ނަފްސީ (ބާރަވަނަ ބައި)
އެދުވަހު ހެނދުނު ކްލިނިކަށް ދިޔުމަށްޓަކައި ދާނިޝް ގެއިން ނިކުތީ 7:40 ވީ ވަގުތެވެ. ސައިކަލުގައި ކްލިނިކަށް ދިޔުމުގެ ދަތުރު ފެށުމާއި އެކު ދާނިޝްގެ ސިކުނޑި ފުރިގެން ދިޔައީ ކްލިނިކްގެ މަސައްކަތްތަކުގެ ޚިޔާލުންނެވެ. މިއަދު އޭނަ ބަލަން ޖެހޭ ކަންތައް ސިކުނޑީގައި ރޭވެމުން ދިޔައެވެ. އެ ވިސްނުމުން ނިކުންނަން ދާނިޝްއަށް މަޖުބޫރު ކުރުވީ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ.
އެއާއިއެކު ދާނިޝް ސައިކަލު މަގުގެ އެއްފަރާތުގައި ޕާކް ކޮށްލަމުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ޔާސިރު ކީކޭ؟” ދާނިޝްއަށް އަހާލެވުނެވެ. ޔާސިރަކީ މިއަދު ކްލިނިކަށް އަންނަން އުޅޭ ކަރަންޓު މަސައްކަތް ކުރާ މީހާއެވެ.
“ކުޑަ ވާހަކައެއް ބުނަން މި ގުޅާލީ. ދާނިޝް ދެއްކި ދެ ޑިޒައިނުން ފުރަތަމަ ޑިޒައިނަށް ކަރަންޓު މަސައްކަތް ކުރަންޏާ ކަރަންޓު ބިލު ބޮޑުވާނެހެން އަހަންނަށް ހީވޭ. އިއްޔެ ދާނިޝް ދެއްކި ބޮކިތަކުގެ ގޮތުން. އެއަށްވުރެ ކަރަންޓް ޚަރަދު ކުޑަ ބޮކިތަކެއް އެހެން ފިހާރައެއްގަ ހުރި ހަނދާންވެގެން މި ގުޅާލީ. ފަހަރެއްގަ އެ ސޭމް އެފެކްޓް ނައިސްދާނެ އެކަމަކު ސޭވް ކުރެވޭނެ. މިއަދު މަސައްކަތަށް ދިޔުމުގެ ކުރިން ދެމީހުން މި ބުނާ ބޮކިތަކުގެ ގޮތް ބަލަން އެ ފިހާރައަށް ދިޔުން ކިހިނެއްވާނީ؟” ޔާސިރު ބުންޏެވެ.
“އަހަންނަށް ހީވަނީ ފައިނަލް ކުރި ޑިޒައިނާއި ބޮކިތަކާއި އެއްގޮތަށް ހެން ދާންވީ. އެކަމަކު ސާރ ކައިރިން އަހާލާފަ ޔާސިރަށް އެބަ ގުޅަން. ކުރީ ބައިގަ ބުނެލަން ގުޅީތީ ޝުކުރިއްޔާ.” ދާނިޝް ބުންޏެވެ. އެއާއިއެކު ޔާސިރު އާނއެކޭ ބުނެ ފޯނު ކަނޑާލިއެވެ. ދާނިޝް ފޯނު ޖީބަށް ލަމުން އަނެއްކާވެސް ސައިކަލު ދުއްވާލީ ކްލިނިކާއި މެދު ވިސްނަމުންނެވެ.
ކްލިނިކާއި ގާތްވަމުން ދިޔަދިޔަހެން ޕާކިންގް އޭރިއާއަށް ދިޔުމުގެ ބަދަލުގައި ކްލިނިކް ކުރިމައްޗަށް ދާން ދާނިޝް ނިންމިއެވެ. ހަމަ އެވަގުތުން ވަގުތަށް ވެސް ނަހީދުބެއާއި ކަރަންޓުގެ ވާހަކަ ޙިއްސާ ކުރުމަށްފަހު ގޮތެއް ނިންމައި ޔާސިރު އެ ބުނާ ފިހާރައަކަށް ދިޔުމަށެވެ. މިއަދު ކަރަންޓް ހުރިހާ މަސައްކަތް ނިންމުމަށް އޭނަ ތާވަލު ކޮށްފައިވާތީވެއެވެ.
ކްލިނިކް ގެ ކުރިމައްޗަށް ދާނިޝް ސައިކަލު މަޑުކޮށްލަމުން ސައިކަލުން ފޭބީ މި ޚިޔާލުތަކުގައި ހުރެއެވެ. އަދި ކްލިނިކްގެ ސިޑިން އަރައިގެން ދާން ފެށީ ފިޔަވަޅުތަކަށް ސަމާލުކަން ދެމުންނެވެ. ޕޯޓިކޯއަށް އެރުނު ވަގުތު ވެސް އިސްޖެހިފައިވުމުން އެތާ މީހަކު ހުރި ކަމެއް ދާނިޝް ނުދެނެ ހުއްޓެވެ. ވަކި ހިސާބަކުން އިސްއުފުލާލި ހިނދު އޭނައާއި ނުހަނު ގާތުން އަންހެން ކުއްޖަކު ފެނިފައި ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުއްލިއަކަށެވެ.
