ނަފްސީ (އަށާރަވަނަ ބައި)
**1 ހަފްތާ ކުރިން**
ރާފިލް ޗާރޓާރ ކުރި ޕްރައިވޭޓް ޖެޓް މާލޭގައި ޖެއްސީ ރާއްޖޭގެ ގަޑިން 3:20 ވީ ވަގުތެވެ. ފްލައިޓް ޖެއްސި ވަގުތު ރާފިލް އޮތީ ޖެޓްގެ ތެރޭގައި ހަރު ކުރެވިފައިވި އަރާމު ސޯފާއެއްގައި އޮށޯވެލައިގެންނެވެ. ސޯފާގެ ކުރިމައްޗަށް ވާގޮތަށް ހަރުކުރެވިފައިވި އޮމާން ވިދުމެއް ހުރި ގަދަ ދަނބު ކުލައިގެ ކެބިނެޓް މަތިންނާއި، ކާރޕެޓް މަތިން ވެސް ރާފިލް ކުދި ކުދި އެއްޗެހި ކައި ހުސްކޮށް އަޅާފައި ހުރި ކުނިތައް ފެންނަމުން ދިޔައެވެ. ކެބިނެޓް މަތީގައި، ކެއުމެއް ހުސްކޮށްފައި ހުރި ތަށްޓެއްވީއިރު، ފިލްމެއް އެޅުވިފައި ހުރި ސްކްރީނެއް ވިއެވެ. އެހެނަސް ރާފިލްގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނަށެވެ.
ޕައިލެޓް އެންގި އެންގުންތަކުންނާއި، ކުޑަ ދޮރުން ފެނުނު މަންޒަރުތަކުން ފްލައިޓް ޖެއްސިކަން އެނގުނެއްކަމަކު ރާފިލް ކަހާ ތަން ހިރުވާ ވެސް ނުލިއެވެ. ތެދުވަން ކިރިޔާ ވެސް ޚިޔާލު ކުރީ ޖެޓްގެ ދޮރު ހުޅުވާލެވުމުންނެވެ. ހަމަ އެއާއިއެކު ރާފިލް ތެދުވެލީ ގަޑިން ވީއިރު ފެނުމުންނެވެ. އޭނަ އޯސިސް ކްލިނިކްގެ ހުޅުވުމުގެ ރަސްމިއްޔާތަށް ކޮންމެހެން ވެސް ގަޑިއަށް ދާންޖެހެއެވެ. އާ ބައެއްގެ ތެރެއަށް އަލަށް ދާއިރު ކޮންމެހެން ވެސް އޭނަގެ އަގު ހިފެހެއްޓުމަކީ ރާފިލްގެ އާދައެކެވެ. އޭގެ މަޤްޞަދަކީ އެހެން މީހުންގެ ނަޒަރުގައި އޭނަ މަތިވެރިވުމެވެ. އެއީ ރާފިލްގެ ބައްޕަ ވެސް އޭނައަށް އެންމެ ބާރު އަޅާ ގޮތެވެ. އެހެންކަމުން އެއީ ރާފިލްއަށް ޙަޔާތުގައި އެންމެ މުހިއްމު ކަމެވެ.
ލަގެޖް ނަގައިގެން ރާފިލް އެއާރޕޯޓުން ނިކުތް ވަގުތު ރާފިލް ބަލައި އޭނަގެ ޑްރައިވަރު އައިސްފައި ހުއްޓެވެ. ތުނބުޅިއާއި އިސްތަށި ނުރަވާން ފަށާފައިވާ އެ ބޭބެއަށް ބެލުމެއްވެސް ނެތި ރާފިލް، އޭނަގެ ލަގެޖް ކާރު ކައިރީގައި ބަހައްޓާފައި ކާރުގެ ފަހަތު ސީޓަށް އެރިއެވެ. އޭރުވެސް އަތުގައި އޮތް ފޯނުން އޭނަގެ ނަޒަރު ވަތްކެއް ނުވެއެވެ.
