ނަފްސީ (އަށްވަނަ ބައި)
އެހެނަސް މިއަދު ދާނިޝްއަށް ކުރެވުނީ މުޅިން ތަފާތު އިޙްސާސެކެވެ. މިއަދު އެ ޑޮކްޓަރާއި ކުރިމަތިލާން ބޭނުންވިއެވެ. މަންމަގެ މަރުގެ ފަހަތުގައި އެ ޑޮކްޓަރުގެ އިޙުމާލެއް އޮތްހެން ހީވުމުންނެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއި އެކު އަތުގައި އޮތް ކާޑަށް ބަލަން ހުރެފައި ދާނިޝް ދިގު ފިޔަވަޅުތަކެއްގައި އޭނަގެ އަމިއްލަ ކޮޓަރިއަށް ދިޔައެވެ. އަދި އޭނަގެ ކިޔަވާ މޭޒުގެ ފުރަތަމަ ވަތްގަނޑު ތެރެ ހާވާލަމުން ބޭސް ސިޓީއެއް ނެގިއެވެ. އެއީ މެޑްލިންކް ހޮސްޕިޓަލުގައި މަންމަ އޭރު ބޭއްވިފައި އޮތްވާ އެ ޑޮކްޓަރު ދިން ބޭސްތަކެވެ. އެ ބޭސްތަކުގެ ތެރެއިން އެއް ބޭހަކީ ރަނގަޅު ބޭހެއް ނޫންކަން ދާނިޝްއަށް އެނގުނީ ވަޓްސްއެޕް މެދުވެރިކޮށް އެ ބޭސް ސިޓީ އެމީހުންގެ ޢާއިލާ ޑޮކްޓަރަށް ދެއްކުމުންނެވެ.
“ދާނިޝް ކައިރި މަންމަ ނުބުނަނީތަ؟ މަންމަ ހިތުގެ ބަލި ހުރޭ. އިރެގިއުލާ ހާޓްބީޓްއެއް ފާހަގަވާން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން. މި ބޭހަކީ ހިތުގެ ބަލި ހުންނަ މީހުންނަށް ރަނގަޅު ބޭހެއް ނޫން. މަންމަ ނުއުޅޭތަ މޭމައްޗަށް ތަދުވެގެން؟ އެންމެ ފަހުން އީސީޖީއެއް ހެދީ ކޮން ދުވަހަކު؟”
އެ ޑޮކްޓަރު ދާނިޝް އާއި ކޮށްލި ސުވާލުތަކުން ދާނިޝްގެ ހިތް މޭތެރޭގައި އޮވެ ގެނބުނެވެ. މަންމަ އެހާ ބަލިވިއިރު އޭނައަށް ނޭނގި ހުރުމުންނެވެ. އަދި އަމުދުން މަންމަ އޭނަ ގާތު ބުނެފައިވެސް ނުވުމުންނެވެ. މަންމަ އޭނައާއި މެދު ދެކެނީ އެހާ ވެސް ދުރު މީހެއްގެ ގޮތުގައިތޯ ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިޔަސް މަންމަ ބުނެފައި ނުވުމުން އެ ވާހަކަ އާއިގެން މަންމަ އާއި ކުރިމަތިލާން ދާނިޝް ޤަޞްދެއް ނުކުރިއެވެ. ވަކިން ޚާއްސަކޮށް މަންމަ ދެރަވާ ފަދަ ގޮތަކަށް ކަންތައް ނުކުރުމަށް ޑޮކްޓަރު ވެސް ނަސޭޙަތްތެރިވުމުންނެވެ. އެ ވާހަކަ ދެއްކުމެއްނެތި މަންމަ ގާތު އެއްކަލަ ބޭސް ނުކެއުމަށް ދާނިޝް އެންގީ އެހެންވެއެވެ. އަދި އެތައް ފަހަރު މަތިން އަނެއްކާވެސް އެހެން ޑޮކްޓަރެއްގެ ގާތަށް ދިޔުމަށް ދާނިޝް މަންމަ ގާތު އެދެމުން ދިޔައީ ވެސް އެހެންވެއެވެ. އެހެނަސް މަންމަ އިންކާރު ކުރަމުން ދިޔައީ މިދުވަސްކޮޅު މަސައްކަތް ބުރަ ކަމަށް ބުނަމުންނެވެ.
ބޭސް ސިޓީއަށް ބަލައިގެން ހުރެވުނު އެ ވަގުތު އެ ހުރިހާ ހަނދާނެއް އާވުމުން ދާނިޝްއަށް އަމިއްލަ ނަފްސު ވެސް ކުށްވެރި ކުރެވުނެވެ. މަންމަ ދެކޮޅު ހެދިޔަސް ގަދަކަމުން ވެސް ގެންދެވުނުނަމައޭ ހިތަށްއެރިއެވެ. ހަމަ އެ ހިނދު އެއްކަލަ ޑޮކްޓަރަށް އިންތިހާ ދަރަޖައިގެ ރުޅިއެއް އައީ، މަންމަ ރޭ ހިނގަން ދިޔައީ އެ ޑޮކްޓަރު ދީފައިވާ ނުބައި ބޭހެއް ކައިގެން ކަން ހަނދާންވުމުންނެވެ. އިސާހިތަކު ބޭސް ސިޓީގައި ޑޮކްޓަރުގެ ނަން އޮތް ދިމާލަށް ނަޒަރެއް ދެވުނެވެ.
“ޑރ އަޙްމަދު ރާފިލް ނަސީމް، މެޑިކަލް އޮފިސާރ.”
އެ ނަމަށް ބަލަން ހުރެހުރެފައި ދާނިޝްއަށް ބޭސް ސިޓީގައި ހިފަހައްޓައިގެން ހުރި އަތް މުއްކަވާލެވުނީ ރުޅިން ތުރުތުރު އަޅާ ޙާލުގައެވެ.
