ނަފްސީ (ފަނަރަވަނަ ބައި)
އޭގެ އަނެއްދުވަހު ފަތިހު ހިލްޔާއަށް ހޭލެވުނީ ފޯނު އެލާމްވުމުންނެވެ. ހޭލެވިފައި އަނބުރާ ނިދަން ނުދެވުނީ ކޮންމެހެން ފަތިސް ނަމާދު ކުރަން އޮތް ޝައުޤުވެރިކަމެއްގެ ސަބަބުންނެއް ނޫނެވެ. އެހެނެއްކަމަކު ހޭލެވުމާއިއެކު ސިކުނޑިއަށް ވެރިވި ޚިޔާލުތަކުންނެވެ.
އެންމެ ފުރަތަމަ ވެސް ހަނދާނަށް އައީ ރާފިލްގެ ކާރެވެ. އެއަށްފަހު ރާފިލް އެ ކާރުން ފޭބިއިރު ފެނުނު ހައިބަތެވެ. ވަގުތަށް ކަމޭހިތަން ބޭނުންވާތީ ފްލައިޓެއް ޗާޓަރު ކޮށްގެން އައި ގޮތެވެ. އަދި ރޭ އެލީ ދެއްކި ވާހަކައެވެ. އޭނައާއި ރާފިލްއަކީ ވެސް ޑޮކްޓަރުންނަށް ވުމުން ދެމީހުން ގުޅޭނެ ކަމަށް ބުނި ވާހަކައެވެ.
ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް ހިލްޔާ އެ ޚިޔާލުތަކުގައި އޮތްވައެވެ. މީގެ މަސްތަކެއް ކުރިން މިގޮތަށް ހޭލެވިފައި ދަމު ނަމާދު ނުކުރެވުމުން ހިލްޔާ ދެރަވެއެވެ. އެހެނަސް މިއަދު ދެރައެއް ނުވެއެވެ. ދަމު ނަމާދެކޭ ވެސް ހިތަށް ނާރައެވެ. ފަތިސް ނަމާދަށް ހޭލެވުނީތީ އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ. ބަންގި ގޮވަމުން ދިޔަ ވަގުތު ވެސް ޚިޔާލީ ފޮލާ ކެއްކެމުން ދިޔައީ އެހެންވެއެވެ. އަޅުކަމަށް ފަރުވާ ކުޑަ ކުރެވިފައިވާ މިންވަރު އިޙްސާސް ނުކުރެވޭތީވެއެވެ.
ބަންގި ގޮވައި ނިމިގެން ވެސް 20 މިނެޓް ވަންދެން ހިލްޔާއަށް އެނދުގައި އޮވެވުނީ އެހެންވެއެވެ. އެއަށްފަހު ލުއްކެއްޖަހައި ތެދުވެލީ ފަތިސް ނަމާދު ކުރުމަށެވެ. ފަތިސް ނަމާދު ކުރަން ހިތަށް އެރީ ކޮންމެހެން ﷲ އަށް ޓަކައެއް ނޫނެވެ. ޘަވާބު ހޯދުމަށްޓަކައި ވެސް ނޫނެވެ. ޤިޔާމަތް ދުވަހުގެ ޢަޒާބުން މިންޖުވުމަށްޓަކައި ވެސް ނޫނެވެ. ހިލްޔާ ނަމާދަށް ތެދުވީ، އެދުވަހުގެ އެވަގުތު ފަތިސް ނަމާދު ކުރެވުމުން އަމިއްލަ ނަފްސާއިމެދު ފަޚުރުވެރި ވެވޭނެތީވެއެވެ. އެ ނިޔަތް ބަދަލުކުރަން ހިލްޔާގެ ހިތަކަށް ވެސް ނާރައެވެ.
ފަތިސް ނަމާދު ކުރުމަށްފަހު ހިލްޔާ އެދުވަހު ކޮންމެވެސް ވަރަކަށް ޤުރުއާން ވެސް ކިޔެވީ އެފަދަ ނިޔަތެއްގައެވެ. ހިލްޔާ ކިޔެވީ މީގެ ހަފްތާތަކެއް ކުރިން އޭނަ ކުރަން ފަށާފައިވާ ޚަތިމް ކުރިއަށް ގެންދިޔުމަށެވެ. އާލު ޢިމްރާން ސޫރަތުގައި އެ ޚަތިމް ކުރުން މަޑުޖެހިފައިވަނީ ކިހާ ދުވަހެއް ވަންދެން ކަމެއް ވެސް ހިލްޔާއަށް ނޭނގެއެވެ. މިފަހުން އައިސް ޤުރުއާން ކިޔެވެނީ މަދުންކަން އެނގި، ދެރަވެސް ވިއެވެ. ހަމަ އެއާއިއެކު މި ދިޔަ އަހަރު އޭނަ ވަނީ ޤުރުއާން ހިތު ދަސް ކުރަން ވެސް ފަށާފައެވެ. ފަހަތުން 3 ފޮތް ދަސްކޮށްފައި ވަކި ހިސާބަކުން އެކަން މުޅިން ދޫކޮށްލެވިފައިވެއެވެ. ދަސް ކުރި ބައި މިހާރު ހަނދާނެއް ނުހުންނާނެކަން ހިލްޔާއަށް ޔަޤީން ކުރެވުނެވެ. އެކަމާއިމެދު ވެސް ދެރަވެ، ދަސްކުރި ޞަފްޙާތަކަށް ގޮސް ލަސްލަހުން އެ ޞަފްޙާތައް ހިއްލެން ފެށީ، ޤުރުއާން ހިތު ދަސް ކުރި ދުވަސްތަކުގެ މަތިން ހަނދާން ކުރަމުންނެވެ. ޔުނިވާރސިޓީގައި އެހާ ބުރަކޮށް އުޅުނު ދުވަސްވަރު ވެސް އޭނަ ޤުރުއާން ދަސްކުރަން މަސައްކަތް ކުރި ގޮތެވެ. އެއީ ޔުނިވާރސިޓީއިން ދިމާވި ބައެއް މުސްލިމް އެކުވެރިންގެ ސަބަބުންނެވެ. އެ އެކުވެރިންނާއި ވަކިވެ ދިޔުމުން އެ އާދަ ވެސް ގެއްލި ދިޔައީއެވެ. އެކަން އެނގުންވުމުން ހިނދުކޮޅަކަށް ނަމަވެސް އަނެއްކާވެސް ޤުރުއާނާއިއެކީ އެ ދަތުރު ފަށަން ބޭނުންވިއެވެ.