އިސާހިތަކު ދާނިޝްގެ ސިކުނޑިން މަސައްކަތުގެ ހުރިހާ ޚިޔާލެއް ވިއްސިވިހާލި ވެގެން ދިޔައެވެ. ހުރިހާ ސަމާލުކަމެއް އެ އަންހެން ކުއްޖާއަށް ހުއްޓިގެން ދިޔަ ހިނދު، ހިތުގެ ތެޅުން އަވަސްވިއެވެ. އެންމެ ބޮޑަށް ސަމާލުކަން ދެވުނީ ދިގު އެސްފިޔަތަކުން ހިޔާ އެޅިފައިވި އެ ރީތި ދެލޮލަށެވެ. ޖަންބު ކުލަ އަރަމުން ދިޔަ އެ ކޯތާފަތަށެވެ. ކުޑަކޮށް ދުރުވެފައިވި އެ އޮމާން ތުންފަތަށެވެ. އަމިއްލަ ނަޒަރާއި ޚިޔާލުތައް މިދަނީ އިމުން ބޭރަށް ކަން ދާނިޝްއަށް އެނގުންވީ އެ ވަގުތެވެ. ހަމަ އެއާއިއެކު ބެލުން ތިރިކޮށްލެވުނެވެ. ހަމަ އެވަގުތު އެ ކުއްޖާ ގަދަ ނޫކުލައިގެ އަބާޔާއެއް ލައިގެން ހުރި ގޮތުން ދާނިޝްއަށް ދެންމެ ބެލުނު ގޮތާއިމެދު ލަދުވެސް ގަންނަ ގޮތްވިއެވެ. އެ ކުއްޖާ އޭނައާއިމެދު ދެކޭނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
ބެލުން ތިރިކޮށްލުމާއިއެކު ދާނިޝް އެތަނުން ހިނގައިގަންނަން އުޅުނީ ހިތާއި ދެކޮޅަށެވެ. ދެންވެސް އެކުއްޖާ ދެކިލަން ބޭނުންވިއެވެ. އޭނަގެ ކުރީގެ އާދަކާދައިގެ މަތިން އެ އަންހެން ކުއްޖާއާއި ވާހަކައެއް އަޅުވާލަން ބޭނުންވިއެވެ. އެވަގުތު މާސްކް އަޅައިގެން ހުރެވުނީތީ ދެރަވެސް ވެއްޖެއެވެ. މާސްކް ނަގައި އޭނަގެ ރީތިކަމާއި މަޝްހޫރުކަން އެކުއްޖާއަށް ދައްކަން ބޭނުންވިއެވެ. އެހެނަސް އެ ހުރިހާ ކަމަކުން ދުރުވާން ނިންމީ މަންމައާއި ސުވަރުގެއިން ބައްދަލު ކުރުމުގެ އެދުމުގައެވެ.
ދާނިޝްއަށް އެ ކުއްޖާއަށް ފަސް ވެސް ނުދެވެނީސް އަނެއްކާވެސް ފިޔަވަޅުތައް މަޑުޖައްސާލަން ޖެހުނީ ނަހީދު މައިދޮރު މައްޗަށް އެރުމުންނެވެ.
“ހިލްޔާ އާދެބަލަ އެތެރެއަށް. އަނހަ! ދާނިޝް ވެސް އައިއްސި ދޯ؟” ނަހީދު ދޮރުމަތީގައި ހުރެ އެ ބުނެލި ބަސްތަކުން ހިލްޔާއާއި ދާނިޝް އެކަކު އަނެކަކަށް ތަޢާރަފުވެގެން ގޮއްސިއެވެ. އެއާއިއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނީ، ކުރިން އެ ދެމީހުންނަށް އެ ނަންތަކާއި ގުޅުވައިގެން އިވިފައިވާ ވާހަކަތައް ހަނދާން ކުރާ ޙާލުގައެވެ. ދެމީހުންގެ ހިތަށް ވެސް އަނެކާގެ ނަން ވެރިވީ، މިއީ މާ ކުރީއްސުރެ ވެސް ދަންނަ މީހެއްކަމަށް ހިތުގެ ފުންމިނުން އަންގައިދޭ ޙާލުގައެވެ. ދެމީހުންގެ ދެމެދުގައި ބަދަލުވި ނަޒަރުތަކުން އެދެމީހުންނަށް ވެސް އެކަން އެނގުންވިއެވެ.
މާ ގިނައިރެއްނުވެ ނަހީދު އެ ދެމީހުން ތިބި ހިސާބަށް އައުމުން ދާނިޝް އަނެއްކާވެސް ހިލްޔާގެ މޫނުން ނަޒަރު ވަކިކޮށްލީ ހިތާއި ދެކޮޅަށެވެ. އެ އަންހެން ކުއްޖާއަކީ ހިލްޔާ ކަން އެނގުމުން އަދި އަމުދުން އެކަން އިތުރަށް ދަތިކުރުވާނެ އިތުރު ޖަޒުބާތުތަކެއް ހިތު ތެރޭގައި ހިނގާލައިފިއެވެ.
“ދާނިޝް މިއީ ހިލްޔާ، ބޭބެގެ ދެވަނަ ދަރިފުޅު، އަދި މި ކްލިނިކްގެ މެޑިކަލް އޮފިސާރ. ހިލްޔާ، މިއީ ދާނިޝް، އަހަރުމެންގެ ނެއިބާރ އަދި ކްލިނިކް ގެ އެޑްމިން.” ނަހީދު ބުންޏެވެ. އެއާއިއެކު ދާނިޝްއަށް އަނެއްކާވެސް ހިލްޔާއަށް ބަލާލަން މަޖުބޫރުވިއެވެ. އޭރު ހިލްޔާ އޭނައަށް ބަލަމުން ނުބަލަމުން ދިޔައެވެ.
“ހައި…” ހިލްޔާ ކުޑަ ގޮތަކަށް އޭނައަށް ބަލާލަމުން ބުނެލިއެވެ. އެ ނަޒަރުގައިވީ ޖެހިލުންވުމުން ދާނިޝްގެ ހިތާއި ކުޅެލައިފިއެވެ.
“ހައި…” ދާނިޝް ވެސް ރައްދުގައި ބުނެލީ ހަމައެކަނި އެހާ ވަރަށެވެ.
“ހެހެ….ދާނިޝްއަށް އެނގޭތަ އެދުވަހު ހިލްޔާއޭ ދާނިޝްއަށް ދޭން ލަންޗް ތައްޔާރު ކުރީ. ހިލްޔާ ދާނިޝް ބުންޏޭ އެ މަސްބަތް ވަރަށް މީރޭ. ބައްޕަ އެދުވަސްކޮޅު ބިޒީވީމަ ދެކުދިން ގާތު ނުބުނެވި ހުރި ވާހަކަތައް މިއީ.” ނަހީދު ބުންޏެވެ.
“ތޭންކްސް.”
ހިލްޔާއަށް ބަލައިލަމުން ދާނިޝްއަށް ބުނެވުނެވެ. މަންމަ ނުލައި ހޭދަކުރި އެ ފުރަތަމަ ދުވަހު ވަރަށް ބަނޑުހައި ވެފައި ހުއްޓާ އެ ލިބުނު ކެއުމަށް އަދަށް ދާންދެން ވެސް ދާނިޝްއަށް ޝުކުރުވެރިވެވެއެވެ. އޭނަ ހުރީ އެ ކެއުން ތައްޔާރު ކުރި ކުއްޖަކަށް ޝުކުރު އަދާ ކުރަން ބޭނުންވެފައެވެ. އެކަން ކުރެވުމުން އެވަގުތު ހަމަޖެހުމެއް ލިބުނެވެ.