އެ ވަގުތުކޮޅުން ފެށިގެން ދާނިޝްގެ ހިތް ފުރިފައިވީ ހިތާމަވެރިކަމާއި ރުޅިވެރިކަމުންނެވެ. މަންމައާއި ވަކިވި ކަމުގެ ހިތާމައާއި އެ ވަކިވުމުގެ ފަހަތުގައިވި މުޖުރިމަށްޓަކައި އޮތް ރުޅިވެރިކަމުންނެވެ. އެ ދެ ޖަޒުބާތުން ދާނިޝްގެ މުޅި ނަޒަރިއްޔާތު އަނދިރިވި ފަދައެވެ.
ކިރިޔާ ވެސް ހިތްހަމަޖެހުމުގެ އަލިކަމެއްގެ އިޙްސާސް ކުރެވެނީ ނަމާދު ކުރުމަށް މަންމަ ދީފައިވާ ނަސޭޙަތްތަކުގެ މަތިން ހަނދާންވުމުންނެވެ. އެ ދުވަހުގެ ފަތިސް ނަމާދު މަތިން ހަނދާން ނެތިފައި ހުރެ ލަސްވި ފަހުން ވެސް ދާނިޝްއަށް ނަމާދު ކުރެވުނީ އެ ހަނދާންތަކުގެ ސަބަބުންނެވެ. އަދި ނަމާދަށްފަހު މަންމައަށްޓަކައި ދުޢާ ކުރެވުނީ، މަންމައަށްޓަކައި ދެން ކުރެވެން އޮތް ކަމަކީ އެއީހެން ހީވުމުންނެވެ.
މަންމަގެ ޖަނާޒާއަށް ދިޔުމަށްޓަކައި ފެންވަރައި ތައްޔާރު ވެލައިގެން ދާނިޝް ހެދުން އަލަމާރީގެ ދޮރުގައި ހުރި މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބެލިއެވެ. ޑައިރެކްޓަރު ލަތީފް ބުނިހެން ދާނިޝްއަށް ލިބިފައިވަނީ ރީތި، ފިރިހެންވަންތަ ސޫރައެކެވެ. ކަޅުކުލަ ގަދަ ބުމައެވެ. ބޯ އެސްފިޔަތަކުން ހިޔާ އެޅިފައިވާ ފުންކަމެއް ނޭނގޭ ގަދަ މުށިކުލައިގެ ލޮލެވެ. ވަކި ވަރަކަށް ދިގުކުރެވި، ކުރުކޮށް ކޮށާލެވިފައިވާ ކަޅުކުލައިގެ ތުނބުޅިއާއި މަތިމަހެވެ. އެ ތުނބުޅިއާއި އެއްކުލައެއް ހުރި ކުރުކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑެވެ.
ދާނިޝްއަށް ލިބިފައިވަނީ ރީތި ސޫރައެއްކަން ދާނިޝްއަށް އެނގެއެވެ. އަދި އެ ސޫރައިގެ ސަބަބުން އޭނައަށް އަންހެން ކުދިންގެ ސަމާލުކަން ލިބޭކަން ވެސް އޭނައަށް އެނގެއެވެ. އަންހެން ކުދިންގެ ސަމާލުކަން ލިބުމަކީ އޭނަގެ ޒުވާން ހިތަށް ލިބޭ އުފަލެކެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ އެ އުފަލަށް ފަސްދޭން ބޭނުންވެދާނެ ކަމަށް ދާނިޝް ހިއެއް ނުކުރެއެވެ.
އެހެނަސް ދާނިޝް މިއަދުން ފެށިގެން އެ އުފަލެއް ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އިސްކުރަން ބޭނުންވީ މަންމަގެ ހިތްހަމަޖެހުމެވެ. މަންމަ ދުނިޔޭގައި ހުރިއިރު ކޮށް ނުދެވުނު ކަންތައް މިއަދު ވިޔަސް ކޮށްދޭން ބޭނުންވިއެވެ. މަންމައަށް އެ މަންޒަރު ނުފެނުނަސް، މަންމަ އަބަދުވެސް ބުނާހެން ސުވަރުގެއަށް ގޮސް މަންމައާއި ބައްދަލުވާ ހިނދު އެ ވާހަކަތައް ކިޔައި ދިނުމަށެވެ.
އަލަމާރީގެ ތެރެއިން ކަޅުކުލައިގެ މާސްކެއް ނަގައި ދާނިޝް މާސްކް މޫނުގައި އެޅީ އެ ޚިޔާލުތަކާއި އެކީގައެވެ. އާނއެކެވެ. މަންމަގެ ޖަނާޒާއަށް އޭނަ ފިލްމީ ތަރިއެއްގެ ގޮތުގައި ދާކަށް ބޭނުމެއް ނުވިއެވެ. ޖަނާޒާގައި ހުއްޓާ މީހަކަށް އޭނަ ފެނި، މަންމަގެ ޖަނާޒާއަށް ފިލްމީ ތަރިއަކު އައިސް ހުރީ ކީއްވެކަމާއިމެދު ސުވާލު އުފައްދާކަށް ބޭނުމެއް ނުވިއެވެ. މަންމަ ބުނިހެން އޭރުން މަންމަ ދީން އުނގަންނައި ދިން ކުދިން ވެސް އޮޅުން އަރާނެތާއެވެ. އެހެންކަމުން މިއަދު އޭނަ ޖަނާޒާއަށް ދާނީ ބީރައްޓެއްސެއްގެ ގޮތުގައެވެ. މީހުން ފިލްމީ ތަރި ‘ޑޭން’ ގެ މަތިން ހަނދާން ނެތެންދެން އޭނަ ދުނިޔެއަށް ފިލަން ބޭނުންވި ފަދައެވެ.
