ނަފްސީ (އެގާރަވަނަ ބައި)
“އާނ….ބައްޕަ ޙަޔާތުގަ ވެސް ކުރި އެންމެ ސަޅި އިންޓަވިއު އެއީ. ހީ އިޒް އޯވާރކޮލިފައިޑް އޭ ބުނެވޭނީ. ވަރަށް ފައްކާ ބިޒްނަސް މައިންޑްސެޓެއް ހުރި ކުއްޖެއް ދާނިޝް އަކީ.”
“އޮހް…”
އެހިނދު ހިލްޔާގެ ހިތް އަނެއްކާވެސް ދާނިޝްއަށް ލެނބެން ފެށިއެވެ. އެ އިޙްސާސްތަކަކީ ދާނިޝްއަށް ދުނިޔެ ލިބޭ މިންވަރަކަށް ބަރޯސާވާ އިޙްސާސްތަކެއް ފަދައެވެ. ދުނިޔެއަށް ބިނާވާ އިޙްސާސްތަކަކީ ހާދަ ބަލިކަށި އިޙްސާސްތަކެކެވެ.
ބައްޕަ އޯކޭ ދިނުމުން ކޯލު ނިމުމަކަށް އައުމުން ހިލްޔާ އަނެއްކާވެސް ފޯނު ކަންފަތުން ނަގާލަމުން ތިރިކޮށްލިއެވެ. އެހިނދު ހިތުގައިވީ އެއްވެފައިވާ ޖަޒުބާތުތަކެވެ. އެ ޖަޒުބާތުތަކުގެ ތެރެއިން ކުރި ހޯދީ ދާނިޝް އާއިމެދު ކުރެވެން ފެށި ޚިޔާލުތަކެވެ.
އެ ޚިޔާލުތަކުގެ ސަބަބުން ހިލްޔާއަށް ލަސް ފިޔަވަޅުތަކެއްގައި ބެލްކަންޏާއި ދިމާލަށް ދެވުނެވެ. އެވަގުތު ހުރެވުނީ ނަމާދަށް ލައި އުޅޭ ކަހަލަ ދިގު ހެދުމަކާއި ވަށް ބުރުގާއެއް އަޅައިގެން ކަމަށްވުމުން ވަކި މަޑުކުރުމެއްނެތި ހިލްޔާ ބެލްކަންޏަށް ނިކުތެވެ. އަދި ގޭގެ ކުރިމަތިން ފެންނަމުން ދިޔަ ބެލްކަންޏަށް ނަޒަރެއް ދިނެވެ.
ދުވަހަކީ އުޑުމަތި ބަނަ ދުވަހަކަށްވުމުން ހިލްޔާއަށް އެ ބެލްކަނީ ފެނުނީ ފަނޑު އައްޔެއްގެ ތެރެއިންނެވެ. އެ އަލިން ދާނިޝް ގެ އިޙްސާސްތައް ހިލްޔާއަށް އެނގިގެން ދިޔަ ފަދައެވެ. އުސްތާޒާ ނިޔާވިތާ 2 ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވިޔަސް ދާނިޝް އަދިވެސް ވާނީ މާޔޫސްކަމެއްގައި ތާއޭ ހިތަށްއެރިއެވެ. އެކަމާއިމެދު ދާނިޝްއަށްޓަކައި ދެރަވީ ހިނދު ދެންމެ ބައްޕަ ދެއްކި ވާހަކަ ހަނދާންވެފައި އުފާވެސްވިއެވެ. ދާނިޝް ވަޒީފާއެއް ބޭނުންވެގެން އުޅެނިކޮށް ވަޒީފާއެއް ލިބުމުންނެވެ.
ހަމަ އެހިނދު ހިލްޔާ ވެސް ވަޒީފާއަށް ދާން އުޅެނީ އެތަނަށްކަން އެނގުންވީ ވަގުތު، ހިނދުކޮޅަކަށް ނަމަވެސް ޚިޔާލީ ފޮލާ ކެއްކުނެވެ. ރީތި ވާހަކައެއް ފަދައިން ތަޤްދީރުގެ ގޮތުން ދެމީހުން ބައްދަލުވެ ގުޅިގެންދާ ގޮތާއި މެދުގައެވެ. ކުރެވެން ފެށީ ކޮން ކަހަލަ ޚިޔާލުތަކެއްކަން އެނގުންވީ ހިނދު ވަގުތުން ބޯހޫރުވާލެވުނެވެ. އަދި އޭނަ ކައިވެންޏެއްގެ ޚިޔާލުކުރަން ޙަޔާތް ތަންނުދޭ ކަމަށް އަމިއްލަ ނަފްސު ގާތު ބުނެ ހަމައަކަށް އެޅޭތޯ ބެލިއެވެ.
**
ކްލިނިކްގެ މަސައްކަތުގައި އުޅެފައި ދާނިޝްއަށް ގެއަށް ދެވުނީ އެރޭގެ ވަގުތެއްގައެވެ. 9 ޖެހިއިރު ގެއަށް އައިސް ދާނިޝް ހޫނު ފެނުން ފެންވަރާލިއެވެ. އެއާއިއެކު ދުވަހުގެ މަސައްކަތް ބުރަވުމުން ވާންވެފައިވި ހަށިގަނޑުގެ މަސްތަކަށް ލުޔެއް ލިބުނެވެ. ފެންވެރުމަށްފަހު ތާޒާ ވެލައިގެން ދާނިޝް ދިޔައީ އޭނަގެ މަންމަ ކޮޓަރިއަށެވެ. މިއީ ދާނިޝްގެ މިފަހުގެ އާދައެވެ. ހުސް ވަގުތެއް ލިބޭއިރަށް މަންމަގެ ކޮޓަރިއަށް ގޮސް މަންމަގެ ހަނދާންތައް އާ ކުރެވެއެވެ.