ކާރު ވެސް ދުއްވެން ފެށީ ރާފިލް ފޯނުގެ މަސްތައް ގެއްލިފައި ވަނިކޮށެވެ. ވާނީވެސް އެހެންތާއެވެ. ފޯނުން ހުޅުވިފައިވި އިންސްޓަގްރާމުން ފެންނަމުން ދިޔައީ ލަދު ކުޑަ ފޮޓޯތަކެވެ. ރާފިލް އޭގެއިން އެންމެ ފޮޓޯއެއް ވެސް ދޫނުކޮށް ކޮންމެ އެއްޗަކަށް ލައިކް ދެމުން ދިޔައެވެ. އިންބޮކްސްއަށް 5 ވަރަކަށް މެސެޖު އައިސްފައިވީއިރު 6 ވަނަ މެސެޖު އައީ ފޯނަށް ބަލަން ހުއްޓާއެވެ. އެ މެސެޖުވެސް އައީ އެ ބަލަމުން ދިޔަ ފޮޓޯތަކުގެ ޒާތަށް ހުރި ޕްރޮފައިލް ފޮޓޯއެއް ހުރި އަންހެން ކުއްޖެއްގެ ފަރާތުންނެވެ.
ރާފިލް އެ މެސެޖު ހުޅުވަން އުޅެނިކޮށް މެސެޖުގެ މަތިން ވައިބާރ ކޯލެއް އަންނަކަމަށް އަރަން ފެށިއެވެ. ‘ޑޭޑް’ ގެ ނަން ފެނިފައި ރާފިލް އެ ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ޑޭޑް!” ރާފިލް ބުންޏެވެ.
“ކޮބާ އާދެވިއްޖެތަ މިކޮޅަށް؟” ރާފިލްގެ ބައްޕަ ނަސީމް އެކޮޅުން އެހިއެވެ.
“އާނ މިހާރު އެއާރޕޯޓުން ޑައިރެކްޓްކޮށް ހުޅުމާލެއަށް މި ދަނީ. ރަސްމިއްޔާތަށް.” ރާފިލް ވާހަކަ ދެއްކިއެވެ.
“ހުމް….ރާފިލްއަށް ޑޭޑް ދިން ޑެޑްލައިން މިއަދު ހަމަވީކަން ހަނދާން އެބަހުރިތަ؟”
އެ ކޮޅުން އިވުނު އެ ސުވާލާއި އެކީ ރާފިލް ކަޅި މައްޗަށް ހިންގާލިއެވެ.
“ސީރިއަސްލީ ޑޭޑް! އައި ޓޯލްޑް ޔޫ މެނީ ޓައިމްސް… މެރިއޭޖްއަކީ އަހަރެން ޤަބޫލު ކުރާ ކަމެއް ނޫން. އިޓްސް ޖަސްޓް އަ ޕީސް އޮފް ޕޭޕާރ. މެރީ ނުކުރިޔަސް ކުރަން ބޭނުން ހުރިހާ ކަމެއް އަހަންނަށް އެބަ ކުރެވޭ. އެންޑް އަހަންނަކަށް ނުއުޅެވޭނެ އެންމެ އަންހެން ކުއްޖަކާ އެކީގައެއް. ޑޭޑްއަށް އަންޑަސްޓޭންޑް ނުވަނީ ކީއްވެ؟” ރާފިލް ނުރުހުންތެރިކަމާއިއެކީ ވާހަކަ ދެއްކިއެވެ.
“ރާފިލްއަށް އަންޑަސްޓޭންޑް ވާން އެބަޖެހޭ އަހަރުމެން އުޅޭ ކޮމިއުނިޓީގެ ސްޓޭންޑާޑްސް. އެ ސްޓޭންޑާޑްސްއަށް ރާފިލް ނުއުޅެންޏާ ގެއްލުންވާނީ ހަމައެކަނި ރާފިލްއަކަށް ނޫން. އަހަރުމެންގެ ބިޒްނަސް ގެ އިމޭޖްއަށް ވެސް ގެއްލުންވާނެ. އެންމެ ފަހުން ވެސް ރާފިލް އާއި ގުޅިގެން އައި ރޫމާރ ފޮރުވުނީ ހާދަ މަސައްކަތުންނޭ. މި ޒަމާނުގެ މީޑިއާއަކީ އެހާ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން. އެހެންވީމަ މެރީ ކުރުން މުހިއްމީ….”
