ނަފްސީ (ވިހިވަނަ ބައި)
ނަފްސީ (ވިހިވަނަ ބައި)
“އެކަމަކު ހިލްޔާއަށް އެޕްރޯޗް ކުރުމުގަ ރާފިލް ވިސްނަންވީ ތަންކޮޅެއް އެބައޮތް. އެއީ ވަރަށް ދީންވެރި ކުއްޖެއް. އެ ދީނަކާއިގެން އުޅޭ ކުދިން ޢާއްމު ގޮތެއްގަ ވަރަށް ބޯ ހަރު ވާނެ. ރާފިލް ދީނާއި ދުރުވީމަ މައްސަލަ ވެސް ޖެހިދާނެ. ބަޓް ޔޫ ހޭވް ޓު ލުއާރ ހާ. އެއްވެސް އެކްކިއުޒެއް ޤަބޫލު ކުރާކަށް ނެތިން. ޔޫ މަސްޓް މޭކް ދިސް ހެޕެން.”
އޭގެ އަނެއް ދުވަހުގެ މެންދުރު ކްލިނިކަށް ދިޔުމަށް ރާފިލް ކާރަށް އެރި ވަގުތު، ބައްޕަ ރޭ ދެއްކި އެ ވާހަކަ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކާރު ދުއްވާ ބޭބެ ކާރު ދުއްވާލި ވަގުތު ރާފިލްއަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ. ރޭއްސުރެ ތަކުރާރުކޮށް އެ ވާހަކަ ހަނދާންވަމުން ދިޔައެއްކަމަކު، ހަނދާންވާ ކޮންމެ ފަހަރަކު ހަމަ މިފަދައިން ހެވެމުން ދިޔައެވެ.
ބައްޕަ އެ ދެއްކި ވާހަކައިން ހިލްޔާގެ އެ ދިގު ހެދުމުގެ ފަހަތުގައިވީ ސަބަބު އެނގުންވީތީވެއެވެ. ސަލާން ނުކުރި ޙަޤީޤީ ސަބަބު ވެސް އެނގުންވީތީވެއެވެ. އަދި ކޮންމެހެން ދީންވެރިވީތީ އަންހެން ކުއްޖަކު ދީންވެރި ވީތީ އެކުއްޖަކު އޭނައަށް ހައްލާ ނުލެވޭނެ ކަމަށް ބައްޕަ ހީކުރީތީވެއެވެ.
އެ ކަންތަކަށް ހެވެމުން ދިޔައެއްކަމަކު ރާފިލްގެ ހިތުގެ ކަނެއްގައި ނުތަނަވަސްކަމެއް ވިއެވެ. މިހާ ތަނަށް އައިއިރު އޭނަ ދީންވެރި ކުއްޖަކާއި ގުޅެން މަސައްކަތް ކޮށްފައެއް ނުވެއެވެ. އެ ޒާތުގެ ކުއްޖަކު ފެނުމުން ވެސް ވާ ފޫއްސެއްގެ ބޮޑު ކަމުންނެވެ. ރާފިލްގެ ނަޒަރުގައި ދީނަށް އުޅޭނީ ބޯދާ ވިސްނުމުގެ މީހުންނެވެ. އެހެންނޫނީ ދިރިއުޅުމުގައި ފޭލްވެފައިވާ މީހުންނެވެ. ދީނަކީ ބޮޑު ހިތާމައެއް ނޫނީ ދަތިކަމެއް މެދުވެރިވާ މީހުން ހިތްވަރު ހޯދަން އޮންނަ ވަޞީލަތެއް ކަމަށް ރާފިލްއަށް ޤަބޫލު ކުރެވިފައިވެއެވެ. އެހެންކަމުން ރާފިލްގެ ނަޒަރުގައި ދީންވެރި ކޮންމެ މީހަކީ ދަތި ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި ދީންވެރި މީހެއްގެ ދިރިއުޅުން ބަލާބެލުމަށް ދަތި ނޫން ކަމަށްވާނަމަ، އެއީ ކޮންމެވެސް ދީނީ ޢިލްމުވެރިޔަކު އެމީހެއްގެ ސިކުނޑި ދޮވެފައި ވަނީ ކަމަށް ޤަބޫލު ކުރެވެއެވެ.
ހިލްޔާ އުޅެނީ ނުހަނު ތަނަވަސް ދިރިއުޅުމެކެވެ. އެހެން ކަމަށްވާނަމަ ހިލްޔާގެ ސިކުނޑި ވަނީ ދޮވެވިފައިތޯ ރާފިލްގެ ހިތަށްއެރިއެވެ. އެ ސުވާލު ހިތަށް ވެރިވުމާއިއެކު އެ ހިތަށް ޖަވާބު ވެސް ލިބުނެވެ. އާނއެކެވެ. ހިލްޔާ ވަނީ އެފަދަ ދީނީ ޢިލްމުވެރިއެއްގެ ‘ޝިކާރައަކަށް’ ވެފައި ކަން ޔަޤީނެވެ. އެ ފަދައިން އުޅޭ ޒުވާން ފިރިހެނުން ވެސް މަދީއެއް ނޫނެވެ. އޭގެއިން ފިރިހެނަކު ހިލްޔާގެ ހިތާއި ކުޅެ، އެ ހިތް ހަލާކު ކޮށްލީ ހެއްޔެވެ؟ އަދި އެކަމުގެ ތެރެއިން ހިލްޔާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލީ ހެއްޔެވެ؟ ހިލްޔާ އަދި އަދަށް ދާންދެން ވެސް، އުދަގުލުން ވެސް އެ ދިގު ހެދުން ލައި އުޅެނީ އެހެންވެ ހެއްޔެވެ؟ ހާދަ ދެރައެވެ. އެހެނަސް ދެން އެހެންނެއް ނުވާނެއެވެ. އޭނަ ހިލްޔާ އެ ޙާލަތުން ސަލާމަތް ކުރާނެއެވެ. އޭނަ ހިލްޔާއަށް ދުނިޔެ ދައްކައިދޭނެއެވެ. އޭރުން ހިލްޔާއަށް ދިރިއުޅުމުގެ ޙަޤީޤީ ރީތިކަން ފެނިގެން ދާނެއެވެ.