ޖަނާޒާއަށް ދާނިޝް ދިޔައީ ދެން އިތުރަށް ނުރޯން އަމިއްލަ ނަފްސާއި ހުވާކުރަމުންނެވެ. އެހެނަސް މަންމަގެ ހިނިތުންވެފައިވާ މޫނު އޭނައަށް ފޮރުވި، މަންމަގެ ހަށިގަނޑު ސަންދޯކަށް އެޅުނު މަންޒަރު ފެނިފައި ރެއާއި އެއްވަރަށް ރޮވުނެވެ. އެ ރުއިމުގެ ތެރެއިން އޭނަގެ ބައެއް ބޮޑުދައިތައިންނާއި ބޮޑުބޭބެއިން އައިސް އޭނައަށް ހިތްވަރު ލައިދޭން އުޅުނު ކަމުގެ ހިލަމެއް ވިއެވެ. އެހެނަސް އެމީހުންގެ އަޑުތައް އިވިފައި ހިތަށްވީ އުދަގުލެވެ. އެމީހުންނަކީ މަންމައަށް ހެޔޮ އެދޭ ބައެއް ނޫންކަން ޔަޤީނާއި ގާތްވެފައިވުމުންނެވެ. އެމީހުން ވާހަކަ ދައްކަން އުޅުމުން ވެސް ފަސްދެވުނީ އެ ސަބަބާއި ހެދިއެވެ.
މަންމަގެ ކަށުނަމާދު ތެރެއިން ދާނިޝްއަށް އެތައް ފަހަރެއްގެ މަތިން މަންމަގެ ފާފަތައް ފުއްސަވައި ސުވަރުގެއަށް ވެއްދެވުމަށް އެދި ދުޢާ ކުރެވުނެވެ. ހިތަށް ކިރިޔާ ވެސް ތަސައްލީއެއް ލިބެމުން ދިޔައީ އެ ދުޢާތަކުންނެވެ. ޖަނާޒާގެ ފަހަތުން ދިޔައިރު ވެސް ތަކުރާރުކޮށް އެ ދުޢާ ކުރެވުނެވެ. ބަރުޒަޚުގެ ޢާލަމަށް ދާ މީހުންނަށް ދިރިތިބީންގެ ދުޢާއިން ފައިދާ ކުރާނެ ކަމަށް މަންމަ ބުނި ބަސްތައް ހަނދާން ކުރަމުންނެވެ. މަންމަ ވަޅުލައި ނިމި، އެންމެންހެން އޭނައަށް ތައުޒިޔާ ކިޔުމަށްފަހު އެތަނުން ދިޔުމުން ވެސް މަންމަގެ ޤަބުރުގެ ކައިރީގައި ދުޢާ ކުރަން ދާނިޝްއަށް ހުރެވުނީ އެހެންވެއެވެ. އެތަނުން ދުރުވާން ދާނިޝްއަށް ޚިޔާލު ކުރެވުނީ ޢަޞްރު ނަމާދު މަތިން ހަނދާންވުމުންނެވެ. ހަމަ އެއާއިއެކު އަތު ކުރީގައި އޮތް ގަޑިއަށް ބަލާލެވުނެވެ. ގަޑިން 2 ޖަހަން ގާތްވަމުން ދިޔަތަން ފެނި ގެއަށް ދާން ޚިޔާލު ކުރެވުނެވެ. އަދި މަންމަގެ ޤަބުރަށް ފަހު ފަހަރު ބެލުމަށްފަހު ދަނީއޭ ހިތާހިތުން ބުނެވުނެވެ. އެ ހިނދު އެ ހިތުތެރޭގައި ނޭނގޭ ހުސްކަމެއްވިއެވެ. އަދި ބިރުވެރިކަމެއް ވެސްމެއެވެ. އޭނަ ހީވެސް ނުކުރަނީސް މަންމަ ދުނިޔެ ދޫކޮށް، މިއަދު ވަޅުލެވިފައިވާނަމަ، އޭނަގެ މަރުވެސް ވަނީ ހާދަ ގާތުގައޭ ހިތަށްއެރިއެވެ. މަންމައަށް ހަމަ ގައިމުވެސް އެ ޢާލަމުން ލިބެން އޮތްހާ ނިޢުމަތެއް ލިބޭނެތާއޭ ހިތަށްއެރިއެވެ. މަންމަ އުޅެފައިވަނީ އަޅުވެރި، އެހެން މީހުންނަށް ފައިދާ ކުރަނިވި، ތެދުވެރި އަދި އަމާނާތްތެރި ދިރިއުޅުމެކެވެ. އޭނަ މިއަދު މަރުވެއްޖެނަމަ އޭނައަށް ވާނީ ކިހިނެއްތޯ ހިތް ސުވާލު ކުރިއެވެ.
ގެއަށްދާން އުޅެފައިވެސް ދާނިޝްއަށް މިސްކިތުގައި ހުރި މައްޔިތާ ބޭއްވޭ މޭޒު ކައިރީގައި އިށީނދެވުނީ އެ ޚިޔާލާއި އެކީގައެވެ. މަރާއި ބެހޭގޮތުން މަންމަ ދައްކާފައިވާހާ ވާހަކަތައް އެވަގުތު ހަނދާން ކުރެވެމުން ދިޔައެވެ. ހަމަ އެއާއިއެކު އޭނަގެ ޙަޔާތުގައި ބަދަލުކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރިތާއޭ ހިތަށްއެރިއެވެ. އެ ކަންތައް ބަދަލު ކުރުމަށް އެވަގުތު ޢަޒުމް ކަނޑަ އެޅުނެވެ. މަރަށްފަހު ދިރިއުޅުމެއް ވާ ކަމާއިމެދު ހިތުގައި ޝައްކުތަކެއް ވިޔަސް، އެ ދިރިއުޅުން ބާއްޖަވެރިކުރަން ދާނިޝް ބޭނުންވިއެވެ. އަދި އަމުދުން ސުވަރުގެއިން މަންމައާއި ބައްދަލުކޮށް، އޭނަ މަންމަ ރުހޭ ފަދަ އުޅުމެއް އުޅުނު ވާހަކަ މަންމައަށް ކިޔައިދޭން ބޭނުންވިއެވެ.