ދާނިޝް ޝުކުރު އަދާ ކުރުމުން ހިލްޔާ ލުއި ގޮތަކަށް ބޯޖަހާލަމުން އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ. ހިލްޔާ ވަކި އެއްޗެކޭ ނުބުނުމުން ނަހީދު ވާހަކަ ދެއްކިއެވެ.
“އޯ…ކޭ. ހިނގާދޯ ދެން މަސައްކަތަށް ދެ ކުދިން ވެސް. ދާނިޝް ކޮބާ ކަރަންޓު ކަންތައް ކިހިނެއް ދަނީ؟” ނަހީދު އެހުމާއިއެކު ދާނިޝް މިފަހަރު ނަހީދަށް ބަލާލީ އޭރުވެސް ނުތަނަވަސްވެފައި ހުރި ހިލްޔާއަށް އިތުރު ސަމާލުކަމެއް ނުދޭން ހުވާ ކުރަމުންނެވެ.
“އާނ ބޭބޭ. ޔާސިރު އެބަ ބުނޭ އަހަރުމެން ޗޫޒްކުރި ޑިޒައިން ތަންކޮޅެއް އަގު ބޮޑުވާނެއޭ. ބުނީ….”
ދާނިޝްގެ އެ ވާހަކަ ހިލްޔާއަށް އިވުނީ ހަމައެކަނި އެހާ ހިސާބަށެވެ. އެއަށްފަހު އޭނަގެ ސިކުނޑި ތެރޭގައިވި ޚިޔާލުތަކުގެ އަޑު ހަރުވިއެވެ. ހިލްޔާއަށް ދާނިޝްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނު ހަމައެކަނި ވަގުތު ކޮޅަކީ އެ ދެމީހުން ވަކިން ތިބި ވަގުތު ކޮޅެވެ. އެއަށްފަހު ބައްޕަ އައުމުން ހަމަ ހޭވެރިކަމެއް ލިބުނުހެން ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. ބައްޕަ އައުމުގެ ކުރިން ހިތުގައި ހިނގަން ފެށީ ހިނގަން ނުޖެހޭ އިޙްސާސްތަކެއް ފަދައަކުންނެވެ.
އެހެނަސް އެވަގުތު ހިލްޔާ ނުތަނަވަސްވީ ކޮންމެހެން ބައްޕައަށް ނޫންކަން ހިލްޔާއަށް ޔަޤީން ކުރެވުނެވެ. ބައްޕަ އޭނައަށް އިތުބާރު ކުރާކަން ހިލްޔާއަށް އެނގެއެވެ. މި ނޫނަސް ބައްޕަގެ ހާޒިރީގައި އޭނަ ޖެހިލުންވުމެއްނެތި، ބައްޕައަށްޓަކައި މަސައްކަތް ކުރާ ފިރިހެނުންނާއި އޭނަ ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މިއަދު މި ވާ ގޮތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެ، ހޫނު ވެސް ވާން ފަށައިފިއެވެ. އެއީ ދާނިޝް ނުފެންނަނީސް ވެސް އޭނައަށް ދާނިޝް ކަމުދިޔުމުންތޯ ހިތަށްއެރިއެވެ. ދާނިޝް ދަމުނަމާދު ކުރާ މަންޒަރު ފެނި، ދާނިޝްއަކީ އުސްތާޒާގެ ދަރިފުޅުކަން އެނގޭތީވެ ހެއްޔެވެ؟
ހިލްޔާގެ ޚިޔާލުތައް އެހާ ހިސާބަށް ދިޔަތަނާ ބައްޕަ ވާހަކަ ދައްކަން ފެށުމުން އެ ވާހަކައަށް ސަމާލުކަން ދެވުނެވެ.
“ތިއީ ޔާސިރު އޭނަގެ އެކުވެރިޔާގެ ފިހާރައިން އަހަރުމެން ލައްވާ ވިޔަފާރި ކުރުވަން ދެއްކި ވާހަކައަކަށް ވެސް ވެދާނެ. ދާނިޝްއަށް ފެންނަނީ ކިހިނެއް ހަދަން؟” ބައްޕަ އެހިއެވެ.
“އަޅުގަނޑަށް ފެންނަނީ އެއްވެސް ބަދަލެއް ނުގެނެސް އަޅުގަނޑުމެން ނިންމި ގޮތަށް ކުރިއަށް ދާން. އެއީ އިންޓީރިއާ ޑިޒައިނާރ ވެސް ބުނި އެ ޑިޒައިން މެއިންޓެއިން ކުރަން އަގުބޮޑު ވާނެ ވާހަކަ އެކަމަކު ގިނަ ކަސްޓަމާރސްއަށް އެ ލައިޓިންގް ޑިޒައިން ކަމުދާނެ ވާހަކަ ބުނި. ވަކިން ޚާއްޞަކޮށް ލޮބީގެ ލައިޓިންގް އިން ދޯ ކްލިނިކްގެ ފަސްޓް އިމްޕްރެޝަން ލިބޭނީ؟ އައި ތިންކް އިޓް ވިލް ޕޭއި އޮފް.” ދާނިޝް ކުޑަވެސް ޝައްކެއް ނެތި ޔަޤީންކަމާއި އެކީ އެ ވާހަކަ ބުނި ގޮތުން ހިލްޔާ ގަޔާވާ ގޮތްވިއެވެ.
“ހުމް….ދާނިޝްއަށް ފެންނަ ގޮތެއް ހަދާ. ޔާސިރު ގާތު ފަހުގެ ނިންމުން އަންގާލާފަ މަސައްކަތާއިގެން ކުރިއަށް ދޭ.” ބައްޕަ ވެސް ޔަޤީންކަމާއި އެކީ ދާނިޝްއަށް އިތުބާރު ކުރި ގޮތުން ހިލްޔާ ހިސާބަކަށް ޙައިރާންވިއެވެ. މި ނޫނީ ބައްޕަ މިފަދައިން ބައްޕައަށްޓަކައި މަސައްކަތް ކުރާ މީހަކަށް އިތުބާރު ކުރި ތަނެއް ހިލްޔާ ނުދެކެއެވެ.