ރާފިލް އެތައް ހީއެއްގެ މައްޗަށް ވާހަކައެއް ބިނާކޮށް، އެ ވާހަކައިގެ ބަޠަލާއަކަށް އަމިއްލަ ނަފްސު ހަދައި، އެއިން ހިތްހަމަޖެހުން ހޯދިއެވެ. އެހެނަސް ރާފިލްއަށް ނޭނގުނު ކަމަކީ، ދިރިއުޅުމުގެ ޙަޤީޤީ ރީތިކަމަކީ ދީންވެރިވުން ކަމެވެ. ދީނާއި ނުލައި މި ދިރިއުޅުން ފަހުމް ވެސް ނުކުރެވޭނެ ކަމެވެ. އަދި އުފާވެރިކަމަށްޓަކައި ދުނިޔެއަށް ބަރޯސާވުމުން އެއިން ކެހިވެރިކަމެއް ނޫނީ ނުލިބޭނެ ކަމެވެ.
1:59 ވީ ވަގުތު ރާފިލް އިން ކާރު އޯސިސް ކްލިނިކްގެ ކުރިމަތީގައި މަޑުކޮށްލީއެވެ. ރާފިލް ކްލިނިކްގެ ސިޑިން އަރައިގެން ގޮސް ޕޯޓިކޯއަށް އެރި ވަގުތު، މައިދޮރުގައި ހުރި ހަތަރެސްކަން ބިއްލޫރިގަނޑުން އެތާ އޭނައަށް ބަލަން ހުރި ހިލްޔާ ފެނުނެވެ. ފަޅި ސިކުންތަކަށް ހިލްޔާ ފެނުމުން ވެސް ބަލަހައްޓައިގެން ހުންނަން ބޭނުންވިއެއްކަމަކު ރާފިލް ދުރަށް ނަޒަރު ހިންގީ ނުހަނު ރޭވުންތެރިކަމާއި އެކީގައެވެ. އަދި އޭނަ ހިލްޔާއަށް ސަމާލުކަން ދީގެން ކަމަކު ނުދާނެއެވެ. ހިލްޔާ އަމިއްލައަށް އޭނަ ގާތަށް އަންނަންދެން އޭނަ މަޑު ކުރަންވީއެވެ. ހިލްޔާއަށް އޭނަ އަގު ކުރެވޭނީ އޭރުންނެވެ.
އެހެންކަމުން ރާފިލް ނޫންކަމަށް ހަދައި ކްލިނިކަށް ވަދެގެން އައިސް ބަރާބަރު 2 ޖެހި ވަގުތު ސައިން އިން ކުރިއެވެ. އެއަށްފަހު އޭނަ ފަސްއެނބުރިލީ ވަގުތު ހިލްޔާ ނުތަނަވަސްކަން ވެރިވި މޫނަކާއި އެކީ އޭނައަށް ފަސްދީފައި ހިނގައިގަތް މަންޒަރު ފެނުނެވެ. އެ މަންޒަރު ފެނިފައި ވައި އަޑުން ލުއި ގޮތަކަށް ހީލިއެވެ. މިއީ ވެސް އޭނަގެ ރީތިކަމާއި މުއްސަނދި ކަމުގެ ބާރޭ ހިތަށްއެރިއެވެ. އޭނަ ކަމެއް ނުކުރަނީސް ވެސް އަންހެން ކުދިން އޭނަގެ ފަހަތު އަޅައިގަނެވެ.
އެ ޚިޔާލުގައި ހުރެ ރާފިލް ހިނގައިގަތް ވަގުތު ރިސެޕްޝަންގައި އިން ދާނިޝް އާއި އޭނަގެ ހަތަރުކަޅި ހަމަވިއެވެ. އެއާއިއެކު އިސާހިތަކު ރާފިލްގެ މޫޑު ޚަރާބުވިއެވެ. އިތުރަށް އެ މޫޑު ޚަރާބު ނުކުރުމަށް ރާފިލް އިތުރަށް ދާނިޝްއަށް ބެލުމެއް ނެތި އަވަސް ފިޔަވަޅުތަކެއްގައި ކޮންސަލްޓޭޝަން ރޫމްތައް ހުރި ކޮރިޑޯއަށް ދިޔައެވެ. ހިލްޔާ ދިޔަ ދިމާލަކީ ވެސް އެއީކަން ހަނދާންވުމުންނެވެ. އެ ކޮރިޑޯއަށް ދެވުމާއިއެކު ހިލްޔާ ފެނުނެއްކަމަކު ރާފިލް ދެންވެސް ނޫންކަމަށް ހެދުނެވެ. ނޫންކަމަށް ހަދައި އަމިއްލަ ރޫމުގެ ދޮރު ހުޅުވަން އުޅުނުތަނާހެން ހިލްޔާގެ އަޑު އިވުނެވެ.
“ޑޮކްޓަރ ރާފިލް!”
ހިލްޔާ އޭނަގެ ނަމުން ގޮވާލި އަޑު ރާފިލްގެ ކަންފަތަށް އިވުމުން ބުނެދޭން ނޭނގޭ އަރާމެއް ރާފިލްއަށް ލިބުނެވެ. އިސްއުފުލައި އެ ދިމާލަށް ބަލާލި ވަގުތު ލޯބިވާ އަދި އެއްފަހަރު ގޮވާލަބަލާށޭ ބުނަން ބޭނުންވިއެވެ. އެ ކުޑަ ހިނދުކޮޅުގައި ވެސް ރާފިލްގެ ސިކުނޑި ފުރިގެން ދިޔައީ އެދުންވެރިކަމުގެ ޚިޔާލުތަކުންނެވެ.
ރާފިލް ބަލަބަލާ ހުއްޓާ ހިލްޔާ އޭނަގެ ގާތަށް އަންނަން ފެށުމުން ރާފިލްގެ މެއަށް ވީ ގޮތެއް ވެސް ނޭނގެއެވެ. އެހެނަސް ބޭރު ފުށުން ރާފިލް ދެ ބުމަ ކައިރި ކޮށްގެން ހުރީ އެ ޙާލަތުގައި ޑޮކްޓަރެއްގެ ގޮތުން ހިލްޔާ އޭނަ ބަލައިގަންނާނެ ފަދައަކުންނެވެ.
“މިވަގުތު ދެ މީހަކު އެޑްމިޓް ކުރެވިފަ ވަނީ. މިޑްލް އޭޖްޑް ވުމެން އެޑްމިޓް ވީ 3 ގަޑިއިރު ކުރިން. 10 ޔިއާރ އޯލްޑް ބޯއި އެޑްމިޓް ވީ 2 ގަޑިއިރު ކުރިން. ދެމީހުންނަކީ ވެސް ހައި ފީވާރ ގެ ދެ ކޭސް. ވައިޓަލްސްތައް ނޯޓްކޮށްފަ ވޯޑުގަ ހުރި ބޯޑުތަކުގަ ހުންނާނެ ލިޔެފަ.” ހިލްޔާ ކިޔައިދިނެވެ.