މިގޮތުން އެރޭ ވެސް ދާނިޝް އެ ކޮޓަރިއަށް ގޮސް ކޮޓަރީގައި ހުރި 6 ގޮޅީގެ ފޮތް ހަރުގަނޑުން އެކި ފޮތްތައް ހުޅުވައި ބަލަމުން ދިޔައީ، އެ ފޮތްތަކުގައި ހުރި މަންމަގެ ލިޔުންކޮޅުތައް ކިޔުމަށެވެ. އެރޭ ނެގުނު ފޮތްތަކުގެ ތެރެއިން ނެގުނު ޢަރަބި ފޮތުގެ ނަމަކީ ‘وَابِل الصَّيِّب’ އެވެ. ފިލި ވެސް ނެތް ޢަރަބި އެ ފޮތުން ދާނިޝްއަށް ހަމައެކަނި ފަހުމް ކުރެވޭ ލިޔުންކޮޅުތަކަށްވީ، މަންމަ ފިޔާތޮށި ކުލައިގެ ޕޯސްޓް އިޓް ނޯޓް ކޮޅުތަކުގައި އިނގިރޭސިން ލިޔެ ތަތް ކޮށްފައި ހުރި ލިޔުންކޮޅުތަކެވެ. އެއީ އެ ފޮތް ކިޔުމުގެ ތެރެއިން މަންމައަށް ވިސްނުނު ބައެއް ވާހަކަތައް ކަން ދާނިޝްއަށް އެނގުނެވެ. އެހެނަސް އޭގެ ތެރެއިން ދެތިން ނޯޓަކުން އެއްބަސްތަކެއް ފެނުމުން ދާނިޝްގެ ސަމާލުކަން އެ ބަސްތަކަށް ހުއްޓުނެވެ.
“އިންކްލޫޑް އިން ‘ލޯބިވާ ދަރިފުޅު'”
މިއީ މި ބަސްތައް ދާނިޝްއަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން ފޮތަކުން ވެސް މި ނޯޓުކޮޅު ފެނިފައިވެއެވެ. ‘ލޯބިވާ ދަރިފުޅު’ ގައި ހިމެނުމުގެ މާނައަކީ ކޮބައިތޯ ހިތަށްއެރިއެވެ. ހަމަ އެވަގުތު އެހެންކަމެއް އެނގުންވިއެވެ. މަންމަ އެގޮތަށް ކޮމާ ކޯޅީގައި ލިޔެފައި ހުންނަނީ މަންމަ ޝާއިޢު ކޮށްފައިވާ ފޮތްތަކުގެ ނަންތަކެވެ. މަންމަގެ ފޮތްތައް ދާނިޝް ނުކިޔުނަސް އެ ފޮތްތަކުގެ ނަންތައް ދާނިޝްއަށް އެނގެއެވެ. ކޮންމެ ފޮތެއް ޝާއިޢު ކުރުމާއިއެކު އެންމެ ފުރަތަމަ ކޮޕީ މަންމަ އަބަދުވެސް ޙަވާލު ކުރަނީ އޭނައާއި ކަމަށްވުމުންނެވެ. ދާނިޝް ރާއްޖެއަށް އައީ އެ ފޮތްތައް ބޭރުގައި ބައިތިއްބާފައެވެ. އެ ނޫންނަމަ މިއަދު އެ ފޮތްތައް ކިޔާލެވުނީހެވެ.
ކޮންމެ ގޮތެއްވިޔަސް އެ ފޮތްތަކުގެ ތެރޭ ‘ލޯބިވާ ދަރިފުޅު’ ކިޔާ ފޮތެއް ނޯންނާނެކަން ދާނިޝްއަށް ޔަޤީން ކުރެވުނެވެ. އޭގެ މާނައަކީ ކޮބައިކަން އެނގުންވުމާއިއެކު ދާނިޝްއަށް މަންމަ ގެ ކިޔަވާ މޭޒުމަތީގައި ހުރި ލެޕްޓޮޕާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއިއެކު އަތުގައި އޮތް ފޮތް ލައްޕާލަމުން ހަރުގަނޑުގައި ޖަހާލުމަށްފަހު ކިޔަވާ މޭޒުކައިރިއަށް ދެވުނެވެ.
ކިޔަވާ މޭޒުދޮށުގައި އިށީނދެ ދާނިޝް ލެޕްޓޮޕް ހުޅުވާލަމުން މަންމަގެ ޔޫޒާރއަށް ވަނެވެ. ދާނިޝް އެންމެ ފަހުން މި ޔޫޒާރއަށް ވަނީ، މަންމަ މަސައްކަތް ކުރި ލޯ ފާމްގެ މީހުން އައިސްގެންނެވެ. މަންމަ ވަކާލާތު ކުރި ކޭސްތަކާއި ގުޅޭ ލިޔުންތައް އެމީހުންނާއި ޙަވާލު ކުރުމަށެވެ. އޭރު ލެޕްޓޮޕްގައި ހުރި އިތުރު އެއްޗެއް ނުބެލީ މަންމަގެ ހަނދާންތައް އާ ކުރުމުގެ ހިތްވަރެއް އޭރު ނެތުމުންނެވެ. މަންމަ ހަނދާންވާއިރަށް ވެސް ރޮވެމުން ދިޔައީތީވެއެވެ.