“އޯކޭ…ދެން ޔާސިރު ގާތު ބުނެވިފަ އޮތީމަ މިގަޑީގަ ގޮއްސަ އޭނަ ދައްކާ ބޮކިތައް ވެސް ބަލާލާނަން. އެއަށްފަހު އޭނަ ގޮވައިގެން އެބަ އަންނަން. އޭރުން ޔާސިރު ވެސް ހަމަޖެހޭނެތާ.” ދާނިޝް ބުންޏެވެ.
ދާނިޝްގެ އެ ވާހަކައަށް ވެސް ބައްޕަ އޯކޭ ދިން ގޮތުން ހިލްޔާ އަޖާއިބުވާހާ ވިއެވެ. ކޮންމެހެން ވަގުތު ބޭކާރު ނުކޮށް ކުރިން ރޭވުމާއި އެއްގޮތަށް ކުރިއަށް ދިޔުމަށް ބައްޕަ ބުނާނެ ކަމަށް އުއްމީދު ކޮށްގެން ހުއްޓާ ބައްޕަ ދިން ޖަވާބުންނެވެ. ދާނިޝްގެ ކޮންމެ ނިންމުމެއް ބައްޕައަށް ކަމުދާހާ ވަރަށް ދާނިޝް މޮޅީ ހެއްޔެވެ؟ ކުއްލިއަކަށް ދާނިޝްގެ ސަނަދުތައް ދެކިލުމުގެ ޝައުޤެއް ހިލްޔާގެ ހިތުގައި އުފެދުނެވެ.
ބައްޕަ އޯކޭ ދިނުމުން ދާނިޝް ހިލްޔާއަށް ލުއި ނަޒަރެއް ދީފައި އަނެއްކާވެސް އޭނައަށް ފަސްދިނީ، ހިލްޔާ މިފަދަ ޚިޔާލުތަކުގައި ހުއްޓާއެވެ. ދާނިޝް ކްލިނިކްގެ ސިޑިން ފައިބައިގެން ގޮސް އަނެއްކާ ސައިކަލަށް އެރި މަންޒަރު ފެނިފައި ދާނިޝްއާއި މެދު އިތުރަށް ވިސްނެން ފެށިއެވެ. އެ ވިސްނުމަށް މެދުކެނޑުމެއް އައީ ބައްޕަ ވާހަކަ ދެއްކުމުންނެވެ.
“ކަނބުލޮ އާދެބަލަ ބައްޕައާއި އެކީ. ފާރމަސީގެ ކަންތައް ބަލާލަން.”
ބައްޕަ އެހެން ބުނުމާއިއެކު ހިލްޔާއަށް ބައްޕައާއި ދިމާލަށް ބަލާލެވުނީ ކުޑަ ސިހުމަކާއި އެކީގައެވެ. އެއާއިއެކު ބައްޕަ ބުނި އެއްޗެއް ނަގައިގަނެވުމުން ބޯޖަހާލެވުނެވެ.
**
އަނެކާއާއި މެދު ވިސްނެމުން ދިޔައީ ހަމައެކަނި ހިލްޔާއަށް ނޫނެވެ. ދާނިޝް ވެސް ސައިކަލު ދުއްވަމުން ދިޔަ ވަގުތު ސިކުނޑި ފުރިފައިވީ ހިލްޔާގެ ޚިޔާލުތަކުންނެވެ. ބެލްކަނީއިންނާއި ގޭގެ ކުރިމަތީގައި ހުންނަ ޢިމާރާތް ކައިރިން ހިލްޔާ ފެނިފައިވި ދުވަސްތައް ލޮލަށް ސިފަވަމުން ދިޔައެވެ. ހިލްޔާއާއި މެދު ހިތުގައި އުތުރި އެރި ޖަޒުބާތުތައް ހަނދާންވިއެވެ. އެ ހުރިހާ ޚިޔާލުތަކެއްގެ ތެރެއިން އެންމެ އަޑު ހަރުވެފައިވީ މަންމަ ހިލްޔާއާއި ބެހޭގޮތުން އޭނައާއި ދައްކާފައިވާ ވާހަކަތަކެވެ.
“ދަރިފުޅަށް އެނގޭތަ؟ މިރޭ މަންމައާއި ދިމާވީ ވަރަށް ގިނަ ދުވަސް ވަންދެން މަންމަގެ ޙަލަޤާތަކުގަ އުޅުނު ކުއްޖެއް.”
“އާނ….ހިލްޔާ ކިޔާ ކުއްޖެއް އެއީ. ހާދަ ދީންވެރި ކުއްޖެކޭ އެއީ އެންމެ ކުޑައިރުއްސުރެ ވެސް. ދަރިފުޅަށްވުރެ ދެ ތިން އަހަރު ކަންނޭނގެ ހަގު ވާނީ. ޑޮކްޓަރުކަން ކިޔަވައިގެން އައިސް ހުރީ. ހުހަށް ހުރީ ވެސް. ދުވަހަކުވެސް ކައިވެންޏެއް ނުކުރޭ.”
“އެންޑް ހިތަށްއެރީ….އެއީ ދާނިޝް އާއި ގުޅޭނެ ކުއްޖަކަށް ވެދާނެއޭ. އެކަމަކު….”
ދާނިޝްގެ ޚިޔާލުތައް އެހާ ހިސާބަށް ދިޔަތަނާ ޔާސިރު އުޅޭ ޢިމާރާތާއި ގާތްވެއްޖެކަން އެނގި، ސައިކަލު މަޑުކޮށްލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު ދާނިޝްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެހިނދު އެއްވެގެން ދިޔަ ޖަޒުބާތުތައް އެ ހިތަށް ވެރިވަމުން ދިޔައެވެ.
