފިރިހެނަކު؟ ވެލް އައި ވުޑް ރެކޮމެންޑް ރިސެޕްޝަންގަ އަންހެން ކުއްޖަކު ބަހައްޓަން. އޭރުން ގިނަ ކަސްޓަމާސް އަންނާނެ. ބައްޕަ ބިޒްނަސްއެއް ހިންގާތީ ކުޑަކޮށް މި ބައިބައި އެނގޭ.” ރާފިލްއަށް މިފަހަރު ވާހަކަ ދެކެވުނީ އަވަސްއަވަހަށެވެ. ޚުދު އޭނައަށް ވެސް ދާނިޝްގެ ރަނގަޅު ސިފަތައް ފެނިފައި ވަނިކޮށް އެހެން މީހަކު އޭނަގެ ކުރިމަތީގައި ދާނިޝްއަށް ތަޢުރީފު ކުރުމުން ހިތަށް ވީ އުދަގުލުންނެވެ. އޭނަ އެހެން ބުނުމުން އެއް މަޤްޞަދަކީ ދާނިޝް އެ ވަޒީފާއާއި ނުގުޅޭކަން ދައްކައި ދާނިޝް ވަޒީފާއާއި ދުރުކޮށްލުމެވެ.
އެހެނަސް ރާފިލްގެ އެ ރޭވުން ވެސް ކާމިޔާބެއް ނުވިއެވެ. އޭނަ އެހެން ބުނުމާއިއެކު ދާނިޝްއާއި އެކީ ނަހީދު ވެސް ހިމޭންވެ، އޭނައަށް ނުރުހުމުގެ ނަޒަރެއް ދިނުމުން ކަރުތާ ފެނުގައި ޖެހުނުހެން ހީވިއެވެ. ހަމަ އެއާއިއެކު އެއްފަރާތަކުން ކާރުތައް ގާތްވާން ފެށި އަޑަށް، އެ އައީ ޝަރަފުވެރި މެހުމާނުން ކަމަށް ބުނެ، ރާފިލް ގާތު އައުމަށް ބުންޏެވެ. އެހިނދު އޭނައަކީ ވެސް ‘ޝަރަފުވެރިއެއް’ ނޫންތޯ ރާފިލްގެ ހިތަށް އެރީ ނޭވާ މެދުކެނޑިފައިވާ ޙާލުގައެވެ. އިންޓަވިއުގައި ހަމަ ޔަޤީނުން ވެސް ޒެނިތް ކޮމްޕެނީސް ގެ ވާހަކަ އޭނަ ނަހީދު ގާތު ބުނެފައިވާނެއެވެ. ނަހީދު އެކަން ހަނދާން ނެތީތޯ ހިތަށްއެރިއެވެ.
އެހެން މީހުންގެ ނަޒަރިއްޔާތަށް ބުރަވެ، އިންތިހާއަށް ބޮޑާވެ އުޅޭ މީހެއްގެ ދިރިއުޅުމަކީ، ހާދަ ވަރުބަލި ކުރުވާ ދިރިއުޅުމެކެވެ. ވާނީވެސް އެހެންތާއެވެ. ﷲ އަށް ވުރެ އެހެން އެއްޗެއް މަތިވެރި ކުރުމަކީ އިންސާނެއްގެ ހިތަށް ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ. އެ ހިތަށް ވެސް އޭގެ ވެރި ރައްބު އެނގެތީވެއެވެ. ﷲ އަށް ވުރެ އެހެން އެއްވެސް އެއްޗެއް މަތިވެރި ކުރަން އުޅެފިނަމަ، އެ ހިތް މަސައްކަތް ކުރަން ޖެހޭ ގޮތަށް މަސައްކަތެއް ނުކުރާނެއެވެ. އަބަދު ހަމަނުޖެހުމެއްގައި އުޅެން ޖެހޭ ސަބަބަކީ އެއީއެވެ.
