ނަފްސީ (ފަސްދޮޅޮސްހަވަނަ ބައި)
“ތިއީ ދާނިޝް ގެ މާޒީ. އަހަރެންގެ ވެސް މާޒީއެއް އޮތް ގޮތަށް. މާޒީ މަތިން ހަނދާން ނައްތާލާފަ ދެމީހުން މުސްތަޤްބަލެއް ބިނާކުރުން ކިހިނެއްވާނީ؟”
ހިލްޔާގެ އެ ސީދާ ސާދާ މެސެޖުން ދާނިޝް ގެ ހިތަށް ލިބުނު ހަމަޖެހުމާއިއެކު މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
އެ ވަގުތުކޮޅު ވެގެން ދިޔައީ ހިލްޔާއާއި ދާނިޝްގެ ގުޅުން އިހުނަށްވުރެ ވަރުގަދަ ކުރުވި ވަގުތުކޮޅަކަށެވެ. އެ މެސެޖުތަކުގެ ސަބަބުން ކަންނޭނގެއެވެ. އެދުވަހަށްފަހު ނުހަނު ސީދާ ސީދަލަށް ކައިވެނީގެ ވާހަކަތައް ދެކެވެން ފެށިއެވެ. ކައިވެނި ކުރެވޭނެ ތާރީޚަކަށް ކަނޑައެޅުނީ 23 މާރިޗު 2023 އެވެ. އެ ތާރީޚް ކަނޑައެޅުނީ ތާރީޚު ރީތިވުމަށްވުރެ އެއީ ނުހަނު ގާތުގައި އޮތް ތާރީޚަކަށް ވުމުންނެވެ. ކައިވެނި ކުރެވޭނެ ތަނަކާއި މެދު ދާނިޝްއާއި ހިލްޔާގެ މެދުގައި ޚިޔާލު ތަފާތުވިއެވެ. ދެމީހުން ވެސް މާ ދެއްކުންތެރި ކައިވެންޏެއް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ދެކެވުނު ވާހަކަތަކުގެ ތެރެއިން އިޚްވާން ފައުންޑޭޝަންގެ ޓެރެސްގައި ކައިވެނީގެ ޙަފްލާ ބާއްވައި ޕާޓީ ބޭއްވުމަށް ނިންމުނެވެ. އެ ނިންމުމަށްފަހު ދާނިޝް އެހެން ވާހަކައެއް ފެށިއެވެ
“މެރީ ކޮށްގެން ހިލްޔާ ހަނީމޫނަށް ދާން ބޭނުންވަނީ ކޮން ތަނަކަށް؟” ދާނިޝް އެ ސުވާލު ކޮށްލީ އެއްރެއަކު ގެއަށް ގޮސް ހިލްޔާއަށް ފޮނުވި މެސެޖަކުންނެވެ.
ފޯނުގެ އަނެއްކޮޅުގައި ހުރި ހިލްޔާއަށް އެ މެސެޖު ލިބުނީ ނިދަން އެނދަށް އަރައި ޑުވެޓް ގައިގައި އަޅަން އުޅުނު ވަގުތެވެ. ނޮޓިފިކޭޝަނެއްގެ އަޑަށް ހިލްޔާ ފޯނު ނަގައި މެސެޖު ބެލިއެވެ. މެސެޖު ފެނުމާއެކު ހިލްޔާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ގަތް ލަދާއިއެކީ އެ ސުވާލަށް ޖަވާބެއް ފޮނުވަން ވެސް ނުކެރުނެވެ. ދާނިޝްއާއި ވަކިން އެފަދަ ވާހަކައެއް ދައްކަން ވެއްޖެނަމަ ވާހަކައިގެ މިޞްރާބު ގޮސްދާނެ ގޮތަކުން އިތުރަށް ލަދުގަންނަ ގޮތްވިއެވެ.
އެހެންކަމުން ހިލްޔާ އިސާހިތަކު ފޯނު ލޮކްކޮށްލަމުން އެނދުމައްޗަށް އުކާލުމުން އޮށޯވެ މޫނުމަތީގައި ޑުވެޓް އެޅިއެވެ.
ދާނިޝް އެ ސުވާލުގެ ޖަވާބު ކޮންމެހެން ވެސް ބޭނުންވާކަން ހިލްޔާއަށް އެނގުނީ، އޭގެ އަނެއްދުވަހު މެންދުރު ދާނިޝް ގެއަށް އައިސް އެ މެސެޖުގެ ވާހަކަ ދެއްކުމުންނެވެ. ދުވަހަކީ ހުކުރު ދުވަހަކަށް ވެފައި ދާނިޝް ހުކުރަށްފަހު މެންދުރު ގެ ކެއުމަށް އެގެއަށް އައީއެވެ. ކެއުމަށްފަހު އާދައިގެ މަތިން ބައްޕައާއެކީ ދާނިޝްއާއި ހިލްޔާ ސިޓިންގް ރޫމުގައި އިށީނެވެ. އޭރު އެލީ މާޒިން އާއިއެކީ ކުޅެން ބިންމަތީގައި އިންއިރު ހަމްރާއާއި ހާފިޒާ ވެސް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.
“ހިލްޔާ އަހަރެން ރޭ ކުރި މެސެޖަށް ރިޕްލައި ނުކުރަމެއްނު؟” ދާނިޝް އެ އެންމެން ތިއްބާ އެހެން ބުނުމުން ހިލްޔާގެ ހުރިހާ ޙިއްސެއް ހޭލިއެވެ. ގަނޑުވެފައި ހިނދުކޮޅަކަށް އިނދެފައި ވާހަކަ ދެކެވުނެވެ.
“ކޮންމެ ތަނަކަށް ދިޔަޔަސް އޯކޭވާނެއޭ.” ހިލްޔާއަށް އަވަސްއަވަހަށް ބުނެވުނެވެ.
“ކޮން ތަނަކަށް؟” ނަހީދު އެހިއެވެ.