“ވެލް ވަޓް އިފް އައި ޑޯންޓް؟”
“އިފް ޔޫ ޑޯންޓް، ޔޫ ޑޯންޓް ގެޓް އަ ޝެއާރ އިން ޕްރޮޕާރޓީ. އެކަން ވޯތް އިޓް ވިއްޔާ ލިވް ޔުއާރ ލައިފް ހަމަ. އެކަމަކު ތި އެންޖޯއި ކުރާ ގިނަ އެއްޗެހި ރާފިލް އަތުގަ އޭރުން ނުއެއް ހުންނާނެ.”
ނަސީމް އެންމެ ފަހުން ބުނެލި ވާހަކައިން ރާފިލްގެ ދަތް ކުނޑި ވިކި، ގޮށްމުއްކެވުނެވެ. އަމިއްލަ ބައްޕައަށް ވެސް އަނިޔާއެއް ކޮށްލަން ޖެހިލުން ނުވާ ފަދައެވެ. ޖެހިލުންވަންޏާ ވަނީ އެ ބައްޕަގެ މުއްސަނދިކަން ގެއްލިދާނެތީ ކަން ދެން ރާފިލް ބުނި ބަސްތަކުން އެނގުނެވެ.
“ވަޓް ޑޫ އައި ނީޑް ޓު ޑޫ؟” ދަތްކުނޑި ވިކަމުން ރާފިލް އެހިއެވެ.
“ތި ދާން އުޅޭ ރަސްމިއްޔާތުގަ ހުންނާނެ ހިލްޔާ ކިޔާ ކުއްޖެއް. އެއީ ތި ކްލިނިކް އޯނާރ ގެ ހުހަށް ހުރި އަންހެން ދަރިއެއް. ޔުއާރ އޭޖް. މި ބުނަނީ ރާފިލް ކައިރީގަ ހަމައެކަނި މެރީ ކުރާށޭ. ޢާއްމު ގޮތެއްގަ ރިޗް ފެމިލީސް ގެ އަންހެން ކުދިން ރިޗް ފެމިލީއެއްގެ ފިރިހެން ކުދިންނާ މެރީ ކުރާނެ. ދެ ފެމިލީއިން ވެސް ވިސްނާނެ ބިޒްނަސްއަށް އެ ނިންމުމުން ފައިދާ ވާނެކަން. ރާފިލް ކޮށްދޭންވީ ކަމަކީ ހަމަ މެރީ ކުރަންވީ. މެރީ ކޮށްގެން އަންހެން ކުއްޖާ ދޫކޮށް ނުދާވަރަށް ހިތްހަމަޖައްސާފަ ތި އުޅޭ ގޮތަށް އުޅުނަސް އައި ޑޯންޓް ކެއާރ. މުހިއްމީ ރާފިލް ހިލްޔާއާއި ކައިވެނި ކުރުން…”
ނަސީމް ދެއްކި އެ ފަހު ވާހަކަތަކުން ރާފިލްގެ ނިތުން ރޫތައް ފިލިއެވެ. ނަސީމްގެ ކުޑަ ވެސް ތަޤްވާވެރިކަމެއް ނެތް އެ ބަސްތަކުން، ތަޤްވާވެރިކަމުން ދުރުވެފައިވާ ރާފިލްގެ ހިތަށް ހަމަޖެހުމެއް ލިބުނީއެވެ. އެ ޚިޔާލުން އެ ހިތަށް އުފަލެއް ވެސް ލިބިއްޖެއެވެ. ކޮންމެހެން ލޯބިން ނޫނަސް އަންހެން ކުއްޖެއްގެ މައްޗަށް ބާރު ފޯރުވުމުގެ ޚިޔާލާއިމެދު އޭނަ ގަޔާވިއެވެ.