އެހެނަސް ކަންތަކާއިމެދު ފިކުރު ކުރަން ފެށިތަނާހެން ހިލްޔާގެ ދެލޯ މެރެން ފެށީ ނިދި ބަރުވެގެންނެވެ. އެއާއިއެކު މުޞްޙަފް ލައްޕާލެވުނީ ދެވަނަ ވިސްނުމެއް ވެސް ނެތިއެވެ. ހެޔޮ ޢަމަލުތަކަށްވުރެ ހިލްޔާއަށް މުހިއްމީ އަމިއްލަ ނަފްސުގެ އަރާމުކަން ހިލްޔާގެ އެ ޢަމަލުން ސާބިތުވެގެން ދިޔައެވެ. ބޭނުންވާ ހިނދެއްގައި އަމިއްލަ ނަފްސަށް އަރާމު ވެސް ދޭންވާނެއެވެ. އެހެނަސް ހިލްޔާ އެވަގުތު އެ ހެޔޮ ޢަމަލަށް ފަސްދިނީ، އެ ޢަމަލުގެ މަތިން އިތުރަށް ހަނދާން ވެސް ކުރަން ރޭވުމެއް ނެތިއެވެ. އަރާމު ކުރަން އަވަސްވެގަނެވުނީ އެދުވަހަކީ އޭނަގެ ބައްޕަގެ ކްލިނިކަށް ދާ ފުރަތަމަ ދުވަސްކަން ހަނދާން ކުރަމުންނެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ނިދި ހަމަ ކުރަން ބޭނުންވީ، އެދުވަހު ރާފިލް އާއި ބައްދަލުވާއިރު ސިކުނޑި ތާޒާކޮށް ބެހެއްޓުމަށެވެ.
5:45 ވީއިރު ހިލްޔާ ނިދާލީ 7 ޖަހާއިރަށް އެލާމް ކޮށްގެންނެވެ. 7 ޖަހާއިރު އެލާމްވުމާއިއެކު ހިލްޔާ ލުއްކެއްޖަހައި ތެދުވެގެން ފެންވެރުމަށްޓަކައި ފާޚާނާއަށް ވަނެވެ. ފެންވަރައި ރީތި ވެލައިގެން ހިލްޔާ ލީ ގަދަ ފިޔާތޮށި ކުލައިގެ އަބާޔާއެކެވެ. އެއާއިއެކު އެޅީ މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. މިއީ ހިލްޔާގެ އެންމެ އާ ހެދުމެވެ. އަދި އޭނައަށް އެންމެ ރީތި ހެދުން ވެސް މެއެވެ. ރީތި ވެވެނީ ކީއްވެގެންތޯ އަމިއްލަ ނަފްސާއި ސުވާލު ކުރުމާއިއެކު ލޮލަށް ސިފަވެގެން ދިޔައީ ރާފިލްއެވެ. އެއާއިއެކު މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ހިނިތުންވެލެވުނެވެ. ޝޯލްގައި އެންމެ ފަހު ޕިންތައް ޖެހުމަށްފަހު ފަރާތް ފަރާތުން މޫނު ބަލައި ރާފިލްއަށް އޭނަ ފެންނާނެ ގޮތްތައް ސިފަކުރިއެވެ.
އެވަގުތު ހިލްޔާއަށް މޫނުބަލާ ލޯގަނޑުން ފެނުނީ ރީތި އަންހެން ކުއްޖެކެވެ. ނޭފަތުގައި ‘އައިބެއް’ ހުއްޓަސް އޭނައަކީ ޒުވާން ފިރިހެނަކަށް ރީތިވެދާނެ އަންހެން ކުއްޖެކެވެ. ހަމަ އެއާއިއެކު މިހާތަނަށް އައިއިރު ޔުނިވާރސިޓީ ތެރެއިން އޭނައަށް ލޯބި ހުށަހަޅާފައިވާ ބޭރުގެ ދެ ފިރިހެން ޒުވާނުން ވެސް ހިލްޔާގެ ހަނދާނަށް އައެވެ. ހިލްޔާ އެމީހުންނަށް ނޫނެކޭ ބުނީ އެމީހުން ހިލްޔާއަށް ކަމުނުދިޔުމުންނެވެ.
އެ ދުވަސްތައް ހަނދާން ކުރަމުން ހިލްޔާ އަނެއްކާވެސް އަމިއްލަ ސޫރައަށް ސަމާލުކަން ދެވުނެވެ. އެ ސޫރައާއިމެދު ފަޚުރުވެރި ވެވުނީ އެއީ ﷲ ދެއްވި ސޫރައެއްކަން ހަނދާން ނެތިފައިވާ ޙާލުގައެވެ. އަދި އޭނައަށް ލިބޭ ފިރިހެނުންގެ ސަމާލުކަމަކީ އަމިއްލަ އަގު ވަޒަން ކުރެވޭ މީޒާނެއްކަން ޤަބޫލު ކުރެވޭ ޙާލުގައެވެ. އެއީ ކިހާ ގެއްލެނިވި ޤަބޫލު ކުރުމެއްކަން ނޭނގޭ ޙާލުގައެވެ.
**
ދާނިޝް އެދުވަހު 7:48 ވީއިރު ހުރީ ކްލިނިކްގައެވެ. ޑޮކްޓަރުންނާއި ބަލިމީހުން އައުމުގެ ކުރިން އޭނަ ކުރަން ބޭނުންވި ބައެއް ކަންތައް ހުރުމުންނެވެ. އޭގެ ތެރެއިން އެއް ކަމަކަށްވީ ހިލްޔާ އިންނަ ބަލިމީހުން ބަލާ ކޮޓަރީގެ ދޮރުގައި ހިލްޔާގެ ނަން ހަރު ކުރުމުންނެވެ. ހިލްޔާ ކްލިނިކާއި ގުޅުނީ ނުހަނު ފަހުން ކަމަށްވުމުން އެހެން ޑޮކްޓަރުންގެ ނަމާއި އެކީ ހިލްޔާގެ ނަންކޮޅު ނެހެދި އޮތީއެވެ. ދާނިޝްއަށް ޕްރިންޓް ކުރާ ފިހާރައިން އެ ނަންކޮޅު ލިބުނީ ރޭގައެވެ.
އެ ދޮރުގައި ދާނިޝް އެންމެ ފުރަތަމަ ހަރުކުރީ “ކޮންސަލްޓޭޝަން ރޫމް 7” ޖަހާފައި ހުރި ޕްލާސްޓިކް ބޯޑެކެވެ. އެއަށްފަހު އެ ބޯޑުގެ ތިރީގައި، އެއްޗެއް ލެއްވޭ ގޮތަށް ހުހަށް ހުރި ބަޔަށް ޕްލާސްޓިކް ކޮޅެއްގައި ލިޔެވިފައިވި ހިލްޔާގެ ނަން ކޮޅު ލެއްވިއެވެ.
“ޑރ މަރިޔަމް ހިލްޔާ ނަހީދު، އެމްބީބީއެސް”
ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ލިޔެވިފައިވި އެ ނަން ކޮޅަށް ބަލަން ހުރެފައި ދާނިޝްއަށް ހިނިތުންވެލެވުނެވެ. އެވަގުތު ވިސްނުނީ ހިލްޔާ އަކީ ދީންވެރި ކުއްޖަކު ޑޮކްޓަރަކަށް ވާންވީ ސަބަބާއި މެދުގައެވެ. ހިލްޔާ ޑޮކްޓަރަކަށް ވީ އެހެން މީހުންނަށް އެހީވުމުގެ ނިޔަތުގައިތޯ ހިތަށްއެރިއެވެ. އެ ނިޔަތުގެ ރީތިކަން އިޙްސާސް ކުރެވި، ހިތަށް ފިނިކަމެއް ލިބުނެވެ.