ހިލްޔާ މިއަދު އޭނައާއި މިހާ ގާތުން ދިމާވެފައިވަނީ ސަބަބަކަށްޓަކައިތޯ ހިތަށްއެރިއެވެ. ހިލްޔާ އޭނައާއި ގުޅުމަކީ އޭނަގެ މަންމަގެ އެދުމެކެވެ. މަންމަ އެދުނު ފަދައިން ޞާލިޙު ބައިވެރިޔަކާއި ގުޅި، ޞާލިޙު ކުދިން ތަރުބިއްޔަތު ކުރަން އޭނަ ބޭނުންވިއެވެ. ވީއިރު އެކަމަށްޓަކައި ފިޔަވަޅެއް އަޅަން އޭނަ އިސްނަގަންވީ ހެއްޔެވެ؟ ހިލްޔާއާއި ކައިވެނި ކުރަންވީ ހެއްޔެވެ؟
ހިތަށް ވެރިވި އެ ސުވާލުން ދާނިޝްއަށް ދެލޯ މަރާލެވުނެވެ. މީގެ ހަފްތާތަކެއް ކުރިން އެ ހިތަށް މި ސުވާލު ވެރިވި ނަމަ އުފަލުން ނަށައިގެން އާނއެކޭ އެ ހިތް ބުނީހެވެ. އެހެނަސް މިއަދު އެ ހިތް ވަނީ އެއަށްވުރެ ވަރުބަލިވެފައެވެ. މަންމައާއި ވަކިވުމުގެ ހިތާމައާއި މަންމައަށްޓަކައި ބަދަލު ހިފުމުގެ ރޫޙުންނެވެ. މި އިޙްސާސްތަކާއި އެކީ އޭނައަށް ކައިވެންޏެއް ކުރެވޭނެތޯ ހިތަށް އެރިއެވެ. ރަނގަޅު ޒަވާޖީ ޙަޔާތެއް ބިނާ ކުރެވޭނެތޯ ހިތް ސުވާލު ކުރިއެވެ. އޭނަ ބަދަލު ހިފަން މިއުޅެނީ ހިލްޔާގެ ބައްޕައަށްޓަކައި މަސައްކަތް ކޮށްދޭ ޑޮކްޓަރެއްގެ ފަރާތުންނެވެ. އެ ޑޮކްޓަރާއި މެދު ފިޔަވަޅު އެޅުމުން ހިލްޔާގެ ބައްޕަގެ ކްލިނިކަށް ވެސް އަސަރު ކުރާނެތާއެވެ.
އެހެންކަމުން ބަދަލު ނުހިފަންވީ ހެއްޔެވެ؟ އެހެނަސް ބަދަލު ނުހިފައި އޭނަގެ އަނދަމުން ދިޔަ ހިތަށް ފިނިކަމެއް ލިބޭނެހެން ހިއެއް ނުވެއެވެ. އެހެން ނޫނަސް މަންމަ ބުނިހެން އޭނަ ކުރިން އުޅެފައިވާ ދާއިރާގެ ސަބަބުން ހިލްޔާގެ ހިތަށް އިތުރު ދެރައެއް ނޫނީ ނުލިބޭނެއެވެ. އެ ދާއިރާގެ ސަބަބުން އަދާއި ހަމައަށް ވެސް އޭނަ މިއުޅެނީ އެންމެންނަށް ފިލައިގެންނެވެ. ހިލްޔާއާއި ކައިވެނިކޮށް އެންމެންނަށް މޫނު ދައްކައިފިނަމަ، އެއިން ހުތުރު ލިބޭނީ ހިލްޔާއަށް ނޫން ހެއްޔެވެ؟ މަންމަ ބުނިހެން އޭނަ އުޅުނު ގޮތަށް އުޅުނު މީހަކާއި ޢިއްފަތްތެރި ކުއްޖަކާއި ގުޅޭނެ ހެއްޔެވެ؟
އެއާއިއެކު ދާނިޝްއަށް ހިތާހިތުން ނޫނެކޭ ބުނެވުނެވެ. އަދި ކައިވެނި ކުރަން ނުޖެހޭ ކަމަށް ހިތުގެ ކަނަކުން ގޮވިއެވެ. އޭނަ ހިތްހަމަޖެހޭ ވަރަށް އޭނަ އިޞްލާޙުވެ، މީހުންގެ ކުރިމަތީގައި އޭނައަކީ ޞާލިޙު މީހަކަށް ވުމުން ނޫނީ އޭނައަށް ހިލްޔާ ކަހަލަ ކުއްޖަކާއި ކައިވެނި ނުކުރެވޭނެ ކަމަށް ދާނިޝްއަށް ނިންމުނެވެ.
ދާނިޝްއަށް ނޭނގުނު ކަމަކީ އެއީ ޝައިޠާނީ ވަސްވާސްތަކެއް ކަމެވެ. ކައިވެންޏެއް ކުރުމުގެ ފުރުސަތު ފަހިވެފައި ވަނިކޮށް އެއަށް ފަސްދިނުމަކީ ގޯހެކެވެ. ވަކިން ޚާއްސަކޮށް ދާނިޝް ކައިވެނި ކުރަން ބޭނުންވީ ރަނގަޅު ނިޔަތެއްގައި ވާ ހިނދެވެ. އަދި އެ ކުއްޖަކީ ދާނިޝްއަށް ކަމުދާ ކުއްޖަކަށް ވާ ހިނދެވެ. އަދި އެކުއްޖާގެ ބައްޕަ އޭނައާއިމެދު ރުހި، އޭނައާއި ގާތް ގުޅުމެއް އޮންނަ މީހަކަށްވީ ހިނދެވެ. ކައިވެންޏަކީ ވެސް ޞަދަޤާތް ކުރުމާއި އެހެން މީހުންނަށް އެހީވުން ފަދަ ހެޔޮ ޢަމަލެކެވެ. އަމިއްލައަށް އިޞްލާޙުވާން މަސައްކަތް ކުރާ ޙާލު، ޞާލިޙު ބައިވެރިޔަކާއި ކައިވެނި ކުރުމަކީ އެމީހަކަށް ޘަވާބު ލިބި، ﷲ އާއި ކުއްތަންވެވިދާނެ މަގެކެވެ. އެކަމަށްޓަކައި އެހެން މީހުންގެ ނަޒަރުގައި އެމީހަކު ޞާލިޙުވުން މުހިއްމެއް ނޫނެވެ. އަދި އަމުދުން އެ ކައިވެންޏަކީ ދާނިޝް ރަނގަޅު ގޮތުގައި ހިފަން އުޅޭ ބަދަލު ހިފުމަށް އެހީއަކަށްވުން ވެސް ގާތެވެ.
ކަން މިހެން އޮތްވާ ކައިވެނީގެ އެ ޚިޔާލަށް ފަސްދިނުމަކީ ފިތުނަތަކަށް ހުޅުވޭ ދޮރެކެވެ. ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަކީ ކޮބައިކަން ދަސްކޮށް އެ ޢަމަލުތަކުގައި ސާބިތުވުން މުހިއްމުވަނީ މިހެންވެއެވެ.