އެ ދެއްކި ވާހަކަތަކުގެ ބޮޑުބައެއް ދިޔައީ ރާފިލްގެ ބޯމަތިންނެވެ. ވާނީވެސް އެހެންތާއެވެ. ރާފިލް ވީ ހިލްޔާގެ އެ ދެލޮލަށާއި އެ ޙަރަކާތްތަކަށް ގެއްލިފައެވެ.
“ހުމް…އައިލް ޗެކް. ޑޮކްޓަރ ހިލްޔާ ބިޒީ ވަގުތެއްތަ؟” ރާފިލް ޝައުޤުވެރިވާ ކަމަށް ހެދެމުން ސުވާލެއް ކޮށްލީ، ހިތުގެ މުރާދު ޙާސިލު ކުރުމަށް ސިކުނޑީގައި މޮޅު ރޭވުމެއް ރާވަމުންނެވެ.
ރާފިލްގެ އެ ސުވާލާއި އެކީ، ރާފިލް ހީކުރި ގޮތަށް އެ ރޭވުން ކުރިއަށް ދާން ފެށިއެވެ. ރާފިލް ފުރަތަމަ ހީކުރީ ހިލްޔާ އޭނައަށް ކްލިނިކް ދައްކަން އިންކާރު ކުރާނެ ކަމަށެވެ. އެހެނަސް ހިލްޔާ އެ ކަމަށް އެއްބަސްވީ ވަގުތު އެ ލޮލުން ފާޅުވީ އަސަރުތަކުން ހިލްޔާ އޭނައަށް ޝައުޤުވެރިވެގެން އުޅޭކަން ރާފިލްއަށް ފަހުމްވިއެވެ.
ހިލްޔާ ކްލިނިކުން ދެއްކި އެއްވެސް ތަނަކަށް ރާފިލްގެ ސަމާލުކަމެއް ނުދެވެއެވެ. މުޅިން ވެސް ވިސްނެމުން ދިޔައީ ހިލްޔާ އޭނަގެ މަޅީގައި ޖައްސާނެ ގޮތަކާއި މެދުގައެވެ. މިގޮތުން އޭނަ ގެންނަމުން ދިޔަ ކޮންމެ ޙަރަކާތަކީ ވެސް ނުހަނު ވިސްނުންތެރިކަމާއިއެކީ ހިލްޔާގެ ހިތް އަތުލުމަށް ގެނައި ޙަރަކާތެކެވެ. ބަލިމީހުން ބެލުމަކީ ރާފިލް މާ ކުރާ ހިތްވާ ކަމަކަށް ނުވިޔަސް އެވަގުތު ވޯޑުގައި ތިބި ދެ ބަލިމީހުން ވީހާ ރަނގަޅަކަށް ބެލީ ހިލްޔާއަށް ދެއްކުމަށެވެ. ވާނީވެސް އެހެންތާއެވެ. ރާފިލް ޑޮކްޓަރަކަށް ވީ ހަމައެކަނި ޑޮކްޓަރަކަށް ވުމުން މުޖުތަމަޢުގައި ލިބޭނެ ޤަދަރު ހޯދުމަށެވެ. ބަލި މީހުންނަށް އެހީވުމަށްޓަކައެއް ނޫނެވެ.
ކްލިނިކްގެ ތިރީ ބައިގެ ހުރިހާ ބައެއް ދައްކައި ނިމުނުހެން ހީވުމުން ރާފިލް ހިލްޔާ ގާތު އޭނަ މައްޗަށް ގެންދިޔުމަށް އެންގީ، އެ ބައްދަލުވުން ދިގުލައިގެން ދާނެ ހެންނެވެ. އެވަގުތަކީ ހިލްޔާ ޑިއުޓީ ނިންމާފައި ގެއަށް ދާންވީ ގަޑިކަން ހަނދާން ވިޔަސް ވަކި ޙަމްދަރުދީ އިސްކުރަން ރާފިލް ޚިޔާލެއް ނުކުރެއެވެ. ހިލްޔާ ވަރުބަލި ވިޔަސް އޭނަގެ މުރާދު ޙާޞިލުވުމުން އޭނައަށް ނިމުނީއެވެ. އަދި އަމުދުން މުޅި މި ބައްދަލުވުމުގެ ތެރެއިން އެ މާސްކުގެ ސަބަބުން ހިލްޔާގެ މޫނު ވެސް ރާފިލްއަށް ފެނިފައެއް ނުވެއެވެ. އެ މޫނުވެސް ނުފެނި މި ބައްދަލުވުން އޭނަ ނިމިޔަ ދޭނީ ކިހިނެއް ހެއްޔެވެ؟
ކްލިނިކްގެ މަތީ ބަޔަށް ގޮސް ހިލްޔާއަށް ވުރެ ކުރިއަށް އަރައިގެން އޭނަ ދާން ފެށީ، ހިލްޔާގެ މާސްކް ނަގަން ބުނާނެ ސަބަބެއް ފެނޭތޯއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ހިލްޔާގެ ފޯނު ރިންގުވާން ފެށުމުން ރާފިލްއަށް ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަސްއެނބުރި ބަލާލެވުނެވެ. އެހިނދު ހިލްޔާ ހުރީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ.
“އޯކޭ ބައްޕާ. މި އަންނަނީ…” ހިލްޔާ އެހެން ބުނެލީ ވަގުތު އެ ލޯމައްޗަށް ވެރިވި ހަމަނުޖެހުން ރާފިލްއަށް ފެނުނެވެ. އޭނަ ފަދައިން ހިލްޔާ ވެސް އޭނައާއި ވަކިވާން ބޭނުންނުވާ ޚިޔާލުން ރާފިލްއަށް އުފަލެއް ލިބުނެވެ.
ހިލްޔާ ފޯނު ތިރިކޮށްލުމުން ރާފިލް ވާހަކަ ދެއްކިއެވެ.
“ވަޓް ހެޕެންޑް؟” ރާފިލް އެހިއެވެ.
“ބައްޕަ އައިއްސި ޕިކް ކުރަން. ބްރޭކް ގަޑިއަށް. ލެޓްސް ކޮންޓިނިއު އެހެން ދުވަހެއްގަ ދޯ؟” ހިލްޔާ ބުންޏެވެ.
“ޝުއާރ.” ނޫނެކޭ ބުނަން އުޅުނު ދުލުގައި ހިފަމުން ރާފިލް ބުންޏެވެ. އަދި ހިލްޔާގެ ނަޒަރުގައި އޭނައަށް އެފަދަ މަޤާމެއް ނުދެވޭކަން ހަނދާން ކުރަމުންނެވެ.