ދާނިޝް އެތަނުން ތެދުވުނީ އެ ޢަޒުމާއި އެކީގައެވެ. ސައިކަލުގައި ގެއަށް ދިޔަ ގޮތަށް ވެސް ދާނިޝް ބައެއް ބަދަލުތައް ގެންނަން ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކަށް އޭނަގެ ފޯނު ނަގައި، އެ ފޯނުގައި ހުރި ފިލްމީ ދާއިރާ އާއި ގުޅޭ ހުރިހާ އެންމެންގެ ނަންބަރުތައް ބްލޮކް ކުރިއެވެ. އެކަން ކުރަމުން ދިޔަ ވަގުތު ވެސް އޭނަ ކުރިން ރައްޓެހިވި އަންހެން ފިލްމީ ތަރިއެއްގެ ކޯލެއް އަންނަން ފެށިއެވެ. އެ ކޯލު ނަގަން ހިތުގެ ކަނަކުން ގޮވިއެއްކަމަކު ދާނިޝް އެ ކޯލު ނުނަގައި އެ ނަންބަރު ވެސް ބްލޮކް ކުރިއެވެ. އެއަށްފަހު ދާނިޝް އޭނަގެ ކޮޓަރިއަށް ގޮސް އަލަމާރީގެ ވަތްގަނޑު ހުޅުވައި އޭގައި ހުރި ހުރިހާ ވޭޕަކާއި ސިނގިރޭޓި ފޮށްޓެއް ނަގައި ޑަސްބިނަށް އެޅިއެވެ. އެކަން ކުރިއިރު ވެސް ހިތް އެކަމާއި ދެކޮޅު ހެދިއެއްކަމަކު އެއަށްވުރެ ބޮޑަށް މަންމަގެ ނަސޭޙަތްތަކުގެ އަޑު ސިކުނޑީގައި ގަދަވެފައިވިއެވެ.
އެޕާޓްމެންޓްގެ ބޭރުން މީހަކު ބެލް އަޅުވާލި އަޑު ދާނިޝްއަށް އިވުނީ އޭނަގެ ކޮޓަރީގައިވި އެ ހުރިހާ ނޭދެވޭ އެއްޗެއް ޑަސްބިނަށް އަޅައި ނިމުނު ވަގުތެވެ. ކޮޓަރިން ބޭރަށް ގޮސް ދޮރު ހުޅުވާލިއިރު އެއްކަލަ ހިތްހެޔޮ ބޭބެ ފެނުނެވެ.
އެވަގުތު ދާނިޝް ވަކި މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވިޔަސް ބޭބެއަށް މަރުޙަބާ ކިޔުނީ މަންމަގެ ރީތި އާދަތަކުގައި ހިފެހެއްޓުމަށެވެ. މަންމަ ފަދައިން މެހުމާންދާރީ އަދާ ކުރުމަށް އެ ބޭބެއަށް ދޭން ކާ އެއްޗެއް ވެސް ގެނެސްދޭން ބޭނުންވިއެވެ. އެހެނަސް އެ ވަގުތު ދާނިޝްގެ ކިބައިގައި އެފަދަ ހިތްވަރެއް ނެތެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް މަންމަގެ ވަކިވުމުގެ ހިތާމައިން މުޅި މީހާ ވަރުބަލިވެފައިވިއެވެ. ހަމައެކަނި އެ ބޭބެއަށް އިށީންނާނެ ތަން ދައްކައި ބޭބެ ގާތުގައި ދިގު ސޯފާގައި އިށީނދެ ވާހަކަ ދައްކާލީ އެހެންވެއެވެ. ދާނިޝްގެ ސިކުނޑި ކިރިޔާވެސް ރަނގަޅަށް ހޭލީ އެ ބޭބެ ވާހަކަ ކުރުކޮށްލަމުން ބުނެލި ވާހަކަތަކުންނެވެ.
“މިއީ ނަހީދުބެ ގެ ދަރިފުޅު ދާނިޝްއަށް ދޭންވެގެން ތައްޔާރު ކުރި ލަންޗެއް. ކާލައްޗޭ ރަނގަޅަށް. ހެނދުނު ސައިވެސް ނުބޮއެއްނު ތިހިރީ؟ މާ ބޮޑަށް ބަލިނުވަނީސް ކާލާ.”
ނަހީދުބެ އެހެން ބުނެލީ، އަތުގައި އޮތް ނޫ ކުލައިގެ ޒިބު އެޅުވިފައިވާ ދަބަހެއް ސިޓިންގް ރޫމުގެ މޭޒުމަތީގައި ބަހައްޓަމުންނެވެ. ދާނިޝް ބަނޑުހައިވެފައި ހުރިވަރު އެނގުންވާ ގޮތްވީ އެވަގުތެވެ. އެއާއިއެކު ވާހަކަ ދެކެވުނެވެ.
“ޝް…ޝުކުރިއްޔާ.” ދާނިޝްއަށް ބުނެވުނެވެ.
“ހެހެ….މި ދެން އެއްވެސް ކަމެއް ނޫނެއްނު؟ އަވަށްޓެރިއެއްވީމަ މިހާވަރު ކޮށްދެވެން ވާނެދޯ؟ އެހެން އެއްވެސް ކަމެއް ބޭނުންވަންޏާ ވެސް ބޭބެއަށް ގުޅާލައްޗޭ. ހަމަ މިތާ ކުރިމަތީ މިހިރަ ޢިމާރާތުގަ ބޭބެ އުޅެނީ. ދެން ދިޔައީ.” ނަހީދުބެ އެހެން ބުނެލީ ދާނިޝްގެ ކޮނޑުގައި މަޑުމަޑުން ޖަހައި ތެދުވެލަމުންނެވެ. ނަހީދުބެ އެ ބުނެލި ފަހު ވާހަކައާއި، ނަހީދުބެ ގެ ކާޑު ލޮލަށް ސިފަވުމުން ކަމެއް ހަނދާންވެފައި ދާނިޝްއަށް ވާހަކަ ދެކެވުނެވެ.