ރާފިލްއަށް ދާނިޝްއާއި ނަހީދު އޭނައާއި ދެއްކި ވާހަކަތައް ހަނދާން ނައްތާލަން ޖެހުނީ ގަދަކަމުންނެވެ. ކިރިޔާ ވެސް ހިތަށް ހަމަޖެހުމެއް ލިބެމުން ދިޔައީ، ރަސްމިއްޔާތުގެ ތެރެއިން ދޭތެރެއަކުން ހިލްޔާއަށް ބަލާލެވޭ ވަގުތުތަކުގައެވެ. އެއީ ހަމައެކަނި ހިލްޔާ ރީތިވުމުންނެއް ނޫނެވެ. ހިލްޔާއަކީ އޭނަ އިންނަން ޖެހޭ ކުއްޖާއަށް ވުމުންނެއް ވެސް ނޫނެވެ. އެހެނެއްކަމަކު ހިލްޔާއަށް އޭނަ ފެނުނު ވަގުތު ހިލްޔާގެ މޫނުމައްޗަށް ވެރިވި ކުލަވަރުތަކުގެ ސަބަބުންނެވެ. އެހެން މީހަކު ނުކުރިޔަސް، މި ރީތި މުއްސަނދި އަންހެން ކުއްޖާ އޭނައަށް ތަޢުރީފު ކުރާނެ ކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
އެ ޚިޔާލުން ރާފިލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރަސްމިއްޔާތު ނިމެން ގާތްވެ، ކްލިނިކް ހުޅުވުމަށް ރިބަން ކަނޑެމުގެ މަރުޙަލާއަށް ދިޔުމަށް އެންމެން ތެދުވުނު ވަގުތު، ރާފިލްއަށް ހިލްޔާގެ ތަސްވީރެއް އަމިއްލަ ފޯނުގައި ރައްކާ ކުރެވުނެވެ. މި ރަސްމިއްޔާތު ނިމުމުން އެ ސޫރަ އެއްކޮށް ގެއްލިގެން ދާން ބޭނުމެއް ނުވިއެވެ. އަނެއް ދުވަހު ކްލިނިކަށް ގޮސް ފެންނަން ދެންވެސް އޭނައަށް ކެތް ނުކުރެވޭނެތީވެއެވެ. މި އަންހެން ކުއްޖާގެ ހުވަފެންތައް އޭނަ މިރޭ ވެސް ދެކެން ބޭނުންވުމުންނެވެ.
ކްލިނިކްގައި ހުރިހާ ވަގުތަކު ހިލްޔާ ލޯމައްޗަށް ގެއްލެންދެން ބަލާފައި ގެއަށް ގޮސްފައި ވެސް ރާފިލްއަށް ހިލްޔާގެ ފޮޓޯއަށް ބެލެމުން ދިޔައެވެ. އޭގެ ތެރެއިން ގިނަ ފަހަރު ބެލެމުން ދިޔައީ ޖިސްމުގެ އެދުންވެރިކަމާއި އެކީގައެވެ. ވާނީ ވެސް އެހެންތާއެވެ. ބެލުން ތިރި ނުކުރުމުގެ ސަބަބުން ރާފިލްގެ ހިތް ވަނީ ތަޣައްޔަރު ވެފައެވެ. އަންހެނަކާއި ދިމާލަށް އިންސާނީ ނަޒަރިއްޔާތަކުން ބަލަން ރާފިލް ނުކުޅެދިފައިވެއެވެ. އަންހެނުންނަކީ ފިރިހެނުންގެ ބޭނުމަކަށް ތިބޭ ބައެއް ކަމަށް ހީކުރެވިފައިވެއެވެ. މިފަދަ މީހަކަށް ހަރުދަނާ ގުޅުމެއް ބިނާ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
އެހެނަސް އެރޭގެ ކެއުމުގެ ތެރެއިން ރާފިލްގެ ބައްޕަ ދެއްކީ ރާފިލްގެ ކައިވެނީގެ ވާހަކައެވެ.
“ދިމާވިތަ ހިލްޔާ އާ މިއަދު؟” ނަސީމް އެމީހުންގެ ތަނަވަސް ކާ ކޮޓަރީގެ ދިގު ހުދު ކުލައިގެ ސުފުރާގެ ކޮޅުގައި އިނދެ ސުވާލު ކުރިއެވެ. އެވަގުތު ރާފިލްއަށް ވުރެ ދޮށީ ދެ ބޭބެއިންނާއި އެމީހުން އިނދެގެން އުޅޭ މީހުން ގޮއްސިއެވެ. ރާފިލްގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ބޭރަށް ކިޔަވަން ގޮސްފައިވުމުން އެއީ މި ސުފުރާއަށް ބީރައްޓެހި ސޫރައެކެވެ. އެހެންކަމުން އެވަގުތު ސުފުރާ ދޮށުގައި ބާކީ ތިބީ ރާފިލް އާއި ނަސީމްގެ އިތުރުން ރާފިލްގެ މަންމަ ރުޝްދާއެވެ.
“އާނ ދިމާވި. ވަރަށް ނައިސް ކުއްޖެއް އެއީ. ބިއުޓިފުލް ޓޫ.” ރާފިލް އެރޭގެ ކެއުމުގެ ފޮނި ކެއުމަކަށް ތައްޔާރު ކުރެވިފައިވި ތިރަމިސޫ، ރަންކުލައިގެ ސަމުސަލަކުން ކަމުން ހިނިތުންވުމަކާއި އެކީ ވާހަކަ ދެއްކިއެވެ. ކޮންމެ ރެއެއްގެ ކެއުމަކީ ނުހަނު ރޭވިގެން، ގެއަށް ގެނެވިފައިވާ 5 ތަރީގެ ޝެފަކު ތައްޔާރު ކުރާ ކެއުންތަކެވެ.