ހަމަ އެ ވަގުތު އެއްފަރާތަކުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުން ދާނިޝްއަށް އެ ދިމާލަށް ބަލާލެވުނެވެ. އެ ހިނދު އެ ދިމާލަށް އަންނަމުން ދިޔަ ހިލްޔާ ފެނި، ދާނިޝްގެ ހިތަށް ސިހުމެއް ލިބުނެވެ. ހިލްޔާ ވެސް ދާނިޝް ފެނިފައި ފިޔަވަޅުތައް މަޑު ޖެއްސިކަން ދާނިޝްއަށް ފާހަގަވިއެވެ. އެއާއިއެކު ދާނިޝް އޭނަ ބޯޑު ހަރުކުރަން ގެނައި އާލާތްތައް ހުރި ފޮށި ނަގަން ގުދުވެލިއެވެ. އަދި އަވަސްއަވަހަށް އެ ފޮށި ލައްޕާލަމުން ހިންދެމިލިއެވެ. އެވަގުތު ހިލްޔާ ހުރީ އެހާ ހިސާބަށް އައިއްސައެވެ.
“ޔުއާރސް…”
ދާނިޝް ހިލްޔާއަށް ތަން ދައްކަމުން އެ ދޮރަށް ޢިޝާރާތް ކުރިއެވެ. އެހިނދު ހިލްޔާ ވަކި އެއްޗެކޭ ނުބުނެ އެ ދޮރު ކަހާލަމުން ކޮޓަރިއަށް ވަނެވެ އެ މޫނުމަތިން ހިތްހަމަނުޖެހުމެއް ދާނިޝްއަށް ފާހަގަވިއެވެ. އެކަން އެނގުންވުމާއިއެކު ދާނިޝް ގެ ވެސް ދެބުމަ ކައިރިވިއެވެ. ހިލްޔާ ކަމަކާ ނުރުހުންވީތޯ ހިތަށްއެރިއެވެ.
ދާނިޝްއަށް ހީވީ ރަނގަޅަށެވެ. ހިލްޔާ ހުރީ ނުރުހުންވެފައެވެ. އެ ކޮޓަރިއަށް ވަދެ ގޮނޑީގައި އިށީންއިރު ވެސް އެ މޫނުމަތީގައިވީ އެފަދަ އަސަރެކެވެ. އޭގެ ސަބަބަކަށްވީ ކްލިނިކަށް އައި މަގުމަތީގައި ހިލްޔާއާއި ބައްޕަ އާއި ދެމެދު ދެކެވުނު ވާހަކައެވެ.
“އަދި އިއްޔެ ނުބުނެވި ހުރި ތަންކޮޅެއް. ހިލްޔާއާއި ރާފިލް އަކީ ދެ މެޑިކަލް އޮފިސާރސްވީމަ ތި ދެ ކުދިން ހަދާނީ ޝިފްޓް ޑިއުޓީ. ހިލްޔާ ހުންނަ ގަޑީގަ ރާފިލް ހުންނާނީ ބްރޭކްގަ. ރާފިލް ހުންނަ ގަޑީގަ ހިލްޔާ ހުންނާނީ ބްރޭކްގަ.” ބައްޕަ ކާރު ދުއްވަން އިނދެ އެހެން ބުނުމާއިއެކު ހިލްޔާއަށް ތެޅިގަނެވުނެވެ.
“ވަޓް؟! ނޯ ބައްޕާ ދެޓް ވިލް ބީ ސޯ ޑިފިކަލްޓް! ޕޭޝަންޓުން ގިނައިއްޔާ ހާދަ އުދަގޫވާނެއޭ!!!” ހިލްޔާ އޭނަ ކުރިހާ ޚިޔާލުތައް ވިއްސިވިހާލިވިޔަ ނުދޭން މަސައްކަތް ކުރިއެވެ.
“އާނ….އެކަހަލަ ދުވަސްކޮޅެއް ވިއްޔާ ދެކުދިން ވެސް އެއްގަޑިއެއްގަ ތިބޭ ގޮތަށް ހަދާނީ. މިވަގުތަށް ފަހަރަކު ކުއްޖަކު ދިޔައިމަ އޯކޭވާނެހެން ބައްޕައަށް ހީވަނީ. ދާނިޝް ވެސް ދިނީ މިކަހަލަ ޚިޔާލެއް.”
ބައްޕަ އެހެން ބުނި އަޑު އިވުމާއިއެކު އިތުރަށް ނުރުހުންވާ ގޮތްވިއެވެ. ވަކިން ޚާއްސަކޮށް ދާނިޝް އަށެވެ. ހަމަ އެއާއިއެކު ދާނިޝް އާއިމެދު ވެސް ނުބައި ހީކުރުންތައް ހީކުރެވެން ފެށިއެވެ. ބައްޕަ އޭނައާއި ދާނިޝްގެ ކައިވެނީގެ ވާހަކަ ދައްކާފައިވަނީ ދާނިޝް އެކަމަށް އެދުމުންތޯ ހިތަށްއެރިއެވެ. އަދި ދާނިޝް އޭނައާއި ރާފިލް ދުރު ކުރަން އުޅެނީ އޭގެ ސަބަބުންތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު އެއްވެސް ބުރަދަނެއް ނެތް ނިންމުންތައް ސިކުނޑި ތެރޭގައި ނިންމުނެވެ. އެންމެ ޙިކުމަތްތެރި ބަސްފުޅު ކަމަށްވާ ޤުރުއާނާއި ދުރުވުމުގެ އެއް ނަތީޖާއެވެ.
އެހެންކަމުން ހިލްޔާ މުޅި އެދުވަހު ހުރީ މޫޑު ޚަރާބުވެފައެވެ. ބަލިމީހުން ބެލުން ވެސް ވެގެން ދިޔައީ ބުރަކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. ހިލްޔާ އެދުވަހު ކްލިނިކަށް އައީ ދާނިޝް ހީކުރި ފަދަ ރީތި ނިޔަތެއްގައެއް ނޫނެވެ. ކްލިނިކަށް އައި މައިގަނޑު ސަބަބަކީ ރާފިލް އާއި ދިމާކޮށް އޭނަގެ ޙަޔާތުގެ ލޯބީގެ ވާހަކަ ކުރިއަށް ގެންދިޔުމެވެ. އިންސާނާ ހަޔާތުގެ މަޤްޞަދަށް ހަދާ ކަމެއް ޙާޞިލު ނުކުރެވުމަކީ އިންސާނާ ބަލިކަށި ކުރުވާ ކަމެކެވެ.