އެހެނަސް މަންމަގެ މަރަށްފަހު ދުވަސްކޮޅެއް ވޭތުވެފައިވުމުން އެ ހަނދާންތައް އާ ކުރަން ދާނިޝް ބޭނުންވެފައިވެއެވެ. މަންމަގެ ލެޕްޓޮޕް ހުޅުވިގެން ދިޔުމުން ލެޕްޓޮޕްގެ ބެކްގްރައުންޑުން އޭނަގެ ކުޑައިރުގެ ފޮޓޯ ފެނިފައި އިޙްސާސް ކުރެވުނީ މަންމަ އޭނަ ދެކެ ލޯބިވާ މިންވަރެވެ. ހަމަ އެއާއިއެކު މަންމަގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ދުޢާ ކުރުމުގެ ތެރެއިން ދާނިޝް ކުރިމަތިން ފެންނަމުން ދިޔަ ޑެސްކްޓޮޕްގެ ފޯލްޑާތަކަށް ނަޒަރެއް ދިނެވެ. މާ ގިނައިރެއް ނުވެ ‘ބުކްސް’ ނަމަކަށް ޖަހާފައި ހުރި ފޯލްޑާ ހުޅުވާލެވުނީ، އެއީ ދާނިޝްއަށް ކުރިން ވެސް ފެނިފައިވާ ފޯލްޑާއަކަށް ވުމުންނެވެ. ކުރިން އެ ފޯލްޑާ ހުޅުވުމުގެ ޝައުޤުވެރިކަމެއް ނެތަސް މިއަދު އެއާއިމެދު ނުހަނު ޝައުޤުވެރި ވެއްޖެއެވެ.
ފޯލްޑާ ހުޅުވުމާއިއެކު ފެނިގެން ދިޔައީ ދިހަ ވަރަކަށް ވޯޑް ޑޮކިއުމެންޓެވެ. އޭގެއިން ކޮންމެ ޑޮކިއުމެންޓަކީ މަންމަ ޝާއިޢުކޮށްފައިވާ ފޮތްތައް ކަން އެ ނަންތަކުން ދާނިޝްއަށް އެނގުނެވެ. އެހެނަސް ޑޮކިއުމެންޓްތަކުގެ ނަންތަކުގެ ތެރެއިން ފޮތެއްގެ ނަމަކަށް ދާނިޝް އަޑުއަހާފައި ނުވާ ނަމެއް އޮތެވެ. އެއީ ‘ލޯބިވާ ދަރިފުޅު’ ނަމަކަށް ކިޔާ ޑޮކިއުމެންޓެކެވެ.
ދާނިޝް ތެޅިތެޅި އޮތް ހިތަކާއިއެކީ އެ ޑޮކިއުމެންޓް ހުޅުވަން އުޅުނު ތަނާހެން ކޮޓަރީގެ ފޮތް ހަރުގަނޑު މަތީގައި ބޭއްވިފައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. އިސާހިތަކު ދާނިޝްއަށް އެ ދިމާލަށް ބަލާލަމުން ސްކްރީނަށް ނަޒަރެއް ދިނެވެ. އެއަށްފަހު ލެޕްޓޮޕް ލައްޕާލުމެއްނެތި ތެދުވެގެން ގޮސް ކަބަޑު މަތީގައި އޮތް ފޯނު ނެގީ، އޭނަ މުހިއްމު ކޯލަކަށް އިންތިޒާރު ކުރަމުން ދިޔައީތީވެއެވެ.
ފޯނު ނަގައި ސްކްރީނަށް ބަލާލިއިރު އަންނަމުން ދިޔައީ ހަމަ އެ ކޯލުކަން ދާނިޝްއަށް އެނގުނެވެ. ފޯނުގެ ސްކްރީނުން ‘ލޯޔާރ ނިމާލް’ ގެ ނަން ފެނިފައި ދެވަނަ ވިސްނުމެއްނެތި ދާނިޝް ކޯލު ރިސީވްކޮށް ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ނިމާލް؟” ދާނިޝްއަށް ބުނެވުނެވެ. ނިމާލްއަކީ މަންމަގެ އެކުވެރިއެއްގެ ދަރިފުޅެވެ. އެއީ ފުރާވަރުގައި ދާނިޝް އާއި ދެކެ ފަރިތަވީ ކުއްޖެކެވެ. މިޒާޖު ތަފާތުވުމުން މާ ބޮޑު އެކުވެރިކަމެއް ނެތަސް ދޭތެރެ ދޭތެރެއިން އެކަކު އަނެކެއްގެ ޙާލު ބަލާލައެވެ. މަންމަ ނިޔާވި ފަހުން އެއްވެސް ކަމަކަށް ބޭނުންވަންޏާ ތިމަންނައަށް ގުޅާލުމަށް ނިމާލް ބުނެފައިވެއެވެ.
“އާނ ދާނިޝް ކީކޭ؟ ގުޅުން ލަސްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު ސޮރީ އިނގޭ. މެސެޖު ފެނުނުއިރު ހުރީ ހަމަ ކޮންފަރެންސް ތެރޭގަ. ކޮންފަރެންސް ނިމުނުއިރަށް އޮސްޓްރޭލިޔާއިން މިކޮޅަށް ފުރަން ދިޔައީ. އަދި ކިރިޔާ މާލެ އައިސް މި ހަމަޖެހުނީ. އެނީވޭސް ކިހިނެއްވީތަ؟” ނިމާލް ވާހަކަ ދެއްކިއެވެ.
“އެއީ….ޤާނޫނީ ސުވާލެއް ކޮށްލަން ވެގެން.” ދާނިޝްއަށް ޖެހިލުންވުމަކާއެކީ ބުނެވުނެވެ.
“ކޮން ސުވާލެއް؟” ނިމާލް އެހިއެވެ.
“ޑޮކްޓަރެއްގެ މެޑިކަލް ނެގްލިޖެންސް ސާބިތުކުރާނީ ކިހިނެއް؟” ދާނިޝް އެހިއެވެ.