“ބޭބެ ތިއުޅެނީ ކްލިނިކެއް ހުޅުވަންދޯ؟” ދާނިޝް އިން ގޮތަށް އިނދެ އެ ސުވާލު ކުރުމާއިއެކު ނަހީދުބެ ގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަދި ފަސްއެނބުރި ބަލާލިއެވެ.
“އާނ….ކިހިނެއް އެނގުނީ؟ އިޝްތިހާރެއް ފެނުނީދޯ؟” ނަހީދުބެ ޙައިރާންކަން އެކުލެވިގެންވި ހިނިތުންވުމަކާއިއެކީ އެހިއެވެ.
“މީހަކު ބުނި އަޑު އިވުނީ. ދިވެހި ޑޮކްޓަރުން ވެސް އުޅޭނެދޯ ތި ކްލިނިކް ގަ؟” ދާނިޝް ފަރުވާތެރިކަމާއެކީ ސުވާލު ކުރިއެވެ.
“މިހާ ތަނަށް އެންމެ ދިވެހި ޑޮކްޓަރެއް އެޕްލައި ކުރީ. ކިހިނެއްވީ؟” ނަހީދުބެ އެހިއެވެ. އެއާއިއެކު ދާނިޝް ސިކުންތުކޮޅެއްގެ ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ތި ކްލިނިކް ގަ ވޯކް ކުރަން އަޅުގަނޑު ބޭނުން. އެޑްމިންގެ މަޤާމެއް ހުންނާނެތޯ؟” ދާނިޝް ސުވާލުކުރިއެވެ.
“އާނ….އަދިވެސް ކުދިން އެޕްލައި ކުރަމުން ދަނީ. ދާނިޝް ވެސް އެޕްލައި ކޮށްލާ. ބޭބެ ދިން ކާޑުގަ ހުރި ވެބްސައިޓަށް ގޮއްސަ ފޯމް ފުރާލާތި. ބޭބެ ބަލާނަން ދާނިޝްއަށް ކޮންމެވެސް މަޤާމެއް ދެވޭތޯ. ކުރިން އެޑްމިންއެއްގެ ގޮތުގަ މަސައްކަތް ކުރިންތަ؟”
“އާނ….3 ޕްލަސް ޔިއާރސް ވަންދެން ވޯކް ކުރިން.”
“ހުމް….ސީވީ ފޮނުވާލާ. ދެ ތިން ހަފްތާ ތެރޭ ކޮންފާރމޭޝަނެއް ލިބޭނެ އިރާދަކުރެއްވިއްޔާ.”
ނަހީދުބެ އެހެން ބުނުމުން ދާނިޝް ބޯޖަހައިލިއެވެ. އެއާއިއެކު ނަހީދުބެ ގެ އެ ޒިޔާރަތް ނިމުމަކަށް އައެވެ.
ނަހީދުބެ ދިޔުމުން ދާނިޝް ސިޓިންގް ރޫމުގެ މޭޒު މަތީގައި ހުރި ދަބަސް ހިފައިގެން ދިޔައީ ކާ މޭޒު ދޮށަށެވެ. ބަދިގޭގެ އެއްފަރާތުގައި ބެހެއްޓިފައިވާ ދެ މީހުންނަށް ފުދޭ ކަޅުކުލައިގެ ވަށް ބައްޓަމަށް ހުރި ކާމޭޒު ފެނިފައި ދާނިޝް އަނެއްކާވެސް މަންމަ މަތިން ހަނދާންވާ ގޮތްވިއެވެ. އޭނަ އެ މޭޒު ދޮށުގައި އިންދާ މަންމަ އޭނައަށް ކާން ހަދައިދިން ދުވަސްތައް ލޮލަށް ސިފަވިއެވެ.
އެއާއިއެކު ދާނިޝް އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން ޖެހުނެވެ. އަދި އެ ހަނދާންތަކުން ދުރުވާން ނިންމަމުން ޙަރަކާތްތައް އަވަސް ކޮށްލަމުން އެ ދަބަހާއި އެކީ ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. އަދި ދަބަސް ހުޅުވާލަމުން ދަބަސް ތެރޭގައި ހުރި ހުދުކުލައިގެ ޕްލާސްޓިކް ތަށިގަނޑު ނެގިއެވެ. އެ ތަށިގަނޑުގެ މަތިގަނޑުގައި ސަމުސަލެއް ހަރުކޮށްފައިވުމުން އެ ސަމުސާ ނަގައި ދާނިޝް މަތިގަނޑު ނަގައިލިއެވެ. އެއާއިއެކު އެ ތަށީގައި ރީނދޫ ކުލައިގެ މަސްބަތް ފެނިފައި އަނެއްކާވެސް ދާނިޝްގެ ޙަރަކާތްތައް މަޑުވިއެވެ.
ދާނިޝް އުޅެ ބޮޑުވެފައިވަނީ ބޭރު ޤައުމުތަކުގައި ކަމަށްވުމުން ދިވެހި ކެއުންތަކާއި އޭނަ އެހާ ގާތެއް ނޫނެވެ. ދިވެހި ކެއުންތަކަށް އޭނަ އަހުލުވެރި ކުރުވަން ދާނިޝްގެ މަންމަ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް އޭގެއިން އެއްވެސް ކާ އެއްޗެއް ދާނިޝްއަށް ކަމުދާ ގޮތެއް ނުވިއެވެ. މަސްބަތް ފިޔަވައެވެ. އެ ވެސް މަންމަ އަތުން ހަދައިދޭ މަސްބަތެވެ.
އެ މަސްބަތް ތަށްޓަށް ބަލަން އިން ހިނދު މަސްބަތުގެ ވަސް ނޭފަތުގައި ޖެހުމުން އެ ވަގުތު ދާނިޝްގެ ލޮލުން ކަރުނަ ހިލުނެވެ. ފެންނަމުން ދިޔަ މަންޒަރު ފުސްވުމުން ދާނިޝް އަނެއްކާވެސް އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ޙަރަކާތްތައް އަވަސް ކުރިއެވެ. އަދި ހިފަހައްޓައިގެން ހުރި މަތިގަނޑު ބާއްވަމުން ސަމުސަލުން އެ ބަތް ކާން ފެށީ އަމިއްލަ ބަނޑުހައި ހޫނުކަން ހަނދާން ކުރަމުންނެވެ.