ކަން ދިމާކުރި ގޮތުން އެދުވަހު ހިލްޔާގެ ޑިއުޓީ ނިމުނުއިރު ކުޑަ ކުއްޖަކާއި، މެދު ޢުމުރުގެ އަންހެނަކު ކްލިނިކްގެ ކުޑަ ވޯޑުގައި އެނދުމަތި ކުރެވިފައިވިއެވެ. އެހެންކަމުން އެ ދުވަހު މެންދުރު ރާފިލް އައުމުން އޭނަ އެ ބަލި މީހުންގެ ވާހަކަ ރާފިލްއަށް ކިޔައިދޭން ޖެހޭނެ ކަމުގެ ޚިޔާލުން ވެސް ހިތަށް ޖޯޝެއް ވެރިވިއެވެ.
2 ޖެހުމުގެ ކުރީއްސުރެ އަމިއްލަ ރޫމުން ނިކުމެ، ހިލްޔާއަށް ދޭތެރެ ދޭތެރެއިން ލޮބީއަށް ނަޒަރެއް ދެވެމުން ދިޔައީ އެހެންވެއެވެ. އެވަގުތު އޭނަ ބަލަންޖެހޭ ބަލިމީހެއް އައިސްފައި ނެތުމާއި އެކުވެސްމެއެވެ. އޭނަ އެތަނަށް ދިޔަ ފުރަތަމަ ފަހަރު ދާނިޝް އޭނަ ފެނިފައި ކިހިނެއްވީތޯ އެހުމުން ކަމެއް ނުވެއޭ ބުނެލެވުނީ ދާނިޝްއަށް މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އަދި ދާނިޝްއަށް ވާ ފޫއްސާއި އެކީވެސްމެއެވެ.
ސީދާ 2 ޖެހި ވަގުތު ހިލްޔާ ލޮބީއަށް ނިކުތް ވަގުތު ރާފިލް ވަދެގެން އައިސް މައިދޮރު ގެ ކައިރީގައި ހުރި މެޝިން އިން ސައިން އިން ވަނީ އެވެ. ސައިން އިންވުމަށްފަހު ރާފިލް އޭނައަށް ފަސްއެނބުރި ބަލާލި ވަގުތު ހިލްޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެވަގުތު މާސްކް އަޅައިގެން ހުރެވުނު ކަމަށްޓަކައި ޝުކުރު ކުރެވުނެވެ. މޫނަށް ވެރިވި ހުރިހާ ޝުޢޫރެއް ރާފިލްއަށް ފެންނާކަށް ބެނުމެއް ނުވިއެވެ. ލޮލުން ވެސް އެ ޝުޢޫރުތައް ފާޅުވެދާނެތީ ހިލްޔާ އަވަސްއަވަހަށް އޭނަގެ ކޮންސަލްޓޭޝަން ރޫމާއި ދިމާލަށް ހިނގައިގެންފިއެވެ. މާސްކް ނަގައި އޭނަގެ ހުދު ކޯޓު ބާލައި ގެއަށް ދާން ތައްޔާރުވުމަށް ވެސްމެއެވެ. ބައްޕަ އޭނަ ނަގަން މިހާރު އަންނާނެކަން ހަނދާން ކުރަމުންނެވެ.
އެހެނަސް ހިލްޔާ ރާފިލް ގާތު އެއްޗެކޭ ބުނަން ޖެހޭކަން ހަނދާންވީ އެ ރޫމުގެ ދޮރުގައި ހިފާލި ވަގުތެވެ. އެއާއިއެކު ވާތް ފަރާތަށް ނަޒަރެއް ދިން އިރު ރާފިލް ކޮރިޑޯގެ އެންމެ އެކޮޅުގައި ހުރި އަމިއްލަ ރޫމަ ވަންނަން އުޅެނީއެވެ.
“ޑޮކްޓަރ ރާފިލް!” ހިލްޔާއަށް ގޮވާލެވުނެވެ. އެއާއިއެކު ރާފިލް އޭނައަށް ބަލައިލުމުން ހިލްޔާ ދެންވެސް ބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކީ ރާފިލްގެ ކައިރިއަށް ދިޔައެވެ. އަދި އެ ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“މިވަގުތު ދެ މީހަކު އެޑްމިޓް ކުރެވިފަ ވަނީ. މިޑްލް އޭޖްޑް ވުމެން އެޑްމިޓް ވީ 3 ގަޑިއިރު ކުރިން. 10 ޔިއާރ އޯލްޑް ބޯއި އެޑްމިޓް ވީ 2 ގަޑިއިރު ކުރިން. ދެމީހުންނަކީ ވެސް ހައި ފީވާރ ގެ ދެ ކޭސް. ވައިޓަލްސްތައް ނޯޓްކޮށްފަ ވޯޑުގަ ހުރި ބޯޑުތަކުގަ ހުންނާނެ ލިޔެފަ.” ހިލްޔާ ކިޔައިދިނެވެ. އެއާއިއެކު ރާފިލް ބޯޖަހާލިއެވެ.
“ހުމް…އައިލް ޗެކް. ޑޮކްޓަރ ހިލްޔާ ބިޒީ ވަގުތެއްތަ؟” ރާފިލް އެހިއެވެ.
“ނޫން. ކިހިނެއްވީ؟” ނުހަނު ގަޔާވެފައި ހިލްޔާ އެހިއެވެ.
“ނަހީދު ސާރ ބުނީ ކްލިނިކާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތިއްޔާ ހިލްޔާ އާއި ކުރާށޭ. އެހެންވީމަ ހިތަށް އެރީ އަހަރެންގެ ޑިއުޓީ ފެށުމުގެ ކުރިން ކްލިނިކްގެ އެކި ބައިތައް ބަލާލާނީއޭ.” ރާފިލް އެ ބުނެލި ވާހަކައިން ހިލްޔާގެ ހިތް އުފަލުން ނަށައިގަތެވެ.
“އޮ…އޮފްކޯސް! ހިނގާ އަވަހަށް!” ހިލްޔާއަށް އުފަލާއިއެކު ބުނެވުނެވެ. އެވަގުތު މާސްކް އަޅައިގެން ނެތްނަމަ އެ ފުރިހަމަ ހިނިތުންވުން ފެނުނީހެވެ.
ހިލްޔާއާއި ރާފިލް އެކީގައި ކޮންސަލްޓޭޝަން ރޫމް ހުރި ބައި ހުރި ފަރާތް ނޫން އަނެއް ފަރާތަށް ދާ މަންޒަރު، ރިސެޕްޝަން ގައި އިން ދާނިޝްއަށް ފެނުނެވެ. އެހިނދު ދާނިޝް ގެ ދެބުމަ ކައިރިވިއެވެ. ޑިއުޓީ ގަޑީގައި ބަލިމީހުން ބަލާ ކޮޓަރިއަށް ނުގޮސް ރާފިލް ދަނީ ކޮން ތަނަކަށް ބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ރާފިލްއަކީ ކިހާ އިހުމާލުވާ ޑޮކްޓަރެއްކަން ހަނދާންވިއެވެ. އިސާހިތަކު އެވަގުތުން ވަގުތަށް ވެސް ރާފިލްއަށް ގޮވައި ކޮންސަލްޓޭޝަން ރޫމަށް ދިޔުމަށް އަންގަން ހިތަށްއެރިއެވެ.