“އަހަރެން ބުނީ މެރީކޮށްގެން ހިލްޔާ އެންމެ ފުރަތަމަ ޓްރެވެލް ކުރަން ބޭނުންވަނީ ކޮން ތަނަކަށް ހޭ. އެ ސުވާލަށް އަދި ޖަވާބު ނުލިބޭ. ޖަވާބު ލިބުނީމަތާ އެކަންތައް ހަމަޖެއްސޭނީ ވެސް…” ދާނިޝް ބުންޏެވެ. ބައްޕައާއި ވާހަކަ ދެއްކިއިރު ދާނިޝް އެ ވާހަކައިގެ ޢިބާރާތް ބަދަލުކުރި ގޮތާއިމެދު ހިލްޔާ ގަޔާވިއެވެ. ދާނިޝްއަށް ބަލަން އިނދެ ހިނިތުންވެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“ތެދެއް ހިލްޔާ؟ ބުނަންވީއެއްނު؟” ނަހީދު ބުންޏެވެ.
“އަނެއްހެން ހަމަ އޯކޭ ކޮންމެ ތަނެއް ވިޔަސް.” ހިލްޔާއަށް ވިސްނާލަމުން ވެސް ބުނެވުނީ އެހެންނެވެ. ފާއިތުވި އަހަރުތަކުގައި އޭނަ އެކި ތަންތަނަށް ދަތުރުކޮށްފައިވީ ހަމައެކަނި ސޯޝަލް މީޑިއާގައި އެ ތަންތަނުގެ ފޮޓޯތައް ޕޯސްޓް ކުރަން ކަން އެވަގުތު އެނގުންވިއެވެ. މިއަދު ހިތުގައި އެފަދަ އެދުމެއް ނެތުމުން ވަކި ތަނަކަށް ދިޔުމުގެ އެދުމެއް ވެސް ހިތުގައި ނެތެވެ. ދާނިޝް ގެންދިޔަ ކޮންމެ ތަނެއް ކަމުދާނީ ދާނިޝްއަކީ އޭނަގެ ވާންއުޅޭ ފިރިމީހާއަށް ވާތީވެއެވެ. އަދި ޙަޔާތުގެ ބައިވެރިޔާއާއެކީ ދަތުރު ކުރުމަކީ އެ ގުޅުން ވަރުގަދަ ކުރުވާނެ ސަބަބަކަށް ވާނެތީވެއެވެ.
“ދެން! ހާދަ ފޫހި ޖަވާބެކޭ ތުއްތާ! ބުނެބަލަ ޕެރިސްއަށޭ ދާން ބޭނުންވަނީ! ސިޓީ އޮފް ރޮމޭންސ-” އެލީ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އަނގަ ލައްޕާލީ އެތާ އިން ނަހީދަށް ބަލާލެވުމުންނެވެ. އެލީއަށް ވީ ގޮތް ފެނިފައި އެތާ ތިބި އެންމެންނަށް ލުއި ގޮތަކަށް ހީލެވުނެވެ.
“ތެދެއް؟ ޕެރިސްއަށް ދާން ބޭނުން ހިލްޔާ؟” ދާނިޝް އެހިއެވެ.
“ނޯ! މީހުން ދިޔައޭ ކިޔާފަ ކޮންމެހެން ދާކަށް ބޭނުމެއް ނޫން.” ހިލްޔާއަށް ބުނެވުނެވެ.
“އަސްލުވެސް…އެހެން ނޫނަސް އެ ބުނާ ޕެރިސްއަކީ މާ ރީތި ތަނެއް ވެސް ނޫން. އަހަރެން ދިޔައިން. ނޮޓް ފޯ ރޮމޭންސް. ފޯ މާރކެޓިންގް. ހެހެ….އެހެންވީމަ އަހަރެން ބައެއް ޤައުމުތައް ކިޔާނަން. މި ޤައުމުތަކުގެ ތެރެއިން ހިލްޔާ ނުދާ ޤައުމެއް ޗޫޒް ކުރަންވީއެއްނު؟ ތައިލޭންޑް، ސިންގަޕޯރ، ޓާރކީ، މެލޭޝިޔާ، ޗައިނާ، ޖަޕާން.” ދާނިޝް ބުންޏެވެ.
“ޗައިނާ.” ހިލްޔާއަށް ބުނެވުނެވެ. ދާނިޝް އެ ކިޔުނު ޤައުމުތަކުގެ ތެރެއިން ހިލްޔާ ނުދާ ހަމައެކަނި ޤައުމަކީ އެއީއެވެ. އެހެން ތަންތަނަށް ކިޔެވުމުގެ ތެރެއިން އެހެންނޫނީ ބައްޕައާއެކީ ދެވިފައިވެއެވެ.
“ނައިސް! މާ ރަނގަޅަކަށްނު ތިވީ. އެ ދަތުރު ގޮއްސަ އަހަންނަށް އޮފީހަށް ވެސް ޖައްސާލެވޭނެތާ. ހެހެހެ….” ދާނިޝް އެހެން ބުނުމުން ނަހީދު ވެސް ހީލިއެވެ. އެހިނދު ހިލްޔާއަށް ހީލެވުނީ ވަކި ވަރަކަށެވެ. ޗައިނާއަށް ދާން ނިންމުމުން ހިސާބަކަށް ފޫހިވިއެވެ. މިހާ ދުވަހަށް އޭނަ ޗައިނާއަށް ނުގޮސް ހުރީ ޗައިނާއާއި މެދު ވަރަށް ދަށްކޮށް ދެކެވިފައިވާތީވެއެވެ. އެކުވެރިންގެ ފަރާތުން ޗައިނާއާއި ބެހޭގޮތުން އިވިފައިވީ ހުސް ވެސް ކަމުނުދާ ވާހަކަތަކެވެ. އެ ދުވަސްވަރަކީ ސޯޝަލް މީޑިއާއަށް ރީތި ފޮޓޯއެއް ލާން ދާނެ ޤައުމެއްގެ ގޮތުގައި ޗައިނާ މަޝްހޫރުވެފައިވާ ޒަމާނެއް ނޫނެވެ.