ކިތަންމެ ހިތްވަރެއް ކުރިއެއްކަމަކު ކަމުން ދިޔަދިޔަހެން ދާނިޝްގެ ލޮލަށް ކަރުނަތައް ޖަމާވެ ކޯތާފަތައް ކަރުނަތައް ފައިބަމުން ދިޔައެވެ. ކަރުނަތައް ގިނަވެ، ތުނބުޅިވެސް ތެމިގެން ދިޔުމުން ދާނިޝް ކެއުން ހުއްޓާލުމަށްފަހު ދެ އަތުން ކަރުނަތައް ފޮހެލިއެވެ. އަދި ދަބަސް ތެރޭގައި ހުރި ފުޅިއެއް ނެގީ އޭގައި ހުރީ ކޯޗެއްތޯ ބެލުމަށެވެ. ޕްލާސްޓިކް އެ ފުޅީގައި ހުރި އޮރެންޖް ޖޫސް ފެނިފައި މިފަހަރު ދާނިޝްއަށް ލިބުނީ ޙައިރާންކަމެކެވެ. އެއްފަހަރު އެ މަސްބަތް ތަށްޓަށް އަނެއްފަހަރު އެ ޖޫސް ފުޅިއަށް ބަލާލެވުނެވެ. މިއީ ހަމަ މަންމަ އޭނައަށް ދޭން ފަދަ ކެއުމެކޭ ހިތަށްއެރިއެވެ. އޭނައަށް ކަމުދަނީ ކޯޗެއްކަން ބީރައްޓެއްސަކަށް އެނގޭނީ ކިހިނެއް ކަމާއިމެދު ވިސްނެން ފެށިއެވެ.
އެ ޙައިރާންކަމުގައި އިނދެ ދާނިޝް މަސްބަތް ތަށީގައި މަތިގަނޑު އަޅާލަމުން ތެދުވެލިއެވެ. އެވަގުތު އަރުތެރެ ބެދިފައިވުމުން އިތުރަށް ކެވޭނެކަމާއިމެދު ޔަޤީންކަމެއް ނެތީތީވެއެވެ. އެހެންނޫނީ ނޭނގުމެއްގެ ތެރެއިން ވެސް އެ ކެއުން ނިމުމަކަށް އައުމަށް އޭނަ ނޭދުނީއެވެ. އެހެންކަމުން އޮރެންޖް ޖޫސް ފުޅިވެސް އައިސް އަލަމާރިއަށް ލުމަށް ދާނިޝް ޚިޔާލު ކުރިއެވެ. ފުޅި ހިފައިގެން ގޮސް އައިސް އަލަމާރި ހުޅުވާލި ވަގުތު އަނެއްކާވެސް ދާނިޝްގެ ޙަރަކާތް ހުއްޓުނީ ފެނުނު މަންޒަރުންނެވެ.
އައިސްއަލަމާރީގެ ތިރީ ފިޔަނުގައި ހުރި ބިއްލޫރި ފުޅީގައި އެހެރީ މަންމަ ރޭ އޭނައަށް ހަދައިދިން އޮރެންޖް ޖޫހެވެ. މަންމަ އެހާ ބަލިވެފައިވި އިރު ވެސް ނިދީ އޭނަ ބޭނުންވި ކަމެއް ކޮށްދީފައިތާއެވެ. ރޭގަނޑުގެ ލަސްވެފައިވާ އެ ވަގުތު ވެސް މަންމަ ބަދިގެ ތެރޭގައި ހުރެ އެ ޖޫސް ހަދާ މަންޒަރު ލޮލަށް ސިފަވުމުން މިފަހަރު ދާނިޝްއަށް ގިސްލެވުނެވެ. ރޭ އޭނައަށް އެވަގުތު މަންމައާއި އެކީ ހޭދަ ކުރެވުނުނަމައޭ ހިތަށްއެރި ހިނދު ގަދައަށް ގިސްލެވެމުން ގޮސް ހުޅުވިފައިވާ އައިސްއަލަމާރީގެ ދޮރު ކައިރީގައި އިށީނދެވުނެވެ.
ދާނިޝްއަށް ދެން އަދި ދެ ދުވަސް ފާއިތުވާން ފެށީ މިފަދަ ގޮތަކަށެވެ. އެއް ހިނދުކޮޅުގައި ހިތްވަރު ކޮށްފައި އުޅެވުނެއްކަމަކު އަނެއް ހިނދު ކޮޅުގައި މަންމަގެ ހަނދާންތައް އާވުމުން ގިސްލައި ރޮވެމުން ދިޔައެވެ. ހައިޖާނެއްފަދަ އެ އިޙްސާސްތަކުގެ ތެރެއިން ވެސް ދާނިޝް ދެ ކަމަކަށް ސަމާލުކަން ދިނެވެ. މަންމަގެ ޙާލަތު ގޯސް ކުރުވި ޑޮކްޓަރާއި ހަމައަށް ވާސިލުވުމަށާއި، މަންމަ ދީފައިވާ ނަސޭޙަތްތަކާއި އެއްގޮތަށް އުޅުމަށެވެ. މިގޮތުން އެ ދުވަހުން ދުވަހަށް ވެސް ދާނިޝް ނަހީދުބެ ގެ މެއިލްއަށް އޭނަގެ ސީވީ ފޮނުވިއެވެ. އަދި ގެ ކައިރި މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ވެސް ކުރަން ފެށިއެވެ. މިސްކިތަށް ދާނިޝް ގޮސް އައިސް އުޅެނީ މާސްކް އަޅައިގެން ކަމަށްވިޔަސް މިސްކިތް ތެރެއިން ދާނިޝް މާސްކް ނަގާލައެވެ. މިސްކިތަށް ޢާއްމުކޮށް ގޮސް އުޅޭ މީހުންނަށް ފިލްމީ ތަރި ‘ޑޭން’ ނޭނގޭތީ އެއީ މައްސަލައަކަށް ނުވިއެވެ.