އެހެން ބުނަން ދާނިޝްގެ އަނގަވެސް ހުޅުވުނެއްކަމަކު އަނގަ ލައްޕާލެވުނެވެ. ޑޮކްޓަރުންނަށް ކުރަންވީ ކަންތައް އެންގުމަކީ އޭނަގެ ހުދޫދުގެ ތެރޭގައިވާ ކަމަކަށް ނުވާތީވެއެވެ. އަދި އަމުދުން ރާފިލް ގާތު އެއްޗެކޭ ބުނަން އުޅެފިނަމަ ރުޅިން ނޫނީ ނުބުނެވޭނެކަން ޔަޤީން ކުރެވުނީތީވެއެވެ. ހަމަ އެހިނދު ރާފިލް މިކަން އިތުރަށް ތަކުރާރުކޮށްފިނަމަ ނަހީދުބެއަށް އަންގަން ހިތަށްއެރިއެވެ.
ހިލްޔާއާއިއެކު ރާފިލް ވެސް ނަރުހުންގެ ސްޓޭޝަނަށް ވަދެ، ލޯމައްޗަށް ގެއްލި ދިޔައެވެ. ހިލްޔާ ރާފިލްއާއިއެކު ދިޔަ މަންޒަރު ފެނިފައި ދެމީހުން ދާނީ ރަނގަޅު ސަބަބަކަށްޓަކައި ކަމަށް ހީކުރެވުނެވެ. ބަލިމީހުންގެ ވޯޑު ވެސް ހުންނަނީ އެ ދިމާލުގައެވެ. ދެމީހުން ދިޔައީ ބަލިމީހުން ބަލަން ކަމަށް ހީކުރެވުނީ ހިލްޔާގެ ސަބަބުންނެވެ. މަންމަ ހިލްޔާއަށް ތަޢުރީފުކޮށްފައި ވާތީ ކަންނޭނގެއެވެ. ހިލްޔާއާއި މެދު ގޯސްކޮށް ވިސްނަން ދާނިޝް ނުކުޅެދިފައިވެއެވެ.
ހިލްޔާ ނުހަނު އުފަލާއިއެކު ރާފިލްއަށް ކްލިނިކްގެ އެކި ތަންތަން ދައްކަމުން ދިޔައެވެ. ނަރުހުންގެ ސްޓޭޝަންގެ ތެރެއިން އެތާ ތިބި ނަރުހުންނަށް ވެސް ރާފިލް ތަޢާރަފު ކޮށްދިނެވެ. އަދި ކްލިނިކްގެ ލެބޯރަޓަރީ ވެސް ދައްކައި ބަލި މީހުންގެ ވޯޑަށް ވެސް ދިޔައެވެ. އަދި ރާފިލްއަށް އެތާ ތިބި މީހުންގެ ޙާލަތު ތަފްޞީލުކޮށް ކިޔައިދިނެވެ. ރާފިލް އެ ވަގުތު ގެ ބޭނުން އެ ބަލިމީހުން ބެލުމަށް ހިފި ގޮތުން ހިލްޔާ އިތުރަށް ގަޔާވިއެވެ. މިއީ އެހެން ނޫނަސް ރާފިލް ބަލި މީހުން ބަލަންޖެހޭ ގަޑިކަން ހިލްޔާ ހަނދާނެއް ނެތެވެ.
ރާފިލްގެ އެދުމަށް ހިލްޔާ ރާފިލް ގޮވައިގެން ކްލިނިކްގެ މަތީ ބަޔަށް ދިޔައެވެ. އެ ބަޔަށް ގޮސް އެ ބައިގެ އެއްވެސް ބަޔަކަށް ނުވަދެވެނީސް ހިލްޔާގެ ފޯނު ރިންގުވާން ފެށިއެވެ.
“ދަރިފުޅު އާދޭ ބައްޕަ މިއޮތީ ބޭރުގަ.” ބައްޕަ އެހެން ބުނި އަޑަށް ހިލްޔާގެ ހިތް ރުއި ހިނދު ރާފިލްއަށް ބަލާލެވުނެވެ. އެވަގުތު ރާފިލް ވެސް އޭނައަށް ބަލަހައްޓައިގެން ހުއްޓާއެވެ.
“އޯކޭ ބައްޕާ. މި އަންނަނީ…” ހިލްޔާ އެހެން ބުނެލީ ހިތާއި ދެކޮޅަށެވެ. އެއާއިއެކު ބައްޕަ ފޯނު ކެނޑުމުން ހިލްޔާ ފޯނު ތިރިކޮށްލިއެވެ.
“ވަޓް ހެޕެންޑް؟” ރާފިލް އޭނަގެ ރީތި އިނގިރޭސިން އެހިއެވެ.
“ބައްޕަ އައިއްސި ޕިކް ކުރަން. ބްރޭކް ގަޑިއަށް. ލެޓްސް ކޮންޓިނިއު އެހެން ދުވަހެއްގަ ދޯ؟” ހިލްޔާ ބުންޏެވެ. އެއާއިއެކު ރާފިލް ބޯޖަހާލިއެވެ.
“ޝުއާރ…” ރާފިލް އެހެން ބުނެލަމުން ހިނިތުންވެލިއެވެ. ހިލްޔާ ވެސް ގަދައަށް ހިނިތުންވެލީ އޭނަގެ ލޮލުން ރާފިލްއަށް އެ ހިނިތުންވުން ފެންނާނެ ކަމުގެ އުއްމީދުގައެވެ. މާސްކް އަޅައިގެން ހުރެވުނު ކަން ވެސް އެނގުނީ އެ ބައްދަލުވުމުގެ މެދުތެރެއިންނެވެ. މާސްކް ނަގަން ހިތް އެދުނެއްކަމަކު އޭގެ ފަހަތުގައިވި ނިޔަތުގެ ލަދުވެތިކަމުން ހިލްޔާއަށް އެކަން ކުރަން ނުކެރުނީއެވެ.
ހިލްޔާ ރާފިލްއަށް ފަސްދީފައި ދާން ފެށިއިރު ރާފިލް އެ ހުރި ގޮތަށް ހުރިކަން ހިލްޔާއަށް ޔަޤީން ކުރެވުނެވެ. އެކަމާއިހުރެ ފައި ވެސް އޮޅެން އުޅުނެވެ. ހިލްޔާ އެފަދަ ޙާލެއްގައި ގޮސް ސިޑިއާއި ކައިރިވީ ވަގުތު ރާފިލްގެ އަޑު އިވުނެވެ.
“ހިލްޔާ!” ރާފިލް ގޮވާލިއެވެ. އެއާއިއެކު ހިލްޔާ ފިޔަވަޅުތައް މަޑު ޖައްސައި އެދިމާލަށް ބެލިއެވެ.