“ޑޮކްޓަރު ނެގްލިޖެންޓްވީ ކަމުގެ ހެކިތައް ބޭނުންވާނީ. މެޑިކަލް ކޭސްއެއްގަ ހެކިތައް ވަރަށް ސޮލިޑްވާންޖެހޭނެ. ޢާއްމުގޮތެއްގަ ޤާނޫނުން ޑޮކްޓަރުންނަށް ވަރަށް ރައްކާތެރިކަން ދޭނެ. އެހެންނޫނީ އެއްވެސް މީހަކު ޑޮކްޓަރަކަށް ވާން ބޭނުންނުވާނެ ދޯ؟ ދޭތެރެދޭތެރެއިން ކޯޓަށް ދާންޖެހެންޏާ. ބަޓް ޔެސް އިޓް އިޒް ޕޮސިބަލް. ކިހިނެއްވީ؟ އަސްމާއްތަ…..އަށް ދިމާވީ އެކަހަލަ ގޮތެއްތަ؟” ނިމާލް ވެސް އެ ސުވާލުކޮށްލީ ޖެހިލުންވުމަކާއި އެކީކަން ދާނިޝްއަށް އެނގުނެވެ.
“އާނ….” ދާނިޝްއަށް ބުނެވުނެވެ. ހަމަ އެއާއިއެކު ކަންތައް ހިނގި ގޮތް އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް ކިޔައިދެވެން ފެށިއެވެ. ނިމާލް ގާތު އަހާލުމެއް ވެސް ނެތި އެހާ ގިނައިރު ވަންދެން ވާހަކަ ދެކެވެން ފެށުމުން އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ. އެހެނަސް ނިމާލް އޭނަގެ ވާހަކަތައް ކެތްތެރިކަމާއި އެކީ އަޑުއެހިކަން ދާނިޝްއަށް އެނގުނީ، ހުރިހާ ވާހަކައެއް ނިމުމުން ނިމާލް ވާހަކަ ދެއްކުމުންނެވެ.
“އެހެންވީމަ ހަމަ ތި ޑޮކްޓަރެއްގެ ފަރުވާ ކުޑަ ކަން ދޯ އެއީ؟ ސޯ ސޭޑް. އެކަމަކު ހަމަ ދާނިޝްއަށް ތި ހީވިހެން ތި ހުރިހާ ކަމެއްގެ ތެރޭގަ ކޭސް ކާމިޔާބު ވާނެހާ ވަރަށް ހެއްކެއް ނެތް. އިތުރު ހެކިތައް ހޯދަން ތި ކްލިނިކަށް ދިޔުމަކީ ހަމަ ރަނގަޅު ޚިޔާލެއް. ޔަޤީންތަ އެ ޑޮކްޓަރު ތި ކްލިނިކަށް ޖޮއިން ކުރާކަން؟” ނިމާލް އެހިއެވެ.
“އާނ….މިއަދު ދިޔައިން އެ ކްލިނިކްގެ ބައެއް މަސައްކަތްތައް ކުރަން. އެ ޑޮކްޓަރުގެ ނަން ފެނުނު.” ދާނިޝް ބުންޏެވެ.
“އޮހް….އެހެންވީމަ ދާނިޝް ތި ޚިޔާލު ކުރި ގޮތަށް ކުރިއަށް ދޭ. އިތުރު ހެކިތައް ލިބޭވަރަކަށް އަހަންނަށް ފޮނުވަމުންދޭ. އަހަރެން ކުރިއަށް ދާނަން މި ކޭސްއާއި އެކީ.” ނިމާލް ޔަޤީންކަން ދިނެވެ.
“ތެންކިއު ނިމާލް. ނިމާލް މަންމަ ގާތު މި ވާހަކަ ނުބުނައްޗޭ. ވަދީފާ ދައްތަ މާ ބޮޑަށް ދެރަވެދާނެ ކަންނޭނގެ މަންމައަށް ދިމާވީ މިހެންކަން އެނގުނީމަ. އެހެންވެ މަންމަގެ ލޯޔާރ ފްރެންޑުން ގާތު ނުބުނެ ނިމާލްއަށް މި ވާހަކަ މި ކިޔައިދިނީ.” ދާނިޝް ބުންޏެވެ.
“ހުމް….ކޭސް ކާމިޔާބު ކޮށްލާފަ އެމީހުންނަށް މި ވާހަކަ ކިޔައިދޭނީދޯ އިރާދަކުރެއްވިއްޔާ؟” ނިމާލް ވާހަކަ ދެއްކި އުއްމީދީ ރާގުން ދާނިޝްގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. ދާނިޝް އެ ވާހަކައަށް އާނއެކޭ ބުނުމުން އެ ކޯލު ނިމުމަކަށް އައެވެ.
ފޯނު ކަނޑާލި ވަގުތު ދާނިޝްގެ ހަމަޖެހުން ގެއްލިފައިވި ހިތަށް ކުޑަ ތަސައްލީއެއް ލިބިފައިވިއެވެ. ކުރީ ކޮޅު އޭނަ އޯސިސް ކްލިނިކަށް ދާން ޚިޔާލު ކުރީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ސާފެއް ނުވިއެވެ. އެނގުނުހާ ވެސް ކަމަކީ މަންމައާއި މެދު ފަރުވާ ކުޑަ ކުރި ޑޮކްޓަރަށް ދެރައެއް ލިބެން އޭނަ ބޭނުންވި ކަމެވެ. އެ ފަހުން އޭނައަށް މުޅިން ޚިޔާލު ކުރެވުނީ އެ ޑޮކްޓަރާއި ކުރިމަތިލައި އަތުން ފައިން ގޯހެއް ހެދޭ މަންޒަރެވެ. މަންމައާއި ވަކިވުމުގެ ހިތާމައިގެ ސަބަބުން ބަދަލު ހިފުމުގެ އެ ރޫޙު ދުވަހުން ދުވަހަށްވީ އިތުރެވެ. އެހެނަސް ދާނިޝް މަންމަގެ ނަމުގައި ގޯހެއް ހަދަން ވެސް ބޭނުމެއް ނުވިއެވެ. ގޯހެއް ހަދަން ބޭނުންނުވާކަން ޔަޤީންވަނީ ނަމާދު ކުރާ ވަގުތެވެ. ޤާނޫނީ ގޮތުން އެ ޑޮކްޓަރާއި ކުރިމަތިލާން ޚިޔާލު ކުރެވެން ގޯހެއް ހަދަން އޭނަ ބޭނުން ނުވާކަން ޔަޤީން ކުރެވުމުންނެވެ.