ޗައިނާ ނޫން އެހެން ތަނަކަށް ދާން ދާނިޝް ގާތު ބުނަން އުޅެފައިވެސް ހިލްޔާއަށް ޚިޔާލު ބަދަލުކޮށްލެވުނީ، އެ އިޙްސާސް އަންނަނީ އޭނަގެ ކުރީގެ މިޒާޖުގެ ފަރާތުންކަން އެނގުންވުމުންނެވެ. އަދި އަމުދުން ޗައިނާއަށް ދިޔުމަކީ ދާނިޝްއަށް ކަމެއް ފަސޭހަ ކޮށްދެވޭނެ ގޮތެއްކަން އެނގުމުން ޚިޔާލު ބަދަލުކުރަން ބޭނުމެއް ނުވިއެވެ. ކޮންމެ ޙާލަތަކަށް ދިޔަޔަސް ދާނިޝްއާއިއެކީ ހުރުމުން އޭނަ އުފާވާނެ ކަމަށް ހިތާހިތުން ނިންމުނެވެ.
ޢިޝާ ނަމާދަށް ބަންގި ގޮވާލެއް ނުހަނު އަވަސްވުމުން އެރޭގެ ކެއުމަށް ހިލްޔާ ކައްކަން ފެށީ ޢިޝާ ނަމާދަށް ފަހުއެވެ. އެވަގުތު ހަމްރާ ބަދިގޭގެ ދޮރުމައްޗަށް ވާގޮތަށް ހުރި ކާމޭޒުދޮށުގައި އިނދެ، އުސް ގޮނޑީގައި އިން މާޒިންއަށް ކާންދޭން އިނެވެ. ކޮންމެ ހުކުރު ދުވަހަކު ދޮންތަ މިގޮތަށް ގެއަށް އައިސް އުޅޭތީ ހިލްޔާއަށް އުފަލެއް ލިބިފައިވިއެވެ.
އިރުކޮޅެއްގެ ތެރޭގައި ދާނިޝް ލުނބޯއާއި ކޮރިއެންޑާ ފަތްކޮޅެއް ގެންނާނެ ވާހަކަ އެނގިފައިވުމުން އެވަގުތު ހިލްޔާއާއި ހަމްރާގެ އިތުރުން އެލީ ވެސް ތިބީ ބުރުގާ އަޅައިގެންނެވެ. ދާނިޝް ގެ އިންތިޒާރުގައި ތިބީތީ ދެކެވެމުން ދިޔައީ ވެސް ދާނިޝް ގެ ވާހަކައެވެ.
“ސޯ….އެބަ ކަމުދޭތަ ދާނިޝް މިހާރު؟ ޝައްކުތައް ފިލައިފިތަ؟” ހަމްރާ މާޒިންއަށް ކާންދެމުން އެހިއެވެ. އެވަގުތު އެލީ ވެސް ބަދިގެއަށް ވަދެގެން އަދި ބަދިގޭގެ ހުޅުވިފައިވާ ދޮރު ކައިރީގައި ހުރި އައިސްއަލަމާރި ހުޅުވައި ފެންފުޅިއެއް ނެގިއެވެ.
“ވެލް…ހީ އިޒް ގުޑް. އެކަމަކު ކުޑަކޮށް ވޯކްއަހޯލިކް ދޯ؟ ހަހަހަ….” ހިލްޔާ ކަޓިންގް ބޯޑު މަތީގައި ކެރޮޓް ކޮށަމުން އެހެން ބުނެ ހީލިއެވެ.
“ވޯކްއަހޯލިކް؟” ހަމްރާ ދެބުމަ ކައިރިކޮށް ހިލްޔާއަށް ނަޒަރެއް ދެމުން އެހިއެވެ. އެހިނދު އަނގައަށް ފެން ކޯވަރެއް ލަމުން އެލީ ވެސް ވަކި އަސަރެއް ނެތް ގޮތަކަށް ހިލްޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހަމަ އެވަގުތު ކުޑަ ހުދުކުލައިގެ ކޮތަޅެއް ހިފައިގެން ބަދިގެއަށް ވަދެގެން އައި ދާނިޝް ގެ ފިޔަވަޅުތަކުގެ އަޑު އިވި އެލީ އާއި ހަމްރާއަށް ވެސް އެދިމާލަށް ބަލާލެވުނެވެ. ދާނިޝް ސަލާން ގޮވާލަން އަނގަ ހުޅުވި ވަގުތު ދުރުގައި އެދިމާލަށް ފަސްދީގެން ހުރި ހިލްޔާ ވާހަކަ ދެއްކިއެވެ.
“ޔެސް ވޯކްއަހޯލިކް….އައި މީން…ހަނީމޫނަށް ގޮއްސަ އޮފީހަށް ދާ ވާހަކަ ދައްކާނީ ދެން ކާކު ދޯ؟ ހެހެހް-” ހިލްޔާ ސަމާސާއެއް ގޮތަށް ބުނި އެ ވާހަކައަށްފަހު އަނެއްފަރާތަށް އެނބުރިލީ ވަގުތު ފެނުނު ސޫރައިން ގަނޑުވާ ގޮތްވިއެވެ. ހިނދުރީގައި ނޭވާ ތާށިވިއެވެ. އެތާ ހުއްޓި ހުރި ދާނިޝް ފެނި، ދެންމެ އޭނައަށް ދެކެވުނު ވާހަކަ އެނގުންވުމުން ބިން ފަޅާލާފައި ހުރި ދިމާލަށް ވަޅުލެވެން ބޭނުންވިއެވެ. ދާނިޝް ހުއްޓާ ހިލްޔާ އެ ބުނެލި ވާހަކައިން ހަމްރާއާއި އެލީ ވެސް އެއްފަހަރު ދާނިޝްއަށް އަނެއްފަހަރު ހިލްޔާއަށް ބަލަމުން ދިޔައެވެ. އެހެނަސް ދާނިޝްގެ ނަޒަރު ހުއްޓިފައިވީ ހިލްޔާއަށެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ދާނިޝް ވާހަކަ ދެއްކިއެވެ.
“ވެލް…ކޮމިއުނިކޭޝަން އިޒް ކީ، ހިލްޔާ. ހަނީމޫންގަ އަހަރެން އޮފީހަށް ދާން ހިލްޔާ ބޭނުމެއް ނޫނިއްޔާ ނުދާނަމޭ.” ދާނިޝް އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ ބުނެލި އެ ވާހަކައިން ހިލްޔާގެ މުޅި މޫނު ރަތްވީ ހިނދު، ހަމްރާ އޭނަގެ ހިނިގަނޑު މައިތިރިކުރަން ޖެހުނެވެ. އެވަގުތު ފެން ދިރުވާލަން އުޅުނު އެލީ ކޮށި އަރާ ގޮތްވިއެވެ. ދާނިޝް ދެންވެސް ނަޒަރު އެހެން ދިމާލަކަށް ބަދަލު ކުރުމެއް ނެތި ހިލްޔާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ހިލްޔާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. އެހެނަސް ދާނިޝް ހިނިތުންވެލުމުން ހިލްޔާއަށް ލުއި ގޮތަކަށް ހީލަމުން އިސްޖަހާލެވުނެވެ.