“ތިއީ އެއްވެސް ކަމެއް ނޫނެއްނު ޑޭޑް؟ އިޓްސް މައި ސްޕެޝަލްޓީ. އަންހެން ކުދިން ހައްދައިގެން އުޅުމަކީ. ގިވް މީ އަ މަންތް. އޯ 6 މަންތްސް. އަންހެން ކުއްޖާގެ އެޓިޓިއުޑް ގެ ގޮތުން ޓައިމް ވޭރީ ވެދާނެ. އެކަމަކު ލަސްވެގެން 6 މަންތްސް ތެރޭ ޑޭޑް އަށް ވެޑިންގް އިންވިޓޭޝަނެއް ފޮނުވާނަން ހަމަ ޔަޤީނުން ވެސް.” ރާފިލް ﷲ ގެ އިރާދަ މަތިން ހިތަށް ވެސް ނާރުވާ ބުނެލިއެވެ. އޭނައަށް މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވެއެވެ. ކާމިޔާބު ނުކުރެވެންވީ އަޅެފަހެ ކީއްވެ ހެއްޔެވެ؟ އޭނައަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ސޫރައެއް ލިބިފައިވާ މުއްސަނދި ފިރިހެނެކެވެ. އޭނައަށް ނޫނެކޭ ބުނާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟
ރާފިލް ދެއްކި ވާހަކައަށް އޭނަގެ ބައްޕަ ތަޢުރީފު ކުރުމުން ރާފިލް އޭނަގެ ހުރިހާ ނުރުހުންތެރިކަމެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. މީހުން އޭނަ ރުހޭ ގޮތަށް ކަންކޮށް، ރުހޭ ބަސްތައް ބުނުމަކީ މީހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރާފިލްއަށް ޤަބޫލު ކުރެވިފައިވެއެވެ. އެއްވެސް މީހަކު އޭނަ ނުރުހޭ ކަމެއް ކުރަން އެދިއްޖެނަމަ، އެހެން ނޫނީ އޭނައަށް ފާޑު ކިޔައިފިނަމަ އެމީހަކު ދުޝްމިނެއްގެ ގޮތުގައި ފެންނަނީ އެހެންވެއެވެ.
ރާފިލް ގެ ބައްޕަގެ ފޯނު ކޯލު ނިމުމަކަށް އައިއިރު، ރާފިލްގެ ކާރު އޯސިސް ކްލިނިކާއި ކައިރި ވަނީއެވެ. ކުޑަދޮރު ކައިރީގައި އިނދެ، ގަދަ ފެހި ކުލައިގެ ޓާފް އަޅާފައި އޮތް ހިސާބަށް ބެލެމުން ދިޔައެވެ. ކާރު އެހާ ހިސާބާއި ގާތްވަމުން ދިޔަދިޔަހެން ނުހަނު އަލި މޫނެއް ރާފިލްއަށް ފާހަގަވިއެވެ. ގަދަ ފެހި ކުލައިގެ ދިގުކޮށް އޮތް ދޫ ހެދުމަކާއި ހަމަ އެކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ކުއްޖެކެވެ. އިސާހިތަކު އެ ކުއްޖާ ދޫކޮށް ހެދުން ލައިގެން ހުރީ ކީއްވެތޯ ހިތަށް އެރިއެވެ. ބަލާ ބެލުމަށް އެ ކުއްޖާގެ ހުންނާނީ ލޫޅާފަތި ހަށިގަނޑެއްހެން ހީވެއެވެ. އެއާއިއެކު ޚިޔާލުތަކުގެ ތެރެއިން އެ ހަށިގަނޑު ހުންނާނެ ގޮތް ސިފަ ކުރެވެން ފެށިއެވެ. ބެލުން ތިރި ކުރަން ޚިޔާލު ވެސް ކުރުމެއް ނެތިއެވެ.