އެއާއިއެކު ހިލްޔާގެ ލޯމަތިން ހިލްޔާ އޭނައާއި ހިނިތުންވެލީ މަންޒަރު ފެނިފައި ހިލްޔާ އޭނައަށް ހެއްލުނު ކަމާއިމެދު ރާފިލްއަށް ޔަޤީނާއި ގާތް ކުރެވުނެވެ. ހިލްޔާ އޭނައަށް ފަސްދީފައި ގޮސް ސިޑިއާއި ގާތްވީ ވަގުތު ކުއްލި ގޮތަކަށް ހިލްޔާއަށް ގޮވައިލެވުނީ، މި ގުޅުމަށް އިތުރު އިންޤިލާބެއް ގެނައުމަށެވެ. މިވަގުތު ވެސް އޭނައަށް ހިލްޔާ ކަމުދާ ވާހަކަ ބުނެ ހިލްޔާއާއި ރައްޓެހިވާން އެދިއްޖެނަމަ ހިލްޔާ އެކަމާއި ރުހޭނެ ކަމަށް ރާފިލްއަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް ހިލްޔާގެ ދީންވެރިކަން ހަނދާންވެފައި އެހެން ގޮތެއް ރާވަން މަޖުބޫރުވިއެވެ. ރައްޓެހިވުމަށް އެއްބަސް ނުވެދާނެތީ، ބުނާނެ އެއްޗަކާއިމެދު ވިސްނަމުން ހިލްޔާއަށް ބަލަން ހުރެވުނެވެ.
“ޔެސް؟” ހިލްޔާ ސިޑި ކައިރީގައި އޭނައަށް ބަލަން ހުރެ އެހުމުން ރާފިލްއަށް ވާހަކަ ދެކެވުނެވެ.
“ސޮރީ ފޯރ ބީންގް ޕާރސަނަލް އެކަމަކު…..އާރ ޔޫ މެރީޑް؟” ރާފިލް އެހެން އަހާލި ވަގުތު މެއަށް ފިނިވިއެވެ. ބޭރުފުށުން ކިތަންމެ އޮމާންކަން ދެއްކިޔަސް މި ރޭވުން އަތަށް ގޮވާފާނެތީ ބިރުގަތެވެ. މިއީ އެއްވެސް ދުވަހަކު އޭނަ އަންހެން ކުއްޖަކާއި ގާތްވުމަށް ބުނި ބަސްތަކަކަށް ނުވާތީވެއެވެ.
“ނޯ…” ހިލްޔާގެ ޖަވާބު ކުރުވުމުން ހިލްޔާގެ ޝުޢޫރުތައް ދަނެގަންނަން ރާފިލް ނުކުޅެދުނެވެ. އެހެންކަމުން ދެންވެސް އަވަސްއަވަހަށް ވާހަކަ ދެކެވުނެވެ.
“އައި ސީ….އައިމް ސިންގަލް ޓޫ. އައި ތިންކް ވީ ވުޑް ބީ އަ ގުޑް މެޗް.” ރާފިލް ބުންޏެވެ. އަދި ފަރުވާތެރިކަމާއިއެކީ ހިލްޔާގެ ލޮލާއި ޙަރަކާތްތަކަށް ބެލިއެވެ.
ރާފިލް ހީކުރީ ހިލްޔާ އޭނައަށް ނުރުހުންވެ، އެއްޗެހި ގޮވަން ފަށާނެ ކަމަށެވެ. އެހެނަސް ހިލްޔާ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން، ހިލްޔާ ރަނގަޅަށް ވެސް އޭނަގެ މަޅީގައި ޖެހުނީކަން އެނގުންވިއެވެ. އެއާއިއެކު އެކަން ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އޭނައަށް ދީންވެރި ކުއްޖަކު ވެސް ހަމަ ކާމިޔާބު ކުރެވުނީތޯ ހިތަށްއެރިއެވެ.
އެ ސުވާލުގެ ޖަވާބު ހިލްޔާ އާގަމަވެފައި ހުރިގޮތުން ރާފިލްއަށް ލިބުނެވެ. ހިލްޔާ ވަކި އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ރާފިލް ލުއި ގޮތަކަށް ހީލިއެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި ހިލްޔާގެ ގާތަށް ގޮސް އޭނަގެ ކާޑު ދިއްކޮށްލިއެވެ.
“އިފް ޔޫ ތިންކް ސޯ ޓޫ، ގިވް މީ އަ ކޯލް. އިންތިޒާރު ކުރާނަން.” ރާފިލް ބުންޏެވެ. ހިލްޔާ ދެންވެސް އޭނައަށް ބަލަން ހުރެ ހިފަން ނުހިފަން ކަހަލަ ގޮތަކަށް އިނގިލިތަކުގެ ކޮޅުން އެ ކާޑުގައި ހިފުމުން ރާފިލްއަށް އަނެއްކާވެސް ހީލެވުނެވެ. އެއަށްފަހު ހިލްޔާއަށް ވުރެ ކުރިން ސިޑިން ފައިބައިގެން ދާން ފެށީ އޭނަގެ މަޤްޞަދު ޙާޞިލު ވީ ކަން ޔަޤީން ވުމުންނެވެ.
އެހެނަސް ގެއަށް ގޮސްފައިވެސް ރާފިލްގެ ހިތުގައި ހިސާބެއްގެ ނުތަނަވަސްކަމެއް ވިއެވެ. ދީންވެރި ކުދިން ފިރިހެނަކު ކަމުދިޔުމުން ބުނާނީ އެމީހުންގެ ބައްޕަ ގާތު ކަމަށް އިންޓަނެޓުން ރާފިލްއަށް އެނގުނެވެ. އެހެންވެދާނެތޯ ރާފިލްގެ ހިތަށްއެރިއެވެ. އެހެންވެއްޖެނަމަ ހިލްޔާ އޭނައަށް ނުގުޅުމުގެ ފުރުސަތު ބޮޑެވެ. ނުގުޅައިފިނަމަ ދެން ހަދާނެ ގޮތެއްގެ ރޭވުމެއް ވެސް ރޭވެން ފެށިއެވެ.