ދާނިޝް އަމިއްލަ ވިސްނުމަކަށް ގެއްލިފައި އިންދާ ޔާސިރު އަންނަން ފެށުމުން ދާނިޝްގެ ވިސްނުންތައް އަނެއްކާވެސް ކްލިނިކްގެ މަސައްކަތްތައް އަމާޒުވިއެވެ.
**
ހިލްޔާއާއި ޙަވާލު ކުރެވިގެން ދިޔައީ، ކްލިނިކްގެ ފާމަސީއަށް ގެނައި ބޭސްތައް ހަމަތޯ ބެލުމުގެ މަސައްކަތެވެ. ކްލިނިކްގެ ފާމަސިސްޓަކަށް ބޭރު މީހަކު ހޮވިފައި ވިޔަސް އަދި އެ މީހަކަށް ރާއްޖެ އާދެވޭ ގޮތެއް ނުވާތީވެއެވެ.
ހިލްޔާ އެވަގުތަށް ގެނެސްފައި ހުރި ބޭސް ފޮށިތަކުގެ ނަންތައް ބަލަމުން އަތުގައި އޮތް ލިސްޓުގައި ހުރި ބޭސްތަކުގައި ޓިކް ލަމުން ދިޔައެވެ. އެއަށްފަހު ދެން ހުރި ބޭސްތައް ކްލިނިކަށް ގެނެވެންދެން، ބޮޑެތި ބޭސް ފޮށިގަނޑުތައް ކަނޑައި، ކުދި ބޭސް ފޮށިތައް ފާމަސީގެ ހަރުތަކުގެ ރާވަން ފެށިއެވެ. ބައްޕަގެ ފިހާރައަށް އެއްޗެހި ގެނައުމުން ހަރުގަނޑުގައި އެއްޗެހި ރޭވުމަކީ އެންމެ ކުރީއްސުރެ ވެސް އޭނަ ކުރާ ހިތްވާ ކަމަކަށް ވާތީވެއެވެ.
އެ މަސައްކަތުގައި ހުރި ވަގުތު ހިލްޔާއަށް ވިސްނެމުން ދިޔައީ ދާނިޝްއާއި މެދުގައެވެ. ދާނިޝް ކިޔަވާފައި ހުރީ ކިހާ ވަރަކަށްތޯ ބަލަން ބައްޕަ ގާތު އަހާލަން ބޭނުންވިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ ޖެހިލުންވާ ގޮތްވިއެވެ. ދާނިޝް ގެ ނަން ގަންނަން ވެސް ނުކުޅެދިފައިވިއެވެ. އެއީ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނައަށް ދާނިޝް މާ ބޮޑަށް ކަމުދިޔައީތޯ ހިތަށްއެރިއެވެ.
ހިތަށް ވެރިވި އެ ސުވާލާއި އެކު ހަރުގަނޑެއްގެ ގޮޅިއެއްގައި ބޭއްވުނު އެންމެ ފަހު ބޭސް ފޮށްޓާއިއެކު ހިލްޔާގެ ޙަރަކާތްތައް ލަސްވިއެވެ. އެއާއިއެކު ވިސްނެން ފެށިއެވެ. އެއީ ޙަޤީޤަތަކަށް ވެދާނެ ހެއްޔެވެ؟ އޭނައަށް ދާނިޝް ކަމުދަނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އޭނަ ދާނިޝްއާއި އިންނާނީ ހެއްޔެވެ؟
އެ ސުވާލު ސިކުނޑިއަށް ވެރިވުމާއިއެކު ހިލްޔާއަށް ލޯ މަރައި ތަގުޅި ކޮށްލަމުން ބޯހޫރުވާލެވުނެވެ.
“ހިލްޔާ!”
ހިތާހިތުން އަމިއްލަ ނަފްސަށް ގޮވާލެވުނީ އިޙްސާސްތައް ހަމައަކަށް އަޅުވަން ފަދައެވެ. މޮޔަވީތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ކައިވެންޏަކީ ފިރިހެނަކު ކަމުދާއިރަށް ކުރަން އޮތް ކަމެއް ނޫނެވެ. ކައިވެންޏެއް ކުރުމުގެ ކުރިން ވިސްނަންޖެހޭ ބައިވަރު ކަންތައް ހުންނާނެއެވެ. އެމީހަކީ އޭނައާއި މެދު އޯގާތެރިވެ، އަޅާލާނެ މީހެއްތޯ ބަލަން ޖެހެއެވެ. އެމީހަކީ އޭނައާއި ގުޅޭ މިޒާޖެއްގެ މީހެއްތޯ ބަލަން ޖެހެއެވެ. ކަމުދާއިރަށް މީހަކާއި އިނުމުން އޭނައާއި މެދު ވެސް ވާނީ ދޮންތައާއިމެދު ވީ ގޮތަށެވެ. ދޮންތަ ނޫނަސް އޭނައަށް އޭގެ އެތައް މިސާލެއް އެކުވެރިންގެ ތެރެއިން ފެނިފައިވެއެވެ.