ޑޮކްޓަރ ރާފިލް ގެ ނަން ސިކުނޑީގައި ގުގުމަމުން ދިޔަދިޔަހެން ދާނިޝް ހުރި ގޮތަށް ހުރެ ފޯނު ހިއްލާލަމުން ފޭސްބުކަށް ވަދެލިއެވެ. އަދި ފޭސްބުކުން އޭނަ މިފަހުން ސާޗްކޮށްފައިވާ ‘އަހްމަދު ރާފިލް ނަސީމް’ ގެ ނަމަށް ފިތާލިއެވެ. އެއާއިއެކު ރާފިލް ގެ ޕްރޮފައިލަށް ދާނިޝްއަށް ދެވުނެވެ. ޑޮކްޓަރަކަށްވީތީ ރާފިލް ފަޚުރުވެރި ވާކަން އެ ޕްރޮފައިލުން އެނގެއެވެ. ޕްރޮފައިލް ޕިކްޗާރ ގައި ހުރި އިސްކޮޅުން ދިގު ރާފިލް، ހުދުކުލައިގެ ކޯޓެއް ލައި، ސްޓެތޮސްކޯޕް ކަރުގައި އަޅުވައިގެން ހޮސްޕިޓަލެއްގެ ކޮރިޑޯގައި ހުއްޓި ހުރި މަންޒަރެވެ. ކަވާރ ފޮޓޯގައި އޮތީ ކަޅުކުލައިގެ ބެކްގްރައުންޑްގައި އިނގިރޭސި ބަސްކޮޅެކެވެ.
‘ވައިޓް ކޯޓް އިޒް މައި ޑިގްނިޓީ އެންޑް ޕްރައިޑް.’
ހުދުކުލައިން ލިޔެވިފައިވި އެ ބަސްތައް ފެނިފައި ދާނިޝްގެ ބުމަގޮށްޖެހުނުހެން ފޯނުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެވަގުތު އިތުރަށް ރުޅިއައީ ރާފިލް އޭނަގެ ބަސް އަޑު ނޭހީ އޭނަގެ ބަދަލުގައި ރާފިލް ހުދު ކޯޓެއް ލައިގެން ހުންނާތީވެއޭ ބުނި ގޮތުންނެވެ. އެ ހުދުކުލައިގެ ކޯޓާއި މެދު އޭނަ ފަޚުރުވެރި ވަންޏާ މަންމައަށް ރަނގަޅު ފަރުވާއެއް ދިނީސް ނޫންތޯ ބުނެ ހިތް ހަޅޭއްލެވިއެވެ. ހަމަ އެވަގުތު ދާނިޝް ކުޑަކޮށް ތިރިއަށް ސްކްރޯލް ކޮށްލި ހިނދު ރާފިލް އެންމެ ފަހުން ލިޔެފައިވި ސްޓޭޓަސް ފެނުނެވެ. އިނގިރޭސިން ލިޔެވިފައިވީ އަންނަ ހަފްތާއަކީ އާ ފެށުމެއް ކަމަށެވެ.
އެ ބަސްތަކާއިމެދު ވިސްނާލެވުމުން ރާފިލް އެ ބުނަނީ އޯސިސް ގައި މަސައްކަތް ފެށޭ ވާހަކަކަން ދާނިޝްއަށް އެނގުނެވެ. އޯސިސް ކްލިނިކް ހުޅުވަނީ އަންނަ ހަފްތާގައި ކަމަށްވުމުންނެވެ. އެއާއިއެކު ދާނިޝްއަށް އާނއެކޭ ހިތާހިތުން ބުނެ ސްޓޭޓަސްއަށް ޖަވާބު ދެވުނެވެ. އަންނަ ހަފްތާއިން ފެށޭނީ ރާފިލް ގެ ޙަޔާތުގެ އާ ބާބެކެވެ. އެ ބަސްތައް ހިތަށް ވެރި ވީވީހެން ދާނިޝްގެ ހިތުތެރޭގައިވި ރުޅިވެރިކަމުގެ އަލިފާންގަނޑު ގަދަވިއެވެ.
ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫޙު އިތުރުވަމުން ދިޔައީ ހަމައެކަނި ދާނިޝްގެ ހިތުގައެއް ނޫނެވެ. ހިލްޔާ ވެސް އެރޭ ނިދީ އެފަދަ އިޙްސާސްތަކާއި އެކީގައެވެ. ދާނިޝް ރުޅިވީ އޭނަގެ މަންމައަށް ގެއްލުން ދިން މީހަކަށް ވީއިރު، ހިލްޔާ ރުޅި އަންނަމުން ދިޔައީ އޭނައަށް ދަތިކުރަމުން ދިޔަ ބާސިމަށާއި، އޭނަގެ ދޮންތަގެ ޙަޔާތް ބަރުބާދު ކޮށްލި އަސްލަމަށެވެ.