އެރޭ 10:30 ވެ ބޮޑުވުމުން ރާފިލް ހިލްޔާ ގުޅާނެ ކަމުގެ އުއްމީދު ކަނޑާލިއެވެ. ދީންވެރި ކުދިންނަކީ ހައްލަން އެހާ ފަސޭހަ ބައެއް ނޫންކަމަށް ހިތާހިތުން ކިޔަމުންނެވެ. އެހެނަސް މިފަދަ ޚިޔާލެއްގައި ވަނިކޮށް އެރޭ ހިލްޔާގެ ކޯލެއް އައުމުން، ރާފިލްއަށް ހިތާހިތުން ހިލްޔާއަށް މަލާމާތް ކުރެވުނެވެ. އަދި ދީނަށް ވެސް މަލާމާތް ކުރެވުނެވެ. މި ދީނަކަށް އުޅުނަސް މުއްސަނދިކަމާއި ރީތިކަމަށް މީހުން ހެއްލޭތާއޭ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ދީނަކީ ހަމަ ބާޠިލު އެއްޗެއްތާއޭ ހިތަށްއެރިއެވެ. ދުނިޔޭގެ މަޤްޞަދަކީ ހަމަ ދުނިޔެ ހޯދުންކަމަށް ރާފިލްއަށް ނިންމުނެވެ. މި ފެންނަ ފެނުމަށް ދީންވެރި މީހުންނާއި ދީންވެރި ނޫން މީހުން ވެސް އުޅެނީ ދުނިޔެއާއި ހެދިއެވެ.
މި ނިންމުންތައް ނިންމުނު އިރު، ހިލްޔާ ދީނާއި ދުރުވެފައިވާ މިންވަރު ރާފިލްއަށް ނޭނގެއެވެ. އަދި ނޭނގޭ ޙާލު ދީނާއި ބެހޭގޮތުން އުނގެނެން ވެސް ރާފިލް ޚިޔާލެއް ނުކުރެއެވެ. އިސްލާމް ދީނާއި ބެހޭގޮތުން ދަސްކުރި އެއްޗެއް ދަސްކޮށްފައި ވަނީ ސްކޫލް ދައުރުގައި ނެގި ޓެސްޓްތަކަށެވެ. އޭގެއިން އެއްވެސް މަޢުލޫމާތެއް މިހާރު ހަނދާނެއް ނެތެވެ. ހަނދާން ކުރަން ބޭނުމެއް ވެސް ނުވަނީއެވެ. ރާފިލް ޙަޔާތުގައި ނަމާދު ކޮށްފައިވަނީ 6 އަހަރު ވަންދެނެވެ. އެވެސް މަންމަ ގަދަކަމުން ކުރުވި ބައެއް ނަމާދުތަކެވެ. އެއަށްފަހު ރާފިލް ނަމާދު ކޮށްފައި ނުވަނީ ބައްޕަ ވެސް ނަމާދު ކުރާ މަންޒަރު ނުފެންނާތީއެވެ. މަންމަ އޭނައާއި ބޭބެމެން ލައްވާ ނަމާދު ކުރުވުމުން ބައްޕަ ނުރުހުންވާތީވެއެވެ. ބައްޕަގެ ނުރުހުމުގެ ބަސްތަކުން މަންމަ ގެންގުޅެނީ ބޯދާ ވިސްނުމެއް ކަން ޤަބޫލު ކުރެވުނީތީވެއެވެ. ބައްޕަ، މަންމައަށް އަނިޔާ ކުރާކަން ރާފިލްއަށް އެނގެއެވެ. ކުޑައިރު އެކަމާއިމެދު އިންތިހާއަށް ފިކުރު ކުރެވުނެއްކަމަކު ފަހުން ފަހުން އައިސް ފިކުރު ނުކުރެވެއެވެ. އެކަމާއިމެދު އޭނައަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އަމިއްލަ ނަފްސު ގާތު ބުނެވުނެވެ.
އެހެނަސް ޙަޤީޤަތަކީ، ރާފިލް ބައްޕައަށް ނަފްރަތު ނުކުރަން ނިންމީ، އެ މުއްސަނދިކަމަށްޓަކައި ކަމެވެ. މަންމަގެ ޙައްޤުގައި މިހާތަނަށް އައިއިރު ވެސް ނުތެދުވެވުނީ ދުނިޔެއަށްޓަކައި އޮތް ދަހިވެތިކަމުގެ ސަބަބުންކަމެވެ. އަދި މިހާތަނަށް އައިއިރު ރާފިލްއަށް އެތައް ފާފައަކަށް އެރިފައިވަނީ، މަންމައަށް ވެވެމުންދާ ބޭއިންސާފީއަށް އެއްވެސް ކަމެއް ނުކުރުމުން ކަމަށް ވެސް އެކަށީގެންވާ ކަމެވެ.
ދުވަސްތައް ކުރިއަށް ދާންފެށީ ރާފިލް އުއްމީދު ކުރި ގޮތަށެވެ. ރާފިލް ރޭގަނޑުގެ ގިނަ ވަގުތު ނަގައި ހިލްޔާއާއި ވާހަކަ ދައްކަމުން ދިޔައީ، ހިލްޔާގެ ޚިޔާލުތައް ހިސާރު ކުރުމަށެވެ. ހިލްޔާ ދުވަހުގެ ގިނަ ވަގުތުގައި ވިސްނަނީ އޭނައާއި މެދު ކަން ޔަޤީން ކުރުމަށެވެ. އެކަން ކާމިޔާބު ވަމުން ދާކަން ރާފިލްއަށް ޔަޤީން ކުރެވުނީ، ބައެއް ފަހަރު ހިލްޔާ ވެސް އިސްނަގައި އޭނައަށް ގުޅައި މެސެޖު ކުރަމުން ދިޔައީތީވެއެވެ. އެހެންކަމުން މި ގުޅުން އިތުރު މަރުޙަލާއަކަށް ގެންދިޔުން ރަނގަޅުވާނެ ކަމަށް ރާފިލްއަށް ނިންމުނެވެ.
އެހެންކަމުން އެއްރެއަކު ރާފިލް ހިތްވަރު ކޮށްފައި ހިލްޔާއާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނެލީ ހިލްޔާ އެއްބަސްވާނެ ކަމުގެ ޔަޤީން ކަމެއް ނެތިއެވެ. ކައިވެންޏެއްގެ ދަޅައިގައި ހިލްޔާއާއި ރައްޓެހި ވެވުނަސް ހިލޭ ފިރިހެނަކާއި ބައްދަލުވުމަށް ދީންވެރި ކުއްޖަކު އިންކާރު ކުރާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް….
“ހެހެ….އޯކޭ އޭ!” ރާފިލް ހީކުރި ވަރަށްވުރެ އަވަހަށް ހިލްޔާ އެ އޯކޭ ދިނުމުން ރާފިލްއަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. ހަމަ އެއާއިއެކު އަމިއްލަ ނަފްސާއިމެދު އިހުނަށްވުރެ ބޮޑަށް ފަޚުރުވެރި ވެވުނެވެ. ހީވެސް ނުކުރާ ޙާލަތްތަކެއްގައި ވެސް އަންހެން ކުދިން އޭނައަށް ހިތް ލެނބޭތީވެއެވެ.