ދާނިޝް އިތުރު އެއްޗެކޭ ނުބުނެ އަތުގައި ހުރި ކޮތަޅު މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާން ހިނގައިގަތެވެ. ދާނިޝް ލޯ މައްޗަށް ގެއްލުމާއިއެކު އެލީ އާއި ހަމްރާ ވެގެން ދެންމެ ދާނިޝް ބުނި ބަސް އެކި ރާގަށް ކިޔަމުން، ތަކުރާރުކޮށް އަޅުވައި ކިޔަން ފެށުމުން ހިލްޔާއަށް ދެއަތުން މޫނު ފޮރުވާލެވުނެވެ.
އެދުވަހަށްފަހު ކައިވެނީގެ ރޭވުންތައް ނުހަނު ބާރު މިނުގައި ކުރިއަށްދާން ފެށިއެވެ. ކައިވެނީގެ ވަލީމާގެ ވާހަކަ ހިލްޔާއާއި ދާނިޝް މަޝްވަރާ ކުރި ވަރަކަށް އެއިން ނިކުންނަމުން ދިޔައީ ހައްތަހާވެސް ހެވެއެވެ. ޕާޓީއަށް އަންނަ މީހުންނަށް ހަދިޔާއަކަށް ދޭން ނިންމުނީ ޒިކުރު ކައުންޓާއެކެވެ. އިޚްވާން ފައުންޑޭޝަންގައި ޕާޓީ ބޭއްވޭތީ އެ ޞަރަޙައްދުގައިވާ ނިކަމެތި ޢާއިލާތަކަށް ދަޢުވަތުދޭން ވެސް ނިންމުނެވެ. އަދި ޕާޓީއަށް އެފަދަ ޢާއިލާތަކުން އަންނަ ކުޑަކުދިންނަށް ކުޅޭ އެއްޗެހި ދިނުމަށް ވެސް ނިންމުނެވެ.
ކައިވެންޏަށް ދެ ދުވަހަށްވެފައި ވަނިކޮށް ހިލްޔާ ގޭގައި ހުއްޓާ ދާނިޝް ގުޅިއެވެ. ފޯނު ރިންގުވާ އަޑު ހިލްޔާއަށް އިވުނީ، ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ހުރި ބިއްލޫރި ގުޅީގައި ދާނިޝް ކުރީ ދުވަހަކު ދިން ފިނިފެންމާތައް ޖެހި ވަގުތެވެ. ފޯނު ނެގިތަނާހެން ދާނިޝް ގެ ނަން ފެނިފައި ހިލްޔާއަށް ހިނިތުންވެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކޯލު ރިސީވްކޮށް ކަންފަތުގައި ޖައްސާލެވުނެވެ.
“އައްސަލާމްޢަލައިކުމް.” ހިލްޔާ ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް. އެއްޗެއް އަހާލަން މި ގުޅާލީ. މުއްސަނދި އަންހެން ކުއްޖަކާ މެރީ ކުރަން އުޅޭއިރު ކޮށްލުން މުހިއްމުހެން ހީވި ސުވާލެއް.” ދާނިޝް އެކޮޅުން ބުނެލި ވާހަކައިން ހިލްޔާއަށް ހީލެވުނެވެ.
“ހެހެ….ހިއެއްނުވޭ މިއީ ތި ހީކުރާހާ މުއްސަނދި ކުއްޖެއްހެނެއް. އެކަމަކު ކޮށްލަބަލަ.” ހިލްޔާ އެނދުގައި އިށީންނަމުން ބުންޏެވެ. ދާނިޝްގެ ހީލުމުގެ އަޑު އިވިފައި ހިލްޔާއަށް ހިނިތުންވުމެއްގައި އިނދެވުނެވެ.
“ހިލްޔާ ޢާއްމު ގޮތެއްގަ ފްލައި ކުރަނީ ކޮން ކްލާސްއެއްގަ؟ ބިޒްނަސްތަ ނޫނީ ފަސްޓް ކްލާސް ތަ؟ އައި ކޭން އެފޯޑް ބޯތް. ހިލްޔާ ބޭނުން ގޮތެއް ބަލާލަން ބޭނުންވީ.” ދާނިޝް ބުންޏެވެ.
ދާނިޝް ކޮށްލި ސުވާލުން ހިލްޔާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. މާޒީގެ ހަނދާނެއް ނުހަނު ސާފުކޮށް އާވެގެން ދިޔުމުންނެވެ. ޙަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ފަސްޓް ކްލާހުގައި އުދުހުނު ދުވަސް ހަނދާންވުމުންނެވެ. އެދުވަހު ފްލައިޓްގައިވި ހުރިހާ އެއްޗަކާއި މެދު ހިތް ޖޯޝުން ފުރިފައިވި ގޮތް ހަނދާންވުމުން ހިނިތުންވުން އެއްކޮށް ފިލައިދިޔައެވެ. މާޒީގައިވި އޭނަގެ އެ ނަފްސަށްޓަކައި އެވަގުތު ޙަމްދަރުދީ ވެވުނެވެ. ﷲ ގެ ހަނދުމައިން ދުރުވެ، ޣާފިލުވެފައިވާ އެ ނަފްސަށްޓަކައެވެ. އާޚިރަތް މަތިން މުޅިން ހަނދާން ނައްތައި ދުނިޔޭގެ އެދުމުން ފޯވެފައިވާ އެ ނަފްސަށްޓަކައެވެ. އެއީ އޭނަ ހާދަ ގެއްލެނިވެ، މަގު އޮޅިފައިވި ދުވަސްވަރެކޭ ހިތަށްއެރިއެވެ. އޭނަ ވީ ކިހާ ބޮޑު އަނދިރިގަނޑެއްގައި ކަން އޭރު އޭނައަށް ނޭނގެއެވެ. އެ އަނދިރިގަނޑުން އޭނަ އަލިކަމަށް ނެރުއްވީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން އެވަގުތުކޮޅުގައި އަނެއްކާ ވެސް އެނގުންވެގެން ދިޔައެވެ.