ޖަމާޢަތުގައި ކުރެވެމުން ދިޔަ ނަމާދުތަކުން ދާނިޝްއަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. ކުރިން އޭނަ މިހެން ނުއުޅުނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. އެހެނަސް ދެންވެސް އޭނަގެ ދެވި ހިފުންތަކުގެ ވަކިތަކުން ދާނިޝް މުޅިން ސަލާމަތެއް ނުވެއެވެ. މަންމަ ނިޔާވިތާ ދެ ދުވަހެއްހާ ދުވަސް ފަހުން އޭނަ ވޭޕްމަތިން ހަނދާންވާން ފެށީ މާ ބޮޑަށެވެ. މަންމަ މަތިން ހަނދާންކޮށް އެ އާދައަށް އަނބުރާ ނުދިޔުމަށް އަމިއްލަ ނަފްސަށް ނަސޭޙަތްތެރިވެވުނީ ވަކި ވަރަކަށެވެ. ދެވަނައަށް ވީ ދުވަހުގެ ރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް ދާނިޝްއަށް މާސްކް އަޅައިގެން ގެއިން ނިކުމެލެވުނީ އެ ނަފްސުގެ މައްޗަށް އަތްގަދަ ނުކުރެވުމުންނެވެ.
ގެއިން ނިކުމެ ސައިކަލުން ދިޔުމުގެ ބަދަލުގައި ދާނިޝް ހިނގަން ފެށީ ވެސް އޭނަގެ ޚިޔާލު ބަދަލުވޭތޯއެވެ. ގެ ކައިރި ފިހާރައަކުން ވޭޕް ނުލިބިދާނެ ކަމަށް ބުނަމުން ދާނިޝް ފިހާރަތައް ފަސް ކުރަމުން ދިޔައެވެ. އެހެނަސް ވަކި ހިސާބަކަށް ގޮސް ފެނުނު ފިހާރައެއްގެ ބޭރުން ވޭޕް އިޝްތިހާރެއް ފެނިފައި އެ ފިހާރައަށް ވަދެވުނެވެ. އަދި އެ ފިހާރައިން ވޭޕް ފޮށްޓެއް ގަނެގެން ފިހާރައިން ނިކުމެވުނެވެ. ފިހާރައިން ނިކުތް ގޮތަށް ވެސް ދާނިޝް ބޯން ބޭނުންވިއެވެ. އެހެނަސް ވޭޕްއިން އަރާ ވަހަށް މަންމަ ނުރުހުންވާ ހަނދާން އާވުމުން، ގެއަށް ދެވެންދެން މަޑު ކުރުމަށް ދާނިޝް ނިންމިއެވެ. އެ ވަހުން އެހެން މީހަކަށް އުދަގުލެއް ވާކަށް ބޭނުމެއް ނުވުމުންނެވެ. މަންމަ ވެސް އެހެން މީހުންނަށް އުދަގޫވާ ފަދަ ކަންތައް ނުކުރާ ފަދައިންނެވެ.
ކޮންމެ ގޮތެއްވިޔަސް ކެތް ކުރުންވީ ދާނިޝްއަށް އުދަގޫ ކަމަކަށެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް އަވަސް ކުރެވުނީ ޚުދު އަމިއްލަ މީހާއަށް ވެސް ނޭނގިއެވެ. ސިކުނޑީގައި މުޅިން ވެސް ޚިޔާލު ކުރެވެމުން ދިޔަ އެ ވޭޕް ފޮށިން ނަގައި ބޯ މަންޒަރެވެ. އޭގެ ސަބަބުން ދާނިޝްއަށް ވަށައިގެންވި މާޙައުލަށް ވެސް ސަމާލުކަން ދެވުނީ ވަކި ވަރަކަށެވެ. މެޑްލިންކް ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު އޭނައަށް އެކަން ނޭނގުނީ އެހެންވެއެވެ.
ހޮސްޕިޓަލާއި ހަމައަށް ދެވުނުކަން ނޭނގުނެއްކަމަކު، އެތާ ކައިރިން އަބާޔާ ލައިގެން ހުރި އަންހެން ކުއްޖެއް އޭނައާއި ދިމާލަށް ބާރު ހިނގުމެއްގައި އަންނަމުން ދިޔަކަން އެނގުންވިއެވެ. ބަލަން ބޭނުންވިއެއްކަމަކު މަންމަގެ ނަސޭޙަތުގެ މަތިން ދާނިޝް ބެލުން ތިރި ކުރިއެވެ. އޭނަގެ ސަމާލުކަން ހޯދާފައިވި ވޭޕް ފޮށީގެ ސަބަބުން އެވަގުތު ބެލުން ތިރި ކުރުން ހިސާބަކަށް ފަސޭހަވިއެވެ.
އެހެނަސް ދާނިޝްގެ މެއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ އެ ކުއްޖާ އޭނައާއި އަރާ ހަމަވި ތަނާހެން އެ ކުއްޖާގެ އަތްތިލައިގައި އޭނަގެ އަތްތިލަ ބާރަށް ޖެހި، އަތުގައި އޮތް ވޭޕް ފޮށި ދޫވެގެން ދިޔުމުންނެވެ.