އެހެނަސް ކާރު މަޑު ރާފިލް ދުރަށް ނަޒަރު ހިންގާލަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. ފުރަތަމަ ނަޒަރުން އަންހެން ކުއްޖަކު އޭނަގެ ސަމާލުކަން ހޯދީކަން އަންހެން ކުއްޖަކަށް އަންގައިގެން ނުވާނެތީވެއެވެ. އަންހެން ކުދިން ފަހަތުން ދުވާނީ ވީހާ ވެސް ވަރަކަށް ނޫންކަމަށް ހެދުނީމައެވެ. އަންހެން ކުދިންގެ މެދުގައި ޤަދަރު އުފުލޭނީ އޭރުންނެވެ.
ރާފިލް މިފަދަ ނިންމުންތައް ނިންމަމުން ދިޔައީ މުރުއްވަތްތެރިކަމުގެ ކަންފުޅެއް ވެސް ނެތިއެވެ. ހިތުގައިވާ އިޙްސާސްތަކާއި ދެކޮޅަށް ކަންކުރުމަކީ މުނާފިޤުންގެ ސިފައެއްކަން ނޭނގިއެވެ. އަދި އެފަދައިން ކަންކުރަން މަޖުބޫރު ވެފައިވަނީ ފާޙިޝް ކަންތަކުން ފުރިފައިވާ ހިތެއްގެ ސަބަބުންކަން ނޭނގިއެވެ.
ކޮންމެ ގޮތެއްވިޔަސް ރާފިލް އޭނަގެ ރޭއިބަން ކަޅުކުލައިގެ އަވި އައިނު އަޅުވާލަމުން، ދެންވެސް ކާރު ދުއްވަން ހުރި ބޭބެއަށް ބެލުމެއް ވެސް ނެތި ކާރުން ފޭބިއެވެ. އޭނަގެ ދިގު އިސްކޮޅާއި، ބޮލުން ފެށިގެން ފަޔާއި ހަމައަށް ފެންނަމުން ދިޔަ ރީތިކަމާއި މުއްސަނދިކަމުން އެތާ ތިބި އެންމެންގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ.
އެކަން ކާމިޔާބު ވެސް ވިއެވެ. ރާފިލް ކާރުގެ ދޮރު ލައްޕާލަމުން އެތާ އޮތް ޓާފް މަތީގައި ހުއްޓިލުމާއިއެކު އެތާ ތިބި އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވިއެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިންގެ އެވެ. އެއީ އޭނައަށް ލިބުނު ފަޚުރެކެވެ. ވަކިން ޚާއްސަކޮށް ދެންމެ އޭނަގެ ސަމާލުކަން ހޯދި އަންހެން ކުއްޖާވެސް ކަނާތް ފަރާތުން ނުހަނު ގާތުން އޭނައަށް ބަލަން ހުރިކަން އެނގުނެވެ. އެހެނަސް ރާފިލް އެދިމާލަށް ބަލަން ޚިޔާލެއް ނުކުރިއެވެ. ކޮންމެހެން ލަދުވެތިކަން އިސްކުރުމަކަށް ނޫނެވެ. އޭނަ ކޮންމެހެން އަންހެން ކުއްޖަކަށް ބަލިކަށި ނުވާކަން ދެއްކުމަށެވެ.
ރާފިލް އެހެން ހުއްޓާ ނަހީދު އޭނައާއި ދިމާލަށް އަންނަން ފެށި މަންޒަރު ފެނުނެވެ.
“ޑޮކްޓަރ ރާފިލް! ވެލްކަމް!”
ނަހީދު ފުރިހަމަ ހިނިތުންވުމަކާއިއެކީ އައިސް އޭނައަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ކުރިންވެސް އިންޓަވިއުއިން ދިމާވެފައިވާ ނަހީދާއި ސަލާމް ކޮށްލަމުން ރާފިލް ހިނިތުންވެލިއެވެ. ނަހީދަށް ބަލަން ހުއްޓެއްކަމަކު ރާފިލް ހުރީ އެއްފަރާތުން އޭނައަށް ބަލަން ހުރި އަންހެން ކުއްޖާއަށް ސަމާލުވެގެންނެވެ.