“ހެލޯ؟” ހިލްޔާ އެއްޗެކޭ ނުބުނެ އިންދާ ދާނިޝް އެކޮޅުން ބުނެލި އަޑު އިވުނެވެ. އެއާއިއެކު ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“އަ….އާނ..ޢާއްމު ގޮތެއްގަ ފްލައި ކުރަނީ އިކޮނޮމީ ކްލާސް ގަ.” ހިލްޔާއަށް ތެދުތެދަށް ބުނެވުނެވެ.
“އާނ….ހިތަށް ވެސް އެރިއޭ. ނަހީދުބެ ގެ ގޮތް އަހަންނަށް އެނގޭތީ. ހެހެ….އެކަމަކު ހިލްޔާ ބޭނުންވޭތަ ކުޑަކޮށް އަޕްގްރޭޑް ކޮށްލަން އަހަރުމެން މި ދާ ޓްރިޕް ގަ؟” ދާނިޝް ދެން ވެސް ޔަޤީން ކޮށްލުމުގެ ގޮތުން އެހިއެވެ.
“ދާނިޝް ބޭނުމިއްޔާ ކޮށްލާ. އަހަރެން ކޮންމެހެން ބޭނުމެއް ނޫން. ކޮންމެ ކްލާސްއެއްގަ ތިއްބަސް ހަމަ އެއްތަނުން އަނެއްތަނަށް ދެވޭނީ.” ހިލްޔާއަށް ބުނެވުނެވެ. ޙަޤީޤަތުގައި ވެސް މާ މަތީ ފެންވަރެއްގައި އެއްވެސް ކަމެއް ކުރުމުގެ އެދުމެއް ހިލްޔާގެ ހިތުގައި ނެތެވެ. މާޒީގައި އެފަދަ ކޮންމެ ކަމެއް އޭނަ ކޮށްފައިވަނީ ދެއްކުންތެރިކަމަށްޓަކައި ކަމަށްވާތީވެއެވެ. އޮޅުމަކުން ވިޔަސް އެ ސިފަ އަނބުރާ އޭނަގެ މިޒާޖަށް އަންނާކަށް ހިލްޔާ ބޭނުމެއް ނުވިއެވެ.
“އަސްލުވެސް. އަހަރެން ވެސް ކޮންމެހެން ބޭނުމެއްނޫން. އަހަރެން ވެސް ޢާއްމު ގޮތެއްގަ ފްލައި ކުރަނީ އިކޮނޮމީގަ. ބައެއްފަހަރު މަންމައާއެކީ ޓްރެވެލް ކުރިއިރު ބިޒްނަސް ކްލާސްއަށް ޖައްސައި އުޅުނިން. މަންމައަށް ފަސޭހަ ކޮށްދޭން. އަދާރވައިސް އަހަރެން ދެކޭ ގޮތުގަ އެއީ ވޭސްޓެއް.” ދާނިޝް ބުންޏެވެ.
“އެހެންޏާ ނޫން؟ ކޮންމެ ކްލާސްއެއްގަ ތިއްބަސް މަރުވާން އޮތިއްޔާ ހަމަ މަރުވާނީ.” ހިލްޔާއަށް މާ ބޮޑު ވިސްނުމެއް ވެސް ނެތި ބުނެވުނެވެ.
“އެގްޒެކްޓްލީ މައި ޕޮއިންޓް! ތިއީ ހަމަ ކުރީ ދުވަހަކު މަ ފަޔާޒްއާ ވާހަކަ ދެއްކިއިރު ބުނި ވާހަކައެއް…..ހުވާ…މި ވާހަކަ ދެކެވެނީ ހަމަ އަހަރެންގެ ވައިފްއާ ކަން އަހަންނަށް މިހާރު ޔަޤީން. ހެހެހެ….” ދާނިޝް އެހެން ބުނެ ހީލުމުން ހިލްޔާއަށް ވެސް ރަތްވެގެން ދިޔަ ކޯތާފަތާއިއެކީ ހީލެވުނެވެ.
“އަދިއެއްނޫން. ސޫން އިން ޝާ ﷲ.” ހިލްޔާ މަޑުމައިތިރި އަޑަކުން ބުންޏެވެ. އެހިނދު ދާނިޝް ވެސް ހުނުން މަޑުކޮށްލަމުން ހޫން ލައްވާލި އަޑު ހިލްޔާއަށް އިވުނެވެ. އެއާއިއެކު ހިލްޔާގެ ހިނިތުންވުން ފުންވިއެވެ.
ދުވަސްތައް މިފަދައިން ފާއިތުވަމުން ގޮސް އެންމެ ފަހުން ކައިވެނި ކުރެވޭ ދުވަސް ޖެހުނެވެ. ހިލްޔާގެ އެ ދުވަސް ވެސް ފެށުނީ ދަމުނަމާދުންނެވެ. އަދި ފަތިސް ނަމާދަށްފަހު އާދައިގެ މަތިން ޤުރުއާނުން ބައެއް ހިތުދަސްކޮށް މުރާޖަޢާ ކުރިއެވެ. އެއަށްފަހު ޟުޙާ ނަމާދު ވަގުތު ވުމުން ޟުޙާ ނަމާދުވެސް ކުރިއެވެ.
ކައިވެނި ކުރަން އުޅޭތީ ހިތަށް އުފަލެއް ލިބިފައި ވިޔަސް މުޅި ހިތް ފުރިފައިވީ އެ އުފަލުގެ ސަބަބުންނެއް ނޫނެވެ. އެ ހިތް ފުރިފައިވީ ﷲ ގެ ލޯބިފުޅުންނެވެ. އޭނަގެ ޙަޔާތުގައިވާ ހުރިހާ އެއްޗެއް ފަދައިން މި ކައިވެންޏަކީ ވެސް ހަމަ ﷲ ދެއްވި ނިޢުމަތެއްކަން ހިތުގެ ފުން މިނުން ފަހުމްވެފައިވީތީވެއެވެ.