އޭގެ އަނެއްދުވަހަކީ ހިލްޔާ އޭނައާއި ބައްދަލު ކުރާ ދުވަސް ކަމަށްވުމުން ރާފިލް އިހުނަށްވުރެ ބޮޑަށް ރީތިވާން މަސައްކަތް ކުރިއެވެ. މިގޮތުން އެދުވަހު ރާފިލް އޭނަގެ ފިހާރައެއް ފަދަ ބޮޑު ހެދުން އަލަމާރިން ނެގީ، ހޫގޯ ބޮސް ބްރޭންޑް ގެ ގަދަނޫކުލައިގެ އަތްދިގު ގަމީހެކެވެ. އަދި ހަމަ އެ ބްރޭންޑްގެ ކަޅުކުލައިގެ ފަޓުލޫނެކެވެ. ހެދުން ލުމަށްފަހު އިސްތަށިގަނޑުގައި ޖެލް ލައި ތަތްކޮށްލިއެވެ. އެއަށްފަހު ރީތިވާ މޭޒުމަތީގައި ހުރި އޮރިޖިނަލް ޖަވޮންޗީ ޖެންޓްލްމެން ސެންޓު ފުޅިން ގަޔަށް ބުރުއްސާލިއެވެ. އަދި ރޮލެކްސް ރިހިކުލައިގެ ގަޑި އަތުކުރީގައި އަޅުވާލަމުން ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލައި އެއް މިޔަކަނުން ހިނިތުންވެލިއެވެ.
އެވަގުތު ރާފިލްއަށް ފަޚުރުވެރި ވެވުނީ އޭނަ ދެންމެ ބޭނުން ކުރިހާ ބްރޭންޑްތަކުގެ ސަބަބުންނެވެ. ބްރޭންޑެއްގެ އެއްޗެއް ބޭނުން ކުރުމަކީ މީހެއްގެ އަގު އުފުލޭ ކަމެއް ކަމަށް ރާފިލް ޤަބޫލު ކުރެއެވެ. ބޭނުން ކުރާ ކޮންމެ އެއްޗަކީ ވެސް އެންމެ ފަހުގެ ބްރޭންޑް ގެ އެއްޗަކަށް ހެދޭތޯ ރާފިލް މަސައްކަތް ކުރަނީ އެހެންވެއެވެ. ބޭރުފުށުގެ ރީތިކަމުން އެތެރެ ފުށުގެ ހުތުރުކަން ނުފޮރުވޭނެކަން ރާފިލްއަށް އެނގޭނެ ނަމައެވެ.
އެދުވަހު ރާފިލް ކްލިނިކަށް ދިޔައީ އަމިއްލައަށް ކާރު ދުއްވާފައެވެ. ހިލްޔާ ގޮވައިގެން ތަނަކަށް ދާން ބޭނުންވީ އެ ކާރުގައެވެ. ހިލްޔާއަށް އޭނަގެ ކާރުގެ މޮޅުކަން ދައްކާލަން ބޭނުންވިއެވެ. ހިލްޔާގެ ބައްޕަ އާދައިގެ ނިސާން ކާރެއް ދުއްވާ މަންޒަރު ފެނިފައި، ހިލްޔާއަށް އަދި މޮޅު ކާރުތައް ފެނިފައި ނުވާނެތާއޭ ހިތަށްއެރިއެވެ.
2 ޖެހިއިރު ޑިއުޓީ ފަށަން ދިޔައިރު ހިލްޔާ ބްރޭކަށް ދިޔުމަށް ނިކުންނަމުން ދިޔަ މަންޒަރު ފެނިފައި ރާފިލް އެއްލޯ މަރާލިއެވެ. އޭގެ ބަދަލުގައި ހިލްޔާ ލުއި ގޮތަކަށް ހީލަމުން އޭނައަށް ފަސްދީފައި ދިޔައީއެވެ. ޑިއުޓީއަށް ކޮންސަލްޓޭޝަން ރޫމަށް ވަދެފައި ވެސް ރާފިލް ހިލްޔާއަށް އެދުވަހުގެ ބައްދަލުވުމުގެ މަތިން ހަނދާން ކޮށްދިނެވެ. އަދި ބައްދަލު ކުރެވެންދެން ކެތް ނުވާ ވާހަކަ ބުންޏެވެ. ބަލި މީހަކު ރާފިލްގެ ރޫމަށް ވަންއިރު ވެސް ރާފިލް މިނެޓްތަކެއް ވަންދެން ހިލްޔާއާއި މެސެޖުތައް ބަދަލުކުރަން އިނެވެ. ބަލި މީހާ ބަލަން ފެށީ ހިލްޔާއަށް އަލްވަދާޢު ކިޔުމަށްފަހު އެވެ.
ރާފިލްގެ އިންތިޒާރު ނިމުމަކަށް އައީ އެދުވަހު ހަވީރު 3 ޖެހި ވަގުތެވެ. ރާފިލް ހީކުރި ފަދައިން އެ ގަޑީގައި އޭނަ އެ ވަގުތަށް އައިސް ހުރި އެންމެ ފަހު ބަލިމީހާ ބަލައި ނިންމީއެވެ. އެ ބަލިމީހާ ނިކުމެގެން ދިޔަ ތަނާހެން ކޮންސަލްޓޭޝަން ރޫމުގައި ޓަކި ދެވުނު އަޑު އިވުނެވެ.
“ކަމް އިން….” ރާފިލް ކޮމްޕިއުޓަރުން އޭނަ ހުޅުވާފައި ހުރި ބްރައުޒާރތައް ކްލޯޒް ކުރަމުން ބުންޏެވެ. އޭނަ ހީކުރީ ކޮންމެވެސް ކަމަކާ އައި ކްލިނިކްގެ މުވައްޒަފެއް ކަމަށެވެ.
“ޑޮކްޓާރ ރާފިލް ބިޒީ ގަޑިއެއްތޯ؟”
ދޮރު ކަހާލެވުމާއިއެކު އިވިގެން ދިޔަ ލޯބި އަޑުން ރާފިލްއަށް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު ދޮރު މަތީގައި ހުރި ހިލްޔާ ފެނިފައި ރާފިލްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ގަދަ ދަނބު ކުލައިގެ ދިގު ހެދުމަކާއި، ހުދުކުލައާއި ދަނބުކުލަ ފޭދިގެން އެއްވެފައި ހުރި ޝޯލްއެއް އަޅައިގެން ހުރި ގޮތުން ހިލްޔާ އިތުރަށް ރީތި ކަމަށް ދެއްކިއެވެ. ހިލްޔާ ތަންކޮޅެއް ކުރު ހެދުމެއް ލައި ބުރުގާ ނަގާލާފައި ހުރިނަމަ އިތުރު ރީތިވީހޭ ރާފިލްގެ ހިތަށް އެރިއެވެ.