އެ ދެ ހިތުގެ ދެމެދުގައިވީ އެންމެ ތަފާތެކެވެ. އެހެނީ ދާނިޝް ގެ ގޯސްކޮށް ކަންތައް ކުރަން އެދެމުން ދިޔައެއްކަމަކު، ބަދަލު ހިފުމުގައި ވެސް އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރިއެވެ. ކިތަންމެ ރުޅި އަޔަސް ކްލިނިކް ތެރެއިން ވެސް ރާފިލްއާއި ކުރިމަތިނުލާން ނިންމިއެވެ. ވާހަކަ ދައްކަން ޖެހުމުން ނޫނީ ނުދައްކަން ނިންމިއެވެ. އެހެނަސް ހިލްޔާ އަމިއްލަ ބަދަލު ހިފުމުގައި އެގޮތެއް ބޭނުމެއް ނުވެއެވެ. ހިލްޔާ އޭނަގެ މޮޅުކަން ބާސިމަށް ދައްކަން ބޭނުންވިއެވެ. އަދި ދޮންތަ ވެސް ވަކި ދެރަ ނުވާކަމަށް އަސްލަމަށް ވެސް ދައްކަން ބޭނުންވިއެވެ. އެ ދެކަމަކީ ހިލްޔާގެ ޙަޔާތުގެ މަޤްޞަދު ކަމުގައިވިއެވެ.
މީހަކު އަނިޔާއެއް ދިނުމުން އޭގެ ބަދަލު ހިފައި ޙައްޤު ހޯދުމަކީ ދީނުގައި އޮތްކަމެކެވެ. އެހެނަސް އެކަން ކުރަންޖެހޭނީ އެންމެ ރަނގަޅު ގޮތުގައެވެ. ދާނިޝްއަށް ކުރިމަތިވި އެ ޙާލަތުގައި ދާނިޝް ކަންކުރަމުން ދިޔައީ އެންމެ ޞާލިޙު ގޮތުގައެވެ. އެހެނަސް ހިލްޔާއަށް ކުރިމަތިވި އެ ޙާލަތުގައި އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ކެތްތެރިވުމެވެ. އެހެނީ ބާސިމާއި އޭނައާއި ދެމެދު ޖެހުނު މައްސަލައިގައި އޭނަގެ ޒިންމާއެއް ވެސް ވިއެވެ. އޭނަ އެރޭ އަވަސް އަރުވާލައިގެން ގޮސް އެރޭ ބާސިމާއި ބައްދަލު ނުކުރިނަމަ އެހެން ނުވީހެވެ. އަދި އަމުދުން ބާސިމް ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް އޭނަ ރީތި ބަހުން ވާހަކަ ދެއްކިނަމަ އެ މައްސަލަ އެހާ ހޫނު ނުވީހެވެ. ދޮންތަގެ ޙާލަތަށްޓަކައި އޭނަ ކޮންމެހެން އަސްލަމަށް ކަން ދައްކާކަށް ނުޖެހެއެވެ. އަސްލަމަށް ކަން ނުދެއްކިޔަސް ދޮންތަގެ ރައްކާތެރިކަން ޔަޤީންކޮށް ދޮންތަ އުފާކޮށްދިނުމުން އެ ނިމުނީއެވެ.
ދާނިޝް އާއި ހިލްޔާއަށް ޙަޔާތުގައި ޚިޔާރު ކުރި މިޞްރާބު ތަފާތުވުމުން، ދެމީހުންގެ އީމާންތެރިކަން ވެސް ދާން ފެށީ ދެ މިޞްރާބަކަށެވެ. ދާނިޝް ކެތްތެރިކަން ވީހާވެސް ވަރަކަށް ޚިޔާރު ކުރަން ނިންމީތީ ދާނިޝްގެ އީމާންތެރިކަން ވަރުގަދަވިއެވެ. އޭގެ ބަދަލުގައި ހިލްޔާ ރުޅިވެރިކަމާއި ކަން ދެއްކުން އިސްކުރުމުން ހިލްޔާގެ އީމާންތެރިކަން ދަށްވާން ފެށިއެވެ. އެރޭ ހިލްޔާއަށް ނިދުނީ ވެސް ނިދުމުގެ ކުރިން ކިޔާ ޒިކުރު ކިޔުމެއް ނެތިއެވެ.
**
އޭގެ އަނެއްދުވަހު ހެނދުނު ހިލްޔާއަށް ހޭލެވުނުއިރު 6:30 ވެ ބޮޑުވަނީއެވެ. ކޮޓަރިއަށް ވެރިވެފައިވި އަލިން އިރުއަރައި އެތައް އިރެއް ވެއްޖެކަން ޔަޤީންވުމުން ހިލްޔާއަށް ލުއްކެއް ޖަހައި ތެދުވެލެވުނެވެ. އެހިނދު ފަތިސް ނަމާދު ގެއްލުނު ކަމުގެ ހިތާމައިން ހިތް ވަށާލެވިގެން ދިޔައެވެ. ކިތަންމެ އީމާންތެރިކަން ދަށްވިޔަސް މިއިން ޒަމާނެއްގައި ވެސް އޭނައަށް ފަތިސް ނަމާދު ވަގުތު ގެއްލިފައެއް ނުވެއެވެ. މިވީ ކިހިނެއްތޯ ހިތާހިތުން އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ.
އެ ސުވާލުގެ ޖަވާބު ނުލިބުމުން ފަތިސް ނަމާދު ގެއްލުމުގެ އެކީ ހިލްޔާ އެނދުން ފޭބިއެވެ. އަދި ފާޚާނާއަށް ވަދެ ފެންވަރާލުމަށްފަހު ވުޟޫކޮށްލައިގެން ނަމާދު ކުރިއެވެ. ނަމާދު ކުރުމަށްފަހު ހިލްޔާއަށް ދެއަތް އުފުލާލެވުނީ ދުޢާއެއް ކުރުމަށެވެ.