ރާފިލްއާއި ކައިވެނި ކުރަން އުޅުނު ދުވަހާއި ޚިލާފަށް ކައިވެންޏަށްޓަކައި ރީތިވުމަށް މުޅި ދުވަސް ނަގާލަން ހިލްޔާ ޚިޔާލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ސަމާލުކަން ދިނީ ނަމާދުތައް އޭގެ ވަގުތުތަކުގައި އަދާ ކުރުމަށެވެ. އަދި ކިތަންމެ ވަރަކަށް ކައިވެނީގެ ޚިޔާލުތަކުން ސިކުނޑި ފުރިފައިވިޔަސް އެ ނަމާދުތަކުގައި ޚުޝޫޢަތްތެރިވުމަށެވެ. އަދި ހަމަ އެހެން ދުވަސްތަކޭ އެއްފަދައިން ޤުރުއާނުން ބައެއް ހިތުދަސްކޮށް މުރާޖަޢާ ކުރަން ވެސް ހިލްޔާ ސަމާލުކަން ދިނެވެ. ދުނިޔޭގައި އެހެން އެއްވެސް ކަމަކަށްވުރެ މުހިއްމީ އޭނައާއި ﷲ އާއި ދެމެދުގައިވާ ގުޅުން ކަން ފަހުމްވެފައިވާތީވެއެވެ. އަދި އޭނައާއި އެހެން މީހުންނާއި ދެމެދު ވާ ގުޅުމަކީ ވެސް އެކަލާނގެ ގެ ރުހިވޮޑިގަތުން ހޯދުމަށް ލިބޭ ފުރުސަތުތަކެއް ގެ ގޮތުގައި ފެންނާތީވެއެވެ.
އެހެންކަމުން މިއަދު ހިލްޔާއަށް ކައިވެނި ސިފަ ކުރެވެނީ ފިލްމެއް ފަދައިން އޭނަގެ ޙަޔާތުގެ އުފާވެރި ނިމުމުގެ ގޮތުގައެއް ނޫނެވެ. ކައިވެނި ސިފަ ކުރެވެނީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން ފަދައިން ހަމަ ދެންވެސް އޭނައަށް ކުރެވެން އޮތް ހެޔޮ ޢަމަލެއްގެ ގޮތުގައެވެ. ޙަޔާތުގައި އިތުރު ޘަވާބު ހޯދުމަށް ﷲ ދެއްވާ ފުރުސަތެއްގެ ގޮތުގައެވެ. ހެޔޮ ނިޔަތެއްގައި ކޮށްފިނަމަ ސުވަރުގެ ދިޔުމަށް މެދުވެރި ވެދާނެ ސަބަބެއްގެ ގޮތުގައެވެ.
ރީތިވުމަށް މުޅި ދުވަސް ހޭދަ ނުކުރިޔަސް ހިލްޔާ އެރޭ އޮތް ޕާޓީއަށްޓަކައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ތައްޔާރުވިއެވެ. މިގޮތުން މަޣްރިބް ނަމާދަށްފަހު މަޑު ފިޔާތޮށި ކުލައިގެ ވިދާ ކައިވެނީގެ ހެދުން ލިއެވެ. ލުއި މޭކަޕެއް ކުރުމަށްފަހު އެހެން ދުވަސްދުވަހު ނާޅާ ރީތި ގޮތަކަށް ޝޯލް އެޅިއެވެ. އެލީ އާއި ހަމްރާ ހިލްޔާގެ ކޮޓަރީގައި ޓަކި ދިނީ ހިލްޔާ ތައްޔާރުވެ ނިމުނު ފަހުންނެވެ. އެމީހުން ކޮޓަރިއަށް ވަނުމާއިއެކުހެން ހިލްޔާއަށް ތަޢުރީފުގެ ބަސްތައް އޮއްސަން ފެށިއެވެ. އޭނަ ފެނިފައި މިރޭ ދާނިޝްއަށް ވާނެ ގޮތް ސިފަ ކުރަން ފެށުމުން ހިލްޔާއަށް ލަދުވެތިކަމާއެކީ ހެވެން ފެށިއެވެ.
ހަމްރާމެން އައިތާ މާ ގިނައިރެއްނުވެ ޢިޝާ ނަމާދަށް ބަންގި ގޮވަން ފެށިއެވެ. އެހެންކަމުން ހިލްޔާ އެރޭގެ ޢިޝާ ނަމާދު އެމީހުންނާއި، އަދި ފަހުން އެ ކޮޓަރިއަށް އައި މާމަ އާ އެކީ ޖަމާޢަތުގައި ކުރިއެވެ. މިއީ ވެސް ހިލްޔާގެ ޚިޔާލުގެ މަތިން މިފަހުން ފެށި ކަމެކެވެ. ޖަމާޢަތުގައި ނަމާދު ކުރުމުން ޘަވާބު އިތުރުވާނެތީވެއެވެ.
ޢިޝާ ނަމާދަށްފަހު މާ ގިނައިރެއްނުވެ އެންމެން ތިބީ އިޚްވާން ފައުންޑޭޝަނަށް ދާ ދަތުރުމަތީގައެވެ. ހިލްޔާ ނަހީދާއެކީ ކުރީ ސީޓުގައި އިންއިރު އެލީއާއި ހާފިޒާ ފަހަތުގައި ތިއްބެވެ. ހަމްރާ ވަނީ މީގެ އިރުކޮޅެއް ކުރިން މިސްކިތުން ގެއަށް އައި މަމްނޫން އާއިއެކީ ކާރުގައި ދަތުރު ފަށާފައެވެ. ދާނިޝް ވެސް ނަމާދަށްފަހު ދާނީ ސީދާ އިޚްވާން ފައުންޑޭޝަނަށް ކަމަށް މިއަދު ހެނދުނު ދާނިޝް ބުނެފައިވެއެވެ. ހިލްޔާ އެ ކުރު ދަތުރުމަތީގައި ވެސްވީ ދާނިޝް ދެކެން ކެތްމަދުވެފައެވެ. ހިތުގައިވި އެ އިޙްސާސުގެ ސަބަބުން އަމިއްލަ ނަފްސާއި ހިނިތުންވެވެމުން ދިޔައެވެ. އަދި ބާއްޖަވެރި ޒަވާޖީ ޙަޔާތަށްޓަކައި އޭނަ ވޭތުވެ ދިޔަ އަހަރުތަކުގައި ކުރަމުން ދިޔަ ދުޢާ ތަކުރާރުކޮށް ކުރެވެމުން ދިޔައެވެ.