“ސޮރީ!” ހަމަ އެ ހިނދުކޮޅުގައި އެ އަންހެން ކުއްޖާ ނުހަނު ލޯބި އަޑަކުން ބުނެލި އަޑު އިވުނެވެ. އެވަގުތު ވެސް ދާނިޝް ފަސްއެނބުރި ބަލާލަން ނުހަނު ބޭނުންވިއެވެ. އެހާ އަންހެންވަންތަ އަޑެއް ރީތި ކުއްޖަކަށް ނޫނީ ލިބިފައިނުވާނެކަން ޔަޤީން ކުރެވުނެވެ. އެހެނަސް ދެންވެސް މަންމަ މަތިން ހަނދާންވިއެވެ. އޭނަ މިވަގުތު ފަސްއެނބުރި ބަލައިފިނަމަ އެ ވެގެން ދާނީ އަނެއްކާވެސް މަންމަ ނުރުހޭނެފަދަ މަގަކަށް އެޅުމުގެ ފެށުމަށެވެ. އެކަމުގެ ބިރަށް ދާނިޝް ފަސް ބެލުމެއްނެތި ގުދުވެލަމުން އޭނަގެ ވޭޕް ފޮށި ނެގިއެވެ. އަދި ވަކި އެއްޗެކޭ ވެސް ބުނުމެއްނެތި ކުރިއަށް ހިނގަން ފެށިއެވެ.
ދާނިޝް ހިނގައިގަތް ވަގުތު އެ އަންހެން ކުއްޖާ ވެސް އަނެއް ކޮޅަށް އަޅަން ފެށި ފިޔަވަޅުތަކުގެ އަޑު ދާނިޝްއަށް އިވުނެވެ. ދާނިޝް ހީކުރީ ދެން އެ ‘ބައްދަލުވުން’ ނިމުނީ ކަމަށެވެ. އެހެނަސް ވަކި ހިސާބަކުން އަނެއްކާވެސް އެ އަންހެން ކުއްޖާގެ އަޑު އިވުނެވެ.
“ތި މީހުން ލައިފްސްޕޭން ކުޑަ ކުރާ ހިތުންތަ ހަމަ ވޭޕް ބޮއި ތިއުޅެނީ؟ ތިއީ އެއްގޮތަކަށް ވެސް ކޫލް ކަމެއް ނޫން! ތިއީ ހަމަ އަމިއްލަ މީހާގެ ހަލާކު. އަމިއްލަ މަރާއި ގާތް ކުރުވާނެ ކަމެއް ތި ކުރެވެނީ.”
އެ ކުއްޖާ ދެއްކި ވާހަކަތަކުން ދާނިޝްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ އަޑުގައި އެކުލެވިގެންވި ނުރުހުންތެރިކަމާއި އެކީ އައި އިންޒާރުން މެއަށް ގޮތެއްވިއެވެ. އިރުކޮޅެއް ވަންދެން ހުރި ގޮތަށް ހުރެފައި ދާނިޝްއަށް ފަސްއެނބުރި ބަލާލެވުނެވެ. އެހިނދު އެ އަންހެން ކުއްޖާ އަނެއްފަރާތަށް އެނބުރި ހިނގައިގެންފިއެވެ.
އަންހެން ކުއްޖާ އެތާ ހުރި ގަހެއްގެ ހިޔަނި ގަނޑެއްގެ ތެރެއަށް ގެއްލުނު ހިނދު ދާނިޝްއަށް ކުރު ނޭވައެއް ދޫކޮށްލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަތުގައި އޮތް ވޭޕް ފޮށްޓަށް ބަލާލެވުނެވެ. އެވަގުތު އެ ކުއްޖާ ބުނި ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ކުއްޖާ ބުނި ވާހަކަތަކުގެ ތެރޭގައި އޭނައަށް އާ ވާހަކައެއް ނެތެވެ. އެހެނަސް އެ ހަނދުމަކޮށްދިނުމުން ދާނިޝްގެ ވިސްނުމަށް ބަދަލެއް އައިއްސިއެވެ. މި ހުރިހާ ދުވަހު އޭނަ އުޅުނީ އެއީ މާ ބޮޑު ކަންތަކަށް ނަހަދައެވެ. ޙަޔާތަކީ ހިތް އުފާވާނެހާ ގޮތަކަށް އުޅުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް ބަލައިގެންނެވެ. އެ ކަންތައް ކުރުމުގައި ޙަޔާތް ކުރުވިޔަސް އެއީ މައްސަލައެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީގެންނެވެ. އެކުގައި އުޅުނު އެކުވެރިން ވެސް އޭނަގެ ސިކުނޑި ފުރުވާފައިވީ އެފަދަ ޚިޔާލުތަކުންނެވެ.
އެހެނަސް މަންމަގެ މަރަށްފަހު ދާނިޝްގެ ވިސްނުން ބަދަލުވެއްޖެއެވެ. އޭނަ އަދި މަރުވާން ބޭނުމެއް ނޫނެވެ. މަރުވުމަށްފަހު ރަނގަޅު ޙަޔާތެއް ލިބޭނެހާ ހެޔޮ ޢަމަލުތައް އޭނައަށް ނުކުރެވެއެވެ. އަދި އަމުދުން އާޚިރަތުގައި ފަޚުރުވެރިކަމާއެކީ މަންމައަށް ބައްދަލުކުރެވޭނެ އުޅުމެއް ވެސް އަދި ނުއުޅެވެއެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކީ ދާނިޝް އެ ވޭޕް ފޮށްޓަށް ބަލަން ހުރެ ދެބުމަ ކައިރިކޮށްލިއެވެ. އެއަށްފަހު ވަށައި ނަޒަރެއް ދެމުން އެތާ ހުރި ބަސް ހުއްޓި ކައިރީގައި ބެހެއްޓިފައިވާ ޑަސްބިނާއި ދިމާލަށް ދިޔައެވެ. އަދި އަނެއްކާވެސް އަމިއްލަ ނަފްސާއި ދެކޮޅަށް ގޮސް ވޭޕް ފޮށި ޑަސްބިނަށް އެޅިއެވެ.
ނުނިމޭ
April 23, 2025 @ 12:51 pm
Highly recommend all readers to watch this series by Sheikh Omar Suleiman.
It gives insight into what happens after death. And it shows how we can still stay connected to our loved ones who have passed away, through our duas for them.
Series: Barzakh|The other side by Sheikh Omar Suleiman
https://www.youtube.com/watch?v=09PKK8tGQoc