“ހުމް….އެއީ ރަނގަޅުވާނެ ކުއްޖެއް. ރާފިލް ގާތު ތި ކްލިނިކަށް ޖޮއިން ކުރަން ބުނި އެއް ސަބަބަކީ ވެސް ހިލްޔާ.” ނަސީމް ބުންޏެވެ. އާނއެކެވެ. ރާފިލް އޯސިސް ކްލިނިކަށް ބަދަލުވީ އަމިއްލަ އެދުމަކަށް ނޫނެވެ. ބަދަލުވަނީ މުސާރައިގެ ތަފާތުގެ ސަބަބުން ކަމަށް އެންމެން ގާތު ބުނީ ބުނީ ބައްޕަ ޙަޤީޤީ ސަބަބު ފޮރުވަން އަންގާފައިވުމުންނެވެ. ކޮންމެ ތާކު މަސައްކަތް ކުރަންވިޔަސް އޭނައަށް މައްސަލައެއް ނެތުމުން ރާފިލް ބަދަލުވާން ނިންމީއެވެ.
“ސީރިއަސްލީ ބައްޕާ؟! ހަމަ އަހަރެން ހިލްޔާ އާއި ބައްދަލު ކުރުވަންތަ؟ ސޯ ކިއުޓް!” ރާފިލް ޖޯޝަކާއި އެކީ ބުންޏެވެ. އެއާއިއެކު ނަސީމް ބޯހޫރުވާލިއެވެ.
“އިޓްސް ނޮޓް ދެޓް ސިމްޕްލް. އަހަރެން އަސްލު ބޭނުމީ ހިލްޔާގެ ބައްޕައާއި ގުޅުން ބަދަހި ކުރަން. މުޅި މާލެއިން ވެސް އަހަންނަށް ނުފޫޒު ނުފޯރުވޭ ބިޒްނަސް އަކަށް މިހާރު އޮތީ އޯސިސް އިންވެސްޓްމެންޓްސް. ނަހީދަކީ އަހަރެން ދޭ ލާރިކޮޅަކަށް ހެއްލޭ ވަރަށްވުރެ ބޯ ހަރު މީހެއް. ރާފިލް ހިލްޔާ އާއި އިނީމަ އެކަން ވާނެ ކަމަށް މި ޤަބޫލު ކުރަނީ. ކޮން ދުވަހަކު ހިލްޔާ މިގެއަށް ގެންނާނީ؟” ނަސީމް ކުރިމަތީގައި ހުރި ހުސް ތަށި ތެރެއަށް ސަމުސު ދޫކޮށްލަމުން އެހިއެވެ.
އެވަގުތު ނަސީމްގެ ކައިރިން ކަނާތް ފަރާތުގައި އިން ރުޝްދާ ސީދާ ވެލަމުން އެއްޗެކޭ ބުނަން އުޅުނު ތަނާ މޭޒުމަތީގައި އޮތް ރުޝްދާގެ އަތް މަތީގައި ނަސީމް އަތް އެޅިއެވެ. އެހިނދު ރުޝްދާ ސިހުންވެފައި ނަސީމަށް ބަލާލީ ބިރުވެރިކަމެއް ދިމާވީ ފަދައަކުންނެވެ. އެ ލޯ މަތިން ފެންނަމުން ދިޔައީ އެފަދަ ބިރުވެރިކަމެއްގައި އެތައް އަހަރެއް ވަންދެން އުޅެފައިވި ވަރުބަލިކަމެވެ. އެވަގުތު ރުޝްދާ އެއްޗެކޭ ނުބުނެ އިސްޖަހާލި ގޮތުން އެ ގޭގައި އޭނަގެ ބަހެއް ނުހިނގާކަން އެނގެއެވެ.
“އެބަ ޓްރާއި ކުރަން ޑޭޑް. ގިވް މީ އަ މަންތް-“
“އަ ވީކް! ހަފްތާއެއް ތެރޭ ހިލްޔާއާއި މި ވާހަކަ ދައްކައިގެން ބައްދަލު ކުރޭ. ޔޫ ހޭވް ނޯ އަދާރ އޮޕްޝަން.”
ރާފިލްއަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދީ ނަސީމް ފަހު ބަސް ބުންޏެވެ. ރާފިލްއަށް އެއަށް އެއްޗެކޭ ނުބުނެވުނީ ޚުދު އޭނަ ވެސް ބޭނުންވީ އެކަހަލަ ގޮތެއް ކަމަށްވުމުންނެވެ. ހިލްޔާއާއި އެކީ ވަކިން ވަގުތުކޮޅެއް ހޭދަ ކުރާނެ ދުވަހަކަށް އޭނައަށް ކެތްވަނީއެއް ނޫނެވެ.
ނުނިމޭ