“اللّهُمَّ جَدِّدِ الْإِيْمَانَ فِي قَلْبِي…”
ހުރިހާ ދުޢާތަކުގެ ތެރެއިން ކޮށްލެވުނީ އުސްތާޒާ ދަސްކޮށްދީފައިވި އެ ދުޢާއެވެ. ހިތުތެރޭގައިވި އީމާންތެރިކަން އާކޮށްދެއްވުމަށް ކުރެވުނު ދުޢާއެވެ. އޭނަ ކުރިން ވެސް މި ދުޢާ ކޮށްފައިވަނިކޮށް އޭނަގެ އީމާންތެރިކަން މިހާ ދަށްވަނީ ކީއްވެތޯ އެވަގުތު ހިތަށްއެރިއެވެ. ﷲ އޭނަގެ ދުޢާ އިޖާބަ ނުކުރައްވަނީތޯ ހިތް ސުވާލު ކުރިއެވެ.
ހިލްޔާއަށް ނޭނގުނު ކަމަކީ ކޮންމެ ދުޢާއެއް ކުރުމަށްފަހު އެ ދުޢާގައި އެދުނު ކަމެއް ޙާޞިލްކުރަން މަސައްކަތް ވެސް ކުރަން ޖެހޭކަމެވެ. އީމާންތެރިކަން އާ ކޮށްދިނުމަށް އެދިފައި، ދީނީ ކަންކަމަށް ފަރުވާ ކުޑަ ކުރުމުން އެއިން އެނގެނީ އެ ދުޢާ ކުރި އަޅަކު ކޮންމެހެން އެ އީމާންތެރިކަން ބޭނުންނުވާ ކަމެވެ. އެހެނީ ބަސްތަކަށްވުރެ މީހެއްގެ ޢަމަލުތަކުން އެމީހެއްގެ ޙަޤީޤީ ނިޔަތްތައް އެނގިގެން ދެއެވެ. އީމާންތެރިކަން އާ ކޮށްދިނުމަށް އެދިފައި އަޅާ އަމިއްލައަށް ވެސް އަޅުކަންތަކަށް ފަރުވާތެރިވާން މަސައްކަތް ކުރަންޖެހެއެވެ. ފާފަތަކުން ދުރުވާން މަސައްކަތް ކުރަންޖެހެއެވެ. އަޚްލާޤީ ސިފަތައް އިޞްލާޙުކޮށް މީހުންނާއި މެދު ހެޔޮކޮށް ހިތަންޖެހެއެވެ. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ޢަމަލުތައް ޤަބޫލު ކުރައްވައި އެ އަޅަކަށް އާ އީމާންތެރިކަމެއް ދެއްވައެވެ.
އެހެނަސް އެކަމަށް އެދިފައި އަމިއްލަ ދިރިއުޅުން އެ އީމާންތެރިކަމާއި ދެކޮޅަށް ބައްޓަން ކޮށްފިނަމަ، އެ މީހަކަށް ޖެހޭނީ ދިގު ދަތުރެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމުން އެކަލާނގެ އެމީހެއްގެ ދުޢާވެސް އިޖާބަ ކުރައްވައެވެ. އެހެނަސް އެމީހަކު ޚިޔާރު ކުރި މަގުގެ ސަބަބުން އެ އީމާންތެރިކަމާއި ހަމައަށް ދެވޭނީ އެތައް ދަތިތަކެއްގެ ތެރެއިންނެވެ. އެ އުދަގޫ ދަތުރު ކުރުވާނީ އެމީހަކު ﷲ އަށް ރުޖޫޢަވިހާ އަވަހަށެވެ. ހިލްޔާއަށް އެއްގޮތަކަށް ވެސް މި ޙަޤީޤަތެއް ނޭނގެއެވެ.
އެދުވަހު ވެސް ހިލްޔާ ދުޢާ ކުރުމަށްފަހު ޤުރުއާން ކިޔަވަން ހިތު ލާފައިވެސް ޚިޔާލު ބަދަލުކޮށްލައިފިއެވެ. ޚިޔާލު ބަދަލު ކުރަން މަޖުބޫރުވީ އޭނަ އަދި މެޑްލިންކުން ވަކިވުމަށް ބޭނުންވާ ވާހަކަ އަންގަން ސިޓީއެއް ނުލިޔެވޭކަން ހަނދާންވުމުންނެވެ. އެއާއިއެކު ހިލްޔާ ވަގުތުން އޭނަގެ ލެޕްޓޮޕް ނަގައިގެން ގޮސް އެނދުގައި އިށީނދެ އެ ސިޓީ ޓައިޕްކޮށްލިއެވެ.
ސިޓީ ލިޔެ ނިމުނު ވަގުތު ހިލްޔާގެ ހިތަށް އުދަގުލެއްވިއެވެ. މިއަދަކީ ވެސް އެ ހޮސްޕިޓަލުން އޭނައަށް ޑިއުޓީ ދީފައި އޮންނާނެ ދުވަހެއްކަން ހަނދާންވިއެވެ. ވީއިރު ކުއްލިއަކަށް އޭނަ ހޮސްޕިޓަލަށް ނުދިޔުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެއް ޑޮކްޓަރަކު މާ ގިނައިރު ވަންދެން މަސައްކަތުގައި ހުންނަން ޖެހިދާނެއެވެ. އެހެންނޫނީ އޭނަ ނެތުމުގެ ސަބަބުން ޑޮކްޓަރަކު ނެތި ބަލި މީހަކަށް ގެއްލުމެއް ވެސް ލިބިދާނެއެވެ.