އެއާއިއެކު ވިސްނެން ފެށިއެވެ. ދާނިޝް އޭނައާއި ގުޅޭ މީހަކަށް ވެދާނެ ހެއްޔެވެ؟ އެ ސުވާލާއިއެކު ހިލްޔާގެ ޚިޔާލަށް އައީ މިއަދު ދާނިޝް ނުހަނު އާދައިގެ ސައިކަލެއްގައި ކްލިނިކަށް އައި ގޮތެވެ. އޭނައަކީ ކާރު ދުއްވާ މީހަކަށްވީ ހިނދު، ހަމައެކަނި ސައިކަލެއް ދުއްވާ މީހަކަށް އޭނަގެ ފިރިއަކަށް ވެވިދާނެ ހެއްޔެވެ؟ އޭނައަކީ ޑޮކްޓަރަކަށް ވީ ހިނދު، އެޑްމިނިސްޓްރޭޓާރ ކަހަލަ ‘ކުޑަ’ ވަޒީފާއެއްގައި އުޅޭ މީހަކާއި އޭނަ ގުޅޭނެ ހެއްޔެވެ؟ ދެމީހުންގެ ވިސްނުމާއި މިޒާޖު ވެސް ހާސްބައި ތަފާތު ވާނެކަން ގައިމެވެ. އަދި އަމުދުން އޭނަގެ މުސާރައަށްވުރެ ދާނިޝްގެ މުސާރަ ވެސް ކުޑަވާނެއެވެ. ވީއިރު ދާނިޝްއަށް ހިލްޔާ ހިތްހަމަޖެހޭ ދިރިއުޅުމެއް ހިލްޔާއަށް ހޯދައިދެވޭނީ ކިހިނެއް ހެއްޔެވެ؟ އަދި އަމުދުން ދާނިޝް މޫނުގައި މާސްކް އަޅައިގެން ހުންނަނީ ބައްޕަ ގާތު ނުބުންޏަސް ބަލިމަޑުކަމެއްގައި އުޅޭތީ ހެއްޔެވެ؟ އެހެންނޫނީ އަމިއްލަ ސޫރައާއިމެދު ހިތްހަމަ ނުޖެހޭތީ ހެއްޔެވެ؟
ހަމަ އެހިނދު އޭނައަށް އެންމެ ފުރަތަމަ ދާނިޝް ކަމުދާން ފެށި ސަބަބުތައް ހިލްޔާގެ ހަނދާނަށް އައެވެ. ދާނިޝްގެ ރޭ އަޅުކަމެވެ. ދާނިޝްއަކީ އުސްތާޒާގެ ދަރިފުޅަށްވުމުން އުސްތާޒާގެ ހެޔޮކަމުގެ އަސަރު ދާނިޝްއަށް ލިބިފައިވާނެ ކަމަށް ހީކުރެވުމެވެ. އެކަންތައް އެވަގުތު ހަނދާންވުމުން އަސްލަމް މަތިން ހަނދާންވެފައި ދާނިޝްއަށް އިތުރަށް ފޫހިވާ ގޮތްވިއެވެ. އަސްލަމްގެ ފަރާތުން ހިލްޔާއަށް ލިބުނު ފިލާވަޅަކީ، ދީންވެރި ފިރިހެނަކު ރަނގަޅު ފިރިއަކަށް ނުވާނެ ކަމެވެ. ޝައިޠާނާ ވަނީ ނުހަނު ބޮޑަށް އެ ޚިޔާލު ހިލްޔާގެ ހިތުގައި ބިންވަޅު ނަގާފައެވެ. ދޮންތަގެ ޙާލު ފެނިފައި ހިލްޔާއަށް މިފަހުން އައިސް އަބަދުވެސް ޚިޔާލު ކުރެވެނީ މުޅިން ނޫނަސް، ދީނާއި ތަންކޮޅެއް ދުރު މީހަކާއި އޭނަ ކައިވެނި ކުރާ މަންޒަރެވެ. ފާއިތުވާ ކޮންމެ ދުވަހަކާއި އެކީ އެ ޚިޔާލު ހިތުގައި ޒީނަތްތެރިވެ، އެ ޚިޔާލާއި މެދު ހިތްހަމަޖެހެމުން ދިޔައެވެ.
ހިދާޔަތަށް ފަސްދީ، ހަވާ ނަފްސަށް ތަބާވާ މީހަކަށް ހެވާއި ނުބައިގެ ފަރަޤު ފެންނާނީ ކިހިނެއް ހެއްޔެވެ؟ ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވާ މީހަކަށް ދީނުގެ ރީތިކަން ފެންނާނީ ކިހިނެއް ހެއްޔެވެ؟ ދީނަށް ފަސްދެމުން ދާ މީހަކަށް، ދީނަށް ތަބާވަމުން ދާ މީހަކު ކަމުދާނީ ކިހިނެއް ހެއްޔެވެ؟
ހިލްޔާއަށް ނޭނގުމެއްގެ ތެރެއިން ވެސް ދީނާއި ދުރުވެވެމުން ދިޔައެވެ. އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ދުނިޔެއިން މަތިވެރިކަން ހޯދެން މަސައްކަތް ކުރެވެމުން ދިޔައީ އެހެންވެއެވެ. ދާނިޝް ރަނގަޅު މީހަކަށްވުމުގެ ފުރުސަތު އޮތަސް ދާނިޝްއަށް ފަސްދޭން ނިންމީ، ދާނިޝްއަކީ އޭނައަށް ދުނިޔެ ހޯދައި ނުދެވޭނެ މީހެއްކަމަށް ޤަބޫލު ކުރެވުމުންނެވެ. ދީންވެރި ވުމަކީ ދުނިޔެ ލިބެން އޮތް މަގެއް ނޫންހެން ހީވުމުންނެވެ.
ހިލްޔާ އެ ޚިޔާލުތަކުގައި ވަނިކޮށް، އޭނަގެ ކުރިމައްޗަށްވާ ގޮތަށް ހުރި ކުޑަދޮރުން ޕިކަޕެއް އަންނަ މަންޒަރު ފެނުނެވެ. ޕިކަޕުގައި ހުރި ބޭސް ފޮށި ކޭސްތައް ފެނިފައި ހިލްޔާ ވަގުތުން ފާމަސީއިން ނިކުންނަން އަވަސްވިއެވެ. ފާމަސީއިން ނިކުމެވުމާއިއެކު ހިލްޔާއަށް ލޮބީ އޭރިއާއަށް ދެވުނެވެ. އެވަގުތު ބައްޕަ ކްލިނިކްގެ މަތީ ބައިގައި ހުރެފައި އައިސް ކްލިނިކްގެ މައިދޮރު ދެ ފަރާތަށް ބޮޑަށް ހުޅުވާލީއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ޕިކަޕުން ފައިބައިގެން އައި މީހުން އެ ބޭސް ކޭސްތައް ކްލިނިކްގެ ދޮރު ކައިރީގައި ބަހައްޓަން ފެށިއެވެ.
“ދަރިފުޅު ދެން މިއެއްޗެހި މިތާ ބަހައްޓާ. މަސައްކަތު މީހުން އައިމަ ފޮށިތައް ފާމަސީ ތެރެއަށް ގެންދާނީ. ކޭސްތަކުގަ ހުރި ނަންތައް ބަލާފަ ލިސްޓްގަ ފާހަގަކޮށްލަދެއްޗޭ.” ބައްޕަ އެދުނެވެ. އެއާއިއެކު ހިލްޔާ ބައްޕައަށް ބަލަން ހުރެފައި ބޯޖަހާލިއެވެ. އެއާއިއެކު ބައްޕަ އަނެއްކާވެސް އެއްފަރާތުން ފެންނަމުން ދިޔަ ސިޑިން މައްޗަށް އަރައިގެން ދާން ފެށުމުން ހިލްޔާއަށް ނޭނގުމެއްގެ ތެރެއިން ވެސް އެ ދިމާލަށް ބެލުނެވެ. މީގެ އިރުކޮޅެއް ކުރިން ދާނިޝް އެދިމާލަށް ގޮސްފައިވިކަން އެނގުމުން ކަންނޭނގެއެވެ. އެކަން އެނގުންވުމުން އިސާހިތަކު އަނެއްކާވެސް ބޯހޫރުވާލެވުނެވެ.