15 މިނެޓް ގެ ދަތުރަކަށްފަހު ހިލްޔާމެންގެ ކާރު އިޚްވާން ފައުންޑޭޝަން ޢިމާރާތުގެ ކައިރީގައި ޕާކް ކުރެވިގެން ދިޔައެވެ. ހިލްޔާމެން ކާރުން ފޭބި ވަގުތަކީ ހަމްރާމެން ވެސް އެމީހުންގެ ކާރުން ފޭބި ވަގުތެވެ. އެހެންކަމުން އެންމެން އެކީގައި ޢިމާރާތަށް ވަންނަން ދިޔައެވެ.
ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށް ގޮސް ހިލްޔާ ބައްޕަގެ ފަސްފަހަތުން ސިޑިން އަރަން ފެށިއެވެ. ބައްޕަގެ ފަހަތުން ގޮސް ޓެރެސްއަށް ނިކުމެވޭ ދޮރާއި ހަމަވިއިރު ހިލްޔާގެ މެއަށް ފިނިވިއެވެ. އެތާނގައި ދާނިޝް ހުންނާނެ ކަމަށް ހިތް ބުނުމުންނެވެ. ބައްޕަ އެ ދޮރުން ވަދެގެން ދާން ފެށުމުން ވެސް ހިލްޔާގެ ފިޔަވަޅުތައް ލަސްވިއެވެ. ހުދު މާބްލް ޓައިލްސް އެޅިފައިވާ އެ ތަނަވަސް ޓެރެސް ޒީނަތްތެރި ކުރެވިފައިވާ ގޮތް ފެނުމުންނެވެ.
ޓެރެސްގެ މަތިން ދަމާލެވިފައިވާ ކަންވާރުތަކުން ރީނދޫ ކުލައިގެ ބޮކި ފަތިތައް އެލުވިފައިވިއެވެ. މުޅި ޓެރެސްއަށް ވެރިވެފައި އޮތީ އެހާ ފަނޑު ނޫން އެ ރީނދޫ ކުލައިގެ އައްޔެވެ. ޓެރެސްގައި ރީތި ގޮތަކަށް ހުދު ކުލައިގެ ވަށް މޭޒުތައް ރޭވިފައިވިއެވެ. ކޮންމެ މޭޒެއްގެ ވަށައިގެން 4 ގޮނޑި ޖެހިފައިވިއެވެ. ޓެރެސްގެ ބިއްލޫރި ރެއިލިންގް ކައިރީގައި ސްނޭކް ޕްލާންޓް ހުރި މުށިކުލައިގެ ޕޮޓްތައް ފެންނަމުން ދިޔައެވެ. ޕޮޓްތަކުގެ މެދުގައި އެއްވަރަކަށް ދުރުމިން ހުރުމުން އެ ވެސް ވެގެން ދިޔައީ އިތުރު ރީތި ކަމަކަށެވެ. ހިލްޔާގެ ކަނާތް ފަރާތުން ފެންނަމުން ދިޔަ ބޮޑު ދެމޭޒުމަތީގައި ހުރީ ޕާޓީއަށް އަންނަ ކުދިންނަށާއި މީހުންނަށް ދެވޭ ހަދިޔާތަކެއްވިއެވެ. އެއް މޭޒުމަތީގައި ފިޔާތޮށި ކުލައިގެ ޕާރުސަލްތަކެއް ވީއިރު އަނެއް މޭޒުމަތީގައި ހުރީ ހުދު ކުލައިގެ ކާޑުތަކުގައި ހަރުކުރެވިފައިވި ޒިކުރު ކައުންޓާރ ތަކެވެ. ހިލްޔާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކާޑެއް ނަގައި ބެލިއެވެ. ކާޑުގައި ފިޔާތޮށި ކުލައިގެ މަލެއް ހަރު ކުރެވިފައިވީއިރު އާޔަތެއްގެ މާނަ އިނގިރޭސިން ލިޔެވިފައިވިއެވެ. ހަމަ ޔަޤީނުން ވެސް ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިން ކަމަށް އަންގަވާފައިވާ އާޔަތެވެ.
“ރީތި ދޯ؟”
ހިލްޔާއަށް އަތުގައި އޮތް ކާޑުން ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން އިވުނު ދާނިޝް ގެ އަޑުންނެވެ. އެއާއިއެކު އަތުގައި އޮތް ކާޑުން ނަޒަރު ވަކިކޮށްލަމުން ފަސްއެނބުރި ބަލާލެވުނެވެ. އެހިނދު ޓެރެސްގައި ހިޔާ ކުރެވިފައިވި ބައިން ނިކުމެފައި ހުރި ދާނިޝް ފެނިފައި ހިލްޔާ ހުއްޓުން އަރާ ގޮތްވިއެވެ.