“ޔެސް؟” ހިލްޔާއަށް ބުނެވުނެވެ.
“ސޮރީ ފޯރ ބީންގް ޕާރސަނަލް އެކަމަކު…..އާރ ޔޫ މެރީޑް؟” ރާފިލް ކުއްލި ގޮތަކަށް ކޮށްލި ސުވާލުން ހިލްޔާގެ ދެލޯ ބޮޑުވީ ހިނދު، ހިތް ވެސް ހުއްޓުމަކަށް އައެވެ. އަވަސްއަވަހަށް ނޭވާ ލާން ހަނދާން ކުރަމުން ޖަވާބު ދެވުނެވެ.
“ނޯ…” ހިލްޔާގެ ދުލުން ނިކުތީ ކުރު ޖަވާބެކެވެ. އެހެނަސް އެ ކުރު ޖަވާބުގެ ނަތީޖާ ފޮނިވާނެ ކަމަށް އުއްމީދު ކުރެވުނެވެ.
“އައި ސީ….އައިމް ސިންގަލް ޓޫ. އައި ތިންކް ވީ ވުޑް ބީ އަ ގުޑް މެޗް.” ރާފިލް ޖެހިލުންވުމެއް ވެސް ނެތި އެ ބުނެލި ބަސްތައް ފަހުމްވާން ވެސް ހިލްޔާއަށް އިރުކޮޅެއް ނެގިއެވެ.
އެ އިވުނީ ކޮން ބަސްތަކެއްތޯ ހިތަށްއެރިއެވެ. އޭނަ ކުރަމުން ދިޔަ އުއްމީދުތަކެއްގެ ސަބަބުން އޭނައަށް އޮޅުމެއް އެރީތޯ ހިލްޔާގެ ހިތް ސުވާލު ކުރިއެވެ. އޭނަގެ ހިތުގައި އޮތް ބަސްތައް ރާފިލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ‘ސޯލްމޭޓުން’ ގެ ވާހަކަ ހިލްޔާ އަޑުއަހާފައިވެއެވެ. ސޯލްމޭޓުންނަކީ ބަސް ބުނުމެއް ވެސް ނެތި އެކަކު އަނެކެއްގެ އިޙްސާސްތައް ދަނެގަނެވޭ ބައެއް ކަމަށް ބުނާ އަޑެވެ. ރާފިލް އަކީ އޭނަގެ ‘ސޯލްމޭޓް’ ހެއްޔެވެ؟
ހިލްޔާ ބުނާނެ އެއްޗެއް ނޭނގި ރާފިލްއަށް ބަލަން ހުއްޓާ ރާފިލް ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި ހިލްޔާގެ ގާތަށް ގޮސް، ލައިގެން ހުރި ޖިންސްގެ ޖީބުން ވޮލެޓެއް ނަގައި ވޮލެޓް ތެރެއިން ނެގި ކާޑެއް ހިލްޔާއަށް ދިއްކޮށްލިއެވެ.
“އިފް ޔޫ ތިންކް ސޯ ޓޫ، ގިވް މީ އަ ކޯލް. އިންތިޒާރު ކުރާނަން.” ރާފިލް އެހެން ބުނުމުން ހިލްޔާ ދެންވެސް ގަބުވެފައި ހުރެ އެ ކާޑުގައި ހިފިއެވެ. ހިލްޔާ ދެންވެސް ހުރި ގޮތަށް ހުންނަން ފެށުމުން ރާފިލް ދެންވެސް ލުއި ގޮތަކަށް ހީލުމަށްފަހު ހިލްޔާ ފަހަނަޅައި ސިޑިން ފައިބަން ފެށިއެވެ. ރާފިލް ސިޑިން އެއްކޮށް ފައިބައި ލޯމައްޗަށް ގެއްލެންދެން މިވީ އެއްޗެއް ނަގަން ނޭނގިފައި ހިލްޔާއަށް ހުރެވުނެވެ.
އެވަގުތުކޮޅަށް ފަހު ހިލްޔާ އެހެން އެއްވެސް ކަމަކާމެދު ވިސްނަން އުދަގޫވިއެވެ. ބައްޕައާއި އެކީ ގެއަށް ދިޔައިރު ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދެވުނީ ވެސް ވަކި ވަރަކަށެވެ. ވާނީވެސް އެހެންތާއެވެ. މުއްސަނދި، ރީތި ފިރިހެނަކު އޭނައަށް ލޯބި ހުށަހަޅައިފިއެވެ. މިއި އޭނަ ބަލާފައިވާހާ ޑްރާމާތަކުން ވާ ގޮތެވެ. ޙަޤީޤީ ދިރިއުޅުމުގައި އޭނައަށް އެފަދަ ގޮތެއް ވުމަކީ ނާދިރު ކަމެއް ކަމަށް އޭނަ ހީކުރިއެވެ. އެހެނަސް މިއަދު އޭނަގެ ޙަޤީޤީ ޙަޔާތުގައި މިވަނީ އެފަދަ މަންޒަރެއް ނިއުޅިގެން ގޮސްފައެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
އޮޅުމެއްގައި ހުރެފައިވެސް އެކަން އެނގުންވާ ކޮންމެ ފަހަރަކު ހިލްޔާއަށް މުޅި ދުވަސް ތެރެއިން ހިނިތުންވެވެމުން ދިޔައެވެ. ޙަޔާތުގެ ބައިވެރިޔަކަށްޓަކައި އޭނަ ކުރާ ދުޢާ ﷲ އިޖާބަ ކުރެއްވީ ކަމަށް ހީކުރެވުނެވެ. މިއަދު އޭނަ ފަތިސް ނަމާދު ވަގުތުން އަދާ ކުރީތީ ލިބުނު ނިޢުމަތެއް ކަމަށް ޤަބޫލު ކުރެވުނެވެ. އެދުވަހުގެ އެހެން ނަމާދުތައް ހިލްޔާ ކުރީ ވަގުތުން ނޫން ކަމަށް ވިޔަސްމެއެވެ. އަދި އެ ނަމާދުތަކެއްގެ ތެރެއިން މުޅިންހެން ރާފިލް އާއިމެދު ވިސްނެމުން ދިޔަ ކަމަށް ވިޔަސްމެއެވެ. އެދުވަހު އިތުރަށް ޤުރުއާން ނުކިޔެވުނު ކަމަށް ވިޔަސްމެއެވެ.
ހިލްޔާއަށް ނޭނގުނު ކަމަކީ ﷲ ގެ ޙަޟްރަތުގައި މުއުމިނުންނަށްޓަކައި ދުނިޔެއަށްވުރެ އާޚިރަތް އައުލާކަން ބޮޑުވެގެންވާ ކަމެވެ. އާނއެކެވެ. އެކަލާނގެ މި ދުނިޔޭގައި ވެސް ތަޤްވާވެރިންނަށް ކޮންމެ ދަތިކަމަކުން ފަހިމަގެއް ދައްކަވައެވެ. އަދި ތަޤްވާވެރިވާ މީހުން އުޅޭ މުޖުތަމަޢުތަކުގައި ބަރަކާތް ލައްވައެވެ.
އެހެނަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއަށްވުރެ ބޮޑު ނިޢުމަތަކަށް މި ދުނިޔޭގައި ދެއްވާ ނިޢުމަތްތަކަކީ ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުސަތުތަކެވެ. އެކަމުގެ ޤާބިލިއްޔަތެވެ. އެކަންތައް ކުރުމުގެ ތައުފީޤެވެ. މި ކަންތައްތަކަކީ އަޅާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ވެސް މަގުފަހިވާ ކަންތަކަށް ވާތީވެއެވެ. އަޅުކަންތަކަށް ފަރުވާ ކުޑަ ވާ ޙާލު، ދުނިޔަވީ ނިޢުމަތްތައް ލިބުމަކީ ބިރުވެތިވާން ޖެހޭ ކަމެކެވެ. އެހެނީ ދުނިޔަވީ އެ ނިޢުމަތްތަކަކީ އެ ޙާލަތުގައި ބޮޑުވެގެންވާ އިމްތިޙާނެކެވެ. އެ ޙާލަތުގައި އަޅަކު ﷲ ގެ ރުހިވޮޑިގަތުމުގެ މައްޗަށް އެ ނިޢުމަތްތައް ޚިޔާރު ކުރުން ގާތް ކަމަށްވާތީވެއެވެ. އެހެން ވެއްޖެނަމަ އެ ވެގެން ދާނީ ދެ ދުނިޔޭގެ ގެއްލުމަށެވެ.
ހިލްޔާ ހުރީ އެރޭ ރާފިލްއަށް ގުޅަން ކެތްމަދުވެފައެވެ. އޭގެ ކުރިން އެލީ އާއި ދޮންތައަށް މި ވާހަކަ ކިޔައިދިނުމުގެ ޝައުޤުވެސް ހިތުގައި ވަރަށް ބޮޑުވެފައިވިއެވެ. އެއީ ވެސް އަމިއްލަ ނަފްސާއިމެދު ފަޚުރުވެރި ވުމަށެވެ. އެފަދަ ފިރިހެނަކު އޭނައަށް ލޯބި ހުށަހަޅާނީ އޭނަގެ އަގެއް ހުރިކަމުން ކަމަށް ޤަބޫލު ކުރެވިފައިވިއެވެ.
އެހެނަސް ހިލްޔާގެ ޑިއުޓީ އެދުވަހު ނިމުނީ 6 ޖެހިއިރު ކަމަށްވުމުން އެލީ އާއި ހަމްރާއާއި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބުނެވެ. ފެންވަރައިގެން ވަގުތުން ޖެހުނީ ނަމާދު ކުރާށެވެ. ނަމާދު ކުރަންވުމުން ވެސް ބުރައަކަށްވިއެވެ. ދޮންތައާއި އެލީ އާއި ވާހަކަ ދައްކަން ބޭނުންވި ވަރުން ނަމާދުގައި ކިޔެވުނީ ވެސް ކައުޘަރު ސޫރަތާއި އިޚްލާޞް ސޫރަތެވެ. އެއަށްފަހު މުސައްލަ މަތިން ފޭބީ ސުންނަތް ކުރަން ވެސް ހަނދާން ނައްތާލާފައެވެ. އެހާ ވަރުން ގޮސް ދޮންތަގެ ކޮޓަރިއަށް ދިޔައިރު ދޮންތަ އޭރުވެސް މަޣްރިބް ނަމާދަށް ހުރުމުން ފޫހިވާ ގޮތްވިއެވެ. އެއާއިއެކު އަމިއްލައަށް ވެސް އަނބުރާ ދޮންތަގެ ކޮޓަރީގައި އޮންނަ ކާޕެޓް މަތީގައި ސުންނަތް ކޮށްލިއެވެ. އަދި ދޮންތަ ނަމާދު ކޮށް ނިމި ޤުރުއާން ކިޔަވަން ފެށުމުން ހިލްޔާ ވެސް ފޯނުން ޤުރުއާން ކިޔަވަން ފެށިއެވެ. ޢަރަބި އެނގުނަސް ޤުރުއާން ކިޔަވަމުން ދިޔައިރު އެރޭ ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އެ ޤުރުއާނުން ހިދާޔަތް ހޯދަން ބޭނުންވާ މީހެއްގެ ހިތަށް ނޫނީ ޤުރުއާން ފަހުމެއް ނުވާނެއެވެ.
އެ ވަގުތުގައި ދޮންތަ ވާހަކައިގެ ފޯރި ނުނަގާނެހެން ހީވުމުން ހިލްޔާ އެ ‘އަގުހުރި’ ވާހަކަ ފަހަށް ރައްކާކުރިއެވެ. އަދި ރޭގަނޑުގެ ކެއުމަށްފަހު ތިން މީހުން އެއްވެ އެ ވާހަކަ ދައްކަން ނިންމިއެވެ. ރާފިލްއަށް ގުޅަންވީތޯ ނުގުޅަންވީތޯ އެމީހުންގެ މަޝްވަރާ ހޯދަން ބޭނުންވިއެވެ. އެ ދެމީހުން އުފަލާއެކު އެކަމަށް އެއްބަސްވާ މަންޒަރު ހިލްޔާއަށް ސިފަ ކުރެވެމުން ދިޔަދިޔަހެން ހިލްޔާއަށް ހިނިތުންވެވެމުން ދިޔައެވެ.
“ކީއްވެ ދަރިފުޅު މާ ބޮޑަށް ތި ހެނީ؟” ކާ މޭޒުދޮށުގައި ސައިތަށި ބޮމުން ފޯނަށް ބަލަން އިންދާ ހިލްޔާ ހަމަހޭވެރިކަމެއް ވީ ބައްޕަގެ އެ ސުވާލުންނެވެ. އެއާއިއެކު ހިލްޔާ އިސްއުފުލާލިއެވެ.
“ކަމެއްނުވޭ…” ހިލްޔާ އެ ހިނިތުންވުން ފިލުވަން މަސައްކަތް ކުރަމުން ބުންޏެވެ. އެވަގުތު އާދައިގެ މަތިން ކާ މޭޒުދޮށުގައި ބާކީ ތިބީ އޭނައާއި ބައްޕައެވެ. ހިލްޔާ ބުނެލި ވާހަކައަށް ބައްޕަ ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު އިރުކޮޅެއްގެ ހިމޭންކަމަށްފަހު ވާހަކަ ދެއްކިއެވެ.
“ދަރިފުޅު ވިސްނިންތަ ބައްޕަ ދެއްކި ވާހަކައާއިމެދު؟” ބައްޕަ އެހިއެވެ.
“ކޮން ވާހަކައެއް؟” ދެބުމަ ކައިރި ކޮށްލަމުން ހިލްޔާއަށް އަހާލެވުނެވެ. އެއްގޮތަކަށް ވެސް ހަނދާނެއް ނެތުމުންނެވެ.