އެ ޚިޔާލު ހިތަށް ވެރިވުމުން ހިލްޔާ އޭނަގެ ފޯނު ނަގައި ވައިބާރ ހުޅުވާލިއެވެ. އަދި އޭނަ އުޅޭ މެޑިކަލް އޮފިސާރސް ގެ ގްރޫޕްގައި އޭނަ މިއަދު ނާންނަ ވާހަކަ ބުނެލީ ސަބަބެއް ނުބުނެއެވެ. ޑޮކްޓަރުންނަށް އެ ވާހަކަ އެންގުމަށްފަހު ހިލްޔާއަށް ވަކި ޖެހިލުންވުމެއް ނެތި އެ ސިޓީ މެޑްލިންކް ގެ މެއިލްއަށް ފޮނުވާލެވުނެވެ. އެހިނދު ތުންފަތަށް އެއްމިޔަކަނުގެ ހިނިތުންވުމެއް ވެރިވީ، އެ ފެނިފައި ބާސިމަށް ވާނެ ގޮތް ސިފަވުމުންނެވެ. އޭނަ ނެތުމުން ބާސިމަށް މިއަދު ދަތިވާނެ ގޮތް ފެނި، ބާސިމަށް ފިލާވަޅެއް ދަސްވާނެތާއޭ ހިތަށް އެރުމުން އެ ހިތް އުފާވިއެވެ. ހިލްޔާއަށް ނޭނގުނު ކަމަކީ، މީހަކަށް ދެރައެއް ދީގެން ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމެވެ. ފާފަތަކުގެ ސަބަބުން ޙަޔާތަށް އިތުރު ދަތިތަކެއް ނޫނީ ނާންނާނެ ކަމެވެ.
ހެނދުނު ސައިބޮއިގެން ހިލްޔާ އެދުވަހު ކްލިނިކަށް ދާން ބައްޕައާއި އެކީ ދަތުރުފެށީ 7:45 ވީ ވަގުތެވެ. ބައްޕައަކީ ގަޑިއަށް ޙުރުމަތްތެރިކޮށް ހިތާ މީހަކަށް ވުމުން 7:56 ވީއިރު ބައްޕަގެ ކާރު އޯސިސް ވެލްނެސް ސެންޓާރ ގައި ހުރި ޕާކިންގް އޭރިއާގައި ޕާކް ކުރެވިގެން ދިޔައެވެ. ބައްޕައާއި އެކީ ކާރުން ފައިބައިގެން ގޮސް ހިލްޔާ އެ ކްލިނިކަށް ރަނގަޅު ނަޒަރެއް ދިނެވެ. 2 ފަންގިފިލާއަށް ނެގިފައިވާ ހުދުކުލައިގެ އެ ޢިމާރާތުގެ މަތީގައި، ރަންކުލައިގެ އިނގިރޭސި އަކުރުތަކުން ‘އޯސިސް ވެލްނެސް ސެންޓާރ’ އޭ ލިޔެވިފައިވިއެވެ. ދުރުން ފެނުނަސް ލޮލުގައި އަޅައިގަންނަ ފަދަ އެ ބިޔަ ޢިމާރާތް ފެނިފައި މިފަހަރު ހިލްޔާ ފަޚުރުވެރިވީ ހަމައެކަނި ބައްޕައާއި މެދުގައެއް ނޫނެވެ. އަމިއްލަ ނަފްސާއި މެދުވެސް މެއެވެ. މިއީ އޭނަގެ ބައްޕަގެ ތަނެކޭ ހިތަށްއެރިއެވެ.
ހިލްޔާއަށް އެ ޚިޔާލުތަކުން ނިކުމެވުނީ އެތެރެއަށް ހިނގަމާ ދޯއޭ ބުނެ ބައްޕަ ކްލިނިކް ގެ ކުރިމަތީގައި ހުރި ތިން ފިޔަވަޅުގެ ސިޑި ބަރިން އަރައިގެން ދާން ފެށުމުންނެވެ. އެއާއިއެކު ހިލްޔާ ވެސް ބައްޕަގެ ފަހަތުން ދާން ފެށިއެވެ. ބައްޕަ ކްލިނިކްގެ މައިދޮރުން ވަން ވަގުތު ހިލްޔާއަށް ކްލިނިކްގެ ޕޯޓިކޯގެ މެދާއި ހިސާބަށް ދެވުނީއެވެ. އެވަގުތު ފަހަތުން ނުހަނު ގާތުން ސައިކަލެއްގެ އަޑު އިވިފައި ހިލްޔާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ކަޅުކުލައިގެ އެއާރ ބްލޭޑް ސައިކަލުން އައި ޒުވާނަކު ހިލްޔާއަށް ފެނުނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި މުށިކުލައިގެ ފަޓުލޫނެއް ލައިގެން ހުރިއިރު، ގަމީހުގެ އަތުކުރި މުލައްދަނޑި ފެންނަހެން އޮޅާލެވިފައިވިއެވެ. ކަޅުކުލައިގެ މާސްކެއް އަޅައިގެން ހުރި އެ ޒުވާނާ ސައިކަލު ކްލިނިކް ގެ ކުރިމައްޗަށް ވާ ގޮތަށް މަޑުކޮށްލަމުން ފޭބި ވަގުތު، އެ ގަމީސް ޒުވާނާގެ ހަށިގަނޑަށް ހިފެމުން ދިޔަ ގޮތުން އެ ހަށިގަނޑުގެ ހައިބަތު އެނގުންވިއެވެ.
ހިލްޔާ އެ މަންޒަރަށް ގެއްލިފައި ވަނިކޮށް ހަމަހޭވެރިކަމެއްވީ، އެ ޒުވާނާ ކްލިނިކްގެ ސިޑިން އަރައިގެން ސީދާ އޭނައާއި ދިމާލަށް އަންނަން ފެށިހެން ހީވުމުންނެވެ. އެތަނުން ދާން ހިތަށްއެރިއެއްކަމަކު ފައިގައި ކަސްތޮޅު އެޅުވިފައިހެން އެތާ ހުއްޓި ހުރެވުނެވެ. އެހެން ހުއްޓާ އެ ޒުވާނާ އޭނައާއި ދިމާލަށް ބެލިއެވެ. ހަމަ އެވަގުތު އެ ޒުވާނާ ވެސް ހުއްޓުން އެރިއެވެ.
ނުނިމޭ
May 4, 2025 @ 11:45 am
Foii thah baithihbaafa eii noon …. bahahtaafa…