ކްރީމް ކުލައިގެ ކޯޓު ފަޓުލޫނާއި ހުދުކުލައިގެ ގަމީހެއް ލައިގެން ހިނިތުންވުމެއްގައި ހުރި ދާނިޝް ފެނިފައި އެހެން ދިމާލަކަށް ނަޒަރު ހިންގަން ހިލްޔާއަށް އުދަގޫވިއެވެ. ރީތި ވަރަކަށް ދިގުވެފައިވާ ދާނިޝް ފަން އިސްތަށިގަނޑުގައި އޮމާން ކުރެވިފައިވިއެވެ. އިސްތަށިގަނޑާއި އެއްވަރަށް ކަޅުކުލަ ގަދަ އެ ތުނބުޅި ވެސް އިހުނަށްވުރެ ރީތި ކުރެވިފައިވިކަން ހިލްޔާއަށް ފާހަގަވިއެވެ. ކޯޓުގެ ޖީބުގައި ހުރި ކުރެވިފައިވާ ފިޔާތޮށި ކުލައިގެ ކުދި މާތަކާއި އަތުކުރީގައި އޮތް ރިހި ކުލައިގެ ގަޑިން ދާނިޝް ގެ އެ ރީތިކަން ފުރިހަމަވިއެވެ. މިއީ ދާނިޝް ކޯޓު ފަޓުލޫނުގައި ހުރި މަންޒަރު ހިލްޔާއަށް ފެނުނު ފުރަތަމަ ފަހަރަށް ވުމުން، މި ފެންނަނީ އޮފީހުގައި އުޅޭ ދާނިޝް ތޯ ހިނދުކޮޅަކަށް ހިތަށް އެރިއެވެ. އެހެނަސް ބަލަހައްޓައިގެން މި ހުރެވުނީ އޭނަގެ ވާން އުޅޭ ފިރިމީހާކަން އެނގުންވީ ހިނދު ހިލްޔާއަށް ނޭނގި އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ހިލްޔާ އޭނަ ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި ހިނިތުންވެލީ ގޮތުން ދާނިޝްއަށް ވެސް ހިނިތުންވެލަމުން ލުއި ގޮތަކަށް ހީލެވުނެވެ. ހިލްޔާ އޭނައަށް ގެއްލިފައިވި ވަރުން އޭނަ ކުރި ސުވާލު މަތިން ވެސް ހިލްޔާ ހަނދާން ނެތުނީކަން އެނގުންވިއެވެ. ޚުދު އޭނަގެ ޙާލަކީ ވެސް އެއީއެވެ. ފިޔާތޮށިކުލައިގެ އެ ރީތި ހެދުމުގައި ހުރި ހިލްޔާ ފެނިފައި ޚުދު އޭނަ ވެސް އޭނަ ވާހަކައެއް ދައްކަން އުޅުނުކަން ހަނދާން ނެތޭ ގޮތްވިއެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުކަމަށް ނިމުމެއް އަންނަން އުޅޭކަން އެނގުންވީ ހިނދު ދާނިޝްގެ ހިތް އުފަލުން ފުރުނެވެ.
“ހިނގާ އެތެރެއަށް. ގާޒީ އަންނަން އުޅޭނީ މިހާރު.” ދާނިޝް ބުންޏެވެ. ހިލްޔާ ލަދުރަކި ހިނިތުންވުމަކާއެކީ އިސްޖަހާލަމުން އަތުގައި އޮތް ކާޑު މޭޒުމަތީގައި ބޭއްވިއެވެ. ދާނިޝް ހުރި ދިމާލަށް ހިލްޔާ އަންނަން ފެށުމުން ދާނިޝް ހިލްޔާ އެތެރެއަށް ވަނުމަށް ތަން ދިނެވެ. އެއަށްފަހު ހިލްޔާގެ ފަހަތުން އެތެރެއަށް ވަނެވެ.
އޭގެ މާ ގިނައިރެއްނުވެ ކައިވެނީގެ މަޖިލީސް ހަމަވިއެވެ. އަދި ކައިވެނީގެ ޚުތުބާ ފެށިގެން ދިޔައެވެ. ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔައިރު ހިނދުކޮޅަކަށް ނަމަވެސް ހިލްޔާ މީގެ މަސްތަކެއް ކުރިން އޭނަ ކުރަން އުޅުނު ކައިވެނި މަތިން ހަނދާންވިއެވެ. އެދުވަހު ފައްޅިއަށް ގޮސް ރާފިލްގެ ކުރިމަތީގައި ހުއްޓިފައި ވަނިކޮށް އިވުނު ‘ޚުތުބާ’ ގެ ތަންތަންކޮޅު ހަނދާންވިއެވެ. އެހިނދު އިސްލާމް ދީނުގައި އަންގަވާފައިވާ ކައިވެނީގެ ޚުތުބާގެ ފުރިހަމަ ކަން އިޙްސާސް ކުރެވުނެވެ. އަދި އަމުދުން އަނބި ޤަބޫލު ކުރުމުގެ ކުރިން އޭނަގެ ބައްޕަގެ އިޒުނައަށް އެދެވުނު ގޮތުން އިސްލާމް ދީނުގައި އަންހެން ކުއްޖާއަށް ދެއްވާފައިވާ މަޤާމް އިޙްސާސް ކުރެވުނެވެ.ﷲ ދެއްވާފައިވާ ހިދާޔަތަށްޓަކައި އެވަގުތު ވެސް ޙަމްދު ކުރެވުނެވެ. އަދި އޭނަގެ ޙަޔާތުގެ މަންޒަރުތައް އެއްކޮށް ބަދަލުވެފައިވާ ގޮތާއިމެދު ހިތުގެ ފުން މިނުގައި ޝުކުރުވެރިކަމެއް އުފެދުނެވެ. މީގެ މަދު މަސްތަކެއް ކުރިން އޭނަ ﷲ އާއި ދުރުވުމުގެ ސަބަބުން އޭނަ ގުޅެން އުޅުނީ ދީނާއި ދުރު، އޭނައަށް އަނިޔާވެރި ވެދާނެ ފިރިހެނަކާއެވެ. އެހެނަސް ހެޔޮ މަގަށް ރުޖޫޢަވުމުން އޭނައަށް ޚިޔާރު ކުރެވިފައި މި ވަނީ ޚުދު އޭނައަށް ވެސް ރަނގަޅުވާނެ ބައިވެރިއެކެވެ.
ދާނިޝް އަނބި ޤަބޫލު ކުރި ވަގުތު ހިލްޔާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެފައިވީ ހަމައެކަނި ދާނިޝްއާއި ގުޅުނީތީ ވީ އުފަލެއްގެ ބޮޑުކަމުންނެއް ނޫނެވެ. ހަމަ އެއާއިއެކު އޭނަގެ މައްޗަށް ވާ ﷲ ގެ ރަޙްމަތް ހިތުގެ ފުން މިނަށް އިޙްސާސް ކުރެވިގެން ދިޔުމުންނެވެ. ފޯމުތަކުގައި ސޮއިކޮށް، ދުޢާ ކުރުމަށްފަހު ދާނިޝް އޭނައަށް ބަލާލަމުން ހިނިތުންވެލީ ވަގުތު، ހިލްޔާއަށް އެ މަންޒަރު ސިފަވީ ވެސް ﷲ ދެއްވި ނިޢުމަތެއްގެ ގޮތުގައެވެ.
ނުނިމޭ