“ތެންކިއު ސޯ މަޗް. ސޮރީ އައިމް ލޭޓް. ހަމަ ދެންމެ ލޭންޑް ކުރެވުނީ. ޕްލޭން ޗާރޓާރ ނުކުރިނަމަ ޓައިމްއަށް ނާދެވުނީސް. އައި ލައިކް ބީންގް އޮން ޓައިމް.” ރާފިލް އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އެހެން ބުނެލީ، ކައިރީގައި ހުރި އަންހެން ކުއްޖާއަށް ކަން ދެއްކުމަށެވެ. އަދި އޭނަގެ މުއްސަނދިކަން އެންގުމަށެވެ. މުއްސަނދިކަމަކީ އަންހެން ކުދިންނާއި ކުޅެން އޭނައަށް ލިބިފައިވާ މޮޅު އާލާތެކެވެ.
ރާފިލް ބަލަން ހުއްޓާ ނަހީދު އޭނަގެ ކޮނޑުގައި ހިފާލަމުން އެއްކަލަ އަންހެން ކުއްޖާ ހުރި ދިމާލަށް މަޑުމަޑުން އަނބުރާލިއެވެ. އަދި ވާހަކަ ދެއްކިއެވެ.
“ހިލްޔާ، މިހިރީ ރާފިލް. ރާފިލް، މިއީ ހިލްޔާ. ކްލިނިކްގެ މެޑިކަލް އޮފިސާރ އެއް މިއީ ވެސް. ކްލިނިކާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތިއްޔާ ހިލްޔާ އާއި ކޮށްލައްޗޭ.”
ނަހީދު ދެއްކި ވާހަކައިން އިވުނު ނަމާއިއެކީ ކުރިމަތިން ފެންނަމުން ދިޔަ ސޫރައިން ރާފިލް ހިނދުކޮޅަކަށް ނޭވާ ލާން ވެސް ހަނދާން ނެތުނެވެ. ކުރިމަތިން ފެންނަމުން އެ ދިޔައީ މިއިން ޒަމާނެއްގައި ވެސް އޭނައަށް ފެނިފައިނުވާހާ ރީތި ސޫރައެކެވެ. އަދި އަމުދުން އެ ލޯމަތިން ފެނުނު ނުތަނަވަސްކަމާއި މައުސޫމްކަމުން މި އަންހެން ކުއްޖާއާއި ގަދައަށް ކުޅެލަން ބޭނުންވިއެވެ. އޭގެ މައްޗަށް ދެންމެ ނަހީދު އެ ކުއްޖާގެ ނަމަކަށް ބުނެލި ނަމުން އަނގަމަތީގައި އަތްވެސް އަޅާ ނުލެވުނީ ކިރިޔާއެވެ. އޭނަ އިންނަން ޖެހޭ ކުއްޖަކީ މިއީތޯ ހިތަށްއެރިއެވެ. އިސާހިތަކު މިއީ ހަމަ އޭނަގެ ކުއްޖެއް ނޫންތޯ ހިތް ބުންޏެވެ. ހަމަ އެއާއިއެކު ހިލްޔާއާއި އޭނަ ގާތްވާނެ ގޮތްތައް އެ ފަޅި ސިކުންތުގައި ވެސް ވިސްނުނެވެ. ކައިވެންޏެއް ކުރިޔަސް ކުރަނީ އެންމެ ބޭނުމަކުހެން ރާފިލްއަށް ހީވެފައިވެއެވެ.
“ހައި…” ރާފިލް އެހެން ބުނެލަމުން އަތް ދިއްކޮށްލީ ހަމަ ނުހުރެވިގެންނެވެ. އެހެން ކަމެއް ނުވިޔަސް މި ފުރަތަމަ ބައްދަލުވުމުގައި އެ ލޯބި އަތުގައި ހިފާލަން ބޭނުންވިއެވެ.
ނުނިމޭ