ޕިކަޕުން ހުރިހާ ފޮށިތައް ގެނެސް ބަހައްޓައި ނިމުމުން ހިލްޔާ އަނެއްކާވެސް ބޭހުގެ ލިސްޓު ހިފައިގެން އައިސް އެ ކޭސްތަކަށް ބަލަމުން ބޭސްތަކުގައި ފާހަގަލަމުން ދިޔައެވެ. އެހެނަސް ބައެއް ކޭސްތައް ތަންކޮޅެއް ފަހަތަށް ލެވިފައިވުމުން ބައެއް ފޮށިތަކުގެ ނަންތައް ހިލްޔާއަށް ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އުދަގުލާއި އެކީގައި ވެސް މަތިމައްޗަށް ޖެހިފައި ހުރި އެ ކޭސްތައް އަމިއްލައަށް އުފުއްލައި ތިރި ކުރަން ފެށިއެވެ.
“ނޫނޭ….އެކްސްޗޭންޖް ކުރަން އަޅުގަނޑުމެން ބޭނުން. އެހެންވީމަ އަޅުގަނޑު އެބަ އަންނަން ތިކޮޅަށް ރިވައިޒްޑް ކޯޓޭޝަން އާ އެކީ އެ ކޭބަލްތައް ބަލާ.”
ހިލްޔާ ބޮޑު ފޮށްޓެއް ނަގައި ބިންމަތީގައި ބެހެއްޓި ވަގުތަކީ ފަހަތުން ދާނިޝްގެ އަޑު އިވުނު ވަގުތެވެ. އެއާއިއެކު ހިލްޔާ ހިންދެމިލަމުން ފަސް ބަލާލި ވަގުތު ސިޑިން ފައިބަމުން ފޯނުން ވާހަކަ ދައްކަމުން އައި ދާނިޝް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ހިލްޔާ ވަކި ފަރުވާލެއްނެތި އަނެއްކާވެސް އިތުރު ފޮށްޓެއް އުދަގުލާއި އެކީ ނަގައި، ތިރީގައި ބެހެއްޓިއެވެ. ހިލްޔާ ހީކުރީ ދާނިޝް ސިޑިން ފައިބައިގެން އައި ގޮތަށް ކްލިނިކުން ނިކުމެގެން ދާނެ ކަމަށެވެ. ފޯނުން ވާހަކަ ދެއްކި ގޮތުން ބޭރަށް ދާން އުޅޭކަން އެނގޭތީވެއެވެ.
އެހެނަސް ހިލްޔާ ޙައިރާންވެގެން ދިޔައީ، ދާނިޝް ނިކުމެގެން ދިޔުމުގެ ބަދަލުގައި އޭނަގެ ކައިރިއަށް އައިސް ހުއްޓި ވާހަކަ ދެއްކުމުންނެވެ.
“ކިހިނެއްވީ؟ ފޮށިތައް ފާމަސީއަށް ވައްދަންތަ؟” ދާނިޝް ލަފާއެއްގެ މައްޗަށް ސުވާލު ކުރިއެވެ. އެއާއިއެކު ހިލްޔާއަށް ބޯހޫރުވާލެވުނެވެ.
“ފަހަތުގައި ހުރި ފޮށިތަކުގެ ނަންތައް ނުފެނިގެން މިއުޅެނީ.” ހިލްޔާ ބުންޏެވެ.
ހަމަ އެއާއިއެކު ދާނިޝް ދެވަނަ އެއްޗެކޭ ވެސް ނުބުނެ އެ ބޮޑެތި ފޮށިތައް ތިރިކޮށްލަ ދޭން ފެށިއެވެ. އެހިނދު ހިލްޔާގެ ހިތަށް އާދަޔާ ޚިލާފު އަސަރެއް ކުރިއެވެ. މިއީ އޭނަގެ ބައްޕަ ފިޔަވައި ފިރިހެނަކު އަމިއްލައަށް އިސްނަގައިގެން އޭނައަށް އެހީވަމުން ދިޔަ ފުރަތަމަ ފަހަރެވެ. އެސްފިޔަ ޖެހުމެއްނެތި ދާނިޝް އެ މަސައްކަތުގައި ހުއްޓާ ބަލަން ހުރެވުނީ ޙައިރާންކަން ވެރިވެފައިވި ހިތެއްގެ ސަބަބުންނެވެ. އެހެންކަމަކަށް ނުވިޔަސް އެވަގުތު ދާނިޝްގެ ފިރިހެންވަންތަކަން ހިލްޔާއަށް އިޙްސާސް ކުރެވުނެވެ. ޙަޤީޤީ ފިރިހެންވަންތަކަމުގެ ތެރޭގައި އެހެން އިތުރު އެދުމެއް ނެތި އަންހެނަކަށް އެހީވުން ހިމެނެއެވެ. މަސައްކަތުގެ ތެރެއިން ދާނިޝް އޭނައާއި ވާހަކަ ނުދެއްކި ތާނގައި ބަލާވެސް ނުލި ގޮތުން އެ އެދުމެއް ނެތްކަން ހިލްޔާއަށް އެނގުނެވެ.
ހިލްޔާއަށް ހީކުރެވުނީ ރަނގަޅަށެވެ. ދާނިޝް އިސްވެ ހިލްޔާއަށް އެހީތެރިވެދޭން ދިޔައީ އެހީތެރިވާން އެދެވުނު ވަރުންނެވެ. އޭނައަށް އެހީވެވެން އޮތް ޙާލަތެއްގައި އެކަމަށް ފަސްދޭން ބޭނުމެއް ނުވީއެވެ. އެއީ އެއް ޒަމާނެއްގައި ވެސް އޭނަގެ ކިބައިގައި ހުރި ސިފައަކަށް ނުވާތީވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހިލްޔާއަށް އެހީވެވެމުން ދިޔައީތީ ހިތަށް އުފަލެއް ލިބެމުން ދިޔައެވެ.
ނުނިމޭ