“ދާނިޝް…ގެ ވާހަކަ. ބައްޕަ ހީކުރީ އެކަމާމެދު ކަމަށް ދަރިފުޅު ތި ސްމައިލް ކުރަނީ.” ބައްޕަ ބުންޏެވެ. އެއާއިއެކު ހިލްޔާގެ ހިނިތުންވުން ފޭދުނެވެ. ދާނިޝް މަތިން ހަނދާންވުމުން ފޫހިކަމެއް ހިތަށް ވެރިވިއެވެ. އަދި އަމުދުން ބައްޕަ މިހާވަރަށް ދާނިޝް އާއިހެދި އުޅޭތީ އިތުރަށް ފޫހިވާ ގޮތްވިއެވެ. ރާފިލް ކަހަލަ މީހުން ތިބޭއިރު ބައްޕަ އޭނަ ދާނިޝްއާއި ގުޅުވަން އުޅެނީ ކީއްވެތޯ ހިތަށްއެރިއެވެ. ނިކަން ސާފުކޮށް ހިލްޔާ އޭނަ ދެކޭ ގޮތް ބައްޕައަށް އަންގަން ބޭނުންވިއެވެ.
“ބައްޕާ….ދާނިޝް އިޒް ގުޑް. އެކަމަކު އަހަންނާ ދާނިޝް ކޮމްޕެޓިބަލް ވާނެހެން އަހަންނަށް ހިއެއް ނުވޭ.” ހިލްޔާއަށް ބުނެވުނެވެ.
“ކޮމްޕެޓިބަލް ކަން އެނގޭނީ ދެކުދިން ބައްދަލުކޮށް ވާހަކަ ދެއްކީމައެއްނު؟ ކައިވެންޏެއް ކުރުމުގެ ނިޔަތުގަ ދެކުދިން ވާހަކަ ދެއްކީމަ އެނގިދާނެއެއްނު؟” ބައްޕަ އެހެން ބުނުމާއިއެކު ހިލްޔާއަށް ރައްދެއް ދެވުނެވެ.
“ބަޓް ސްޓިލް! އަހަންނަށް ފީލް ވަނީ ދާނިޝްއާއި އަހަރެންގެ ބެކްގްރައުންޑް ވަރަށް ތަފާތުހެން. ކިތަންމެ ރަނގަޅު ވިޔަސް ދެމީހުންގެ ބެކްގްރައުންޑް ތަފާތިއްޔާ އިޓް ވޯންޓް ވޯކް އައުޓް ބައްޕާ!” ހިލްޔާ ބުންޏެވެ. އެއްގޮތަކަށް ވެސް ބައްޕަގެ ވާހަކަ އަޑުއަހަން ބޭނުމެއް ނުވިއެވެ. ވާހަކަ ދައްކަމުން ދިޔައީ ފަހުމްވުމަށްވުރެ ބޮޑަށް އޭނަގެ ކޮޅު މޮޅު ކުރުމަށެވެ.
“ހިލްޔާއަށް އެނގެނީތަ ދާނިޝް ގެ ބެކްގްރައުންޑް؟” ނަހީދު އެހިއެވެ.
“އެހާ ބޮޑަށް ނޭނގޭ.”
“ދެން ކިހިނެއް ހިލްޔާއަށް އެނގެނީ ނުގުޅޭނެކަން. ބައްޕައަށް ދާނިޝް އެނގިގެންނޭ މި ބުނަނީ ދާނިޝްއާއި ހިލްޔާ ގުޅޭނެއޭ.”
“ބައްޕާ ޕްލީޒް! ފައިނޭންޝަލީ ވެސް ދާނިޝް އާއި އަހަރެން ހާދަ ތަފާތޭ. އައި ފީލް ލައިކް ހީ އިޒް ޕުއާރ. އެންޑް ވީ އާރ ރިޗް! ކިހިނެއް ދާނިޝްއަށް އަހަރެންގެ ލައިފްސްޓައިލް ހޭންޑްލް ކުރެވޭނީ؟”
ހިލްޔާއަށް ބުނެވުނެވެ. އެހެން ބުނުމާއި އެކުހެން ބައްޕަގެ މޫނުމައްޗަށް ފާޅުވި ނުރުހުންތެރިކަން ހިލްޔާއަށް ފާހަގަވިއެވެ. އެއާއިއެކު ދެންމެ ބުނި ބަސްތައް އަނބުރާ ދުލަށް ގެނެސް ދިރުވާލަން ބޭނުންވިއެވެ. އެހެނަސް މާ ލަސްވެއްޖެކަން އެނގުންވިއެވެ. ބައްޕަގެ ކުރިމަތީގައި އެހެން މީހަކު ދަށްކޮށްލެވިއްޖެއެވެ. އަދި އަމިއްލަ މުއްސަނދިކަމަށް އަލި އެޅުވިއްޖެއެވެ. އެއީ ބައްޕަ ކިހާ ނުރުހުންވާ ކަމެއްކަން ހިލްޔާއަށް އެނގޭތީ އެވަގުތު އިސްޖަހާލެވުނެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ބައްޕަ ފުން ނޭވައެއް ދޫކޮށްލި އަޑު އިވިފައި ހިލްޔާ ޖެހިލުންވުމަކާއިއެކީ އެސްފިޔަތައް އުފުލިއެވެ.
“ވަރަށް ގިނަ ފައިސާވެރިންނާއި ދިމާވެފަ ހުރި މީހެއްގެ ހައިސިއްޔަތުން ބައްޕަ ހިލްޔާއަށް ނަސޭޙަތެއް ދީފާނަން. އަތުގަ ވަރަށް ގިނަ ލާރި ހުންނަ ފަޤީރުން އުޅޭ. އަދި އަތުގަ ވަރަށް މަދު ލާރި ހުންނަ މުއްސަނދިން އުޅޭ. ގިނަ ލާރި ހުންނަ މީހަކު ކަމަކަށް ހޭދަ ކުރަން މުށްބާރު ކުރާ ގޮތުން ހީވެދާނެ އޭނަގެ ލާރި ދެންމެ ދެންމެ ހުސްވެދާނެހެން. އަދި މަދު ލާރި ހުންނަ މީހަކު ހޭދަ ކުރާ ގޮތުން ހީވެދާނެ އޭނަގެ އަތުގަ ހުސް ނުވާވަރަށޭ ލާރި ހުރީ. މީހެއްގެ ބޭންކް އެކައުންޓް ގަ ހުރި ފައިސާއިންނެއް މީހެއްގެ މުއްސަނދިކަން ނަގައި ނުގަނެވޭނެ….” ބައްޕަ ބުންޏެވެ.
ބައްޕަ އެ ބުނެލި ވާހަކައިން ހިލްޔާ ވިސްނުމަކަށް ގެއްލުނެވެ. ބައްޕަ އެ ބުނީ ތެދަކަށް ވެދާނެތޯ ހިތަށްއެރިއެވެ.
ނުނިމޭ