“ނޫނޭ. ހިނގާ އަވަހަށް!” ރާފިލް ތެދުވެލަމުން އެހެން ބުނެލީ ތަރުޖަމާނަށް ހުރި ކުއްޖާއަށް ސަމާލުވަމުންނެވެ. ބުނި ރާގުން އޭނަ ހިލްޔާއާއި އެކީ ދަނީ ކްލިނިކްގެ ކަމެއްގައި ހެން ހީވާ ފަދައަކުންނެވެ. ހިލްޔާ އެދުނު ފަދައިން ރާފިލް އެމީހުންގެ ގުޅުން ސިއްރު ކުރަން މަސައްކަތް ކުރީއެވެ. ތަރުޖަމާނު ކުއްޖާ ވަކި ޝައްކުގެ ނަޒަރެއް ދިނުމެއްނެތި އަމިއްލަ ފޯނަށް ގެއްލިފައި އިންތަން ބަލާފައި ރާފިލް އޭނަގެ ކާރުގެ ތަޅުދަނޑިއާއި އެކީ ނިކުންނަން ދިޔައެވެ.
ހިލްޔާއާއި އެކީގައި ކްލިނިކްގެ ލޮބީއަށް ނިކުމެވުނު ވަގުތު ރިސެޕްޝަންގައި ހުރި ދާނިޝް، ރާފިލްއަށް ފާހަގަވިއެވެ. ހަމަ އެއާއިއެކު ހިނގަމުން ދިޔަ މިޞްރާބު ކުޑަކޮށް ބަދަލުކޮށް ރިސެޕްޝަނާއި ގާތްވެލީ ހަމަ ޤަޞްދުގައެވެ. މިހާތަނަށް އައިއިރު ވެސް ރާފިލްގެ ހިތުގައި ދާނިޝްއަށްޓަކައި ހަސަދަވެރިކަން ވިއެވެ. އެހެންކަމުން އޭނައަށް މި ލިބިފައިވާ ރީތި އަންހެން ކުއްޖާ ދާނިޝްއަށް ދައްކާލަން ބޭނުންވީއެވެ. އެއިން ދާނިޝް އޭނައަށް ހަސަދަވެރިވާނެ ކަމުގެ އުއްމީދުގައެވެ. ރިސެޕްޝަން ކައިރިން ހިނގާފައި ދިޔަ ވަގުތު ދާނިޝްގެ ނަޒަރު އެމީހުންނަށް އަމާޒުވިކަން ރާފިލްއަށް އެނގުންވި ހިނދު އުފާވިއެވެ. އަދި ފުރުސަތުގެ ބޭނުން ހިފައި ހިލްޔާއާއި ސަމާސާއެއް ކޮށްލަމުން ހީލިއެވެ. އަންހެން ކުދިންނަށްޓަކައި ދޮރު ހުޅުވުމަކީ ރާފިލް ޢާއްމު ގޮތެއްގައި ކުރާ ކަމަކަށް ނުވިޔަސް އެ ވަގުތު ދޮރު ހުޅުވާލީ ވެސް އޭނައާއި ހިލްޔާގެ ގުޅުމުގެ ރީތިކަން ދާނިޝްއަށް ދެއްކުމަށެވެ.
ކްލިނިކުން ނިކުތުމަށްފަހު ވެސް ރާފިލްގެ އެ ދެއްކުންތެރިކަން ދިޔައީ ކުރިއަށެވެ. ކާރަށް އަރައި ހިލްޔާއަށް ކާރުގެ އެކި ބައިތަކުގެ ޚާއްސަ ސިފަތައް ކިޔައިދިނީ އެހެން އެއްވެސް ބޭނުމަކުއެއް ނޫނެވެ. ރާފިލްގެ އެދުވަހުގެ ޙަޤީޤީ މަޤްސަދު ޙާސިލުވާން ގާތްވީ، ހިލްޔާ އާއިއެކީ ހެންވޭރުގައި ހުންނަ މަތީ ފަންގިފިލާއެއްގައި ހުރި ރެސްޓޯރެންޓަކަށް ދެވުމުންނެވެ. އެ ރެސްޓޯރެންޓަށް ދިޔައީ ހިލްޔާގެ އެދުމުގެ މަތިންނެވެ. މިއަދު އޭނަ ހިލްޔާއަށް ބޮޑު ކަމަކަށް އެދެން އުޅޭތީ ހިލްޔާ ބޭނުންވާ ގޮތަށް ވެސް ބައެއް ކަންތައް ކޮށްދޭން ބޭނުންވީއެވެ.
“ވަރަށް ނައިސް ވިއުއެއްދޯ؟” މުޅިން ބިއްލޫރި ކުޑަ ދޮރުތަކުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ސިނަމާލޭ ބްރިޖާއި މާލޭގެ މަލަމައްޗަށް ބަލަން އިނދެ ހިލްޔާ ބުންޏެވެ.
“ނޮޓް އޭޒް ބިއުޓިފުލް އޭޒް ޔޫ.” ރާފިލް ހިލްޔާގެ ކުރިމަތީގައި އިނދެ ހިލްޔާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި ބުންޏެވެ. ހިލްޔާ ރާފިލްއަށް ބަލާލަމުން ލުއި ގޮތަކަށް ހީލުމުން ރާފިލް ވެސް ހީލިއެވެ. އިރުކޮޅެއްގެ ތެރޭ އެ ހުނުން މަޑުވެ، ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން ވާހަކަ ދެއްކީ ރާފިލްއެވެ.
“ހިލްޔާ….ހިލްޔާ ރެޒިޑެންސީ އާއިމެދު ވިސްނައިފިންތަ؟ މި ބުނީ ސްޕެޝަލައިޒްވާން ދާނެ ކަންޓްރީއެއް ވިސްނައިފިންތަ؟” ރާފިލް އެހިއެވެ.
“ވެލް…ހިތަށް އަރަނީ ހަމަ މެލޭޝިޔާ އަށޭ ދާނީ. އެތަނުން އައި ގޮޓް މައި ޑިގްރީ. އެހެންވީމަ. އޯލްސޯ މައި މެޑް ސްކޫލް ފްރެންޑްސް އާރ ދެއާރ..”
“ޔާ އެކަމަކު މެލޭޝިޔާއަށް ވުރެ ޔޫކޭ ކަހަލަ ތަނަކުން ރެޒިޑެންސީ ހެދުން މާ ސަޅިވާނެ ކަންނޭނގެ ދޯ؟ ޕޭއި ވެސް ހައި ވާނެ.”
“ޓްރޫ އެކަމަކު…އައި ޑޯންޓް ފީލް ކޮމްފޮޓެބަލް އެހާ ދުރު ތަނަކަށް ދާން. މެލޭޝިޔާގަ ބައެއް ތިމާގެ މީހުން އުޅޭ. އެހެންވީމަ ފީލްސް ސޭފް.”
“ވަޓް އިފް….ޔޫ ގޯ ވިތް މީ؟”
ރާފިލް އެ ބުނެލި ބަސްތަކާއި އެކީ ހިލްޔާގެ ބަސް ހުއްޓި، އެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އެމޫނުމަތިން އުފާވެރިކަމުގެ ބަދަލުގައި ހިސާބެއްގެ ނުތަނަވަސްކަމެއް ފެނުމުން ރާފިލް ވާހަކަ ދެއްކުން އަވަސް ކުރިއެވެ.
“އައި މީން އިޓް ހިލްޔާ. އަސްލު އައި ރިއަލީ ތިންކް ވީ ވިލް ވޯކް އައުޓް. އެހެންވީމަ ހިތަށް އަރަނީ ދެމީހުން އެކީގަ އެއް ކަންޓްރީއަކަށް ދާނީއޭ ސްޕެޝަލައިޒް ވާން. އޭގެ ތެރެއިން މޭއިބީ…ވީ ކޭން އޯލްސޯ ގެޓް މެރީޑް ދޯ؟ ކޮންމެހެން ރެޒިޑެންސީ ނިމެންދެން މަޑު ކުރާނެ ކަމެއް ނެތެއްނު؟ މަޑު ކުރިއްޔާ ދެމީހުން ވެސް މުސްކުޅިވެދާނެ. ހެހެހެ….” ރާފިލް އެހެން ބުނެ ހޭން ފެށުމުން ހިލްޔާއަށް ވެސް ހެވުނެވެ. ދެމީހުންގެ ހުނުން ނިމުމަކަށް އައިސް އަނެއްކާވެސް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން މިފަހަރު ނަގާލީ ހިލްޔާއެވެ.
“އަހަރެންގެ މައިންޑް ގަ ހުންނަ ޕްލޭންތައް ރާފިލްއަށް އެނގޭ ގޮތް އަހަރެން ހޯދާ ބަލަން ވެއްޖެ! އެހެންޏާ ނޫން! އައި ހޭވް ތޯޓް އޮފް ދަ އެގްޒެކްޓް ސޭމް ތިންގް! އެކަމަކު….ބައްޕަ އެގްރީވާނެހެން ހިއެއް ނުވޭ….” ހިލްޔާ މާޔޫސްކަމާއިއެކީ އިސްޖަހާލަމުން ބުންޏެވެ.
“އެއީ ކީއްވެޔޯ؟ ހިލްޔާ ކޮންމެހެން ވެސް ރެޒިޑެންސީ ހަދަންޖެހޭ ދޯ؟ ބައްޕައާއި ވާހަކަ ދައްކާ! ބުނޭ ޔޫ ކޭއަށޭ ދާން ބޭނުންވަނީ.” ރާފިލް ބުންޏެވެ. ދެންމެ ކައިވެންޏެއްގެ ވާހަކަ ދައްކާފައި ހިލްޔާއަށް އެކަމުގައި އެހީވުމުގެ ބަދަލުގައި ހިލްޔާއާއި އެ ޒިންމާ ޙަވާލު ކުރިއެވެ.
“ޔޫ ވުޑުންޓް ނޯ. ބައްޕަ ވަރަށް ސްޓްރިކްޓް ވާނެ. ބައެއްފަހަރު އަހަންނަށް ނޭނގޭ ބައްޕައާއި ޓޯކް ކުރަން ވެސް މިހާރު.” ހިލްޔާ އިހުނަށްވުރެ ބޮޑަށް މާޔޫސްވެފައި ކަހަލަ ގޮތަކަށް ބުންޏެވެ. މިފަހަރު ހިލްޔާ ރާފިލްއަށް އިސްއުފުލައި ބަލާވެސް ނުލިއެވެ.
އެ ވަގުތު މޭޒުމަތީގައި ބޭއްވިފައި އޮތް ހިލްޔާގެ އަތް މަތީގައި އަތް އަޅާލަން ރާފިލްއަށް ޚިޔާލު ކުރެވުނެވެ. އެ ޚިޔާލާއި އެކީ ދެން ސިކުނޑިއަށް ވެރިވީ ނުލަފާ ޚިޔާލުތަކެވެ. ހިލްޔާގެ މި ޙާލަތުގެ ބޭނުން ހިފައިގެން އޭނަގެ ބޭނުމެއް ފުއްދޭނެ ގޮތް ރާފިލްއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އޭނަ އެކަން ކޮށްފައިވަނީ މަދު ފަހަރަކުއެއް ނޫނެވެ. ޝަހުވަތުން ފުރިފައިވި ހިތެއްގެ ސަބަބުން ހެވާއި ނުބައިގެ ފަރަޤެއް ރާފިލްއަށް އެއްގޮތަކަށް ވެސް ނުފެނެއެވެ.
ސިކުނޑިއަށް ވެރިވަމުން ދިޔަ އެތައް ރޭވުމެއްގެ ޚިޔާލުތަކާއި އެކީ ރާފިލް ހިލްޔާގެ އަތުގައި އަތް ބޭއްވުމަށް އޭނަގެ އަތް ދިއްކުރިއެވެ. އެހެނަސް ހިލްޔާގެ އަތުގައި އޭނަގެ އަތް ނުވެސް ޖެހެނީސް، ހިލްޔާގެ ކައިރީގައި މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެއާއިއެކު ރާފިލް ވީ ފޫއްސާއި އެކީ އަތް ތިރި ކޮށްލީ ވަގުތު ހިލްޔާ ފޯނުގެ ސްކްރީނަށް ބެލީއެވެ.
“ކްލިނިކުން ގުޅަނީ. ކަމެއް ދިމާވީބާ؟ ހެލޯ؟” ހިލްޔާ ފޯނަށް ބަލަން އިނދެފައި ދެވަނަ ވިސްނުމެއް ނެތި ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. އެއާއިއެކު އެކޮޅުން އިވުނީ ދާނިޝްގެ އަޑެވެ.
“ހިލްޔާ ވަރަށް އަވަހަށް ކްލިނިކަށް އާދޭ. ވަރަށް ބޮޑަށް ނޭވާ ހާސްވެގެން އައި ކުޑަކުއްޖެއް އެމަޖެންސީގަ އެބައޮތް.” ދާނިޝް އެ ބުނި ބަސްތަކާއިއެކީ ހިލްޔާގެ ދެލޯ ބޮޑުވިއެވެ.
ނުނިމޭ